ފުދުންތެރިކަމުގެ މަތިވެރިކަން 3
ފިނިފެންމަލުގެ ބަގީޗާ — ތިންވަނަ ބާބު • ތިންވަނަބައި
—28—
ވާހަކައެއް އޮވެއެވެ. ފަހުލަވާނަކަށް ބަދު ނަޞީބު ކުރިމަތިވެ ހިތާމަވެރި ދުވަސްވަރެއް އަތުވެއްޖެއެވެ. އޭނާގެ އަނގަ ބޮޑުކަމުން އަތުން އެ ފުރޭވަރެއް ނުވިއެވެ [ކާންދޭންޖެހޭ މީހުން ގިނަކަމުން އޭނާގެ އަތުން ކުރާ މަސައްކަތުން ފުދޭވަރެއް ނުވިއެެވެ.]. މިކަމާ އޭނާގެ ބައްޕައަށް ޝަކުވާކޮށް، މުލައްދަނޑީގެ ބާރުން ދިރިއުޅުން ހޯދަން ދަތުރުކުރުމަށް އެދިއްޖެއެވެ.
[ޢޫދަކީ މީރުވަސް ދުވާ ލަކުޑިއެކެވެ. ގޮމަކަސްތޫރިއަކީ ފުއްލާއެއްގެ ގުނަވަނެއްގައި އުފެދޭ މީރުވަސް ދުވާ ދިޔައެކެވެ.]
ބައްޕަ ޖަވާބު ދިނެވެ: ”މަގޭ ދަރިފުޅާއެވެ. ތި މޮޔަ ޚިޔާލު ދޫކޮށް، ސަލާމަތްތެރިކަމުގެ ފަސްބައިގެ ދަށުގައި، ފުދިގެން އުޅުމުގެ ފައިތިލަ ބަހައްޓާށެވެ. މޮޅު މީހުން ބުނެފައި ވެއެވެ:
ވަސްމާ [ބޮލުގައި ޖައްސާ ކުލަ] ތަލަވެފައިވާ މީހެއްގެ ބުމައިގައި ހޭކުމަކީ ބޭކާރު ކަމެކެވެ.
ނަޞީބު ތިބާއާ ބީރައްޓެހިނަމަ، ކުރާނޭ މަންފާއެއް ނޯންނާނެ އެވެ.
.
ދަރިފުޅު ޖަވާބު ދިނެވެ: ”ދަތުރުކުރުމުގެ ފައިދާތައް ގިނަ ގުނައެވެ. އޭގެ ތެރޭގައި، ސިކުނޑިއަށް ލުއިކަން ލިބުމުން ފައިދާ ކުރުމާއި ޢަޖާއިބު ކުރުވަނިވި ކަންތައްތައް ފެނި ހައިރާން ކުރުވަނިވި ވާހަކަތައް އިވުމާއި ޝަހަރުތަކުގައި މުނިފޫހިފިލުވުމާއި ރައްޓެހިންނާއި ބައްދަލުވުމާއި ޤަދަރާއި މުދަލާއި މަތިވެރިކަން ލިބުމާއި އެކި މީހުންގެ ގޮތް ދެނެގަތުމާއި ދުނިޔޭގެ ތަޖުރިބާ ލިބުން ހިމެނެއެވެ. ޠަރީޤާގެ މީހުން ބުނެފައި ވެއެވެ:
.
ބައްޕަ ޖަވާބުގައި ބުންޏެވެ: ”ތިބުނިހެން ދަތުރުކުރުމުގެ މަންފާތައް ގިނަ ގުނައެވެ. ނަމަވެސް އެއީ ޚާއްޞަކޮށް ފަސް ބާވަތެއްގެ މީހުންނަށެވެ.
ފުރަތަމައީ
މުދަލާއި ބާރުގެ ސަބަބުން ރީތި އަޅުންނާއި މުރާލި ޣުލާމުން ލިބިފައިވާ ސާދާގަރެވެ. އޭނާ ކޮންމެ ދުވަހަކު އައު ސަހަރަކަށް ފައިބައި ކޮންމެ ރެއަކު ވަކި ރަށެއްގައި ރޭކުރެއެވެ. މުނިފޫހިފިލުވުމުގައި ކޮންމެ ވަގުތެއް ހޭދަކުރެއެވެ. އަދި ދުނިޔޭގެ ރީތިކަމުން އުފާވެރިކަން ލިބިގަނެއެވެ.“
އޭނާގެ އަމިއްލަ ރަށުގައި ވަނީ ޣަރީބު ބީރައްޓެއްސަކަށެވެ.
{ޣަރީބަކީ ރަށަކަށް ނުވަތަ ތަނަކަށް ނުވަތަ ބަޔަކަށް ފަރިތަނޫން މީހާއެވެ. ބައެއް ޙާލަތްތަކުގައި ފަޤީރުންނަށާއި ފަޤީރުކަމަށް ވެސް ފާރިސީބަހުން މި ލަފުޒު ބޭނުން ކުރެއެވެ.}
ދެވަނައީ
އޭނާގެ ވާހަކަދެއްކުމުގެ ހިތްގައިމުކަމުންނާއި ބަލާޣަތުގެ ބާރުންނާއި ޢިލްމުގެ ބޮޑުކަމުން، ދާ ކޮންމެ ތަނަކު އޭނާއަށް މީހުން ބަލަބަލައި ތިބޭ، އަދި އިޙްތިރާމް ދެވޭ ޢިލްމުވެރިޔާ އެވެ.
ބޭރު ރަށެއްގައި އޭގެ އަގެއް ނުހުރެއެވެ.
[ކުރީ ޒަމާންތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރަނީ ރަނާއި ރިއްސެވެ. ޝަހުރުއާ އަކީ އަގުހެޔޮ މަޢުދަނުން ފައިސާޖެހި ރަސްކަލެކެވެ.]
ތިންވަނައީ
ކޮންމެ ތަނަކު ވެސް ޙުރުމަތާއި ޢިއްޒަތް ރީތި މީހަކަށް ލިބެއެވެ.
ކޮންމެ ތަނަކު އެޅިޔަސް އޭގައި ހިފަން އަތްތައް ދިއްކުރެވެއެވެ.“
ހަތަރުވަނައީ
ހިތްގައިމު އަޑެއް ލިބިފައިވާ، އަދި ދާވޫދު ފަދައިން، އެމީހަކަށް ފެން އޮހުން މަޑުކުރެވޭ، ދޫނި އުދުހުމުން ހުއްޓުވޭ ފަދަ މީހެކެވެ. އެމީހާގެ މި ހުނަރުގެ ސަބަބުން މީހުންގެ ހިތްތައް ހިފެހެއްޓި ދީންވެރީން އެމީހުންނާ ގާތްވެ ގަތުމަށް އުފާކުރެއެވެ.
ރީތިކަމަކީ ޙިއްސުތަކަށް އަރާމެކެވެ. ނަމަވެސް ހިތްގައިމު އަޑަކީ ރޫހަށް ކާނާއެވެ.
ފަސްވަނައީ
މުލައްދަނޑީގެ ބާރުން އުޅެވޭވަރުކުރާ، އަތުންފައިން ކުރާ މަސައްކަތެއް އެނގޭ މީހާއެވެ. ރޮށިހޯދުމަށް ކުރާ މަސައްކަތުން އޭނާގެ ޤަދަރެއް އުންޏެއް ނުވެއެވެ. ބުއްދިވެރިން ބުނެފައި ވެއެވެ.
ފޮތިއަޅަން ދަންނަ މީހާއަށް އުނދަގޫތަކެއް، މައްސަލަތަކެއް ދިމަލެއް ނުވެއެވެ.
ނިމްރޫޒުގެ ރަސްގެފާނު ނިދާނީ ހުސް ބަނޑާއެވެ.
މަ ދަރިފުޅާ އެވެ. އަހުރެން މިކިޔާދިން ސިފަތައް ހުރި މީހަކު ދަތުރަކު ގޮސްފިނަމަ، އޭނާގެ ސިކުނޑިއަށް އަރާމު ލިބުމާއި އުފާވެރި ދިރިއުޅުމެއް ފަހިވުން ވެއެވެ. އެ ސިފަތައް ނެތް މީހަކު، މޮޔަ ޚިޔާލުތަކަކާ އެކު ދުނިޔެ ތެރެއަށް ގޮސްފިނަމަ، އޭނާގެ ނަމާއި ޢިއްޒަތާ ބެހޭގޮތުން އެއްވެސް އެއްޗެއް އެއްވެސް މީހަކު ދުވަހަކުވެސް އަޑެއް ނާހާނެއެވެ.
ވަގުތު އޭނާ ގެންދާނީ އޭނާގެ މިސްރާބާ ދެކޮޅަށެވެ.
ތަޤްދީރު ގެންދާނީ އެ ހިފަން ޖަހާފައިހުރި ދަލާއި ގޮަދަނާ ދިމާލަށެވެ.
ދަރިފުޅު ބުންޏެވެ:
”ބައްޕާއެވެ. ޙިކްމަތްތެރިންގެ އަމުރާ ޚިލާފަށް އަހުރެންނަށް ކަންތައް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެމީހުން ބުނެފައިވެއެވެ. އިރާދަފުޅުން ރިޒުޤު ބެހެވުނަސް، އެ ލިބުން ވަނީ މަސައްކަތް ކުރުމުގައެވެ. މުޞީބާތެއް ތަޤްދީރުގައި ވިޔަސް، އެ ވަންނާނޭ ދޮރޯށި ދައްކަންޖެހޭނީ މީހުންނެވެ.
އެ ހޯދުމަށް ބޭރުގައި މަސައްކަތް ކުރަންޖެހޭނެއެވެ.
ޑްރެގަންއެއްގެ (ތަނީނެއްގެ) އަނގައިގެ ތެރެއަށް ދުވަމުން ވަންނާކަށް ނުވާނެއެވެ.
”ބައްޕާއެވެ. މި ދުވަސްވަރު އަހުރެންގެ ބާރު ގަދަކަމުން، މޮޔަވެފައިވާ އެތެއް ބަލިކުރެވޭނެތީ އަދި ރުޅިއައިސްފައިވާ ސިންގާއަކާ ހިފޭނެތީ، އަހުރެން މި ދަތުރުކުރުމަށް ފުރަނީ އެވެ. ނިކަމެތިކަމުގައި އުޅުމަށް ހުރި ކެތްތެރިކަން މިހާރު އަހުރެންގެ ކިބައިން ހުސްވެއްޖެއެވެ.“
އިތުރަށް ހިތާމަ ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ހުރިހާ އުދަރެހަކީ އޭނާގެ އެވެ.
ރޭގަނޑު އަންނަ އިރުވެސް ދަރުވޭސީން އުޅެނީ އޭނާ ނިދާތަނުގައެވެ.
މިހެން ބުނެ، ބައްޕަގެ ހެޔޮ ދުޢާ އަށް އެދި ދަރިފުޅު ދަތުރަށް ފަށައިފިއެވެ. އަދި މިހެން ކިޔެވެ.
އޭނާގެ ނަން މީހުން ނުދަންނަ ހިސާބަކަށް ދެއެވެ.
އޭނާއަށް ދަތުރުކޮށް ނިކުމެވުނީ ރާޅުގަދަ ކޯރެއްގެ ކިނާރާ އަކަށެވެ. ރާޅުތަކުން ހިލަތައް އެކަތި އަނެއް އެއްޗާ ޖަހައި، އެއިގެ އަޑު މޭލެއްގެ ދުރަށް އަރައިގެން ދެއެވެ.
އޭނާއަށް ފެނުނީ ކޯރު ހުރަސްކުރަން އުޅޭ ބަޔަކު، ކޮންމެ މީހަކު ފައިސާ ފޮއްޗެއް ހިފައިގެން ފެރީއަށް މަޑުކޮށްގެން ވާތަނެވެ. ފަހުލަވާނުގެ އަތް ބެދެވިފައިވާތީ (ފައިސާ ނެތުމުން) އޭނާގެ ސަނާ ކިޔުމާއި އާދޭހަކަށް އެމީހުން އަޅައެއް ނުލިއެވެ. އެމީހުން ކިޔައެވެ:
އެކަމަކު ތިބާ އަތުގައި ފައިސާ ހުރިނަމަ، ބާރުގެ ބޭނުމެއް ނެތެވެ.
ބޭރަޙުމް ފަޅުވެރިޔަކު ފަހުލަވާނާ ދިމާއަށް ހީލާފައި ބުންޏެވެ:
ދިހަ މީހުންގެ ބާރަށް ވުރެ ގަދައީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަކަށްވާ ފައިސާ ގެންނާށެވެ.“
ޒުވާން ފަހުލަވާނުގެ ހިތް މި ބަސްތަކުން އަނދައި ބަދަލުހިފުމުގެ ރޫޙް އުފެދިއްޖެއެވެ. އެކަމަކު ފެރީ ފުރައިފިއެވެ. އޭނާ ބާރަށް ގޮވިއެވެ: ”އަހުރެން ލައިގެން ހުރި ހެދުން ކަމުދާ ނަމަ، ބަދަލުގައި މި ދޭނަމެވެ.“
ފަޅުވެރިޔާ އަކީ ދަހި މީހެއް ކަމުން އޭނާ ފެރީ އަނބުރާލައިފިއެވެ.
އެދުންވެރިކަން، ބުއްދިވެރި މީހުންގެ ފެނުން ފަރުދާ ކުރެއެވެ.
ދަހިވެތިކަން، ދޫންޏާއި މަސް، އެ ހިފަން ޖަހާ ދަލާ ގާތް ކުރެއެވެ.
ފަހުލަވާނާ ހަމައަށް ފަޅުވެރިޔާ އައުމުން އޭނާގެ ތުނބުޅިއާއި ކަރުގައި ހިފައި ވަތަށް ޖަހައިފިއެވެ. އޭނާ ސަލާމަތް ކުރަން އައި އެހެން ފަޅުވެރިއަކަށް މި ހާލު ޖެހި ފަހަތަށް ޖެހިއްޖެއެވެ. ފެރީގައި ތިބި އެހެން މީހުން، މި ޒުވާނާ މައިތިރިކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ފެނި، ދަތުރަށް ދޭން ޖެހޭ ފައިސާ ދީފިއެވެ.
ބުއްދިވެރިން، ހަމަ ނުޖެހުމަށް ދޮރު ޖަހައި ދުރަށް ދެއެވެ.
ތޫނު ކަނޑިއަކަށް މަޑު ފަށުވި ކަފައެއް ނުލެވެއެވެ.
ތިބާއަށް އިސްތައްޓެއް ޖަހައިގެން އެތެއް ބޭނުން ތަނަކަށް ގެންދެވޭނެ އެވެ.
ދެން އެމީހުން އޭނާގެ ފައިދަށަށް ވެއްޓި، ކަން ހިނގަައި ދިޔަ ގޮތަށް މަޢާފަށް އެދުނެވެ. އަދި އޭނާގެ ނިތާއި ބޮލުގައި މުނާފިޤު ބޮސްދިނުމަކުން ބޮސްދީ ފެރީއަށް އަރުވައި ދަތުރު ފަށައިފިއެވެ. ޔޫނާނީންގެ ދުވަސްވަރު، ކޯރުގެ މެދުގައި ޖަހާފައި ހުރި ތަނބަކާ ހަމައަށް ދެވުމުން ފަޅުވެރިޔާ ބުންޏެވެ: ”ފެރީ ވަނީ ނުރައްކަލުގައެވެ. ކަލޭމެންގެ ތެރެއިން އެންމެ ވަރުގަދަ މީހަކު ވަލެއް ހިފައިގެން ތަނބަށް އަރާށެވެ. އެއިރުން ފަހަރެއްގައި އަހުރެމެން އެންމެން ސަލާމަތް ވެދާނެއެވެ.“
ޒުވާން ފަހުލަވާާނު، އޭނާގެ ބޮލަށް ކެރުމުގެ ބޮޑާކަން ވެރިވެފައިވާތީ، ރުޅިއައިސްފައިވާ ފަޅުވެރިޔާއަށް ނުވިސްނައި، އަދި މިބުނާ ބުއްދިވެރިންގެ ބަހަށް ސަމާލުކަން ނުދީ މިކަން ކުރަން އެއްބަސް ވެއްޖެއެވެ.
ތިބާ މީހަކު ރުޅިއަރުވަން އެއް ކަމެއް ކޮށްފައި، އޭގެ ފަހުން އޭނާއަށް ސަތޭކަ ރަނގަޅު ކަންތައް ކޮށްދިންކަމުގައި ވިއަސް، އޭނާ އެކަމުގެ ބަދަލު ނުހިފާނެކަމަށް ޔަޤީން ނުކުރާށެވެ. އެއީ ލޮންސީގެ ތިލަ ނުކުތް ކަމުގައި ވިއަސް އެކަމުގެ ހަނދާން ހިތުގައި ހުންނާނެ އެވެ.
”ޢަދާވަތްތެރިޔާ އަށް ކަލޭ ގޯނާކުރީ ކިހާ ވަރަކަށް ހެއްޔެވެ؟“ ޔަކްތާޝް ޚިލްތާޝްއަށް ބުންޏެވެ: ”ރައްކާތެރިކަން މަތީ ހުރިކަމަށް ހީ ނުކުރާށެވެ.“
އުނދަގުލެއް ނާންނާނެކަމަށް އަޅާނުލައި ނުހުންނާށެވެ.
ކިއްލާ އެއްގެ ފާރުތެރެއަށް ގައު ނުއުކާށެވެ.
ފަހުލަވާނު ވައު ހިފައިގެން ތަނބު މައްޗަށް އެރުމާއެކު، ފެރީގެ މީހުން ވައު ދަމައިގަނެގެން ދުއްވާލައިފި އެވެ.
އެހީއެއް ނުލިބި ފަހުލަވާނު ދެ ދުވަހު ހިތާމައާއި ހިތްދަތިކަމުގައި ވިއެވެ. ތިން ވަނަ ދުވަހު ނިދި އޭނާގެ ކަރުގައި ހިފައި ކޯރު ތެރެއަށް އެއްލާލައިފި އެވެ. ދުވާލަކާއި ރޭގަނޑެއް ފާއިތުވީ ފަހުން ކިނާރާއަށް އޭނާގެ ހަށިގަނޑު ލެއްގީ ކިރިޔާ ފުރާނަ ހުއްޓައެވެ.
ގަސްތަކުގެ ފަތްތަކާއި ގެހިތަކުގެ މޫތައް ކައިގެން ކޮންމެވެސް ވަރަކަށް ވަރު ޖެހުމުން، ސަހަރާގެ ތެރެއަށް ހިނގައިގަނެފިއެވެ. ކަރު ހިއްކަން ފެށުމުން ހިނގި ނުހިނގި މިގޮތަށް އުޅެމުން ވަޅެއްގެ ގާތަށް ދެވިއްޖެއެވެ. އޭނާއަށް ފެނުނީ ކުޑަލާރިއަކަށް މީހުން ވަޅުން ފެން ބޯތަނެވެ. ނަމަވެސް އޭނާގެ އަތުގައި ލާރިއެއް ނެތުމުން އޭނާގެ ނިކަމެތި ޙާލަތު ހާމަކޮށް ލާރިއެއް ދިނުމަށް އެދުނެވެ.
ނަމަވެސް މި މީހުން އޭނާއަކަށް އެއްވެސް ރަޙްމެއް ނެތެވެ. މިކަމާ ރުޅިން އެމީހުންނަށް އިހާނަތުގެ ބަސްތައް ގޮވައި ބައެއް މީހުން ތިރިއަރުވާލައި އަނެއް ބައި މީހުން ޒަޚަމް ކޮށްލައިފި އެވެ.
ރުޅިއައިސްފައިވާ ސިންގާއެއްގެ ހަންގަނޑު އިރައެވެ.
ދެން މި އެންމެން އެކަތިގަނޑަކަށް ވެ، މީނާއަށް ޙަމަލާދީ، ޒަޚަމްކޮށްލާފައި އެމީހުންގެ ދަތުރާއިގެން ސަހަރާގެ ތެރެއަށް ފުރައިފިއެވެ. ޒަޚަމްތަކުން ލިބުނު ގެއްލުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުމުން، ސަހަރާގެ ތެރެއިން ދަތުރު ކުރި ގާފިލާއެއްގެ ފަހަތުން ދަތުރު ކުރަން ފަށައިފިއެވެ. އިރު އޮއްސެން ގާތްވި ތަނާ ގާފިލާއަށް ދެވުނު ހިސާބަކީ ބަދަވީ ވަގުންގެ ސަބަބުން ނުރައްކާ ހިސާބެކެވެ. ގާފިލާގެ މީހުންގެ ގުނަވަންތައް ބިރުން ތުރުުތުރު އަޅައެވެ. ފަހުލަވާނު ބުންޏެވެ:”ބިރު ނުގަންނާށެވެ. އަހަރެންނަށް ފަންސާސް މީހުން ބަލިކުރެވޭނެ އެވެ. އަދި ގާފިލާގެ ޒުވާނުން އަހަންނަށް އެހީތެރިވާނެއެވެ.“
މި ފޮނި ވާހަކަތަކުން ގާފިލާގެ މީހުންނަށް ހަމަހިމޭންކަން ލިބި، ގާފިލާއާ އެކު އޭނާ ދަތުރުކުރާތީ އުފާކޮށް، އޭނާއަށް ކާންބޯން ދިނުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމީހުން ދެކެފިއެވެ.
ފަހުލަވާނު ބަނޑުފައިގަނެގެން، ކެތްތެރިކަމުގެ ލަގަން އޭނާގެ އަތުން ދޫވެ، ކާއެތިިކޮޅެއް ކައި ފެންބުއި ތަނާ އޭނާގެ އެތެރެހަށި ޞުލްޙަވެ ނިދިއްޖެއެވެ. ގާފިލާގައި ދަތުރުކުރި ތަޖުރިބާކާރު މުސްކުޅިއަކު ބުންޏެވެ: ”އޭ މީސްތަކުންނޭވެ! ބަދަވީންދެކެ ގަންނަ ބިރަށް ވުރެ، ތިޔަބައިމީހުން މި ގެންގުޅޭ ފާރަވެރިޔާ ދެކެ ގަންނަ ބިރުބޮޑެވެ. އެއީ މި ވާހަކައިގައިވާ ފަދައިންނެވެ.“
ދިރުހަމްކޮޅެއް އެތައް ދުވަހަކުން އެއްކުރި ޣަރީބަކު، ވަގުން ދެކެ ގަންނަ ބިރުން އޭނާއަށް ގޭގައި ނިދަން ދަތިވެއްޖެއެވެ. ދެން އޭނާގެ ރައްޓެއްސަކު، އެކަނިވެރިކަމުގެ ބިރަށް އެގޭގައި އޭނާއާ އެކު ނިދުމަށް ދަޢުވަތު ދީފިއެވެ. މީނާއަށް މި މީހާގެ އަތުގައި ފައިސާހުރިކަން އެނގިގެން، އެ ވަގަށް ނަގައި، ޚަރަދުކޮށް ހުސްކޮށްލާފައި ރަށުން ފުރައިގެން ގޮސްފިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު، ޣަރީބު މީހާ، އޮރިޔާން ހާލުގައި ރޮއެހޭރޭތީ މީހަކު އެހިއެވެެ:
”ތި އުޅެނީ ކޮންކަމެއް ދިމާ ވެގެން ހެއްޔެވެ؟ ފައިސާ ކޮޅު ވަގެއް ގެންދިޔައީ ހެއްޔެވެ؟“
އޭނާ ޖަވާބު ދިނެވެ: ”ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ފާރަވެރިޔާ ފިލީ ފައިސާކޮޅު ވަގަށް ނަގައިގެންނެވެ.“
ހަރުފައެއްގެ ނުރައްކަލުން ސަލާމަތްވިކަމަށް އަހުރެން ނުދެކެމެވެ.
ޢަދާވާތްތެރިއެއްގެ ފަރާތުން ލިބޭ ޒަޚަމް ފުނެވެ.
”މީނާއަކީ، އަހުރެމެންގެ ގާފިލާ ފޭރޭން ރަނގަޅު ވަގުތު ދެނެގަންނަށް ބަދަވީން ފޮނުވި ޖާސޫސެއް ނޫންކަން ކަލޭމެންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންނަށް ފެންނަ ގޮތުގައި، މީނާ ނިދީގައި ބާއްވާފައި އަހުރެމެން ފުރުން ރަނގަޅެވެ.“
ގާފިލާގެ ޒުވާނުން މި މުސްކުޅިއާގެ ބަސް އަހައި، ފަހުލަވާނާ ދޭތެރޭ ޝައްކުކޮށް އޭނާ ނިދަން ބާއްވާފައި، އެމީހުންގެ މުދަލާއިގެން ފުރައިފިއެވެ. އޭނާއަށް މިކަން އެނގުނީ ކޮނޑުގައި އަވި ޖެހި ހޫނުވާން ފެށުމުންނެވެ. ދެން ވިސްނުނީ ގާފިލާ ނެތްކަމެވެ. ދެން ދާނެތަނެއް ނޭނގި ސަހަރާގައި އެގޮތް މިގޮތަށް ހިނގައި އެންމެ ފަހުން މާޔޫސްވެގެން މަރުވާން އިށީނދެ މިހެން ކިޔައިފިއެވެ.
ޣަރީބަކަށް އެހެން ޣަރީބެއް ފިޔަވައި ރައްޓެއްސެއް ނެތެވެ.
ހުތުރު ހަރުބަސް ޣަރީބުންނަށް މުޚާޠަބު ކުރެއެވެ.
ފަހުލަވާނު ނިކަމެތިވެ މިހެން ކިޔަން އިންދައި، އެއްގަމު ކެޔޮޅުކަމު ނުކުމެގެން އުޅޭ ރަސްގެފާނެއްގެ އަމީރަކަށް އޭނާގެ ބައިވެރިންނާ ދުރަށް ދެވި، ފަހުލަވާނު ކައިރިއަށް އާދެވި، އޭނާ ކިޔާ އެއްޗެއް އަޑު އިވިއްޖެއެވެ.
ފަހުލަވާނުގެ ބައްޕަ ދަރިފުޅު ފެނުމުން އުފާކޮށް ހެޔޮ ހާލުގައި ވީތީ ޝުކުރުކުރިއެވެ.
ހަވީރު ވުމުން، ފެރީގައި ކަންތައްތައް ދިމާވިގޮތާއި ފަޅުވެރިންގެ އަނިޔާވެރިކަމާއި ވަޅުކައިރީގައި ތިބި މީހުންގެ ނުލަފާކަމާއި ގާފިލާގެ މީހުންގެ މަކަރުވެރިކަން ބައްޕައަށް ކިޔައިދީފިއެވެ.
ބައްޕަ ބުންޏެވެ: ”މަގޭ ދަރިފުޅާއެވެ. ތިބާ ތި ދަތުރަށް ފުރި ދުވަހު، އަތުގައި ފައިސާއެއް ނެތް ކެރޭ ބަހާދަރު ފަހުލަވާނުންނަކީ ފައި ބިދިފައިވާ ސިންގާއެއް ފަދަ ބައެކޭ ނުބުނަން ހެއްޔެވެ؟“
އަތް ހުސް ފަހުލަވާނު ބުނި އެއްޗެއްގެ ތެދުކަމާއެވެ.
”ފަންސާސް މަނުގެ ބާރަށް ވުރެ، ރަން ފުކެއް މާރަނގަޅެވެ.“
ދަރިފުޅު ބުންޏެވެ:
”ބައްޕާއެވެ. މަސައްކަތްނުކޮށް ޚަޒާނާއެއް ނުހޯދޭނެ އެވެ. ފުރާނަ ބިރާކުރިމަތިނުކޮށް، ތިބާގެ އަދާވާތްތެރިންނެއް ބައްޔެއް ނުކުރެވޭނެ އެވެ. ދަނޑަށް އޮށް ނުއުކައި ކުރައެއް ނުކެނޑޭނެ އެވެ. ކުޑަ ދަތިތަކެއް ތަޙައްމަލުކުރުމުން، އަހުރެންނަށް ލިބުނު ހިތްހަމަ ޖެހުމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. ޖެހި ކަށިތަކާ އަޅާ ބަލާއިރު، އަހުރެން ގެނައި މާމުއިގެ މިންވަރު ދެކިބަލާށެވެ.“
ހޯދުމުގައި ފަރުވާ ކުޑަކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.
އަގުބޮޑު މުތެއް ދުވަހަކުވެސް ނުހޯދޭނެއެވެ.
އުޑީގެ ތިރީ ކިބަ ނުއެނބުރެއެވެ. އެހެންވެ، އެއަށް ޖެހެނީ މަތީ ކިބައިގެ ބަރު އުފުލާށެވެ.
ބައްޕަ ދަރިފުޅަށް ބުންޏެވެ:
”އުޑު ތިބާއަށް މިފަހަރު ދަރުމަވެރިވެ، ހެޔޮ ނަޞީބު މަދަދުވެރިވެ، ޝާހީ ބޭފުޅަކު ތިބާއާ ބައްދަލުވެ، އޭނާގެ ރަޙްމަތުން ތިބާގެ ބިކަ ޙާލަތު ރަނގަޅުކޮށްފިއެވެ. މިފަދަ ކަންތައްތައް މެދުވެރިވަނީ މަދުންނެވެ. އަދި ނާދިރު ޙާލަތްތަކަށް ބަރޯސާވާކަށް ނުވާނެއެވެ.“
މިނިކާވަގެއް، ޝިކާރަވެރިޔާ ކޮންމެ ވެސް ދުވަހަކު ކައިލަފާނެއެވެ.
މިގޮތަށް ހިނގި އެހެން ކަމެއް ވެއެވެ. ޕަރެސްގެ ރަސްކަލެއްގެ އަތްޕުޅުގައި އަގުބޮޑު އެހެއް ޖެހި އަނގޮޓިފުޅެއް ވިއެވެ. މުނިފޫހިފިލުވުމުގެ ގޮތުން، ދަރުބާރުގެ ބަޔަކާއެކު ޝީރާޒުގެ މިސްކިތަށް ރަސްގެފާނު ވަޑައިގެން އަސަދު ގުއްބުގެ މަތީގައި އަނގޮޓިފުޅު ބާއްވަން ދެންނެވިއެވެ. ތީރެއް އަނގޮޓީގެ ތެރެއިން ފޮނުވާލެވުނު މީހަކަށް އަނގޮޓި ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްގެފާނުގެ ޚިދުމަތުގައި އުޅޭ ހަތަރު ސަތޭކަ ދުނިވެރިންނަށް ވެސް އެ އަނގޮޓީގެ ތެރެއިން ތީރެއް ފޮނުވައެއް ނުލެވުނެވެ. މިހެން ކަންވެފައިވަނިކޮށް، ކައިރީގައި ހުރި ދައިރެއްގެ ހަމަ ފުރާޅު މަތީގައި ހުރި ކުޑަ ކުއްޖަކު އެކި ދިމަދިމާއަށް ތީރު ޖަހަނިކޮށް، ހެނދުނުގެ ވަޔާއެކު ތީރެއް އަނގޮޓީގެ ތެރެއިން ހިނގައްޖެއެވެ. މިހެންވުމުން، ރަސްގެފާނުގެ އަނގޮޓިފުޅު އޭނާއަށް ލިބި، ޤަދަރުގެ ލިބާހަކާއި ފައިސާ ވެސް ހަދިޔާގެ ގޮތުގައި ލިބިއްޖެއެވެ.
ބުނެވޭ ގޮތުގައި، މިހެން ކަންވުމުން، އެ ކުއްޖާ އޭނާ ގެންގުޅޭ ދުންޏާއި ތީރުތައް އަންދާލިއެވެ. ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”ފުރަތަމަ ލިބޭ ޢިއްޒަތް ދެމިހުންނާނެ އެވެ. އަހުރެންނަށް މި ޢިއްޒަތެއް ދެން ދުވަހަކުވެސް ނުލިބޭނެއެެވެ. ނަމަވެސް، ސީދާކޮށް ދުނި ޖެހޭތޯ ފަހުން ބަލާހިތް ވެދާނެއެވެ.“
ބައެއް ފަހަރު މިގޮތަށް ކަން ދިމާވެއެވެ.
—29—
ދުނިޔޭގެ މޫނުމައްޗަށް ދޮރުފަތް ޖަހައި، ހޮހޮޅައެއްގައި އިން ދަރުވޭސީއެއްގެ ވާހަކަ އަހުރެން އަޑުއެހީމެވެ. ރަސްކަލުންނާއި މުއްސަނދީންނަށް އޭނާގެ އެދުންވެރިކަމުގެ ލޮލުގައި އަޅާލުންތެރިކަމެއް ނެތި ވިއެވެ.
އެދުމެއް ނެތް ކަނދުރާ ވާނީ ތެދު އެއްޗަކަށެވެ.
އެ ސަރަޙައްދުގެ ރަސްކަލުންގެ ތެރެއިން އެކަކު، އިޙްތިރާމް ލިބިގެންވާ ދަރުވޭސީގެ މާތް އަޚްލާޤަށް އިތުބާރުކޮށް، އޭނާއާ އެކު ރޮއްޓާއި ލޮނު އެކުގައި ކެއުމަށް އެދޭކަން އަންގަވައިފި އެވެ. (ދަރުވޭސީއަށް އިޙްތިރާމްގެ ޒިޔާރަތެއް ކޮށްލުމަށް އެދިވަޑައިގެންފިއެވެ.)
ދަޢުވަތަށް އިޖާބަދިނުމަކީ ސުންނަތުގެ ތެރެއިންވާ ކަމަކަށް ވާތީ، ދަރުވޭސީ އެކަމަށް ރުހިގެންވާކަން ދަންނަވައިފިއެވެ. ޖެހިގެން އައި ދުވަހު ރަސްގެފާނު ޒިޔާރަތް ކުރެއްވުމުން ކުއްލިއަކަށް ތެދުވެ ބަޣަލްކީރު ކޮށް (ބައްދައި)، ރަސްގެފާނުންގެ ގައިކޮޅުގައި ފިރުމައި، ރަސްގެފާނަށް ވަރަށް ސަނާ ކިޔައިފިއެވެ.
ރަސްގެފާނު އެނބުރި ވަޑައިގެންނެވުމުން، ދަރުވޭސީގެ ޖަމާޢަތުގެ މީހެއް، އޭނާ ދުވަހަކުވެސް ދެކެފައި ނުވާފަދަ ގޮތަކަށް، އާދަޔާ ޚިލާފަށް ޕާދްޝާހަށް އެހާ ބޮޑު ސަމާލުކަމެއް ދިނީ ކީއްވެގެންތޯ ސުވާލު ކޮށްފިއެވެ. ދަރުވޭސީ ޖަވާބުގައި ބުންޏެވެ:
ޙިކްމަތްތެރިން ބުނާތީ އަޑު ނާހަން ހެއްޔެވެ؟
އޭނާއަށް ޚިދުމަތް ކުރުމަށް ކޮޅަށް ތެދުވާން ވާނެއެވެ.
ފުރާނައެއް ނުހުންނާނެ އެވެ.
ވީނާ ނުވަތަ ވީނާވަ ކިޔަނީ ގިޔުގަނޑެއްގައި ނަރުފުރާފައި ހުންނަ މިޔުޒިކު ކުޅޭ އާލާތަކަށެވެ. ދިވެހިބަހުން ”ވިނެވުން“ އެއީ މިކުޅޭއިރު އިނގިލިތައް ޙަރަކާތްކުރާ ގޮތް ސިފަކުރާ ލަފުޒެކެވެ. ނަސްރީނު ކިޔަނީ ވަލުގައި ހެދޭ ފިނިފެންމަލަށެވެ. ދިލްބަރަކީ ލޯބިވެރިޔާއެވެ.
Leave A Comment