ރަށް ފުށުގެ ތަނަވަސްކަމަށް

ބޮނޑިހަލުވާ އާއި ހުނި ބަރުފީ އާއި ބައުންޓީ ބާރ ހަދާނޭ ގޮތް – 1

މި މަޒުމޫނުގައި އަހުރެންގެ މަޤްޞަދަކީ ބޮނޑިހަލުވާ ނުވަތަ ބޮނޑި ހަދާނޭ ގޮތް ކިޔާ ދިނުމެވެ. ބޮނޑިއާއި ދާދި އެއްގޮތަކަށް ހަދާ އެހެން ދެ އެއްޗެއް އެހެން ޤައުމުތަކުގައި ވަރަށް މަޝްހޫރެވެ. އެކައްޗަކީ ހުނި ބަރުފީ އެވެ. އަނެއް އެއްޗަކީ ބައުންޓީ ބާރ އެވެ. މިއިން ކޮންމެ އެއްޗަކީ ވެސް ގޭގައި ހަދައިގެން އެކަށީގެންވާ އާމްދަނީ އެއް ހޯދޭނޭ އެއްޗިއްސެވެ. ޕާޓީތަކުގައި ވެސް މިތަކެތި ވަރަށް ”ހިނގާނެ“އެވެ. ނަމަވެސް، ފައިދާ ބޮޑު ކުރުމަށް ބޮނޑި ހަދާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އަދި ވިއްކަން ތައްޔާރު ކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެގޮތްތައް ވެސް މި މަޒުމޫނުގައި އަހުރެން ކިޔައިދޭނަމެވެ. މަޒުމޫނުގެ ބޭނުމަކީ ވެސް، ގޭގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދޭނޭ މަސައްކަތެއްގެ މަޢުލޫމާތު ހުށަހެޅުމެވެ.

ހުވަދޫ އަތޮޅުގެ މީހުން ބުނާ ގޮތުން، ހުވަދޫ ބޮނޑިއަކީ ރާއްޖޭގައި ހަދާ ބޮނޑިތަކުގެ ތެރެއިން އެންމެ މަޝްހޫރު ބޮނޑިއެވެ. އެންމެ މީރު ބޮނޑިއެވެ. ހުވަދޫ ބޮނޑިއާއި ދާދި އެއްގޮތަކަށް އައްޑޫ އަތޮޅުގެ މީހުން ބޮނޑި ހަދައެވެ.  މީގެ 70 ވަރަކަށް އަހަރު ކުރިން ދެކުނުގެ މީހުން އޮޅުދޫކަރައަށް ދަތުރު ކުރި ދުވަސްވަރު، އެމީހުން ގާލީ އަށް ވިއްކަން ބޮޑިހަލުވާ ގެންދެއެވެ. އޮޅުދޫކަރައިގެ މީހުން މިހާރުވެސް އެވާހަކަ ދައްކާ ހަދައެވެ. ރާއްޖޭގެ ދެކުނުގައި ހަދާ މި ބޮނޑި އަހުރެންނަށް ވެސް ފެނިފައި ވެއެވެ. އޭގެ ދިގުހުރަސް މިނުގައި ނުވަތަ ޑައެމީޓަރުގައި ދެއިންޗި ނުވަތަ ދެއިންޗިބައި ހުންނާނެއެވެ. ދިގުމިނުގައި 16 ވަރަކަށް އިންޗި ހުންނާނެއެވެ. ކުލައަކީ ދިޔާ ހަކުރުގެ ކުލައެވެ. ތެތްކަމެއް އެހާ ބޮޑަކަށް ނުހުންނާނެއެވެ. އެއީ އެދުވަސް ވަރުއެވެ. މިހާރަކަށް އައިސް، މިހުންނަ ބޮނޑިއަކީ، ރަހައިގެ ގޮތުން ވަރަށް ތަފާތު ބޮނޑިއެކެވެ. މިހާރުގެ ބޮނޑި ހުންނަނީ ވެސް ހުދުކުލައިގައެވެ.

ކޮންމެއަކަސް، މައުޟޫޢު އާއިގެން ކުރިއަށް ދިއުމަށް، އިތުރު ބަހެއް ތަޢާރުފުކުރަން އެބަ ޖެހެއެވެ. އެއީ މަޅުކުރުމެވެ. ދިވެހިބަހުން މަޅުކުރުމުގެ މާނަތިރީގައި އެވަނީއެވެ:

  1. އެއްޗެއް ހަކުރު އަޅައިގެން ކައްކައި، ފެންހިންދައި، ތަތްކޮށް ހަރުކުރުން.
  2. ހަކުރު ކައްކައި ހަަރުކުުރުން.

ހުވަދޫ ބޮނޑި ހަދާގޮތް ދަސްކުރުމަށް ހުވަދޫ އަތޮޅު ތިނަދޫ އަށް ދަމާތޯއެވެ؟ މިވަދެވުނީ އެރަށު ސެމީ އަށެވެ. އަހާ! މިއޮށް ބައްދަލުވީ އެގޭ ނަޢީމާ މުޙައްމަދާ އެވެ.  ބޮނޑި މިހާރުވެސް ހަދަމުންދާ ފަރާތެކެވެ. އޭނާ ބުނާ ގޮތުން ބޮނޑި ނަހަދާ ހަނދާނެއް އޭނާއެއް ނުވެއެވެ. ބޮނޑި ހަދާތާ މިހާރު މަދުވެގެން 50 އަހަރު ވެދާނެއެވެ. ބޮނޑި ހަދާގޮތް އޭނާ ކައިރީގައި އަހާލަމާ ތޯއެވެ؟

ބޭނުންވާ ތަކެތި

  • ގަބުޅި ހުނި
  • ދިވެހި ހަކުރު
  • ހުވަނދުމާ ފެން
  • ހަނޑޫ
  • ފަތްކެޔޮ ފަތް (ރަނގަޅީ މާޅެސްކެޔޮ ފަތް)

އެއް ބޮނޑިއަށް ގާތްގަނޑަކަށް ބޭނުންވާނެ ތަކެތި

  • 350 މިލި ލީޓަރު ހަކުރު
  • 4 ގަބުޅި މެދު ސައިޒް (ހަރު ކުރުނބާ ނުވަތަ ޅަ ގަބުޅި) ގަބުޅީގެ ޢަދަދު، ސައިޒުން ތަފާތު ވާނެ.
  • 50 އާއި 70 އާ ދެމެދުގެ ޢަދަދަކަށް ހުވަނދުމައު އަޅާފައި ހުރި ފެން
  • 50ގ މުގުރި ހަނޑޫ

ބޭނުންވާނެ ތަކެތި ތައްޔާރުކުރާނެ ގޮތް

މި ކަންތައް އެނގުމަކީ ވެސް މުހިއްމުކަމެކެވެ.  އެއީ ރަހައަށް ބަދަލު އަންނާނެތީ އެވެ.

ހުވަނދުމައު ފެން

50 އާއި 70 ވަރަކަށް ހުވަނދުމައު ފެންތަށްޓަކައި އަޅާފައި ބަހައްޓާށެވެ. މައު އަޅާއިރު، މައު ބާއްވާނީ ފެންމަތީގައި ތަނޑު މައްޗަށް ވާ ގޮތަށެވެ. މަލުގެ ކަރުގަނޑު ފެނުގައި ޖެހޭ ގޮތަށެވެ. މަލުގެ ތަނޑު ފެނަށް ލައިފި ނަމަ ފެނުގައި ވިހަ، ހިތި ރަހައެއް ލާނެއެވެ. މިހެން ބަހައްޓާފައި ގާތްގަޑަކަށް 16 ގަޑިއިރު ފަހުން މައު ތައް ނަގާލާށެވެ. މާ ގިނަ ވަގުތު ވުމުން ފެނުގެ ރަހަ ބަދަލުވާނެއެވެ. އެންމެ ރަނގަޅީ، ބޮނޑި ހަދަނީ މެންދުރު 10 ޖަހާއިރު ކަމަށް ވާނަމަ، ކުރީ ރޭގެ 8 ޖަހާ އެހާކަންހާއިރު، މައު ފެނަށް އެޅުމެވެ. މި ޒަމާނުގައި މިގޮތަށް ހަދާފައި ފެން ފްރިޖްކޮށްފައި ވެސް ބަހައްޓައެވެ. ނަމަވެސް އޭރުން ވެސް ރަހަ ތަފާތުވާނެކަން ޔަޤީނެވެ. ހަނދާން ނެތިގެން ނަމަވެސް މާ ގިނަ ވަގުތަށް މައު އަޅާފައި ބަހައްޓައިފި ނަމަ ފެނުގައި ފާ ރަހައެއް ހުންނާނެއެވެ.

ހަކުރު

ހަކުރު ހިލާއިރު އަޅާ ގާ އަޅައިގެން ހިލާށެވެ. ހިލަމުން ދާއިރު ކުޑަކޮށް ހުދު ފޮނު އަރަން ފެށީމާ (ދިޔާހަކުރަށް ވީމާ) ރާފޮދު ނުވަތަ ހަކުރު ފޮދު ބާލާށެވެ. ބޮނޑި ހަދަން އެންމެ ރަނގަޅީ ދިޔާ ހަކުރެވެ. މާނައަކީ މާ ބޮޑަށް އޮލަކޮށް ނުވަތަ ހަރުކޮށް ހުންނަ ހަކުރުގެ ރަހަ ތަފާތު ވާނެއެވެ.

ހަނޑޫ

ހޮވާފައި ހުރި ބައި ލާހި ނުވަތަ 50 ގްރާމް ޅަ ހަނޑޫ ފެނަށް އަޅާށެވެ. 3 ގަޑިއިރު ވަންދެން ފެނުގައި ބަހައްޓާފައި ފެނުން ނަގާލާށެވެ. މާ ގިނަ ވަގުތު ފެނުގައި ހަނޑޫ ބެހެއްޓުމުން، މާ ބޮޑަށް މަޑުވާނެއެވެ. އޭރުން ބޮނޑި ކާއިރު މާ ބޮޑަށް މަޑުކޮށް ހުރުމުން އަނގައިގައި ނުޖެހޭނެއެވެ. ބޮނޑި މީރުވަނީ، ހަނޑޫ އަނގައިގައި ޖެހޭ ވަރަށް، ކުޑަކޮށް މުރަނަ ކަމެއް ހުރީމައެވެ.

ގަބުޅި

ގަބުޅި ގާނާއިރު، މަޑުމަޑުން ފަރުވާތެރިކަމާއެކު ގާނާށެވެ. މާ އަވަސްއަވަހަށް ގާނަން އުޅެފިނަމަ ގޭނޭނީ ތަންކޮޅެއް ބޮޑެތި ފުއް ތަކެކެވެ. ނުވަތަ ގަބުޅީގެ ބޮޑެތި އެތިކޮޅުކޮޅަށް ގޭނޭނެއެވެ. އޭރުން ހުނި ހިލާއިރު ވެސް ރަނގަޅަށް ހުންޏާއި ހަކުރާއި އެއްނުވުމުގެ އިތުރުން، ކާއިރު ގަބުޅި އެތިކޮޅުކޮޅު ޖެހުމުން މީރުހެން ހީވުމުގެ ބަދަލުގައި ކާހިތް ވެސް ކެނޑޭނެއެވެ.

ތިރީގައިވާ ވީޑިއޯ އަށް ކްލިކްކޮށްލަނިކޮށް، ގދ. ތިނަދޫ ސެމީ ނަޢީމާ މުޙައްމަދު، ބޮނޑިހަލުވާ ހިލާ މަންޒަރު ފެންނާނެއެވެ. ފޮޓޯތަކުން ދަސްކުރަން ފަސޭހަ ވާނެއެވެ.

ބޮނޑި ހަދާނެ ގޮތް

ގާނާފައި ހުރި ގަބުޅި ހުނި އެއްޗަކަށް އަޅާށެވެ. ހަމަ އެވަރަށް ހަކުރު ވެސް އަޅާށެވެ. ހުނި ލާއްސަކަށް ހަކުރު ވެސް ލާއްސެއް އަޅާށެވެ. ހަކުރާއި ހުނި އަޅާނީ އެއް ވަރަކަށެވެ. ދެން، މަޑު ގިނީގައި ހިލަމުން ކައްކާށެވެ.

ހުނި މަޑުވާނީ ފުދޭވަރަކަށް ލަހުންނެވެ. ހުނި މަޑުވާން ފެށީމާ، ހުވަނދުމާ ފެންފޮދު އަޅާށެވެ. އެއް ލާހި ހުންޏަށް ނަމަ ބައި ޖޯޑު ފެން އަޅާށެވެ. އޭރުވެސް މަޑު ގިނީގައި ކައްކަމުން ދާށެވެ. އަދި އެއަށްފަހު ހަކުރާއި ހުނި އަދި ފެން އިރުކޮޅަކު އެއްކޮށް ހިލުމަށްފަހު، ކުޑަކޮށް ހުނި ހަރުވާން ފެށީމާ ލަސްލަހުން ހަނޑޫ އަޅަމުން އަޅަމުން އެއްކޮށްލާށެވެ. ހުނި ހިލިއްޖެ ކަން ކަށަވަރުކުރުމަށް ޓަކައި، ހުނީގައި އަތްލާށެވެ. އަތުގައި ހުނި ތަތްނުލާ، ހުނި ހަރުވެ، އެއް ބޮނޑިއަކަށް ވީމާ، އެހެރީ ހުނި ތައްޔާރު ކުރެވިފައެވެ. ހުނި ތަވާ އުނދުނުން ބޭލުމަށްފަހު، ހުނި ހޫނު ކަންމަތީ ހުއްޓާ ބޮނޑި ހަދަން ޖެހޭނެއެވެ.

ދޮލަނގު ފާޑުގެ ކޮންމެވެސް ހަރު އެއްޗަކަށް ހުނިކޮޅު ނެގުމަށްފަހު ވަގުތުން ބޮނޑި ތައްޔާރުކުރަން ފަށާށެވެ. ބޮނޑި ތައްޔާރު ކުރާނީ ވަށަކޮށް 2 އިންޗި ހުންނަ ވަރަށް، ދިގުމިނުގައި 6 ނުވަތަ 8 އިންޗި ހުންނަ ވަރަށް ބޮނޑި ހަދާށެވެ. މި ވަގުތުގައި ކޮންމެހެން ބޮނޑި، ފަތުގައި ލާނެ ކަމެއް ނެތެވެ. އޭގެ ބަދަލުގައި، ކުރިން ވެސް ދެންނެވިހެން ހުނި ހިހޫވެ ހަރުވުމުގެ ކުރިން ބޮނޑި ހަދައި ނިންމަން ވާނެއެވެ.

އާއެކެވެ. ތިޔަ ކިޔައި ނިންމީ އޮޅުދޫ ކަރައަށް މަޝްހޫރު ހުވަދޫ ބޮނޑި ހަދާ ގޮތެވެ. މަތީގައި ނޫކުލައިން ލިޔެފައިވާ ލިޔުން ތައްޔާރު ކުރައްވައި އަޅުގަނޑަށް ފޮނުއްވީ ތިނަދޫ މުޙައްމަދު ޢާޞިފެވެ. އެރަށުގެ ކެމްޕަސްގެ އެންމެ ގިނަ ދުވަސްވީ މުވައްޒަފެވެ.  އޭނާ އަށާއި ނަޢީމާ މުޙައްމަދަށް، ކިޔުންތެރިންގެ ފަރާތުން، ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. މި ރެސިޕީ އާ ތަފާތު ރެސިޕީ އެއް ތިބާއަށް އެނގޭނަމަ، ތިރީ ކޮމަންޓުތަކުގައި ލިޔެ އެހެން ކިޔުންތެރިންނަށް އަންގާލަމާތޯއެވެ؟ ދެން އޮތީ މި ބޮނޑިއަށް މިޒަމާނާ ގުޅޭ ގޮތަށް ބަދަލުތައް ގެންނާނޭގޮތް ކިޔާ ދިނުމެވެ.

އަހުރެންނަށް ވިސްނޭގޮތުގައި، ހުވަދޫ ބޮނޑި މިހާރު ހަދާގޮތަށް ހަދައިގެން މާ ބޮޑު ބާޒާރެއް އެއަކަށް ނުލިބިދާނެއެވެ. އެ ބަންދުކޮށްފައި ހުންނަ ގޮތަށާއި ސައިޒަށާއި ބޮނޑިއަށް އަޅާ ތަކެއްޗަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ސަބަބަކީ ބޮޑު ބާޒާރެއް ހޯދުމަށް ބޮނޑި ވިއްކަން ޖެހޭނީ ކިޔަވާ ދަރިވަރުންނަށާއި ޓޫރިސްޓުންނަށެވެ. އެހެންކަމުން، މި މީހުންނާ ގުޅޭ ގޮތަށް ބޮނޑިހަލުވާގެ ރެސިޕީ ބަދަލުކޮށްލަން ޖެހެއެވެ.  މި ބަަދަލުތައް މިހުށަހަޅަނީ، މި ބާވަތުގެ އެންމެ ގިނައިން ވިކޭ ތަކެތި ހަދާގޮތް ދިރާސާކުރުމަށް ފަހުއެވެ. މަޒުމޫނު ކުރުކުރުމަށްޓަކައި، އަހުރެން ހުށަހަޅާނީ ދެ ބަދަލެކެވެ. އެއް ބަދަލަކީ، ހަލުވާ މަޅުކުރަމުންދާ އިރު، ނުވަަތަ ބައްޓަންކުރާއިރު އެއަށް ހަނާކުރި ކަނަމަދު އެޅުމެވެ. މިކަން ކުރާނީ އަންނަނިވި ގޮތަށެވެ.

ހުރިހާ މަދަކީ އެ ހަނާކުރުމުން ރަހަ ތަފާތުވާ އެއްޗެކެވެ. ހަނާކުރުމަކީ ހިކި ތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަކުރުމެވެ. ހަނާކުރުމަށް އިނގިރޭސިބަހުން ކިޔަނީ ރޯސްޓު ކުރުމެވެ. އެކި މިންވަރަށް ހަނާކުރަނިކޮށް ކަނަމަދުގައި ވެސް އަދި އެހެން މަދުތަކުގެވެސް ރަހަ ތަފާތުވާނެއެވެ. ހަނާކުރުމަށް އެންމެ މީރު މިންވަރު ހޯދުމަށް އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. ކަނަމަދުތައް ހަނާކުރުމަށް ފަހު، މިކްސަރަކަށް އަޅައި ހައެއްކަ ސިކުންތު ވަންދެން އެ މުގުރާލަން ޖެހޭނެއެވެ. މުޅިން ހިމުން ނުވާ މިންވަރަށެވެ. ދެން އެއަށް ފަހު، މަޅުކުރަމުންދާ ހަލުވާގެ ތެރެއަށް މަދުތައް އަޅާނީއެވެ. ކަނަމަދު ނޫންނަމަ، މާކަނަމަދު ނުވަަތަ އާމަންޑު ނުވަތަ ކަޖޫ ވެސް ރަނގަޅުވާނެއެވެ. . . . . ކިޔުންތެރިންގެ ހިތުގައި އުފެދެމުންދާ ސުވާލު އަހުރެންނަށް ވިސްނެއެވެ. ތިއީ ހާދަ އަގުބޮޑު މަދުތަކެކެވެ. ތިބާވަތުގެ ތަކެތި އެޅުމުން ބޮނޑިހަލުވާގެ އަގު ހާދަ ބޮޑުވާނެއެވެ. މާލެއިން މާކަނަމަދު ކިލޯއެއް ލިބެނީ 250 ރުފިޔާ އަށެވެ. ރަނގަޅެވެ. ނަމަވެސް، މިބާވަތުގެ ކަނަމަދު އަޅާނީ ކިހާވަރަކަށް ހެއްޔެވެ؟

އެމެރިކާގައި، ބައުންޓީ ބާރ ވިއްކުމަކީ ވިޔަފާރީގެ އެގްރީމެންޓް އެއްގެ ދަށުން މަނާކަމަކެވެ. އެޤައުމުގައި، ބައުންޓީ ބާރގެ ބަދަލުގައި ހުންނަނީ ބައުންޓީ ބާރ ގެ ރެސިޕީއަށް ހަދާފައި ހުންނަ ”މައުންޑްސް“ ކިޔާ ފަތި އެއްޗެކެވެ. މީގެ އެއް ބާވަތަށް ކިޔަނީ ”އާމަންޑްޖޯއީ“ އެވެ. އެއީ އެއަށް މާކަނަމަދު އަޅާފައި ހުންނާތީ އެވެ. ކިތައް މާކަނަމަދު ތޯއެވެ؟ ޤަބޫލު ކުރިއަސް ނުކުރިއަސް އެންމެ އެއްޗެކެވެ. ބައެއް ފަހަރު ދެ އެއްޗެވެ. އެހެންކަމުން، މިހާރު ވިއްކާ ސައިޒުގެ ބޮނޑިއަކަށް ލާންޖެހޭނީ ހަތަރު މަދު އެހެން ނޫން ހެއްޔެވެ؟ ނަމަވެސް، މި މަދު ލުމުން، އަގަށް ވަރަށް ބޮޑު ބަދަލު ގެނެވެއެވެ. އެއީ މަދު އެޅުމުގެ ސަބަބުން ގަންނަ މީހުންނަށް ކުރެވޭ އިޙްސާސް އެއްގެ ސަބަބުންނެވެ. ބޮނޑި ހަލުވާގެ ރެސިޕީއަށް ގެންނަން ޖެހޭ ދެވަނަ ބަދަލު އަދި ފަހުން ކިޔައިދޭނަމެވެ.

ކުރީ ޒަމާނުގެ ގެންގުޅުނު ބޮނޑިހަލުވާ ކުރިން ބަޔާން ކުރި ފަދައިން ހުންނަނީ، ދިގުކޮށް ފަލަކޮށެވެ. އޭގެ ހަލުވާއެއް 20 މީހުންނަށް ބަހާލުމުންވެސް އެކަށީގެންވާ އެތިކޮޅެއް މީހަކަށް ލިބޭނެއެވެ. ނަމަވެސް އެ ސައިޒުގެ ބޮނޑިއެއް މަދަރުސާއަށް ދާ ކުއްޖަކަށް ނުވަތަ ޓޫރިސްޓަކަށް ނުވިއްކޭނެއެވެ. އެހެންކަމުން، ބޮނޑިހަލުވާ ހަދަން ޖެހޭނީ އެކަކަށް ކެވޭ ވަަރަށެވެ. އެހެން ބައްޓަމަކަށެވެ. އެއީ ކޮން ބައްޓަމެއް ހެއްޔެވެ؟

ލުއިކާނާ ވިއްކާ ފިހާރައަކަށް ވަނުމުން، ތިބާއަށް ފާހަގަ ކުރެވޭނީ، ޗޮކްލެޓާއި ފޮނި އެހެން ތަކެތި ހަދާފައި ހުންނަނީ އެކަކަށް ކެވޭ ވަރަށް ކަމެވެ. ގާތްގަޑަކަށް 30 ގުރާމް އާއި 50 ގުރާމުގެ ބަރުދަން ހުންނަ ވަރަށެވެ. ބައްޓަމަކީ، ހަތަރެސްކަން ބިސްކޯދު ބައްޓަމެވެ. ބޮނޑިހަލުވާ ހަދަންވީ ޢާއްމުކޮށް ވިއްކުމަށް އެ ބަރުދަނަށެވެ. އެ ބައްޓަމަށެވެ. މިގޮތަށް ބޮނޑި ހަލުވާ ހަދާނީ ކިހިނަކުން ހެއްޔެވެ؟

ތިކުރީ ރަނގަޅު ސުވާލެކެވެ. މިކަން ކުރަން ބައެއް މީހުން ހަދާގޮތަކީ، ބައި އިންޗި ހުންނަ ފަތިން، ފަރާތެއްގައި އަށެއްކަ އިންޗި ނުވަތަ އެއްފޫޓު ހުންނަ މިންވަރަށް ގިޔުގަނޑެއް ހަދަނީއެވެ. މިކަމަށް އެސްއެސް ފަތިވެސް ބޭނުން ކުރެވޭނެއެވެ. ދެން މަޅުކޮށްފައިވާ ހަލުވާގަނޑު މި ގިޔުގަނޑު ނުވަތަ ފުރޭމުގެ ތެރެއަށް އަޅައި މަތި އެއްވަރު ކުރަނީ އެވެ. ބައެއް މީހުން މިފަދަ އެއްޗިއްސަށް މަދު އަޅަނީ މިވަގުތުއެވެ. އެންމެ ކަނަމަދެއް ވެސް ތުނިކޮށް ކޮށާފައިވާ ނަމަ، ވަރަށް ގިނަހެން މަތީގައި އޮންނައިރު ހީވާނެއެވެ. ތިރީގައި އޮންނަނީ ތަތް ނުވާ ބާވަތުގެ ކަރުދާސްގަނޑެއް ނުވަތަ އެހެން ވެސް އެއްޗެއް އަޅާފައެވެ. ތިރީގައިވާ ފޮޓޯއިން އިތުރު މަޢުލޫމާތު ލިބޭނެއެވެ. ކުޑަކޮށް ހިހޫވުމުން، އެވީ ބިސްކޯދު ގޮތަށް ކަފާށެވެ. ފުޅާމިނުގައި ބަހައްޓާނީ ދޮޅު އިންޗިއެވެ. ދިގުމިނުގައި ތިން އިންޗި ވަރެވެ.

ބޮނޑިހަލުވާ ޕެކު ކުުރުން ނުވަތަ އެއްޗެއްގައި ބަންދު ކުރުން

ބޮނޑިހަލުވާ ވިއްކުމަށްޓަކައި، އެންމެ މުހިއްމީ އެ ބަންދުކުރާ ގޮތެވެ. ބޮޑެތި އަގުތަކުގައި ބޮނޑި ހަލުވާ ވިއްކޭނީ އެ ބަންދުކުރާ ގޮތަށް ބަދަލުތަކެއް ގެނެސްގެންނެވެ. މިކަމުގެ މުހިއްމުކަން އަހުރެން ބަޔާން ކުރަމެވެ. ތިރީގައި އެވަނީ ދެބާވަތެއްގެ ޢާއްމުކޮށް ވިއްކަން ހުންނަ މުދަލެވެ. އެންމެ ފުރަތަމަ އެވަނީ ތުނިކޮށް ކޮށާފައި ހުންނަ އަލުވި އަޅާފައިވާ ދަޅެކެވެ. މިއީ ކަރުދާސް ދަޅެކެވެ. އޭގެ ތިރީގައި ވަނީ ބޮޑެތި ރެހި ކަހަލަ ކުދި މަސް އަޅާފައިވާ މަސްދަޅެވެ. މި ދެބާވަތުގެ މުދަލުގެ ތިބާ އެންމެ ޝައުޤުވެރިވާނީ އެ ބަންދުކޮށްފައިވާ ދަޅުގެ އަގު އޭގައިވާ އެއްޗަށް ވުރެ އެތައް ގުނައެއް ބޮޑުކަން އެނގުމުންނެވެ. ވިއްކުމަށް ކޮންމެ އެއްޗެއްވެސް ބަންދުކޮށްފައިވާ ގޮތް ވަރަށް މުހިއްމެވެ. މަތީގައިވާ ދެ ބާވަތުން ވެސް އެކަން އެނގެއެވެ. އަގުބޮޑަސް މަސް ނުވަތަ އަލުވި އެގޮތަށް ބަންދު ނުކުރާނަމަ، އެއްވެސް ގޮތަކަށް އެއެއް ނުވިކޭނެއެވެ. އެ ވިއްކުމުގެ ސަބަބުން އުފައްދާ މީހުންނަށާއި، ގަނޑުކޮށް ތަކެތި ވިއްކާ މީހުންނަށާއި ފިހާރަތަކުގެ މީހުންނަށްވާ މަންފާއެއް ނުވާނެއެވެ.

ބައެއް ތަކެތި ޢާއްމުންނަށް ވިއްކާއިރު، އެއިން އެކިމީހުން ނަގާ ފައިދާތައް އެނގޭނަމަ، މީހުން ހައިރާން ވާނެއެވެ. 110 ޑޮލަރަށް ވިއްކާ ސެންޓު ފުޅިއެއްގައިވާ ސެންޓުގެ އަގަކީ ކޮފީތައްޓެއްގެ އަގެވެ. މި އަގުތަކަކީ ވަރަށް ސިއްރުކޮށްގެން ގެންގުޅޭ އެއްޗަކަށް ވިޔަސް، ބައެއް މީހުން 110 ޑޮލަރަށް ގަންނަ ބައެއް ސެންޓުފުޅިން ބައިއެޅިގެންދާގޮތް، ޝާއިޢުކޮށްފައި ވެއެވެ. އެ ރިޕޯޓް މިއޮތީއެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ، އެކިމީހުންނަށާއި ކަންތަކަށް 110 ޑޮލަރު ބެހިގެން ދާގޮތެވެ.

ސެންޓުގެ ޙަޤީޤީ އަގަކީ ދެ ޑޮލަރު އެހެން ނޫންތޯއެވެ؟ އެއްޗެއް ބަންދުކޮށްފައިވާ ގޮތް ރީތިވި ވަރަކަށް އޭގެ އަގުބޮޑު ކުރެވޭނެއެވެ. އެހެންކަމުން، ބޮނޑިހަލުވާ ބަންދުކުރާ ގޮތަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އެއްގޮތަކީ އެލްމިނިއަމް ފޮއިލް އަށް ބޮނޑިހަލުވާ ލުމަށްފަހު،ބޭރުގައި ކަރުދާސް ލުމެވެ.  ތިރީގައިވާ ބައެއް ފޮޓޯތަކުން އެކި ޚިޔާލު ކިޔުންތެރިންނަށް ލިބޭނެއެވެ.  ފޮޓޯތަކުގައި  ބަންދުކޮށްފައިވާ އެއްޗަކީ ތަފާތު އެއްޗެއް ކަމުގައި ވިޔަސް، އެ ޚިޔާލުތައް ބޮނޑިހަލުވާ ބަންދުކުރަން  ބޭނުން ކުރެވިދާނެއެވެ.

ދެން އޮތީ ޓޫރިސްޓުން ނުވަތަ މާލެއިން ޒިޔާރަތް ކުރާމީހުންނަށް ބޮނޑިހަލުވާ ބަންދުކުރުމެވެ. މިކަން ކުރުމަށް އަހުރެންނަށް ފެންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ، ފަށައިގަންނަން ބުރިސްޓަލް ބޯޑުން ފޮށި ހެދުމެވެ. ދެވަނަ ގޮތަކީ، ޗައިނާއިން ފޮށި ގެނައުމެވެ. ތިރީގައި އެވަނީ މަދު ޢަދަދެއްގެ ފޮށި ގަތުމުން ޖެހޭ އަގެވެ. ގިނަ ޢަދަދަކަށް މިތަކެތި ހަދާނަމަ، ބޭރު ޗާޕުކުރުމާއިއެކު ޑަބަލް އަގުހެޔޮ ވާނެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ރަށަށް ޒިޔާރަތް ކުރާ މީހުންނަށާއި ޓޫރިސްޓުންނަށް ބޮޑު އަގެއްގައި ބޮނޑިހަލުވާ ފޮއްޓެއް ވިއްކޭނެއެވެ. ބަރުދަނުގައި ހުންނާނީ 200 ވަރަކަށް ގުރާމެވެ. މިކަމާ މެދު ހަނދާންކުރަންވީ ސެންޓު ފުޅިއެއްގައިވާ ސެންޓަށް ވުރެ، އެ ބަންދުކުރަން ކުރަންދާ ޚަރަދު ހައެއްކަ ގުނަ ބޮޑުކަމެވެ. ތަކުރާރުކޮށް ބުނަމެވެ. އެއްޗެއް ވިއްކާ އަގު ބޮޑުކުރެވޭނީ އެ އެއްޗެއް ބަންދުކޮށްފައިވާލެއް ރީތިނަމައެވެ.

ހަނދާންކުރަންވީ ބޮނޑިހަލުވާއަކީ، ރަނގަޅަށް ބަންދުކުރެވޭ ނަމަ، ރަނގަޅު މަންފާއެއް ނެރެވޭނޭ އެއްޗެއް ކަމެވެ. ތިރީގައި އެވާ ފޮށިތަކުގައި ވަނީ ތުރުކީގެ މަޝްހޫރު މެޓައެކެވެ. އެއީ ފިނިފެންމަލުގެ ރަހަ ލާ، ހަކުރުއެޅި ހަލުވިދާ ފާޑުގެ މެޓައެކެވެ.  އެކަތި އަނެއް އެއްޗާ ތަތްލިޔަ ނުދޭން ބޭރުގައި ހުންނަނީ ހިމުން ހަކުރު ނުވަތަ ކާށި ހުނި އުނގުޅާފައެވެ. ނަމަކީ ޓާރކިޝް ޑިލައިޓް (رَاحَة الْحُلْقُوم) އެވެ. މާނައަކީ ތުުރުކީ ލައްޒަތު ނުވަތަ އަރާމެވެ. މި މެޓާ ވިއްކަންވެގެންމީހުންނަށް ހަދިޔާއަށް ދެވޭނެ ގޮތަށް އެ ބަންދުކޮށްފައި ހުންނަ ފޮށިތައް ތިރީގައި އެވަނީ އެވެ. ޝައްކެއް ނެތި އެނގޭކަމަކީ ހުސްހަކުރާއި ހަލުވިދާއަށް ވުރެ، ފޮށިތަކުގެ އަގު ބޮޑުވާނެކަމެވެ. ނަމަވެސް، މި ވިޔަފާރި ހިނގާތާ 100 އަހަރަށް ވުރެ ގިނަ ވެފައިވާތީ، އަދި ފޮށްޓެއްގެ އަގު ދިވެހި 150 އަށް ޖެހޭތީ، ގިނައިން ހަދާނަމަ، ފޮށި އަގުހެޔޮވާނެކަމާއި ފައިދާހުރި ވިޔަފާރިއެއްކަން ޔަޤީން ވެއެވެ. ދެން އޮތީ ތިބާ މިކަމަށް ފިޔަވަޅެއް އެޅުމެވެ. ތިގޮތަށް ފޯނަށް ބަލަން ނީދެ، ރަށާއި އާއިލާގެ ތަނަވަސްކަމަށް މަސައްކަތެއް ފަށަން ތެދުވަމާ ހިނގާށެވެ!

މި މަޒުމޫނު އަޅުގަނޑު ލިޔަން ފެށީ، ބޮނޑި ހަލުވާ އާ އެއްގޮތަށް ތައްޔާރުކުރާ އެހެން ދެއެއްޗެއް ހަދާނޭ ގޮތް ކިޔާދިނުމަށް ޤަޞްދުކޮށެވެ. ބޮނޑި ހަލުވާ ބޮޑަށް މަޤްބޫލުކުރުވުމަށް ދެ ބަދަލެއް ގެންނަން ޖެހޭ ވާހަކަވެސް ކުރިން ބުނެފައިވާނެއެވެ. އޭގެ ތެރެއިން އެއް  ކަމަކީ ބޮނޑިއަށް މަދު އެޅުމެވެ. އަނެއް ބަދަލެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މަޒުމޫނު ތަންކޮޅެއް ދިގުވާތީ ފަހުން އެވާހަކަ ގެނެސްދޭން ޤަޞްދުކޮށް، މިހާ ހިސާބުން ނިންމާލަމެވެ.