
ވާހަކަ 28
ސަޙަރާއެއްގެ އެއްކަނުގައި އެކަހެރިކޮށް ދަރުވޭސީއަކު އިށީދެގެން އިންދައި، ޕާދުޝާހަކު އެތަން ހުރަސްކޮށް ވަޑައިގަންނަވައިފިއެވެ. ދަރުވޭސީއަށް ލިބިފައިވާ ލުއިކަމުން މިނިވަންކަން އިޙްސާސް ކުރެވޭތީރަސްގެފާނަށް އޭނާ އަދަބުއަދާ ކުރަން އިށީދެގެން އިން ތަނަކުން ނުތެދުވިއެވެ. ރަސްކަލުންގެ އާދަކާދައިގެ މަތިން، މިކަމާ ކޯފާވެ ވަޑައިގެން ވިދާޅުވިއެވެ. ”ކެހެރި ރަޖާ ލައިގެން އުޅޭ މި ވަންހައިގެ މީހުންނަކީ ހައިވާނުން ތަކެކެވެ.“
އަރިހުގައި ހުންނެވި ވަޒީރު ދަރުވޭސީއާ މުޚާޠަބު ކުރެއްވިއެވެ. ”ބިމުގެ ސަޠަޙައިގެ ވެރި ރަސްގެފާނު ތިބާ ހުރަސްކޮށް ވަޑައިގެންނެވިއިރު، ރަސްގެފާނަށް އަދަބު ތަޢުޒީމު އަދާކޮށް ރިވެތި އަޚުލާޤު ނުދެއްކީ ކީއްވެ ހެއްޔެވެ؟“
ދަރުވޭސީ ޖަވާބު ދިނެވެ. ”ރަސްގެފާނަށް ދަންނަވާށެވެ. އަދަބު ތަޢުޒީމު ފެންނާނީ ރަސްގެފާނުންގެ އަރިހުން އެދުމެއް ފުއްދުމަށް އުއްމީދުކުރާ ފަރާތްތަކުންނެވެ. އަދި ދަންނަވާށެވެ. ރަސްގެފާނުން ތިއްބަވަނީ ރައްޔިތުން ރައްކާތެރި ކުރާށެވެ. ރައްޔިތުން ލެއްވީ ރަސްކަލުންނަށް ބޯލަބާ ކިޔަމަން ވާކަށެއް ނޫނެވެ.“
އޭނާގެ ރަސްކަމުގައި ތަނަވަސްކަން ވިޔަސް،
ޕާދުޝާހަކީ ދަރުވޭސީންގެ ބަލަދުވެރިޔާ އެވެ.
ބަކަރި ހެއްދެވީ ބަކަރިގޮތްވަށް ޓަކައެއް ނޫނެވެ.
ނަމަވެސް ބަކަރިގޮވި ވަޒީފައިގައިވަނީ ބަކަރިއަށް ޚިދުމަތްކުރުމަށް ޓަކައެވެ.
ތިބާއަށް ތަނަވަސް ކަމުގައި މިއަދު މީހަކު ވަނިކޮށް ފެނިދާނެއެވެ.
ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުން ހިތްހަލާކު ވެފައިވާ އެހެން މީހަކުވެސް ފެނިދާނެއެވެ.
ނަމަވެސް ދުވަސްކޮޅަކު، މި ދުނިޔޭގައި މަޑުކުރަނިކޮށް،
ތަނަވަސްކަމުގައިވާ މޮޅުމީހާގެ ސިކުނޑިވެސް ވެއްޔަށް ވާތަން ފެނެއެވެ.
ނަސީބުގެ އަޖަލު އެމީހުން ހުރަސްކޮށް ދިއުމުން،
އަޅުމީހާއާއި ރަސްކަލުންގެ ފަރަގު ނެތިދެއެވެ.
ވަޅުލާފައިވާ މީހުންގެ ސަންދޯންތައް މީހަކު ހުޅުވާ ބަލައިފިނަމަ,
މުއްސަންޖަކާއި ފަޤީރެއްގެ ކަށިގަނޑުން އެމީހުން ވަތްކެއް ނުކުރެވޭނެއެވެ.
ދަރުވޭސީގެ މި ޝުޢޫރުތަކާ މެދު ރަސްގެފާނު ހިތްހަމަޖެހިވަޑައިގެން ކަމަކަށް އެދުމަށް އޭނާއަށް ދަންނަވައިފިއެވެ. ނަމަވެސް، ދަރުވޭސީ އެދުނީ ހަމައެކަނި އޭނާ އެކަހެރިކޮށް ހުރުމަށް ފުރުޞަތު ދިނުމަށެވެ. ދެން، ރަސްގެފާނު ނަޞީހަތަކަށް އެދިވަޑައިގެންނެވުމުން ދަރުވޭސީ ދެންނެވިއެވެ:
”ފައިސާއާއި ތަނަވަސްކަން ތިބާގެ އަތްމަތީގައިވާ ހިނދު ދަންނާށެވެ.
ނަޞީބާއި ރަސްކަން ތިބާގެ އަތްމަތިން ބީވާނެއެވެ “.
ވާހަކަ 29
ޒުލްނޫނު މިސްރީގެ އަރިހަށް ވަޒީރަކު ވަޑައިގެން ކަމަކަށް އެދިވަޑައިގަންނަވަމުން ވިދާޅުވިއެވެ. ”ރެޔާއި ދުވާލު އަޅުގަނޑު އުޅެނީ ރަދުންގެ ޚިދުމަތުގައެވެ. އޭނާގެ އަރިހުން މަންފާއަށް އުއްމީދު ކުރަމެވެ. ނަމަވެސް އޭނާގެ ފަރާތްޕުޅުން އަތުވެދާނެ އަދަބަކަށް ބިރު ގަންނަމެވެ.“ ޒުލްނޫނު ކީރިތި ކުރައްވައި ވިދާޅުވިއެވެ: ”ތިބާ ރަސްގެފާނަށް ތިޔަ ބިރުފުޅު ގަންނަ ގޮތަށް، އަޅުގަނޑު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ބިރުވެތިވާނަމަ، އަޅުގަނޑު ވީހީ ތެދުމަގު ލިބިގެންވީ މީހުންގެ ތެރެއިންނެވެ.“
ވާހަކަ 30
ޕާދުޝާހަކު، ކުށެއްނެތް މީހެއް ޤަތުލުކުރުމަށް އަމުރު ނެރުއްވުމުން، އެމީހާ ދެންނެވިއެވެ. ”ރަސްގެފާނެވެ. އަޅުގަނޑާމެދު އުފެދުނު ކޯފާއެއްގެ ސަބަބުން، ތިބާ ހަލާކުގެ ތެރެއަށް ނުވަންނަވާށެވެ“. ރަސްގެފާނު އެއީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި އޭނާ ދެންނެވިއެވެ.
” އަހުރެންގެ ފަރާތުގައި މި އަދަބު ދެމިހުންނާނީ ކުޑަ ހިދުކޮޅަކުއެވެ. [މާނައަކީ އަހުރެންނަށް މަރުގެ ތަދު އިޙްސާސްވާނީ ކުޑަ އިރުކޮޅަކުއެވެ] ނަމަވެސް އެކަމުގެ ފާފަ ތިބާގެ ކިބައިގައި އަބަދަށް ދެމި ހުންނާނެއެވެ.“
މި އިރުޝާދުން ރަސްގެފާނަށް އަސަރުކޮށް، އޭނާގެ ލޭ ރަސްގެފާނު ނަޖާ ކުރައްވައިފިއެވެ.
ވާހަކަ 31
ނޫޝިރުވާނުގެ ވަޒީރުން ދައުލަތުގެ މުހިންމު ކަމެއް މަޝްވަރާ ކުރައްވަމުން ގެންދެވިއެވެ. ކޮންމެ ވަޒީރަކުވެސް އެމީހަކަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށް ބިނާކޮށް ތަފާތު ގޮތްތައް ހުށަހަޅުއްވަމުން ގެންދެވިއެވެ. ރަސްގެފާނުވެސް އެހެން ވަޒީރުން ފަދައިން ޚިޔާލުފުޅު ހުށަހެޅުއްވުމުން، ބަރުޒަޗުމީރު މިޚިޔާލަށް ތާޢީދު ކުރައްވައިފިއެވެ.
އެހެން ވަޒީރުން ފަހުން ސިއްރުން ބަރުޒަޗުމީރު އަރިހު ސުވާލު ކުރެއްވިއެވެ. ”އެހެން އެތައް ޙިކުމަތްތެރިންގެ ފިކުރާ އަޅާބަލާއިރު، ރަސްގެފާނުންގެ ޚިޔާލުފުޅު ސަފުން މޮޅުކަމަށް ފެނިވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟“
”މަޝްވަރާ ކުރެވުނު ކަންތައް ނިންމެވުން ވަނީ ﷲ ގެ ކިބަފުޅުގައެވެ. ވާނޭ ގޮތެއް އަހުރެމެންނަކަށް ނޭނގެއެވެ. އެހެން ވަޒީރުންގެ ޚިޔާލުފުޅުތައް ރަނގަޅު ވެދާނެއެވެ. ނުވަތަ ގޯސްވެސް ވެދާނެއެވެ. އެހެންކަމުން ރަސްގެފާނުންގެ ޚިޔާލުފުޅަށް ތާއީދު ކުރުން މޮޅުވެގެން ވެއެވެ. އެއީ ރަސްގެފާނުންގެ ހުށަހެޅުން ރަނގަޅު ނޫންކަމަށް މުސްތަޤްބަލް ދައްކައިފިނަމަ، އަހަރުމެންގެ ބޮލުގައި އެއްވެސް ތުހުމަތެއް ނޭޅޭނެއެވެ.“ ބަރުޒަޗުމީރު ޖަވާބު ދެއްވިއެވެ.
ވާހަކަ 32
މަކަރުވެރިއަކު, އޭނާގެ އިސްތަށިގަނޑު ތަފާތު ގޮތަކަށް ހަދައިގެން, ހިޖާޒުން އައި ކާރުވާންއަކާ އެކު ސަހަރެއްގެ ތެރެއަށް ވަދެފިއެވެ. އަދި ބުނެއެވެ. ”އަހުރެންނަކީ ޢަލީގެފާނުންގެ ދަރިފަސްކޮޅުގެ މީހަކީމެވެ. އަހުރެން މިއައީ ޙައްޖު ވެގެންނެވެ.“
ދެން އޭނާ ރަސްގެފާނަށް މާރީތި ތަޢުރީފުގެ ޅެމެއް ކިޔައި އެއީ އޭނާ ހެދި ޅެމެއްކަމަށް ބުނަން ފެށިއެވެ. އެއަހަރު ދަތުރަކަށް ދިޔަ ވަޒީރުންގެ ތެރެއިން އެކަކު ރަސްގެފާނަށް ދެންނެވިއެވެ. ”ބަސްރާގެ އާޒާ ޢީދުން އަހުރެން އޭނާ ދުށީމެވެ. އެހެން ވެއްޖެނަމަ އޭނާ ޙައްޖަށް ދާނީ ކިހިނަކުން ހެއްޔެވެ؟“ އެހެން ވަޒީރަކު ދެންނެވިއެވެ. ”އޭނާގެ ބައްޕައަކީ މެލިޓާގެ ނަޞޯރާއެކެވެ. ޢަލީގެފާނުންގެ ދަރިފަސްކޮޅުގެ މީހަކަށް އޭނާ ވާނީ ކިހިނަކުން ހެއްޔެވެ؟ އަދި އޭނާ އެކިޔާ ޅެން، އަންވަރީގެ ދީވާންގައި ހިމެނެއެވެ.“
ރަސްގެފާނު، އޭނާގެ ދޮގުވެރިކަމަށްޓަކައި ތައުޒީރުކޮށް ސަހަރުން ބޭރުކޮށްލުމަށް އަމުރު ނެރުއްވިއެވެ. އެމީހާ ދެންނެވިއެވެ. ”ބިމުގެ ސަތަޙައިގެ ވެރި ރަސްގެފާނެވެ. އަޅުގަނޑު އަދި އެކައްޗެއް ދެންނެވިޔަ ދެއްވާށެވެ. އެއީ ތެދުކަމަށް ނުވެއްޖެނަމަ، ރަސްގެފާނު އަމުރު ކުރައްވާ ކޮންމެ އަދަބެއް އަޅުގަނޑަށް ޙައްޤު ވެއްޖެއެވެ.“ ރަސްގެފާނު އެއީ ކޮން އެއްޗެއްތޯ އެއްސެވުމުން މަކަރުވެރިޔާ ދެންނެވިއެވެ. ”ނުދަންނަ މީހަކު ތިބާއަށް ބަޓަރުނެގި ކިރު ގެނެސްފިނަމަ، އޭގެ ދެލާހީގައި ހުންނާނީ ފެނެވެ. ދެން ހުތްވެފައިވާ ކިރު ސަމުސަލެކެވެ. ތިބާގެ އަޅުގެ ފަރާތުން ސޭކު ވާހަކަ އަޑު އައްސަވައިފިނަމަ، ކޯފާނުވާށެވެ. ދުނިޔެ ދެކެފައިވާ މީހެއްގެ ދޮގު ގިނަވާނެއެވެ.“
ރަސްގެފާނު ހިނިފުޅުވަޑުވައި އޭނާ އެއަށް ވުރެ ބޮޑު ތެދެއް އުމުރުގައި ނުބުނާކަމަށް ވިދާޅުވެ، އޭނާ ލިބޭނެކަމަށް ހީކުރި ހަދިޔާ ތައްޔާރު ކުރައްވަން އަންގަވައިފިއެވެ.
ވާހަކަ 33
ވަޒީރުންގެ ތެރެއިން އެކަކު އޭނާގެ ދަށުގައި ތިބި މީހުންނަށް ހެޔޮކޮށް ހިއްތަވައި، އެމީހުންގެ ރުހުން ހޯއްދަވަން މަސައްކަތް ކުރައްވަތެވެ. އެއްފަހަރު ވަޒީރު ކުރެއްވި ކަމަކާ ހިތްހަމަ ޖެހިވަޑައި ނުގަންނަވައިގެން ރަސްގެފާނު އޭނާ ބަންދު ކުރައްވައި ވަޒީރު މައްޗަށް ޝަރީޢަތް ހިންގަން އަމުރު ކުރެއްވުމުން، އޭނާގެ އެކުވެރިން ރަސްގެފާނުގެ ކޯފާއިން ވަޒީރު ސަލާމަތް ކުރައްވަން މަސައްކަތް ކުރެއްވިއެވެ. ޤައިދުޚާނާ ބަލަހައްޓާ މީހުން ވަޒީރާ ދޭތެރޭ އޯގާތެރިކޮށް ކަންތައްތައް ކުރަތެވެ. އަދި އަރިހު އެހެން މީހުން ވަޒީރުގެ މާތްސިފަތަކުގެ ވާހަކަ އޭނާ ދޫކޮށްލައްވަންދެން ރަސްގެފާނަށް ދަންނަވައިފިއެވެ. ކަންވީގޮތް އެނގުނު ޢިލުމުވެރިޔަކު ބުނެލިއެވެ.
ވާހަކަ 34
ހާރޫނުއްރަޝީދުގެ ފިރިހެން ބޭފުޅުންގެ ތެރެއިން އެކަކު ކޯފާވެގެން ބައްޕައަރިހަށް ވަޑައިގެން ސަރުކާރުގެ ޚާދިމަކު އޭނާއަށް އިހާނަތްތެރި ބަސްތައް ގޮވިކަމަށް ޝަކުވާ ކުރައްވައިފިއެވެ. އެމީހާއަށް ދޭނީ ކޮން ބަދަލެއްތޯ ހާރޫނުއްރަޝީދު ދަރުބާރާ ސުވާލު ކުރައްވައިފިއެވެ.. އެކަކު އޭނާގެ ދޫ ކަނޑާލުމަށް ދެންނެވިއެވެ. އަނެކަކު އޭނާ ޤަތުލު ކުރެއްވުމަށް ހުށަހަޅައިފިއެވެ. އަދި ތިންވަނަ މީހަކު އޭނާ ޖުރުމާނާކޮށް ޖަލަށްލުމަށް ހުށަހެޅިއެވެ.
ހާރޫން ދެން ވިދާޅުވިއެވެ. ”އޭ ދަރިފުޅާއެވެ. އެންމެ އޯގާތެރިގޮތަކީ އޭނާއަށް މަޢާފު ކުރުމެވެ. އަދި ތިބާއަށް އެކަން ނުކުރެވޭނަމަ. އޭނާ ފަދައިން އޭނާގެ މަންމައާ ބެހޭގޮތުން އެ ޢިބާރާތްތައް ގޮވާށެވެ. ނަމަވެސް، މިކަމުގައި އޭނާއަށް ވުރެ ކުރިއަރައިފިނަމަ، ކުށްވެރިކަން އޮންނާނީ ތިބާގެ ކިބައިގައެވެ.“
ވާހަކަ 35
ހިކުމަތްތެރިންގެ ބަޔަކާ އެކު އަހުރެން ދޯންޏެއްގައި އިންދައި، ދެ ބެން ތިބި އެހެން ދޯންޏެއް ކައިރިއަށް ފެތިއްޖެއެވެ. އެއް ޙާކިމަކު އެދެބެން އެކުގައި ސަލާމަތްކޮށްފިނަމަ، ފަޅުވެރިޔާއަށް 100 ދީނާރު ދޭނެކަމަށް ބުނެފިއެވެ. އެކަކު ސަލާމަތް ކުރަނިކޮށް، އަނެކަކު ގެނބި މަރުވެއްޖެ އެވެ. އަހުރެން ބުނީމެވެ. ”އެކަކުގެ އަޖަލު ހަމަވީއެވެ. އެހެންކަމުން ލަސްކަން އޭނާ ސަލާމަތްކުރަން ހުރަސް އެޅީއެވެ.“
ފަޅުވެރިޔާ ހިނިތުންވެލާފައި ޖަވާބު ދިނެވެ. ”ތިބުނީ ތެދެކެވެ. އޭގެ އިތުރަށް އަހުރެން ބޭނުންވީ އެންމެ ފުރަތަމަ މިއަޚާ ސަލާމަތް ކުރާށެވެ. މާކުރިން ކުރި ކާރުވާން ދަތުރެއްގައި، އަހުރެންނަށް ނުހިގި ސަހަރާގެ ފަހަތަށް ގެއްލެން ދަނިކޮށް، މީނާ އަހުރެން ނަގާ އޭނާގެ ޖަމަލުގައި ގެންދިޔައެވެ. އަނެކާ އަހުރެންގެ ގައިގައި ޖަހައިފައި ވެއެވެ. އަހުރެން ކުޑައިރު ކިޔާ އުޅުނީމެވެ. ’އޯގާތެރިވާ މީހާ ދަންނާށެވެ. އޭނާ އެކަން ކުރަނީ އޭނާގެ އަމިއްލަ ނަފުސަށެވެ. އަދި އަނިޔާވެރިވާ މީހާ ދަންނާށެވެ. އޭނާ އެކަން ކުރަނީވެސް އޭނާގެ އަމިއްލަ ނަފުސަށެވެ.“‘
ވާހަކަ 36
ދެބެން އުޅުނެވެ. އެކަކު ރަސްގެފާނުންގެ ޚާދިމަކަށެވެ. އަނެކަކު ކައިބޮއި އުޅެނީ މުލައްދަޑީގެ މަސައްކަތުންނެވެ. މުއްސަނދި ބޭބެ ފަޤީރު ކޮއްކޮއަށް ބުންޏެވެ. ”ރަސްގެފާނުގެ ޚިދުމަތުގައި ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ އޭރުން އަތު މަސައްކަތުގެ އުނދަގޫކަމުން ނަޖާވާނޭ ނޫން ހެއްޔެވެ؟“
ކޮއްކޮ ޖަވާބު ދިނެވެ. ”މީހެއްގެ ޚާދިމަކަށް އުޅުމުގެ ދަށްކަމުން ސަލާމަތްވުމަށް، ބޭބެ އަތު މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ ފަލްސަފާ ވެރިން ބުނެފައި ވެއެވެ: ރަން ކުލައިގެ ކަމަރެއް ބަދެ، ޚިދުމަތުގައި ކޮޅަށް ހުރުމަށް ވުރެ، ބާރުލީ ރޮށި ކެއުން މާ ރަނގަޅެވެ.“
ވާހަކަ 37
ނޫޝިރުވާން އަރިހަށް މީހަކު އައިސް އެރަސްގެފާނުގެ ޢަދާވަތްތެރިއެއް މި ދުނިޔެއިން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ގެންދަވައިފިކަމަށް އުފާވެރިކަމާއެކު ޚަބަރު ކޮށްފިއެވެ. ނޫޝިރުވާން ވިދާޅުވިއެވެ. ”އެކަލާނގެ އަހުރެން މަރުން ސަލާމަތް ކުރައްވާފާނެ ކަމާމެދު އެއްވެސް ވާހަކައެއް އަޑުއެއްސެވިން ތޯއެވެ؟“
މި ސިލްސިލާގެ އެހެން ބައިތައް މިއޮތީ އެވެ.
ހުރިހާ މަޒުމޫނެއްގެ ސުރުޚީތައް ހިމެނޭ މޭނޫ ޞަފުޙާ މިއޮތީއެވެ.