ދެމިހުންނަ ކާވެންޏެއްގެ ސިއްުރު

މީގެ ކުޑަ ދުވަސް ކޮޅެއްގެ ކުރިން، އަންހެނުންނާ ބެހޭ ކޮމިޓީއެއްގައި އަހުރެންގެ ކާވެނީގެ ސަބަބުން ލިބޭ ހިތްހަމަޖެހުމާ ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު އަހުރެންނާ ފޯނުން ވާހަކަ ދައްކައި، އަދި ބައްދަލުކޮށް ވެސް ހެދިއެވެ. މުޅިންހެން އަންހެނުންނެވެ.
އެމީހުންގެ ވާހަކަތަކުން އަހުރެންނަށް އޮޅުން ފިލީ، ކާވެނި އުފާ ކުރެވޭތޯ ގިނަ އަންހެނުން މަސައްކަތް ކުރާކަމެވެ. ކުރާ މަސައްކަތާ އަޅާ ބަލާއިރު، ހަމަހަމަ ނަތީޖާއެއް ނުލިބޭކަން ވެސް އެމީހުންގެ ވާހަކަ ތަކުން އަހުރެންނަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ގިނަ އަންހެނުންވަނީ ނާއުއްމީދުވެ ހިތްހަމަ ނުޖެހިފައެވެ. އެމީހުން ދެކޭ ގޮތުގައި ކަންތައްތައް ވަނީ އިންސާފަކަށް ނޫނެވެ.
މީހުންނާ ކުރެވޭ ކޮންމެ މުޢާމަލާތެއްގައި ކަންތައްތައް ވާފަދައިން، ކާވެންޏެއްގައި ވެސް، އެކަކު އަނެކަކު ދެކޭގޮތް ބިނާވެފައި އޮންނަނީ ތިމާގެ ބައިވެރިޔާ ނުވަތަ ޖީވަން ސާތީ އެމީހާ އާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުގެ މައްޗަށެވެ. ކާވެނީގެ ޙުޠުބާގައި ކާވެނި ބާއްޖެވެރިކުރުމަށް ދެމީހުން ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެވެއެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމަށާއި، ވަފާތެރިވުމަށާއި މިފަދަ ކަންކަމަށެވެ. މިހެން މިކަން އޮތްކަމުގައި ވިއަސް، ކާވެންޏަކީ އެކަކު އަނެކަކަށް ވަކި ކަންތައްތަކެއް ކޮށްދިނުމަށް ކުރެވޭ އިޤްރާރެއް ވެސް މެއެވެ. ކޮންމެ މީހަކުވެސް އަނެކަކުގެ ފަރާތުން ބައެއް ކަންކަން ކޮށްދިނުމަށް އުއްމީދު ކުރެވެއެވެ. މީގެ ތެރޭގައި ކާނާއާއި އަންނައުނާއި ފައިސާ އާއި އަނބިފިރިގުޅުން ހިމެނެއެވެ. ނަމަވެސް މިކަން މިހިސާބަކުން ނިމުނީއަކީ ނޫނެވެ. ކޮންމެ އިންސާނަކު ވެސް، ކާވެނީގެ ތެރޭގައި ނުވަތަ ކާވެންޏެއް ނުކުރާއިރުވެސް އެދޭ ވަރަށް މުހިއްމު ތިންކަމެއް ވެއެވެ. މިއީ ޠަބީޢީ ގޮތުންނާއި ނަފްސާނީ ގޮތުން ކޮންމެ އިންސާނެއް ވެސް އެ ކަންކަމަށް ކަރުހިއްކައިގަންނަ ތިންކަމެކެވެ. މިކަންކަމަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނޭ ސިއްރެއް ނޫނެވެ. މި ތިންކަންތައް ފުރިހަމަ ކޮށްދޭނޭ ބައިވެރިއެއް ލިބިއްޖެނަމަ، އެމީހަކީ ނަސީބު ރަނގަޅު، އުފާވެރި މީހެކެވެ.
މި ތިންކަމުގެ ތެރެއިން ފުރަތަމަ ކަން ދަންނަވާލާނަމެވެ. ކޮންމެ އިންސާނަކު ވެސް، ކޮންމެވެސް އެހެން މީހެއްގެ ޙަޔާތުގައި، އޭނާއަކީ އެންމެ މުހިއްމު މީހާކަމަށް ވުމަށް އެދެއެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމަކީ ބައިވެރިޔާ އެންމެ އިސްކަންދޭ، އެންމެ ފުރަތަމަ ކަން ކަމަށް ވުމަށް އެދެއެވެ. އޭނާއަކީ ނަންބަރު 1 އަށް ވުމަށް ބޭނުން ވެއެވެ.
އެކަމަކު، މީހަކަށް މިގޮތް އިޙްސާސް ވާނީ އަނެއް މީހާ މިކަން ކިޔައިދޭނަމަ އެވެ. ކުރާ ކަންތައްތަކުން، ދައްކާ ވާހަކައިން އެކި އިރު އެކި ގޮތަށް އެކަން ހަނދާންކޮށްދޭ މެސެޖުތައް ނުވަތަ ސިގްނަލްތައް އެމީހާއަށް ލިބޭނަމައެވެ.
ސިގްނަލް އޭ ތޯއެވެ؟ ކޮންމެ ދެމަ ފިރިއަކު ވެސް މިސިގްނަލްތައް ޖެހޭނީ އަމިއްލައަށް އީޖާދު ކުރާށެވެ. ޖީބަށް ނުވަތަ ބާލީސްދަށަށްލޯ ލޯބީގެ ނޯޓު، އެހެން ބައެއްގެ ކުރިމަތީގައި ފިރިމީހާއާ ދިމާއަށް ނުވަތަ އަނބިމީހާ އާ އިޝާރާތްކޮށް ބުނާ ރުހުމުގެ ބަސްތައް، އެއްވެސް ސަބަބެއްނެތި ކޮށްލަދޭ ހެޔޮކަންތައްތައް، ނުވަތަ ބޭއިޚްތިޔާރުގައި ފިރުމާލުންފަދަ ކަންކަމަކީ މާމަގެ ޅަދުވަހުގެ އާދަކާދަކަމަށް ކިޔައިދޭ ވާހަކަތަކެވެ. މިކަންކަން އާދަކާދައަށް ވަނީ އެކަމުގެ ނަތީޖާ ރަނގަޅުކަމުންކަން ކަށަވަރެވެ.
އަނެކަކު ދެކެ އެއްވެސް މީހަކަށް މަންމަންކޮށް، ޙަރަކާތެއް ނެތި، ވާވެގެން ލޯތްބެއް ނުވެވޭނެއެވެ. ތިމާގެ ލޯބިޖެހޭނީ، ބައެއް ފަހަރު ޑުރާމާއެއްގައިހެން، ކަންބޮޑުކޮށް ތަމްސީލުކުރާށެވެ. ބައެއް ފިރިން އެހެން އަންހެނެއްގެ ކައިރިއަށް ދީލާލާއިރު ބުނާއަޑު އިވެނީ ”އެންމެ ފަހުން ޙަޤީޤަތުގައި ވެސް، އަހުރެން ދެކެ ލޯބިވާ މީހަކާ ބައްދަލު ވެއްޖެއެވެ.“ ޝައްކެތްނެތި އެއަނތްބެއް ކައިރިން ދަތުރު ހެދި ފރިިމީހާ، ފަހުން ބައްދަލުވިމީހާ ލޯބިވާ ފަދައިން ފިރިމީހާ ދެކެ ކުރީގެ އަނބިމީހާ ލޯބިވިކަން ނޭގެއެވެ. ނުވަތަ ނޭނގިގެން ރަނގަޅު ސިގްނަލް ނުދެވެނީ ނުވަތަ ނުދެއްކެނީ ކަން ނޭނގެއެވެ. ޢަމަލުތަކުން ސާބިތު ނުކޮށްދޭހާ ހިނދަކު، ލޯތްބަކީ ސިކުޑީގައި ފޮރުވިފައިވާ އެއްޗެކެވެ.
ކަލާއަށް އެކަށީގެންވާ ލޯބީގެ ސިގްނަލްތަކެއް ނުލިބޭނަމަ، ފަހަރެއްގައި އެކަށީގެންވާ ސިގްނަލްތަކެއް ނުފޮނުވެނީ ކަމަށް ވެދާނެއެވެ. ކަލާގެ ކާވެނިގެ އުފާވެރި ދުވަސްތައް މާޒީވެއްޖެ ކަމަށް ހީވާނަމަ، މިކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާލުން ރަނގަޅުވާނެ އެވެ.
އިންސާނުން ދެވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންމެވެސް އެހެން މީހެއްގެ އެހީތެރިކަމާއި ބާރެވެ. ދިރިއުޅުމުގައި ކިތަންމެ އުނދަގޫ ތަކާ ދިމާވެއެވެ. އެއްވެސް މީހަކު އެކަނި ހުރިހާ ބުރައެއް އުފުލާނަމަ، ކާވެންޏެއް ކީއްކުރަންތޯއެވެ؟ ރައްޓެހިކަމެއްވެސް މާގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ބާރުގަދަ މީހާވެެސް ބައެއް ފަހަރު އަނެކާގެ އެހީ ބޭނުން ވެއެވެ. މިކަން އަޅުގަނޑާ ވާހަކަ ދެއްކި ކިތަންމެ ބައެއްގެ ފަރާތުން އެނގުނެވެ. ”އަހުރެން އިތުރު އެހީ ބޭނުމެވެ. ކުރާ މަސައްކަތުގައި، ދަރިން ބެލުމުގައި، ފައިސާގެ ކަންތައްތަކުގައި . . . ހުރިހާ ކަމެއްގައި އެހީ ބޭނުމެވެ. ނަމަވެސް އެ އެހީއެއް އަހުރެންނަކަށް ނުލިބެއެވެ.“ މި އަނބިންގެ ފިރިންނަށް ނޭނގޭ ކަމަކީ އެހީތެރިވުމުން ޙަޤީޤަތުގައި އެއެހީ ވެވެނީ ތިމާގެ އަމިއްލަ ނަފުސަށް ކަމެވެ. ލޯތްބާއި ކާވެނި އެއްކާރީގައި ބާއްވާފައި ވިސްނާލަ ބަލާށެވެ. އަނބިމީހާއަށް އެހީތެރި ނުވެވޭ ކަމުގައި ވަނީނަމަ، ފިރިމީހާގެ ދިރިއުޅުންވެސް އޮމާންކަމާއި އެކު ނުއެއް ހިނގާނެއެވެ. ކާވެންޏަކީ ދެ ފުރޮޅުލީ ގާޑިޔަލެކެވެ. އެއް ފުރޮޅު ގުދުވެފައިވާ ނަމަ ނުވަތަ އެއް ފުރޮޅުން ވައި ގޮސްފައިވާ ނަމަ، ގާޑިޔަލަކަށް ކުރިއަކަށް ނުދެވޭނެއެވެ.
އަނެކާއަށް އެހީތެރިވުމުގައި އޭނާ އެހީ ބޭނުންވަނީ ކޮން ކަންތައްތަކެއްގައިތޯ ވިސްނަން ވާނެއެވެ. ކޮންމެ ފަހަރަކު ފަހަތުން ދުވެ އާދޭސް ނުކުރަނީސް، އެހީތެރިކަމުގެ ދިގު މުލައްދަނޑިއެއް ފިރިމީހާއަށް ދިއްކޮލުމަކީ އަމިއްލަ ހިތްހަމަޖެހުމަށް ވެސް މުހިއްމު ކަމެކެވެ.
ތިންވަނައަށް އިންސާނުން އެންމެ ބޮޑަށް އެދޭ ކަމަކީ ކޮންމެވެސް އެހެން މީހަކު އޭނާ ބޭނުން ވުމެވެ. މިއީ ފުރަތަމަ އެދުމުގެ އަނެއް ކޮޅެވެ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ޢުމުރުގެ ދުވަސްތައް މާޒީވަމުން ދާއިރު ޙަޔާތުގެ ބޭނުންތަކާ ތަފާތު ސުވާލު ކުރެވެއެވެ. އެހެން މީހަކަށް ތިމާ ވަރަށް ބޮޑަށް ބޭނުން ވުމަކީ ފުން ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އަޅުގަނޑާ ވާހަކަ ދެއްކި ގިނަ އަންހެނުންގެ ފަރާތުން ބޭނުންވުމުގެ ހިތްހަމަ ޖެހުމެއް އެމީހުންނަކަށް އިޙްސާސް ކުރެވޭ ކަމަކަށް ނުފެނެއެވެ. ފަހަރެއްގައި އެއީ އަޅާލަންވީ ވަރަށް ފިރިމީހާއަށް އަޅާ ނުލެވުމުގެ ސަބަބުން، އޭނާ އެގޮތަށް ފަރިތަވީ ކަމަަށް ވެދާނެއެވެ. ނޫނީ އެކަން ފިރިމީހާ ފާހަގަކޮށް ޝުކުރުވެރި ނުވަނީ ކަމަށް ވެދާނެއެވެ. ފިރިންނަށް މިފަދަ ކަންކަން ދަސްކޮށްދޭން އެންމެ ރަނގަޅީ މިސާލުންނެވެ. ދެން ފިރިމީހާ ކަމެއްކޮށްދޭ ފަހަރަކު އެކަންތަކަށްޓަކައި ޝުކުރުވެރިވާކަން ހާމަކޮށްލުން ކިހިނެއްވާނެ ތޯއެވެ؟ ކިތަންމެ ފަހަރަކު އަޅުގަނޑުމެން ކައިރީގައި މީހުން ބުނެއެވެ: ”ކައިވެންޏަކީ އުނދަގޫ ދަތުރެކެވެ.“ ފަހަރެއްގައި އަޅުގަނޑުމެން ކާވެނި މާ ބޮޑުކަމަކަށް ހަދަނީ ކަން ނޭނގެއެވެ. ކާވެންޏާއި ދޭތެރޭ ފުންކޮށް ވިސްނާއިރު، އެއީ ރައްޓެހިކަން ފަދަ އިންސާނީ ގުޅުމެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ތިން ކަމެއް ކޮށްލުމުން މިކަން ޙާޞިލްވެދާނެއެވެ. އެއީ އަނެކާއަކީ ކަލާގެ ދިރިއުޅުމުގެ އެންމެ މުހިއްމު މީހާކަން އޭނާއަށް ހާމަކޮށްދިނުމެވެ. އޭނާއަށް ކަންކަމުގައި އެހީތެރި ވުމެވެ. ތިމާއަކީ އޭނާއަށް ވަރަށް ބޭނުންތެރި މީހެއްކަން އަމިއްލައަށް ވެސް އިޙްސާސް ވުމެވެ. އެންމެ ތިން ކަމެވެ. ނަމަވެސް އުފާވެރި ކާވެންޏަކަށް، މި ތިން ކަމުން އާދަޔާ ޚިލާފު ބާއްޖަވެރިކަމެއް ގެނެސް ދެއެވެ.
ބޮޑެތި ވިލާގަނޑުތައް އުފެދެނީ ކުދިކުދި ފެން އާވި ތިކިތަކަކުންނެވެ. އާދައިގެ ކުދި ކަންތައްތައް، ބޮޑެތި ކަންތައްތަކަށް މަގު ފަހިވެގެން ދެއެވެ. ކާވެނީގައި ވެސް އޮންނަނީ މިއުޞޫލެވެ. ބޭނުންވަނީ އަނެކާ އަކީ ވެސް އިންސާނެއް ކަމަށް ދުށުމެވެ. ރައްޓެއްސަކާ ދެމިއޮންނަ ގާތްކަން، ކާވެންޏެއްގެ ތެރޭގައި އިތުރަށް ބަދަހި ކުރުމެވެ.
ތަރުޖަމާ: ޙަސަން ޙަމީދު
ކާވެންޏާއި ސުވާލު
ކާވެނީގެ ބޮޑު މައްސަލައަކި މީހުން އެކަމާ ފިކުރު ނުކުރާ ކަމެވެ. މީހަކު ގަންނާނެ ބޮއްކުރައަކާ މެދު ފިކުރު ކުރަން އެތައް މަހަކު އޭނާ ދިރާސާކޮށް ހަދައެވެ. އެކަމަކު އޭނާގެ ދަރިންގެ މަންމަ ނުވަތަ ބައްޕަ ޚިޔާރުކުރަން ދެ ހަފުތާ ވެސް މަޑެއް ނުކުރެއެވެ.
ފިރިހެނަކަށް އަންހެނެއްގެ އިސްތަށިގަނޑު ރީތިވެގެން އޭނާއާ އިނދެފާނެއެވެ. ފިރިހެނަކު އަރާފައި ހުންނަ ބޫޓު މޮޅުކަމުން އޭނާއާ އަންހެނަކު އިނދެފާނެއެވެ. މިއީ ހައިރާންވާ ވަރުގެ ކަމެކެވެ. މިކަމާ މީހުން ކުރާ ސުވާލުވެސް އެހާ ހެއްވައެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ސުވާލުގެ ޖަވާބެވެ.
ސ: އަހަރެންނަށް އިނދެވެނީ ރަނގަޅު މީހާކަން ޔަޤީންވާނީ ކިހިނަކުން ހެއްޔެވެ؟
ޖ: ޔަޤީންކަމެއް ތިކަމަކު ނުހޯދޭނެއެވެ. މީހަކާ އިނުމަކީ އައުގޮތަކަށް ބޯކޮށުން ކަހަލަ ކަމެކެވެ. ކުރިން ހުރިގޮތް ނުހެދޭވަރަށް އިސްތަށިތައް ކޮށާލުމުން ނޫނީ އައުގޮތް ތިމާއާ ނުގުޅޭކަމެއް ޔަޤީނެއް ނުވާނެއެވެ.
ސ: އަންހެން ކުއްޖަކު، މީހަކާ އިންނަންވާނީ އޭނާއަށް އެންމެ ބަރާބަރު މީހާ އާ ބައްދަލުވުމުން ހެއްޔެވެ؟
ޖ: މިގޮތަށް ވިސްނާށެވެ. ބަރާބަރު މީހާ އާ ބައްދަލުވުމުން އޭނާ ކަލާއާ އިންނަން ބޭނުން ވާނެ ހެއްޔެވެ؟
ސ: ދެމީހަކު އެއް ކަންތައްތަކެއް ކުރާހިތްވާނަމަ، އެއީ ރަނގަޅު ކާވެންޏެއްގެ ބިންގަލަކަށް ވާނެތަ؟
ޖ: ތިކަން ބިނާވަނީ ކުރާހިތްވާ ކަންތައްތަކުންނެވެ. އެއީ ފުޓުބޯޅަބަލާހިތް ވާތީ ހެއްޔެވެ؟ ނޫނީ ޗޮކްލެޓް އައިސްކްރީމް ކާހިތްވާތީ ހެއްޔެވެ؟ މިއިން އެއްކަމަކީ ވެސް، ކާވެނީގެ ދިރިއުޅުމުގައި މަދުން ނޫނީ ކުރަންޖެހޭ ކަންތައްތަކެއް ނޫނެވެ.
ސ: ފައިސާ އަކީ ކާވެންޏަށް މުހިއްމު އެއްޗެއްތަ؟
ޖ: އެެކަށީގެންވާ ވަރަށް ލިބޭ ނަމަ އެއީ އެއްވެސް އެއްޗެއް ނޫނެވެ. އެކަށީގެންވާ ވަރު ބިނާވަނީ ކުރަން ބޭނުން ކަންތައްތަކުގެ މައްޗަށެވެ.
ސ: ޒުވާނެއްގެ ފުރަތަމަ ލޯތްބަށް ވުމަކީ ރަނގަޅު ކަމެއްތަ؟
ޖ: އޭނާގެ އެންމެ ފަހުގެ ލޯތްބަށްވުން މާ މުހިއްމެވެ.

Leave A Comment