ސައިންސާއި ޓެކްނޯލޮޖީ — ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށް

ހައިޑްރޯލިކް ލިފްޓް މަސައްކަތް ކުރާ ގޮތް — 4

ލިފްޓް މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން އަޅުގަނޑު ހުށަހަޅަމުންދާ މަޒުމޫނުތަކުގެ ތެރެއިން ފުރަތަމަ މަޒުމޫނުގައި ގެނެސްދެވިފައިވަނީ ތައާރަފެކެވެ. ލިފްޓް އީޖާދުވި ގޮތާއި އެކި ބާވަތް ބާވަތުގެ ލިފްޓްގެ ނަންތަކާއި ބޭނުންތަކެވެ. ފަހު މަޒުމޫނުތަކުގައި މި ތަފްޞީލުކުރަނީ އެކި ބާވަތުގެ ލިފްޓް މަސައްކަތްކުރާ ގޮތެވެ. އެންމެ ފަހު މަޒުމޫނުގައި ގެނެސްދެވުނީ ކުޑަ ސޯބަކުން މަސައްކަތް ކުރާ ލިފްޓެވެ. ކުރީ މަޒުމޫނުތަކަށް ތިރީގައިވާ ފޮޓޯތަކުން ދެވޭނެއެވެ.

ތައާރަފު


މި މަޒުމޫނުގައި މި ގެނެސްދެނީ ހައިޑްރޯލިކް ލިފްޓް މަސައްކަތް ކުރާ ގޮތެވެ. ހައިޑްރޯލިކްގެ މާނައަކީ، ”ފެން ނުވަތަ އެހެންވެސް ދިޔައެއް ފިއްތައިގެން މަސައްކަތް ކުރާ“ އެވެ. ހައިޑްރޯލިކް ލިފްޓް މަސައްކަތް ކުރާގޮތް ދެނެގަތުމަށް، ފިއްތުމެއްވާ ދިޔާ ތަކެތީގެ މުހިއްމު ސިފައެއް ހަނދާން ކުރަން ޖެހެއެވެ.

ދިޔާ ތަކެއްޗަކީ ޢާއްމުގޮތެއްގައި ފިތޭ ތަކެއްޗެއް ނޫނެވެ. ކަފަ ފިއްތާލާ ކުޑަކޮށްލެވެއެވެ. ނަމަވެސް، ފެނަކަށް އެހެންނެއް ނުހެދޭނެއެވެ. ފެން ފިއްތުމުން، ފެން ހުރި ކަންވާރުގެ ހުރިހާ ބަޔަކަށް އެއް ބާރު މިނެއްގައި ނުވަތަ ޕްރެޝަރުގައި އެ ފިއްތުން ދަތުރުކުރެއެވެ. މިކަން ސްކޫލްކުދިންނަށް ކިޔަވައިދޭން ގެންގުޅެނީ، ގުންބާއެއް ލާފައިވާ ފެން އަޅާ ބޯޅައެކެވެ. ވަށައިގެން ލޯވަޅުތަކެއް ހުރެއެވެ. ފެންއެޅުމަށް ފަހު، ގުންބާއިން ފެން ފިއްތާލުމުން، ހުރިހާ ލޯވަޅުތަކަކުން ފެން ނިކުންނާނީ އެއް ބާރުމިނެއްގައެވެ. އެއް ޕްރެޝަރެއްގައެވެ.  މިކަމުން އޮޅުން ފިލަނީ ފެން ފަދަ އެއްޗެއް ފިއްތުމެއްގައި ވުމުން އެ ފިއްތުން ހުރިހާ ހިސާބަކަށް އެއްވަރަކަށް ދަތުރުކުރާ ކަމެވެ.

އެއްޗެއްގައި ބަންދުވެފައިވާ ފެން، ފިއްތުމެއްގައިވާ ނަމަ، އޭގެ ޕްރެޝަރު ހުރިހާ ދިމާއަކަށް އެއްވަރު ވާތީ، މި އުޞޫލު ބޭނުންކޮށްގެން ވަރަށް ގިނަ ފައިދާ ހުރި ތަކެތި ހަދައެވެ. މިފަދަ އެ ކައްޗަކީ ދުންކަރާހެވެ. ނުވަތަ ހައިޑްރޯލިކް ޖެކެވެ. މި މަސައްކަތް ކުރާގޮތް ކިޔައިދޭން ސްކޫލްތަކުގައި ގެންގުޅެނީ ދެ ސައިޒެއްގެ ސިރިންޖް ހޮޅިކޮޅަކުން ގުޅައި ފެން އަޅައިގެންނެވެ.

ކުޑަ ސިރިންޖަށް އޮބާލުމުން، ބޮޑު ސިރިންޖްގެ ތަނޑި މައްޗަށް އަރައެވެ. ހަމަ އެގޮތަށް ބޮޑު ސިރިންޖްގެ ތަނޑިއަށް އޮބާލުމުން، ކުޑަ ސިރިންޖްގެ ތަނޑި މައްޗަށް އަރައެވެ. ދެ ސިރިންޖްގެ ފަލަމިން ތަފާތުކަމުން، ބޮޑު ސިރިންޖް މައްޗަށް އަރަނީ ކުޑަ ސިރިންޖް ވަރަށް ބޮޑަށް އޮބައިގެންނެވެ. އެއީ ކުޑަ ސިރިންޖްގައިވާ ފެން މަދުކަމުންނެވެ. ނަމަވެސް، މިގޮތަށް ބޮޑު ސިރިންޖުގެ ތަނޑި މައްޗަށް އަރާއިރު، އެއިން ވަރަށް ބޮޑު ބަރެއް ހިފެއެވެ. މި ހިފޭ ބަރު ބިނާވަނީ ބޮޑު ސިރިންޖްގެ ފަލަމިން، ކުޑަ ސިރިންޖާ އަޅާ ބަލާއިރު ފަލަވާ މިންވަރުގެ މައްޗަށެވެ. ދެ ގުނަ ފަލަނަމަ، ދެ ގުނަ ބަރު ހިފެއެވެ. 10 ގުނަ ފަލަ ނަމަ، ކުޑަ ސިރިންޖް އޮބުމަށްލާ ބާރުގެ 10 ގުނަ ބަރު ހިފެއެވެ. މިއީ ހައިޑްރޯލިކް ދުންކަރާސް މަސައްކަތް ކުރާގޮތެވެ.

ފެނަށް ވަރަށް ކުޑަކޮށް ވައި ގިރެއެވެ. އެހެންކަމުން، ފެން ވަރަށް ކުޑަކޮށް ފިއްތިދާނެއެވެ. މި ސަބަބާހުރެ ފެނުގެ ބަދަލުގައި، ފިއްތުން ބޭނުންކޮށްގެން ހިންގާ ގިނަ ތަކެތީގައި ބޭނުންކުރަނީ ތެލެވެ. ތެލުގެ ސަބަބުން، ދުންކަރާހުގެ އެކި ބައިތަކުގައި ދަބަރުޖެހުން ވެސް ކުޑަވެއެވެ.

ގިނަ ސައިކަލުތަކާއި ލޮރީތަކުގައި ބުރަކި ޖައްސަނީ ހައިޑްރޯލިކުންނެވެ. ކުޑަ ބާރަކުން ގަދައަށް ބުރަކި ޖެއްސޭތީއެވެ. ކެރޭނުތަކާއި ކަރަންޓުން ކޮންޓްރޯލް ކުރާ ގިނަ ތަކެތީގައި، ތެޔޮ ފިއްތަނީ ޕަމްޕެއް ބޭނުންކޮށްގެންނެވެ. އެތައް ގޮތަކަށް މި ޕަންޕު ހަދައެވެ. ބައެއް ޕަންޕުތަކުގައި ޕިސްޓަނެއް ދެކޮޅަށް ދުވާގޮތް މޯޓަރަކުން ނުވަތަ އިންޖީނަކުން ހަމަ ޖައްސައެވެ.

ހައިޑްރޯލިކް ލިފްޓް މަސައްކަތް ކުރާ ގޮތް


ހައިޑްރޯލިކް ލިފްޓެއްގައި، މީހުން ތިބޭ ކާރު މައްޗަށް ނަގައި ތިރިކުރަނީ، ހައިޑްރޯލިކް އިންނެވެ. އެންމެ ފަސޭހައިން މިކަން ކުރާގޮތަކީ، ކާރުގެ ތިރީގައި ދިގުހައިޑްރޯލިކް ސިލިންޑަރެއް ޖައްސަނީއެވެ. ސިލިންޑަރުގެ ތެރޭގައިވާ ފިސްޓަން ތެޔޮފޮނުވައިގެން މަތިކޮށް ތިރިކުރެވެއެވެ. ޕިސްޓަން އާ އެކު ކާރު މަތިވެ ތިރިވެއެވެ. ތިރީގައިވާ ވީޑިއޯއަށް ވިސްނާށެވެ.

ލިފްޓްގެ ކާރު މަތިކޮށް ތިރިކުރާ ހައިޑްރޯލިކް ސާމާނުތައް ހުންނަނީ ލިފްޓް ގޮޅިއާ ޖެހިގެން ހުންނަ ކުޑަކޮޓަރިއެއްގައެވެ. ވަރަށް ނާދިރު ޙާލަތެއްގައި ނޫނީ ލިފްޓް ގޮޅީގެ ތިރީގައި މި ސާމާނުތަކެއް ނުބަހައްޓައެވެ.

ކާރު މަތިކޮށް ތިރިކުރުމަށް ގިނަ ފަހަރު، ހައިޑްރޯލިކް ޕިސްޓަންގެ ކޮޅު ކާރުގެ ތިރީގައި ޖައްސައެވެ. މިގޮތަށް ޖައްސާނަމަ، ކާރު އެންމެ ތިރިއަށް އަންނައިރު، ސިލިންޑަރުގައި ޖެހިގެން ތިރި ނުވެވޭނެތީ، ބައެއް ފަހަރު، ހައިޑްރޯލިކް ސިލިންޑަރު ހުންނަނީ ބިމުގެ އަޑިއަށް ޖަހައި ވައްދާފައެވެ. މިކަންކުރަން ދަތިނަމަ، ސިލިންޑަރު ހުންނަނީ ލިފްޓް ގޮޅީގެ އެއް ފަރާތުގައެވެ. މި ޙާލަތުގައި ކާރު މައްޗަށް ނަގާ ތިރިކުރަނީ ޕިސްޓަން ކޮޅުގައި ވަލެއް ނުވަތަ ޗޭނެއް ޖަހައިގެންނެވެ.  ތިރީގައިވާ ފޮޓޯތަކަށް ވިސްނާށެވެ.

މަތީގައިވާ ހައިޑްރޯލިކް ލިފްޓް އުފުއްލައި ތިިިރިކުރަނީ އޭގެ ކާރުގެފުލުގައި ޖައްސާ ޕިސްޓަން އަކުންނެވެ. މި ފޮޓޯއިން ފެންނަ ފަދައިން، ހައިޑްރޯލިކް ލިފްޓް ގައި ވެސް ގައިޑްރެއިލް ބޭނުންވެއެވެ. މިއީ ކާރުގެ ދެފަރާތުގައި ޖައްސާފައި ހުންނަ ދެ ދަގަނޑެވެ. ކާރު މައްޗަށް އަރައި ތިރިވާނީ މި ދެ ދަގަނޑުގައި ޖެހިގެންނެވެ.

މަތީގައިވާ ލިފްޓްގެ ސިލިންޑަރުން ބޮޑު ބައެއް ނުފެނެއެވެ. އެހެންަކަމުން، އެވަނީ ބިމުގެ އަޑީގައިކަން އެނގެއެވެ. މި ފޮޓޯއިން ފެންނަ ފަދައިން، ކާރު ކުއްލިގޮތަކަށް ތިރިއަށް އަތުވެދާނެތީ އެ ޖެހޭ ބާރުމިން ކުޑަކުރަން އިސްފިރޭނު ފުލުގައި ހަރުކޮށްފައި ވެއެވެ. ހައިޑްރޯލިކް ލިފްޓެއްގެ ކާރު ކުއްލިގޮތަކަށް ތިރިއަށް ފޭބުމަކީ ނާދިރުކަމެކެވެ. އެއީ ހޮޅިއެއް ފަޅައިގެން ގޮސްފިނަމަ ވެސް، ސިލިންޑަރުން ތެޔޮ ކުއްލިގޮތަކަށް ހުސްނުވާނެތީއެވެ.

މަތީގައިވާ ލިފްޓްގެ ސިލިންޑަރުވަނީ ބިތަކާ ކައިރީގައެވެ. އެހެންކަމުން، ޕިސްޓަންގެ ކޮޅުގައި ވަލެއް ޖަހައި ކާރުގައި އައްސައިގެން ނޫނީ މި ބާވަތުގެ ހައިޑްރޯލިކް ލިފްޓެއް މަސައްކަތެއް ނުކުރާނެއެވެ. އެކި ސަބަބުތަކާ ހުރެ ބިމުގެ އަޑިއަށް ސިލިންޑަރު ނުޖެހޭނަމަ، އަރިމަތީގައި ސިލިންޑަރު ހަރުކުުރުން ނޫން ގޮތެއް ނޯވެއެވެ.

ރޭޑިއޯގެ އޭރިއަލް ގޮތަށް ސިލިންޑަރުގެ އެތެރޭގައި އެހެން ސިލިންޑަރެއް ލާފައި ހުންނަ ހައިޑްރޯލިކް ސިލިންޑަރު ހުރެއެވެ. އުސްތަންތަނުގައި ބަހައްޓާ ލިފްޓަށް މިބާވަތުގެ ސިލިންޑަރު ބޭނުން ކުރެވިދާނެއެވެ. ނަމަވެސް، ހައިޑްރޯލިކް ލިފްޓްގެ މައިގަނޑު މައްސަލަ މިކަމުން ކިޔުންތެރިންނަށް އޮޅުން ފިލާނެއެވެ. މިބާވަތުގެ ލިފްޓް މަސައްކަތް ކުރާނީ ގިނަވެގެން ދިހަވަރަކަށް ބުރިއަށެވެ. ޢާއްމުކޮށް ހަބުރިއަށެވެ. މާ ދިގުކޮށް ސިލިންޑަރުތަކެއް ނުހެދެއެވެ.

ހައިޑްރޯލިކުން ހިންގާ ލިފްޓްގެ އުފަކާރައާއި ހިތިކާރަ


ދެން މި ބަޔާން ކުރަނީ މިބާވަތުގެ ލިފްޓްގެ ފައިދާ (އުފަކާރަ) އާއި ދިމާވާ މައްސަލަ (ހިތިކާރަ) ތަކެވެ. އެއްވެސް ބާވަތެއްގެ ލިފްޓަކީ ހުރިހާ ޙާލަތަކަށް ރަނގަޅު އެއްޗެއް ނޫނެވެ. އެކި ކަންކަމަށް ރަނގަޅީ އެކި ބާވަތުގެ ލިފްޓެވެ.

އުފަކާރަ

  1. މި ބާވަތުގެ ލިފްޓްގެ ހުރިހާ ބަރެއް ހިފަނީ ލިފްޓްގެ ބުޑަށެވެ. އެހެންކަމުން، ޢިމާރާތަށް އެއްވެސް ބަރެއް ނުހިފާނެއެވެ.
  2. މާ ބޮޑު ތައްޔާރުވުންތަކެއް ނެތި، ހައިޑްރޯލިކް ލިފްޓް ހަރުކުރެވޭނެއެވެ. އެހެން ބައެއް ބާވަތުގެ ލިފްޓް ބެހެއްޓުމަށް ލިފްޓް ގޮޅީގައި އެތައް އެއްޗެއް ހަރުކުރަން ޖެހެއެވެ.
  3. ޢިމާރާތުގެ މަތީގައި މެޝިން ރޫމެއް މި ބާވަތުގެ ލިފްޓަކު ނުހުންނާނެއެވެ. މެޝިން ރޫމް ހުންނަނީ ތިރީގައި ކަމުން ފުރާޅުން މާ އުސްކޮށް ސާމާނު ބަހައްޓަން ކޮޓަރިއެއް ހަދާކަށް ނުޖެހޭނެއެވެ.

ހިތިކާރަ

  1. މި ބާވަތުގެ ލިފްޓް ޢާއްމުކޮށް ބަހައްޓައި އުޅެނީ ހައެއްކަ ބުރިއަށެވެ. މާ އުސްކޮށް ހަދާ ތަންތަނަކު ހައިޑްރޯލިކް ލިފްޓެއް ނުބެހެއްޓޭނެއެވެ.
  2. މި ބާވަތުގެ ލިފްޓްގެ ކަރަންޓް ޚަރަދު ބޮޑުވާނެއެވެ. ޢާއްމުކޮށް ގެންގުޅޭ ލިފްޓްތަކުގައި، އޭގެ ބަރުދަނުގެ ދެބައިކުޅަ އެއްބައިހާ ބަރުދަން ހުރި ދަގަނޑު ޕްލޭޓްތަކެއް (ފޮތިތަކެއް) ވަލެއް ޖަހާ ކައްޕިއެއް މެދުވެރިކޮށް އެލުވާފައި ހުރެއެވެ. ލިފްޓް ކާރާއި މިފޮތިތަކަކީ ތިލަފަތެއްހެން ދެކޮޅަށް ފިރުކިދާނެ އެއްޗެކެވެ. ދެކޮޅު ގާތްގަޑަކަށް ބަރުދަން އެއްވަރު ނަމަ، ވަރަށް ކުޑަ ބާރަކުން ވަކި ކޮޅެއް ތިރިއަށް ނުވަތަ މައްޗަށް ޖެއްސެއެވެ. މިއާ ޚިލާފަށް ހައިޑްރޯލިކް ލިފްޓްގެމުޅި ބަރުދަން އުފުލަންޖެހޭނީ ކަރަންޓުން ހިންގާ ހައިޑްރޯލިކް ޕަންޕުންނެއެވެ.
  3. ހައިޑްރޯލިކް ލިފްޓަކީ ބާރަށް ދަތުރުކުރެވޭ އެއްޗެއް ނޫނެވެ.

މަތީގައިވާ އުފަކާރައާއި ހިތިކާރައާ މެދު ވިސްނުމުން މި ބާވަތުގެ ލިފްޓް އެންމެ ރަނގަޅުވަނީ ހައެއްކަ ބުރީގެ ތިރި ޢިމާރާތްތަކަށް ކަމަށް ފާހަގަކުރެވޭނެއެވެ.

ނިންމުން


މި މަޒުމޫނުގައި މި ބަޔާން ކުރެވުނީ ހައިޑްރޯލިކް ލިފްޓް މަސައްކަތްކުރާ ގޮތެވެ. މިއީ ރާއްޖޭަގައި އަދި ހަރުކޮށްފައި ނުވާ ބާވަތެއްކަމަށް ލަފާކުރެވެއެވެ.

ލިފްޓާ ބެހޭ ގޮތުން ދެން ލިޔާ މަޒުމޫނެއްގައި ހުށަހަޅަން ޤަޞްދުކުރަނީ ވައިން މަސައްކަތް ކުރާ ލިފްޓެވެ.  މިއީ ތިރި ކުދި ޢިމާރާތްތަކުގައި ބޭނުންކުރާ، ރާއްޖޭގައި އަދި ނުގެންގުޅޭ ލިފްޓެކެވެ.

އެކި ކަންކަމާބެހޭ ގޮތުންލިޔެފައިވާ މަޒުމޫނުތައް ހިމެނޭ ޞަފުހާއަށް ދިއުމަށް އޮބާލާ!