ފުދުންތެރިކަމުގެ މަތިވެރިކަން 1
ފިނިފެންމަލުގެ ބަގީޗާ — ތިންވަނަ ބާބު
މި ބާބުގެ ސުރުޚީއެއްގެ ގޮތުގައި، އިނގިރޭސި ބަހުން ތަރުޖަމާ ކުރަމުންދާ ފޮތުގައިވަނީ «On the Excellence of Contentment» މިހެންނެވެ. ކޮންޓެންޓްމަންޓް އަކީ ފުދި ހިތްހަމަ ޖެހިގެން ވުމެވެ. ހާސްކަމާއި ފިކުރުން ހުސްވެގެން ވުމެވެ. ކަންކަމަށް ބޭނުންވެގެން ވުމުން ހިތް ހުސްވެ، ހަމަހިމޭންކަމާއި ޞުލްޙަ ހިތުގެ ތެރެއަށް އައުމެވެ. ލިބިފައިވާ އެއްޗަކުން ހަމަޖެހި ފުދިގެން އުހައުވެގެން ވުމެވެ. ޢަރަބި ބަހުން، މި މާނައިގައި ބޭނުންކުރާ ލަފުޒަކީ اطمئنان އެވެ. ފާރިސީ ބަހުން قناعت އެވެ. ސަޢުދީގެ ފޮތުގައި މި ބާބުގެ ނަމަކަށް ކިޔާފައިވަނީ در فضیلت قناعت އެވެ. މާނައީ ”ފުދިގެންވުމުގެ މަތިވެރިކަމުގެ މައްޗަށް“ މިހެންނެވެ. ކީރިތި ޤުރްއާންގެ ބައެއް ތަރުޖަމާ ތަކުގައި، އައްރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގެ ލަފުޒެއް މި މާނައިގައި ބޭނުންކޮށްފައި ހުރެއެވެ. ސަރުކާރުގެ ރަސްމީ ތަރުޖަމާގައި، އެ އާޔަތުގެ މާނައިގައި އޮންނަނީ އަންނަނިވި ގޮތަށެވެ. ”އެއުރެންނީ އީމާންވީ މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“ ފަހެ، ފުދިގެން އުޅުމަކީ، އެކަމުގެ މަތިވެރި ކަމުގެ މައްޗަށް އެތައް ވާހަކަތަކެއް މުފައްކިރުންނާއި ފަލްސަފާވެރިން ލިޔެފައިވާ ޙާލަތެކެވެ. މިގޮތުގެ މަތިން ބުޚާރީގެ 6081 ވަނަ ހަދީސްގެ ގޮތުގައި އާއި މުސްލިމްގެ 1051 ވަނަ ހަދީސްގެ ގޮތުގައި އަންނަނިވި ހަދީސް ހިމެނެއެވެ: لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ މި ހަދީސްގެ މާނަ ތަރުޖަމާ ވެގެން އަންނާނީ މިފަދަ ގޮތަކަށެވެ. މުއްސަނދިކަމަކީ ގިނަގުނަ މުދައުތަކެއް މިލްކުވެގެން ވުމެއް ނޫނެވެ. ޙަޤީޤީ މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަމެވެ.
—1—
ޙަލަބުގައިވާ ކީއްތާނި ވިއްކާ ފިހާރަތަކެއް ހުރި މަގެއްގައި ހުރެފައި، މަޣްރިބު ކަރައިގެ ސޫފީއަކު ބުންޏެވެ: ”މުދަލުގެ ވެރިންނޭވެ! ތިޔަބައިމީހުންނީ ތެދުވެރި ބަޔަކަށް ވެފައި، އަހުރެމެންނީ ލިބުނު އެއްޗެކަށް ފުދިގެންވާ ބަޔަކަށް ވީ ނަމަ، މި ދުނިޔެއިން ސަލާންޖެހުމުގެ ވިޔަފާރި ހުއްޓިއްޖައީ ހެއްޔެވެ.“
ކީއްތާނި ކިޔަނީ ފޭރާން ވިޔުމަށް ގެންގުޅޭ އުއީގެ ބާވަތަކަށެވެ. މިއީ ގަހެއްގެ އޮފިން އަނބުރާ އުޔެކެވެ. ކަފައަށް ވުރެ ދާހިއްލުން ކުޑަވާނެ އެވެ. އަގު ވަރަށް ބޮޑުވާނެއެވެ. އިނގިރޭސިބަހުން ކީއްތާނި އަށް ކިޔަނީ ލިނަން އެވެ.
—2—
މިސުރުގައި އަމީރެއްގެ ދެ ފިރިހެން ކުދިން ވިއެވެ. އެކަކު ޢިލްމު އުނގެނި އަނެކަކު ވިޔަފާރި ކުރިއެވެ. ޒަމާން ތަކަކަށް ފަހު، ޢިލްމު އުނގެނުނު ކުއްޖާ އެ ޒަމާނުގެ މަޝްހޫރު ފިޤުހު ޢިލްމުވެރިއަކަށްވެ، މުދާވެރި ކުއްޖާއަށް މިސުރުގެ ވެރިކަން ލިބިއްޖެ އެވެ. މިހެން ކަންވުމުން، މުއްސަނދި ވިޔަފާރިވެރިޔާ، ކޮއްކޮއަށް ބުންޏެވެ: ”އަހުރެންނަށް ސުލްޠާނުކަން ލިބިއްޖެއެވެ. ތިބާ، ފަޤީރު ކަންމަތީ ޤަރާރުވެ ތިހުރީ އެވެ.“ ކޮއްކޮ ޖަވާބުގައި ބުންޏެވެ:
”ބޭބެއެވެ. އަހުރެން ﷲ އަށް ޝުކުރުވެރި ވުމުގައި ދެމިގެންވަމެވެ. އަހުރެންނަށް ޙާޞިލް މިވީ ނަބީބޭކަލުންގެ ފަރާތުން ވާރުތަވަމުން އައި ޢިލްމުވެރިކަމެވެ. އެކަމަކު ތިބާއަށް ތި ޙާޞިލްވީ ފިރުއައުނާއި ހާމާނުގެ މީރާސް އެވެ. ޔައުނީ މިސުރުގެ ވެރިކަމެވެ. {މީރާސް އަކީ ވާރުތަވާ ތަކެއްޗެވެ.}
—3—
ފަޤީރު ކަމުގެ އަލިފާނުން އަނދަމުން، ފޮތިމަތީ ފޮތިއަޅަމުން، ހިތްހަމަ ޖައްސާލުމަށް ދަރުވޭސިއަކު މިހެން ބުނި އަޑު އަހުރެން އެހީމެވެ:
މީހަކު އޭނާއަށް ބުންޏެވެ:
މި ސަހަރުގައި އުޅޭ އޯގާތެރި މީހަކު ހުރިހާ މީހުންނަށް އެހީވުމަށް އަދި ހުރިހާ ހިތެއް ލުއިކުރުމަށް އޭނާގެ އުނަގަނޑުގައި ކަމަރު އައްސައިފިއެވެ. އޭނާ ދެކޭނީ އެހީތެރިކަން ޙައްޤުވާ މީހެއްގެ ހިތް ލުއިކުރުމަކީ އޭނާގެ ވާޖިބެއް ކަމަށެވެ.
ދަރުވޭސީ ޖަވާބުގައި ބުންޏެވެ:
މީހެއްގެ ކައިރީގައި ބޭނުންތަކަށް ސަލާން ޖެހުމަށް ވުރެ ފަޤީރުކަމަށް ކެތްތެރިވުމުގައި މަރުވުން މާ ރަނގަޅެވެ. ވެރިޔަކަށް އަންނައުނަށް އެދި އާދޭހުގެ ސިޓީ ލިޔުމަށް ވުރެ ލިބާހުގައި ފޮތިއަޅަން ކަނެއްގައި އިނުން މާ ރަނގަޅެވެ.
އަވައްޓެރިއާގެ ޣުލާމެއްގެ ގޮތުގައި ސުވަރުގެ ވަނުމަކީ، ނަރަކައިގެ އަޒާބާ އެއްފަދަ ކަމެއްކަން ޔަޤީނެވެ.
—4—
ފާރިސްކަރައިގެ އެއް ރަސްކަލަކު، مصطفی صلی الله علیه و سلم އަށް ޚިދުމަތް ކުޅައުމަށް ކުޅަދާނަ ޙަކީމަކު ފޮނުއްވައިފި އެވެ. ޢަރަބީންގެ ތެރޭގައި ދުވަސްތަކެއް ވަންދެން އޭނާ ހުރިއިރު، އެއްވެސް މީހަކު އޭނާގެ ފަރާތުން ފަރުވާ ހޯދުމަކަށް ނުވަތަ އޭނާގެ ފެންވަރު ވަޒަންކޮށްލުމަކަށް ނައުދެތެވެ. އެހެންވެ ދުވަސްގަޑަކަށް ފަހު، މާތް ﷲ ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އަރިހަށް އޭނާއައިސް، ސަލާމް ދަންނަވައި، އޭނާ ފޮނުއްވީ އަޞްޙާބުންނަށް ބޭސްފަރުވާ ކުރުމަށްކަމާއި އެއްވެސް މީހަކު އޭނާއަށް ސަމާލުކަމެއް ދީ އޭނާ ދޭންޖެހޭ ޚިދުމަތް ހޯދުމަށް އައިސްފައި ނުވާކަމަށް ޝަކުވާ ދަންނަވައިފި އެވެ.
މިހެން ދެންނެވުމުން ކީރިތި ރަސޫލާ ހަދީސް ކުރެއްވީ، މި ޤައުމުގެ އާދަކާދައަކީ މީހުން ކަނީ ބަނޑުފައިގަނެގެން ހަށިގަނޑު ކެއުމަށް ބޭނުން ބޮޑަށް ޖެހުމުން ކަމާއި ހާންތިކަން މުޅިން ނުފިލަނީސް އެމީހުންގެ އަތްތައް ކާނާއިން ދުރަށް ގެންދާކަމަށެވެ. މިހެން ހަދީސް ކުރެއްވުމުން، ޙަކީމު ޚިދުމަތުގެ ބިންމަތީގައި ބޮސްދީފައި، ދުޅަހެޔޮކަމުގެ ސަބަބަކީ ތިއީ އޭ ދަންނަވާ އޭނާ ފާރިސްކަރައަށް އެނބުރި ދިއުމަށް ދަތުރު ފަށައިފިއެވެ.
—5—
މީހަކު ތައުބާ ވުމަށް ޢަޒުމްކަނޑައަޅައި ތަކުރާރުކޮށް އެ ޢަޒުމް ދޫކޮށްލާ އިހުގޮތަށް އެނބުރޭން ފެށުމުން، ޝޭޚަކު އޭނާއަށް ބުންޏެވެ: އަހުރެންނަށް ހީވަނީ ކަލެއަކީ ވަރަށް ގިނައިން ކައިބޮއެ އުޅޭ މީހެއް ހެނެވެ. އަދި ކެއުން ހިފެހެއްޓުމަށް ކަލޭގެ ހުންނަ ހިތްވަރު އިސްތައްޓަކަށް ވުރެ ހިމަ ހެނެވެ. ކެއުމަށް ތި ޖެހިފައި ހުންނަ ހިތް ނުވަތަ ޝަހުވަތު، ކޮންމެވެސް ދުވަހަކުން ކަލޭ ހަލާކު ކޮށްފާނެއެވެ.
—6—
އިހު ޒަމާނުގެ ރަސްކަލެއް ކަމުގައިވާ އަރުދޭޝީރު ބަބެކާން، ޢަރަބި ޙަކީމެއްގެ ކައިރީގައި، ދުވަހެއްގެ ކާނާ އަކީ ކިހާ މިންވަރެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ޙަކީމް ދެންނެވި އެވެ: ”ސަތޭކަ ދީނާރުގެ ކާނާ ފުދޭނެ އެވެ.“ އެ މިންވަރުގެ ކާނާއިން ލިބޭނީ ކިހާ ބާރެއްތޯ ސުވާލު ކުރެއްވުމުން، ޙަކީމް ޖަވާބު ގައި ދެންނެވިއެވެ: ”އެ މިންވަރުން، ތިބާއަށް ތިބާގެ ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދެވޭނެއެވެ. އެއަށް ވުރެ ގިނަ ނަމަ، ތިބާއަށް ޖެހޭނީ އިތުރުވާ ކާނާ އުފުލަމުން ޙަރަކާތްތެރިވެ ވަޑައިގަންނަވާށެވެ.
—7—
ޚުރާސާނުގެ ދެ ދަރުވޭސިއަކު އެކުގައި ދަތުރުކުރަމުން ދެއެވެ. އެކަކު ބަލިކަށިކަމުން (ޠަޢީފުކަމުން) ކަނީ ދެ ރެއިން އެއް ރެއެވެ. އަނެކަކީ ރޫފަ ރަނގަޅު މީހެކެވެ. އޭނާ ދުވާލަކު ތިން އިރު ކައެވެ. އެމީހުން ރަށެއްގެ ރަށްބޭރު ބޮޑު ދޮރާއްޓާ ގާތްވި ތަނާ، ޖާސޫސުންގެ ގޮތުގައި ތުހުމަތު ކުރެވިގެން ހިފައި، ޤައިދުޚާނާއަކަށް ލައި، އާނގައެއް ފިޔަވައި ދޮރު ރާނާ ބަންދުކޮށްފިއެވެ. ދުވަސްކޮޅެއްގެ ފަހުން، އެމީހުންނަކީ ކުށްވެރީން ނޫންކަން އެނގިގެން ދޮރު ކަނޑާ ބެލިއިރު، ރޫފަ ރަނގަޅު މީހާ ވަނީ މަރުވެފައެވެ. ބަލިކަށި މީހާގެ ފުރާނަ ހުއްޓެވެ. މީހުން ހައިރާން ވިއެވެ. ނަމަވެސް ޙިކްމަތްތެރިއެއް ޔަޤީން ކަމާ އެކު ބުންޏެވެ: ޙައިރާންވާންވީ މި ނޫންގޮތެއް ވީ ނަމައެވެ. މީގެ ތެރެއިން އެކަކީ ވަރަށް ކާ ހިތްވާ މީހެއްކަމުން، ބަނޑުފައިގަތުމަށް ކެތްތެރިކަމެއް އޭނާގެ ކިބައިގައި ނެތުމުން ނިމި ދިޔައީ އެވެ. އަނެކަކީ ކެތްތެރިކަމާއެކު ބަނޑުފައިގަތުން ކޮންޓްރޯލް ކުރާ މީހެއް ކަމުން، އެކަމުގައި އޭނާ ޤަރާރުވެ ސަލާމަތުން ހުރީއެވެ.
—8—
ގިނައިން ކެއުމުން ބަލިވާނެތީ، ފަލްސަފާވެރިންގެ ތެރެއިން އެކަކު އޭނާގެ ފިރިހެން ދަރިފުޅަށް ގިނައިން ކެއުން މަނާކުރިއެވެ. ދަރިފުޅު ބުންޏެވެ: ”ބައްޕާ އެވެ. ބަނޑު ފުރާލުން ހާންތިކަމަށް ކެތްކުރުމަށް ވުރެ ރަނގަޅުކަމަށް ޙިކްމަތްތެރިން ބުނާ އަޑު ނާހަން ހެއްޔެވެ؟“ ބައްޕަ ޖަވާބު ދިނެވެ: ”މެދު މިނުގައި ހިފަހައްޓާށެވެ. ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ. އަދި އިސްރާފު ނުކުރާށެވެ.“ {ފަހު ދެ ޖުމުލައަކީ އަލްއަޢުރާފު ސޫރަތުގެ 31 އާޔަތުން ބައެކެވެ.}
ގުލްކަނދު
ހަކުރާއި މަލުފިޔަ އެއްކޮށް އަވީގައި ނުވަތަ ހަނދުވަރުގައި ބަހައްޓައިގެން ތައްޔާރުކުރާ އެއްޗެއް. މި ބޭނުންކުރަނީ ބޭސްވެރިކަމަށާއި ފޮނި ކާތަކެތީގައި ރަހަލެއްވުމަށެވެ. އާއްމުކޮށް ގުލްކަނދު އަޅަނީ ފިނިފެން މަލުގައި ނުވަތަ ޗާނދަނީ މަލުގައެވެ.
—9—
ބަލިވެފައިވާ މީހަކު އެނާގެ ހިތް އެދެނީ ކޮން އެއްޗަކަށް ތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”ހިތް އެދެނީ އެއްވެސް އެއްޗަކަށް ހިތް ނުޖެހުމަށެވެ.“
—10—
ޥާސިޠު ސަހަރުގައި އުޅޭ ގޮވާން ވިއްކާ ސާދާގަރަކަށް ސޫފީންގެ ބަޔަކު ދަރާފައިވާތީ، ކޮންމެ ދުވަހަކު ހެން އެ ސާދާގަރު ފައިސާ ކޮބައިތޯ އަހާ ހަރުބަހުން އެމީހުންނާ މުޢާމަލާތް ކުރަތެވެ. އޭނާގެ މި އުނދަގުލަށް ސޫފީން ފޫހިވި ކަމުގައި ވިއަސް ދަރަނި އަދާ ކުރެވޭނޭ ގޮތެއް ނުވިއެވެ. ސޫފީންގެ ތެރެއިން ދީންވެރިކަން ގަދަ މީހެއް ބުންޏެވެ: ފައިސާ ދޭނަމޭ ބުނެ ގޮވާން ވިއްކާ ސާދާގަރަކު ހިތްހަމަ ޖެއްސުމަށް ވުރެ، ކާނާދޭނަމޭ ބުނެ ހާންތި ވެފައިވާ ބަނޑެއް ރުއްސަން ފަސޭހައެވެ.
—11—
ތާތަރު ހަނގުރާމައިގައި، ހިތްވަރު ގަދަ ފަހުލަވާނެއް ފުން ޒަޚަމެއް ވެއްޖެއެވެ. އޭނާގެ ކައިރީގައި ވަކި ވިޔަފާރިވެރިއެއްގެ އަތުގައި ޒަޚަމް ފަސޭހަވާ ބޭހެއް ހުރި ވާހަކަ އާއި އެދެފި ނަމަ ދީފާނެ ކަމަށް ބުނެވުނެވެ. ނަމަވެސް އެމީހަކީ ދަހިކަމަށް މަޝްހޫރު މީހެއް ކަމަށް ވެސް ބުނެވުނެވެ.
ފަހުލަވާނު ޖަވާބު ދިނެވެ:
އަހުރެން ބޭހަށް އެދިއްޖެ ނަމަ، އޭނާ އެ ދީފާނެއެވެ. ނުވަތަ ނުދީފާނެއެވެ. އޭނާ އެ ދީފިނަމަ އެކަމުން އަހުރެންނަށް ފައިދާ ކޮށްފާނެއެވެ. އަދި ފައިދާ ނުކޮށްފާނެ މެއެވެ. ނަމަވެސް އޭނާގެ ކައިރީގައި އެއަށް އެދުމަކީ ވިހަގަދަ ޒަހަރެކެވެ.
ތިބާގެ ހަށިގަނޑަށް ފައިދާއެއް ކުރިއަސް ފުރާނައަށް ދުއްތުރާކުރެ އެވެ.
އަދި ފަލްސަފާ ވެރިން ބުނެފައި ވެއެވެ. މިސާލެއްގެ ގޮތުން މަރުމަތިވެފައިވާ މީހެއްގެ ކައިރީގައި ދިރިހުރުމުގެ ފެންތަށި (އާބު ހަޔާތު)، ނަފުސުގެ ޢިއްޒަތުގެ އަގުގެ ބަދަލުގައި ބޯން ލިބިދާނެކަމަށް ބުނެފިނަމަ، ބުއްދިވެރި މީހުން އެ ވިޔަފާރިއަކަށް އެއްބަހެއް ނުވާނެއެވެ. އެއީ އަބުރެއް، ޙުރުމަތެއް ނެތް ފަޟީޙަތް ދިރިއުޅުމަކަށް ވުރެ، ޤަދަރުވެރިކަމާ އެކު މަރުވުން ރަނގަޅުވެގެން ވާތީ އެވެ.
—12—
ޢިލްމުވެރިންގެ ތެރެއިން މީހަކު ކާންދޭން ޖެހޭ މީހުން ގިނަވެފައި އާމްދަނީ މަދު ވެގެން ވިއެވެ. މި ވާހަކަ، އޭނާއާ މެދު ރަނގަޅު ގޮތަކަށް ވިސްނާ މުއްސަނދި މީހަކަށް ރައްދުކުރުމުން އޭނާގެ އުއްމީދުތައް ވީ މާޔޫސް އެވެ. އެ މީހާ މޫނު ކުނިކޮށްފައި، ޒުވާބު ދިނީ ޢިލްމުވެރިން ފަދަ ޙުރުމަތްތެރި ވެގެންވާ މީހުން އެހީއަށް އެދުމަކީ ހުތުރުކަމެއް ކަމަށެވެ.
އެ ވާހަކަ ރައްދުކުރުމުން ޢިލްމުވެރިޔާ ގެ އާމްދަނީ ކުޑަކޮށް މަތިވިއެވެ. ނަމަވެސް އޭނާއަށް ފާހަގަ ކުރެވުނީ އޭނާއާ އޮންނަ ގާތްކަން ކެނޑިގެން ދިޔަކަމެވެ. އޭނާ އަންނިވި ޅެން ބައިތު ކިޔެވެ.
ސައިކުރާ އުނދުންމަތީގައި ބެހެއްޓެއެވެ. ނަމަވެސް ޙުރުމަތް ދަށްވެ އެވެ.
ފަޤީރުކަން އާދޭސްކުރުމުގެ ނިކަމެތިކަމަށް ވުރެ ރަނގަޅު ވެގެން ވެއެވެ.
—13—
ދަރުވޭސީއަކު އެއްޗެއް ބޭނުން ވިއެވެ. އޭނާއަށް ބުނެވުނީ މި ވެނި މީހަކީ ޢަދަދު ނުކުރެވޭހާ ފައިސާގެ ވެރިއެއް ކަމަށާއި ތި އެދުން އޭނާއަށް އަންގައިފި ނަމަ، އެކަން ކޮށްދޭނޭ ކަމަށެވެ. ފައިސާ ވެރިޔާ އާ ރައްޓެހި ނޫންކަމުން، މި މީހާ އެގެ ހުންނަ ތަން ދައްކައިދޭން ބުންޏެވެ. ދަރުވޭސީ އެގެޔަށް ވަނުމުން ފެނުނީ ތުންފަތް ފައިބައިފައިވާ މީހަކު ހިތާމައިގައިވާ ތަނެވެ. އޭނާ އެގެއަށް ވަދެފައި މާ އަވަހަށް ނުކުމެގެން އައުމުން ކިހިނެއް ތޯ ވީ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”އޭނާގެ މޫނު ފެނުމުން، އަހުރެން ޤަޞްދުކުރީ އޭނާއަށް ހަދިޔާއެއް ދިނުމުން އެއްކިބާ ވާށެވެ.“
—14—
އިސްކަންދަރިއްޔާ އަށް ތަދު ދުވަސްވަރެއް އައިސް، ދަރުވޭސީންގެ އަތުން ވެސް ކެތްތެރިކަމުގެ ލަގަން ދޫވެ، ބިމަށް ވެހޭ މުތްތައް އުޑުގައި ހިފެހެއްޓި، އިންސާނުންގެ ރުޔުންތައް އުޑާ ހަމައަށް އުފުލިގެން ހިނގައްޖެ އެވެ.
ވާރޭވިލާ އުފެދިގެން ކަރުނައިން ބިމަށް ވާރޭ ނުވެހުމުންނެވެ.
މިފަދަ އަހަރެއްގައި ޚުންސާއެއް ވިއެވެ. އަހުރެންގެ ރައްޓެހީންނަށް އޭނާ ސިފަކޮށްދިނުމުން އެއްކިބާ ވާން ޖެހެއެވެ. ސަބަަބަކީ އެކަމަކީ ރަނގަޅު އަޚްލާޤަކަށް ނުވާނެތީ އެވެ. ޚާއްޞަކޮށް މާތް މީހުންގެ ހާޒިރުގައެވެ. އަނެއް ކޮޅުން ބަލާއިރު، ފަރުވާ ކުޑަކުރުމުގެ ގޮތުން ސިފަ ނުކޮށްދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އެހެނީ ބައެއް މީހުން ދެކޭނީ އެކަމަށް ކުޅަދާނަ ވެގެން ނުވާތީ ކަމަށެވެ. އެހެންވެ، އަހުރެން އޭނާ ކުރުކޮށް ސިފަކޮށްދޭނީ އަންނަނިވި ދެ ބައިތުންނެވެ. އެއީ މަދު ބަސްކޮޅަކުން ގިނަ ކަންތައްތައް ހާމަކޮށްދެވޭނެތީ އާއި މުށެއްގެ މިންވަރަކީ ހިމާރަކަށް އެރުވޭހާ ތަކެތީގެ ނަމޫނާ އަަކަށް ވާތީ އެވެ.
ބަދަލުގައި ތާތަރު މަރާލައިގެން ނުވާނެއެވެ.
ބަޣްދާދުގެ ފާލަމުގެ ގޮތުގައި އޭނާ ވާނީ ކިހާ ދުވަހެއް ހެއްޔެވެ؟
މި ތަޢާރަފު އަޑުއެހި ފަދަ މީހެއްގެ ކިބައިގައި ޙައްދެއް ނުވާ މުދައު ވިއެވެ. ބޭނުންވާ ބަޔަކަށް ރިއްސާއި ރަން އޭނާ ދެއެވެ. އަދި ދަތުރުވެރިންނަށް މޭޒުތައް އަތުރައެވެ. ދަރުވޭސީންގެ ބަޔަކު، ދަތި ހާލަތުގެ މެދުގައިވުމުން، އޭނާގެ މެހެމާންދާރީ ޤަބޫލުކުރަން ނިންމާ އަހުރެންގެ މަޝްވަރާއަކަށް އެދުމުން، އިންކާރުގެ ގޮތުން ބޯ އަނބުރާލާފައި އަހުރެން ޖަވާބު ދިނީމެވެ.
—15—
އޭނާއަށް ވުރެ މަތިވެރި އަޚްލާޤެއްގެ މީހެއް ދަންނަންތޯ، ޙާތިމް ޠާއީ އާ ސުވާލުކުރެވުމުން ޖަވާބުގައި ބުންޏެވެ:
”އާއެކެވެ. އެއް ދުވަހަކު ޢަރަބި އަމީރުންނަށް މެހެމާންދާރީ އަދާކުރަން އަހުރެން ސާޅީސް ޖަމަލު ކަތިލީމެވެ. ކަމަކު ސަހަރާގެ ތެރައަށް ދިއުމުން އަހުރެންނަށް ފެނުނީ ދަރު އެއްކުރާ މީހެއް، ގަހެއްގެ މޫތައް އެއްކުރަމުންދާ ތަނެވެ. އޭނާގެ ގާތުގައި ކަށިއޮފިތަކެއްގެ ކުޑަވަރެއްގެ ފުނިވަރެއް ހުއްޓެވެ. ޙާތިމް ޠާއީގެ ޖާފަތުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިނުވީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:
ޙާތިމް ޠާއީ އަށް ދަރަނިވެރި ވާކަށް ނުޖެހޭނެއެވެ.“
ދެން އަހުރެންނަށް އެނގުނީ މި މީހާގެ އަޚްލާޤު އަހުރެންނަށް ވުރެ މަތިވެރިކަމެވެ.
Leave A Comment