ދިވެހި ތާރީޚްގެ ތެރެއިން

އެވޭލާ އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތް

މިހާތަނަށް ފެނިފައިވާ ހެކިތަކުން އެނގޭ ގޮތުގައި، ދިވެހީން އެންމެ ކުރީގައި ލިޔެއުޅުނީ ދިވެހި އަކުރު ނުވަތަ ދިވެސް އަކުރު ލިޔާ ބާވަތަށް ލިޔެފައި ހުންނަ އަކުރުތަކަކުންނެވެ. މިއަކުރުތަކުން ލިޔެފައިވާ ބައެއް ތަކެތި މިހާރުވެސް ރާއްޖޭގައި ވެއެވެ. 1922 ވަނަ އަހަރު، ރާއްޖޭގެ ތާރީޚް ދިރާސާ ކުރެއްވި ބިދޭސީއެއް ކަމުގައިވާ އެޗް.ސީ.ޕީ.ބެލް، ރާއްޖޭގައި ލޮއިން ލިޔެފައިވާ ލިޔުންތަކެއް ވޭތޯ ބެލިބެލުމުގައި، އެފަދަ ބައެއް ލިޔުންތައް އޭނާއަށް ހުށަހެޅި އެ ލިޔުންތަކުގެ ބައެއް ފޮޓޯތައް އޭނާގެ ހޯދުންތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތުގައި ވެއެވެ. ލޮއިގައި ލިޔެފައިވާ ލިޔުންތަކަށް ކިޔަނީ ލޯމާފާނު ނުވަތަ މާލޯފާނު އެވެ. މިބަހުގެ ލަފުޒީ މާނައަކީ، ”ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިއުމަށް ލޮއިން ނުވަތަ އެނޫންވެސް ވިރިކެކޭ މަޢުދަނަކުން ހަދައިފައިހުންނަ ހަނިދިގު ފޮތިތައް“ ކަމަށް  ބަސްފޮތުގައި ވެއެވެ. ފަތްހެން ފަތާކޮށް، ކަރުދާސް ގަނޑުހެން ހުންނަ ލޮޔަށް ކިޔަނީ ތާން ލޮއެވެ. ދިވެހީން ބޭނުންކޮށްފައިވާ ލޮއަކީ ރަތުލޮއެވެ. ކަރަންޓު ވައިރުކުރާ ނަރު ހަދާފައި ހުންނަ މަޢުދަނެވެ. ދިވެހީން ރަންވަންލޯ ކިޔަނީ ރަން ކުލައިގައި ހުންނަ ލޮޔަށެވެ. މިއީ ދިވެހިރާއްޖޭގެ ބައިރުފިޔާ ހަދާފައި ހުންނަ މަޢުދަނެވެ.  ބައެއް ލޯމާފާނު ލިޔެފައިވަނީ ރަތުލޮއިގައެވެ. ރަންވަންލޮއިގައި ލިޔެފައިވާ ލޯމާފާނެއް ފެނިފައެއް ނުވެއެވެ.

ބެލްއަށް ލޯމާފާނުތައް ފެނުމުން، އޭގައިވާ ލިޔުންތައް ދޭހަކުރަން، އޭރުގެ ދިވެހީންނަށް ދެއްކުމުން އެއީ ”އެވޭލާ އަކުރު“ ކަމަށް އެމީހުން ބުނިކަމަށް ބެލްގެ ފޮތުގައި ވެއެވެ. އެވޭލާ ގެ މާނައަކީ ޤަދީމީ ޒަމާން ނުވަތަ އިހު ޒަމާނެވެ. މި އަކުރުތަކާއި ފަހުން ދިވެހީން ލިޔަން ގެންގުޅުނު ދިވެހި އަކުރު ނުވަތަ ދިވެސް އަކުރު އާ ތަފާތު ތަކެއް ހުރެއެވެ. އަޑުތަކާއި އަކުރުތަކުގެ ބައްޓަމުގައެވެ. ދިވެހި އަކުރަކީ އެވޭލާ އަކުރުން އުފެދިގެން  އައި އަކުރުތަކެކެވެ. އެވޭލާ އަކުރު ފަދަ އަކުރުތަކުން ލިޔެފައިވާ ބައެއް ލިޔުންތައް ސްރީ ލަންކާގެ ބައެއް ތަންތަނުގައިވާ ހިލައާއި ތަނބުތަކާއި ތަޅުމުގައި ވާ ކަމަށް އެފޮތުގައި ވެއެވެ. އެވޭލާ އަކުރުން ލިޔެފައިވާ ތިން ލޯމާފާނެއް ދޭހަކޮށް އޭގައިވާ އެއްޗެއްގެ މާނައާއި ކިޔާގޮތް އޭނާގެ ފޮތުގައި ލިޔެފައި ވެއެވެ. މީގެ އިތުރަށް އެ ލޯމާފާނުތަކުގެ ބައެއް ފަތްތަކުގެ ފޮޓޯތައް ވެސް އެ ފޮތުގައި ވެއެވެ. އޭނާގެ ފޮތުގައި އެންމެ ފުރަތަމަ ބަޔާންކޮށްފައި ވަނީ، މީލާދީ ސަނަތުން 1195 ނުވަތަ 1196 ގައި ލިޔެފައިވާ ހައްދުންމަތީ ލޯމާފާނު ނަންބަރު 1 ގެ ވާހަކައެވެ. ދެވަނައަށް ބަޔާންކޮށްފައިވަނީ 1196 ނުވަތަ 1197 ގައި ލިޔެފައިވާ އެތެރެކޮއިލު ލޯމާފާނުގެ ވާހަކައެވެ. މި ލޯމާފާނަށް މިހާރު ކިޔަނީ ”ދަނބިދޫ ލޯމާފާނެ“ވެ. މި ނޫން ލޯމާފާނުގެ ވާހަކަ ވެސް އެފޮތުގައި ވެއެވެ.

މިހާ ހިސާބަށް ވިދާޅުވާ ބޭފުޅުންނަށް އެވޭލާ އަކުރާއި ސްރީ ލަންކާގައި އެދުވަސްވަރު ބޭނުން ކުރި އަކުރާ ވަރަށް އެއްގޮތްކަމަށް ހީފުޅު ވެދާނެއެވެ. އެވާނީ ރަނގަޅު ހީފުޅަކަށެވެ. ދަނބިދުލޯމާފާނުގެ ފަތެއްގެ ފޮޓޯއަކާއި ސްރީލަންކާއިން ފެނުނު  އެ ޒަމާނަށް ނިސްބަތްވާ ލޯމާފާނެއްގެ ފޮޓޯ ތިރީގައި އެވަނީ އެވެ. ލިޔުން ވަރަށް ވައްތަރު، އެހެން ނޫންތޯއެވެ؟ [ފޮޓޯތަކަށް އޮބާލުމުން، ކިޔަން އެނގޭމިންވަރަށް ބޮޑުވާނެއެވެ.]

ސްރީލަންކާއިން ފެނިފައިވާ ލޯމާފާނު ފެނިފައިވަނީ 1948 ވަނަ އަހަރުއެވެ. އޭގައިވަނީ، ހަތަރު ޞަފުޙާ އެވެ. އެވާހަކަ ނޫހުގައި ރިޕޯޓުކޮށްފައިވާ ލިޔުން ތިރީގައި އެވަނީ އެވެ. ބުނެވޭ ގޮތުގައި، މިއީ ސްރީ ލަންކާއިން ފެނިފައިވާ އެންމެ ގިނަ ދުވަސްވީ ލޯމާފާނެވެ. މިވާހަކަ ދަންނަވާލީ، ގިނަ ދުވަސްވީ ލޯމާފާނާއި އޭގެ ބާވަތްތައް، ދިވެހިރާއްޖޭގައި ނިސްބަތުން ގިނަކަން ފާހަގަކޮށްލަން ވެގެންނެވެ.

ބެލްގެ ފޮތުގައިވާ ބައެއް ލޯމާފާނުތަކުގެ ”ތަރުޖަމާ“ ގެ އިތުރަށް، ދެ ލޯމާފާނާ ބެހޭ ގޮތުން ތިން ފޮތެއް މިހާތަނަށް ދިވެހިބަހާއި ތާރީޚާ ބެހޭ މަޖިލިހުން ނުވަތަ މަރުކަޒުން ޝާއިޢުކޮށްފައި ވެއެވެ. އެއީ ދަނބިދޫ ލޯމާފާނާ ބެހޭ ދެ ފޮތަކާއި އިސްދޫ ލޯމާފާނާ ބެހޭ ފޮތެކެވެ. ތިރީގައިވާ ލިންކްތަކުން، މި ތަރުޖަމާތައް،  ކޮޕީރައިޓް ހުއްދަދޭ މިންވަރަށް، ޑައުންލޯޑު ކުރެވޭނެއެވެ.

  1. ދަނބިދޫ ލޯމާފާނު (ޙަސަން އަޙްމަދު މަނިކާއި  ބޭރުގެ ދެ ޕްރޮފެސަރެއްގެ ތަރުޖަމާ 1982)
  2.  (ދަނބިދޫ ލޯމާފާނު (ޢަލީ ނަޖީބުގެ ތަރުޖަމާ، 1983)
  3. އިސްދޫ ލޯމާފާނު (ޙަސަން އަޙްމަދު މަނިކާއި ވިޖަޔަވަރުދަނަގެ ތަރުޖަމާ، 1986)

ލޯމާފާނުގެ އިތުރަށް އެހެން ބައެއް ތަންތަނުގައި ވެސް، އެވޭލާ އަކުރުން ލިޔެފައިވާ ލިޔުން ހުރިކަމަށް ބެލް ގެ ފޮތުގައި ވެއެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވަނީ، މާވެޔޮގެ ހުޅަނގު ފަރާތުގައިވާ ގަލެކެވެ. މާވެޔޮ އަކީ، މިހާރު މާވެޔޮ މިސްކިތް ހުރި ތަނުގެ އުތުރުފަރާތުގައިވާ ވަރަށް ބޮޑު ވެވެކެވެ. މިވެވުގެ ބޮޑުމިނުގައި ގާތްގަޑަކަށް ބިތަކު 75 ފޫޓު ހުންނާނޭ ކަމަށާއި، ސްރީލަންކާގެ ކުއްޓަމް ޕޮކުނާ ޓޭންކް އާ ވައްތަރުކޮށް، ނަމަވެސް، ކުރެހުންތައް މަދުކޮށް ހުރިކަމަށް ބެލް ބަޔާން ކުރެއެވެ. އަދި ފެންގަނޑަށް ފައިބާން ކޮންމެ ފަރާތަކު ސިޑިއެއް ހުންނަ ކަމަށާއި، މި ވެވަކީ ލޯމާފާނު ދުވަސްވަރުގެ ވެވެއްކަމަށް ބަޔާންކޮށްފައި ވެއެވެ. މާލޭގެ އެވޭލާ ވެޔޮތައް، އިބްރާހީމް ނާޞިރު ވެރިކަމުގައި ފަސްއަޅައި ފޮރުވާލީ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެ ދުވަސްވަރު ވެޔޮތައް ހުރެއެވެ. 1911 ވަނަ އަހަރުގެ ބޯހިމެނުގައި، ހުވަދޫ އަތޮޅުގައި 326 ވެޔޮ އޮތްކަމަަށް ލިޔެފައި ވެއެވެ. އައްޑޫ އަތޮޅަކީ ވެސް ވެޔޮ ގިނަ އަތޮޅެކެވެ. ހިތަދޫ ރައްޓެއްސެއް ބުނި ގޮތުގައި، އޭނާ ބައްޕަގެ ގޭގައި 15 ވަރަކަށް ފޫޓު ދިގު 12 ވަރަކަށް ފޫޓު ފުޅާ ވެވެއް އޮވެއެވެ.  ތިރީގައި އެވަނީ ކުއްޓަމް ޕޮކުނާ ވެވުގެ ފޮޓޯއެކެވެ. މިއާ ވައްތަރު ވެވެއް މާމެޔޮމަގު ދެކަފިވީ ހިސާބުން ޚިޔާލަށް ގެންނަވާށެވެ.

އެވޭލާ އަކުރު ކިޔުން

މި ބައިގެ މަޤްޞަދަކީ އެވޭލާ އަކުރު ކިޔާނޭ ގޮތާއި ކޮމްޕިއުޓަރުން ލިޔާނޭ ގޮތް ބަޔާން ކުރުމެވެ. އެވޭލާ އަކުރު ލިޔުމަށް އެހީއަކަށް ވާނޭ ހަތަރު ފޮތެއް ވެއެވެ. ތިން ފޮތަކީ ކުރިން ފާހަގަކޮށްލި ދެ ލޯމާފާނެއްގެ ތިން ތަރުޖަމާ އެވެ. މިއިން ދެ ފޮތެއްގައި އެވޭލާ އަކުރުތަކާއި އޭގެ އަޑުތައް ލިޔެފައި ވެއެވެ. ޢަލީ ނަޖީބު ތަރުޖަމާ ކުރެއްވި ލޯމާފާނުގައި އަޑުތަކާއި އަކުރުތައް ވަކިން ފާހަގަ ކުރައްވާފައި ނުވިއަސް، އަކުރުތަކާ އަޑުތަކާ ދިމާކޮށްގެން އެވޭލާ އަކުރުތައް ލިޔާ ގޮތް އޮޅުން ފިލާނެއެވެ. ނަސީމާ މުޙައްމަދު ލިޔުއްވާފައިވާ މި ލިޔުއްވުމުގައި، އެވޭލާ އަކުރުތަކުގައި ހިމެނެނީ 27 ފިއްތި (ފިއްތި ނުވަތަ ކޮންސަނަންޓު ނުވަތަ ސުކުން) އަޑާއި 9 ލީން ނުވަތަ ވަވަލް އަޑުކަމަށް ލިޔުއްވާފައިވާތީ، އަދި މި ޢަދަދުތައް ކުރިން ނަންގަނެވުނު ތިން ފޮތުގައިވާ ޢަަދަދުތަކާ ދިމާނުވާތީ، އެ ޢަދަދުތަކާ ބެހޭގޮތުން އެކަމަނާ އާ ސުވާލުކުރެވުނެވެ. އެކަމަނާ ވިދާޅުވީ އެ ޢަދަދުތައް ހޯއްދެވީ އެވޭލާ އަކުރާ ބެހޭ ގޮތުން ތާރީޚީ ލިޔުންތަކެއް ލިޔުއްވާފައިވާ އަޙްމަދު ޝަފީޤު އެވޭލާ އަކުރު ދަރިވަރުންނަށް ދަސްކޮށްދެއްވަން އެކުލަވާލެއްވި ފޮތަކުން ކަމަށެވެ. އެކަމަނާގެ ފަރާތްޕުޅުން އެފޮތުގެ ކޮޕީއެއް އަޅުގަނޑަށް ލިބިފައި ވެއެވެ. މިއީ މުޅިން ފުރިހަމަ ނުވާ  ފޮތެއްގެ ދެލިކޮޕީއެކެވެ. މިއޮތީ އޭގެ ކޮޕީ އެކެވެ. ހަމަ މިފޮތުގެ ކޮޕީއެއް، އަޙްމަދު ޝަފީޤުގެ ފަރާތްޕުޅުން، އެކި ބަސްބަހާ ބެހޭ ފޮތް ލިޔުއްވާފައިވާ ފަރާތަކަށް ލިބިވަޑައިގެންފައިވާ ވާހަކަ އަޅުގަނޑުގެ ކައިރީގައި އެ ފަރާތުން ވިދާޅުވިއެވެ. އަދި ޝަފީޤު ފޮތް ދެއްވަމުން އެއީ ޢަލީ ނަޖީބުގެ ބޮޑު މަސައްކަތްޕުޅެއް ހިމެނޭ ފޮތެއްކަމަށްފާހަގަކޮށްލެއްވިކަމަށް ވެސް އެނާ ވިދާޅުވިއެވެ. އަޅުގަނޑަށް އެނގޭ ވަރުން މިފޮތުގައި ކުށް ހިމެނެއެވެ. (މަތީގައިވާ ލިންކްއިން ޑައުންލޯޑުކުރެވޭ ކޮޕީއަށް ވުރެ ސާފުކޮޕީއެއް ތިބާއަށް ލިބިވަޑައިގެންފައިވާނަމަ، އެހެން ފަރާތްތަކަށް އެހީއަކަށް އެ ކޮޕީ ޑައުންލޯޑު ކުރެވޭ ގޮތް ހަމަޖެއްސިދާނެއެވެ.)

ނަސީމާ މުޙައްމަދު، 1998 ވަނަ އަހަރު، ”ދިވެހީންގެ އަކުރު“ މި ނަމުގައި ފޮތެއް ލިޔުއްވާފައި ވެއެވެ. އެފޮތުގެ 9 ވަނަ ޞަފުޙާގައި، އެވޭލާ އަކުރުގެ 23 އަކުރާއި 9 ފިލިއަކުރާއި 11 ފިލި ހިމެނެއެވެ. ހަމަ އެފޮތުގެ 8 ވަނަ ޞަފުޙާގައިވާ ތާވަލެއްގައި، 24 އަކުރު ހިމެނެއެވެ. މިހާ ހިސާބުން ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނީ، އެވޭލާ އަކުރުތައް ޢަދަދުކުރުމުގައި ވެސް ޚިލާފުތަކެއް ހުރިކަމަށެވެ. ޙަސަން އަޙަމަދާއި އެކު ސްރީ ލަންކާގެ ޢިލްމުވެރިންލިޔުއްވާފައިވާ ދެ ފޮތުގައި ވެސް، އަކުރުތައް ގުނުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެއް ލަފުޒުއް ލިޔުމުގައި އެކި ތަންތަނުގައި ތަފާތު އަކުރު ބޭނުން ކޮށްފައި ވުމެވެ. ވަކި އަކުރެއް އެއް ފަހަރު ނުވަތަ ވަރަށް މަދުން ބޭނުން ކޮށްފައި ވުމެވެ. ލޯމާފާނު ލިޔުނުއިރު، އެވޭލާ އަކުރުގައި ހިމެނޭ، ނަމަވެސް ލޯމާފާނުގައި ބޭނުން ކުރަން ޖެހިފައިނުވާ އަކުރުތަކެއް ވެދާނެ ހެއްޔެވެ؟  އަކުރުތައް ގުނުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ބަހުގެޢިލްމުގެ އަޑާބެހޭ މަޢުލޫމާތު ނުވަތަ ފޮނެޓިކްސް އޮޅުން ފިލަން ޖެހެއެވެ. މިއޮތީ އެ ދާއިރާ އާ ބެހޭ ކުރު މަޒުމޫނެކެވެ.

އެވޭލާ އަކުރުތަކަކީ އިނގިރޭސި ބަސް ލިޔާ ފަދައިން ވާތުން ކަނާތަށް ލިޔާ އަކުރުތަކެކެވެ. ފޮޅުވަތް ނިމުމުން ލިޔަން ފަށާނީ އައު ފޮޅުވަތެއްގެވެސް ވާތް ފަރާތުންނެވެ. އެވޭލާ އަކުރު ލިޔާއިރު، ލަފުޒުތައް ވަކިކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ކުރެވިދާނޭ ކަމެކެވެ. މައިގަނޑު ގޮތެއްގައި، އަކުރުތަކުގައި ފިލިޖަހަނީ، އަކުރެއްގެ ހަތަރު ފަރާތުން ކޮންމެވެސް އެއް ފަރާތެއްގައެވެ. އެއީ އަކުރެއްގެ ކުރީގައި، ނުވަތަ މަތީގައި، ނުވަތަ ތިރީގައި ނުވަތަ ފަހަތުގައެވެ. އެއް ފިލި ދެ ފަރާތެއްގައި އެކުއެކު ޖަހައެވެ. މިގޮތުން، ހިންދީ ބަސް ލިޔާ، ދެވަނާގަރީ އަކުރު ލިޔާގޮތާއި، އެވޭލާ އަކުރު ލިޔާގޮތް އެއްގޮތެވެ. ތާނައިގައި ފިލިޖަހަނީ އަކުރެއްގެ މަތީގައި ނުވަތަ ތިރީގައި އެކަންޏެވެ.    އެވޭލާ އަކުރަކީ އަބޫގިޑާ ބާވަތަށް ލިޔާ އަކުރުތަކެކެވެ.  އެވޭލާ އަކުރާއި ތާނަ އަކުރާ ހުންނަ އަނެއް ތަފާތަކީ، އެވޭލާ ވަކި އަކުރެއް، ފިއްޔެއް ނެތި، ލިޔެފައިވާނަމަ، އެ ކިޔާނީ އަބަފިލި ޖަހައިގެންނެވެ. ހިންދީ ކިޔާ ފަދައިންނެވެ. މިއީ ސިންގަޅަ ވެސް ލިޔާގޮތެވެ. ތާނަ ލިޔާއިރު ވަކިން ”ކ“ އެއް ފިއްޔެއް ނުޖަހާ ލިޔެފައިވާނަމަ، ކާފު ވަކިގޮތަކަށް ނުކިޔައެވެ. ނަމަވެސް ސިންގަޅައާއި ހިންދީގައި ކިޔާ ގޮތަށް، ވަކިން ކާފު ލިޔެފިނަމަ، ކިޔާނީ އެހެން އަކުރުތައް ވެސް ވަކިން ލިޔުމުން ކިޔާގޮތަށް އަބަފިލި ޖަހައިގެންނެވެ. މި ބަސްބަހުގައި އަބަފިއްޔެއް ނުހިމެނެއެވެ. އެއީ ފިލި ނުޖަހާ ހުސް އަކުރު ލިޔުމުން އަބަފިލި ޖަހައި ކިޔާތީއެވެ. ސިންގަޅަ ބަހުން މިއީ ”ක“ ކާފު ިލިޔާ ގޮތެވެ. އަކުރުގައި ފިލި ޖަހާފައި ނުވާތީ، ކިޔާނީ ”ކަ“ މިގޮތަށެވެ. ފިއްޔެއް ޖެހުމުން، އަކުރުގައި ހިމެނޭ ޠަބީޢީ އަބަފިލި ބާޠިލްވެ، ޖެހި ފިއްޔަށް އަޑު ބަދަލުވާނެއެވެ.  ވަކި އަކުރަކީ ފިއްޔެއް ނެތް، ކާފުގެ އަޑެއްކަން ބުނަން ނިޝާނެއް އަކުރުގައި ޖަހަން ޖެހޭނެއެވެ.

ފޮނެޓިކްސް ނުވަތަ އަޑުތަކާ ބެހޭ ޢިލްމުގެ ހަމަތަކުން ބަލާއިރު،  އަލިފު (އ) ގައި ފިއްޔެއް ޖަހައި ކިޔުމުން ނުކުންނަ އަޑަކީ ފިއްތި (ކޮންސަނަންޓް) އަޑެއް ނޫނެވެ. އެހެންކަމުން، ތާނައިގައި ވަކި އަކުރެއްގެ ގޮތުގައި އަލިފު އޮތަސް، އެހެން ބައެއް ބަސްބަހުގައި މި އަޑަށް އަކުރެއް ނޯވެއެވެ. އެހެންވެއްޖެ ނަމަ، އަލިފުގައި އިބިފިލި ޖެހީމާ ނުކުންނަ އަޑު ލިޔާނީ ކިހިނަކުންތޯއެވެ؟  އެ ބަހުގައި އަލިފެއް ނޯންނާނެ ނޫންތޯއެވެ؟ މި ހާލަތުގައި ހަދާ ގޮތަކީ އަލިފުގައި ވަކި ފިއްޔެއް ޖެހީމާ ކިޔޭ ގޮތަށް ވަކި އަކުރެއް ހަދަނީ އެވެ. އަލިފުގައި ޖެހޭ ފިލިތަކަށް މި ބާވަތުން ލިޔާ އަކުރުތަކުގައި ވަކި އަކުރެއް އޮންނާނެއެވެ. އެވޭލާ އަކުރު ވެސް މިފަދައެވެ. މިއަކުރުތަކަށް ފިލިއަކުރުތަކޭ ކިޔައެވެ.

އެވޭލާ އަކުރުލިޔާ ނިޝާންތައް

ދެން މި ބަޔާން ކުރަނީ އެވޭލާ އަކުރު ލިޔާ ނިޝާންތަކެވެ. އެވޭލާއަކުރުތަކުގެ ބައެއް އަޑުތައް މިހާރު މި އިވޭ ދިވެހި އަޑުތަކާ ތަފާތު ކަމަށާއި، އެ ބަދަލުތައް ބެލްގެ ފޮތުގައި ބަޔާންކޮށްފައި ވެއެވެ. މިސާލެއްގެގޮތުން، އެ ދުވަސްވަރު، ދިވެހިބަހުގައި ފާފުގެ އަޑެއް ނޯވެއެވެ. އޮންނަނީ ޕަވިޔަނީގެ އަޑެވެ. ފުރަތަމަ ލިޔުމުގެ ބަދަލުގައި ލިޔަނީ ޕުރަތަމަަ އެވެ. ނަމަވެސް، ރާއްޖެ އިސްލާމް ވުމާ ގުޅިގެން، ޢަރަބިބަހުގަައި ޕަވިޔަނީގެ އަޑު ނުހިމެނޭތީ ޕަވިޔަނީގެ އަޑު، ފާފަށް ބަދަލުވީކަމަށް ބަޔާން ކޮށްފައި ވެއެވެ. ޕަވިޔަނި ފާފަށް ބަދަލުވެފައިވާ އެހެން ލަފުޒުތަކުގެ ތެރޭގައި، އަލިޕާން އަލިފާނަށް ބަދަލުވުން ހިމެނެއެވެ. ޕަވިޔަނި، ފާފުން ހާއަށް ވެސް ބަދަލުވެއެވެ. މިސާލެއްގެ ގޮތުން، އިހުޒަމާނުގެ ލިޔުންތަކުގައި، އަޕުރެމެން އޮތް އޮތުން އަފުރެމެން އަށް ބަދަލުވެ، މިހާރު ގިނަބަޔަކު ކިޔަނީ އަހުރެމެން އެވެ. މިގޮތަށް ބަދަލުވި އެހެން އަޑުތަކުގެ ތެރޭގައި، ޓަވިޔަނީގެ އަޑު ށަވިޔަނީގެ އަޑަށް ބަދަލުވުން ހިމެނެއެވެ. އިހުޒަމާނުގެ ލިޔުންތަކުގައި ކައުޓި އަކީ ކާއްޓެވެ. ނަމަވެސް ޓަވިޔަނީގެ އަޑު ށަވިޔަނީގެ އަޑަށް ބަދަލުވެ ކައުޓި > ކައުށި > ކާށި އަށް ބަދަލުވެފައި ވެއެވެ. ބެލްގެ ފޮތުގައި ޓަވިޔަނީގެ އަޑު ރާއަށް ބަދަލުވެފައިވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ. މިގޮތުން ކުރިން ”ހުރި“ މި ލަފުޒު ކިޔަނީ ”ހުޓި“ މިގޮތަށެވެ.  މިފަަދަ ބަދަލުތަކުގެ އެތައް މިސާލުތަކެއް (ދަލީލުތަކާއި އެކު) ދިވެހިބަހާ ބެހޭ ގޮތުން ލިޔެފައިވާ ސޮންޔާ ފްރިޓްޒް ގެ ފޮތުގައި ވެއެވެ. ފަހަކަށް އައިސް، މީހުން ހެދި ގޮތަކީ، އެވޭލާ އަކުރުގެ ޕަވިޔަނީގެ ނިިޝާން ފާފުގެ އަޑުން ކިޔަން ފެށީއެވެ. އެހެންކަމުން، އެވެލޭ އަކުރުން ލިޔެފައިވާ އެއްޗެއް ބަލާފައި، އެއީ ޓަވިޔަނީގެ އަޑުން ކިޔަންޖެހޭ އަކުރެއްކަމެއް، ފާފުގެ އަޑުން ކިޔަން ޖެހޭ އަކުރެއްކަމެއް ނޭނގޭނެއެވެ. ޢަލީ ނަޖީބު، ދަނބިދޫ ލޯމާފާނު، ތަރުޖަމާ ކުރައްވާފައިވަނީ، މިހާރުގެ ދިވެހިބަހުގެ އަޑުތަކަށް ފެތޭގޮތަށް ކަމަށް ލަފާކުރެވެއެވެ. އަދި ކިއެއްތަ، އެ ތަރުޖަމާގެ މުޤައްދިމާގައި، ނަސީމާ މުޙައްމަދު އެހެން ލިޔުއްވާފައި ވެސް ވެއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވަތަކަކީ، އެހެން ބަހަވީ އަސަރުތަކުން ގަނޑުބަނޑު ނުވެ، ރައްކާތެރިވެފައިވާ މައް ބަހުރުވަތަކެއްކަމުން، އިހުގެ ދިވެހިބަހުގެ އަޑުތަކާއި ބަހުގެ ހަމަތައް އެންމެ ބޮޑަށް އެނގެނީ ދެކުނުންނެވެ. އެ ހިސާބު ގަނޑުގައި، ޖެހިޖެހިގެން އޮންނަ ދެ ރަށުގެ ބަހުރުވަވެސް ތަފާތުވެދެއެވެ.

އަޑާބެހޭ ޢިލްމުގައި، އަޑު ބަޔާން ކުރާ ހަމައިން، އަޑުކިޔާ ޖަގަހައިން ނުވަތަ މަޚްރަޖައިން އަޑެއް ކިޔަންވީގޮތް ލިޔެފައި ނުވާނަމަ، ޒަމާން ތަކަކަށް ފަހު، އެ އަޑު އެކިމީހުން އެކި ގޮތަށް ކިޔަން ފަށާނެއެވެ. ކީރިތި ޤުރްއާން، ހުޅަނގު އެފްރިކާގެ ބައެއް ޤައުމުގެ މީހުންގެ ފަރާތުން އަޅުގަނޑަށް އިވިފައި ވެއެވެ. ކިޔަވާ އަޑުއަހާފައި، އެ ކިޔަވަނީ ޤުރްއާން ކަން އެނގެނީ ވަރަށް ބޮޑަށް ވިސްނުމުންނެވެ. މިސުރުގެ މީހުން ޢަރަބި ބައެއް އަކުރު ކިޔާ ގޮތާއި، ޖެހިގެން އޮތް ސަޢޫދީ  އެރެބިއާ ގެ މީހުން ހަމަ އެ އަކުރު ކިޔާ ގޮތް ވަރަށް ތަފާތެވެ. އެވޭލާ އަކުރުތަކުގެ ޙަޤީޤީ އަޑުތަކެއް، ފޮނޮލޮޖީގެ ހަމަތަކުން ސިފަކޮށްފައި ނުވާތީ މިހާރަކު ނޭނގޭނެއެވެ.

ތިރީގައި އެވަނީ އިސްދޫ ލޯމާފާނުގެ ތަރުޖަމާގެ ހަތަރު ވަނަ ޞަފުޙާގައި، ފިއްތި އަޑުތައް ފާހަގަކޮށްފައިވާ ގޮތެވެ. އަކުރުތައް އަތުރާފައި އެވަނީ ދެކުނު އޭސިއާގެ ގިނަ އަކުރުތައް އަތުރާ ތަރުތީބަކުންނެވެ.

މަތީގައިވާ އަޑުތަކާއި މެދު ވިސްނަވާއިރު، މިކަން ކުރިން ކުރެއްވި ފަރާތްތަކުން ބައެއް އަކުރުތަކުގެ އަޑުތަކާއި މެދު ޔަޤީންކަމެއް ނެތްކަން ފާހަގަ ކުރައްވާފައި ވެއެވެ. ބައެއް ފަރާތްތަކުން ”ޑހ“ ގެ އަޑު /ދ/ ގެ އަޑުގެ ގޮތުގައި ލިޔުއްވާފައި ވެއެވެ. އަދި ބައެއް ނިޝާންތައް އެކި ފަހަރު އެކި އަޑަށްލޯމާފާނުގައި  ބޭނުންކޮށްފައިވާ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. /ސ/ ގެ އަޑު /ހ/ ގެ ގޮތުގައި ބޭނުން ކުރައްވާފައި ވެއެވެ. މަތީގައިވާ ތަޞްވީރުގައި އެވާ، އަކުރުގެ ފަހަތުގައި ހ ޖަހާފައިވާ، ނޭވާލަމުން ކިޔާ އަޑުތައް އެނގިވަޑައިގަންނަވާތޯއެވެ؟

ބައެއް އަކުރުތައް ކިޔާއިރު، ނޭވާ ލައެވެ. މިގޮތަށް ކިޔާ އަކުރުތަކުގެ ތެރޭގައި ބޭރަށް ނޭވާލަމުން ކިޔާ އަކުރުތަކާއި އެތެރެއަށް ނޭވާލަމުން ކިޔާ އަކުރުތައް ހިމެނެއެވެ. އިނގިރޭސި ބަހުގައި ބުޅަލަށް ކިޔާ ”ކެޓް“ ރަނގަޅަށް ކިޔާނަމަ، ކާފުކިޔާއިރު ބޭރަށް ނޭވާލާނެއެވެ. މިކަހަލަ އަކުރުތަކަށް އެސްޕިރޭޓަޑް ނުވަތަ ނޭވާލާ އަކުރުތަކޭ ކިޔައެވެ. ބަހުގެ ޢިލްމުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެވުމުން ނޫނީ މިފަދަ އަކުރުތައް ނުވަތަ އަޑުތައް ފާހަގަ އެއް ނުކުރެވޭނެއެވެ. ނޭވާލަމުން ކިޔާ އަކުރެއް ކިޔާއިރު، އަގަމަތީގައި ތުނި ކަރުދާސް ޓިޝޫއެއް އެލުވާ ހިފަހައްޓާލާނަމަ، އަނގައިން ނުކުންނަ ނޭވާއިން އެ ޓިޝޫ ދުރަށްދާތަން ތިބާއަށް ފާހަގަ ކުރެއްވޭނެއެވެ. މަތީގައިވާ ކުރެހުމުގައި، އަކުރެއް ލިޔެފައި އެއާ ޖެހިގެން ހ އެއް ލިޔެފައި އެވަނީ ނޭވާލަމުން ކިޔާ އަކުރުތައް ފާހަގަކުރުމަށެވެ. އިހުގެ ދިވެހީން ވާހަކަ ދައްކާއިރު، /ކ/ ގެ އަޑާއި ތަފާތު، ނޭވާލަމުން ކިޔާ /ކހ/ އަޑެއް ހިމެނެއެވެ. ހިންދުސްތާނު މީހުން ”ކާކީ“ ކިޔާއިރު، ފުރަތަމަ ކާފު ކިޔަނީ ނޭވާލަމުންނެވެ. ނަމަވެސް ޖެހިގެން އޮތް ކާފު ކިޔަނީ މިހާރު ދިވެހި ކާފު ފަދައިންނެވެ. މަތީގައިވާ ކުރެހުމުގައި ނޭވާލަމުން ކިޔާ އެހެން ދެ އަޑެއް ފާހަގަކޮށްފައި ވެއެވެ. އެއީ /ޑހ/ އާއި /ދހ/ އެވެ. /ޑހ/ ދަންނައެވެ. ދިވެހިބަހުން، މިހާރު ދަނޑުފަނގު ކިޔަނީ ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ ހިންނަފަދަ ތަންތަނަށެވެ. މިތަންތަނަށް ނިސްބަތްކޮށް ލޯމާފާނުގައި ލިޔެފައިވަނީ ފަނގުދަނޑު އެވެ. އަޞްލު ލިޔެފައިވާ ގޮތަށް ބުނާނަމަ، ޕަގުޑަހޑެވެ. މި ލަފުޒު ލިޔެފައިވާއިރު، ފުރަތަމަ ޑަވިޔަނީގެ އަޑު  ލިޔެފައިވަނީ /ޑހ/ މިއަޑު ބޭނުން ކޮށްގެންނެވެ. އެވޭލާ ދުވަސްވަރު މިސްކިތަށް ކިޔަނީ ”މަސްޑިހދުހ“ އެވެ. މިލަފުޒުގެ ފަހުގައި އޮތް ދާލުގެ އަޑު ލިޔެފައިވަނީ /ދހ/ ބޭނުން ކޮށްގެންނެވެ. ވިސްނުންތެރިކަމާއެކު މިހާ ހިސާބަށް ކިޔުއްވި ބޭފުޅުންގެ ހިތްޕުޅަށް އެތައް ސުވާލެއް އަރާނެއެވެ. /ޑހ/ މިއީ ޖަވިޔަނީގެ އަޑު ހެއްޔެވެ؟ ވަށައިގެންވާ އެހެންއަކުރުތަކަށް ބަލައި (އަކުރުއޮތް ވެއްޓަށް ބަލައި ނުވަތަ ކޮންޓެކްސްޓް އަށް ބަލައި) މި ނިޝާން /ޖ/ ގެ އަޑުން ކިޔާ އުޅުނު ބާވައެވެ؟ އެފަދަ އެތައް ސުވާލެކެވެ. ތާނައިގެ އަކުރުތަކާއި އެވޭލާ އަކުރުތައް އަޑުގެ ގޮތުން ދިމާވާގޮތް ތިރީގައި އެވާ ހޫލައިގައި އެ ވަނީއެވެ. {ކީބޯޑު ޖަހާފައިވާ ކޮލަމްގައި ލިޔެފައިވަނީ އަޅުގަނޑު ހަދައިގެން އުޅޭ އެވޭލާ އަކުރު ލިޔާ ފޮންޓެއްގައި އަކުރު ޖެހޭނޭ އިނގިރޭސި ކީބޯޑުގެ ފިތެވެ.}

މަތީގައިވާ ތާނައަކުރުތަކާއި އެ އަކުރުތަކާއި ގުޅޭ އެވޭލާ އަކުރުތަކަށް ވިސްނާލުމުން ފ، ޏ، ޒ، ޖ، ޗ ގެ އަޑުތައް އެވޭލާ އަކުރުގައި ނުހިމެނޭ ކަމަށް ލަފާކުރެވެއެވެ.

ކުރިން ބަޔާން ކުރެވުނު ފަދައިން އަލިފުގައި ފިލިޖަހާ ކިޔާ އަޑުތަކަކީ ފިއްތި ނުވަތަ ސުކުން ނުވަތަ ކޮންސަނަންޓް އަޑުތަކެއް ނޫނެވެ. އެހެންކަމުން، /އ/ ގެ އަޑަށް ވަކި އެވޭލާ އަކުރެއް ނުވެއެވެ. ނަމަވެސް، އަލިފުގައި އެކި ފިލިޖެހުމުން، ކިޔާ ކޮންމެ އަޑަކަށް ވަކި އަކުރެއް ވެއެވެ. ތިރީގައި އެވަނީ އެ އަކުރުތަކެވެ.

ފިލިތަކަށް ވިސްނާއިރު، ދަނބިދޫ ލޯމާފާނު ތަރުޖަމާ ކުރެއްވި ޢިލްމުވެރިން 11 ފިއްޔެއް ފާހަގަ ކުރައްވާފައި ވެއެވެ. ކުރިން ދެންނެވިހެން، ހުރިހާ އަކުރެއް އެކަހެރިކޮށް އޮންނައިރު އޭގައި ޖެހެނީ އަބަފިއްޔެވެ. ވަކި އަކުރަކީ ފިލިނެތް ސުކުން އަޑެއްކަން ހާމަކުރަން ޚާއްޞަ ނިޝާނެއް ބޭނުން ކުރެއެވެ. ތިރީގައި މި ބަޔާން ކުރަނީ ކުރިން ހަވާލާދެވުނު ފޮތުގައި ބަޔާންކޮށްފައިވާ ފިލިތަކެވެ.

މަތީގައިވާ ތާވަލުން ފެންނަ ގޮތުގައި، އުބުފިލި ޖަހާނޭ ހަތަރު ގޮތެއް ވެއެވެ. އެބެފިއްޔާއި އޭބޭ ފިއްޔަށް ބޭނުން ކުރަނީ އެއް ނިޝާނެކެވެ. ހަމަ އެފަދައިން އޮބޮފިއްޔާއި އޯބޯފިއްޔަށް ވެސް ބޭނުން ކުރަނީ އެއް ނިޝާނެކެވެ. ނަމަވެސް، އަކުރެއް ވަށައިގެންވާ އެހެން އަކުރުތަކުގައި ފިލިޖެހިފައިވާ ގޮތުން، އަކުރުގެ ވެށީގެ ސަބަބުން ނުވަތަ ކޮންޓެކްސްޓް އިން ވަކި ފިއްޔެއްކަން ޔަޤީން ވެއެވެ. ފަހެ، ދެކުނު އޭޝިޔާގެ އެހެން ބަސްބަހުގައި ވެސް މިގޮތަށް ފިލިޖަހައެވެ. އޮބޮފިލިޖަހަނީ، އަކުރުގެ ކުރީގައި އެބެފިއްޔެއް ޖެހުމަށްފަހު އަކުރު ފަހަތުގައި އާބާ ފިއްޔެއް ޖަހައިގެންނެވެ. ފިލިތައް ޖަހާއިރު، އަކުރާ ގުޅިގެންދާ ގޮތަށް ފިލި ޖަހައެވެ. ތިރީގައި އެވަނީ ކުރިން ހަވާލާ ދެވުނު ފޮތުގައި، ފިލިތަކުގެ މިސާލު ލިޔެފައިވާ ގޮތެވެ.

އެވޭލާ އަކުރުލިޔުމުގައި އެހެން ޚާއްޞަ ނިޝާންތައް ބޭނުން ކުރެއެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ނިޝާންތަކެވެ.

އަކުރުތައް ފަށްފަށްކުރުން

އެކި ބަސްބަހުގައި، ދެތިން އަކުރުގެ އަޑު ޖެހިޖެހިގެން ފިއްޔެއް ނެތި ލިޔެފާނެއެވެ.  މިސާލަކަށް ”ކުއްޖާާ“ ލެޓިން އަކުރުން ލިޔާއިރު، ލިޔަނީ kujjaa މިގޮތަށެވެ. /ޖ/ ދެފަހަރު ލިޔުމުން އަލިފު ސުކުނަށް ނުވަތަ ތަޝްދީދަށް /ޖ/ ކިޔެއެވެ. މިގޮތަށް ޖެހިޖެހިގެން ލިޔާ އަކުުރުތަކަށް ފޮނޮލޮޖީ ގައި ނުވަތަ އަޑާއި ބެހޭ ޢިލްމުގައި ކިޔަނީ ކޮންސަނަންޓް ކްލަސްޓަރ އެވެ. ނުވަތަ އަކުރުކޯޅި އެވެ. އަކުރުކޯޅި ލިޔަން ދެތިން ގޮތެއް އެވޭލާ އަކުރު ލިޔާއިރު ބޭނުން ކުރެއެވެ. އެއްގޮތަކީ ލެޓިންހެން ޖެހިޖެހިގެން ގާތުގައި އަކުރު ދެފަހަރު ލިޔުމެވެ. ތަފާތު ދެ އަކުރުވެސް ލިޔާނީ ޖެހިޖެހިގެންނެވެ. މިގޮތަށް ލިޔުމުން އަކުރުގައި ހިމެނިފައިވާ އަބަފިލި ނުކިޔައެވެ. މިސާލެއްގެ ގޮތުން ކާއްޓަ ލިޔަނީ  kaatta މިގޮތަށެވެ. ނޮރައްމަ ލިޔާނީ noramma މިގޮތަށެވެ. ފަހު ދެ މީމު އެއް މީމު އަނެއް މީމާ ޖައްސައެވެ. ނުޖައްސާ ލިޔެފިނަމަ ކިޔާނީ ނޮރަމަމަ އެވެ. އަކުރުގެ ބައްޓަމުގެ ގޮތުން {މިސާލަކަށް ބަރު ނޫނު (ނަވިޔަނި) ނަމަ} އެއްއަކުރު މަތީގައި އަނެއް އަކުރު ފަށްފަށް ކުރުމަށް ލިޔެއެވެ. އެވޭލާ އަކުރު ލިޔުމުގައި، ތިން އަކުރުގެ އަކުރުކޯޅި ހިމެނެއެވެ. މިއީ އިނގިރޭސި ބަހުގައިވެސް އަކުރު ކޯޅި ހިމެނޭ އެންމެ ގިނަ މިންވަރެވެ. އިނގިރޭސި ބަހުން ”ސްޕްލިޓް“ ކިޔާއިރު، /ސ/ އާއި /ޕ/ އާއި /ލ/ ގެ އަޑު އެވަނީ ފިއްޔެއް ނެތި އެވެ. ދިވެހިބަހުން މިހާރު ވާހަކަ ދައްކާއިރު، ގިނަވެގެން ދެ އަކުރު ނޫނީ އަކުރު ކޯޅި ގޮތުގައި ބޭނުމެއްނުކުރެއެވެ. މިސާލެއްގެ ގޮތުން ”ސްކޫލް“ ކިޔާއިރު، /ސ/ އާއި /ކ/ އެވަނީ ދެ އަޑުގެ ކޯޅިއެއްގައެވެ. /ސ/ ނޫން ގޮތެއްގެއްގައި މައް ދިވެހި ލަފުޒެއްގައި އަކުރުކޯޅި ބޭނުން ކުރާކަމަކަށް ނުވެއެވެ. އެއީ މިހާރުއެވެ. އިހު ޒަމާނުގައި އަކުރުކޯޅި ހުންނަ އެތައް ލަފުޒެއް ވެއެވެ. މިސާލެއްގެ ގޮތުން ”ފުރަތަމަ“ ކުރިން ލިޔަނީ ”ޕްރަޓަމަ“ މިގޮތަށެވެ. މިފަދަ އެތައް މިސާލެއް ލޯމާފާނުން ފެނިވަޑައިގަންނަވާނެއެވެ.

ފަރިތަކުރުން

މަތީގައި ދެންނެވިފައިވާ މިންވަރުން ތިބާއަށް އެވޭލާ އަކުރު ކިޔުއްވަން އެނގިވަޑަިގަންނަވާނެއެވެ. އަދި ލިޔުއްވަން ވެސް އެނގިވަޑައިގަންނަވާނެއެވެ. ދެން އޮތީ ދަސްކުރެއްވުނު މިންވަރު ތަމްރީނުކޮށްލުމަށްޓަކައއި، ކުރު ފަރިތަކުރުމަކަށް އިންސާފު ކޮށްލުމެވެ.

މަތީގައިވާ ތާވަލުގައިވާ ގިނަ ލަފުޒުތަކަކީ، ލޯމާފާނުގައިވާ ލަފުޒުތަކެވެ. އެވޭލާ އަކުރު ދަސްކުރައްވައިގެން ލޯމާފާނުތައް ކިޔުއްވަން މަސައްކަތް ކުރައްވާ ފަރާތްތަކަށް ފާހަގަ ކުރެއްވޭނީ، އެ ތަރުޖަމާ ކުރެއްވި ފަރާތްތަކުން، ލިޔުއްވުމުގައި ނުވަތަ ޗާޕުކުރުމުގައި ހިތާމަހުރި ކުށްތަކެއް ޖެހިފައިވާ ކަމެވެ. ލޯމާފާނުގެ ދެ ފަތެއްގެ ތަސްވީރާއި އޭގެ ތިރީގައިވާ ލިޔުންތައް ދިމާނުވާ ކަމެވެ. އާދެ! ޗާޕުކުރުމުގެ ތެރޭގައި، ތަޞްވީރާއި ލިޔުއްތައް ބަދަލުވެފައި ވަނީއެވެ. މީގެ އިތުރަށް ތިން ފޮތުގައި ވެސް ކުށްޖެހިފައި ވެއެވެ. އެއީ ފަހަރެއްގައި، ޓައިޕްކުރި ފަރާތުން ޖެހިފައިވާ ކުށްތަކަށް ވެސް ވެދާނެއެވެ. މިފަދަ މަސައްކަތްތަކަކީ، ވަރަށް ފަރުވާތެރިކަމާއި އެކު ޗެކުކުރަން ޖެހޭ މަސައްކަތެވެ.

ތިރީގައި އެވަަނީ އަޞްލު ލޯމާފާނު ފަތެއްގެ އެއް ފަރާތުގައިވާ ލިޔުން ތާނައިން ލިޔެފައެވެ. ކުރިން ދެންނެވިހެން ”ޑހ“، ޢަލީ ނަޖީބު ލިޔުއްވަނީ ”ދ“ ގެ ގޮތުގައެވެ. އަދި، ”ސ“  ލިޔުއްވަނީ ބައެއް ފަހަރު ”ހ“ ގެ ގޮތުގައެވެ. މި ބާވަތުގެ ކުދި އިތުރު ތަފާތުތައް ތިބާއަށް ފާހަގަ ކުރެއްވޭނެއެވެ.

އެވޭލާ އަކުރު ފޮންޓު

ތިރީގައި އެވާ ލިންކުން އެވޭލާ އަކުރު ފޮންޓު ޑައުންލޯޑު ކުރެވޭނެއެވެ. ފޮންޓުގެ ފިއްތަކަށް އަކުރުތައް ބަހާފައިވާ ގޮތް ތިރީގައިވާ ކުރެހުމުން ފާހަގަ ކުރެއްވޭނެއެވެ. އަކުރުތައް ލިޔަން ދަސްކުރައްވާނަމަ، މި ކުރެހުން ޕްރިންޓްކޮށް ކުރިފުޅުމަތީގައި އޮތުމަކީ ލިޔަން ފަސޭހަ ކަމަކަށް ވެދާނެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ފޮންޓު ބޭނުން ކުރަންޖެހޭނީ އިނގިރޭސި ލިޔާގޮތަށް ވާތުން ކަނާތަށް ލިޔުމަށެވެ. އަދި ލިޔާއިރު ބޭނުން ކުރަންވާނީ އިނގިރޭސި ކީބޯޑެވެ. މި ފޮންޓު ހަދާފައިވަނީ ދަނބިދޫ ލޯމާފާނުގެ އަކުރުތައް ކޮޕީކޮށްގެންނެވެ. އަކުރުތައް މިހާރު ހުރި ވަރަށް ވުރެ ރީތި ކުރެވޭނެއެވެ. ނަމަވެސް އަޞްލަށް އިޙްތިރާމް ކުރުމުގެ ގޮތުން ލޯމާފާނުގައިވާގޮތަށް އަކުރުތައް ބެހެއްޓީއެވެ.

އަދި ދަންނަވަމެވެ. ކޮމްޕިއުޓަރުން ތާނަ ލިޔާއިރު، ތާނައަށް ޚާއްޞަ ޕްރޮގްރާމެއް ވިންޑޯޒްގައި ހިނގަން ފަށައެވެ. އަދި ޢަރަބި ލިޔާއިރު، އަރަތްބަށް ޚާއްޞަ ޕްރޮގްރާމެއް ވިންޑޯޒްގައި ހިނގަން ފަށައެވެ. އެވޭލާ އަކުރު ލިޔުމަށް ވިންޑޯޒްގައި ޚާއްޞަ ޕްރޮގްރާމެއް ނުވާތީ، އަކުރުތައް ލިޔުމުގައި ލޯމާފާނުގައިވާހެން، ލިޔާ ކަށި ނައްޓާނުލާ ލިޔާގޮތަށް، އަކުރުތަކާއި ފިލިތައް ގުޅިގެންދާ ގޮތަށް ނުވަތަ ފުށުއަރާގޮތަށް ފޮންޓަކުން ނުލިޔޭނެއެވެ.  އެވޭލާ އަކުރު ދަސްކުރާބަޔަކު، ދަސްކުރާނީ ހަމައެކަނީ ޢިލްމީ ޝައުޤެއްގެ ސަބަބުންނެވެ. އެކަމަށް ފިއްޔާއި އަކުރުތައް ވަކިން ހުރުން ރަނގަޅުވާނެއެވެ.  ގުޅިގެންދާ ގޮތަށް ފޮންޓު ހަދަން ގާތްގަޑަކަށް އެއް މަސް ދުވަހު މަސައްކަތް ކުރަންޖެހޭނެއެވެ. އެވޭލާ އަކުރު ދަސްކުރަން އައު ޖީލެއް ޝައުޤުވެރިވާ މިންވަރަކުން ފޮންޓުގެ އައު އިސްދާރެއް (އެޑިޝަނެއް) މުސްތަޤްބަލްގައި ނެރެވިދާނެއެވެ.

ތިޔަ ކިޔުއްވާ ނިންމާލެއްވީ ދިވެހީން މީގެ 900 ވަރަކަށް އަހަރު ކުރިން ލިޔެއުޅުނު އަކުރުތަކުން ލިޔެފައި ހުންނަތަކެތި ކިޔުއްވާނޭ ގޮތާއި އެ އަކުރުތަކުން  ދިވެހި ލިޔުއްވާނޭ ގޮތެވެ. އިތުރަށް ދަސްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލޯމާފާނުތަކުގެ ތަރުޖަމާ، ކުރީގައި ޙަވާލާ ދެވުނު ލިންކްތަކުން ކިޔުއްވުން އެދެވިގެން ވެއެވެ. ފަހެ، އެވޭލާ ދިވެހިބަހުގެ ހަމަތަކާއި، ބަސް ބަދަލުވެފައިވާ ގޮތް ދަސްފުޅު ކުރެއްވުމަށް އެ ތަރުޖަމާތަކަކީ ޖަވާހިރެވެ.

އެވޭލާ އަކުރާ ބެހޭ ގޮތުން އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ކުރު ފޮތުގެ އިސްބަސް ނިއްމަވާ ލައްވަނީ އަންނަނި ޢިބާރާތުންނެވެ: ”އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން [ނު]ފިލާ މަގުގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.“ ޝަފީޤު އެ ވިދާޅުވާ ބައިގެ ތެރޭގައި  ތިބާ ވަމާތޯއެވެ؟ އެވޭލާ އަކުރު ލިޔަން ކިޔަން އެނގުނަސް ލޯމާފާނުގައިވާ އެއްޗެއް ދޭހަ ކުރުމަކީ އަދި އެހެން ވާހަކައެކެވެ. އެކަމަށް ޢަލީ ނަޖީބު ހޭދަކުރެއްވި މުއްދަތު އޭނާގެ ތަރުޖަމާގެ މުޤައްދިމާގައި ވެއެވެ. އަޑު އިވިފައިވާ ގޮތުގައި ދަސްފުޅު ކުރެއްވުމަށް ސްރީ ލަންކާގެ ބައެއް ފަރުބަދަ މަތީ ތިބޭ ހާމުދުރުންނާ ބައްދަލު ކުރައްވައި މުސްކުޅި ސިންގަޅަ ނުވަތަ އޭލޫ  ބަސް އޮޅުން ފިލުއްވިއެވެ.

އެވޭލާ އަކުރާއި ދިވެސް ނުވަތަ ދިވެހި އަކުރާއި ހުރި ތަފާތަކީ ކޮބައިތޯއެވެ؟ ދެން ލިޔާ މަޒުމޫނެއްގައި ދިވެހި އަކުރު ނުވަތަ ދިވެސް އަކުރު ކިޔާނޭ ގޮތާއި ލިޔާނޭ ގޮތަށް އިންސާފުކުރުމުގެ އުއްމީދުގައި މިހާތަނުން މި މަޒުމޫނު ނިއްމާލަމެވެ. (މި މަޒުމޫނުގައި ހިމެނޭ ބައެއް ޙަވާލާ ދެވުނު ލިޔުންތައް ހޯދުމުގައި ދިވެހިބަހުގެ އެކެޑެމީގެ ނާޒިމްގެ އެހީތެރިކަން ލިބިފައި ވެއެވެ. އޭނާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ލިޔުމުގައި ކުށެއްވާނަމަ، އެއީ އަޅުގަނޑުގެ ”އުފެއްދުމެވެ“.)