މީގެ ދުވަސްކޮޅެއްގެ ކުރިން، ކުޅުދުއްފުށްޓާއި މާލެއާ ދޭތެރޭ ފަސިންޖަރުންނާއި މުދާ އުފުލާ ދެ އިންޖީނުލީ އޮޑިއެއް، ބާރަށް ދުއްވުމަށްޓަކައި، އިތުރު އިންޖީނެއް އަޅައިފިއެވެ. އޭގައި ހުރި އިންޖީނުތަކާ ގާތްގަޑަކަށް އެއްވަރެއްގެ އިންޖީނެކެވެ. ނަތީޖާ ތޯއެވެ؟ ދުވެލި ބާރުވީ ކިރިޔަކިރިޔާއެވެ. ތިން އިންޖީނު އެޅުމަކުން ދުވެލި ނިސްބަތަކުން ބާރެއް ނުވިއެވެ. މިވީ ކިހިނެއްތޯއެވެ؟ ގިނަ މީހުން ހީކުރާނީ އިންޖީނުގެ ބާރު ގަދަވި ވަރަކަށް ދުވެލި އަވަސް ވާނެ ކަމަށެވެ. ނަމަވެސް. . . . . .
މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، އޮޑިދޯނި ފަހަރުގެ ދުވެއްޔާ ބެހޭ ބޭނުންތެރި މަޢުލޫމާތު ތަކެކެވެ. މި ވާހަކަތަކުގެ ތެރެއަށް އަޅުގަނޑު ގަތަމުންދާނީ ކިޔުންތެރިން ޝައުޤުވެރިވާ، މިކަމާ ގުޅޭ ހޯދުންތަކެވެ. އާދެ! ކުރިއަށް ދަމާތޯއެވެ.
ތޮށިގަނޑާ އެއްކޮށް އޮންނަ ހަނޑޫ ފުކަށް ދިވެހިން ކިޔާ ނަމެއް އޮވެއެވެ. އެއީ ވީ އެވެ. ވީފުކަކީ ތޮށިގަނޑާ އެއްކޮށްވާ ހަނޑޫ ނުވަތަ އެހެންވެސް އޮށްޓަރެކެވެ. ދިވެހިބަހުން ހަނޑޫފުކުގެ ބޭރުގައިވާ ތޮށިގަނޑަށް ކިޔާ ވަކި ނަމެއް އޮވޭތޯ އެވެ؟ އިނގިރޭސި ބަހުން އޮށްޓަރެއްގެ ތޮށިގަނޑަށް ކިޔަނީ ”ހަލް“ އެވެ. ގޮވާން ހަލް ކުރުމަކީ ހަނޑޫ ނުވަތަ އެހެންވެސް އޮށްޓަރަކުން އޭގެ ތޮށިގަނޑު ވަކިކޮށްލުމެވެ. ދިވެހިބަހުން ހަނޑޫ ހަލް ކުރުމަކީ ހަނޑޫ ކެނޑުމެވެ. ތޮށިގަނޑަކީ ފެން ނުވަންނަ ގޮތަށް، ހަނޑޫ ފުކުގެ ބޭރުގައިވާ ދުއްޔެކެވެ. ”ހަލް“ މި ލަފުޒުގެ މާނައަށްބަލައި، އެހެން އެއްޗަކަށް އިނގިރޭސި ބަހުން ހަލް ކިޔައެވެ. އެއީ އޮޑިދޯނި ފަހަރުގެ ފެން ނުވަންނަ ގޮތަށް ހުންނަ ތޮށިގަނޑެވެ. ޑެކް (ތައްޓު) އާއި މީހުން ނުވަތަ މުދާލާން ހުންނަ ކަމަރާ އާއި ކުނބާއި ފަރުމާނާއި، ހުންގާނު ފަދަ ބައިތައް ނުލައެވެ. ދިވެހިބަހުން، އޮޑިއެއްގެ ނުވަތަ ދޯންޏެއްގެ ހަލް އަށް ކިޔަނީ ކޮން ނަމެއްތޯއެވެ؟ ހަލްއަށް ދިވެހިން ކިޔާނަން، އެކި މީހުންގެ ކައިރީގައި އަހައިގެންވެސް ނޭނގުނީތީ، އުޅަނދެއްގެ މިދެންނެވި ތޮށިގަނޑަށް އަޅުގަނޑު ކިޔާނީ ހަލްއެވެ. {މި ލިޔުން ޝާއިޢުކުރި ފަހުން، ހަލްއަށް ދިވެހީން ކިޔަނީ ސިންޖާލު/ސިންޖާލުގަނޑު ކަމަށް މަޢުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ޅެން ހެއްދެވުމަށް މަޝްހޫރު އާދަމް ނަޞީރު ވިދާޅުވިއެވެ. އޭނާއަށް މަޢުލޫމާތު ދެއްވީ އުތީމް އާދަމް ޢަބްދުއްރަޙްމާނެވެ. 23 މެއި 2016}
ރަށުގެ ބަދަރު ކައިރީގައި ނުވަތަ ގޮނޑު ދޮށުގައި ހުރެ، ދުވަމުންދާ އުޅަނދުތަކަށް ފިކުރު ހިންގާލުމުން، ތިބާއަށް ދެ ބާވަތަކަށް ދުވާ އުޅަނދު ފާހަގަ ކުރެވޭނެއެވެ. އެއްބައި އުޅަނދު ބާރަށް ދަތުރުކުރާއިރު، އޭގެ ހަލްގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ. އަނެއް ބައި އުޅަނދު ހަމަ ކުރީ އުޅަނދާ އެއް ދުވެއްޔެއްގައި ދާއިރުވެސް، އޭގެ ހަލްގެ ބޮޑުބައި މައްޗަކަށް ނުހިއްލެއެވެ. ހުންނަނީ އަޑީގައެވެ. ދުއްވާއިރު ފެނުގެ އަޑީގައި ހުންނަ މިންވަރަށް ބަލައި، ހަލް ބެހެނީ މި ދެންނެވި ދެބާވަތަށެވެ.
ބާރު ދުވެލީގައި، ހަލް މައްޗަށް ހިއްލިފައި ހުންނަ ބާވަތަށް ކިޔަނީ ”ޕްލޭނިންގ ހަލް“ އެވެ. ޕްލޭނިންގ އަކީ ކަނޑުގެ ސަޠަޙަ ނުވަތަ ސާރފަސް އާއި އުޅަނދުގެ ހަލް އާ ދޭތެރެއަށް ފެނާއި ވައި ވަނުމުން އުފުލިގެން ހަލް މައްޗަށް އެރުމެވެ. ގަލްފްކްރާފްޓް ލާންޗުތައް ބާރަށް ދުވާއިރު، އޭގެ ހަލް މިގޮތަށް ފެނުގެ މައްޗަށް އަރައެވެ.
އަނެއްބާވަތުގެ ހަލް، ކިތަންމެ ބާރަށް ދުއްވިއަސް، ކަނޑުގެ ސަޠަޙަގެ މައްޗަކަށް ނާރާނެއެވެ. ހަލްގެ ބޮޑުބައެއް ހުންނާނީ އަޑީގައެވެ. އުޅަނދު ނުދުވާ އިރު އަޑިއަށް ގޮސްފައިވާ މިންވަރާ ގާތްގަޑަކަށް އެއް މިނެއްގައެވެ. މި ބާވަތުގެ ހަލް އަށް ކިޔަނީ ”ޑިސްޕްލޭސްމަންޓް ހަލް“ އެވެ. ޑިސްޕްލޭސްމަންޓް އިން މާނަކުރަނީ ކަނޑުގައި ހަލް ހުރިތަނުގެ ލޮނު، އެހެންތަނަކަށް ގޮސް އެތަނުގައި ހަލް ހުރުމަށެވެ. ކުރެހުމުން ދައްކާނަމަ، ތިރީގައި އެވަނީ މިދެބާވަތުގެހަލްއެވެ. މިކުރެހުމުގައި އިނގިލިން ނުވަތަ ”މައުސް“ އިން ކޮށްޓާ ބޮޑުކޮށްލާފައި، ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމަކީ ފައިހުރި ކަމެކެވެ.
ޕްލޭނިންގ ހަލް އާއި ދުވެލި
ޕްލޭނިންގ ހަލް ފަރުމާކޮށްފައި ހުންނަނީ ވީ އެންމެ އަވަހަކަށް އަދި ފަސޭހަ ގޮތަކަށް ކަނޑުގެ ލޮނުގަނޑުގެ މައްޗަށް ހަލް ހިއްލޭ ގޮތަށެވެ. މިކަން ކުރުމަށްޓަކައި، ހަލްގެ ދަށުގައި ބާރީފަތި ފަދަ އެކި ބައިތައް ހުރެއެވެ. އެންމެ ބޭރު ފަރާތުގައި ހުންނަނީ މައްޗަށް ބުރުއްސާ ލޮނުތައް ތިރިއަށް ދާ ގޮތަށް ހަދާފައިވާ ބާރީ އެވެ. ޕްލޭނިންގ މޮޅު ހަލް ފަރުމާކުރުމަކީ ބޮޑު ސައިންސް އަކަށް ވާތީ، އެކި ޑިޒައިންތައް އެހެންމީހުން ކޮޕީ ކުރިޔަ ނުދިނުމަށް ސަރުކާރުގެ ފަރާތްތަކުގައި ރަޖިސްޓްރީ ކުރެއެވެ. ތިރީގައި އެވަނީ ސީޑޫ ކިޔާ ލާންޗެއްގެ ހަލްއެވެ. ދެން އެވަނީ އަދި އެއަށްވުރެ މޮޅުކަމަށް ބުނާ ހަލްއެކެވެ. މި ހަލްތަކުގެ ދަށް ހުންނަނީ އެއް ހަމައަށް ކަހަލަ ގޮތަކަށެވެ. މާބޮޑަސް ގޮނިކޮށެއް ނޫނެވެ. އިންޖީނެއް އަޅަނިކޮށް، މޭޒެއް ވެސް ޕްލޭނިންގ ހަލްއަކަށް ވާނެއެވެ. ޕްލޭނިންގ ހަލްގެ ދަށް ހަމަކޮށް އޮންނާތީ ގަދަ ކަނޑަށް ބަލި ވާނެއެވެ. ރާޅާ އުފުލާލާފައި ޖަހާއިރު، ޖެހޭނީ މުޅި ހަލްގެ ދަށް އެކުއެކީގައެވެ.
ޕްލޭނިންގ ހަލްގެ އެންމެ ބޮޑު މައްސަލައަކީ، ގަދަ ކަނޑުގައި އެ ދުއްވާނަމަ ތަޅާވަރުން ދަތިވުމާއި، ޕްލޭނިންގ ދުވެއްޔަށް ވުރެ ދުވެލި މަޑު ނަމަ، ތެޔޮ އަނދާވަރު އާދަޔާ ޚިލާފަށް ބޮޑުވުމެވެ. މިސަބަބާހެދި، މި ބާވަތުގެ އުޅަނދު ދުއްވަން އެންމެ ރަނގަޅުވާނީ ބާރަށެވެ. ޕްލޭނިންގ ދުވެއްޔާ ހަމައަށް ދުވެލި ބާރު ކުރުމަށްޓަކައި ވަރަށް ބާރުގަދަ އިންޖީނު އަޅަން ޖެހެއެވެ. 10 ވަރަކަށް މީހުންނަށް އެރޭ ޕްލޭނިންގ ލާންޗެއްގެ އިންޖީނު، 10 މީހުންނަށް އެރޭ މަތިންދާ ބޯޓެއްގެ އިންޖީނާ ގާތްގަޑަކަށް އެއްވަރެވެ. އެހެންކަމުން މިއީ ދުއްުވުމުގެ ޚަރަދު ވަރަށް ބޮޑު ބާވަތެކެވެ.
ޕްލޭނިންގ ހަލްގެ މަންފާއަކީ، އިންޖީނު ގެ ބާރު ގަދަވިވަރަކަށް ދުވާލެއް ބާރުވާ ކަމެވެ. ނަމަވެސް މާ ބާރުވުމުން، ބުރަފަތި ފެނުން ކެޑި، ހަލް ވަޔާ އެއްލާލާފާނެތީ، ގަޑިއަކު 50 މޭލަށް ވުރެ ބާރަށް ދުވާ އުޅަނދެއް އާއްމުކޮށް ނުއުފައްދައެވެ.
ޑިސްޕްލޭސްމަންޓް ހަލް އާއި ދުވެލި
ރާއްޖޭގައި ބަންނަ ހުރިހާ އޮޑި، ބައްތެލި، ނައު، ދޯނި ފަދަ އުޅަނދަކީ ޑިސްޕްލޭސްމަންޓް ހަލް ހުންނަ ތަކެއްޗެވެ. މިބާވަތުގެ ހަލް، ކިތަންމެ ބާރަށް ދުއްވިއަސް މާބޮޑަކަށް ފެނުން މައްޗަކަށް ނުއުފުލޭނެއެވެ. ކުރިން ދެންނެވިހެން މިބާވަތުގެ ހަލް ކުރިއަށް ދުވާ އިރު، ކުރިމަތީގައިވާ ލޮނުގަނޑު ދެފަރާތަށް އަދި އަޑިއަށް ކަފަމުން ދެއެވެ.
ޑިސްޕްލޭސްމަންޓް ހަލްއެއްގެ އެންމެ ބޮޑު މަންފާއަކީ، ނިސްބަތުން ވަރަށް ކުޑަ އިންޖީނަކުން، އެއަށް ކުރިއަށް ދަތުރު ކުރެވޭކަމެވެ. ނަމަވެސް، ދުވާ އެންމެ ބާރުމިން ވަނީ ހަލްގެ ދިގުމިނުން ކަނޑައެޅިފައެވެ.
ޑިސްޕްލޭސްމަންޓް ހަލްއެއް ކަނޑުގައި ދަތުރުކޮށްފައި ދާއިރު، އޭގެ ދިރުބާކޮޅުން ރާޅުއުފައްދަމުން ދާނެއެވެ. މަޑުން ދުވާއިރު، މިފަދަ އެތައް ރާޅެއް، ދިރުނބާ މައްޔާ އާއި ކޮޅުފަހު މައްޔާ އާ ދެމެދުގައި ވާނެއެވެ. ދުވެލި ބާރުވަމުން ދިޔަވަރަކަށް، ހަލްގެ ދެ މައްޔާ ދެމެދުގައިވާ ރާޅުތައް މަދުވަމުން ދާނެއެވެ. ރާޅެއްގެ އެންމެ އުސްބައި ނުވަތަ ހުޅި، ދިރުނބާކޮޅުގައި ހުންނައިރު، ކުރިން އުފެއްދި ރާޅުގެ ހުޅި ކޮޅުފަހު މައްޔާއާ އަރާ ވަރަށް ވުރެ ބާރަކަށް މިބާވަތުގެ އުޅަދަކަށް ދަތުރެއް ނުކުރެވޭނެއެވެ. މިއަށް ވުރެ ބާރު ކުރަން އުޅޭނަމަ، އެ ރާޅުގެ ތެރެއަށް އުޅަނދު އަޑިއަށް ދާނީއެވެ. މި ހަލްސްޕީޑް އަށް ވުރެ ދުވެލި ދަށް ނަމަ، އުޅަނދު ދުވަމުން ދާނީ ދިރުބާކޮޅުން އުފައްދާ އެއް ރާޅަށް ވުރެ ގިނަ ރާޅުގެ މަތީގައެވެ.
އެހެންކަމުން، އުޅަނދުގެ ދިގުމިނުން، އެ ދަތުރުކުރެވޭ ބާރުމިންވަނީ ކަނޑައެޅިފައެވެ. ފެނުގައި ރާޅެއް ދަތުރުކުރާ ބާރުމިން އެނގޭތީ، މި ހަލް ސްޕީޑް ހިސާބު ކުރެވޭނެ އެވެ. މި ހިސާބު ކުރަން ބޭނުން ކުރާ ހަލްގެ ދިގުމިނަކީ، އުޅަނދު ފެނުގައި އޮންނައިރު، ކަނޑުގެ ލޮނުގަނޑު ހުންނަ ހިސާބުގެ ދިގުމިނެވެ. ކަނޑުގެ ލޮނުގަނޑު ހުންނަ ހިސާބަށް ކިޔަނީ ވޯޓަރލައިން އެވެ. ”ފެންރޮނގު“ އެވެ. މި ރޮނގުގެ ދިގުމިން އެނގެނިކޮށް، ދުވެލި ހިސާބުކުރަން ބޭނުން ކުރާ ފޯމިއުލާ ތިރީގައި އެވަނީއެވެ. ވޯޓަރލައިން އަށް އަޅުގަނޑުގެ ރަށްޓެހި ކައްޕިތާނު ޢަބްދުއްލަޠީފު ވިދާޅުވަނީ ”ފެންދާރަ“ އެވެ.
ތިރީގައި ވާ ތާވަލުގައި އެވަނީ އެކި ދިގުމިނުގެ ފެންރޮނގަށް ނިސްބަތްކޮށް އުޅަނދު ދުވާނެ އެންމެ ބާރު ދުވެލި ހިސާބުކޮށްފައެވެ. މި ހިސާބުތަކުން ދައްކާގޮތުގައި، ގަލްފްކުރާފްޓް ލާންޗަކާ ގާތްގަޑަކަށް އެއް ބާރުމިނެއްގައި ދަތުރުކުރުމަށް، އުޅަނދުގެ ދިގުމިނުގައި ގާތްގަޑަކަށް 200 ފުޓޫ ހުންނަން ޖެހޭނެއެވެ. ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ ކްރޫސް ބޯޓެއްގެ ދިގުމިނުގައި 750 ފޫޓުވަރު ހުރެއެވެ. ސްޕީޑް ހުންނަނީ 21 ނޮޓުގައެވެ. ނަމަވެސް، މިއަށް ވުރެ ކްރޫސް ބޯޓަށް ދަތުރުކުރެވޭނެ އެވެ.
މިހާ ހިސާބުން ގިނަ ބޭފުޅުންނަށް މީހަކު ކުޅުދުއްފުށީގައި 100 ވަރަކަށް ފޫޓަށްވުރެ ތަންކޮޅެއް ކުރު އޮޑިއެއްގައި ތިން އިންޖީނު އަޅައިގެންވެސް ދުވެލި ބާރުނުވި ސަބަބު އެނގިވަޑައިގަންނަވާނެއެވެ. އާދެ! ސަތޭކަ ފޫޓު އުޅަދަކަން އިންޖީނު ގިނަކުރިއަސް، ތާވަލުން ފެންނަ ފަދައިން، ދަތުރު ކުރެވޭނެ އެންމެ ބާރު މިނަކީ 13 ނޮޓެވެ. މައްޔާ ހުންނަ ގޮތުން، މުޅި ދިގުމިނުގައި 100 ފޫޓު ހުއްޓަސް ގިނަ އުޅަނދުގެ ވޯޓަރލައިން ނުވަތަ ފެނުގައި ޖެހޭ ރޮނގު މިއަށް ވުރެ ކުރުވާނެއެވެ. އެހެންކަމުން، ދުވެލީގައި 13 ނޮޓް ހުންނަހާ ބާރަށް ވެސް މި ސައިޒުގެ އުޅަނދެއް ނުދުއްވޭނެއެވެ.
ޑިސްޕްލޭސްމަންޓް އުޅަނދެއްގެ ދިރުނބާ ކޮޅު ހުންނަން އެންމެ ރަނގަޅީ ކޮންގޮތެއް؟
ފުރާދުއްވާ އެއްޗެއްގެ ދިރުނބާ ނުވަތަ ކުރީކޮޅު ހުންނަން އެންމެ ރަނގަޅު ބައްޓަމަކީ ކޮބައިތޯ އެވެ؟ މިހާ ހިސާބަށް ވިދާޅުވި ބޭފުޅުންނަށް ޖަވާބު އެނގިވަޑައިގަންނަވާނެއެވެ. ދުވެއްޔަށް ބަލާނަމަ، އެންމެ ރަނގަޅުވާނީ އޮލަނބަށް ތިރިއަށް، އެންމެ ކުރުކޮށް ކަނޑާ ޖެހޭ ގޮތަށް ހުންނަ މައްޔާ އެވެ. އާދެ! އޮލަނބަށް ހުންނަ ދިނރުބާ މައްޔާ އެވެ. ނަމަވެސް، އަޅުގަނޑަށް ފާހަގަ ކުރެވެނީ، ވަރަށް ގިނަ ދޯނިފަހަރު ބަދެފައި ހުންނަނީ، ޕްލޭނިންގ ހަލް ފަދައިން ކަމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ދެތިން ގެއްލުމެއް ވާނެއެވެ. އެއްކަމަކީ، އުފުލޭ މުދާ މަދުވުމާއި، ގަދަ ކަނޑަށް ބަލިވުމާއި ކުރީކޮޅު އުސްކަމުންވައި އަޅާލެއް ބޮޑުވާނެތީ ތެލުގެ ޚަރަދު ބޮޑުވުމާއި އެކު ދުވެލި މަޑުވުމެވެ. އަޅުގަނޑުމެންގެ ކާބަފައން ބައްތެލި ފަރުމާކުރިއިރު، ދިރުނބާކޮޅު ހުންނަ އޮލަނބު ގޮތް މިއާއެކުވާ ފޮޓޯއިން ބައްލަވާށެވެ. މިހެން މިކަމުގެ ސައިންސް އޮތަސް، ގިނަ ފަހަރު ދޯންޏެއް ބަންނަން ބޭނުންވާ މީހާ ހަދާގޮތަކީ، އިންޓަރނެޓުން ޕްލޭނިންގ ހަލް ލީ ޔޮޓެއްގެ ފޮޓޯ ބަލައިގެން ޑިސްޕްލޭސްމަންޓް ދޯންޏެއް ބަންނަނީއެވެ.
ދުނިޔޭގައި މިހާތަނަށް ބަން، އެންމެ ބާރަށް ދުވާ އެންމެ މަޝްހޫރު ރިޔާނެގި އުޅަނދަކީ ”ފްލައިން ކްލައުޑް“ ނުވަތަ އުދުހޭ ވިލާ ކިޔާ ބޯޓެކެވެ. ދިގުމިނުގައި 225 ފޫޓު ހުންނަ މި އުޅަނދުގެ ކުރެހުން މިއާއެކު އެވަނީ އެވެ. މައްޔާކޮޅު ހުރިގޮތަށް ނަޒަރު ހިންގާލާށެވެ. ކުރީ ކޮޅު ކަތިކުރުމުގެ ބަދަލުގައި، ދިވެހި ބައްތެލި ފަދައިން، ދިރުނބާ މައްޔާ ކިހާ ތެދުތޯއެވެ. ސީދާ ތެދަށް އަދި ފަށަނަށް ވުރެ ކުރުކޮށް ދިރުނބާ މައްޔާ ހުންނަ އުޅަނޑުވެސް ހުރެއެވެ. ތިރީގައިވާ ފޮޓޯތައް ބައްލަވާށެވެ. މި ބާވަތުގެ އުޅަނދުތައް ފަރުމާކޮށްފައި އެހުންނަނީ ދުވެއްޔަށެވެ.
ފެންރޮނގު ދިގުކުރުމަށް މާ ރަނގަޅުގޮތެއް
ރާއްޖެއިން ބޭރުގައި ބަދެފައިވާ، މިޒަމާނުގެ ބޮޑު ކޮންމެ އުޅަނދަކަށް ބަލާލިއަސް، ތިޔަ ބޭފުޅުންނަށް ފާހަގަ ކުރެވޭނީ، އުޅަނދަށް ވުރެ ކުރިއަށް، ފެންރޮނގާ ހިސާބުން ފަށަން ކުރިއަށް ނުކުމެފައި ހުންނަތަނެވެ. ވިހި ވަނަ އަހަރު ފެށުނުދުވަސް ވަރު، ކަނޑުގައި ހަނގުރާމަ ކުރިއިރު، އެއް ބޯޓުން އަނެއް ބޯޓަށް ހަމަލާދޭން މީހުން ހަދަން ފެށި ގޮތަކީ، ބޯޓުގެ ދިރުނބާ ކޮޅުގެ އަޑީގައި ތޫނު ލޮންސިއެއް ނުވަތަ ސިލޭހައެއް ހަރުކުރަނީއެވެ. ފަލަ ވަރުގަދަ ސިލޭހައެކެވެ. ދެން ދުއްވާފައި ގޮސް، އަނެއް ބޯޓަށް މި ވައްދާލާ ފައްތާލަނީއެވެ. މިކަމުގައި އުޅުނު ފަރާތްތަކަށް ފާހަގަ ކުރެވުނީ، މި ސިލޭހަ ހަރުކުރުމުން، ބޯޓުގެ ދުވެލި އާދަޔާ ޚިލާފަށް އަވަސްވާ ކަމެވެ. ދެން މިކަމުން ޢިބްރަތް ނަގައިގެން، ވިހި ވަނަ ޤަރުނުގެ ކުރީގައި ބޮޑެތި ސިލޭހަ، ފަސިންޖަރުން އުފުލާ ބޯޓުގައި ވެސް ހަރުކުރަން ފަށައިފިއެވެ. މި ހަރުކުރި ބޯޓުތައް ދުވާލެއް އަވަސްވުމާއެކު، ކަނޑަށް ގަދަވެފައި ތެޔޮ ޚަރަދު ކުޑަވިއެވެ. އަދި ރޭސްތަކުގައި، މުޅިންހެން ވަނައަށް އަންނަނީ މިބައި ހަރުކުރި ބޯޓެވެ. މިކަން ފާހަގަވެގެން، ދުއްވަމުންދާ ބޯޓުފަހަރު އެހެލާ، މިބައި ހަރުކުރުމުން ދުވެލި އަވަސްވެފައި ކަނޑަށް ގަދަކަން ފާހަގަ ކުރެވުނެވެ. ބައެއް ބާރަށް ދަތުރުކުރާ މަސްމަހުގައި، މިސާލެއްގެ ގޮތުން، ކަނޑުގެރި ކިޔާ ނެރުކައިރީގައި އުޅޭ މަހުގައި އަދި ތުންގަނޑު ހިބަރު ގައި މިބައި މި ހުންނަނީ ދުވެލި އަވަސް ކުރުމަށް ބާވައެވެ؟ މި ބައިގެ ސަބަބުން، އަންދާ ތެޔޮ %10 އާއި %12 އާ ދެމެދަށް ދަށްވާކަމަށް ވެއެވެ. އަދި ދިރުނބާ މައްޔާއިން އުފައްދާ ރާޅާއި މި ”ސިލޭހަ“ ކޮޅުން އުފައްދާ ރާޅު، އެކަތި އަނެއްކައްޗާ ބައްދަލުވާގޮތުން ކެންސަލް ވެއެވެ. އިނގިރޭސިބަހުން މި ސިލޭހަ އެއް ކުރިއަށް ނުކުމެފައި ހުންނަ ބަޔަށް ކިޔަނީ ”ބަލްބަސް ބޯ“ އެވެ. ބޯ ކިޔަނީ ދިރުބާ ކޮޅަށެވެ. ބަލްބަސް ގެ މާނައަކީ ފަލަކޮށް ބޮތްކެއްގެ ބައްޓަން ހުރުމެވެ. މާ ގިނައިން ކޮކާކޯލާ އާއި ޗޮކްލެޓް އައިސްކްރީމް ބޯ މީހުންގެ ބަނޑު ހުންނަ ގޮތަށެވެ. މިބައި ހުންނަ ގޮތަށް ބަލައި، އަޅުގަނޑު މިބަޔަށް ކިޔާނީ ތުންގަނޑު މައްޔާއެވެ.
ކުޅުދުއްފުށީ މީހާ، ތިން އިންޖީނު އެޅުމުގެ ބަދަލުގައި، މައްޔާގައި ތުންގަނޑެއް ހަރުކުރިނަމަ، މާ ޚަރަދުކުޑަ ގޮތަކަށް ދުވެލި އަވަސްވީތާ އެވެ. އެކަމަކު، އޭނާއަށް މިކަން ކުރަން އަދިވެސް ފުރުޞަތު އެބައޮތެވެ. ތުންގަނޑު ހަރުކުރާނީ ބަރުކުރުމުން، ލޮނުގަނޑުގެ އަޑިއަށް އޮންނަ މިންވަރަށެވެ. މައްޔާގެ އެންމެ ކުރިއާ އެއްވަރަށެވެ. އޭރުން، ފަޅަށް ވަނުމުގެ ހުއްދަ އޮންނާނެ ނޫން ހެއްޔެވެ؟ މި ރާއްޖޭގައި ބަންނަ އެއްވެސް އުޅަނދެއްގައި އަދި ތުންގަނޑެއް ހަރުކޮށްފައި ހުންޓައި ނުފެނެއެވެ. މިކަން ކުރާ ފުރަތަމަ ފަރާތަކީ ތިބާކަމަށް ވަމާތޯއެވެ؟ ޚަރަދު ކުޑަވެފައި ދުވެލި ބާރުވެފައި ކަނޑަށް ގަދަވާނޭ ކަމެކެވެ. އަޅުގަނޑުގެ ބަސް ޤަބޫލު ނުކުރަންޏާ ހިބަރެއްގެ ކައިރީގައި ސުވާލު ކުރައްވާށެވެ.
ހަލްގެ ދިގުމިނާއި ފުޅާމިނާއި ދުވެލި
ބޯޓެއް ކަނޑުގައި ދަތުރުކޮށްފައި ދާއިރު، އޭގެ ދުވެލި މަޑުކުރުމަށް ނުވަތަ ހިފެހެއްޓުމަށް ދެ ބާރެއް އެކުއެކުގައި މަސައްކަތް ކުރެއެވެ. އެއް ބާރަކީ ކަނޑުގައި އުފައްދާ ރާޅާއި ހަލްގައި ޖެހިފައި ހުންނަ ފެނެވެ. އަނެއް ބާރަކީ ވައެވެ. މި ދެ ހިފެހެއްޓުން ނެތްނަމަ، ކިތަންމެ ކުޑަ އިންޖީނަކުން ކިތަންމެ ބާރަކަށް ވެސް އުޅަނދެއް ދަތުރުކުރާނެއެވެ. މި ދެ ހިފެހެއްޓުން ކުޑަކުރުމަށް ވީ އެންމެ ބޮޑަށް މަސައްކަތް ކުރުމަކީ ޚަރަދު ކުޑަވާނޭ.އަދި ދުވެލި އަވަސްވާނޭ ކަމެކެވެ. ނަމަވެސް ރާއްޖޭގެ މީހުން 60 ވަރަކަށް ފޫޓުގެ އުޅަންދު ބަންނަނީ އިދިއޮޔެ ބޮޑަށް އަޅާގޮތަށް މާ ފުޅާކޮށެވެ.
ވަރަށް ގިނަ ހިސާބާއި ތަޖުރިބާތަކަށް ބަލައި، 60 ފޫޓާއި 130 ފޫޓާ ދެމެދުގެ އުޅަނދެއްގެ ދިގުމިނުގައި ހުންނަން ޖެހޭނީ، އޭގެ ފުޅާމިނުގެ މަދުވެގެން 4 ގުނައެވެ. ނުވަތަ އެއަށް ވުރެ ވެސް އުޅަނދު، ދިގުމިނުގެ ނިސްބަތުން ހަނިވާން ޖެހޭނެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން، ބޭރު ޤައުމެއްގެ ބޯޓު ވިއްކާ ތަނަކުން ވިއްކާ 20 ބޯޓުގެ ދިގުމިނާއި ފުޅާމިން (ފޫޓުން) ތިރީގައިވާ ތާވަލުގައި އެވަނީއެވެ. އަޅުގަނޑަށް ފާހަގަ ކުރެވެނީ، ރާއްޖޭގައި ބަންނަ ދޯނިފަހަރު، ދިގުމިނުގެ ނިސްބަތުން އެކަށީގެންވާ ވަރަށް ވުރެ ފުޅާކަމެވެ. ބައެއް ދޯނިފަހަރުގެ ފުޅާމިނުގައި ދިގުމިނުގެ ތިންބައިކުޅަ އެއްބައި ހުރެއެވެ. މިކަމުގެ ސަބަބުން، ތެޔޮ ޚަރަދު ބޮޑުވާނެއެވެ. އަދި ދުވެލި ދަށް ވާނެއެވެ.
މީގެ އިތުރަށް، ބައެއް އުޅަނދުގެ ކަމަރާތައް ހަދާފައި ހުންނަނީ ބޮޑަށް ވައި އަޅާގޮތަށެވެ. ކަމަރާ ހަދަން އެންމެ ރަނގަޅު ބައްޓަމަކީ މަތިންދާބޯޓެއްގެ ކުރީކޮޅުގެ ބައްޓަމެވެ. ނުވަތަ ބާރަށް ދުވާ ކާރެއްގެ ސިފައެވެ. މި ތަކެއްޗަކީ ވައިގެ ހިފެހެއްޓުން ކުޑަކުރުމަށް ވިސްނާ ފަރުމާކޮށްފައި ހުންނަ ތަކެއްޗެވެ. މިހެން މިކަން އޮތް ކަމުގައި ވިއަސް، ރާއްޖޭގެ ބައެއް އުޅަނދުތައް ހަދާފައި ހުންނަނީ ވަޔަށް ދިމާކުރާ ރިޔަލެއް ފަދަ ހިފެހެއްޓުން ބޮޑު ގޮތަކަށެވެ. ރާއްޖޭގައި ދުއްވާ ކާރުތަކުގެ ތެރެއިން ވައިގެ ހިފެހެއްޓުން އެންެެމެ ކުޑަ ކާރަކީ ޓޮޔޯޓާ ޕްރިއަސް ކިޔާ ކަރަންޓާއި އިންޖީނާ ދެބާވަތުގެ ހަކަތައިން ދުއްވާ ކާރެކެވެ.
ގިނަ މީހުން ހީކުރާނޭ ގޮތާ ޚިލާފަށް، އުޅަނދެއްގެ ސައިޒު ޑަބަލް ކޮށްލުމުން، މިސާލަކަށް 60 ފޫޓު ދިގު، 15 ފޫޓު ފުޅާ އުޅަނދެއް، 120 ފޫޓު ދިގު، 30 ފޫޓު ފުޅާ އުޅަނދަކަށް ބަދަލުކޮށްލުމުން، އެއަށް ބޭނުންވާ އިންޖީނު ޑަބަލް ކުރާކަން ނުޖެހެއެވެ. ކުރީގައި ހުރި އިންޖީނުގެ ދޮޅު ސައިޒުން ކުރީ އުޅަނދު ދުވި ބާރުގައި ދުވާނެއެވެ. ކުރިން ބޭނުންކުރީ 180 ހޯސްޕަވަރުގެ އިންޖީނެއް ނަމަ، ކުޑަ އެތީގެ ދުވެލީގައި ދުއްވުމަށް ބޭނުންވާނީ 270 ހޯސް ޕަވަރުގެ އިންޖީނެކެވެ. ނަމަވެސް، މިގޮތަށް ޑަބަލް ކޮށްލުމުން، އުޅަނދުގެ ބަރުދަން، އެހެން ގޮތަކަށް ދަންނަވާ ނަމަ، އުފުލޭ ބަރުދަން 8 ގުނައަށް ގިނަވާނެއެވެ.
އެހެން ޢިބާރާތަކުން ބުނާނަމަ، އުޅަނދެއްގެ ސައިޒް ޑަބަލް ކޮށްލުމުން، އޭގެ ހަލް ފެނުގައި ޖެހޭ އޭރިއާ ބޮޑުވާނީ ހަތަރު ގުނައަށެވެ. ނަމަވެސް، އުފުލޭ ބަރުދަން 8 ގުނައަށް މަތިވާނެއެވެ. އެހެންކަމުން، އުޅަނދުތައް ބޮޑުވުމަކީ، ޚަރަދު ކުޑަވާނޭ ކަމެކެވެ. މިޒަމާނަކަށް އައިސް ބޯޓުތައް ބޮޑުވާ މައިގަނޑު ސަބަބަކީ މިއީއެވެ. ހިންގުމުގެ ޚަރަދު ކުޑަވާތީ އެވެ. މި ހިސާބު ތައް، އެންމެ ފުރަތަމަ ހެދީ ބްރޫނަލް ކިޔާ މަޝްހޫރު އިންޖިނޭރެކެވެ. އޭނާއަކީ އިނގިރޭސި ވިލާތުގެ ދެވަނައަށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތު ކަމަށް ވޯޓުލައިގެން ރައްޔިތުން މިހާރުވެސް ހޮވައެވެ. އެކަމަކު، އޭނާ މަރުވިތާ ވެސް މިހާރު 160 އަހަރު ވެއްޖެއެވެ. އެހެންކަމުން، މުދާއުފުލަން ނުވަތަ ފަސިންޖަރުން އުފުލަން އުޅަނދެއް ބަންނަަނަމަ، 120 ފޫޓު ނުވަތަ އެއަށްުރެ ދިގުކޮށް ބަންނަމާތޯ އެވެ؟ ފަސިންޖަރުންނާއި ނާލުމުދާ ލިބޭނަމަ، މިއީ އެންމެ ފައިދާ ހުރި ގޮތެވެ. މާލޭގެ ފަޅަށް ވަނުމުގެ ހުއްދަ ހޯދަން އިތުރު މަސައްކަތްތަކެއް ސިޔާސީ ގޮތުން ކުރަންޖެހޭނެއެވެ. ނަމަވެސް މިއީ ވެސް ކުރެވިދާނޭ ކަމެކެވެ. ހުޅުމާލޭގައި އެންމެ އުސްކޮށް ގެއަޅަން ހުއްދަ ކުރިން ދިނީ ހަތަރު ބުރިއަށެވެ. މިއަހަރު ހަ ބުރިއަށެވެ. ދެތިން އަހަރު ފަހުން. . . . . . އެއްވެސް ކަމެއް ދާއިމަކަށް އެއްގޮތަކަށް ނޯވެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ.
އާދެ! ތިބާ މި މަޒުމޫނު ކިޔުއްވީ ސުވާލެއްގެ ސަބަބުން ކަމަށް ވާނަމަ، އެ ސުވާލުގެ ޖަވާބަކީ ކޮބައިތޯއެވެ؟
ނޯޓު:
އަޅުގަނޑުގެ ރަޙްމަތްތެރިއެއް ކަމުގައިވާ އިބްރާހީމް ޥަޙީދު (ހޯރަފުށި)، މި މަޒުމޫނު ކިޔުއްވާފައި ކިޔުންތެރިންގެ މަންފާއަށް އިތުރުކޮށްލުމަށް ވަރަށް މުހިއްމު މަޢުލޫމާތެއް ފޮނުއްވިއެވެ. އެއީ، ޔަމަހާ ކުންފުނިން ޝާއިޢުކޮށްފައިވާ މަޢުލޫމާތެކެވެ. އުޅަނދުގެ ސައިޒުން، ބޭނުންވާ އިންޖީނާއި ސްޕީޑް ހިސާބުކުރާނޭ ގޮތެވެ. މި އިބްރާހީމް ޥަޙީދަކީ އިންޖީނުގެ މަސައްކަތަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އެ ދާއިރާ ގެ އިތުރުން ވަރަށް ގިނަ ހުނަރުތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
Very informative
beynuntheri mauloomaathuthakeh libunu liumeh.basmagaai liyuntherikan v.reethi.
ޝުކުރިއްޔާ
very informative, Great work .
– LWL 90ft – 14.64 M/H (Displacement), Proper engine HP ?
Hassan Hameed Kadu ulhadhu farumaakurumah dheefavaa khiyaa varah ragalhey kurin egifaneiy mauloomaathehveslibun.Jazaakallahu
This is a great article! Very informative and you made the technical stuff easy to understand. I’ve been curious about how boats worked and you explained everything here. I’m sure thousands of Maldivians can relate to this. Please don’t stop writing articles like this. I have bookmarked your website 👍👍👍 I know you got better things to do 😁, but perhaps if you have some free time you could move the website to a more accessible application like Medium.com or a wordpress.com blog. Either way, thank you very much for spreading your knowledge.
Varh useful article eh :)
Vaki varakah vure dhiguveema Male falhah nuvadhevey kamah thakuraaru Koh liyuvvaafa vey, alhugandah engifaivaa gothugai mihaaru sizun accommodate vaa konme ulhandhakah ves vadhevey no length restrictions by authorities ,
I am in shock after reading this. Things we see is not just how they are actually. Engineers see them from a different angle yet we keep discussing on how they look or what might happen. Thank you Hassanbe for this wonderful informative Article. Will look forward for more articles like this.
varah obi ingey, varah kurihsuren mi kahala liumakah inthizaaru kurin..varah bodah sukuriyya..
Varah muhimmu mauloomaathu kolheh
Very informative for the common people. As a Naval Architect, I can point out quite a few things. First thing is that planing hulls plan solely on hydrodynamics. Air drag is added resistance but does not play any part in the planing process. Hull speed is explained very well. Good job on that. However, as for the concept of multiple engines, it is a much more complicated problem. Any ship can have as many engines that can be fitted but must not exceed the break horsepower for the hull speed for displacement ships. Now there’s propeller efficiency that is not mentioned here. Multiple engines are used to increase propeller efficiency and reduce fuel cost. There’s much more I can comment on. Feel free to contact me.
Thank you for your courteous comments. The article was written on a request by a Kulhudhuffushi friend to explain only the concept of waterline and the ultimate speed of a hull in displacement in connection with a large ferry a person operates from the island. The audience I had in mind was a person with Grade-10 level education. I decided not to delve into Froude’s number and propeller (and engine) efficiency as articles on these are on the website (not publicly clickable from menus as yet). My article on multi-hull boats discusses hull efficiency and the role of air in planing. That one was published in Dharuma magazine several years ago. You will find many resources on the interface between planing and being airborne in a “public” page here: http://www.hassanhameed.com/?page_id=1049
Once again, thank you for your thoughtful comments.
.
. ވަރަށް ފުރިހަމަ އަދި އެހާމެ މައުލޫމާތު މުއްސަނދި ލިޔުމެއް
Interesting and informative.
Thank you
alhugadu ge varah bodu edhumeh mi blogge liyun thah faseyhain kiyene gotheh hurun, mihaaru v udhagu kuryge liyunthah hoadha, egireysi and dhivehi liyun thah hunnaatheeve, kiyuntherinah faseyha vaane gothakah web site faruma kurumah dhannavan, mi v muhimmu ilmee liyun thakeh liyan libey site akah vaathee dhannavaaleee, alhugadu ves konme ves varakah site faruma kohdheyn, thifaraathah hiley ves alhugadu kohdheynan,
Thank you for your kind comments, and the kindest offer. The website is being constructed and organized, most of the articles cannot be accessed from menus as yet. Its minimalist theme reflects a personal philosophy on life and living.
I find this one very useful. Thanks. But some writing, mistakes give little weakness to its quality. But I love it.
v.Informative article eh….
thanks
Varah furihama kiyaahih vaakahala liyumeh.
thank you!