ދިވެހިބަހުގެ އަޑުތައް

ދިވެހިބަހުން ވާހަކަ ދައްކާއިރު ބޭނުން ކުރަނީ ތަފާތު ކިތައް އަޑުތޯއެވެ؟ އެހެން ބަސްބަހުން ވާހަކަ ދައްކާއިރު، ބޭނުންކުރާ އަޑުތަކާ ދިވެހިބަހުގެ އަޑުތަކާ އަޅާ ކިޔެނީ ކިހިނެއްތޯއެވެ؟  އަދި ތަފާތީ ކޮންގޮތަކުން ކިހާ ވަރަކަށް ތޯއެވެ؟  އަޑުތަކާ ބެހޭ ޢިލްމަކީފުޅާ ޢިލްމެކެވެ. މި ޢިލްމު ބެހިގެންވަނީ ތިން ގޮތްޕަކަށެވެ. އެއީ ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އަޑުތައް އަނގައިން ލެއްވުމާ ބެހޭ ގޮތްޕާއި، އެ އަޑުތަކުގެ ޚާއްޞަ ސިފަތަކާ ބެހޭ ސައިންސްގެ ގޮތްޕާއި، އަޑުތައް އިވުމާ ބެހޭ ގޮތްޕެވެ. މި މަޒުމޫނަކީ ވާހަކަ ދައްކާއިރު ބޭނުންކުރާ އަޑުތައް އަނގައިން ލެއްވުމާ ނުވަތަ ނެރުމާ ބެހޭ ގޮފީގެ ޚުލާޞާއެކެވެ. އެ ގޮފީގެ ހިމަ ހޯލި ކޮޅެކެވެ.

ތައާރަފު

އާދެ! ވާހަކަ ދެއްކުމުގައި އަނގައިގެ ތެރޭގައިވާ އެތައް ބައެއް ވަރަށް އަވަސް އަވަހަށް ޙަރަކާތް ކުރެއެވެ. މިކަން އަޅުގަނޑުމެންނަށް ޔަޤީންވަނީ، ހޮސްޕިޓަލްތަކުގައި ހަށިގަނޑުގެ އެތެރެ ބަލަން ގެންގުޅޭ އެމް.އާރު.އައި މެޝިނެއްގެ ތެރޭގައި އޮވެގެން ވާހަކަ ދައްކަމުން ދާއިރު ނަގާ ވީޑިއޯ އިންނެވެ. ތިރީގައި އެވަނީ އެފަދަ ވީޑިއޯ އެކެވެ. އެ ވީޑިއޯ ބައްލަވާ ލައްވާށެވެ. ފާހަގަ ކުރެއްވޭނީ ދުލާއި ދަތްޕިލައާއި އެހެން އަނގަތެރޭގައިވާ ގުނަވަންތައް އެކި އަޑުތައް ލެއްވުމަށް ޢަޖާއިބުވާ ފަދަ ގޮތަކަށް ޙަރަކާތް ކުރާ ތަނެވެ. ”ނެށުމެއްގައިހެން“ ދުލާއި އަނގަތެރޭގައިވާ އެހެން ގުނަވަންތައް ހެލިފެލިވެ މުޖުރާކުރާތީއެވެ. އަނގައިން އަޑު ނުކުންނަ ގޮތަށް ވިސްނާލުމުން އަދި އެހެންކަމެއް ވެސް ފާހަގަ ކުރެވެއެވެ. އެއީ އަގައިން ވައި ނުނުކުންނަ ގޮތަށް ވާހަކަ ނުދެއްކޭ ކަމެވެ. ވާހަކަ ދެއްކެނީ އަނގައިން ވައި ނުކުންނަ އިރު ކަމެވެ. އެތެރެއަށް ނޭވާލަމުން ވާހަކަ ނުދެއްކޭ ކަންވެސް ފާހަގަ ކުރެވެއެވެ. ވާހަކަ ދެކެވެނީ ނޭވާ އެތެރެއަށް ލުމަށް ފަހު، އެ ވައި، އަނގައިން ނުކުންނަ އިރުކަމެވެ. މިކަންކަމަށް ފުންކޮށް ވިސްނާލުމުން ރަނގަޅަށް ވާހަކަ ދައްކަން (އަދި ލަވަކިޔަން) ބޭނުންވާ މީހާ، ނޭވާ ދިގުކުރުމުގެ ބޭނުންތެރިކަން ފާހަގަ ވެއެވެ. ނޭވާ ދިގު ކުރުމަކީ އަދި ފުންކުރުމަކީ ތަމްރީނުން ކޮންމެ މީހަކަށް ވެސް ކުރެވޭނޭ ކަމެކެވެ.

[embedyt]https://www.youtube.com/watch?v=3uVVOHjMkpo&width=400&height=250[/embedyt]

ހުރިހާ އަޑެއްގެ ސިއްރަކީ އެއްޗެއް ތުރުތުރު އެޅުމެވެ. ނުވަތަ ”ވައިބްރޭޓް“ ވުމެވެ. މި ލެޓިން ބަހުގެ މާނައަކީ އެއްޗެއް ކުރިއަށް ގޮސްފައި ފަހަތަށް އައުމެވެ. ބަރުލީ އިހުގެ ގަޑިތަކުގައި އެލުވާފައި ހުންނަ ބަރު ފަދައިންނެވެ. ނުވަތަ އުނދޯއްޔެއްގެ ހެލުން ފަދައިންނެވެ. ކޮންމެ އެއްޗެއްވެސް ވަކި ބާރު މިނެއްގައި ތުރުތުރުއެޅުމުން ނުވަތަ ގުޑުގުޑު އެޅުމުން، އެއިން އަޑެއް ކިޔާނެއެވެ. {މިވާހަކަތައް އަޅުގަނޑު ވަރަށް ތަފްޞީލުކޮށް ”އެކޫސްޓިކް ފޮނެޓިކްސް“ ގެ ނަމުގައި މި ވެބްސައިޓުގެ އެހެން މަޒުމޫނެއްގައި ލިޔެފައި ވާނެއެވެ.}

thelagaއަޅުގަނޑު ކުޑައިރު، ތެލަނގަ އާއި ގުޑި ހަދައި އަރުވައި އުޅުނީމެވެ. މިގޮތަށް އަރުވާ ތެލަނގަ ނުވަތަ ގުޑި އެއްލާފައި ހުންނައިރު އަޑުކިޔާ ގޮތް ހަދަން ދެ ކަމެއް ކުރެއެވެ. ތެލަނގައިގައި ހަރުކުރަނީ ކަރުދާސް ”ރާރާ“ އެކެވެ. ވައި އެޅުމުން މި ރާރާ ތުރުތުރު އަޅާ އަޑު އަބަދު ހުންނާނީ އިވިއިވިއެވެ. ކުރެހުމުން ރާރާ ހަދާގޮތް ސާފުވެވަޑައިގަންނަވާނެއެވެ. ގުޑީގައި ނުވަތަ މަޑީގައި ހަރުކުރަނީ ތަފާތު ބާވަތެއްގެ ރާރާ އެކެވެ.  މި ބާވަތުގެ ރާރާގެ މޮޅު ކަމަކީ ކައްޗާ މަޑި ދުއްވާލުމުން އެއިން ކިޔާ ރާރާގެ އަޑު ތޫލިވާކަމެވެ. މިކަންކަމުން، އެއްޗެއް ތުރުތުރުއަޅާ ވަރު ބޮޑުވި ވަރަކަށް އޭގެ އަޑު ތޫލިވާކަން ފާހަގަ ކުރެވިފައި ވެއެވެ.

raaraa

އާދެ! މިހާތަނަށް އައި އިރު އަޅުގަނޑުމެންނަށް އެނގެނީ، ވާހަކަ ދެއްކުމުގައި ނެރޭ ގިނަ އަޑުތައް އުފެދެނީ ނޭވާ ބޭރަށް ލާއިރު، އަނގައި ތެރޭގައި ނުވަތަ ކަރުގެ ތެރޭގައި ތުރުތުރު އަޅާ ބައިތަކެއްގެ ސަބަބުން ކަމެވެ. އެކި އަޑު ލައްވާ ގޮތް ނުވަތަ ނެރޭ ގޮތް ދެނެގަތުމަށް، އަނގައިގެ އެތެރޭގެ އެކި ގުނަވަންތައް ވަރަށް ބޮޑަށް އެނގެން ޖެހޭ ކަމެވެ. އެކި އަޑު ނެރުމުގައި އެކި އެކި ގުނަވަންތަކަށް ވާ ގޮތް ދެނެގަންނަން ޖެހޭ ކަމެވެ.

އަޑުގެ ގުނަވަންތައް

ތިރީގައިވާ ކުރެހުމުން ފެނިވަޑައިގަންނަވަނީ އަނގަ ހުޅުވާލުމުން ފެންނަ ގުނަވަންތަކެވެ.  ގިނަ ގުނަވަންތަކުގެ ނަންތައް ކުރިންވެސް އެނގިވަޑައިގަންނަވާނެއެވެ. އެންމެ ބޭރުގައިވަނީ ތުންފަތެވެ. މިއީ ވާހަކަ ދެއްކުމުގައި މުހިއްމު ރޯލެއް ކުޅޭ ގުނަވަނެކެވެ. އެކި މަޚްރަޖަތަކަށް އަޑު ނެރުމުގައި ތުންފަތަށް އެކި ސިފަ ގެނެއެވެ. ތުންފަތަށް ލެޓިން ބަހުން ކިޔަނީ ”ލޭބިއަމް“ އެވެ. މި ލަފުޒުގެ ބައެއް އަޑުތައް ބޭނުންކޮށްގެން ތުންފަތާ ބެހޭ ބައެއް ލަފުޒު އިނގިރޭސި ބަހުގައި ހަދާފައި ހުރެއެވެ. އިނގިރޭސި ބަހުގައި ލެޓިން ބަހުގެ އަސަރު ވަރަށް ބޮޑުވާނެއެވެ. ލެޓިން ބަހަކީ މިހާރު އުވި ގޮސްފައިވާ ބަހެކެވެ. ނަމަވެސް ޔޫރަޕުގެ މީހުން ހޭލައިގެން އިރު ޢިލްމީ ފޮތްތައް ލިޔެފައިހުރީ ލެޓިން ބަހުންނެވެ. ފަހުން ދައްކަން ހުރި ވާހަކަތަކާ ގުޅޭ ގޮތުން، ތުންފަތަށް ލެޓިން ބަހުން ކިޔަނީ ލޭބިއަމް ކަން ހަނދާނުގައި ބެހެއްޓުމަކީ ބޭނުން ކަމެކެވެ.

openmouthއަގައިގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ގުނަވަނަކީ ދަތްތަކެވެ. އުވި ގޮސްފައިވާ ލެޓިން ބަހުން ދަތްތަކަށް ކިޔަނީ ”ޑެންޓިސް“ އެވެ.  ”ޑެންޓިސް“ ގެ ބައެއް އަޑުތައް ބޭނުން ކޮށްގެން ހަދާފައިވާ ބައެއް ލަފުޒު ގެ މިސާލެއްގެ ގޮތުން ދަތާ ބެހޭ ޑޮކްޓަރަށް ކިޔަނީ ”ޑެންޓިސްޓް“ ކަން ހަނދުމަފުޅު ހުންނާނެއެވެ.

މަތީ ދަތްޕިލާ، ކަށިގަނޑުގައި ހަރުލާފައި ހުންނަނީ އެ ކަށިގަނޑުގައިވާ ލޯވަޅުތަކެއްގައެވެ. ކޮންމެ ދަތަކަށް ވަކި ލޯވަޅެއް ވެއެވެ.  ކަށިގަނޑެއްގައި މިގޮތަށް ހުންނަ ލޯވަޅުތަކަށް ލެޓިން ބަހުން ކިޔަނީ ”އެލްވީއޮލަސް“ އެވެ. މި ސަބަބަށްޓަކައި، މި ހިސާބުގަނޑަށް ”އެލްވިއޯލާ ރިޖް“  ކިޔައެވެ. ރިޖް ކިޔަނީ ހުރަހަށް ދިގުކޮށް ހުންނަ ފަރުބަދަތަކަށެވެ. އަނގައިގެ އެތެރޭގައި ދަތްތަކުގެ މައްޗަށް ހުންނަ މިބައި އަތް ލުމުން ފާހަގަ ކުރެވޭނެއެވެ. ފަރުބަދައަކުން ފެންފައިބާ ވާދީތައް ހުންނަ ގޮތަށް މި ތަނުގައި މަތިން ތިރިއަށްއުސްތަންތަނާއި އަޑިތަންތަން ހުންނަހެން ހީވާ މަގުތަކެއް ފާހަގަ ކުރެއްވޭނެއެވެ.

ދެން އަނގައިގެ ތަންކޮޅެއް އެތެރޭގައި އިނގިޖައްސަވާލެއްވުމުން، މަތީ ތަލީގެ ދަތާ ކާރިބައި ހަރުކަން ތިބާއަށް ފާހަގަ ކުރެއްވޭނެއެވެ. މަތީ ތައްޔަށް އިނގިލިން އޮބާލައްވަނިކޮށް މިކަން ޔަޤީން ކުރެއްވޭނެއެވެ. އެތަލީގެ އެތެރޭގައި ވަނީ ކަށްޓެވެ. އެއަށް ވުރެ ދަތާ ދުރުގައި ވަނީ މަޑު ތައްޔެވެ. މި ތަލި އުފެދިފައިވަނީ މަހުންނެވެ. އެތެރޭގައި ކަށްޓެއްނުވާތީ، އެ ތަލި މަޑުކަމަށް ތިބާއަށް ފާހަގަ ކުރެވޭނެއެވެ. މަޑުތައްޔަށް ލެޓިން ބަހުން ކިޔަނީ ”ވީލަމް“ އެވެ. ދެ ތައްޔަށް އެއްކޮށް އިނގިރޭސި ބަހުން ކިޔަނީ  ޕެލެޓް އެވެ. މިއަށްވުރެ ދަތާ ދުރުގައިވަނީ ކުޑަދުލެވެ. ކުޑަ ދުލަކީ މަތީ ތަލީގެ ފަހަތުން ތިރިއަށް އެލިފައިވާ މަސްކޮޅެކެވެ. މި މަސްކޮޅުގެ ބޭނުމަކީ، ކާތަކެތި ނޭފަތާ ބެހޭ ބަޔަށް، މަތީ ތަލީގެ މައްޗަށް އެރިޔަ ނުދިނުމެވެ. ކުރީ ޒަމާނުގެ ރޫމީންނަށް ކުޑަދޫ ވައްތަރުވީ ކުޑަ މޭބިސް ކަނދުރަކާ އެވެ. އެހެންވެ އެވެރިން ކުޑަދުލަށް ކީ ނަމަކީ ޔޫވިއުލާ އެވެ. މާނައަކީ މޭބިސް ކަދުރެކެވެ.

ދުލަކީ ވާހަކަ ދެއްކުމުގައި އެންމެ މުހިއްމު އެއް ގުނަވަނެވެ. އެހެންކަމުން، ބައެއް ބަސްބަހުގައި، ބަހަށް ވެސް ދުލުގެ ނަމުން ނަންދީފައި ހުރެއެވެ. ކީރިތި ޤުރްއާންގައި ވެސް ކިތަންމެ ތަނަކު ބަހަށް ބޭނުންކޮށްފައިވާ ލަފުޒަކީ ދުލެވެ ނުވަތަ ”ލިސާން“ އެވެ. ދުލަކީ މަހެވެ. އަދި ދުލުގައިވާ މަހުގެ އާދަޔާ ޚިލާފުކަމުން ވަރަށް ގިނަ ގޮތްގޮތަށް ދޫ ޙަރަކާތް ކުރެއެވެ. ކުރެހުމުގައި ދެން ފާހަގަ ކޮށްފައިވާ ގުނަވަނަކީ ޓޮންސިލް އެވެ. މީގެ ބޭނުމަކީ އަނގަތެރެއަށް ވަންނަ ޖަރާސީމުން ހަށިގަނޑު ދިފާޢު ކުރުމެވެ. ވާހަކަ ދެއްކުމުގައި ޓޮންސިލުން އެއްވެސް ކަމެއް ނުކުރެއެވެ.

އާދެ! މި ދަންނަވާލެވުނީ އަނގައިގެ އެތެރެ ބަލާލުމުން ފެންނަ ތަންތަނެވެ. ވާހަކަ ދެއްކުމުގައި މުހިއްމު ޙަރަކާތްތައް ކުރާ ގުނަވަންތައް ކުރެހުމުގައި އެވަނީ ފާހަގަ ކޮށްފައެވެ. ޓޮންސިލްއަކީ ވާހަކަ ދެއްކުމުގައި ބޭނުންކުރާ ގުނަވަނެއް ނޫނެވެ. އޭގެ ބޭނުމަކީ އަނގައިގެ ތެރެއިން ހަށިގަނޑަށް ވަންނަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރި ކުރުމެވެ. ވާހަކަ ދެއްކުމާ ބެހޭ އެހެން ގުނަވަންތައް ވަނީ ކަރުގެ ތެރޭގައެވެ. އެ ގުނަވަންތައް ފަސޭއިން ފެންނާނީ ދޫ އެއްޗަކުން ތިރިކޮށްލާ “އާހ” ކިޔަން އަނގަ ހުޅުވާލުމުންނެވެ. ދެން މިދަންނަވާލަނީ ކަރުގެ އެތެރޭގައިވާ ގުނަވަންތަކެވެ.

respiratory-tractމަތީގައިވާ ކުރެހުމުގައި މަޑު މުށިކުލައެއްގައި ކުލައެއްގައި ތިކިތަކެއް ޖަހާފައި އެވަނީ ކަށްޓެވެ. ނޫ ކުލައިގައި އެވަނީ މަޑު ކަށްޓެވެ. މަޑުކަށްޓަކީ މިޔަރާއި ކުކުޅުގައި ހުންނަފަދަ، ކެއްކީމާ ހުދުކުލައިގައި ހުންނަ، ލެނބޭ ކަށްޓެކެވެ. ނޭފަތުގެ ކުރި އުފެދިފައިވަނީ މިފަދަ ކަށިންނެވެ.

ކަރުން ކާތަކެތި ބަނޑަށް ފޮނުވަން ޖެހެއެވެ. މިއާއެކު އަނގައިން ލާ ނޭވާ ފުއްޕާމެޔަށް ފޮނުވަން ޖެހެއެވެ. ފުއްޕާ މެޔަށް ވަނީ ވަކި ހޮޅިއެކެވެ. ވައި ހޮޅިއެވެ. ބަނޑަށް ކާތަކެތި ދަނީ ވަކި ހޮޅިއަކުންނެވެ. ކާނާ ހޮޅިންނެވެ. މި ދެހޮޅި ގުޅެނީ ލަނގޮޑިއާ ހިސާބުންނެވެ. ލަގޮނޑި މަތިން ކަރުތެރޭގައި ވަރަށް މުހިއްމު ދޮރުފަތެއް ވެއެވެ. ކާތަކެތި ދިރުވާލުމުން މި ދޮރުފަތުން، ފުއްޕާމެއަށްދާ ވައިހޮޅި ބަންދުކޮށްލަ އެވެ. މިހެން ނަހަދައިފިނަމަ، ކާތަކެތި މެޔަށް ގޮސް، ނޭވާލާން ދަތިވެ މީހާ މަރުވާނެއެވެ. ކުޑަ މައްސަލައެއް ދިމާވެގެން ކާތަކެތި ފުއްޕާމެޔަށް ގޮސްފިނަމަ، ކޮށިއަރައި އެތަކެތި ފުއްޕާމެއިން ބޭރުކޮށްލާނެއެވެ. މި ދޮރުފަތަކީ ބާވަތެއްގެ ވެލްވު އެކެވެ. ލެޓިން ބަހުން ވެލްވު ކިޔަނީ ދޮރުފަތަށެވެ. މި ދޮރުފަތުގެ ނަމަކަށް އަޅުގަނޑުކީ  ގްލޮޓިސް ދޮރުފަތެވެ. ގިނަ ދޮރުފަތަކީ އެއްފަރާތަށް ހުޅުވޭ އެއްޗެއްކަން ހަނދުމަފުޅު ކުރައްވާށެވެ. މިބަޔަށް އިނގިރޭސި ބަހުން ކިޔަނީ އެޕިގްލޮޓިސް އެވެ. އެޕި ގެ މާނައަކީ މަތި އެވެ. އެޕި ގްލޮޓިސްގެ މާނައަކީ މަތީގައިވާ ގްލޮޓިސް އެވެ. ދެން ކުރެވޭނޭ ސުވާލަކީ ގްލޮޓިސް އަކީ ކޮން އެއްޗެއް ތޯއެވެ؟

Normal-Larynxއާދެ! ކަރުގެ ބޭރުގައި ދިވެހިބަހުން ލަގޮނޑި ކިޔާ ބަޔަކީ މަޑުކަށިން އެކުލެވިފައިވާ ގުނަވަނެކެވެ. ލަގޮޑީގައި އަތްލުމުން އެންމެ ބޭރަށް ނުކުމެފައިވާ ބައިގެ ތަންކޮޅެއް ތިރީގައި ވައިފޮށި ނުވަތަ އިނގިރޭސި ބަހުން ވޮއިސްބޮކްސް ކިޔާ ބައެއް ވެއެވެ. މިއީ ތަފާތު އަޑުތައް ނެރުމުގެ ޖާގައެކެވެ. ނޭވާ ހޮޅިން ވައި ނުކުމެވޭނީ މި ވައިފޮށިން ލާފައެވެ. ވައިފޮށީގެ ދެ ފަރާތުގައި ވަޔާއެކު ތުރުތުރުއަޅާގޮތަށް ދެ ތުނި މަސްފަށަލައެއް ވެއެވެ. މިއީ ރާރާފަދައިން، ނޭވާ ބޭރަށް ނުކުންނައިރު ތަފާތު އަޑު ނެރުމަށް ތުރުތުރު އަޅާ ބަޔެކެވެ. ފޮޓޯއިން މިބައި ސާފުވެވަޑައިގަންނަވާނެއެވެ. އެބަޔަށް އިނގިރޭސި ބަހުން ކިޔަނީ ވޯކަލް ފޯލްޑްސް ނުވަތަ ވޯކަލް ކޯޑްސް އެވެ. މާނައަކީ އަޑާބެހޭ ރޫ ނުވަތަ ނަނެވެ. ދެ ފަރާތުގައިވާ ދެ ރާރާގެ މެދުގައިވަނީ ވައި ދަތުރުކުރާނެ ޖާގައެކެވެ. ދެ ރާރާއަކީ މަސްކަމުން، ރާރާއިން މި ޖާގަ ބަންދުކޮށްލެވޭނެއެވެ. މި ޖާގައަށް ކިޔާ ނަމަކީ ގްލޮޓިސް އެވެ. ގްލޮޓިސް ގެ ޙަޤީޤީ މާނައަކީ ގްރީކްބަހުން ދުލެވެ. ބައެއް މީހުން ދެ ރާރާ އާއި އޭގެ ދެމެދުގައިވާ  ޖާގައަށް އެއްކޮށް ގްލޮޓިސް އޭ ކިޔައެވެ. ވަކި ގުނަވަނެއްގެ ގޮތުގައި ގްލޮޓިސް އަށް ”އަޑު“ ނުވަތަ ”ލަގޮނޑި“ ވެސް ކިޔައެވެ.

cardboardtubeޔުނިވަރސިޓީގައި މި ބައި އަޅުގަނޑު ކިޔަވާދޭއިރު ފުންޕާހަމުން ގްލޮޓިސް އެއް ހަދަމެވެ. މިކަން ކުރަން ހަދާގޮތަކީ ކަރުދާސް ހޮޅިބުރިއެއްގެ މަތީގައި  ފުއްޕާހަމެއްގެ ތުން އަޅައި އައްސަނީއެވެ. ހަމުގެ އަނގައިގެ ދެ ބޯ ދާރަ ޖެހިޖެހިގެން ހުންނަ ގޮތަށެވެ. ދެން ހޮޅިބުރިއަށް ފުމުމުން، ރަބަރު ދެ ފަރާތް ތުރުތުރުއަޅައި އަޑެއް ކިޔާނެއެވެ. ބާރަށް ފުމުމުން އަޑު ތޫލިވާނެއެވެ. މިއީ އަޑުފޮށީގެ ރާރާ މަސައްކަތް ކުރާގޮތުގެ ނަމޫނާއެކެވެ.

އިނގިރޭސި ބަހުން، އެޕިގްލޮޓިސް އާއި ރާރާއާއި އެ ދެމެދުގައިވާ ޖާގަ (ގްލޮޓިސް) އާއި ގްލޮޓިސް ދޮރުފަތާއި (އެޕިގްލޮޓިސް އާއި) މި ބައިތައް އެކުލެވިފައިވާ މަޑުކައްޓާއި މަހަށް ކިޔަނީ ލެރިންކްސް އެވެ. ލަގޮނޑިއަކީ ލެރިންކްސް އޭ ވެސް ދެންނެވިދާނެއެވެ.

ދެން ފާހަގަކޮށްލަން އޮތީ ހަމަ އެންމެ ގުނަވަނެކެވެ. އެއީ ފެރިންކްސް އެވެ. މިއީ ގްރީކްބަހުން ކަރެވެ. ނަމަވެސް މި ލަފުޒުން އިޝާރާތް ކުރަނީ އަނގަ ހުޅުވާލުމުން އެ ފެންނަ އެންމެ އަޑީގައިވާ ޖާގައަށެވެ. މިއީ ހޮޅިއެކެވެ. ނޭފަތުގެ ފަހަތުން އަނގައިގެ ފަހަތާއި ލެރިންކްސް އާ ހަމައަށް މި ހޮޅި ދެއެވެ. މަތީބަޔަށް ކިޔަނީ ނޭސަލްފެރިންކްސް އެވެ. އަނގައިގެ ފަހަތުގައިވާ ހޮޅިކޮޅަށް ކިޔަނީ އޯރޯފެރިންކްސް އެވެ. ލެރިންކްސް އާ ގާތުގައިވާ މި ހޮޅިއަށް ކިޔަނީ ލެރިންގޯފެރިންކްސް އެވެ.

placeofarticulationޚުލާޞާ ކޮށްލުމުގެ ގޮތުން ދަންނަވާލަމެވެ. ޔޫރަޕުގެ އެކި ބަސްބަހުން ހަށިގަނޑުގެ އެކި ބައިތަކަށް ކިޔާ ނަންތައް ހުންނަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ކަޑައަޅާފައެވެ. މި ޖަމްޢިއްޔާއިން މިކަން ކުރާތާ މިހާރު 300 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޭނުމަކީ އެކި ޤައުމުތަކުގެ މެދުގައި ޞިއްޙަތާ ބެހޭ ނަންތައް އެއްގޮތް ކުރުމެވެ. އަޅުގަނޑުގެ ނަޒަރުގައި، މިބައިތަކަށް ތަފާތު ނަންތައް ދިވެހިބަހުން ހެދުމަކީ ބޭނުން ކަމެއްނޫނެވެ. އެއީ އެހެން ޤައުމުތަކުގައި ވެސް ކުރާ ކަމެއް ނޫނެވެ. މި ޖަމްޢިއްޔާގެ ބައްދަލުވުން އެންމެ ފުރަތަމަ ބޭއްވިއިރު 50000 އަށް ވުރެ ތަފާތު ނަންތައް ހަށިގަނޑުގެ އެކި ބައިތަކަށް ކިޔައެވެ. ފުރަތަމަ ބައްދަލުވުމުން މި ނަންތަން 5000 އަށް ތިރިކުރިއެވެ. ގުޅޭ ބައިތަކަށް ނަންކިޔާފައި ހުންނަނީ ކޮންމެވެސް އެހެން ބަހަކުން ކިޔާ ނަމެއް ބޭނުންކޮށްގެންނެވެ. މިސާލެއްގެ ގޮތުން ގްލޮޓިސް އާއި ފެރިންކްސް ގެ މާނައަކީ ތަފާތު ދެ ބަހަކުން ކަރެވެ. ނަމަވެސް، ވަކި ޚާއްޞަ މާނައެއް އެ ދެ ލަފުޒަށް މިހާރު ވަނީ ދެވިފައެވެ.

ތުންފަތާއި ދަތްތަކާއި ހިރުގަނޑާއި ހަރު ތައްޔާއި މަޑުތައްޔާއި ކަރުގެ އެތެރެއާއި ލަގޮޑިއާއި އަޑުފޮށްޓަށް ކިޔާ ޚާއްޞަ ނަންނަން ހުރެއެވެ. މި ނަންތައް ކޮންމެވެސް މިންވަރަށް އެނގުމަކީ ދިވެހިބަހުގެ އަޑުތައް ނުކުންނަގޮތާ މެދު ވާހަކަ ދައްކަން ވަރަށް މުހިއްމު ކަމެކެވެ.

 ވާހަކަ ދައްކަން ބޭނުންކުރާ އަޑުތަކުގެ ބާވަތްތައް

އިންސާނުން ވާހަކަ ދެއްކުމުގައި ތަފާތު ކިތައް އަޑު ބޭނުން ކުރޭތޯއެވެ؟ މިއީ ބަހުގެ އިލްމުވެރިން ކޮންމެވެސް މިންވަރަކަށް ދިރާސާކޮށް ޖަވާބު ހޯދާފައިވާ ސުވާލެކެވެ. ބައެއް ބަސްބަހުގެ އަޑުތައް ވަރަށް މަދެވެ. މިސާލެއްގެ ގޮތުން، ޖަޕާނު މީހުން އެމީހުން ބުނާ ކޮންމެ އެއްޗެއް ޖުމުލަ 22 އަޑުން ބުނެ އެވެ. ޢަރަބިބަހުގައި ޗަވިޔަނީގެ އަދި ޓަވިޔަނީގެ އަޑުފަދަ އަޑު ނެތުމާއެކު ޖުމުލައަޑުގެ ޢަދަދަކީ 36 އެވެ. އިނގިރޭސި ބަހުގެ ހުރިހާ ލަފުޒެއްގައިވަނީ ޖުމްލަ 44 އަޑެވެ. ”އަޑު“ އިން މި މާނަކުރަނީ ކޮން އެއްޗަކަށްތޯއެވެ؟ ބަހުގެ ޢިލްމުވެރިންގެ މެދުގައި އެންމެ ކުރު އަޑަކީ އެއަށް ބަދަލެއް ގެނައުމުން ލަފުޒެއްގެ މާނަ ތަފާތުވާ އަޑެވެ. އަޅުގަނޑުމެންނަށް ކޮންމެ ލަފުޒެއްވެސް އޭގެ އަޑުތަކަށް ބައިބައިކޮށްލެވިދާނެ އެވެ. މިސާލެއްގެ ގޮތުން، ”މާރު“ މިލަފުޒަށް ވިސްނަވާ ވަޑައިގަންނަވާށެވެ. މި ލަފުޒުގައިވަނީ ދެ އަޑެވެ. މާ އާއި ރު އެވެ. މިގޮތަށް ލަފުޒެއް އޭގެ ކުރު އަޑުތަކަށް ބައިކުރުމަށް ބަހުގެ ޢިލްމުވެރިން ކިޔަނީ ސެގްމެންޓް ކުރުމެވެ. ”މާ“ މިއީ އަޑެކެވެ. ”ރު“ މިއީ އަޑެކެވެ. މިއީ އަޑެއްކަން އެނގޭ ގޮތަކީ އަޑަށް ބަދަލެއް ގެނައުމުން ލަފުޒުގެ މާނަ ތަފާތު ވާ ކަމެވެ. މިސާލެއްގެ ގޮތުން މީމުގެ ބަދަލުގައި ކާފެއް ޖެހުމުން ކާރަށް ލަފުޒު ބަދަލުވެ މާނަ ބަދަލުވެއެވެ.  މުޅިން އެހެން މާނައެކެވެ. ލަފުޒެއްގެ އެންމެ ކުރު އަޑުތަކަށް ކިޔަނީ ”ފޯނީމް“ އެވެ. ޔޫނާނީ ބަހުން އިވޭ އަޑަށް ކިޔާ ލަފުޒެވެ. އަކުރެއްގައި އެކުލެވޭ އަޑު ފާހަގަ ކުރަން ބަހުގެ ޢިލްމުވެރިން އެ އަކުރުގެ ދެ ފަރާތުގައި / އޮބްލިކް ފާހަގަ (ކަނާތަށް ކަތި ރޮނގު) ޖަހައެވެ. މިސާލެއްގެ ގޮތުން މީމުގެ އަޑޭ ބުނުމުގެ ބަދަލުގައި /މ/ މިހެން ލިޔެފިނަމަ، އެއީ މީމުގެ އަޑެވެ. /މ/ މިއީ ދިވެހިބަހުގެ ފޯނީމެކެވެ. ދެން ފިއްޔާ ދޭތެރޭ ވިސްނާލަމާތޯއެވެ؟ އާދެ!  ”މާރު“ ގައިވާ މީމުގައި އީބީފިލި ޖެހުމުން ”މީރު“ އުފެދެއެވެ. މިއީ ތަފާތު މާނައެއްގެ ލަފުޒެކެވެ. އެހެންކަމުން އީބީފިއްޔަކީވެސް އަޑެއްކަމަށް ނުވަތަ ފޯނީމެއް ކަމަށް ޢިލްމުވެރިން ބުނެތެވެ. އާދެ! ފޯނީމަކީ ބަހެއްގެ އެއް ލަފުޒު އަނެއް ލަފުޒާ ފަރަގު ކުރަން އަޑަށް ގެނެވޭ އެންމެ ކުޑަ ބަދަލެވެ.

އެންމެ ގިނަ އަޑު ނުވަތަ ފޯނީމު ހުންނަކަމަށް ބުނަނީ ބޮޓްސްވާނާގައި ވާހަކަ ދައްކާ އުޅޭ އިކްޒޫ ނަމަކަށް ކިޔާ އެފްރިކާގެ ބަހެއްގައެވެ. މި ބަހަށް ”ޓާ“ ބަހުގެ ނަމުންވެސް ނަންދީފައި ވެއެވެ. މި ބަހުގައި 100 އާއި 164 އާ ދެމެދުގެ ތަފާތު އަޑުވާކަމަށް ބުނެއެވެ. އެކި ރިޕޯޓަރުން ބުނެފައިވާ ޢަދަދު ތަފާތެވެ. އެފްރިކާގެ ބައެއް ބަސްބަހުބައެއް އަޑުތައް އުފައްދަނީ އެތެރެއަށް ނޭވާލާއިރުއެވެ. އެތެރެއަށް ނޭވާލާއިރު އަޑެއް އިއްވަނީ ވަރަށް މަދު ބަހެއްގައެވެ. ދިވެހި ބަހާއި ޢަރަބި ބަހާއި އިނގިރޭސި ބަސް ފަދަ ބަސްބަހުގައި، ވާހަކަ ދައްކާ ހުރިހާ އަޑެއް ނެރެނީ ބޭރަށްލާ ނޭވާގަ އެވެ.

އެކި މީހުންގެ ވާހަކަތައް ކަނުލާ އަޑުއެހުމުން، މާނަ ތަފާތު ނުވާ ނަމަވެސް އަޑު ތަފާތު ފޯނީމްތައް ހުންނަކަން ފާހަގަ ކުރެވެއެވެ. މިސާލެއްގެ ގޮތުން، އުތުރުގެ ބައެއް މީހުން ވާހަކަ ދައްކާއިރު ”ހައުދަހާ“ އޭ ކިޔައެވެ. މާލޭގެ މީހުން ކިޔާ އަޑުއިވެނީ ”ހާދަހާ“ އެވެ. މިގޮތަށް އެކި މީހުންގެ ވާހަކަތަކުގައި އަޑުތަކުގައި ކުދިކުދި ފަރަގު ހުރެއެވެ. މިގޮތަށް މާނަ ތަފާތު ނުވާ ފޯނީމްގެ ތަފާތު ތަކަށް ކިޔަނީ ”އެލޯފޯން“ އެވެ. މި ޔޫނާނީ ލަފުޒުގެ މާނައަކީ އަނެއް އަޑެވެ.

ފޯނީމްގެ މައިގަނޑު ދެބައި

ބަހެއްގެ ހުރިހާ ފޯނީމްތައް މައިގަނޑު ދެބަޔަކަށް ބައިކޮށްލެވިދާނެ އެވެ. މިގޮތަށް އަޑު ގިންތިކުރާއިރު ބަލަނީ ކަރުން ނުކުންނަ ވައިގެ ހިފެހެއްޓުމަށެވެ. ފުއްޕާމެއިން ވައި ނުކުންނަ އިރު، ބައެއް އަޑުތައް އިއްވަނީ އަނގައިގެތެރޭގައި މާ ބޮޑު ހިފެހެއްޓުމެއް ނެތިއެވެ. މިސާލެއްގެ ގޮތުން ”އޯ“ ވިދާޅުވެބައްލަވާށެވެ. ފާހަގަ ކުރެއްވޭނީ މި އަޑު ނުކުންނައިރު މުޅި ކަރުތެރެ އަނގަޔާ އެކު ހުޅުވިފައިވާ ކަމެވެ. ނަމަވެސް ”ސްސްސް“ ކިޔުއްވާއިރު ފުއްޕާމެއިން ނުކުންނަ ވައި ދަތްތަކާ ހިސާބުން ހިފެހެއްޓޭކަން ފާހަގަ ކުރެއްވޭނެއެވެ. އިނގިރޭސި ބަހުން ފުރަތަމަ ގިންތިއަށް ކިޔަނީ ވަވްލް އެވެ. އެއީ ހިފެހެއްޓުމެއް ނެތި އަނގަތެރެއިން ނުކުންނަ އަޑެވެ. ދިވެހިބަސް ފޮތުގައި މިފަދަ އަޑަށް ދީފައިވާ ނަމަކީ ލީން އަޑެވެ. މިއީ އަޞްލު ޢަރަބި ލަފުޒެކެވެ. حرف لين  އެވެ. އިނގިރޭސި ލަފުޒު، ވަވްލް ގެ އަޞްލަކީ ފަރަންސޭސި ބަހުން ”ވާހަކަ ދައްކާ އަޑު“ އަށް ކިޔާ ނަމެވެ.

vowelsandconsonantsއަނގަތެރޭގައި ނުވަތަ ކަރު ތެރޭގެ ހިފެހެއްޓުމަކާ އެކު ނުކުންނަ އަޑަށް އިނގިރޭސިބަހުން ކިޔަނީ ކޮންސަނަންޓް އެވެ. މި ލަފުޒުގެ މާނައަކީ ”އެއްކޮށް ކިޔޭ“ އެވެ. ކުރިން މީހުން ހީކުރީ ކޮންސަނަންޓް އަޑެއް ލީން އަޑަކާ ނުލައި ނުކިޔޭނެ ކަމަށެވެ. ޢަރަބި ބަހުން، އަނގައިގެ ތެރޭގެ ހިފެހެއްޓުމަކާ ގުޅިގެން ނުކުންނަ އަޑަށް ކިޔަނީ حرف ساكن އެވެ. އާދެ! ސުކުން އަޑެވެ. ހިފެހެއްޓުމަކާ ނުލާ ނުކުންނަ އަޑަށް، އާދެ، ވަވްލް އަށް ބަސްފޮތުގައި ލީން ކަމަށް ލިޔެފައިވާތީ އެ ބާވަތުގެ ފޯނީމަށް އަޅުގަނޑު ކިޔާނީ ލީން އަޑެވެ. ބޭރަށްލާ ނޭވާ ދެ ގުނަވަނެއްގެ ދޭތެރޭ ތާށިކޮށްގެން، ހިފެހެއްޓުމަކާ އެކު ނެރޭ އަޑަށް ކިޔާނީ ފިއްތި ފޯނީމެވެ. އަޑު ނުކުންނަ ގޮތް ސިފަވާ ގޮތަށެވެ. ފިއްތި އަޑާއި ލީން އަޑެވެ. ފިއްތިއަކީ ލީންގެ އިދި ލަފުޒެކެވެ. ލީން އަޑުން މާނަކުރަނީ ހިފެހެއްޓުމެއް ނުވާ އަޑެވެ. ދޫވެފައިވާ، ނުވަތަ ވީއްލިފައިވާ އަޑަށެވެ. ތިބާއަށް ރަނގަޅު ލަފުޒުތަކެއް ބޭނުން ކުރައްވާށެވެ.

ދިވެހި ބަހުގެ ފިއްތި ފޯނީމްތައް

ކުރިން ބަޔާން ކުރެވުނު ފަދައިން، ފިއްތި އަޑުތަކުން މާނަކުރަނީ، އަޑުފޮށި (ގްލޮޓިސް) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑަށެވެ. މި އަޑުތަކަށް ތިން ކަމަކުން ވަކި ސިފައެއް ލިބިގެންވެއެވެ. އެއީ އަޑު ފިތޭ ތަނާއި، އަޑު ފިތޭ ގޮތާއި އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާގެ ތުރުތުރު އެޅުމެވެ. އެންމެ ފުރަތަމަ އަޅުގަނޑު ބަޔާން ކުރާނީ ރާރާއެޅުމުގެ ވާހަކައެވެ. ދެން އެއަށްފަހު، އަޑު ފިތޭ ތަނެވެ. އެންމެ ފަހުން އަޑު ފިތޭ ގޮތެވެ. ވަކި ފޯނީމެއް ނާހާ، ބަހުގެ އެދުރެއްގެ ކައިރީގައި މިތިން ސިފަ ބުނަނިކޮށް އޭނާއަށް އެ އަޑު ނެރެން އެނގޭނެއެވެ.

ރާރާއެޅުން

ބައެއް ފިއްތި އަޑު ނުކުންނަ އިރު، ގްލޮޓިސް ގެ ތެރެއިން ވައި ނުކުންނަނީ ރާރާ ނުވަތަ ވޯކަލް ފޯލްޑްސް އެއްވެސް ގޮތަކަށް ތުރުތުރު ނާޅާއެވެ. އަނެއްބައި އަޑު ނުކުންނައިރު، ރާރާ ތުރުތުރު އަޅައެވެ. ރާރާ ތުރުތުރުއަޅާކަން ލަގޮނޑީގައި ދެއިނގިލި ޖައްސާލުމުން އެނގެއެވެ. މިސާލެއްގެ ގޮތުން ”ސްސްސްސް“ ކިޔުއްވާށެވެ. ކަރުން އެންމެ ބޭރަށް ނުކުމެފައިވާ ލަގޮޑީގެ ތަންކޮޅެއް ތިރީގައި އިނގިލި ޖައްސާލުމުން ރާރާ ތުރުތުރު ނާޅާކަން ފާހަގަކުރެއްވޭނެއެވެ. ނަމަވެސް ”ޒްޒްޒްޒް“  ވިދާޅުވާއިރު ތުރުތުރު އަޅާކަން ފާހަގަ ކުރެއްވޭނެއެވެ. އިނގިރޭސި ބަހުގައި، ތުރުތުރު ނާޅާ އަޅުތަކަށް ކިޔަނީ ”އަންވޮއިސްޑް“ ނުވަތަ ނުބުނާ ފޯނީމެވެ. ”ވޮއިސްލަސް“ (އަޑުނެތް) ފޯނީމެވެ. އަޑު އިއްވާއިރު ރާރާ ތުރުތުރު އަޅާ އަޑުތަކަކީ ”ވޮއިސްޑް“ ނުވަތަ ބުނާ އަޑުތަކެވެ. ދިވެހިބަހުގައި ވޮއިސްޑް އަޑުތަކުގެ ތެރޭގައި /ބ/، /ވ/، /ދ/، /ގ/، /ޒ/ ހިމެނެއެވެ. ޔަޤީންކޮށްލައްވަން މި އަޑުތަކުގައި އީބީފިލި ޖައްސަވައިގެން ކިޔުއްވަމުން، ދެ އިނގިލި ލަގޮނޑީގައި ޖައްސަވާލައްވާށެވެ.   ”ފެން“ އާއި ”ވެން“ ކިޔުއްވާ ގޮތަށް ވިސްނަވާށެވެ. /ވ/ އަކީ ރާރާ އަޑެކެވެ. މި އަޑު ނެރެނީ ތިރީ ތުންފަތުގައި މަތީ ދަތްތައް ޖައްސައިގެންނެވެ. /ފ/ އަކީ ރާރާ އަޑެއް ނޫނެވެ. ނަމަވެސް މިއަޑު ނެރެނީ ވެސް /ވ/ގެ އަޑުގެ ޖަގަހައިންނެވެ. ތަފާތަކީ ”ވެން“ ކިޔާއިރު ރާރާ ޖެހޭކަމެވެ. މިގޮތަށް އެއް ތަނަކުން ނެރޭ ދެއަޑު،  އެއް އަޑު ކިޔާއިރު ރާރާ ޖެހިފައި އަނެއް އަޑު ކިޔާ އިރު ރާރާ ނުޖެހޭ އަޑު ހުރެއެވެ. /ބ/ ގައި ރާރާ ކިޔައެވެ. /ޕ/ ގައި ރާރާ ނުކިޔައެވެ. ފަރުވާތެރިކަމާއެކު ”ބަސް“ ކިޔުއްވާށެވެ. ދެން”ޕަސް“ ކިޔުއްވާށެވެ. އަޑުނެރެނީ އެއްތަނަކުންނެވެ. ތަފާތަކީ ރާރާ ޖެހުމާއި ނުޖެހުމުގެ ތަފާތެވެ.

އަޑު ނެރޭ ތަން ނުވަތަ ޖަގަހަ

އަޑު ފިތޭ ދިމާ ނުވަތަ ތަނަށް ނަޒަރު ހިންގާލަމާތޯއެވެ؟ އަނގައިގެ އެތެރޭގެ ގުނަވަންތައް ތަޢާރުފުކުރުމުގެ ބޭނުމަކީ އެކި އަޑު ކިޔާ ތަން ތަން ނުވަތަ އަޑުގެ ޖަގަހަތައް (މަޙައްލު) ބަޔާންކުރުމެވެ. ކަރުގެ އަޑިން ބޭރަށް ތަރުތީބުން އަޑުގެ ޖަގަހަތައް ބަޔާން ކުރުމެވެ. އެންމެ ފުރަތަމަ ތަނަކީ އަޑު ފޮއްޓެވެ. ގްލޮޓިސް އެވެ. މިތަނުން ނެރޭ އަޑުތަކުގެ ތެރެއިން ދިވެހީން ވާހަކަ ދައްކާ އިރު ނެރޭ ހަމައެކަނި އަޑަކީ /ހ/ ގެ އަޑެވެ. ގްލޮޓިސްއިން ނެރޭ އަޑަށް ގްލޮޓަލް އަޑޭ ކިޔައެވެ. ގްލޮޓަލް އަކީ ގްލޮޓިސްގެ ނަންއިތުރެވެ.

consonantssimpletableއަޑު ނެރޭ ދެވަނަ މަޚްރަޖައަކީ ނުވަތަ ތަނަކީ ފެރިންކްސް އެވެ. ކަރުގެ ބުޑެވެ. މިތަނުން ނެރޭ އަޑަށް ކިޔަނީ ފެރިންޖިއަލް އަޑެވެ. ދިވެހިބަހުގެ އެއްވެސް އަޑެއް ކަރުގެ މި ހިސާބަކުން ނުނެރެއެވެ. ނަމަވެސް ޢަރަބި ބަހުގެ ޢައިނުގެ އަޑު، އާދެ، /ޢ/ އަކީ ފެރިންޖިއަލް އަޑެކެވެ. އަޑު ނެރޭ ތިންވަނަ މަޚްރަޖައަކީ ކުޑަދުލެވެ. އާދެ، ޔޫވިއުލާއެވެ. ޔޫވިއުލާ އަޑެއް ދިވެހިބަހުގައި އަދި އިނގިރޭސި ބަހުގައި ވެސް ނުހިމެނެއެވެ. ނަމަވެސް ޢަރަބި /ޣ/ އަކީ ޔޫވިއުލާ އަޑެކެވެ. ދިވެހި އަޑުތަކުގައި މި މަޚްރަޖަތައް ނުހިމެނުނަސް މި ތަންތަން މި ފާހަގަކޮށްލީ މަޢުލޫމާތު އިތުރުކޮށްލުމުގެ ގޮތުންނެވެ. އަދި މިދާއިރާއިން އިތުރަށް ދަސްކުރަން ބޭނުންވާ މީހުންނަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ފިއްތިއަޑުގެ ހަތަރު ވަނަ ޖަގަހަކީ މަހުން އެކިލެވިފައިވާ މަޑު ތައްޔެވެ. ސޮފްޓް ޕެލެޓް އެވެ. ނުވަތަ ވީލަމް އެވެ. މިތަނުން ނެރޭ އަޑުތަކަށް ކިޔާނީ ”ވީލާ“ އަޑު ތަކެވެ. ދިވެހިބަހުގައި ވީލާ ހަތަރު އަޑު ހިމެނެއެވެ.  /ކ/ އާއި /ގ/ ކިޔާއިރު  ދޫ ޖެހެނީ މަޑުތަލީގައިކަން ނުވަތަ ދޫ ގާތްވަނީ މަތީ ތައްޔާކަން ޔަޤީން ކުރައްވާށެވެ. މީގެ އިތުރަށް، ”ރަންގު“ ކިޔާއިރު ނޫނުގެ ސުކުން އެކުރެވެނީ މަޑުތައްޔާ ދޫ ކައިރިވެފައެވެ. ނޫނުގައި މިގޮތަށް ސުކުން ކުރެވޭ އަޑަކީ ތިންވަނަ އަޑެވެ. ލިޔާ ގޮތާ ކިޔާ ގޮތާ ގުޅުވަން އުޅުއްވައިފިނަމަ، ތިބާއަށް އަޅުގަނޑު މިދައްކާ ވާހަކަ އޮޅިވަޑައިގަންނަވާނެއެވެ. އެހެންކަމުން، އަޑަށް ސަމާލުކަން ދެއްވާށެވެ. ރަންގުގައި ހިމެނޭ މެދު އަޑަކީ ”ން“ މިއަޑެވެ. ”މީހުން“ އަދި ”ވެރިން“ ކިޔާއިރު އެންމެ ފަހުން ކިޔެނީ ނޫނުގައި ހިމެނޭ އަޑެވެ. އިނގިރޭސި ބަހުގައި ލަވަކިޔުމަށް ”ސިންގ“ ބުނާއިރު ވެސް ކިޔޭ އަޑެވެ. މިއަޑު އަބަދުވެސް ހިމެނޭނީ ދިވެހި ބަހުގައި ނަމަ، ލަފުޒެއްގެ މެދުގައެވެ. ނޫނީ ނިމޭތަނުގައެވެ. އިނގިރޭސި ބަހުގައި ވެސް މިފަދައެވެ. އެއްވެސް ލަފުޒެއް މި އަޑަކުން ނުފެށޭނެއެވެ.

ވީލާ ހަތަރުވަނަ އަޑަކީ ނޯށަށް އަރުވާ ކިޔޭ ގާފުގެ އަޑެވެ. /ނގ/ އެވެ. ހުސްނޫނުގެ އަޑު މިލްކުވެގެންވަނީ ގާފަށެވެ. އެއީ ވަކިން މިނިވަންކޮށް އޮންނަ އަޑެއް ނޫނެވެ. އަދި ”ހަނގު“ ފަދަ ލަފުޒެއްގެ /ހ/ އާ ބެހޭ ވެސް އަޑެއް ނޫނެވެ. ނޯށަށް އަރުވަނީ /ހ/ގެ އަޑު ނެރުމަށް ފަހުއެވެ. ދިވެހިބަހުގައި މިގޮތަށް ނޯށަށް އަރުވާ ކިޔާ ހަތަރު އަޑު ހިމެނެއެވެ. އެއީ /ގ/ އާއި /ބ/ އާއި /ދ/ އާއި /ޑ/  ކިޔާއިރު ނޯށަށް އަރުވާ ކިޔާ އަޑެވެ. ބަހުގެ ޢިލްމުގައި، ނޯށަށް އަރުވާ ކިޔާ ކިޔުމަކީ ވަކި ފޯނީމެކެވެ. ވަކި ތަފާތު އަޑެކެވެ. ނޯށަށް އަރުވާ ކިޔާ އެއްވެސް އަޑަކުން ދިވެހި އެއްވެސް ލަފުޒެއް ފެށޭތޯއެވެ؟

މަޑުތަލީގެ އަޑުތަކަށް ފަހު، ދެން ސަމާލުކަން ދޭންވީ ހަރުތަލީގެ އަޑުތަކަށެވެ. ހަރުތަލީގެ އަޑުތަކަށް ކިޔަނީ ”ޕެލެޓަލް“ އަޑުތަކެވެ. ޕެލެޓަކީ ތައްޔެވެ. ދިވެހިބަހުގައި ހަރުތަލީގެ ފަސް އަޑެއް ހިމެނެއެވެ. އެއީ /ށ/ އާއި /ޏ/ އާއި /ޔ/ އާއި /ޖ/ އާއި /ޗ/ އެވެ. ފަސްވަނަ ޖަގަހައިގައި ވަނީ ދިވެހި ފަސް ފޯނީމް، އެހެން ނޫންތޯއެވެ؟

ހަވަނަ އަޑުގެ ޖަގަހައަކީ ރެޓްރޯފްލެކްސް އަޑުތަކެވެ. މި ޖަގަހައިން ކިޔަނީ ދިވެހި ފަސް އަޑެވެ. ރެޓްރޯފްލެކްސް ގެ މާނައަކީ ފަހަތަށް ލެބިގެން ވުމެވެ. މި އަކުރުތައް ކިޔާއިރު ދުލުގެ ކުރި ފަހަތަށް ލެބިގެންވާކަން ތިބާއަށް އިޙްސާސް ކުރެއްވޭނެއެވެ. ދިވެހިބަހުގެ ރެޓްރޯފްލެކްސް ފިއްތި އަޑުތަކަކީ  /ޅ/ އާއި /ޓ/ އާއި /ޑ/ އާއި ނޯށަށް އަރުވާ ކިޔާ /ނޑ/ އާއި /ޱ/ އެވެ. ދެކުނުގެ އަތޮޅުތަކުގައި /ނ/ އާއި ބަރު ނޫނުގެ އަޑު /ޱ/، ވާހަކަ ދެއްކުމުގައި ތަފާތު ކުރެއެވެ. /ޱ/ އަކީ ރެޓްރޯފްލެކްސް އަޑެކެވެ. ލުއި ނޫނުގެ އަޑު ނެރެނީ މަތީ ހިރުގަނޑާ ދޫ ކައިރިކޮށްއަޑު ފިއްތައިގެންނެވެ. ބައެއް މީހުން ދަތްތަކާ ކައިރިކޮށްފައި ވެސް މިއަޑު ނެރެއެވެ. ދެކުނުގެ ތިން އަތޮޅުގައި ބައެއް ލަފުޒުގެ މާނަ، ނޫނުގެ އަޑުގެ ބާވަތުން ތަފާތުވެ ދެއެވެ. މިސާލެއްގެ ގޮތުން ކުރުނބާ ފަނި އެއީ ބޯ ދިޔައެކެވެ. ފަޱި އެއީ ދިގުކޮށް ހުންނަ ދިރޭ ސުއިއްޕެކެވެ. އެހެން ބަރުނޫނު ހިމެނޭ ލަފުޒުތަކުގައި ދެކުޱު އާއި ކޯގަންޱު އާއި ހުޱު ފަދަ ލަފުޒުތައް ހިމެނެއެވެ. މާލޭ މީހުން ވާހަކަ ދައްކާއިރު، މި ބަރު ނޫނު މިހާރަކަށް އައިސް ބޭނުންކުރާ އަޑު އިވެނީ މަދުންނެވެ.

ހަތްވަނަ އަޑުގެ ޖަގަހަ އަކީ ހިރުގަނޑުގެ މައްޗެވެ. އެލްވިއޮލާ އެވެ. އެލްވިއޮލާ ފޯނީމްތަކުގައި ހިމެނެނީ /ނ/ އާއި /ރ/ އާއި /ސ/ އާއި /ޒ/ އެވެ.

އަށްވަނަ ފިއްތިއަޑުގެ ޖަގަހައަކީ މަތީ ދަތްޕިލައިގެ ދަތްތަކުގައި ދޫ ޖައްސާ ފިއްތާ ފިއްތުމެވެ. މި އަޑުތަކުގެ ތެރޭގައި ހިމެނެނީ /ލ/ އާއި /ތ/ އާއި /ދ/ އާއި ހަނދު ފަދަ ލަފުޒު ކިޔާއިރު ނޯށަށް އަރުވާ ކިޔާ ހުސްނޫނާއެކުވާ /ނދ/ އެވެ. އާދެ! ޖުމްލަ ހަތަރު ފޯނީމެވެ.

ނުވަ ވަނަ އަދި އެންމެ ފަހު އަޑުގެ މަޚްރަޖައަކީ ދެ ތުންފަތެވެ. ތުންފަތް ބޭނުންކޮށްގެން ކިޔާ އަޑުތަކުގައި ހިމެނެނީ ހަ ފޯނީމެވެ. އެއީ /ބ/ އާއި އަނބު ފަދަ ލަފުޒު ކިޔާއިރު ނޯށަށް އަރުވާ ކިޔާ /ނބ/ އާއި /ވ/ އާއި /މ/ އާއި /ފ/ އާއި /ޕ/ އާއެކު ޖުމުލަ ހަ ފޯނީމެވެ. މިފަސް އަކުރުގެ ތެރެއިން /ފ/ އާއި /ވ/ ކިޔާއިރު ތިރީ ތުންފަތާއި މަތީ ދަތްޕިލާ އާ ދޭތެރޭ ވައި ފިއްތާލެވޭކަން ފާހަގަ ކުރެވުނު ތޯއެވެ؟ އަޅުގަނޑު މި ދަންނަވާލީ ދިވެހި އަޑުތައް އަޅުގަނޑު ކިޔާ ގޮތެވެ. އެހެން މީހުން ކިޔާގޮތް ތަފާތު ވެދާނެއެވެ. ބައެއް ރަށްރަށުގެ މީހުން ބައެއް އަކުރު ކިޔާއިރު ފިތޭ ތަން ތަފާތުކަން ފާހަގަ ކުރެވިފައި ވެއެވެ. މިސާލެއްގެ ގޮތުން، އައްޑޫ ބައެއް މީހުން ލ ކިޔާ ގޮތާއި އުތުރުގެ މީހުން ލ ކިޔާގޮތް ތަފާތެވެ.

ކުރިން ދެންނެވި ފަދައިން، ފިއްތި ފޯނީމްތައް ނުވަތަ ކޮންސަނަންޓްތަކުގެ ޚާއްޞަ ސިފަތަކުގައި ހިމެނެނީ ތިން ކަމެކެވެ. އެއް ކަމަކީ އަޑު ކިޔާއިރު ރާރާ ނުވަތަ ވޯކަލް ފޯލްޑްސް ގެ ތުރުތުރު އެޅުމާއި ނޭޅުމެވެ. ދެން އަޑު ކިޔާ ތަނެވެ. އަދި ތިންވަނައަށް އަޑު ކިޔާ ގޮތެވެ. ފުރަތަމަ ސިފައަކީ އިނގިރޭސި ބަހުން ވޮއިސްޑް/އަންވޮއިސްޑް (ވޮއިސްލަސް) ފިއްތި ފޯނީމުތަކެވެ. ދެން އަޑު ކިޔާ ތަނެވެ. އެއީ އިނގިރޭސި ބަހުން ނަމަ ޕްލޭސް އޮފް އާޓިކިޔުލޭޝަން އެވެ. ތިން ވަނައަށް އަޑު ކިޔޭ ގޮތެވެ. އިނގިރޭސިބަހުން މި ސިފައަށް ކިޔަނީ މެނަރ އޮފް އާރޓިކިޔުލޭޝަން އެވެ. މިތިން ސިފައިން ކޮންމެ އަޑެއް ވެސް މުޅިން ސިފަކޮށްދެވެ އެވެ. އެ އަޑު ނާހާ މީހާއަށް ވެސް ނެރެވޭ މިންވަރަށެވެ. ދެން އަޅުގަނޑު ދަންނަވާލާނީ އަޑު ކިޔޭ ގޮތުގެ ވާހަކައެވެ.

އަޑު ކިޔޭ ގޮތް

އަޑު ކިޔޭ ގޮތުން މާނަކުރަނީ އަނގައިން ވަކި އަޑެއް އިއްވާއިރު، ފުއްޕާމެއިން ނިކުންނަ ވައި ހިފެހެއްޓޭ ގޮތް ނުވަތަ ވައި ފިއްތާ ގުނަވަންތަކުން ވައި ފިތޭ މިންވަރާއި ގޮތަށެވެ.  މިސާލެއްގެ ގޮތުން /ޓ/ ގެ އަޑުގައި ހިރުގަނޑުގެ މަތީގައި ދޫ ޖެހެއެވެ. ވަގުތީ ގޮތުން އަނގައިން ވައި ބޭރުވުން ހުއްޓެއެވެ. ނަމަވެސް /ސ/ ކިޔާއިރު ހިރުގަނޑުގައި ދުލެއް މުޅިން ނުޖެހެއެވެ. ވައިބޭރުވާނޭ ޖާގައެއް އޮވެއެވެ. /ސސސސ/ ނުވަތަ ސްސްސްސް ކީދާނެއެވެ. ނަމަވެސް /ޓޓޓޓޓ/ އެއް ދިގުދެމިގެންދާ ގޮތަކަށް ނުކިޔޭނެއެވެ.

އަޑު ކިޔޭގޮތް އަށް ބަޔަކަށް ބެހިފައި ވެއެވެ. ކުރުގޮތަކަށް މިހުރިހާ ގޮތެއް ބަޔާން ކުރާނަމެވެ. އެއީ ދިވެހި އަޑުތައް އެހުރިހާ ގޮތަށް ނުކިޔަސް މެއެވެ. މިގޮތުން، މި ދާއިރާއިން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ފަސޭހަ ވާނެ އެވެ.

1. ވައި ނުކުތުން ބަންދުކޮށްލުން (ޕްލޯސިވް ނުވަތަ ސްޓޮޕް)

އަޑުކިޔޭ ގޮތްތަކުން އެންމެ ފުރަތަމަ ގޮތަކީ ބަންދު ނުވަތަ ސްޓޮޕް ގޮތެވެ. ސްޓޮޕް ގޮތަށް ޕްލޯސިވް ގޮތޭ ވެސް ކިޔައެވެ. ގިނަ ބޭފުޅުންނަށް އެކްސްޕްލޯސިވް ގެ މާނަ އެނގިވަޑައިގަންނަވާނެއެވެ. އެއީ ބަޑިބޭސް ފަދަ އެއްޗެތި ގޮވުމެވެ. ކެމިކަލެއްގެ ސަބަބުން ކުއްލިއަކަށް ވައި އުފެދި ގިނަވެގެން ފެތުރިގެން ދިއުމެވެ. ޕްލޯސިވް އަޑުތަކުގެ ސިފައަކީ މިއީއެވެ. ފުއްޕާމެއިން ވައި ނުކުންނަ އިރު، ފިތޭ ދެ ގުނަވަން މުޅިން ބަންދުވެ، ވައި މުޅިން ހިފެހެއްޓިފައި (ސްޓޮޕް ވެފައި)، ދެން ކުއްލިއަކަށް ވައި ބޭރުވުމަށް ހުޅުވޭނީއެވެ. މިގޮތަށް ފިތޭ ތަންތަން ކުރިން ބަޔާން ކުރެވުނީއެވެ.”ޕާކު“ ކިޔުއްވާއިރު، އަނގަޔާ ދެތިން އިންޗި ދުރުމިނުގައި އަތުގެ ނުފުށް ބަހައްޓަވާށެވެ. ފާހަގަކުރެއްވޭނީ ޕަވިޔަނީގެ އަޑު ނެރޭއިރު ކުއްލިއަކަށް ވައިތަކެއް އަނގައިން ނުކުންނަކަމެވެ. ނަމަވެސް ”ވިލިގިލި“ ކިޔާއިރު މިފަދަ ގަދަ ވައިތަކެއް ނުނުކުންނަކަން ތިބާއަށް ފާހަގަ ކުރެއްވޭނެއެވެ. /ޕ/ އަދި /ބ/ ކިޔާއިރު ވައި ހިފެހެއްޓެނީ ދެ ތުންފަތުންނެވެ. /ތ/ އާއި /ދ/ ކިޔާއިރު ފުއްޕާމެއިން ނުކުންނަ ވައި ހިފެހެއްޓެނީ ދަތްތަކާއި ހިރުގަނޑާ ހިސާބުންނެވެ. /ޓ/ އާއި /ޑ/ ކިޔާއިރު ދޫ އިދިފުށަށް މަތީ ތަލީގައި ޖައްސައެވެ. /ކ/ އާއި/ގ/ ކިޔާއިރު ވައި ހިފެހެއްޓެނީ މަޑު ތައްޔާ ހިސާބުންނެވެ. ދިވެހި ބަހުގައި ހިމެނެނީ ބަންދުކުރެވޭ، މަތީގައި ބަޔާން ކުރެވުނު އަށް އަޑެވެ.

2. ނޯށުން ވައި ބޭރުކުރުން (ނޭސަލް)

ކުރިން ބަޔާން ކުރެވުނު މަޢުލޫމާތުން، ނޭފަތާ އަނގަޔާ، ކަރު ބުޑުން ގުޅިފައިވާ ކަން ފާހަގަ ކުރެއްވޭނެއެވެ.  މިގުޅުން ބިނާވެގެން ވަނީ ކުޑަދުލާއި މަޑު ތަލީގެ މައްޗަށެވެ. މިދެބަޔަކީ ނޭފަތުގެ ޖަގަހަ އާއި އަނގައިގެ ބިއްދޮށް ނުވަތަ ފެރިންކްސް ގުޅުވާ ދޮރެވެ. މަޑުތައްޔަކީ މަހެވެ. މަޑުތަލި ތިރިކޮށްލަނިކޮށް ވައި ނޭފަތުން ނިކުންނާނެއެވެ. ނޯށުން ވައި ބޭރުކުރަން ހަދާ ގޮތަކީ މަޑުތަލި ތިރިކޮށް ދެތުންފަތުން އަނގަ ބަންދުކޮށްލަނީ އެވެ. މިގޮތަށް ދިވެހިބަހުން ކިޔާ އަޑުތަކުގެ ތެރޭގައި /މ/ އާއި /ނ/ އާއި /ޏ/ އާއި /ޱ/ ހިމެނެއެވެ. ބައެއް މީހުން ނޯށުން ވައިބޭރުކުރާ އަޑުތަކަށް ނޭސަލް ސްޓޮޕް އޭ ވެސް ކިޔައެވެ. މި އަޑުތައް ނިކުންނައިރު ދެ ތުންފަތް ދެމެދުން އެއްވެސް ވައެއް ބޭރެއް ނުވާނެއެވެ. ފުރަތަމަ ބަޔާން ކުރެވުނު އަނގަ ބަންދުކޮށް ކިޔާ އަޑުތައް ކިޔާއިރު ނޭފަތުން އެއްވެސް ވައެއް ނުނިކުންނާނެއެވެ. ނޯށަށް އަރުވާ ކިޔާ އަޑުތަކުގައި ހުސްނޫނުލާފައި ކިޔާ /ބ/ އާއި /ދ/ އާއި/ގ/ އާއި /ޑ/ ގެ އަޑު ހިމެނެއެވެ. މިއަޑުތައް ކިޔާއިރު ނޭފަތުން ވައި ބޭރުވެއެވެ.

3. ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުން (ޓްރިލް)

އަޑު ނެރުމުގެ ތިންވަނަ ގޮތަކީ ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުވުމެވެ. މި ޙާލަތުގައި، އަޅުގަނޑުމެން ރާރާ މި ކިޔަނީ އަވަސް އަވަހަށް ވިހުރުވޭ ކޮންމެ އެއްޗަކަށެވެ. ގިނަ ބޭފުޅުންނަށް މިކަން، ކުޑަ ދުލުގެ ރާރާއެޅުން، އިވިވަޑައިގެންފައި ވާނެއެވެ. މީހުން ނިދާފައި ތިބެގެން ގުގުރިދަމާއިރު، އެ ގުގުރީގެ އަޑު އުފައްދަނީ ކުޑަ ދޫ ރާރާ އަޅުވައިގެންނެވެ. ބޭރަށް ނޭވާލާއިރު، ނިކަން އަވަހަށް ދިދައެއް ވަޔާ ހޫރުވޭގޮތަށް ކުޑަދޫ ތެޅެނީ ބޭ އިޚްތިޔާރުގައެވެ. ހުރިހާ ވައެއް ނުކުންނާނީ އަނގައިންނެވެ. އެހެންކަމުން، އަނގަލައްޕައިގެން ގުގުރިދަމަން ފަސޭހައެއް ނުވާނެއެވެ. ބައެއް މީހުން ތުންފަތް ވެސް މިގޮތަށް ތުރުތުރު އަޅުވައެވެ. މީހުން މަލާމާތުގެ ގޮތަށް އެހެންމީހުންނަށް ސިބިބި ލައްވާއިރުއެވެ. ދިވެހި އަޑުގެތެރޭގައި ހިމެނޭ /ރ/ އަކީ  ދުލުގެ ކުރި، އެލްވިއޮލާ ނުވަތަ ހިރުގަނޑުގެ މައްޗާ ގާތްކޮށް އަވަސް އަވަހަށް ތުރުތުރު އެޅުވުމުން ކިޔާ އަޑެކެވެ. ދިވެހި ބަހުގައި ދުލުގެ ކުރި ތުރުތުރުއަޅުވައިގެން އުފައްދާ ހަމައެކަނި ފޯނީމަކީ އެއީއެވެ. ކުޑަދޫ ތުރުތުރުއަޅުވައިގެން ކިޔާ ފޯނީމެއް ދިވެހި ބަހަކު ނުވެއެވެ. ނިކަން ފަރުވާ ތެރިކަމާއެކު ”ކަރުނަ“ ކިޔުއްވާށެވެ. އަދި ރާ ކިޔާއިރު ދުލަށް ވާގޮތް ވިސްނަވާ ވަޑައިގަންނަވާށެވެ. އިނގިރޭސި /r/ ގެ އަޑާއި ދިވެހި /ރ/ ގެ އަޑު ތަފާތެވެ. އިނގިރޭސި /r/ ގެ އަޑު ދިވެހި /ރ/ ގެ އަޑަށް ވުރެ ލުއިވާނެއެވެ. އިނގިރޭސި /r/ ގެ އަޑު އުފައްދަނީ ތުންފަތް ބޭރަށް ދަމާފައި، މަތީ ދަތްޕިލާ ތިރީ ތުންފަތުގެ އެތެރެއާ ގާތްކޮށް ދޫ އެއްވެސް ތަނަކު ނުޖައްސައެވެ.

4. ޓަކިޖެހުން (ޓެޕް ނުވަތަ ފްލެޕް)

ދުލުން ނުވަތަ ކުޑަދުލުން ރާރާ އަޅާއިރު ތަކުރާރުކޮށް ދޫ ނުވަތަ ކުޑަ ދޫ ހޫރުވެއެވެ. ނުވަތަ ތުރުތުރު އަޅައެވެ. ބައެއް ބަސްބަހުގެ އަޑުތައް ނެރެނީ ދޫ ނުވަތަ އެހެން ވެސް ގުނަވަނެއްގެ އެއް ތުރުތުރުންނެވެ. ނުވަތަ އެއްފަހަރު ތަނަކު ޖައްސައެވެ. ދޫ، އެއްފަހަރު ތަނަކު ޖައްސާ އަޑެއް ނެރޭނަމަ، އެއަށް ކިޔަނީ ”ޓެޕް“ އަޑެކެވެ. ޓެޕްގެ ޙަޤީޤީ މާނައަކީ ފުއްޓަކި ނުވަތަ ޓަކި ޖެހުން ފަދަ ގޮތަކަށް ޖެހުމެވެ. މިފަދަ އަޑު ނެރެން ދޫ  ނުވަތަ އެހެން ގުނަވަނެއް މަތީ ތަލީގައި ނުވަތަ އެހެން ވެސް ތަނަކު ޖައްސާލަނީ ތިމާގެ އިޚްތިޔާރަކާ ނުލާ އެއްފަހަރު އެވެ. ދެން ދޫ އިހު ހުރިތަނަށް އަނބުރާ ގެންދެއެވެ. ދިވެހިބަހުގައި، މިގޮތަށް ކިޔާ އެއްވެސް އަކުރެއް ނުހިމެނެއެވެ. އެމެރިކާގައި ވާހަކަ ދައްކާ އިނގިރޭސީގައި ހިމެނެނީ މިފަދަ އެންމެ އަޑެކެވެ. އެއީ، މިސާލަކަށް ”ބަޓަރ“ ކިޔާއިރު /ޓ/ ކިޔޭ ގޮތެވެ. މިއީ އިނގިރޭސި ވިލާތުގައި މިލަފުޒު ކިޔާ ގޮތާ ޚިލާފަށް އަޑުތައް އަމުނާލައިގެން ކިޔާ ފޯނީމެކެވެ. ”ފްލެޕް“ އަޑުތައް ޓެޕް އަޑުތަކާ ތަފާތެކެވެ. ފްލެޕް އަޑުތަކުގައި ދުލުން މިޖަހާ ޓަކި ޖެހުމަށްފަހު، ދޫ ކުރިން ހުރި ޖަގަހަނޫން އެހެން ތަނަކަށް ގެންދެއެވެ. އިނގިރޭސި ވިލާތުގައި  ވާހަކަ ދައްކާ އިނގިރޭސިބަހުގައި އަދި ދިވެހި ބަހުގައި ޓެޕްއެއް އަދި ފްލެޕެއް ނުހިމެނެއެވެ. ނަމަވެސް، މި އަޑުކިޔާގޮތަށް ކިޔުންތެރިން ހޭލުންތެރިކުރުމުގެ ގޮތުން މިގޮތްވެސް ފާހަގަކޮށްލީއެވެ.

5. ހަނި ޖާގައަކުން އަޑު ނެރުން (ފްރިކޭޓިވް)

އަޑު ނެރޭ ގޮތްތަކުގެ ތެރެއިން ފަސްވަނަ ގޮތަކީ ހަނިޖާގައަކުން އަޑު ނެރުމެވެ. މިގޮތަށް އަޑު ނެރުމުން، އަޑުގައި ހިފެހެއްޓުމެއް ހުންނާނެއެވެ. އެއްޗެއް އަނެއް އެއްޗެއްގައި ޖެހިގެން ހިފެހެއްޓޭ ހިފެހެއްޓުމަށް ކިޔަނީ ފްރިކްޝަން އެވެ. ހަނިތާކު ކޭއްތިގެން ވައި ނުކުންނަ އިރު، އަޑުގައި ހަލަބޮލި ގޭނުމެއް ފަދަ އަސަރެއް ހުންނާނެއެވެ. ހުރިހާ ބަހެއްގައި ވެސް އެންމެ ގިނަ އަޑު ނެރެނީ މިގޮތަށެވެ. /ސ/ގެ އަޑަށް ވިސްނަވާށެވެ. މި އަޑު އުފައްދަނީ ދޫ، ހިރުގަނޑުގެ މައްޗާ ގާތްކޮށް، ހަނި ޖާގައެއް އުފައްދާ، ފުއްޕާމެއިން ބޭރަށް ނުކުންނަ ވައި މި ޖާގަމެދުން ބޭރުކުރުމުންނެވެ. މިގޮތަށް ނެރޭ އެހެން އަޑުތަކުގެ ތެރޭގައި /ޝ/ އާއި /ޜ/ ގެ އަޑު ހިމެނެއެވެ. /ހ/ އާއި /ފ/ އާއި/ވ/ އަކީ ވެސް މިފަދައިން ނެރޭ އަޑެވެ.

6. ދުލުގެ ދެއަރިމަތިން ވައި ބޭރުކުރުން (ލެޓަރަލް ފްރިކޭޓިވްސް)

ބައެއް ބަސްބަހުގެ ފިއްތި ފޯނީމްތަކުގައި ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރާ އަޑެއް ހިމެނެއެވެ. ދޫ ގާތްކުރަނީ ހިރުގަނޑުގެ މައްޗާ އެވެ. ދިވެހިބަހުގައި މިގޮތަށް ކިޔާ ފޯނީމެއް ނުހިމެނެއެވެ. އަދި ދިވެހީން ޢާއްމުކޮށް އަޑުއަހާ ބަސްތަކުގައި ވެސް މިފޯނީމެއް ނުހިމެނެއެވެ.

7. ބޮޑު ޖާގައަކުން އަޑު ނެރުން (އެޕްރޮކްސިމަންޓް)

އަޑު ނެރޭގޮތްތަކުގެ ތެރެއިން ހިމަ ޖާގައަކުން ގޭނިގެން ފަދަ ގޮތަކަށް ވައި ނުކުންނަ އަޑުތައް ނަންބަރު 5 ގައި ބަޔާން ކުރެވިއްޖެއެވެ. އަދި އަނގަތެރޭގައި އެއްވެސް ހިފެހެއްޓުމެއް ނެތި އަޑު ނެރޭގޮތުގެ ވާހަކަ ވެސް ބަޔާން ކުރެވިއްޖެއެވެ. ބޮޑު ޖާގައަކުން އަޑު ނެރުމަކީ މި ދެ ގޮތުގެ މެދު ގޮތެކެވެ. މިގޮތުން އަޑުގައި ހިފެހެއްޓުމުގެ ސަބަބުން އަންނަ ފިސްކަމެއް ނުހުންނާނެއެވެ. ދިވެހިބަހުން މިގޮތަށް ނެރޭ އަޑުތަކުގައި ހިމެނެނީ /ޔ/ އެވެ. /ޔ/ އާއި /ސ/ ކިޔޭ ގޮތަށް ފަރުވާތެރިކަމާއެކު ވިސްނަވާށެވެ. ފާހަގަ ކުރެއްވޭނީ /ޔ/ ކިޔާއިރު، އަނގަތެރޭގައި ހިފެހެއްޓުން ވަރަށް ކުޑަކަމެވެ. މި ސަބަބާހެދި، /ޔ/ ފަދަ އަޑުތަކަކީ ފިއްތި އަޑު ނޫންކަމަށާއި އެއީ ލީން (ހިފެއްޓުމެއް ނުވާ، ދޫ) އަޑުކަމަށް ބައެއް މީހުން ބުނެތެވެ. އިނގިރޭސި ބަހުގައި /r/ ކިޔަނީ މިގޮތަށެވެ. މި އަޑު ދިވެހިބަހުގައި ނުހިމެނޭތީ، ދިވެހީން /r/ ގެ އަޑު ނެރެނީ މާ ބަރުކޮށެވެ. ދިވެހި /ރ/ އާ އެއް އަޑެއްގެ ގޮތުގައެވެ. ބޮޑު ޖާގައަކުން ނެރޭ އިނގިރޭސި އަޑުތަކުގެ ތެރޭގައި ”ލޫޓު“ ކިޔާއިރު ކިޔާ /ލ/ ގެ އަޑާއި ޔޫޒް ކިޔާއިރު ހިމެނޭ /ޔ/ ގެ އަޑާއި /ވުޑް/ ކިޔާއިރު ނުކުންނަ /ވ/ގެ އަޑު ހިމެނެއެވެ. ﷲ ވަކިން ކިޔާއިރު ލާމު ކިޔެނީ ވެސް ބޮޑު ޖާގައަކުން އަޑު ނެރެގެންނެވެ.

8. ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރުން (ލެޓަރަލް އެޕްރޮކްސިމަންޓް)

އަޑު ކިޔާ ގޮތްތަކުގެ ތެރެއިން އަށްވަނަ އަދި އެންމެ ފަހު ގޮތަކީ ދުލުގެ ދެ އަރިމަތީގައި ބޮޑު ޖާގައެއް އުފައްދައި ވައި (ނޭވާ) ބޭރުކުރަމުން ކިޔާ ގޮތެވެ. މިއީ 7 ވަނަ ގައި ބަޔާން ކުރެވުނު ބޮޑު ޖާގައަކުން އަޑު ނެރޭ ގޮތްތަކުން ގޮތެކެވެ. އަރިމައްޗަށް ނިސްބަތް ކުރުމަށް އިނގިރޭސި ބަހުން ބޭނުން ކުރާ ލަފުޒަކީ ލެޓަރަލް އެވެ. އެހެންކަމުން މި ބާވަތަށް ލެޓަރަލް އެޕްރޮކްސިމަންޓް އޭ ކިޔަނީއެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ ދެ އަޑެއް ހިމެނެއެވެ. އެއީ ލާމުގެ އަޑާއި ޅަވިޔަނީގެ އަޑެވެ. /ލލލލލލ/ ކިޔުއްވާށެވެ. މިގޮތަށްކިޔުއްވާއިރު، ދުލުގެ ކުރި މަތީ ތަލީގައި ޖެހިފައިވާ ކަމާއި ވައިނުކުންނަނީ ދުލުގެ ދެ އަރިމަތިންކަން ފާހަގަ ކުރައްވާށެވެ.

ފުއްޕާމެއިން ވައި ބޭރުކުރާއިރު، ތަފާތު އަޑު ނެރޭ ގޮތްތައް މި ދަންނަވާލެވުނީއެވެ. މި ބައިގައި އަޅުގަނޑުމެން މި ބަޔާން ކުރީ ފިއްތި އަޑުގެ ތިން ސިފައެވެ. އެއީ ލަގޮޑީގައިވާ އަޑުގެ ރާރާގެ ތެޅުމާއި، އަޑު ކިޔާ މަޙައްލު ނުވަތަ ތަނާއި އަޑު ކިޔޭ ގޮތެވެ. އަޑު ކިޔޭ އަށް ގޮތެއް މަތީގައި ބަޔާން ކުރެވިއްޖެއެވެ. ތިރީގައި އެވާ ޗާޓުގައި ފާހަގަކޮށްފައި އެވަނީ ބައިނަލްއަޤްވާމީ އަޑުތަކާބެހޭ ޖަމްޢިއްޔާއިން (އިންޓަރނޭޝަނަލް ފޮނެޓިކް އެސޯސިއޭޝަން-އައި.ޕީ.އޭ އިން) ނެރޭ ޗާޓުގައި ދިވެހި އަކުރުތައް ހިމެނޭ ތަންތަނެވެ. ދިވެހިބަހުގައި ނުހިމެނޭ އަޑުތައް ކިޔާ ތަންތަނާއި ގޮތްތައް ބަޔާން ކުރުމުގެ ބޭނުމަކީ، މި ޗާޓަށް ކިޔުންތެރިން ފާގަތިކުރުވުމެވެ. އެއީ އެހެން ބަސްބަހުގެ އަޑުތައް ދެނެގަނެ މިދާއިރާއިން އިތުރަށް މަޢުލޫމާތު ހޯދަން ފަސޭހަ ކުރުމަށްޓަކައެވެ.

ipaoriginal

މިދަންނާވަލެވުނީ ބޭރަށް ނޭވާލާއިރު އިއްވާ ފޯނީމް ނުވަތަ އަޑުތަކުގެ ތެރެއިން ދިވެހި ފިއްތި ފޯނީމްތަކުގެ 29 އަޑު ކިޔާއިރު ރާރާއަށް ވާގޮތާއި، ކިޔާތަނާއި ކިޔާގޮތެވެ. މިއީ އަޅުގަނޑު ކިޔާގޮތެވެ. ރާއްޖޭގެ އެކި ރަށްރަށުގެ މީހުން އެކި އަޑުތައް ކިޔާގޮތް ތަފާތު ވެދާނެ އެވެ. މިކަން ދިރާސާ ކުރުމަށް އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. އިންސާނާގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު އެއް ކަމަކީ، އެމީހެއްގެ ބަހުގައި ނުހިމެނޭ ފިއްތި ފޯނީމެއް އެމީހާއަށް އަޑުއިވޭއިރު، އެ އިވެނީ އެމީހާ ދަންނަ ފޯނީމެއްގެ ގޮތުގައި ކަމެވެ. އޭނާއަށް އެ އިވުނީ ތަފާތު ފޯނީމެއް ކަން އޭނާއަށް ފަހުމެއް ނުވެއެވެ. ތަފާތު އަޑުތައް ފަހުމު ވާނީ މި ޢިލްމަށް ފަރިތަ، ފާގަތި މީހުންނަށެވެ.

ފިއްތި ފޯނީމުގެ ވާހަކަ ނިންމާލުމުގެ ކުރިން، ފުރިހަމަ ކުރުމުގެ ގޮތުން ދެ ބާވަތެއްގެ ފޯނީމެއް ފާހަގަކޮށްލާނަމެވެ. އެއްބާވަތަކީ، ޕްލޯސިވް އަކުން ފަށާފައި ފްރިކޭޓިވްއަކަށް ނިންމާ ފޯނީމެވެ. ދެބާވަތަކުން ކިޔާ އެއްފޯނީމެވެ. މި ބާވަތަށް ކިޔަނީ އެފްރިކޭޓް އެވެ. މިސާލަކަށް ”ޖަޖް“ ކިޔާއިރުގައި ހިމެނޭ /ޖ/ ގެ އަޑެވެ. /ވ/ އަޑާއި /ޔ/ ގެ އަޑުނެރޭއިރު އަނގަތެރޭގެ ހިފެހެއްޓުން ކުޑަކަމުން މި ދެއަޑަށް ބައެއް ޢިލްމުވެރިން ”ހާފްވަވްލް“ ނުވަތަ ދެބައިކުޅަ އެއްބައި ލީން އަޑެކޭ ކިޔައެވެ. ހާފްވަވްލް އަށް ކިޔާ އެހެން ނަންނަމީ ”ގްލައިޑް“ ނުވަތަ ”ސެމިވަވްލް“ އެވެ.

ދެން ބަޔާން ކުރާނީ ދޫ އަޑުތަކުގެ ކުރު ތަފްޞީލެވެ. ފިއްތި އަޑުތަކަކީ އެ އަޑު ނެރޭއިރު، އަނގައިގެ ކޮންމެވެސް ހިސާބެއްގައި އަޑު ފިއްތިގެން ނުކުންނަ އަޑެވެ. ދޫ އަޑުތަކަކީ ވީއްލިފައިވާ، ނުވަތަ ހިފެހެއްޓުމެއްނެތި ނުކުންނަ އަޑުތަކެވެ.

ލީން ފޯނީމްތައް

ލީން ނުވަތަ ދޫ ފޯނީމްތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑެވެ.  މި ފޯނީމްތަކަށް ވަވްލް ފޯނީމް އަޑުތަކޭވެސް ކިޔައެވެ. ލީން ފޯނީމްތައް ދެބަޔަށް ނުވަތަ ތިންބަޔަށް ބައިކުރެއެވެ. އެއީ އެއް އަޑު ހިމެނޭ ލީން އަޑާއި ދެ އަޑު ހިމެނޭ ލީން ނުވަތަ ދޫ އަޑެވެ. ބައެއް މީހުން ތިން އަޑު ހިމެނޭ ލީން އަޑުވެސް ފާހަގަކުރެ އެވެ. ފުރަތަމަ ބަޔަށް ކިޔާނީ އެކަހެރި ލީން އަޑެވެ. އިނގިރޭސިބަހުން ”މޮނޮފްތޯންގ“ އެވެ. އަނެއް ބާވަތަކީ ދެލީން އަޑު ހިމެނޭ ފޯނީމްތަކެވެ. މި ބާވަތުގައި ހިމެނެނީ ތަފާތު ދެ އެކަހެރި ލީން އަޑެވެ. އެއް އަޑަށްފަހު އަނެއް  އަޑު އިއްވަނީ ގުޅިގެންނެވެ. މިއީ އައިބައިފިލި އައުބައު ފިލި ދިވެހިބަހުން ކިޔާ ފޯނީމްތަކެވެ. އިނގިރޭސިބަހުން މިބާވަތަށް ކިޔަނީ ”ޑިފްތޯންގ“ އެވެ. ދިވެހި ބަހުގެ އަޑުތަކާ ބެހޭ ގޮތުން ފޮތެއް ލިޔުއްވާފައިވާ ޙުސެއިން ރަޝީދު އަޙްމަދު މިއަޑުތަކަށް ކިޔުއްވާފައިވަނީ އެކުވި ލީން އަޑުތަކެވެ. ނަމަވެސް މި ނަމުން، ދެ ލީން އަޑާއި ތިން ލީން އަޑު ތަފާތު ނުކުރެވޭތީ އަޅުގަނޑު ކިޔާނީ ދެލީން އަޑެވެ. ތިންވަނަ ބާވަތުގައި ހިމެނެނީ ތިން އެކަހެރި ލީން އަޑެވެ. ބުޅަލުގެ ގޮވުން ”މިއާއޯ“ ކިޔާއިރު އެކަހެރި ތިން ލީން އަޑު ނުވަތަ ވަވްލް ކިޔެއެވެ. ބައެއް ބަސްބަހުގައި ތިން ލީން އަޑު ޢާއްމުކޮށް ހިމެނެއެވެ. ތާނައިގެ ސުކުން ފިޔަވައި އެހެން ފިލިތަކުން އަންގާދެނީ ލީން އަޑުތަކެވެ.

ލީން އަޑުތައް ނެރޭއިރު، އަނގައިގެ ތެރެއިން އަޑަށް ފިއްތުމެއް ނުގެނެއެވެ. ފިއްތުމެއް ގެނެޔަސް އެކަން ކުރަނީ ފިއްތި އަޑުތަކަށް ވުރެ ކުޑަކޮށެވެ. އެހެންކަމުން، ފިތޭ ތަނަށް ބަލައި މި ބާވަތުގެ އަޑުތައް ސިފައެއް ނުކުރެވެ އެވެ.  ލީން އަޑުތައް ސިފަކުރަން ބޭނުންކުރަނީ، ފިއްތި ފޯނީމް ފަދައިން، ތިން ކަމެކެވެ. ނަމަވެސް ތަފާތު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ އަޑު ނެރޭއިރު ދޫ އުފުލޭ މިންވަރެވެ. ދުލުގެ އުސްމިނެވެ. ބަހުގެ ބައެއް ޢިލުމުވެރިން އަނގަހުޅުވޭ މިންވަރުވެސް މިއީ އުސްމިން އަންގާދޭ ނިޝާނެއްކަމަށް ބަލައި މި މިނުން އަޑު ކަޑައަޅައެވެ. ދެވަނަ ކަމަކީ އަޑު ނެރޭއިރު ދޫ ވާ ހިސާބެވެ. އަނގައިގެ ފަހަތުގައި ހެއްޔެވެ؟ ނުވަތަ އަނގައިގެ ކުރީގައި ހެއްޔެވެ؟ ނުވަތަ މެދުގައި ހެއްޔެވެ؟ މިކަމަށް އިޝާރާތްކުރަން ބޭނުން ކުރަނީ ފަހަތްމިނެވެ. އާދެ! ދޫ ފަހަތަށްދިޔަ މިނެވެ. ފަހަތު މިނެވެ. ތިންވަނަ ކަމަކީ ތުންފަތުގެ ވަށް މިނެވެ. މިތިންކަމުން، ލީން އަޑުތައް ނުވަތަ ވަވްލް ފޯނީމް ތައް ކަނޑައެޅެއެވެ. މިސާލެއް ނަގަމާ ހިންގަވާށެވެ. އެންމެ ފަސޭހައިން ފާހަގަ ކުރެއްވޭނީ ލީން އަޑުތައް ކިޔާއިރު ތުންފަތަށްވާ ގޮތެވެ. ”އޫ“ ކިޔުއްވާށެވެ. ދެ ތުންފަތް ވަށްވޭ އެހެންނޫންތޯއެވެ؟ ދެން ”އީ“ ކިއުއްވާށެވެ. ފާހަގަ ކުރެއްވޭނީ /އީ/ އަޑުގައި ތުންފަތް ވަން ނުވާކަމެވެ. /އޫ/ އާ ގާތަށްވެސް ވަށްނުވާ ކަމެވެ. އަޑު ކިޔާއިރު ތުންފަތް ވަށްވާ މިންވަރަކީ މިބާވަތުގެ އަޑުގެ ތިންވަނަ ސިފައެވެ.

ލީން އަޑެއް ކިޔާއިރު ދޫ ވާ ހިސާބު ދެނެގަތުމަށް /އީ/ މިހެން ކިޔުއްވާށެވެ. ތިބާއަށް ފާހަގަ ކުރެވޭނީ ދުލުގެ މެދާ ހިސާބު، ތަލި ފެށޭ ހިސާބާ (ހިރުގަނޑާ) ގާތްވާކަމެވެ. ދާއިރާގެ ޢިލްމުވެރިން މި ފޯނީމް ސިފަކުރަނީ ދޫކުރިއަށް ޖެހޭ އަދި މައްޗަށް ޖެހޭ ފޯނީމެއްގެ ގޮތުގައެވެ. އެއީ އަޑު ނެރޭއިރު ދޫ ކުރިއަށް ޖެހިފައި އަދި މައްޗަށް ޖެހޭތީއެވެ. ދެން ފުންކޮށް /އާ/ ކިޔުއްވާށެވެ. މިއީ ޑޮކްޓަރުން އަނގަތެރެ ބަލަން ބަލިމީހާ ކައިރީ ލައްވަން ބުނާ އަޑެވެ. މިފަހަރު ދުލުގެ މެދު ފަހަތަށް އަދި ތިރިއަށް ދާކަން ފާހަގަ ކުރެއްވޭނެއެވެ. މިއީ ފަހަތު ތިރީ އަޑެކެވެ. މީގެ ކުރިން ތިބާ ވާހަކަ ދައްކަވާއިރު ދުލަށްވާގޮތް ވިސްނަވާފައި ނޯވެދާނެއެވެ. އެހެންކަމުން މި ދެއަޑުގެ ތަފާތަށް ފަރިތަވެވަޑައިގަންނަވަންދެން ދެ އަޑު ކިޔުއްވާށެވެ.

frontbackލީން އަޑުތައް ކިޔާއިރު ދޫ ވާ ހިސާބަކީ އަޑުގެ އެއް ސިފައެވެ. ބަހުގެ ޢިލްމުވެރިން ލީން އަޑުތައް ފާހަގަކުރަން ބޭނުންކުރަނީ ބާވަތެއްގެ ޗާޓެކެވެ. މި ޗާޓުގެ ވާތް ފަރާތުގައި ފާހަގަ ކުރަނީ ދޫ ކުރިއަށް ޖައްސާ ކިޔާ އަޑުތަކެވެ. ފަހަތު އަޑުތައް ފާހަގަ ކުރަނީ ކަނާތް ފަރާތުގައެވެ. ދޫ މައްޗަށް ޖައްސާ ކިޔާ އަޑުތައް މަތީގައެވެ. ދޫ ތިރިކޮށް ކިޔާ އަޑުތައް ތިރީގައެވެ. އިންޓަރނޭޝަނަލް ފޮނެޓިކް އެސޯސިއޭޝަން (އައި.ޕީ.އޭ) ގެ ލީން ފޯނީމު ޗާޓުގައި ދޫ މައްޗަށްޖެހޭ ވަރާއި ތިރިއަށް ދާ ވަރުގެ ބަދަލުގައި އަނގަ ލެއްޕޭ މިންވަރާއި ހުޅުވޭ މިންވަރު ފާހަގަކޮށްފައި ވެއެވެ. ދެގޮތުގައި ވެސް ނަތީޖާ އެއްގޮތެވެ. އެއީ ދޫ ތިރިކުރާނަމަ، ދަތްދޮޅި ތިރިވާނެއެވެ. އަނގަހުޅުވޭނެއެވެ. ތިރީގައިވާ ޗާޓުގައި އެވަނީ /އީ/ އާއި /އާ/ މި ދެއަޑު ފާހަގަކޮށްފައެވެ. ހުރަހަށް ދަމާފައިވާ ދެ ރޮގަނކީ ސިފަކޮށްދޭއިރު ފަސޭހައަކަށް ދަމާފަވައިވާ ރޮނގެވެ. މިފަދަ ޗާޓެއްގައި ހުރިހާ ދިވެހި ލީން އަޑުތައް ބަޔާން ކުރެވިދާނެއެވެ.

iiaavowels

އުސްމިން

މި ފޯނީމްތައް ކިޔުއްވާށެވެ: މީ، މެ، މަ. ވަރަށް ފަރުވާތެރިކަމާއެކު ދޫ ވާތަނަށް ވިސްނަވާނަމަ، ތިބާއަށް ފާހަގަ ކުރެއްވޭނީ، ފުރަތަމަ ލަފުޒު ”މީ“ އަށް ވުރެ ”މެ“ ކިޔާއިރު، ދޫ ތިރިވާކަމެވެ. އަދި ”މެ“ އަށް ވުރެ ”މަ“ ކިޔާއިރު ދޫ ތިރިވާކަމެވެ. ދޫ އެކަންޏެއް ނޫނެވެ. ދަތްދޮޅިވެސް ތިރިވާކަން ފާހަގަ ކުރެއްވޭނެއެވެ. އަނގަހުޅުވޭކަން ފާހަގަ ކުރެއްވޭނެއެވެ. މި ފަދަ ލަފުޒުތައް ކިޔާއިރު ދުލަށްވާގޮތް އެކްސްރޭ ނަގައިގެން ޢިލްމުވެރިން ބަލާފައި ވެއެވެ. މިހުރިހާ އަޑެއް ކިޔަނީ އަނގައިގެ ކުރިންނެވެ. އެމީހުންނަށް ފާހަގަ ކުރެވެނީ ”މީ“ އަށް ވުރެ ”މެ“ ކިޔާއިރު ދޫ ތިރިވާކަމެވެ. އަދި ”މެ“ އަށް ވުރެ ”މަ“ ކިޔާއިރު ދޫ ތިރިވާ ކަމެވެ. ލީން އަޑުގެ އުސްމިނުން މާނަކުރަނީ މި އިޝާރާތް ކުރެވުނު އުސްމިނަށެވެ. އާދެ އެ އަޑެއް އިއްވާއިރު ދުލުގެ އުސްމިނެވެ.

 ދިވެހިބަހުގެ އެބެފިއްޔަކީ މެދުއަޑެކެވެ. މިއަޑު އިއްވާއިރު ދޫ ވާނީ އެންމެ މައްޗާއި އެންމެ ތިރިއާ ދެމެދުއެވެ. ތާނައިން ބައެއް އިނގިރޭސި އަކުރު ކިޔާ ގޮތަށް ނުލިޔެވެނީ ތާނައިގައި އިނގިރޭސިބަހުގެ ލީން ބައެއް ”ފިލި“ ތައް ނުހިމެނޭތީއެވެ. ތާނައިގައި ނެތް ފިލިތަކުގެ ތެރޭގައި، ބޭންކު ކިޔަންވީ ގޮތަށް ކިޔާއިރު ހިމެނޭ ފިއްޔާއި ހެޓް (ތޮފި) ކިޔަންވީ ގޮތަށް ކިޔާއިރު ހިމެނޭ ފިލި ވެއެވެ. މި ދެންނެވި ލަފުޒު ”ހެޓް“ އަސްލު ކިޔަނީ ދޫ ކުރިއަށް ޖައްސާ އަދި އުސްމިން އެންމެ ކުޑަކޮށްގެންނެވެ. ބޭންކު އަސްލު ކިޔާ ގޮތަށް ކިޔާއިރު ހިމެނޭ އެއިބެއިފިއްޔާއި ”ހެޓް“ އަސްލު ކިޔާގޮތަށް ކިޔާއިރު ހިމެނޭ އެއިބެއި ފިއްޔަކީ ތަފާތު ދެ ފިއްޔެވެ. ނަމަވެސް، އިނގިރޭސި ބައެއް މީހުން ވެސް މި ދެފިލި އެއްގޮތް ކުރެއެވެ.002

ފަހަތުމިން

”ފެ“ އާއި ”ފާ“ ކިއުއްވާށެވެ. ”ފާ“ ކިޔުއްވަންވާނީ، ވަރަށް ބޮޑަށްތިރީދަަތްދޮޅި  ތިރިކޮށްފައެވެ. ފާހަގަ ކުރެއްވޭނީ ”ފާ“ ކިއުއްވާއިރު ދޫ ފަހަތަށް ދާކަމެވެ. އަދި ތިރިއަށްދާކަމެވެ. ”ފެ“ ކިޔުއްވާއިރު ދޫ ވާނީ ކުރީގައި އަދި މެދުގައެވެ. ނަމަވެސް ”ފާ“ ކިޔުއްވާއިރު ދޫ ތިރިއަށް އަދި ފަހަތަށް ދާނެއެވެ. ދޫ މައްޗަށާއި ތިރިއަށް ޖައްސާ ކިޔާ ލީން އަޑުތައް ހުންނަ ފަދައިން، ދޫ ކުރިއަށާއި ފަހަތަށް ޖައްސާ ކިޔާ ލީން އަޑުތައް ހުރެއެވެ.

ވަށްމިން

ވަށްމިނުން އިޝާރާތްކުރަނީ ލީން އަޑެއް ކިޔާއިރު ދެ ތުންފަތް ވަށް ކުރާ މިންވަރަށެވެ. މިސާލެއްގެ ގޮތުން ”ކޫ“ ކިޔާއިރު ދެތުންފަތް ވަށްކުރެއެވެ. ނަމަވެސް ”ކީ“ ކިޔާއިރު ވަކެއް ނުކުރެއެވެ. މިއީ ލީން އަޑުތަކުގެ މުހިއްމު އެއް ސިފަ ބަޔާންކުރަން ގެންގުޅޭ ހަމައެކެވެ. ތިރީގައި އެވަނީ ބައެއް ފިލި ކިޔާއިރު ދެތުންފަތުގެ މަޙައްލު އެވެ. ދިވެހި ލީން އަޑުތަކާ މުޅިން އެއްގޮތް ނުވިއަސް އެންމެ ގާތްކުރާ ފިލިޖަހާފައި އެވަނީ ކިޔުންތެރިންނަށް ފަސޭހައަކަށެވެ. ފާހަގަކޮށްފައިވާ 8 އަޑަކީ ދޫ އެންމެ ތިރިއަށާއި މައްޗަށް، އަދި އެންމެ ކުރިއަށާއި ފަހަތަށް ގެންގޮސް ނެރޭ އަޑެވެ. މި 8 އަޑަށް އަސާސީ 8 އަޑޭ ކިޔައެވެ. މިހެން ކިޔާ ސަބަބަކީ އެހެން ހުރިހާ ލީން އަޑުތަކެއް ހިމެނޭނީ މި 8 އަޑުން ފާހަގަކުރެވޭ އަކައިގެ އެތެރޭގައި ކަމަށްވާތީއެވެ. މިއަޑުތައް ކިޔޭނީ މުދައްރިސެއްގެ އެހީގައި ކަމާއި ފޮތުން ކިޔައިގެން އަޑުތައް ނުނެރެވޭނެކަމަށް މި ބާވަތުގެ ޗާޓު އެންމެ ފުރަތަމަ އެކުލަވައިލި ޢިލްމުވެރިޔާ ވިދާޅުވެއެވެ.

lip position for cardinal vowels

ވަވްލް ޗާޓު ނުވަތަ ލީން ޗާޓުގެ އަސާސީ 8 އަޑު، މި ޗާޓު އެކުލަވާލި ޢިލްމުވެރިޔާގެ އަޑުން ތިރީގައި އެވަނީއެވެ. މިއަޑުތައް އިވެމުންދާއިރު، ތިމާ ދަންނަ ދިވެހިބަހުގެ ފިލިތަކާ ގުޅުވަން މަސައްކަތް ނުކުރައްވާށެވެ. މި 8 ލީން އަޑެއް ދިވެހިބަހަކު ނުހިމެނެއެވެ. ދިވެހިބަހުގައި ހިމެނޭ ފިލީގެ އަޑުތަކާ މި އަޑުތަކާ ބަރާބަރަކަށް ދިމަލެއް ނުވެއެވެ. ކަންފަތް ތިބާއަށް ކެހިދިނަ ނުދެއްވާށެވެ.

އަޑުައައްސަވަން ކްލިކް ކުރައްވާ!

ތިރީގައި އެވަނީ އިންޓަރނޭޝަނަލް ފޮނެޓިކް ޗާޓުގައި އެކި ލީން އަޑުތައް ބަޔާންކުރާ ރަމްޒުތަކެވެ. އަދި އެއަޑު ކިޔާއިރު ދޫ ހުންނަ ތަނެވެ. ދިވެހިބަހުގައި ހިމެނެނީ މީގެ ތެރެއިން އެންމެ 5 އަޑެވެ. އެއީ އަ، އި، އު، އެ، އޮ އެވެ. މި އަޑުތަކުގެ ދިގު އަޑުތަކެއް މިފަދަ ޗާޓުތަކުގައި ފާހަގައެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހަމަ އެ އަޑު ދިގުކަން ބަޔާން ކުރަން ލިޔާއިރު ނިޝާނެއް ބޭނުން ކުރެއެވެ. އެއީ ދެތިކި (ކޯލަން) ހެން ލިޔާ ނިޝާނެކެވެ. މިސާލަކަށް /އޮ:/ ޖެހުމުން އެ ކިޔާނީ /އޯ/ ގޮތަށެވެ. /އި:/ އަކީ /އީ/ އެވެ. އިތުރަށް ދިގުކުރަން ބޭނުންނަމަ ކޯލަން ވައްތަރުގެ ނިޝާން ދެފަހަރު ލިޔަނީއެވެ. މިސާލަކަށް /އި::/ މިއީ ވަރަށް ދިގުކޮށް އީ ގެ އަޑެވެ. ކުރުއަޑާއި ދިގުއަޑާއި ދެމެދުގެ ދިގު އަޑެއް ނަމަ، މަތީގައި އެއްތިކި ޖަހައެވެ. މިސާލަކަށް /އި·/ އަކީ /އި/ އާއި /އީ/ ދެމެދުގެ އަޑެކެވެ. ފޮނެޓިކް ޗާޓުގައި ލީން އަޑުތައް ފާހަގަކުރަން ބޭނުން ކުރާ ނިޝާންތަކަކީ ވަކި އަޑަކަށް ވަކި ޚާއްޞަ ނިޝާނެކެވެ. މިސާލެއްގެގޮތުން އިބިފިލި ލިޔަނީ /I/ މި ނިޝާނުންނެވެ. ކުރު އަބަފިއްޔެއްގެ އަޑު ރަމްޒުކުރަނީ e އެކޮޅުކޮޅުން ލިޔެގެންނެވެ. އެހެންކަމުން، ފޮނެޓިކް އަލިފުބާއިން ”އިންޑިއާ“ ލިޔާނަމަ، ލިޔާނީ މިގޮތަށެވެ: [ˈɪndɪə]. މި ލަފުޒުގައި ކެޕިޓަލް   I ގެ ކުރިން ޖަހާފައިވާ ނިޝާނަކީ (‘) ބާރުލާން ޖެހޭނީ ދެން އޮންނަ އަކުރަށްކަން އަންގާދޭ ނިޝާނެކެވެ. ބާރުލުމަކީ ބާރަށް ނުވަތަ ދިގުކޮށް ނުވަތަ އެހެންވެސް ގޮތަކަށް ފާހަގަވާ ގޮތަކަށް އަޑު ކިޔުމެވެ. މިގޮތަށް ބާރުލުމަށް އިނގިރޭސިބަހުން ކިޔަނީ ސްޓްރެސް ކުރުމެވެ. ފަހެ އިނގިރޭސި ބަހަކީ ސްޓްރެސް އަށް ބަލައި ވާހަކަ ދައްކާ ބަހެކެވެ (ސްޓްރެސް-ޓައިމްޑް ބަހެކެވެ). ދިވެހި ބަހަކީ ސިލަބްލް އަށް (ފިއްތިއަޑާއި ފިއްޔަށް) ބަލައި ވާހަކަދައްކާ ބަހެކެވެ (ސިލަބްލް-ޓައިމްޑް ބަހެކެވެ). ދިވެހިބަހުން ލަފުޒުތަކެއް އަވަހަށް ކިޔާނަމަ ކޮންމެ އަޑެއް ކިޔުން އެއްވަރަކަށް އަވަސް ކުރާނެއެވެ. އިނގިރޭސިބަހުން އަވަހަށް ވާހަކަ ދައްކާއިރު ބައެއް އަޑުތައް ނުކިޔާ ދޫކޮށްލައެވެ. އަޅުގަނޑު ކުރިން ދެންނެވި ə ނިޝާނަކީ މިގޮތަށް ބާރުނުލާ ފިލީގެ މަޤާމު ފާހަގަކުރަން ޖަހާ ނިޝާނެކެވެ. މި ނިޝާނަށް ކިޔަނީ ”ޝްވާ“ އެވެ. މިއީ އިނގިރޭސި ބަހުގައި އެންމެ އާއްމު ލީން އަޑެވެ. އަޞްލު ކިޔަންޖެހޭގޮތަކީ ލުއިގޮތަކަށް ނިކަން ކުރުކޮށް އަބަފިލި ޖަހައެވެ. ނަމަވެސް މި ނިޝާން ކޮންމެ ފިއްޔެއްގެ ބަދަލުގައި ވެސް ބޭނުން ކުރެއެވެ. ބާރު ނުލާ ފާޅުކަން ކުޑަ އަޑެއް ކޮންމެ ގޮތަކަށް ކިޔަސް ރަނގަޅު ވާނެތާއެވެ. މި އަޑާއި އަދި އިނގިރޭސިބަހުގެ ގިނަ ލީން އަޑުތައް ދިވެހިބަހުގައި ބޭނުން ނުކުރާތީ އާއި ދިވެހިބަހުގައި ސްޓްރެސް ލިޔާ ގޮތެއް ނޯންނާތީ އިނގިރޭސި ގިނަލަފުޒުތައް ކިޔާގޮތް ތާނައަކުރަކުން ނުލިޔެވޭނެއެވެ. ދިވެހި ލީން އަޑުތަކާ އެންމެ ގާތް އިނގިރޭސި ބަހުގެ ލީން އަޑުތައް ތިރީގައި އެވަނީއެވެ. މިއީ އެކަހެރި ލީން ނުވަތަ މޮނޮފްތޯން ލީން އަޑުތަކެވެ. މި ބާވަތުގެ 12 އަޑު އިނގިރޭސި ބަހުގައި ހިމެނެއެވެ. ދިވެހިބަހުގައި ހިމެނެނީ 10 މޮނޮފްތޯން އެވެ.

vowel-chart-and-vocal-tractenglishvowelsounds

މަތީގައިވާ ތާވަލުން ފާހަގަ ކުރެއްވޭނޭ ފަދައިން، ތާނައިން ނުލިޔެވޭ ދެތިން ލީން ފޯނީމު އިނގިރޭސި ބަހުގައި ހިމެނެއެވެ. އިނގިރޭސިބަހުން ”ޕެޓް“ ކިޔާއިރު ކިޔާ އެބެއްފިއްޔާއި ދިވެހިބަހުން ކިޔާ އެބެފިލި ތަފާތު ކަމަށް ބައެއް ފޮތްތަކުގައި ހުރެއެވެ. ތިޔަ ބޭފުޅުންނަށް ފާހަގަ ކުރެއްވޭނޭ އަނެއްކަމަކީ އޭބޭފިލި އިނގިރޭސި ބަހުގައި ނެތްކަމެވެ. ”ފްރައިޑޭ“ ކިޔާއިރު އަޞްލު އިނގިރޭސި ބަހުން ކިޔަނީ ”ޑޭ“ގައި އޭބޭފިލި ޖަހައިގެންނެއް ނޫނެވެ. ”ޑޭ“ ގައި ޖަހަނީ އެއިބެއި ފިއްޔެވެ. އިނގިރޭސި އަބަފިއްޔަކީ އަނގައިގެ ފަހަތުން ކިޔާ އަޑެކެވެ. ދިވެހި އަބަފިލި ކިޔަނީ ފަހަތަށްވުރެ ކުރިންނެވެ. އަޅުގަނޑު މިފާހަގަ ކުރި ތަފާތުތައް ފިޔަވައި އެއްގޮތް ކަމަށްހީވާ ފިލިތަކުގެ އެހެން ތަފާތު ތިބާއަށް ފާހަގަ ކުރެއްވިދާނެއެވެ. ސްޓްރެސް އާއި ފިލިތަކުގެ ކުދިތަފާތުތައް ހުންނާތީ، އިނގިރޭސި ލަފުޒުތައް އެ ކިޔާގޮތަށް ތާނައިން މުޅިން ނުލިޔެވޭނެކަމަށް މިހާރު ތިބާ އެއްބަސް ވެވަޑައިގަންނަވާނެއެވެ.

ދިވެހިބަހުގެ ލީން ފޯނީމުތައް

ދިވެހިބަހުގައި ހިމެނެނީ ލީން  10 ފޯނީމެވެ. އެ ފޯނީމުތަކަކީ އަ-އާ-އި-އީ-އު-އޫ-އެ-އޭ-އޮ-އޯ އެވެ. މި ފޯނީމުތައް ކުރިން ބަޔާން ކުރެވުނު ފަދަ ވަވްލް ނުވަތަ ލީން ޗާޓެއްގައި ކުރެހުމުން ތިބާއަށް އެ ކިޔާ ތަންތަން ފާހަގަ ކުރެއްވޭނެއެވެ. އިނގިރޭސި ލީން ފޯނީމުތަކާ ދިވެހި ލީން ފޯނީމުތަކާ އެއްގޮތަކަށް ވެސް ބަރާބަރަށް ދިމަލެއް ނުވެއެވެ. ކުރިން ދެންނެވިހެން މިއީ އަޅުގަނޑު ކިޔާ ގޮތެވެ. ބަހުގެ ބައެއް ޢިލްމުވެރިން ބުނެއެވެ. ”ކޮންމެ މީހެއް ވާހަކަ ދައްކާ ގޮތަކީ ވެސް ބަހުރުވަ އެކެވެ.“ އެހެންކަމުން، ތިބާ، ލީން ޗާޓުގައި މި އަޑުތައް ފާހަގަކުރާ ތަންތަން ތަފާތު ވެދާނެ އެވެ.

dhivehi-vowels

{ފުވައްމުލަކު ބަހުރުވައިގައި، ނޯށަށް އަރުވާ ކިޔާ (ކިޔާއިރު ނޭފަތުންވެސް ވައި ނުކުންނަ) ލީން އަޑެއް ހިމެނޭ ކަމާއި، އެ އަޑު އަޞްލުގޮތަށް ކިޔަން އެނގޭ މީހުންނަކީ މަދުވަމުންދާ މުސްކުޅީންކަމަށް ސޮންޔާ ފްރިޒް ކިޔާ މީހަކު 2012 ވަނަ ޝާއިޢުކޮށްފައިވާ ދިވެހިބަހާ ބެހޭ ދިރާސާއެއްގައި ހިމެނެއެވެ. މި ދިރާސާ އޭނާ ކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. މި އަޑެއް މަތީގައިވާ ޗާޓަކު ނުހިމެނެއެވެ.}

ދެލީނުގެ ފޯނީމްތައް

ދުނިޔޭގެ ގިނަ ބަސްތަކުގައި ދެ ލީން އަޑު ޖައްސަޖައްސައިން ކިޔާ ފޯނީމް (ޑިފްތޯންގ) ހިމެނެއެވެ. ދިވެހި ބަހުގައި ވެސް މެއެވެ. ދިވެހިބަހުން ޢާއްމުކޮށް ފާހަގަ ކުރަނީ އައިބައި ފިއްޔާއި އައުބައު ފިއްޔެވެ. ނަމަވެސް އިތުރު އެހެން ދެފިލީގެ ނުވަތަ ދެލީނުގެ ފޯނީމްތައް ދިވެހިބަހުގައި ހިމެނެއެވެ. ޙަޤީޤީ ފޯނީމެއްކަމަށް ދެ ލީން އަޑެއް ހިމެނޭނީ އެ ލަފުޒު ކިޔާގޮތުން ތަފާތު މާނައެއް ނުކުންނަ ނަމައެވެ. މިސާލަކަށް ”މައު“ އާއި ”މާ“ މިއީ މާނަ ތަފާތު ދެ ލަފުޒެވެ. ފުރަތަމަ ލަފުޒުން އިޝާރާތް ކުރަނީ  ގަހުގައިއަޅާ ފިޔައާއި ކަރުގަނޑު ހިމެނޭ އެއްޗަކަށެވެ. ދެވަނަލަފުޒުގެ މާނައަކީ ބޮޑެވެ. ޙަޤީޤީ ދެލީނުގެ ފޯނީމުތަކުގެ ތެރޭގައި ”ކައު“ އާއި ”ކާ“ ހިމެނެއެވެ.

ޑިފްތޯން ނުވަތަ ޖައްސަޖައްސައިގެން ތަފާތު ދެ ލީން އަޑު ކިޔާއިރު އެއް ލީން އަޑަކުން ފަށާފައި، އަނެއް ލީން އަޑު ކިޔަނީއެވެ. ތިރީގައިވާ ޗާޓުން ފާހަގަ ކުރެވެނީ އައުބައު ފިއްޔާއި އައިބައި ފިލި ކިޔާއިރު ދެ ލީން އަޑު ގުޅޭގޮތެވެ.  ޢާއްމުގޮތެއްގައި ބާރުލަނީ ނުވަތަ ސްޓްރެސް ކުރަނީ ފުރަތަމަ ލީން އަޑެވެ. މިކަން ފާހަގަކުރަން ތީރުގެ އެއްކޮޅު ފުޅާ ކުރެވިދާނެއެވެ. ”ގައު“ ކިޔާއިރު އަބަފިއްޔާއި އުބުފިލި ކިޔެއެވެ. ކިޔާގޮތުން ބައެއް ފަހަރު ދެވަނަ ފިލި ނުވެސް އިވެއެވެ.

dhivehi-diphthongs

ދިވެހި ބަހުގައި ހިމެނެނީ ކިތައް ޑިފްތޯން ހެއްޔެވެ؟ ތިރީގައިވަނީ ބައެއް ޑިފްތޯން އާއި މިސާލު ލަފުޒެވެ.

އައިބައި ފިލި:      މައިބަދަ

އައުބައު ފިލި:      ގައުފިހާރަ

އާއިބާއި ފިލި:      ދާއިދޯ

އާއުބާއު ފިލި:      ކާއު

އިއަބިއަ ފިލި:      މިއަހެލި

އިއާބިއާ ފިލި:      ދާނިއާ (ދާނި)

އިއުބިއު ފިލި:      ދިއުޅި

އުއިބުއި ފިލި:      މުއިވެޔޮ

އުއަބުއަ ފިލި:      ފުއައްވަޅި

އޫއިބޫއި ފިލި:      ލޫއި(ކޮކާ)

އެއަބެއަ ފިލި:      އެއަފެލަ

އެއިބެއި ފިލި:      މެއިފާރު

އެއީބެއީ ފިލި:      ކެއީ

އެއުބެއު ފިލި:      ކެއުން

އޮއިބޮއި ފިލި:      ލޮލުގެ ކޮއި

އޮއެބޮއެ ފިލި:      ރޮއެރޮއެ

އޯއިބޯއި ފިލި:      ދޯއި (އޮޑި)

އަކުރެއްގައި ފިއްޔެއް ޖަހާފައި، ދެން ޖެހިގެން އޮތީ އަލިފަކަށް ވެފައި އެ އަލިފުގައި ސުކުން ފިޔަވައި އެހެންފިއްޔެއް ޖަހާނަމަ، ބަހުގެ ޢިލްމުގައި، މިއަޑުތައް ހިމެނޭ ކޮންމެ ލަފުޒެއް ވާނީ ޑިފްތޯން އަކަށެވެ. އެހެންކަމުން، މަދުވެގެން 17 ޑިފްތޯން ދިވެހިބަހުގައި ހިމެނެއެވެ. ތިބާއަށް މިއަށް ވުރެ ގިނަ ޑިފްތޯން ފާހަގަ ކުރެއްވިދާނެއެވެ. އިނގިރޭސި ބަހުގައި ވަނީ ޖުމުލަ 8 ޑިފްތޯން އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑިފްތޯން ބޭނުން ކުރާގޮތް ތަފާތެވެ. މިސާލެއްގެ ގޮތުން، ދެކުނުގެ މީހުން އުނދުހޭ އެއްޗަކަށް ވައުލަ ކިޔަސް މާލޭގެ މީހުން އެއަށް ކިޔަނީ ވާލެވެ. އުތުރުގެ އަތޮޅުތަކުގައި ޑިފްތޯން ނުވަތަ ދެ ލީން އަޑު ޖައްސަޖައްސައިގެން ބޭނުން ކުރުން މެދު ރާއްޖެތެރެއަށް ވުރެ ބޮޑެވެ. އަދި ބާރުލާ ނުވަތަ ސްޓްރެސްކުރާ ލީން އަޑުވެސް ތަފާތެވެ. މިހާރަކަށް އައިސް މާނަ ތަފާތު ނުވާ ނަމަ، ޑިފްތޯން ބޭނުން ކުރުން ދަނީ މަދުވަމުންނެވެ.

ޚުލާޞާ

ބަސްތަކުގެ އަޑުތައް ދެނެގަތުމަށް، އަޑު އުފެއްދުމަށް އިންސާނާ ބޭނުންކުރާ ހުރިހާ ގުނަވަންތަކެއް ޙަރަކާތް ކުރާ ގޮތް އެނގެން ޖެހެއެވެ. އަނގައިގެ އެތެރޭގެ ގުނަވަންތައް އެކި އަޑު އިއްވާއިރު މަސައްކަތް ކުރާގޮތް ދެނެގަންނަނީ ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެކްސްރޭ އާއި އެމް.އާރު.އައި އާއި އަލްޓްރާސައުންޑު މެޝިނު ބޭނުންކޮށްގެންނެވެ. ވާހަކަ ދައްކަން ބޭނުންކުރާ އަޑުތައް ނުވަތަ ފޯނީމްތައް މައިގަނޑު ދެބަޔަކަށް ބައިކުރެވެއެވެ. އެއީ އަނގަތެރެއިން ނޭވާ ފިއްތާލައިގެން ނެރޭ ފިއްތިއަޑާއި އެއްވެސް ފިއްތުމެއް ނެތި ނެރޭ ލީން އަޑެވެ. ފިއްތި އަޑުތައް ސިފަ ކުރަނީ ތިން ކަމަކުންނެވެ. ލީން އަޑުވެސް ތިން ކަމަކުން ސިފަކުރެވެއެވެ. ބަހުގެ ޢިލްމުވެރިއަކަށް މިސިފަ ތައް ކިޔާދިނުމުން އެ އަޑެއް ބުނަން އެނގޭނެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، ދިވެހި ބަހުގައި ހިމެނެނީ 29 ފިއްތި އަޑެވެ. އަދި 10 ލީން އަޑެވެ. ލީން އަޑުތަކުގެ ތެރޭގައި އައިބައިފިލި ފަދަ ދެ ލީން އަޑު ހިމެނޭ ފޯނީމްތައް ހިމަނައިފިނަމަ، ޖުމްލަ ޢަދަދު މަދުވެގެން 56 ވާނެއެވެ. ބޭރު ބަސް ލިޔުމަށް އެކުލަވާލާފައިވާ 13 ތިކިޖެހި ތާނަ އަކުރުތައް ހިމަނާނަމަ، ޖުމްލަ 69 ފޯނީމަށް ވާނެއެވެ. ތިރީގައި އެވަނީ މައް ދިވެހި ބަހުގެ ފޯނީމްތަކާއި ދިވެހިންނާ ގުޅުން ހުރި އެހެން ބަސްބަހުގެ ފޯނީމުތަކުގެ ޢަދަދެވެ.

phonemecomparison

ބަސްބަހުގެ ފޯނީމްގެ ޢަދަދާއި އޭގައި ހިމެނޭ ފިއްތި އަދި ލީން އަޑުތަކުގެ ޢަދަދާއި އޭގެ ބާވަތާ މެދު ބަހުގެ ޢިލްމުވެރިންގެ މެދުގައި ކުދިކުދި ޚިލާފު ހުރެއެވެ. ދިވެހިބަސް ކުރިއެރުމަށްޓަކައި، މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ފޯނީމްތައް ކަޑައެޅުމަކީ ބޭނުންތެރި އަދި އެ މަސައްކަތުން މީރުމޭވާތައް ލިބޭނޭ މަސައްކަތެކެވެ.

ދިވެހި އަޑުތަކަކީ ނާދިރު، އެހެން ބަސްބަހުގައި ނުހިމެނޭ އަޑުތަކެއް ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް، މަތީގައިވާ މަޢުލޫމާތުން އަޅުގަނޑުމެންނަށް ޔަޤީންވަނީ އެއީ ޤައުމީ ތަޢައްޞުބުންނާއި ނޭނގުމުގެ ތެރެއިން އަންނަ ފިކުރެއްކަމެވެ. ދިވެހި ބަހުގެ ބޭނުންކުރާ އެއްވެސް ފޯނީމަކީ ދިވެހިބަހަށް ޚާއްޞަ ފޯނީމެކޭ ބުނެވޭނޭ ގޮތެއް ނެތެވެ. މިފަދަ ވާހަކައެއް ބުނާ މީހަކަށް ދެވޭނެ އެންމެ ދީލަތި ޖަވާބަކީ، ދިވެހިބަހުގައި ބޭނުންކުރާ ހުރިހާ ފޯނީމްތައް އެކުއެކީގައި އެހެން ބަހެއްގައި ބޭނުން ނުކުރެއެވެ. މިކަން އެހެން ބަސްބަހަށް ވެސް ތެދުވެގެން ވެއެވެ.

—————————————————————

ހަވާލާ ދޭ އޭ.ޕީ.އޭ ހަމައިން މި ލިޔުމަށް ޙަވާލާދޭނީ އަންނަނިވި ގޮތަށެވެ.

ޙަސަން ޙަމީދު. (2016، މެއި 12). ދިވެހިބަހުގެ އަޑުތައް. ޑައުންލޯޑު ކުރީ: https://www.hassanhameed.com/?page_id=2519