6081846991_3eccdc7bba_o

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ދުއްވަނީ ކަރަންޓުންނެވެ.

މަތީގައިވާ ޖުމްލަ ކިއުއްވާފައި ބައެއް ބޭފުޅުން ޙައިރާންފުޅު ވާނެ އެވެ. ”އެއީ ހަމަ ތެދެއްހެއްޔެވެ؟ މިއީ އަޑުއެހި ވާހަކައެއް ނޫނެވެ. ވަށްބަހުގެ ޢިބާރާތެއް ނުވަތަ މާނައެއް ޖުމްލައިގައި ހިމެނޭ ބާވައެވެ؟“

ތެދުފުޅެކެވެ. އަޅުގަނޑު މާނަ ކުރަނީ 1998 ވަނަ އަހަރުން ފެށިގެން ބަން އުޅަނދަށެވެ. އަދި ޚާއްޞަކޮށް ފަސިންޖަރުން އުފުލުމަށް ބަންނަ ”ކުރޫޒް ޝިޕް“ ކިޔާ ”ޓައިޓޭނިކް“ ފަދަ،  ބޯޓުތަކަށެވެ. މިއީ ވަރަށް ކުރިއާއި ފަހުގެ ޓެކްނޯލޮޖީ އެއް ކަމުން ބައެއް ބޭފުޅުންނަށް އަދި މި މަޢުލޫމާތު ނުފޯރާ ވެދާނެއެވެ. ނަމަވެސް، އަޅުގަނޑަށް ޔަޤީންއެވެ. މި މަޒުމޫނު ނިމެންދެން ވިދާޅުވާ ބޭފުޅުން، ބޯޓެއް އަލަށް ބަންނަވާނަމަ، ކަރަންޓުން އެ ދުއްވުމާ ދޭތެރޭ ވަރަށް ވިސްނަވާ ވަޑައިގަންނަވާނެއެވެ.

މި މަޒުމޫނުގެ އެއް ބޭނުމަކީ ކަރަންޓުން އޮޑިދޯނި އަދި ބޮޑެތި ބޯޓު ފަހަރު ދުއްވާ ގޮތާއި މިކަމުގެ ފައިދާ ތަކާއި މިގޮތަށް ދުއްވާނެގޮތް  އަމިއްލަފުޅަށް ހައްދަވާނެ ގޮތް ދަންނަވާލުމެވެ. އަނެއް މަޤްޞަދަކީ އަޅުގަނޑު ފަހުން ލިޔަން ޤަޞްދުކުރާ، ރާއްޖެއަށް ވަރަށް އެކަށީގެންވާ އުޅަނދެއް، ކަރަންޓުން ދުއްވާނެ ގޮތް ދޭހަވެ ވަޑައިގަތުމަށް ބޭނުންފުޅުވާ މަޢުލޫމާތު އަރިސް ކޮށްލުމެވެ.

cunard-line-queen-mary-2-exterior-02-galleryދުނިޔޭގައި މިއަދާއި ހަމައަށް ބަނދެފައިވާ އެންމެ ބޮޑު ބޯޓަކީ ”ކްއީން މޭރީ 2“ ކިޔާ ފަސިންޖަރުން އުފުލައިގެން ދަތުރުކުރާ ބޯޓެކެވެ. މި ބޯޓުގެ ފޮޓޯއެއް މަތީގައި އެ ވަނީ އެވެ. ބޯޓުގެ ދިގުމިނަކީ 1132 ފޫޓެވެ. ފުޅާމިނަކީ 135 ފޫޓެވެ. ފަށަނުން އެންމެ މައްޗާ ހަމައަށް 236 ފޫޓު ހުރެއެވެ. މިއީ 20 ބުރީގެ ޢިމާރާތަކަށް ވުރެ އުސް ބޯޓެކެވެ. މާލޭގައި ހުރި އެއްވެސް އެއްޗެއް މިއަށް ވުރެ އުހެއް ނުވާނެއެވެ. 2620 ފަސިންޖަރުން ނިދޭ ގޮތަށް ހަދާފައިވާ މި ބޯޓުގައި، އެމީހުންގެ މެހެމާންދާރީއާއި ބޯޓު ބެލެހެއްޓުމުގެ ކަންތައްތަކަށް 1238 ފަޅުވެރިން އުޅެއެވެ. މި ބޯޓުން 150,000 ޓަނު އުފުލެއެވެ. ނަމަވެސް މި ބޮޑު ބޯޓުގައި ގަޑިއަކު 34 މޭލުގެ ދުވެލި ހުރެއެވެ. މިއީ ގަލްފްކުރާފްޓް ”ޓުއަރިން 36“ ލާންޗެއް ދުވާ ވަރަށް ވުރެ ބާރު ދުވެއްޔެކެވެ.

ނަމަވެސް މިބޯޓުގެ އެންމެ އާދަޔާ ޚިލާފު އެއްކަމަކީ އޭގެ ބޮޑު ކަމެއް ނޫނެވެ. އެހެން މިފަދަ ބޯޓުތައް ފަދައިން މި ބޯޓު ދުއްވަނީ އިންޖީނުގެ ބާރު، ޝާފްޓެއް މެދުވެރިކޮށް، ބުރައްފައްޗަށް ފޮނުވައިގެންނެއް ނޫނެވެ. މި ބޯޓުގެ އިންޖީނުަތައް ބުރައްފައްޗާ ސީދާ ގުޅާފައެއް ނުހުރެއެވެ. ބޯޓުގެ ބުރަފަތި އަނބުރަނީ ބޮޑު ކަރަންޓު މޯޓަރަކުންނެވެ. މޯޓަރު ހުންނަނީ ބޯޓުގެ ބަނޑުފިލައިގެ ތިރީގައި  ހަރުކޮށްފައެވެ. މިއީ ވޭތިވެދިޔަ ވިއްސަކަށް އަހަރުތެރޭގައި ބަންނަ ހުރިހާ މިފަދަ ބޮޑެތި ބޯޓު ފަހަރެއްވެސް ދުއްވާ ގޮތެވެ.

ބޯޓުގައި ހަރުކުރާ މޯޓަރު ހުންނަނީ، ފޮޓޯއިން ފެނިވަޑައިގަންނަވާ ފަދަ، ދެކޮޅު ހިމަ މެދު ފަލަ ކުރު ތޮރައެއްގެ ސިފައަށް ހުންނަ ބައެއްގެ ތެރޭގައެވެ. މިބައިގެ ތެރޭގައިވާ މޯޓަރަށް ބޭނުންވާ ކަރަންޓު އުފައްދަނީ ބޮޑެތި ޖެނެރޭޓަރުންނެވެ.  މި ”ތޮރާ“ އަށް އިނގިރޭސި ބަހުން ކިޔަނީ”ޕޮޑު“ އެވެ. (ޕޮޑު އަޞްލު ކިޔަނީ އޮށް ހުންނަ  ތޮޅިއަށެވެ. މިސާލަކަށް ހިމެރިތޮޅިއަކީ ޕޮޑެކެވެ.) މޯޓަރު ޕޮޑުގެ ތެރޭގައި ހުންނަ ގޮތް ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވާނެއެވެ.

0inside

ޕޮޑު ހަރުކޮށްފައި ހުންނަ ގޮތުން، އެ ވަށައިގެން އަނބުރާލެވެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ބޯޓުގައި ޕޮޑު ހަރުކޮށްފައި ހުންނަނީ އެނބުރޭ ތަނޑިއެއްގައެވެ. ތިރީގައި އެވަނީ މިބައިގެ ކުރެހުމެކެވެ.

movementމޯޓަރާއި ބުރަފަތި ފަރާތްފަރާތަށް އެނބުރޭ ގޮތަށް ޕޮޑު ހަރުކޮށްފައި ހުންނާތީ މޯޓަރުން ދުއްވާ ބޯޓެއްގައި ހުންގާނެއް ނުހުންނާނެއެވެ. ހުންގާނު ހިފަން ހަދާގޮތަކީ އައުޓްބޯޑު އިންޖީނު ފަދައިން މުޅި ޕޮޑު ބޭނުންވާ އަތަކަށް އަނބުރާލަނީއެވެ. ޕޮޑު ވަށައިގެން ނުވަތަ 360 ދަރަޖައަށް އެނބުރެއެވެ. އެހެންކަމުން، ބޯޓު ކިތަންމެ ބޮޑަސް ގާތްގަނޑަކަށް އޮތްތާ އޮވެފާ އެ ވަށައިގެން އަނބުރާލެވޭނެއެވެ. ކުރިއަށްދުވާ ބާރު މިނުގައި ފަހަތަށް  ދުވާނެއެވެ.

އިންޞާފުކުރެވޭ މަޢޫޟޫޢު އާ ސީދާ ނުގުޅުނަސް، ބޮޑެތި ބޯޓު ފަހަރުގައި ހުންނަ އިންޖީނާ ބެހޭ ގޮތުން ދެތިން ވާހަކައެއް ދަންނަވާލިއަ ދެއްވާށެވެ. ދޭހަ ދަތިފުޅުނަމަ، ދެން އަންނަ ޕެރެގްރާފުން ކިޔުއްވަންފައްޓަވާށެވެ. އިންޖީނެއްގެ ބާރުގަދަމިން މިނާ ވަޒަނަށް ކިޔަނީ ހޯސްޕަވަރުކަން ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަ ވާނެއެވެ. އެއީ ކުރީގެ މިންގަޑެކެވެ. ރާތާ ގެ ބަދަލުގައި ކިލޯގްރާމް މިހާރަކަށް އައިސް ބޭނުން ކުރާ ފަދައިން، މިޒަމާނުގައި އިންޖީނުގެ ބާރުގަދަމިން ބަލަނީ ވޮޓުންނާއި ކިލޯވޮޓުންނެވެ. އެއް ހޯސްޕަވަރަކީ ގާތްގަޑަކަށް 647 ވޮޓެވެ. ނުވަތަ 0.746 ކިލޯވޮޓެވެ.  5 ހޯސްޕަވަރުގެ އައުޓުބޯޑު އިންޖީނެއްގައި ހުންނާނީ  3730 ވޮޓެވެ. ނުވަތަ 3.7 ކިލޯވޮޓެވެ. ބޮޑު ކާރު އިންޖީނެއްގައި ހުންނާނީ 200 ކިލޯވޮޓެވެ. މުޅި މާލެއަށް އެންމެ ދަށްވެގެން ބޭނުންވާ ކަރަންޓަކީ ގާތްގަޑަކަށް 21000 ކިލޯވޮޓެވެ. ނުވަތަ 21 މެގަވޮޓެވެ. އެއީ 1000 ކިލޯވޮޓަކީ އެއް މެގަވޮޓް ކަމަށްވާތީއެވެ. ކްއީން މޭރީގެ ކޮންމެ ޕޮޑެއްގެ ބާރުގަދަ މިނަކީ 20 މެގަވޮޓެވެ.  އެހެންކަމުން, މީގެ 4 ޕޮޑު ހުންނަނަމަ، އެ ބޯޓުގެ ޖެނެރޭޓަރު ތަކުގެ ބާރުގަދަމިން ތިޔަބޭފުޅުން ޚިޔާލު ކޮށްލައްވާށެވެ.

ތެދުތެދަށް ދަންނަވަނީނަމަ، 30 މެގަވޮޓަށްވުރެ ބާރުގަދަ ނަމަ، އިންޖީނެއްގައި ފިސްޓަން ބޭނުން ކުރުމަށްވުރެ ފައިދާ ބޮޑުވާނީ ގޭހުން ނުވަތަ އާވިން ބުރަފައްޗެއް އަނބުރާ އިންޖީނެވެ. ބޮޑެތި އިންޖީނުގޭގައި ކަރަންޓު އުފައްދަނީ ވެސް މިފަދަ ބުރަފައްޗެއް އަނބުރައިގެންނެވެ. އަދި ކްއީން މޭރީ އާއި އެހެން އެފަދަ ބޯޓުފަހަރުގެ ޖެނެރޭޓަރު އަނބުރަނީ، ބާރަށް ދުއްވަން ބޭނުން ނަމަ، މިދެންނެވި ފަދަ ފިސްޓަން ނުހުންނަ އިންޖީނަކުންނެވެ. މިވާވަތުގެ އިންޖީނަށް ކިޔަނީ ”ގޭސް ޓާރބައިން“ އެވެ.

އާދެ! ދެން ތިޔަ ބޭފުޅުން ކުރައްވާނެ ސުވާލަކީ މޯޓަރުން ބޯޓު ދުއްވުމުގެ ފައިދާ ތަކަކީ ކޮބައިތޯއެވެ؟ ޖަވާބު ދެންނެވުމުގެ ކުރިން ޖަވާބާ ދޭތެރޭ ވިސްނަވާ ލައްވާށެވެ. ރިޔާނަގައިގެން ދުއްވަމުން އައި ނައުތައް އިންޖީނު އެޅުމުން އައި އިންޤިލާބު، އިންޖީނު އަޅައިގެން ދުއްވަމުންދާ ބޯޓުތައް، މޯޓަރުން ދުއްވަން ފެއްޓުމުން އަންނާނޭ ކަމަށް ގިނަބަޔަކު ހީކުރެއެވެ. ހަމަކަށަވަރުންވެސް، ޔަޤީން ކުރެވޭ ކަމަކީ، މިކަމަކީ ފައިދާއެއް ނެތް ކަމެއްކަމުގައި ވާނަމަ، އެއްވެސް ބަޔަކު މިކަމެއް ނުކުރާނޭ ކަމެވެ. ނަމަވެސް މިހާރަކަށް އައިސް ބަންނަ ހުރިހާ ބޮޑެތި ބޯޓެއް ކަރަންޓުން ދުއްވާގޮތަށް ހަދާތީ، މިކަމުގައި ގިނަ މަންފާތަކެއް ވާކަން ތިބާއަށް ޔަޤީން ވާނެއެވެ. އެއީ ކޮން މަންފާތަކެއް ތޯއެވެ؟

ތެޔޮ ޚަރަދު ކުޑަވުން

ކޮންމެ އިންޖީނެއްވެސް އެންމެ ތެޔޮ ޚަރަދު ކުޑަކޮށް ދުއްވެނީ ވަކި ވަރެއްގައި އެއިންޖީނު ހިންގީމައެވެ. މިއީ އެ ހިންގަން ފަރުމާ ކޮށްފައި ހުންނަ ވަރެވެ. މިއަށް ވުރެ ބާރަށް ނުވަތަ މަޑުން އިންޖީނު ހިންގާނަމަ، ތެޔޮ ޚަރަދު ކުޑައެއް ނުވާނެއެވެ. ނަމަވެސް އެއްވެސް ބޯޓަކީ އެ ދުއްވަން ޑިޒައިން ކޮށްފައިވާ ބާރުމިނުގައި އަބަދު ދުއްވޭނޭ އެއްޗެއް ނޫނެވެ. ބޯޓެއްގައި މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެއެވެ. އެހެނީ ބޯޓެއް އޭގެ އެންމެ ފުރިހަމަ ބާރު މިނަށްވުރެ ހަތަރުބައިކުޅަ އެއްބައިގައި ދުއްވާނަމަ، ބޭނުންވަނީ އިންޖީނުގެ ވިހިބައިކުޅަ އެއްބައި ބާރެވެ. ނަމަވެސް އިންޖީނު ހިންގަންދާ ތެޔޮ ޚަރަދު ކުޑައެއް ނުވާނެއެވެ. ގިނަ ބޮޑެތި ބޯޓުފަހަރުގައި ހުންނަނީ ދެ އިންޖީނު ހަރުކޮށް، ދެ ބުރަފަތި ލާފައެވެ. މަޑުން ދުއްވަން ޖެހޭއިރު އެންމެ އިންޖީނެއްގެ ބާރުން ދުއްވޭނޭ ކަމަށް ވިއަސް، އެއް އިންޖީނު ދެ ބުރަފައްޗާ ގުޅޭނޭ ފަސޭހަ ގޮތެއް ނޯވެއެވެ. އެހެންކަމުން ދެ އިންޖީނު ހިންގަން ޖެހޭތީއަންދާ ތެލުގެ ޚަރަދު ބޮޑުވެއެވެ.

ކަރަންޓުން ހިންގާ މޯޓަރަކީ ވަކި ވަރެއްގައި ހިންގަން ހަދާފައި ހުންނަ އެއްޗެއް ނޫނެވެ. މީގެ އިތުރަށް އެއް ޖެނެރޭޓަރުގެ ކަރަންޓުން ދެބުރަފަތި ހިންގުމަކީ ފަސޭހަ ކަމެކެވެ.  އެއް ކަރަންޓަކުން ދެ ފަންކާ ހިންގުން ފަދައެވެ. އެހެންކަމުން ބޭނުން ނުވާ ހާލަތުގައި ދެ ޖެނެރޭޓަރު ހިންގާކަށް ނުޖެއެވެ.

ހުންގާނު ހިފުން

ކުރިން ދެންނެވުނު ހެން، މޯޓަރުން ބޯޓު ދުއްވާއިރު، ހުންގާނު ހިފަނީ މޯޓަރު އަނބުރައިގެންނެވެ. އެހެން ކަމުން ހުންގާނެއް ބޭނުމެއް ނުވާނެއެވެ. ހުންގާނަކީ އިތުރު ބަރަކާއި ދުވެލި މަތަ ކުރާނޭ، އަދި ހަލާކުވެއްޖެނަމަ، ހަދަން ޖެހޭނޭ އެއްޗެކެވެ. ހުންގާނު ނެތުމުން ޚަރަދުތައް ކުޑަވެއެވެ.

މީގެ އިތުރަށް ހުންގާނެއް މަސައްކަތް ކުރާނީ ބޯޓެއް ފުދޭވަރެއްގެ ދުވެއްޔެއްގައި ދަތުރު ކުރާނަމައެވެ. މޯޓަރެއް ހަރުކޮށްފައި ހުންނައިރު، ލޮނުގަނޑު ބުރަފަތިން ދަމާތީ ހުންގާނު ހިފަން މާ ފަސޭހަ ވާނެއެވެ. މޯޓަރު ހަރުކޮށްފައި ހުންނަ ބޯޓެއް އޭގެ ދިގުމިނުގައި އަނބުރާލެވެއެވެ. އިންޖީނުން ހިންގާ ބޯޓެއް އަނބުރާލަން ވަރަށް ބޮޑު ޖާގައެއް ބޭނުން ވާނެއެވެ.

ފަހަތަށް ދުއްވުން

އިންޖީނުލީ ބޯޓެއް ފަހަތަށް ދުއްވަން ބޭނުންކުރަން ޖެހޭނީ ގިއަރު (ސޯބު) ތަކެކެވެ. މި ގިއަރު ފަރުމާ ކޮށްފައި ހުންނަ ގޮތުން، ބޯޓެއް ފަހަތަށް މާ ބާރަކަށް ނުދުވާނެއެވެ. މޯޓަރު ހަރުކޮށްފައި ހުންނަ ބޯޓެއްގެ ބާރުމިން ބަދަލު ކުރަނީ ގިއަރު ބަދަލު ކޮށްގެންނެއް ނޫނެވެ. ފަހަތަށް ޖެހުމަށް ގިއަރު ބަދަލު ކުރާކަށް ނުޖެހެއެވެ. ހަދަން ޖެހޭ ގޮތަކީ މޯޓަރާ ގުޅާފައި ހުންނަ ނަރުތަކަށް ބަދަލެއް ގެންނަނީއެވެ. އެހެން ކަމުން ގިއަރު ފޮށްޓެއް ބޭނުމެއް ނުވެއެވެ. އެވާނީ އިތުރު ބަރުދަނަކަށެވެ. އަދި ޚަރަދަކަށެވެ. އަދި ކަންފަތިވެ، އަލުން ބަދަލުކުރަން ޖެހޭ އެއްޗަކަށެވެ. ފަހަތަށް ބޯޓު ދުއްވަން ޖައްސަން ޖެހޭނީ ސްވިޗެކެވެ. އަދި، އަނެއް ފައިދާއަކީ ކުރިއަށްދާހާ ބާރު މިނުގައި ފަހަތަށްވެސް ބޯޓު ދުއްވޭނޭ ކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ކުރިއަށް ދުއްވަން ހުންނަ ހުރިހާ ”ގިއަރެއް“ ފަހަތަށް ދުއްވަން ވެސް ހުރެއެވެ.

އަޑުމަޑުކަމާއި ވައިބްރޭޝަން ކުޑަވުން

ބޯޓުފަހަރުގެ ޖެނެރޭޓަރެއް، ބޯޓުފަހަރުގެ އިންޖީނަކަށް ވުރެ މާ ބޮޑުތަން އަޑުމަޑު ކުރެވެއެވެ. އެއީ ޖެނެރޭޓަރު ވަށައިގެން އަޑު ނުނިކުންނަފަދަ ފިލާ ޖަހައިގެންނެވެ. މޯޓަރުން ދުއްވާ ބޯޓުގެ މޯޓަރު ހުންނަނީ ކަނޑުގެ އަޑީގައި ކަމުން، އިންޖީނުގެ އަޑު ވަރަށް ބޮޑުތަން ދަށެވެ. މީގެ އިތުރަށް ބުރަފަތި ހަރުކުރާ ”ޝާފްޓް“ ދަގަނޑު އިންޖީނާ ގުޅިފައި ނުހުންނާތީ، އަޑު އެއްތަނުން އަނެއްތަނަށް ގެންދާނޭ ވަސީލަތެއް ނުހުރެއެވެ. ޝާފްޓު ހުރުމުގެ ސަބަބުން ނުކުންނަ އަޑެއް ނުނިކުމެއެވެ. ގިއަރު ބޮކުސް ނުހުންނާތީ ގިއަރު ބޮކްސްގެ އަޑެއް ނުއިވެއެވެ.

މޯޓަރު ބޭނުން ކޮށްގެން ލޯންޗް ދުއްވާ ވާހަކަ އަޅުގަނޑު ފަހުން ދަންނަވާނަމެވެ. އެފަދަ ލޯންޗުގައި ހުންނަނީ ބެޓެރީއެވެ. އެހެންކަމުން، އިވޭނެ ހަމައެކަނި އަޑަކީ މޯޓަރުގެ އަޑެވެ. ބައެއް ލޯންޗުގައި ބޭނުންކުރަނީ ތައްޓު އަޑީގައި ހުންނަ އަޑު ބޭރުނުވާ ޖެނެރޭޓަރެވެ. މިފަދަ ލޯންޗެއްގައި މީހާ އިންނައިރު ރިޔާނެގި ދޯންޏެއްގައި އިނުން ފަދައެވެ. ދަތުރުގެ ހަމަހިމޭންކަން ނަގާލާނޭ އަޑެއް ނުއިވޭނެއެވެ. މިކަމުން ސިކުނޑިއަށް ލިބޭ ލުއިކަން އިޙްސާސް ކުރެވޭނީ ހަމައެކަނި މިފަދަ ދަތުރެއް ތަޖުރިބާ ކުރެވިފައިވާ ފަރާތަކަށެވެ.

ޖާގަ ބޮޑުވުން

ޝާފްޓަކުން ބުރަފަތި އަނބުރާނަމަ، ބޮޑެތި ބޯޓު ފަހަރުގެ އިންޖީނު ހުންނަން ޖެހެނީ ވަކި ތަނަކުއެވެ. ނަމަވެސް، ކަރަންޓުން ބޯޓެއް ދުއްވާއިރު، ޖެނެރޭޓަރު ކޮންމެހެން ބުރަފައްޗާ ދިމާވާގޮތަށް ވަކި ތަނަކު ބަހައްޓާކަށް ނުޖެހެއެވެ. ޖެނެރޭޓަރާ މޯޓަރު ގުޅަނީ ނަރުން ކަމުގައިވާތީ، ބޯޓުގެ އެތެރޭގެ ޖާގަ ރާވާނޭ އެތައް ގޮތެއް ތަނަވަސް ވެއެވެ.  ކޮޓަރިތަކާއި ބޯޓުގެ ފަލުކާތައް ފަރުމާ ކުރުމަށް ފަސޭހަ ވެއެވެ. ޖެނެރޭޓަރުތައް ބޭނުން ހިސާބަކު ބެހެއްޓިދާނެއެވެ. ބޮޑެތި ބޯޓުފަހަރުގައި ޖެނެރޭޓަރުތައް މިހާރު ލަނީ ދުންހޮޅީގެ އެތެރެއަށެވެ. މިއާއެކު ޝާފްޓު ނެތުމާއި މޯޓަރު ބަނޑުފިލާގެ ތިރީގައި ހުންނާތީ ބޯޓު ތެރޭގެ ޖާގަ ބޮޑުވެއެވެ.  ދަތުރު ކުރެވޭނެ މީހުންގެ ޢަދަދާއި އުފުލޭނެ މުދައު ގިނަ ވެއެވެ.

ޝާފްޓާއި ގިއަރުބޮކްސް ނެތުމަކީވެސް ޖާގަ ބޮޑުވާ ކަމެކެވެ.

ދިރުބާކޮޅުގެ ބުރަފަތީގެ ބޭނުން ނެތުން

ބޮޑެތި ބޯޓު ފަހަރު އަނބުރަން ފަސޭހައަަކަށް އަދި އެހެން ސަބަބުތަކަށްޓަކައި ދިރުބާކޮޅުގައި ބުރަފަތި ހުރެއެވެ. ވަރަށް ގިނަ ބޭފުޅުންނަށް ބޮޑު ބޯޓެއްގެ އިންޖީނާއި އެހެނިހެން ބައިތައް ފެނިވަޑައިގެންފައި ނުވާތީ މިދެންނެވި ކަންތައް ޖެހޭނީ ފިކުރުން ތަޞްވީރު ކުރައްވާށެވެ. މޯޓަރުން ހިންގާނަމަ، ބޯޓު އަނބުރަން ފަސޭހަ ކަމުން މިފަދަ ބުރަފައްޗެއް، އެ އަނބުރާނެ އިންޖީނެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޚަރަދުތައް ކުޑަވެއެވެ. ބަރުދަން ލުއިވެއެވެ.

ދުވެލި ހަލުވިވުން

އިނގިރޭސި ބަހުގައި ތަކެތީގެ ފުރިހަމަކަން ހާމަކުރަން ވަރަށް މުހިއްމު ލަފުޒެއް ބޭނުން ކުރެއެވެ. އެއީ ކަމެއްކުރަން ކުރާ ޚަރަދު ނުވަތަ ކުރާ މަސައްކަތް ނުވަތަ ހޭދަވާ ހަކަތައިން އެދޭ ނަތީޖާ ނިކުންނަ މިންވަރު ބަޔާން ކުރަން ބޭނުން ކުރާ ލަފުޒެކެވެ. މި ލަފުޒަކީ އެފިޝަންޓް އެވެ. ބޮކި ދިއްލަނީ އަލިކުރަންށެވެ. އެއް ކަރަންޓެއް ހިނގާ ތަފާތު ބޮކީގެ އަލި ތަފާތެވެ. މިސާލަކަށް ދަންނަވާނަމަ, 20 ވޮޓް ޚަރަދުވާ އާދައިގެ ބޮތްކެއްގެ އަލީގެ 6 ގުނަ، 20 ވޮޓްގެ ހޮޅިބުރިއަކުން ނިކުމެއެވެ. އަޅުގަނޑުމެން ބުނާނީ ހޮޅިބުރިއެއް މާ އެފިޝަންޓް ކަމަށެވެ.  ބައެއް އިންޖީނު އަނެއް ބައި އިންޖީނަށް ވުރެ އެފިޝަންޓް އެވެ.   ކުރާ ޚަރަދު، ހޭދަވާ ވަގުތު ނުވަތަ ކުރާ މަސައްކަތުން ބޭނުންވާ އަސަރު ކުރާ ނުވަތަ ނުކުންނަ މިންވަރެވެ.  މިސާލަކަށް 6 ކިލޯވޮޓް ޑީސަލް ޖެނަރޭޓަރެއް އަންދާ ތެޔޮ، 6 ކިލޯވޮޓްގެ ޕެޓްރޯލް ޖެނަރޭޓަރެއް އަންދާ ތެލަށްވުރެ އަގުހެވެވެ. އާދެ! ޑީސަލް ޖެނެރޭޓަރަކީ މާ އެފިޝަންޓް އިންޖީނެކެވެ. ދެން ބޯޓަކާ ދޭތެރޭ ވިސްނަމާ ތޯއެވެ؟ 50 ހޯސްޕަވަރުގެ އިންޖީނެއް އަޅައިގެން ދުއްވާ ދޯންޏަކަށް ވުރެ، 50 ހޯސްޕަވަރު އިންޖީނަކުން ކަރަންޓު އުފައްދައިގެން ދުއްވާ ދޯންޏެއް މާ ހަލުވިއެވެ. މިކަމުގެ ސަބަބަކީ ޝާފްޓުންނާއި ގިއަރު ބޮކްސް އިންނާއި އެހެނިހެން ސަބަބާހެދި ހޯސްޕަވަރު ގެއްލޭ ކަމެވެ. ބޯޓުފަހަރު މޯޓަރުން ދުއްވާ މައިގަނޑު އެއްސަބަބަކީ މޯޓަރުން ދުއްވުން މާ އެފިޝަންޓު ވީމައެވެ. އެހެންކަމުން ބޯޓެއް އެއް ބާރުމިނުގައި ދުއްވަން، އާދައިގެ އިންޖީނަކަށް ވުރެ ކުޑަ ޖެނެރޭޓަރަކުން ހަމަ އެ ބާރު މިނުގައި ދުއްވޭނެއެވެ. އާދެ! އެހެންކަމުން މިކަމުން އިންޖީނު ގަންނަންދާ ޚަރަދާއި ބަރުދަނާއި ދުއްވާއިރު އަންދާ ތެލާއި އިސްޕެއަރުން އިޤްތިޞާދު ކުރެވޭނެއެވެ.

ފޮޓޯތަކުން އަދި ފެނިވަޑައިގެން ހުރިހާ މޯޓަރެއްގައި ބުރަފަތި ހަރުކޮށްފައިވަނީ ދިރުބާ ކޮޅާ ދިމާއަށެވެ. ކުރިއަށެވެ. ގިނަ އޮޑިދޯނި ފަހަރުގައި ބުރަފަތި ދިއްކޮށްފައި ހުންނަނީ ކޮޅުފަސް ދިމާއަށެވެ. މިގޮތަކީ އެފިޝަންޓު ގޮތެއް ނޫނެވެ. އެއީ ބުރަފަތީގައި އަޅާ ލޮނު ޝާފްޓުގެ ސަބަބުން މަދުވާތީ ދުވެލި ދަށްވާނެއެވެ. ބޮޑެތި ބޯޓު ފަހަރުގައި ދިރުބާކޮޅާ ދިމާއަށް، ޝާފްޓުގެ ”ނިވާ“ ނުލިބޭގޮތަށް ބުރަފަތި ހަރުކުރަނީ އެގޮތް އެފިޝަންޓު ވީމަ އެވެ. ތިރީގައި އެވާ ފޮޓޯގައި އެވަނީ މޯޓަރުގެ ދެކޮޅުގައި ބުރަފަތި ހަރުކޮށްފައެވެ. މިކަމުގެ މަންފާއަކީ ކޮބައިކަމާ މެދު ވިސްނަވާ ލައްވާށެވެ.  {ޖަވާބަކީ ބުރަފައްޗަށް އިންޖީނުން ދެވޭ ބާރު ގަދަވުމާއި، އެއް ބުރަފަތި ލުމުން، މިސްރާބު އެއްފަރާތަކަށް ދާ ގޮތް ނެތުމެވެ. ދެ ބުރަފަތިލީ މަތިންދާބޯޓުގެ ދެބުރަފަތި އެނބުރޭނީ ދެފަރާތަށެވެ. ދެ އިންޖީނުލީ ލާންޗުގެ ބުރަފަތި ވެސް އެނބުރޭނީ ދެފަރާތަށެވެ. އެހެން ނޫނީ ސީދަލަކަށް ނުދުވާނެއެވެ. ތިރީގައިވާ ފޮޓޯގައި، ބުރަފަތީގެ ފިޔަ ވަނީ އިދިކޮޅަށް އަނބުރާފައެވެ. އެއީ ދެ ބުރަފަތި އެއްް ޝާފްޓެއްގައި ހަރުކޮށްފައި ވާތީއެވެ.}

dualprops

މައިއިންޖީނަކީ ޖެނެރޭޓަރަކަށް ވުމުން ލިބޭ މަންފާތައް

މައި އިންޖީނަކީ ޖެނެރޭޓަރަކަށް ވުމުން ޚާއްޞަ މަންފާތަކެއް ލިބެއެވެ.  ބޯޓުގެ ތަފާތު މަސައްކަތްތަކަށް އިތުރު ޖެނެރޭޓަރެއް ބޭނުމެއް ނުވާނެއެވެ. ބޮޑު ޖެނެރޭޓަރާ ގުޅާލުމުން ކަންތައްތައް ފުރިހަމަ ވީއެވެ.  ޚަރަދާއި އަޑާއި ތަން ސަލާމަތްވާނެއެވެ. ފަސިންޖަރުން ދަތުރުކުރާ ބޯޓުފަހަރުގައި ކަރަންޓުގެ ބޭނުން ވަރަށް ގިނައެވެ. އެހެނީ ފަސިންޖަރު ބޯޓަކީ ކަނޑުމަތީގައި އަޅާފައި އޮންނަ ބޮޑު ހޮޓަލެއް ފަދަ އެއްޗެކެވެ. ކަރަންޓުން ބޯޓު ދުއްވުން މިފަދަ ބޯޓު ތަކުގެ ވެރިންނަށް އެހާ މަޤްބޫލުވީ އެހެން ވެގެން ކަން ނޭނގެއެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގައި ދުއްވާ ސަފާރީ ދޯންޏަކީ ކަރަންޓުން ދުއްވަން ވަރަށް ރަނގަޅު ބާވަތެއްގެ އުޅަނދެކެވެ.

ކަރަންޓުން ބޯޓު ދުއްވުމުން އެހެން މަންފާތައް ޙާޞިލް ކުރެވެއެވެ. މޯޓަރެއްގައި ދައުރުވަނީ ހަމައެކަނި އޭގެ ޝާފްޓެވެ. އިންޖީނެއްނަަމަ އެތައް އެއްޗެއް ދައުރުވާތީ ނުވަތަ ހިނގާތީ އިންޖީނުގެ ބައިތައް ކަންފަތިވާލެއް ނުވަތަ ހަލާކުވާލެއް އަވަސްވާނެއެވެ. އެހެންކަމުން އިންޖީނު ހަލާކުވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެހެނީ އެއްޗެއްގައި ޙަރަކާތްކުރާ ބައިތައް ގިނަވި ވަރަކަށް އޭގެ ބައެއް ހަލާކުވުން ގާތްވާނެތީ އިންޖީނުގެ އިތުބާރު ދަށްވާނެއެވެ. މުހިއްމު އަނެއް ފައިދާ އަކީ، ދެތިން ޖެނެރޭޓަރު ގުޅާލައިގެން ބުރަފައްޗަށް ކަަރަންޓު ދެވޭކަމެވެ. ބާރުގަދަ ކުރަންވެއްޖެނަމަ، ޖެނެރޭޓަރުގެ ބާރު ނުވަތަ އިތުރު ޖެނެރޭޓަރު މޯޓަރާ ގުޅާލެވޭނެއެވެ. މިހާރުވެސް  ބައެއް ރަށްރަށަށް ކަރަންޓު ދެނީ އެންމެ ޖެނެރޭޓަރަކުންނެއް ނޫނެވެ. އެތައް ޖެނެރޭޓަރެއްގެ ކަރަންޓު ވަކިގޮތަކަށް ގުޅައިގެންނެވެ. ޖެނެރޭޓަރެއް ހަލާކުވެއްޖެނަމަ، ބަދަލުކޮށްލާނީ ޖެނެރޭޓަރެވެ.

ފަހަކަށް އައިސް ބަންނަ ހުރިހާ ބޮޑެތި މަނަވަރަކީ ކަރަންޓުން ދުއްވާ އެއްޗިއްސެވެ. ގަދަ ކަރަންޓެއް ލިބެން ހުރުމުން ވަކިން ޚާއްޞަ ހަތިޔާރުތަކެއް ބޭނުން ކުރެވެއެވެ. އެއީ ކަރަންޓުން ޖަހާ ބަޑިޔާއި، އެއްޗިހި އަންދާލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ލޭސަރާއި މައިކްރޯވޭވް ހަތިޔާރު ތަކެވެ. މި ހަތިޔާރުތަކަށް ވަރަށް ގަދަ ކަރަންޓެއް ބޭނުންވެއެވެ. ބޯޓުގެ ދުވެލި މަޑުކޮށްލާފައި  އުފައްދާ ކަރަންޓުން ހަތިޔާރުގެ ބޭނުން ފެށިދާނެއެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މިވަރުން ކަރަންޓުން ބޯޓު ދުއްވުމަކީ ފައިދާހުރި ކަމެއްކަމަށް ގިނަ ބޭފުޅުން ފާހަގަ ކުރައްވާނެ ކަމަށެވެ. ނަމަވެސް، ކްއީން މޭރީ 2 ފަދަ ބޮޑު ބޯޓެއްގެ ބަދަލުގައި ކުޑަ ދޯންޏެއްގައި މޯޓަރު އަޅައިގެން މިކަން ކުރެވިދާނެ ހެއްޔެވެ؟ އަޅުގަނޑު ދެން ދަންނަވާނީ  ކުދި ދޯނި/ލާންޗު ފަހަރު މޯޓަރު ބޭނުންކޮށްގެން ދުއްވާގޮތް ހެދުމާ ބެހޭ ވާހަކަ އެވެ.

volvopenta

ލޯންޗާއި ކުދި ދޯނިފަހަރު ކަރަންޓުން ދުއްވުން

މަޒުމޫނުގެ ކުރީބައިގައި ދެންނެވުނުހެން ކަރަންޓުން ދުއްވަނީ ހަމައެކަނި ބޮޑެތި ބޯޓު ފަހަރެއް ނޫނެވެ. އަދި މިއީ މާ ފަހުން ފެށުނު ކަމެއްވެސް ނުމެ ނޫންމެއެވެ.

އެންމެ ފުރަތަމަ އުފެއްދި އައުޓުބޯޑު (ލޯންޗުން ބޭރުގައި ހުންނަ) އިންޖީނަކީ 1880 ވަނަ އަހަރު ފަރަންސޭސިއެއް ކަމުގައިވާ ގަސްޓާވް އުފެއްދި އިންޖީނެކެވެ. ޙައިރާންވާން ޖެހޭ ކަމަކީ މި އިންޖީނަކީ އަޞްލު ކަރަންޓުން ހިންގާ މޯޓަރަކަށް ވާކަމެވެ. 1893 ވަނަ އަހަރު  އެމެރިކާގައި ކަރަންޓުން ދުއްވާ 45 ފެރީ، އެއް މިލިއަން މީހުން އުފުލިއެވެ. މިހާރު މީހުން އަމިއްލަ ކާރުގައި ތަންތަނަށް ދާ ގޮތަށް، އެދުވަސްވަރު ނިއުޔޯކަށް ވިޔަފާރިވެރިން އެމީހުންގެ އިލެކްޓްރިކް ލޯންޗު ތަކުގައި ދަތުރު ކުރިއެވެ. ކަރަންޓު ”އިންޖީނު“ މަދުވަމުން ދިޔައީ 1920 ވަނަ އަހަރުން ފެށިގެން, ޕެޓްރޯލް އިންޖީނު އެފިޝަންޓު ވުމުންނެވެ. ނަމަވެސް، ކުރިން ދެންނެވިހެން، މިހާރު ކަރަންޓު ލޯންޗުތަކުގެ މަޤްބޫލްކަން އިތުރުވަމުން ދެއެވެ. ސަބަބުތަކުގެ ތެރޭގައި، ހަމަހިމޭންކަމަށް މީހުން އިސްކަން ދިނުމާއި ބައެއް ކޯރާއި ލޭކު ތަކުގައި ކަރަންޓު ނޫން ލޯންޗް މަނާވުން ހިމެނެއެވެ. ލޭކު ކިޔަނީ ވަށައިގެން ބިން އޮންނަ ފެންގަނޑަށެވެ. އެފަދަ ފެންގަނޑުގެ ކައިރީގައި ދިރިއެޅޭމީހުން އަޑުގަދަ އިންޖީނުތަކަށް ނުރުހުމާއި މަސްވެރިކަން ރައްކާތެރިކުމަށް ބާރުއަޅާތީ މާ ރާޅު އުފައްދާ އަޑުގަދަ އިންޖީނުތައް މަނާކުރަނީއެވެ. ކަރަންޓު މޯޓަރުގެ އެނބުރިއައުމަކީ ޓެކްނޯލޮޖީގެ ކުރިއެރުމާ ގުޅިފައިވާ ކަމެއްވެސް މެއެވެ. މީގެ 100 އަހަރު ކުރިން 5 ހޯސްޕަވަރުގެ މޯޓަރެއްގެ ދިގުހުރަސް މިނުގައި 4 ފޫޓު ހުރެއެވެ. މިހާރު އެ ބާރުގެ މޯޓަރެއްގެ ދިގުހުރަސްމިނުގައި ހުންނަނީ 4 އިންޗިއެވެ.

މޯޓަރަކުން ދޯންޏެއް ނުވަތަ ލޯންޗެއް ދުއްވާއިރު، ދުވާނީ ވަރަށް މަޑުން ކަމަށް ބައެއް ބޭފުޅުން ހީފުޅު ކުރައްވާފާނެއެވެ. ނަމަވެސް އެކަން އޮތީކީ ވެސް އެގޮތަކަށް ނޫނެވެ. އެމެރިކާގައި ކަރަންޓުން ދުއްވާ ލޯންޗުގެ ރޭސް ބާއްވައެވެ. މިރޭހުން އެއްވަނަ ހޯދި ލޯންޗުގެ ދުވެލިހުންނަނީ ގަޑިއަކު 100 މޭލު ބާރުމިނުގައެވެ. މިއީ ގަލްފުކުރާފްޓް ޓުއަރިން 36 ދުވާ އެންމެ ބާރުމިނުގެ ތިން ގުނަ ބޮޑު ޢަދަދެކެވެ. ތިރީގައި އެވަނީ ރެކޯޑުހޯދި ލޯންޗުގެ ފޮޓޯއެކެވެ. މިލޯންޗުގައި ހަރުކުރީ މިޒަމާނުގައި ގެންގުޅޭ ބާވަތުގެ ކަރަންޓު ކާރަކުންނެގި މޯޓަރެކެވެ. ލޯންޗުގެ ބާރުމިންހުރި މިންވަރުން، ހެނދުނު 6 ޖަހާއިރު ކުޅުދުއްފުށިން ފުރައިގެން 8 ޖަހާއިރަށް މާލެއަށް އާދެވޭނެއެވެ.

Cigarette-Racing-50Marauder-Mercedes-AMG-375x214@2x

dhonisizeމަތީގައިވާ ފޮޓޯގައި އެވަނީ އާދައިގެ ދޯންޏެއްވަރުގެ އުޅަނދުގައި ހަރުކުރާ މޯޓަރާއި ބުރަފައްޗެވެ. މިއުޅަނދުގައި މޯޓަރު ހަރުކޮށްފައިވަނީ ކޮޅުފަސްކޮޅުގައެވެ. ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނޭ ފަދައިން ކޮންމެހެން މޯޓަރު ދޯނިން ބޭރުގައި ހަރުކުރާކަށް ނުޖެހޭނެއެވެ. އާދައިގެ އިންޖީނެއް ހުންނަގޮތަށް ޝާފްޓެއް މެދުވެރިކޮށް ބުރަފަތި އެނބުރިދާނެއެވެ. ނަމަވެސް މިގޮތަށް ހައްދަވާނަމަ، ހުންގާނު ބޭނުންވާނެއެވެ.

electric-motor-and-propޝާފްޓު މެދުވެރިކޮށް މޯޓަރު އަނބުރާނަމަ، އެކަން ކުރަނީ މިހާރު ގެންގުޅޭ ދޯނީގައި އިންޖީނު އަޅާ ފަދައިންނެވެ. ތަފާތަކީ ހަމައެކަނި އިންޖީނުގެ ބަދަލުގައި އޭގެ އެތައް ގުނަ އަޑުމަޑު އެތައް ގުނަ ކުޑަ މޯޓަރެއް އަޅާ ކަމެވެ. އަޅުގަނޑު މިހެން ދެންނެވީ ބޮޑެތި ބޯޓުފަހަރުގައި ހުންނަ ބާވަތުގެ ޕޮޑު، ކުދި އުޅަނދަށް ހަދާފައި ނުހުރެއޭ ދަންނަވާކަށެއް ނޫނެވެ. ތިރީގައިއެވަނީ ކުޑަ ދޯނި ފަހަރަށް (100 ވަރަކަށް ފޫޓުގެ އުޅަނދަށް) ހަދާފައި ހުންނަ ޕޮޑެވެ.

AZIPOD-500kw4-600x550

OLYMPUS DIGITAL CAMERA

ދިއުޅިއެއް ބޭނުން ކޮށްގެން މޯޓަރުގެ އެނބުރުން ބުރަފައްޗަށް ފޮނުވިދާނެއެވެ. މިގޮތަށް ހަދާނަމަ، ވަރަށް ކުރު ތަންކޮޅެއްގައި މިކަން ކުރެވިދާނެއެވެ. ވާތްފަރާތުގައިވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ މިފަދަ ގޮތަކަށް ހަދާފައިވާ މޯޓަރެކެވެ.

ބެޓެރީން މޯޓަރު ހިންގުން

މިހާ ހިސާބަށް ވިދާޅުވި ބޭފުޅުންނަށް ވިސްނި ވަޑައިގަންނަ ވާނޭ ފަދައިން، މޯޓަރަކުން ބުރަފަތި އަނބުރާނަމަ، ޖެނެރޭޓަރެއްގެ ބަދަލުގައި ބެޓެރީންވެސް އެ އެނބުރޭނެއެވެ. އަޞްލުގައި ކަންތައްތައް ކުރާގޮތަށް ބަލާއިރު 50 ވަރަކަށް ފޫޓަށް ވުރެ ކުރު އުޅަނދުތަކުގައި އުޞޫލެއްގެ ގޮތުން ބުރަފަތި އަނބުރަނީ ޖެނެރޭޓަރުން މޯޓަރު ހިންގައިގެންނެން ނޫނެވެ. ހުންނަނީ ބެޓެރީއެވެ. މޯޓަރު އަނބުރަނީ ބެޓެރީ އަކުންނެވެ. ބެޓެރީއަށް ބާރު އަޅަނީ (ޗާރޖް ކުރަނީ) ފަޅުތެރޭގައި އޮންނައިރު އެއްގަމުން ލިބެން ހުންނަ ކަރަންޓުންނެވެ. ނޫނީ އަވިން އުފައްދާ ކަރަންޓުންނެވެ. ނޫނީ ބެޓެރީގެ ބާރު ދަށްވުމުން ބާރު އެޅެންދެން ޖައްސާ ޖެނެރޭޓަރަކުންނެވެ.

ބެޓެރީ ބޭނުން ކޮށްގެން ކަރަންޓު މޯޓަރު އެނބުރުމުގެ އެތައް ފައިދާ ތަކެއް ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނެއެވެ. އެއްކަމަކީ ޖަނަރޭޓަރެއް ހިންގާފައި ހުންނަ އަޑު އެއްވެސް ގޮތަކަށް ނީވުމެވެ. އިވޭނީ ހަމައެކަނި މޯޓަރު އެނބުރޭ މަޑުމަޑު އަޑެވެ. މިއަޑު އިވޭނީ މޯޓަރުގެ ކައިރީގައި ތިބި ބަޔަކަށް އެކަންޏެވެ. ދެން އިވޭނީ ވަށައިގެންވާ މާހައުލުގެ އަޑުތަކެވެ.  ލައިގެން ހުންނަ ގަމީސް ނުވަތަ ހެދުން، ވަޔާ ވިހުރުވޭތީ ކިޔާ އަޑެވެ. އުޅަނދު ވަށައިގެން އުފެދޭ ކުދި ރާޅުތައް ބިންދާ އަޑެވެ. ކުރަނގިތަކާއި ވައްލަތަކުގެ ގޮވުމެވެ.

ބެޓެރީ އިން އަނބުރާ އައުޓްބޯޑު މޯޓަރަކުން އުޅަނދެއް ދުއްވޭނޭ ބާރުމިނާމެދު ވަރަށް ގިނަ ބޭފުޅުންގެ ހިތްޕުޅުގައި ތަފާތު ސުވާލު އުފެދޭނެއެވެ. އެއް ސުވާލަކަށްވާނީ، ބެޓެރީން ކިހާބާރު މިނެއްގައި ކިހާ ގިނައިރު ދޯންޏެއް ދުއްވޭނޭ ހެއްޔެވެ؟ ތިރީގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.

[embedyt]https://www.youtube.com/watch?v=CIJ8e56eEwM&width=400&height=225[/embedyt]

އާދެ! އެންމެ ފުރަތަމަ ދުވެލީގެ ބާރުމިނެވެ. ދުނިޔޭގައި މިހާރު ވިއްކަން ހުރި ބެޓެރީން ދުއްވާ އެންމެ ދުވެލި ބާރު ލާންޗަށް ބަލާއިރު އެ ލާންޗުތައް ދުވަނީ ގަޑިއަކު 60 މޭލުގެ ބާރު މިނުގައެވެ.   މިއީ އަޅުގަނޑުގެ ނަޒަރުގައި މިފަދަ އުޅަނދެއްގައި ހުންނަން ވަރަށް އެކަށީގެންވާ ބާރު މިނެކެވެ. ގަލްފުކުރާފްޓުގެ ދުވެއްޔަށް ވުރެ ދެގުނަ ބޮޑެވެ.  އަމިއްލަފުޅަށް ހައްދަވާނަމަ، މިއަށްވުރެ ބާރަށް ދުވާގޮތަށްވެސް ތައްޔާރުކޮށްލެވި ދާނެއެވެ. ދެން ދުއްވޭނޭ ވަގުތެވެ. އާދެ! މިކަން ބިނާވެފައިވަނީ ދުއްވަން ބޭނުންފުޅުވާ ބާރުމިނެއްގެ މައްޗަށެވެ. ބާރަށް ދުއްވި ވަރަކަށް އަވަހަށް ބެޓެރީގެ ޗާޖު ނުވަތަ ބާރު ހުސްވާނެއެވެ.  އެހެންކަމުން ވަކި އިރެއް ދަންނަވަން ދަތިވާނެއެވެ. ބައެއް ބެޓެރީން ދުއްވާ ލޯންޗު ހަދާފައި ހުންނަނީ ދުވާލުދޭ އަވިން ބެޓެރީތައް ޗާރޖްވާ ގޮތަށެވެ. މިފަދަ ލާންޗެއް މައްސަލައެއް ނުޖެހޭނަމަ، އަވި ދެންޏާ ދުވާނެއެވެ.   ރާއްޖޭގެ ރިސޯޓެއްގައި ގެންގުޅެން ހާދަ ރަނގަޅު ލޯންޗެއް އެހެން ނޫންތޯއެވެ؟ އަދި ދުއްވާއިރަށް ވުރެ ނުދުއްވާއިރު ގިނަ، ކަމަރާމަތި  ހަމައަށް ހުންނަ ފެރީތަކާ ވަރަށް ގުޅޭ ވައްތަރެ ނޫންތޯއެވެ؟ ތިމާވެއްޓާ ރައްޓެހި އަޑެއް ނުއުފައްދާ ލޯންޗެކެވެ. ތިރީގައި އެވަނީ އަވިން ހަކަތަ އުފައްދައިގެން ދުއްވާ ލޯންޗެއްގެ ފޮޓޯއެކެވެ. މިފަދަ ލޯންޗެއް ދުއްވާ މީހަކު ތެޔޮ އަގުބޮޑުވާތީ ކަންބޮޑުވާނީ ދުނިޔެއަށް އިރުނާރާ ދުވަހެއް އައުމުންނެވެ.

5-solar-powered-yachtބެޓެރީން ލޯންޗު ދުއްވާއިރު އެކަށީގެންވާ މިންވަރެއްގެ ބެޓެރީ ހުންނަން ޖެހެއެވެ. ތަން ކޮޅެއް ކުރީ ޒަމާނުގައި މުޅިންހެން ގެންގުޅެނީ ކާރުގައި ހުންނަ ތިމަރައާއި އެސިޑުން ނުވަތަ ކައްސަނދުވާނި ހުތުން ހަދާފައި ހުންނަ ބެޓެރީ އެވެ. މިފަދަ ބެޓެރީއަކީ އޭގައި އެކުލެވޭ ތިމަރައިގެ ސަބަބުން ވަރަށް ބަރު އެއްޗެކެވެ. ނަމަވެސް، މިހާރު މި ގެންގުޅޭ މޮބައިލް ފޯނުގައި ހުންނަ ލިޕޯ ބެޓެރީ އަކީ މާލުއި ބާވަތެކެވެ. މޯޓަރާއި ބެޓެރީގެ ބަރުދަން އިންޖީނެއްގެ ބަރުދަނަށްވުރެ ލުއިވާނެއެވެ. ގިނަމީހުން ބެޓެރީ ބޭނުން ކުރާނީ 6 ނުވަތަ 21 ބެޓެރީ އެއްކޮށް ގުޅައިގެންނެވެ. މިގޮތަށް ބެޓެރީތަކެއް އެއްކޮށް ގުޅާފައި އެއްތަނަކު ހުންނަ ހުރުމަށް ބެޓެރީ ބޭންކްއޭ ކިޔައެވެ. ފައިސާގެ ބަދަލުގައި ބެޓެރީތަކެއް ހުންނަ ބޭންކެއް ނުވަތަ ތަނެއްކަމަށް ވިސްނަވާށެވެ.

ބެޓެރީން ދުއްވާ ކާރާއި ސައިކަލާއި ސަބްމެރިންއާއި މަތިންދާ ބޯޓު މިހާރުވެސް ގެންގުޅެއެވެ. އަދި، މުސްތަޤްބަލްގައި ރާއްޖޭގައި ގިނަވާނީ ބެޓެރީ ކާރެވެ. މިހާރުވެސް މީގެ ކާރު މާލޭގައި ގެންގުޅެެވެ. ނިސަން ލީފް ކިޔާ ބާވަތުގެ ކާރެވެ. ބެޓެރީން އުޅަނދު ފަހަރު ދުއްވުމަކީ އައު ޓެކްނޯލޮޖީއެއް ނޫނެވެ.   ވިސްނުންތެރިންނަށް އެނގިވަޑައި ގަންނަވާނޭ ފަދައިން، ބެޓެރީ ޓެކްނޯލޮޖީ އަކީ ވެސް ދުނިޔެ ތަރައްޤީވާ ވަރަށް ކުރިއަށް ދާ އެއްޗެކެވެ. ބެޓެރީ ތަރައްޤީވަމުން އައިސް މިހާރު ގެންގުޅޭ ލިތިއަމް ބެޓެރީ 15 މިނެއްޓުން ޗާރޖުވެއެވެ. އަދި 1500 ފަހަރު މިގޮތަށް ޗާޖު ކުރެވެއެވެ. އެހާމެ ލުއިމެއެވެ.

އައުޓްބޯޑު މޯޓަރު ބޭނުން ކުރުމާއި އަމިއްލަފުޅަށް މިފަދަ އެއްޗެއް ތައްޔާރު ކުރުން

މި މަޒުމޫނުގައ ދެން އަޅުގަނޑު ވާހަކަ ދައްކާނީ އުޅަނދުގެ ބޭރުގައި (އައުޓްބޯޑުގައި) އަޅާ މޯޓަރާ ބެހޭ ގޮތުންނެވެ. ދުނިޔޭގައި އެންމެ ގިނައިން ވިކޭ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ އިންޖީނަކީ މިފަދަ އިންޖީނެވެ. އެހެންކަމުން، ކަރަންޓުން ދުއްވާގޮތަށް ހަދާފައި ހުންނަ އެންމެ ގިނަ ދުއްވިއަކީ އައުޓްބޯޑު މޯޓަރެވެ. ތިރީގައި މިވަނީ މިފަދަ މޯޓަރެއްގެ ފޮޓޯއެކެވެ. ކިއުންތެރިންނަށް ފާހަގަ ކުރެއްވޭނެ އެންމެ މުހިއްމު ނުކުތާއަކީ މިފަދަ އިންޖީނެއްގެ އާދަޔާ ޚިލާފު ކުޑަކަމެވެ. އައުޓްބޯޑު މޯޓަރުގެ ދެބާވަތެއް ހުރެއެވެ. އެއްބާވަތަކީ ބޮޑެތި ބޯޓުފަހަރުގައި ހުންނަހެން މޯޓަރު އަޑިއަށް ލާފައި ހަދާފައި ހުންނަ ދުއްވިއެވެ. މިބާވަތުގެ މޯޓަރު ވަކިން އަޑުމަޑުވާނެއެވެ.  ދެވަނަ ބާވަތަކީ މަތީގައިވާ ފޮޓޯގައިވާ ފަދައިން، މޯޓަރު ފެނުން މަތީގައި ހުންނަ ބާވަތެވެ.

typesofdrive1މަޒުމޫނުގެ މިހިސާބަށް އައިއިރު އަޅުގަނޑަށް އަދި  އެއް ވާހަކައެއް  ދަންނަވައެއް ނުލެވެއެވެ. އެއީ ބުރަފަތި އެނބުރުމުގެ ބާރާއި ހޯސްޕަވަރުގެ ވާހަކައެވެ. ޕެޓްރޯލު ނުވަތަ ޑީސަލް އިންޖީނުގެ ފުރިހަމަ ބާރު ނުވަތަ ހޯސްޕަވަރު ލިބެނީ ކަނޑައެޅިފައިވާ ބާރުމިނަކަށް އިންޖީނު ހިންގީމައެވެ. މިސާލަކަށް 200 ހޯސްޕަވަރުގެ އިންޖީނެއް މަޑުން އެނބުރުމުން އޭގައި 200 ހޯސްޕަވަރެއް ނުހުންނާނެއެވެ. ކާރު ނުވަތަ ލޮރީ އެއް ދުއްވަން ފައްޓާއިރު އިންޖީނު ”ރޭސް“ ކޮށްލާ ނުވަތަ ބާރަށް ހިންގާ އެއްސަބަބަކީ މިއީއެވެ. އޭގެ ފުރިހަމަ ބާރު، ދުއްވާލަން ބޭނުންވާތީ އެ ހޯދަން ވެގެންނެވެ. އިންޖީނަކުން ބުރަފަތި ނުވަތަ ފުރޮޅެއް އަނބުރަންދާ ބާރަށް އިނގިރޭސި ބަހުން ކިޔަނީ ޓޯކު އެވެ. އުޅަނދު ފަހަރުގައި ހަރުކުރާ މޯޓަރުގެ އާދަޔާ ޚިލާފު އެއް ފައިދާއަކީ އޭގެ ޓޯކު މަތިކަމެވެ. ދަށް ސްޕީޑެއްގައި އެނބުރޭއިރު  ހުންނަ ބާރެވެ. މިކަން ބެޓެރީ ބުރުމާއަކުން އިސްކުރެއް ޖައްސަވަން މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކަށް ތަޖުރިބާ ކުރެވިފައި ވާނެއެވެ. މޯޓަރުގެ ޓޯކު މަތިކަމުން، ބޯޓުފަހަރު ކަރަންޓުން ހިންގަން އިންޖީނު ބަދަލު ކުރާއިރު ހަރުކުރަނީ، އެ ބޯޓުގައި ކުރިން ހުރި އިންޖީނުގެ ހޯސްޕަވަރަށް ވުރެ މާ ދަށް ހޯސްޕަވަރެއްގެ މޯޓަރެކެވެ. ވިހި ހޯސްޕަވަރުގެ އިންޖީނެއް އަޅާފައި ހުރި ދޯންޏެއްގައި ހަ ހޯސްޕަވަރުގެ އިންޖީނެއް އެޅިޔަސް ދުވެލި މާ އަވަސްވާނެއެވެ. ޓޯކާއި ހޯސްޕަވަރަކީ ދެ ބާވަތެއްގެ ބާރެކެވެ.

މިމަޒުމޫނު މިހިސާބަށް ކިޔުނު ކިޔުއްތެރިން، ވަދާ ދިއުމަށް ނުވަތަ މަސްބޭނުމަށް ކަރަންޓު އައުޓްބޯޑު މޯޓަރެއް ގަންނަން ބޭނުން ވެދާނެއެވެ. ނަމަވެސް ރާއްޖޭގައި މި ވިޔަފާރި ކުރާ ބައެއް އަދި ނެތުމުން ދަތިތަކާ ކުރިމަތި ލާންޖެހޭނެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތިމާވެއްޓާ ރައްޓެހި މި ނިޒާމަކީ ރާއްޖޭގައި ރަނގަޅު ވިޔަފާރިއަކަށްވެސް ވެދާނެއެވެ. އަމިއްލައަށް މީގެ އެއްޗެއް ހަދަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރާނޭ ގޮތުގެ ކުރު މަޢުލޫމާތު ކޮޅެއް ހުށަހަޅަމެވެ. ނަމަވެސް މިސަކާރާތް ޖަހަން ބޭނުންނުވާ ފަރާތްތަކުން ކަރަންޓު އައުޓްބޯޑު މޯޓަރެއް ނުވަތަ އިންޖީނެއް ގަނެވިދާނެއެވެ. 30 ހޯސްޕަވަރުގެ އިންޖީނެއްގެ އަގަކީ 3000 ޑޮލެރެވެ. މިތަނުން 3 ހޯސްޕަވަރުން ފެށިގެން 50 ހޯސްޕަވަރުގެ އިންޖީނު ވިއްކައެވެ. އަދި އެކި ސްޕެއަރތައް ވެސް ވިއްކައެވެ.

ގިނަ މީހުން ކަރަންޓު އައުޓުބޯޑު މޯޓަރެއް ހެދުމަށް ބޭނުން ކުރަނީ ބައު އައުޓުބޯޑު އިންޖީނެއްގެ ތިރީބައެވެ. ބުރަފަތިން  މައްޗަށް އަރާފައި އިންނަ ދަގަނޑުގައި ނުވަތަ ޝާފްޓުގައި، ބޭނުންވާ ހޯސްޕަވަރުގެ މޯޓަރެއް އަޅުވަނީއެވެ. އެއީ އެހާ ފަސޭހަ ކަމެކެވެ. ފޮޓޯތަކެއް ފެނިވަޑައި ނުގަތަސް މިކަން ކުރައްވާނޭ ގޮތް ވިސްނިވަޑައި ގަންނަވާނެ އެވެ. ނަމަވެސް ފިކުރަށް ކާނާއަކަށް މިކަން ކުރާގޮތް  ތިރީގައި އެވަނީއެވެ.

design-schematic

ކަރަންޓުން ކަނޑުގެ އުޅަނދު ފަހަރު ދުއްވުމަކީ އެކަމުގައި އެތައް ގުނަ ފައިދާތަކެއް އެކުލެވޭ ކަމެކެވެ. ރާއްޖޭގެ މާހައުލާ ނުލާހިކު ގުޅޭ ކަމެއްވެސް މެއެވެ. ބޭނުންވަނީ، އެހެން މީހުންނަށް މިސާލަކަށްވާ، ގިނަބައެއްގެ އިތުބާރު މިކަމަށް ހޯދުމަށް އެންމެ އުޅަނދެކެވެ. އެ އުޅަނދު ހައްދަވާ ފަރާތަކީ ތިބާކަމަށްވަމާތޯއެވެ؟