މި މަޒުމޫނުގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ގެނެސްދޭނީ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ސިވިލް އެންޖިނިއަރިންގ މަޝްރޫޢު ކަމުގައިވާ މާލެ-ހުޅުމާލެ ފާލަން އަޅާގޮތުގެ މަޢުލޫމާތެވެ. މި މަޢުޟޫޢުގެ މައްޗަށް ލިޔެފައިވާ ފުރަތަމަ މަޒުމޫނު މިއޮތީއެވެ. އެ މަޒުމޫނުގައި ބަޔާންކޮށްފައިވާނީ ތަފާތު ބާވަތްތަކުގެ ފާލަންތަކުގެ ތެރެއިން ރާއްޖޭގެ ހާލަތަށް އެންމެ އެކަށީގެންވަނީ ކޮންބާވަތެއްގެ ފާލަމެއްތޯ އާއި އެއީ ކީއްވެގެން ކަމާއި އެ ފާލަމުގެ މައިގަނޑު މިންތަކެވެ. މިބާވަތުގެ ބޮޑެތި އަގުބޮޑު މަޝްރޫޢުތައް ރޭވުމުގައި އެންމެ އިސްކަންދޭނީ ޚަރަދު ކުޑަގޮތަކަށް ކަންކުރުމަށެވެ. މިގޮތުން އެންމެ އެކަށީގެންވަނީ ބޯކު ފާލަން އަދި ބުރިބުރިތަކެއް ގުޅުވައިގެން ހަދާ ސެގްމެންޓަލް ފާލަންކަން އެ މަޒުމޫނުގައިވާނީ ބަޔާންކޮށްފައެވެ. އަޅުގަނޑުގެ މަޤްޞަދަކީ، ފާލަން ހަދާގޮތާ ބެހޭގޮތުން ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ އެންޖިނިއަރިންގ މަޢުލޫމާތު، ދޭހަ ފަސޭހަ، ލުއި ގޮތަކަށް ކިޔާދިނުމެވެ. މި މަޒުމޫނުގެ ފުރަތަމަ ބައި ޝާއިޢުކުރުމުން 151,000 މީހުންނަށް އެ ފެނިފައި ވެއެވެ. މިއީ ރާއްޖޭގެ އާބާދީގެ ލިޔަންކިޔަން ދަންނަ މީހުންގެ ދެބައިކުޅަ އެއްބައިހާ ބޮޑު ޢަދަދެކެވެ. މިކަމުން، މި މަޝްރޫޢުއަށް، އޭގެ ސައިންސަށް މީހުން ހުންނަ ޝައުޤުވެރިކަން ހާމަވެއެވެ. ކިޔުއްވާނެ ވަގުތު ނެތް ފަރާތްތަކަށް، މި މަޒުމޫނު މިއޮތީ ވީޑިއޯއަކުން ޚުލާޞާ ކޮށްލާފައެވެ.
ހުޅުލޭ-މާލޭ ފާލަން، މައިގަނޑު ދެ ބަޔަކަށް ބަހާލެވިދާނެއެވެ. އެންމެ މުހިއްމު ބަޔަކީ ބޯކުތަކެވެ. އާރޗް ތަކެވެ. މިއީ ދުނި ބައްޓަމެވެ. އާދެ! ރާއްޖޭގެ ދިދައިގައިވާ ހުޅެވިހަނދުގެ ބައްޓަމެވެ. ފާލަމުގެ ދެވަނަ ބަޔަކީ، މި ބޯކުތަކަށް އަރަން އޮންނަ ބައެވެ. މިބަޔަށް އިނގިރޭސި ބަހުން ކިޔަނީ އެޕްރޯޗް އެވެ. މިއީ ތަނަކާ ކާރިވުމަށް އިނގިރޭސި ބަހުން ބޭނުން ކުރާ ލަފުޒެކެވެ. ތިރީގައިވާ ފޮޓޯއަށް ބައްލަވާށެވެ. [މިމަޒުމޫނުގައިވާ ކޮންމެ ފޮޓޯއަކަށް ކްލިކްކޮށްލިއަސް އެ ބޮޑުވާނެއެވެ.]
ފޮޓޯއިން ފާހަގަ ކުރެއްވޭނޭފަދައިން، ފާލަމުގައި ވަނީ މުޅިއެކު ހަތަރު ބޯކެވެ. ދެ ބޯކު ވަރަށް ފުޅަލެވެ. އެ ދެ ބޯކުގެ ދެކޮޅު ދެމެދުގައި މުޅިއެކު 180 މީޓަރު ހުރެއެވެ. އެއީ ގާތްގަޑަކަށް 600 ފޫޓެވެ. މާލެއާއި ހުޅުލެއާ ދެމެދުގައިވާ ކަނޑުގެ ތިލަ ހިސާބުތަކުގައި ޖަހާ މުޑިތަކުގައި މަތީގައި އޮންނާނީ ފާލަމުގެ އެޕްރޯޗް އެވެ. ފާލަމަށް އެރުމަށްޓަކައި އޮންނަ ބައެވެ. ވިސްނަވާށެވެ. މައިގަނޑު ފާލަންކަމަށް ބަލަނީ ބޯކުތަކެއްގެ މަތީގައި އޮންނަ ބައެވެ.
ކުރީ މަޒުމޫނުގައި ފާހަގަ ކުރި ފަދައިން، 180 މީޓަރުގެ ދެ ބޯކު، ފާލަމުގައި ވެއެވެ. މިބޮޑު ދެބޯކުގެ މެދު ބައިގެ ކުރެހުމެއް ތިރީގައި އެވަނީއެވެ.
ވިސްނާލެއްވުމުން އެނގިވަޑައިގަންނަވާނޭ ފަދައިން ބޯކެއްގެ ހުރިހާ ބަރެއް ހިފަހައްޓަންޖެހޭނީ، ދެ ބޯކުގެ ދެކޮޅު ގުޅޭ ތަނުންނެވެ. އާދެ! ދެކޮޅުގުޅޭ މަކުޑިންނެވެ. ފާލަމުގެ ބަރު، މައިގަނޑު ތިން ބަޔަކަށް ބަހާލެވޭނެއެވެ. އެއީ، ފާލަމަށް އެއްވެސް ދުއްވާ ނުވަތަ ހިނގާ އެއްޗެއް ނާރާ އޮންނައިރު، ހަމައެކަނި އެ ހެދުމަށް ބޭނުންކޮށްފައިވާ ކޮންކްރީޓް ފަދަ ތަކެއްޗާއި މަތީގައި ޖަހާ ޗެންޗޭނާއި ބައްތިތައް ފަދަ ތަކެތީގެ ބަރެވެ. މިބަރަކީ، ފާލަމުގެ އެންމެ ބޮޑު ބަރެވެ. އިނގިރޭސިބަހުން މިބަރަށް ކިޔަނީ ”ޑެޑް ލޯޑު“ އެވެ. މާނަކުރަނީ ބަދަލެއް ނުވާ ބަރަށެވެ. ދެން، އެންމެ މުހިއްމު ބަރަކަށް ވާނީ، ފާލަމުގައި ދުއްވާ ތަކެތީގެ ބަރެވެ. މި ބަރަށް އިންޖިނޭރުން ކިޔަނީ ”ލައިވް ލޯޑެ“ ވެ. މާނައަކީ އެކި އިރު އެކި ވަރަށް ހުންނަ ”ދިރުންހުރި“ ބަރެވެ. ދެން ތިންވަނައަށް އެންމެ މުހިއްމު ބަރަކީ ފާލަމުގައި އަޅާ ވަޔާއި މައްޗަށް ވެހޭ ވާރޭ ފަދަ މާހައުލުގެ ސަބަބުން ކުރާ ބާރެވެ. މިބަރަށް އެންވަޔަރަމަންޓަލް ލޯޑު އޭ ކިޔައެވެ. މިހުރިހާ ބަރެއް ހިފަހައްޓަން ޖެހޭނީ މަކުޑިންނެވެ. މަކުޑީގެ ސައިޒު ކަނޑައަޅާނީ ހުރިހާ ބަރުދަނެއް ހިސާބު ކުރުމަށްފަހު އެވެ. ކުރީ މަޒުމޫނުގައި ދެންނެވި ފަދައިން މި މަކުޑިއަކީ ކަނޑަށް ޖަހާ މުޑިތަކުގެ ކޮޅުތައް އެއްކޮށްލަން އަޅާ ކޮންކްރީޓް ގަނޑެކެވެ. މިއަށް އިނގިރޭސިބަހުން ކިޔަނީ ޕައިލް ކެޕް އެވެ. ”މުޑީގެ ތާކިހާ“ އެވެ. ކުރެހުމުގައި ދައްކާފައި އެވަނީ މެދުގައިވާ މަކުޑިއަށް ކުރާ މައިގަނޑު މި ތިން ބާރެވެ.
މަތީގައިވާ ފާލަމުގެ ބައިގެ ދިގުމިނަކީ 180 މީޓަރެވެ. ފާލަމުގެ ފުޅާމިނަކީ ގާތްގަޑަކަށް 21 މީޓަރު ނަމަ، ފާލަމުގެ ޑެކް އާއި ބޯކު އާއި ދެބޯކުގެ ދުނި ގުޅޭ މަކުޑީގެ (ޕައިލް ކެޕްގެ) ބަރުދަނަކަށް ވާނީ ގާތްގަޑަކަށް 7000 ޓަނެވެ. ފާލަމުގެ މި ބައިގެ މައްޗަށް އަރާ ހުރިހާ ލޮރީއަކާއި އެހެން އުޅަނދު ފަހަރުގެ ބަރަށް ބަލައި، އަދި ވަޔާއި ވާރެއިން ކުރާނޭ ބާރަށް ބަލައި، މަކުޑިއަށް ކުރާ އެންމެ ބޮޑު ބުރަދަނަކަށް ވާނީ ގާތްގަޑަކަށް 8000 ޓަނެވެ. ފާލަން ހަދަން ބޭނުންކުރަނީ ކޮންކްރީޓްގެ ތެރެއަށް ބާވަތެއްގެ އަޅިއެއް އަޅާފައި ހުންނަ ބާރުގަދަ ކޮންކްރީޓް އެކެވެ. އާދައިގެ ކޮންކްރީޓު ބޭނުން ކުރިއަސް، ކޮންމެ އަކަމީޓަރަކުން 2500 ޓަނުގެ ބަރުދަން ހިފައެވެ. އެހެންކަމުން، މުޑިއަށް ކުރާ ބާރު ހުރަސް އޭރިޔާގައި 3.2 އަކަމީޓަރު ހުންނަ އެއް ތަނބުން ހިފަހައްޓާނެއެވެ. މިއީ ވަށް ކޮންކްރީޓް މުޑިއެއްނަމަ، ޑައެމީޓަރުގައި ނުވަތަ ދިގުހުރަހުގައި ދެ މީޓަރު ހުންނަނިކޮށް ފުދޭނެއެވެ. ނަމަވެސް، އެއް މުޑީގައި މި ބަރު ހިފެހެއްޓުން ރަނގަޅުވާނެތޯއެވެ؟
އެއް މުޑީގެ މަތީގައި ބަރު އެއްޗެއް، ނުބެހެއްޓޭނޭ ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ، މުޑި ކިތަންމެ ވަރުގަދަޔަސް، ފަސްގަނޑު ދޫ ނަމަ، މުޑި މައްޗަށް ބަރެއް ލާއިރަށް މުޑި އަޑިއަށް ގަނބާނެއެވެ. ޗަކަސް ބިންގަނޑެއްގައި، ތިބާއަށް ނުހިނގެނީ ފައިގެ ކަށިތަކުގައި ވަރު ނެތިގެންނެއް ނޫނެވެ. ބިންގަނޑުގައި ވަރު ނެތިގެންނެވެ. ރާއްޖޭގެ ބިންގަނޑު ތޮރުފައިގެން އެތައް ފަހަރަކު ބިންގަނޑުގެ އަޑި ބަލައިފިއެވެ. ޚުދު އަޅުގަނޑުވެސް ތޮރުފިތަނާއި ތޮރުފިމީހުން ލިޔެފައިވާ ރިޕޯޓް ބެލީމެވެ. މާލޭގެ އެތައް ހިސާބެއް 60 މީޓަރު އަޑިއަށް ތޮރުފައިގެން ނަގާ ވެއްޔަކީ ވެސް ހަމަ އަކިރި/ހިރިއެވެ. ”ކޮރަލް“ އެވެ. މަތީގައި ހުންނަވެލި ހާ ދޫ ނުވިއަސް، އެއްޗަކީ އަކިރިއެވެ. އެހެންކަމުން، ރާއްޖޭގައި މާ ބަރު ފާލަމެއް ނުވަތަ ޢިމާރާތެއް ބިނާކުރަންޏާ ޖެހޭނީ އަންނިވި ދެގޮތުން ކުރެ އެއްގޮތެއް ހަދާށެވެ.
މަޑު ފަސްގަނޑުގައި އުސް ޢިމާރާތް ކުރާގޮތް
ދުނިޔޭގެ ކޮންމެ ތަނެއް ކޮނުނަސް އެންމެ އަޑީގައި ހުންނާނީ ހިލައެވެ. މި ހިލަ ބިންގަނޑުގައި ކޮޅު ވިދެންދެން މުޑިޖަހަނިކޮށް، ދުނިޔޭގެ އެންމެ އުސް ޢިމާރާތްވެސް ދިވެހި ފަސްގަނޑުގައި ހެދި ދާނެއެވެ. ނަމަވެސް، މި ހިލަ ފަށަލަ ”އަތުޖެހޭނީ“ ކިހާ އަޑިއަކަށް މުޑި ޖަހައިގެންނެއް ކަމެއް ނޭނގެއެވެ. ކޮންމެއަކަސް 60 މީޓަރު އަޑިއަށް ވުރެ މި ހިލަ ފަށަލަ ވަނީ އަޑީގައެވެ. ހިލަފަށަލަ އާ ހިސާބަށް ފޯރާހާ ދިގު މުޑިތައް ޖެހުމަކީ ޚަރަދު ބޮޑު ކަމެކެވެ. އެހެންކަމުން މިގޮތް ރަނގަޅެއް ނޫނެވެ.
އައިސް ކްރީމް ތައްޓަކަށް ތިބާ އުލެއް ނުވަތަ ސަމުސަލެއް ކޮއްޕަވާލަ ބައްލަވާށެވެ. ފާހަގަ ކުރެއްވޭނޭ ކަމަކީ، އަޑިއަށް ދިޔަ ވަރަކަށް ކޮއްޕަށް އުނދަގޫ ވަމުން ދާކަމެވެ. ދޮން ވެލި ފުންޏަކަށް ދަނޑިއެއް ކޮއްޕުމުން ވެސް މިކަން ފާހަގަ ކުރެއްވޭނެއެވެ. ވާގޮތަކީ، ދަނޑީގެ ބޭރުގައިވާ އަޑިގުޑަންތަކުގައި ވެލިފުއްތައް ވިދި ވެލިފުއްތަކާ އެކީ ކޮއްޕަންޖެހެނީއެވެ. އަޑިއަށް ދިޔަ ވަރަކަށް ކޮއްޕަން ދަތިވެއެވެ. އެއީ ގިނަ ވެލިފުއް ދަނޑީގައި ފިތޭތީއެވެ. މިގޮތަށް ދަނޑި އަޑިއަށް ކޮއްޕުން ހިފަހައްޓާ ބާރަށް ކިޔަނީ ފްރިކްޝަން އެވެ. އެއީ، އެއްޗެއް އެހެން އެއްޗެއްގައި ކޭއްތުމުން އެ ކޭއްތުން ހިފަހައްޓާ ބާރެވެ. ދަނޑި ދިގުވިވަރަކަށް ހިފެހެއްޓުން ނުވަތަ ފްރިކްޝަން މަތިވެއެވެ. މިއީ ޗަކަސް ބިމަކަށް ދަނޑިއެއް ކޮއްޕުމުން ވެސް ކުރެވޭނޭ ތަޖުރިބާއެވެ. އަޅުގަނޑުމެންނަށް ޗަކަސް ބިމެއްގައި ވެސް، އުސް ޢިމާރާތެއް މުޑިޖަހައިގެން ކުރެވިދާނެއެވެ. ހަދާނެ ގޮތަކީ، މުޅި ޢިމާރާތުގެ ބަރު ހިފާހާ ގިނައިން އަދި ފުންކޮށް މުޑިޖަހާ މުޑިމަތީގައި ޢިމާރާތް ކުރާނީއެވެ. ކޮންމެހެން މުޑީގެ ކޮޅު ހަރު ހިލަ ވެލިގަނޑެއްގައި ޖެހޭކަށް ނުޖެހެއެވެ. ދޫ ވެލިގަނޑު ހުންނަ ތަންތަނުގައި އުސް ޢިމާރާތް ކުރަނީ މިގޮތަށެވެ.
މާލޭގައި މީގެ ދިހަވަރަކަށް އަހަރު ކުރިން ”ހޮލިޑޭ އިން“ ކިޔާ ކުންފުންޏަކުން ހޮޓަލެއް އެޅިއިރު، އެ ހޮޓާ އެޅީވެސް، މިދެންނެވި ބާވަތުގެ ފްރިކްޝަން މުޑިތަކެއް ބިމަށް ޖަހައިގެންނެވެ. އަދި، 13 ބުރިއަށް އެޅި ވެލާނާ ބިލްޑިންގ އެޅީވެސް ބިމަށް މި ބާވަތުގެ މުޑިތަކެއް ޖަހައިގެންނެވެ. ފުރަތަމަ ބައި މީހުން ބިމަށް ދަގަނޑު މުޑިޖެހީ ހައިޑްރޯލިކް މަރުތޭލަކުންނެވެ. ވެލާނާ ބިލްޑިންގ އަޅަން މުޑިޖެހީ ބަރެއް މުޑި މައްޗަށް ވައްޓައިގެންނެވެ. ދެފަހަރުވެސް، އަވައްޓެރިންނަށް އުނދަގޫވެގެން އެ ޝަކުވާ ކޮށްފައި ވެއެވެ. ދިވެހި ފަސްގަނޑުގެ މަޑުކަން ހާމަވާ އެއްކަމަކީ، މިއަހަރު 25 ބުރީގެ ޢިމާރާތެއް މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލް ކައިރީގައި އަޅަން މުޑި ޖަހާ ގޮތުންނެވެ.
މި 25 ބުރީގެ ހޮސްޕިޓަލުގެ ޢިމާރާތް އަޅަންޖަހަނީ، ކޮންކްރީޓް މުޑި ހޮޅިއެވެ. މިއިން މުޑިއެއް ފަންސަވީސް ފޫޓަށް ވުރެ ދިގެވެ. ބޯމިނުގައި ހަތަރުއިންޗި ހުރެއެވެ. ބައެއް ހޮޅިތަކުގައި ދޮޅު ފޫޓު ދިގުހުރަހުގައި ހުރެއެވެ. ބިމަށް މި ވައްދާލަނީ، މުޑި ޖަހަންވީ ތަނަށް ބަރުބޮޑު މެޝިނެއް ގެންގޮސް، ހޮޅީގައި ހައިޑްރޯލިކް ދަތްގަޑަކުން ހިފައި، ހޮޅިއަށް ބާރުލާ މެޝިނުގަނޑު މައްޗަށް އަރަން ހިފާ ބާރުންނެވެ. މި މެޝިނުގަނޑާއި އޭގެ މަތީގައި ހުރި ކޮންކްރީޓް ބަރުތަކާއި އެހެން ތަކެއްޗާ އެކު ބަރުދަނުގައި ޖުމުލަ 50 ޓަނު ވަރު ހުންނާނޭހެން ހީވެއެވެ. މެޝިނުގަނޑުގެ އެކަނި ބަރުދަނަކީ 35 ޓަނެވެ. މެޝިނުން ހިފުމުން ހޮޅި އަޑިއަށް ވަދެގެން ދަނީ އަޑުކިޔުމެއް ނެތިއެވެ. އައިސްކްރީމް އަށް އުލެއް ވަންނަ ފަދައިންނެވެ. ތިރީގައި އެވަނީ މުޑި ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. މިބާވަތުގެ މުޑިޖަހާ މެޝިނަށް ކިޔަނީ ހައިޑްރޯލިކް ސްޓެޓިކް ޕައިލް ޑްރައިވަރެވެ.
25 ބުރީ ޢިމާރާތުގައި ބޭނުން ކުރުމަށް 60 ވަރަކަށް މުޑި ގެނެސްފައިވެއެވެ. މި މުޑިތައް ޖެހުމަށް ފަހު، ދެން ހުރިހާ މުޑިއެއް ގުޅާލާނީ ބޮޑު ކޮންކްރީޓް ގަޑަކުންނެވެ. އެއީ ފާލަން ހަދާއިރު މުޑިތަކުގެ މަތި ގުޅާލާ މަކުޑީގެ ބޭނުން ފަދައިން ޢިމާރާތުގެ ބަރު ހުރިހާ މުޑިއަކަށް ފަތުރަން ކުރާކަމެކެވެ. މާ އުސްނޫން (މިސާލަކަށް 10 ވަރަކަށް ބުރީގެ) ޢިމާރާތްތައް ކުރަން މުޑި ޖަހާކަށް ނުޖެހެއެވެ. އެކިބައި އެކިވަރަށް ގަބާފާނެތީ، މިފަދަ ޢިމާރާތްތައް ކުރަނީ، ކުރީ ޒަމާނުގައި ހުވަދޫ އަތޮޅުގެ މީހުން ކައިރީގައިވާ ރަށްރަށަށް ދަތުރުކުރަން ގެންގުޅުނު ކަދުފަތީގެ ގުޅިތައް އެކުވާގޮތަށް އައްސާފައި ހުންނަ ފަދައިން ބެރިތައް ގުޅުވާލައިގެންނެވެ. ކޮންކްރީޓް ބެރިތައް އެކަތިގަޑަކަށް ވާ ގޮތަށް ގުޅުވަނީވެސް ކޮންކްރީޓުންނެވެ. މިބާވަތުގެ ބިންގަލަށް ކިޔަނީ ކަދުފަތި (ރާފްޓް) ބިންގައު (ފައުންޑޭޝަން) އެވެ. ބިންގަޑު ހަރު ޤައުމުތަކުގައި، މިސާލަކަށް ޕާކިސްތާނުގެ ފަރުބަދަމަތީ ސަަހަރުތަކުގައި ފަނަރަވަރަކަށް ބުރީގެ ޢިމާރާތްތައް ވެސް ކުރަނީ މާލޭގައި ދެބުރި ޢިމާރާތް ކުރާގޮތަށް ތަނބުތަކުގެ ބުޑު ފަތާކޮށްލައިގެންނެވެ. ބިންގަނޑު، ގަނޑު ފެނުން އުފެދިފައިވާ ޤައުމުތަކުގައި ވެސް، ބުރިބުރިއަށް އައިސްގަނޑަށް ދަގަނޑު މުޑި ޖަހައިގެން ޢިމާރާތް ކުރެއެވެ.
އެންމެ މުޑިއެއްގައި ފާލަމުގެ މަކުޑި ނުބޭއްވެނީ މުޑީގައި ވަރު ނެތީމަކާ ނޫނެވެ. ބިންގަނޑުގައި ވަރުނެތީމައެވެ. މުޑި ކަނޑުގެ އަޑީ ވެލިގަނޑުގައި ބޮޑަށް ހަރުލާނީ، ވެލީގައި ޖެހޭ ތަން ބޮޑުވިވަރަކަށެވެ. މިތަން ބޮޑުވާނީ މުޑި ފަލަވި ވަރަކަށެވެ. އެހެންކަމުން، އަރިމަތީގެ ފްރިކްޝަނުން މަކުޑިއަށް ކުރާ ބާރު ހިފެހެއްޓޭ ވަރަށް މުޑިތައް ގިނަ ކުރަންޖެހެއެވެ. އަދި އެހާ ފަލަ ކުރަންޖެހެއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ މުޑީގެ ބޭރު ދަގަނޑު ހޮޅިއެވެ. މިގޮތަށް ޖަހާ ހޮޅިއަށް ކިޔަނީ ”ކޭސިން“ އެވެ. ކަރަންޓު ނަރު ލާން ހުންނަ ކޭސިން ފަދައިން މިއީ މުޑީގެ ތޮށިގަނޑެވެ. މިހޮޅީގެތެރެއަށް ކޮންކްރީޓް އަޅާނެއެވެ.
މި މުޑި ހޮޅީގެ ފަލަމިނަކީ ކޮބައިތޯއެވެ؟ ފޮޓޯގައި ހުއްޓިގެން ހުރި މިހާގެ އިސްކޮޅު އެނގޭތީ، ހޮޅީގެ ހުރަސް މިން ހިސާބުކުރުމުން އަޅުގަނޑަށް އެނގުނީ ދިގުހުރަހުގައި ހުރީ 3.5 މީޓަރު ކަމެވެ. ފޮޓޯގައި ބޮޑުކޮށްލާފައި އެހެރެ ބައިން ބޫޓާއި އަޅާކިޔުމުން އޭގެ ބޯމިން އެނގޭނެއެވެ. އެއީ ގާތްގަޑަކަށް ދެ އިންޗިއެވެ. މިވާހަކަ މިހާ ފާހަގަވާ ގޮތަށް މިދަންނަވާލީ، ބައެއް މީހުން ހޮޅިތަކުގެ ބޯމިނަކީ ހަތަރު އިންޗިކަމަށް ކިޔާތީއެވެ. ހޮޅީގެ ބޯމިނުގައި ހުންނަންޖެހޭނީ ގާތްގަޑަކަށް ދެ އިންޗިކަން އަޅުގަނޑަށް ޔަޤީންވާ ސަަބަބަކީ، އެއް އިރެއްގައި ދުނިޔޭގެ އެންމެ އުސް ޢިމާރާތެއް ކަމަށްވި، ވާރލްޑް ޓްރޭޑް ސެންޓަރު ގެ ބުޑުތަކުގައިވާ ހޮޅިތަކަކީ ވެސް ދެއިންޗި ބޯ ހަތަރެސްކަން ހޮޅިތަކެއްކަން އެނގޭތީއެވެ. މި ވާރލްޑް ޓްރޭޑް ސެންޓަރު ހަދާފައިވާލެއް ގަދަކަމުން، މަތިންދާ ބޯޓެއް ޖައްސައިގެން ވެއްޓުނީ ނޫންކަމާއި ނޭންގާނީ ބަޔަކު ހަނގުރާމައެއް ފަށަންވެގެން ގޮއްވާލިކަމަކީ އިންޖިނޭރުންނަށް މިހާރު ޔަޤީން ވެފައިވާ ކަމެކެވެ. އެހެންނޫނަސް، މި ހޮޅިއަކީ މުޑިއަށް އަޅާ ކޮންކްރީޓް ހިފަހައްޓަން ބޭނުންކުރާ ދާފަރާއެއް ނުވަތަ ކޭސިން އެކެވެ. އަޞްލު ބަރު ހިފަހައްޓަނީ މިހޮޅިއަކުން ނޫނެވެ. އެއަށް އަޅާ ކޮންކްރީޓުންނެވެ. އަނެއްކާ ހޮޅީގެ ބޯމިނަކީ ހަތަރު ސެންޓިމީޓަރުކަމަށް ބުނަން އުޅެނިކޮށް އިންޗިކަމަށް ބަޔަކަށް ބުނެވުނީ ބާވައެވެ؟
އެއް މުޑީގެ މަތީގައި ބަރު އެއްޗެއް، މިސާލަކަށް ފެން ތާނގީއެއް ބަހައްޓައިފިނަމަ، އެ ހޫރުން ވަރަށް ގާތްވާނެއެވެ. ގަދަޔަށް ވައި ޖެހޭތަނެއް ނަމަ، މަތީގައިވާ ބަރުގެ ސަބަބުން އަރިއަޅާލާ، ވެއްޓުމުގެ ފުރުޞަތު ވަރަށް ބޮޑު ވާނެއެވެ. މީގެ އިތުރަށް ވަޔާއި އޮއި ގަދަ ހިސާބެއްގައި މިފަދަ މުޑިއެއް ޖަހައި މައްޗަށް ބަރެއް އަރުވައިފިނަމަ، ވެއްޓުމުގެ ފުރުޞަތު ވަކިން ބޮޑުވާނެއެވެ. އެހެންކަމުން، މާލެއާ ވިލިގިއްޔާ ދެމެދު، އެ ދެމޭ އޮއިގައި އެއް ހޮޅިއެއްގައި ފާލަމެއް އަޅާކަށް ނުވާނެއެވެ. ރާއްޖެތެރޭގެ ގޭގޭގެ ފާޚާނާއަށްފެން ގެންދަން ވިސްނުން ރަނގަޅު މީހުން ފެންހަރު ބަހައްޓާފައި ހުންނަނީ އެންމެ ދަގަނޑެއް ނުވަތަ ތަނބެއްގައި ތޯއެވެ؟ އެއް ތަނބުގައި ވެސް ފެން ތާނގީ ހިފަހައްޓާހާ ބަރު ހުންނާނެއެވެ. އެހެންނަމަވެސް، ލޮޅުން ކުޑަކުރުމަށްޓަކައި، ހަތަރު ތަނބު ޖަހައެވެ. އަދި ލޮޅުން ކުޑަވާނީ ތަނބުތައް ސީދާ ތެދަށް ހުރުމުގެ ބަދަލުގައި، ކަތިކޮށް ފައިތައް ފޭކޮށް، އަރިއަށް ހުރުމުންނެވެ. ހަރުގަނޑު ތަނެއްގާ ލައްގާ ފަދަ ގޮތަކަށެވެ. ފުންތަންތަނުގައި ފާލަން އަޅާއިރު މުޑިތައް ޖަހަނީ މިގޮތަށެވެ. ކަތިކޮންނެވެ.
މަތީގައިވާ ކުރެހުމުން މެދުގައިވާ ދެ މުޑި ތެދުކަމަށް ދެއްކިއަސް އެ ވެސް ޖަހާފައިވަނީ ބޭރަށް ކަތިވާ ގޮތަށެވެ. މިގޮތަށް ކުރިމަތީގައި ވެސް ދެ މުޑި ހުންނާނެއެވެ. މުޑިތައް ކަތިކުރާ މިންވަރު ބިނާވަނީ ކަނޑުގެ ފުންމިނުގެ މައްޗަށެވެ (މުޑިތަކުގެ ދިގު މިނުގެ މައްޗަށެވެ). ކަތިމިން ބަހައްޓަނީ އޮލަނބުން 6 ދަރަޖަ އާއި 20 ދަރަޖަ އާ ދެމެދުއެވެ. ކަތިމިން ބޮޑުވި ވަރަކަށް މުޑި ޖަހަން އުނދަގޫ ވެފައި ޚަރަދު ބޮޑުވާނެއެވެ. މާލޭ-ހުޅުލޭ ފާލަމުގައި މި އުނދަގޫ، ޚަރަދު ބޮޑު ގޮތަށް މުޑިތައް ޖަހާނެބާވައެވެ؟
މާލެއާއި ހުޅުލެއާ ދެމެދުވާ ސަރަޙައްދުގެ ފުންމިނާއި މުޑިތައް ޖަހާގޮތް
މާލެއާއި ގާދޫ އާ ދޭތެރޭގައި އޮތް ސަރަޙައްދަކީ މާލެ އަތޮޅުން ބޭރަށް ނުކުންނަ ނެރެކެވެ. ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަތޮޅުތައް ހެދިފައި ހުންނަނީ އެކި ބައްޓަމަށް ހުންނަ ބުރެއްގެ ތެރޭގައެވެ. މި ބުރުގެ އެތެރެ، އެތެރެވަރި، ފުނެވެ. މިބުރުގެ އަރިމަތީ ސަރަޙައްދަކީ ތިލަ ތަންތަނެވެ. ރަށްތައް ހުންނަނީ އަރިމަތީ ގައެވެ. މިއީ ގިނަ އަތޮޅުތައް ހެދިފައި ހުންނަގޮތެވެ. އެހެންކަމުން، މާލެއާއި ގާދޫ އާ ދެމެދު މާ ފުނެއް ނުވާނެއެވެ. ތިރީގައި އެވަނީ މާލިމީން މިޒަމާނުގައި ދަތުރުކުރަން ގެންގުޅޭ އިލެކްޓްރޯނިކް ޗާޓަކުން މިސަހައްދެވެ. ފާހަގަ ކުރެއްވޭނޭ ކަމަކީ ފާލަން އަޅާ ހިސާބުގެ އެންމެ ފުންމިނުގައި ހުރީ 37 މީޓަރު ކަމެވެ.
މިފަދަ ޗާޓުތަކުގައި ކުރަހާފައި އެހުންނަ ރޮނގުތަކަކީ އެއް ފުންމިން އަންގާދޭ ރޮނގުތަކެކެވެ. އެ ފަދަ ރޮނގުތަކަށް ކިޔަނީ އައިސޯބާތު އެވެ. ޗާޓުން ފާހަގަ ކުރެއްވޭނޭ ފަދައިން، 37 މީޓަރު ގެ ފުންމިނުގައި ފުޅާ ސަރަޙައްދެއް ވެއެވެ. މާލޭ ކައިރިން ކަނޑު ފުންވަމުން ދަނީ މަޑުމަޑުންނެވެ. ހުޅުލޭ ފަރާތުން މާލެއާ ކައިރިވި ވަރަކަށް އަވަހަށް ފުން ވެއެވެ. މިރޮނގުތައް، ސެޓެލައިޓް ފޮޓޯއެއްގެ މައްޗަށް އަރުވައިފިނަމަ، ތިޔަ ބޭފުޅުންނަށް ފުން ތަންތަން މާ ފަސޭހައިން ފާހަގަ ކުރެއްވޭނެއެވެ. މިހާރުގެ ސެޓެލައިޓް ފޮޓޯތަކުގައި ފާލަން އަޅަން ބޭނުންކުރާ ޕްލެޓްފޯމުތައް ފެންނަން ހުރެއެވެ. ފުންމިން އަންގާދޭ ރޮނގުތައް ހުންނަ ޗާޓަކުން، ކަނޑުގެ ފުންކަން ފާހަގަވާ ގޮތަށް ހުރަސް ކުރެހުމެއް ކުރެހުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ތިރީގައިވަނީ އެފަދަ ކުރެހުމެކެވެ. އަޅުގަނޑު މިކުރެހުން ކުރެހީ ނެވިކަމުގެ ޗާޓު ބަލައިގެންނެވެ. މި ޒަމާނުގައި ދޯނިފަހަރުގައި ހުންނަމަސްއުޅޭތޯ ބަލަން ގެންގުޅޭ ބާވަތުގެ ޚާއްޞަ އެއްޗަކުން، ވަރަށް ބަރާބަރަށް މި ފުންމިން ބެލޭނެއެވެ.
މައިގަނޑު މުޑިތައް ޖަހާތަންތަން ކުރެހުމުގައި އެވަނީ ރަތް ކުލައިގެ ރޮނގަކުން ފާހަގަ ކޮށްފައެވެ. ދެން ހުންނާނީ އެޕްރޯޗް ފާލަންނުވަތަ ބޯކު ފާލަމަށް އަރާ ބައެވެ. މިބައިގެ މުޑިތައް ގާތުގައި ޖަހާތީ އެހާ ބޮޑެއް ނުވާނެއެވެ. ދިގުހުރަސްގައި ހުންނަނީ ހަތަރު ފޫޓާއި ހަފޫޓެވެ. ބަރު ހިފަންޖެހޭ މިންވަރަކުން ފަލަކޮށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެންމެ ދިގު މުޑިތަކުގައި ކުރުވެގެން 37 މީޓަރު ހުރެފައި އަދި ބިމަށް ޖަހާނެތަން އޮންނަން ވާނެއެވެ. ފާލަން އަޅަން ގެނެސްފައިވާ ބައެއް މުޑިތަކުގައި 70 ވަރަކަށް މީޓަރު ހުރެއެވެ. އެހެންކަމުން، މުޑީގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި (100 ވަރަކަށް ފޫޓު) ބިމުގެ އަޑިއަށް ޖަހާނެއެވެ. ނަމަވެސް މި އޮންލައިން ޚަބަރުގައި، ބިމުގެ އަޑިއަށް 100 މީޓަރަށް މުޑިތައް ޖަހާނެކަމަށް ލިޔެފައި ވެއެވެ. 100 މީޓަރަކީ މިހާރު ގެނެސްފައިވާ ހޮޅިތަކަށް ވުރެ ދިގު މިނަކަށް ވާތީ، މި ވަރި ބޯ ހޮޅިތައް ގުޅުވައިގެން ނޫނީ ނުޖެހޭނެއެވެ. ދެން އަޅުގަނޑު ދަންނަވާލާނީ ބޮޑެތި މުޑި ޖަހާ ގޮތާއި އެއަށް ކޮންކްރީޓް އަޅާގޮތެވެ.
މުޑިތައް ޖެހުމަށްޓަކައި، އެންމެ ފުރަތަމަ ޖަހަނީ ދަގަނޑު ހޮޅިއެވެ. މި ހޮޅީގެ ދިގުމިނަކީ ގާތްގަޑަކަށް 70 ވަރަކަށް މީޓަރެވެ. ކުރިން ދެންނެވިހެން ބޯމިނުގައި ހުންނަނީ ގާތްގަޑަކަށް ދެ އިންޗިއެވެ. ބަނޑެއްގައި ހަރުކޮށްފައިވާ ސޭލާއަކުން ހޮޅި ގެންގޮސް އޭގެ ބުޑު ހުންނަންވީ ތާނގައި ޖެއްސުމަށް ފަހު، ހޮޅި ވަށައިގެން މަތިން ހިފަހައްޓައެވެ. ދެން އެއަށްފަހު، ހޮޅީގެ މަތީގައި ހަރުކުރަނީ ހައިޑްރޯލިކް (ތެލުން ހިންގާ) މަރުތެޔޮތަކެކެވެ. ހޮޅިވަށައިގެން މި މަރުތެޔޮތައް ހަރުކުރުމަށްފަހު، ޖަހަން ފެށުމުން ގަޑިއެއްގެ ތެރޭގައި ވިއްސަކަށް މީޓަރު އަޑިއަށް ދެއެވެ. ތިރީގައި އެވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ހޮޅީގެ ކޮޅުގައި މަރުތެޔޮތައް ހަރުކޮށްފައިވާ ތަނެވެ. ހޮޅިޖެހުމަށްޓަކައި، ޑީސަލުން ހިންގާ މަރުތެޔޮ ވެސް ބޭނުން ކޮށް އުޅެއެވެ.
ހޮޅިޖަހަންވީތަން ބަލަނީ ޖީޕީއެސް ބޭނުންކޮށްގެންނާއި މަގުހަދާމީހުން ބޭނުންކުރާ ތިންފައި މަތީގައި ބަހައްޓާ ދުރުމިލީ ތިއޮޑޮލައިޓެއް ބޭނުންކޮށްގެންނެވެ. ހޮޅިޖެހުމަށް ފަހު، އޭގެ ތެރޭގައިވާ ވެލިތަކާއި އަކިރިތައް، ކޮންކްރީޓް އެޅުމަށްޓަކައި ނަގަންޖެހޭނެއެވެ. މިކަންކުރަނީ ބަކެޓް އޯގަރ (ބާލިދީ ފޮނުމަ ނުވަތަ އަގޯރު) ކިޔާ އެނބުރުމުން ވެއްޔާއި ގައު ފަލަ ދަޅަކަށް އެޅޭ އެއްޗެއް ބޭނުންކޮށްގެންނެވެ. ތިރީގައި އެވަނީ މީގެ ފޮޓޯއެވެ. މިއޮތީ މިފަދަ އެއްޗެއް މަސައްކަތްކުރާ ގޮތް ދައްކުވައިދޭ ވީޑިއޯ އެކެވެ.
ދެން އެއަށްފަހު، ކުރިން ބަނދެ ތައްޔާރުކޮށްފައިވާ ކޮންކްރީޓްތެރެއަށްލާ ދަގަނޑު ދައުގަނޑު، ސޭލާއަކުން ނަގާ ހޮޅީގެ ތެރެއަށް ލުމަށްފަހު، ކޮންކްރީޓް އަޅަނިކޮށް ނިމުނީއެވެ. ކޮންކްރީޓް އަޅާނީ މަކުޑި އާ އެކުއެވެ.
ކަނާތް ފަރާތު މަތީގައިވާ ފުރަތަމަ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މުޑީގެ ތެރެ ކޮންކްރީޓް ކުރުމަށްޓަކައި ބަދެފައިވާ ދަގަނޑު ދައުގަނޑެވެ. ވާތް ފަރާތުގައި އެވަނީ ދައުގަނޑު ހޮޅިއެއްގެ ތެރެއަށް ލާ ތަނެވެ. ތިރިން ކަނާތްފަރާތުގައި އެވަނީ ކޮންކްރީޓް އަޅަމުންދާ މުޑިއެކެވެ. ވާތް ފަރާތުގައި އެވަނީ މުޑިތައް އެއްކޮށްލާ މަކުޑިއަށް ކޮންކްރީޓް އަޅަމުންދާ ތަނެވެ. މިއީ ބަންގްލާދޭޝްގައި ޗައިނާ މީހުން ހެދި ފާލަމެއްގެ ފޮޓޯތަކެކެވެ. ރާއްޖޭގެ ފާލަމުގައި ވެސް ބޭނުންކުރާނީ ދާދި އެއްގޮތްތަކެކެވެ. މި ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖެހިޔަ ނުދޭން ރެސިން ލާފައެއް ނުވެއެވެ.
މުޑިތައް ގުޅާލަން އަޅާ ކޮންކްރީޓު މަކުޑި
ކުރިން ދެންނެވިހެން، މުޑިތައް ގުޅާލަން ކޮންކްރީޓް މަކުޑިއެއް އަޅަން ޖެހެއެވެ. ފާލަން ހިފަހައްޓަން މިއިން މަކުޑިއެއްގައި ވިއްދާނީ ކިތައް މުޑިތޯއެވެ؟ އެކި ފަރާތްފަރާތަށް މަކުޑި ކަތި ވިޔަ ނުދިނުމަށްޓަކައި، އެކި ދިމާއިން މުޑި ޖަހަން ޖެހެއެވެ. މުޅިންހެން ޖަހަނީ ކޭލި ހަމަވާ ނުވަތަ ހިރި ޢަދަދުތަކުގެ މުޑިއެވެ. ހަތަރު މުޑިއެވެ. ނުވަތަ ހަ މުޑިއެވެ. ނުވަތަ އަށްމުޑިއެވެ. މި ޢަދަދުތައް ހިފަހައްޓާ ސަބަބަކީ، ފާލަމުގެ ތިރީގައި މަކުޑި ވިއްދަނީ ހުރަހަށް ވާތީއާއި، ހުރަސް މަކުޑިއެއްގައި ހަމައަށް ބާރުލިބޭ ގޮތަށް ޖެހެނީ ހިރި ޢަދަދުގެ މުޑިކަމަށްވާތީއެވެ.
މަތީގައިވާ ފޮޓޯ އަކީ ފާލަން ހަދާމީހުން، އެކަން ކުރާނެގޮތް ހާމަކުރަން ހަދާފައިވާ ވީޑިއޯގެ ފްރޭމް (ފޮޓޯ) އެކެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން މުޅި އެކު ޖަހަނީ ޖުމްލަ ހަ މުޑިއެވެ. އެހެންކަމުން މުޅިއެކު ހަހޮޅިއެވެ. [ނަމަވެސް، “ސަން” ގެ މި ރިޕޯޓްގައިވަނީ ހަތް ހޮޅިކަމަށެވެ.] މަކުޑީގެ ތައްގަނޑު އެއްގަމުގައި ހަދައިގެން ލޮނުގަނޑުގެ މަތީގައި ދަމާ ގެންނާނީއެވެ. މިގޮތަށް ގެންނަ ތައްގަނޑަށް ކިޔަނީ ”ފްލޯޓް-އިން ކޮފަރޑޭމް“ އެވެ. މާނައަކީ ދުރުގައި ހަދައިގެން ފެންމަތީގައި ގެންނަ ފެންނުވަންނަ ވަރުގަދަ ފޮށްޓެވެ. ތިރީގައިވާ ފޮޓޯގައި އިތުރު މަޢުލޫމާތުވެއެވެ. އެއަށް ވުރެ އިތުރަށް ދެނެގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއޮތީ މިއީޖާދުގެ ފަންނީ ކަރުދާހެކެވެ.
މުޑިތައް ބިމުގެ ތެރެއަށް ޖަހާފައިވާ ތަނުގައި ވަޅުގަނޑެއް ހެދިޔަ ނުދިނުން
އޮއި ހުންނަ ތަނެއްގެ މޫދަށް މުޑިއެއް ޖަހައިފިނަމަ، ދުވަސްކޮޅެއްގެ ތެރޭގައި އޮއެ ދެމުމުގެ ސަބަބުން މުޑީގެ ކައިރީގައިވާ ވެލިތައް، އޮޔާ ގެންދާނެއެވެ. މިހެންވާ ސަބަބަކީ މުޑީގެ ވަށައިގެން އޮޔެ ދެމޭއިރު އޭގެ މިސްރާބަަށް އަންނަ ބަދަލެއްގެ ސަބަބުން އުފެދޭ ގޮއް އޮއިވަރަކުންނެވެ. މިގޮތަށްކަންތައްތައް ވާން ދޫކޮށްލައިފިނަމަ، ދުވަސްކޮޅެއްގެ ތެރޭގައި މުޑި ވެއްޓިދާނެއެވެ. ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ ވެލިތައް ދުރަށް ގެންދާ ގޮއް އޮއިވަރު އުފެދޭ ގޮތެވެ.
މިކަމާ ސަމާލުވާންޖެހޭ ސަބަބަކީ، ބައެއް ތަންތަނުގައި އަޅާފައިވާ ފާލަން މިގޮތަށް ވަޅުގަނޑު އުފެދިގެން ވެއްޓިފައިވާތީއެވެ. އަދި، މާލޭ-ހުޅުމާލޭ ފާލަން އަޅާ ތަނަކީ ބައެއް ދުވަސްވަރު ވަރަށް އޮއި އޮންނަ ސަރަޙައްދަކަށް ވާތީއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ ކޯރު ހުރަސްކޮށް އަޅާ ފާލަން، މުޑިވަށައިގެން ވަޅުގަނޑު ހެދުމުގެ ސަބަބުން ވެއްޓިފައިވާ ތަނެވެ. މިގޮތަށް އުފެދޭ ބައެއް ވަޅުގަނޑުގެ ފުންމިނުގައި ފަންސާސް ފޫޓު ހުރެއެވެ. މުޑި ހަރުލަނީ މުޑީގެ އަރިމަތީ ގެ ފްރިކްޝަން އިން ކަމުގައިވާތީ، މިފަދަ ވަޅުގަނޑެއް ހެދުމަކީ ފާލަން ވެއްޓިދާނޭކަމެކެވެ. މުޑިން ފާލަން ހިފަހައްޓަނީ އޭގެ އަރިމަތީގައި ވެލިޖެހޭތީއެވެ. މުޑީގެ ކޮޅު ބިންގަޑުގައި ވިދިގެން ލިބެނީ ކުޑަ ބާރެކެވެ. ވެލިތައް އޮޔާ ގެންދިއުން ހުއްޓަން ކުރެވޭނީ ކޮން ކަމެއްތޯއެވެ؟
މި މައްސަލަ ހައްލުކުރާގޮތް މި ރިޕޯޓްގައި ވެއެވެ. އެންމެ ރަނގަޅު ގޮތެއްކަމަށް ލިޔެފައިވަނީ، މާލޭގެ ތޮށިގަނޑު ހަދާފައި ހުރިޒާތުގެ ގައު މުޑިވަށައިގެން އެތުރުމާއި ނަރުދަލުން ގޮދަނޑިއެއް ހަދާ އޭގެ ތެރެއަށް ގައު އަޅާ މުޑިވަށައިގެން ބެހެއްޓުމެވެ. ހުޅުލެ އާއި މާލެއާ ދެމެދު ވެލިއޮންނަނީ މެދުތެރޭގައެވެ. އަރިމަތީގައި ހުންނާނީ ހިރިއެވެ. އަރިމަތީގައި ވެލި ހުރިނަމަ، އެ ދެމެދަށް އޮޔާއެކު ވެލިތައް ފައިބާނެ ނޫންތޯއެވެ؟
ފާލަން އަޅާ ދިމާ ފަދަ އޮއިގަދަ ހިސާބަކު، މުޑިތަކުގެ ބުޑުން ވެލި ދެމުނަ ދޭން ދޫކޮށްލައިފިނަމަ، މުޑިތަކުގެ ބާރުދާނެއެވެ. މުޑިން ބާރު ނުހިފޭގޮތް މެދުވެރިވެދާނެއެވެ. މި މިމައްސަލަ ޙައްލުވާނެ އަނެއް ގޮތަކީ، ވަރަށް ފުންކޮށް މުޑި ޖެހުމެވެ. ޔޫރަޕުގެ ގިނަ ފާލަންތައް ހަލާކުވާން ދިމާވާ ސަބަބަކީ މިފަދަ ދައުރުވާ ލޮނު ނުވަތަ ފެނުގެ ސަބަބުން ދިމާވާ މައްސަލަތަކުން ކަމަށް މި ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
ނިންމާލުން
މާލެ-ހުޅުލޭ ފާލަމާ ބެހޭ ގޮތުން މި މަޒުމޫނުގައި ބަލާލައިފައިވާނީ ކަނޑުގެ ސަޠަޙައިން އަޑީގައިވާ ބައިތަކުގެ ސައިންސެވެ. މިގޮތުން އަންދާޒީގޮތެއްގައި، ފާލަމުގެ އެންމެ ބަރު ހިސާބުގެ ބަރުދަން ހިފަހައްޓާ މަކުޑި (ޕައިލް ކެޕް) އާއި މި މަކުޑި ކޮންކްރީޓް ކުރާ ގޮތެވެ. އަދި ކަނޑުގެ އަޑިއަށްޖަހާ މުޑި ޖަހާ ގޮތާއި އެއަށް ކޮންކްްރީޓް އަޅާގޮތެވެ. އެންމެ ފަހުން މިބަޔާން ކުރީ އޮއިގެ ސަބަބުން މުޑިތަކުގެ ވަށައިގެން ހެދޭނޭ ވަޅުގަނޑު، ހެދުނަނުދޭނޭ ގޮތެވެ.
ކަނޑު އަޑީގައިވާ ބައިތަކުގެތެރެއިން އަޅުގަނޑަށް ދަންނަވާލެވިފައި ނުވާނީ، ބޯކުތަކަށް އަރަން އޮންނަ (އެޕްރޯޗް) ބައިގެ މުޑިތަކުގެ ވާހަކައެވެ. މި މުޑިތައް ޖަހަނީ ހަަތަރު ފޫޓާއި ހަ ފޫޓު ދިގުހުރަހުގައި ހުންނަ ހޮޅި ބޭނުންކޮށްގެންނެވެ. އެއީ މިބައި ހުންނަނީ ތިލަ ހިސާބުގައި ކަމަށްވާތީ، މުޑިތައް ކުރުވެފައި ކައިރިކައިރީގައި ޖެހޭނެތީއެވެ. ތިލަ ހިސާބުގައި އަޅާ ފާލަމުގެ ތިރިން ވިއްދާ ކޮންމެ ތަނބެއްގެ ދަށުގައިވާ މުޑި ހިފަހައްޓަނީ ހަތަރު މުޑިންނެވެ. ނަމަވެސް ފުންވާން ފެށުމުން ހަ މުޑި ޖަހައެވެ. ތިރީގައި އެވާ ދެ ފޮޓޯއަކީ ފާލަން އަޅާމީހުން ހާމަކުރި ވީޑިއޯއެއްގެ ފޮޓޯއެކެވެ.
އަޅުގަނޑު މި ލިޔަމުންދާ ސިލްސިލާގެ މަޤްޞަަަދަކީ މާލެއާއި ހުޅުލެއާ ދެމެދު ހަދާ ފާލަމުގެ އެންޖިނިއަރިން އާ ބެހޭ ގޮތުން ބައެއް މަޢުލޫމާތު ވަރަށް ފަސޭހައިން ދޭހަވާ ގޮތަަކަށް މިކަންކަމަށް ޝައުޤު ހުންނަ ފަރާތްތަކަށް ގެނެސްދިނުމެވެ. ދެން ލިޔާ މަޒުމޫނުގައި ލިޔަން ޤަޞްދުކޮށްފައިވަނީ ފާލަންހަދާ ކޮންކްރީޓްގެ ވާހަކައެވެ. ފަހެ، ފާލަން ހަދަނީ އާދައިގެ ކޮންކްރީޓަކުންނޫނެވެ.
Very nice
ވަރަށް ރީތި
Very interesting
ވީޑިއޯ ޑޮކިމެންޓްރީ އެހަދާލަން ވަރަށް ހިޔާލު އެބަ އާދޭ.
vara furihama aritical eh. Thankyou Dr. Hassan Hameed
Male maguthakuga thaaru elhidhaane goi vidhaalhuve dhevva. Alhugandumenge housing mins dr.muiz vidhaalhuvany civil engineering buna gothun e ee vaane kameh noon kamah.
After reading the article I think this website (terraserver.com) might be of interest to you as it shows the latest satellite imagery of the Maldives. Might be useful to observe the bridge being built, as I see you have used a lot of images from Google Maps which are not quite up to date.
Dear Medic,
Thank you for your comment.
The images are correct only at the time of posting. Satellite images are not updated as building continues.
Thank you, once again.
Best wishes
މިވަރުގެ ކަމެއް ކޮށަލާނެ ހިތްވަރު ހުރި ދިވެހި ދަރިޔަކު މިދީބަށް އުފަންކުރެއްވީތީ ﷲ އަށް ޝުކުރުވެރިވަން
A very interesting article very informative
As a civil engineering student, I really appreciate this article. I’ve been wanting to learn the dhivehi words for civil engineering terminology I have to use everyday. Haha.
Besides that, its also a top quality, highly informative article. Great work!
I Salute siru,
Thiyakuravaa buramassakathah assari baha saabas dhannavan.mi mazmoonun vara information libijje hama eyaa ekee raajje ga mihaaru hadhanun dhaa bridge ge quality aa dheyherey vara suvaalufedhey ethan kamn highlight kurevijje….DR muiz mi mazmoon ah javab dhaari vaanjehey dhuvahey ves aumakee ekasheegen vaa kamen.
Very informative and interesting article. My concern is:
1- This area a place where there are mighty waves. First if all the area/lagoon between hulhule and farukolhufushihas been reclaimed -hulhumale.and lastky a lengthy bridge is being made to block the other half from Male to Hulhule somewhat blocking the Gadhoo kolu/kandu olhi.
2- the temporary platform constructed to make the bridge woukd be demolished after making the bridge. The pillars woukd be removed I suppose.
3- another platform to view the bridge is coning up.
My Question:
As to 1- what would be the impect of the waves tossing the actual bridge pillars.
Would the waves bucome mighty that will go above the bridge or falk on the top of the bridge?
What woukd be the force of the current moving in that area .woukd the corrent effect in iroding that area /artificial beach along tge coast.
2. Once the temporary platform is removed I suppose there would be big holes . How are they going to fill these holes? What woukd be the environmental impact or damage to the
Lagoon and tge coral (faru).
Thanks and woukd appreciate a research on this issue environmental problems.
The government has not publicise any detaiks cons/pros on the environmental impact.
varah rangalhu liyumeh. varah thilakon saafukon bunedheefaivaakan faahaga kurevey.
shukuriyyaa sir
I m a science teacher. Your writings are so interesting to my students and me. My sincere request is to compile us a handbook of words in scienc3 curriculum with their respective dhivehi expression.
Thank you for your comment.
There is a glossary of science words already published by the Science Resource Centre of Education Development Centre. It may be in the NIE library.
Best wishes
With all due respect sir, I would expect a person of your knowledge to know the difference between cover to the concrete and thickness of a steel casing. And yes, sometimes 100m simply means 100m. Knowledge and experience wise my brain is no match for yours. But I’ll not mock somebody without a proper basis just to defend my ego
Thank you for your comment.
The discussion in the article is about the thickness of steel pile NOT about the concrete “cover”, i.e, the depth of rebars from the outer surface. The length of the piles is emphasised because, although the news article says that the pile is driven 100 metres into the ground, which would means that the piles should be around (100+37=) 137 m this is unlikely. Without access to the technical drawings, I cannot be sure, so to be intellectually careful I alluded to the point without saying it. Thick piles are very difficult to weld, in fact, if welding was easy, there would be no need for the contractor to hire special ships to import long piles.
Warm wishes
now that I know the comments in this blog are edited too to your liking. how unprofessional. only if you didn’t edit the part about using newspaper articles as true sources of reference….. FYI the area is deeper than 37m and as per the knowledge I gathered from various sources the steel is just a protective sleeve which does not reach to the bottom of the pile (bottom of the pile does not refer to the seabed either). from the same sources I gather that some of the piles will be bored to depths greater than 100metre. Please feel free to edit this comment too because i don’t expect you to be brave enough to publish something besides praise for your articles SIR
Dear Humble student,
The depth of the area is 37 metres according the electronic chart shown in the article. These charts are certified for use in navigation so they must be fairly accurate. I have reconfirmed the depth from the pilot who guides captains to enter and leave the harbour through the channel.
The steel casing must reach the bottom of the pile otherwise it would not be possible to place concrete in subterranean water-logged depths. The piling is being observed from the beach by several people and none has said that the 70 m so long piles have been extended by welding. From an engineering point of view, we do not think it would be either necessary or it would be done. The sources of information are generally authoritative sources. Newspaper articles are not used except to show that the reports are wrong or to validate a point. We think that the spokesperson has mistakenly said 100m for 100′.
Comments are published as they are…unless they are excessively complimentary or rude.
Peace…
﷽
އަހުމް ހަމަ ކޮސްވެއްޖައިން މަ ހީވެސް ނުކުރަން މިހާތަފްސީލުކޮށް މީހަކު މިވާހަކަ ދައްކފާނެކަމަށް
Aadhaige dhivessakah varah beynuntheri liyaalan faseyha gothakah dhivehi bahun genesdhevifai vaa, mauloomathuthakeh libidheyne liyumeh. Mifadha bodethi project thakuge mauloomaath media ga mifadha gothakah kurehunthakaa eku genes dhevey programmeh othun v beynuntheri. liyumah shukuriyyaa.
Varah Bodah Shukuriyyaa Sir, Thiya kuravvamun Gendhavaa Minnai Masakkathuge aguvazan kuran
vara interesting holhi vaahaka dhakaa meehunna hi hama jassaalan rangalhu liume,
Varah mauloomaathu libunu shauguveri mazumooneh…
Varah rangalhu mazumooneh. Ekamaku enme furathama jumulaigai, miee raajjeygai hingey enme bodu civil engineering mashroou kamugai liyuvvaafai vanee, e ee rangalhu mauloomaatheh noon. Enme bodu mashroou hingamun dhanee airport tharaggee kurumuge gothun Hulhulé gai.
mee varah furihama article eh( Mazumooneh) mi mazumoonuge sababun kurin bridge aaibeheygothun neygey ethah mauloomaathu thakeh olhun filaifi…