ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ ”ކުށުން ރައްކާތެރިވުން“ މިފޮތުގެ ފަސްވަނަ ބާބު ގެ ފަހު ބައި މި ޕޯސްޓްގައި ހިމެނެއެވެ. މި ހިސާބުން ފޮތް ނިމުނީއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.
އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ ”ޢިލްމުވެރިންނަށް“ ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ ”ހާސަރު“ ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.
ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ފަސްވަނަ ބާބުގައި ދެކެވެނީ ކިޔަވައިދިނުމުން ޣަޒާލީ ފޭވެވަޑައިގަތުމަށްފަހު އެކަމަށް ރުޖޫޢަވީ ގޮތުގެ ވާހަކައެވެ.
އަހުރެމެންނަށް ދެން ފާހަގަ ކުރެވުނީ، ނަބީކަމުގެ އަޞްލާއި އޭގެ ޙަޤީޤަތާއި އަދި ނަބީކަމުން ހާމަކޮށްފައިވާ އުޅެންވީގޮތުގެ ހަމަތަކަށް މީހުންގެ އިޢުތިޤާދު ބަލިކަށިކަމެވެ. އީމާންކަން ކުޑަކަމެވެ. މިކަން މީހުންގެ މެދުގައި ފުޅާކޮށް ފެތުރިފައިވާކަން އަހުރެމެންނަށް ޔަޤީން ވިއެވެ. އީމާންކަން ބަލިކަށިވާ ސަބަބުތަކާ މެދު އަހުރެން ވިސްނުމުން، އަހުރެންނަށް ފާހަގަ ކުރެވުނީ، އެއީ ހަތަރު ސަބަބަކުން ކަމެވެ.
(ހ) ފަލްސަފާވެރިންނާ ގުޅޭ ސަބަބު
(ށ) ސޫފީންގެ މަގުގައި އުޅޭ މީހުންގެ ސަބަބު
(ނ) ތަޢުލީމުއަށް ތަބަޢަވާ މީހުންނާ ގުޅޭ ސަބަބު
(ރ) ޢާއްމު މީހުން ޢިލްމުވެރިންނޭ ބުނެ ސިފަކުރާ ބައެއްގެ އުޅުމާ ގުޅޭ ސަބަބު.
އަހުރެން ދުވަސްތަކެއް ވަންދެން، ﷲ ގެމަގުން އެއްކިބާވާ ވަކި ވަކި ފަރުދުންނާ ސުވާލުކުރަމެވެ. ސުވާލުކުރަނީ އެމީހުންގެ ޝައްކުތަކާއި އީމާން ކަމާއި އެންމެ ފުން ޚިޔާލުތަކާ މެދުއެވެ. އަހުރެން އެމީހުންނަށް ސުވާލުުކުރަމެވެ.”ތިބާގެ ހަލާކަށް ތިބާ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ މި ދުނިޔޭގެ މުދަލަށް އާޚިރަތް ވިއްކާލުމަކީ ސޭކު ކަމެކެވެ. އާޚިރަތަށް އީމާން ވާ ނަމަ، އާޚިރަތަށް ތައްޔާރުވުމުގެ ބަދަލުގައި، މިދުނިޔެ ގަތުމަށް އާޚިރަތް ވިއްކާލުމަކީ، މޮޔަކަމެކެވެ. މީހުންނެއް ޢާއްމުކޮށްް އެކަތީގެ އަގަށް ދެ އެއްޗެއް ނުވިއްކައެވެ. ނިމުމެއް މުއްދަތެއް ނެތް ދާއިމީ ޙަޔާތަކަށް، ތި މާރުކުރަނީ މި ދުނިޔޭގައި އުޅެން އޮތް މަދު ދުވަސްކޮޅަކާއެވެ. އަނެއް ކޮޅުން ބަލާއިރު، އާޚިރަތް ދުވަހެއް އޮންނަ ކަމަށް ތިބާ އީމާން ނުވާ ނަމަ، ތިބާއަކީ ކާފަރެކެވެ. ދީނެއް ފެނޭތޯ އުޅެ ބަލާށެވެ. ތިބާ، ތި އާޚިރަތަށް އީމާންކަން ނެތް ސަބަބު ވިސްނައި ގަންނާށެވެ. ތި ސިއްރުކޮށްގެން އުޅޭ ކާފަރުކަން، އެހެން މީހުން ދީނަށް ހުންނަ ލޯތްބަށް އިޙްތިރާމް ކުރުމުގެ ގޮތުން ފާޅު ނުކުރިއަސް، ތިބާގެ ފިކުރު ކޮނެ ބަލައިފި ނަމަ، އެކަމުގެ ސިއްރު ތިބާގެ ފިކުރުގައި ވަޅުލެވިފައި ވާނެއެވެ. ތިބާ ތިހާ ކެރިގެން އުޅޭ ސަބަބަކީ އެއީ އެވެ. ތިއުޅެނީ އެހެން މީހުން ދީނަށް ހުންނަ ލޯބިން ޙުރުމަތް ލިބިގަންނަން ބޭރުފުށުން އެ ވައްތަރު ޖައްސައިގެންނެވެ.“
(1) މީހަކު ބުނެފާނެއެވެ: ”ތިބުނާ ކަންކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވާނަމަ، ތި ކަންކަމަށް އެންމެ ފަރުވާ ބަހައްޓައިގެން ތަބަޢަވާނީ ދީނީ ސުވާލުތަކަށް ފާގަތި މީހުންނެވެ. އެކަމަކު މަތިވެރި މަޤާމުތަކުގައި ތިބި މަޝްހޫރު މީހުންނެއް ނަމާދެއް ނުކުރެއެވެ. އަނެކަކު ރާ ބޮއެ އެވެ. އަނެއް މީހަކު ޔަތީމުންގެ އާއި ވަޤުފު މުދައު ކައެވެ. އަނެކަކު ރައްޔިތުންގެ މުދައު ކައިި މަނަޢުކުރެވިފައިވާ ކަންތައްތަކުން އެއްކިބައެއް ނުވެއެވެ. އަދި އަނެއް މީހަކު ރިޝްވަތު ނަގައި ޙުކުމް ކޮށް ވަގު ހެކިބަސް ދެއެވެ. މިގޮތުން އެތައް ކަމެކެވެ.“
ދެވަނަ މީހަކު ބުނަނީ އޭނާގެ ކިބައިގައި ސޫފީ ޢިލްމު ވާކަމާއި އޭނާ އެ މަގުގައި ކުރިއަރާފައިވާ މިންވަރުން ފަރުޟު ކަންތައްތަކަށް ވުރެ މަތީ ދަރަޖައެއްގައި ވާކަމަށެވެ.
އަދި ތިން ވަނަ މީހަކު ދިނީ أهل الإباحة ގެ ޝައްކު ހިމެނިގެންވާ ޖަވާބެވެ. [މިބައި މީހުންނަކީ ސޫފީންގެ މަގުން އެއްކިބާވެ، ޝަހުވާނީ އެދުންތައް ހުއްދަކޮށްގެން އުޅޭ ބައެކެވެ.]
(2) ތަޢުލީމީއްޔާގެ ޕާޓީއާ ބައްދަލުވެފައިވާ ހަތަރުވަނަ މީހަކު ބުނާނީ: ”ޙައްޤު ތެދަކީ ދެނެގަންނަން އުނދަގޫ އެއްޗެކެވެ. ޙައްޤު ދެނެގަތުމަށް އޮތް މަގު ވަނީ ބަންދުވެގެންނެވެ. އަދި ޙައްޤު ތެދާ މެދު ދެބަސްވުންތައް އެހާ ގިނަައެވެ. އެއް މަޒުހަބެއް އަނެއް މަޒުހަބަކަށް ވުރެ މޮޅުވެގެން ނުވެއެވެ. ފިކުރުން ދައްކާ ހެކިތައް ފުށުއަރައެވެ. އަދި އެކި ރައުޔު ދޭމީހުންނަށް ރައުޔުތަކަށް އިތުބާރެއް ނެތެވެ. ތަޢުލީމަށް ގޮވާލާ މީހުން ކަންކަން ބުނަނީ ހެކިތަކެއްގެ މައްޗަށް ބަރޯސާވެއެއް ނޫނެވެ. ޝައްކުގެ ތެރެއިން އަހުރެން ޔަޤީންކަން ހޯދާނީ ކިހިނަކުން ހެއްޔެވެ؟“
(3) އަދި ފަސްވަނަ މީހަކު ބުނފައި ވެއެވެ: ”އަހަރެން އަޅުކަން ކުރަނީ ކޮންމެހެން އެހެން މީހުން ކޮޕީ ކުރާކަށް ނޫނެވެ. އަހުރެން ފަލްސަފާ ކިޔަވަައިފައި ވެއެވެ. އަހުރެންނަށް ނަބީކަން އެއީ ޙަޤީޤަތެއްކަން އެނގެއެވެ. އަދި ނަބީކަމުން ޙާޞިލުވެފައިވަނީ ޙިކްމަތާއި ބޭނުންތެރި މަޞްލަޙަތުކަން އެނގެއެވެ. އަހަރެންނަށް ވިސްނޭގޮތުގައި، އަޅުކަމުގައި ހިމެނޭ ކަންކަމުގެ ބޭނުމަކީ، ޢާއްމު މީހުންގެ މެދުގައި ހަމަޖެހުން އޮތުމަށާއި ދޭދޭ މީހުން ޒުވާބުކޮށް ތަޅާފޮޅާ ހެދިޔަ ނުދިނުމަށާއި އެމީހުންގެ ނަފުސުގެ އެދުންތަކަށް (ޝަހުވަތަށް) ލަގަން ދޫކޮށް ނުލުމެވެ. އެކަމަކު އަހުރެންނަކީ ޝަރްޢީ ހަނި އިންތަކުގައި ފިތޭނޭ ތަންދޮރު ނުދަންނަ ޢާއްމު މީހެއް ނޫނެވެ. މިއާ ޚިލާފަށް އަހުރެންނަކީ ޙިކްމަތްތެރިއަކީމެވެ. އަހުރެން ތަބަޢަވަނީ ޙިކްމަތަށެވެ. އެހެންކަމުން، އަހުރެން ކޮންމެެހެން އެެހެން މީހުން އުޅޭ ގޮތަށް އުޅޭކަށް ނުޖެހެއެވެ.“
ކަލާނގެ ވާކަމަށް ޤަބޫލުކުރާ އިލްހިއްޔީނު ފަލްސަފާވެރިންގެ މަޒުހަބު ދަސްކުރާ ފަރާތްތަކުގެ އިސްލާމްކަމުގެ ފަހު ބަހަކީ މިއީ އެވެ. މިކަން އިބްނު ސީނާ އާއި އަބީނަޞްރުލްްފަރާބީ ގެ ފޮތްތަކުން ތިބާއަށް އޮޅުން ފިލާނެއެވެ.
މިބައިމީހުންނީ އިސްލާމް ދީނަށް އަދަބުވެރިކަމާއެކު ކަންކަންކުރާ މީހުންނެވެ. އެމީހުންގެ ތެރެއިން މީހަކުު، ޤުރްއާން ކިޔަވައި، ޖަމާޢަތަށް ނަމާދަށް ގޮަސް، ހުކުރު ކޮށް، ޝަރީޢާއާ މެދު މަތިވެރި ބަސްތަކުން ވާހަކަ ދައްކާތީ ތިބާއަށް ފެނިދާނެއެވެ. ނަމަވެސް އޭނާ ރާބުޔުމަކުން އެއްކިބައެއް ނުވާނެއެވެ. އަދި އެހެން ފާސިޤު ނުބައި ޢަމަލުތަކުން ދުރަކަށް ނުޖެހޭނެއެވެ. މީހަކު އޭނާއާ ސުވާލުކޮށްފާނެ އެވެ: ”ނަބީކަމަކީ ޞައްޙަ ކަމަކަށް ނުވާ ނަމަ، ކަލޭ ނަމާދުކުރަނީ ކީއްވެ ހެއްޔެވެ؟“ މިފަދަ ސުވާލަކަށް އޭނާ ޖަވާބު މިގޮތަށް ދީފާނެ އެވެ: ”އަހުރެން ނަމާދުކުރަނީ ހަށިގަނޑުގެ ކަސްރަތަކަށެވެ. އެއީ އަހުރެން އުޅޭ ރަށުގެ އާދައެކެވެ. އަދި އެކަން ކުރަނީ އަހުރެންގެ މާލަށާއި އާއިލާގެ ރައްކަލަކަށެވެ.“ ނޫނީ މިގޮތަށް ވެސް އޭނާ ޖަވާބު ދީފާނެއެވެ: ”ޝަރީޢަތަކީ ޞައްޙަ އެއްޗެކެވެ. އަދި ނަބީކަމަކީ ޙަޤީޤަތެކެވެ.“ ދެން އެ ބުނި އެއްޗަކާ ވިއްދައި ސުވާލު ކޮށްފާނެ އެވެ: ”ތިޔަހެން ވިއްޔާ ކަލޭ ރާބޮނީ ކީއްވެ ހެއްޔެވެ؟“ މި ސުވާލަށް އޭނާ މިފަދަ ޖަވާބެއް ދީފާނެ އެވެ. ”ރާ ނަހީ ކުރައްވާފައިވަނީ އެ ބުޔުމުން ހަސަދަވެރިކަމާއި ރުޅިވެރިކަމަށް މަގު ދައްކާތީ އެވެ. އަހުރެންނަކީ ޙިކްމަތްތެރި މީހެއް ކަމުން، އެ ކަންކަމުން އަހުރެންނަށް ދުރުހެލިވެވިދާނެ އެވެ. އެހެންވެ، އަހުރެން ރާބޮނީ އަހުރެންގެ ފިކުރު ތޫނު ކުރުމަށެވެ.“ މިފަދަ މީހަކު، ﷲ އަށް ވަޢުދުވީމޭ މިވެނި އެވެނި ކަންކަން ކުރުމަށާއި، ޚާއްޞަކޮށް، ޝަރީޢާގައިވާ ކަންކަން ހިންގުމަށް ހިތްވަރުދިނުމަށާއި އަދި ޢާއްމު އަޅުކަމުގައި ފަރުވާ ބެހެއްޓުމަށާއި އުފަލަށް ރާ ނުބުޔުމަށާއި ބޭހެއްގެ ގޮތުގައި ނުވަތަ ޝިފާ ލިބިގަތުމަށް ނޫނީ ރާ ނުބުޔުމަށް އިބްނު ސީނާގެ ފޮތެއްގައިވެޔޭ ބުނެފާނެ އެވެ. އީމާންވެގެންނޭ މިތިބީ ބުނާ މީހުންގެ އީމާން ކަމުގެ ޙާލަކީ މިއީ އެވެ. އެމީހުން ރާބުޔުމަށް އިސްތިސްނާ އުފައްދަނީ އެވެ. މީގެ ތެރެއިން ކިތަންމެ ބަޔަކު މަގުފުރެދުނީ އެމީހުން ކިޔެވި އެއްޗަކުންނެވެ. ނުވަތަ ކިޔެވި އެއްޗަކާ އިދިކޮޅަށް ނެރުނު ޒުވާބުގެ ބަލިކަށިކަމުންނެވެ. މި ޒުވާބުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޖޯމެޓްރީ އާއި މަންތިޤް ނުވަތަ ލޮޖިކަށް އިންކާރު ކުރުމާއި އެހެން ޢިލްމުތަކަށް އިންކާރު ކުރުމެވެ. ނަމަވެސް މި ޢިލްމުތަކުގައި ބޭނުންތެރި ޙައްޤު (ތެދު) ވެއެވެ.
ދެން އަހުރެން އެކި މީހުންގެ މެދުގައި އީމާންކަން ބަލިކަށިވެފައިވާ ސަބަބަތަކާއި ބަލިކަށިވެފައިވާ މިންވަރާ ދޭތެރޭ ވިސްނީމެވެ. އަދި ޚުދު އަހުރެން އީމާންކަން ނިކަމެތިވެފައިވާ ކަން ދިރާސާކޮށް ޝައްކުތައް ފިލުވައިލުމުގައި ޤަރާރުވެފައި ވީމެވެ. ފަހެ އެބައިމީހުންގެ ޢިލްމާާއި ގޮތްތައް ދިރާސާކުރަން ހޭދަކޮށްފައިވާ ވަގުތާއި ހަކަތައިގެ ސަބަބުން އެމީހުންގެ ފިކުރުގައި ޖެހިފައިވާ ކުށްތައް ދެއްކުމަކީ ފެން ބުޔުމަށް ވުރެ ފަސޭހަ ކަމަކަށް އަހުރެންނަށް ވެފައި ވިއެވެ. އަހުރެން މި މާނަކުރަނީ ސޫފީންނާއި ފަލްސަފާވެރިންނާއި ތަޢުލީމިއްޔާ ގެ މީހުންނާއި މޮޅު (متوسمين) ޢިލްމުވެރިން ނަށެވެ. މިކަންކަމާ މެދު ފިކުރު ހިންގުމުން އަހުރެންގެ ވިސްނުމަށް އުފަންކުރެވުނު ޚިޔާލަކީ ”މިއީ މި ދުވަސްވަރަށް ޚާއްޞަ ވެފައިވާ ބަދަލުވުމެއް ނެތް ސިފައެކެވެ. އެހެންކަމުން، އެކަނިވެރިކަމާއި ޚަލްވަތުގައި ވުމުން ތިބާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއީ ބަލި މުޅި ހަށިގަނޑަށް ފެތުރިއްޖެއެވެ. ބޭސްވެރިޔާ ބަލިވެއްޖެއެވެ. އިންސާނުންނަށް އެމީހުންގެ ހަލާކުގެ ތުންފަތް މައްޗަށް އައުދެވިއްޖެއެވެ.“ އަހުރެންގެ އަމިއްލަ ނަފުސަށް އެހިނދު މި ޚިޔާލު އައެވެ. ”މި ކުށުގެ ޒަމާނުގައި، ބާޠިލުކަމުގެ ދައުރުގައި، ބަނަކަމުގެ މި ވިލާގަނޑު އެއްފަރާތްކޮށް، މި އަދިރިކަން އަލިކުރަން ތިބާ މަސްޣޫލުވާނީ ކޮން އިރަކުން ހެއްޔެވެ؟ އެމީހުންގެ ބާޠިލު ގޮތްތަކުން ޙައްޤަށް މީހުން ގެންނަން އުޅުނަސް، ޒަމާނުގެ މީހުން ތިބާއަށް އެކުގައި ދެކޮޅުވެރިކަން ހާމަކުރާނެއެވެ. އެމީހުންނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ މިކަން ކުރެވޭނީ ވަގުތާއި އެހީތެރިއެއްގެ އެހީއާއި ދީންވެރި ބާރުގަދަ ވެރިއެއް މަތިވުމުންނެވެ. ނޫންނަމަ، އެމީހުންގެ މެދުގައި ތިބާ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟“
އަހުރެންނަށް ޤަބޫލު ކުރެވުނީ އެކަހެރިކަމާއި ޚަލްވަތުގައި ޤަރާރުވެ ހުރުމަކީ، މާތް ﷲގެ ޙަޟުރަތުގައި، އަހުރެންނަށް ހުއްދަކަމެއް ކަމެވެ. އެއީ ޙައްޤު ތެދު، ޙުއްޖަތުން އަހުރެންނަށް ދެއްކުމަށް ނުކުޅެދުންތެރިވެގެން ވާތީ އެވެ. ނަމަވެސް މަތިވެރި ﷲ އިރާދަކުރެއްވީ ޒަމާނުގެ ސީދާރަސްގެފާނު ސަންޖަރުގެ ވެރި ފަޚުރުލްމުލްކުގެ ހިތްޕުޅު، މިކަމަށް ލެންބެވުމަށެވެ. އެއްވެސް ބޭރު ފަރާތެއްގެ ބާރަކާ ނުލައެވެ. އެ ރަދުން އަމުރުކުރެއްވީ ނީޝާޕޫރަށް ވަގުތުން ވަޑައިގަތުމަށެވެ. އެއީ އަހުރެން ނެތުމުގެ ސަބަބުން ޒަމާނަށް އައިސްފައިވާ ބޭއީމާންކަން ނައްތާލުމަށެވެ. އެ އަމުރަށް ނުކިޔަމަންތެރި ވެއްޖެނަމަ، އަހަރެންގެ ޤަދަރު ގެއްލިދާފަދަ މިންވަރަށް ރަދުންގެ އަމުރު ހަރުކައްޓެވެ. އަހުރެންނަށް ފަހުމްވީ، އެކަހެރިކަމާއި ޚަލްވަތުގައި އިނުމަށް އޮތް ސަބަބުތައް ގެއްލިއްޖެ ކަަމަށެވެ. ”އެކަހެރިވެގެން އުޅުމުގެ ބޭނުމަކީ ކަންނެތް ކަމާއި ލުއިކަމަށް އޮތް ލޯތްބަށްވުމަކީ ނުވަތަ ރޫޙާނީ ބާރަށް އެދޭ އެދުންކަމަށް އަދި ދުނިޔެވީ ކަންކަމުން ވަކިވުން ކަމަށް ވެގެން ނުވާނެއެވެ. ތިބާގެ ނަފުސަށް އެކަހެރިކަން ހަލާލުކޮށްގަތީ، މީހުން ޞިއްޙަތަށް އެނބުރި ގެނައުމަށް އޮތް ދަތިކަމުގެ ސަބަބަކުން ނޫނެވެ.“
ފަހެ މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. ”މީސްތަކުން ތިމަންމެން އީމާން ވެއްޖައީމޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަން ރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ.19:1] އަދި މާތް ރަސްކަލާނގެ އެކަލާނގެ އެންމެ މަތިކުރެއްވި ރަސޫލާއަށް އަންގަވައިފައި ވެއެވެ. [ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައި ވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ ރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަން ރަސްކަލާނގެ ނަޞްރުވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާކުރިއެވެ. އަދި ﷲގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެއްވާނެކަމަށް ކުރައްވާފައިވާ ވަޢުދުގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއް ނެތެވެ. ހަމަކަށަވަރުން، ކުރީގެ ރަސޫލުންގެ ޚަބަރުތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ. (6:34) އަދިވެސް މަތިވެރި ﷲ ވަޙީކުރައްވާފައި ވެއެވެ.” يس. ޙިކްމަތްތެރި ޤުރްއާން ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ. ސީދާވެގެންވާ މަގެއްގެ މަތީގައެވެ. އެ ފޮތަކީ ޢަޒީޒްވަންތަ، ރަޙީމްވައްތަ ރަސްކަލާނގެ ބާވާލެއްވި ފޮތެވެ. އެއުރެންގެ ކާބަފައިންނަށް އިންޒާރުކުރައްވާފައި ނުވާ ބަޔަކަށް ކަލޭގެފާނު އިންޒާރު ކުރެއްވުމަށް ޓަކައެވެ. ފަހެ، އެއުރެންނީ ޣާފިލުވެގެންވާ ބައެކެވެ. ހަމަކަށަވަރުން އެ އުރެންކުރެ ގިނަ މީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު ޙައްޤުވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން އީމާނެއް ނުވާނެތެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް އަންނަ ހުއްޓެވެ. ފަހެ، (އޭގެ ސަބަބުން) އެއުރެންގެ ބޯތައް ވަނީ އުފުލިގެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. އަދި ކަލާގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ކަލާގެފާނު އިންޒާރު ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. ކަލޭގެފާނު އިންޒާރު ކުރައްވާކަން ކަށަވަރީ، ޤުރްއާން އަށް ތަބަޢަވެ، ޣައިބުގައި ރަޙްމަތްވަންތަ ރަސްކަލާނގެ ކިބައަށް ބިރުވެތިވާ މީހާ އަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ!“ (1-36:11)
މި މައްސަލައިގައި، ހިތުގެ ކަންކަމުގެ ޢިލްމަށް ފާގަތި އަދި ފުންކޮށް ކަންކަން ވިސްނުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކާ އަހުރެން މަޝްވަރާ ކުރީމެވެ. އެމީހުން އިއްތިފާޤުވީ އެކަހެރިކަމުގެ ޒާވިޔާ (ކަން) ދޫކޮށް ޚަލްވަތުން ނުކުތުމެވެ. އަހުރެންގެ ނިންމުން ގަދަކުރީ އަހުރެންނަށް ފެނުނު އެތައް ހުވަފެނަކުންނެވެ. އެ ހުވަފެންތަކުގައި އަހުރެނަށް ރަނގަޅު އެތައް ބައެއް މި ނިންމުމަކީ ނަތީޖާ ރަނގަޅުވާނެ ނިންމުމެއްކަމަށް ޔަޤީންކަން ދިނެވެ. އަދި މިއީ ރަނގަޅު ކުރިމަގެއް ވާނެ ކަމެއް ކަމަށް އިޝާރާތް ލިބުނެވެ. ކޮންމެ ޤަރުނަކު އެކަލާނގެ ދީން މާތް ﷲ އިހްޔާ ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ވެއެވެ. {މިތަނުގައި ޣަޒާލީ އެ އިޝާރާތް ކުރައްވަނީ މަޝްހޫރު ހަދީސަކަށެވެ. އެ ހަދީސްގައި ރަސޫލާ ވިދާޅުވިކަމަށް ވަނީ މާތް ﷲ މި އުއްމަތުގެ ދީން އިހްޔާ ކުރެއްވުމަށް (ތާޒާ ކުރެއްވުމަށް) ކޮންމެ 100 އަހަރަކު މީހަކު ފޮނުއްވާނެ ކަމަށެވެ. ޣަޒާލީ މިނިންމުމެއް ނިންމެވީ ހިޖުރައިން 5 ވަނަ ޤަރުނު ފެށެން ވަރަށް ކައިރިވެފައި ވަނިކޮށެވެ.} އަހުރެންގެ އުއްމީދު ގަދަވީ މިފަދަ އެތައް ކަމެއްގެ ސަބަބުން އަހުރެން ކުރިމަތިލާ ކަން ފަހިވާނެކަމަށް ބެލެވިގެންނެވެ.
މަތިވެރި މާތް ﷲ އަހުރެން ނީސާޕޫރަށް ދިއުމުގެ ދަތުރު ފަހިކޮށްދެއްވީ ހިޖުރީ ގޮތުން 499 ވަނަ އަހަރުގެ ޛުލްޤައިދާ މަހުއެވެ (ޖުލައި، 1106މ.). އަހުރެން ބަޣްދާދުން ދަތުރަށް ފެށީ 488 ވަނަ އަހަރުގެ ޛުލްޤައިދާ މަހު (ނޮވެމްބަރ، 1095މ.) ގައެވެ. އެހެންކަމުން، އެކަހެރިކަމުގައި އަހުރެން ހޭދަކުރި މުއްދަތު 11 އަހަރަށް ދިގުވެގެން ގޮސްފައި ވެއެވެ. މިކަން އިރާދަކުރެއްވީ މަތިވެރި ﷲ އެވެ. މިއީ މާތް ﷲ ކަންކަން ތަޤްދީރު ކުރައްވާ ގޮތުގެ ޢަޖާއިބު ކުރުވަނިވި މިސާލެކެވެ. އެހެނީ އެކަހެރިކަމުން ވަކިވުމުގެ އެއްވެސް ފިކުރެއް އެކަހެރިވެ ހޭދަކުރި ދުވަސްތަކުގައި އަހުރެންގެ ހިތުގައި ނުވެއެވެ. ހަމަ މިގޮތުގެ މަތިން ފުރަތަމަ ކޮޅުގައި، ބަޣްދާދު ދޫކޮށްލައި، އަހުރެންގެ ވަޒީފާއިން ވަކިވުމުގެ އެއްވެސް ފިކުރެއް، ވެދާނެ ކަމެއްގެ ގޮތުގައި، އަހުރެންެގެ ހިތަށް އަރާފައެއް ނުވެއެވެ. އެކަމަކު މާތް ﷲ އީ ހިތްތަކާއި ޙާލަތްތައް ފުރޮޅުއްވާ ރަސްކަލާނގެ އެވެ. ހަދީސްގައިވާ ފަދައިން، އީމާންވެގެެންވާ މީހާގެ ހިތްވަނީ ރަޙްމާންވަންތަ ރަސްކަލާނގެ ދެ އިނގިލިފުޅު ދެމެދު ގައެވެ.
ޢިލްމު ފަތުރަން އަހުރެން އެނބުރި އައި ކަމަށް އަމިއްލައަށް ޤަބޫލު ކުރެވުނަސް، އެކަމެއް އަހުރެންނެއް ނުކުރަމެވެ. އެނބުރި ދިއުމަކީ ކުރީގެ ޙާލަތަށް ރުޖޫޢަވުމެވެ. ކުރިިން އަހުރެން ފެތުރީ ދުނިޔޭގެ ކާމިޔާބު ހޯދުމަށް ބޭނުންވާ ޢިލްމެވެ. ބަހުންނާއި ޢަމަލުން މީހުންނަށް ދުނިޔޭގެ މަންފާއަށް ބޭނުންވާ ޢިލްމު ހޯދުމަށް އައުމަށް އަހުރެން ގޮވީމެވެ. އެއީ އަހުރެންގެ މަޤްޞަދާއި ނިޔަތެވެ. ނަމަވެސް މިހާރު އަހުރެންގެ ކިޔަވައިދިނުން ދަސްކޮށްދެނީ ދުނިޔެވީ ޢިއްޒަތް ދޫކޮށްލުމަށެވެ. އަހުރެން އޮޅުންފިލުވާ ދެނީ މުހިއްމު ކަންކަމުގެ ތަރުތީބުގައި ދުނިޔެވީ ކާމިޔާބުގެ ދަށް އަގެވެ. މިއީ އަހަރެންގެ ނިޔަތާއި ޤަޞްދާއި އެދުމެވެ. މާތް ﷲ މިކަން ދެނެވޮޑިގެން ވެއެވެ. އަހުރެންގެ އެންެެމެ ބޮޑު އެދުމަކީ އަހުރެންނާއި އެހެން މީހުން ކުރިއަށް ވުރެ ހެޔޮލަފާ ވުމެވެ. އަހުރެންނަށް މި މަޤްޞަދު ޙާޞިލްވާނޭ ކަމެއް ނޭނގެއެވެ. އަދި މިކަން ޙާޞިލްވުމުގެ ކުރިން އަހުރެން މަރު ނުވާނޭ ކަމެއް ނޭނގެއެވެ. ވަރުގަދަ އީމާނާއި ޔަޤީން ކަމާއެކު އަހުރެންނަށް ފެނިފައިވާ ފެނުންތަކުން އެނގެނީ މާތް ﷲ ނޫނީ މަތިވެރި ކުޅަދުންވަންތަ ކަލާނގެއެއް ނުވާކަމެވެ. އަހުރެންގެ ހަށިގަނޑު ޙަރަކާތް ކުރަނީ އަމިއްލައަކަށް ނޫނެވެ. އަހުރެންގެ ހަށިގަނޑު ޙަރަކާތް ކުރުވަނީ މާތް ﷲ އެވެ. މަަސައްކަތް ކުރަނީ އަހުރެން އަމިއްލައަކަށް ނޫނެވެ. މާތް ﷲގެ އިރާދަފުޅުން އަހުރެން މަސައްކަތް ކުރަނީ އެވެ. އެހެންވެ، އެކަލާނގެ ފަރާތްޕުޅުން އަހުރެން އެދެނީ އެންމެ ފުރަތަމަ އަމިއްލަ ނަފްސު އިޞްލާޙު ވުމަށެވެ. ދެން އަހުރެން މެދުވެރިވެ އެހެން މީހުން އިޞްލާޙުވުމަށެވެ. އެކަލާނގެ އަހުރެންނަށް ހިދާޔަތު ދެއްވައި އަހުރެން މެދުވެރިކޮށް އެހެން މީހުންނަށް ހިދާޔަތު ދެއްވުމެވެ. އަހުރެންނަށް ޙައްޤު ތެދު މަގު ދައްކަވައި، އެ މަގުން ހިނގުން އިރާދަ ކުރެއްވުމެވެ. އަހުރެންނަށް ބާޠިލް ދައްކަވައި ބާޠިލުން ފޭވުމަށް އިރާދަކުރެއްވުމެވެ.
ދެން އަހުރެން ރުޖޫޢަވާނީ ކުރީގެ މައުޟޫޢު އަށެވެ. އެއީ އީމާންކަން ބަލިކަށިވާ ސަބަބުތަކަށެވެ. ދެން މިއަށް ފަހު، އަހުރެން ވާހަކަ ދައްކާނީ އިންސާނުންނަށް ދިމާވާން އޮތް ބޮޑު ނުރައްކަލުން ރައްކާތެރިވުމަށް އިރުޝާދު ދޭނޭ ގޮތާ ބެހޭ ގޮތުންނެވެ.
ތަޢުލީމުގެ މީހުންގެ ފަރާތުން އިވިފައިވާ އަޑުތަކާ ގުޅިގެން ހައިރާންވާ މީހުންނާ މެދު ކަންކުރާނޭ ގޮތް، އަހުރެންގެ ފޮތް القسطاس المستقيم (ތެދު ތަރާދު) މިފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. އެހެންވީމާ، އެ ވާހަކަ ތަކުރާރުކޮށްގެން މި ފޮތެއް ދިގެއް ނުކުރާނަމެވެ.
ހުރިހާ އެދުންތަކެއް ޙަލާލުކޮށްގެން އުޅޭ أهل الإباحة ގެ އާސޯޚުކުރުވަނިވި ބުނުންތަކާ ބެހޭ ގޮތުން، އެމީހުންގެ ޝައްކުތައް އަހުރެން ހަތް ބާބަކަށް ލިޔެފައިވާ ފޮތުގައި {كيمياء السعادة، އުފާވެރިކަމުގެ ކީމިޔާ ނުވަތަ ކެމިސްޓްރީ ގައި} އޮޅުން ފިލުވައިދީފައި ވާނެއެވެ.
ފަލްސަފާ ކިޔަވައިގެން އީމާންކަން ފަސާދަކޮށް، ނަބީކަމުގެ އަޞްލަށް އިންކާރު ކުރާ ހިސާބަށް ގޮސްފައިވާ މީހުންނަށް ރައްދެއް، އަހުރެން މިފޮތުގައި، ކުރިން ދީފައިވާނެ އެވެ. އެ ރައްދު ގައި ނަބީކަމުގެ ޙަޤީޤަތް ބަހުސްކޮށްފައި ވާނެއެވެ. އެކަން ކުރީ އިންސާނުންނަށް އެއްވެސް ގޮތަކަށް އެނގިގެން ނުވާ ކަންތައްތަކެއްގެ ޢިލްމު، އިންސާނުންނަށް އެނގޭކަން ބަޔާންކޮށްގެންނެވެ. މި ފަދަ ޢިލްމުގެ ތެރޭގައި، ބޭހާއި ތަރިތަކާ ބެހޭ ނުޖޫމީ ޢިލްމުފަދަ ޢިލްމު ހިމެނެއެވެ. އަހުރެމެން އެ ޢިލްމުގެ ކުރު ތަޢާރުފެއް ބަޔާން ކުރީ އެ ނުކުތާ ހާމަކުރުމުގެ ބޭނުމުގައެވެ. ބޭސްވެރިކަމާއި ނުޖޫމީ ޢިލްމުގެ ބައެއް ކަންކަމުން ދަލީލު ނެރުނީ ފަލްސަފާވެރިން އެ ޢިލްމުތައް ދަސްކޮށް ދިރާސާ ކުރާތީ އެވެ. ވަކި ދާއިރާއަކުން މާހިރުވެފައިވާ ޢިލްމުވެރިއަކަށް، އެ ދާއިރާއަކީ ނުޖޫމީ ޢިލްމު ކަމުގައި ވިއަސް، ބޭސްވެރިކަން ކަމުގައި ވިއަސް، ނުވަތަ ފިޒިކްސް ނުވަތަ ސިހުރު ނުވަތަ ފަންޑިތަ ކަމުގައި ވިއަސް، ނަބީކަމުގެ ދަލީލު އަހުރެމެން ހުށަހެޅީ އެމީހާގެ ދާއިރާގެ ޢިލްމުންނެވެ.
ނަބީކަން އަނގަބަހުން ޤަބޫލުކޮށް ނަމަވެސް ބާވާލެއްވި ފޮތްތަކުގައި އުޅެން އަންގަވާފައިވާ ގޮތްތަކަކީ ޙިކްމަތްތެރިކަމާ އެއްވަރުގެ ކަމެއްކަމަށް ބުނާ މީހާއީ ޙަޤީޤަތުގައި ނަބީކަމަށް ކާފަރުވާ މީހެކެވެ. އެފަދަ މީހުން ޤަބޫލުކުރާ ގޮތުގައި، ވަކި ރާއްސެއްގައި ޢިލްމުވެރި ޙަކީމަކު އުފަންވުމުން، އެ މީހާއަށް ގިނަ ބަޔަކު ތަބަޢަވަނީ އެވެ. މިއީއަކީ ނަބީކަން ޤަބޫލުކުރުމެއް ނޫނެވެ. މިއާ ޚިލާފަށް ނަބީކަމަށް އީމާންވުމަކީ، ބުއްދިން ވާނެކަމަށް ޤަބޫލު ނުކުރެވޭ ޢާލަމެއް ވާކަން ޤަބޫލު ކުރުމެވެ. މި ޢާލަމުގައި އޭނާއަށް ”ފެންނާނީ“ ޢާއްމުކޮށް ލޮލަށް ނުފެންނަ ޚާއްޞަ ކަންތައްތަކެކެެވެ. މި ކަންތައްތައް ދެތުމަށް ބުއްދި ނުކުޅެދުންތެރިއެވެ. އެއީ ކަންފަތަށް ކުލަތައް ފެނުމުން މަޙްރޫމްވެފައިވާ ފަދައިންނާއި ލޮލަށް އަޑުތައް ނުުއިވޭ ފަދައިންނެވެ. އަދި ބުއްދިއަށް ”ވާކަން“ އެނގޭ ތަކެތި ޙިއްސުތަކަށް ނުފެންނަ ފަދައިންނެވެ. (މިތަނުގައި ޣަޒާލީ އެ ވިދާޅުވަނީ، ”އުފާވެރިކަން“ ”އިންސާފު“ ފަދަ ބުއްދިއަށް ވާކަމަށް ޤަބޫލު ކުރެވޭ މާއްދީ ނޫން تجريدي ކަންތައްތައް ޙިއްސުތަކަށް ”ނުފެންނަ“ ވާހަކައެެވެ.)
އަހުރެމެންނާ ޖަދަލުކުރާ ފަލްސާވެރިންނަށް ތާއީދުކުރާ މީހާ މިކަމަށް އިންކާރު ކުރާނަމަ، އަހުރެމެން ކުރިން މިފޮތުގައި، ލޮލަށް ނުފެންނަ ޢާލަމެއް ވެދާނެކަން، ބުއްދީގެ ހަމަތަކުން ވާނީ ބަޔާންކޮށްފައެވެ. އަދި ކިއެއްތަ! ވާކަމަށް ވާނީ ހެކި ދައްކާފައެވެ. ޖަދަލުކުރާ ފަރާތުން، އަހުރެމެންގެ ހުށަހެޅުމަށް ތާއީދު ކުރާނަމަ، އޭނާ އެ އެއްބަސްވަނީ ތަކެތީގައި ޚާއްޞަ ސިފަތަކެއް އެކުލެވިގެންވާ ކަމަށެވެ. އެއީ ބުއްދީގެ ހަމަތަކުން ވާޞިލުވެވޭނޭ ނިންމުމެއް ނޫނެވެ. އެކަންކަމަކީ ބުއްދީގެ ހަމަތަކަށް ނުފެތޭ، ފަހުމް ނުކުރެވޭނޭ ކަންކަމެވެ.
މިސާލެއްގެ ގޮތުން އެއް ދާނިގު (ބައި ގުރާމު) އަފިހުނަކީ ކެއުމުން މަރުވާނޭ ބޮޑު ވިހައެކެވެ. މި މިންވަރު ކެއުމުން ލޭ ނާރުތަކުގައި ”ފިނިކަން ބޮޑުވެގެން“ ގަނޑުވެއެވެ. ފަލްސަފާވެރިންގެ ތެރެއިން މާއްދީ ތަކެތީގެ ޢިލްމަށް ފާގަތި މީހުންގެ ނަޒަރުގައި (ސައިންެސްވެރިންގެ މެދުގައި) ދެ އެއްޗެއް މެދުވެރިވެގެން ނޫނީ އެއްވެސް އެއްޗެއް ފިންޏެއް ނުވާނެއެވެ. އެ ދެ އެއްޗަކީ ފެނާއި ވެއްޔެެވެ. ސާފުކޮށް އެނގެނީ ވަރަށް ގިނަ ފެނާއި ވެލިން ވެސް ހަށިގަނޑު އަފިހުނުން އެ ފިނިވާ މިންވަރަށް ފިނިކަން ނުއުފެއްދޭނެ ކަމެވެ. މިކަން، އަމިއްލައަށް ތަޖުރިބާ ކޮށްފައި ނުވާ ސައިންސްވެރިއެއްގެ ކައިރީގައި ބުނުމުން، އެ މީހާ މިހެން ބުނެފާނެ އެވެ: ”ތިއީ ވާނޭ ކަމެއް ނޫނެވެ. ތިކަން ތިހެން ނުވާނެ ކަމުގެ ދަލީލަކީ، އަފިހުނުގައި ވަނީ މައިގަނޑު ދެ މާއްދާ އެކެވެ. އަލިފާނާއި ވައެވެ. މި ދެ މާއްދާއަކީ ފިނިކަން ބޮޑުުކުރާ މާއްދާއެއް ނޫނެވެ. އަދި އަފިހުނުގައި މުޅިންހެންވަނީ ފިނިކަން އުފައްދާ ފެނާއި ވެލިކަމުގައި ވިއަސް، ތިޔަހާ ބޮޑަކަށް އެއަކުން ފިނިކަމެއް ނުއުފައްދާނެ އެވެ. އަމުދުން ހޫނު ދެ މާއްދާއެއް ހިމެނޭ އެއްޗެއް އެކުވެގެން އުފެދިފައިވާ އަފިހުނުން ތިބުނާ ފިނިކަމެއް ނުއުފެއްދޭނެ އެވެ.“ އަހުރެމެންނާ ޖަދަލުކުރާ މާހިރު ދެކޭނީ އޭނާ މި މައްސަލަ ވަރުގަދަ ހެއްކަކުން (ބުުރުހާނަކުން) ސުބޫތު ކުރެވުނީ ކަމަށެވެ. {ދަންނައެވެ. މީގެ 1000 އަހަރު ކުރިން، ސައިންސްވެރިންގެ ނަޒަރުގައި ކާއިނާތުގައިވާ ހުރިހާ އެއްޗެއް އުފެދިފައިވަނީ ހަތަރު މާއްދާއަކުންނެވެ. އެއީ ވަޔާއި، ފެނާއި އަލިފާނާއި ވެއްޔެވެ. އަފިހުން ގިނައިން ކެއުމުން ހަންގަނޑު ފިނިވާކަމަށް އިޙްސާސް ކުރެވޭނެއެވެ. ލޭ ފިނިވެގެން ގަނޑުވާކަމަށް ޣަޒާލީ ލިޔުއްވާފައިވާ ލިޔުއްވުމަކީ ކުރެވޭ އިޙްސާސެކެވެ. ޙަޤީޤަތެއް ނޫނެވެ.}
ފަލްސަފާވެރިން ޤުދްރަތީ އެކިއެކި ކަންކަން ވާގޮތާއި ކަލާނގެ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިރު، އެކަލާނގެ ދުނިޔޭގައި ލައްވާފައިވާ މުޞީބާތްތަކާއި ހިތާމަތަކާއި ބުރާއީ (ނުބައި ކަންތައްތައް) ގެ ސިއްރު އޮޅުން ފިލުވާދެނީ މިފަދަ ”ދަލީލުތަކުން“ ނެވެ. އެމީހުން ކަންކަން ސިފަކުރަނީ އެމީހުންގެ ހޯދުންތަކަށް ފެތޭގޮތަށް، އެމީހުންނަށް ސުބޫތުކުރެވޭ މިންވަރަކަށެވެ. މިގޮތުން އެމީހުންނަށް ފަރިތަނޫން ކަންތައްތަކަކީ މުސްތަޙީލު (އެއްވެސް ގޮތަކަށް ނުވާނޭ) ކަންތައްތައް ކަމަށް ބުނެއެވެ.
ތެދު ހުވެފެން ފެނުމަށް އެމީހުން ހޭނިފައި ނުވާނަމަ، ޙިއްސުތައް ނިދާފައިވާ ހިނދު، ނުފެންނަ ކަންތައްތަކުގެ ޢިލްމު އެ ހުވަފެންތަކުން ލިބިގަނެފިކަމަށް މީހަކު ބުނެފިނަމަ، އެބައިމީހުންގެ އެ ފިކުރުން އިންކާރު ކުރީހެވެ. ތިބާ އެއިން މީހަކާ ދިމާލަށް މިހެން ބުނެފިނަމަ، ”ސަހަރަކަށް އެ ލައިފިނަމަ، ސަލާމަތުން އެއްވެސް އެއްޗެއް ނުވާވަރަށް އެ ސަހަރު މުޅިން ހަލާކުކޮށް އަދި އެވެސް ހަލާކު ކޮށްލާފަދަ ކުޑަ ފުކެއް ވަރުގެ އެއްޗެއް ދުނިޔޭގައި ވެދާނެހޭ؟“ އޭނާ ޖަވާބުގައި ބުނާނެއެވެ: ”ނޫނެކެވެ. ތިއީ އެއްވެސް ޙަޤީޤަތެއް ނުވާ ޚުރަފާތެކެވެ.“ އެކަމަކު، އަލިފާނަކީ އެފަދަ އެއްޗެކެވެ. މި ޖަވާބު، އަލިފާން ތަޖުރިބާ ކުރެވިފައިވާނުވާ މީހަކު ވީނަމަ، އެފަދަ އެއްޗެއް ވެދާނެކަމަށް އިންކާރު ކުރާނެއެވެ. އާޚިރަތުގެ ކަންތައްތަކަށް {އަދި، ޢާއްމު ތަޖުރިބާ ތަކާ ތަފާތު، ނަބީކަމުގެ ކަންތައްތަކަށް} އިންކާރު ކުރާ މީހުން ހިމެނެނީ މި ގިންތީގައެވެ. މާއްދީ ތަކެތީގެ ޢިލްމުވެރިންނަށް (ފިޒިކްސް ޢިލްމުވެރިންނަށް) އަހުރެމެން ޖަވާބު ދެމެވެ: ”ތިބާއަށް ތާއީދުކުރަން މަޖުބޫރު ވާނީ، ޢާއްމު ތަޖުރިބާތަކާ ޚިިލާފު ކަމެއް ކަމުގައި ވިއަސް، އަފިހުނުގައި ފިނިވެގެން ގަނޑުވުމުގެ ސިފަ އެކުލެވިގެންވާ ކަމަށެވެ. އެހެން ވެއްޖެ ނަމަ، ފިކުރަށް ޤަބޫލު ނުކުރެވޭ، ނަމަވެސް ނަބީކަމުގެ ނޫރުން ފެނިދާނެ ހިތްތަކަށް ފަރުވާކޮށް ސާފުކޮށްފާނޭ ބޭހެއް، ޝަަރީޢަތުގެ އަމުރުތަކުގައި ހިމެނިފައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟“
ފަލްސަފާވެރިން އެމީހުންގެ ލިިޔުންތަކުގައި މިއަށް ވުރެ އަޖާއިބުކުރުވަނިވި ސިފަ ނުވަތަ ތާސީރު ހުންނަ އެއްޗެތި ތެދުކަމަށް ބަޔާންކޮށްފައި ވެއެވެ. މާބަނޑުމީހުން ވިހެއުމަށް ދަތިވުމުން އެކަން ޙައްލުކުރަން، ތިރީގައި މިވާ އަކައިގައިވާ އާސޯޚުކުރުވަނިވި ބާރު ބޭނުން ކުރާކަމަށް ލިޔެފައި ވެއެވެ.
ދުވަހަކު ވެސް، ފެންޖެހިފައި ނުވާ ދެ ފޮތިކޮޅެއްގައި މި އަކަ ލިޔުމަށް ފަހު، މާބަނޑު މީހާ އެއަށް ބަލައިލައި ފައިދަށަށް ލުމުން ވަރަށް އަވަހަށް ވިހައެވެ. ފަލްސަފާވެރިން މިކަން ވެދާނެކަމަށް އިޤްރާރުވެ އެމީހުންގެ ”އަޖާއިބު ކުރުވަނިވި ސިފަތައް“ (عجائب الخواص) މިފޮތުގައި ބަޔާންކޮށްފައި ވެއެވެ. މި އަކައިގައި ވަނީ ނުވަ ގޮޅިއެވެ. ގޮޅީގައި ހުރަހަށް، ދިގަށް އަދި ކައްޗަށް ވާ ޢަދަދުތައް އެއްކުރުމުން ނުކުންނަނީ ފަނަރަ އެވެ.
ދެ ރަކްޢަތް ފަތިސް ނަމާދުގައި ހިމެނިފައި، ހަތަރު ރަކްޢަތް މެންދުރު ނަމާދުގައި ހިމެނިފައި މަޣްރިބު ނަމާދުގައި ތިން ރަކްޢަތް ހިމެނިފައިވަނީ އިންސާނާގެ ބުއްދިއަށް ވިސްނައި ނުގަނެވޭ ސިފަތަކަކުންކަން ތާއީދުކުރަން، މި ”ފަންޑިތަ“ ތެދުކަމަށް ޤަބޫލު ކުރާ މީހެއްގެ ބުއްދި ތަނަވަސް ނުވަނީ ކީއްވެގެން ހެއްޔެވެ؟ މިގޮތަށް ރަކްޢަތްތައް ތަރުތީބުވެފައި ވުމުގެ ސަބަބަކީ ދުވަހުގެ ވަގުތު ތަކުގެ ފަރަޤެވެ. ނަމަވެސް، ނަބީކަމުގެ އަލިން ނޫނީ މިކަމުގެ ސިއްރުތަކެއް ދެނެއެއް ނުގަނެވޭނެ އެވެ.
އަޖާއިބުވާން ޖެހޭ ކަމަކީ، މަތީގައިވާ ޢިބާރާތްތައް ނުޖޫމީޢިލްމުގެ ޢިބާރާތްތަކަކަށް ހަދައިފިނަމަ، ޢަދަދުތަކުގެ ތަފާތުތަކަކީ އެކަށީގެންވާ އެއްޗެއް ކަމަށް އެމީހުން ބުނެތެވެ. [ނުޖޫމީ ޢިލްމަކީ ތަރިތަކަކާއި ގުރަހަލިތަކަށް ބަލައި، ކުރިއަށް ވާން ހުރިގޮތް ކިޔާދިނުމެވެ. ފަލަކީ ޢިލްމަކީ ހިސާބުގެ މައްޗަށް ބިނާކޮށް، އުޑުގައިވާ ތަކެތީގެ ދައުރުވުމާއި ޙަރަކާތްތައް އަންގައިދޭ ޢިލްމެވެ. މި ދެބާވަތުގެ ޢިލްމު އެ ދުވަސްވަރު ފަރަޤުނުކުރާ ކަމަށް ލަފާކުރެވެއެވެ.] މިސާލެއްގެ ގޮތުން އަހުރެމެންނަށް ބުނެވިދާނެ އެވެ: ”މީހަކު ވިހާއިރު، އިރު އަރަމުންދާ ބުރުޖެއްގެ މައްޗަށް ބިނާކޮށް ނުވަތަ އޮއްސެންދާ ބުރުޖެއްގެ މައްޗަށް ބިނާކޮށް، އެމީހެއްގެ ހޯރޮސްކޯޕް (ރާސި) ތަފާތުވާނެ ނޫން ހެއްޔެވެ؟ މިކަމުގެ މައްޗަށް ބިނާކޮށް، ދުނިޔެ އޭނާއަށް ދައްކާނޭ ކަންތައްތަކާއި ޢުމުރުގެ ދިގުމިނާއި މަރުގެ ވަގުތު ތަފާތު ނުކުރޭ ހެއްޔެވެ؟ އިރު ދަތުރުކުރާ އޯބިޓް ނުވަތަ މަސާރުގައި ވުމާއި އޮއްސެންދާ ބުރުޖާ ދެމެދު އަދި އިރު އޮއްސުމާއި އޮއްސެންދާ އިރާ ދެމެދު ތަފާތެއް ނުވޭހެއްޔެވެ؟ މިވާހަކަތައް ޤަބޫލު ކުރެވޭނޭ އެއްވެސް ގޮތެއް ވޭހެއްޔެވެ؟“ ނުޖޫމީ ޢިލްމުގެ ބަހުރުވައިން މިވާހަކަތައް އޭނާ ނުކިޔާ ނަމަ، މިވާހަކަތަކުގެ ދޮގުކަން، އެއް ސަތޭކަ ފަހަރު ތަޖުރިބާގެ މަގުން އޭނާއަށް ފެނިފައިވާނެއެވެ. އެކަމަކު، މިވާހަކަތައް އާދައަކަށް ހަދައިގެން ޤަބޫލުކުރަމުން އޭނާ ގެންދެއެވެ. މިހެންކަމުން، ނުޖޫމީ ޢިލްމުވެރިޔަކު ”އިރު އޭގެ މަސާރުގައި ވެފައި، އެވެނި ބުރުޖެއް އަރަނިކޮށް މިވެނި ތަރިއަކާ ސީދާ ދިމާވާ އިރެއްގައި، އައު ލިބާހެއް ލައިފި ނަމަ، އޭނާ މަރާލެވޭނީ އެ ލިބާހުގައޭ“ ބުނެފިނަމަ، އެ ގަޑިއަކު އޭނާ އެ ލިބާހެއް ނުލާނެއެވެ. އެއީ އޭނާއަށް ގަދައަށް ފިނިވީކަމުގައި ވީނަމަވެސް އެވެ. އަދި ބަސް ބުނި ނުޖޫމީ ޢިލްމުވެރިޔާ އަކީ ދޮގުހަދާ މީހެއްކަން އެތައް ސަތޭކަ ފަހަރު އޭނާ ޤަބޫލުކޮށްފައިވީ ކަމަކު އެވެ.
މިއަޖާއިބުކުރުވާ ވާހަކަތައް ޤަބޫލުކުރާ ސިކުނޑިއަކަށް އަދި މިފަދަ ކަންތައްތަކަކީ ތަކެތީގެ ސިފަކަމަށް ތާއީދުުކުރާ ސިކުނޑިއަކަށް – މި ބާވަތުގެ ޢިލްމަކީ ކޮންމެވެސް ނަބީބޭކަލަކަށް ލެއްވި މުޢުޖިޒާތެއް ކަމުގައި ޤަބޫލުކުރާއިރު – ރަސޫލެއްގެ ނަބީކަމަށް އިންކާރު ކުރަނީ ކީއްވެގެން ބާވައެވެ؟ އަދި އަމުދުން އެ ރަސޫލުން ދައްކަވާ ވާހަކަ އަކީ ތެދުކަމުގެ ދަލީލަކަށް މުޢުޖިޒާތްތައް ހިމެނޭއިރު އަދި ދުވަހަކު ވެސް އެ ނަބީބޭކަލުން އިތުރުފުޅެއް ނުހައްދަވާކަން އެނގޭއިރު، ނަބީބޭކަލުންގެ ވާހަކަތަކަށް އިންކާރު ކުރަނީ ކީއްވެގެން ބާވައެވެ؟
ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދުތަކުގައާއި މިނާ ވާދީގައި ހިލައުކުމާއި ޙައްޖުގައި ހިމެނޭ އެހެން ރުކުންތަކާއި މި ނޫނަސް ޝަރީޢަތުގައިވާ ބައެއް އަޅުކަމުގައި ހިމެނޭ ކަންކަމުގައި އެފަދަ ސިފަތަކެއް ވެދާނެކަމަށް ފަލްސަފާވެރިޔާ އިންކާރު ކުރާނަމަ، އުޞޫލެއްގެ ގޮތުން، މިފަދަ ކަންތައްތަކާއި ތަރިތަކާއި ބޭހުގެ އަސަރުތަކާ ދޭތެރޭ ތަފާތެއް ނުފެންނާނެއެވެ. ފަލްސަފާ ވެރިޔާ ބުނެފާނެއެވެ: ”ބޭސްވެރިކަމާއި ނުޖޫމީ ޢިލްމާ ބެހޭ ގޮތުން އަހުރެންނަށް ތަޖުރިބާތަކެއް ލިބިފައި ވެއެވެ. އަދި ސައިންސްގެ ބައެއް ނުކުތާތަކަކީ ތެދުކަމަށް ހޯދިފައި ވެއެވެ. އެހެންކަމުން، އެކަމަށް އޮންނަ އީމާންކަން ނުވަތަ ޤަބޫލުކުރުން އަހުރެންގެ ކިބައިގައި ބަދަހިކަމާއެކު ހަރުލާފައި ވެއެވެ. އަދި އެކަންކަމުން އެއްކިބާވުމަށް، ޝައްކާއެކު މި ޢިލްމުތަކަށް ބެލުމަށް، އަހުރެންގެ ހިތުގައި އެއްވެސް ލެންބުމެއް ނުވެއެވެ. އެކަމަކު ނަބީކަމާ މެދު…… އެކަމުގެ އެއްވެސް ތަޖުރިބާއެއް އަހުރެންނަށް ލިބިފައެއް ނުވެއެވެ. ނަބީކަން ވެދާނެކަމަށް އަހުރެން ޤަބޫލު ކުރިއަސް، ޙަޤީޤަތުގައި ވެސް ނަބީކަމަކީ ވާކަމެއްކަން އަހުރެންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
އަހުރެން މިސުވާލުގެ ޖަވާބުގައި ބުނަމެވެ: ”ކަލޭ ޤަބޫލުކުރާ ބައެއް ކަންކަމަކީ އަމިއްލައަށް ތަޖުރިބާކޮށް ޤަބޫލުކުރާ ކަންކަމެއް ނޫނެވެ. އެއީ، ކަލެއަށް އެހެން މީހުންގެ ތަޖުރިބާތަކާ މެދު ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ޤަބޫލުކުރާ ކަންކަމެވެ. ކަލެއަށް އެ ތަޖުރިބާތަކުގެ މަޢުލޫމާތު ދިން ފަރާތަކީ ޙައްޤު ތެދު ބުނާ ފަރާތްތަކެއް ކަމަށް ކަލޭ ޤަބޫލު ކުރަމުއެވެ. ވީމާ، ނަބީ ބޭކަލުންގެ ބަސްފުޅުތައް ޤަބޫލުކުރާށެވެ. އެހެނީ އެބޭކަލުން އެކަންކަން ތަޖުރިބާކޮށްފައި ވެއެވެ. އެ ބޭކަލުންނަށް ބާވާލެއްވި ތަކެތީގެ ޙަޤީޤަތް ސީދާކޮށް ތަޞައްވުރު ކުރެއްވިފައި ވެއެވެ. އެބޭކަލުން ހިންގެވި މަގުން ހިންގަވާށެވެ. އެއިރުން އެބޭކަލުންނަށް ފެނިވަޑައިގެންފައިވާ ބައެއް ތަކެތި ކަލެއަށް ވެސް ސީދާ އިޙްސާސް ކުރެއްވޭނެއެވެ.“
އަދި އިތުރަށް އަހުރެން ބުނަމެވެ: ”ކަލެއަށް ތަޖުރިބާ ކުރެވިފައި ނުވިއަސް، ކަލޭގެ ފިކުރު ކަލޭ ތި ޤަބޫލުުކުރާ ކަންތައްތައް ޤަބޫލުކޮށް އެކަންކަމަށް އީމާން ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދައްކައެވެ. މިސާލެއް އަހުރެމެން ނަގަމާ ހިނގާށެވެ. ދުވަހަކުވެސް ބައްޔެއް ތަޖުރިބާ ކުރެވިފައި ނުވާ، ފިކުރު ރަނގަޅު ހަރުދަނާ މީހެއް ބަލިވެއްޖެއެވެ. އޭނާގެ ބައްޕައަކީ ރަނގަޅު މީހެއްކަމަށާއި ބޭސްވެރިކަން ދަންނަ މީހެއްކަމަށް ބަލަމާ ހިނގާށެވެ. ބައްޕަގެ ބޭސްވެރިކަމުގެ ހުނަރުވެރިކަމާއި މަޝްހޫރުކަން ބަލިވި ދަރިފުޅު ނާހާ ދުވަސްވަރެއް ނުދާކަމަށް ވިސްނާށެވެ. ބައްޕަ ދަރިފުޅަށް ބޭހެއް ހަދައިފައި ދެމުން ބުންޏެވެ: ”މިބޭސް ބޭނުންކުރުމުން ކަލޭ ބަލިން މިންޖުވެ، ބަލީގެ އަސަރުތައް ހަށިގަނޑުން ފިލައިފާނެއެވެ.“ މިގޮތަށް ކަންތައްތައް މެދުވެރިވެއްޖެ ނަމަ، ބޭހުގައި ހިތިރަހަ ލިޔަސް، އޭނާގެ ފިކުރު ޢަމަލުކުރަން އޭނާއަށް އަންގާނީ ކޮންގޮތަކަށް ހެއްޔެވެ؟ އޭނާ އެ ބޭސް ބޯނެހެއްޔެވެ؟ ނޫނީ ބޭހަށް އިންކާރުކޮށް ބުނާނީ މިހެން ހެއްޔެވެ: ”މި ބޭހާއި ބަލިން ޝިފާލިބުމާ ހުރި ގުޅުމެއް އަހުރެންނަކަށް ނޭނގެއެވެ. ބޭހުގެ އެއްވެސް ތަޖުރިބާއެއް އަހުރެންނަށް ކުރެވިފައެއް ނުވެއެވެ.“ އެގޮތަށް އޭނާ ޢަމަލުކޮށްފި ނަމަ، ޝައްކެއްނެތި ތިބާ ބުނާނީ އޭނާއަކީ މޮޔައެއް ކަމަށެވެ. ހަމަ މިގޮތަށް، އީމާންކަމާ މެދު ވަކި ގޮތެއް ނުނިންމައި ހުރުމުން، ފިކުރުގެ އަހުލުވެރިން ދެކޭނީ ކަލެއަކީ މޮޔައެއް ކަމަށެވެ.
ކަލޭ ބުނެފާނެއެވެ: ”މާތް ރަސްކަލާނގެ ޞަލާވާތް ލެއްވި އެކަލޭގެފާނުގެ ކިބަފުޅުގައި އަހުރެމެންނަށް ހަމްދަރުދީ އާއި އޯގާތެރިކަން ވާކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި އެކަލޭގެފާނުންގެ ބޭސްވެރިކަމުގެ ހުނަރު އެނގެނީ ކިހިނަކުން ހެއްޔެވެ؟“ އަހުރެން ޖަވާބުގައި ބުނަމެވެ: ”ތި ބުނާ ހަމްދަރުދީއާއި އަނެކުންނަށް ހެޔޮއެދުމަކީ ޙިއްސުތަކަށް އިޙްސާސްވާ ކަންކަމެއް ނޫނެވެ. ކަލޭގެ ބައްޕަ ކަލެއަށް ރަނގަޅުގޮތް ވާން އެދޭކަން ކަލެއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިކަންކަން ރީބަައެއް ނެތި ކަލެއަށް އެނގިފައިވާނީ ބައްޕަ ކަންކަން ކުރާގޮތް އެކި ޙާލަތްތަކުގައި ފެނިފައިވުމާއި ބައްޕަ ކަންކަމާ މެދު ދެކޭގޮތް އެކި ފަހަރު ދެކެފައި ވާތީއެވެ.
މާތް ރަސްކަލާނގެ ޞަލާވާތް ލެއްވި އެކަލޭގެފާނުގެ އުޅުއްވުމާއި ހަދީސްފުޅުތަކާއި މީހުންނަށް ތެދުމަގު ދެއްކެވުމުގައި އެކަލޭގެފާނުންގެ އަޅާލުންތެރިކަމާއި މީހުންގެ އަޚުލާޤާއި ދޭދޭ ފަރާތްތަކުގެ ގުޅުމާއި އުޅުން ރަނގަޅުކުރުމަށް އޯގާތެރިކަމާއި ހަމްދަރުދީއާއެކު އެކަލޭގެފާނުން ކުރެއްވި ޢަމަލުފުޅުތަކުން — މިކަންކަމަށް މީހަކު ފިކުރު ހިންގައިފިނަމަ، އެމީހަކަށް ޔަޤީނުންވެސް ލިބޭނޭ ޢިލްމަކީ އެކަލޭގެފާނުންގެ އަހުލުންނަށް އެކަލޭގެފާނުންގެ އޯގާތެރިކަމާއި އަޅާލުންތެރިކަން ބައްޕައަކު އޭނާގެ ދަރިފުޅަށް ހުންނަ އަޅާލުންތެރިކަމަށް ވުރެ އިތުރުވެގެންވާ ކަމެވެ.
އަދި މީގެ އިތުރަށް އެކަލޭގެފާނުން ކުރެއްވި ހައިރާންކުރުވަނިވި ޢަމަލުތަކާއި ކީރިތި ޤުރްއާނުންނާއި ހަދީސްތަކުން އެކަލޭގެފާނުންގެ ދޫފުޅުމެދުވެރިކޮށް ހާމަކުރެއްވި ޢަޖާއިބުކުރުވަނިވި ކަންތައްތަކާއި، މާ ދުރު މުސްތަޤްބަލްގައި ވާން ހުރި ކަންތައްތައް ކިޔުއްވައި ދެއްވުމާއި އެކަންކަން އެ ވިދާޅުވިގޮތަށް ހިނގާ ނިމިދިއުމާއި، މިކަންކަމަށް މީހަކު ފިކުރު ހިންގައިފި ނަމަ، އޭނާއަށް ޤަބޫލުކުރަން ޖެހޭނީ އެކަލޭގެފާނު ވަނީ ފިކުރުން ވިސްނައިނުގަނެވޭނެ ފަދަ މަޤާމެއްގައި ކަމެވެ. މި މަޤާމަށް ދެވުމުން، ޣައިބުގައިވާ ކަންތައްތައް ކަޝްފުވެއެވެ. އެކަންކަން ދެނެގަނެވެނީ ޚާއްޞަ ފަރާތްތަކަށެވެ. މި ކަޝްފުކުރެވޭ ސިއްރުތަކަކީ ފިކުރުން އޮޅުންފިލާ ކަންތައްތަކެއް ނޫނެވެ.
މާތް ﷲ ޞަލަވާތާއި ސަލާމްލެއްވި އިތުރު އެކަލޭގެފާނުގެ ބަސްފުޅުތަކުގެ ތެދުކަން ދެތުމަށް އިންސާނާ ބޭނުންވާ ޢިލްމު އުނގެނޭނޭ ގޮތަކީ މިއީއެވެ. މިކަން ތަޖުރިބާ ކުރާށެވެ. ކީރިތި ޤުރްއާން އާ މެދު ފިކުރު ހިންގާށެވެ. ހަދީސްތައް ކިޔާށެވެ. މިކަންކަން ކުރުމުން ދެން ތިބާއަށް މިކަން، އަމިއްލައަށް ފެނިގެން އޮޅުންފިލާނެއެވެ.
ފަލްސަފާގެ ދަރިވަރުންނާމެދު އެކަށީގެންވާ ޞަރީޙަކޮށް އަހުރެމެންނަށް މިހާރު ވާހަކަ ދެކެވިއްޖެއެވެ. މިހާ ދިގުކޮށް މިވާހަކަތައް ބަޔާންކުރީ މި ދުވަސްވަރުގެ ހާލަތުން އެމީހުންގެ ވާހަކަތަކަށް ރައްދެއް ދިނުމަށެވެ.
(4) އީމާންކަން ބަލިކަށިވުމުގެ ހަތަރުވަނަ ސަބަބަކީ ޢުލަމާއިންގެ (ދީނީ ޢިލްމުވެރިންގެ) ދިރިއުޅުމުގެ ހުތުރުކަމުންނެވެ. މި ބަލިން އަރައިގަނެވޭނީ ތިން ކަމަކުންނެވެ.
ފުރަތަމައީ:
ތިބާ އަމިއްލަ ނަފުސަން ބުނަން ވާނެއެވެ. އިސްލާމް ދީނުގައި ޙަރާމްކަމަށް ކަނޑައަޅައިފައިވާ ތަކެތި ކައިއުޅޭ އުލަމާއިންނަށް، ރަލާއި އޫރުމަހާއި އަދި ރިބާ ޙަރާމްވެގެން ވާކަމާއި ޣީބަބުނުމާއި ނެތްތަނެއްގައި މީހެއް ނުބައިކޮށް ވާހަކަދެއްކުމާއި ބޭކާރު ވާހަކަ ދެއްކުން ވެސް ޙަރާމްކަން އެނގޭނެއެވެ. އެކަމަކު ފަހުން މިބުނި ކަންތައްތައް ކުރުމުގައި ތިބާވެސް ޝާމިލުވެއެވެ. މިހެންވަނީ އެއީ ޙަރާމް ކަންތައްތައް ކަން ތިބާއަށް ނޭނގޭތީކީ ނޫނެވެ. އެކަންވަނީ އެކަމަށް ހުންނަ އެދުން ތިބާގެ މައްޗަށް ގަދަވެގަންނާތީ އެވެ. އުލަމާއިންގެ އެދުމަކީ ވެސް ތިބާގެ އެދުން ފަދަ ކަމެކެވެ. އެ އެދުންވެރިކަން އޭނާގެ މައްޗަށް، ތިބާގެ މައްޗަށް ގަދަވެގަތްގޮތަށް ގަދަވެ ގަންނަނީ އެވެ. ދީނީ ޙުކުމްތަކާއި ޝަރުޢީ ހަމަތަކަށް ތިބާއަށް ވުރެ ޢާލިމުން ފާގަތިވެގެން ވިއަސް، މިކަމުގެ ސަބަބުން އޭނާއަށް ޙަރާމް ކުރެވިގެންވާ ބައެއް ކަންތައްތަކުން އެއްކިބާވެގެން ނުވެއެވެ. ބޭސްވެރިކަން ޤަބޫލުކުރާ ކިތަންމެ ބައެއް، މޭވާ އާއި ފިނި ބުޔުންތަކުން އެކަހެރިވުމަށް ޑޮކްޓަރުން ބުނެފައި ވިއަސް އެގޮތަކަށް ޢަމަލެއް ނުކުރެއެވެ. މިކަންތައްތަކުން އެތަކެއްޗަކީ ގެއްލުން ނުދޭ އެއްޗަކަށް ނުވެއެވެ. އަދި ބޭސްވެރިކަމަށް އެމީހުންގެ އޮންނަ އީމާންކަމަކީ ޞައްޙަ ނޫންކަމަކަށް ނުވެއެވެ. މިރޮނގުން ވިސްނުމުން، ޢުލަމާއިންގެ ކުށްތަކަށް ކެތްކުރެވިދާނެއެވެ.
ދެވަނައީ:
އާދައިގެ މީހާއަށް ބުނުމެވެ: ތިބާ ޤަބޫލުކުރަން ޖެހޭނީ ޢާލިމަކަށް ލިބިފައިވާ ޢިލްމަކީ އޭނާގެ ނަފުސަށް އާޚިރަތުގައި ލިބިފައިވާ ޚަޒާނާއެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް އާޚިރަތުގައި މިންޖުވެވި އެ ޢިލްމު އޭނާއަށް ޝަފާޢަތްތެރި ވެދާނެ ކަމަށެވެ. ޢިލްމުގެ ފުރިހަމަކަމުން، ނަތީޖާއެއްގެ ގޮތުން އޭނާގެ ޢަމަލުތައް ބަރާބަރު ނޫނީ އެވެ. ޢިލްމު ލިބި ހުރެ އެއާ އެއްގޮތަށް ނޫޅުމަކީ ޢާލިމު އާ ދެކޮޅަށް ނެގިދާނެ އިތުރު ނުކުތާއެއް ކަމުގައި ވިއަސް، މިކަމަކީ އޭނާގެ ދަރަޖަ މަތިވެދާނޭ ކަމަކަށް ވެސް ވެދާނެއެވެ. އޭނާގެ މައްޗަށް ވާޖިބު ކަންތައްތައް ފުރިހަމަ ނުކުރިއަސް، އޭނާއަށް ލިބިފައިވާ ޢިލްމު، އޭނާ ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފާނެއެވެ. އެކަމަކު، ތިބާ، ޢާއްމު މީހާއަށް، ޢާލިމު އުޅޭގޮތަކަށް އުޅެވޭކަށްނެތެވެ. ތިބާގެ ފަރާތުގައި ޢިލްމު ނެތުމުން ހުތުރު އުޅުމަކުން އުޅެފި ނަމަ، ޝަފާޢަތްތެރިވާނޭ ފަރާތެއް ނެތި، ތިބާ ހަލާކުވެގެން ދާނީއެވެ.
ތިންވަނައީ:
ޙަޤީޤީ ޢާލިމަކު، އޮޅުމަކުން ނޫނީ ފާފައެއް ނުކުރާނެއެވެ. ފާފައެއް ކުރުމަކީ އޭނާގެ ނިޔަތަކަށް ނުވާނެއެވެ. ޙަޤީޤީ ޢިލްމަކީ، އަހުރެމެންނަށް ފާފައަކީ މީހާ މަރުވާނޭ ވިހަައެއްކަން އަންގައިދޭ ޢިލްމެވެ. އަދި، އާޚިރަތް، މި ދުނިޔެއަށް ވުރެ ރަނގަޅުކަމަށް އަންގާ ޢިލްމެވެ. ފަހެ، މިކަން އެނގޭ މީހަކު، ދަށް އަގެއްގައި ތިމާގެ އަތުގައިވާ އެއްޗެއް ދުލެއް ނުކޮށްލާނެއެވެ. (އާޚިރަތުގެ މަތިވެރިކަން އެނގޭ މީހަކު، ދުނިޔެވީ ކަމަކަށް ޢާޚިރަތެއް މާރެއް ނުކުރާނެއެވެ.)
މީހުން އެ ހޯދުމަށް ބޮޑަށް ސަމާލުކަންދޭ ޢިލްމުތަކަކުން، މި ޙަޤީޤަތްތަކެއް އޮޅުމެއް ނުފިލާނެއެވެ. މިހެންކަމުން، ގިނަ މީހުން ހޯދާ ބާވަތުގެ ޢިލްމުން، މާތް ﷲ އަށް މަގުފުރެދެން އެމީހުންގެ ކެރުންވަނީ އިތުރެވެ. ޙަޤީޤީ ޢިލްމު، މިއާ ޚިލާފަށް، އިންސާނާގެ ތަޤްވާ އާއި ބިރާއި އުއްމީދު އިތުުރު ކުރެއެވެ. އަދި މިކަންކަން އޭނާ އާ ފާފައަކާ ދެމެދަށް ވަދެ ހުރަސް އަޅައެވެ. މިއީ ޤަޞްދުގައި ނޫންގޮތަށް ކުރާ ފާފަތައް ފިޔަވައެވެ. ފަހެ، ބޭއިޚްތިޔާރުގައި ކުރެވޭ ފާފަތަކަކީ ނިކަމެތިވާ ވަގުތުތަކުގައި، އިންސާނާގެ ކިބައިން ވަކިކުރެވޭނޭ ކަމެއް ނޫނެވެ. މިފަދަ ކުދި ފާފަތައް ކުރުމަކީ އީމާންކަމުގެ ބަލިކަށިކަމެއް ނޫނެވެ. އެކަމަކު، އީމާންވެގެންވާ މީހާ، ފާފައެއް ކުރުމަށް ފަހު، އޭނާ ފަހުން ތައުބާ ވެއެވެ. ޤަޞްދުގައި، އިޚްތިޔާރުގައި ފާފަކުރުމުން އޭނާ ވަނީ ދުރުގައެވެ.
ފަލްސަފާވެރިންނާއި ތަޢުލީމިއްޔާގެ މީހުންގެ ކުށްތަކާ މެދު އަދި އެމީހުންގެ ޒުވާބުގެ އުޞޫލްތައް ބޭނުންނުކޮށް އެމީހުންނާ އިދިކޮޅުފަރާތްތަކާ މެދު އަހުރެން ދައްކަން ހުރި ނުކުތާތަކަކީ މިއީއެވެ.
އަހުރެމެން ދުޢާ ކުރަނީ މާތް ﷲ އަށެވެ. އެކަލާނގެ ހޮއްވަވައި މަތިވެރިކުރެއްވި މީހުންގެ ތެރޭގައި އަހުރެމެން ހިމަނުއްވާނޭ ކަމަށް ދުޢާ ކުރަމެވެ. އެމީހުންނަކީ ޙައްޤާއި ހިދާޔަތަށް، އެކަލާނގެ މަގު ދެއްކެވި މީހުންނެވެ. އެބައިމީހުންނަކީ އެކަލާނގެ މަތިން ހަނދުމަކުރުމަށް، އެކަލާނގެ ހަނދާން ނައްތައިނުލުމަށް އިލްހާމު ކުރެއްވި މީހުންނެވެ. ހަމަ އެކަނި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް އިސްނުކުރުމާއި ހަމައެކަނި އެކަލާނގެ އަށް އަޅުކަން ކުރުމަށްޓަކައި، އެމީހުންނަކީ އެމީހުންގެ ނަފުސުގައިވާ ނުބައިކަމުން އެކަލާނގެ ރައްކާތެރިކުރެއްވި މީހުންނެވެ.
وصلى الله على سيدنا محمد وعلى آله وصحبـه وسلم.
* * *
ތަރުޖަމާކޮށް ނިމުނީ 2 ރަމަޟާން 1439. 16 މެއި 2018 (10:22 ރޭގަނޑު)
ޑރ.ޙަސަންގެ މި ބުރަ މަސައްކަތަކީ އާޚިރަތުގުގައި ގޮވާން ކެނޑުމަށް ރުވުނު އޮށްތަކެއް ކަމުގައި ލައްވާށި!
އިމާމް ޣަޒާލީގެ ވިސްނުމުގެ ކަނޑުގެ ފުންކަމަށް ފީނޭ ވަރަށްވުރެ އަޅުގަނޑުގެ ނޭވާ ކުރުކަމުގެ އިޙްސާސެއް ކުރެވެނީ..
ވެބްސައިޓްގެ ފުރަތަމަ ޞަފުޙާގައި ރޫމީ ވިދާޅުވެފައި އެވާފަދައިން ޢިލްމަކީ އަލާ ކެނޑޭނެ އެއްޗެއް ނޫން.