ކަނޑުގެ އަޑި ފިނީ ކީއްވެ؟

މިމަޒުމޫނުގެ އާޚިރު މަޤްޞަދަކީ، ކަނޑުގެ ލޮނުގެ ޠަބީޢީ ފިނިކަން ބޭނުންކޮށްގެން އެއަރ ކޮންޑިޝަން ކުރާ ގޮތް ކިޔާ ދިނުމާއި ފިނި ލޮނު ބޭނުންކޮށްގެން ގޮވާން ކުރާގޮތް ކިޔާދިނުމެވެ. ނަމަވެސް މި މައުޟޫޢުއަށް ދިއުމުގެ ކުރިން ކަނޑުގެ އަޑި ފިނީ ކީއްވެގެންތޯ ކުރެވޭ ސުވާލަށްޖަވާބު ދޭން ޖެހެއެވެ. އެހެނީބިމުގެ އަޑީގެ ހޫނުކަމަކީ ދުނިޔޭގައިވާ ހުރިހާ އެއްޗެއް ވިރޭފަދަ ގަދަ ހޫނެކެވެ. އެހެން ވެއްޖެނަމަ، ކަނޑުގެ އަޑިއަށް ދިޔަ ވަރަކަށް ވާންވާނީ ހޫނެވެ. ނަމަވެސް ތަޖުރިބާ ތަފާތެވެ.
ދުވަހަކުވެސް ކަނޑަށް އެރުނިން ހެއްޔެވެ؟ ކަނޑަށް އެރޭ މީހަކަށް ފާހަގަ ކުރެވޭނެ އެއްކަމަކީ، މޫދާ އަޅާބަލާއިރު ކަނޑުގެ ފިނިކަމެވެ. ޖައްވު ކިތަންމެ ހޫނު ގަދަ ދުވަހަކުވެސް، ކަނޑު ފިނިވާނެއެވެ. ކަނޑުގެ ހޫނުމިން ހުންނަނީ މޫސުން ކިތަންމެ ބޮޑަށް ބަދަލުވިއަސް ގާތްގަޑަކަށް އެއްވަރަކަށެވެ. ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނު މިނަކީ އަވިދޭ ދުވަހެއްގެޖައްވުގެ ފިނިހޫނު މިނަށް ވުރެ ގާތްގަޑަކަށް ދެ ދަރަޖަ ވަރު ދަށް މިނެކެވެ. މޫނުމަތި އަޅައިގެން ނުވަތަ ވައި ފުޅިއެއް އަޅައިގެން ނުވަަތަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް ވެސް، ކަނޑުގެ އަޑިއަށް ފީނާލުމުން ފާހަގަ ކުރެވޭ އެއްކަމަކީ، އަޑިއަށް ދިޔަވަރަކަށް ފިނިވަމުންދާ ކަމެވެ. މި ސަބަބާހެދި، ފުޅިއަޅައިގެން ފީނާމީހުން އުޅެނީ ގަޔަށް ބާރުކޮށް ހުންނަ ބާވަތެއްގެ ހެދުމެއް (ވެޓް ސޫޓް) ލައިގެންނެވެ. މި ހެދުމުގެ ސަބަބުން، ކަނޑުގެ ފިނިކަމުން ހަށިގަނޑު ދާފަރާ ވެއެވެ. ގަޔާއި ކަނޑުގެ ފިނިކަމާ ދެމެދު ހުރަހެއް ކަމުގައި މި ހެދުން ވެއެވެ.
ފިނިހޫނުމިން ބަލާ މީޓަރެއް ނަނެއްގައި ޖަހާ ކަނޑުގެ އަޑިއަށް އެކި ފުންމިނަށް ފައްތައިގެން ފިނިހޫނު މިިން ބެލިދާނެއެވެ. މިގޮތަށް މާލޭގެ އުތުުރު ފަރާތު ކަނޑުއޮޅިން ބޭރަށް މީޓަރެއް ފައްތައިގެން ފިނިހޫނުމިން ބެލުމުން، ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން ހުންނަނީ 28 ދަރަޖައިގައި ކަމަށް ވެއެވެ. ފިނިހޫނުމިން މިނާ ޖިންސަށް ކިޔަނީ ސެލްސިއަސް އެވެ. ސެލްސިއަސް އަކީ މީލާދީ ސަނަތުން 1750 ގެ ދުވަސްވަރު، ފިނިހޫނުމިން ބަލާ މީޓަރެއް ހެދި ސްވީޑުންގެ މީހެކެވެ. މިޒަމާނުގައި ފިނިހޫނުމިން މިނާ ޖިންސަށް އޭނާގެ ނަން ކިޔަނީއެވެ. މި ވަޒަނުގައި 0 އަކީ ގަނޑުފެނުގެ ފިނިހޫނު މިނެވެ. 100 އަކީ ފެން ކެކޭ މިނެވެ. ދުވާލު ރާއްޖޭގެ ޖައްވުގެ ފިނިހޫނުމިނަކީ ގާތްގަޑަކަށް 31 ސެލްސިއަސް އެވެ. ރޭގަނޑުގެ ފިނިހޫނުމިން ހުންނަނީ 25 ސެލްސިއަސް ގައެވެ. ކޮންމެއަކަސް ނަނެއްޖަހައިގެން މީޓަރެއް ކަނޑަށް ފެއްތުމުން ފާހަގަ ކުރެވޭ ކަމަކީ، ދުވާލު ކަނޑުގެ ލޮނުގަނޑު ހުންނަނީ 28 ސެލްސިއަސްގައި ކަމެވެ. ދުވާލާއި ރޭގަނޑު މި ފިނިހޫނުމިން ހުންނަނީ އެއްގަމާ ތަފާތުކޮށް މާބޮޑު ބަދަލެއް ނައިސް އެއްވަރެއްގަ އެވެ. އަޑީގެ ފިނިހޫނުމިން އެކި ފަށަލައިގައި ނުވަތަ އެކި ފުންމިނުގައި އެކި ވަރުގައި ހުންނަކަމަށް ފެނެއެވެ. އެ މިންވަރު ތަކަކީ ކަނޑުގެ އެންމެ މަތި (ސަޠަޙަ) :28، 125 މީޓަރު އަޑި: 13، 250 މީޓަރު އަޑި: 9، 375 މީޓަރު އަޑި: 7؛ 500 މީޓަރު އަޑި: 6؛ 1000 މީޓަރު އަޑި: 4، 2000 މީޓަރު އަޑި: 2 އެވެ. ތިރީގައި އެވަނީ އެ މަޢުލޫމާތު ގުރާފެއްގެ ގޮތުގައި ކުރަހާފައެވެ.
ގުރާފުން ފެންނަގޮތުގައި، 125 މީޓަރު އަޑީގެ ހޫނުމިނަކީ 13 އެވެ. ރާއްޖޭގެ މޫސުން ބަލަން ފެށީންސުރެ ރެކޯޑު ކުރެވިފައި ނުވާ ހާ ފިނިހޫނު މިނެކެވެ. ފާހަގަކުރެވޭ އަނެއްކަމަކީ، 750 މީޓަރު އަޑީގެ ހޫނުމިނަކީ އެންމެ 5 ސެލްސިއަސް އެވެ. މިއީ އައިސް އަލަމާރިއެއްގެ އެތެރޭގެ ހޫނުކަން ހުންނަ މިންވަރެވެ. ކަނޑުގެ އަޑިއަށް ދިޔަ ވަރަކަށް ފިނިވެއެވެ. ކާބަފައިން، ފިނިކުރަން ބޭނުންވާ ތަކެތި ވަޅުގެ އަޑިއަށްލާ އުޅުނު ވާހަކަ އަޑު އިވެއެވެ. ސުވާލަކީ ކަނޑުގެ އަޑި ފިނީ ކީއްވެ ހެއްޔެވެ؟ އެއް ނަޒަރަކުން ބަލާއިރު ކަނޑުގެ އަޑި ވާންވީ ހޫނެވެ. އެއީ އެއްގަން ތޮރުފައިގެން ބަލާއިރު އަޑިއަށް ދިޔަވަރަކަށް ހޫނުވާތީ އެވެ. މިވާހަކަ ތަފްޞީލުކޮށްލަމާ ހެއްޔެވެ؟
ދުނިޔެއަކީ މުޑިކާއްޓެއްގެ ބާވަތަށް އޮންނަ އެއްޗެކެވެ. ދުނިޔޭގައިވަނީ މައިގަނޑު ތިން ފަށަލައެވެ. އެއީ ނާއްޓާއި، ކާއްޓާއި މުޑި ފަދައިން ތިން ބައެވެ. މުޑި ދެބަޔަކަށް ބަހައި، އެތެރޭބަޔަށް އެތެރޭ މަދު ނުވަތަ ”އިނަރ ކޯ“ އަދި މިބައިގެ ބޭރުބަޔަށް ބޭރުމަދު ނުވަތަ ”އައުޓަރ ކޯ“ ކިޔައެވެ. ދެން އޮންނަ ފަށަލައަކީ، މެންޓްލް ކިޔާ ބައެކެވެ. މެންޓްލްގެ ޙަޤީޤީ މާނައަކީ އެއްޗެއް ބޭރުން ނިވާކުރަން އަޅާ ނުވަތަ ލާ ލިބާހެއް ފަދަ އެއްޗިއްސެވެ. މިބަޔަކީ އަހުރެމެންގެ މިސާލުގައި ކާށީގެ ވަރިއެވެ. ދެން އޮންނަނީ ނާށިގަނޑެވެ. އިނގިރޭސި ބަހުން މިބަޔަށް ކިޔަނީ ކްރަސްޓް އެވެ. މި ލަފުޒުގެ ޙަޤީޤީ މާނައަކީ ކުރަ ނުވަތަ ތޮށްޓެވެ. ކާށީގެ މިސާލާއި ދުނިޔެއާ ހުރި ތަފާތަކީ، ދުނިޔޭގެ މެދާދިމާއަށް ދިޔަ ވަރަކަށް ވަނީ ހަރެވެ. ދުނިޔެއާ ޚިލާފަށް ކާށީގެ މެދުގައިވާ މުޑިއަކީ އެންމެ މަޑު ބައެވެ. އަނެއް ތަފާތަކީ، ނާށިގަނޑަކީ، ދުނިޔޭގައި ނަމަ، ވަރަށް ތުނި ފަށަލައެކެވެ. އެއީ 6 ކިލޯމީޓަރާއި 60 ކިލޯމީޓަރާ ދެމެދުގެ ބޯމިން ހުންނަ، އަހަރުމެން ދިރިއުޅޭ ފަށަލައެވެ. ދުނިޔޭގެ މެދު ވަނީ އަހުރެމެންނާ ގާތްގަޑަކަށް 6380 ކިލޯމީޓަރު އަޑީގައެވެ. އެއީ މާލެއާއި ލީބިޔާ އާ – އަދި ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ކެމެރޫން އާ ވެސް ދެމެދު ހުންނަ ދުރުމިނެވެ.
ދުނިޔޭގެ މެދުގައިވަނީ، ހަރު ހިލައެވެ. މިހިލައިގެ ހޫނުކަން އިރުގެ ހޫނާ އެއްވަރެވެ. ގާތްގަޑަކަށް އެއީ 6000 ސެލްސިއަސް އެވެ. މި ހޫނުގައި ހުރިހާ އެއްޗެއް ވިރޭނެއެވެ. ނަމަވެސް، ދުނިޔޭގެ މެދު ހަރުކޮށް އޮންނަނީ އޭގެ ބޭރުންވާ ބައިތަކުގެ ބަރުދަނުގެ ބޮޑުކަމުން މެދު ފިތޭތީއެވެ. ޕްރެޝަރު މަތިކަމުންނެވެ. އެންމެ މެދުގައިވާ ހަރު ބަޔާ ޖެހިގެން އޮންނަ ބަޔަކީ، ދިޔާ ބައެކެވެ. ދެން މައްޗަށް ދިޔަވަރަކަށް ހަރުވަމުން ދެއެވެ. ދިޔާ އެއްޗެތީގައި ބަރު އެއްޗެތި އަޑިއަށް ދާތީ، ބަރު ތަކެތި ވާނީ ދުނިޔޭގެ މެދުގައެވެ. ބުނެވޭ ގޮތުގައި، މިބައިތަކުގައި ހިމެެނެނީ މައިގަނޑުގޮތެއްގައި ދަގަނޑެވެ. ދުނިޔޭގެ އެންމެ އަޑިން ފެށިގެން ދުނިޔޭގެ މަތީ ފަށަލައާ ހަމައަށް ހޫނުކަން ދަނީ މަޑުވަމުންނެވެ. ހަމަ ބިމުގެ އަޑިން 10 ވަރަކަށް ކިލޯމީޓަރު އަޑީގެ ހޫނުމިނަކީ ފެން ކެކެން ފަށާ 100 ސެލްސިއަސް ވަރެވެ.
ދުނިޔޭގެ މެދު އެހާ ހޫނީ، ކީއްވެގެން ހެއްޔެވެ؟ މައިގަނޑު ސަބަބަކީ، ދުނިޔެ އުފެދިފައިވަނީ އިރު ފަދަ ތަރިއެއްގެ ބަޔަކުންނެވެ. އެތައް ބިލިއަން އަހަރެއް ދުނިޔެއަށް ވީއިރުވެސް އެބައިގެ ހޫނުކަން އަދި ނުކެނޑެނީއެވެ. ހިހޫ ނުވަނީއެވެ. ހޫނު ގަދަވާ އަނެއް ސަބަބަކީ، ދުނިޔޭގައިވާ ރޭޑިއޯއެކްޓިވް (ނުވަތަ ބާވަތެއްގެ ދޯދިތަކެއް ނުކުންނަ) ހިލަތަކެއްގެ ސަބަބުންނެވެ. ތިންވަނަ ސަބަބަކީ ދުނިޔޭގެ ދިޔާ ފަށަލަތަކުގެ އޮއިވަރުން އެއްބައި އަނެއް ބަޔާ ގޭނިގެންވާ ހޫނެވެ. މަތީގައި ބުނެވުނު ކަންތައްތައް އަހުރެމެންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟
ދުނިޔޭގެ އަޑީގެ ޙާލަތު އަހުރެމެންނަށް އެނގެނީ ދެގޮތަކުންނެވެ. ފުރަތަމަ ގޮތަކީ، މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ކަންތައްތައް ސްކޭންކޮށްގެން އެނގޭގޮތަށް ބިންހެލުމުގައި އުފެދޭ ބިމުގެ ރާޅުތައް އަންނަ ގޮތުން، ބިމުގެ އަޑި ”ސްކޭން“ ކުރެވެނީއެވެ. ދެވަނަ ގޮތަކީ، ކަންކަން ހޯދުމަށްޓަކައި ބިމުގެ ވަރަށް އަޑިއަށް ތޮރުފީއެވެ. އެއީ ތެޔޮ ވަޅު ހޯދަން ތޮރުފާ ފަދަ ބުރުމާއަކުންނެވެ. މިހާތަނަށް އެންމެ ފުންކޮށް ތޮރުފާފައިވަނީ 1970 ގެ އަހަރުތަކުގައި ރަޝިޔާ ބައެކެވެ. އެމީހުން 12 ކިލޯމީޓަރު އަޑިއަށް ތޮރުފިއެވެ. ތޮރުފި ލޯވަޅުން ފެނުނު ހައިރާންވަނިވި ކަންތައްތައް ތިރީގައި ބަޔާން ކޮށްލަމެވެ. (2016 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެހެން ބަޔަކު، މެންޓްލް އާ ހަމައަށް ތޮރުފޭތޯ މަސައްކަތް އެބަކުރެއެވެ.)
- އެންމެ އަޑިއަށް ތޮރުފިއިރުވެސް ހިލަތަކުގައި ފެނާއި ތަފާތު ގޭސްތައް ހުއްޓެވެ.
- ހަކިލޯމީޓަރުއަޑީގައި، ދިރުން ހުރި ތަކެތި ގަލަށް ވެފައިވެއެވެ.
- އަޑިއަށް ދިޔަވަރަކަށް ހޫނުގަދަ ވެއެވެ.
- 12 ކިލޯމީޓަރު އަޑީގައި ހޫނުމިން ހުރީ 180 ސެލްސިއަސްގައެވެ. މި ހޫނުމިނުގައި ބުރުމާގެ ކަށި މަޑުވެއެވެ. އަދި ބިން ހަރުވުމުގެ ބަދަލުގައި ތަތްކަމުން ތޮރުފަން ދަތިވެއެވެ.
- ފުންވިވަރަކަށް ލޯވަޅު ހޫނުކަން ބޮޑުވާ ވަރުން، 15 ކިލޯމީޓަރު އަޑީގައި 300 ސެލްސިއަސް އަށް ހޫނު މައްޗަށް ދާނެއެވެ. މި ހޫނުގައި މިހާރު ގެންގުޅޭ އެއްވެސް ކައްޓަކުން ނުތޮރުފޭނެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ފަށަލައިގެ ބޯމިން ތަފާތެވެ. 1980 ގެ އަހަރުތަކުގައި ޖަރުމަނުން ފުން ލޯވަޅެއް ތޮރުފިއިރު، 10 ކިލޯމީޓަރު ހިސާބުގައި ހޫނުމިން ހުރީ 265 ސެލްސިއަސް ގައެވެ.
މިހާ ހިސާބުން އަހުރެމެންނަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެނީ، ދުނިޔޭގެ އަޑި ވަރަށް ހޫނު ކަމެވެ. އެއްވެސް އެއްޗަކުން މިން ނުކުރެވޭހާ ހޫނެވެ. އަދި ތޮރުފައިގެން ބެލުމުން އަޑިއަށް ދިޔަ ވަރަކަށް ހޫނުގަދަވާކަން ޔަޤީން ވެއެވެ. އެހެންވާނަމަ، ކަނޑުގެ އަޑި އަދި މީހުން އުޅޭ ބިން ވާންވީ ހޫނެވެ. ނަމަވެސް ތަޖުރިބާއިން އެނގެނީ އެހާ ހޫނު ނޫންކަމެވެ. ބިމުގެ ސަޠަޙަގެ މައްޗަށް ލިބޭ ހޫނަކީ މައިގަނޑު ގޮތެއްގައި އިރުން ލިބޭ ހޫނެވެ. ބިމުގެ އަޑިން ލިބޭ ހޫނެއް ނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
މި މުހިއްމު ސުވާލުގެ ޖަވާބަކީ، ބިންގަޑަކީ އެހާ ފަސޭހައިން ހޫނު ދަތުރުކުރާ އެއްޗެއް ނޫނެވެ. ޚާއްޞަކޮށް ބިމުގެ މަތީ ފަށަލަތަކެވެ. އެހެންކަމުން، އަޑީގެ ހޫނުން ބިންމަތި އަދި، ކަނޑުވަނީ ދަފަރާ ކުރެވިގެންނެވެ. ރައްކާތެރި ކުރެވިގެންނެވެ. ބިމުގެ އަޑީގައިވާ ދިޔާ ހިލަތަކުން ކަނޑުގެ އަޑި ހޫނު ވާނަމަ، އެ ހޫނުކަން މައްޗަށް އަރާނެއެވެ. ސަބަބަކީ ހޫނު ލޮނު، ފިނި ލޮނަށް ވުރެ ބަރުކަމެވެ. އެހެންކަމުން ހޫނު ލޮނު ލުއިވީމާ މައްޗަށް އަރާ، ފިނި ލޮނު ބަރުވީމާ އަޑިއަށް ފައިބާ، އަހަރުތަކެއްގެ ތެރޭގައި މުޅި ކަނޑުގެ ފިނިހޫނުމިން އެއްވަރު ވާނެއެވެ. ނަމަވެސް އެހެން ނުވާތީ، ބިމުގެ އަޑީގެ ހޫނުގެ ސަބަބުން ކަނޑުގެ އަޑިއަށް އެހާ ބޮޑަށް ހޫނުނުވާކަން ޔަޤީން ވެއެވެ. ކަނޑުގެ ބައެއް ހިސާބުގައި އަލިފާން ފަރުބަދަ ހުއްޓަސް ކަނޑު ބޮޑުކަމުން، މިއީ ފިނިހޫނުމިން ބަދަލުވާ ވަރުގެ ހޫނު އުފައްދާ ފަދަ ތަކެއްޗަކަށް ނުވެއެވެ.
ދުނިޔޭގެ ބިންމައްޗަށް ލިބޭ މައިގަނޑު ހޫނުކަމަކީ އަވީގެ ސަބަބުން ލިބޭ ހޫނުކަމެކެވެ. އަވި ނުދޭނަމަ، ކަނޑު އޮންނާނީ އައިސްހެން ގަނޑުފެންގަނޑެއްގެ ގޮތުގައެވެ. ދުވާލު އަވި ދިނުމުން، ކަނޑު ހޫނުވެއެވެ. ލޮނު ފެނަކީ ވަރަށް ގިނައިރުން ހޫނުވާ އެއްޗަކަށް ވާތީ، އަދި ލޮނަކީ ހޫނު ފަސޭހައިން ދަތުރު ނުކުރާ އެއްޗަކަށް ވާތީ، ކަނޑުގެ މާ އަޑިއަށް ހޫނުކަން ނުފޯރަނީސް އިރުއޮއްސެއެވެ. ރޭގަނޑުވުމުން ކަނޑަށް ދުވާލު ލިބުނު ހޫނުކަން ވަޔަށް އަރައިގެން ދެއެވެ. އެހެންކަމުން، ކަނޑުގެ އަޑިއަށް އިރުގެ ހޫނުކަން ނުފޯރާތީ އަޑިއޮންނަނީ ކުރިންވެސް، އަދި އަބަދުވެސް އޮންނަ ފިނިކަމުގައެވެ.
އެއްވެސް ސަބަބަކާ ހެދި އަވިނުދޭގޮތް ވެއްޖެ ނަމަ، ކަނޑުގެ މަތީ ފަށަލަތައް ވަރަށް އަވަހަށް ފިނިވާނެއެވެ. މިފަދަ ގޮތެއް މެދުވެރިވާނެ އެއްގޮތަކީ ވަރަށް ގިނަ ދުންތަކެއް ޖައްވަށް އަރައިގެން ދިއުމެވެ. އޭރުން ބިމާ ހަމައަށް އަތްވެއް ނުދޭނެއެވެ. މީގެ އެތައް ހާސް އަހަރެއްގެ ކުރިން މިފަދަ ގޮތެއް ދުނިޔެއަށް މެދުވެރިވި ކަމަށް ބުނެއެވެ. ވީގޮތަކީ ބޮޑު ގިނިހިލައެއް ބިމުގައި ޖެހުނުލެއް ބާރުކަމުން، ވަރަށް ގިނަ ވެއްޔާއި ހިރަފުސް ޖައްވަށް އަރައިގެން ދިޔައީއެވެ. ދެން އެތައް އަހަރެއް ވަންދެން، ބިމަކަށް އަތްވެއް ނުދެއެވެ. އެހެންކަމުން ކަނޑު ފިނިވެގެން ގޮސް، އައިސް އަށް ބަދަލުވެ، ބިމުގައި އުޅުނު ބައެއް ދިރޭތަކެތި މަރުވިކަމަށް ބުނެއެވެ. މާކުރިން އުޅުނު ޑައިނަސޯ ކިޔާ މާބޮޑު ޖަނަވާރުތަކެއް ނެތިދިޔައީ މިކަމުގެ ސަބަބުން ކަމަށްވެއެވެ. މިގޮތް އަދިވެސް ދުނިޔެއަށް މެދުވެރިވެދާނެއެވެ. އެއީ ނިޔުކުލިއަރ ބޮމް ކިޔާ ފާޑުގެ މާ ބާރުގަދަ ބޮމެއް ގޮއްވާލުމުންނެވެ. މި ގޮވުމުން އަރާ ހިރަފުހުން ދެތިން ހަފުތާ ވަންދެން ބިމާ ހަމައަކަށް އަތްވެއް ނުފޯރާނެއެވެ. އަވި ނުދިނުމުން ގަސްތައް މަރުވާނެއެވެ. އަދި ގަސްގަހާ ގެހި ކާނާއަކަށްވާ ހުރިހާ ޖަނަވާރެއް މަރުވާނެއެވެ. މިގޮތަށް އުފެދޭ ފިނި ”މޫސުމަށް“ ނިޔުކުލިއަރ ވިންޓަރ ނުވަތަ ނިޔުކުލިއަރ ފިނިމޫސުމޭ ކިޔައެވެ.
ކޮންމެއަކަސް ކަނޑުގެ އަޑި ވަރަށް ފިންޏެވެ. ކަނޑުގެ މަތީ ސަޠަޙައިގެ ހޫނުމިން 28 ސެލްސިއަސްގައި ހުންނައިރު، 750 މީޓަރު އަޑީގެ ފިނިހޫނުމިން ހުންނަނީ 5 ގައެވެ. މި ތަފާތު ހުރުމުން ކަނޑުގެ ފިނިކަމުން ވަރަށް ގިނަ މަންފާތައް ލިބިގަނެވިދާނެއެވެ. ދެން ބަޔާންކުރާނީ ކަނޑުގެ އަޑީގެ ފިނިކަން ބޭނުންކޮށް ގެން ކުރެވިދާނޭ ކަންތައްތަކެވެ.
ކަނޑު އަޑީގެ ފިނިކަމުން ކުރެވިދާނޭ ކަންތައްތައް
ގާތުގައިވާ ދެ އެއްްޗެއްގެ ހޫނުމިން ތަފާތު ނަމަ، އެކަމުން ކަރަންޓު އުފައްދާ އިންޖީނު ހިންގޭނެއެވެ. މިސާލަކަށް ފާނޫޒެއްގެ ހުޅުކޮޅު ހޫނުވާނެ އެވެ. ނަމަވެސް ފީތާ ވަށައިގެންވާ ޖައްވު އަދި ފާނޫޒުގެ ޖަސްތު ގަނޑު ހުޅުކޮޅަށް ވުރެ ފިނިވާނެއެވެ. ދިއްލާފައި ހުންނަ ފާނޫޒުގެ ތަފާތު ހޫނުމިން ބޭނުންކޮށްގެން ކަރަންޓު އުފެއްދެއެވެ. ކަނާތް ފަރާތުގައި އެވަނީ މިފަދަ ފާނޫޒަކުން ކަރަންޓު އުފައްދައިގެން ޖަހާ ރޭޑިއޯއެކެވެ. ބޭނުމަކީ ކާރިސާއެއްގައި ކަރަންޓު ކެނޑިއްޖެނަމަ، ރޭޑިއޯ އަޑުއެހުމެވެ.
އިންސާނުންގެ ހަށިގަނޑުގައި ހުންނަނީ 37 ސެލްސިއަސް އެވެ. ޖައްވުގައި ހުންނަނީ 31 ސެލްސިއަސް އެވެ. ހޫނުކަން ތަފާތުކަމުން، އަތުގައި އަޅާ ބޭންޑަކުން ނުވަތަ ކެވެލި ކޮޅަކުން ފޯނު ފަދަ އެއްޗެތި ޗާޖުކުރެވޭ ”ޗާޖަރު“ އީޖާދުކޮށްފައި ވެއެވެ.
ކަނޑުގެ އަޑިން ނަގާ ލޮނުގައި 5 ވަރަކަށް ސެލްސިއަސް ހުރެފައި، ކަނޑުމަތިން ނަގާ ލޮނުގައި 28 ސެލްސިއަސް ހުރުމުން ހޫނުކަން ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން، މި ތަފާތު ބޭނުން ކޮށްގެން އިންޖީނެއް ހިންގިދާނެއެވެ. މިގޮތަށް ހިންގާ އިންޖީނު މިހާރު ވެސް ބައެއް ޤައުުމުތަކުގައި ހުރެއެވެ. މިފަދަ އެންމެ ބޮޑު އިންޖީނަކީ 100 ކިލޯވޮޓްގެ އިންްޖީނެކެވެ. މި އިންޖީނު ހުންނަނީ ހަވާއީ ގައެވެ. 100 ކިލޯވޮޓްގެ ކަރަންޓަކީ 120 ގެއަށް ބޭނުންވާ ކަރަންޓެވެ. މިއީ ފުންކަނޑު ކައިރީގައިވާ ރާއްޖޭގެ ރަށަކަށް ވަރަށް އެކަށީގެންވާ އިންޖީނެކެވެ. ޑީސަލް ތެލެއް އެއްވެސް ގޮތަކަށް ބޭނުމެއް ނުވެއެވެ. ދުވާލާއި ރޭގަނޑު ގެ އަށްދަމު، އަހަރުގެ ކޮންމެ ދުވަހަކު ކަރަންޓު އުފެއްދޭނެއެވެ. މި އިންޖީނު މަސައްކަތް ކުރާ ގޮތް، ކުރުގޮތަކަށް ޚުލާޞާ ކޮށްލާނަމަ، ބުނެވޭނީ ކަރަންޓު އުފައްދާ ޖެނެރޭޓާރު ހިންގަނީ އެމޯނިއާ ގޭހުން ބުރަފައްޗެއް ނުވަތަ ޓާރބައިން އެއް އަނބުރައިގެންނެވެ. އެމޯނިއާ ގޭސް ޕަންޕަކުން ދެން ކަނޑުގެ އަޑިންނަގާ ފިނިލޮނުން ފިނިކުރުމުން، ސައިކުރައިން އަރާ އާވި، ތައްޓެއްގައި ޖެހުމުން ފެނަށް ވާގޮތަށް، ދިޔާވެއެވެ. ދެން ފިނި އެމޯނިއާ ދިޔަ، ކަނޑުގެ މަތިން ނަގާ ހޫނު ލޮނުގައި ޖެހުމުން ގޭހަށް ބަދަލުވެ ޕްރެޝަރު މަތިވެއެވެ. މި ޕްރެޝަރުގަދަ އެމޯނިއާ ގޭހުން ކުރިން ބުނި ބުރަފަތި އަނބުރަނީއެވެ. މި ވީޑިއޯއިން، އިންޖީނުގެ އެކިބައި މަސައްކަތް ކުރާ ގޮތް އޮޅުން ފިލާނެއެވެ. ތިރީގައި އެވަނީ އެ އިންޖީނުގޭގެ ފޮޓޯއެކެވެ. މި ކަންކުރި ފަރާތުން މީގެ އެއް ހާސް ގުނަ ބާރު ގަދަ އިންޖީނެއް ހަދަން ގަސްދުކުރާ ވާހަކަ މި ހަބަރުގައި ބަޔާން ކުރެއެވެ.
ކަރަންޓު އުފެއްދުމުގެ އިތުރަށް، ކަނޑުގެ ފިނިކަމުން ކުރެވޭ އެހެން ކަންތައްތައް ހުރެއެވެ. އެއްކަމަކީ، ބޯފެން އުފެއްދުމެވެ. ފާހަގަ ކުރެވޭނޭ ފަދައިން، ފިނި ހޮޅިތަކުގައި އަދި ފިނިކޮށްފައި ހުންނަ ކޮޓަރީގެ ކުޑަދޮރު ބިއްލޫރި ގަނޑުގައި ޖައްވުގައި ހުންނަ އާވި ތަތްލާ ދިޔާ ވެއެވެ. މިއީ ސާފު ބޯފެން އުފެއްދޭނޭ ގޮތެކެވެ. ފިނިލޮނު ދަތުރުކުރާ ހޮޅިތަކެއް ގަސްތައް ކައިރީގައި ބިންމަތީގައި އޮންނަ ނަމަ، ޖައްވުގައި ހުންނަ ފެން ވެސް މި ހޮޅީގައި ޖެހި ފެނަށް ބަދަލުވާނެއެވެ. އެހެންކަމުން ގަސްތަކަށް ފެންދޭކަށް ނުޖެހޭނެއެވެ. މީގެ އިތުރަށް ބައެއް ގަސްގަސް ހެދެނީ ރާއްޖެއަށް ވުރެ ފިނި ހިސާބުތަކުގައެވެ. ތަންކޮޅެއް ފިނިވުމުން، ބަލިޖެހުން ދުރުވެ، މޫތަކަށް ބޭނުންވާ އޮކްސިޖަން ގަހަށް ލިބުން ފަސޭހަ ވެއެވެ. އެހެންކަމުން ފިނި ލޮނު ބޭނުންކޮށްގެން ދަނޑުގޮވާން ކުރުމަކީ ބައެއް ޤައުމުތަކުގައި ކާމިޔާބު ކަމާ އެކު ކުރާ ކަމެކެވެ.
މަތީގައި ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރަށް، ކަނޑުގެ އަޑީގެ ލޮނުގެ ފިނިކަމުން ރާއްޖެއަށް އެންމެ ބޮޑު މަންފާއެއް ހޯދޭނީ އެއަރ ކޮންޑިޝަން ކުރުމަށެވެ. ދުވާލު މާލޭގައި އުފައްދާ ކަރަންޓުގެ އެންމެ ބޮޑު ބައެއް ޚަރަދުވަނީ ކޮޓަރިތައް ފިނިކުރުމަށެވެ. އެއަރ ކޮންޑިޝަން ކުރުމަށެވެ. ކަނޑުގެ ލޮނު، އިމާރާތްތަކަށް ފޮނުވައިގެން އެއަރ ކޮންޑިޝަން ކުރާ ތަންތަން ހުރެއެވެ. މިއީ ޚަރަދު ކުޑަ، ފަސޭހަ ގޮތެކެވެ. ފިނި ލޮނުން ކުރެވޭ ކަންތައްތަކުން ރާއްޖެއަށް ކުރާ މަންފާ ބޮޑުކަމުން، މިއިން ކޮންމެ ކަމަކަށް ވަކި މަޒުމޫނެއް ލިޔުމުގެ އުއްމީދުގައި މި މިޒުމޫނު މިހާ ހިސާބުން ނިންމާލަމެވެ.
މި މަޒުމޫނުގައި ކިޔުންތެރިންނަށް މިހުށަހަޅާލަދިނީ، ދުނިޔޭގެ ބިންގަނޑު އުފެދިފައިވާ ގޮތާއި، ފުންކަނޑުގެ އަޑި ފިނިވާ ސަބަބާއި މި ފިނިކަމުން ހޯދިދާނެ މަންފާއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައިރީގައި ކަނޑު އޮވެއެވެ. އެހެންކަމުން ކަނޑު އަޑީގެ ފިނިކަމުން މަންފާ ނުނަގާ، މި ނިޢުމަތަށް ފުރަގަސްދީގެން ތިބެން ހެޔޮ ނުވާނެއެވެ. ކަން ދިމާާވިގޮތުން ކިޔުންތެރިޔާގެ ރަށުގެ ކައިރީގައި މާ ފުން ކަނޑެއް ނެތަސް، ރާއްޖޭގެ ބިންގަނޑުގެ އަޑިވެސް ކަނޑެކޭ އެއްގޮތަށް ފިނިވާނެއެވެ. ވީމާ، ރަށާ ގާތުގައި ފުން ކަނޑެއް ނެތުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.
މިއީ 21 ވަނަ ޤަރުނުގެ ފުރަތަމަ އަހަރުަތަކުގެ ތެރޭގައި ނެރުނު”ދަރުމަ“ މަޖައްލާގައި ޝާއިޢުކުރި މަޒުމޫނެކެވެ. މިފަހަރު މިވަނީ މަޒުމޫނުއަލުން ލިޔެލާފައެވެ. ކުރީ މަޒުމޫނު މިއޮތީއެވެ.



Shalhi. Fahuge thaareekh aai behy eche neth tho.
އެއާކޯންތައް ހިންގުމަށް ސޮނެވާފުށިން ކަނޑު އަޑިއަށް ފެއްތި ހޮޅި ފެން މައްޗަށް އަރައިފި
http://webcache.dhivehi.mv/haveeru.com.mv/dhivehi/news/77301
Varah rangalhu mazmooneyy