ކޮރޯނާވައިރަސް: ދެން ވާނީ ކިހިނެއް؟

މި މައުޟޫޢުއަށް އަޅުގަނޑު ކުރިން ލިޔުނު މަޒުމޫނުގައި ގެނެސްދެވިފައިވަނީ ކޮރޯނާވައިރަސް އަށް ތައާރަފެކެވެ. މި ލިންކުން އެ މަޒުމޫނު ފެނިވަޑައިގަންނަވާނެ އެވެ. މިފަހަރު ބަޔާންކުރާނީ މިރޯގާގެ ބައެއް ސިފަތަކާއި ދެންވާނޭ ގޮތާއި ރޯގާއިން ލިބިގަންނަންވީ ޢިބްރަތްތަކެވެ.

ކޮރޯނާވައިރަސް ރޯގާގެ ސަބަބުން، ދުނިޔޭގެ އެތައް ޤައުމެއްގެ ތަރައްޤީ އާއި ޢާއްމު ދިރިއުޅުންވަނީ ހުއްޓުމަށް އައިސްފައެވެ. ބައެއް ޤައުމުތަކުގައި، މިހާރުވެސް ބާރަށް ރޯގާ ފެތުރެމުން ދެއެވެ. ރޯގާ ފެތުރެން އެންމެ ފުރަތަމަ ފެށުނު ޗައިނާގައި ރޯގާވަނީ މިހާރު މަތަ ކުރެވިފައެވެ. އެތައް ޤައުމެއްގައި ވަނީ، ރައްޔިތުން ބޭރަށް ނުކުމެ އުޅުން މަދުކުރަން އަންގައި ހޮޓާތަކާއި މަދަރުސާތައް ބަންދުކޮށްފައެވެ. ދެން ކުރެވޭ ސުވާލަކީ މިކަންކަން މިގޮތަށް ދެމިގެންދާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ރޯގާގެ މައްސަލަ ނިމި ޢާއްމު ދިރިއުޅުމަށް ރުޖޫޢަވެވޭނީ ކޮން އިރަކުން ހެއްޔެވެ؟ ރޯގާއާ މެދު މިހާތަނަށް އެނގެނީ އަދި ނޭނގެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

ހަނގުރާމައެއްގައި އެންމެ ފުރަތަމަ ހަމަލާދެވޭ އެއްޗަކީ ތެދު ޚަބަރުކަމަށް ބުނެ އެވެ. ކޮރޯނާވައިރަސް އާ ގުޅިގެން ވެސް ވަރަށް ފޭކު ޚަބަރުތައް ދުނިޔޭގެ އެކި ނޫސްތަކުން ފަތުރުމުން ގެންދެއެވެ. ކުރިން ބަޔާން ކުރި ސުވާލުތަކަށް ޖަވާބުދިނުމަށް ބޭނުންވާ މަޢުލޫމާތެއް ރޯގާއާ މެދު ހޯދިފައެއް ނުވެއެވެ. އެހެންކަމުން، އަޅުގަނޑު ދެން މިދަންނަވާލާނީ އިތުބާރު ބޮޑު އެއް ނޫސްކަމުގައިވާ ”ވޮކްސް“ ގައި މި ރޯގާގެ ނޭނގޭ ކަންކަމާ މެދު ލިޔެފައިވާ މަޒުމޫނެއްގެ ކުރު ތަރުޖަމާ އެކެވެ. ބޭނުމަކީ ދެން ވާނޭގޮތް ލަފާކުރުމެވެ. އަޞްލު މަޒުމޫނު، މި ޖުމުލައަށް އޮއްބަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

ޙަޤީޤަތުގައި ވައިރަސް ފެތުރެނީ ކިހިނެއް؟


މި މިމަޒުމޫނު ތިޔަ ބޭފުޅުން ކިޔުއްވާއިރު، ހަތަރު ލައްކަ މީހުންނަށް މި ރޯގާ ޖެހިފައިވެއެވެ. އެއީ ޓެސްޓްކުރުމުން ފާހަގަވީ މީހުންނެވެ. ރޯގާ ޖެހި، އެއްވެސް އަލާމާތެއް ނުފެނި އުޅޭ މީހުން ސަފުން ގިނަވާނެއެވެ. އެއް ސުވާލަކީ މިހާ ބާރަށް މި ރޯގާ ފެތުރެނީ ކިހިނަކުން ހެއްޔެވެ؟ ބުނެވޭ ގޮތުގައި، ކިނބިހި އެޅުމުންނާއި ކެއްސުމުން އަނގައިން ނުކުންނަ ވަޔާއެކު ބުރައިގެންދާ ކުޅު/އަރުދަފުސް ދިޔަތިކިތަކުގެ ތެރޭގައި ވައިރަސް ހަށިގަނޑުން ބޭރުވެ، އެހެން މީހެއްގެ ލޮލުން، އަނގައިން ނުވަތަ ނޭފަތުން ހަށިގަނޑުގެ ތެރެއަށް ވަންނަނީއެވެ. ވާހަކަ ދައްކާއިރު ވެސް، ހަށިގަނޑުގެ ދިޔަތައް ކުދި ތިކިތަކެއްގެ ގޮތުގައި މަޑުމަޑުން ބޭރުވެއެވެ. އެއީ ސިނގިރެޓު ބޯމީހެއް ދުން ބުރުވާލުމުން އޭނާގެ ވަށައިގެން ދުންތައް އޮންނަ ފަދައިންނެވެ.

ވައިގެ ތެރޭގައި، ކިހާ އިރެއް ވަންދެން މި ވައިރަސްއަށް އުޅެވޭ ހެއްޔެވެ؟ މިސުވާލަށް ވެސް އިތުބާރުކުރެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހުން ބޭނުންކޮށްފައިވާ ފާޚާނާގެ އެކި ތަންތާނގައި ވައިރަސް ހުންނަކަމަށް ބުނެއެވެ. މި ވައިރަސް ފެތުރޭ އެހެން ގޮތްތަކެއް ޔަޤީނެއް ނޫނެވެ. މި ހަބަރު ބުނާގޮތުގައި އެއަރކޮންޑިޝަން ކުރާ ޑަކްޓް (ހޮޅީ) ގެ ތެރެއިންވެސް ވައިރަސް ފެތުރެއެވެ. މި ޚަބަރު ބުނަނީ އެއަރ ކޮންޑިޝަންކުރާ ހޮޅީގެ ތެރެއިން ފެތުރޭކަމުގެ ދަލީލެއް ނެތް ކަމަށެވެ. ޙަޤީޤަތަކީ ކަންކަން ޔަޤީން ނުވާކަމެވެ. އެހެންކަމުން، ރޯގާއިން ރައްކާތެރިވުމަށް ދެމީހެއްގެ ދެމެދުގައި ހަފޫޓު ހުންނަގޮތަށް ދުރުދުރުގައި އުޅުމަށް ދާއިރާގެ ފަންނުވެރިން އަންގައެވެ. ޔަޤީންކަން ނެތްނަމަ، ކޮންމެ މީހަކީ ރޯގާ ޖެހިފައިވާ މީހެއްކަމަށް ބަލައެވެ.

މީހަކަށް ދެފަހަރަށް ކޮރޯނާވައިރަސް ރޯގާ ޖެހިދާނެ ހެއްޔެވެ؟


ޗައިނާއާއި ޖަޕާނުގައި މި ރޯގާ ޖެހުނު މަދު ބަޔަކަށް ދެވަނަ ފަހަރަށް ރޯގާ ޖެހުނު ކަމަށް ބުނެވެއެވެ. ޔަޤީން ނުވަނީ ޙަޤީޤަތުގައި ވެސް އެމީހުން ރަނގަޅުވުމަށް ފަހު އަލުން ޖެހުނީތޯ ނުވަތަ ދެވަނަ ފަހަރަށް ޓެސްޓް ކުރީ ވައިރަސް ހުއްޓައި، ރަނގަޅު ވުމުގެ އަލާމާތްތައް ފެނި ހަށިލުއިވުމުންތޯ ކުރެވޭ ސުވާލެވެ. ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ލުއި ލިބޭއިރު، ވައިރަސް އަދިވެސް ހަށިގަނޑުގެ ތެރޭގައި ވެދާނެއެވެ.  ރޯގާ ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ކިބައިގައި، ވައިރަސް އަށް ހަމަލާދިނުމަށް ހަށިގަނޑުން އުފެއްދި މާއްދާ، ހަށިގަނޑުގައި ކިތައް އަހަރުވަންދެން ހުރޭތޯއެވެ؟ އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާ ޖެހުމުން ހަށިގަނޑުން އުފައްދާ އެންޓިޖެންގެ ތާސިރު ކިހާ ދުވަހެއްވަންދެން ހުރޭތޯއެވެ؟ އެއް ދިރާސާއެއްގައި، ރާމާމަކުނަށް މި ރޯގާ ޖެއްސުމަށް ފަހު، ރަނގަޅުވުމުން ދެވަނަ ފަހަރަށް ޖައްސަން އުޅެ ކާމިޔާބެއް ނުވިއެވެ. އިންސާނުންނާ މެދު މިފަދަ ދިރާސާއެއް އަދި ކުރެވިފައެއް ނުވެއެވެ.

އިންސާނުންނަށް އާދައިގެ ރޯގާ ޖެހެނީ ވެސް ބާވަތެއްގެ ކޮރޯނާވައިރަސްއެއްގެ ސަބަބުންނެވެ. ނަމަވެސް، މިރޯގާ ދެވަނަ ފަހަރަށް (އެހާ ގާތުގައި ނޫނަސް) ޖެހެއެވެ. އެއްބައި މީހުން ބުނާގޮތުގައި، ދެވަނަ ފަހަރަށް ކޮރޯނާވައިރަސް ރޯގާ ޖެހޭ ކަމުގެ ދަލީލެއް އެމީހުންނަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން، ގިނަ ބަޔަކަށް މި ރޯގާޖެހި ރަނގަޅުވުމުން، ދެން ޖެހުމުގެ ފުރުޞަތެއް ނޯންނާނެއެވެ.  މި ލިންކްގައި އިތުރު ތަފްޞީލްތައް ވެއެވެ.

މި ރޯގާއަކީ ކިހާ ނުރައްކާ ބައްޔެއް ހެއްޔެވެ؟


އެކި ޤައުމުތަކުގައި މި ބަލިޖެހުމުން މަރުވާ މީހުންގެ ޢަދަދު އުޅެނީ އެކި މިންވަރުގައެވެ. އަލަށް ކޮންމެ ރޯގާއެއ ފެށޭއިރުވެސް މަރުވާމީހުންގެ ޢަދަދު ގިނައެވެ. ދެން ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުތައް އަޅަން ފެށުމުން މަރުވާ މީހުންގެ ޢަދަދު މަދުވެއެވެ. ތިރީގައި އެވަނީ ޖޯން ހޮޕްކިންސް ޔުނިވަރސިޓީއިން ތައާރަފުކުރި ޗާޓެކެވެ.

މި ޗާޓުން ފެންނަ ގޮތުގައި، ބަލިޖެހުމުން މަރުވާ މީހުންގެ ޢަދަދު އެކި ޤައުމުތަކުގައި ވަރަށް ތަފާތެވެ. އެންމެ ގިނައިން މަރުވަނީ އިޓަލީގައެވެ. އެއީ ބަލިޖެހޭ ކޮންމެ 100 މީހެއްގެ ތެރެއިން 8 މީހުންނެވެ. ޖަރުމަން ފަދަ ޤައުމުތަކުގައި މަރުވަނީ ބަލިޖެހޭ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އާދެ! ދެ ޢަދަދުގެ ފަރަގުގައި 30 ގުނަ އެބައުޅެއެވެ. ވަރަށް ބޮޑެވެ. މިކަން މިހެންވާ ސަބަބެއްކަމަށް ބުނަނީ، ބައެއް ގައުމުތަކުގައި ޓެސްޓްކުރާލެއް ގިނަކަމުން، ބަލިޖެހިފައިވާކަމަށް ދައްކާ މީހުންގެ ޢަދަދު މަތީއެވެ. ކޮރޯނާވައިރަސް އަށް އެއްވެސް ޓެސްޓެއް ނުކުރާނަމަ، އެއްވެސް މީހަކަށް އެ ބަލި ޖެހިފައިވާ ކަމެއް ނޭނގޭނެއެވެ. ބަލިޖެހިގެން ވަރަށް ހާލުބޮޑުވާ މީހުން ޓެސްޓްކުރާނަމަ، ކޮރޯނާވައިރަސް ރޯގާ ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު މަތިވާނެއެވެ. ގިނަ ޢަދަދެއްގެ މީހުންނަށް ރޯގާ ޖެހުމުން އެއްވެސް އަސަރެއް ނުކުރެއެވެ. އެއީ ބަލިޖެހިފައިވާ ކޮންމެ 100 މީހުންގެ ތެރެއިން 18 މީހުންނަށެވެ. ގިނަ ބަޔަކަށް ކުޑަ އަސަރެއްކޮށް ރަނގަޅު ވެއެވެ. ބަލި ބޮޑުވަނީ މުސްކުޅިންނަށެވެ. ޚާއްޞަކޮށް ލޭގެ ޕްރެޝަރު މަތި ނުވަތަ ހަކުރުބަލި ޖެހިފައިވާ ނުވަތަ އެހެންވެސް ދާއިމީ ބައްޔެއްގައި އުޅޭ 80 އަހަރުން މަތީގެ މީހުންނަށެވެ. ދަލީލުތަކަށް ބަލައި މި ވާހަކަތައް މުނާޤަޝާކޮށްފައިވާ ލިޔުމެއް މިޖުމުލައަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

ވިކިޕީޑިއާގެ މި ސަފުހާގައި ދުނިޔެއަށް އައިސްފައިވާ ބޮޑެތި ރޯގާތަކުގެ ލިސްޓެއް ވެއެވެ. އެ ލިސްޓްގައިވާ ބޮޑެތި ރޯގާތަކާ އަޅާބަލާއިރު، މިރޯގާގައި މީހުން މަރުވާ ނިސްބަތް މަދެވެ. ކޮރޯނާވައިރަސްގެ އެންމެ ބޮޑު ނުރައްކަލަކީ، ފެތުރޭލެއް ފަސޭހަކަމެވެ.

މި ރޯގާއަށް މޫސުމުން އަސަރު ކުރޭ ހެއްޔެވެ؟


ބައެއް ދިރާސާވެރިން ބުނާގޮތުގައި، ކޮރޯނާވައިރަސް އެންމެ ގަދަވަނީ ހޫނުމިން 8 ސެލްސިއަސްގައި ހުންނަ އިރުއެވެ. އެހެންކަމުން ހޫނު މޫސުމުގައި މި ބަލި ފެތުރުން ކުޑަވާނެއެވެ. އަނެއް ބަޔަކު ބުނަނީ މިގޮތަށް ނިންމުމަށް ބޭނުންވާ ޑޭޓާ ނުވަތަ މަޢުލޫމާތު ލިބިފައި ނުވާކަމަށެވެ.

މި ރޯގާ ޖެހިގެން ކުޑަކުދިން މަރުނުވަނީ ކީއްވެގެން ހެއްޔެވެ؟


ހުރިހާ ޤައުމެއްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންވެސް، ކޮރޯނާވައިރަސްގައި ކުޑަކުދިން މަރުވަނީ ވަރަށް ވަރަށް މަދުންނެވެ. މިހެން ވެދާނެ އެއް ސަބަބެއްކަމަށް ބުނަނީ ކުޑަކުދިން މި ބައްޔަށް ޓެސްޓުކުރާލެއް މަދުކަމުންނެވެ. އަނެއް ބަޔަކު ބުނަނީ ކުޑަކުދިންގެ ދިފާއީ ނިޒާމު ގަދަކަމުން ކަމަށެވެ. ނަމަވެސް ކުޑަކުދިންނަކީ އެމީހުން ބަލިނުވެ މިފަދަ ރޯގާތައް ޖެހުމުން އެހެން މީހުންނަށް ފަތުރާ ބައެކެވެ. މަދަރުސާތައް ބަންދުކުރަނީ އެހެންވެގެންނެވެ.

ތިރީގައި އެވަނީ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ނެރެފައިވާ ޗާޓެކެވެ. ކުޑަކުދިން މަރުވާ ނިސްބަތް ޗާޓަށް އަރާވަރަށް ވުރެވެސް މަދެވެ.

ދެންވާނީ ކިހިނަކުން ހެއްޔެވެ؟ މިކަން ނިމޭނީ ކޮންއިރަކުން ހެއްޔެވެ؟


ގިނަ ގައުމުތަކުގައި ދިރިއުޅުން “ހުއްޓި”ފައިވާތީ، މިކަން ނިމޭނީ ކޮންއިރަކުންތޯ ކޮންގޮތަކަށްތޯ ބައެއް މީހުން ސުވާލުކުރެއެވެ.

ދާއިރާގެ ފަންނުވެރިން ބުނާގޮތުގައި، މިރޯގާ ފެތުރުން އެތައް މަހެއް ވަންދެން ކުރިއަށް ދާނެއެވެ. އެންމެ ފަހުން، މީހުން މި ރޯގާއަށް ހޭނި، މިއީ ދޭތެރެ ދޭތެރެއިން ޖެހޭ ރޯގާއަކަށް ވެސް ވެދާނެއެވެ.

ލަފާކުރެވޭ ގޮތުން މާކަ ގިނަ މަސްތަކެއް މާޒީ ނުވަނީސް، ރޯގާއަށް ބޭހާއި ވެކްސިން ހޯދޭނެއެވެ. އެހެންކަމުން، ބަލީގައި ހާލުބޮޑުވެގެން މަރުވާ މީހުން މަދުވާނެއެވެ.

މި ރޯގާއާ ބެހޭގޮތުން އެންމެ އިތުބާރު ކުރެވޭ އެއްޗެއް ބުނެފައިވަނީ ނޮބެލް އިނާމު (ޕްރައިޒް) ލިބުނު ސައިންސް ވެރިއެކެވެ. ޗައިނާގައި އެންމެ ފުރަތަމަ ރޯގާ ފެތުރެން ފެށުމުން އޭނާ ބުނީ، ބަލި ޖެހޭނީ 80،000 މީހުންނަށް ކަމަށާއި މަރުވާނީ 3250 މީހުން ކަމަށެވެ. އޭގެ ފޮއެ ދުވަސް ފަހުން، ބަލި ޖެހިފައިވަނީ 80298 މީހުންނަށެވެ. މަރުވީ 3245 މީހުންނެވެ. އޭނާގެ ލަފާކުރިގޮތް ސީދާކަމުން މި ވާހަކަ އެތައް ނޫހެއްގައި ރިޕޯޓްކޮށްފައި ވެއެވެ.

އޭނާ ދެކޭގޮތުގައި، އެންމެ ބޮޑު ރޯގާއަކީ ކަންބޮޑުކޮށްގެން ވާހަކަ ފެތުރުމާއި ރޯގާ ޖެހޭ މަޝްހޫރު މީހުންގެ ވާހަކަތައް ޚަބަރަށް ހަދައި ފެތުރުމެވެ. އޭނާ ބުނަނީ މަރުވާނެ މީހުންގެ ޢަދަދު މާ ބޮޑުކޮށްގެން ފާލުބަލާ ބުނާ ޢަދަދަކީ ސަރުކާރުތަކުން އެއްވެސް ކަމެއް ނުކޮށްފިނަމަ، މަރުވާނޭ މީހުންގެ ޢަދަދުތައް ކަމަށެވެ. ނަމަވެސް އެއްވެސް ޤައުމެއްގެ އެއްވެސް ސަރުކާރަކުން މިފަދަ ބަލިމަޑުކަމެއް ދިމާވުމުން އަތްއުރާލައިގެންނެއް ނުތިބޭނެއެވެ. އޭނާ ދެކޭގޮތުގައި ކުރަންވީ ކަމަކީ މީހުން ދުރުދުރުގައި ތިބުމާއި މިގޮތަށް އުޅުމާއި ގިނަ މީހުން އެއްވާ ހާލަތްތައް ހުއްޓުވުމެވެ. މާ ގިނަ މަސްތަކެއް ނުވަނީސް ބޭހާއި ވެކްސިން ލިބެން ފަށާނެއެވެ.

އެއްވެސް ތަނެއްގައި މިބަލި މުޅިން ކޮންޓްރޯލްކޮށްފި ހެއްޔެވެ؟


އާއެކެވެ. މިކަން ކުރީ ވޯ ކިޔާ އިޓަލީގެ ސަހަރެއްގައެވެ. އެމީހުން ހެދިގޮތަކީ، މުޅި ސަހަރުގެ އެންމެން ރޯގާއަށް ޓެސްޓުކުރީއެވެ. ދެން ބަލި ޖެހި ނަމަވެސް އަލާމާތެއް ނެތް މީހުންނާއި އެމީހުންނާ އެއްކޮށް އުޅުނު އެންމެން އެކަހެރިކުރީއެވެ. މި ވާހަކަތައް މި ލިންކުން ފެންނަ މަޒުމޫނުގައި އިތުރު ތަފްޞީލާއެކު ވެއެވެ. މިހެން ހެދުމުން އެ ސަހަރުން ރޯގާ ”ފިލައިފި“އެވެ.

ރާއްޖޭގައި މިކަން ކުރަން ބަލި ނުޖެހޭ މީހުން ވެސް ޓެސްޓްކުރަން ޖެހޭނެއެވެ. ދިމާވާނޭ ދައްޗަކަށް ވާނީ ޓެސްޓުކުރަން ބޭނުންވާ ސާމާނު މަދުކަމެވެ. ރަށެއް ޓެސްޓު ކުރާއިރު އެއްވެސް މީހަކަށް ޖެހިފައި ނުވާނަމަ، އެ ރަށުގެ ޢާއްމު ހާލަތު އިޢާދަކުރެވިދާނެއެވެ. ނަމަވެސް ބޭރުން އަންނަ މީހަކު ރަށަށް ފައިބާނަމަ، ކަރަންޓީނުކޮށް ޓެސްޓް ކުރަންޖެހޭނެއެވެ. ޙަޤީޤަތުގައި، ރަށެއްގައި ބަލިއުޅޭކަން ދެނެގަންނަން އެންމެން ޓެސްޓުކުރާކަށް ނުޖެހޭނެއެވެ. ޓެސްޓުކުރަން ޖެހޭނީ އެއްވެސް ތަރުތީބެއް ނެތި ހޮވާލާ މަދު ބައެކެވެ. މިސާލެއްގެ ގޮތުން %95 ޔަޤީން ކަމުގައި 1000 މީހުން އުޅޭ ރަށެއްގެ މީހުން ޓެސްޓުކުރާނަމަ، ގާތްގަޑަކަށް 275 ވަރަކަށް މީހުން ޓެސްޓުކުރަނިކޮށް ފުދޭނެއެވެ. މީހުން ގިނަވި ވަރަކަށް ޓެސްޓްކުރަންޖެހޭ މީހުންގެ ޢަދަދު ނިސްބަތުން މަދުވާނެއެވެ. އާބާދީކުޑަވި ވަރަކަށް ޓެސްޓްކުރަންޖެހޭ ޢަދަދު ގިނަވާނެއެވެ. މި ބާވަތުގެ ތަފާސް ހިސާބު ކުރާގޮތް މި ލިންކުގައި އިތުރު ތަފްޞީލާއެކު ހިމެނެއެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ ތެރޭގައި، ކޮރޯނާވައިރަސް ރޯގާ ނެތް ރަށްރަށް ވާނެއެވެ. ޙަޤީޤަތަކީ މީހުން ދިރިއުޅޭ މަދު ރަށަކުން ނޫނީ ރޯގާ ފެނިފައި ނުވާކަމެވެ.  މި ރަށްރަށް، ޢާއްމު ދިރިއުޅުމަށް އިޢާދަކުރުމުގެ ކުރިން ރަށުގައި ރޯގާ ނެތްކަން ކަމާބެހޭ ފަރާތަށް ޔަޤީން ވާންވާނެއެވެ. ދެން އެކި ރަށްރަށް، ރޯގާ ނެތްކަން ޔަޤީން ވުމުން ޢާއްމު ދިރިއުޅުން އުޅެން ވީއްލިދާނެއެވެ. މިއާއެކު ރަށަށް އަރާމީހުން ކުރިން ދެންނެވިފަދައިން ބެލެހެއްޓެން ޖެހޭނެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ދަނީ ނެތްކަން ޔަޤީން ނޫން ނަމަ، ރޯގާ އުޅޭކަމަށް ބަލައިގެންނެވެ. އުޅޭކަން ޔަޤީނެއް ނޫނެވެ. ޔަޤީންވާނީ އެންމެން ޓެސްޓްކުރުމުންނެވެ. މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ރައްކާތެރިކަމަށް ބަލައި ކުރާކަމެކެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި  ރޯގާ ރާއްޖޭގައި ފެތުރެމުންނަކުން ނުދެއެވެ. ރޯގާ ޖެހިފައިވާ މީހުން މަދުވަމުން ފަސޭހަވަމުން ދެއެވެ. މިހާލަތުގައި އިންސާނުން ނަފްސާނީ ގޮތުން ކޮމްޕްލެސަންޓްވާނެއެވެ. ކޮމްޕްލެސަންޓް ވުމަކީ ކަމެއްގައި ހުރި ނުރައްކަލަކަށް ހޭލުންތެރިކަމާއި ސަމާލުކަންދިނުން ކުޑަވެ އަމިއްލައަށް ހިތްހަމަ ޖެހެން ފެށުމެވެ. ވަރިހަމަވުމެވެ. މިއީ ވަރަށް ނުރައްކާ ބޮޑު ގޮތެކެވެ.

މިރޯގާގެ ސަބަބުން ދިވެހިން ލިބިގަންނަންވީ ފިލާވަޅުތަކަކީ ކޮބައިތޯއެވެ؟


އެކި ދާއިރާތަކުން މިކަމަށް ނަޒަރު ހިންގިދާނެއެވެ. އެންމެ ފުރަތަމަ ޞިއްޙީ ގޮތުން ބަލާއިރު، މި ބަލީގައި ހާލުބޮޑުވާ މީހުން ހާލުބޮޑުވަނީ ނޭވާލުމުގެ މައްސަލާގައެވެ. އެކަމަށް އައި.ސީ.ޔޫ. ކިޔާ ބާވަތުގެ ގާތުން ބޮޑަށް އަޅާލުންތެރިކަން ދެވޭ އެނދު ހުންނަ ޔުނިޓް ވަކި ޢަދަދަކަށް ބޭނުންވެއެވެ. ދުނިޔޭގެ ނިސްބަތުގައި މީގެ އެނދު އެންމެ ގިނަ ޤައުމުތަކުގައި ހުންނަނީ ކޮންމެ އެއްލައްކަ މީހުންނަށް ވިހި އެނދެވެ. (ބިދޭސީންނާއެކު) ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން  އުޅެދާނެކަމަށް ބަލައި، 100 ވަރަކަށް އެނދާއި އެއާ ބެހޭ ސާމާނާއި ކަމުގެ ފަންނުވެރި ޚިދުމަތްތެރިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޭނުންވާނެއެވެ. ބަލީގައި ހާލުބޮޑުވާ މީހުންނަށް އަމިއްލައަށް ނޭވާލާން ދަތިވެއެވެ. އެހެންވެގެން ނޭވާލުމަށް އެހީތެރިވާ ވެންޓިލޭޓަރ ކިޔާ މެޝިން ބޭނުން ވެއެވެ. މީގެ އެތައް ބާވަތެއްގެ މެޝިން ހުރެއެވެ. މި ރޯގާއަށް ބޭނުންވާ ޒާތުގެ މެޝިނުން ބޭރަށްލާ ނޭވާ ކޮޓަރިތެރެއަށް ދޫވެގެން ނުދާނެއެވެ. އެހެންވާނަމަ ޚިދުމަތްތެރިންނަށް މިރޯގާ ޖެހޭނެއެވެ.

މި ދެންނެވުނީ މިފަދަ އިމަރޖެންސީއަކަށް ތައްޔާރުވެފައި ތިބުމަށް ބޭނުންވާ ތަކެއްޗެވެ. މީގެ އިތުރަށް ޓެސްޓްކުރުމަށާއި ބޭސްގަތުމަށް ބޭރު ފައިސާ ނުވަތަ ރަން ރާއްޖޭގެ ޚަޒާނާގައި ހުންނަންވާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި، ކާރިސާތަކާއި ރޯގާތަކަށް ކުރިމަތިލުމަށް ކުރިން ދެންނެވި ސާމާނަށް ވުރެ ވެސް މުހިއްމީ ފެނާއި ކާނާއެވެ. ރާއްޖޭގައި އަބަދުވެސް ހަފުތާއެއްހާ ދުވަހަށް ބޭނުންވާ ފެން ފޮރުވިފައި ހުންނަން ވާނެއެވެ. އަދި، އަވިން އުފައްދާ ކަރަންޓުން ނަމަވެސް ފެން އުފެއްދޭނޭ ޔަޤީން ނިޒާމެއް ހުންނަން ވާނެއެވެ. މިއާއެކު، ކާނާއަކީ ދިރިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. މި ރޯގާގައި ކާނާގެ ތަދުމަޑުކަމެއް ނައިކަމުގައި ވިއަސް، ރަށްރަށުގެ ހުސްތަނުގައި ކާތަކެތި އަޅާ ގަސް އިންދައި، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެގެން ތިބެން ޖެހޭނެއެވެ. ރަށުގެ ހުރިހާ ފިރިހެނުންނަށާއި އަންހެނުންނަށް މަސްބާނަން އެނގެންވާނެއެވެ. ކަމެއް ދިމާވުމުން އަރައިގަނެވޭނޭ ރެސިލިއަންޓް، مرن އާބާދީއަކަށް ވުމަށް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ރެސިލިއަންޓް ވުމަކީ އުނދަގޫ ޙާލަތަކުން އަވަހަށް އަރައިގަނެވޭ ފަދަ އިސްފެރޭނުގައި ހުންނަ ފަދަ ފަހެލި ފަންވަރެއް ހުރުމެވެ.

އެހެން ކަންކަމަށް ވިސްނާލަމާތޯއެވެ. މާލޭގައި މީހުން ދިރިއުޅޭ ގޮތަށް، ސާފުވަޔާއި އަވި ނުލިބޭ އުސްގެތައް ރާއްޖޭގެ އެކި ރަށްރަށުގައި ހަދައިގެން ބައިބޯކޮށްގެން މިދިރިއުޅޭ ދިރިއުޅުމަށް ބަދަލެއް ގެންނަން ޖެހެއެވެ.މިފަަދަ އެތައް ދާއިރާއަކުން މި ރޯގާއިން ލިބިގަންނަންވީ ފިލާވަޅުތައް ލިޔެ ކޮޅުންލާކަށް ނެތެވެ.