ދުއިބަސްވެރިކަމަށް ތަޢާރުފެއް
މި މަޒުމޫނުގައި ހިމެނެނީ، ދެ ބަހެއް މީހަކަށް ދަސްވާއިރު، އޭނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން ހުށަހަޅާފައިވާ މަޝްހޫރު އެއް ނަޒަރިއްޔާ އެއްގެ ތަޢާރުފެކެވެ. ގިނަ ބަޔަކަށް ވިސްނޭގޮތާ ދެ ބަހެއް ދަސްވާއިރު ސިކުނޑި މަސައްކަތްކުރާ ގޮތް ވަރަށް ތަފާތެވެ. މަޒުމޫނުގެ ފަހު ބައިގައި ހިމެނެނީ، މާދަރީ ބަހުން ރާއްޖޭގައި ކިޔަވައިދެމުން އައި ކިޔަވައިދިނުން އިނގިރޭސި މީޑިއަމްއަށް ބަދަލުވިގޮތުގެ ޚުލާޞާއެކެވެ.
އިހުގެ ލަޝްކަރުތަކުގައި، އަހުގައި ތިބޭ ހަނގުރާމަވެރިންނާއި ފައިމަގުގައި އުޅޭ ހަނގުރާމަވެރިން ތިބެއެވެ. ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ އަމީރު ޙަމްޒާ ވާހަކައިގައި، ލަޝްކަރެއްގައި އަހުގައި ތިބޭ ހަނގުރާމަވެރިންނަށް ”އަސްވާރުން“ މިހެން ކިޔައި ނަންދީފައި ވެއެވެ. ދިވެހި ބަސްފޮތުގައިވާ ގޮތުން، ސަވާރަކީ އަސް ނުވަތަ ޖަމަލު ފަދަ އެއްޗަކަށް އަރައި އިންނަ މީހާ އެވެ. އަސްވާރަކީ އަސްމަތީގައި ދަތުރުކޮށްފައި ދާ މީހާއެވެ. ދާދިފަހުން ”ބަސްވާރު“ މި ލަފުޒު ފެނިފައި ވެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުން، މިލަފުޒު އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ މަލިންގޭ ޙުސައިން ދީދީ ލިޔުއްވާފައިވާ ކީރިތި ޤުރްއާންގެ ތަރުޖަމާ އާއި ތަފްސީރު ގައެވެ. މި މަޒުމޫނުގައި ބަސްވާރު ބޭނުންކޮށްފައިވަނީ ބަހުގެ ޢިލްމުވެރިންނަށް ނިސްބަތްކޮށެވެ. އެއީ ބަހެއް އެކުލެވިފައިވާ ގޮތާއި އޭގެ ސިފަތައް ޢިލްމެއްގެ ގޮތުގައި އުނގެނި ދިރާސާ ކުރާ މީހުންނެވެ. ލިންގުއިސްޓުންނެވެ. ދިވެހި ބަސްފޮތުގައި، މާ ކުރީން ސުރެ ”ރިދަހިޔަ“ ދެބަސްވެރިކަމަށް ނިސްބަތްކޮށް ލިޔެފައި ވެއެވެ. އެހެންކަމުން، ބައިލިންގުއަލިޒަމަށް ކިޔަންވާނީ މި ލަފުޒުކަމަށާއި ދެ ބަސް ދަންނަ މީހުންނަށް ކިޔަންވާނީ ދެބަސްވެރިން ކަމަށް ހީވެއެވެ. ދެ ސަތޭކައަށް ދުއިސައްތަ ކިޔާ ފަދައިން، އަޅުގަނޑު ދެބަސްވެރިކަމާ ބެހޭ ޢިލްމުވެރިންނަށް ކިޔާނީ ދުއިބަސްވާރުންނެވެ. ދާދިފަހުން، ދިވެހި ބަހުގެ އެކެޑެމީއިން ބައިލިންގުއަލް އަށް ”ދެބައްސާ“ މިހެން ނަންދީފައި ވެއެވެ.
ބައެއް މީހުން އެއް ބަހަށް ވުރެ ގިނަ ބަހަށް ފާގައްޗެވެ. މިސާލެއްގެ ގޮތުން، ޙުސައިން ޞަލާޙުއްދީނު ޢަރަބި ބަހާއި ދިވެހިބަހުން ޅެން އެކުލަވާލެވޭ ފެންވަރަށް ދެ ބަސް ދެނެވަޑައިގެންނެވިއެވެ. މުޙައްމަދު އަމީން ވެސް މިފަދަ އެވެ. ބައިލިންގުއިލިޒަމް އަކީ އެއް ބަހަށް ވުރެ ގިނަ ބަހަށް މީހަކު ކުޅަދާނަ ވެގެން ވުމަށް ކިޔާ ނަމެކެވެ. މިއީ ދިވެހި ޑިގްރީ ފެށުމުގެ ގޮތުން ބޭނުން ކުރި މަޝްހޫރު އެއް ޓެކްސްޓް ފޮތް ކަމުގައިވާ އެޑްވާރޑް ފިނެގަންގެ ”ލޭންގްވިޖް: އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް“ މި ފޮތުގައި ބައިލިންގުއިލިޒަމް ގެ މާނަ ކަނޑައަޅައިފައިވާ ގޮތެވެ.
އެއްވެސް ދުއިބަސްވެރިއަކު، ދެބަހަކަށް ނުވަތަ އެއަށް ވުރެ ގިނަބަހަށް އެއްވަރަކަށް ކުޅަދާނައެއް ނުވާނެއެވެ. ދުއިބަސްވެރިއެކޭ ބުނެވޭނީ މަދުވެގެން ކަނޑައަޅާ މިންވަރަކަށް ދެބަހަށް ކުޅަދާނަ ވުމުންނެވެ. އެ މިންވަރަކީ ކޮބައިތޯ އެވެ؟
ބަހެއް އެކި މިންވަރަށް އެނގުން
ބަހަކަށް ހުންނަ ކުޅަދާނަކަން، އެޑްވާރޑް ފިނެގަން ދެ ބަޔަކަށް ބަހާލައެވެ. ބަހެއްގެ ހަމަތަކާ އެއްގޮތަށް (ގްރެމަރ އާ އެއްގޮތަށް) ޖުމްލަތަކެއް އުފައްދައި އެއަށް މާނަ ދިނުމުގެ ޤާބިލިއްޔަތަށް ކިޔަނީ ”ގްރެމެޓިކަލް ކޮމްޕިޓެންސް“ އެވެ. އެއީ ބަހުގެ ހަމަތަކަށް ކުޅަދާނަ ވެގެން ވުމެވެ. މީހުން ދައްކާ ވާހަކަ، އޭގެ ވެށީގައި ދެތުމަށް ކިޔަނީ ”ކޮމިޔުނިކޭޓިވް ކޮމްޕިޓެންސް“ އެވެ. އެއީ މުޢާމަލާތް ކުރުމުގެ ޤާބިލިއްޔަތެވެ. ނުވަތަ ކުޅަދާނަ ކަމެވެ. އަޅުގަނޑު ދަންނަ ކިތަންމެ ބަޔަކު، ހިންދީ ފިލްމު ބަލައިގެން ހިންދީ ބަސް ދަސްކޮށް، ފިލްމުގައިވާ ގޮތް ހަމަ ރަނގަޅަށް ކިޔާދެއެވެ. އެމީހުންނަށް އެކްޓަރުން ނުވަތަ ބާޒީގަރުން ދައްކާ ވާހަކަ އޮޅުން ފިލައެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ ބައެއްގެ ކައިރީގައި ޖުމުލައެއް އެކުލަވާލަން ބުނުމުން، ވަރަށް އާދައިގެ ޖުމުލައެއް ނޫނީ ބުނަން ދަތިވެއެވެ. މިކަންކަމުން އެނގެނީ މުޢާމަލާތް ކުރުމުގެ ކުޅަދާނަކަމާއި ބަހުގެ ހަމަތަކަށް ކުޅަދާނަވެގެން ވުމަކީ ދެ ފެންވަރެއްގެ ޤާބިލިއްޔަތެއް ކަމެވެ. ގްރެމެޓިކަލް ކޮމްޕިޓަންސް އަކީ ނުވަތަ ބަހުގެ ހަމަތަކަށް ފާގަތިވެގެން ވުމަކީ، މުޢާމަލާތްކުރުމުގެ ކުޅަދާނަކަމަށް ވުރެ މަތީ ފެންވަރެއްގެ ޤާބިލިއްޔަތެއް ކަމެވެ.
ބަހަވީ ކުޅަދާނަކަން، ފިނެގެން ނޫން އެހެން ބަސްވާރުން ވެސް ތަޙުލީލު ކޮށްފައި ނުވަތަ އެނެލައިޒްކޮށްފައި ވެއެވެ. މިގޮތުން އެންމެ މަޝްހޫރު އެކަކީ ޖިމް ކަމިންސް އެވެ. ކެނެޑާގެ ޔުނިވަރސިޓީ އެއްގައި މަސައްކަތް ކުރާ ޖިމް ކަމިންސް އަކީ ދުއިބަސްވެރިކަމާއި މަދްރަސީ ތަޢުލީމާ ގުޅުން ހުރި ދިރާސާތަކެއް ކުރާ، މަޝްހޫރު ތިއަރީއެއް ނުވަތަ ނަޒަރިއްޔާއެއް ހުށަހެޅި މީހެކެވެ. ކެނެޑާ އަށާއި އެހެން ޤައުމުތަކަށް ހިޖުރަކުރާ އިނގިރޭސި ބަސް ނުދަންނަ މީހުން އިނގިރޭސި ބަސް ދަސްވާ ގޮތް ދިރާސާކޮށް، މުހިއްމު ޚިޔާލެއް އޭނާ ހުށަހަޅާފައި ވެއެވެ. އޭނާ ފާހަގަ ކުރާ ގޮތުގައި، ދެ ފެންވަރެއްގައި މީހުންނަށް ބަސް އެނގެއެވެ. އެއް ފެންވަރަށް އޭނާ ދީފައިވާ ނަމަކީ ބޭސިކް އިންޓަރޕާރސަނަލް ކޮމިޔުނިކޭޓިވް ސްކިލްސް (Basic Interpersonal Communicative Skills) އެވެ. މި ޢިބާރާތުގެ މާނައަކީ ދޭދޭ ފަރާތްތަކުގެ ދެމެދުގައި މުޢާމަލާތް ކުރުމުގެ އަސާސީ ހުނަރެވެ. ކުރުކޮށް ކަމިންސް މި ފެންވަރަށް ކިޔަނީ ބިކްސް (BICS) އެވެ. ބިކްސް ފެންވަރު، ކަމިންސް ކަނޑައަޅަނީ މުޢާމަލާތްކުރުމުގެ ދުވަހީ ވެށީގައި ބަސް ބޭނުންކުރުމުގެ ޤާބިލިއްޔަތަށެވެ. އެއީ މީހަކު ފިހާރަކައަކަށް ގޮސް އެއްޗެއް ގަންނަ އިރު ނުވަތަ މަގުމަތިން ރައްޓެއްސަކާ ދިމާވުމުން ގޮވާލާ ހާލުއަހުވާލު އޮޅުންފިލުވާ ފެންވަރަށް ބަސް އެނގުން ފަދަ ޤާބިލިއްޔަތެވެ. ދެވަނަ ފެންވަރަށް ކަމިންސް ދީފައިވާ ނަމަކީ ކޮގްނިޓިވް/އެކެޑެމިކް ލޭންގްވިޖް ޕްރޮފިޝަންސީ (Cognitive/Academic Language Proficiency) އެވެ. ކުރުކޮށް ކިޔަނީ ކެލްޕް (CALP) އެވެ. މާނައަކީ ފިކުރީ/އަކާދީމީ (ދިރާސީ) ބަހަވީ ޤާބިލިއްޔަތެވެ. ފިކުރީ ފެންވަރުގައި ނުވަތަ ކެލްޕް ފެންވަރުގައި ބަސް ބޭނުން ކުރަނީ އެ ބަސް ބޭނުންކުރާ ވެށި ކަނޑައެޅިފައި ނުވާ ޙިއްސުތަކަށް އިޙްސާސްނުވާ (އަތްނުލެވޭ، ނުފެންނަ) މުޖައްރަދު ހާލަތްތަކުގައެވެ. މިސާލަކަށް ބަހަކީ މިފަދަ ޙިއްސުތަކަށް އިޙްސާސްނުވާ އެއްޗެކެވެ. ރީތިކަމަކީ އަދި ތެދަކީ ވެސް މިފަދަ ތަޖުރީދީ (އެބްސްޓްރެކްޓް) ޚިޔާލެވެ. ތެދެއް އެއްވެސް ޙިއްސަކަށް އިޙްސާސެއް ނުވެއެވެ. މިއީ ފިކުރަށް، ހިތަށް ”ފެންނަ“ އެއްޗެކެވެ.
ބަހަވީ ކުޅަދާނަކަން ކަމިންސް އޮޅުންފިލުވައިދޭން ބޭނުންކުރަނީ އައިސްބާރގް ގެ މިސާލެވެ. އައިސްބާރގް އަކީ ދުނިޔޭގެ އެންމެ ދެކުނު ނުވަތަ އުތުރު ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ މައްޗަށް ހިއްލިފައި ހުންނަ ބޮޑެތި އައިސް ގަނޑުގަނޑެވެ. އައިސްބާރގްގެ އާދަޔާ ޚިލާފު އެއް ސިފައަކީ އެ ފެންމަތީ އޮންނަ އިރު، އޭގެ ބޮޑުބައި (ގާތްގަޑަކަށް ދިހަބައިކުޅަ ނުވަ ބައި) ފެނުގެ އަޑީގައި އޮންނަ ކަމެވެ. ފެން ތައްޓަކަށް އައިސް ބުރިއެއް ލުމުން ބޮޑުބައި ފެނުގެ ތެރޭގައި އޮންނަ ފަދައިންނެވެ. ކަނާތް ފަރާތުގައި އެވަނީ އައިސްބާރގްއެއްގެ ފޮޓޯއެކެވެ.
ދުވަހީ ވާހަކަ ދެއްކުމުގެ ޤާބިލްކަމާއި ޢިލްމީ ފެންވަރަށް ބަސް އެނގުމުގެ ތަފާތު ބަޔާންކުރަން ކަމިންސް ބޭނުން ކުރަނީ އައިސްބާރގެއްގެ މަޖާޒެކެވެ. މި މަޖާޒުގައި، އައިސްބާރގްގެ ކަނޑުން މަތީގައި އޮންނަ ބަޔަކީ، ޢާއްމުކޮށް ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބަހެއްގެ އާދައިގެ ލަފުޒުތަކުގެ މާނަ އާއި އިމްލާ އާއި ކިޔާ ގޮތާއި ދޭސީ ގަވާއިދުތަކެވެ. މިއީ ބަހެއްގެ ބޭރުފުށު ސިފަތައް އެނގުންކަމަށް އޭނާ ބަޔާންކުރެއެވެ. އައިސްބާރގްގެ އަޑީގައިވާ ބޮޑު ބަޔަކީ، ބަހުގެ ފުން އަދި ތަފާތު ޤާބިލިއްޔަތެކެވެ. މަޢުލޫމާތު އިވުމުން ނުވަތަ ކިޔުމުން އެ މަޢުލޫމާތު ތަޙްޤީޤީ ގޮތަކަށް ވަޒަންކޮށް، އައު ގޮތްގޮތަށް ރޭވުމާއި އެކި ނިންމުންތައް ނިންމުން ފަދަ ޤާބިލިއްޔަތެވެ. ފުންކޮށް ވިސްނުމާއި މަޢުލޫމާތާއި ޚިޔާލުތައް ބައިބަޔަށް ރޫޅާލުމާއި ތަފާތު ގޮތްގޮތަށް ގިންތިކުރުމާއި އެކި ޙާލަތްތަކަށް، ތަފާތު އާ ވެށިތަކަށް ބައެއް ޚިޔާލު ނަގުލުކުރުން ފަދަ ކަންކަމަކީ، އާދައިގެ ވާހަކަ ދައްކާއިރު ހާމަނުވާ ބަހުގެ ހުނަރުވެރިކަމެކެވެ. ދަރިވަރަކު މަދަރުސާގައި މޮޅުވުމަށް ބޭނުންވަނީ މި ނުފެންނަ ބަހުގެ ހުނަރުތަކެވެ. މިއީ ކެލްޕް ގެ ގޮތުގައި ކަމިންސް ސިފަކުރާ ހުނަރުވެރިކަމެވެ. މި ހުނަރުވެރިކަމަށް ދިރާސީ ފިކުރީ ޤާބިލިއްޔަތުކަމަށް ނަންދިނީ އެހެން ވެގެންނެވެ.
ފިކުރުގައި، އައިސްބާރގްގެ މަތީގައިވާ ދުވަހީ މުޢާމަލާތްތައް ފަހުމްވުން ވަނީ އޮޓޮމެޓިކް ވެފައެވެ. ހަމަ ބުނާއިރަށް އެބުނި އެއްޗެއް އެނގެއެވެ. ނަމަވެސް، އައިސްބާރގް މަޖާޒުގައި އަޑީގައިވާ ބައިގެ ވާހަކަ ދެތުމަށް އިތުރު މަސައްކަތްތަކެއް ފިކުރުން ކުރަން ޖެހެއެވެ.
ދެ ފެންވަރަށް ބަހެއް ދަސްކުރުމަށް ނަގާ މުއްދަތު
ކަމިންސްގެ ނަޒަރިއްޔާގައި ދެ ފެންވަރުގެ ޤާބިލްކަން ލިބިގަތުމަށް ނަގާ މުއްދަތު ތަފާތެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި، ވަކި މާހައުލެއްގައި އުޅުމުން އެ ވެށީގައި ދެކެވޭ ވާހަކަތައް އޮޅުން ފިލަން ފަށައެވެ. ދުވަހީ މުޢާމަލާތްތަކަށް، ބިކްސް އަށް، މީހާ ފަރިތަވެއެވެ. ޓީވީ ޑްރާމާތައް ބަލައިގެން ހިންދީ ބަސް ފަދަ ބަސްތައް މީހުންނަށް އެނގެނީ މިގޮތުންނެވެ. ނަމަވެސް، ފިކުރީ/ދިރާސީ ބަހުގެ ޤާބިލްކަން އެނގެނީ ފަސް އަހަރާއި ހަތް އަހަރު ބަހުގެ ވެށީގައި އުޅެ އެއަށް ފަރިތަވެގެންނެވެ. ބައެއް ޙާލަތްތަކުގައި މި ފެންވަރުގެ ޤާބިލްކަން ލިބިގަތުމަށް ދިހަ އަހަރުވެސް ނަގައެވެ. ޚާއްޞަކޮށް ދެވަނަ ބަހެއް ދެތުމަށެވެ. ޢުމުރުން ހައެއްކަ އަހަރު ކުރިން، ދެވަނަ ބަހެއްގެ މާހައުލަށް ކުޑަކުއްޖަކު ލައިފިނަމަ، އެ ކުއްޖާއަށް އެ ބަހުގެ މަޚްރަޖަތަކުން ވާހަކަދައްކަން އެނގޭނެއެވެ. ނަމަވެސް، އެ ކުއްޖަކަށް އެ ބަހުގެ ކެލްޕް ނުވަތަ ފިކުރީ/ދިރާސީ ޤާބިލްކަމެއް ނުލިބޭނެއެވެ. މިކަން ލިބިގަތުމަށް ފިކުރީގޮތުން އިންސާނާ ހުނަރުވެރިވާން ވެސް ޖެހެއެވެ.
ދެ ބަހެއް އެނގޭ މީހާގެ ފިކުރުހިނގާ ގޮތް
ދުއިބަސްވާރުން ބަހާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، މާދަރީބަހަށް ނުވަތަ ކުއްޖަކު އުފަންވެ ބޮޑުވާ މާހައުލުގައި ވާހަކަދައްކާ މައިގަނޑު ބަހަށް އިޝާރާތްކުރަން ބޭނުން ކުރަނީ ރަމްޒެކެވެ. އެއީ ކޮންމެ ފަހަރަކު މާދަރީބަސް ނުވަތަ ދިވެހި ބަސް ލިޔުމުގެ ބަދަލުގައި ފަސޭހައަކަށެވެ. މިގޮތުން، މާދަރީ ބަހަށް ބޭނުންކުރާ ނިޝާނަކީ އިނގިރޭސި އަކުރެއް ކަމުގައިވާ އެލް ގެ ފަހަތުގައި 1 ޖަހައެވެ. 1 ޖަހަނީ އެލްއަށް ވުރެ ފޮޅުވަތުގެ ތިރީގައި ކުޑަކޮށެވެ. L1 މިގޮތަށެވެ. ދެވަނަ ބަހެއްގެ ވާހަކަ ދައްކާއިރު ބޭނުން ކުރަނީ އެލްގެ ތިރީގައި 2 ޖަހައެވެ. މިސާލީ L2 އެވެ. ރަމްޒަކުން އިޝާރާތްކުރަނީ ކޮން ބަހަކަށް ކަން ލިޔުމުގައި ކުރިން ބަޔާން ކުރެވިފައި ވާނެއެވެ. ނުވާނަމަ، އެ ވާނީ މާދަރީ ބަސް ނޫން އެހެން ބަހަކަށެވެ. މިގޮތުގެ މަތިން ތިންވަނަ ބަހެއްގެ ރަމްޒަކީ L3 އެވެ. ބައެއް މީހުން ލިޔަން ފަސޭހައަކަށް L1 އަދި L2 މިހެން ލިޔެއެވެ. L އާއި ހިސާބު އަދަދު ގެ ސައިޒު ތަފާތު ނުވާ ގޮތުގެ މަތިން އެއް ފޮޅުވަތެއްގައި އެއް ސައިޒަށެވެ.
މީހަކަށް ދެ ބަހެއް އެނގޭއިރު، އެއް ބަހުގެ ހުނަރުވެރިކަމާއި ދެވަނަ ބަހުގެ ހުނަރުވެރިކަމާ ހުންނަ ގުޅުމަކީ ކޮބައިހެއްޔެވެ؟ މި ސުވާލަށް ދެ ޚިޔާލެއް ހުށަހަޅައެވެ. ފުރަތަމަ ޚިޔާލަކީ، ސިކުނޑީގައި ނުވަތަ ފިކުރުގައި އެއް ބަހެއްގެ ހުނަރުވެރިކަން ވަނީ ވަކި ބައެއްގެ ތެރޭގައެވެ. ދެވަނަ ބަހުގެ ހުނަރުވެރިކަން ވަނީ ތަފާތު މުޅިން ވަކި ބައެއްގެ ތެރޭގައެވެ. އެއް ބަހުގެ ހުނަރުވެރިކަމާއި އަނެއް ބަހުގެ ހުނަރުވެރިކަމާ ގުޅުމެއް ނެތެވެ. އެއީ ތިރީގައިވާ ތަސްވީރުން ފެންނަ ފަދައިންނެވެ.
މި ތަސްވީރަކީ ބަސްވާރުން ދެކޭގޮތުގައި، ބައެއް ފަރާތްތަކުން ދެބަހެއްގެ ހުނަރުވެރިކަން ލިބިގަންނަ ގޮތުގެ މޮޑްލްއެކެވެ. މޮޑްލް އަކީ އެކުވި، މުރައްކަބު އެއްޗެއް ނުވަތަ ކަމެއް ވާގޮތް ދައްކައިދޭ ކުޑަ ދޭސީ، ސާދާ އެއްޗަކަށް ކިޔާ ނަމެކެވެ. މޮޑްލް އިނގިރޭސި ބަހުން ލިޔަނީ model މިގޮތަށް ކަމުގައި ވިއަސް، ކިޔާއިރު ޑ ގެ އަޑު ކިޔަނީ ސުކުނަކަށެވެ.
ފަހެ، ދެބަހުގެ ހުނަރުވެރިކަން ވަކިން ވާ ކަމަށް ބުނާ މޮޑްލްގައި، ބޮލުގައިވާ L1 ގެ ޖާގަ ބޮޑުކުރުމަކުން L2 އަކަށް އަސަރެއް ނުކުރާނެއެވެ. މަތީގައިވާ ކުރެހުމުގައި ބޮލުގައިވާ L1 އާ ބެހޭ ހުނަރުވެރިކަމަކީ ފުއްޕާހަމެއް ކަމަށް ވިސްނަވާށެވެ. L1 ފުއްޕާހަމަށް ފުމުމުން (ތަޖުރިބާ އާއި އުނގެނުން އިތުރުކުރުމުން) ފުފޭނީ L1 ފުއްޕާހަމެވެ. L2 ފުއްޕާހަމެއް ނުފުފޭނެއެވެ. މި ނަޒަރިއްޔާގެ މައިގަނޑު އަސާސްތައް ތިރީގައި މި ޚުލާޞާ ކުރަނީ އެވެ.
-
އެއް ބަހަކަށް (L1) ހުނަރުވެރިވުމަކީ އެހެން ބަހަކަށް (L2) ހުނަރުވެރިވުމާ ގުޅުމެއް ނުވާ ކަމެކެވެ.
-
ގޭގައި ނުވަތަ މަދަރުސާގައި ނުވަތަ އެހެން ވެސް ވެއްޓެއްގައި، ބަހެއްގެ ތަޖުރިބާ އިތުރުކުރިވަރަކަށް އެ ބަހެއްގެ ހުނަރުވެރިކަން އިތުރުވާނެއެވެ.
މަތީގައިވާ ދެވަނަ އަސާސްގެ އެއް ނަތީޖާ އަކީ، މީހަކު ވަކި ބަހަކުން ދަސްކުރާ ހުނަރުތަކެއް އެހެން ބަހަކަށް ނަގުލު ނުކުރެވޭނެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، L1 އިން ދަސްކުރާ ހުނަރުވެރިކަން ހަރުލާ ހުންނާނީ L1 ގެ ޤާބިލްކަމުގައެވެ. އެއިން L2 ގެ ހުނަރުވެރިކަމަށް ކުރާނޭ އަސަރެއް ނޯންނާނެއެވެ. މި ނަޒަރުން ވިސްނާއިރު، ދިވެހިބަހަށް މީހަކު ހުނަރުވެރިވުމަކުން، އިނގިރޭސި ބަހަށް އޭނާ ހުނަރުވެރިވެދާނެ ކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ. އިނގިރޭސިބަހަށް ހުނަރުވެރިކުރުވަން ބޭނުން ނަމަ، ޖެހޭނީ އިނގިރޭސި ބަސް ކިޔެވުމާއި ތަޖުރިބާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ.
ފުރަތަމަ ވިސްނުމުން، މަތީގައިވާ ދެބަހެއްގެ ހުނަރުވެރިކަން ވަކިން ވާކަމަށް ހީކުރެވުނަސް އަދި ހަމަޖެހޭ ކަމެއް ކަމަށް ފެނުނަސް، ދިރާސާތަކާއި ތަޖުރިބާތަކުން ސާފުކޮށް ޔަޤީންވަނީ އެއް ބަހެއްގެ ހުނަރުވެރިކަން، ދެވަނަ ބަހަކަށް ފަސޭހައިން ނަގުލުކުރެވޭ ކަމެވެ. މިކަން އޮޅުންފިލުވާދިނުމަށް ދުއިބަސްވާރުން އެހެން ނަޒަރިއްޔާއެއް ހުށަހަޅައެވެ. މި ނަޒަރިއްޔާގައި، އެއް ބަހުން އަނެއް ބަހަށް ނަގުލުކުރެވޭ، ދެބަހަށް ޢާއްމު ހުނަރުތަކެއް ވެއެވެ. މި ހުނަރުތަކަށް ބަސްވާރުން ކިޔަނީ ކޮމަން އަންޑަރލައިން ޕްރޮފިޝަންސީ Common Underlying Proficiency (CUP) މޮޑްލް އެވެ. މި ޢިބާރާތުގެ ލަފުޒީ މާނައަކީ އަޑީގައިވާ ޢާއްމު ޤާބިލިއްޔަތު އެވެ. ދެބަހަށް ޙިއްޞާވާ، ފުރަތަމަ ބެލުމުން ފާހަގަ ނުވާ، އެކަމަކު ޙަޤީޤަތުގައިވާ ހުނަރުވެރިކަމެވެ. ތިރީގައިވާ ކުރެހުމުން ދައްކައިދެވޭތޯ ބަލާފައި އެވަނީ މި ޢާއްމު ހުނަރުވެރިކަމެވެ. މީހަކު ދެ ބަސް ދަންނަ ނަމަ، އޭނާ ދައްކާ ވާހަކަ ދަތުރުކުރަނީ ތަފާތު ދެ ކާނަކުން ނުވަތަ ޗެނަލަކުންނެވެ. L1 ޗެނަލް ބޭނުން ކުރާއިރު، މާދަރީ ބަހުން ވާހަކަ ދައްކައެވެ. މި ޗެނަލުގެ ލަފުޒުތަކާއި ބަހުގެ އަޑުތަކާއި ގަވާއިދުތައް ތަފާތެވެ. މި ޗެނަލް އިޚްތިޔާރުކުރުމުން، މި ތަފާތުތައް ފާހަގަކޮށް އެގޮތަށް ވާހަކަދެއްކުން ފިކުރުން ބަދަލުކޮށްލައެވެ. L2 ޗެނަލް ޚިޔާރުކުރުމުން، އެ ބަހުގެ ހަމަތަކަށް ވާހަކަ އަނބުރާލައެވެ. ބަސްވާރުން، ޗެނަލް އިޚްތިޔާރުކުރުމަށް ކިޔަނީ ”ސްވިޗް“ ކުރުމެވެ. ސްވިޗްގެ އެއް މާނައަކީ އެއްޗެއްގެ ބަދަލުގައި އެހެން އެއްޗެއް ޚިޔާރުކުރުމެވެ. ނުވަތަ އެހެން އެއްޗަކަށް ބަދަލުކުރުމެވެ. ކަރަންޓް ދިއުން ފަހިކޮށް/ހުއްޓުވާ ސްވިޗަކީ މި ލަފުޒުގެ ޚާއްޞަ މާނައެކެވެ. ދެ ބަސް ދަންނަ މީހުން، ވާހަކަ ދައްކާއިރު، އެ ޗެނަލްގެ ހަމަތައް، އަނެއް ޗެނަލްގެ ހަމަތަކާ އޮޅޭގޮތް ވުމަކީ (އިންޓަރފަރަންސް އެރުމަކީ) ގިނައިން ދިމާވާ ކަމެކެވެ. މިކަމުން ވެސް، ސިކުނޑީގައިވާ ބަހުގެ ހުނަރުވެރިކަމުގައި، ޢާއްމު ކަންތައްތަކެއް ވާކަމަށް ހެކިދެއެވެ. ފަހެ، ދެބަހަކަށް އިންޓަރފަރަންސް އަރާ ގޮތްތަކާއި މިކަމާ ދެބަހުގެ ހަމަތަކާ ހުންނަ ގުޅުންތަކަކީ މާސްޓަރ ފެންވަރަށް ކިޔަވާ ކުދިން ޢާއްމުކޮށް ދިރާސާކުރާ ދާއިރާއެކެވެ.
އައިސްބާރގް މަޖާޒުގައި ޢާއްމު ހުނަރުވެރިކަން
ކަމިންސްގެ އައިސްބާރގް މަޖާޒުގެ މައިގަނޑު މޮޅު ކަމަކީ އެއިން ދެބަހަށް މީހަކު ކުޅަދާނަވާ ގޮތް، ހަނދާން ހުންނަން ފަސޭހަ ގޮތަކަށް އޮޅުންފިލުވައިދޭ ކަމެވެ. މިގޮތުގެ މަތިން، ކަމިންސް ހަދާގޮތަކީ ދެ ކުންނު ހިމެނޭ އައިސްބާރގެއްކުރަހަނީ އެވެ. މިހެން ކުރެހުމުން، މާދަރީ ބަހާއި ދެވަނަ ބަހުގެ ބޭރުފުށު ހުނަރުތައް ވަނީ އައިސްބާރގްގެ ކަނޑުން މަތީގައެވެ. ދެ ބަހުގެ ފިކުރީ/ދިރާސީ ހުނަރުވެރިކަން ވަނީ އަޑީގައެވެ. ދެވަނަ ބަހުގެ ހުނަރުވެރިކަން ވެސް މިފަދައެވެ. ދެން ކަމިންސް ފާހަގަކޮށްލަނީ އައިސްބާރގްގެ އަޑީގައިވާ ދެބަހަށް ޢާއްމު، ފިކުރީ/ދިރާސީ ހުނަރުވެރިކަން (ނުވަތަ ކޮމަން އަންޑަރލައިން ޕްރޮފިޝަންސީ CUP) ހުނަރުވެރިކަމެވެ. މިއީ ކުރެހުމުން ފާހަގަކޮށްލެވެނޭ ފަދައިން އައިސްބާރގްގެ ވަރަށް ބޮޑު ބައެކެވެ. ތިރީގައިވާ ތަޞްވީރަށް ވިސްނަވާށެވެ.
މޮޑްލްތައް ކުރަހާއިރު، ވަރަށް ސާދާކޮށް ކުރެހުމުން ދޭހަ ފަސޭހަވާތީ، މަތީގައިވާ ތަޞްވީރު ދުއިބަސްވާރުން ޢާއްމުކޮށް ކުރަހަނީ ތިރީގައިވާ ގޮތަށެވެ (ކަމިންސް، 1992).
މަތީގައި މި ބަޔާން ކުރެވުނު ނަޒަރިއްޔާ އަކީ، ދިރާސާތަކުގެ ހޯދުންތަކުން ތާކީދުކުރާ ނަޒަރިއްޔާއެކެވެ. އެހެންކަމުން، ތަޖުރިބާ އިން މި ނަޒަރިއްޔާ އަކީ ތެދުކަމަށް ޤަބޫލު ކުރެވެއެވެ. ކަމިންސް ފާހަގަ ކުރާގޮތުގައި، ނަގުލު ކުރެވޭ ކަންތައްތަކުގެ ތެރޭގައި – މަޢުނައީ ދެބަހަށް ޢާއްމު ކަންތައްތަކުގެ ތެރޭގައި – ދޭހައާ ބެހޭ ކަންކަމާއި، އަޑުތަކާ ބެހޭ ކަންކަމާއި، މަޒުމޫނުލިޔުމުގެ ހުނަރާއި، ފުންކޮށް ވިސްނުމުގެ ހުނަރުތައް ހިމެނެއެވެ. މާދަރީ ބަހުން އަމާނާތްތެރިކަން އެއީ ކޮން އެއްޗެއް ކަން އެނގޭ ކުއްޖާއަށް (L2 އަކީ އިނގިރޭސި ބަސް ނަމަ) ބޭނުންވާނީ ހަމައެކަނި އަމާނާތްތެރިކަމަށް އިނގިރޭސިބަހުން ކިޔަނީ ”އޮނަސްޓީ“ ކަން އެނގުމެވެ. މި ލޭބަލް ނުވަތަ ނަން އެނގެނިކޮށް L2 އިން އެ ޚިޔާލު ނުވަތަ ކޮންސެޕްޓް އޭނާއަށް ފަހުމްވާނެއެވެ. ނަމަވެސް، މާދަރީ ބަހުން އަމާނާތްތެރިކަން ނޭނގޭ ކުއްޖާއަށް އިނގިރޭސި ބަހުން އެ ކޮންސެޕްޓް ދެތުން ދަތިވާނެއެވެ. އެއް ބަހުން އަނެއް ބަހަށް ނަގުލު ނުކުރެވޭ ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑީ ބަހުގެ ގަވާއިދެވެ.
މަދަރުސާއެއްގައި ދެބަސް ދަސްކޮށްދެވޭ ގޮތްތައް ގިންތިކުރަން ކަމިންސް އިތުރު ޚިޔާލެއް ހުށަހަޅާފައި ވެއެވެ. އެއީ އެއްކުރާ (އެޑިޓިވް– additive) ގޮތާއި އުނިކުރާ (ސަބްޓްރެކްޓިވް– subtractive) ގޮތެވެ. ފުރަތަމަ ގޮތުގައި މާދަރީ ބަހާއި ސަގާފަތުގެ ތެރެއިން ދަރިވަރުގެ ވިސްނުން ކުރިއެރުވުމާ އެކު ބޭރު ބަސް ކިޔަވައިދެނީ އިތުރަށް އެއްކުރާ (ދަރިވަރުގެ ވިސްނުން މުއްސަނދިކުރާ) އެއްޗެއްގެ ގޮތުގައެވެ. ދެވަނަ ގޮތުގައި، ބޭރު ބަސް ތަޢާރުފުކުރަނީ މާދަރީ ބަހާއި މާދަރީ އާދަކާދަތަކުގެ ބަދަލުގައި އެކަންކަމަށް އުނިކަން ލިބޭ ގޮތެއްގައެވެ. ކަމިންސް (1994) ގެ ދިރާސާތަކުން ދައްކަނީ، ފުރަތަމަ ގޮތުން ދަރިވަރުން މާ މޮޅުވާ ކަމަށެވެ. ރާއްޖޭގެ ބައެއް މަދަރުސާތަކުގައި ދިވެހި ބަހުން ވާހަކަ ދައްކާ ނަމަ، ޖޫރިމާނާއެއް ދައްކަން ޖެހި އަދި އެ ނޫން ގޮތްގޮތުން ވަޠަނީ އާދަކާދަތަކަށް އިހާނަތްތެރިކޮށް ހިތައިގެން ބޭރުބަސް ކިޔަވައިދޭ އުކުޅުތަކަކީ ދިރާސީ ދަލީލުތަކުން ކުދިންނަށް ގެއްލުން ހުރި ކަންކަމެވެ.
ކަމިންސްގެ ނަޒަރިއްޔާއަކީ ތެދެއްކަމަށް ޤަބޫލުކުރެވޭ ފިކުރީ ހެކިތައް ވެއެވެ. ފިކުރީ އެއް ހެއްކަކީ، ދެ ބަހަށް ޢާއްމު ހުނަރުތަކެއް ނުވާނަމަ، މީހަކު ދެވަނަ ބަހުން އެއްޗެއް ބުނުމަކުން ޚުދު އޭނާއަށް އެ އެއްޗެއް މާދަރީބަހަކުން ނުވިސްނޭނެއެވެ. އެއީ ދެވަނަ ބަހަކީ މުޅިން ވަކި އެއްޗަކަށް ވާތީ އެވެ. މިހެން ނުވާކަމުން ޔަޤީންވަނީ، ދެބަހަށް ޢާއްމު ހުނަރުތަކެއް ވާކަމެވެ.
މާދަރީ ބަސް ރަނގަޅަށް ނުދަންނަނީސް، ބޭރު ބަހެއް ކިޔެވުން
ކުރިން ބަޔާން ކުރެވުނު ފަދައިން، ބަހެއް ދަސްކުރާއިރު، ދުވަހީ މުޢާމަލާތްތައް ކުރުމުގެ ޤާބިލިއްޔަތު ހޯދުމަށް، ނުވަތަ ބިކްސް (BICS) ފެންވަރަށް އައުމަށް ދެ އަހަރު ދުވަސް ވަރު ދެއެވެ. ނަމަވެސް ފިކުރީ/ދިރާސީ ބަހުގެ ޤާބިލިއްޔަތު ނުވަތަ ކެލްޕް (CALP) ހޯދުމަށް ފަސް އަހަރާއި ހަތް އަހަރު ދުވަސް ހޭދަވެއެވެ. މިއީ ބަހެއް ކިޔަވާއިރު އެކަމަށް ނަގާ މުއްދަތެވެ. މީހެއްގެ ޢުމުރެއް ނޫނެވެ. ދެން ފަހެ، ޢުމުރުން ހައެއްކަ އަހަރު ވާއިރު، ދަރިވަރުންނަށް މާދަރީބަހުން ވެސް ކެލްޕް ޤާބިލިއްޔަތު ލިބިފައެއް ނުވެއެވެ. މި ޢުމުރުފުރާގައި ބޭރު ބަހެއް ތަޢާރުފު ކުރުމުން ކުރިން ބަޔާންކުރި ޤާބިލިއްޔަތު ލިބިގަތުމަށް ވަކިން ދަތިވެއެވެ.
ކަމިންސް އިތުރަށް ފާހަގަކުރާ ގޮތުގައި، ބިކްސް ނުވަތަ ދުވަހީ މުޢާމަލާތްތަކުގައި ވާހަކަ ދެކެވޭ ޙާލަތްތައް އެ ވާހަކަ ދައްކާ މީހުންނަށް ފެނި އިޙްސާސް ކުރެވެއެވެ. މިސާލެއްގެ ގޮތުން މީހަކު ފިހާރައަކުން ކުންނާރު ގަންނައިރު، ސޭޓާއި ގަންނަ މީހާ އާ ދެމެދު ދެކެވޭ ވާހަކައިގެ ވެށި ދެފަރާތަށް ސާފުކޮށް އެނގެއެވެ. އެއްޗެއް އޮޅުން ނުފިލާނަމަ، އޮޅުންފިލުވާދިނުމަށް ތަފާތު އިޝާރާތްތައް ކުރެވެއެވެ. ތަކުރާރުކުރުމާއި އެއްޗަކަށް އިޝާރާތް ކުރުން ފަދަ ކަންކަން ކުރެވެއެވެ. ވާހަކަދެކެވޭ ވެއްޓަށް ކަމިންސް ކިޔަނީ ކޮންޓެކްސްޓް (ވެށި) އެވެ. ލިޔެފައިވާ ޖުމުލައެއްގެ ކޮންޓެކްސްޓް އަކީ އެ ޖުމުލައެއްގެ ކުރީ ޖުމުލައާ ޖެހިގެން ފަހަތަށް އޮތް ޖުމުލައެވެ. ފެނިދެނިވާ ވެއްޓާ ގުޅުން ބޮޑުކަމުން، ދެކެވޭ ވާހަކަ ވަރަށް ސާފެވެ. އައިސްބާރގް މަޖާޒުގައި ފެންނަން އޮންނަ ބަޔަކީ މި ކޮންޓެކްސްޓް އެވެ.
މިއާ ޚިލާފަށް، ފިކުރީ/ ދިރާސީ ހުނަރުވެރިކަން ބޭނުންވާ ބަހުގެ ޤާބިލްކަމުގައި، ވާހަކަ ދެކެވޭނީ ނުފެންނަ، އަތްނުލެވޭ ނުވަތަ އެހެންވެސް ޙިއްސަކަށް އިޙްސާސް ނުވާ ފަދަ އެބްސްޓްރެކްޓް، ތަޖުރީދީ ކަންތައްތަކާ މެދުއެވެ. މިފަދަ ޙާލަތްތަކުގައި ދެކެވޭ ވާހަކައިގައި، ދަރިވަރުންނަށް ސީދާ ތަޖުރިބާ ކުރެވޭ، ފަސޭހައިން ދޭހަވާ މިސާލު މަދުވާނެއެވެ. ދެކެވޭ ވާހަކަ އެނގޭނީ ބަސް ރަނގަޅަށް އެނގިގެންނެވެ. އެއީ ވާހަކަ އޮޅުން ފިލުވުމަށް ބަސް ނޫން އެހެން އެހީތެރިކަމެއް ނުވާތީއެވެ. ދެކެވޭ ވާހަކައިގެ ވެށީގައި ވާހަކަ ދެތުމަށް ބޭނުން ކުރެވޭނޭ ނިޝާންތައް ވަރަށް މަދުކަމުން ކަމިންސް މި ބައި ސިފަކުރަނީ އުނި ނުވަތަ ނިޝާންތައް މަދު ވެއްޓެއްގެ ގޮތުގައެވެ (ކޮންޓެކްސްޓް-ރިޑިއުސްޑް ކޮންޓެކްސްޓް އެއްގެ ގޮތުގައެވެ.) މިއީ އައިސްބާރގް މަޖާޒުގައި، ކަނޑުގެ އަޑީގައިވާ ބައެވެ. ބޮޑު ބައެވެ.
ދުއިބަސްވާރުން، ދެ އައިސްބާރގްގެ މަޖާޒު ބޭނުންކޮށްގެން، ދެ ބަހަށް ހުނަރުވެރިވާގޮތް ސޫރަކުރަނީ ފުރިހަމައަށް ދެބަހަށް މޮޅު ނަމަ ހުންނަން ޖެހޭ ހުނަރުވެރިކަމުގެ އައިސްބާރގްގެ އެއްބައިގައި ކުލަ ނުޖައްސައެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވާ ކުރެހުމުގައި އެވަނީ، ބިކްސް ނުވަތަ އަސާސީ މުޢާމަލާތްކުރުމުގެ ޤާބިލްކަން ދެބަހުން ވެސް ޙާޞިލްކޮށްފައެވެ. ނަމަވެސް، ދެބަހުން އެއް ބަހަކުން ވެސް ފިކުރީ/ދިރާސީ ހުނަރުވެރިކަން ޙާޞިލްކޮށްފައެއް ނުވެއެވެ. A އާއި B އިން ފާހަގަކޮށްފައި އެވަނީ L2 އިން ކެލްޕް ޙާޞިލް ނުވާ މިންވަރެވެ. B އާއި C އިން ފާހަގަކޮށްފައި އެވަނީ މާދަރީ ބަހުން، L1 އިން، ކެލްޕް ޙާޞިނުވާ މިންވަރެވެ. ކަޅުކުލައިގައި އެވަނީ މިހާރު ލިބިފައިވާ މިންވަރުން ދެ ބަހަށް ޢާއްމުވެގެންވާ ފިކުރީ/ދިރާސީ ހުނަރުވެރިކަމެވެ. ފާހަގަ ކުރެވޭނޭ ފަދައިން، L2 އިން ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި، މާދަރީ ބަހުން އެކަން ކުރެވޭނޭ މިންވަރު B އިން ފާހަގަ ވެއެވެ. C ގައި އެވަނީ މާދަރީ ބަހަށް ޚާއްޞަ ވެގެންވާ ކެލްޕް އެވެ. އެއީ A އިން L2 އަށް ނިސްބަތްވާ ކެލްޕް ގެ ޚާއްޞަ ހުނަރުވެރިކަން ފާހަގަވާ ފަދައިންނެވެ. މިއީ މިފަދަ ކުރެހުންތަކުން މުރައްކަބު ކުރެހުމެކެވެ. ސާދާ މިސާލުތަކުން މިފަދަ ކުރެހުމަކަށް އާދެވޭނޭ ގޮތް، ރޯސިންގ އާއި ކޯވަރ (2003) ގައި ވެއެވެ. މިފަދަ ހުރިހާ ކުރެހުމަކުން ތާކީދުވާނޭ ޚިޔާލަކީ، މާދަރީ ބަހަށް މޮޅުވުމުން ވަރަށް ފަސޭހައިން ވަރަށް ރަނގަޅު ފެންވަރަށް ބޭރު ބަސް ދަސްކުރެވޭނޭ ކަމެވެ. އެއީ އެތައް ބަހަކަށް ޢާއްމު ހުނަރުތަކެއް، ހުރިހާ ބަހެއްގައިވެސް ވާތީއެވެ. ފަހެ، މަތީ ފެންވަރުގެ ހުނަރުވެރިކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ މާދަރީ ބަހުންނެވެ.
ކަމިންސްގެ ނަޒަރިއްޔާ އާއި ކިޔަވައިދިނުމުގެ ތަޖުރިބާ
ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ބަލި ޤައުމުތައް އިސްތިޢުމާރުކޮށް، ބާރުގަދަ ޤައުމުތަކުގެ ބަހުން މަދްރަސީ ތަޢުލީމު ދިނުމަކީ، ޢާއްމު ކަމެކެވެ. މިކަން އެންމެ ބޮޑީ އެފްރިކާގައެވެ. ބައެއްގެ އަޅުވެތިކަމުގެ ދަށުގައިވުމުން، އަމިއްލަ އާދަކާދަތަކާއި ގޮތްތަކަށް އޮންނަ އިތުބާރު ގެއްލި، އަމިއްލަ ނަފުސާ ދޭތެރޭ އޮންނަ ޔަޤީންކަން ކުޑަވެއެވެ. އިސްތިޢުމާރު ކުރި ފަރާތްތަކުގެ ގޮތްތަކާއި ބަހަކީ މޮޅު ތަކެތި ކަމަށް ދެކެއެވެ. އިސްތިޢުމާރީ ވެރިން، އެމީހުންގެ ގޮތްތައް ދަމަހައްޓަން އެމީހުންގެ ބަސް އަޅުވެތިވި ޤައުމުގައި ފަތުރައެވެ. އެފްރިކާގެ އެތައް ޤައުމެއްގައި ފަރަންސޭސި ބަހުން ނުވަތަ އިނގިރޭސި ބަހުން ކިޔަވައިދެނީ އެހެން ވެގެންނެވެ. ނަމަވެސް، މިފަދަ ޤައުމުތަކުގައި ވެސް، ދަރިވަރުންގެ ގޭގައި ވާހަކަ ދައްކަނީ އެކުދީންގެ މާދަރީ ބަހުންނެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް، މި ރަށްރަށުގެ ޤައުމިއްޔަތު ދިރި، ދުއިބަސްވާރުންގެ ދިރާސާތަކުގެ ޢަލީގައި، ބައެއް މަދަރުސާތައް މާދަރީ ބަހުން ކިޔަވައިދޭން ފަށައި، ނަތީޖާތައް ވަޒަން ކުރަން ފެށިއެވެ. ދިރާސާވެރިންނަށް ފާހަގަކުރެވުނީ، މާދަރީ ބަހުން ކިޔަވައިދިނުމުން ދަރިވަރުންގެ ނަތީޖާ މާބޮޑަށް ރަނގަޅު ކަމަށެވެ. ދަރިވަރުން، ހަމައެކަނި ތަޢުލީމީ ގޮތުން މޮޅުވަނީކީ ނޫނެވެ. ދަރިވަރުން މާދަރީ ބަހަށާއި ފަރަންސޭސި ބަހަށް ނުވަތަ އިނގިރޭސި ބަހަށް ވެސް ކުރިއަށް ވުރެ މޮޅުވެއެވެ. ފަރަންސޭސި ބަސް ނުވަތަ އިނގިރޭސި ބަސް ކިޔަވައިދޭން ފަށާ ޢުމުރުފުރާ މަތިކުރުމުން ބޭރު ބަހަށް ދަރިވަރުން މޮޅުވަނީ ކީއްވެ ހެއްޔެވެ؟ މިއީ ހައިރާން ކުރުވަނިވި ކަމެއް ނޫން ހެއްޔެވެ؟ ގިނަ ދުވަހު ކިޔެވި ވަރަކަށް ދަރިވަރުން ވާންވާނީ ފަހެ މޮޅެއް ނޫން ހެއްޔެވެ؟ ވާގޮތް އޮޅުން ފިލަނީ ކަމިންސްގެ ދެ އައިސްބާރގް ނަޒަރިއްޔާ އިންނެވެ. ޅަ އުމުރުފުރާގައި މާދަރީ ބަހަށް ދަރިވަރުން ބޮޑަށް ފަރިތަވުމުން، މާދަރީ ބަހުގެ ކެލްޕް ނުވަތަ ފިކުރީ/ދިރާސީ ޤާބިލިއްޔަތު މަތިވެއެވެ. މި ޤާބިލިއްޔަތުގެ ބޮޑު ބަޔަކީ، އެއް ބަހުން އަނެއް ބަހަށް ނަގުލު ކުރެވޭ ހުނަރުތަކެކެވެ. އެތައް ބަހަކަށް ޢާއްމު ޤާބިލިއްޔަތެކެވެ. ކޮމަން އަންޑަރލައިން ޕްރޮފިޝަންސީ (CUP) އެވެ. އެހެންކަމުން، މާދަރީ ބަހުން މި ބައި ލިބުމުން، ބޭރު ބަހުން އެ ބައި ބޭނުން ކުރެވި އެ ބަހަށް މޮޅުވަނީ އެވެ. މާދަރީ ބަހުން މި ޢާއްމު ފިކުރީ/ދިރާސީ ޤާބިލިއްޔަތު މާ އަވަހަށް މާ ފުންކޮށް ދަސްކުރެވެއެވެ.
އެފްރިކާގެ ޤައުމުތަކުގެ އިތުރަށް އެހެން ޤައުމުތަކުގައި މި ދިރާސާތައް ތަކުރާރުކުރުމުން ހަމަ މި ހޯދުން ތާކީދުކުރެވިފައި (ކޮންފާމް ކުރެވިފައި) ވެއެވެ. ތިރީގައި ލުއިގޮތަކަށް މި ތަރުޖަމާކޮށްލަނީ ޔޫރަޕުގެ ޤައުމެއްގައި ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާއެވެ. އިނގިރޭސިބަހުން މި ލިޔުން ކިޔުއްވުމަށް މި ޖުމުލައަށް އޮބާލައްވާށެވެ.
މާދަރީބަހަށް ބޮޑަށް ސަމާލުކަން ދިނުމުން، މާދަރީބަހުން ތަކެތި ލިޔެކިޔުމަށް މޮޅުވެއެވެ. މިއާ އެކު، ބޭރު ބަހަށް ވަކި ދަށެއް ނުވެއެވެ. މިއާ ޚިލާފަށް، ބޭރު ބަހުން (ޑަޗް ބަހުން) އުނގެނުނު ކުދިން ހޯދި ނަތީޖާ ތަކަށް ވުރެ މާދަރީ ބަހުން ކިޔެވި ކުދިންގެ ނަތީޖާ މާ ރަނގަޅުވާ ގޮތެއް ހުރެއެވެ. މިއާއެކު، މާދަރީ ބަހުން ކިޔެވި ކުދިން ދެ ބަސް ވެސް ދަސްކުރުމަށް ޝައުޤުވެރިކަން ބޮޑެވެ. އަދި މި ދިރާސާއިން ބަސްތަކަށް ޢާއްމު ހުނަރުތަކެއް ހުންނަކަމަށް ދަލީލު ލިބެއެވެ. ދުއިބަސްވެރިކަމާ ބެހޭ ގޮތުން ކުރެވުނު މި ދިރާސާއިން އެއް ބަހެއް ދެތުމުގެ ހުނަރުތައް ފަހުން ދަސްކުރާ އެހެން ބަހެއް ދެނެގަތުމަށް ނަގުލުކުރެވޭކަން ހޯދުނެވެ. (ކަމިންސް، 2005، ޞ. 5)
މާދަރީ ބަހަށް މަދްރަސީ ތަޢުލީމު ބަދަލުކޮށްލި ގިނަ ޤައުމުތަކުގައި، މާދަރީ ބަހުން ކިޔަވައިދެނީ ޢުމުރުން އެގާރަވަރަކަށް އަހަރު ވަންދެންނެވެ. ޔޫރަޕާއި އެހެން ޤައުމުތަކުގައި ކުރި އެތައް ދިރާސާތަކެއްގެ މެޓާއެނަލީސިސް އަކުން ދެއްކީ ހަމަ އެއް ނަތީޖާއެވެ. މި ޙާލަތުގައި، މެޓާއެނެލީސިސް ގެ މާނައަކީ ކަމަކާ ބެހޭ ގޮތުން ކޮށްފައިވާ އެތައް ދިރާސާތަކެއް ބަލައި، އެ ދިރާސާތަކުގެ މައްޗަށް ދިރާސާއެއް ކުރުމެވެ. ދެއްކި ނަތީޖާ އަކީ، ޅަފުރާގައި މާދަރީބަހުން ކިޔަވައިދިނުމަކީ މާދަރީ ބަހަށާއި ބޭރުބަހަށް މޮޅުވާ ކަމެކެވެ.
ރާއްޖޭގައި ވެސް މިފަދަ ކުދިކުދި ތަޖުރިބާތައް ކުރެވިފައި ވެއެވެ. އަޅުގަނޑު މަޖީދިއްޔާ ހިންގުމުގައި އުޅުނު ދުވަސްވަރު، އިނގިރޭސި ކިޔަވައިދޭ ޓީޗަރަކު ތަޢުލީމީ ވުޒާރާގެ ފަންނީ ވެރިއަކަށް ވިއެވެ. ދެން އޭނާގެ ނުފޫޒުންނާ އެކު، ދަރިވަރުން އިނގިރޭސި ބަހަށް މޮޅުކުރުމަށް ހިތާ، ސާނަވީ ކިލާސްތަކުގައި، ކުރިން ހަފުތާއަކު އިނގިރޭސި ކިޔަވައިދޭ 7 ގަޑީގެ ބަދަލުގައި 9 ގަޑީގައި އިނގިރޭސި ކިޔަވައިދޭ ގޮތަށް ހަމަޖެއްސިއެވެ. އޭގެ ހައެއްކަ އަހަރު ފަހުން ނަތީޖާތައް ބެލިއިރު، ދަރިވަރުން މޮޅެއް ނުވިއެވެ. ގިނަ ދަރިވަރުންގެ ފެންވަރު ގިނަ މާއްދާތަކަށްވީ ދަށެވެ. މިދެންނެވި އިނގިރޭސި ޓީޗަރު، ކަމިންސްގެ ދިރާސާތަކެއް އަޑު އަހާފައެއް ނުވާނެއެވެ. ކަމިންސްގެ ދިރާސާތައް ޢާއްމުވީ ފާއިތުވީ ޤަރުނުގެ ފަހުކޮޅުގައެވެ. ފަހެ، އެއްވެސް ބަހެއް، އެކަހެރި ވެއްޓެއްގައި، ފަހުން ބޭނުންކުރާގޮތަށް ދަސްކުރާކަށް ފަސޭހައެއް ނުވާނެއެވެ. މި ސަބަބާ ހުރެ، މި ޒަމާނުގައި ބޭރުބަސް ކިޔަވައިދޭން ގެންގުޅޭ އެއް އުކުޅަކީ ކޮންމެވެސް އޮށްޓަރު ހިމެނޭ މާއްދާއެއްގެ ތެރެއިން އެ ބޭރު ބަސް ކިޔަވައިދިނުމެވެ. މިގޮތަށް ކިޔަވައިދޭ ކިޔަވައިދިނުމަށް ކިޔަނީ އޮށްޓަރާއި ބަސް އެއްކޮށްގެން ކިޔަވައި ދިނުމެވެ (ކޮންޓެންޓް އެންޑް ލޭންގްވިޖް އިންޓަގްރޭޓިޑް ލާރނިން (CLIL) އެވެ).
ދެން ތިޔަ ބޭފުޅުން ކުރައްވާނެ ސުވާލަކީ، ދިރާސާތަކުން މާދަރީބަހުން ފަށާ ތަޢުލީމު ދިނުމަކީ ދަރިވަރުންނަށް މާ ބޮޑަށް މަންފާކުރާކަމެއް ކަމަށް ދައްކާއިރު، އެކަން އެގޮތަށް ނުކުރަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި އަޅުގަނޑު ކުރު ވާހަކައެއް ދަންނަވާލާނަމެވެ. މީގެ ހައެއްކަ އަހަރު ކުރިން، މުޅި ދުނިޔެއަށް މަޝްހޫރު އިނގިރޭސިވިލާތުގެ ދުއިބަސްވާރެއް މާލެ އައިސް، ޤައުމީ ޔުނިވާރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުން އިންތިޒާމް ކުރި ތަޤްރީރެއް ކުރިއެވެ. އެ ތަޤްރީރުގައި، ދުއިބަސްވެރިކަމުގެ އެތައް ދިރާސާތަކަކާއި އޭގެ ނަތީޖާ އޭނާ ހުށަހެޅިއެވެ. އެ ބައްދަލުވުމުގައި އަޅުގަނޑުގެ އިތުރުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބައެއް ފަންނީ މީހުން ޝަރީކުވިއެވެ. މި ތަޤްރީރުގެ ރެކޯޑިން އެއް މިހާރުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި އޮންނަން ވާންވާނެއެވެ. ތަޤްރީރުގެ ބައެއް އަޅުގަނޑުގެ ފޯނުން ވެސް ރެކޯޑު ކުރީމެވެ. އޭނާގެ ތަޤްރީރުގައި ދިރާސާތަކުން ދައްކާ ނަތީޖާއަކީ ކައުންޓަރއިންޓުއިޓިވް ނަތީޖާއެއް ކަމަށް ތަކުރާރުކޮށް ބަޔާން ކުރިއެވެ. ކައުންޓަރއިންޓުއިޓިވް ނަތީޖާއަކީ، ޢާއްމު ވިސްނުމުން ބަލާއިރު ނިކުމެގެންނުވާނޭ ނަމަވެސް ޙަޤީޤީ ނަތީޖާ އެވެ. މިސާލެއްގެ ގޮތުން، ދުންފިނި ނުވަތަ މުޅޮއް ވަޔަށް ވުރެ ލުއިވެފައި، ވިލާގެ ގޮތުގައި މައްޗަށް އަރާކަމާއި ހޫނުފެން ފިނިފެނަށް ވުރެ އަވަހަށް ގަނޑުވެދާނެ ކަމާއި ގަސް ހެދެން ފެން ކޮންމެހެން ބޭނުންވާ އިރު، ފެން ގިނަވެއްޖެ ނަމަ ގަސް މަރުވެދާނެކަން ފަދަ ކަންކަމަކީ ވިސްނުމާ ޚިލާފު ނަމަވެސް ޙަޤީޤަތެވެ.
ކޮންމެއަކަސް ސުވާލުގެ ވަގުތުގައި، އަޅުގަނޑަށް ފާހަގަކުރެވުނީ އޭނާ ހުށަހެޅި ދިރާސާތަކަށް ބައެއް ދިވެހީންކުރީ ޖަދަލުކަމެވެ. ދުއިބަސްވެރިކަމުގެ ޕްރޮފެސަރަކަށް ވުރެ ދުއިބަސްވެރިކަމުގެ ތަޢުލީމެއް ނެތް ބައެއް ދިވެހީން މާ ”މޮޅު“ ކަމެވެ. ތަޢުލީމީ ދާއިރާގެ ބައެއް މީހުންގެ ސިކުނޑިއަކީ ހިތްކަމެވެ. ދެން، އަނގަމަޑުކަމުން އަމިއްލަ ގޮހޮޅުކަން ބޭޒާރުނުވީތީ ޝުކުރުވެރިވެ، ލަދުން އިސްޖަހައިގެން ފަހަތު ގޮނޑިބަރީގައި އިނީއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުގެންނަށް ބޭނުންވާ ވިސްނުމެއް ދާއިރާގެ އިސް މީހުންގެ ކިބައިގައިވެސް ނުވިއެވެ.
މިހެން މިކަންވެފައި ވަނިކޮށް، ސަރުކާރުގެ ފަރާތުން ކަރިކިޔުލަމް އާ ބެހޭ ސިމްޕޯސިއަމްއެއް މާލޭގެ ބޮޑު ދަރުބާރުގޭގައި ބާއްވައިފިއެވެ. މިކަމެއް ހިނގީ 2009 ވަނަ އަހަރުއެވެ. އެ ދުވަސްވަރު، އަޅުގަނޑު ހިމެނުނީ ތަޢުލީމީ ނިޒާމަށް ގެންނަންވީ ބަދަލުތަކާ މެދު އައު ވިސްނުންތަކެއް ކުރުމަށް އެކުލަވާލެވުނު ”ތިންކްޓޭންކް“ އެއްގައެވެ. ތިންކްޓޭންކް ކިޔަނީ މައްސަލައަކާ މެދު ޚިޔާލުތައް އުފައްދައި، ހުށަހެޅުންތަކާއި ކުރަންވީ ޢަމަލުތައް ފިކުރުކުރުމަށް، ގިނަ ފަހަރު، ސަރުކާރުގެ ފަރާތުން އެއްކުރާ މާހިރުންގެ ޖަމާޢަތަކަށެވެ. މި ޖަމާޢަތުގައި ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި އުޅުއްވި އަމީނާ މުޙައްމަދު ދީދީ ވިއެވެ. މިކަމަނާ އެ ސިމްޕޯސިއަމްގައި، ރާއްޖޭގެ ޕްރައިމަރީ ތަޢުލީމު ގްރޭޑް 3 އާ ހަމައަށް ދިވެހި ބަހުން ކިޔަވައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ތިރީގައި އެވާ ވީޑިއޯގައި އެވަނީއެވެ. އެ ކަމަނާ ގްރޭޑް 3 ކަމަށް ކަނޑައެޅުއްވީ، ރާއްޖޭގެ މީހުންގެ ވިސްނުން ހުރިގޮތުން، ގްރޭޑް 7 ކަމަށް ހުށަހަޅައިފި ނަމަ، އެ ޚިޔާލަށް ކުރެވޭ އިޢުތިރާޟްގެ އަޑު ގަދަވެދާނެތީ ކަމަށް ވަކި ބައްދަލުވުމެއްގައި ވާހަކަ ދެއްކެވިއެވެ. މި ސިމްޕޯސިއަމްގެ ނިންމުންތައް، މާކުރިން ބަޔަކު ލިޔެ ނިންމާފައިވާ ކަމަށް ވާހަކަ ދެކެވި، ސިމްޕޯސިއަމްއަށް ހުށަހެޅި ކަރުދާސްތަކާއި ޚިޔާލުތައް، އެ ދުވަސްވަރުގެ ސިޔާސީ ހަލަބޮލި ކަނޑަށް އަޑިއަށް ދިޔައީއެވެ. އިޚްލާޞްތެރިކަމެއް ނެތް ނަމަ، ޢަމަލަކުން އަރުތައެއް ނުލިބޭނެއެވެ.
މިހާ ހިސާބުން ދެން އަޅުގަނޑު ދަންނަވާލާނީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު މުޅިން އިނގިރޭސި ބަހަށް ބަދަލުވިކަމަށް އަޅުގަނޑު ޤަބޫލު ކުރާ ގޮތެވެ. ފުރަތަމަ ޤާނޫނު އަސާސީން އިލްޒާމީ ތަޢުލީމު މަޖުބޫރުކުރުމާ ގުޅިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެވެސް ފެންވަރެއްގައި މަދަރުސާއެއް ޤާއިމްކުރެވުނެވެ. ނާޞިރު ދައުރުގައި، މި މަދަރުސާތަކުން އެތައް ތަނެއް އުވި، މާލެ ފިޔަވައި، ސަރުކާރުން ހިންގާ މަދަރުސާއެއް ނުހުންނަ ގޮތަށް ހަމަޖެހުނެވެ. ރާއްޖެތެރޭގައި ފަށާ ތަޢުލީމު ދެވަނަ ފަހަރަށް ޢާއްމުވީ ކޮމިޔުނިޓީ ސްކޫލްތަކުގެ ނަމުގައި، ބޭރުގެ އެހީއާ އެކު އެޅުނު ފަށާ ތަޢުލީމުދޭ މަދަރުސާތަކެއްގެ ސަބަބުންނެވެ. މި މަދަރުސާތަކުގައި، މައިގަނޑު ގޮތެއްގައި ކިޔަވައިދެމުން އައީ ދިވެހިބަހުންނެވެ. ޓެކްސްޓްފޮތްތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން އެކުލަވާލަމުން ގެންގޮސްފައި ވިއެވެ. މަދަރުސާތަކުގެ ފެންވަރު ކަނޑައެޅުމަށްޓަކައި، މި ދުވަސްވަރު ޖޫނިއަރ ސްކޫލް ސަރޓިފިކެޓް (ޖޭ.އެސް.ސީ) އިމްތިޙާނުގެ ނަމުގައި، ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ސަރުކާރުން އިމްތިޙާނެއް ތަޢާރަފު ކުރެވުނެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މި އިމްތިޙާނުގައި ބައިވެރިވެވެއެވެ. ޖޭ.އެސް.ސީ އިމްތިހާނުން ވަކި ފެންވަރަކުން ފާސްވެގެން ނޫނީ، ގްރޭޑް 8 އަށް ނުވަދެވޭތީ، މި އިމްތިޙާނު ވީ ސިޔާސީ ގޮތުން ވަރަށް ބޮޑު މައްސަލައަކަށެވެ. މިކަންކަން ހިނގަމުން ދިޔަ ގޮތް އަޅުގަނޑަށް ވަރަށް ބޮޑަށް އެނގެއެވެ. އެއީ ޖޭ.އެސް.ސީގެ ތިން ޓެކްސްޓް ފޮތެއް، ”އެސެންޝަލް މެތެމެޓިކްސް“ އާއި ”ޖެނެރަލް ސައިންސް“ގެ ނަމުގައި އަޅުގަނޑު ލިޔެފައިވާތީ އާއި ހިސާބާއި ސައިންސް އިމްތިޙާނު ކަރުދާސްތައް އެކުލަވާލަނީ ނުވަތަ ބައެއް ފަހަރު މޮޑަރޭޓް ކުރަނީ އަޅުގަނޑު ކަމަށްވާތީ އެވެ. އަދި މި އިމްތިޙާނު އެންމެ ފަހުން އޮތް ފަހަރު، މުޅި އިމްތިޙާނުގެ ވިލަރެސްވެރިޔާއަކީ އަޅުގަނޑު ކަމަށް ވީތީއެވެ. ކޮންމެ އަކަސް، އާޚިރު ނަތީޖާއަކަށްވީ، އެ ދުވަސްވަރު ވަޒީރުކަމުގައި ހުންނެވި ޒާހިރު ޙުސައިންގެ ބަދަލުގައި، މައުމޫންގެ ކޮއްކޯފުޅު، ޢަބްދުﷲ ޙަމީދު ވަޒީރުކަމަށް ހަމަ ޖެހުމެވެ. އަދި ޖޭ.އެސް.ސީ އިމްތިޙާނު އުވުމެވެ. މިހާ ހިސާބުން ގްރޭޑް 8 އުފައްދަން ރާއްޖެތެރޭ މަދަރުސާއަކުން ބޭނުން ވެއްޖެނަމަ، ޖެހެނީ ތަޢުލީމީ ވުޒާރާއިން ދޭ އިމްތިޙާނަކުން ވަކި ޢަދަދެއްގެ ދަރިވަރުން ފާސްވާށެވެ. ފުރަތަމަ ކޮޅުގައި، މި އިމްތިޙާނު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން އޮތެވެ. ޢަބްދުﷲ ޙަމީދުގެ ދުވަސްވަރަކީ ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އައި ދުވަސްވަރެކެވެ. އޭނާ ނިޔާވުމުން އަޅުގަނޑު ލިޔެފައިވާ ލިޔުމެއް މި ޖުމުލައަށް ފިއްތަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އުފެއްދުންތެރި ޚިޔާލުތައް ޙަމީދު ނެރުއްވި ގޮތްތަކާ ދޭތެރޭ އަޅުގަނޑު ކުޑަކޮށް ހައިރާންވެގެން އެދުވަސްވަރު އުޅުނީމެވެ. ފަހުން، އެހެން ކަމަކާ ގުޅިގެން މުޙައްމަދު އަމީން ދައުރުގެ ހުރިހާ ނޫސްތަކެއް ކިޔުމުން އަޅުގަނޑަށް ވިސްނުނީ، ޢަބްދުﷲ ޙަމީދު ކުރެއްވި އުފެއްދުންތެރި ކަންކަމަކީ މަދްރަސަތުއްސަނިއްޔާގައި، މުޙައްމަދު އަމީން ދައުރުގައި، ދަރިވަރެއްގެ ގޮތުގައި އޭނާ ތަޖުރިބާ ކުރެއްވި ކަންކަން ކަމެވެ.
ޢަބްދުﷲ ޙަމީދު ދުވަސްވަރު ހިނގާދިޔަ އެންމެ ބޮޑު އެއްކަމަކީ، ރައީސް އަކަށް ހުންނެވި މައުމޫންގެ ޅިޔަނު، އިލްޔާސް އިބްރާހީމް، ވެރިކަން ހޯއްދަވަން އުޅުއްވުމުން އައި ހަމަނުޖެހުމެވެ. އޭރު އިލްޔާސް ހުންނެވީ ރާއްޖެތެރެއާ ބެހޭ ވަޒީރުކަމުގައެވެ. މިކަން ހާސާވުމުން، [އިލްޔާސްގެ އަސަރުތައް ކުޑަކުރުމަށް؟]، ރާއްޖޭތެރެއާ ބެހޭ ވަޒީރުކަމަށް، ކޮއްކޯފުޅު، ޢަބްދުﷲ ޙަމީދު ހަމަޖައްސަވައި، ތަޢުލީމީ ވަޒީރުކަމަށް ޢައްޔަނު ކުރެއްވީ، ރާއްޖެތެރެއާ ބެހޭ ވުޒާރާގައި ހައެއްކަ މަހު ވަޒީރުގެ ނާއިބަކަށް ހުންނެވި މުޙައްމަދު ލަޠީފެވެ. އެއީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ރާއްޖެތެރޭ މަދަރުސާތަކާ ބެހޭ ބައިގެ އިސްވެރިއަކަށް މި ދުވަސްވަރު ހުންނެވީ އަޙްމަދު އަންވަރެވެ. މި ދެވެރިން ވެސް، މި މަޤާމުތަކުގައި ތިއްބަވައިގެން ދެ ބޭފުޅުން ތިން އަތޮޅެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެއްވިއެވެ. މިހެން ކަމުން، ވަސީލަތްތައް ރާއްޖެތެރޭގެ މަދަރުސާތަކަށް ބެހުމާއި ގްރޭޑް 8 އުފެއްދުން ސިޔާސީ ވެފައިވީ ކަމަށް ދާއިރާގެ ދެތިން އިސްވެރިން އަޅުގަނޑަށް ތަފްޞީލުތަކާ އެކު މަޢުލޫމާތު ދީފައި ވެއެވެ.
މާ ގިނަ ދުވަހެއް ނުވަނީސް، ރާއްޖެތެރޭގެ މަދަރުސާތަކުގެ ގްރޭޑް 8 އަށް ވަނުމަށް ދަރިވަރުން ހަދަން ޖެހޭ އިމްތިޙާނު އިނގިރޭސި ބަހުން އެކަނި އޮންނަ އިމްތިޙާނަކަށް ވެއްޖެއެވެ. ތަޢުލީމީ ހަރުބަހެއްގައި ބުނެއެވެ. ދަރިވަރުން ކިޔަވާ ތަކެއްޗާއި ގޮތް ކަނޑައަޅަނީ އެ ކުދިން ފަހު ގްރޭޑްގައި ހަދަން ޖެހޭ އިމްތިޙާނެވެ. ތަޢުލީމީ ގޮތުން ކުރިއަށް ދިއުމަށް ހަދަން ޖެހޭ އިމްތިޙާނަކީ، ހަމައެކަނި އިނގިރޭސި ބަހުން އޮންނަ އިމްތިޙާނަކަށްވުމުން، އަދި ދަރިވަރުން ގްރޭޑް 8 އަށް ބަދަލުވާން ބޭނުން ނަމަ، މި އިމްތިޙާނުން ފާސްވާން ޖެހޭތީ ދެން ވީ ވާންވީ ގޮތެވެ. އާދެ! ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުން ފަށާ ތަޢުލީމުގެ ފޮތްތައް ދެ ބަހުން ޗާޕުކުރިއަސް، ރާއްޖެތެރޭ މަދަރުސާތަކުގައި ކިޔަވައިދޭން ހަމައެކަނި އިނގިރޭސި ފޮތްތައް ބޭނުން ކުރަން ފެށުމެވެ. ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކަށް އޮންނަ ޑިމާންޑް ނެތެމުން ދިއުމެވެ. ފުރަތަމަ ކޮޅުގައި، ކިޔަވައިދެނީ ދިވެހިބަހުން ކަމުގައި ވިއަސް ބޭނުން ކުރަން ފެށީ އިނގިރޭސި މީޑިއަމްއަށް ތައްޔާރުކޮށްފައިވާ ފޮތްތަކެވެ. ކަރިކިޔުލަމް ފޮތްތައް ލިޔުމުގައި އެންމެ ގިނަ ދުވަސްވީ ފަރާތުން ވިދާޅުވިގޮތުގައި، ދިވެހިބަހުން އެންމެ ފަހުން ޗާޕުކުރެވުނީ އިޖްތިމާޢީ ޢިލްމުގެ ފޮތެކެވެ. އެއީ ގާތްގަޑަކަށް 2000 ވަނަ އަހަރު އެވެ.
މި ބަދަލަށް އަސަރުކުރުވި މައިގަނޑު އަނެއް ނުފޫޒަކީ، މާލޭގެ ސަރުކާރުގެ މަދަރުސާތައް 1961 އަހަރުން ފެށިގެން އިނގިރޭސި މީޑިއަމަށް ބަދަލުކޮށްފައި ވުމެވެ. އެއް ޤައުމެއްގައި، ސަރުކާރުން ހިންގާ މަދަރުސާތަކުގެ މީޑިއަމް އެކި ރަށްރަށުގައި އެކި ގޮތްގޮތަށް އޮތުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ރާއްޖެތެރޭގެ ގިނަ ރަށްރަށުގެ ވިސްނުން ހުންނަނީ މާލޭގައި ކަންކުރާ ގޮތަށް ކަންކަން ކުރުމެވެ. އެއީ ދެރަގޮތެއް އަދި ނުރަގަނޅު ގޮތެއްކަމުގައި ވިއަސް މާލޭގެ ގޮތްތައް ފިކުރެއް ނެތި ތަޤްލީދު ކުރުމެވެ. ކޮޕީ ކުރުމެވެ.
ހަމަ މިދުވަސް ވަރެވެ. އަޅުގަނޑު އޭރު ހުރީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރގެ މަޤާމުގައެވެ. މުދައްރިސުން ތަމްރީނުކުރާ މަރުކަޒު (ފެކަލްޓީ އޮފް އެޑިޔުކޭޝަން) އަކީ ކޮލެޖްގެ ގޮތްޕެކެވެ. އެތަނުގެ ވެރިއަކަށް ހުންނެވި މައުސޫމާ ޖަލީލް އެދިވަޑައިގެންނެވީ އިނގިރޭސިބަހުން ތަމްރީނުކުރާ މުދައްރިސުންނާއި ދިވެހިބަހުން ތަމްރީނުކުރާ މުދައްރިސުން ތަމްރީނުކުރުމަށް ވަކި ދެ ކޯހެއް ހިންގަމުން ގެންދާތީ އާއި، ރާއްޖެތެރޭގެ މަދަރުސާތަކުގައި ދިވެހިބަހުން ކިޔަވައިދޭ މުދައްރިސުންނަށް ޑިމާންޑް ނެތުމުން ދެކޯސް ކުރިއަށް ގެންދާނެތޯ އެވެ؟ ސުވާލަކީ މުހިއްމު ސުވާލެކެވެ. އަޅުގަނޑުގެ ޢަމަލަކަށްވީ، ސަރުކާރުގެ ނިންމުމަކަށް، މި މައްސަލައިގެ ސާފު ޖަވާބަކަށް އެދި ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒަށް ސިޓީއެއް ލިޔުމެވެ. ޖަވާބު ލިބުނު އިރު އޭގައި ސޮއިކޮށްފައިވަނީ އެ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލަކަށް ހުންނެވި ޢަބްދުލްމުޙްސިނެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެ ޖަވާބަކީ ވަޒީރާ މަޝްވަރާ ކުރެއްވުމަށް ފަހު އޭނާ ލިޔުއްވާފައިވާ ޖަވާބެކެވެ. ޖަވާބު ލިބުމުން އަޅުގަނޑު އެ ޖަވާބު އިތުރު ކޮމެންޓެއް ނެތި ފޮނުވީ މައުޞޫމާ ޖަލީލަށެވެ. އޭނާގެ ނިންމުމަކަށްވީ، ދިވެހިބަހުން ކިޔަވައިދެމުން އައި މުދައްރިސުން ތަމްރީނު ކުރަމުން އައި ކޯސް ހުއްޓާލުމެވެ.
މި ދަންނަވާލެވުނީ، ރާއްޖޭގައި ދިވެހި މީޑިއަމް އުވިގެން ދިޔަ ގޮތެވެ. މިކަމަށް މެދުވެރިވި ސަބަބެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، އަޞްލު ސަބަބަކީ ގްރޭޑް 8 އަށް ވަނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެމުން އައި އިމްތިޙާނު ދިވެހިބަހުން ދިނުން ހުއްޓާލުމެވެ. ދެން ވަމުންދިޔަ ގޮތްތަކަކީ މި އަމަލުން ނުކުންނަން ޖެހޭ ނަތީޖާއެވެ. މިކަމަކީ، غادر (އިންސިޑިއަސް) ގޮތަކަށް ތަޢުލީމީ ނިޒާމަށް ގެނައި ބަދަލެކެވެ. މިއީ ރަނގަޅު ބަދަލެއްތޯ ނުވަތަ ނުރަގަނޅު ބަދަލެއްތޯ ނިންމުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންނަށެވެ.
ޢިލްމުން މަދުމިންވަރެއް ލިބުމަކީ ނުރައްކާތެރިކަމެކެވެ. އެކަމުން، މިހާގެ ބުއްދި އަމަލުވެއެވެ. ގިނައިން ޢިލްމު ލިބުމުން މަސްތުކަން ފިލައެވެ. ކުޑަ މިންވަރަކަށް ފަލްސަފާ ކިޔެވުމުން މީހުން ކާފަރުވެ، ބޮޑަށް ކިޔެވުމުން ދީންވެރިވާ ފަދައިންނެވެ. ކަމެއް ފެން ގޮތަކަށް އެނގުމުން، ނޭނގޭ ނުރައްކާތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ނުރައްކާތެރި ފިޔަވަޅުތައް އެޅެއެވެ. އެއީ އަންނަނިވި ޅެމުގައި ބުނާ ފަދައިންނެވެ.
A little learning is a dangerous thing;
Drink deep, or taste not the Pierian spring:
There shallow draughts intoxicate the brain,
And drinking largely sobers us again.
References
Cummins, J. (1992). Language proficiency, bilingualism, and academic achievement. In P. Richard-Amato and M. A. Snow (Eds.), The Multicultural Classroom: Readings for Content-area Teachers (pp. 16–26). New York: Longman.
Cummins, J. (1994) The Acquisition of English as a Second Language, in Spangenberg-Urbschat, K. and Pritchard, R. (eds) Reading Instruction for ESL Students. Delaware: International Reading Association.
Cummins, J. (2005). Teaching for cross-language transfer in dual language education: Possibilities and pitfalls. Alexandria: Teachers of English to Speakers of Other Languages, Inc. Retrieved from: http://www.tesol.org/docs/default-source/new-resource-library/symposium-on-dual-language-education-3.pdf?sfvrsn=0
Roessingh, H. & Kover, P. (2003). Variability of ESL learners’ acquisition of cognitive academic language proficiency: What can we learn from achievement measures? TESL Canada Journal, 21(1), 1–21.
Leave A Comment