ވަރި އެންމެ ގިނަ ޤައުމާއި އެހެން ދޮގު ވާހަކަތައް

އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔަކު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކު ބުނި ވާހަކައެއް ރިވާކުރެއެވެ. އޭނާ ބުނެއެވެ. ”ތިން ބާވަތުގެ ދޮގު ވެއެވެ — ދޮގާއި ރޯމަރު (ބޮޑެތި) ދޮގާއި ތަފާސް ހިސާބެވެ.“ މި ޢިބާރާތަކީ ސްޓެޓިސްޓިކްސް ނުވަތަ ތަފާސް ހިސާބު ދަންނަ ގިނަ މީހުންނަށް އަބަދުހެން އަޑުއިވޭ ވާހަކައެކެވެ. ޢިބާރާތުގެ މުރާދަކީ، ސްޓެޓިސްޓިކްސް ބޭނުންކޮށްގެން ވަރަށް ބޮޑެތި ދޮގު ހެދިދާނެއެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައި އެންމެ ވަރި ގިނަ ޤައުމުކަމަށް ބުނާ ބުނުމަކީ މިފަދަ ދޮގެކެވެ. އެންމެ ވަރިގިނަކަމަށް ބުނާ ބުނުމަކީ ތެދުކަމަށް ދައްކަން، އެވާހަކަ ކޮޅަށް ޖަހައި ހިފަހައްޓަން، ކައްތިިރިއެއްގެ ގޮތުގައި ބޭނުން ކުރަނީ ތަފާސް ހިސާބެވެ. އާދެ! ޢާއްމުން ވަރަށް އިތުރުބާރު ކުރާގޮތަކަށް ކޮންމެ ފަދަ ވާހަކައެއް ވެސް ޤަބޫލުކުރުވަން ތަފާސް ހިސާބު ބޭނުން ކުރެވިދާނެއެވެ.

marktwainsaying

”ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ވަރި ގިނަ ޤައުމެވެ.“ މިހެން ލިޔެފައި ހުއްޓާ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ފެނި، އަދި ކިޔާ އަޑު އިވިފައި ވާނެއެވެ. މިގޮތަށް އަޑުއިވުމުން، ތިބާގެ ހިތަށް އެރީ ކީކޭތޯއެވެ؟

މިއަޑު އަޅުގަނޑު އަހަން ފެށީ، މައުމޫން ދައުރުގައި މިނިސްޓްރީ އޮފް ޖަސްޓިސް އިން މިހެން ކިޔަން ފެށުމުންނެވެ. ދޭތެރެ ދޭތެރެއިން މިއަޑުތައް ފަށްފަށްކޮށް އަޑު އިވެމުން ދެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި މަޝްހޫރުވި ޖަރުމަނުގެ ލީޑަރު، ހިޓްލަރު ބުނެފައި ވެއެވެެ: ”ދޮގެއް ތިބާ ތަކުރާރުކޮށް ކިޔަން ފަށައިފިނަމަ، މީހުން އެ ޤަބޫލުކުރަން ފަށާނެއެވެ. އަދި އެންމެ ފަހުން ތިބާ ވެސް އެ ޤަބޫލުކުރަން ފަށާނެއެވެ.“  ހިޓްލަރު އެ ބުނަނީ ކަންތައްތައް ވާގޮތްް ނަމަ،  މިވާހަކަ ތިބާ ޤަބޫލުކުރަންޏާ ހައިރާން ވާކަށް ނުޖެހެއެވެ. ދޮގު މަޢުލޫމާތު ތެދުކަމަށް ހީވެ،  އެއްގޯސްވަނީ ހަމައެކަނި ތިބާއެއް ނޫނެވެ.

އާދެ! ތަކުރާރުކޮށް އިވޭ މި ޢިބާރާތުގެ މާނައަކީ ކޮބައިތޯއެވެ؟ އާދެ! އަޅުގަނޑު ހީކުރިގޮތް ދަންނަވާލާނަމެވެ. އެ ޢިބާރާތުގެ މާނައަކީ، ދިވެހިރާއްޖެއަކީ، ކުރާ ކައިވެނީގެ ނިސްބަތުން އެންމެ ވަރި ގިނަ ޤައުމެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ތިބާވެސް ހީކުރީ މިގޮތަށެވެ. އަޅުގަނޑު ހީކުރީ މި ވާހަކަ ދައްކާ މީހުން މިހެން މި ބުނަނީ، ކުރާ ކައިވެނީގެ ޢަދަދަށް ނިސްބަތްކޮށް ކަމަށެވެ. ނަމަވެސް ޙަޤީޤަތް ދަންނަވަންތޯ އެވެ؟ އެންމެ ވަރި ގިނަކަމަށް އެ ބުނަނީ ކުރާ ކައިވެނީގެ ޢަދަދަށް ނިސްބަތް ކޮށެއް ނޫނެވެ. އެހެން އެ ބުނަނީ ރާއްޖޭގައި އުޅޭ މީހުންގެ ޢަދަދަށް ނިސްބަތް ކޮށެވެ. ތެދުތެދަށް ދަންނަވާނަމަ، ރާއްޖޭގައި އުޅޭ ކުދިބޮޑު ކޮންމެ އެއް ހާސް މީހަކަށް ނިސްބަތްކޮށެވެ. މިސާލެއްގެ ގޮތުން މި ނިއުސް ރިޕޯޓް ބަލައިލަބަލާށެވެ. މިރިޕޯޓްގައި ބުނަނީ ރާއްޖޭގައި ކުދިބޮޑު ކޮންމެ 1000 މީހަކަށް 10.97 ވަރި ވާ ކަމަށެވެ.

މި ގޮތަށް ތަފާސް ހިސާބު ހެދުމުގައި ބޮޑެތި މައްސަލަތަކެއް ވެއެވެ. އެކަމަށް ދިއުމުގެ ކުރިން އެ ސްޓެޓިސްޓިކްސް ހިސާބުކޮށްފައިވަނީ ރަނގަޅަށްތޯ ބަލަމާ ހިނގާށެވެ.  ޖަވާބު ހޯދުމަށްޓަކައި، އަޅުގަނޑުމެން ބަލާލަންވީ ދިވެހިރާއްޖޭގެ ތަފާސް ހިސާބު ފޮތަށެވެ. އާދެ! އެންމެ ފަހުގެ ތަފާސް ހިސާބު ފޮތުގައިވަނީ، 2014 ވަނަ އަހަރުގެ މަޢުލޫމާތެވެ.

marriage2015divorce

މި ތަފާސް ހިސާބު ފޮތުގައި 2014 ވަނަ އަހަރުގެ އާބާދީއެއް ކަމަަށް ބުނެފައިވަނީ 173127 ފިރިހެނުންނާއި 168084 އަންހެނުންނެވެ. ޖުމްލަ  341211 މީހުންނެވެ.

ކައިވެންޏާއި ވަރި ކޮންމެ 1000 މީހެއްގެ ނިސްބަތުން ތިރީގައި އެވަނީއެވެ.

statsofmarriagesanddivorces

މި ތާވަލުން ދައްކާ ގޮތުގައި، ކޮންމެ އެއް ހާސް މީހަކަށް އަހަރަކު 16 ކާވެނި ވެއެވެ. އަދި 10 ވަރި ވެއެވެ. ނަމަވެސް، މި ޢަދަދަކީ ރާއްޖޭގެ ޒަވާޖީ ޙަޔާތްތަކުގެ ފަންވަރު ވަޒަން ކުރަން އެކަށީގެންވާ ސްޓެޓިސްޓިކެއް ތޯއެވެ؟ ހަމަ މިހިސާބުތަކުން، ދުނިޔޭގެ ތަރައްޤީވެފައިވާ  ހުރިހާ ޤައުމުތަކަށް ވުރެ ދިވެހިރާއްޖޭގައި ކާވެނި ގިނަކަމުގައި ފެންނާނެއެވެ. އާދެ! މުޅި ޔޫރަޕުގައި ކާވެނީގެ ނިސްބަތަކީ އަހަރަކު ކޮންމެ އެއްހާހަކަށް 4.2 އެވެ. ދިވެހިރާއްޖެއަށް ވުރެ ގާތްގަޑަކަށް ހަތަރު ގުނަ ދަށް ޢަދަދެކެވެ. މިއޮތީ ދަލީލެވެ.

roman1ސްޓެޓިސްޓިކްސް ގައި މިބާވަތުގެ ކާވެންޏާއި ވަރީގެ ނިސްބަތަށް ކިޔަނީ ”ކުރޫޑު“ ކައިވެންޏާއި ވަރީގެ ނިސްބަތެވެ. ކުރޫޑު ޢަދަދުގެ މާނައަކީ ސާފުނުކުރާ، ހިތި ނުފިލުވާ ޢަދަދުތަކެވެ. މިއީ އިޖްތިމާޢީ ޢިލްމުވެރިން ކާވެނި އަދި ވަރި މިންކުރަން ގެންގުޅޭ ޢަދަދުތަކެއް ނޫނެވެ. އެ ޢަދަދުތައް، އެއްވެސް ކަމަކަށް ބޭނުން ކުރެވޭނީ އެއިން ”ހިތި“ ފިލުވުމަށް ފަހުއެވެ. އެ ޢަދަދުތަކުގެ ތެރެއަށް ގެއްލި ފޮރުވިފައިވާ “ވީ” ހޮވާ ވަކިކުރުމަށް ފަހުއެވެ. އެހެނީ މިޢަދަދުތަކުގައި، މީހަކާ ނުއިންނަ މީހުންނާއި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިން ހިމެނެއެވެ. ކުރޫޑު ވަރީގެ ނިސްބަތުގެ އަނެއް މައްސަލައަކީ، އަދި ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އެ ކަމުނުދާނެ ސަބަބަކީ، އާބާދީގައި އެކި ޢުމުރުފުރާ ހިމެނޭގޮތުން އެ ޢަދަދު ވަރަށް ބޮޑަށް ތަފާތުވާ ކަމެވެ. މިސާލެއްގެ ގޮތުން، ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ، މީހުންނާއިންނަ ވަރަށް ވުރެ ޅަ ކުދިންނެވެ. މިހެންކަމުން ޖަޕާނު ފަދަ ހުރިހާ ޢުމުރުފުރައެއް ދާދި އެއް މިންވަރަކަށް އާބާދީގައި ހިމެނޭ ނުވަތަ އޭޖް ސްޓްރަކްޗަރ ހިމެނޭ ޤައުމަކާ ރާއްޖޭގެ ޙާލަތާ ވަރަށް ތަފާތުވާނެއެވެ.

roman2ކުރޫޑު ނުވަތަ ސާފުނުކުރާ ވަރީގެ ނިސްބަތަށް ވުރެ ރަނގަޅު އެއް ސްޓެޓިސްޓިކްސް އަކީ، ބޮޑެތި މީހުންގެ އާބާދީގެ ތެރޭގައި ހިމެނޭ އެއް ފަހަރު ނަމަވެސް ވަރިވެފައިވާ މީހުންނެވެ. މިއީ ދެތިން ސަތޭކަ ބޮޑެތި އަންހެނުން އަދި/ނުވަތަ ފިރިހެނުންނާ ސުވާލުކޮށްގެން ހޯދިދާނެ ނިސްބަތެކެވެ.  މި ދެތިން ސަތޭކަ މީހުން ހޮވުނީ ރަނގަޅު ނިސްބަތަކުން ކަމަށްވާނަމަ، އެ މީހުންގެ ފަރާތުން ހޯދުނު ހޯދުން މުޅި އާބާދީއަށް ބޭނުން ކުރެވޭނެއެވެ. މި ޢަދަދުތައް ހޯދައިފިނަމަ  ފެންނާނީ ދިވެހިރާއްޖެއަކީ ނިސްބަތުން ވަރި ގިނަ ޤައުމެއް ނޫން ކަމެވެ. ނަމަވެސް މި ނިސްބަތަކީ ވެސް ވަރީގެ މިންވަރު ބަލަން ރަނގަޅު މިންގަނޑެއް ނޫނެވެ. އެހެނީ މީގެ ތެރޭގައި، ވަރިއަކަށް ފަހު، އެހެން މީހަކާ އިނދެގެން ދިރިއުޅޭތާ އެތައް ދަސް އަހަރުވީ  މީހުންހިމެެނެއެވެ. ކިތަންމެ ބަޔަކަށް އެންމެ ކާމިޔާބުވަނީ ދެވަނަ ކާވެންޏެވެ. ވަރިއެއް ތަޖުރިބާ ކުރުމަށް ފަހު ކުރާ ކައިވެންޏެވެ.

roman3އިޖްތިމާޢީ ޢިލްމުގައި ބޭނުން ކުރާ ވަރީގެ ނިސްބަތަކީ މީހުންނާ އިނދެގެން އުޅޭ ކޮންމެ 1000 އަންހެނަކަށް އަހަރަކު ވަރިވާ ނިސްބަތެވެ. މި ނިސްބަތަށް ކިޔަނީ ”ރިފައިންޑް“ ނުވަތަ ސާފުކުރި ވަރީގެ ނިސްބަތެވެ. މި ނިސްބަތް ހިސާބުކުރަން ބޭނުންވާ މަޢުލޫމާތު ދިވެހިރާއްޖޭގެ 2015 ވަނަ އަހަރުގެ ތަފާސް ހިސާބު ފޮތުން ލިބޭނެއެވެ. މިއޮތީ އެ ފޮތުގެ ލިންކެވެ.  ދިވެހިރާއްޖޭގެ ސާފުކުރި ވަރީގެ ޢަދަދު ބެލުމުން އެ ޢަދަދު ހުރިހާ އެހެން ޤައުމުތަކަށް ވުރެ ބޮޑުކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ.  މި ހިސާބު އަޅުގަނޑު ހެދި ގޮތަކީ، ރާއްޖޭގައި 2014 ވަނަ އަހަރު ވަރިވި އަންހެނުންގެ ޢަދަދު (3414)   2014 ވަނަ އަހަރު މީހުންނާ އިނދެގެން ތިބި އަންހެނުންގެ  ޢަދަދު (78183) އިން ގެއްލައި 1000 އާ ގުނަކޮށްގެންނެވެ. ޖަވާބަކަށް އައި 43 އަށް ވުރެ ބޮޑެތި ޢަދަދުތައް އެހެން ޤައުމުތަކުން ފެނިފައި ވެއެވެ. އިތުރު މަޢުލޫމާތު މި ލިންކުން ލިބޭނެއެވެ.

roman4ވަރީގެ ނިސްބަތް ބަލަން ދެން ގެންގުޅޭ ހިސާބަކީ ވަކި އަހަރުތަކެއްގައި ކާވެނި ކުރި ބަޔަކު މިހާރު ތިބި ކާވެނީގެ ހާލަތެވެ. މިސާލެއްގެ ގޮތުން 2000 ވަނަ އަހަރު ކާވެނި ކުރި މީހުންގެ ތެރެއިން މިހާރު ވަރިވީ ކިތައް މީހުން ހެއްޔެވެ؟ މި ގޮތަށް ބަލާ ބެލުމަށް ކިޔަނީ ކޮހޯޓު ނިސްބަތެވެ. އިޖްތިމާޢީ ޢިލްމުވެރިން ގިނައިން ބޭނުން ކުރާ އެއް މިންގަނޑަކީ މިއީއެވެ. ނަމަވެސް މި މިންގަޑަކުން  މުޅި ޖުމުލަ ވަރީގެ ޢަދަދެއް ނޭނގޭނެއެވެ.

މަތީގައި މިދަންނަވާލެވުނީ ވަރީގެ ނިސްބަތްބަލާ  ހަތަރު މިންގަޑެވެ. ކުރޫޑު ވަރީގެ ނިސްބަތަކީ ދިވެހިރާއްޖެއަށް އެންމެ އެކަށީގެން ނުވާ މިންގަނޑެވެ. މިވާހަކަ ސާފުކޮށް ދަންނަވާލިޔަ ދެއްވާށެވެ.

އެކި ޤައުމުތައް އަޅާ ކިޔުން

ވަރީގެ ”ހިތިނުފިލުވާ“ ނިސްބަތް އެހެން ޤައުމުތަކާ އަޅާކިޔާއިރު، ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ، ކުރިން ދެންނެވިހެން ދިވެހިރާއްޖޭގެ ކާވެނީގެ ނިސްބަތަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ތިންހަަތަރު ގުނަ މަތީ ޢަދަދެކެވެ. ކާވެނީގެ ޢަދަދު މުހިއްމުވަނީ އެއްވެސް ކައިވެންޏެއް ނެތްނަމަ، ވަރި ނޯންނާނެތީއެވެ.  ވަރިވެެވޭނީ ކާވެނި ކުރުމަށްފަހުއެވެ. ތިރީގައިވާ ތާވަލުގައި އެވަނީ ޔޫރަޕިއަން ޔުނިއަންގެ 28 ޤައުމުގައި 2014 ވަނަ އަހަރު ކުރެވުނު ކައިވެނީގެ ނިސްބަތް ކޮންމެ 1000 މީހެއްގެ ނިސްބަތުންނެވެ. އެ މަޢުލޫމާތު ހޯދާފައިވާނީ އީޔޫ ގެ މި ލިންކުންނެެވެ.

marriageraeeuލިންކުން މި މަޢުލޫމާތު ނެގި ޞަފުޙާބެލިނަމަ، ތިބާއަށް ފާހަގަކުރެވޭނީ، އީޔޫގެ ގިނަ ގައުމުތަކުގައި، މީހުންނާ އިނުން، ވޭތިވެދިޔަ 50 އަހަރުގެ ތެރޭގައި ޑަބަލް ކުޑަވެފައިވާ ކަމެވެ. އެމެރިކާގެ ކާވެނީގެ ނިސްބަތަކީ 6.9 އެކެވެ. މިއޮތީ މި މަޢުލޫމާތު ނެގި ރަސްމީ ލިންކެވެ.  ލިތުއޭނިއާ ފިޔަވައި، ޔޫރަޕުގެ ގިނަ ޤައުމުތަކަށްވުރެ، އެމެރިކާގައި ކާވެނި ނިސްބަަތުން ކުޑަތަންކޮޅެއް މައްޗެވެ. ދިވެހިރާއްޖޭގައި މީހުންނާއިންނަ ނިސްބަތަކީ އާބާދީގެ ކޮންމެ 1000 އަކުން 16 އެވެ. އާދެ! ޔޫރަޕުގެ ގިނަ ޤައުމުތަކުން ނިސްބަތުން ހަތަރުގުނަ ގިނައެވެ. އެމެރިކާއަށް ވުރެޑަބަލް ގިނައެވެ. ގިނަ ކާވެނި ކުރަނީ ވިއްޔާ ގިނަ ވަރިވެސް ވާނެތާއެވެ!

crudemarriagerate

ވަރި މަނާވުން

ޔޫރަޕުގެ ބައެއް ޤައުުމުތަކުގައި ވަރި މަދުވާ އަދި އިތުރު އެހެން ސަބަބެއް އޮވެއެވެ. އެއީ ވަރިކުރުމަކީ ޤާނޫނީ ކުށަކަށް ވާކަމެވެ. މިކަން އެންމެ ބޮޑަށް އޮންނަނީ ނަޞާރާ ދީނުގެ ކެތޮލިކް މަޒުހަބު ކިޔާ މަޒުހަބެއްގައެވެ. މި މަޒުހަބަށް އުޅޭ މީހުންގެ ތެރޭގައި، ޕޮލަންޑް އާއި ދެކުނު ޔޫރަޕުގެ ޤައުމުތައް ހިމެނެއެވެ. އިޓަލީ އާއި ސްޕެއިން އާއި މޯލްޓާ އާއި އަޔަރލޭންޑްގައި ވަރިކުރުން ހުއްދަވީ 1960 ގެ ފަހުންނެވެ. އިނގިރޭސި ވިލާތުގައި ނަޞާރާ ދީނުގެ އައު މަޒުހަބެއް ފެށިގެން ދިޔައީވެސް 1534 ވަނަ އަހަރު އުފެދުނު ވަރިހުއްދަ ނުވުމުގެ މައްސަލާގައެވެ. އާދަކާދައިގެ ގޮތުން ވަރިމަނާވުމުން އެމީހުން ވަރިއާ ދޭތެރޭ ދެކޭގޮތާ ދިވެހީން ދެކޭގޮތް ތަފާތެވެ. ނުއުޅެވުމުން، އެދުވަސްވަރު، އެތާނގެ ފިރިން ނުވަތަ އަނބިން ހަދާގޮތަކީ ފިލަނީއެވެ. ނުވަތަ އަމިއްލައަށް މަރުވަނީއެވެ.

ޔޫރަޕާއި އެމެރިކާގެ ކާވެންޏާއި ވަރީގެ މިހާރުގެ ޙާލަތު

ހުޅަނގުގެ ގިނަ ޤައުމުތަކުގައި، ކާވެނި ކުރަނީ ”އެކުގައި“ އުޅެ ކުދިންލިބި ބައެއް ފަހަރު މުސްކުޅިވާ ފަހުންނެވެ. ކައިވެންޏަކީ ވަރަށް މަދުން ކުރާ ކަމަކަށް ވަނީ ވެފައެވެ. މިކަން އަންގައިދޭ ތަފާސް ހިސާބުތައް އަޅުގަނޑަށް އެންމެ ފަސޭހައިން އަތުޖެހުނީ އޮސްޓްރޭލިޔާގެ އެވެ. އެހެން ހުޅަނގު ގެ ޤައުމުތަކުގެ ހިސާބުތައް އޮސްޓްރޭލިއާގެ ހިސާބުތަކާ ދާދި އެއްގޮތްވާނެއެވެ. ތިރީގައި އެވަނީ 2006 ވަނަ އަހަރުގެ ޗާޓެކެވެ. މި ޗާޓުން އަންގައިދޭ ގޮތުން، އޮސްޓްރޭލިޔާގައި މީހަކާއެކު ވަކި ދިރިއުޅުމެއް އުޅޭ %85 މީހުންނަކީ ނުއިނދެ އެކަމަކު ”އިނދެގެން ފަދަ“ ގޮތަކަށް އުޅޭ މީހުންނެވެ. އިނދެގެން އެކުގައި އުޅެނީ %15 އަށް ވުރެ ވެސް މަދު ބައެކެވެ. މިއީ ޒުވާން ފުރާގެ މީހުންނެވެ. ކުރިން އިނދެފައި ތިބި މީހުންގެ ނިސްބަތް، ކާވެންޏަށް ވީ ދުވަހުގެ ނިސްބަތުން މަތިވެއެވެ. އާދެ! އެ ޤައުމުތަކުގައި އެކުގައި އުޅުމަށް ކާވެނި ކުރާކަށް ނުޖެހެއެވެ. އެހެންކަމަކު،  އެމީހުންގެ ގިނަ މީހުންގެ ދީނުގައި މިކަން އޮންނަނީ މިގޮތަކަށް ނޫނެވެ. ނަމަވެސް، އެތަންތާނގެ ސަރުކާރުގެ ފަރާތުން އަޅާނުލަނީއެވެ. މިކަމުގެ ސަބަބުން ކާވެނި ނުކޮށް ލިބޭ ކުދިންނަށް ނިކަމެތިކަން މެދުވެރިވެއެވެ. އަދި އަންހެން މީހާއަށް މިކަމުގައި މަންފާއަށް ވުރެ ގެއްލުން ހުރިކަމަށް ވެއެވެ.

cohabitationއާދެ! އަޅުގަނޑު މިފާހަގަ ކޮށްލާ ކަމަކީ، ކާވެނި ނުކުރާނަމަ، ވަރި ކުރާކަށްނުޖެހޭނެއެވެ. އެހެންވީމާ، އެ ޤައުމުތަކުގައި ވަރި މަދުވާނެ ނޫންތޯއެވެ؟ އާދެ! ޢުމުރުން 40 އަހަރަށް ވުރެ ހަނގު ގިނަ މީހުން އުޅެނީ ބައިވެރިޔަކާއެކު އެވެ. ނަމަވެސް ނުއިނދެއެވެ. ކުދިންވެސް ލިބެއެވެ.

ހަރާންދަރިންގެ ނިސްބަތް

ހުޅަނގުގެ ޤައުމުތަކުގައި، ކައިވެނީގެ ބޭރުން ލިބޭ ކުދިން، ހަރާންދަރިން، އިންތިހާއަށް މިހާރު ގިނައެވެ. އެކަން ތިރިގައިވާ ޗާޓުން ފާހަގަކުރެއްވޭނެއެވެ.

illegitimatechildrenއައިސްލަންޑާއި ސްވީޑްން ފަދަ ޤައުމުތަކުގައި މިހާރު ވިހާ ގިނަ ކުދިންނަކީ ކައިވެނީގެ ބޭރުން ލިބޭ ކުދިންނެވެ. އެމެރިކާގައި ވިހާ ކޮންމެ ދިހަ ކުއްޖެއްގެ ތެރެއިން ހަތަރު ކުދިންނަކީ މިފަދަ ކުދިންނެވެ. އަދި، އެމެރިކާގެ ކަޅުމީހުންނަށް ލިބޭ ގިނަ ކުދިންނަކީ ކައިވެނީގެ ބޭރުން ލިބޭ ކުދިންނެވެ. އިނގިރޭސިވިލާތުގައި 2016 ވިހާ ގިނަ ކުދިން (މާނައަކީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަކުދިން) ވާނީ ކާވެނި ނުކޮށް ލިބޭ ކުދިންކަމަށް މި ރިޕޯޓްގައި ބުނެއެވެ. ދިވެހިރާއްޖޭގައި ވިހާ %97 އަށް ވުރެ ގިނަ ކުދިންނަކީ ކާވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ލިބޭ ކުދިންނެވެ. ތިބާ އެދެނީ ޔޫރަޕުގައިހެން ވަރިމަދުކޮށްފައި ދަރިން ހޯދަންތޯއެވެ؟

ވެށީގެ ޙާއްޞަ ސިފަތަކާއި ވަރި

ކައިވެންޏާ ވަރިއާ ދޭތެރޭ ވިސްނާއިރު، ރާއްޖެއަށް ޚާއްޞަ ސިފަތަކެއް ވެއެވެ. އެއްކަމަކީ، ރަށާއި ޤައުމު ކުޑަކަމެވެ. މިހެންކަމުން، އެހެންމީހުންނާ ބައްދަލުވުމުގެ ފުރުޞަތު ބޮޑެވެ. މިކަން ބައިބޯ ކުދި އެހެން ޤައުމުތަކުންވެސް ފާހަގަ ކުރެވެއެވެ. މިއީ ވަކި ރާއްޖެވީމާ އޮންނަކަމެއް ނޫނެވެ. ތިބާ އޮފީހުން ގެޔަށް އަންނައިރު، ނުވަަތަ ފިހާރައަކަށް ގޮސްފައި އަންނައިރު ކާވެނި ކުރެވިދާނެ ކިތައް މީހުންނާ ބައްދަލުވާނެތޯއެވެ؟  ބޮޑެތި ގައުމުތަކުގައި، ޚާއްޞަކޮށް ސިޓީ ނޫން ހިސާބުތަކުގައި، މީހުން ދިރިއުޅެނީ އެކަކު އަނެކަކާ ވަރަށް ދުރުގައެވެ. އެކަކު އަނެކަކަށް ތައާރަފުވުމުގެ ފުރުސަތު، ސޯޝަލްމީޑިއާ އަންނަންދެން ވަރަށް ކުޑައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ދިވެހިރާއްޖެއަކީ، ފެށުނީއްސުރެ އަންހެނުން ބާރުވެރިކުރެވިފައިވާ ޤައުމަކަށް ވާކެމެވެ. މީގެ އެއްހާހަކަށް އަހަރު ކުރިން ރާއްޖެއަށް ޒިޔާރަތް ކުރި ޢަރަބި ދެ ފަތުރުވެރިން ކަމުގައިވާ ސުލައިމާން އާއި އަލް މަސްޢޫދީ ގެ ދަތުރުނާމާގައި ދިވެހިރާއްޖޭގައި ވެރިކަން ކުރަނީ އަންހެނުން ކަމަށް ލިޔެފައި ވެއެވެ. އަންހެނުންނަށް ދިވެހިރާއްޖޭގައި ދީފައިވާ ޢިއްޒަތާއި ޤަދަރަކީ، ދެކުނު އޭޝިޔާގެ  އެހެން ޤައުމުތަކުން ނުފެންނަ ކަމެކެވެ. ޘަޤާފީގޮތުން އަންހެނުންނަށް ދެވިފައިވާ ޤަދަރުން ވަރިވެފައިވުމަކީ، ޔޫރަޕުގައިހެން، އަންހެނުންގެ މޫނުގައި ޖެހޭ ލަކެއް ކަމަށް ވެފައެއް ނުވެއެވެ. ހުޅަނގުގެ ގިނަ ޤައުމުތަކަކީ ވަރަށް ފަހާ ޖެހޭންދެން، އަންހެނުންނާ މެދު ތަފާތު ގޮތަކަށް ދެކެމުންދާ ޤައުމުތަކެކެވެ. މިކަންއެމީހުންގެ ޘަޤާފަތުގައިވަނީ ވަރުގަދައަށް ހިފާފައެވެ. އަންހެނުންނަށް މުދައު މިލްކުކުރެވި ވޯޓުލުމުގެ ޙައްޤު ލިބުނީވެސް ޔޫރަޕުގައި ދާދި ފަހުންނެވެ.

japan-population-pyramid-2014ދިވެހިރާއްޖޭގައި މިދުވަސްވަރު ވަރި ގިނަވާ އެހެން ސަބަބެއް ވެއެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ ޒުވާންކަމެވެ. މީހުންނާ އިންނަ ޢުމުރުގެ މީހުން ގިނަ ކަމެވެ. އެހެންކަމުން، ކައިވެންޏާއި އަދި ވަރިވެސް ގިނަވާނެެއެވެ. މަތީގައިވާ ޗާޓުގައި އެވަނީ އެކި އުމުރުފުރާގެ މީހުން އާބާދީގައި ހިމެނޭ ނިސްބަތެވެ. މީހުންނާ ގިނައިން އިންނަނީ ޢުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑުވުން މައްޗަށް ގޮަސްފައިވަނީ 1975 އިން ފެށިގެން 2000 ވަނަ އަހަރާ ދެމެދުއެވެ. ކަނާތްފަރާތުގައިވާ ދިވެހިރާއްޖޭގެ މި މަޢުލޫމާތާއި ވާތްފަރާތުގައިވާ ޖަޕާނުގެ އާބާދީއާ އަޅާކިޔުއްވާށެވެ. ފާހަގަކުރެއްވޭނީ، ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ މި ޢުމުރުފުރާގެ މީހުންކަމެވެ. ޖަޕާނުގެ އާބާދީގައި އެންމެ ގިނައީ ކޮން ޢުމުރުފުރައެއްގެ މީހުންތޯއެވެ؟

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ރާއްޖޭގައި ވަރި ގިނަވެގެން މިއުޅެނީ ފަހަކަށް އައިސްއެވެ.  މީގެ 50 ވަރަކަށް އަހަރު ކުރިން، ދިރިއުޅުމެއް ބިނާކުރަން ދެމަފިރިންވެސް މަސައްކަތް ކުރަންޖެހެއެވެ. އެކަކަށް އެކަނި އުޅޭކަށް ފަސޭހައެއް ނޫނެވެ.  ޚާއްޞަކޮށް އަންހެނުން އާމްދަނީ ހޯދާ މަސައްކަތްތައް ކުރަމުންދިޔައެވެ. ޙަޤީޤަތުގައި، މިޤަރުނަށް ވުރެ ކުރީގައި، އާމްދަނީ ލިބޭ މަސައްކަތް ކުރުމުގައި  އަންހެނުންގެ ބައިވެރިން މިހާރަށް ވުރެ ބޮޑެވެ. މިސާލެއްގެ ގޮތުން 1911 ވަނަ އަހަރު ގެ ބޯހިމެނުގައި، ރާއްޖޭގައި ތިބި 32993 އަންހެނުންގެ ތެރެއިން 10486 އަންހެނުން އާމްދަނީ ހޯދަން ބޮބިތަޅާ ރޯނުވެށުމުގައި މަސައްކަތް ކުރިކަމަށް ދެއްކިއެވެ. އެއީ %32  އެވެ. މިއީ ވަރަށް ބޮޑު ޢަދަދެކެވެ. އަދި މަސްކައްކާ ހިއްކުމުގައި ބައިވެރިވާ އަންހެނުންނާއެކު، އާމްދަނީ ލިބޭ މަސައްކަތުގައި އުޅޭ ދިވެހި އަންހެނުންގެ ނިސްބަތް، ޔޫރަޕުގެ އަންހެނުންނަށް ވުރެ އޭރު މައްޗެވެ.  ހަމަ މިބޯހިމެނުމުގައި މީހުންނާ އިނދެގެން އުޅޭ  14867 އަންހެނުންގެ ތެރެއިން، ވަރިވެފައި ތިބީ 2996 މީހުންކަން ދައްކައެވެ. މިއީ %2 އެވެ. ރަނގަޅު ޢަދަދެކެވެ. ތިބާ އިތުރަށް ހިސާބުކުރުމަށް މިއޮތީ މި ބޯހިމެނުމުގެ ޚުލާޞާއެކެވެ. އެކަކު އަނެކަކަށް ބަރޯސާ ކުރަން ޖެހޭ ވަރަކަށް ވަރިވުމުގެ ޗާންސް ކުޑަވާނެެ ނޫންތޯއެވެ؟

marriage19112އިސްލާމް ދީނުގައި ވަރިއަކީ ހުއްދަ ކަމެކެވެ. ކުރިން ނަޞާރާދީނުގައި މިއީ މަނާކަމެކެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުން ދެކޭގޮތަށް  ވަރިއާ ދޭތެރޭ، ތާރީޚީ ގޮތުންނާއި ދީނީގޮތަކުންދިވެހީންނެއް ނުދެކެއެވެ. ދެމީހަކު ކާވެނި ކުރުމަށްފަހު، އުޅެވޭގޮތް ނުވިނަމަ، އެންމެ ރަނގަޅު ގޮތަކީ، ވަރިވުމެވެ. ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެއެވެ. ނަމަވެސް، އެއީ މިންވަރުފުޅުކަމަށް ހީކޮށް ބޮޑު ނުތަނަވަސް ކަމަކާއި ހިތްދަތިކަމެއްގައި  މުޅި ޢުމުރު ހުސްކުުރުމަށް ވުރެ ވަރިވުން ހެޔޮވެގެން ވެއެވެ. ކިތަންމެ ބަޔަކަށް އުފާވެރި ދިރިއުޅުމެއް ލިބިފައިވަނީ ފުރަތަމަ ހެދުނު ”ގޯހަށް“ ފަހުއެވެ.  ވަރިވާން އެންމެ ރަނގަޅު ސަބަބަކަށް ވާންވީ އެހެން މީހަކާ އިނުމެވެ. އެކުގައި ނުއުޅެވޭ ދެމަފިރިންނަށް ވަރިވުން އުނދަގޫ ކުރިވަރަކަށް ގެވެށި އަނިޔާއާއި ހިތްްދަތިކަން ނޫން އެހެން މުސްތަޤްބަލެއް ނުވެއެވެ.

ރާއްޖޭގައި ހުޅަނގުގެ ގޮތަށް ވަރި ކުރުން މަދުކުރެވިދާނެއެވެ. އެގޮތަކީ ދެތިން ކުދިން ލިބެންދެން އެކުގައި އުޅެފައި ދެން ކުރާންވީ ކަމަކަށް ކާވެނި ހެދުމެވެ. އަދި ހުޅަނގުގެ ޤައުމުތައް ފަދައިން، ޤާނޫނީ ވަކީލުންނަށް ވަރަށް ގިނަ ފައިސާތަކެއް ދީގެން ނޫނީ ވަރިނުކުރެވޭ ފަދަ ޤާނޫނީ ދަތިތަކެއް މެދުވެރިކުރުމެވެ. މިއީ ދިވެހި ކިތައް މައިންބަފައިން އެދޭގޮތްތޯ ބެލުމަށް އަޅުަގަނޑުދޫކޮށްލާނީ ދިވެހި ބެލެނިވެރިންނާއި ޤާނޫނީ އަދި ދީނީ ޢިލްވެރިންނަށެވެ.

އިންސާނުން ސިއްސުވާލާ ޚަބަރުތަކަކީ އެންމެންހެން އަޑުއަހާހިތްވާ، ކިޔާހިތްވާ ޚަބަރުތަކެވެ. އެހެންކަމުން ތެދަކަށް ވިޔަސް ނުވަތަ ދޮގަކަށްވިއަސް ސިއްސައިގެންދާނޭ ޚަބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ވަރީގެ ވާހަކަ ދުނިޔޭގެ ނޫސްތަކުގައި ޖަހަމުން ދެއެވެ. ރާއްޖޭގެ ދިރިއުޅޭ މީހުންނަށް ވެސް ނޭނގޭ ޚަބަރުތައް ޖަހައެވެ. މިސާލެއްގެ ގޮތުން ދިވެހި އަންހެނުންގެ ވިޔާނުދާކަން ހާމަކުރަން މި ސައިޓްގައި ލިޔެފައިވަނީ އަންނަނިވި ޢިބާރާތެވެ. މާކަސް އަކީ ދިވެހިރާއްޖޭގެ ވަރިއާ ބެހޭ އެމެރިކާގެ ކޮލެޖެއްގެ ”މާހިރެއް“ކަމަށް ވެއެވެ. 

whatmarcussaysރަތް ރޮނގަކުން އަޅުގަނޑު ފާހަގަކޮށްލާފައިވާ ޖުމުލައިގެ މާނައަކީ: ”ދިވެހިރާއްޖޭގައި، [އަންހެނަކާ ހިތާވެގެން] އެއްދާން ކުރުމުގެ ކުރިން ހޭދަކުރަންޖެހޭ މުއްދަތަކީ ރަށް ވަށައިގެން ސައިކަލެއްގައި ދެބުރު ޖެހުމަށް ދާ މުއްދަތުކަމަށް މާކަސް އަހުރެމެންނަށް ކިޔާދެއެވެ.“  މި ޢިބާރާތަށް ތާއީދު ކުރައްވަނީ ތިޔައިގެ ތެރެއިން ކިތައް ކިޔުންތެރިންތޯއެވެ؟

އާދެ! ރާއްޖޭގެ ވަރިގިނަކަމަށް ދައްކަން ބޭނުންކުރާ ހިސާބުތަކަކީ، ސާފުނުކުރާ އެއިން ހިތި ނުފިލުވާ ޢަދަދުތަކެކެވެ. އިޖްތިމާޢީ ޢިލްްމުވެރިން ބޭނުން ނުކުރާ ނިސްބަތެކެވެ. ވަރި ގިނަކަމަށް ބުނަނީ ކުދި ޤައުމުތަކުގެ އިޖްތިމާޢީ ކަންތައްތަކަށާއި ދިވެހި ވެށީގެ ތާރީޚީ އަދި ޘަޤާފީ ސިފަތަކަށް ރިޢާޔަތް ނުކޮށެވެ. ހުޅަނގުގައި ”އިނދެގެން“ އުޅޭގޮތަށްއުޅެފައި ”ވަރި“ވާ މީހުން ހިމަނައިފިނަމަ، ހާމަވާނީ މުޅީން އެހެން މަންޒަރެކެެވެ.   ރާއްޖެއަށް ވުރެ ހުޅަނގުގެ ޤައުމުތަކުގައި ވަރި ގިނަކަމެވެ. ތަފާސް ހިސާބަކީ، އެ ހުށަހަޅާ ގޮތުން ބޭނުން ސިފައެއް ޖެއްސިދާނެ އެއްޗެކެވެ. ވިސްނުންތެރިން ބުނެއެވެ: ”ތިންބާވަތުގެ ދޮގު ވެއެވެ. އެއީ ދޮގާއި ރޯމަރު ދޮގާއި ސްޓެޓިސްޓިކްސް“ އެވެ.

ތިރީގައިވާ ޓީކްޓޮކް ލިންކުގައި އެވަނީ ކައިވެނީގެ ނިސްބަތުން ވަރިއެވެ. ދިވެހިރާއްޖެ ކޮބައިތޯއެވެ؟