


ދި ވެހިރާއްޖޭގައި ވަރަށް ފަހާ ޖެހޭންދެންވެސް، ހުރިހާ ކާއެއްޗެއް ރޯފިލުވަނީ ދަރު އުނދުން ބޭނުން ކޮށްގެންނެވެ. ނަމަވެސް ޒަމާނުގެ އޮއިވަރާއެކު، ދަރު އުނދުން މާޒީއާ ފަރުދާވެ ގެއްލިއްޖެއެވެ. ރާއްޖެތެރޭގެ އެތައް ރަށެއްގައި، ކެއްކުމަށް ޢާއްމުކޮށް ބޭނުން ކުރާ އެއްޗަކަށް ކައްކާ ގޭސް ވެެއްޖެއެވެ. ނަމަވެސް، އަދިވެސް ދަރު އުނދުން ބޭނުން ކުރަން ޖެހުމަކީ ކައިރީގައި އޮތް ކަމެކެވެ. ދިމާވާ ކުއްލި ޙާލަތަކުން، ގޭސް ނުލިބިއްޖެނަމަ، ދިވެހިންނަށް ކައްކަން ޖެހޭނީ ކަރަންޓުން ނުވަތަ އަވިން ނުވަތަ ދަރުންނެވެ. ދަރުން ކެއްކުމުގައި ފައިދާ އާއި ގެއްލުން ހިމެނެއެވެ. ފައިދާތަކުގެ ތެރެއިން އެއްކަމަކީ، ދަރަށް ހައްދާ ގަހަކީ ރާއްޖޭގައި ފަސޭހައިން ހެއްދި ދާނެއެއްޗަކަށް ވާކަމެވެ. ބައެއް ބާވަތުގެ ތަކެތި ތައްޔާރު ކުރުމަށް، ދަރު އުނދުން ނޫނީ ކަމަކު ނުދެއެވެ. އެހެންކަމުން، އެންމެ މޮޅު ރެސްޓޯރަންޓު ތަކުގައި ވެސް، ދަރު އުނދުން ބޭނުން ކުރެއެވެ.
ތަރައްޤީވެފައިވާ ޤައުމުތަކުގެ ބައެއް ރެސްޓޯރަންޓް ތަކުގައިވެސް ދަރުން ކެއްކޭގޮތް ހަދާފައި ހުރެއެވެ. އެމެރިކާގެ ރައީސް އުޅުއްވާ ވައިޓްހައުސް ކިޔާ ގޭގެ ބަނދިގޭގައި ވެސް ދަރުން ނުވަތަ ދެލިން ކެއްކޭނޭ އުނދުން ހުންނާނެއެވެ. ދެލި އަންދައިގެން ފިހެފައި ހުންނަ ބާވަތް ބާވަތުގެ ކާނާއަކީ ވަރަށް އަގުބޮޑު އެއްޗިއްސެވެ. ދަރު އުނދުނުން ކެއްކުމުން ރަހަ މީރުވެއެވެ. ދިވެހިމަސް ތައްޔާރު ކުރާއިރު، ދިލަ ޖައްސަން ޖެހޭތީ، ދަރު އުނދުނަކީ ކުރިއަށްއޮތް ޒަމާން ތަކުގައި ވެސް ބޭނުން ކުރަން ޖެހޭނެ އެއްޗެކެވެ. ދަރުއުނދުނުން ކެއްކުމުގައި، ކެއްކުންތެރިންގެ އެއް ކެކުޅުމަކީ އުނދުނުން އަރާ ދުމާއި އުނދުން ހުންނަ ސިފައެވެ.
މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ކެއްކުމަށް ފަސޭހަ ދުން ނާރާ، ދަރު އުނދުނެއް ހަދާނެ ގޮތެވެ. ބޭރުން ގެނެސްފައި ހުންނަ ކަރަންޓު ބޮޑެތި އުނދުންފަދަ ރީތި ދަރުއުނދުން ހުރެއެވެ. ނަމަވެސް ރާއްޖެއަށް އެންމެ ކަމުދާނީ ގެތަކުގައި އަމިއްލަ އަށް ހަދަން ފަސޭހަ މަދު ދަރުން ގިނަ ކެއްކުން ކެއްކޭ އުނދުނެކެވެ. ދިމާވާ ޙާލަތެއްގެ ސަބަބުން، ގޭސް ނުލިބިއްޖެނަމަ، މާލޭގައި ދިހަ ބުރިއަށް ހުންނަ ގެތަކުގައި ދިރިއުޅޭ މީހުންނަށް ޖެހޭނީ ކޮންފަދަ ޙާލަތެއް ކަން ވެސް ނޭނގެއެވެ. އުދުވާނީ ހަމަލާއެއްގެ ސަބަބުން ނުވަތަ ދުނިޔެއަށް އަންނަ ހަނގުރާމައެއްގެ ސަބަބުން، މިހާރު މި އުޅޭ ޙާލަތު ކުއްލިގޮތަކަށް ހީވެސް ނުކުރާހާ އަވަހަށް ބަދަލުވެދާނެއެވެ. މިފަދަ ޙާލަތެއްގައި އެނގިފައި ހުރި ހުނަރަކުން ނޫނީ ކުރާނޭ މަންފާއެއް ނޯންނާނެއެވެ.
މަޒުމޫނުގެ މި ފުރަތަމަ ބައިގައި ގެނެސްދޭނީ، ހަމައެކަނި ދަރު އުނދުނުގެ ސައިންސްގެ ބައެއް މަޢުލޫމާތެވެ. ދަރު އުނދުން ރަނގަޅުވާގޮތް އޮޅުން ފިލުވާދިނުމަށް ދަރުގައި ރޯވާ ސަބަބާއި އަދި މިފަދަ އެހެން މަޢުލޫމާތު ހުށަހަޅާލަން ޖެހޭނެއެވެ. ކަމެއް ވަކިގޮތަކަށް ހުންނަން ޖެހޭ ސަބަބު އޮޅުން ފިލުމަކީ އެކަމެއް އަމިއްލައަށް ކުރިއަރުވައި އައު އީޖާދުތައް ކުރުމަށް މަގުފަހި ވާނޭ ކަމެކެވެ. އާދެ! ސެހެރީ މާ ދިގުވެއްެޖެ އެހެން ނޫންތޯއެވެ؟ އެހެންވީމާ ދަރުގައި ރޯވާ ގޮތާއިމެދު އިހަށް ވިސްނާލަމާ ހިންގަވާށެވެ.
ދަރު ލިބެނީ ގަހުންނެވެ. ގަސް ހެދެނީ އަވިންނާއި ވައި އެކުވެގެން އުފެދޭ ކާނާއިންނެވެ. ޙަޤީޤަތުގައި ގަހުގެ” ކާނާ“ އަކީ އަތްވާއި ފެނާއި ވައެވެ. ގަސް ހެދެނީ އެއަށް ބިމުންލިބޭ ”ކާނާ“ އަކުން ނޫނެވެ. މިއާ ޚިލާފަށް އިންސާނުން ހެދިބޮޑުވަނީ އެމީހުން ކައިބޮއެ އުޅޭ ކާނާގެ ސަބަބުންނެވެ. ބައެއް ބޭފުޅުންނަށް އަޅުގަނޑު މިދެންނެވި އެއްޗެއް ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވާނެއެވެ. އެންެމެ ފުރަތަމަ، މި ހައިރާން ކުރުވަނިވި ޙަޤީޤަތް ހޯދިފަރާތުން ޢަމަލު ކުރި ގޮތުގެ މިސާލެއް ދަންނަވާލާނަމެވެ. ކުރިކަމަކީ،1 ކިލޯހުރި ކުޑަ ގަހެއް 5 ކިލޯ ވެލި ހުރި މުށި ގަނޑެއްގައި އިންދާފައި އެއަށް ބައިކިލޯ”ގަސްކާނާ“ އެޅީއެވެ. ދެތިން އަހަރުފަހުން ގަހުގެ ބަރުމިން 16 ކިލޯއަށް އަރައިފިއެވެ. ނަމަވެސް ވެލީގެ ބަރުދަން ހުރީ ކުރިން ހުރި ވަރަށެވެ. އެހެންވެއްޖިއްޔާ، ގަހަށް އިތުރުވި 15 ކިލޯގެ ބަރުދަނުގެ ތަކެތި އައީ ކޮންތަނަކުން ހެއްޔެވެ؟ ދިވެހި ބަހުން ގަސްކާނާ އަށް ކާދު ކިޔުން ބުއްދިވެރީ މިދެންނެވި ސަބަބާއި ހެދިއެވެ. ގަހަށް އަޅާ ”ކާނާ“ އަކީ ގަސް ހެދި ބޮޑުވުމަށް ބޭނުންވާ ކާނާއެއް ނޫނެވެ. ގަހަށް ކާދު އަޅަނީ ގަސްހެދުމަށް ބޭނުންވާ ”ބޭހެއް“ ގެ ގޮތުގައެވެ. ގަސްގަހާއި ޚިލާފަށް އިންސާނުންނާއި ޖަނަވާރުތައް ހެދިބޮޑުވަނީ އެއެއްޗެތި ކައިއުޅޭ ކާނާގެ ސަބަބުންނެވެ. އިންސާނެއްގެ ޢުމުރުގައި ކާ ކެއުމުގެ ބަރުދަން އޭނާގެ ހަށިގަނޑަށްވުރެ އެތައް ހާސް ގުނައެއް ބަރުވާނެއެވެ.
އާދެ! މަޢުޟޫޢުއާއިގެން ކުރިއަށް ދަމާ ހިނގާށެވެ. ރަނގަޅު ދަރު އުނދުނެއް އީޖާދު ކުރުމަށް ދަރުގައި ރޯވާ ގޮތް ދެނެގަންނަން ޖެހޭނެއެވެ. ދަރުގަނޑެއްގެ ބަރުމިނުގެ ވަރަށް ބޮޑު ބަޔަކީ ފެނެވެ. ހިކި ދަރުގައިވެސް ފެން ކޮންމެވެސް ވަރަކަށް ހުންނާނެއެވެ. ދަރުގަނޑަކަށް ހޫނުވުމުން، އޭގެ ބޭރު ފަށަލަ ތަކުން ފެން، އާވީގެ ގޮތުގައި ނުކުންނާނެއެވެ. ފެނުގެ އިތުރަށް އެސިޑް (ހުތް) އާއި ކާރބަން ޑިއޮކްސައިޑް ކިޔާ ގޭހެއް ވެސް ނިކުމެއެވެ. ކާރބަން ޑި އޮކްސައިޑް އަކީ އަލިފާން ނުހިފާ ގޭހެކެވެ. އާތްވަކީ ވެސް މިފަދަ އެއްޗެކެވެ. އަލިފާން ނިއްވަން ގެންގުޅޭ ބައެއް ފުޅީގައި ހުންނަނީ ފެން ނުވަތަ ކާރބަން ޑި އޮކްސައިޑެވެ. ކޮންމެ އެއްޗެއް ވެސް ރޯވުމަށް އޮކްސިޖަން ކިޔާ ވައިގައި ހުންނަ ގޭހެއް ބޭނުން ވެއެވެ. ދަރުގަނޑަށް ހޫނުވުމުން، އާތްވާއި ކާރބަން ޑިއޮކްސައިޑް، ދަރުގަނޑުގެ ބޭރުން ނުކުންނާތީ، ވައިގައި ހުންނަ އޮކްސިޖަން ދަރުގަނޑުގައި ޖެހުނަކަ ނުދެއެވެ. މިހެންވުމުން، ދަރުގަނޑަކު ރޮލެއް ނުވެއެވެ.
ދަރުގަނޑަށް ވާ ހޫނު އިތުރުވި ވަރަކަށް، އޭގެ އެތެރެއަށް ހޫނު ދަތުރު ކުރެއެވެ. މިހެންވުމުން، އެތެރޭގައި ހުރި ފެން، އާވީގެ ގޮތުގައި ބޭރަށް ނުކުމެއެވެ. އަދި ދަރުގަނޑުގައި ހުންނަ ތާރާއި ތެލާއި އަލިފާން ހިފާ ގޭސް ބޭރަށް ނިކުމެއެވެ. ދަރުގަނޑުގެ ކަޅުވެފައިވާ (އަނދައިފައިވާ) ބައިތަކުގައި ތާރު ޖެހުމުން، އިތުރު އަލިފާން ހިފާގޭސް އުފެދެއެވެ. މިގޭސް، ވައިގައި ހުންނަ އޮކްސިޖަންގައި ޖެހުމުން ރޯވެއެވެ. ހުޅުކޮޅު ރީނދޫ ކުލައިގައި ފެންނަނީކޮންމެވެސް ވަރަކަށް ގޭހުގައި ދުން ނުވަތަ ރޯ ނުވާ ތަކެތި ހުންނާތީއެވެ.
މަތީގައި އެދެންނެވުނީ ދަރުގަނޑެއް ރޯވާއިރު ކަންތައްތައް ވާގޮތެވެ. ޢާއްމު ޚިޔާލާއި ޚިލާފަށް ދަރަކު ހުޅެއް ނުހިފާނެއެވެ. ހުޅުހިފަނީ ހަމައެކަނި ގޭހުގައެވެ. ކަރުދާހަކުވެސް ހުޅެއް ނުހިފާނެއެވެ. ރޯވަނީ، ހޫނުވުމުން ކަރުދާހުން ނުކުންނަ ގޭހުގައެވެ. ސާފު ތެލަކުވެސް ރޮލެއް ނުވެއެވެ. ނަމަވެސް ސާފުތެލަށް ހޫނުވުމުން ނުކުންނަ ގޭހުގައި ރޯވެއެވެ. މިއާދަޔާ ޚިލާފު ކަންތައް ތަޖުރިބާ ކޮށްލުމަށް، ދަޅެއްގެ މެދާއިހަމައަށް ކީސްކުނޑި އަޅައި ވަރަށް ބާރަށް މަތިގަނޑު ޖަހާށެވެ. މަތިގަނޑުގައި ލޯވަޅެއް އަޅައި އެ ލޯވަޅަށް ނުވިރޭކަހަލަ ހިމަ ހޮޅިއެއް ޖަހާށެވެ. ދެން އުނދުނެއްގެ މަތީގައި ބަހައްޓައިގެން ދަޅަށް ހޫނު ކުރާށެވެ. ހޫނުވާހާ އިރު ކޮށްފައި ހޮޅީކޮޅުގައި ހުޅުޖެހުމުން ރޯވާނެއެވެ. މި ތަޖުރިބާއިން ފާހަގަ ކުރެވޭ ކަމަކީ، ރޯވަނީ ކީސްކުނޑިން ނިކުންނަ ގޭހުގައިކަމެވެ. އެއީ ކީސް ކުޑީގައި ހުޅު ނުޖެހުނަސް ހޮޅީގެ ކޮޅު ރޯވާތީއެވެ. ކީސްކުނޑީގެ ބަދަލުގައި ދަޅުގެ ތެރެއަށް ހޯލި އެޅިޔަސް ހޮޅީކޮޅުގައި ރޯވާނެއެވެ.
ގޭހެއްގައި ރޯވާނީ އޭގެ ހޫނުމިން ވަކި މިންވަރަކަށް އެރީމައެވެ. ރޯވުމަށް، ހޫނުކަމުގެ އިތުރަށް އޮކްސިޖަންވެސް ބޭނުން ވެއެވެ. މި ސަބަބާއިހެދި، ރޯވާ ކަހަލަ ގޭހެއް އޮކްސިޖަން ނެތް ޖައްވެއްގައި ކިތަންމެ ވަރަކަށް ހޫނު ކުރިޔަސް ރޮލެއް ނުވާނެއެވެ. ޕެޓްރޯލް ފަދަ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދާ ބޯޓުފަހަރުގެ ޓޭންކްތަކަށް އަޅާފައިވާ ތެލުގެ މަތީގައި ހުންނަ ހުސްތަން ފުރާފައި ހުންނަނީ އޮކްސިޖަން ނެތް ވައިންނެވެ.
ތަކެތީގައި ރޯވަނީ ހޫނުވުމުން އެއިން އުފެދޭ ގޭހުގައި ކަމަށްވާނަމަ، ރޯވާ ކޮންމެ އެއްޗެއް ވެސް ގޭހަށް ބަދަލުކުރޭވޭނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، ރޯވާ ބާވަތުގެ ހުޅުހިފާ އެއްޗެތި، ޚާއްޞަކޮށް ޤުދުރަތީ ތަކެތި ގޭހަށް ބަދަލުކުރެވޭނެއެވެ. ރޯވުމަކީ ތަފާތު ބާވަތްތަކުގެ ތެލާއި ގޭސް އުފެދޭ ކަމެކެވެ. މިތަކެތި އުފެދޭ ކަމުގެ ދަލީލެކެވެ.
ލަކުޑީގައި ރޯވަނީ، ވައިތެރޭގައި ހުންނަ އޮކްސިޖަން ކިޔާ ގޭހަކާ، އަލިފާން ހިފާ ބާވަތުގެ ގޭސް އެކުވުމުންނެވެ. އަދި ގޭހުގެ ހޫނުކަން ވަކި މިންވަރަކަށް އެރުމުންނެވެ. އޮކްސިޖަން ނެތްނަމަ، ލަކުޑިގަނޑަކުން އަދި ރޯވާ ބާވަތުގެ ކޮންމެ އެއްޗަކުން ނުކުންނާނީ އެކި ވައްތަރުގެ ތެލާއި ކައްކާ ގޭސް ފަދަ ހުޅުހިފާ ގޭހެވެ. މިހެންވީމާ، ދަރުން ނުވަތަ ލަކުޑިން ތެޔޮ އުފައްދަން ހަދަން ޖެހޭނެ ގޮތަކީ، އޮކްސިޖަން ނުލިބޭ ގޮތަށް، އޮކްސިޖަން ނުވަންނަ ގޮތަށް ދަރުގަނޑު ހޫނުކުރުމެވެ. ހޫނުކުރަންޖެހޭ މިންގަނޑަކީ ފެންކެކޭ މިންވަރަށް ވުރެ ދެގުނަ އާއި ހަ ގުނައާ ދެމެދަށެވެ. އެއީ 200 ސެލްސިއަސް އާއި 600 ސެލްސިއަސް އާ ދެމެދެވެ. އެއިރުން، ލަކުޑިގަނޑުގައި ހުރި ގިނަ ތެލާއި ގޭސް ލަކުޑި ގަނޑުން ނުކުންނާނެއެވެ. ހޫނުކުރުމުން ނުކުންނަ އާވިގަނޑުގައި މިތެޔޮތައް ހިމެނޭނެއެވެ. އާވިގަނޑު ފިނިކުރަނިކޮށް، ގޭސް ތެލަށް ބަދަލުވާނެއެވެ. ލަކުޑިން ތަފާތު ތެލާއި އެހެނިހެން ތަކެތި އުފައްދަން، މިގޮތަށް ލަކުޑި، އޮކްސިޖަން ނުލާ ހޫނުކުރާ ވަރަށް ބޮޑެތި މެޝިން ހުރެއެވެ. ގޭސްތަކާއި ތެޔޮތައް ނުކުތުމުން، ލަކުޑި ބަދަލުވާނީ، ދެއްޔަށެވެ. މިއީ ދުންނުނުކުމެ ރޯވާ އެއްޗެކެވެ. އެހެންކަމުން، ރެސްޓޯރަންޓް ތަކުގައި ތަކެތި ފިހަން ބޭނުން ކުރުމުގެ އިތުރަށް ދެލިން އެހެން ބޭނުންތައް ކުރެއެވެ. ތިރީގައި އެވަނީ ތަފާތު ބާވަތް ބާވަތުގެ އެއްޗެތިން ދެލި ހަދާ މެޝިނެކެވެ.
ޕްލާސްޓިކް ތެލަށް ބަދަލުކުރުން
ގިނަ ޕްލާސްޓިކް އުފައްދަނީ ތެލުންނެވެ. އެހެން ވެއްޖެނަމަ، ސުވާލަކީ ޕްލާސްޓިކް، ތެލަށް އަނބުރާ ބަދަލުކޮށްލެވޭނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ އާއެކެވެ. ޕްލާސްޓިކް ރޯނުކޮށް، އޮކްސިޖަން ނެތް ތަނެއްގައި ހޫނުކުރަނިކޮށް، ހަމަ ލަކުޑިފަދައިން، އެއިން ތަފާތު ގޭސްތަކާއި ތެޔޮ ނުކުންނާނެއެވެ. މި ގޭސްތައް ފިނިކުރަނިކޮށް ތެލަށް ބަދަލުވާނެއެވެ. މިއީ ބަދިގޭގައި ވެސް ކުރެވޭނޭ ކަމެކެވެ. ކަރާސީނާއި ޑީސަލް އާއި ޕެޓްރޯލް ވެސް މިގޮތަށް އުފެއްދޭނެއެވެ. ތިރީގައި އެވަނީ އުކާލާ ޕްލާސްޓިކުން ކަރާސީނު އުފައްދާ މެޝިނެއްގެ ވީޑިއޯ އެކެވެ.
ތަފާތު ބާވަތުގެ ޕްލާސްޓިކުން، އުފެދޭ ތެލުގެ ބާވަތް ތަފާތެވެ. އަދި މިންވަރު ތަފާތެވެ. ރަނގަޅު ޕްލާސްޓިކުން އުފެއްދޭނީ ބަރުދަނުން %60 އާއި %20 އާ ދެމެދުގެ މިންވަރެކެވެ. މި ލިންކުން ދެވޭ ސަފުހާގައި އެކި ބާވަތުގެ ޕްލާސްޓިކުން އުފެއްދޭ ތެލުގެ މިންވަރު ބަޔާންކޮށްފައި ވެއެވެ.
ހޫނު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ތިން ގޮތް
ދަރު އުނދުނެއް ހަދާނެގޮތް ލިޔަން ފަށާފައި މިއުޅެނީ ވާވަދެވިގެން ބާވައެވެ؟ މަގު އޮޅިގެން ބާވައެވެ؟ މި މަޒުމޫނު އަޅުގަނޑު ފެށީ މީރު ކާނާ ކެއްކުމަށް ދަރު އުނދުނުގެ މުހިއްމުކަމުގެ ވާހަކައިންނެވެ. ދެން އެއަށް ފަހު، ދަރުގައި ރޯވާ ގޮތެވެ. މިމަގުން ދެންމެ މި ޚުލާޞާކޮށްލެވުނީ ދަަރަށް ހޫނުކޮށްގެން ތަފާތެ ތެޔޮ އުފައްދާ ގޮތެވެ. އަދި އެންމެ ފަހުން ޕްލާސްޓިކުން ތެޔޮ އުފައްދާ ގޮތެވެ. ނަމަވެސް، އިންސާފުކުރަމުން މިދާ މަޢުޟޫޢު އަކީ، މޮޅު ދަރު އުނދުނެއް ތައްޔާރު ކުރާނޭ ގޮތެވެ. އެހެންކަމުން އެ މައުޟޫޢަށް ރުޖޫޢަ ވަމާތޯއެވެ؟
ރަނގަޅު ދަރު އުނދުނެއް ހަދާނެގޮތް ދެނެގަތުމަށް ހޫނު އެއްތަނުން އަނެއްތަނަށް ދަތުރު ކުރާގޮތް އެނގެން ޖެހެއެވެ. އެއީ އާދައިގެ ދަރު އުނދުނަކުން ހޫނު ގެއްލޭގޮތް ކުޑަކުރަން އެނގެން ޖެހޭ މަޢުލޫމާތެކެވެ. ހޫނު ސައިތައްޓަކަށް ދަގަނޑު ސަމުސަލެއް ލާފައި އޮތުމުން، ސަމުސާ ހޫނުވެއެވެ. މިގޮތަށް ސައިތަށީގައި ހުންނަ ހޫނު، ސަމުސާފަދަ އެއްޗަކުން ފަސޭހައިން ދަތުރު ކުރިއަސް، އެހެން ބައެއް އެއްޗެހިން ހޫނު ދަތުރު ކުރާލެއް އެހާ ފަސޭހައެއް ނޫނެވެ. މިސާލަކަށް ހޫނު ބަތްތަވައަކަށް، ލަކުޑި ދޭފަތެއް ލާފައި އޮންނައިރު، ދޭފަތް އެހާ ހޫނެއް ނުވެއެވެ. އެއްޗެއްގެ ތެރެއިން ހޫނު ދަތުރުކުރާ އަވަސްމިން ނުވަތަ ފަސޭހަކަން ބިނާވެފައި އޮންނަނީ އެއެއްޗެއް ހެދިފައިވާ މަޢުދަނުގެ މައްޗަށެވެ. ހޫނު އެންމެ ފަސޭހައިން ދަތުރުކުރާ އެއްޗަކީ އަލިމަހެވެ. ދެން ރިއްސެވެ. ހޫނު އެންމެ ދަތުރު ނުކުރާނީ އެއްވެސް އެއްޗެއް ނެތް ހުސްކަމުންނެވެ. ތެޅިފައިވާ ތަރުމޯޒެއް ރަނގަޅަށް ބަލައިފިނަމަ، ފާހަގަ ކުރެވޭނެ އެއްކަމަކީ އޭގައި ބިއްލޫރި ދެ ފުޅި ވާކަމެވެ. އެއްފުޅިވަނީ އަނެއްފުޅީގެ ތެރެއަށްލާފައެވެ. ދެފުޅި ދޭތެރޭގައިވާ ޖާގައިން ވައި ހުސްކޮށްފައި ހުރެއެވެ. ތަރުމޯޒުގައި ހޫނު ނުވަތަ ފިނިއެއްޗެއް އެއް ފިނިހޫނުމިނެއްގައި ގިނައިރު ހިފެހެއްޓޭ އެއްސަބަބަކީ އެއީއެވެ. ދެފުޅި ދޭތެރެއިން ހޫނު ދަތުރު ނުކުރާތީއެވެ. ދައުރުނުކުރާގޮތަށް ހުންނަ ވަޔަކީވެސް ހޫނު ދަތުރު ކުރުމަށް ރަނގަޅު ހުރަހެކެވެ.
ހޫނު އެއްތަނުން އަނެއް ތަނަށް ދަަތުރު ކުރާ ދެވަނަ ގޮތަކީ ދިޔައެއް ނުވަތަ ގޭހެއް ބޭނުން ކޮށްގެންނެވެ. ވަރަށް ގިނަ އެއްޗެތި، ހޫނުކުރުމުން އޭގެ ސައިޒު ބޮޑުވާނެއެވެ. އެހެންކަމުން އެ ލުއިވާނެއެވެ. ލުއިވުމުން އެ އެއްޗެއް މައްޗަށް އަރައެވެ. އުނދުނެއްގެ ހޫނުކަން މައްޗަށް އަރަނީ އެހެން ވެގެންނެވެ. ފެނާއި ރިހަ ކައްކާއިރު، ތެލީގެ ތިރިިން ހޫނުކުރަނީ އެހެން ވެގެންނެވެ. ފެން ތެއްޔެއް މަތިން ހޫނު ކުރާނަމަ، އެ ކެކޭނީ ވަރަށް ލަހުންނެވެ. ހޫނުކަމާއެކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަނީ ޢާއްމުކޮށް ދިޔާ އެއްޗިއްސާއި ގޭހެވެ.
ގޭސް އެއްތަނުން އަނެއް ތަނަށް ހޫނާއެކު ދަތުރު ކުރާ ގޮތުގެ މިސާލަކީ ބޮޑު ހަމަކަށް ހޫނުވައި ފޮނުވައިގެން ޖައްވަަށް އަރާ އެރުމެވެ. މި ވައްތަރުގެ ހަމަށް އިނގިރޭސި ބަހުން ކިޔަނީ ހޮޓް އެއަރ ބެލޫން އެވެ. އޭގެ މާނައަކީ ހޫނުވައިޖަހާ ހަމެވެ. ބެލޫން ކިޔަނީ ފަރަންސޭސިބަހުން ބޮޑެތި ބޯޅައަށެވެ. މި ވައްތަރުގެ ހަމެއްގެ ތެރޭގައި ހުންނަ ވަޔަށް ހުޅުގަނޑެއް ރޯކޮށްގެން ހޫނު ކުރުމުން އެ ބޯޅަ މައްޗަށް އަރައެވެ. ބޯޅަ ވަށިގަނޑެއްގައި އައްސައި އެއަށް މީހުން އެރި ތިބެގެން މައްޗަށް ދަތުރުކޮށް އުޅެއެވެ. މިބާވަތުގެ ހަމަކަށް ހޫނު ވައިޖެހުމުން މައްޗަށް އަރަނީ ހޫނު ވައި ޖައްވުގައި ހުންނަ އެހެން ވަޔަށް ވުރެ ލުއިވީމައެވެ. ހޫނުކަން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އެއްގޮތަކީ މިއީއެވެ. ސައިކުރާ ފަދަ އެއްޗަކަށް މަތިން ހޫނުކޮށްފިނަމަ، އޭގެ އަޑީގައިވާ ފެނެއް ހޫނެއް ނުވާނެއެވެ. އެއީ މަތީގައިވާ ލުއި ހޫނު ފެނަށް ތިރިއަށް ނުފައިބާނެތީއެވެ. ކޮޓަރިއެއް އޭސީކުރުމުން، އޭސީ އާ ގާތުގައިވާ ވައި ފިނިވެގެން ބަރުވެއެވެ. އެހެންކަމުން ތިރިއަށް ފައިބައެވެ. ވައި ހޫނުވުމުން މައްޗަށް އަރައެވެ. މިގޮތަށް ކޮޓަރިތެރޭގައި ވައި ދައުރުވެއެވެ.
ހޫނު އެއްތަނުން އަނެއް ތަނަށް ދައުރުކުރާ ތިންވަނަ ގޮތް ދަންނައެވެ. އެއީ އިންފްރާ ރެޑް ދޯދިތަކެއްގެ ގޮތުގައެވެ. އިންފްރާރެޑް ދޯއްޖަކީ ލޮލަށް ނުފެންނެ ކަރަންޓާއި ދަގަތްފާނު ރާޅުތަކެކެވެ. ހޫނު ކޮންމެ އެއްޗަކުން މި ރާޅުތައް ހުންނަނީ ނުކުމެނުކުމެ އެވެ. ލޮލަކަށް ދޯދިތައް ނުފެނުނަސް، އިންސާނާގެ ހަމަށް އެ އިޙްސާސް ކުރެވެއެވެ.
އިރުގެ ހޫނުކަން ބިމާ ހަމައަށް އަންނަނީ އިރުން ފޮނުވާ އިންފްރާރެޑް ދޯދިތަކުގެ ސަބަބުންނެވެ. ހޫނު ކޮންމެ އެއްޗަކުންވެސް މިދޯދިތައް ނިކުންނާތީ، އުނދުނު ކައިރީގައިވާ ހުރިހާ އެއްޗަކަށް މިދޯދިތައް ލިބެއެވެ. ގާތުގައިވާ އެއްޗެއް ބޮޑަށް ހޫނުވެއެވެ. އަނދިރީގައި ހުންނަ އިރުވެސް މި ދޯދިތައް ހޫނު ކޮންމެ އެއްޗަކުން ނުކުންނާނެއެވެ. އެހެންކަމުން، އިންފްރާރެޑް ކެމެރާއަކުން ފޮޓޯ ނަގައިފިނަމަ، ހޫނު އެއްޗެތި ސާފުކޮށް ވަކިކުރަން އެނގެއެވެ. އާދައިގެ ސްމާޓު ފޯނުގައިވާ ކެމެރާއަށް އިންްްްްފްރާރެޑް ދޯދިތައް ފެނުނަނުދޭން ފިލްޓަރެއް ކެމެރާގައި ވެއެވެ. އެެހެންވެ، ސްމާޓްފޯނުން އިންފްރާރެޑް ދޯދިތައް ފެންނާނީ އެއާ ކުޑަ އެހެން ކެމެރާއެއް ގުޅައިގެންނެވެ. ފޯނާ ގުޅާ މިފަދަ ކުދި ކެމެރާ ވިއްކާ އެންމެ މަޝްހޫރުތަނަކީ މިއީ އެވެ.
ނިންމާލުން
މި މަޒުމޫނު އަޅުގަނޑު ފެށީ ކެއްކުމަށް ފަސޭހަ ދުން ނާރާ، ދަރު އުނދުނެއް ހަދާނެ ގޮތް ދަންނަވާލުމުގެ ބޭނުމުގައެވެ. މި އުނދުން ވާންޖެހޭނީ މަދު ދަރުން ބޭނުން ކުރެވޭ އުނދުނަކަށެވެ. މިސަބަބަށްޓަކައި ދަރު ރޯވާ ގޮތާއި ހޫނު އެއްތަނުން އަނެއް ތަނަށް ދައުރު ކުރާ ގޮތް އެނގެން ޖެހެއެވެ. މި ދަންނަވާ ނިމުނީ އެ ވާހަކައެވެ. އަޞްލު އުނދުން ހަދާ ގޮތް، މަޒުމޫނު ދިގުވާތީ މިޖެހުނީ ދެން އަންނަ ހަފުތާއަކަށް ބާއްވާށެވެ. އެހެންކަމުން، އެ މަޒުމޫނަށް އިންތިޒާރު ކުރައްވާނެ ކަމުގެ އުއްމީދުގައި މި ފުރަތަމަ ބައި ނިންމާލަމެވެ.
މި މަޒުމޫނުން ތިބާގެ މަޢުލޫމާތު މުއްސަނދިވި ނަމަ، އެންމެ ފަހުގެ މަޒުމޫނުތަކަށް ތިބާ ޝައުޤުވެރިވެދާނެއެވެ.
Varah beynunthri mauloomaathu kolheh. Gas aguboduve mihaaruves Sharuma kakkaa meehun bash rahrashugai ebathibi.
Very interesting