މި މަޒުމޫނަކީ، ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން ނެރޭ ”ފަނާރު“ މަޖައްލާގެ 2002 ވަނަ އަހަރުގެ ޢަދަދެއްގައި ޝާއިޢުކުރެވުނު މަޒުމޫނެކެވެ. ވޭތިވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި، ތަޢުލީމީ ކަންކަމަށް އައި ބަދަލު، ފާޑުވެރި ނަޒަރަކުން ވަޒަންކޮށްލެއްވުމަށް، މިއީ މުހިއްމު ލިޔުމެކެވެ.
ވޭތިވެދިޔަ 25 އަހަރަކީ ރާއްޖޭގެ ތަޢުލީމަށް ބަހާރު މޫސުމެއް އައިސްފައިވާ ދުވަސް ތަކެކެވެ. ސަރުކާރުގެ ޚަރަދުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން، މީގެ ކުރިން ދުވަހަކު ވެސް ތަޢުލީމު ފެތުރިފައި ނުވާހާ ފުޅާކޮށް ރާއްޖޭގައި، ތަޢުލީމުގެ ނޫރު ފެތުރިގެން ހިނގައްޖެ އެވެ. މަދަރުސާއަށް ދާންޖެހޭ ޢުމުރުފުރައިގެ އެންމެންހެން މަދަރުސާއަށް ދެއެވެ. ފަށާ ތަޢުލީމުގެ މަދަރުސާ ތަކުގައި ގިނައީ ދިވެހި މުދައްރިސުންނެވެ. ކިޔަވައިދެނީ ރާއްޖޭގައި އުފައްދާ ފޮތްތަކުންނެވެ. މަދަރުސާއެއް ނެތް އެއްވެސް ރަށެއް މިހާރަކު ރާއްޖެއަކު ނެތެވެ. ކޮންމެ އަތޮޅެއްގައި ސާނަވީ މަދަރުސާއެއް އެބަހުއްޓެވެ. ލިޔަންކިޔަން ދަތުމުގެ ޤައުމީ ނިސްބަތް އުޅެނީ %100 އާއި ގާތްކުރާ ހިސާބުގަ އެވެ. މަދަރުސާ ތަކުގައި އަންހެން ކުދިންނާއި ފިރިހެން, ކުދިންގެ ނިސްބަތް ގާތްގަނޑަކަށް ހަމަހަމަ އެވެ. 25 އަހަރުގެ ތެރޭގައި ގެނެވިފައިވާ ތަޢުލީމީ ތަރައްޤީއަކީ، ދުނިޔޭގެ ނިސްބަތުގައި ވެސް، ޙައިރާން ކުރުވަނިވި ތަރައްޤީއެއްކަން ކަށަވަރެވެ. އުފާކުރުން ޙައްޤެވެ. ޝުކުރުކުރުން ޙައްޤެވެ.
މި ނިޒާމަށް އެންމެ ފުރަތަމަ ވަން ކުދިން، މަދަރުސާ ނިންމައި މިހާރު ބައްޕައިންނަށް ވެއްޖެ އެވެ. 25 އަހަރަކީ ތަޢުލީމީ ނިޒާމުގެ ނަތީޖާ، އޭގެ މަޤްޞަދުތަކުގެ އަލީގައި، ވަޒަންކޮށްލަން މުނާސަބު ރިހި ޔޫބީލެކެވެ. ދަރިވަރުންގެ ރިޕޯޓު ފޯމު ބަލާގޮތަށް، ނިޒާމުގެ ރިޕޯޓާ މެދު ވިސްނާލަން ރަނގަޅު ފުރުޞަތެކެވެ. ދަތުރުފެށިއިރު ހުރި މިސްރާބު ހިފެހެއްޓިފައިވޭތޯ، ފިލާ އަޅާލަން އެކަށޭނަ ހަވީރެކެވެ. މިސްރާބު ގެއްލިފައިވާނަމަ ހޭރިޔާކޮށްލަންވީ، މޮޅު ވަގުތެކެވެ.
އާދެ! ޝައްކެއް ނެތެވެ. އެއްވެސް ނިޒާމަކީ ބަރާބަރު ނިޒާމެއް ނޫނެވެ. ވޭތިވެދިޔަ 25 އަހަރުގެ ތެރޭގައި ހޯދިފައިވާ ތަޖުރިބާތަކާ މެދު ތަޙްލީލީ ނަޒަރަކުން ބަލާލަމާތޯ އެވެ؟ ނިޒާމުގެ ކާމިޔާބުތަކާއި ކާމިޔާބު ކުރަންވީ ކަންތައްތައް ބައިވަރެވެ. ނަމަވެސް ތަރައްޤީ ގައި އަވަސް ފިޔަވަޅުތަކެއް އެޅޭނީ، އިޞްލާޙް ކުރަންވީ ކަންތައްތަކަށް ސާފު ފޯކަހެއް ނުވަތަ ސަމާލުކަމެއް ދެވިގެންނެވެ. މިނަޒަރުން ބަލާއިރު ފާހަގަވަނީ އަވަހަށް އިޞްލާޙުކުރަން ޖެހިފައިވާ ކަންތައްތަކެވެ. ހުރިހާ ކަމެއްގައި ތަރައްޤީއަށް އޮތް ފުރުޞަތު ތަކެވެ.
އާދެ! އެންމެ ފުރަތަމަ ތަޢުލީމީ މަޤްޞަދަށް އަވަސް ކަޅިއެއް އެއްލަމާ ތޯއެވެ؟ މަޤްޞަދަކީ ވަރަށް ފުރިހަމަ މަޤްޞަދެކެވެ. ”އިސްލާމީ ދިވެހި މުޖްތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ ޢާއިލާއަށާއި ތިމާގެ ރަށަށާއި ތިމާގެ ޤައުމަށް ފައިދާކުރުވަނިވި ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށްޓަކައި، ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްޤީކޮށް ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބިދިނުމެވެ.“ ކޮންފަދަ މަތިވެރި މާތް މަޤްޞަދެއް ތޯއެވެ؟ އާދެ! މިއަށްވުރެ ވަކިން ފުރިހަމަ ވަކިން ހަރުދަނާ، ބާވުމެއް ނުވާ، ތަޢުލީމީ މަޤްޞަދެއް އެކުލަވާލެވި ދާނެތޯ އެވެ؟
ދެން މިނިޒާމުގެ ޕްރޮޑަކްޓްސް ނުވަތަ ނެރެވޭ ނަތީޖާ އާ ދޭތެރޭ ވިސްނާލަމާ ތޯއެވެ؟ ހިތަށް ކުރަނީ ފުން އަސަރު ތަކެކެވެ. ފަރުދީ ގޮތުންނާއި އިޖާތިމާޢީ ގޮތުން، އުއްމީދު ކުރެވުނު ނަތީޖާ ނުލިބޭކަމުގެ ފުން ހިތާމައެވެ. ސަރުކާރުން ކުރައްވާ ބޮޑު ޚަރަދުން ބޮޑު ބައެއް ”ބޭކާރު“ ވަމުންދާތީ ހިތަށްކުރާ އަސަރުތަކެވެ. މަދަރުސާއިން ނުކުންނަ ގިނަ ދަރިވަރުންގެ ކިބައިގައި، މަޤްޞަދު ޙާޞިލް ވެއްޖެ ނަމަ ހުންނަންޖެހޭ ސިފަތައް، އެކަށީގެންވާ ގޮތަށް އަށަގެންފައި ނެތުމުން ކުރެވޭ ފިކުރެވެ. މާލޭގެ މަގުމަތިން ހިނގާލުމުން ފެންނަ މަންޒަރުތަކެވެ. މަދަރުސާއަކަށް، ތަޢުލީމީ މަޤްޞަދަށް، ކިޔަވައިދޭ މަކްތަބަކަށް ދަރިވަރުވުމުން ހުންނަންޖެހޭ ސިފަތައް ޒުވާން ކުދިންގެ ގައިގައި ނެތް ތަނެވެ. އެކުދިންނަށް ބުނަން ބޭނުންވާ އެއްޗެއް ރީތިކޮށް ޢިބާރާތް ކޮށްލުމަށް ވާ ދައްޗެކެވެ. އާދައިގެ ހިސާބެއް، ކެލްކިޔުލޭޓަރެއްގެ އެހީގައިނޫނީ، ކޮށްލަން ނުކުޅެދުންވާ ތަނެވެ. ވިސްނުމަށް އައިސްފައިވާ ލޮނޑުކަމެވެ. އެއްވެސް ފިކުރެއްނެތި މަޖާކުރުމުގައި ނަގާލަމުންދާ ފުރާވަރެވެ. އެކުދިންގެ އެންމެ އުފެއްދުންތެރި ޢުމުރެވެ. އައު ކަންތައްތައް ދަސްކޮށް، ޢުމުރުގެ މެންދުރަށް އަދި ހަވީރަށް ތައްޔާރުވާން އޮތް ހެނދުނެވެ. ކުޅިވަރާއި ފިލްމު ބެލުމުގައި ހޭދަކުރާ ވަގުތެވެ.
ޤައުމިއްޔަތޭ ތޯއެވެ؟ ދިވެހި ސަގާފީކަންކަމަށް ހުންނަ ”ލޯތްބާއި“ ބޭރު އުޅުންތަކާއި ގުޅުންތަކަށް ހެސްގެންފައިވާ ވަރު ޚިޔާލަށް ގެންނަވާށެވެ. ފެންނަ ފެނުމެވެ. ކޮންމެވެސް ކަމެއް ދެކެ، (މުޖުތަމަޢު ދެކެ؟) އަބަދުވެސް ރުޅިއައިސްފައި ހުންނަކަމަށް އިޝާރާތްކުރާ ސިފައެވެ. ހެދުންއަޅާފައި ހުންނަ ގޮތެވެ. ބިރެއް ސިހުމެއްނެތްކަމަށް އިޢުލާނުކުރާ ޢިބާރާތްތައް ލިޔެފައިވާ ޓީޝާޓު ތަކެވެ. ކަންފަތާއި ނޭފަތާއި ބަނޑާއި ފޫޅާއި އެހެނިހެން ތަންތަން ތޮރުފައި ލާފައި ހުންނަ ބޮޅުފަތި ތަކެވެ. ބޮލުގައި ތަފާތު ކުލަޖައްސާލާފައި، ހިނގާ ހިނގުމުގައި އެއްވެސް ހަރުދަނާކަމެއް ނެތްކަމެވެ. ތުނބުން ނުވެއްޓޭ ސިނގިރެޓެވެ. މަސައްކަތްތެރިކަމަށް ހުންނަ ފޫހިކަމެވެ. އާމްދަނީއެއް ލިބޭ ފަދަ މަސައްކަތަކަށް ޝައުޤުވެރިކަން ނުހުންނަ ކަމެވެ. މާދަމާ އާ ދޭތެރޭ ފިކުރެއްނެތްކަމެވެ. ވަކި ޢުމުރެއްގެ ކުދީންތަކެއްގެ ނަންތަކުން ދިގުވަމުންދާ ކުށްކުރާ މީހުންނާއި ތަފާތު މަސްތުވާ ތަކެތީގެ އިސްތިޢުމާލު ކުރާ މީހުންގެ ލިސްޓެވެ. ރީހެބެވެ. ޖަލެވެ. އިތުރުވަމުންދާ ކުށްތަކެވެ. މަކަރާއި ޙީލަތް ހެދުމެވެ. ވައްކަން ކުރުމެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިއެވެ. ކުޑަކުދީން ހެހުމެވެ. އެންމެ އާދައިގެ މަސައްކަތަށް ވެސް ބޭރު މީހުން ގެންނަން ޖެހިފައިވާ ކަމެވެ. އެއްވެސް މަސައްކަތެއްނެތް އެތައް ދިވެހީންނެއް ނެތް އިރެއްގައެވެ.
އަޅުގަނޑުވެސް އެއްބަހެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ތަޢުލީ ކާމިޔާބުތަކުގެ އުސް ކުރިބޯށިތަކެވެ. މަތީ ވަނަތައް ހޯދާ ކުދިންގެ ޢަދަދުތަކެވެ. ނަމަވެސް މިއީ ނިސްބަތުން ހިތާމަކުރަން މަޖުބޫރުވާ ފަދަ މަދު ޢަދަދެކެވެ. ދެން ކުރައްވާނެ ސުވާލަކީ ހުރިހާ ކަމެއްގައި ތަޢުލީމީ ނިޒާމަށް އިނގިލި ދިއްކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކުދިން ތަރުބިއްޔަތު ކުރުމުގައި އެހެން ފަރާތްތައް ވެސް ބައިވެރިވެއެވެ. ބެލެނިވެރިންނެވެ. ގޭގެ މާހައުލެވެ. ޚަބަރު ފަތުރާ ވަސީލަތްތަކެވެ. ޖަމާޢަތެވެ. ތެދެކެވެ. ނަމަވެސް، ރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް އަންނަމުންދާ ބަދަލުތަކުން މަދަރުސާތަކެއް ބަރީޢައެއް ނުކުރެވޭނެއެވެ. އަދި ރާއްޖެ ފަދަ ކުޑަކުޑަ އާބާދީއެއްގައި، މަގުއޮޅޭ، މަގުފުރެދޭ، އެންމެ ދިވެއްސަކީ ވެސް މުހިންމު މީހެކެވެ. ޤައުމަށް ލިބޭ ގެއްލުމެކެވެ. ބޮޑެތި ކޯރުތައްވެސް އުފެދެނީ ހިމަފޮދު ވާރޭ ތިކިތަކަކުން ވެހޭ ވާރެއިންނެވެ.
ޤައުމެއްގެ ތަޢުލީމީ ޕްރޮގްރާމަކީ އެ ޤައުމެއްގެ މީހުން އެ ޤައުމުގެ އަންނަން އޮތް ޖީލްތަކަށް ރައްދުކޮށް ދިނުމަށް ހޮވާ ނަގާ އެ ޤައުމެއްގެ އެންމެ ހަރުދަނާ އާދަކާދަތަކެވެ. ޤައުމުގެ މިނިވަން ކަމެވެ. ދިވެހި ސަގާފަތެވެ. ފަސޭހަ ބަސްމޮށުންތެރި ކަމެވެ. ތަނަވަސް ވިސްނުމެވެ. ދީނެވެ. އަމާންކަމާއި ކުށްކުރުން މަދު މާހައުލެވެ. މިކަންކަން މަދަރުސީ ތަޢުލީމުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތޯއެވެ؟
ރާއްޖޭގައި މިހާތަނަށް އެންމެފުޅާކޮށް ބެލެނިވެރިންގެ ކިބައިން ތަޢުލީމުގެ ބޭނުމާ ބެހޭގޮތުން ޚިޔާލު ހޯދިފައިވަނީ މީގެ ދެތިން އަހަރެއްގެ ކުރިން ފަށާ ތަޢުލީމުގެ މަހާސިންތާއަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިހޯދުންތަކުން ފާހަގަވީ ކަމަކީ ތަޢުލީމުގެ ޤައުމީ މަޤްޞަދަކީ މިހާރަށްވެސް ފެތޭ އަމާޒެއް ކަމެވެ. ބެލެނިވެރިން ބޭނުންވަނީ، އެ މަޤްޞަދުތައް މަދަރުސާތަކުން ޙާޞިލްކޮށްދޭށެވެ. އެހެންވިއްޔާ، އަޅުގަނޑުމެން އެދޭ ނަތީޖާ، ހަރުދަނާ ދަރިވަރުން، މަދަރުސާތަކުން ނުނެރެވިގެން މި އުޅެނީ ކީއްވެގެން ތޯއެވެ؟
މިއީ ޤައުމީ ސުވާލެކެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެ، ކޮންމެ ދިވެއްސެއްގެ ހިތުގެ އަޑީގައި ހިނގާނޭ ސުވާލެކެވެ. ދައުލަތުން އަދި އަމިއްލަ ފަރުދުން އަހަރަކު ތަޢުލީމަށް ހޭދަކުރާ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ އަގުހުރި ސުވާލެކެވެ.
މިސުވާލުގެ ފުރިހަމަ ޖަވާބެއް އަޅުގަނޑަކަށް ނުދެވޭނެއެވެ. އެއީ ފުރިހަމަ ޖަވާބެއް އަޅުގަނޑަށްވެސް ނޭނގޭތީ އެވެ. ނަމަވެސް، މަދްރަސީ ތަޢުލީމަކީ ދިވެހި އާދަކާދައަށް ދަރިވަރުން ބީރައްޓެހިކުރާ އެއްޗެއްކަން އަޅުގަނޑަށް ޔަޤީނެވެ. އަދި ދަރިވަރުން އަމިއްލަ ސަގާފަތަށް ބީރައްޓެހި ވުމަކީ އެކުދިންނަށް އެކުދީންނަކީ ކޮންބައެއްކަން، ފަޚުރުވެރި މާޒީއެއްގެ ވާރުތަވެރިންކަން، އޮޅޭނޭ ކަމެއްކަން ކަށަވަރެވެ. ކުއްޖަކު ބޮޑުވާ މާހައުލަށް ބީރައްޓެހި ވުމަކީ، މުޖްތަމަޢުގެ އުޞޫލުތަކާއި ހަމަތަކަށް ނަފުރަތު ކުރުމެވެ. މުޖުތަމަޢު އިން އިސްކަންދޭ ކަންތައްތަކާއި ޙުރުމަތްތެރިކޮށް ހިތާ ކަންތައްތަކަށް އަޅާނުލުމެވެ. މުޖްތަމަޢުއިން ބަލައި ނުގަންނަ ކަންތައްތަކާއި ނުރުހޭ ކަންތައްތަކާ ދޭތެރޭ ތަފާތު އިޙްސާސްތަކެއް ކުރެވެން ފެށުމެވެ. މުޖްތަމަޢުގެ ކަރާމަތަކީ ފަކުރެކޭ ހީކުރާ ޒުވާނުން، މުޖްތަމަޢުއިން ކުށްކަމަށް ދެކޭ ކަންތައްތައް ކުރުމަކަށް އެއްވެސް ސިހުމެއް ޖެހިލުމެއް އިޙްސާސެއް ނުކުރާނެއެވެ. އެއީ އެ މުޖްތަމަޢުއަކީ، އެ މުޖުތަމަޢުގެ ރީތި އުޞޫލުތަކަކީ، އެކުދިން ޤަދަރުދީ އަގުކުރާ އެއްޗަކަށް ނުވާތީ އެވެ. ބައެއް ވިސްނުންތެރިން ބުނެއުޅެ އެވެ. މީހުން ކުށް ނުކުރަނީ ދެ ސަބަބަކާ ހެދިއެވެ. އެއްސަބަބަކީ އެކަމެއް ކުރުމުން މުޖްތަމަޢުއިން ވަގުތުން އަންނާނޭ އަދަބަށް ބިރަށެވެ. ދެވަނަ ސަބަބަކީ ފަހުން، އާޚިރަތުގައި އަންނާނޭ ޢަޒާބުގެ ބިރުވެތިކަމެވެ. މި ދެ ސަބަބު ނެތިއްޖެ ނަމަ، މީހާގެ އުޅުމަށް މިސްރާބު ދައްކާނީ އޭނާގެ އެދުންތަކެވެ. މުޖުތަމަޢުއަށް ޙުރުމަތްތެރިކަން ނެތް މީހުން، މުޖުތަމަޢުގެ ފަރާތުން ކުށްކުރުމުން ލިބޭނޭ އަދަބަކަށް އެއްވެސް ބިރެއް ނުގަންނާނެއެވެ. ދީންވެރިކަން ނެތީވިއްޔާ އާޚިރަތަކަށް ބިރުވެތިކަމެއް ނޯންނާނެ އެވެ. އެހެންކަމުން އެކުދިންގެ ޙަޔާތުގެ ހުންގާނަކަށް ވާނީ އެއިރަކު އެކުއްޖަކު ބޭނުންވާ ހިތްހަމަޖެހުމާއި އުފަލެވެ. އެ ހިތްހަމަޖެހުމެއް ލިބެން އޮތްގޮތަކަށް ހޯދުމަކީ އެކުދީންގެ ނަޒަރުގައި އެންމެ ރަނގަޅު ކަމެކެވެ. މިހެންވުމުން، ތަފާތު ދެވި ހިފުންތަކަށް ޚަރަދުކުރުމަށް ކޮންމެ ގޮތަކުންވެސް ފައިސާ ހޯދާކަށް ޖެހިލުމެއް ނުވާނެއެވެ. ވައްކަންކުރުމާއި ހަށިވިއްކުމެވެ. އަދި މިނޫނަސް މިފަދަ ޖަރީމާ ތަކެވެ.
ޒުވާނުން މުޖްތަމަޢުގެ މައި އޮއިން އެއްކައިރިއަށް ނުވަތަ ހަވާސާއަށް ގެންދާ ސަބަބުތަކަކީ ގިނަގުނަ ކަންތައްތަކެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިކަމަށް ބާރުފޯރުވާ އެއް ސަބަބެއް ކަމުގައި ގެއްލެމުންދާ ދިވެހި ބަސް ވާނެއެވެ. ބަހަކީ މުޖްތަމަޢުއެއް އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ މުހިއްމު ތެރަހެވެ. މި ޚިޔާލަށް ބާރުދޭ، އިންކާރުކުރަން ދަތި އެއް ދަލީލަކީ އިޒްރޭލެވެ. އެކި ޤައުމުތަކުން އިޒްރޭލަށް ވަޒަންވެރިވާން އަންނަ ޔަހޫދީންނަށް އެއް ވިސްނުމެއް ދިނުމަށްޓަކައި، ޔަހޫދީ ސަރުކާރުން ބޭނުންކުރަނީ ޔަހޫދީ ބަހެވެ. ހިއުބްރޫއެވެ. ހުރިހާ ކަމެއްގައި މިބަސް ބޭނުންކުރެއެވެ. މަދަރުސާތަކާއި ވިޔާފާރީގައެވެ. އިޖްތިމާޢީ ދިރިއުޅުމާއި ހުރިހާ ރަސްމީ ކަމެއްގަ އެވެ. އެތައް ކުލައެއްގެ، ތަފާތު ޤައުމުތަކުން އަންނަ މީހުންގެ ކިބައިގައި، ޤައުމިއްޔަތުގެ ރޫޙު އުފެއްދުމަށް ބޭނުންކުރާ ހަތިޔާރަކީ ބަހެވެ.
ރަޝިޔާއިން އެމީހުންގެ ދަށަށް ގެނައި ޤައުމުތަކުގައި ރަޝިޔާ ބަސް ބޭނުންކުރުން މަޖުބޫރު ކުރުވިއެވެ. ނަތީޖާއަކަށްވީ، ޤައުމުގެ ޒުވާނުންގެ ވިސްނުން، މަޑުމަޑުން ނަމަވެސް ހަމަކަށަވަރުން، ކޮމިޔުނިސްޓް ވިސްނުމަށް ބަދަލުވެގެން ދިއުމެވެ. މޮންގޯލިއާ ހިފި ދުވަސްވަރު ހަނދާނަށް ގެންނަމާތޯއެވެ؟ ނޫނީ ޔޫރަޕްގެ ބައެއް ޤައުމުތަކުން އެފްރިކާއަށް އެމީހުންގެ އިސްތިޢުމާރީ ބާރު ފަތުރާލި ގޮތް ވިސްނާލަމާތޯ އެވެ؟ މިއިން ކޮންމެ ޙާލަތެއްގައިވެސް، ޤައުމުގެ ރައްޔިތުންގެ ވިސްނުން އެހެން ގޮތަކަށް އެނބުރުވުމަށް ބޭނުންކުރި ހަތިޔާރަކީ ބަހެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް މިކަމަށް އިޝާރާތް ކުރައްވާ ފަތްތޫރައިގެ އެއްވަނަ ޢަދަދުގައި ލިޔުއްވާފައި ވެއެވެ. ”ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ…. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިވެހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަމެވެ.“ [1]
”ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ…. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިވެހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަމެވެ.“
މައުމޫން ޢަބްދުލްޤައްޔޫމް
އަޅުގަނޑަށް ޔަޤީނެވެ. މުޖްތަމަޢުއެއްގައި މުޢާމަލާތްކޮށް އުޅޭ ބަހާއި އެޤައުމެއްގެ ކުޑަކުދިން ތަރުބިޔަތުކުރެވޭ ބަހާއި ތަފާތުކުރުމަކީ ކުދިންތައް މުޖްތަމަޢުއަށް ބީރަށްޓެހި ކުރެވޭނޭ ކަމެއްކަން ކަށަވަރެވެ.
ޢިލްމުވެރިން ގިނަ، ޚިޔާލުތައް ގިނަ، އިންޑިޔާގެ މަދަރުސާތަކުގެ ޤައުމީ މުޤައްރަރާބެހޭ ފޮތުގައި ބުނެފައިވެއެވެ. ”ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީބަސް މާދަރީބަހަކަށް ވަނީ މަންމަގެ ބަހަށް ވާތީކީ ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރުތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެވާތީއެވެ. އެކުދިންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އީޖާދީ ޙަރަކާތްތަކާއި ވިސްނުމާއި ކަންކަން ތަޙުލީލުކުރުން އެންމެމަތީ ފެންވަރަކަށް ތަރައްޤީ ކުރެވެނީ މާދަރީ ބަހުންނެވެ. ވީމާ، އެންމެ އެދެވޭގޮތަކީ ކިޔަވައި ދިނުމުގެ ހުރިހާ ފިޔަވައްސެއްގައި ބޭނުންކުރާ ބަހަކީ މާދަރީ ބަހަށް ހެދުމެވެ.“ [2] އެންމެ ޅަފަތުގައި ދެ ބަހަކުން ކިޔަވައިދިނުމަކީ، އަދި މި ކިޔަވައިދިނުމުގައި ބީރައްޓެހި ބަހަކަށް ދެވޭ ބާރަކީ ޅަކުދިންނަށް ”އެގަހު ކޭލެއް، މިގަހު ކޭލެއް ވަކިނުވެ“ ޚިޔާލެއް ހުށަހެޅުމަށް ނުކުޅެދުންތެރިކަން އުފައްދާ ކަމެކެވެ. މިއީ އެތައް ގިނަ ޢިލްމީ ދިރާސާތަކަކުން ސާބިތުވެފައިވާ ޙަޤީޤަތެކެވެ.
ކަންމިހެން އޮތް އިރު، ދިވެހިރާއްޖޭގައި ދިވެހިބަސް ކިޔަވައި ދިނުމުގައި ބޭނުން ނުކުރާކަމީ، ޤައުމީ ނަޒަރަކުން ބަލާއިރު، ނުހަނު ހިތާމަކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ޒުވާނުން މުޖުތަމަޢުއަށް، ދިވެހި ގޮތްތަކަށް، ބީރައްޓެހި ކުރުވާ އެންމެ މުހިއްމު ސަބަބަކީ މިއީ އެވެ. ރާއްޖޭގެ ކުށްކުރުން ހަމައިން ނެއްޓިގެންދާ އެއްސަބަބަކީ މިއީ އެވެ. އަދި މަސައްކަތްތެރިކަމާ ޒުވާނުން ރައްޓެހިނޫން ސަބަބަކަށް ވެސް މިކަން ހިމެނޭމެއެވެ.
މިޒަމާނުގައި ދިވެހިވަންތަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އަދި ބޭނުންފުޅު އެއްޗެއް ފަސޭހަކަމާއެކު ވިދާޅުވެވޭ ބޭފުޅުންނަކީ އެބޭފުޅުންގެ ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ހޯއްދެވި ބޭފުޅުންނެވެ. ބޭރު ޤައުމުތަކުން ފަށާ ތަޢުލީމު ހޯއްދެވި ބޭފުޅުންނެއް ނޫނެވެ.. ފަށާ ތަޢުލީމު، ބޭރު ޤައުމުތަކުން ޙާޞިލްކުރާ ކުދިންގެ ޚިޔާލާތު ވަޒަން ކޮށްލެއްވުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. ޢަދަދުނުކުރެވޭ ޢިލްމީ ދިރާސާތަކުން އެނގެނީ ބޭރުބަހެއް ކިޔެވުމަށް އެންމެ ރަނގަޅީ މާދަރީބަސް މެދުވެރިކޮށްގެން ކަމެވެ. މިކަމަށް ހެކިދޭ ބުރުހާނުތައް ބައިވަރެވެ. އެއްބަހަށް ކުޅަދާނަމީހާ ވެފައި އޮންނަނީ ދެވަނަ ބަހަށްވެސް ކުޅަދާނަ މީހަކަށެވެ. މުޙައްމަދު އަމީނު މޮޅުފުޅީ ހަމައެކަނި ދިވެހި ބަހަކަށް ނޫނެވެ. އުރުދޫ ބަހަށެވެ. އިނގިރޭސި ބަހަށެވެ. މިފަދަ ބޭފުޅުންގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ޢިލްމީ ހަމަތަކުން ބަލާއިރު އެކި ބަސްބަސް، އަސަރުގަަދަކޮށް ބޭނުންކުރުމުގައި، އާދަޔާ ޚިލާފު އެއްގޮތްކަމެއް ހުންނަކަމަށް ބަހުގެ ޢިލްމުވެރިން ހެކިވާނެއެވެ.
ފަށާ ތަޢުލީމު ޢާންމުވާން ފެށިގެން އައި ދުވަސްވަރު، ރާއްޖޭގައި ކިޔަވައިދެމުން އައީ ދިވެހި ބަހުންނެވެ. ނަމަވެސް ވޭތިވެ ދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިބަހުން ފަށާ ތަޢުލީމު ކިޔަވައިދިނުން މުޅިންހެން އުވި ހިނގައްޖެއެވެ. މިކަމަށް މެދުވެރިވި ދެ ސަބަބެއް ދަންނަވާ ލާނަމެވެ. ފުރަތަމަ ސަބަބަކީ ރާއްޖެތެރޭގައި ދެވެންފެށި ޓެސްޓެކެވެ. ޖޭ.އެސް.ސީ. އުވާލުމަށް ފަހު، ފަށާ ތަޢުލީމު ނިމުމަށް ފަހު، ސާނަވީ ތަޢުލީމުގެ ކިލާސްތައް ފެއްޓެނީ ގްރޭޑް 7ގެ ދަރިވަރުންނަށް ދެވޭ ޓެސްޓަކުން ވަކި ޢަދަދެއްގެ ކުދީން ފާސްވުމުންނެވެ. މިޓެސްޓަކީ، ޖޭ.އެސް.ސީ. އާ ޚިލާފަށް، ހަމައެކަނި އިނގިރޭސިބަހުން އޮންނަ ޓެސްޓެކެވެ. ޓެސްޓް ކުރެވޭ މާއްދާތައް ދިވެހިބަހުން ގްރޭޑް 7 ގައި ކިޔަވައެއް ނުދެވެއެވެ. ކިޔަވައިދިން ކަމުގައި ވިއަސް ޓެސްޓް އޮންނަނީ އިނގިރޭސި ބަހުންނެވެ. މާތް ﷲ ރަޙްމަތްފުޅުން، ދިވެހީންނަކީ އެމީހުންގެ ދަރީންނަށް ކިޔަވައިދޭ ހިތްވާ ބައެކެވެ. ނަތީޖާއަކަށް ވަނީ މިޓެސްޓުން ފާސްވުމުގެ ފުރުޞަތު ބޮޑުކުރުމަށްޓަކައި، އިނގިރޭސިބަހަށް ފަށާ ތަޢުލީމު މަދަރުސާތަކުން ބަދަލުކޮށްލުމެވެ. ކަމަށް އެކަށީގެންވާ މުދައްރިސުން ނެތް ނަމަވެސް މެއެވެ. ދެވަނަ ސަބަބަކީ، ސާނަވީ ނިންމާފައިދޭ އިމްތިޙާނެވެ. ޖީ.ސީ.އީ. އޯ ލެވެލް އިމްތިޙާނެވެ. އޯ ލެވެލް އިމްތިޙާނަކީ އިނގިރޭސި ބަހުން އޮންނަ އިމްތިޙާނެއް ކަމުން، މިބަސް އެނގުމުން އިމްތިޙާނުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބަޔަކު ހީކުރެތެވެ. މި އިމްތިޙާނަކީ އޭގައި ބައިވެރިވާ ގިނަކުދިން ފޭލިވާ އިމްތިޙާނެކެވެ. ނަތީޖާއެއްގެ ގޮތުން ދިހައަހަރުގެ ތަޢުލީމަށް ފަހު، ދަރިވަރުންގެ ތެރެއިން ގިނަކުދިން ކުރިމަތިލާ ނާކާމިޔާބަކީ، އެކުދިންގެ ޢިއްޒަތުއްނަފުސަށް ނުބައި އަސަރަތުކެއް ކުރުވާ ކަމެކެވެ. ކާމިޔާބަކީ އިތުރު ކާމިޔާބަށް ފުރުޞަތު ތަކެކެވެ. ފޭލިވިކަމުގެ ސިއްކަ ޖެހޭ ކޮންމެ ކުއްޖަކީ ވަރަށް ހިތްދަތި އިޙްސާސްތަކެއް ކުރާނޭ ކުއްޖެކެވެ. މިހެން މިކަން އޮތުމުގެ ބަދަލުގައި، އެހެން މާއްދާތަކަށްވެސް އެސް.އެސް.ސީ. އިމްތިޙާނެއް ޤާއިމް ކުރެވިއްޖެ ނަމަ، އިމްތިޙާނުތައް ޤައުމުގެ ބާރުފޯރާ ހިސާބަށް ގެނެވުނީ އެވެ. ބޭރަށް ގެއްލޭ އެތައް ފައިސާއެއް އަނބުރާ ގެނެވުނީ އެވެ. މައިންބަފައިން އިމްތިޙާނަށް ދައްކާ ފީ އެތައްތަނެއް ކުޑަ ކުރެވުނީ އެވެ. މީގެ އިތުރަށް ދިވެހި މާހައުލަށް ފެތޭގޮތަށް އިމްތިޙާނުކޮށް ހެދުމުގެ ފުރުޞަތު މަތިވީ އެވެ. މިހާރުގެ އިމްތިޙާނަކީ ބޭރު އިމްތިޙާނެއްކަމުން، މުޤައްރަރަކަށް ރާއްޖޭގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. ދަރިވަރުން އޯލެވެލް އިމްތިޙާނަށް ދަސްކުރަންޖެހޭ ކިތަންމެ އެއްޗަކީ އެއްވެސް ގޮތަކަށް އޭގެ ބޭނުން ރާއްޖޭގައި ކުރަން ނުޖެހޭނެ، ކުދިންނާއި ޤައުމާއި އެކުދިންގެ ބޭނުންތަކާ ނުގުޅޭ ތަކެއްޗެވެ. ބޭރުގެ އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކުރުމުން އެކުދިން ތަރުބިއްޔަތު ކުރެވެނީ ދިވެހި މާހައުލަކަށް ނޫނެވެ. ކަމުގެ ނަތީޖާ ކުރިން ދެންނެވުނީއެވެ. ކުރާ ކެނޑޭނީ އިންދާ ގޮވާމުގެ ބާވަތަކުންނެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ރާއްޖޭގެ ދަރިވަރުން މަސައްކަތްތެރިކަމަށް ފޯރިއެއް ނުހުންނަ ސަބަބު ގުޅިފައިވަނީ ވެސް ކިޔަވައިދޭ ބަހާއި މަންހަޖު ނުވަތަ ކަރިކިޔުލަމާ އެވެ. އޯ ލެވެލް އިމްތިޙާނަކީ މަސައްކަތްތެރިކަމުގެ މަންހަޖަކަށްވުރެ ބޮޑަށް މަތީ ތަޢުލީމާ ގުޅިފައިވާ އެއްޗެކެވެ. އެ މަންހަޖުން ގިނަ ކުދިންނަށް މަގު ދައްކާނީ މަތީ ތަޢުލީމަށެވެ. އަތުންފައިން މަސައްކަތް ކޮށްގެން ކުރާ މަސައްކަތްތެރިކަމާއި އަދި މިހާރު ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ފަންނީ މަސައްކަތްތެރިކަމާ ދުރަށެވެ. އެ މަންހަޖު ދަރިވަރުން މަސައްކަތްތެރިކަމަށް ބީރައްޓެހި ކުރުވައެވެ. އެހެންކަމުން، މަސައްކަތްތެރިކަމަކީ ޤައުމީ މަންހަޖުގައި މާއްދާތަކުގެ ގޮތުން، އަދި ކިޔަވައިދޭގޮތުން އިސްކަމެއްނުދެވޭ ކަމަކަށް ވެއްޖެ ނަމަ، މިއަދުގެ ދަރިވަރުން، މާދަމާގެ ޒުވާނުން އެކަމަށް ޝައުޤުވެރިކަމެއް ނުހުންނާއެވެ. މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ފެށި ފިޝަރީޒް ސައިންސްވެސް މުޅީން ތިއޮރެޓިކަލް މާއްދާއަކަށް ވެ ނިމިއްޖެއެވެ. ގިނަ ދިވެހި ކުދީން އުޅެބޮޑުވެ ނިޔާވާނީ އެކުދީންގެ އަމިއްލަ ރަށުގައެވެ. މި މާހައުލުން މިކުދިންނަށް ފައިދާކުރާނެ ގޮތަށް މަންހަޖު ފުރިހަމަ ކުރުމަކީ މަދްރަސީ ތަޢުލީމަށް އަންނަންޖެހޭ އެދެވޭ ބަދަލެއްކަން ކަށަވަރެވެ.
އާދެ! ދިވެހިބަހުން ފަށާ ތަޢުލީމުދޭ ވާހަކަ ދައްކާއިރު މިކަމާ އިދިކޮޅަށް ނެރޭ ޚިޔާލުތައް ދަންނަވާ ލާނަމެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ދަރިވަރުންނަށް، އިނގިރޭސި ބަހުން ދެވޭ ތަޢުލީމުގެ އޮށްޓަރު ރަނގަޅު ކަމަށެވެ. މިހެން ވިދާޅުވަނީ އޮށްޓަރު އަޅާ ނުބެއްލެވޭ ބޭފުޅުންނެވެ. މީގެ ފަންސާސް އަހަރުގެ ކުރިން މުޙައްމަދު އަމީން ލިޔުއްވައި ނެރުއްވާފައިވާ ކިޔަވާކުދިން ބޭނުންކުރި ”ޢާންމު މަޢުލޫމާތު“ ގެ އޮށްޓަރު މިހާރުގެ ކިޔަވާ ފޮތްތަކާ އަޅާބަލާއިރު މަޢުލޫމާތުގެ ގޮތުން އެތައް ގުނައެއް މުއްސަންޖެވެ. އޮށްޓަރު ހަރުދަނާއެވެ. ކުދިންގެ މާހައުލާ މާ ގުޅެއެވެ. މިއީ މީގެ 60 އަހަރު ކުރީގެ ފޮތެކެވެ. އިނގިރޭސި ބަހުން އަޅުގަނޑުމެންނަށް މިކިޔަވާ ދެވެނީ އެފަދަ ފޮތްތަކުގައިވާ މިންވަރުގެ ކުޑަ ކަސްރެކެވެ. ބައެއް މީހުން ހީކުރަނީ އެއްޗަކަށް ކިޔާނަން އިނގިރޭސި ބަހުން އެނގިފައި އެ ލަފުޒުގެ އިސްޕަލިންގ އެނގުނީމާ އެއީ ޢިލްމު ކަމަށެވެ. އެއީ ރަނގަޅު ވާހަކައެއް ނަމަ ދުނިޔޭގައިވާ އެންމެ ޢިލްމުވެރި މީހުންނަށް ވީހީ އިނގިރޭސީންނެވެ. ނަމަވެސް ވިސްނާލުމުން ފާހަގަކުރެވެނީ އެބައެއްގެ އަމިއްލަ ބަހަށް އަދި ސަގާފަތަކަށް، އިސްތިޢުމާރީ ބާރުތަކުގެ ބަހާއި ސަގާފަތް ހެދި އެފްރިކާގެ މީހުންވަނީ ތަރައްޤީގެ މައިދާނުގައި އިނދަޖެހިފައި ކަމެވެ. ކުރިއަރައި ދިޔައީ އެބައެއްގެ އަމިއްލަވަންތަކަށް އިސްކުރި މީހުންނެވެ. ޖަޕާނާއި ޗައިނާއެވެ. ކޮރެއާ އާއި ފްރާންސެވެ. ޓައިވާނާއި ރަޝިޔާއެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ކޮންމެ މަދަރުސާއެއްގައި އިނގިރޭސިބަސް ކިޔަވައިދޭން ޖެހޭނެއެވެ. އަދި އެހެން ބަސްބަސް ވެސް ކިޔަވައިދޭން ޖެހޭނެއެވެ. ނަމަވެސް މިހާރު އިނގިރޭސިބަހަށް ދީފައިވާ އިސްކަމަކީ ޤައުމީ ނަޒަރަކުން ބަލާއިރު އަދި ޢިލްމީ ރޮނގުން ވިސްނާއިރު އެދެވޭ އަހުމިއްޔަތެއް ނޫނެވެ.
ކުޑަކުދިންގެ ކިޔެވުމުގައި މައިންބަފައިންގެ މަގުދެއްކުމަކީ ތަރުބިއްޔަތަށް މުހިއްމު، ނަފްސާނީގޮތުން ބޭނުންތެރި ކަމެކެވެ. އެންމެ ޅަފަތުގައި އިނގިރޭސިބަހުން ކިޔަވައިދިނުމުން ގިނަ ބެލެނިވެރިންނަށް އިނގިރޭސި ބަސް ނޭނގުމާ އެކު ދަރިވަރުންނަށް މަދަރުސާގެ ފިލާވަޅު ތަކުގައި އެހީތެރިވުމަށް ދަތިވެ އެވެ. އަދި ބައެއް ސްކޫލްތަކުގައި ދިވެހި/އިސްލާމް ގަޑި ފިޔަވައި ދިވެހިބަހުން ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އެއް އިރެއްގައި ދިވެހިބަހުން ވާހަކަ ދައްކާ ކުދިން ޖުރުމާނާކޮށްވެސް އުޅުނެވެ. ނަތީޖާއަކަށްވަނީ، މައިންބަފައިންނާއި ދަރިންނާ ދޭތެރޭ އޮންނަންޖެހޭ ގުޅުމަށް ނޭދެވޭ އަސަރެއް ކުރުމެވެ. ދަރިންގެ އިޙްތިރާމް މައިންބަފައިންނަށް ގެއްލުމެވެ. މައިންބަފައިންގެ ކޮންޓްރޯލް، ދަރިންގެ މައްޗަށް ގެއްލުމެވެ. 1998 ވަނަ އަހަރު ނޮވެމްބަރު މަހު މެލްބަންގައި ޔުނެސްކޯއިން ބޭއްވި 21 ވަނަ ޤަރުނުގެ ތަޢުލީމާބެހޭ މަހާސިންތާގައި ޕެޕުއާ ނިއު ގިނީގެ ތަޢުލީމާ ބެހޭ ވައިސް މިނިސްޓަރު ވިދާޅުވި އެއްޗެއް އަޅުގަނޑު އަދިވެސް ހަނދާން އެބަހުއްޓެވެ. ޕެޕުއާ ނިއު ގިނީގައި 867 ބަހުން ވާހަކަ ދައްކައެވެ. އެއީ ދުނިޔޭގައި ވާހަކަ ދައްކާ އުޅޭ ބަސްތަކުގެ ފަސްބައިކުޅަ ހަތަރު ބައެވެ. އޭނާ ވިދާޅުވިއެވެ. އަހުރެމެން ޕެޕުއާ ނިއު ގިނީގައި ވާހަކަ ދައްކާ އުޅޭ 867 ބަސް އެއީ ފަށާ ތަޢުލީމުގެ ފުރަތަމަ ތިން އަހަރު ކިޔަވައިދޭންޖެހޭ ބަސްކަމަށް 1995 ވަނަ އަހަރު، ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް ފާސްކޮށްފީމެވެ. އަހުރެމެން ބޭނުންވަނީ ރަށްފުށުގައި އުޅޭ އަހަރެމެންގެ މައިންބަފައިންނަކީ ދަރިންގެ މުދައްރިސުންނަށް އަދި ސަގާފީ އެދުރުންނަށް ވުމަށެވެ. އަހުރެމެން ރީބައެއް ނެތި ޤަބޫލުކުރާ ގޮތުގައި، މުޅި ޢުމުރުގައި ކިޔެވުމުގައި އުޅުމަށް ބޭނުން ނަމަ، ކުޑަކުއްޖެއްގެ ޝަޚްޞިއްޔަތު ބިނާކުރަން އެންމެ ފުރަތަމަ ބާއްވާ ގަލަކީ އެންމެ މުހިއްމު ގަލެވެ. ސަގާފީ ގާތްކަން އެންމެ ހަގު ދުވަސްވަރު އަށަގަންނުވަން ޖެހޭނެއެވެ. [3]
ދަރިވަރުންގެ ތަރުބިއްޔަތުގައި، މަދަރުސާގެ ރޯލު ހަރުދަނާ ކުރުމަށްޓަކައި އިތުރު ޙަރަކާތްތަކެއް ތަޖުރިބާ ކުރުމަށް، އައު ވިސްނުމެއް، އިންތިހާއަށް ވަނީ ބޭނުންވެފަ އެވެ. މިގޮތުން ފާހަގަކުރެވޭ އެއްކަމަކީ، މިހާރު އޮންނަ ތަފާތު ދަންފަޅި ތަކުގައި ކިޔަވައި ދިނުމުގެ ބަދަލުގައި، އެއް ދަންފަޅިއަކަށް މަދަރުސާތަކުގެ ކިޔަވައިދިނުން ބަދަލުކޮށްލުމެވެ. މިއީ އިންތިހާއަށް ޚަރަދު ބޮޑު، ޚިޔާލުގެ އަހުގެ ލަގަނަށް ވަރަށްބޮޑު ދުލެއް ދީގެން ނޫނީ، ބައެއް މީހުންނަށް ކުރެވިދާނޭ ކަމަކަށް ޤަބޫލުވެސް ނުކުރެވޭނޭ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި، ރާއްޖެ ފަދަ ކުދި އެތައް ޤައުމެއްގައި ވެސް މިކަން މިގޮތަށް ހަމަޖެހިފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، މުސްތަޤްބަލުގެ ޖީލަށްޓަކައި، މިކަމަށް ވިސްނަންޖެހޭ ވިސްނުމާ، ކުރަންޖެހޭ ޚަރަދަކީ، ޤައުމިއްޔަތުގެ ނަޒަރުން ބަލާއިރު ދާދި ކުޑަ އެއްޗެކެވެ.
ދިވެހިރާއްޖޭގެ މަދްރަސީ ތަޢުލީމު ވަނީ ހަތަރު އަނގޮޅި އެއްގައެވެ. މަންޒިލަށް ވާޞިލްވުމަށްޓަކައި މިޞްރާބެއް ކަނޑައަޅަންޖެހޭ ހިސާބެއްގައެވެ. ކުރިއަށް ދާނެ ތިން މަގެއް އަޅުގަނޑުމެންނަށް ފެނެއެވެ. ނަމަވެސް ވަކިމަގަކުން ދަތުރުކުރުމުން ދެވޭނީ ކޮން މަންޒިލަކަށް ކަމެއް ގައިމެއް ނޫނެވެ. ޔަޤީންވަނީ އާދެވުނުމަގުން އެދެވޭ މަންޒިލަށް ނުފޯރި ކަމެވެ. ނަމަވެސް ކަނޑައްތު ކުރެވުނު އަޑިގުނޑަންތަކާއި ހުރަސްތަކުން، މުއްސަނދި ތަޖުރިބާތަކެއް ލިބިއްޖެއެވެ. މުސްތަޤްބަލާ ދޭތެރޭ އިތުބާރު ބޮޑުވެއްޖެ އެވެ.
-ނިމުނީ-
References
[1] ______ (1979). Faiythoora, 1. Male’: Dhivehi Thaareekhaai Th’aqaafathah Khidhmaiy Kuraa Qaumee Majlis.
[2] NCERT. (2000). National Curriculum Framework for School Education. Delhi: NCERT
[3] UNESCO. (1998). Education for the 21st Century in the Asia-Pacific Region. Report of the Melbourne Unesco Conference, 1998. Canberra: Australian National Commission for the UNESCO. 124—125.
އޭޕީއޭ ފޯމެޓްއިން ރެފަރެންސް:
ޙަސަން ޙަމީދު. (2002). މަދްރަސީ ތަޢުލީމު… ހަތަރު އަނގޮޅިއެއްގައި. ފަނާރު، 4 (4). 2–6. (މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން).
Alhugan’dumenge l’ameeruge kan’dhuraa hilain neh nama, eyge nikkureegai hifai an’burailaahai baaru mi liyumugai ve-eve. Dr. Hassange mi jihaadhattakai thaareefaai shukruhutteve.