ބާބު 4

ނަބީކަމުގެ ޙަޤީޤަތް: އަދި އެކަމަށް ހުރިހާ އެއްޗެއް ބޭނުންވެގެންވާ ވުން

 

ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ ”ކުށުން ރައްކާތެރިވުން“ މިފޮތުގެ ހަތަރުވަނަ ބާބު މި ޕޯސްޓްގައި ހިމެނެއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.

އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ ”ޢިލްމުވެރިންނަށް“ ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ ”ހާސަރު“ ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.

ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ހަތަރު ވަނަ ބާބުގައި ވާހަކަ ދެކެވެނީ ނަބީކަމުގެ ޙަޤީޤަތާ މެދުއެވެ.

 

حَقيقَة النُبُوَّة: واضطِرار كَافةِ الخَلق إليهَا

ނަބީކަމުގެ ޙަޤީޤަތް: އަދި އެކަމަށް ހުރިހާ އެއްޗެއް ބޭނުންވެގެންވާ ވުން


ދަންނައެވެ. އިންސާނާ ހައްދަވައިފައިވަނީ ﷲ ގެ ޢާލަމްތަކާ ބެހޭ އެއްވެސް އެއްޗެއް ދެތުމެއް ނުވާ ސާދާ ހާމަ ގޮތެއްގައެވެ. މި ޢާލަމްތައް ގިނަގުނަ ކަމުން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އެ ވިޔަނުކުރެވޭ ހުއްޓެވެ. އެއީ އެކަލާނގެ މިފަދައިން އަންގަވައިފައިވާ ފަދައިންނެވެ: (وَمَا يَعۡلَمُ جُنُوۡدَ رَبِّكَ اِلَّا هُوَ) (المدثر  74: 31) {އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ.}

އިންސާނާއަށް އޭނާގެ ޢާލަމްއާ ބެހޭ މަޢުލޫމާތު ލިބެނީ ޙިއްސުތަކުންނެވެ. އިޙްސާސް ކުރެވޭ ހުރިހާ ޙިއްސުތަކެއް ހައްދަވައިފައިވަނީ، ހެއްދެވި ތަކެތީގެ ތެރެއިން ކޮންމެވެސް ބައެއް އިންސާނާ އިޙްސާސް ވެގަތުމަށެވެ. ޢާލަމްތަކޭ ބުނި ބަހުން އަހުރެމެން މި މާނަ ކުރަނީ ހެއްދެވި ނުވަތަ ވާ ތަކެތީގެ ގިންތިތަކެވެ.

އިންސާނާގެ ކިބައިގައި އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އެއްޗަކީ ބީހުމުގެ ޙިއްސެވެ. އަދި މި ޙިއްސު މެދުވެރިކޮށް އޭނާއަށް ހެއްދެވި ތަކެތީގެ ތެރެއިން ބައެއް ދެނެގަނެވެއެވެ. ހޫނާއި ފިންޏާއި ތެތްކަމާއި ހިކިކަމާއި އޮމާން ކަމާއި ރާޅުކަން ފަދަ ތަކެތީގެ ސިފަތަކެވެ. ބީހުމުގެ ޙިއްސުން އެއްވެސް ގޮތަކަށް ކުލަވާކަން ނުވަތަ އަޑުތައް ވާކަން ނުދެނެގަނެވޭނެ އެވެ. ބީހުމުގެ ޙިއްސަށް އެކަނި ވިސްނާނަމަ، ކުލަތަކާއި އަޑުތައް ފަދަ ސިފަތައް ޚަލްޤު ކުރެވިފައެއް ނުވެއެވެ.

މިއަށް ފަހު، އިންސާނާގެ ކިބައިގައި ލެއްވީ ފެނުމުގެ ޙިއްސެވެ. އަދި މި ޙިއްސުން ކުލަތަކާއި ބައްޓަން ދެނެގަނެވެއެވެ. މިއީ އިޙްސާސް ކުރެވޭ ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ކަންތައްތައް ދެނެގަނެވޭ ޙިއްސެވެ. ދެން އިންސާނާގެ ކިބައިގައި އިވުމުގެ ޙިއްސުތައް ލެއްވިއެވެ. މިކަމުން އިންސާނާއަށް ތަފާތު އަޑުތައް އިވެއެވެ. އެއަށް ފަހު ރަހައިގެ ޙިއްސު، އިންސާނާގެ ކިބައިގައި ލެއްވިއެވެ. މިގޮތުގެ މަތިން ޙިއްސުތަކުގެ ޢާލަމް ފުރިހަމަ ކުރެއްވިއެވެ.

ދެން މިއަށް ފަހު، އިންސާނާއަށް ގާތްގަޑަކަށް ހަތް އަހަރުވުމުން، އޭނާގެ ކިބައިގައި ތަކެތި ފެނި ފާހަގަކުރުމުގެ ބާރު (ތަމްޔީޒު) ލެއްވިއެވެ. މިއީ އޭނާ ފުރިހަމަ ވުމުގެ އައު ހަރުފަތެކެވެ. ނުވަތަ ފިޔަވައްސެކެވެ. އޭނާއަށް މިހާރު ޙިއްސުތަކުން ނުފެންނަ ކަންތައްތައް (އެއް އެތި އަނެއް އެއްޗާ ހުންނަ  އެއްގޮތްކަމާއި ތަފާތު ތަކާއި އެހެނިހެން ގުޅުން ފަދަ ކަންކަން) އެނގެއެވެ. މި ކަންތައްތަކަކީ ޙިއްސުތަކުގެ ޢާލަމްގައި ނުވާ ކަންތައްތަކެވެ. ދެން މިއަށްފަހު، އޭނާ އެހެން ހަރުފަތަކަށް ކުރިއަރައެވެ. އޭނާގެ ކިބައިގައި ބުއްދި ނުވަތަ ޢަގްލް ލެއްވިއެވެ. {ބުއްދިއަކީ ދެނެގަތުމުގެ ބާރަށް ކިޔާ ނަމެކެވެ. މިކަމުގައި ހިމެނެނީ ސަބަބުތަކުގެ މައްޗަށް ބުރަވެ، ރަނގަޅު ނިންމުމަށް ފިކުރު ހިންގުމާއި މިކަމުން އައު ޢިލްމު ނެރުމެވެ.} ބުއްދީގެ ސަބަބުން އިންސާނާއަށް ކަމަކަށް ބޭނުންވާނޭ ތަކެއްޗާއި، ނުކުރެވޭނޭ ކަންކަމާއި ކުރީގެ ހަރުފަތްތަކުން ވާކަން ނޭނގޭ ކަންކަން ވާނެކަން ދެނެގަނެވެއެވެ.

ބުއްދީގެ ހަރުފަތަށް ފަހުގައި އެހެން ހަރުފަތެއް ވެއެވެ. މި ހަރުފަތަށް ވާޞިލުވުމުން އެހެން ”ލޮލެއް“ ހުޅުވެއެވެ. އެއިން އެހެންޏާ ނުފެންނަ ތަކެތި ފެނުމާއި، ކުރިމަގުގައި ވާނޭ ކަންތައްތައް އެނގުމާއި އަދި ބުއްދިއަށް ނުފެންނަ ކަންތައްތައް ”ފެނެއެވެ.“ ތަމްޔީޒު ނުވަތަ ތަކެތި ފެނި ފާހަގަ ކުރުމުގެ ބާރު ލިބުމަކުން ބުއްދިއަށް ފެންނަ ތަކެތި ނުފެންނަ ފަދައިންނާއި، ތަމްޔީޒުން ފާހަގަވާ ކަންތައްތައް ޙިއްސުތަކަށް ކަޝްފުވެގެން ނުވާ ފަދައިންނެވެ. {އިންސާނާ ފުރިހަމަ ވަމުން އަންނައިރު ދަށު ހަރުފަތެއް ނުވަތަ ފިޔަވައްސެއްގައި ލިބޭ ޤާބިލްކަމަކުން މަތީ ހަރުފަތެއް ފިޔަވައްސެއްގައި ވާ ކަންކަން އޭނާއަކަށް ނޭނގޭނެއެވެ. އެކަންކަން ވަނީ އޭނާއަށް އަދި ހުރެވުނު ހަރުފަތުން ފަރުދާ ވެވިގެންނެވެ.}

މީގެ އިތުރަށް، ތަމްޔީޒުގެ ހަރުފަތުގައިވާ އިންސާނަކަށް ބުއްދީގެ އެއްޗެއް ދައްކައިފި ނަމަ، އޭނާ އެ އެއްޗެއް ވާކަމަށް އިންކާރު ކުރާނޭ ފަދައިން، ބުއްދީގެ ހަރުފަތުގައި ތިބި ބައެއް މީހުން، ނަބީކަމުގެ ކަންކަމަށް އިންކާރު ކުރެއެވެ. މިއީ މަށް ޖާހިލު ކަމެވެ. މިގޮތަށް އިންކާރު ކުރުމަށް، އެމީހުންނަށް މިހަރުފަތަށް އެރިފައި ނުވުން ފިޔަވައި — އެހެންކަމުން އެމީހުންނަށް މި ހަރުފަތަށް އެރުމުން ފެންނާނޭ ކަންކަން ނުފެންނަކަން ފިޔަވައި — އެހެން އެއްވެސް ސަބަބެއް ނުވެއެވެ. މިހެންވެ އެމީހުން ޤަބޫލުކުރަނީ މި ކަންކަން ނުވާ ކަމަށެވެ. މިކަންކަން ޚަލްޤު ކުރެވިފައި ނުވާ ކަމަށެވެ. ލޯފަން (ވިހޭ އިރުން ސުރެ ނުފެންނަ) މީހަކު ކުލަތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެހެން މީހުންގެ ފަރާތުން ދަސްވެފައި ނުވާ ނަމަ، އޭނާއަކަށް ކުލަތައް އޮޅުމެއް ނުފިލާނެއެވެ. އަދި ކުލަތައް ވާކަމަށް ޤަބޫލެއް ނުކުރާނެ އެވެ.

އެކަމަކު الله تعالى، އެކަލާނގެ އުފެއްދެވި އެއްޗިއްސަށް ރުއްސަވައި، ނަބީކަމާ އެއްފަދަގޮތަކަށް ވިސްނިދާނޭ މިސާލެއް އިންސާނާއަށް ދެއްވާފައި ވެއެވެ. އެއީ ހުވަފެނެވެ. ހުވަފެނުގައި އިންސާނާއަށް މުސްތަޤްބަލްގައި ވާނޭ ކަންކަމާއި ޣައިބުގައިވާ ކަންތައްތައް ފެނެއެވެ. ބައެއް ފަހަރު ސާފުކޮށް ފެނެއެވެ. ބައެއް ފަހަރު އެކަންކަން ވަނީ ކޮންމެވެސް ރަމްޒުތަކަކުން، ނިޝާންތަކަކުން ފަރުދާވެ، ތަޢުބީރު ކުރަންޖެހޭ ފަދަ ގޮތެއްގައެވެ.

މީހަކަށް ހުވަފެނެއް އެއް ފަހަރުވެސް ތަޖުރިބާ ކުރެވިފައި ނުވާކަމަށް ޚިޔާލަށް ގެންނަވާށެވެ. އަދި، އޭނާ ކައިރީގައި، ފެނުމާއި އިވުމާއި އެހެން ޙިއްސުތައް މަސައްކަތް ނުކުރާ ހާލަތެއްގެ ގޮތަށް މީހުން ހޭނެތި (ނިދި) އޭނާއަށް ނުފެންނަ ކަންތައްތައް ފެންނަ ޙާލަތެއް އަންނަ ކަމަށް ވިދާޅުވެބައްލަވާށެވެ. އޭނާ މިފަދަ ޙާލަތެއް ވާކަމަށް ޤަބޫލެއް ނުކުރާނެއެވެ. އަދި އެފަދަ ޙާލަތެއް ނުވާނެކަމަށް އޭނާ ހެކި ދައްކާނެއެވެ. އޭނާ ބުނާނެއެވެ: ”ތަކެތި އެނގި އޮޅުން ފިލަނީ ޙިއްސުތަކުގެ ބާރުންނެވެ. މީހާއަށް އެ ޙިއްސުތައް މަސައްކަތް ކުރާއިރު، ވާކަމަށް ތިބުނާ ތަކެތި އިޙްސާސް ނުކުރެވޭ ނަމަ، އެ ޙިއްސުތައް މަސައްކަތް ނުކުރާ ޙާލަތެއްގައި، އެ ތަކެތި ފެނުމުގެ ފުރުޞަތު މާކުޑައެވެ.“ {ހޭ ހުންނަ އިރު ނުފެންނަ ތަކެތި ހޭ ނެތުމުން ނުވަތަ ނިދީގައި ވުމުން ފެންނާނީ ކިހިނެއް ހެއްޔެވެ؟} ޙަޤީޤަތުގައި ވާ އަދި ތަޖުރިބާ ކުރެވޭ ކަންތައްތަކުން، މި މިސާލަކީ (އޭނާގެ ބުނުމަކީ) ކުށެއްކަން ޔަޤީން ވެއެވެ. ޙިއްސުތަކުން އިޙްސާސް ކުރެވޭ ތަކެތީގެ އިތުރަށް، އިންސާނާ ތަރައްޤީވެ ފުރިހަމަވަމުން އަންނައިރު އެރޭ ހަރުފަތަކުން ބުއްދި ”ޖެހި“ ފިކުރުން ފެންނަ ތަކެތި ”ފެންނަ“ ފަދައިން، ނަބީކަމަކީ އިންސާނާ ކުރިއަރަމުން އެރޭ ޚާއްޞަ ހަރުފަތެކެވެ. މިހަރުފަތަށް އިންސާނާ އަށް ވާސިލުވުމުން، އޭނާއަށް ލިބޭ ”އައްޔަކުން“ ޣައިބުގައިވާ ތަކެތި ފެނެއެވެ. އަދި ބުއްދިއަށް ޤަބޫލު ނުކުރެވޭ  ކަންތައްތައް ”ފެނެއެވެ.“ ނުވަތަ ދެނެގަނެވެއެވެ.

ނަބީކަމާ މެދު ޝައްކު ކުރެވެނީ — ޝައްކު އުފެދެނީ — ތިން ގޮތަކަށެވެ: (ހ) ނަބީ ކަމަކީ ވެދާނެ (ހިނގާފާނެ) ކަމަކާ މެދު ޝައްކު ކުރުން، (ށ) ނަބީކަމުގެ ޙާލަތު ޙަޤީޤަތުގައި ވެސް ކުރިމަތި ވެދާނެ، ތަޖުރިބާ ކުރެވިދާނެ ކަމާމެދު ޝައްކު ކުރުން، (ނ) ވަކި އިންސާނަކަށް އެ ޙާލަތަށް އާދެވުމާ (އެ ހަރުފަތަށް އެރުމާ) މެދު ޝައްކު ކުރުން، މިއެވެ.

ނަބީ ކަމަކީ ވެދާނެ، ހިނގައިފާނެ (ޕޮސިބްލް) ކަމެއް ކަމާއި ނަބީ ކަމަކީ ޙަޤީޤަތުގައި ވެސް ތަޖުރިބާ ކުރެވިދާނެ ކަމެއްކަމަށް (އިގްޒިސްޓަންސް) ދެއްކޭނޭ ދަލީލަކީ ދުނިޔޭގައިވާ ބައެއް ޢިލްމެވެ. މި ޢިލްމުތަކަށް ސަބަބުތަކުން ވާޞިލުވުމަކީ ވެވޭނޭ ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން، ބޭސްވެރިކަމާއި ތަރިތަކާ ބެހޭ ޢިލްމު މި ބާވަތުގެ ޢިލްމުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ޢިލްމުތައް ދިރާސާ ކުރާ ފަރާތްތަކަށް އެނގެނީ މި ބާވަތުގެ ޢިލްމު ލިބިގަނެވެނީ ކަލާނގެ އިލްހާމުން ކަމާއި އެކަލާނގެ އެހީތެރިވެވޮޑިގަތުމުން ކަމެވެ. މި ޢިލްމު ހަމައެކަނި ބަލައިގެން، ތަޖުރިބާކޮށްގެން ނުހޯދޭނޭ ކަމެވެ. މިސާލެއްގެ ގޮތުން، ތަރިތަކާ ބެހޭ ޢިލްމުގެ ބައެއް އަޙްކާމްތައް ނުވަތަ ޤާނޫނުތައް (ހަމަތައް) އެކަށައަޅައިފައިވަނީ 1000 އަހަރުން އެއް ފަހަރު ހިނގާ ކަންތައްތަކަށް ބަލައެވެ. މީހަކު ތަޖުރިބާކޮށްގެން މި ޤާނޫނުތައް ނެރޭނީ ކިހިނަކުން ހެއްޔެވެ؟ ބޭސްބޭހުގެ އަސަރުތައް ވެސް މިފަދައެވެ.

މި ބުރުހާނުން އެނގެނީ މިފަދަ ކަންތައްތައް ދެނެގަތުމަށް ބުއްދި ފިޔަވައި އެހެން ގޮތެއް ވާކަމެވެ. ނަބީކަމުގެ ނުވަތަ ނުބުއްވަތުގެ މުރާދަކީ ނުވަތަ މާނައަކީ މިއީ އެވެ. މާތުރަ، ނަބީކަމަކީ ހަމައެކަނި މިފަދަ ޢިލްމު ދެނެގަތުމެއް ނޫނެވެ. މީގެ އިތުރަށް، ބުއްދިއަށް ”ނުފެންނަ“ މިފަދަ ޢާލަމުތައް ދެނެގަތުމަކީ، ނަބީކަމުގެ ސިފަތަކުން އެއް ކަމެކެވެ. ނަބީކަމުގައި މިނޫން އެތައް ގިނަ ސިފަތަކެއް ވެއެވެ. މި ބަޔާން ކުރެވުނު ސިފައަކީ، ނަބީކަމުގެ ސިފަތަކުގެ ކަނޑުން އެންމެ ތިއްކެކެވެ. މިކަން ވަކިން ފާހަގަކޮށް މި ބަޔާން ކުރީ، ތިބާއަށް ހުވަފެން ފެނުމުގައި، ނަބީކަމުގެ ސިފަތަކުގެ ތެރެއިން އެއް ކަމެއް، ދުރު މިސާލެއްގެ ގޮތުގައި، ތަޖުރިބާ ކުރެވިފައި ވާނެތީ އެވެ. ބޭސްވެރިކަމާއި ތަރިތަކާ ބެހޭ ފަލަކީ ޢިލްމުގައި، ރަސޫލުންގެ މުޢުޖިޒާތްތައް ފަދަ ނަބީކަމުގެ ޢާލަމަށް ނިސްބަތްވާ ކަންކަން ހިމެނެއެވެ. ބުއްދިވެރިންނަކަށް، ބުއްދި ބޭނުންކޮށްގެން މި ޢާލަމަށް ޥާޞިލެއް ނުވެވޭނެއެވެ. {އިނގިރޭސި ބަހުން ކޮށްފައިވާ ތަރުޖަމާގައި، ހަވާސާ ނޯޓެއްގެ ގޮތުގައި މިހެން ލިޔެފައި ވެއެވެ. «މި ބުނާ އެއްޗެއް ސާފެއް ނޫނެވެ. ހީވަނީ ޣަޒާލީ ބައެއް މުޢުޖިޒާތްތައް، ބޭސްވެރިކަމާއި ފަލަކީ ޢިލްމާ އެއް ފަދަ ޢާލަމްއަކަށް ނިސްބަތް ކުރެއްވީ ހެންނެވެ. 1000 އަހަރުން ވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިރު، އެ ގޮތަށް ވިސްނެވީ ކަންނޭނގެއެވެ.»}

ނަބީކަމުގެ އެހެން ސިފަތައް ދެނެގަނެވޭނީ ޛައުޤުންނެވެ. އެބަހީ އަމިއްލައަށް ތަޖުރިބާކޮށްގެންނެވެ. މިގޮތަށް މަގުދައްކާނީ ސޫފީންގެ މަގުން ހިނގައިގެންނެވެ. އެކަމަކު، ނަބީކަމުގެ މި ސިފަ، ކުރިން ބަޔާންކުރި ހުވަފެނުގެ ޙާލަތުގެ މިސާލުން އޮޅުން ފިލާނެއެވެ. ހުވަފެން ނުފެންނަ ނަމަ (ހުވަފެނުގެ ޙާލަތު ނުވާ ނަމަ) ތިބާ ނަބީކަމުގެ ޙާލަތުވެސް ޤަބޫލެއް ނުކުރާނެއެވެ. ތިބާއަށް މިސާލެއް ނުވާ އަދި އޮޅުން ނުފިލާ ފަދަ މަތިވެރި ޙިއްސެއް ނަބީ ބޭކަލަކަށް ލިބިގެން ވާކަން ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ކަމެއް ޤަބޫލުކުރުމަށް އޮޅުން ފިލުން ޝަރުޠުވެގެން ވެއެވެ. ސޫފީންގެ މަގުން ހިނގާ މީހަކަށް އެކަމުގެ ކުރީ ކޮޅުގައި އެފަދަ ތަޖުރިބާ ތަކެއް ކުރެވެއެވެ. މިގޮތުގެ މަތިން އޭނާއަށް، ސޫފީ މަގުގައި ކުރިއަށް ދެވިފައިވާ މިންވަރެއްގެ ނިސްބަތުން، ބާވަތެއްގެ އަމިއްލަ ތަޖުރިބާތަކެއް ކުރެވެއެވެ. އަދި މި ތަޖުރިބާތަކުން އޭނާއަށް ޤަބޫލު ކުރެވެނީ، އީމާންވެވެނީ، އޭނާއަށް ޙާޞިލްނުވެވޭ ނަބީ ކަމެވެ. މިގޮތުން މި ހަމައެކަނި ސިފަ (ސިންގްލް ޕްރޮޕަރޓީ)، ނަބީކަމުގެ އަޞްލަށް، ފެށުމަށް، އީމާންވުމަށް ފުދެއެވެ.  [ހަމަ މި ޕެރެގްރާފު އެހެން އިނގިރޭސި ތަރުޖަމާއެއްގައި ވަނީ މިގޮތަށެވެ: «ނަބީކަމަކީ ވާކަމެއްކަން ކަނޑައެޅުމުގެ މައްސަލާގައި، ސޫފީންގެ މަގުން ހިނގުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެއީ ބުއްދިއަށް ވުރެ މަތީ ފެންވަރެއްގެ ދެނެގަތުމެއް ޙާޞިލުކުރުމަށް ޓަކައެވެ. މި ނަތީޖާ ބިނާވަނީ މަންޠިޤު ހަމަތަކަށް ވުރެ މަތިން ކަންކަން ޤަބޫލުކުރެވޭ މިސާލުގެ ހަމައިންނެވެ. ސުބޫތު ނުކުރެވޭ ނަބީކަމުގެ ނާދިރު ސިފަތައް، ނަބީކަން ޤަބޫލުކުރުވަން ލާޒިމް ކުރެއެވެ.»]

ވަކި މީހަކީ ނަބީ ބޭކަލެއް ކަން ނުވަތަ ނޫން ކަމާ މެދު ޝައްކު އުފެއްދިއްޖެ ނަމަ، ޔަޤީންކަން ހޯދޭނީ އޭނާގެ އުޅުމަށް ނަޒަރު ހިންގައިގެންނެވެ. އެއީ އަމިއްލައަށް ހޯދައި ބަލައިގެން ނުވަތަ އެހެން މީހުން ދައްކާ ވާހަކަތަކުން އުފެދިފައިވާ ޢާއްމު އެނގުމުންނެވެ. މިސާލެއްގެ ގޮތުން ތިބާ ބޭސްވެރިކަމަށް ނުވަތަ ފިޤުހަށް ފަރިތަ ނަމަ، ތިބާއަށް ޑޮކްޓަރުންނާއި ފަޤީހުން އެމީހުން ބަލައިގެން ފާހަގަކުރަން އެނގޭނެއެވެ. އެމީހުންގެ އުޅުން ބެލެން ނެތްނަމަ، އެމީހުން ދައްކައިފައިވާ ވާހަކަ ތަކުން އެކަން އެނގޭނެއެވެ. މިގޮތުގެ މަތިން ތިބާއަށް އިމާމް ޝާފިޢީގެފާނަކީ (މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށި!)  ފިޤުހު ޢިލްމުވެރިއެއްކަން އަދި ގޭލަން (ޔޫނާނީ ބޭސްވެރިއެއް) އަކީ ޑޮކްޓަރެއްކަން ނޭނގިއެއް ނުދާނެއެވެ. މިކަންކަން ތިބާއަށް އެނގޭނީ ޙަޤީޤަތުގެ މައްޗަށް ބުރަވެއެވެ. އެހެން މީހަކު ބުނާ ބަހެއްގެ މައްޗަށް ބުރަވެގެންނެއް ނޫނެވެ. ފިޤުހާއި ބޭސްވެރިކަމުގެ ދާއިރާއިން ތިބާއަށް ކޮންމެވެސް މިންވަރެއްގެ ޢިލްމެއް ލިބުމުން، އެމީހުންގެ ފޮތްތައް ބަލައި މުޠާލިޢާ ކުރުމުން އެމީހުންނަކީ ކޮންބައެއްކަމުގެ ޢިލްމު ލިބޭނެއެވެ.

ހަމަ މިގޮތުގެ މަތިން، ތިބާއަށް ނަބީކަމަކީ ކޮންކަމެއްކަން އޮޅުން ފިލާ ނަމަ، އަދި ކީރިތި ޤުރްއާން އާއި ހަދީސްތައް ދަސްކުރަން ގިނަ ވަގުތު ހޭދަކޮށްފައިވާ ނަމަ، ތިބާއަށް ފަހުމްވާނޭ ޢިލްމަކީ މުޙައްމަދު (މާތް ﷲ އެކަލޭގެފާނަށް ޞަލަވާތް ލައްވާށި!) ވަނީ ރަސޫލުކަމުގެ އެންމެ މަތީ ދަރަޖައިގައި ކަމެވެ. ތިބާއަށް އިތުރު ޔަޤީންކަމެއް ލިބޭނީ، އެކަލޭގެފާނު ދީނީ ކަންކަން ކުރުމަށް ހުށަހެޅުއްވި ކަންކަން ކުރުމުން ހިތް ސާފުވުމަށް އެކަންކަމުން ކުރާ އަސަރު ތަޖުރިބާ ކުރެވުމުންނެވެ. އޭނާއަށް އެނގޭ އެއްޗަކާ އެއްގޮތަށް މީހަކު ޢަމަލުކުރާ ނަމަ، މާތް ﷲ އޭނާއަށް ނޭނގޭ ތަކެތީގެ ޢިލްމު ދެއްވާނެއޭ އެކަލޭގެފާނު ހަދީސް ކުރެއްވި ހަދީސް ކުރެއްވުން ކިހާ ތެދު ހެއްޔެވެ؟ އަދި އަނިޔާވެރިއަކަށް އެހީތެރިވެދޭ މީހަކު، މާތް ﷲ އެމީހާގެ މައްޗަށް އޭނާ ފާ ކުރައްވާނެއޭ ހަދީސް ކުރެއްވި ހަދީސް ކުރެއްވުން ކިހާ ތެދު ހެއްޔެވެ؟ އަދި މީހަކު ހެނދުނު ﷲ އަށް ޙަމްދުކުރުމަށް ތެދުވެއްޖެ ނަމަ، މިދުނިޔެ އާއި އާޚިރަތުގައި  އޭނާގެ ބުރަތައް އެކަލާނގެ ލުއި ކޮށްދެއްވާނޭ ކަމަށް ހަދީސް ކުރެއްވި ހަދީސް ކުރެއްވުން ކިހާ ތެދު ހެއްޔެވެ؟ ތިބާ މި ކަންކަން އެއްހާސް ފަހަރު އަދި އަލުން އިތުރު އެއް ހާސް ފަހަރު އަޖުމަބެލި ނަމަ، ބޭނުންވާ އެއްވެސް ޝައްކެތް ނުވާ ޢިލްމަށް ވާޞިލުވެވޭނެ އެވެ. {މި ޕެރެގްރާފުގައި އިޝާރާތް ކުރެވޭ ފުރަތަމަ ހަދީސް، ޣަޒާލީ ގެ ފަހުން ވަޑައިގެން ޢިލްމުވެރިންނަށް މަޝްހޫރު ހަދީސް ފޮތްތަކުން ފެނިވަޑައިގެންފައި ނުވާކަމަށާއި ދެން އިޝާރާތް ކުރެވޭ ދެ ހަދީސް ބަލިކަށިކަމަށް ޣަޒާލީގެ މިފޮތަށް ފާޑުވިދާޅުވި ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ.}

ދެން މި މަގުން، ނަބީކަމުގެ މަޤާމާ ދޭތެރޭ ޔަޤީންކަން ހޯދޭނެއެވެ. އެއީ އަސައެއް ހަރުފައަކަށް ބަދަލުކޮށްގެން ނުވަތަ ހަނދު ފަޅިކޮށްލައިގެންނެއް ނޫނެވެ. މިހެނީ އެކަމާ ގުޅޭ އެހެން އެތައް ޙާލަތްތަކަކަށް ނުވިސްނައި ހަމައެކަނި މި މުޢުޖިޒާތްތަކަށް ވަކިން ފިކުރު ހިންގައިފި ނަމަ، މިކަންކަމަކީ ބުއްދީގެ ހަމަތަކުން ބަލައިނުގަނެވޭނޭ ކަންކަންކަމަށް ފާހަގަ ކުރެވި އަދި އެއީ ޖާދޫ އާއި އޮޅުވާލުން ކަމަށާއި އެކަންކަން މެދުވެރިކުރެއްވީ މާތް ﷲ އިންސާނުން ތެދުމަގުން އެއްކިބާ ކުރައްވަން އިރާދަ ކުރެއްވުމުންކަމަށް ހީވެދާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ފަދައިންނެވެ: “ފަހެ ހަމަ ކަށަވަރުން ﷲ އެކަލާނގެ އިރާދަ ކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދު މަގު ދައްކަވަތެވެ.” (35:8) ދެން ތިބާގެ މައްޗަށް މުޢުޖިޒާތުގެ ޢިލްމުގެ މައްސަލަތައް ކުރިމަތިވެގެން ދާނެއެވެ. އެހެނީ ތިބާގެ އީމާންކަން ބިނާވެގެން ވަނީ، މުޢުޖިޒާތުން ކަމެއް ސުބޫތު ކުރާ ޒުވާބަކަށް ވާނަމަ، ތިބާގެ އީމާންކަން ގެއްލޭނީ މުޢުޖިޒާތެއް އެތައް ގޮތަކަށް ވަޒަންކުރެވިދާނެ ކަމަށާއި އެކަމުގައި ނަބީކަން އޮޅޭނޭ އެތައް ކަމެއް ހިމެނޭ ކަން ސާފު ހުއްޖަތުން ދެއްކުމުންނެވެ.

މިހާތަނުން އަހުރެމެންނާ ކުރިމަތިވާނީ މުޢުޖިޒާތްތަކުގެ ސުވާލެވެ. ފެން ހަރުލާ ޖަދަލުން ވަޒަންކޮށް، މުޢުޖިޒާތް ތިބާ ޤަބޫލުކުރާކަމަށް ވެދާނެއެވެ. ބޭރުފުށުން ފެންނަގޮތްތަކަށް އިސްކަންދީ، މުޢުޖިޒާތްތައް ދެތިންގޮތަކަށް ނަޒަރުކުރެވިދާނެ ވިސްނުމަކުން ފިކުރު ހިންގައިފި ނަމަ،  މުޢުޖިޒާތްތަކަށް ތިބާ އޮންނަ އީމާންކަން ގެއްލިދާނެއެވެ. މިފަދަ އާދަޔާ ޚިލާފު ކަންކަން ވާންވާނީ، ތިބާގެ އީމާންކަން ބިނާވާ އެތައް އެތައް ދަލީލުތަކުން އެއް ކަމަކަށެވެ. މީހަކު އެތައް ބަޔަކާ ވާހަކަ ދައްކައިގެން ގިނަ ބަޔަކު ދަންނަ ޢިލްމެއް ހޯދުމުން، އެމީހާއަށް އެ ޢިލްމަށް ޔަޤީންކަން އުފެދުނީ ސަފުން ވަކި ކާކުގެ ބަހަކުން ކަން ސީދާ ބުނަން ދަތިވާ ފަދައިންނެވެ. އެ ޔަޤީންކަން އުފެއްދި ފަރާތް ކަނޑައަޅަން ނޭނގޭ ފަދައިންނެވެ. އެ ފަރާތަކީ އޭނާ ވާހަކަ ދެއްކި އެންމެންގެ ތެރެއިން ބޭރުގެ ފަރާތެއް ނޫނެވެ. އަދި ވަކި މީހެއް ނޫނެވެ. މިއީ އަހުރެމެން މިބުނާ ހަރުދަނާ ޢިލްމީ އީމާނެވެ. ބުއްދީގެ ޔަޤީން ކަމެވެ. އަނެއް ކޮޅުން ވިސްނާއިރު، އަމިއްލަ ތަޖުރިބާ އަކީ ވަކި ކަމެއް ”ފެނުމެވެ.“ އެއްޗެއް އަތުގެ ތެރެއަށް ނެގުމެވެ. މިޙާލަތަށް ވާޞިލުވެވޭނީ ސޫފީ މަގުންނެވެ.

މި މިންވަރުން ނަބީކަމުގެ ޙަޤީޤަތުގެ ބަހުސް އަހުރެންގެ މިހާރުގެ ބޭނުމަށް ފުދެއެވެ. ދެން އަހުރެން ވާހަކަ ދައްކާނީ ނަބީކަމަށް އިންސާނުން ބޭނުންވެގެން ވުމުގެ މައްޗަށެވެ.

{މިހާ ހިސާބުން ޣަޒާލީ އިމާމުގެ ”ކުށްތަކުން ރައްކާތެރިވުން“ މިފޮތުގެ ހަތަރުވަނަ ބާބު ތަރުޖަމާކޮށް ނިމުނީއެވެ. ދެން އޮތީ އެންމެ ފަހު ބާބެވެ. އެއީ ”ކިޔަވައިދިނުން ހުއްޓާލުމަށް ފަހު، އަހުރެން ކިޔަވާދިނުމަށް އެނބުރި އައި ސަބަބު“ މިއެވެ.}