[embedyt]http://www.youtube.com/watch?v=siHcolBIWiE&width=400&height=225[/embedyt]
.
މާލެ އާއި ހުޅުމާލެ އާ ގުޅާލުމަށް ބިނާކުރާ ފާލަމަކީ، މިހާތަނަށް ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު ސިވިލް އެންޖިނިއަރިން (މަދަނީ އިންޖިނޭރުކަމުގެ) މަސައްކަތެވެ. އެންޖިނިއަރިންގެ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއް މީހުން ކޮންމެ ދުވަހަކުހެން، މި މަސައްކަތް ހިނގާގޮތް ބަލަން، ހަވީރު އެ މަސައްކަތް ކުރާތަން ފެންނަ ހިސާބަށް ދެއެވެ. މިފަދަ ޓެކްނިކަލް މަސައްކަތްތަކަކީ ބައެއް މީހުން ވަރަށް ޝައުޤުވެރިވާ ކަންތައްތަކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ، ޝައުޤުވެރިކަން ހުރި ކަމުގައި ވިއަސް، ފާލަން އެންޖިނިއަރިންގ އަށް ފާގަތި މީހުންނެއް ނޫނެވެ. އެމީހުންނަށް މި ޢިލްމުގެ ތެރެއަށް ވަނުމަށް މާ ގިނަ ދޮރުތަކެއް ހުޅުވިފައެއް ނުވެއެވެ.
މި މަޒުމޫނުގެ މަޤްޞަދަކީ، މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ފާލަމުގެ އެންޖިނިއަރިން ބައެއް ކަންތައްތައް ދޭހަވާން ފަސޭހަ ގޮތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ކިޔާދިނުމެވެ. މި މަޢުލޫމާތަކީ، އެންމެ މަޒުމޫނެއްގައި ލިޔެވޭ ވަރަށް ވުރެ ގިނަ މަޢުލޫމާތެވެ. އެހެންކަމުން، މި ވާހަކަތައް އަޅުގަނޑު ޤަޞްދުކުރަނީ ދެތިން މަޒުމޫނަށް ބަހާލުމަށެވެ. މިއީ މިގޮތުން ލިޔާ ފުރަތަމަ މަޒުމޫނެވެ.
ފާލަން؟ ބުރިޖު؟
އައު އެއްޗަކާ މެދު ވާހަކަ ދައްކާއިރު، ވަކި ބަސްކޮށާރެއް ބޭނުން ވެއެވެ. މި ލަފުޒުތައް އޭގެ ވަގުތު ޖެހުމުން ތަޢާރުފު ކުރަމުން ދާނަމެވެ. ނަމަވެސް، އެންމެ ފުރަތަމަ ވިސްނާލަންވީ ”ބްރިޖް“ މި ލަފުޒަށެވެ. ކޯރެއް ނުވަތަ ފެންގަނޑެއް ނުވަތަ ކަނޑު ހުރަސްކޮށް އޭގެ މަތިން ދަތުރުކުރަން އޮންނަ ބިނާއަށް އަޞްލު ކިޔާނަމަކީ ”ފާލަން“ އެވެ. މި ލަފުޒު ދިވެހިބަހަށް އައިސްފައިވަނީ މަލަޔާޅަމް ބަހުން ކަމަށް ލަފާކުރެވެއެވެ. މަލަޔާލަމް ބަހާއި ސިންގަޅަ ބަހުގައި ”ޕާލަން“ ކިޔަނީ ބްރިޖް އަށެވެ. ދިވެހިބަހުގައި ޕަވިޔަނީގެ އަޑުތައް މީގެ 600 އަހަރު ކުރިން ފާފުގެ އަޑަށް ބަދަލުވިއިރު، ޕާލަން ފާލަމަށް ވީއެވެ. ނަމަވެސް ދިވެހިން ފާލަން މިހާރު ބޭނުންކުރަނީ ތަފާތު މާނައެއްގައެވެ. އެއީ ޖެޓީގެ މާނައިގައެވެ. ޖެޓީގެ މާނައަކީ އުޅަނދަކުން އަރާފޭބުމަށްޓަކައި، އެއްގަމުން ފެންގަނޑެއްގެ މަތީގައި ހަދާފައި ހުންނަ ބިނާއެވެ. ނަމަވެސް ދިވެހި ބަސްފޮތުގައި ދެ މާނަވެސް ހިމެނެއެވެ:
(1) ފުރާ ދުއްވާ އެއްޗެހި ގާތްކޮށް މީހުން އަރާ ފޭބުމަށާއި، މުދައު އަރުވައި ބޭލުމަށް ގޮނޑުދޮށުގައި ތަނބުޖަހައިގެން ނުވަތަ ގަލާއި ވެލި އަޅައި ހިއްކައިގެން ހަދާފައި އޮންނަތަން. (2) ދެތަނެއް ގުޅުވުމަށް ކޯރުކޯރާއި ފެންފެންގަނޑު ފަދަ ތަންތަން ހުރަސްކޮށް މީހުން ހިނގުމަށާއި އެއްޗެހި ދުއްވުމަށް ތަނބުޖަހައިގެންނާއި ހިއްކައިގެން ނުވަތަ ފަތިތަކެއް ހަނިދިގުކޮށް ގަތައި އެލުވައިގެން ހަދާފައި ހުންނަ މަގު.
ބުރިޖަށް ކިޔާ ނަން ވަރަށް ގިނަ ބަސްތަކުގައި ފެށެނީ ޕަވިޔަނިންނެވެ. ފަރަންސޭސި ބަހުން ”ޕޮންޓް“ އެވެ. ހިންދުސްތާނުން ”ޕުލް“ އެވެ. އިޓަލީ ބަހުން ”ޕޮންޓެ“ އެވެ. ސްޕެއިން ބަހުން ”ޕުއެންޓޭ“ އެވެ. ނަމަވެސް، ބަންގާޅާއި ޖަޕާނުގައި ބޭނުން ކުރަނީ އެމީހުންގެ ބަހުގެ އަޑުތަކަށް ފައްތައިގެން އިނގިރޭސި ލަފުޒެވެ. އެކަމަކު އިނގިރޭސި ލަފުޒުގެ އަޞްލަކީ ޖަރުމަނު ބަހުން ފާލަމަށް ކިޔާ ”ބްރުކަ“ އެވެ. ކޮންމެ އަކަސް ބުރިޖަށް ކިޔާ ދިވެހި ނަމެއް އޮތުމާއެކު، އައު ލަފުޒެއް ހެދުމުގެ ބޭނުމެއް ނެތެވެ.
ކޮންބާވަތެއްގެ ފާލަމެއް؟
ތަފާތު ބާވަތް ބާވަތަށް ފާލަން އަޅައެވެ. އަޅާ ގޮތަށް ބަލައި، ހަ ބާވަތަކަށް ހުރިހާ ފާލަމެއް ގިންތި ކުރެވިދާނެއެވެ. މި ގޮތްތަކުގެ ކުރު ތައާރަފެއް ހުށަހެޅުމުގެ ކުރިން، ބައެއް ލަފުޒު ތައާރަފުކޮށްލަން ޖެހެއެވެ. ފާލަމެއްގައި މީހުން ހިނގާށާއި އުޅަނދުތައް ދުއްވަން އޮންނަ ތައްޓުއަށް ކިޔަނީ ”ބްރިޖްޑެކް“ އެވެ. ރާއްޖޭގެ މީހުން ކިޔާގޮތުންނަމަ ޑެގު އެވެ.
ފާލަން ހުރަސްކުރަން އަޅާ ކޯރު ނުވަތަ ފެންގަނޑު ގެ އައްސޭރިފަށް ގިރަމުން ގޮސް ފާނެތީ މިތަން ތަނުގައި އޮންނަނީ ކަޗޯރު ތޮށްޓެއް ލާފައެވެ. ފާލަމުގެ އެއްގަމާވީ ދެކޮޅު ރަނގަޅަށް ހައްޔަރުކުރުމަށް ވަރުގަދަ ދެ ބުޑު ދެކޮޅުގައި ހުރެއެވެ. ބައެއް ބާވަތުގެ ފާލަމުން މި ބުޑަށް ވަރަށް ބޮޑަށް ބާރު އަރައެވެ. އެހެންވެ، ދެކޮޅު އެއްގަމު ބުޑު ވަރުގަދައަށް ހަދާފައި ހުރެއެވެ. ދިގު ފާލަމެއް ނަަމަ، ކޯރުގެ ނުވަތަ ކަނޑުގެ މެދުގައި ކޮންކްރީޓް މުޑި ޖަހައި، އޭގެ މަތީގައި ޑެކް ބާއްވަނީ ރަބަރު ނުވަތަ މަޢުދަން މަކުޑިއެއް ޑެކް އާއި މުޑިއާ ދެމެދަށް ލާފައެވެ. މުޑީގެ ފޫ ބެހެއްޓުމަށް ގިނަ ހޮޅުތަކެއް ކަނޑުގެ އަޑީ ބިންގަޑަށް ޖަހައި އޭގަ މަތީގައި ކޮންކްރީޓް މަކުޑިއެއް ހަދައެވެ. ހޮޅުތަކަށް ބޭނުން ކުރަނީ ދަގަނޑު ހޮޅިއެވެ. އެތެރެއަށް ކޮންކްރީޓް އެޅުމަށްފަހުއެވެ. އާދެ! ދެން ފާލަންތަކުގެ ބާވަތްތަކަށް ބަލާލަމާތޯއެވެ.
އެންމެ ފުރަތަމަ ބާވަތުގެ ފާލަމަކީ ބީމް ބްރިޖް ނުވަތަ ބެރި ފާލަމެވެ. މިބާވަތު ފާލަމުގައި ޑެކް ބާއްވަނީ އެއް މުޑިއާއި އަނެއް މުޑިއާ ދޭތެރޭ ކޮންކްރީޓް ނުވަތަ ދަގަނޑު ބެރި އަޅައި އޭގެ މަތީގައެވެ. ބައެއް ފަހަރު ޑެކް އަކީ ބެރީގެ މައްޗެވެ. ވަރުގަދަކުރަން ބޭނުންނަމަ، މި ބެރިތައް ހުންނަނީ ހަތަރެސް ކަނަށެވެ. ފަހުގެ ސޭލާތަކުގެ ދަޑި ހުންނަ ފަދައިން އެތެރެ ހުސްކޮށެވެ. ކުރެހުމުގައި ރަތް ކުލައިގައި އެވަނީ ބެރި ދެމެން ހިފާ ބާރެވެ. ފެހިކޮށް އެވަނީ ފިތެން ހިފާ ބާރެވެ. ދެ މުޑި ދޭތެރޭ ހުންނަ ދިގުމިނަށް ކިޔަނީ ”ސްޕޭން“ އެވެ. ފާލަން ފަރުމާ ކުރުމުގައި ދެ މުޑި ދެމެދުގެ މިނަކީ ވަރަށް ގިނައިން ބޭނުން ކުރަންޖެހޭ މުހިއްމު މިނެކެވެ.
.
ދެވަނަ ބާވަތުގެ ފާލަމަކީ ބޯކު ފާލަމެވެ. މިބާވަތުގެ ފާލަމުގައި ޑެކްގެ ބަރު ހިފަހައްޓަނީ ބޯކެއްގެ ބައްޓަމަށް (ވިއްސާރަ ދުންޏެއްގެ ބައްޓަމަށް) ހަދާފައި އޮންނަ ދަގަނޑު ނުވަތަ ކޮންކްރީޓް ދުންޏަކުންނެވެ. މި ސިފައަކީ ދެކޮޅު ރަނގަޅަށް ހައްޔަރު ކުރުމުން ވަރަށް ވަރުގަދަ ބައްޓަމެކެވެ. އެކަން އެނގެނީ ވިއްސަކަށް ކުކުޅުބިހުގެ މަތީގައި 60 ކިލޯގެ މީހަކަށް ކޮޅަށް ހުރެވޭތީއެވެ. ފާލަމުގެ ޑެކް، ބޯކުގެ މަތީގައި ނުވަތަ ތިރީގައި ނުވަތަ މެދުގައި އޮވެދާނެއެވެ.
.
ތިންވަނަ ބާވަތުގެ ފާލަމަކީ ޓްރަސް ފާލަމެވެ. މިބާވަތުގެ ފާލަމުގެ ޑެކް އޮންނާނީ ހަތަރެސްކަން ޓްރަސް އެއްގެ މަތީގައި ނުވަތަ ދަށުގައެވެ. މިއީ ބައެއް ގުދަން ހަދަން ބޭނުން ކުރާ ޓްރަސް އާ އެއްވައްތަރަށް ނަމަވެސް އެއަށް ވުރެ ވަރުގަދަ އަށް ހަދާފައި ހުންނަ ޓްރަސް ތަކެކެވެ. އެންެމެ ވައްތަރުވާނީ، ބައެއް ކަހަަލަ ސޭލާގައި ހުންނަ ދަނޑިއާއެވެ. ޓްރަސް ހަދާފައި ހުންނާނީ ހަތަރެސްކަން ނުވަތަ އޭންގަލް ދަގަނޑުންނެވެ.
ހަތަރުވަނަ ބާވަތުގެ ފާލަމަކީ ކެންޓިލީވަރ ފާލަމެވެ. ކެންޓިލީވަރ ކުރުމަކީ ބެރިއެއް ނުވަތަ ފިލައެއް އެއްކޮޅު ފާރެއްގައި ނުވަތަ ތަނބެއްގައި ހައްޔަރުކޮށް، އަނެއް ކޮޅަށް ބަރު އެރުވުމެވެ. މިސާލެއްގެ ގޮތުން ގެއެއްގެ ކުޑަދޮރު ވާރެއާއި އަވިން ރައްކާތެރިކުރުމަށް މަތީގައި އަޅާފައި އޮންނަގަލަކީ ކެންޓިލީވަރ ކޮށްފައި އޮންނަ ގަލެކެވެ. ވަރަށް ގިނަ ބެލްކަނީތައް ހުންނަނީ ކެންޓިލީވަރ ކޮށްފައެވެ. ކެންޓިލީވަރ ފާލަމެއްގައި ޑެކް ބާއްވާފައި އޮންނަނީ މުޑިން ދެފަރާތަށް ނެރެފައިވާ ދަގަނޑު ޓްރަސް އެއްގެ މެދުގައި ނުވަތަ މަތީގައި ނުވަތަ ތިރީގައެވެ. ޓްރަސްގެ ތިރި ފިތޭގޮތަށް މަތި ދެމޭގޮތަށެވެ. މިއީ ދަގަނޑު ވަރަށް ގިނައިން ބޭނުންވާ ވައްތަރުގެ ފާލަމެކެވެ. އަދި ހުތުރުކަމުން ޢާއްމުކޮށް ބޭނުން ނުކުރާ ވައްތަރެކެވެ.
ފަސްވަނަ ބާވަތުގެ ފާލަމަކީ، މުޑިތަކެއް ޖަހައި އެމުޑިތަކުގެ މަތީގައި ދަމާ ކެނބެއްގައި (ފަލަ ވަލެއްގައި) ޑެކު ވައުތަކަކުން އެލުވާ ބާވަތެވެ. މި ބާވަތުގެ ފާލަމަށް ސަސްޕެންޝަން ބްރިޖް ކިޔަނީ ޑެކު އެލުވާފައި އޮންނާތީއެވެ. ކެނބުގެ ދެކޮޅު އައްސޭރީގައި ހަދާ ވަރުގަދަ ބުޑަކަށް ހަރުކޮށްފައި ހުރެއެވެ.
ހަވަނަ އަދި އެންމެ ފަހު ބާވަތުގެ ފާލަމަކީ މުޑިތަކަށް ހުރިހާ ބާރެއް އަންނަގޮތަށް ލަނބުރާންތަކަކުން ޑެކު އެލުވާފައި ހުންނަ ފާލަމެވެ. ނަމަކީ ކޭބްލް-ސްޓޭޑް ފާލަމެވެ. އެއީ ކެނބުން ނުވަތަ ފަލަ ވަލުން ހިފަހައްޓާފައިވާ ފާލަމެވެ. މިބާވަތުގެ ފާލަމާއި ސަސްޕެންޝަން ފާލަމާ ހުރި ތަފާތަކީ، މުޑި މަތީގައި ދަމާ ކެނބުން ޑެކު އެލުވާފައި ހުރުމުގެ ބަދަލުގައި ސީދާ މުޑިއަށް ލަނބުރާން ހަރުކުރާކަމެވެ. އަދި އެއްގަމުގައިވާ ބުޑަށް އެއްވެސް ބާރެއް ނާރާ ކަމެވެ. އެހެންކަމުން މިބާވަތުގެ ފާލަން، އެއްގަމާ އެންމެ ފަހުން ގުޅާ ގޮތަށް، ބިނާކުރަން ފެށޭނެއެވެ.
އެއްތަނުން އަނެއް ތަނަށް އަޅާ ފާލަމުގެ އެކި ބައިތައް، އެކި ސަބަބުތަކަށްޓަކައި، އެތަށް ގޮތަކަށް ހަދާފާނެއެވެ. އެއްބައި ބީމް ފާލަމެއްގެގޮތުގައި އަދި އަނެއް ބައި ކެނބުން އެލުވާފައި ބާއްވާފާނެއެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވާ ފާލަން އެވަނީ ބޯކުގެ ދުނިން ޑެކު އެލުވާފައެވެ. މިފަދަ ފާލަންތަކަށް ނަންކިޔާނީ އޭގެ އެންމެ މުހިއްމު ސިފައިންނެވެ.
މާލެއާ ހުޅުލެ ގުޅާލުމަށް އެންމެ ރަނގަޅީ ކޮންބާވަތެއްގެ ފާލަމެއް؟
އާދެ! ދެން އޮތީ މުހިއްމު ސުވާލެކެވެ. މަތީގައި ފާހަގަ ކުރެވުނު ހަ ވައްތަރުގެ ފާލަމުން، ހުޅުލެއާ މާލެ ގުޅާލުމަށް އެންމެ ރަނގަޅީ ކޮން ބާވަތެއްގެ ފާލަމެއް ހެއްޔެވެ؟
މާލޭ-ހުޅުލޭ ފާލަމުގެ ވައްތަރު ކަނޑައަޅާއިރު، މައިގަނޑު ދެ ކަމެއް ވަކި ބާވަތެއްގެ ފާލަމެއް ޚިޔާރުކުރުމަށް ނުފޫޒު ހިންގާނެއެވެ. ފުރަތަމަ ކަމަކީ، ހުޅުލެއަކީ އިންޓަރނޭޝަަލް އެއަރޕޯޓެއް ގޮނޑުދޮށާ ވަރަށް ގާތުގައި، ގާތްގަޑަކަށް 200 މީޓަރު ގާތުގައި އޮންނަ ރަށަކަށް ވާކަމެވެ. ދެވަނަ ކަމަކީ، ފާލަން އަޅަނީ، ހޫނުގަދަ ޤައުމެއްގެ ކަނޑުގެ ލޮނުގަނޑުގެ މަތީގައި ކަމެވެ.
ދެން އަޅުގަނޑު ބަލާލާނީ، މިއިން ކޮންމެ ކަމަކުން ފާލަމުގެ ބާވަތް ޚިޔާރުކުރާއިރު ވިސްނަންޖެހޭ ކަންތައްތަކަށެވެ. އެންމެ ފުރަތަމަ އެއަރޕޯޓާ ދޭތެރޭ ވިސްނާލަމާތޯއެވެ؟ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެއަރޕޯޓެއްގެ ރަންވޭގެ ކައިރީގައި ހެދޭ ޢިމާރާތްތަކާއި އެހެން ތަކެތީގެ އުސްމިން ހުންނަނީ ކޮންޓްރޯލް ކޮށްފައެވެ. މިކަމުގެ ގަވާއިދުތައް ހަދަނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްޢިއްޔާއިންނެވެ. އެތަނުން ނެރެފައިވާ ގަވާއިދާ ބެހޭ ކުރެހުމެއް ތިރީގައި އެވަނީއެވެ.
ރަންވޭގެ ވަށައިގެން ޢިމާރާތް ކުރެވެނީ ވަކި އުސްމިނެއްގައެވެ. ރަންވޭ ވަނީ ބަތްކާތަށްޓެއްގެ މެދުގައި ކަމަށް ވިސްނާށެވެ. ރަންވޭގެ ދެކޮޅު ހުންނަން ޖެހޭނީ ވަރަށް ތިރިކޮށެވެ. ރަންވޭ އާ ދިމާއަށް ބިނާއެއް ކުރެވޭނީ ކޮންމެ 40 ފޫޓަކުން އެއް ފޫޓަށް ވުރެ އުސް ނުވާ ގޮތަކަށެވެ. އެހެން ދިމާތައް ޢިމާރާތް ކުރެވޭނީ ރަންވޭ ވަށައިގެން 1000 ފޫޓު ވަންދެން 150 ފޫޓު އުހަށެވެ. އެހެން ގޮަތަކަށް ދަންނަވާނަމަ، 150 ފޫޓަށް ވުރެ އުސް ޢިމާރާތެއް ރަންވޭ އާއި 1000 ފޫޓު ކައިރީގައި ނޭޅޭނެއެވެ. މިއަށް ވުރެ ދުރުވެސް އޮންނަނީ ކޮންޓްރޯލް ކޮށްފައެވެ.އެއީ ބަތްކާތަށީގެ ތުންފަތް މައްްޗަށް އަރާފަދައިން ވަކި ވަޒަނަކަށެވެ. އެއް ހާސް ފޫޓުން ފެށިގެން ހަތަރު ހާސް ފޫޓުވަންދެން، ޢިމާރާތް ކުރެވޭނީ، 1000 ފޫޓަށް ވުރެ އިތުރަށް ރަންވޭ އަށް ވުރެ ދުރުވާ ކޮންމެ 100 ފޫޓަކަށް 5 ފޫޓު އުސްވާ މިންވަރަށެވެ. ދުރުވިވަރަކަށް އުސްކުރެވުނު ކަމުގައި ވިއަސް، މާލެއާ ހަމައަށް ވެސް 500 ފޫޓަށް ވުރެ އުސް ބިނާއެއް ނުކުރެވޭނެއެވެ. މިހެން މިކަން އޮތުުމުން، މާލެއާއި ހުޅުލެއާ ދެމެދު ބިނާކުރެވޭނީ ވަކި ބާވަތެއްގެ ފާލަމެކެވެ. އެއްވެސް އުސް މުޑިއެއް ޖަހަންޖެހޭ ފާލަމެއް ނެހެދޭނެއެވެ. އެއީ ޖަހަންޖެހޭ މުޑީގެ އުސްމިން 150 ފޫޓަށް ވުރެ އުސްވާނެތީއެވެ. އެހެންކަމުން، ކުރިން ބަޔާން ކުރެވުނު ހަ ބާވަތުގެ ފާލަމުގެ ތެރެއިން ޑެކު ވަލަކުން ނުވަތަ ލަނބުރާނަކުން އެލުވާފައި ހުންނަ ބާވަތުގެ އެއްވެސް ފާލަމެއް މި ދެމެދަކު ބިނައެއް ނުކުރެވޭނެއެވެ.
ދެން އަޅުގަނޑުމެން ވިސްނަންވީ މާލެއާ ހުޅުލެއާ ދެމެދުވާ ކަނޑަށެވެ. ރާއްޖެވަނީ ދުނިޔޭގެ ހޫނު ގަދަ ހިސާބުގައެވެ. ހޫނު ގަދަވި ވަރަކަށް ދަގަނޑުގައި ދަބަރު ޖެހުން އަވަސް ވާނެއެވެ. އެހެންކަމުން، ދަގަނޑު ބޭނުން ކޮށްގެން ހަދާ އެއްވެސް ފާލަމެއް މި ދެމެދުގައި ހެދުމަކީ ބުއްދިވެރި ކަމަކަށް ނުވާނެއެވެ. ފާލަމުގައި ދަވާދުލާ އެއްކޮޅުން ނިމޭއިރު، އަނެއް ކޮޅު އޮންނާނީ ދަވާދުލާން ފަށަން ޖެހިފައެވެ. އެހެންކަމުން، އެންމެ ރަނގަޅުވާނީ ދަގަނޑު ބޭރުން ފެންނަން ނެތް ގޮތަކަށް ހަދާ ފާލަމެކެވެ. އާދެ! ކޮންކްރީޓް ފާލަމެކެވެ. އެހެންކަމުން ކެންޓިލީވަރ ފާލަމާއި ޓްރަސް ފާލަންވެސް ބިނާކުރުމަކީ އެދެވޭ ކަމަކަށް ނުވާނެއެވެ. މި ދެބާވަތުގެ ފާލަން ހަދަނީ ދަގަނޑުންނެވެ. ފާލަމުގެ ވައްތަރުތަކުގެ ތެރެއިން ކަމުދާން ބާކީ އޮތީ ދެ ފާލަމެވެ. އެއީ ބެރި ފާލަމާއި ބޯކު ފާލަމެވެ. ބީމް ބްރިޖާއި އާރޗް ބްރިޖެވެ. މި ދެބާވަތްވެސް މާލެ-ހުޅުލެ ފާލަމަށް އެކަށީގެންވާނެއެވެ. މާލެއާއި ހުޅުލެއާ ދެމެދު ފާލަމެއް ހަދާ ވާހަކަ އިވުނު އިރުން ސުރެ، އަޅުގަނޑު ހީކުރަމުން އައީ މި ދެމެދުގައި އަޅާނީ ބެރި ފާލަމެއް ކަމަށެވެ. ދުނިޔޭގައި މިހާރު އެންމެ ގިނައިން ބިނާކުރާ ފާލަމަކީ ވެސް މިބާވަތެވެ. ޚާއްޞަކޮށް، މިބާވަތުގެ ސެގްމެންޓަލް ފާލަމެވެ. މި ވައްތަރުގެ ފާލަން ހަދާފައި ހުންނަ ގޮތަކީ، ފޮށިގަނޑެއް ވާގޮތަށް ކޮންކްރީޓް ޑެކްއެއް 12 ވަރަކަށް ފޫޓު ގެ ދިގުމިނުގައި ތައްގަނޑެއްގައި އަޅަނީއެވެ. މިއީ ސެގްމެންޓެކެވެ. ނުވަތަ ދިގު އެއްޗެއް ބައިބައިކުރުމުން އޭގެން ބައެކެވެ. މިއިން ކޮންމެ ބައެއްގެ މަތީގަ އާއި ތިރީގައި ލޯވަޅުތަކެއް އަޅާފައި ހުރެއެވެ. ދެން ހަދާގޮތަކީ، ވަރަށް ވަރުގަދަ ނަރުތަކަކުން މި ސެގްމަންޓްތައް އަމުނަނީއެވެ. މުޑީގެމަތީގައިވާ ސެގްމެންޓުން ދެ ފަރާތަށް އެއްވަރަކަށް މިގޮތަށް އަމުނަމުން ދިއުމުން ރަހައަށް ހުރެއެވެ. ތިރީގައިވާ ކުރެހުމުން އިތުރު ތަފްޞީލު އޮޅުން ފިލައެވެ.
ކޮންމެއަކަސް ފާލަން ފަރުމާކުރި މީހުން ިނިންމާފައިވަނީ ކޮންކްރީޓް ބޯކު ފާލަމެއް ފުން ހިސާބުގައި އަޅާށެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ބާވަތުގެ ފާލަމެވެ. އެންމެ އިހުޒަމާނުގެެ ފާލަންތައް ހަދާފައި ހުންނަނީ ވަށްބުރެއްގެ ދެބައިކުޅަ އެއްބައި ހުންނަ ވަރަށް ދުނިކޮށެވެ. މިބާވަތުގެ 2000 އަހަރުވީ ފާލަން ހުރެއެވެ. ފަހަކަށް އައިސް ވަށްބުރެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަކޮށް މަތި ހުންނަ ފާލަން ހަދަން ފެށިއެވެ. މިބާވަތުގެ ފާލަމުގެ ފައިއދާއަކީ ފާލަން ތިރިވާކަމެވެ. މިފަދަ އެންމެ ފުރަތަަމަ ފާލަމަކީ ޗައިނާގައި ބިނާކޮށްފައިވާ ”އަންޖީ“ ފާލަމެވެ. އެފާލަމަށް މިހާރު 1400 އަހަރު ވެއްޖެއެވެ. އެ ފާލަމުގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ.
ރާއްޖޭގައި އަޅާ ފާލަން
ރާއްޖޭގައި މިހާރު އަޅަމުންދާ ފާލަމުގެ ކުރެހުމެއް ތިރީގައި އެވަނީއެވެ. ފާލަމަކީ ދެބާވަތެއް ފާލަމެކެވެ. ފުން ހިސާބުގައި ވަނީ ބޯކު ފާލަމެކެވެ. ދެކޮޅުން ތިލަ ހިސާބުގައިވަނީ ބެރި ފާލަމެކެވެ.
.
މާލެއިން ބެރި ފާލަމަކުން އެރޭ ބޯކުބައިގެ ދިގުމިނަކީ 100 މީޓަރެވެ. ދެންވަނީ 180 މީޓަރުގެ ދެ ބަޔެވެ. އަނެއްކާވެސް 100 މީޓާރުގެ ބައެކެވެ. ދެން ވަނީ 60 މީޓަރުގެ ކުރުބައެކެވެ. ކުރިން ދެންނެވި ލަފުޒު ބޭނުން ކުރާނަމަ، ފާލަމުގެ އެންމެ ދިގުސްޕޭންގެ ދިގުމިނަކީ 180 މީޓަރެވެ.
ބްރިޖެއް ހެއްޔެވެ؟ ނުވަތަ ކޯސްވޭ އެއް ހެއްޔެވެ؟
މާލޭ-ހުޅުލޭ ފާލަމާ ބެހޭގޮތުން ވިސްނާލަން ޖެހޭ އަދި އެއްކަމެއް ވެއެވެ. އެއީ އިނގިރޭސި ބަހުން ބްރިޖް ކިޔާނީ، އެކަށީގެންވާ ބޯޓު ފަހަރު އޭގެ ދަށުން ދަތުރު ކުރެވޭ ފާލަމަށެވެ. އެހެންނޫނީ ކިޔާނީ ކޯސްވޭ އެވެ. މިއީ މާ ބޮޑެތި ބޯޓު ފަހަރު އޭގެ ދަށުން ދަތުރުކުރެވެން ނެތް، މުޑިމަތީގައި އޮންނަ މަގެކެވެ. އައްޑޫ އަތޮޅު ގަމަށް ދާން އެއޮންނަނީ ކޯސްވޭ އެކެވެ. ސަޢޫދީ އެރެބިޔާ އާއި ބަޙްރައިން ގުޅާލާ ފާލަމަށް ކިޔަނީ ކޯސްވޭ އެވެ. ބްރިޖެއް ނޫނެވެ. ވާތްފަރާތުގައި އެވަނީ އެ ކޯސްވޭގެ ފޮޓޯއެކެވެ.
އެހެންކަމުން ސުވާލަކީ ކިހާ އުސްމިނުގެ ބޯޓެއް މާލޭ-ހުޅުލޭ ފާލަން ދަށުން ދަތުރުކުރެވޭނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން، ދެކަމެއް ފާހަގަ ކޮށްލާނަަމެވެ. އެއްކަމަކީ، ހުޅުލެއާ މާލެއާ ދެމެދުގައި އަޅާ ފާލަމުގެ މެދު އެންމެ އުސްކުރެވޭނީ ކިހާވަރަކަށް ހެއްޔެވެ؟ ރަންވޭއިން ފެށިގެން 1000 ފޫޓަށް ބެހެއްޓޭނީ އެންމެ އުސްވެގެން 150 ފޫޓެވެ. ދެން، ކޮންމެ ސަތޭކަ ފޫޓަކުން ފަސް ފޫޓު އުސްވާވަރަށް 4000 ފޫޓާ ހަމައަށް އުސްކުރަމުން ގެންދެވޭނެއެވެ. މިހިސާބުތައް ހެދުމަށްފަހު ނުކުތް ނަތީޖާ ފޮޓޯއިން ފާހަގަ ކުރެވޭނެއެވެ. އާދެ! ދެމެދުގައިވާ ކަނޑުގެ މެދުގައި އުސްމިން ބެހެއްޓޭނީ 190 ފޫޓަށެވެ. ނަމަވެސް ފާލަމެއްގެ އުސްކަން ކަނޑައަޅާއިރު ވިސްނަން ޖެހެނީ ހަމައެކަނި އެއަރޕޯޓްގެ މައްސަލައަކަށް ނޫނެވެ.
ފާލަމެއް ކަޗޯރު ކުރެވެނީ ވަކި މިންވަރަކަށެވެ. އެ މިނަކީ ކޮންމެ ވިހި ފޫޓަކުން 1 ފޫޓެވެ. ނާދިރު ޙާލަތް ތަކުގައި، މިއަށް ވުރެ ކަތިބޮޑުކޮށް ފާލަމެއް އެޅިދާނެއެވެ. ނަމަވެސް، ބައިސްކަލް ދުއްވުމަށާއި، ިހިނގާއުޅުމަށާއި ބޮޑެތި ލޮރީތައް ދުއްވުމަށް އުނދަގޫވާނެއެވެ. ލޮނުޒިޔާރަތް ކޮޅާއި ހުޅުލޭ އިރުމަތީ ކޮޅާ ދެމެދު ހުންނަނީ، 1300 މީޓަރެވެ. ސީދާ މެދު އުސްކުރާނަމަ، މީގެ ދެބައިކުޅަ އެއްބަޔަށް ވާނީ 650 މީޓަރެވެ. ވިހި މީޓަރުން އެއް މީޓަރު އުފުއްލާނަމަ، އުސްމިނަކަށްް ވާނީ ގާތްގަޑަކަށް 32 މީޓަރެވެ. އެއީ 106 ފޫޓެެވެ. ޢާއްމުގޮތެއްގައި ބޯކު ފާލަމެއްގެ ބޯމިނުގައި ހުންނަނީ އޭގެ ސްޕޭންގެ ދިގުމިނުގެ 70 ބައިކުޅަ އެއްބައެވެ. އެންމެ ދިގު ސްޕޭންގައި 180 މީޓަރު ހުންނާތީ، ބޯކުގެ އެންމެމަތީގެ ބޯމިނުގައި ހުންނާނީ ގާތްގަޑަކަށް ½2 މީޓަރު ނުވަތަ 9 ފޫޓެވެ. އެހެންކަމުން، ކަނޑާއި ފާލަމާ ދޭތެރޭ ހުންނާނެ ޖާގައަކީ 106 ފޫޓުން 9 ފޫޓު ކަނޑާލީމާ ހުންނަ ވަރެވެ. ގާތްގަޑަކަށް 97 ފޫޓެވެ. ރައްކާތެރިކަމާއި އެހެން ކަންކަމަށް ވިސްނާ މިއާއެކުވާ ވީޑިއޯގައި އަޅުގަނޑު ހިމެނީ 75 ފޫޓެވެ. ފާލަން ރީތިވާނީ އޭގެ ދުނިކަން ކުޑަވިއްޔާއެވެ. މިކަންކަމުން އެނގެނީ، ފާލަން ފަރުމާ ކުރުމުގައި ބޮޑަށް ބަލާފައިވާނީ ފާލަމުގެ ޑެކުގެ ކަޗޯރުކަން ރީތި އަދި އެކަށީގެންވާ ވަރެއްގައި ބެހެއްޓުމަށް ކަމެވެ. ވައިވަރު މާ އުސް ބޯޓު ފަހަރު، ފާލަން ދަށުން ދެވޭގޮތް ހަދަން ބޭނުންނަމަ، ފާލަން ފަށަން ޖެހޭނީ މާފަންނު ކޮޅުންނެވެ. މިއީ ބޮޑު ޚަރަދެއް ހިނގާނޭ ކަމެކެވެ. މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި، ގިނަ ކަންތައްތައް ނިންމަނީ ހިނގާނޭ ޚަރަދަށް ރިއާޔަތްކޮށެވެ. ފާލަން ފުނަދޫ އާ ވީ ދިމާއިން މާލެއިން ފެށިނަމަ، ފާލަން އުސްކުރެވޭ މިންވަރު ސަފުން ތިރިވެފައި، އެއްގަމު އުޅަނދުތައް ފާލަމަށް އަރާ ފައިބާ ހިސާބުގައި ތޮއްޖެހޭގޮތް ވާނެއެވެ. މިހާރު ފާލަން ހަދާ ތަނުގެ އަނެއް ފައިދާއަކީ، ފަހުން އަންނަ ޒަމާނެއްގައި މާލެއާއި ވިލިގިއްޔާ ދެމެދު ފާލަމެއް އަޅަން ޤަޞްދުކޮށްފިނަމަ، އެ ފާލަމާއި މި ފާލަން، ދަތުރުގެ ގޮތުން ގުޅާލަން ފަސޭހަވާނެކަމެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ޚިޔާލާ އެއްގޮތަށެވެ.
އަޅުގަނޑު، މިބައި ފެށީ ސުވާލަކުންނެވެ. މާލެއާއި ހުޅުލެ ގުޅާލަނީ ބްރިޖަކުން ހެއްޔެވެ؟ ނުވަތަ ކޯސްވޭ އަކުން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަށް އަޅުގަނޑު ދޫކޮށްލާނީ ސައޫދީ އެރިބިޔާ އާއި ބަޙްރައިންގެ ދެމެދުގައިވާ ކޯސްވޭ ދުށް ލޯތަކަށެވެ.
މި މަޒުމޫނުގައި ލިއުމަށް ޤަޞްދުކުރި ހިސާބު ލިއެނިމުނީއެވެ. ދެން ލިޔާ މަޒުމޫނެއްގައި ބޯކު ފާލަމުގެ އިތުުރު މަޢުލޫމާތާއި، ޑެކްއާއި ބޯކުގެ ދުނިހަދާގޮތާއި ކޮންކްރީޓްއަށް ލޮނު ވަނަ ނުދޭން އަޅާ އަޅިއާއި ދަގަނޑުގައި ދަބަރު ޖެހިޔަ ނުދޭން ކަންކަން ކުރާ ގޮތާ ބެހޭ މަޢުލޫމާތު ހިމަނާނަމެވެ. وما توفيقي الا بالله
11 އޭޕްރިލް 2016
Very useful information and intersting
Thank You
Thanks Hassan, Intresting and informative. Wished you could have done this earlier. Hope you will continue to enighten us.
Very Interesting
Is it possible to create a underwater bridge like in Busan-Geoje Fixed Link in South Korea.
https://www.youtube.com/watch?v=-aykpUulHJo
Thank you for your comment.
To construct underwater roadways, the slope of the submerged roadway must not be sharper than 3 degrees. With 3 degrees it is not possible to get to the bottom of the sea in the Gaadhoo Channel. It is 37 metres deep in about 1200 metres of width. If the channel is shallower, a far cheaper option would be to use a steel pipe about 3 metres in diameter and special capsules for transport… Something like a Hyperloop (https://en.wikipedia.org/wiki/Hyperloop) or hospital pneumatic transport system (https://www.youtube.com/watch?v=gAlzYLcqsTU). For shorter widths and for low-draft ships, underwater roadways are useful. See https://brightside.me/creativity-design/the-dutch-built-a-water-bridge-that-breaks-the-laws-of-physics-187755/
Best wishes
Good one
very informative and logical. Thank you Dr. Hassan.
Thank u very informative article
Varah fakkaa liumeh dr hassan hamssd
Very Informative. waiting next article
Thank you. We need more people like you to run this country. You sure knows what you talk about.
Very informative article, always inspired me
Thank you for a very informative article.
Dhivessakah veethee ufaave fakhuruverivaa 1 sababakee Dr. Hassan Hameed fadha beyfulhun vess miqaumah nisbaiyvaathee eve. Ilmu fathuruvvan manikufaanu thikuravvaa heyo masakkaiypulhugai barakaaiy lavvaahsieve. Jazaakallah Khairan doctor.:p
Excellent article, it’s rare to find an informative and well explained article in dhivehi language. Thank you
Masha Allah. Very interesting & informative:)
amazing :)
Very useful article.
Namuge kuriah Dr. Liyegen ulhey ehen beyfulhun nah mifadha masakkatheh kuraane vaguthu nuvanee tho? Nuvatha neygeneetho?
Very Informative. Thanks Dr hassan
thank you Dr hassan. this was a veryu interesting article. Looking forward fow part II
Very informative. Thanks.
A very informative article. Lookinh forward to part 2. Thank you!