އުއްތުން

ރަނުގެ އަގުބޮޑުކަމުން، ގަހަނާ ހަދާއިރު ރަނުގެ ތެރެއަށް ރަތުލޮޔާއި ރިއްސާއި އެހެން އެފަދަ އަގުހެޔޮ މަޢުުދަން އެއްކޮށްގެން ބޭނުން ކުރެއެވެ. މިގޮތަށް ހަދާފައި ހުންނަ ގަހަނާގައި ރަން މަދުން ހުއްޓަސް އޭގެ ބޭރުފުށް ސީދާ ރަނަށް ބަދަލު ކުރެވޭ ގޮތެއް އޮވެއެވެ. މިގޮތަށް، މަދުން ރަންހިމެނޭ އެއްޗެއްގެ ބޭރުފަރާތް މުޅިން ރަނަށް ބަދަލުކޮށްލުމަށް ދިވެހިބަހުން ކިޔަނީ އުއްތުމެވެ. އުއްތުމަކީ ގިރިޓީ ކުރުމެއް ނޫނެވެ.

       މި މަޒުމޫނުގެ އެއް ބޭނުމަކީ އުއްތާނެ ގޮތް، އަމިއްލަ ފުޅަށް އެކަން ކުރައްވަން ބޭނުންފުޅުވާ ފަރާތަކަށްް ކުރެއްވޭނޭ މިންވަރަށް ހުށަހަޅާލުމެވެ. މި މަޒުމޫނު ކިޔުއްވާ ގިނަ ކިޔުންތެރިންނަކީ އަތްކަންކުރާ ބައެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން، މި މަޒުމޫނުގެ މައިގަނޑު މަޤްޞަދަކީ އުއްތާނެ ގޮތް ކިޔާދިނުމުގެ ތެރޭގައި އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޭނުންތެރި ސައިންސާއި ޓެކްނޯލޮޖީއާ ބެހޭ މަ ޢުލޫމާތުކޮޅެއް ހުށަހަޅާލުމެވެ.

       ދިވެހިބަހުގައި ”އުއްތުން“ މިލަފުޒު ހިމެނޭކަމުން ދޭހަވަނީ މިކަމަކީ ވަރަށް ޤަދީމީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ކަމެއް ކަމެވެ. ދިވެހިބަހުގައި ހަމައެކަނި މިލަފުޒު އޮންނަނީކީ ނޫނެވެ. މިލަފުޒު ބޭނުންކޮށްގެން ހަދާފައި ހުންނަ ލަފުޒުގެ އަޞްލު މާނަނޫން އެހެން މާނައެއް ދޭހަވާ  ޢިބާރާތް ނުވަތަ މަޖާޒުވެސް ހުރެއެވެ. މިގޮތުން ”ދެވަރެއް ނުވެ، ކަމެއްގައި ދެމިހުރުމުން ”އުއްތުން ނުފިލައޭ“ ބުނާތީ އަޑުއިވެއެވެ. މީހަކާ އިނދެގެން ރަނގަޅުގޮތުގައި ދެމިތިބުމުން ”އެއުޅެނީ އަދި އުއްތުން ނުފިލައޭ“ ބުނެއެވެ. އަދި ދެމީހެއްގެ އެކުވެރިކަމަށް ނުވަތަ މީހެއްގެ ޤަދަރަށް އުނިކަން ލިބެމުން ދާނަމަ ”އުއްތުން ފިލަނީއޭ“ ބުނެއުޅެއެވެ. އުއްތުންގަނޑު ދިވެހިބަހުން ކިޔަނީ އުއްތަން ހަދާފައި ހުންނަ ބޭހަށް ނުވަތަ ފެނަށެވެ.

       އުއްތުމުގެ ވާހަކަ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ދަންނަވާލަން ޖެހޭނީ އެއްޗެއްގައި ރަން ހިމެނޭ މިންވަރު ބަޔާން ކުރާ ވަޒަނުގެ ވާހަކައެވެ. ދިވެހިބަހުގައި މިކަން ހިސާބު ކުރުމަށް ލަފުޒެއް ނެތްކަމުގައި ވިއަސް، އިނގިރޭސި ބަހުގައި އެއްޗެއްގައި ރަންހުންނަ ވަރު ވަޒަން ކުރުމަށް ގެންގުޅޭ ”ޖިންސަށް“ ކިޔަނީ ކެރެޓް އެވެ. ދިގުމިން ފޫޓުން ވަޒަން ކުރާ ފަދައިން ކެރެޓްއިން ބަޔާން ކުރަނީ އެއްޗެއްގައި ސާފު ރަން ހުރި ނިސްބަތެވެ.

       ”ކެރެޓް“ މި ލަފުޒު، އޮރެންޖް ކުލައިގައި ހުންނަ ކައްޓަލަ ފާޑުގެ ތަރުކާރީއަކަށް ވެސް ކިޔައެވެ. އަދި ބައެއް ޖަވާހިރުގެ ބަރުދަން (ޚާާއްޞަަކޮށް އަލިމަހުގެ ބަރުދަން) ވަޒަންކުރާ ޖިންސަކަށް ވެސް މިހެން ކިޔައެވެ. ކުރީ ޒަމާނުގައި ބައެއް ޖަވާހިރުގެ ބަރުދަން ބަލަން ބޭނުން ކުރަނީ ގަހެއްގައި އަޅާ ތޮޅިއެއްގެ އޮށެކެވެ. މި ތޮޅިއަށް ކިޔަނީ ކެރެޓް އެވެ. ލުއި ތަކެތީގެ ބަރުދަން ބެލުމަށް މިވެނި  ޢަދަދެއްގެ ކެރެޓް އޭ ބުނެއެވެ. މިގަހުގެ އޮށެއްގެ ބަރުދަނަކީ ގާތްގަޑަކަށް ގްރާމެއްގެ ފަސް ބައިކުޅަ އެއްބައެވެ. އެހެންކަމުން އެއް ކެރެޓްގެ މިންވަރަކީ މިވަރުކަމަށް ނިންމާފައި ވެއެވެ. އަލިމަހެއްގެ ބަރުދަނަކީ 50 ކެރެޓް އޭ ބުނުމުން އޭގެ ބޮޑުމިން ނުވަތަ ބަރުދަން އަޅުގަނޑުމެންނަށް ވިސްނެންޖެހޭނެއެވެ. އެއީ ކުރިން ދެންނެވުނު ގަހުގެ 50 އޮށުގެ ބަރުދަނެވެ. މިއީ ދިވެހީން ތަކެތީގެ ބަރުދަން ބެލުމަށް ”މަދޮށި“ ބޭނުން ކުރާފަދައިން ބޭނުން ކުރާ ޖިންސެކެވެ. މިސާލަކަށް ރާތަލެއްގެ މަހުގެ ބަޖިޔާ ހަދާއިރު 12 މަދޮށީގެ އިނގުރުލާށޭ މީހުން ބުނާ ފަދައިންނެވެ.

       އިނގިރޭސިބަހުގެ ”ނިކަމެތިކަމުން“ އެއްޗެއްގައި ރަން ހުންނަ ނިސްބަތް ބުނުމަށްވެސް ބޭނުންކުރަނީ ހަމަ ކެރެޓް އެވެ. އެއްވެސް އެހެން މަޢުދަނެއް ނެތް ޚާލިޞް ސަތޭކަ ޕަރސަންޓް ރަނަކީ 24 ކެރެޓް ކަމަށް ބަލައެވެ. އެހެންކަމުން 21 ކެރެޓް ރަނުން ހަދާފައިވާ އެއްޗެއްގައި ހުންނާނީ 12/24 ނުވަތަ ދެބައިކުޅަ އެއްބަޔަށް ރަނެވެ. އާދެ! %50 ރަނެވެ. 20 ކެރެޓް ނަމަ, ރަން ހުންނާނީ %83 އަށެވެ. 22 ކެރެޓް ނަމަ, ރަން ހުންނާނީ %92 އަށެވެ.

       އުއްތާނީ އަބަދުވެސް ރަނުގެ ތެރެއަށް އެހެން އެއްޗެއް ލައިގެން ހަދާފައިވާ ގަހަނާއެވެ. ސީދާ ރަނުން ހަދާފައިވާ އެއްޗެއް އުއްތާކަށް ނުޖެހޭނެއެވެ. އެފަދަ އެއްޗެއްގައި ހުންނަ ރަންކުލަ އެއީ އޭގެޠަބީޢީ ސިފައެކެވެ. ޒަމާންވުމަކުން ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ޚާލިޞްރަނުން ގަހަނާ ހެދުމުން އޭގެ އަގުބޮޑުވެއެވެ. އަދި ސާފުރަނަކީ މަޑު އެއްޗެއްކަމުން ބައެއް ކަހަލަ އެއްޗެތިި ހެދުމަށް ސީދާ ރަން ރަނގަޅެއް ނުވާނެއެވެ. ރަނަށްވުރެ ފަސޭހައިން ފެތުރޭ ދެމޭ އެހެން އެއްވެސް މަޢުދަނެއް ނުހުރެއެވެ. ރަންފަތް މަރުތޭލަކުން ތަޅަމުންގޮސް، ފަތުގެ ތެރެއިން އަލިފެންނަ ވަރަށް ރަން ތުނި ކޮށްލެވެއެވެ. މިކަން ކުރަން ހަދާ ގޮތަކީ ޅަކަންބަޅީގެ ދެހަންކޮޅު ނުވަތަ ރަނގަޅު ދެކަރުދާސްގަނޑުގެ ދެމެދަށް ބޯރަންފަތްގަނޑެއް ލައި މަރުތޭލަކުން ސަންދާނެއްގެ މަތީ ބާއްވައިގެން ތަޅަނީއެވ.ެ މިގޮތަށް އަލިދަތުރުކުރާ ވަރަށް ތުނިކޮށްފައިވާ ރަންފަތް އަޅުގަނޑު ދުށީމެވެ. މިފަދަ ރަން ފަތް ބޭރު ޤައުމުތަކުގައި، މިސްކިތްތަކުގައި ހުންނަ ލިއުންތައް ޖަރީ ކުރުމަށް ބޭނުން ކުރެއެވެ. އަދި ފާރިސްކަރައިގައި ހަލުވާގެ ބޭރުގައި ލުމަށް ބޭނުން ކުރެއެވެ.

       ރަނުގެ ތެރެއަށް އެންމެ ގިނައިން ލާ އެކައްޗަކީ ރަތުލޮއެވެ. ރިހިވެސް މިކަމަށް ބޭނުން ކުރެއެވެ. އަދި ލޮޔާއި އެކު ރިހިވެސް ބޭނުން ކުރެއެވެ. ބައެއް ފަހަރު މިގޮތަށް އެއްކުރާ މަޢުދަން ރަނުގެ ބަރުދަނަށްވުރެ ގިނަވެދާނެއެވެ. ރަނަށް ރަތުލޯ ލުމުން ރަން ކުލަޔަށް ރަތްކަމެއް އާދެއެވެ. ރިހިލުމުން ބާވަތެއްގެ ފެހިދަޅައެއް އާދެއެވެ. ޙަޤީޤީ ރަންކުލަ ގެންނަން މިފަދަ އެކުވި މަޢުދަނުން ހަދާފައިވާ  އެއްޗެއްގެ ބޭރުފުށް އުއްތިދާނެއެވެ. އޭރުންމީހުންނަށް ހީވާނީ އެއީ ސީދާ ރަނުން ހަދާފައިވާ އެއްޗެއްކަމަށެވެ.

       ރަނުގެ ތެރެއަށް ރިހިފަދަ އެއްޗެއް ލުމުން، ރަން ދިޔާވާ ހޫނުމިން ދަށްވާނެއެވެ. އަދި މަރުތޭލަކުން ގިނަފަހަރު ތެޅުމުން މި ގޮތަށް އުފައްދާ މަޢުދަން ހަރުވާނެއެވެ. މިދެކަމުގައިވެސް އަތްކަންކުރާ މީހުންނަށް ފައިދާ ވެއެވެ. ރަނަށް ރަތުލޯ ލައިގެން އުފައްދާ އައު މަޢުދަނަށް ކިޔާ ޚާއްޞަނަމެއް އޮވެއެވެ. އެއީ ތުމްބަގަ އެވެ. މިއީ އިނގިރޭސި ނަމެވެ. އަޞްލުގައި މިއީ އަސޭކަރައިގައި ބަހުން އައިސްފައިވާ ލަފުޒެކެވެ. ދިވެހިބަހުން މިއަށް ކިޔަނީ ސުވާސާ އެވެ.

       ސުވާސާއިން ހަދާފައިވާ އެއްޗެއްގެ ބޭރު ސީދާ ރަނަށް ބަދަލުކޮށްލުމަށް ހަދާ ގޮތަކީ އޭގެ ބޭރުގައިވާ ހުރިހާ ރަތުލޯ ޒައްރުތައް ވަކިކޮށްލަނީއެވެ. މިގޮތަށް ރަންނޫން ޒައްރުތައް ވަކިކޮށްލުމަށް ކިޔާ ނަމަކީ އުއްތުމެވެ. މިކަން ކުރުމަށް ސުވާސާއިން ތައްޔާރުކޮށްފައިވާ ގަހަނާ ހޫނު ހުޅެއްގައި ޖައްސައިގެން ހޫނުކުރަނީއެވެ. މިގޮތަށް ހޫނުކުރުމުން، ރަން ނުވިރެނީސް، ރަތުލޯ ޒައްރުތައް ވައިގައި އެކުލެވޭ އޮކްސިޖަން ކިޔާ ގޭހަކާ އެކުވެ، ކަޅު ފަށަލައަކަށް ބަދަލުވެއެވެ. ދެން މިކަޅު ފަށަލަ ބާވަތެއްގެ ހުތަކަށް ލައިގެން ގިރުވާލަނީއެވެ. ނަތީޖާ އަކަށްވާނީ ސުވާސާ ގަހަނާގެ ބޭރުފުށް ސީދާ ރަނުން އޮތް ގަހަނާއަކަށް ބަދަލުވުމެވެ. ދެން މިހެންވާ ސަބަބު އެހެން ނޫންތޯއެވެ؟

       ތަފާތު މާއްދީތަކެއްޗާއި އެތަކެތީގައި ހިމެނިފައިވާ ބައިތަކާއި އެކަތި އަނެއްކައްޗާ އެކުވާ އެކުވުންތައް ދިރާސާކޮށް ހޯދާ  ޢިލްމަށް ދިވެހި ބަހުން ކިޔަނީ ކީމިޔާއެވެ. މަޢުދަންތަކާ ބެހޭ  ޢިލްމަކީ ކީމިޔާގެ ބަޔެކެވެ. އިނގިރޭސިބަހުން މި  ޢިލްމަށް  ކެމިސްޓްރީ އޭ ކިޔައެވެ. ކީމިޔާވެރިން މަޢުދަންތައް ބައިބަޔަށް އަޅާއިރު ރަނަށް ވަރަށް ޚާއްޞަ މަޤާމެއް ދީފައި ވެއެވެ. ރަނަށް ކީމިޔާވެރިން ”ރަސް މަޢުދަން“ އޭ ކިޔައެވެ. އެއީ ރަން އެހެން އެއްވެސް އެއްޗެއްގެ ސަބަބުން ފަސޭހައިން ގިރުވާނުލެވޭތީ އާއި އެހެން އެއްޗިއްސާ އޭގެޠަަބީޢަތް ބަދަލުވާގޮތަށް އެކުނުވާތީއެވެ. އަޅުގަނޑު މިދެންނެވި އެއްޗެއް ޞަރީޚަ ކޮށްލާނަމެވެ. ދަގަނޑު، ލޯ، ތިމަރަ، އެލްމިނިއަމް ފަދަ އެއްވެސް މަޢުދަނެއް ޚާލިޞް އެ މަޢުދަންގެ ގޮތުގައި ބިމުގައި އެކުލެވިފައެއް ނުވެއެވެ. ދަގަނޑު ބިމުން ނަގަނީ ކޮންމެވެސް އެހެން އެއްޗަކާ އެކުވެފައި ހުއްޓައެވެ. އެލްމިނިއަމް، ރަތުލޯ ވެސް ހަމަ އެފަދައެވެ. ކީމިޔާވެރިން މިފަދަ އެކުވިތައް، ޚާލިޞް މަޢުދަންތަކަށް ބަދަލުކުރަން އެތައް މަސައްކަތެއް ކުރަން ޖެހެއެވެ. ނަމަވެސް ރަނަކީ އާދަޔާ ޚިލާފު މަޢުދަނެކެވެ. އެ ފަސޭހައިން އެހެން އެއްވެސް އެއްޗަކާ އެކެއް ނުވެއެވެ. އެހެންކަމުން ބިމުގައި ހުންނައިރު ރަން ހުންނަނީ ފަސޭހައިން ފެންނަގޮތަށް ސީދާ ރަނުގެ ގޮތުގައެވެ. ސަބަބަކީ ކުރިން ދެންނެވިފަދައިން ރަން އެހެން މާއްދާތަކާ އެކުނުވާ ކަމެވެ.

       ތަފާތު ހުތާއި އެހެން ދިޔަތައް ބޭނުންކޮށްގެން ހުރިހާ މަޢުދަނެއް ގިރުވާ އެހެން މާއްދާތަކާ އެއްކޮށްލެވެއެވެ. ނަމަވެސް އަލިފާންއާވި (ކައްސަނދުވާނި ހުތް) ފަދަ ބާރުގަދަ އެސިޑެއްގެ ތެރެއަށް ރަންކޮޅެއް ލިޔަސް ރަނަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ރަތުލޯ، އެލްމިނިއަމް ފަދަ އެއްޗެތި މި ދިޔައިގައި ގިރުވާލެވޭނެއެވެ. ރަން ގިރުވާލެވެނީ މައިގަނޑު ގޮތެއްގައި ހަމަ އެންމެ ދިޔައަކުންނެވެ. އެއީ ދެބާވަތެއްގެ ހުތެއް ނުވަތަ އެސިޑެއް އެއްކޮށްގެން ހަދާ ދިޔައެކެވެ. އާދެ!  އެއް ލީޓަރު ނައިޓްރިކް އެސިޑަށް  3 ލީޓަރު ހައިޑްރޮކްލޮރިކް އެސިޑް އަޅައިގެން ހަދާ ”އެކްވާ ރީޖިއާ“ އެވެ. ހައިޑްރޮކްލޮރިކް އެސިޑް އަކީ މަދަރުސާތަކާއި ޑިސްޕެންސަރީ ތަކުގައި ބޭނުން ކުރާ އެސިޑެކެވެ. ނައިޓްރިކް އެސިޑް އެންމެ  ޢާއްމުކޮށް ބޭނުންކުރާނީ ދަބަރުނުޖަހާ (ސްޓެއިންލަސް) ދަގަނޑު ވެލްޑިން ކުރާ ތަންތަނުން ދަގުއި ފިލުވާ އަލިކޮށް ސާފުކުރުމަށެވެ. މި ދެންނެވި ދެ އެސިޑް އެއްކޮށްގެން އުފައްދާ ދިޔައިން ރަނާއި ރިއްސާއި އަދި ޕްލެޓިނަމް ވެސް ގިރުވާލެވޭނެއެވެ. މިސަބަބަށްޓަކައި މިދިޔައަށް އެކްވާ ރީޖިއާ ނުވަތަ ”ރަސް ފެން“ ކިޔާ ނަންދީފައި ވަނީއެވެ.

މަތީގައި ދެންނެވުނު ވާހަކަތަކުގެ ތެރޭގައި އުއްތުމުގެ ސިއްރު ނަންގަނެވިއްޖެއެވެ. ދެން އޮތީ އެކަންވާ ގޮތް އަދި އެއްފަހަރު ޞަރީޙަކޮށް ދަންނަވާލުމެވެ. އަތްކަން ކުރާ މީހަކު ރަނާއި ލޯ އެއްކޮށްގެން އަނގޮޓިއެއް ހަދައިފިއެވެ. ވަރަށް ބޮޑުކޮށް އެއްޗެތިި ފެންނަ ”ބޮޑުވާ ބިއްލޫރިގަނޑަކުން“ މިއަނގޮޓިއަށް ބެލީމާ ފެންނާނީ އަނގޮޓީގެ ޞަޠަހަ ނުވަތަ ބޭރުފުށުގައި ލޯ ޒައްރާތަކާއި ރަން ޒައްރާތައް ހުއްޓައެވެ. އުއްތާ ގޮތަކީ ލޯ ގިރުވާލެވޭ ދިޔައެއް ބޭނުންކޮށްގެން ލޯ ޒައްރާތައް ގިރުވާލަނީއެވެ.  ނުވަތަ އަލިފާނުން ހޫނުކޮށްގެން އެހެން މާއްދާއަކަށް ލޯ ޒައްރާތައް ބަދަލުކޮށް ގިރުވާލަނީއެވެ. އެހެނީ ރަނަކީ އެސިޑްތަކާއި އެހެން އެފަދަ ބޭސްތަކުން ފަސޭހައިން ގިރޭ އެއްޗެއް ނޫނެވެ. މިހެން ހެދުމުން ދެން ފެންނަން ހުންނާނީ ހަމައެކަނި ރަން ޒައްރާތަކެވެ. ލޯ ޒައްރާތައް ގިރިގެން ދިޔައިގެ ތެރެއަށް ހިނގައިދާނެއެވެ. ރަންޒައްރާތަކުގެ މަތީގައި ކޮންމެވެސް އެއްޗެއް އުނގުޅާލުމުން ރަން ޒައްރާތައް ޞަޠަޙަަ މަތީ ހަމަޖެހި މުޅި އަނގޮޓީގެ ބޭރު ރަން ޒައްރާތަކުން ފޮރުވާލާނެއެވެ.އާދެ! އެތީގެ ވަށައިގެން ރަން ފަށަލައެއް ލެވުނީއެވެ. ދެން އޮތީ ކަންވާގޮތް ކުރެހުމުން ހުށަހަޅާލުމެވެ. ސީނު ކަރައިގެ މީހުން, އެއް ތަޞްވީރަކީ 1000 ލަފުޒުގެ ބަރުދަން ހުންނަ އެއްޗެކޭ ބުނެއުޅެއެވެ. އާދެ! ކުރެހުން ތިރީގައި އެވަނީއެވެ. ނަމަވެސް އެކުރެހުމުގައި އަޅުގަނޑު ހިމަނާފައިވަނީ ރަނުގެ ތެރެއަށް ރިއްސާއި ރަތުލޯ އެއްކޮށްފައިވަނިކޮށް އެ އުއްތާނެ ގޮތެވެ. ޙަޤީޤަތުގައި އުއްތުމަށް ތަފާތު 5 ގޮތެއް ބޭނުން ކުރެއެވެ. އެސިޑް ނުވަތަ ހުތް ބޭނުންކޮށްގެން އުއްތުމަކީ މީގެ ތެރެއިން އެއްގޮތެވެ.

ގިނަ ދިވެހީންނަށް 24 ކެރެޓްގެ ރަން ފެނިފައި ހުންނާނެކަމަށް ލަފައެއް ނުކުރެވެއެވެ. އެއީ 24 ކެރެޓް ރަނަކީ ވަރަށް މަޑު އެއްޗެއް ކަމުން އަދި މި ފެންވަރުގެ ރަނުން ހަދާ ތަކެތީގެ އަގުބޮޑުވާތީ، ރާއްޖެއިން ފެންނަ ގިނަ ގަހަނާ ހަދާފައި ހުންނާނީ ދަށް ކެރެޓްގެ ރަނުންނެވެ. އަންހެންބޭފުޅުން އެ ތުރުކުރައްވާ ރަން ތަކަހޮޅިތަކާއި ފަށްތަކާއި ކެވެލިތަކާއި އުޅާތަކާއި އަނގޮޓިތަކުގައި ބާވަތެއްގެ ރަތްކުލައެއް ހުންނަތަން އެ ފެންނަނީ ސީދާ ރަނަށް ނުވާތީއެވެ. ސީދާ ރަން ހުންނާނީ ޙައްޖަށް ދާ މީހުން ގެންނަ 12 ކެރެޓް ނުވަތަ 14 ކެރެޓް ނުވަތަ 18 ކެރެޓްގެ ރަތް ކުލައިގައި ހުންނަ ރަނަށް ވުރެ ރީނދޫ ކުލައެއްގައެވެ. އާދެ! ރަންކުލައިގައެވެ. މި ބާވަތުގެ ގަހަނާ ޢާއްމުކޮށް ވިއްކަން ހުންނަނީ ދުބާއީ ގަޔާއި ބެންކޮކްގައެވެ. މައްކާގައި ވެސް 22 ކެރެޓްގެ ރަން ހުންނާނެއެވެ. ނަމަވެސް އަގުބޮޑުވީމާ ނުގެންނަނީ އެވެ. ދަރިފުޅަށް ނުވަތަ މަންމައަށް 12 ކެރެޓް ރަން ފަށެއް ދީފައިވެސް ބުނާނީ އެއީ ރަންފަށެކެވެ. އޭގެ ދެބައިކުޅަ އެއްބަޔަކީ ލޮއެކަން އެނގޭނީ ހޭލުންތެރި މީހުންނަށެވެ.

       ގިނައިން ދާހިއްލާ މީހަކު އަޅަމުންދާ 12 ވަރަކަށް ކެރެޓްގެ އަނގޮޓިއެއްގެ އިނގިލީގައި ޖެހޭ އެތެރެ ފަރާތުގައި ސީދާ ރަނުގެ ކުލަ ހުރުން އެކަށީގެން ވެއެވެ. އެއީ ދަލުގެ ސަބަބުން، ރަން ފިޔަވައި އެހެން މަޢުދަންތައް، ދަލުގައި ޖެހި ގިނަ ދުވަސްވުމުން ގިރިގެން ދާނެތީއެވެ. މިއުޞޫލުން ވަރަށް ކުރީ ޒަމާނުގައި އުއްތުމަށް ކުޑަކަމުދާ ދިޔަ ނުވަތަ ފަހަރުވަ ބޭނުން ކުރެއެވެ. ކުޑަކަމުދާ ދިޔައަކީ ވެސް ހުތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހަމުގައި އުނގުޅާ ލޯޝަން  (lotion)މި ލަފުޒުގެ އަޞްލު ވެސް ގުޅިފައިވަނީ ފަހަރުވަ އާއެވެ. ލެޓިން ބަހުން ފަހަރުވަ އަށް ކިޔަނީ ލޯޓިއަމް (lotium) އެވެ. ޤަދީމީ ޒަމާނުގައި ރޫމީން ގެ މީހުންގެ ބޮލުގައި އުކުނު އެޅީމާ،  ދެތިން ހަފުތާ ވެފައި ހުންނަ ފަހަރުވަ ބޮލުގައި ލައެވެ. މިހެން ހެދުމުން, ފަހަރުވައިގައިވާ ބައެއް މާއްދާތަކުގެ ސަބަބުން އުކުނުތައް މަރުވެއެވެ. މި އުކުނު ފިލުވާ”ބޭހަށް“ ކިޔާނަން އިނގިރޭސި ބަހަށް މިހާރު ވަދެފައިވަނީ ހަމުގައި އުނގުޅާ ދިޔައެއްގެ ގޮތުގައެވެ.

       އުއްތުމަށް ތަފާތު ބޭސް ބޭނުން ކުރެއެވެ. ކޮންމެ ގޮތަކަށް ކަން ކުރިއަށް އެންމެ ފުރަތަމަ ކަމަކަށް ވާނީ ގަހަނާ ތަށިދޮންނަ ދިޔަ ފަދަ ޑިޓަރޖެންޓަކުން ދޮވެ ތެޔޮ ފިލުވުމެވެ. ދެން ކުރިން ދެންނެވި ފަދައިން ސުވާސާނަމަ، ހޫނު ހުޅުގަނޑަކުން ގަހަނާއަށް ހޫނުކޮށްގެން ހުރިހާ ރަތުލޮއެއް ކަޅުކުރުމެވެ. މި ކަޅު ފަށަލަ ދުއްވާލުމަށް ކޮންމެ ބާވަތެއްގެ ހުތެއްވެސް ބޭނުން ކުރެވިދާނެއެވެ. ހޫނު ރާހުތް ނުވަތަ ބައެއް ގަސްގަހުގެ ދިޔަވެސް ބޭނުން ކުރެވޭނެއެވެ. ނަމަވެސް ތިރީގައި މިދަންނަވާލަނީ މިކަން ކުރަން ބޭރު ޤައުމުތަކުގައި ބޭނުން ކުރާ ބައެއް މުޖައްރިބު ދިޔަ އުފައްދާނެ ގޮތެވެ. އާދެ! އެއްގޮތަކީ ގަހާނާއަށް ހޫނުކުރުމަށްފަހު، ނައިޓްރިކް އެސިޑަށް ބޭނުމެވެ. އަލިވަންދެން (ސީދާ ރަންކުލަ އަންނަންދެން) އަނެއްކާ ހޫނުކޮށް އެސިޑަށް ބާނާނީއެވެ. ނައިޓްރިކް އެސިޑް އެންމެ ފަސޭހައިން ލިބޭނީ ސްޓެއިންލަސް ސްޓީލް ބެއްދުންތައް ސާފުކުރަން ގެންގުޅޭ ފެނުގެ ގޮތުގައެވެ. މި ފެނުގައި ނައިޓްރިކް އެސިޑްގެ އިތުރަށް އެހެން މާއްދާއެއް ވެސް ހިމެނެއެވެ. ނަމަވެސް އެއީ އުއްތުމަށް މައްސަލައަކަށް ނުވާނެއެވެ. ނައިޓްރިކް އެސިޑް ލިބެން ދަތިނަމަ، ބެޓެރީއަށް އަޅާ އެސިޑްވެސް ބޭނުން ކުރެވިދާނެއެވެ. ދެ އެސިޑް އެއްކޮށްގެން ވެސް ބޭނުން ކުރެވިދާނެއެވެ. މި ދެބާވަތަކީ ވެސް ވަރަށް ތޫނު ހުތެވެ. ހަމުގައި ނުވަތަ ހެދުމެއްގައި ޖެހިއްޖެނަމަ ފޫ އަޅާނެއެވެ. އެސިޑްގައި ހަން ޖެހޭގޮތަށް އުޅުމަކީ ކަށިގަނޑާ ހަމައަށް ހަން ފޫދާ ކަމެކެވެ. މިކަން ކުރަންވާނީ ވަރަށް ވައި ދަތުރުކުރާ ތަނެއްގައެވެ. ބެދިފައިވާ ތަނެއް އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ.

       އެސިޑް ލިބެން ދަތިނަމަ، ރިސޯޓްތަކުގައި ހުންނަ ފަތާފެންގަނޑުތަކަށް އަޅަން ގެނެސްފައި ހުންނަ ސްޕެރެކްސް ކިޔާ ކުނޑިއެއް ފެނަށް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

       އުއްތުމަށް ބޭނުންކުރާ ބޭސް ތަކުގެ ތެރޭގައި ރާހުތް ހިމެނެއެވެ. މިގޮތުގައި، އުއްތަން ބޭނުންވާ އެތި ރާހުތަށް ލައި ކައްކަނީއެވެ. އެހެން ބޭސްތަކުގެ ތެރޭގައި ސޯޑިއަމް ބައިޓާރޓްރޭޓް އާ ކައްސަނދުވާނި އެއްވަރަކަށް އެއްކޮށް ދެމިނަށް ފުއްލޮނު އަޅައިގެން އުފައްދާ ތެރަސްގަނޑު ހިމެނެއެވެ. މިތެރަސްގަނޑު ގަހަނާގައި އުނގުޅަނިކޮށް ރިއްސާއި ލޯ ގިރި ރަން ކުލަ އަރައެވެ. އުއްތުމަށް ކަންކުރާ އަނެއް ގޮތަކީ ހަތަރު ބައި ސޯޑިއަމް ނައިޓްރޭޓްއަށް ދެބައި ފުއްލޮނު އަޅައި ކައްކައިގެން ކުޑިއަށް ހަދައި މީގެ ތެރެއަށް 3 ބައި ހައިޑްރްކޮލޮރިކް އެސިޑް އަޅައި ހޫނުކޮށް ބޭނުން ކުލަ އަރަންދެން ގަހަނާ މީގެ ތެރައަށް ލަނީއެވެ. ސޯޑިއަމް ނައިޓްރޭޓް އަކީ ގަސްކާނާ އެއްގެ ގޮތުގައި ބޭނުންކުރާ، އަދި ބަޑިބޭސް ހަދަން ވެސް ބޭނުން ކުރާ ބޭހެކެވެ. ގޭތެރޭގައި ގެންގުޅޭ ތަފާތު ދިޔަތައް އުއްތުމަށް ބޭނުން ކުރެވިދާނެއެވެ. ކީމިޔާވެރިން އެންމެ ކުރިން އުއްތާނެގޮތްތައް ހޯދާފައިވާނީ ތަފާތު ތަޖުރިބާތައް ކޮށްގެންނެވެ. އެ މަގު އަޅުގަނޑުމެންނަށް މިއަދުވެސް ހުޅުވިފައި ވެއެވެ.

       ގިރިޓީ ކުރުމަކީ އުއްތުމާ ތަފާތު ކަމެކެވެ. ގިރިޓީ ކުރާއިރު ގަހަނާގެ ބޭރުގައި ލެވޭ ރަން ފަށަލައަކީ ގިރިޓީ ކުރާ ފެނުން ނުވަތަ ގިރިޓީކުރަން ގުޅާ ބެޓެރީ ނަރުގެ އެއްކޮޅުގައި ހަރުކުރާ ރަންކޮޅުން ވަކިވެގެން އަންނަ ޒައްރާތަކުން ލެވޭ ފަށަލައެކެވެ. އުއްތާއިރު ލެވޭ ރަންފަށަލައަކީ އުއްތާ އެތީގައިވާ ރަނުން ލެވޭ ފަށަލައެކެވެ. ގިރިޓީ ފިލާހައި އަވަހަކަށް އުއްތާފައިވާ އެއްޗެއްގެ ސާފު ރަންކަން ކެނޑިގެން ނުދާނެއެވެ. އެއީ ގިރިޓީ ކުރާ މީހުން އެކަން ކުރަނީ ވަރަށް ތުނިކޮށެވެ. މާތުރަ، ބައެއް މީހުން، ބައެއް ތަކެތި ފައުނެއް ހުސްވަންދެން ވެސް ގިރިޓީ ކުރެއެވެ.