reddates


މި މަޒުމޫނުގެ މައިގަނޑު ބޭނުމަކީ ސައިންސްގެ ނަޒަރުން ގަސްގަހާ ގެހީގެ ޖިންސީ ގުޅުންތަކުގެ ޚުލާޞާއެއް ކިޔުންތެރިންނަށް ގެނެސްދިނުމެވެ. މި މަޢުލޫމާތު އަޅުގަނޑު ކިޔުންތެރިންނަށް ގެނެސްދޭނީ ކަދުރުރުކާ ބެހޭ ވާހަކައިގެ ތެރެއިންނެވެ. މަޒުމޫނު ވިދާޅުވަމުން ގެންދަވާއިރު އުފެދޭ ފޫހިކަން މަތަ ކުރެއްވިއްޖެނަމަ، ސުރުޚީ އާ ދޭތެރޭ ތިޔަ ބޭފުޅުން އަޅުގަނޑާ އެއްބަސްފުޅު ވާނެ ކަން ކަށަވަރެވެ. އާދެ! ކުރިއަށް ދަމާ ހިންގަވާށެވެ.

            ބައެއް ބޭފުޅުންނަށް މާލެއިންނާއި ރާއްޖެތެރޭގެ އެކި ރަށްރަށުން ބޮޑެތި ކަދުރުރުއްތައް ފެނިވަޑައިގެންފައި ވާނެއެވެ. މިފަދަ ރުއްތަކުން ގިނަ ބޭފުޅުންނަށް ފާހަގަ ކުރެވޭނީ ރުކުގައި ކަދުރު ނާޅާކަމެވެ. ނަމަވެސް، ބައެއް ރަށްރަށުން މިސާލަކަށް ހދ. ހަނިމާދޫގެ ގެއެއްގައި ހުންނަ ރުކެއްގައި ކަދުރު އަޅާފައި ހުއްޓައި ފެނިވަޑައިގެންފައި ވެދާނެއެވެ. އަދި ”ދިވެހިރާއްޖޭގެ އަޑު“ ގައި ހުރި ރުކެއްގައި ކަދުރު އަޅާތީ ފެނިވަޑައިގެންފާނެއެވެ. ހަމަ މިފަދައިން، މޭވާ ހަރުނުވާ އެހެންގަސް ގަސް ވެސް ފެނިވަޑައިގެންފައި ވެދާނެއެވެ. މިސާލަކަށް ބައެއް ގަސްގަހުގައި ފަޅޮލެއް އެއްވެސް ގޮތަކަށް ނާޅައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

            މިފަދަ ފެންނަ ފެނުންތަކުގެ ސިއްރު ހޯދުމަށް އަޅުގަނޑުމެން ދެނެގަންނަން ޖެހޭނީ ގަސްގަހާ ގެހީގެ ޖިންސީ ގުޅުންތަކެވެ. ފަހެ، މާތްﷲ ކީރިތި ޤުރްއާނުގެ އައްރަޢުދު (13) ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. ”އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެ އެވެ. އަދި، އެއީ ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެ އެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވާ ކުރައްވަތެވެ. ހަމަ ކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ފިކުރު ކުރާ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ.“ މި އާޔަތުން ދޭހަވާ ފަދައިން ދުނިޔޭގައިވާ ހުރިހާ މޭވާތަކެއް އަޅާ ގަސްގަސްގަހުގައި މޭވާ ޖޯޑުޖޯޑަށް ލެއްވިއެވެ. މޭވާ އަޅަނީ އަންހެން ބަޔަކާއި ފިރިހެން ބައެއް ގުޅި ޖޯޑުވުމުގެ ސަބަބުންނެވެ. އެކި ގަސްގަހުގައި ފިރިހެން ބަޔާއި އަންހެން ބައި ހުންނަނީ ތަފާތު ގޮތްގޮތަށެވެ.

            ކުރުގޮތަކަށް ދަންނަވާނަމަ، ގަހެއްގެ ޖިންސީ ގުނަވަނަކީ އެ ގަހުގެ މަލެވެ. މި ގުނަވަންތައް ހުންނަ ގޮތުން ގަސްގަހާގެހި މައިގަނޑު ތިން ބަޔަކަށް ބަހާ ލެވިދާނެއެވެ. ބައެއް ގަސްގަހުގައި، އެއް މަލެއްގައި އަންހެން ގުނަވަނާއި ފިރިހެން ގުނަވަން ހިމެނެއެވެ. އަނެއް ބައި ގަސްގަހުގައި އަންހެން ގުނަވަން ހިމެނެނީ އެ ގަހުގެ ފިރިހެން މަލާ ތަފާތު  މަލެއްގައެވެ. މިފަދަ ގަސްގަހުގައި ތަފާތު ދެ ވައްތަރެއްގެ މައު އަޅައެވެ. ތިންވަނަ ބާވަތުގެ ގަހަކީ، އެ ގަހުގައި ހަމައެކަނި އަންހެން މައު ފޮޅޭ ގަހެވެ. ފިރިހެން މާ ފޮޅެނީ މިވައްތަރުގެ ތަފާތު ގަހެއްގައެވެ. މި މައިގަނޑު ތިންބާވަތުގެ ގަހުގެ އިތުރަށް އަދި ދެބާވަތެއްގެ ގަސް ވެސް ހުރެއެވެ. އެއީ މިތިން ވައްތަރުން ދެވައްތަރެއް އެއް ގަހެއްގައި ހުރުމެވެ. ނަމަވެސް، މަޒުމޫނު ކުރިއަށް ގެންދިއުމުގައި އަޅުގަނޑު އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ ކުރިން ދެންނެވުނު މައިގަނޑު ތިން ވައްތަރަށެވެ.

            މޭވާ އަޅާ ގިނަ ގަސްގަހުގައި، ގާތްގަޑަކަށް %99 ގަހުގައި، މޭވާ އަޅާ ހަރުވާ ގޮތާ އިންސާނުން އުފެދޭ ގޮތާ އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، އިންސާނަކު އުފެދުމަށް ފިރިހެނެއްގެ މަނީގައި ހުންނަ ދަރިމައިވުމުގެ ސެލްއާއި އަންހެނެއްގެ ދަރިމައިވުމުގެ ސެލްއާ ގުޅެން ޖެހެއެވެ. ސެލް ކިޔަނީ ހަށިގަނޑުގައިވާ ދިރުން ލިބިފައިވާ އެންމެ ކުޑަ ޒައްރަށެެވެ. މައިކްރޮސްކޯޕު އުފެއްދުމާ ގުޅިގެން، ފުޅީގެ އުގުރި ހަދާފައި ހުންނަ (ގަހެއްގެ ތޮށިންނަގާ މުށިކުލައިގައި ހުންނަ) ފުޅިމަދަށް ބަލާލުމުން އޭނާއަށް ފެނުނީ އެ އުފެދިފައިވަނީ ޖަލުގައި ގައިދީން ބައިތިއްބާ ގޮޅިތަކެއް ފަދަ ގޮތަކަށް ހުންނަ ކުދިކުދި ޒައްރު ތަކަކުން ކަމަށެވެ.  ސެލްގެ ޙަޤީޤީ މާނައަކީ ކުށްވެރިން ބައިތިއްބާ ގޮޅިތަކެވެ. ނަމަވެސް މިގޮތަށް މީނާއަށް ފެނުމުން އޭނާ އެ ދިރުން ހުންނަ އެންމެ ކުދި އެތިކޮޅުތަކަށް ކީ ނަމަކީ ސެލް އެވެ. މަނީގައި ހުންނަ ފިރިހެނުންގެ ދަރިމައިވުމުގެ ސެލްއަށް ބައެއް މީހުން ފަންޏޭ ކިޔައެވެ. މިވައްތަރުވާނީ ބޮޑު ބޮލެއްލާފައި ހުންނަ ވެނަކާއެވެ. އަޅުގަނޑު މި މަޒުމޫނުގައި ބޭނުން ކުރުމަށް މިދެންނެވި ފިރިހެން ސެލްއަށް ކިޔާނީ ފިރިހެން ”ގެމީޓު“ އެވެ. ”ގެމީޓު“ މި ލަފުޒަކީ ޔޫނާނީ ބަހުން ފިރިންނަށް ނުވަތަ އަނބިންނަށް ކިޔާ ލަފުޒެކެވެ. ފުރާވަރަށް އެރުމަށްފަހު ފިރިހެން ގެމީޓު މިލިއަނުން ހަށިގަނޑުގައި އަބަދުހެން އުފައްދަމުން ދެއެވެ. ސައިސަމުސަލެއްގެ މަނީގައި 200 މިލިއަން ފިރިހެން ގެމީޓު އުޅޭނެއެވެ. މައިކްރޮސްކޯޕްއަކުން މަންޏަށް ބަލާލުމުން ފިރިހެން ގެމީޓުތައް ދުވެދުވެ އުޅޭތަން ފެންނާނެއެވެ. ކޮޑި ސެންޓިމީޓަރެއްގެ 20 މިލިއަނަށް ވުރެ މަދުން ފިރިހެން ގެމީޓު އުޅޭނަމަ، އެ ފިރިހެނަކަށް ދަރިން ހޯދުމަށް އުނދަގޫވާނެއެވެ. މިގޮތަށް މަނީގައި ފިރިހެން ގެމީޓު މަދުވުމަށް އެތައް ސަބަބުތަކެއް މެދުވެރިވެއެވެ. ބައެއް ކާތަކެތިންނާއި ރޭޑީއޯ އެންޓަނާ ތަކާ ގާތް ވުމުންނާއި ފިނިހޫނުމިނުންނާއި ބައިސްކަލް ދުއްވުން ފަދަ ސަބަބުތަކުންނެވެ.

gametetryingކޮންމެ އަންހެން ކުއްޖަކު ވިހާއިރު އެކުއްޖާގެ ހަށިގަނޑުގެ ތެރޭގައި އޭނާގެ މުޅި އުމުރުގައި ބޭނުންވާވަރަށް އަންހެން ދަރިމައިވުމުގެ ސެލް ނުވަތަ އަންހެން ގެމީޓު ހިމެނެއެވެ.  މިއީ އަންހެނުންނާއި ފިރިހެނުންގެ ވަރަށް ބޮޑު ތަފާތެކެވެ. ހަށިގަނޑުގައި ލޭގެ ސެލްތައް އަބަދުވެސް އުފެދެމުންދާ ގޮތަށް ފިރިހެނުންގެ ސެލްތައް ބޮޑުވުމުން އުފެދެމުން ދެއެވެ. ނަމަވެސް އަންހެން ދަރިމައިވުމުގެ ސެލްތައް (އޫސައިޓްސް) އަންހެންކުއްޖާ ވިހާއިރު މުޅި ޢުމުރަށް ބޭނުންވާ ވަރަށް ހުންނަނީ އުފެދިއެވެ. ގިނަ ދުވަސްވުމުން، މި ސެލްތަކަށް ގެއްލުން ލިބޭތީ ޢުމުރުން ގިނަ ދުވަސް ނުވަނީސް (ސެލްތަކަށް ގެއްލުން ނުލިބެނީސް) ވިހެއުން އެދެވިގެން ވެއެވެ. އަންހެން މި ސެލްތައް ބޮޑުުވުުމުން ހަމަލޮލުން ފެނެއެވެ. އަންހެން ސެލްއަކީ ކުޑަކުޑަ ވެލިފުކެއް ވަރަށް ވަށްކޮށް އޮންނަ ސެލްއެކެވެ. އަންހެން ގެމީޓުއަށް ބައެއް މީހުން ”ބިސް“ އޭ ކިޔައެވެ. ފިރިހެން ގެމީޓު، އަންހެން ގެމީޓުގެ ވަށައިގެން ވާ ދުލި (ބިހުގެ ތޮށިގަނޑު) ފަޅާލާފައި ވަނުމުން، އެ ބިހުގެ ސެލްތައް ގިނަވެ އެ ބިސް ބޮޑުވެ އިންސާނަކަށް ވާން ފަށައެވެ. ފިރިހެން ގެމީޓުއެއް، ބިހުގެ ވަށައިގެންވާ ދުލި ތޮރުފާލާއި ވަނުމަށް ކިޔަނީ ”ފާރޓިލައިޒޭޝަން“ އެވެ. މި މަޒުމޫނުގައި އަޅުގަނޑު މިގޮތަށް ވުމަށް ކިޔާނީ ”ތަސްމީދު“ ވުމެވެ. ދިރޭ ތަކެތި އުފެދެން ފަށަނީ ފިރިހެންގެމީޓު އާއި އަންހެން ގެމީޓު ތަސްމީދު ވުމުންނެވެ. އަންހެނަކާއި ފިރިހެނަކު ޖިމާޢުވުމަކީ ތަސްމީދު ވާން ޖެހޭ ކަމެއްނޫނެވެ. އެއީ ފިރިހެންމީހާގެ މަނީގައި ފިރިހެން ގެމީޓު މާ މަދުވެދާނެއެވެ. ގެމީޓުތަކުގައި ދުވެއުޅޭހާ ބާރު ނެތިދާނެއެވެ. އަންހެން ގެމީޓު ނެތިދާނެއެވެ. ނުވަތަ ފިރިހެން ގެމީޓުތަކަށް އަންހެން ގެމީޓު ނުފެނިދާނެއެވެ. ފިރިހެން ގެމީޓުއެއް އަންހެން ގެމީޓު އަށް ވަނުމަށް ފަހު، ދެން އެހެން ފިރިހެން ގެމީޓުއަކަށް ބޭރު ދުލި ތޮރުފައެއް ނުލެވޭނެއެވެ. ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ އިންސާނެއްގެ އަންހެން ގެމީޓު ނުވަތަ ބިސް ވަށައިގެން ފިރިހެން ގެމީޓުތައް އުޅޭ ތަނެވެ. ދަންނައެވެ.

invitrofertilizationމިޒަމާނުގައި އަންހެން ގެމީޓު، އަންހެނުންގެ ކުރިމަތިފަރާތަށް ހޮޅިއެއް ބާނައިގެން ޑޮކްޓަރުން ނަގާ ހަދައެވެ. މިގޮތަށް އަންހެންމީހާ ހޭނައްތައިގެން 10 ވަރަކަށް މިނެއްޓު ތެރޭގައި 12 ބިސް ހޮޅިން ނަގައެވެ. އަދި ފިރހެން ގެމީޓު، ވަރަށް ހިމަ ހޮޅިއަކަށް ލާފައި އަންހެން ގެމީޓުގެ ދުލި ފަޅާލާ، ފިރިހެން ގެމީޓު އޭގެ ތެރެއަށް ކޮށްޕާ ތަސްމީދު ކުރެއެވެ. މިއަށްފަހު، އަންހެން ގެމީޓު، އަންހެން މީހާގެ ރަޙިމްތެރައަށް ނުވަތަ ގުޅޭ އެހެން އަންހެނެއްގެ ރަޙިމްތެރެއަށް ލައި ބިސް ބޮޑު ކުރެއެވެ. މިގޮތަށް ވިހާފައި ތިބޭ ކުދިން ރާއްޖޭގައިވެސް އުޅެއެވެ. ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ސައިންސްވެރިޔަކު ދެ ގެމީޓު ތަސްމީދު ކުރާ ތަނެވެ. ވާތް ފަރާތުގައިވަނީ ބިސް ހިފަހައްޓާ ބިއްލޫރި ގުންބާއެއްގެ ކޮޅެވެ. ކަނާތްފަރާތުގައި ވަނީ ފިރިހެން ގެމީޓް ފޮނުވާ ކަށްޓެވެ. ފަހަކަށް އައިސް، ސައިންސްވެރިން އެހެން ގޮތްގޮތަށް ދިރޭތަކެތި ގިނަ ކުރެއެވެ. އެއީ ”ކްލޯން“ ކުރުމެވެ. މިއީ ހަމައެކަނި އެންމެ މީހެއްގެ ސެލް ބޭނުން ކޮށްގެން އިންސާނަކު އުފަން ކުރުމެވެ. އަދި މިހާތަނަށް އިންސާނަކު ކްލޯން ކުރިކަމެއް އެނގިފައެއް ނެތެވެ. ނަމަވެސް، ގަސް ގަހާ ގެހި ކްލޯން ކުރުމަކީ މިހާރު ޢާންމު ކަމެކެވެ. 2009 ވަނަ އަހަރު ދަރިމައިވުމުގެ އެންމެ އާދަޔާ ޚިލާފު ވާހަކައަކީ ސައިންސްވެރިން، “މަޞްނޫޢީ” ފިރިހެން ގެމީޓު އުފެއްދި ޚަބަރެވެ. މީގެ މާނައަކީ ފިރިހެނެއްގެ ސެލްތަކުން ފިރިހެން ގެމީޓު އުފެއްދުމެވެ. މިގޮތަށް މިކަން ކުރެވޭނަމަ، އަންހެނުންގެ ސެލްއިން ވެސް ފިރިހެން ގެމީޓު އުފެއްދޭނެއެވެ. އާއެކެވެ! މީގެ މާނައަކީ އަންހެނަކު ބަލިވެއިނުމަށް ފިރިހެނެއް ބޭނުމެއް ނުވެއެވެ. އަންހެން މީހާގެ ސެލް ބޭނުންކޮށް ގެން ފިރިހެން ގެމީޓު އުފައްދައި، އަންހެންމީހާގެ ގެމީޓުއާ ތަސްމީދުކޮށް އަންހެން މީހާގެ ރަޙިމުގައި ދަރިއަކު ބޮޑު ކުރެވިދާނެއެވެ. މާތުރަ، މިގޮތަށް އުފަން ކުރާ ހައިވާނުތައް އަދި ދާދި އަވަހަށް ބަލިވެއެވެ.

އާދެ! ދެން ގަސްގަހާ ގެހީގެ ޖިންސީ ގުޅުންތަކަށް އިއާދަވަމާ ހެއްޔެވެ؟ މައު އަޅާ ހުރިހާ ގަހެއްގެ ދަރިފަސްކޮޅު ދެމިގެންދަނީ، އޮށުންނެވެ. އޮށް އުފެދެނީ ގަހުގެ އަންހެން ގެމީޓު އާއި ފިރިހެން ގެމީޓު ތަސްމީދު ވުމުންނެވެ. ގިނަ މާއަޅާ ގަހަކީ ހުންސާ ގަހެވެ. މީގެ މާނައަކީ އެއް މަލެއްގައި އަންހެން ގެމީޓު އުފައްދާ ބަޔާއި ފިރިހެން ގެމީޓު އުފައްދާ ބައި ހިމެނޭ ކަމެވެ. އިންސާނުންގެ ތެރޭގައިވެސް ގަސްފަދަ، އަންހެން ޖިންސީ ގުނަވަނާއި ފިރިހެން ޖިންސީ ގުނަވަން އެކެއްގެ ކިބައިގައި ހިމެނޭ އިންސާނުން ތިބެއެވެ. މިފަދަ މީހުންނަށް ދިވެހިން ކިޔަނީ ހުންސާއިންނެވެ. ނަމަވެސް، އިންސާނުންނަކީ ވަރަށް މުރައްކަބު މަޚްލޫޤެއް ކަމުން، ހުންސާއަކު، އަދި މިހާތަނަށް އަމިއްލައަށް ބަލިވެއިދެ ކުއްޖަކު ވިހޭ ކަމެއް އެނގިފައެވެ ނުވެއެވެ. މަޢުޟޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން، ޢާންމު މަލަކަށް ސަމާލުކަން ދެމާ ހިނގާށެވެ. އާދެ! ސައިމަލަށް ނަޒަރު ހިންގަވާށެވެ. ސައިމަލުގެ މެދުން ފަޅާފައިވާ ރަތްކުލައިގެ ”ތަޑިއެއް“ ފިޔަތަކުން މައްޗަށް އަރާފައިވާކަން ފާހަގަ ކުރައްވާށެވެ. މި ތަނޑީގެ އެންމެ ކުރީ ކޮޅުގައި ގޮބެއް ލީ ފަސްވަރަކަށް ލޯލި ވާނެއެވެ. ފަސްވަރަކަށް ލޯލީގެ ތިރިން ތަނޑީގެ ވަށައިގެން ފަޅާފައިވާ ލޯލިތަކެއް ހުރެއެވެ. އެ ލޯލިތަކުގެ ކުރީގައި ރީނދޫ ކުލައިގެ ކުނޑިއެއް ހުންނަ ގޮބުތަކެއް ހުރެއެވެ. މި ރީނދޫ ކުލައިގެ ކުނޑިއަކީ މަލުގެ ފިރިހެން ގެމީޓު ހިމެނޭ އޮށްތަކެވެ. މިއޮއްތަކަށް އިނގިރޭސިބަހުން ކިޔަނީ ”ޕޮލަން“ (ޢަރަބި ބަހުން ލުޤާޙު) އެވެ. މި މަޒުމޫނުގައި އަޅުގަނޑު މި އޮށްތަކަށް ކިޔާނީ ކަރުދާ އެވެ. ލަފާ ކުރެވޭ ގޮތުގައި ކަރުދާ މި އަށް ކިޔާ ސަބަބަކީ ކަރުގަނޑުގައި މި ކުޑި ނުވަތަ ފުށް ހުންނާތީއެވެ. މައު އަޅާ ހުރިހާ ގަހެއްގައި ހެން، ގަހުގެ ފިރިހެން ގެމީޓު ހިމެނެނީ ކަރުދާގެ ތެރޭގައެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ކަރުދާ އެވެ. ސައިމަލުގެ އަންހެން ގެމީޓު ވަނީ ކުރިން ދެންނެވި ތަނޑީގެ ބުޑުގައެވެ. އަންހެން ގެމީޓު އަށް ކަރުދާ ވާސިލުވާނީ ކުރިން ދެންނެވި ތަނޑީގައިވާ ހިމަހިމަ ހޮޅިއަކުންނެވެ. ތަނޑީގެ ކުރީގައިވާ ފަސްވަރަކަށް ލޯލީގެ މެދުގައިވަނީ މި ހޮޅީގެ އެއްކޮޅެވެ. އަނެއްކޮޅު ވަނީ ތަނޑީގެ ބުޑުގައިވާ ގޮޑީގެ ތެރޭގައެވެ. ތަނޑި މެދުން ފަޅާލައިފިނަމަ، މި ރޮއްޖެއްފަދަ ހިމަ ހޮޅި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެވެ. އެކަމަކު މިއީ ހޮޅިއެއްކަން އެނގިވަޑައިގަންނަވާނީ ބޮޑުވާ ބިއްލޫރިން ބެއްލެވީމައެވެ.

             ކީރިތި ރަސޫލާގެ ޙަދީޘްއެއްގައި ވީހާ ވެސް ގާތްތިމާގެ ކަމުގެ ދުރުން މީހުންނާ އިނުމަށް އަންގަވާފައި ވެއެވެ. މިކަމުގެ އެއް ޙިކުމަތަކީ ދަރިފަސްކޮޅު ދުޅަހެޔޮ ކުރުމެވެ. ގާތް މީހުންނާ ކައިވެނި ކުރުމަކީ ނުކުޅެދޭ ދަރިން ލިބޭ ކަމެކެވެ. ތިމާގެ މީހުންގެ ގެމީޓު ތަކުގައި އެއްބާވަތެއްގެ ބަލިތައް އަށަގަނުވާފާނެ މާއްދާތައް ހިމެނެއެވެ. މާ ގާތްމީހުންނާ އިނުމަކީ ވިރާސީ ގޮތުން ގެމީޓުގައި ހިމެނޭ ބަލިއުފައްދާ މާއްދާތައް ތަސްމީދުވާ ސެލްގެ ތެރޭގައި ގިނަވެ އެ ބަލި ދަރިންގެ ފަރާތުން “ފެންނަން” ފަށާކަމެކެވެ. ތެލަސީމިއާ ދެ ”ކެރިއަރުން“ އިނުމުން ލޭ އަޅަންޖެހޭ ކުދިން ލިބޭ ފަދަ ގޮތަކަށް ވާކަމެކެވެ. ގަސްތައްވެސް މިފަދައެވެ. ޤުދުރަތީ ގޮތުން، މާތްﷲ ހުރިހާ ދިރުމެއްގައިވެސް ވީހާވެސް ތަފާތު ބޮޑުވަމުން ދިއުމުގެ ބާރެއް ލައްވާފައި ވެއެވެ. އެއް މަލެއްގައި އަންހެން ގެމީޓުއާއި ފިރިހެން ގެމީޓު ލައްވާފައިވާ އިރު، އެ މަލުގެ ދެ ގެމީޓު ނުގުޅޭ ކަހަލަ ބާރެއް ވަރަށް ގިނަ ގަސްގަހުގައި ވެއެވެ. އެގޮތް މެދުވެރި ކުރުވާ އެއްގޮތަކީ، ދަރިމައިވުމަށް ގޮނޑީގައިވާ އަންހެން ގެމީޓު ތައްޔާރުވާއިރު، މަލުގެ ލޯލިތަކުގައިވާ ކަރުދާތައް ފައްކާވެ ވަޔަށް ބުރައިގެން ނުވަތަ އެހެންވެސް ގޮތަކުން ނެތިގެން ދާގޮތް މެދުވެރި ކުރުމެވެ. ބައެއް މައުތަކުގައި އެ މަލުގެ ކަރުދާއަށް އަންހެން ގެމީޓު ވާ ހިސާބަށް ވާސިލުނުވާ ގޮތަށް ފަރުދާ ކުރެވިފައި ވެއެވެ. އަނެއްބައި ތަކުގެ ކަރުދާގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން އެ މަލުގެ އަންހެން ގެމީޓުއަށް އެ ކަރުދާ ކަމަކު ނުދެއެވެ. ފަހެ، ޢާލަމުތަކުގެ ދިރުންތަކުގައިވާ އާދަޔާ ޚިލާފު ކަންތައްތައް އެނގި ދަސްވުމަކީ ﷲ ގެ ކުޅަދުންވަންތަކަމަށް އިންސާނާ އަންތަރީސްވެ، ތަޤްވާވެރިކަން އިތުރުވާ ކަމެކެވެ. މިއުޅޭ މަގު ގެއްލިފައިވާ ތިބޭ މީހުން މިދިރުންތައް އުފެދުނީ ޗާންސަކުން ކަމަށް އެ ދައްކާ ވާހަކައަށް ޢިލްމީ ހެކިތަކެއް ނުވާކަން ޤަބޫލުކުރެވޭ ކަމެކެވެ. ޢިލްމުވެރިންނަށް މާތްﷲ އެހާ މަތިވެރި ދަރަޖައެއް ދެއްވާފައިވަނީ އެހެންވެގެން ތާއެވެ! އަދި، ޢިލްމު އުނގެނުމަކީ އަންހެނުންނަށާއި ފިރިހެނުންނަށް ވާޖިބެއްކަމަށް ވީ އެހެންވެގެންތާ އެވެ!

 hibiscus-reproductionދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އޮށެއް އަޅާނީ، ކަރުދާ އަންހެން ގެމީޓުއަށް ވާސިލުވުމުންނެވެ. ސައިންސްގައި، ކަރުދާ އެއް މަލުން އަނެއް މަލުގެ ނުވަތަ އެހެން ގަހެއްގެ މަލެއްގެ އަންހެން ގެމީޓުއަށް ވާސިލުވާ ގޮތްތަކަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ. މިކަމަށް ލަފުޒެއް ވެސް އޮވެއެވެ. އެއީ ޕޮލިނޭޝަން ނުވަތަ ތަލްޤީޙް ވުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ތަލްޤީޙުގެ މާނައަކީ މަލެއްގެ ކަރުދާ އެ މަލުގެ ނުވަތަ އެހެން މަލެއްގެ އަންހެން ގެމީޓުއަށް ނަޤުލުވުމެވެ. ނުވަތަ ނަޤުލު ކުރުމެވެ. ޤުދްރަތީ ގޮތުން ތަލްޤީޙުވާ ދެތިން ގޮތެއްވެއެވެ. ބައެއް ގަސްތަކުގެ މައުތައް ފެނުގައި އަޅައެވެ. މިފަދަ މައުތަކުގެ ކަރުދާ ފެނުގެ ތެރެއަށް ދޫވުމުން ފެނުގެ އޮއެގައި އަންހެން ގެމީޓުއަށް ނަޤުލު ވެއެވެ. ބައެއް މައުތަކުގައި ހުންނަ ކަރުދާ ހުންނަނީ ވަރަށް ލުއިކޮށެވެ. ފަސޭހައިން ބުރުއްސައިގެން ދާ ގޮތަށެވެ. މިފަދަ މައުތަކުގެ ކަރުދާ އަންހެން ގެމީޓުއަށް ވާޞިލްވަނީ ވައިގެ ސަބަބުންނެވެ. ތަލްޤީޙްވާ އެންމެ ޢާންމު ގޮތަކީ، މައުގަސްތަކުގެ %98 ތަލްޤީހް ވާ ގޮތަކީ، މަލުގެ ކަރުދާ އެއް މަލުން އަނެއް މަލަށް ދިރޭތަކެތި ގެންގޮސްގެންނެވެ. ސޫފާސޫފި މެދުވެރިކޮށް ތަލްޤީޙްވާ ކަރުދާ ހުންނަނީ ތަތްލާގޮތަށް ތެތްކޮށްނެއެވެ. ބައެއް މަލުގައި ލައްވާފައިވާ ފޮނިކަމުގެ ސަބަބުން ނުވަތަ ވަހުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކުން، މެހި، ހިނި، މާބުރު، ކޮކާ، ދޫނި، ވައު، ކުޅަދުރު ފަދަ ދިރޭ ތަކެތި އެމަލަށް ތިރި ކުރެއެވެ. ދެން މިތަކެތީގައި ފަޔާއި އެހެނިހެންވެސް ތަންތަނުގައި ކަރުދާ ތައް ތަތްލައެވެ. މި ސޫފިތައް އެހެން މަލަކަށް ތިރިކުރުމުން، އެ ސޫފީގެ ގައިގާ ތަތްލާފައިވާ ކަރުދާތައް މަލަށް ވާޞިލް ވެއެވެ. ފަހެ، ސޫފާސޫފި މެދުވެރިވެ ތަލްޤީޙްވާ ގަސްތައް، ކިތަންމެ ބޮޑަށް ހެދުނަސް، އެގަހަކާ ގުޅޭ ސޫފާ ސޫފި ނޫޅޭނަމަ، އެގަހެއްގައި މޭވާއެއް، އޮށެއް ނާޅާނެއެވެ. ޤުދުރަތުގެ ފުރިހަމަ ކަމަކީ ޢަޖާއިބުވާ ފަދަ ފުރިހަމަ ކަމެކެވެ. އެއްކަމެއް ހުންނަނީ އަނެއްކަމަކާ ލާ މެހި އެކުވެނި ވެފައެވެ.

pollengrains ސޫފާސޫފި މެދުވެރިވެ ތަލްޤީޙްވާ ދިވެހިރާއްޖޭގެ ގަސްތަކުގެ ތެރޭގައި ބަރަބޯ، ލުބޯ، މުރަނގަ، ރުއް، ކަރާ ފަދަ ތަކެތި ހިމެނެއެވެ. ސޫފާސޫފީގެ ދިރުން ނެތް ތަނަކު، މިފަދަ ގަސްގަހުގައި އޮށެއް، މޭވާއެއް ނާޅާނެއެވެ. މިހެން ދެންނެވީމާ، ތިޔަބޭފުޅުން ހިތްޕުޅަށް އަރާވަޑައިގެންފާނެ ސުވާލަކަށް ޖަވާބު ދޭނަމެވެ. ބައެއް މީހުން ވިލާތުބަށި (ޓޮމެއިޓޯ)، ސްޓްރޯބެރީ ފަދަ ތަކެތި، ”ފެހިގޭ“ ގައި (ގްރީންހައުސް ނުވަތަ ގްލާސް ހައުސް) ގައި ހައްދައެވެ. މިފަދަ ގަސްތައް ތަލްޤީޙް ކުރަނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ މިފަދަ ގޭގައި، ކޮށިކޮށި ޖަހައިގެން މާބުރާއި،މާމުއިކުޅަދުރު ފަދަ ތަކެތި ގެންގުޅެއެވެ. މިތަކެތި ނުގެންގުޅޭ ގޭއްގޭގައި ތަލްޤީޙް ކުރަނީ އަތުންނެވެ. އެކަން ކުރާ ގޮތަކީ ދަތް އުނގުޅާ ބުރުހެއް ނުވަތަ ވަރަށް މަޑު ބުރުހެއް އެއް މަލުގައި ޖައްސާލާފައި އަނެއްމަލުގައި ޖައްސާލަނީއެވެ. ވައިން ތަލްޤީޙް ވާ ގަހެއްނަމަ، މާ އިން ގޮފި ހަލުވާލުމުންވެސް ތަލްޤީޙް ވެއެވެ. ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ތަލްޤީޙް ކުރުމަށް ބޭނުން ކުރާ ބައެއް ގޮތެވެ. ދުނިޔޭގައި އެންމެ ގިނަ އާމަންޑު ނުވަތަ މާ(ބޮޑު)ކަނަމަދު ހައްދަނީ އެމެރިކާގެ ކެލިފޯނިއާ ސަހަރުގައެވެ. މައު އަޅާ މޫސުމުގައި މިގަސްތައް ތަންޤީހުކުރުމަށް، އެމެރިކާގެ އެކިތަންތަނުން 1,000,000 މާމުއި ކުޅަދުރު ހަތާ ގެންދާކަމަށް ވެއެވެ. ހަމައެކަނި ނިއުޔޯކުގެ އާފަލު ދަނޑުތަކަށް 50,000 ކުޅަދުރު ހަދާ ބޭނުން ވެއެވެ. އެކި ބާވަތުގެ ދަނޑުތަކަށް މާމުއިކުޅަދުރުތައް އުފުލުމަކީ އެމެރިކާގައި ވަރަށް ބޮޑު ޚާއްޞަ ވިޔާފާރިއެކެވެ. ކަރާދަނޑުތަކާއި އެހެންވެސް މިފަދަ ދަނޑުތަކުގެ ކޮންމެ 250 ފޫޓު 250 ފޫޓު ވަރުގެ ބަޔަކަށް އެއް ހަތާ ބޭނުން ވެއެވެ. އެކަށީގެންވާ ވަރަށް ސޫފާސޫފި ނެތްނަމަ، ދަނޑުގައި އަޅާ މޭވާ މަދުވާނެއެވެ. ބޮޑެތި ދަނޑުތައް އަތުން ތަލްޤީޙް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ކުޅަދުރުތަކާއި މާބުރުތަކަށް ޝުކުރުވެރި ލޮލަކުން ބައްލަވަމުން ގެންދެވުން އެދެމެވެ.

pumpkin pollination

maizepollinationމަޒުމޫނުގެ ކުރީކޮޅުގައި ތިންބާވަތެއްގެ މައު އަޅާގަހެއް ހުންނަ ވާހަކަ އަޅުގަނޑު ދެންނެވީމެވެ. އެއް ބާވަތަކީ، އެއްމަލެއްގައި އަންހެން ގެމީޓު އާއި ފިރިހެން ގެމީޓު އެކުލެވޭ މައު އަޅާގަހެވެ. މިފަދަ ގަހުގެ މިސާލަކީ ސައިމަލެވެ. ވިލާތު ބައްޓެވެ. އަނެއް ބާވަތަކީ އެއް ގަހުގައި އަންހެން މަލާއި ފިރިހެންމާ ވަކިން އަޅާ ގަސްގަހެވެ. މިފަދަ ގަސްގަހުގެ ތެރޭގައި ދިވެހިރުކާއި ބަރަބޯ ހިމެނެއެވެ. ބަރަބޮލުގެ އަންހެން މާ ދެނެގަންނަނީ މަލުގެ ތިރީގައިވާ އަންހެން ގެމީޓު ހިމެނޭ ގޮޑި ނުވަތަ ”ކުޑަ ބަރަބޮލު“ ގެ ސަބަބުންނެވެ. ފިރިހެން މަލުގެ ތަނޑުބުނޑުގައި މިފަދަ ގޮޑިއެއް ނުހުރެއެވެ. މާބުރު މަދުނަމަ، ފިރިހެން މައު ކަނޑައިގެން ގެންގޮސް އަންހެން މަލުގެ ތެރެއަށް ޖަހާ ހެދުމަކީ ތަލްޤީޙް ކުރުމެވެ. މިއީ ދިވެހިން ޒަމާނުން ސުރެ ކުރަމުން އަންނަ ކަމެކެވެ. ޙަޤީޤަތުގައި އެއް ފިރިހެން މަލުން އެތައް އަންހެން މަލެއް ތަންޤީޙް ކުރެވިދާނެއެވެ.


honeybeepollinationމާއަޅާ ގަސްތަކުގެ ތެރެއިން ތިންވަނަ ބާވަތަކީ އަންހެން ގަހާއި ފިރިހެން ގަސް ވަކިން ހުންނަ ގަސްގަހެވެ. މިއީ ރާއްޖޭގައި ވަރަށް މަދު ވައްތަރެކެވެ. މިވައްތަރުތަކުގެ ތެރޭގައި ހިމެނެނީ ބައެއް ބާވަތުގެ ފަޅޮލާއި ކަރުދާސް ތޫތާއި ސާގާއި އެސްޕެރެގަސް އާއި ކަދުރު ރުކެވެ. ދިވެހިން ކާހިތްވާ، ފެހިކުލައިގައި ހުންނަ މަދެއްކަމުގައިވާ ޕިސްތާ އަކީ ވެސް މިފަދަ ގަހެކެވެ. މިފަދަ ގަސްގަހުގައި މޭވާ އަޅާނީ އަންހެން ގަސް ތަލްޤީޙް ކުރާނޭ ފިރިހެން ގަހެއް ގާތުގައި ހުންނަ ނަމައެވެ. ނޫނީ މިކަން މީހަކު އަމިއްލައަށް ކުރާނަމައެވެ. މިހާ ހިސާބުން، ތިބާއަށް ދިވެހިރާއްޖޭގެ ކަދުރު ރުއްތަކުގައި ކަދުރު ނާޅާނީ ކީއްވެގެންކަން އެނގިވަޑައިގަންނަ ވާނެއެވެ. އާދެ! ފަޅުރަށަކު 1000 އަންހެނުން ތިއްބެއް ކަމަކު، ފިރިހެނަކު “ގާތް” ނުވާނަމަ، އެމީހުން ބަލިވެއެއް ނުއިންނާއެވެ. އަދި އެރަށުގައި ހުސް ފިރިހެނުން ތިއްބަސް، އެއިން މީހަކު ބަލިވެއެއް ނުއިންނާނެއެވެ. ނަމަވެސް މިދެބައިމީހުންގެ ހަށިގަނޑުން އަންހެން ގެމީޓު އާއި ފިރިހެން ގެމީޓު ހުންނާނެއެވެ. އަދި ހަނދުމަފުޅު ބަހައްޓަވާށެވެ. އެންމެ ފިރިހެނަކު 1000 އަންހެނުން ބަލިވެބޭއްދިދާނެއެވެ. ރާއްޖޭގައި މީހުން ކަދުރު ހައްދަނީ އެކަހެރިކޮށް ވަކިވަކި ރުއްރުކަށެވެ. އެއް ގެއެއްގައި، ނުވަތަ އެއްރަށެއްގައި އަންހެން ރުކެއް ހުރެދާނެއެވެ. ނަމަވެސް މިރުކާ ގާތުގައި ފިރިހެން ރުކެއް ނުހުރެދާނެއެވެ. އެހެންވެއްޖެނަމަ، އޮށް ހުންނަ ފޮނި ކަދުރެއް އަންހެން ރުކަކު ނާޅާނެއެވެ. ނަމަވެސް ދެރުކުގައި ޤަވާޢިދުން މާއަޅަމުން ދާނެއެވެ. ކަދުރު ރުކެއްގެ ޖިންސް އެނގޭނީ އެރުކަށް ދެތިން އަހަރު ވުމުންނެވެ. ފިރިހެން ގަހުގެ މަލުގައި އަންހެން ބައި (ނުވަތަ ސްޓިގްމާ) ހުރިއްޔާ ހުންނާނީވެސް ވަރަށް ކުދިކޮންނެވެ. އަންހެން މަލުގައި ފިރިހެން ބައި (ނުވަތަ ސްޓެމަން) އެއްގޮތަކަށް ވެސް ނުހިމެނޭނެއެވެ. ޢަރަބީން، ހަނގުރާމަތަކުގައި، ކަދުރު ދަނޑުތައް ހަލާކުކޮށްލަން ހަދާގޮތަކީ ހުރިހާ ފިރިހެން ރުކެއް ކަނޑާލުމެވެ. މިއީ މުޅި ދަނޑު އެއްކޮށް ހަލާކުކޮށްލެވޭނޭ ގޮތެކެވެ. ހުރިހާ ރުކެއް ކެނޑުމަށްވުރެ މަސައްކަތް ލުއި ގޮތެކެވެ.

artificial pollination

ކަދުރަކީ ދިވެހި ރުއްފަދައިން، 100 ވަރަކަށް ފޫޓު އުހަށް ހެދޭ، ކުޑަކޮށް ލޮނުރަހަ ލާފެނާ ގުޅޭ ރުކެކެވެ. މި ރުއްހެދެނީ ހޫނު ގަދަ ތަންތަނުގައެވެ. މި ސަބަބުތަކަށްޓަކައި ކަދުރު ރުކަކީ ދިވެހިރާއްޖެއާ ވަރަށް ރައްޓެހި އެއްޗެއްކަމަށް ތިޔަބޭފުޅުން ފާހަގަ ކުރައްވާނެއެވެ. ރުކުގައި މާ އަޅަންފަށަނީ ހަތަރު ފަސް އަހަރުންނެވެ. ދިވެހި ރުއްފަދައިން 100 އަހަރުވުމުން ކަދުރުރުއް މަރުވާ ގޮތް ވެއެވެ. އަންހެން ގަހާއި ފިރިހެން ގަސް އެންމެ ފަސޭހައިން ފާހަގަ ކުރެވޭނީ އޭގެ މަލުންނެވެ. ފިރިހެން ގަހުގެ މަލުގައި ކުދި ”ގޮބޮޅި“ ތަކެއް ނުހުންނާނެއެވެ. ކުދި ރުއްނަމަ، ލެބޯރަޓަރީ ޓެސްޓަކުން އޭގެ ޖިންސް ވަކިކުރެވޭނެއެވެ. ކަދުރުރުކަކީ އޭގެ ބުޑުން ކުރިފަޅާ ކުދި ރުއް ހެދޭ ރުކެކެވެ. އެހެންކަމުން އަންހެން ގަހެއްގެ މިފަދަ ނިރުންވެސް އަންހެން ގަސް ރުވޭނެއެވެ. ބައެއް މީހުން މިހާރަކަށް އައިސް ކަދުރުރުއް ހައްދަނީ ކްލޯން ކޮށްގެންނެވެ. ޙަޤީޤަތުގައި ގަހުގެ ބުޑުން ފަޅާ ނިރުން އެހެން ރުކެއް ހެއްދުމަކީ ކްލޯން ކުރުމުގެ ވައްތަރެކެވެ. މިކަން މިހާރު ބަދަލުވެފައިވާ ވަރަކީ އަންހެން ކަދުރުރުކެއްގެ ފަނުން ހަމަ އެ ޖިންސްގެ އެވައްތަރުގެ އެތައް ލައްކަ ކަދުރު ރުއް އުފަން ކުރެވުމެވެ. ޖަންގަލިގޮތަށް ކަދުރުރުއް ހެދޭއިރު، ކޮންމެ އަންހެން ގަހަކަށް ފިރިހެން ގަހެއް ބޭނުން ވެއެވެ. އެއީ އޭގެ ކަރުދާ ވަޔާ ދުރަށް ނުދާތީއެވެ. ނަމަވެސް، މިގޮތަށް ހައްދާނަމަ، ހައްދާތަން ކަދުރުރުއް ނާޅާ ފިރިހެން ރުއްތަކުން ފުރޭނެތީ ކަދުރު ރުއް ހައްދާއިރު ހައްދަނީ މުޅިންހެން އަންހެން ރުކެވެ. ރުއްތައް ތަލްޤީޙް ކުރަނީ މީހަކު އަމިއްލައަށެވެ. އަމިއްލައަށް ތަލްޤީޙް ކުރާއިރު ކޮންމެ ފަންސާސް އަންހެން ރުކަކަށް އެއް ފިރިހެން ރުކެއް ހުރުމުން ފުދެއެވެ. ބައެއް ދަނޑުތަކުގައި، ފިރިހެން ރުއް އެއްގޮތަކަށް ވެސް ނުހުރެއެވެ. އެއީ މާއަޅާ މޫސުމުގައި ފިރިހެން ރުކުމާ ބާޒާރުން ގަންނަން ލިބޭތީއެވެ. ކަދުރުރުކުގެ ކަރުދާ ހިއްކާފައި ހައެއްކަ މަސް ވަންދެން ބެހެއްޓޭމެއެވެ.

brxxx233 ކަދުރުރުއް ތަލްޤީޙް ކުރުމަށް ދެތިން ހަތަރު ގޮތެއް ގެންގުޅެއެވެ. އެއްގޮތަކީ ކުޑަ ކަފަބުރެއް ކަރުދާ ދަޅަކަށް ބޭނުމަށްފަހު، އަންހެން އެތުގެ މާ ފޮޅުމުން އޭގެ ތެރެއަށް ބޭނުމެވެ. މިގޮތުގެ މައްސަލައަކީ ރުކަށް އަރަން ޖެހޭ ކަމެވެ. ކަދުރު ރުކަކީ ކަށި ފަދަ ފަންތަކެއް ހިމެނޭ ރުކެކެވެ. ރުކަށް އަރާމީހުން ކަށިތައް ސާފުކުރަން ރާއެރިން ގެންގުޅޭ ކަހަލަ ބަޅު ވަޅިއެއް ގެންގުޅެއެވެ. އަނެއް ގޮތަކީ ބިންމަތީގައި ހުރެފައި، ހޮޅިއަކުން ރުކުމަލުގެ ތެރެއަށް ކަރުދާ ވައިން ފޮނުވުމެވެ. މިގޮތުގައި ދަނޑިއެއް ފަދަ އެއްޗެއްގައި ހޮޅިއެއް ހަރުކޮށް، ބިންމަތީގައި ހުރެ ގުންބާއަކުން ވައިޖަހައިގެން ކަރުދާ އިހާތެރެއަށް ފޮނުވާނީއެވެ. ބޮޑެތި ކަދުރުރުއް ބަގީޗާ ތަކުގައި، ކަރުދާ އިހާތެރެއަށް ފޮނުވަނީ ކޮމްޕްރެސަރަކުން ވައިޖަހައިގެން އެސްލޯން ނުވަތަ އެލުމިނިއަމް ހޮޅިއަކުންނެވެ. ދެތިން ފަހަރަކު މަތިން މިކަން ކުރަން ޖެހިދާނެއެވެ.

            ސައިންސް އާއި ޓެކްނޯލޮޖީ ދަނޑުވެރިކަން ވަރަށް ކުރިއަށް ގެންގޮސް ފިއެވެ. ޤުދުރަތީ ގޮތުން، އަންހެން ފިރިހެން ކަދުރުރުއް ހުއްޓަސް، ދިވެހިރުއް ފަދައިން އެއް ރުކެއްގައި މި ދެބައި ހިމެނޭ ގޮތަށް ސެލްގެ ތެރޭގައިވާ މާއްދާތައް ބަދަލުކޮށްފައި ވެއެވެ. އެހެންކަމުން، ކަދުރުއަޅާ، ފިރިހެން ރުއް ބޭނުން ނުވާ، ރުއް މިހާރު ހުރެއެވެ. ނަމަވެސް މިފަދަ ރުކުގެ ކަދުރު އެހާ ފޮންޏެއް ބޮޑެއް ނޫނެވެ. ތިރީގައި އެވަނީ އޭގެ ކަދުރެވެ.

datepollination ކަދުރުރުކަކީ ދިވެހިރާއްޖޭގެ ބިންގަޑާއި މޫސުމާ ގުޅޭ ރުކެކެވެ. ރާއްޖެއަށް ބޭނުންވާ ވަރަށް ކަދުރު ރާއްޖޭގައި ހެއްދިދާނެއެވެ. މިކަން ކުރުމަށް އެންމެ މުހިންމީ ރަނގަޅު ބާވަތެއްގެ ކަދުރު އަންހެން ރުއްތަކަކާއި ފިރިހެން ރުއްތަކެއް، ރަނގަޅު މުޑުވަކަކުން ކްލޯންކޮށްގެން ހައްދާ ލެބޯރަޓަރީއަކުން ގަނެގެން ރާއްޖެ ގެނެސް، އެކަށީގެންވާ ބޮޑު ސަރަޙައްދެއްގައި ރުވުމެވެ. މިގޮތް ދަތިނަމަ، އޮށުންވެސް ކަދުރުރުއް ހެއްދި ދާނެއެވެ. އެއް ދުވަސް ވަންދެން ފެނުގައި އޮށް ބޭއްވުމަށް ފަހު، ހިލަކަރުދާސް އޮށުގެ ބޭރުގައި ލައި ސާފުކޮށް، ވައި ނުވަންނަ ގޮތަކަށް ކޮތަޅަކަށްލާ ބަންދުކޮށް ބޭއްވުމުން ކުރި ފަޅާނެއެވެ. ބިއްލޫރި ފުޅިއެއް ވެސް މިކަމަށް އެކަށޭނެއެވެ.

brxxx28އޮށުން ގަހާއި ރުއް ހެއްދުމުގެ މައްސަލައަކީ، ޤުދުރަތީ ބާރަކީ ވީހާވެސް ތަފާތު ވައްތަރެއްގެ ގަސްތަކެއް އުފަންކުރުން ކަމުގައިވާތީ، އިންދި އޮށާ ގަހުގައި އަޅާ ކަދުރާ ތަފާތު ވެދާނެ ކަމެވެ. އެއްވެސް މީހަކަށް ލިބޭ ދަރިން އެއްގޮތެއް ނުވޭ ނޫން ހެއްޔެވެ؟ އަނެއް މައްސަލައަކީ ރުކުގެ އަންހެން ފިރިހެން ބަލަން ރުކުގައި އެތުމާ އަޅަންދެން މަޑުކުރަން ޖެހޭ ކަމެވެ. ނަމަވެސް، މިހެން މިކަން އޮތަސް ކަދުރު ހެއްދުމަކީ ނުކޮށް ދޫކޮށްލާ ވަރަށް ފުރެ ފައިދާ ބޮޑު ކަމެކެވެ. ކަދުރާއި ކިރަކީ އެހެން އިތުރު އެއްޗެއް ނުކައި އުޅެވޭހާ ފުރިހަމަ ކާނާއެކެވެ. ކަދުރުގައި އެކުލެވޭ މުހިންމު މާއްދާތަކުގެ ތެރޭގައި ޕޮޓޭސިއެމް އާއި މެގްނީސިއަމް އާއި ފޮސްފޮރަސް ހިމެނެއެވެ. ވަރަށް ގިނަ ޢަދަދަކަށް، ވިޓަމިން އޭ އާއި ވިޓަމިން ބީ ހިމެނެއެވެ. މީގެ އިތުރު އެތައް މާއްދާތަކެއް ވެސް ހިމެނެއެވެ. ކުރީ މަޒުމޫނެއްގައި ދެންނެވިފައި ވާނޭހެން، ކޮލެސްޓްރޯލް، އެއްވެސް ގަހަކުން އުފައްދާ އެއްޗެއްގައި ނުހުންނާނެއެވެ. ހިކެން ބޭނުންވާ މީހުން، ފޮނި އެއްޗެއް ކެއުމަށް ކަދުރަކީ ރަނގަޅު ކެއުމެކެވެ. ދިވެހިން ރުކުގެ ހުރިހާ ބައެއް އެކި ކަންކަމަށް ބޭނުން ކުރާ ފަދައިން ހިޖާޒު ހިސާބުގެ މީހުން ކަދުރުރުކުގެ ހުރިހާ ބައެއް އެކި ކަންކަމަށް ބޭނުން ކުރަތެވެ. މީގެ ތެރޭގައި ކަދުރުރުކުން ރާއެރުން ވެސް ހިމެނެއެވެ. ކަދުރަކީ ފުރަހަ ވެސް ގަދަކުރާ އެއްޗެކެވެ. ހަމައެކަނި ކަދުރުގެ ފައިދާތަކުގެ ވާހަކަ ދެއްކިއަސް، މަޖައްލާގެ މިއަދަދުގައި ހުސްޖާގައެއް ނޯންނާނެއެވެ.

މިހާތަނަށް އޮށެއް އެންމެ ގިނަދުވަސް ކުރުމަށް ފަހު ފެޅުވި އޮށަކީ ކަދުރު އޮށެކެވެ. އާދެ! 2000 އަހަރުވީ ކަދުރު އޮށަކުން 2008 ވަނަ އަހަރު ގަސް ފަޅުވާފައި ވެއެވެ. ރަސޫލުޒަމާނުގެ ކަދުރު އޮށެއް އަޅުގަނޑުމެންނަށް މިހާރު ލިބިއްޖެނަމަ، އެ އޮށުން ގަސްފެޅުވިދާނެ އެވެ. މިދެންނެވި އެއްޗެއްގެ މާނައާ ދޭތެރޭ ވިސްނަވާލަ ބައްލަވާށެވެ!

tissuecultureoforchids