ބާބު 2
ސޯފިސްޓްރީ[1] (ސަފްސަތާ) ގެ ގޮތްތައް އަދި ހުރިހާ ޢިލްމަކަށް އިންކާރުކުރުން.
އަހުރެން ދަންނަ އެކި ބާވަތް ބާވަތުގެ ޢިލްމާ މެދު ފިކުރު ހިންގުމުން ވިސްނުނީ ކުރިން ބުނެވުނު ޔަޤީން އިލްމު އަހުރެންގެ ކިބައިގައި ނެތް ކަމެވެ. މާތުރަ، މިހެން މިބުނީ އަހުރެންގެ ހިއްސުތަކުން ޔަޤީން ކުރެވޭ ނުވަތަ ޢިލްމުގެ ބާވަތުން އިތުރު ހެއްކެއް ނެތި ސުބޫތުކުރެވޭ ޢިލްމު ފިޔަވައެވެ.
އަހުރެން ދެން އަމިއްލަ ނަފުސަށް ބުނީމެވެ. ”ދެން މިހާރު މާޔޫސްކަން، އަހުރެންގެ ކިބައަށް އައުމުން، ނޭނގޭ ކަންތައްތައް ދެތުމަށް ދެން އޮތްގޮތަކީ ހަަމައެކަނި ޔަޤީންވާ ޢިލްމުން ކަންކަން ބެލުމެވެ. އެއީ ހިއްސުތަކުން ކަށަވަރު ކުރެވޭ ކަންތައްތަކާއި ފިކުރުން ޔަޤީންކުރެވޭ ޙައްޤު ތެދެވެ. އެހެންކަމުން މި ދެކަންތައްތަކާ މެދު ބޮޑަށް ފިކުރުކޮށް، ސުވާލުތަކަކަށް ޖަވާބު ހޯދަން ޖެހެއެވެ. އެ ސުވާލުތަކަކީ ހިއްސުތަކުން އަހުރެންނަށް އިޙްސާސްވާ، އަދި، ފިކުރުން ޔަޤީންކުރެވޭ ޢިލްމު އެއީ ކުށްތަކުން ބަރީޢަވެގެންވާ ޢިލްމުހެއްޔެވެ؟ ނޫނީ އެއީ ”ޢިލްމުވެރިންގެ“ ނުވަތަ ކަމެއްގެ މާހިރުން ގެ ބަހާ މެދު އަހުރެން ކުރިން ކުރި ޝައްކު އާ އެއްފަދަ ”ޢިލްމެއް“ ހެއްޔެވެ؟ ނުވަތަ ފިކުރީ ޢިލްމް (ތިއޮރެޓިކަލް ނޮލެޖް ނުވަތަ ނަޒަރިއްޔާތު) އާ މެދު ގިނަ މީހުން އޮންނަ ޔަޤީންކަން ފަދަ އެއްޗެއް ހެއްޔެވެ؟ މިބާވަތުގެ ޢިލްމުން ޔަޤީންކަމަށް ވާޞިލުވެވިދާނެ ހެއްޔެވެ؟ މިގޮތުގައި އަނެއްކާ ހައިރާން ކަމެއް ނުވަތަ ވަހުމެއް ނުވަތަ ލޮލަށް އޮޅުވާލެވޭ އިލޫޝަންއެއް ނުވަތަ ތޫހަމް ފަދަ ކަމެއް ނުވޭ ބާވައެވެ؟“
އެހެންކަމުން ދެން އަހުރެން ޝައުޤާއެކު ބެލީ ހިއްސުތަކުގެ ދަލީލުތަކާއި ފިކުރު ބޭނުންކޮށްގެން ދޭހަވާ ތަކެތި، ނުވަތަ އޮޅުންފިލާކަންކަން ޝައްކު ކުރެވިދާނެތޯ ބެލުމަށެވެ. މި މަގުން ފިކުރު ހިންގުމުން އަހުރެންނަށް ވިސްނުނީ ހިއްސުތަކުން ލިބޭ ދަލީލުތަކަކީ ތެދު ނޫންކަމެވެ. ހިއްސުތަކުން ލިބޭ މަޢުލޫމާތާއި ހެއްކަން އަހުރެންގެ އިތުބާރު ގެއްލިއްޖެއެވެ. މި ޝައްކު ހުރިހާ ކަމަކަށް ފެތުރިގެން ދިޔައެވެ. ސަބަބު މި ބުނަނީއެވެ.
ހިއްސުތަކުން ޢިލްމާ މެދު ލިބޭ ދަލީލުތަކަށް ނުވަތަ ހެކިތަކަށް އިތުރުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ފެނުމުގެ ހިއްސު ނުވަތަ ލޮލަކީ ހިއްސުތަކުގެ ތެރެއިން އެންމެ ބާރުގަދަ ހިއްސެވެ. އަހުރެމެންނަށް ހިޔަންޏަކަށް ބަލައިގެން އެއީ ތަނެއްގައި ހަރުލާ ހުރި އެއްޗެއްތޯ ނުވަތަ ދައުރުވާ ނުވަތަ ޙަރަކާތް ކުރާ އެއްޗެއްތޯ ބެލިދާނެއެވެ. ގަޑިއެއްހާއިރުު ބެލުމުން އަހުރެމެންނަށް ފާހަގަ ކުރެވޭނީ ހިޔަނި ކުރިން ހުރި ތަނުން އެހެން ތަނަކަށް ބަދަލު ވެއްޖެކަމެވެ. މަޑުމަޑުންނެވެ. ކުއްލިއަކަށް ނޫނެވެ. ހިޔަނި އަބަދުވެސް ދިޔައީ ބަދަލުވަމުންނެވެ. އެއްވެސް އިރަކު ހުރިތަނަކު ހުއްޓި ނުހުރެއެވެ. ލޮލުން ތަރިއަކަށް ބެލުމުން އަހަރުމެންނަށް ތަރި ފެންނަނީ ލާރިފޮއްްޗެއް ހާ ކުޑަކޮށެވެ. ނަމަވެސް، ހިސާބުކުރުމުން ދުނިޔެއަށް ވުރެވެސް ތަރި ބޮޑުކަމަށް ވެއެވެ. މި މިސާލާއި މިފަދަ އެހެން މިސާލުތަކުން ޔަަގީންވަނީ، ހިއްސުތަކުން ލިބޭ މަޢުލޫމާތަކީ، ފިކުރު ބޭނުންކޮށްގެން ވަޒަންކޮށްފިނަމަ، މުޅިން ކުށް މައުލޫމާތު ކަމެވެ.
ދެން އަހުރެން އަމިއްލަ ނަފްސަށް ބުނީމެވެ. ”ތިމާގެ އަމިއްލަ ހިއްސުތަކަށް ބަރޯސާކޮށްގެން ލިބޭ ހެކިތަކާއި ޢިލްމުގައި، ތެދުކަމެއް ރައްކާތެރިކަމެއް ނުވެއެވެ. ޢިލްމުގެ ޔަޤީންކަންވަނީ ފިކުރީ ޙަޤީޤަތްތަކުގައި ބާވައެވެ. މި ޙަޤީޤަތްތަކަކީ ފިކުރުކުރުމުގެ އެންމެ ފުރަތަމަ ނުވަތަ އަސާސީ ކަންކަމެވެ. (ފިކުރުގެ އަސާސީ ޙަޤީޤަތްތަކަށް ކިޔަނީ އައުލިއްޔާތު ނުވަތަ އެކްސިއަމް އެވެ.) މިސާލަކަށް ތިނަކަށް ވުރެ ދިހައެއް ޢަދަދުގެ ގޮތުން ބޮޑެވެ. އެއްވެސް އެއްޗެއް، އެއް އިރެއްގައި، ތެދު ޙަޤީޤަތަށްވެފައި ހަމަ އެ އިރު (އެއް ހިނދެއްގައި) ދޮގަކަށް ނުވާނެއެވެ. ކާއިނާތުގައިވާ އެއްވެސް އެއްޗެއް، ވުޖޫދުކުރައްވައި، އުފައްދަވައިފައިވާނަމަ، އެ ތާއަބަދަކު ނުވާނެއެވެ. އެއްވެސް އެއްޗެއް ނުވަތަ ކަމެއް ވެފައިވާނަމަ، އެ އެއްވެސް އިރެއްގައި ނުވާ އެއްޗަކަށް ނުވަތަ ކަމަކަށް ނުވާނެއެވެ. އެއްވެސް އެއްޗެއް، ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންކޮށްފައިވާނަމަ، އެކަމެއް ނުވަތަ އެއްޗެއް ނުވެނުދާނޭ ކަމަކަށް ނުވާނެއެވެ.“
ދެން އަހުރެންގެ ހިއްސުތަކުން ލިބުނު ދަލީލުތައް ޖަވާބު ދިނެވެ. ”ބުއްދީގެ ހަމަތަކުން ނިންމާ ކަންތައްތަކަށް ކުރެވޭ އިތުބާރު، ހިއްސުތަކުން ނިންމާ ކަންތައްތަކަށް ކުރެވޭ އިތުބާރާ ތަފާތުކަން ކަލެއަށް ޔަޤީން ހެއްޔެވެ؟ ކަލޭ އަހުރެމެންނަށް (ހިއްސުތަކަށް) އިތުބާރު ކުރީމެވެ. ދެން ބުއްދީގެ ހަމަތައް އަހުރެމެންނަށް އިތުބާރު ނުކުރެވޭނެކަމަށް ތުހުމަތު ކޮށްފިއެވެ. ބުއްދީގެ ހަމަ އެގޮތަށް ކަލެއަށް ނުއެންގިނަމަ، ތިބާ އަހުރެމެންނަށް އަދިވެސް އިތުބާރު ކުރާނެއެވެ. ވިސްނިން ހެއްޔެވެ؟ ބުއްދީގެ ހަމަތަކަށް ވުރެ މަތިވެރި އެއްޗެއް ވެދާނެއެވެ. އެއިން ބުއްދީގެ ހަމަތަކަކީވެސް ޝައްކުރަންޖެހޭ، ކުށްޖެހޭ އެއްޗެއްކަން ދައްކަފާނެއެވެ. އެއީ ބުއްދީގެ ހަމަތައް، ހިއްސުތަކަށް ޝައްކު ކުރި ފަދައިންނެވެ. މި ބުނި ބުއްދީގެ ހަމަތަކަށް ވުރެ މަތިވެރި އުޞޫލެއް ކަލެއަށް ނުފެންނަ ކަމީ، އެފަދަ އުޞޫލެއް ނެތްކަން ނުވަތަ ނުވާކަން ކަށަވަރުވާ ކަމެއް ނޫނެވެ.“
އަހުރެންނަށް މިކަންތައްތައް ވިސްނުމުން، އެތައް އިރެއް ވަންދެން ބަސް ހުއްޓި، ބުނާނެ އެއްޗެއް ނޭނގި ހުރީމެވެ. މި އުދަނގޫ މައްސަލަ، ނިދީގެ މައްސަލަ ފަދައެވެ. މީހާ ނިދީގައިވާ އިރު (ހުވަފެން ފެންނައިރު) މީހާ އެކިކަންކަން ޤަބޫލުކުރާކަމަށް ފެނެއެވެ. އަދި އެކި ހާލަތްތަކުގައި އެކި ކަންކަމުގައި ވެއެވެ. އެކަންކަން، އެ ހުވަފެނުގެ ތެރޭގައި، އެއްވެސް ޝައްކެއް ވަސްވާހެއް ނެތި ތެދުކަމަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް މީހާއަށް ހޭލެވުމުން، ހުވަފެނުގައި ފެނުނު ކަންތައްތަކުގެ ދެކޮޅު ނުޖެހޭކަމާއި ހުސްކަން ފާހަގަ ކުރެވެއެވެ. އެއީ ޚިޔާލުތަކެއްކަން، ވަސްވާސްތަކެއްކަން، ބިލާހެއްކަން ޔަޤީން ވެއެވެ. ހަމަ މިގޮތަށް، ހިއްސުތަކުން އެނގިގެން ޤަބޫލުކުރާ ކަންތައްތަކާއި ފިކުރުގެ ހަމަތަކުން އެނގިގެން ޤަބޫލު ކުރާ ކަންތައްތަކާ މެދު އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސާ ސުވާލު ކުރެވިދާނެއެވެ. ހުވަފެނުގައި ވުމާއި ހޭލާ ހުރުމާ އަޅާކިޔާފަދައިން، ހޭލާހުރުމާއި އަދި އެއަށް ވުރެ މީހާ ހޭލެންތެރި މަތީ އެހެން ޙާލަތެއް ވެދާނެ ކަމަށް ޚިޔާލަށް ނުގެނެވޭނެ ހެއްޔެވެ؟ މިބުނި މަތީ ހާލަތުގައި އިންސާނާ ވާއިރު، އޭނާއަށް ހީވާނީ ހޭލާހުރުމަކީ ނިދި ފަދަ ހާލަތެއް ކަމަށެވެ. އަދި މި ޙާލަތުގައި ބުއްދީގެ ހަމަތަކުން ބަލާއިރު ޙައްޤު ނުވަތަ ޔަޤީންޢިލްމު، އަގެއްނެތް ޚިޔާލީ ބިލާހެއް ކަމަށް ނޫނީ އެހެން އެއްޗަކަށް ނުވާނެެއެވެ.
މިބުނި މަތިވެރި ޙާލަތަކީ ފަހަރެއްގެ ވަލީ ވެރިން ނުވަތަ ސޫފީން އެބުނާ ޙާލު ކަމަށް ވެދާނެއެވެ. އެ ޙާލަތުގައި އެމީހުން ބުނާގޮތުން، ނަފްސްގެ ތެރެއަށް ގެނބިގެން ގޮސް، ހިއްސުތަކުން ބުއްދި ވަކިވެ، ބުއްދީގެ ހަމަތަކާ އެއްގޮތްނުވާ ޙާލަތަކަށް އެމީހުންނަށް ވަދެވެއެވެ.
މި ޙާލަތަކީ މަރުކަމަށް ވެދާނެެބާވައެވެ؟ މާތް ﷲ ޞަލަވާތް ލެއްވި ރަސޫލާ ޙަދީޘް ނުކުރައްވާ ހެއްޔެވެ؟ «އިންސާނުންވަނީ ނިދީގައެވެ. އެމީހުންނަށް ހޭއަރަނީ މަރުވުމުންނެވެ.» [މިއީ ޙަދީޘް އެއް ކަމަށް ޣަޒާލީ ވިދާޅުވިޔަސް މިއީ ޚުތުބާއެއްގެ ޢިބާރާތެއްކަމަށް ބައެއް ޚަދީޘް ޢިލްމުވެރިން ވިދާޅުވެއެވެ.] މި ދުނިޔޭގެ ޙަޔާތަކީ، މި ޙަޔާތުގެ ފަހުން އޮންނަ ދިރިއުޅުމަށް ބަލާއިރު، ހުވަފެނެކެވެ. މަރުވުމުން، ތަކެތި އަހަރުމެންނަށް ފެންނާނީ އެހެން އައްޔެއްގައެވެ. އެއީ ޤުރްއާންގައި ވާ ފަދައިންނެވެ. «ފަހެ ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ» (22: 50).
ދެން މިޚިިޔާލުތައް، އަހުރެންގެ ސިކުނޑިއަށް އުދަނގޫކޮށް، ސިކުނޑި ’ކަމުންދާ ކަމަށް‘ ހީވާން ފެށިއެވެ. އަހުރެންގެ މި ބަލިމަނޑު ޙާލަތް ހަންހާރަކުރެވޭނެ ގޮތެއް ހޯދޭތޯ އެތައް ކަމެއް ކޮށް، ކާމިޔާބެއް ނުވިއެވެ. ބުއްދީގެ ހަމަތަކަށް ރުޖޫޢަވެގެން ނޫނީ އެ ޚިޔާލުތަކުން މިންޖުވެވޭނޭ ގޮތެއް ނެތެވެ. ނަމަވެސް އަހުރެންގެ ހިތުގައި ޝައްކު އުފެދިފައިވަނީ މި ހަމަތަކާ މެދުއެވެ. އަހުރެންގެ ހިތުގެ މި ހައިރާންކުރުވަނިވި ބަލި ބޮޑުވަމުން، ދިގު ދެމުން ގޮސް، ދެ މަސް ދުވަސް ބަލީގައި ވިއެވެ. މި ޙާލަތުގައި، ބޭރުފުށުން އެގޮތަށް ނުފެނުނަސް އަދި ދައްކާ ވާހަކައިން ހީނުވިއަސް، ސަފާ ނުވަތަ ޝައްކު ބަލީގެ ތެރެއަށް އަހުރެން ވެއްޓުނެވެ. އެ ޙާލަތުގައި އެއްވެސް ޢިލްމަކީ ތެދުކަމަށް ޤަބޫލެއް ނުކުރެވެއެވެ. ދެން އެންމެ ފަހުން، މާތް ﷲ، އަހުރެން މި ބަލިން ނަޖާ ކުރައްވައި ޞިއްޙަތާއި ހަމަ ބުއްދި ދެއްވައިފިއެވެ. އަހުރެންނަށް ވިސްނުނީ، ފިކުރީ ހަމަތަކަކީ މަޤްބޫލު އެއްޗެއް ކަމެވެ. އަދި މި ހަމަތަކަށް އިތުބާރުކުރުމުން، އަހުރެންނަށް ރައްކާތެރިކަމާއި ޔަޤީންކަން ލިބުނެވެ.
އަހުރެންނަށް މި މަންޒިލަށް ލެފުނީ ތަރުތީބުން މައްސަލަތަކާ މެދު ފިކުރުކޮށްގެން ނޫނެވެ. މާތް ﷲ އަހުރެންގެ މެޔަށް ފޮނުއްވި އައްޔެއްގެ ސަބަބުންނެވެ. [ހިތަށް އިލްހާމްވި ފިކުރެއްގެ ސަބަބުންނެވެ.] މި އައްޔަކީ ގިނަ ޢިލްމުގެ ތަޅުދަނޑިއެވެ.
އިލާހީ ކަންތައްތައް ދެނެގަތުންވަނީ، އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން ފިކުރުކުރުން ކަމަށް ދެކޭމީހާ، މާތް ﷲ ގެ ރަޙްމަތް ފުޅުގެ ފުޅާކަން ހަނިކޮށްފިއެވެ. ސޫރަތުލް އަންޢާމްގެ 6 ވަނަ އާޔަތުގައިވާ (فمن يرد الله أن يهديه يشرح صدره للإسلام: الأنعام: 6:125) (الشرح) ގެ މާނައާ ބެހޭ ގޮތުން މާތް ﷲ ގެ ރަސޫލާ (ޞ.ޢ.ޥ) އާ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. «މާތް ﷲ ތެދުމަގު ދައްކަވަން އިރާދަ ކުރައްވާ މީހާގެ މޭ (ހިތް) އެކަލާނގެ އިސްލާމްދީނަށް ހުޅުއްވައެވެ». ރަސޫލާ ޙަދީޘް ކުރެއްވިއެވެ. «އޭގައިވަނީ މާތް ﷲ ހިތަށް ފޮނުއްވާ ނޫރެއްގެ ވާހަކައެވެ.» ރަސޫލާ އާ ސުވާލު ދެންނެވުނެވެ، «އެ ނޫރު އިންސާނާއަށް ފާހަގަ ކުރެވޭނީ ކިހިނަކުން ތޯއެވެ ؟» ޖަވާބުގައި، ރަސޫލާ (ޞ.ޢ.ޥ) ޙަދީޘް ކުރެއްވިއެވެ. «އަވާމެންދުރުން (ތޫހަމް) އިން ފުރިގެންވާ މި ދުނިޔެއާ ދުރަށް ދިއުމާ އެކު، ތާއަބަދުގެ ދުނިޔެއާ، ސިއްރުން، ގާތްވުމުންނެވެ.» އެހެން ޙާލަތެއްގައި ރަސޫލާ (ޞ.ޢ.ޥ) ޙަދީޘް ކުރައްވާފައި ވެއެވެ. «މާތް ﷲ އެކަލާނގެ އިންސާނާ އުފައްދަވާފައިވަނީ އަނދިރިކަމުގެ ތެރޭގައެވެ. ދެން އެކަލާނގެެ ނޫރުފުޅު އެތަކެތީގެ މައްޗަށް ފޮނުއްވިއެވެ.» އިންސާނާ ތެދު ހޯދުމަށް މަސައްކަތް ކުރަންވާނީ މި އަލީގެ އެހީގައެވެ. މި އަލި [ނޫރުފުޅު] މީހުންގެ މައްޗަށް މާތް ﷲ، އެކި ފަހަރު، ފޮނުއްވައެވެ. އެލިބިގަތުމަށް އަހުރެމެން ފާރަވެރިވެ ތިބެންވާނެއެވެ. އެއީ އަންނަނިވި ޙަދީޘްގައި ވާ ފަދައިންނެވެ. «ތިޔަބައިމީހުންގެ ޙަޔާތުގެ ވަކި ދުވަސްތަކެއްގައި (ވަޤުތުތަކެއްގައި)، މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ރަޙްމަތްފުޅުގެ މެސެޖްތައް ފޮނުއްވައެވެ. މި މެސެޖްތައް ލިބިގަތުމަށް އެ އަންނަނޭ މަގުމަތީގައި ތައްޔާރުވެ ހުންނާށެވެ.»
ޚުލާޞާ ކޮށްލުމުގެ ގޮތުން ބުނަމެވެ. ދަންނާށެވެ. ޙައްޤު (ތެދު) ހޯދުމަށް އިންސާނާ ހިތްމަތް ކުރަންވާނީ، ވަރަށް އިޚްލާޞްތެރިކަމާއި ހިތްވަރާ އެކު، ފުރިހަމައަށް ބަރާބަރަށެވެ. ނުފެންނާނޭ އެއްޗެއް ހޯދަން ކުރާ މަސައްކަތާ އެއްވަރަށެވެ. އަސާސީ ޙަޤީޤަތްތައް ހޯދާކަށް ނުޖެހެއެވެ. ބުއްދީގައި، އެ ތެދުތައް ނުވަތަ ޙަޤީޤަތްތައް ހިމެނިގެންވެއެވެ. އެ ހޯދަން މަސައްކަތް ކޮށްފިނަމަ، އަހުރެމެންނަކަށް އެއެއް ނުފެންނާނެއެވެ. އެކަމަކު، ނުފެންނާނޭ އެއްޗެއް ހޯދުމަށް މަސައްކަތް ކުރާ މީހާ، ފެންނާނެ އެއްޗެއް ހޯދުމަށް މަސައްކަތް ކުރުމުގައި ކަންފަސޭހަކުރުުމުގެ އިލްޒާމުން ސަލާމަތްވެގެން ވެއެވެ.
[1] ސޯފިސްޓުން ނުވަތަ ސަފްސަތާއިންނަކީ ބަހުސެއްގައި އޮޅުވާޅުމުގެ މަޤްޞަދުގައި ނުގުޅޭ މަކަރުވެރި ހެކިދައްކާ މީހުންނެވެ. މިމީހުން ދައްކާވާހަކައިވާ ދަލީލުތަކުން އެއީ ވަރަށް ޙައްޤު ބަސްހެން ހީވާނެއެވެ. ނަމަވެސް ފުންކޮށް ވިސްނައިފިނަމަ، އެއްވެސް ބުރަދަނެއް އެމީހުންގެ ޒުވާބަކު ނުހިމެނޭއެވެ.
Leave A Comment