އަދަބީ އުކުޅުތައް

ވާހަކަ ދެއްކުމާއި ލިޔުމުގައި،  މީހުންނަށް އަސަރު ކުރާގޮތަށް ލަފުޒުތައް އިޚްތިޔާރުކޮށް، ޚާއްޞަ ގޮތް ގޮތަށް ލަފުޒުތައް އަމުނައި އަތުރައި ހަދައެވެ.  ބަލާޣަތްތެރިކޮށް، އަސަރުކުރުވާ ގޮތަށް ވާހަކަ ދެއްކުމަށާއި ލިޔުމަށް،  އަދި މިކަމަށް ބޭނުން ކުރާ ހަމަތަކަށް،  ދިވެހިބަހުގައި ވަކި ޚާއްޞަ ލަފުޒެއް ނުވަތަ ކަލިމައެއް ނުވެއެވެ. ދިވެހި ބަހުގައި މިފަދަ އަދަބީ އުކުޅުތަކަށް އެންމެ ގާތްކުރާ ގޮތަށް ބޭނުން ކުރާ ލަފުޒަކީ މަޖާޒެވެ.  މަޖާޒުގެ މާނައަކީ، ލަފުޒެއްގެ އަސްލު މާނަނޫން އެހެން މާނައެއް ދޭހަވާ ގޮތަށް ލަފުޒު ބޭނުން ކުރުމެވެ. ނަމަވެސް، އަސަރުކުރާ ގޮތަށް ލިޔަން ބޭނުންކުރާ ހުރިހާ ގޮތެއްގައި މަޖާޒެއް ނުހިމެނެއެވެ.

މަޒުމޫނާއިގެން ކުރިއަށް ދިއުމުގެ ކުރިން، ލަފުޒެއްގެ އެންމެ މުހިއްމު ދެ މާނަ، ޚުލާޞާކޮށްލިޔަ ދެއްވާށެވެ. އާދެ! ވަކި ލަފުޒެއް ޖުމުލައިގައި ބޭނުން ކޮށްފައިވާ ގޮތުން، އެއިން މައިގަނޑު ދެ މާނައެއް ފަހުމް ވެދާނެއެވެ. އެއް މާނައަކީ، ލަފުޒީ މާނައެވެ. މިއީ ލަފުޒެއްގެ އަޞްލު، އާއްމުކޮށް މީހުން ބަލައިގަންނަ މާނައެވެ. ދެވަނަ މާނައަކީ މަޖާޒީ މާނައެވެ. މިއީ، ލަފުޒު ބޭނުން ކޮށްފައިވާ ގޮތުން ދޭހަވާ މާނައެވެ. މިސާލެއްގެ ގޮތުން ”ތަލަބިގަރު“ ކިޔަނީ ތަލައިން އިސްތަށި ފައިބައިފާ ތިބޭ މީހުންނަށެވެ. ނަމަވެސް ”ތަލަ ބިގަރު“ ގެ ލަފުޒީ މާނައަކީ، މަތީބައި ހާމަ، ގުންބާކޮށްގެން ދިއްލާ އަލިގަދަ ބައްތިއެކެވެ. ޖުމުލައެއްގައި ލަފުޒެއް ބޭނުން ކޮށްފައިވާ ގޮތުން، ލަފުޒީ މާނަ އާއި މަޖާޒީ މާނަ ވަރަށް ތަފާތު ވެދާނެއެވެ.

އަދަބީ އުކުޅުތަކުން އަޅުގަނޑު މި މާނަކުރަނީ ވާހަކަ ދެއްކުމުގައި، އަޑުއަހާ މީހާއަށާއި ކިޔާމީހާއަށް އަސަރުކުރާ ގޮތަށް ލަފުޒުތައް އިޚްތިޔާރު ކުރުމާއި އެތުރުމަށެވެ. އިނގިރޭސި ބަހުން މިފަދަ އުކުޅުތަކަށް ކިޔަނީ figures of speech އެވެ. މި ކަލިމައިގެ ލަފުޒީ މާނައަކީ ”ބަސްމޮށުމުގެ މަޖާޒު“ ތަކެވެ. ނަމަވެސް، ޙަޤީޤީ މާނައަކީ ވާހަކަ ދެއްކުމުގައި ގެންގުޅޭ އަދަބީ ބަލާޣަތުގެ އުކުޅުތަކެވެ. ބައެއް އުކުޅުތަކުގައި މަޖާޒު އެއްވެސް ގޮތަކަށް ނުހިމެނެއެވެ. އެހެން ކަމުން، އަޅުގަނޑު އިޚްތިޔާރު ކުރި ކަލިމައަކީ އަދަބީ އުކުޅުތަކެވެ. ”ބަލާޣަތުގެ އުކުޅުތައް“ އަދި ”ބަސްމޮށުމުގެ އުކުޅުތައް“ މިއީ ވެސް އަޅުގަނޑު ދޭހަކޮށްދޭން މަސައްކަތް ކުރާ ޚިޔާލާ ވަރަށް އެއްގޮތް ކަލިމަތަކެކެވެ. އިނގިރޭސި ބަހުން މި ފަދަ އުކުޅުތަކަށް ”ރެޓޮރިކަލް ޑިވައިސަސް“ (ބަލާޣަތުގެ އާލަތްތައް) އަދި ”ލިޓަރަރީ ޑިވައިސަސް“ ނުވަތަ (އަދަބީ އާލާތްތައް) ކިޔައެވެ.

ބަލާޣަތްތެރިކޮށް އަދި ފަށުވިކޮށް ބަސް ލިޔުމުގައި ފަންސާސް އަށް ވުރެ ގިނަ ތަފާތު އަދަބީ އުކުޅުތައް ބޭނުން ކުރެއެވެ. ދުނިޔޭގައިވާ ހުރިހާ ބަހަކަށް މި އުކުޅުތައް ޢާއްމުވެގެން ވެއެވެ. ގިނަ ބަސްތައް ފަދައިން، ދިވެހި ބަހުގައި މިއިން ކޮންމެ އުކުޅަކަށް ކިޔާނޭ ވަކި ނަމެއް ނޯވެއެވެ.  ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، ދިވެހި ބަސް މިހާރަށްވުރެ ކުރިއަރުވަން ބޭނުން ނަމަ، މި އުކުޅުތައް ދަރިވަރުންނަށް ވަކިވަކިން ކިޔަވައި ދޭން ޖެހޭނެއެވެ. ކިޔަވައިދިނުމަށް، ވަކި އަދަބީ އުކުޅަކަށް އިޝާރާތް ކުރަން ޚާއްޞަ ނަމެއް އޮންނަން ޖެހޭނެއެވެ. ދަރިވަރަކަށް އެވެނި އުކުޅެއް ބޭނުން ކުރާށޭ ބުނީމާ، އެކަން ދޭހަވާނީ އުކުޅުތަކަށް ޚާއްޞަ ނަންނަން ހުރެގެންނެވެ. ކަނޑުގައި އުޅޭ ވަކި މަސްމަހަށް އިޝާރާތް ކުރަން ވަކި ލަފުޒު ހުންނަ ފަދައިންނެވެ.

ތިރީގައި އެވަނީ ދިވެހިރާއްޖޭގެ ފުރަތަމަ މިނިވަން ދުވަހާ ގުޅިގެން މުޙައްމަދު އަމީން ”ސަރުކާރުގެ ޚަބަރު“ ގައި 1 ރަބީއުލްޢައްވަލު 1368 ގައި ލިޔުއްވި މަޒުމޫނެއްގެ ޕެރެގްރާފެކެވެ.

އެންމެ ފުރަތަމައިން، މިނިވަން ކަމުގެ މާނައަށާއި ރޫޙަށް ވިސްނުމުގެ ނަޒަރެއް ދެމާތޯއެވެ؟ އެއިގެ ނުކުތާ ތަކަށާއި ގެތުންތަކަށް، އޮޅުންތަކާއި ބޮޅުންތަކަށް، ފަސޭހަތަކާއި އުނދަގޫތަކަށް، އަލި އަޅުވާލަމާ ހިންގަވާށެވެ؟

ދިވެހި ބަސް ކޮންމެވެސް ވަރަކަށް އެނގޭމީހުންނަށް، މި ޕެރެގްރާފު ވާނީ، ފަށުވި ޕެރެގްރާފަކަށެވެ. މިހެން މިދެންނެވީ، އެ ލިޔުން ”ފަތްތޫރަ“އިގައި ދެވަނަ ފަހަރަށް ޝާއިޢުކުރައްވަމުން، މަޖައްލާގެ މުޙައްރިރު ވިދާޅުވެފައި ވަނީ ”. . . ފަތްތޫރައިގެ މި ޢަދަދުގައި  މި މަޒުމޫނު ޝާއިޢުކުރަނީ. . . މުޙައްމަދު އަމީންގެ ލިޔުންވުންތެރިކަމުގައި އެކުލެވިގެންވާ އަދަބީ ފަށުވިކަމާއި މުއްސަނދިކަމުގެ އަގު ވަޒަން ކުރުމާ އެކު އެވެ.“ ޕެރެގްރާފު ރީތީ އަޅުގަނޑަށް އެކަންޏެއް ނޫނެވެ.

މުޙައްމަދު އަމީން ލިޔުއްވާފައިވާ ޕެރެގްރާފުގައި، ހަތަރު ބާވަތެއްގެ އަދަބީ އުކުޅު ބޭނުންކުރައްވާފައި ވެއެވެ. އެފަދަ ޕެރެގްރާފެއް ފަށުވިކޮށް، އެހެން މީހަކަށް ދިވެހިބަހުން ލިޔަން ދަސްކޮށްދޭން ބޭނުން ނަމަ، އެ ޕެރެގްރާފުގައި އޭނާ ބޭނުން ކުރައްވާފައިވާ އަދަބީ އުކުޅުތައް ދަރިވަރަށް ކިޔަވައިދޭން ޖެހޭނެއެވެ. އެކި އެކި އުކުޅުތަކަށް ވަކިވަކި ނަން ކިޔައި، އަދަބީ އުކުޅުތަކަށް ބަލައި ޕެރެގްރާފު ރޫޅާލައިގެންނެވެ. ދަރިވަރުން، ވަކިވަކި އުކުޅުތަކަށް، ތަމްރީނުދީ ފަރިތަކުރުވައިގެންނެވެ. އަދަބީ އެކިއެކި އުކުޅުތަކަށް ނަންކިޔަން ބޭނުންވަނީ މިހެންވެގެންނެވެ. މިހެނީ، ފަށުވި މޮޅު ލިޔުމަކީ، ފިކުރާއި އެކު، ބޭނުންކުރާ ލަފުޒުތަކުގެ މައްޗަށް ވަރަށް ވިސްނައިގެން އެކުލަވައިލާ ލިޔުމެވެ. އެއީ، ހިތަށް އަރާ އެއްޗެއް ހަމަ ވިސްނުމެއް ނެތި، ކަރުދާހުގައި ލިޔުމެއް ނޫނެވެ. ކުރިން ޙަވާލާދިން ޕެރެގްރާފު، މުޙައްމަދު އަމީން ލިޔުއްވި އިރު، އޭނާ އެތައް ލަފުޒަކާއި މެދު ވިސްނަވައި، ވަކި އަސަރެއް ކުރުވުމަށް، ތަފާތު ލަފުޒުތައް ވަޒަންކޮށް ހެއްދެވިކަން ކަށަވަރެވެ. އަދަބީ ލިޔުންތައް، އާދައިގެ ލިޔުމާ ތަފާތުވަނީ މިހެންވެގެން ނެވެ. މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރަށް، އިންސާނާގެ ސިކުނޑިއަށް ޚާއްޞަ އަސަރުތަކެއް ކުރުވާތީ އެވެ. އެ އަސަރުކުރާ ގޮތަށް ލިޔުންތައް އެކުލަވާލާތީ އެވެ.

ކުރިން ބަޔާން ކުރިހެން އަދަބީ އުކުޅުތަކުގެ ޢަދަދު ފަންސާހަށް ވުރެ ގިނަވާނެއެވެ. މިއިން ކޮންމެ އުކުޅަކަށް، ވަކި ޚާއްޞަ ނަމެއް އިނގިރޭސި ބަހުގައި އޮވެއެވެ. އަދި، ލަފާ ކުރެވޭ ގޮތުން، ބައެއް މަދު ބަސްބަހުގައި ވެސް ހުންނާނެއެވެ.  އިނގިރޭސި ބަހުގައި ނަންތައް ގިނަވާ ސަބަބަކީ، ވަރަށް ޤަދީމީ ޒަމާނުންސުރެ ބޭނުން ކުރި އުކުޅުތައް، ނަމަށް މާބޮޑު ބަދަލެއް ގެނައުމެއްނެތި އިނގިރޭސި ބަހުގައި ހިމެނުމުންނެވެ.  އަދަބީ އުކުޅުތައް، މައިގަނޑު ހަތަރު ބަޔަށް ބެހިގެން ވެއެވެ. ނަމަވެސް، އެބައިތަކަށް ދިއުމުގެ ކުރިން، އަޅުގަނޑު އެންމެ ފުރަތަމަ ދަންވާނީ ވަކިވަކި ބައިތަކެވެ.  އެހެނީ އެއްޗެއް ބައިބަޔަށް ގިންތި ކުރެވޭނީ، ކޮންމެ އެއްޗެއްގެ ސިފަތައް އެނގިގެންނެވެ.

ހިރިއާ ޢިބާރާތް

ފަށައިގަތުމުގެ ގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ދަންނާވާލީ، ހުތުރު، ފަކުރު، ހަޑި، ހިތްގައިމުނޫން، ދެރަވާ ކަންކަމަށް އިޝާރާތް ކުރަން، ރީތި ލަފުޒު ނުވަތަ ޢިބާރާތް ބޭނުން ކުރުމެވެ. މި އުކުޅަށް އިނގިރޭސި ބަހުން ކިޔަނީ ޔޫފެމިޒަމް (ޔޫ = ރަނގަޅު، ފީމިޒަމް = ވާހަކަ ދެއްކުން) އެވެ. ޢާއްމުގޮތެއްގައި، ޔޫފެމިޒަމް ބޭނުންކުރަނީ، ލަދުގަންނަ، ދެރަވާ، ޖިންސީ، މަރު، ކުށް، ފަދަ ކަންކަމަށް އިޝާރާތް ކުރާށެވެ. ޔޫފޭމިޒަމްގެ ބޭނުމަކީ، ހިތްގައިމުނޫން ލަފުޒުތަކުގެ ބަދަލުގައި، އިޝާރާތުން އެކަމަށް ނިސްބަތްކޮށް ހިތްގައިމު ލަފުޒުތަކެއް ބޭނުން ކުރުމެވެ. މި އުކުޅަށް އަޅުގަނޑު ހިރިއާ ޢިބާރާތޭ މިކިޔާ ސަބަބަކީ، ރީތި، ނަލަ، މާތް، ފަދަ ލަފުޒުތައް އެހެން ކަންކަމަށް ދިވެހިބަހުން ބޭނުން ކުރާތީއެވެ. ހިރިއާ ގެ މާނައަކީ ވެސް ރީތި އެވެ. ނަމަވެސް ޢާއްމުކޮށް ބޭނުން ނުކުރާތީ އޮޅޭގޮތް ކުޑަވާނެއެވެ. ރީތި ނުވަތަ މާތް ބަހުރުވަ ފަދަ ޢިބާރާތުން ބޭފުޅު ބަހުރުވައާ އޮޅޭގޮތް ވެދާނެއެވެ. ޢިބާރާތް ކިޔާ ސަބަބަކީ، އެއް ލަފުޒަށް ވުރެ ގިނަ ލަފުޒު ބައެއް ފަހަރު ބޭނުން ކުރަން ޖެހޭތީއެވެ.

މިސާލެއްގެ ގޮތުން، ”ފޮޑި“ އެއީ ތަހުޒީބު ޖަމާޢަތްތަކުގައި ބޭނުން ކުރާ ލަފުޒެއް ނޫނެވެ. މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާ ހިރިއާ ޢިބާރާތަކީ ވައިބޭރުކުރުމެވެ. ޖިންސީ ގުނަވަންތަކަށް ދިވެހި ބަހުގައި ވަކި ލަފުޒުތައް ހުރިކަމުގައި ވިއަސް، އަދި އެ ގުނަވަންތަކުން ކުރާ ކަންތައްތަކަށް ވަކި ލަފުޒު ހުއްޓަސް، ވާހަކަ ދެއްކުމާއި ލިޔުމުގައި، މިކަންކަމަށް ހިރިއާ ޢިބާރާތް ނޫނީ ޢާއްމުކޮށް ބޭނުމެއް ނުކުރެއެވެ. މިސާލެއްގެ ގޮތުން، ފާޚާނާއަށް ދަނީ އޭ ބުނެފާނެއެވެ. ކުރަންދާ ޙަޤީޤީ ކަމެއް ނުބުނާނެއެވެ. ހަމަ އެފަދަ އެހެން ހިރިއާ ޢިބާރާތްތަކުގެ ތެރޭގައި، ކުޑަ ގިފިއްޔަށް ދިއުން، ނަނެއް އެއްލުން ފަދަ ހިރިއާ ޢިބާރާތް ބޭނުން ކުރެއެވެ. މިކަން އިނގިރޭސި ބަހުގައި ވެސް ޢާއްމު އެވެ. މިސާލެއްގެ ގޮތުން، މާތް ޖަމާޢަތްތަކުގައި އިނގިރޭސިބަހުން ”ފާޚާނާއަށް ދަނީއޭ ް“ ބުނަން ބުނާނީ މިދަނީ ”އަތް ދޮންނާށެވެ.“ މިކަމާ ބެހޭ ގުނަވަންތައް ވެސް މިފަދައެވެ. މީހުން ބޭނުން ކުރާ ލަފުޒުތަކުގެ ތެރޭގައި ”ކުރިމަތި ފަރާތް“، ”ފުރަގަސް ފަރާތް“، ”ނާޒުކު ގުނަވަން“ ހިމެނެއެވެ.

ފިރިންނާއި އަނބިން ޖިމާޢުވުމަށް ކިޔަނީ އެއްދާން ކުރުމެވެ. އިނގިރޭސި ބަހުން ބުނަނީ ”އެކުގައި ނިދުމެވެ.“ ދިވެހިބަހުގައި ވެސް މިކަމަށް އެހެން އެތައް ހިރިއާ ޢިބާރާތެއް ވެއެވެ.

ދިވެހި ބަހުގައި ”މަރު“ ވެއްޖެއޭ ބުނުމަށްވެސް، އިނގިރޭސި ބަހުގައި ވެސް އެކަން އޮންނަ ގޮތަށް، ހިރިއާ ޢިބާރާތް ބޭނުން ކުރެއެވެ. މާތް ރަސްކަލާނގެ ޞަލަވާތްލެއްވި ކީރިތި ރަސޫލާ ”މަރު ވެއްޖެއެކޭ“ ނުބުނާނެއެވެ. ސިޔަރަތުގައި މިކަމަށް އިޝާރާތްކޮށް ލިޔެފައިވަނީ ”ސުވަރުގެ ވަޑައިގަތުމެވެ.“ އެހެން މީހުން މަރުވެއްޖެކަން ބަޔާން ކުރަން ހުންނަ މައިގަނޑު ހަތަރު ޢިބާރާތް މޮޅުކަމުން އެ ވާހަކަ، މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ، އެޗް.ސީ.ޕީ.ބެލް ވެސް ތަފްޞީލެއް ލިޔެފައި ވެއެވެ. މި ލަފުޒުތައް އޭނާއަށް އެންމެ ފުރަތަމަ ފެނުނީ ދިވެސް އަކުރުން ލިޔެފައިވާ މަހާނަ ގައުތައް ކިޔުމުންނެވެ.

ނިޔައުވުން: 

ނިޔައު ވުމުގެ އަޞްލު މާނައަކީ ނިވުމެވެ. އެއީ އަލިފާންގަނޑެއް ބައްތިއެއް ފަދަ އެއްޗެއް ނިވުމެވެ. މި މާނައިގައި މި ލަފުޒު މިހާރު ބޭނުންކުރާ އަޑެއް ނީވެއެވެ. މަޖާޒީ މާނަ، ލަފުޒީ މާނައަށް ބަދަލުވީއެވެ.

އަވަހާރަވުން:

ދޫކޮށްދިއުން. މީހަކު އަވަހާރަވުމުން މާނަކުރަނީ އޭނާ (ދިރިހުރުން ނުވަތަ ޙަޔާތް) ދޫކޮށް ދިއުމަށެވެ.  އަވަހާރަފުޅުލެއްޕެވުމުން މާނަކުރަނީ ހޭލާހުރުމުން ވަކިވެގެން ވުމަށެވެ. އިހު ޒަމާނުގައި ބަޑިބޭހާއި ތަކެތި ގެންދާއިރު ދުރަށް ދިއުމަށް ގޮވަނީ ”އަވަހާރަ“ އެވެ. އަވަހާރަ ގަނޑުވަރު (ގިފިލި) އެއީ ވެސް މި މޭރުމުން ބޭނުންކޮށްފައިވާ ލަފުޒެއްކަމަށް އަޅުގަނޑަށް ހީވެއެވެ.

ފުރައުއްތަރާވުން: 

މި ލަފުޒު އަޅުގަނޑު އެންމެ ފުރަތަމަ ދުށީ ”ވިޔަފާރި މިއަދު“ ކިޔާ މާކުރީގެ ނޫހެއްގައި ބޭފުޅަކު މަރުވެގެން ލިޔެފައިވާ ލިޔުމަކުންނެވެ. އޭގައި ލިޔެފައިވަނީ މި ލަފުޒު ”ފުރައުއްތަވުން“ މިހެންނެވެ. ފުރައުއްތަރާވުމުން މާނަކުރަނީ ތަނަކުން އެތަން ދޫކޮށް ދުރަށް ދިއުމަށެވެ. އެއީ މަރުވުމުގެ ސަބަބުން، (ދުނިޔެ، ހަށިގަނޑު ނުވަތަ ގެ) ދޫކޮށް ދުރަށް ދިއުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، މިފަނާވަނިވި ދުނިޔެއިން ފުރުމެވެ. ދިވެސް އަކުރުން ލިޔުން ހުއްޓާލިތާ މިވީ 500 ވަރަކަށް އަހަރުގެ ތެރޭގައި، ޢިބާރާތް އޮންނަ ގޮތަށް އެވަނީ ބަދަލު އައިސް ފައެވެ. މިއާ ގުޅޭ އަނެއް ލަފުޒަކީ ”ފުރައަންމަވުން“ އެވެ.

ފިލިރާމިދި:

މި ލަފުޒު އެއްވެސް ފޮތަކުން ފެނިފައެއް ނުވެއެވެ. ނަމަވެސް، ޢިބާރާތުގެ މާނަކަމަށް ބެލް ބުނެފައިވަނީ، ”[ހަށިގަނޑުން، ޞޫރައިން] ވަކިވެގެން ދިއުމަށެވެ.“

ބެލް ބެލި ދިވެސް އަކުރުން ލިޔެފައިވާ މަހާނަގައުތައް ހުރީ ބަންޑާރަ މިސްކިތާއި، އެތެރެކޮއިލު މިސްކިތާއި، ހުކުރު މިސްކިތާއި، ދޮޅިދާން މިސްކިތާއި، ގަޅޮލު އާ މިސްކިތުގައެވެ. ފަހަކަށް އައިސް މިވީ 80 ވަރަކަށް އަހަރުގެ ތެރޭގައި، ދައުލަތުގެ ފަރާތުން އާޘާރީތަކެއްޗަށް ހުންނަ އަޅާލުންތެރިކަން ކުޑަކަމުން މި ގައުތަކެއް މިހާރަކު ނުފެންނާނެއެވެ. ތިރީގައި އެވަނީ ބެލްގެ ފޮތުގައިވާ ކަމާ ބެހޭ ލިޔުމުން ތަންކޮޅެކެވެ.   މުޅި ފޮތް މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.

މަތީގައިވާ ޢިބާރާތްތަކުން، އަޅުގަނޑަށް ދޭހަވީ، މަރުވިކަމަށް ބުނުމުގެ ބަދަލުގައި، ދެތިން ހަތަރުގޮތަކަށް މިވާހަކަ އިހުޒަމާނުގައި ބުނާ ކަމެވެ. އެއީ ބޭފުޅުބަހުރުވައެއް ނޫނެވެ. އަސަރު ކުޑަވާ ގޮތަކަށް މަރުވި ވާހަކަ ބުނާ ހިރިއާ ޢިބާރާތެވެ.

މަތީގައި ބަޔާން ކުރެވުނު މިސާލުތައް ނޫން އެހެން ގޮތްގޮތަށް ވެސް، ލަދުވެތި ނުވަތަ އަސަރުކުރާ ކަމެއްގެ ވާހަކަ ބުނާ އެތައް ގޮތެއް ދިވެހިބަހުގައި ހިމެނެއެވެ. ކިޔުންތެރިންނަށް އެކަންކަން ފިކުރުކޮށްލުމުން އޮޅުން ފިލާނެއެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވާ ”އިންސާނާގެ ޞިއްޙަތު“ މިފޮތުގައި، ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުންތައް ހިންގުމަށް އިޝާރާތް ކޮށް ބޭނުން ކުރައްވާފައިވާ ޢިބާރާތަކީ ”މަކުނުބަލި“ އެވެ. މިއީ ބަސްފޮތުގައި ހިމެނޭ ޢިބާރާތެކެވެ. ބަހެއްގެ ހިރިއާ ޢިބާރާތްތައް ނޭނގޭ މީހަކަށް ބުނާ ވާހަކައެއް ދޭހައެއް ނުވާނެއެވެ. މިސާލެއްގެ ގޮތުން، ދިވެހި މަދަރުސާ ކުއްޖެއްގެެ ކައިރީގައި އިނގިރޭސި ބަހުން މިދަނީ އަތްދޮންށާށޭ ބުނުމުން އޭނާއަށް މި ކޯޑު ނޭނގޭނަމަ، ހިތައް އަރާނީ ކީކޭތޯއެވެ؟ މާތް ޖަމާޢަތްތަކުގައި ވާހަކަ  ދައްކާއިރު އެތައް ވާހަކަައެއް ބުނަނީ އިޝާރާތުންނެވެ. ހުރިހާ ބަހެއްގައެވެ.

މި މަޒުމޫނުގައި އަޅުގަނޑު މިގެނެސްދިނީ އަދަބީ އުކުޅުތަކުގެ ތަޢާރުފަކާއި ލަދުވެތި، ހުތުރު ނުވަތަ ދެރަވާ ކަމަކަށް އިޝާރާތް ކުރަން ބޭނުން ކުރާ އަދަބީ އުކުޅު – ހިރިއާ ޢިބާރާތު – ގެ ތަޢާރުފެކެވެ. އުކުޅުތަކުގެ ޢަދަދު ގިނަކަމާއި އެކު، އެހެން މަޒުމޫނެއްގައި އެހެން ބައިބަޔަށް އިންސާފުކުރެވޭތޯ ބަލާނަމެވެ.