ފާރިސް ކަރައިގެ ޝޭޚު މުސްލިޙުއްދީނު ސަޢުދީ ޝީރާޒީ (مصلحالدین بن عبدالله شیرازی) ގެ ”ގުލިސްތާނު“ ނުވަތަ ފިނިފެންމަލުގެ ބަގީޗާ އަކީ މީގެ 758 އަހަރު ކުރިން ލިޔެފައިވާ ޢިބުރަތްތެރި ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ ފޮތެކެވެ. މިކަލޭގެފާނުގެ ޢުމުރުފުޅުން ވަރަށް ތުއްޕުޅުއިރު، ބަޣްދާދުގައި ހުންނަ ނިޒާމިއާ ޔުނިވަރސިޓީއަށް ކިޔަވަން ވަޑައިގަތެވެ. އަދި 30 އަހަރުވަންދެން އިސްލާމީ އެތައް ޤައުމަކަށް ދަތުރު ކުރެއްވިއެވެ. މިދަތުރު ތަކުގައި ދިމާވި ބައެއް ކަންތައްތައް ”ގުލިސްތާނު“ ގައާއި އޭނާގެ އެހެން ފޮތެއް ކަމުގައިވާ ”ބުސްތާނު“ ގައި ލިޔުއްވާފައިވެއެވެ. އެއީ ވިސްނާމީހަކަށް ޢިބުރަތްތަކަކަށް ވާނޭ ވާހަކަތަކެކެވެ. ފިކުރާއި އެކީ ހޭދަކުރެއްވި ދިރިއުޅުއްވުމެއްގެ އަރަގެވެ. މިކަލޭގެފާނުގެ މަޤްބަރާ ހުންނަނީ އީރާނުގެ ޝީރާޒުގައެވެ. ތިރީގައި އެވަނީ ފަތުރުވެރިންގެ މަންޒިލަކަށް މިހާރު ވެފައިވާ މި ޒިޔާރަތުގެ ފޮޓޯއެކެވެ.
ޔޫރަޕުގެ މީހުންނަށް މިކަލޭގެފާނުންގެ ޙިކްމަތްތެރިކަމުގެ ފުންކަން ތައާރަފުވީ މީގެ 382 އަހަރުކުރިން އޭނާގެ ފޮތްތައް ފަރަންސޭސި ބަހަށް ތަރުޖަމާ ކުރުމުންނެވެ. އޭނާގެ އެހެން ފޮތްތަކުގެ ތެރޭގައި ޅެންބަހުން އެކުލަވާލައްވައިފައިވާ ”ދީވާން“ ހިމެނެއެވެ. އޭނާގެ ހަރުބަސް ތަކުގެ ތެރޭގައި ”އަވަހަށް އުފެއްދި އެއްޗެއް އަވަހަށް ކުންޏަށް ވެއެވެ“ މިފަދަ ޢިބާރާތްތައް ހިމެނެއެވެ. އެކުވެރި ދައުލަތްތަކުގެ (އ.ދ.) ހެޑްކްއާޓަރުގައި ހުންނަ ބޮޑު މާލަމުގެ ދޮރުމަތީގައި ލިއެފައި އޮންނަނީވެސް މިކަލޭގެފާނުގެ ދެ ބައިތެކެވެ.
”ގުލިސްތާނު“ އެކުލެވިގެން ވަނީ 8 ބާބުގެ މައްޗަށެވެ. އެ ޒަމާނުގެ ފޮތްތައް ލިޔާ ގޮތުގެ މަތިން، ފޮތުގެ މައިގަނޑު ފެށުމުގެ ކުރިން ދިގު ސެހެރީއެއް ލިޔުއްވާފައި ވެއެވެ. ފުރަތަމަ ބާބަކީ ރަދުންގެ އަދަބުތަކާ (ވެރިންގެ އުޅުއްވުމާ) ބެހޭ ބާބެވެ. މި ތަރުޖަމާގައި ގުލިސްތާނު ގެ ބައެއް ވާހަކަ ތައް މިލިޔަނީ އިނގިރޭސި ލިއުމެއް ބަލައިގެންނެވެ. މީގެ 100 އަހަރު ކުރިން ލިއެފައިވާ އިނގިރޭސި ތަރުޖަމާއަކުންނެވެ. ބައިތު ގިނަ މި ވާހަކަތައް ދިވެހިބަހަށް ތަރުޖަމާ ކުރެވެނީ ނަޘްރުންނެވެ.
ބާބު 1 – ރަސްރަސްކަލުންގެ އަދަބުތައް
ވާހަކަ 1
ހައްޔަރު ކޮށްފައިވާ މީހަކު މަރާލުމަށް ރަސްކަލަކު އަމުރުކުރެއްވި އަޑު އަހުރެން އެހީމެވެ. މި އަމުރު ކުރެއްވުމާ އެކީ މި މީހާ ދުލަށް އައިހާ ނުބައި އެއްޗެއް ރަސްގެފާނާ ދިމާއަށް އެމީހާގެ އަމިއްލަ ބަހުރުވައިން ގޮވަން ފަށައިފިއެވެ. އެއީ ބުނާ ފަދައިންނެވެ.
ފުރާނައިން އަތް ދޮންނަ މީހާ،
ހިތުގައިވާ އެއްޗެއް ބުނާނެއެވެ.
މީހަކު މާޔޫސް ވުމުން، އޭނާގެ ދޫ ދިގުވެއެވެ. އަދި ކުއްތާއަކަށް ހަމަލާދޭން އުޅޭ، ބަލިވެފައިވާ ބުޅަލެއް ފަދައިން ވެއެވެ.
ބޭނުންޖެހި ފިލެންނެތުމުން،
ތޫނު ކަނޑީގެ ކުރީގައި ހުސް އަތުންވެސް ހިފާފާނެއެވެ.
ރަސްގެފާނު އޭނާ އެކިޔަނީ ކޮންއެއްޗެއްތޯ އެއްސެވުމުން، ހެޔޮ މިޒާޖެއްގެ ވަޒީރަކު ވިދާޅުވިއެވެ. ”މާތް ސާހިބާއެވެ! އޭނާ އެ ދަންނަވަނީ ރުޅީގައި ލަގަން ޖަހައި، މީހުންނަށް މަޢާފު ކުރާމީހާ ދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ.“
ރަސްގެފާނު މިވާހަކަ އަޑުއިވިވަޑައިގަތުމުން، ކުރެއްވޭ ކަންތަކާ ދެރަފުޅުވެ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އަމުރު ކުރައްވައިފިއެވެ. މިތަން ދުށް، ކުރީ ވަޒީރާ ޢަދާވާތްތެރި އެހެން ވަޒީރަކު، އެވަގުތު ދެންނެވިއެވެ.
”ރަސްކަލުންގެ އަރިހުގައި އަޅުގަނޑުމެންގެ ފެންވަރުގެ މީހުން ދަންނަވަންވާނީ އަބަދު ތެދެވެ. ދެންމެ އެމީހާ މަނިކުފާނަށް އިހާނަތްތެރި ބަސްތައް ގޮވާ ހަޑިހުތުރު އެއްޗެތި ކީއެވެ.“
މި ބަސްތަކާ ދޭތެރޭ ރަސްގެފާނު ހިތްހަމަޖެހިވަޑައި ނުގެން ވިދާޅުވިއެވެ. ”އެ ދޮގު، ތި ތެދަށްވުރެ އަހުރެންނަށް މަޤްބޫލްއެވެ. އެހެނީ ކުރީ ޢިބާރާތްތައް އައީ އެކުވެރިކަން ޤާއިމް ކުރުމުގެ މަޤާމަކުންނެވެ. ފަހުބަސްތައް އައީ ޢަދާވާތްތެރިކަމުގެ މަޤާމަކުންނެވެ. ޙިިކުމަތްތެރިން ބުނެފައި ވެއެވެ. ‹އެކުވެރިކަމަށް މަގު ދައްކާ ދޮގެއް، މައްސަލަތައް ކުރިމަތިކޮށްފާނެ ތެދަކަށް ވުރެ ރަނގަޅެވެ.›“
ރަސްގެފާނު، އެބައެއްގެ ބަސް އަޑުއައްސަވާ މީހުން، ހެޔޮ ނޫން ބަސް ބުނުމަކީ ހިތާމައެކެވެ.
ފަރީދޫން މާލަމަށް ވަންނަ ޕޯރޓީކޯގައި ލިއެފައި ވެއެވެ.
އޭ އަޚާއެވެ. ދުނިޔެ އެއްވެސް މީހަކާ އެކީ މަޑެއް ނުކުރެއެވެ.
އުފެއްދެވި ފަރާތާ ހިތް ގުޅާށެވެ. އެވަރުން ފުދޭނެއެވެ.
މި ދުނިޔޭގެ މުދަލަށް ބަރޯސާ ނުކުރާށެވެ.
އެ މުދާ، ތިފަދަ އެތައް ބައެއްގެ ހިތްތައް އުފައުކޮށްދީ ނެތިކޮށްފައި ވެއެވެ.
ޠާހިރު ރޫޙު ތިބާއާ ވަކިވެގެންދާ ވަގުތު އަންނަ ހިނދު،
ތިމާ އޮތީ ބިންމަތީގައި ނުވަތަ ތަޚުތެއްގެ މަތީގައި ކަމަކު ވާނީ ކީއްހެއްޔެވެ؟
ވާހަކަ 2
ޚޫރުސާންގެ ރަސްކަލަކަށް، 100 އަހަރު ކުރިން ފުރައުއްތަ ވެފައިވާ އައްސުލްޠާނު މަޙްމޫދު ހުވަފެން ފުޅަކުން ފެނިވަޑައިގަތެވެ. ފެނިވަޑައިގަތީ އެ ރަސްގެފާނުގެ ދެލޯފުޅު ފިޔަވައި އެހެން ހުރިހާ ބައިތަކެއް ހިރަފުހަށް ވެފައި ވަނިކޮށެވެ. ދެލޯފުޅު، އެ ދެލޯފުޅުވާ ވަޅުގަނޑުގައި އެކި ފަރާތްފަރާތަށް ހިންގަވައެވެ. މިވާހަކަ ދަރުބާރުގައި ދެންނެވުމުން އެއްވެސް މީހަކަށް މި ހުވަފެންފުޅެއް ތަޢުބީރެއް ނުކުރެވުނެވެ.
މިހެން ކަންހިގާފައި ވަނިކޮށް، ދަރުބާރަށް އައި ދަރުވޭސީއަކު ދެންނެވިއެވެ. ”އެކަލޭގެފާނު އެއުޅުއްވަނީ އެކަލޭގެފާނުގެ ރަސްކަން އެހެން ފަރާތަކަށް ދިޔައީތީ ޙައިރާންފުޅު ވެގެންނެވެ.“
މަޝްހޫރު އެތައް ބައެއް ބިންމަތީގައި ވަޅުލެވިއްޖެއެވެ.
އެ މީހުން ދުނިޔޭގައި އުޅުނު ކަމުގެ އެއްވެސް ނިޝާނެއް މިހާރަކު ނުވެއެވެ.
މުސްކުޅި ޤަބުރުތައް، ބިމުގައި ވަޅުލެވުުމުން،
ވެލި، ޤަބުރު ނެތިކޮށްލި ވަރުން، ކަށިކޮޅެއްވަރުވެސް ރައްކަލެއް ނުވިއެވެ.
އެރަދުން އަވަހާރަވިތާ އެތައް ޒަމާނެއް ވީއިރުވެސް،
ނޫޝިރުވާންގެ މަތިވެރި ނަންފުޅު އަދިވެސް ދުނިޔޭގައި މަޝްހޫރެވެ.
އޭ އިންސާނާއެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ. ދިރިހުރުމަކީ ނަޞީބެއް ކަމަށް ދެކޭށެވެ.
ހަޅޭކުގެ އަޑުއަރާއިރު އިންސާނާގެ ފުރާނަ އޮންނަނީ ވަކިވެފައެވެ.
ވާހަކަ 3
އިސްކޮޅުން ދިގު ރީތި ފިރިހެން ދަރިންތަކެއް (އަމީރުން) ލިބިފައިވާ ރަސްކަލަކު، އޭނާގެ ކުރު ހުތުރު ދަރިފުޅަކާ ދިމާއަށް ނުރުހުމާއެކު ބައްލަވާލިތަން މި ދަރިފުޅު ދެކެފިއެވެ. މި ވިސްނުން ތޫނު އަމީރަށް، ރަސްގެފާނުގެ ބައްލަވާލެއްވުމުގެ މާާނަ، ވިސްނިވަޑައިގެން ވިދާޅުވިއެވެ.
”ބައްޕާއެވެ. ދިގު ގަބު މީހަކަށް ވުރެ، ކުރު ވިސްނުންތެރިޔަކު މާރަނގަޅެވެ. ބޮޑު ކޮންމެ އެއްޗެއްގެ އަގެއް ބޮޑެއް ނޫނެވެ. ކަންބަޅިއަކީ މަސްމީރު އެއްޗެކެވެ. އެތުގެ މަސް ވަނީ މުޅައެވެ.
ފަރުބަދަތަކުގެ ތެރެއިން އެންމެ ކުޑައީ ހޫރު ކަމުގައި ވިޔަސް، ﷲ ކިބަފުޅުގައި މޫރިތި ކަމާއި ދަރަޖައިގެގޮތުން އެ ފަރުބަދަ މަތިވެރިވެގެން ވެއެވެ.
އަޑު ނުއައްސަވަމުތޯއެވެ؟ ހިކި ދިގު ދަރިވަރަކު، ފަލަ މޮޔައަކާ ދިމާއަށް އެއްދުވަހަކު ބުންޏެވެ. ‹ބަލިވެފައިވާ ޢަރަބި އަހެއްގެ އަގު، ކޮށްޓެއް ފުރޭހާ ހިމާރަށް ވުރެމާ ބޮޑެވެ.›“
ރަސްގެފާނު މިވާހަކަތަކަށް ހިނިފުޅުވެޑުވިއެވެ. އަދި ރަސްކަލަކު ހިނިފުޅުވެޑުވުމުން އަރިހުގައި ތިއްބަވާ ބޭފުޅުން ހިނިފުޅުވަޑުވާ ފަދައިން ދަރުބާރުގައި މިކަން ހިނގައިފިއެވެ. ކުރު އަމީރުގެ ބޭބޭފުޅުން މިކަމާ ދެރަފުޅުވެ ވިދާޅުވިއެވެ.
މީހަކު ބަހެއް ނުބުނާ ހިނދަކު،
އޭނާގެ މާތްކަމާއި ކުށްތައް ވަންހަނާ ވެއެވެ.
ކޮންމެ ސަހަރާއެއް ހުސްކަމަށް ހީނުކުރާށެވެ.
އެތަނުގައި ނިދާފައިވާ މިނިކާވަގެއް ވެދާނެއެވެ.
މިކަން ހިނގިތާ ގިނަ ދުވަސްތަކެއް ނުވެ މި ރަސްގެފާނަށް ޢަދާވަތްތެރި އެހެން ރަސްކަލެއްގެ އުނދަގޫ ޖެހިއްޖެއެވެ. ދެ ލަޝްކަރު ހަނގުރާމައަށް ނުކުތް އިރު، އެންމެ ކުރީގައި ހުރީ ކުރު އަމީރެވެ. އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ދުވަހު، އެމީހެއްގެ ފުރަގަސް ދައްކާނޭ މީހަކީ އަހުރެންނެއް ނޫނެވެ.
އަހުރެން ވާހުށީ ލެޔާއި ހިރަފުހާ އެކުވެފައި ވަނިކޮން ފެންނަ މީހުންގެ ތެރެއިންނެވެ.
ފަހުލަވާނުން ޤުރުބާން ކުރަނީ އެމީހުންގެ ފުރާނައެވެ.
އަދާވަތްތެރިންގެ ލެއިން ފިލަނީކީ ނޫނެވެ.“
މިހެން ވިދާޅުވެ އަދާވާތްތެރިންގެ ސަފުތަކަށް ނުކުމެ އެތައް ބަޔަކު ޤަތުލުކޮށް އެނބުރިއައިސް ބައްޕާއަށް އިޙްތިރާމް އަދާކުރެއްވުމަށް ފަހު އަމީރު ވިދާޅުވިއެވެ.
”އަހުރެންގެ ސިފައާ ދޭތެރޭ ހިތްހަމަ ޖެހިވަޑައި ނުގަތަސް،
އަހުރެންގެ ކެރުމާދޭތެރޭ ޔަޤީން ކުރައްވާށެވެ.
ހަނގުރާމައިގެ ދުވަހު، ހިކި އަހެއްގެ ބޭނުން
ކާންދީ ފަލަކޮށްފައިވާ މީގޮނަކަށް ވުރެބޮޑެވެ.“
ބުނެވޭ ގޮތުގައި ޢަދާވާތްތެރިންގެ ޢަދަދު ގިނައެވެ. އަދި ރަސްގެފާނުގެ ފަހުލަވާނުން މަދެވެ. އަދި އަސްކަރީން ފިލަން ދުވަން އުޅޭ ކަހަލައެވެ.އެއްކަލަ ކުޑަ އަމީރުގެ ހަޅޭއްފުޅު ގަދައެވ:ެ ”އޭ ފިރިހެނުންނޭވެ. އަންހެނުންގެ ލިބާސް ނުލާށެވެ.“ މިބަސްތަކުން މިލަޝްކަރުގެ މީހުންގެ ފޯރި ގަދަވެ، އެންމެން އެއްފަހަރާ ޢަދާވާތްތެރިންނާ ޙަމަލާދީ ހަނގުރާމަ ކާމިޔާބު ކޮށްފިއެވެ. ހަނގުރާމަ ނިމުމުން ރަސްގެފާނު އަމީރުގެ ލޮލާއި ބޮލުގައި ބޮސްދެއްވާ އުރުއްވާލައްވައި، ޢުމުރުފުޅު ހުސްވަންދެން އެ ދަރިފުޅަށް ދެއްވާ ލޯބި ކުޑައެއް ނުކުރައްވަތެވެ. މިރަސްގެފާނު ވަލީ އަހުދަކަށް ހަމަޖެއްސެވީ މިކުރު ދަރިފުޅެވެ. މިކަމާ ހިތްހަމަ ޖެހިވަޑައިނުގެން، ބޭބެ އަމީރުން މީނާގެ ފަރިއްކޮޅަށް ވިހަ ލައްވައިފިއެވެ. ނަމަވެސް މިތަން ފެނިވަޑައިގެން ދައްތާފުޅު، އޭނާގެ ކޮޓަރިކޮޅުގެ ދޮރުފަތް ބާރަށް ޖައްސަވައިފިއެވެ. މި ކަމުގެ މާނަ، ކުރު އަމީރަށް އެނގިވަޑައިގެން ފަރިއްކޮޅަކުގައި އަތްޕުޅު ނުލައްވާ ވިދާޅުވިއެވެ. ”ޤަދަރުވެރިން މަރުވެ، ޤަދަރެއް ނެތް މީހުންނަކަށް ޤަދަރުވެރިންގެ ޙައްޤެއް ލިބިގެނެއް ނުވާނެއެވެ.“
ބަކަމޫނެއްގެ ހިޔަނިދަށަށް ވެސް އެއްވެސް އެއްޗެއް ނުދެއެވެ.
ހޯމާ މި ދުނިޔެއިން ހުސްވިއަސް މެއެވެ.
ރަސްގެފާނަށް މިކަންތައް އެނގިވަޑައިގެންނެވުމުން، އެ ބޭބެއިންނާ ދޭތެރޭ ވަރަށް ހިތްޕުޅާ ނުކުރައްވައި މައްސަލަ ހަމަޖެހި ޞުލްޙަ ވަންދެން ދުރު ސަހަރުތަކަށް އަރުވާ ލައްވައިފިއެވެ. މީހުން ބުނެތެވެ. ‹ދިހަ ދަރުވޭސީން އެއް ރަޖާގަނޑެއްގެ ދަށުގައި ނިދިއަސް އެއް ޤައުމެއްގައި ދެރަސްކަލަކަށް ނުއުޅުއްވެއެވެ.›
ދީންވެރިޔަކު ޕާނެއްގެ ދެބައިކުޅަ އެއްބައި ކައި،
ބާކީބައި ފަކީރުންނަށް ބަހައިފާނެއެވެ.
ނަމަވެސް ރަސްކަލަކު ހަތް ބައްރުު ފަތަހަ ކުރިއަސް،
އޭނާ އަދި އިތުރު ސަރަޙައްދެއް ފަތަހަ ކުރަން އެދޭނެއެވެ.
ވާހަކަ 4
މަގުފޭރޭ ބަދަވީންތަކެއް، ފަރުބަދައެއްގެ އެންމެ މަތީގައި ގެދޮރު އަޅައި، ފަރުބަދައިގެ ތިރީގައިވާ ވާދީގެ ތެރެއިން ދަތުރު ކުރާ ކާރުވާންތައް ފޭރެން ފަށައިފިއެވެ. މިކަމާ މި ސަރަހައްދުގެ އަހުލުވެރިންނަށް އުނދަގޫވެގެން ރަސްގެފާނަށް ދަންނަވައިގެން ވެސް ވާދީ އަމާން ކުރެވޭ ގޮތެއް ނުވިއެވެ. ފޭރޭ މީހުންނަށް ޙަމަލާދޭން ލަޝްކަރީންނަށް ކައިރިވެވޭކަށް ނެތެވެ. އެމީހުން ތިބެނީ ފަސޭހައިން ދިފާޢު ކުރެވޭ އުސް ހިސާބެއްގައެވެ. މި ސަހަރުގެ ބޮޑުން މި މުސީބާތުން ސަލާމަތް ވާނޭ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާ ކުރިއެވެ. އެއީ މިމީހުން މިތަނުގައި ވަޒަން ވެރި ވެއްޖެނަމަ، ފަހުން އެމީހުން ފައްސާލަން އުނދަގޫ ވާނެތީއެވެ.
ގަހެއްގައި ކިރިޔާ މޫލުމުން، ކުޑަކުއްޖެއްގެ ބާރުންވެސް އެހެން ތަނަކަށް އެ ގެންދެވިދާނެއެވެ.
ގިނަދުވަސްވެ ބޮޑުވުމުން، ނަގިލި ނަގާ ވިންޗަކުންވެސް އެ ގަސް ތިބާއަކަށް އުފުރައެއް ނުލެވެއެވެ.
ފެން އަރާ އާރެއް، ދުންޏެއްގެ ކޮޅުންވެސް ބައްދާލެވިދާނެއެވެ. ނަމަވެސް، އާރަކުން އަރާ ފެން ދުވަސްވެ ގިނަވުމުން އެތެއްގެ މަތީގައިވެސް އެ ފެންގަނޑު ހުރަހެއް ނުކުރެވޭނެއެވެ.
މި މަޝްވަރާއިން ނިމުނީ ވަގުން ތިބޭ ތަން ހުސްވެފައިވާ ވަގުތެއް ހޯދުމަށް، ޖާސޫސަކު ފޮނުވުމަށެވެ. ފޮނުވާ ޖާސޫސު ކަލޭގެ ފޭރެންވެގެން މީހުންތައް ނިކުމެ އެތަން ހުސްވާނޭ ވަގުތެއްގެ އިންތިޒާރުގައި ފިލައި ހުރިއެވެ. ހަނގުރާމައިގައި ތަޖުރިބާ ލިބިފައިވާ ފަހުލަވާނުންތަކެއް، އިޝާރާތެއް ވަންދެން ފަރުބަދައިގެ ހޮހޮޅައެއްގައި ވަގުންނަށް ޙަމަލާދޭން ފިލާ ތިބިއެވެ.
ހަވީރުވުމުން ވަގުންތައް އެމީހުން ފޭރުނު މުދާ ހިފައިގެން އަތުވެއްޖެއެވެ. ދެން އެމުދާތައް ފޮރުވާ އެމީހުންގެ ހަތިޔާރުތައް ބާލައިފިއެވެ. މިހާ ހިސާބުން އެމީހުންނަށް ހަމަލާދިން އެންމެ ފުރަތަމަ އަދާވާތްތެރިއަކީ ނިންޖެވެ. އެއަށް ފަހު އެއް ދަން ފާއިތު ވެއްޖެއެވެ.
އިރުގެ ބުރު އަނދިރީގެ ތެރެއަށް ގެއްލިއްޖެއެވެ.
ޔޫނުސްގެފާނު، މަހުގެ އަގައިގެ ތެރެއަށް ވަންނަވައިފިއެވެ.
ފިލާތިބި ފަހުލަވާނުންތައް، ކުއްލިއަކަށް ނުކުމެ ވަގުންގެ އަތްތައް މުލައްދަޑިއާއެކު ބަނދެ، ހެނދުންވުމުން ރަސްގެފާނުގެ ދަރުބާރަށް ގެނެސްފިއެވެ. ރަސްގެފާނުން އެ އެންމެން މަރާލުމަށް އަމުރު ކުރައްވައިފިއެވެ. މި ވަގުންގެ ތެރޭގައި ޒުވާނެއް ހުއްޓެވެ. ތާޒާކަމާއި ބާރުގެ މޭވާ ފައްކާވަމުންދާ، އަދި އެކުއްޖެއްގެ ކޯތާފަތްމަތީގައި ގުލިސްތާނެއްގެ ކުރިތައް ފޮޅެމުންދާ ފަރި ޒުވާނެކެވެ. ވަޒީރުންގެ ތެރެއިން އެއް ބޭފުޅަކު، ރަސްގެފާނުގެ ތަޚުތުގެ އެއްފައިގައި ބޮސްދެއްވާ، ރަޙުމަށް އެދި މޫނުފުޅު ބިންމަތީގައި ޖައްސަވައި ދަންނަވައިފިއެވެ. ”ދިރިއުޅުމުގެ ގަހުން މިކުއްޖާ އެއްވެސް މޭވާއެއް ކައިފައެއް ނުވެއެވެ. އަދި ޒުވާންކަމުގެ އުފާތަކެއް ހޯދާފައެއް ނުވެއެވެ. މާތް މަނިކުފާނު، މިޒުވާނާ މަރުން ސަލާމަތް ކުރައްވައިގެން، މިއަޅާގެ މައްޗަށް މަނިކުފާނުގެ ދީލަތިކަމާއި އޯގާތެރިކަމުގެ ބަދަލެއް ޝަރުޠު ކުރައްވާށިއެވެ.“
ވަޒީރުގެ މިއެދުންފުޅާ ދޭތެރޭ ރަސްގެފާނު ހިތްޕުޅާނުވެ ވިދާޅުވިއެވެ.
”އެމީހެއްގެ ބިންގާ ނުބައި މީހަކު، ރަނގަޅުގެ ކިބައިން އިރުޝާދެއް ނުހޯދާނެއެވެ. ހެޔޮނޫން މީހުންނަށް އުނގަންނައި ދިނުމަކީ ދަނގަޑުވިރުވާ އުނދުނެއްގެ މައްޗަށް ޕިސްތާ އުކުންފަދަ ކަމެކެވެ. {ޕިސްތާ ކިޔަނީ، އިނގިރޭސިބަހުން ޕިސްޓާޝިއޯ ކިޔާ ހަރުތޮށްޓެއް ހުންނަ ފެހި ކުލައިގެ މަދަކަށެވެ.}
މި ނުލަފާ ނަސްލުގެ މީހުންނާއި ކުދިން ނައްތާލުން މާ ރަނގަޅެވެ. އަދި ބިންގާތަކާއި މޫތައް އުފުރާލުން މާ ހެޔޮވެގެން ވެއެވެ. ހުޅުގަނޑު ނިންވާލައި އަލިފާން ބެހެއްޓުމަކީ އަދި ހަރުފަ މަރާލާފައި އޭގެ ދަރިންތައް ދޫކޮށްލުމަކީ ޙިކްމަތްތެރިންގެ ކިބައިގައިވާ ކަމެއް ނޫނެވެ.“
ދިރިއުޅުމުގެ ފެން، ވާރޭގެ ގޮތުގައި ވިލާގަނޑަކުން ވެހުނަސް،
ވިހަ ސަފުސާފު ގަހެއްގެ ގޮފިން އެފެން ނުބޯށެވެ. {ސަފުސާފުގަހަކީ އޮފިވަރަށް ބޮޑަށް އެލޭ ވިހަ ފަތެއް ހުންނަ ގަހެކެވެ}
ވަކަރުގޭ ކުދިންނާ އެކުލަވައި ނޫޅޭށެވެ.
ތިބާއަކަށް އޮނަކުން އުއްދަނޑީގެ ފޮނިކަމެއް ނުފެލޭނެއެވެ.
ވަޒީރު، މިބަސްތައް އަޑުއައްސަވައި، ރުހިގެން ނުވަތަ ނުރުހިގެން ނަމަވެސް، އެބަސްތަކަށް ޚުޝާމަދުކޮށް، ރަސްގެފާނުންގެ ޚިޔާލުފުޅަށް ހެޔޮބަސްތަކުން ވެދުންކޮށް ވިދާޅުވިއެވެ.
”މިއަޅާގެ ރަސްގެފާނުގެ ބަސްފުޅަކީ ތެދެވެ. މި ކުއްޖާ، އެނުބައިމީހުންނާއެކު ބޮޑުވެއްޖެ ނަމަ، އެމީހުން ފަދައިން ވާނެއެވެ. މިއަޅާގެ އުއްމީދަކީ، މާތްވެގެންވާ ދީނީ ޢިލުމުވެރިންގެ ތެރޭގައި މިކުއްޖާ ބޮޑުކޮށް، ތަޢުލީމުގެ މަންފާއިން ޙިކުމަތްތެރިންގެ ސިފަތައް އަށަގެންނެވުމެވެ. ކުޑަކުއްޖަކަށްވާތީ، މީނާގެ ތަބީއަތުގައި އެ ނުލަފާ މީހުންގެ ދެކޮޅުވެރި އަދި ރުޅިވެރި ޚިޔާލާތެއް މޫލާފާއެއް ނުވެއެވެ. ރަސޫލާގެ ބަސްފުޅެއްގައި ވޭނޫންތޯއެވެ؟ ކުޑަކުއްޖަކު ދުނިޔެއަށް އަންނަނީ ފިޠުރީ ގޮތުން އިސްލާމެއްގެ ގޮތުގައެވެ. އެކުއްޖާ، ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.“
ލޫޠުގެފާނުންގެ އަނބިކަބަލުން، ނުލަފާމީހުން ރައްޓެހިންނަށް ހެއްދެވިއެވެ.
ރަސޫލުކަމުގެ ދަރިފަސްކޮޅު އެ ވަންހައިން ހުއްޓުނެވެ.
ހޮހޮޅައިގައިވާ ރަޙްމަތްތެރިންނާއެކު ދުވަސްތަކެއް ކުއްތާ ހޭދަކުރިއެވެ.
ހެޔޮލަފާމީހުންނާ އެކުވުމުގެ ސަބަބުން ކުއްތާ އިންސާނަކަށް ބަދަލުވިއެވެ.
ވަޒީރު މިހެން ދަންނަވައި އަދި ދަރުބާރުގައި ތިއްބެވި އެހެން ވަޒީރުންވެސް މި ވަޒީރުގެ އެދިވަޑައިގަތުމަށް އެއްބަސްވެ ވަޑައިގެން ޢަފޫއަށް އެދިވަޑައިގަތުމުން، އެ ޒުވާނާ ޤަތުލު ކުރައްވަން ރަސްގެފާނު ބޭނުންފުޅު ނުވެ ވިދާޅުވިއެވެ. ”އަހުރެން، ތިކަމާ ހިތްހަމަ ނުޖެހުނަސް، ވަޒީރުގެ ތި އެދުން ފުއްދާދޭނަމެވެ.“
ޒާލް، ރުސްތުމްއަށް ދިން ނަޞޭހަތް ތިބާ ދަންނާށެވެ.
ޢަދާވާތްތެރިއެއް ބާރެއް ނެތް ގޮތެއްގައި ނުވަތަ އެހީތެރިކަމެއް ނުލިބޭގޮތެއްގައި ނުހިފޭއްޓޭނެ އެވެ.
ކުޑަކުޑަ އާރަކުން ފެށޭ ކިތަންމެ ކޯރެއް،
ބޮޑުވެ އޭގެ އޮއިގައި ޖަމަލުވެސް ގެންދަނިކޮށް އަހުރެން ދުށީމެވެ.
ކުރުގޮތަކަށް ބުނާނަމަ، ވަޒީރު އެ ކުއްޖާބޮޑުކުރީ ވަރަށް މޫރިތިކޮށް، ހުރިހާ ފަސޭހަތަކެއް ހޯދައިދީ، އުނގަންނައިދޭ އެދުރުން ލައެވެ. މި އެދުރުން، އޭނާއަށް އެކި މީހުންނާ ރިވެތިކޮށް މުޢާމަލާތް ކުރަން ދަސްކޮށްދީ އެކި ހުނަރުތައް ފަރިތަކޮށްދިނެވެ. މި ކުއްޖާގެ މޮޅުކަމުގެ ވާހަކަ އެއް ދުވަހު ރަސްގެފާނަށް ދަންެނަވައި، ޙިކްމަތްތެރިންގެ ބަހުން އެ ކުއްޖާއަށް އަސަރުކޮށް އޭނާގެ ކުޑައިރުގެ ނުބައިގޮތް، އޭނާގެ ކިބައިގެން ހިނގައްޖެ ވާހަކަ ދެންނެވިއެވެ. ރަސްގެފާނު ހިނިފުޅުވަޑުވައި ވިދާޅުވިއެވެ.
އިންސާނުންނާ އެކު އުޅެބޮޑު ވިޔަސް،
އެންމެފަހުން ޒިއުބެއްގެ ދަރި ވާނީ ޒިއުބަކަށެވެ.
ދެ އަހަރު ފާއިތު ވެއްޖެއެވެ. އެ ކުއްޖާ ހިސާބުގަޑުގެ ބަދަވީންތަކަކާ އެކުވެރިކަމުގެ ގޮތް ޖަހައިފިއެވެ. ފުރުޞަތު ލިބުމުން، ވަޒީރާއި އޭނާގެ އަޞްލު ފިރިހެން ދަރފުޅު މަރާލައި، އެމީހުންގެ ޢަދަދު ނުކުރެވޭ މުދާތައް ހިފައިގެން ފަރުބަދަ މައްޗަށް އަރައި، މިކުއްޖާގެ ބައްޕާ، ޤާއިމްކުރި ބަދަވީންގެ ހޮހޮޅައިގައި ވެރިކަން ކުރަން ފަށައިފިއެވެ. މިވާހަކަ ރަސްގެފާނަށް ދެންނެވުމުން، ހައިރާންކަމުގެ އިނގިލި ދެ ދަތްޕިލަފުޅު ދޭރެއަށް ލައްވައި ވިދާޅުވިއެވެ.
ދެރަ ދަގަނޑުން މޮޅު އެކަތަ ކަނޑިއެއް ހަދާނީ ކިހިނަކުން ހެއްޔެވެ؟
އެއްޗެއް ނުދަންނަ މީހާ، ބުއްދިވެރިޔަކަށް ވަނީ ތަޢުލީމުގެ ސަބަބަކުން ނޫނެވެ.
އޭގެ ތާސީރުގައި އެއްވެސް ވިހައެއް ނުވާ ވާރޭ،
ބަގީޗާއަށް ވެހުމުން ބިމުން ގުލްއަލާ ފެޅިޔަަސް، ދެރަ ވެލިގަނޑުން ހެދެނީ ތޮނައެވެ.
ލޮނު ވެއްޔަކު ގުލްސަންބަލެއް ނުފޮޅޭނެއެވެ.
ތިބާގެ އޮށް ނުވަތަ މަސައްކަތް ބޭކާރު ނުކުރާށެވެ.
ނުލަފާ މީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަކީ
ރަނގަޅުމީހުންނާ ދޭތެރޭ ނުބައިކޮށް ކަންތައް ކުރުމެވެ.
ވާހަކަ 5
އޮގްލިމިޝް ގަނޑުވަރުގެ ދޮރޯށިކައިރިން ލަޝްކަރުގެ އޮފިސަރެއްގެ ފިރިހެން ދަރިއަކު އަހުރެން ދުށީމެވެ. އޭނާއަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއި ފިކުރު ލިބިފައި ވެއެވެ. އޭނާ ކުޑައިރުވެސް، ފަހުން ލިބޭނޭ ޢިއްޒަތުގެ ނިޝާންތައް ނިތްކުރިން ފައުޅުވެ ފައުޅުވެ ހުއްޓެވެ.
ފިކުރުގެ ސަބަބުން އޭނާގެ ބޮލުން
ޢިއްޒަތުގެ ތަރި ބަބުޅާ ހުއްޓެވެ.
ރަސްގެފާނު އޭނާއާ ވަރަށް ގާތްގުޅުމެއް ބަހައްޓަވައެވެ. އެއީ އޭނާގެ މޫނުމަތީގެ އުޖާލާކަމުންނާއި ވިސްނުމުގެެ ބަރާބަރުކަމުންނެވެ. ފަލްސަފާވެރިން ބުނެފައި ވެއެވެ. ”ބާރު އެކުލެވިގެންވަނީ ކާމިޔާބު ޢަމަލުތަކުންނެވެ. މުއްސަނދިކަމަކުންނޫނެވެ. އަދި ޢިއްޒަތް ބިނާވެގެންވަނީ އުމުރަކުންނޫނެވެ. ފިކުރުންނެވެ.“ އޭނާއާ އެކު އުޅޭ އެހެން މީހުން، މީނާއާ މެދު ޙަސަދަވެރިވެ، މަރާލުމަށް މަސައްކަތް ކުރަތެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަން ވަނީ ނާކާމިޔާބެވެ.
”ރަޙްމަތުގެވެރިޔާ“ އޯގާތެރިވުމުން
ޢަދާވަތްތެރިޔާ ކުރާނީ ކީއްހެއްޔެވެ؟
ރަސްގެފާނު ސުވާލުކުރެއްވިއެވެ. ”އެވެރިން ތިބާއާ އެހާ ޢަދާވާތްތެރިވަނީ ކީއްވެ ހެއްޔެވެ؟“ އޭނާ ޖަވާބު ދިނެވެ. ”އަހުރެންގެ ރަސްގެފާނުގެ ހިޔާފުޅުގައި ހުންނަވައި، ޙަސަދަވެރިން ފިޔަވައި އެހެން އެންމެންގެ ހިތްހަމަ ޖައްސާދެމެވެ. އަހުރެންގެ ނަޞީބު ދަށަށް ދިއުމުންނޫނީ އަހުރެންނާމެދު ޙަސަދަވެރިން ހިތްހަމައެއް ނުޖެހޭނެެވެ. ރަސްގެފާނުންގެ ރަސްކަމާއި ހެޔޮ ނަޞީބު އަބަދަށް ޤާއިމް ކުރައްވާށިއެވެ.“
އެހެން މީހުން ހިތުގަ ނުޖެހޭގޮތަށް އަހުރެންނަށް އުޅެވިދާނެއެވެ.
އެކަމަކު އަމިއްލަ ނަފުސާ ދޭތެރޭ ހިތްހަމަ ނުޖެހޭ މީހާއަށް އަހުރެން ކޮށްދޭނީ ކޮން ކަމެއް ހެއްޔެވެ؟
އޭ، ޙަސަދަވެރިޔާއެވެ. މަރުވާށެވެ. ތިއީ ބައްޔެކެވެ.
މަރުން ނޫނީ ތި ބަލިން ނަޖާވުމެއް ނެތެވެ.
ބަދުނަޞީބުވެރިން ބައެއް ފަހަރު އެންމެ ބޮޑަށް އެދެނީ
މުއްސަނދިންގެ ޢިއްޒަތާއި މުދާ ހުލިވުމަށެވެ.
ވާލުގެ ލޯ ލިބިފައިވާ މީހުންނަށް ދުވާލު ތަންތަން ނުފެނުމުން
އެއީ އަލީގެ ފެންއާރު ކަމުގައިވާ އިރުގެ ކުށެއް ހެއްޔެވެ؟
ތިބާވެސް ހެޔޮ ހިތުން އެދޭނީ، އިރުގެ ނޫރުކެނޑުމަށްވުރެ ބޮޑަށް
އެފަދަ އެއްހާސްލޯ ކަނުވުން މާރަނގަޅު ކަމަށެވެ.
ބުއްދިވެރި ވާހަކަތަކެއް. ތަރުޖަމާ ނިކަން ނަލަ
Very interesting
Very interesting
👍👍👍👍👍👍👍👍
Ibrathun furigenvaa reethi vaahakathakeh. V rangalhu.