ތިކި ކޮމާ އާމެދު …

ދިވެހި ބައެއް ލިޔުންތަކުން މިހާރަކަށް އައިސް، އެހެންޏާ ދިވެހިބަހުގައި ޢާންމުކޮށް ބޭނުން ނުކުރާ ނިޝާނެއް ފެންނަށް ފަށައިފިއެވެ. ނަމަވެސް، މި ނިޝާން، ދިވެހިބަހުން ބޭނުން ކުރަމުންދަނީ އެއްވެސް ދިވެހި ގަވާއިދު ފޮތެއްގައި ލިޔެފައިވާ ގޮތަކަށް ނޫންހެން ހީވެއެވެ. އެހެންކަމުން މިއީ ދިވެހި ބަހުގައި ބޭނުން ކުރާނެ ނިޝާނެއްތޯ އަދި ބޭނުން ކުރަން ޖެހޭ ހަމައަކީ ކޮބައިތޯ ސުވާލު ކުރެވެއެވެ. މި ނިޝާނަކީ ތިކިކޮމާއެވެ. އާދެ! ސެމިކޯލަން އެވެ.

ސެމިކޯލަން އެނގިވަޑައިގަންނަވާ އެހެންނޫންތޯއެވެ؟ އެއީ ފޮޅުވަތުގައި ތިއްކެއް ޖަހާ އޭގެ މަތީ ގައި ކޮމާއެއް ޖަހައިގެން ލިޔާ ނިޝާނެކެވެ. ތިކިކޮމާ އަކީ މީގެ 500 ވަރަކަށް އަހަރު ކުރިން ފެށިގެން އިނގިރޭސި ބަސް ލިޔުމުގައި ބޭނުން ކުރަމުން އަންނަ ނިޝާނެކެވެ. އިނގިރޭސި ބަހުގައި ބޭނުންކުރާ އެތައް ނިޝާނެއް ދިވެހިބަހަކު ބޭނުމެއް ނުކުރެއެވެ. އެހެންކަމުން އިނގިރޭސި ބަހުގައި މިފަދަ ނިޝާނެއް ބޭނުން ކުރާތީ، ދިވެހިބަހުގައި މި ނިޝާން ބޭނުން ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. މިކަމާ ގުޅޭ ގޮތުން މުހިއްމު ދެ ސުވާލެއް މިހާރު ކުރަން ޖެހިއްޖެއެވެ. އެއް ސުވާލަކީ، ތިކި ކޮމާއަކީ ދިވެހިބަހުގެ ނިޝާނެއް ތޯއެވެ؟ މި ސުވާލުގެ ޖަވާބަކީ އާއެކޭ ނަމަ، ދެވަނަ ސުވާލަކީ ތިކިކޮމާ ބޭނުން ކުރުމުގެ ގަވާއިދަކީ ކޮބައިތޯއެވެ؟

މި ދެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ތިކިކޮމާގެ ތާރީޚަށް ބަލާލުމަކީ މުނާސަބު ކަމެއްކަމަށް ދެކެމެވެ. މީގެ ދެ ހާހެއްހާ އަހަރު ކުރީގެ ލިޔުންތަކަށް ބަލާއިރު ލިޔުމުގައި އަކުރުތަކުގެ އިތުރަށް އެއްވެސް ނިޝާނެއް ބޭނުންކޮށްފައެއް ނުހުރެއެވެ. އަދި ކިއެއްތޯއެވެ؟ ލަފުޒުތައް ވަކިކޮށްފައެއް ވެސް ނުހުރެއެވެ. ތަޞްޥީރު 1 ގައި އެވަނީ މީގެ 2500 އަހަރު ކުރީގެ ޔޫނާނީ ލިޔުމެކެވެ. ލިޔުމުގައި ބޭނުން ކުރާ ނިޝާންތައް ނެތުމުގެ އިތުރަށް ލަފުޒުތައްވެސް ވަކިކޮށްފައެއް ނުވެއެވެ. މިއީ ކުރީ ޒަމާނުގައި ހުރިހާ ބަހެއްހެން ލިޔަމުން އައިސްފައިވާ ގޮތެވެ. ލެޓިން އަކުރުން ލިޔާ ބަސްބަހުގައި (ޖަރުމަނު، ފަރަންސޭސި، އިޓަލިއަން ފަދަ ބަސްބަހުގައި) ލަފުޒުތައް ވަކިން ލިޔުމާއި ޚާއްޞަ ނިޝާންތައް ބޭނުން ކުރުން ޢާއްމުވީ ޗާޕުކުރަން ފެށުމާ ގުޅިގެންނެވެ.


g_qk

rasfaiy

ތަސްވީރު 1: ކުރީ ޒަމާންތަކުގެ ލިޔުންތަކުގައި ލަފުޒުތައް ވަކިކުރާން ހުސްތަނެއް ދޫކޮށްފައެއް ނުހުރެއެވެ. މަތީގައި އެވަނީ 2500 އަހަރު ވެފައިވާ ޔޫނާނީ ލިޔުމެކެވެ. ތިރީގައި އެވަނީ 250 އަހަރު ވެފައިވާ ދިވެހި ލިޔުމެކެވެ. ދިވެހި ލިޔުމުގައި މީގެ 250 އަހަރު ކުރިން ޖުމުލަ ނިންމިކަން ފާހަގަކުރަން ދެތިކި ބޭނުން ކުރެއެވެ. ޖުމުލަ ނިމުނުކަން ފާހަގަކުރަން ދިވެހި ލިޔުމުގައި 1930ގެ އަހަރުތަކުގައިވެސް ބޭނުން ކުރަނީ ދެ ތިއްކެވެ.


ލެޓިން އަކުރުން ލިޔާ ލިޔުންތަކުގައި ތިކިކޮމާ ނުވަތަ ސެމިކޯލަން ބޭނުންކުރަން ފަށާފައިވަނީ 1494 ވަނަ އަހަރު އިޓަލީ ވިލާތުގައި ޗާޕުކުރި ފޮތެއްގައި ކަމަށް ޓްރަސް ކިޔާ މީހަކު ލިޔެފައިވާ ފޮތެއްގައި ވެއެވެ.[1] ސެމިކޯލަން ގެ ލަފުޒީ މާނައަކީ ކޯލަންއެއްގެ ދެބައިކުޅަ އެއްބައެވެ. އިނގިރޭސި ބަހުގައި ކޯލަން އަކީ، ޖުމުލައެއްގައި ދެން ޖެހިގެން އަންނާނީ އެކިތަކެތީގެ ލިސްޓެއްކަން، ނުވަތަ މީހަކު ބުނާ ވާހަކައެއް އެމީހާ ބުނި އަޞްލު ލަފުޒުތަކުންކަން ހާމަކުރަން ބޭނުން ކުރާ ނިޝާނެކެވެ. ބައެއް ފަހަރު، ޖުމުލައެއްގައި ކޯލަން އެހެން ގޮތަކަށް ވެސް ބޭނުން ކުރެއެވެ. އެއީ ޖުމުލައިގައި، ކޯލަން އަށް ފަހު ދެން އޮތް ޢިބާރާތަކީ ޖުމުލައިގެ ކުރިން ބުނި ވާހަކަ ތަފުސީލުކުރާ ނުވަތަ އެވާހަކައަށް މަޢުލޫމާތު އިތުރުކުރާ ބައެއްކަން ހާމަކުރާ ނިޝާނެއްގެ ގޮތުގައެވެ. މި ނުކުތާ ތަކުން އަޅުގަނޑުމެންނަށް ކޯލަން އަކީ ސެމިކޯލަން އަށް ވުރެ ދޮށީ އެއްޗެއް ކަން އެނގެއެވެ. މީގެ ދެހާހެއްހޭ އަހަރު ކުރިން ކޯލަން އަކީ ނިޝާނެއް ނޫނެވެ. އެއީ އެއްޗެއް ލިޔާއިރު، އެ ލިޔުނުއެއްޗަކާ ގުޅޭ ބަޔަކަށް ކިޔާނަމެކެވެ. ޔޫނާނީ ބަހުން ކޯލަންގެ މާނައަކީ ވެސް އެއީ އެވެ. އެއްޗެއްގެ ގުނަވަނެއް ނުވަތަ ބައެކެވެ. މިހެން މިކަން ހިނގަމުން ދާތާ އެތައް ޒަމާނެއް ވީ ފަހުން، ކުރިން ދެންނެވުނުހެން ލިއުމެއްގެ އިތުރު ތަފުސީލު ނިމޭތަނުގައި މި ނިޝާން ޖަހަން ފެށިއްޖެއެވެ. އަދި އޭގެ ފަހުން މި ނިޝާން އެ އިތުރުބައި ފެށުމުގެ ކުރިން ޖަހަން ފަށައިފިއެވެ. މިކަން މިގޮތަށް ބަދަލުވެގެން ދިޔައީ އެއްހާސް އަހަރު ދުވަހުގެ ތެރޭގައެވެ. ޗާޕުކުރުމަކީ ލިޔުމުގެ ބާވަތެއް އެތައް ބަޔަކަށް އަގުހެޔޮކޮށް ލިބޭނޭ ކަމެކެވެ. އަތުން ނަކަލުކުރާ ފޮތްތަކަކީ އެހާ ޢާންމުކުރެވޭނޭ ތަކެއްޗެއް ނޫނެވެ. ލިޔުމުގެ ނިޝާންތައް ޢާންމުވީ ޗާޕުގެ ތެރެއިންނެވެ. ޗާޕުކުރުމަކީ ސީނުކަރައިގައި ފެށުނު ކަމެކެވެ. މުސްލިމުން މެދުވެރިކޮށް މިކަން ޔޫރަޕަށް ފެތުރުނީ 1400ގެ އަހަރުތަކުގައެވެ. ޔޫރަޕުގައި ޗާޕުކުރަން އެންމެ ފުރަތަމަ ފެށީ ޖަރުމަނުގައެވެ. އިނގިރޭސި ވިލާތުގައ ފުރަތަމަ ޗާޕުކުރި އިނގިރޭސިން ލިޔެފައިވާ ފޮތް ޗާޕުކޮށްފައިވަނީ 1474 ގައެވެ. ތަސްވީރު 2 ގައި އެވަނީ، އޭރުގެ ޢިލްމީ ބަހެއް ކަމުގައިވާ ލެޓިންއިން 1480 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ޗާޕުކޮށްފައިވާ ފޮތެއްގެ ސަފުހާއެކެވެ. އެ ފޮތުގައިވެސް ކޯލަން ބޭނުންކޮށްފައިވާތީ ތިބާއަށް ފެނިވަޑައިގަންނަވާނެއެވެ.


Caxton-LatinPsalter-1480-1483

ތަސްވީރު 2: 1480 ގެ އަހަރު ތަކުގައި ލިޔުމުގައި ކޯލަން ބޭނުން ކުރެއެވެ. މަތީގައިވާ ލިޔުމުގައި ތިކި ނުވަތަ ފުލްސްޓޮޕް ބޭނުންކޮށްފައިވޭ ހެއްޔެވެ؟ އައު ޖުމުލައެއް ފަށާކަން ފާހަގަކޮށްފައިވަނީ ކިހިނެއްހެއްޔެވެ؟


ދިވެހިބަހުގައި ކުރީގެ ލިޔުންތަކުން ތާނަ ލިޔުމުގައި ބޭނުންކޮށްފައި ހުންނާތީ ފެންނަނީ ދެ ނިޝާނެކެވެ. އެއީ ކޮމާގެ ބަދަލުގައި ބޭނުންކުރާ ނުކުތާއަކާއި ޖުމުލައެއް ނިމުނުކަން ފާހަގަކުރަން ބޭނުން ކުރާ ދެ ތިއްކެވެ. މި ދެތިކި ޖަހަނީ އެއް ތިއްކަށް ފަހު ކުރު ހުސް ޖާގައެއް ދޫކުރުމަށްފަހު އަނެއް ތިއްކެވެ. ކޯލަންހެން އެއް ތިކީގެ މަތީގައި އަނެއް ތިއްކެއް ނޫނެވެ (”:“ މިގޮތުގެ ބަދަލުގައި ”..“ މިގޮތަށެވެ). އިނގިރޭސި ބަހުގައި ބޭނުން ކުރާ ފުލްސްޓޮޕް އާއި ކޮމާއާއި ޙައިރާން މާކާއި، ސުވާލު މާކާއި ކޮމާކޯޅިއެއް އޭރުގެ ލިޔުންތަކުން ނުފެނެއެވެ. މި ކަމުގެ އެންމެ ވަރުގަދަ އެއް ދަލީލަކީ ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ ސިޔަރަތެވެ.

އިނގިރޭސި ބަހުގައި ބޭނުންކުރާ ބައެއް ނިޝާންތައް ދިވެހިބަހުގެ ތެރެއަށް ތަޢާރުފުވެގެން ދިޔައީ މުޙައްމަދު އަމީންގެ ދައުރުން ފެށިގެންނެވެ. މުޙައްމަދު އަމީނާއި ޙަސަން ފަރީދާއި މުޙައްމަދު ފަރީދާއި އަޙްމަދު ކާމިލް ފަދަ ބޭބޭފުޅުން ރާއްޖެއިން ބޭރުން ކިޔަވައިވިދާޅުވެގެން ވަޑައިގެން އިނގިރޭސި ބަހުގެ ބައެއް ހަމަތަކާއި ލިޔުމުގައި ބޭނުން ކުރާ ނިޝާންތައް ދިވެހިބަހުގެ ތެރެއަށް ވެއްދެވިއެވެ. 1932 ވަނަ އަހަރު ޗާޕުކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި، ކޮމާކޯޅިއާއި، ލިސްޓެއް ލިޔުމުގެ ކުރިން އިނގިރޭސި ބަހުގައި ލިޔާ ނިޝާނެއް ކަމުގައިވާ ކޯލަން އަށް ފަހު ޑޭޝް (ކުރު ރޮނގުބުރިއެއް) ބޭނުންކޮށްފައި ވެއެވެ. އެއީ ”:–“ މި ނިޝާނެވެ. މި ޤާނޫނު އަސާސީ ގައި ކޮމާގެ ބަދަލުގައި ބޭނުންކޮށްފައިވަނީ އެއް ތިއްކެވެ. ޖުމުލަ ނިމުމުން ދެތިއްކެވެ. މާތުރަ، އެންމެ ފަހަރަކު މުޅި ލިޔުމުގައި ކޮމާއެއް ވެއެވެ (ތަޞްވީރު 3).


qasaaseew

ތަޞްވީރު 3: 1932 ވަނަ އަހަރު ޝާއިޢުކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ކުރިން ބޭނުންކޮށްފައި ނުވާ ނިޝާންތަކެއް ބޭނުން ކޮށްފައިވެއެވެ. އެއީ ކޮމާކޯޅިއާއި ކޯލަން އަށްފަހު ރޮނގުބުރިއެއް ”:–“ އެވެ. ދިވެހިބަހުގައި، ޖުމުލައެއް ލިޔާއިރު އޮޅުން އަރާފާނެކަމަށް ފެންނަނަމަ، ކުރު ހުއްޓުމެއް ގެންނަން ކޮމާގެ ގޮތުގައި ބޭނުންކުރަނީ އެއް ތިއްކެވެ. އޭރުގެ ލިޔުންތަކުގައި މިއީ ކޮމާގެ ބަދަލުގައި ބޭނުންކުރާ ނިޝާނެވެ. އާދެ! އެއް ތިކި އެއީ ކޮމާއެވެ. ކުރު ހުއްޓުމެކެވެ. ދެތިކި އެއީ ފުލްސްޓޮޕެވެ. ޖުމުލައެއްގެ ނިމުމެވެ. ކޮމާ ދިވެހި ލިޔުންތަކުން ފެންނަން ފެށީ މުޙައްމަދު އަމީންގެ ދައުރުގައެވެ.


ފޮތްތަކާއި ނޫސްތަކާއި މަޖައްލާތައް ޝާއިޢުކުރެވުމާ ގުޅިގެން ތާނަލިޔުމުގައި ބޭނުންކުރާ ނިޝާންތައް ޢާއްމުވެ، އެންމެން އެއްގޮތަކަށް ނިޝާންތައް ބޭނުންކުރަން ފެށިއެވެ. ޖުމުލައެއްގައި ފާޅުކުރާ ޚިޔާލަށް ހުއްޓުމެއް ގެންނަންޖެހޭ ތަންތަން ފާހަގަކުރަން މި ދުވަސްވަރު އެއް ނުކުތާގެ ބަދަލުގައި ކޮމާ ބޭނުންކުރަން ފަށާފައި ވެއެވެ. އަދި ޙައިރާން މާކާއި ސުވާލު މާކާއި ކޮމާކޯޅި ތައާރަފު ކުރެވިފައި ވެއެވެ. މި ނިޝާންތައް ބޭނުން ކުރާ ހަމަތައް މުޙައްމަދު އަމީން ލިޔުއްވާފައިވާ ދިވެހިބަހާބެހޭ ފޮތުގައި (”ދިވެހިބަސް – ދަރިވަރުންގެ އެހީތެރިޔާ“ ގައި) ވެއެވެ.

ތިކިކޮމާ، ދިވެހިބަހުގެ މާހައުލުން އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ދިވެހިބަސް ލެޓިން އަކުރުން ލިޔުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ދިވެހިބަސް ލެޓިނުން ލިޔާނެ ގަވާއިދުތަކާއި އަދި ދިވެހިބަހުގެ ގަވާއިދުފޮތްތަކެއް ނެރުނެވެ. މިކަން ހިނގީ 1977 ވަނަ އަހަރުއެވެ. މި ބޮޑު ބަދަލާގުޅިގެން، 12 ޖުލައި 1977 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިވެހިބަހުގެ ގަވާއިދުގެ ހަތަރު ފޮތެއް ލެޓިން އަކުރުން ލިޔެގެން ނެރުނެވެ. މިހަތަރުފޮތް، އެއް ފޮތެއްގެ ގޮތުގައި 1 ޖަނަވަރީ 1984 ގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ތާނައިން ލިޔެގެން ޝާއިޢުކޮށްފައި ވެއެވެ. އެއީ އެ ފޮތްތަކަށް، އެ މަރުކަޒުގެ ބަސްކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު ޖަމީލާއި، މޫސާ ފަތުޙީ އާއި، ޢަބްދުﷲ ޞާދިޤާއި މުލަކު ފާރޫޤު ޙަސަން އިޞްލާޙުތަކެއް ގެންނެވުމަށް ފަހުއެވެ. މިފޮތުގައި، ކުރިން ދިވެހިބަހުގައި ބޭނުން ނުކުރާ ހަތަރު ނިޝާނެއް ތައާރަފުކޮށްފައި ވެއެވެ. އެއީ ކަނާތަށް ކަތި ރޮނގު ”/“ އާއި ރޮނގުބުރި ”ޑޭޝް“ އާއި، ހައިފަން އާއި ކޯލަން އާއި ތިކިކޮމާ އެވެ. މި ފޮތް ކިޔާލުމުން، ޤަބޫލުކުރެވެނީ މިއީ އިނގިރޭސިބަހުގައި މި ނިޝާންތައް ބޭނުންކުރާ ގޮތް ލިޔެފައިވާ ކުރު ފޮތެއްގެ ތަރުޖަމާ ކަމަށެވެ.

ތިކިކޮމާ އާ ބެހޭ ގޮތުން އެ ފޮތުގައި ވެއެވެ.

      ޢާއްމުކޮށް ތިކި ކޮމާ ބޭނުން ކުރެވެނީ، ކޮމާއަކަށް ހުއްޓާލަން ޖެހޭ ވަރަށް ވުރެ ތަންކޮޅެއް ބޮޑަށް ހުއްޓާލަންޖެހޭ ތަންތަން ފާހަގަކުރުމަށެވެ.

      ދިވެހިބަހުގެ ޢިބާރާތް ހުންނަ ގޮތުން، މިއީ ދިވެހި ލިޔުންތަކުގައި ވަރަށް މަދުން ބޭނުންކުރެވޭ ނިޝާނެކެވެ. ގިނައިން ބޭނުންކުރެވިފައި ހުންނަނީ، މި ފޮތުގެ ބައެއް ބާބުތަކުގައި ދެވިފައިވާ މިސާލުތަކުން އެނގޭފަދައިން، އެއް ލަފްޒަށް ވުރެ ގިނަ ލަފްޒުގެ މައްޗަށް އެކުލެވިގެންވާ މިސާލުތަކެއް ދޭއިރު، އެއް މިސާލާއި އަނެއް މިސާލު ވަކިކޮށްލުމަށްޓަކައެވެ.

      މިސާލު:

ނަމުން ދޭހަވާ އެއްޗެއްގައި ހުރި ސިފައެއް ދޭހަކޮށްދޭ ނަން އިތުރުގެ މިސާލަކީ: ރަތްމަލެއް؛ ތޫނު ފިލި ކުއްޖެއް؛ ފުން ކަނޑެއް؛ މިއެވެ.

(ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް. (1984). ދިވެހިބަހުގެ ޤަވާޢިދު. ސަފުހާ 133–134)

ތިކި ކޮމާއަކީ، މިފޮތުގައި، ދިވެހި ލިޔުމުގެ ނިޝާނެއްގެ ގޮތުގައި ސިފަކުރިޔަސް، އޭގެ ކުރިން ތިކިކޮމާއަކީ ދިވެހިބަހުގެ ނިޝާނެއް ނޫނެވެ. މިދެންނެވީ ދިވެހިބަހުގައި މި ނިޝާން ބޭނުންކުރާކަން އޭގެ ކުރިއަކުން އެއްވެސް ފޮތެއްގައި ލިޔެފައެއް ނުވެއެވެ. ލަފާ ކުރެވޭ ގޮތުގައި، މި ނިޝާން މި ތަޢާރުފުކުރީ ލެޓިން ލިޔުމުގެ ތެރެއިންނެވެ. ލެޓިން އަކުރުން ދިވެހި ލިޔުމުގައި ”+“ (އެއްކުރާ ފާހަގަ) ވެސް ބޭނުން ކުރާކަން ތިޔައިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެއެވެ. ކޮމާއަކަށް ވުރެ ބޮޑަށް ހުއްޓާލަން ޖެހޭތަންތާނގައި ތިކިކޮމާ ބޭނުންކުރާށޭ ލިޔެފައި އޮތަސް، މި ގޮތަށް ތިކި ކޮމާ ބޭނުންކުރާ ގޮތުގައި އެއްވެސް މިސާލެއް ފޮތުގައި ނެތީ ކީއްވެ ބާވައެވެ! އަދި، ޖުމުލައެއްގެ ތެރޭގައި ލިސްޓެއް ލިޔާއިރު، ކޮމާ ބޭނުން ނުކުރަންވީ ކީއްވެގެން ބާވައެވެ! ތިރީގައި އެވަނީ ގަވާއިދު ފޮތުގައިވާ މިސާލު ކޮމާޖަހައިގެން ލިޔެފައެވެ. ރަނގަޅުވާންވީ ކޮންގޮތެއްތޯއެވެ؟

ނަމުން ދޭހަވާ އެއްޗެއްގައި ހުރި ސިފައެއް ދޭހަކޮށްދޭ ނަން އިތުރުގެ މިސާލަކީ: ރަތްމަލެއް؛ ތޫނުފިލި ކުއްޖެއް؛ ފުން ކަނޑެއް؛ މިއެވެ.

ނަމުން ދޭހަވާ އެއްޗެއްގައި ހުރި ސިފައެއް ދޭހަކޮށްދޭ ނަން އިތުރުގެ މިސާލަކީ: ރަތްމަލެއް، ތޫނުފިލި ކުއްޖެއް، ފުން ކަނޑެއް، މިއެވެ.

އަޅުގަނޑަށް ރަނގަޅީ ތިރިގައިވާ، ކޮމާ ޖަހައިގެން ލިޔެފައިވާ ލިޔުމެވެ. އަދި، އަޅުގަނޑުގެ ނަޒަރުގައި އެންމެ ފަހު ކޮމާއެއް ބޭނުމެއް ނުވެއެވެ. މި ނިންމުމަށް އަޅުގަނޑު މިއައީ ފިކުރުކުރުމުގެ ދެހަމައެއް ބޭނުންކޮށްގެންނެވެ. އެއް ހަމައަކީ ”ޕްރިންސިޕްލް އޮފް ޕާރސިމަނީ“ އެވެ. އަނެއް ހަމައަކީ ”އޮކަމްގެ ރޭޒަރު“ އެވެ. މިއީ ފުންކޮށް ފިކުރުކޮށްގެން ރަނގަޅު ގޮތް ދެނެގަތުމަށް ބޭނުން ކުރާ ދެ އުޞޫލެވެ. މި ދެ އުޞޫލުގައިވެސް ބުނަނީ ދާދި އެއްވާހަކައެކެވެ. ދެ ފިކުރެއް ނުވަތަ ދެ ނަޒަރިއްޔާތެއް ތިބާއަށް ކުރިމަތިކުރެވިއްޖެނަމަ، ރަނގަޅު ގޮތަކީ އެންމެ ކުރު، އެންމެ ސާދާ ގޮތެވެ. ތިކި ކޮމާ ޖަހަންދާ ދެއްޔަށް ވުރެ ކޮމާ ޖަހަންދާ ދެލި މަދުވާނެ އެވެ. ކޮމާ ޖެހުމަކީ ސާދާ ގޮތެކެވެ. އެހެންކަމުން، އެ ގޮތް ރަނގަޅީއެވެ.

އިނގިރޭސި ލިޔުމުގައި ތިކިކޮމާ ޢާންމުކޮށް ބޭނުންކުރަންފެށީ 17 ވަނަ ޤަރުނުގައި އުޅުނު އިނގިރޭސި އަދީބެއް ކަމުގައިވާ ބެން ޖޮންސޮން އެވެ. އިނގިރޭސި ލިޔުމުގައި ތިކި ކޮމާ އެންމެ ގިނައިން ބޭނުންކޮށްފައިވަނީ މީގެ ސަތޭކަ އަހަރު ކުރިންނެވެ. މި ޒަމާނުގައި ތިކިކޮމާ ބޭނުންކުރާގޮތް ވަނީ ގަވާއިދު ފޮތްތަކުގައި ކަޑައެޅިފައެވެ. އެއީ ދެގޮތެކެވެ. މި ދެގޮތުން ފުރަތަމަ ގޮތަކީ، ލިސްޓެއްގެ އައިޓަމްތަކުގައި ކޮމާ ހިމެނޭނަމަ، އެ ލިސްޓުގައިވާ އެކި އައިޓަމްތައް ވަކިކުރަންށެވެ. ދެވަނައަށް ތިކިކޮމާ ބޭނުންކުރަނީ، ޖުމުލައެއްގައި މިނިވަން ކަލިމައެއް ނުވަތަ ދެކަލިމަ ވާނަމަ، އެ ކަލިމަ ނުވަތަ ދެކަލިމަ ވަކިކުރަންށެވެ. މިނިވަން ކަލިމައަކީ އެ އިޢިބާރާތެއް ވަކިން އޮންނައިރުވެސް ފުރިހަމަ މާނައެއް ދޭހަވާ ކަލިމައެވެ. މިސާލެއްގެ ގޮތުން، ”އިބްރާހީމް ފިހާރައިގައި އިނދެގެން ނަވަތަ ދަސްކުރިއެވެ.“ މިފަދަ މިނިވަން ކަލިމައެއް ވަކިކުރަން ދިވެހިބަހުން ބޭނުންކުރާނީ ފުލްސްޓޮޕެވެ. ތިއްކެކެވެ. ދިވެހިބަހުން ޖުމުލަ އެކުލަވާލާއިރު، މިނިވަން ކަލިމަތައް ތިކިކޮމާ ޖަހައިގެން ވަކިކޮށްފައި ހުއްޓަތީ ނުފެނެއެވެ. މިއީ ދިވެހިބަހުން ތިކިކޮމާ ބޭނުން ކުރާ ގޮތެއް ނޫނެވެ. އަންނަވި ގޮތަށް ލިޔެފައިވާ ޢިބާރާތެއް ތިބާ ދެކެވަޑައިގަތީމުތޯއެވެ؟ ”އިބްރާހީމް ފިހާރައިގައި އިނދެގެން ނަވަތަ ދަސްކުރިއެވެ؛ އެކަމަކު އަޑުގަދަކަމުން ދަސްކުރަން އުނދަގޫވިއެވެ.“

ޢަރަބި ބަހުގައި ތިކިކޮމާ ބޭނުން ކުރެއެވެ. ޢަރަބި ބަހުގައި ތިކިކޮމާ ބޭނުންކުރާ ހަމައަކީ ޖުމުލައިގެ ފުރަތަމަ ކަލިމަ، ދެވަނަ ކަލިމައިގެ ސަބަބެއް ކަމުގައި ނުވަތަ އެ ކަލިމައިން ނުކުންނަ އަސަރެއް ކަމަށްވާ ހިނދުއެވެ. މިސާލެއްގެ ގޮތުން ”ރިހައިގެ ލޮނު ގަދަވެއްޖެއެވެ؛ ލޮނު ފުޅި ރިހަ ތެއްޔަށް ބަންޑުންވީއެވެ.“ ދިވެހި އެއްވެސް އަދީބަކު، މިގޮތަށް ތިކިކޮމާ ބޭނުންކުރައްވާ ހެނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި، ތިކިކޮމާ ދިވެހިބަހުގައި ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ، އިނގިރޭސި ބަހުގައި ވެސް އެ ބޭނުން ކުރާ ފުރަތަމަ ގޮތެވެ. އެއީ ކޮމާ ހިމެނޭ އައިޓަމްތަކެއް ލިސްޓެއްގައި ލިޔާއިރު، އެކި އައިޓަމްތައް ވަކިކުރަންށެވެ. މިނޫންގޮތަކަށް ތިކިކޮމާ ބޭނުންކުރުމަކީ މިހާރު ދިވެހިބަސް ލިޔާ ގަވާއިދަށް އުނދަގޫތަކެއް ފޯރާނޭ ކަމެކެވެ.

ތިކި ކޮމާގެ އިތުރަށް ދިވެހިބަސް ލިޔާއިރު، ތަންކޮޅެއް ކުރިންސުރެ ބޭނުންކުރާ އިތުރު ނިޝާންތައް ވެއެވެ. މީގެ ތެރެއިން އެއް ނިޝާނަކީ، ތިކިތަކެކެވެ. މި ނިޝާން އެންމެ ގިނައިން ބޭނުންކުރެއްވި އެއް އަދީބަކީ މުޙައްމަދު އަމީނެވެ. މުޙައްމަދު އަމީން ތިކިތައް ބޭނުންކުރައްވާފައިވާ ވަނީ އިނގިރޭސިބަހުން އެޕަސަޔަޕީސިސް (Aposiopesis) ބޭނުންކުރާ ގޮތަށެވެ. މި ލަފުޒުގެ މާނައަކީ ހަމަހިމޭން ވުމެވެ. އަދަބީ ލިޔުންތަކުގައި އެއީ ޖުމުލައެއް ފުރިހަމަ ނުކޮށް ނިންމާލުމެވެ. އެއީ ލިޔުންތެރިޔާ ސީދާ ބުނަން ބޭނުން ނުވާތީ ނުވަތަ ފުރިހަމައަށް ނުބުނެވޭތީ ބޭނުންކުރާ ނިޝާނެކެވެ. ޖުމުލަ ނިންމާނޭ ގޮތް ކިޔުންތެރިޔާ އޭނާގެ ފިކުރުން ކަޑައަޅާނެއެވެ. މިސާލެއްގެ ގޮތުން ”މިހާރު މިގެއިން ނިކުމޭ! އެހެންނޫނީ……“ މިއެވެ. އިނގިރޭސި ބަހުގައި މި ”ހަމަހިމޭންވުމަށް“ ދެ ނިޝާނެއް ބޭނުން ކުރެއެވެ. އެއް ނިޝާނަކީ ދިގު ރޮނގުބުރި އެކެވެ. އާދެ! އެމްޑޭޝް އެވެ. ”—“ އެވެ. އަނެއް ނިޝާނަކީ ތިން ތިއްކެވެ. މި ޕޮއިންޓް ފާހަގަ މިކޮށްލީ މުޙައްމަދު އަމީން ލިޔުއްވުންތަކުގައި، ތިކީގެ ޢަދަދުގައި ހަމައެއް ނޯވެއެވެ. ބައެއް ފަހަރު ފަސް ތިއްކެވެ. ބައެއް ފަހަރު ބާރަ ތިއްކެވެ. ”ހަމަހިމޭން ވުމަށް“ ބޭނުންކުރާނޭ ތިކީގެ ޢަދަދާއި (ނުވަތަ އެމްޑޭޝް ބޭނުންކުރާނެނަމަ އެކަމާއި) ބޭނުންކުރާނޭ ގޮތް ކަމާ ބެހޭ ފަރާތްތަކުން ކަޑައަޅަން ޖެހެއެވެ.

ތިއްކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އަދި އިތުރު އެއްކަމެއް ފާހަގަކޮށްލަން ޖެހެއެވެ. އެއީ އެލިޕްސިސް އެވެ (ellipsis). އެލިޕްސިސް ގެ މާނައަކީ އުނިކޮށްފައި ވުމެވެ. އެއީ، ޢިބާރާތެއް ބުނާއިރު މާނަ ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ލަފުޒުތައް އުނިކޮށްލުމެވެ. އަޑުއަހާ މީހާ، ފުރިހަމަ ޖުމުލައެއް ހެދުމަށް އުނިކޮށްފައިވާ ލަފުޒު(ތައް) އަމިއްލަ ފިކުރުން ހިމަނާލަން ޖެހޭނެއެވެ. މިގޮތަށް ލަފުޒެއް ނުވަތަ ލަފުޒުތަކެއް ލިޔުމަކުން ނުވަތަ ބުނުމަކުން އުނިކޮށްފައިވުމަށް އިޝާރާތް ކުރަން ބޭނުންކުރާ ނިޝާނަކީ ތިން ތިއްކެވެ. މިއީ ފޮންޓުތަކުގައި ހިމެނޭ ވަކި ”އަކުރެކެވެ.“ ތިން ތިކި ޖަހާފައިވާ ކަމަށް ބަލާލުމުން ހީވިއަސް މިއީ ކޮންމެ ދެ ތިއްކެއްގެ ދެމެދުގައި ހުސް ޖާގައެއް ހިމެނޭ ވަކި އަކުރެކެވެ. އެލިޕްސިސް ބޭނުން ކުރާނޭ ހަމައަކީ ވެސް ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރަންވެއްޖެ ކަމެކެވެ.

ޑޭޝް އަކީ ވެސް އެ ބޭނުންކުރާ ގޮތާ ބެހޭ ގޮތުން ގޮތްތަކެއް ކަޑައަޅަންޖެހިފައިވާ ނިޝާންތަކެކެވެ. އިނގިރޭސި ޢިލްމީ ލިޔުންތަކުގައި ތިން ބާވަތެއްގެ ރޮނގުބުރި އެއް ބޭނުން ކުރެއެވެ. އެއީ ހައިފަން ”-“ އާއި ”އެން ޑޭޝް“ އާއި ”އެމް ޑޭޝް“ އެވެ. ހައިފަން އަކީ ފަލަ ކުރު ރޮނގުބުރިއެކެވެ. ”އެން“ ޑޭޝްގެ ދިގުމިނަކީ އިނގިރޭސި ”އެން“ އަކުރުގެ ފުޅާ މިނެވެ. ”އެމް“ ޑޭޝް ގެ ދިގުމިނަކީ ”އެމް“ އަކުރެއްގެ ފުޅާމިނެވެ. މިތިން އަކުރު ޖައްސަޖައްސައިގެން ލިޔުމުން އޮންނާނީ އަންނިވި ގޮތަށެވެ: – – — . އިނގިރޭސި ލިޔުމުގައި މިއިން ކޮންމެ ނިޝާނެއް ބޭނުންކުރެވޭ ވަކި ގޮތެއް އޮވެއެވެ. ކީބޯޑުން ކުރު ޑޭޝް ޖެހޭނީ Alt (އޯލްޓް) މިހެން ލިޔެފައިވާ ފިތަށް އޮބާފައި ކީޕޭޑްގައި 0150 ޖެހުމުންނެވެ. ކުރު ޑޭޝް ޖެހުމަށް ބޭނުންކުރާނީ 0151 އެވެ.

މަތީގައި ދެންނެވެނު ކަންތައްތަކުގެ އިތުރަށް ތާނަ ލިޔުމުގައި އިތުރު ނިޝާންތަކެއް ތަޢާރުފު ކުރެވިދާނެއެވެ. ނަމަވެސް އެވާންވާނީ ކަމާ ބެހޭ ފަރާތްތަކުން ކަޑައަޅާ ނިޝާންތަކަށެވެ. ލެޓިން އަކުރުން ސަރުކާރުގެ ލިޔުންތައް ލިޔުން މައުމޫންގެ ދައުރު ފެށުމާ ގުޅިގެން އުވާލުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވެ، ތާނަ ޓައިޕްރައިޓަރެއް ތަޢާރުފު ކުރެވުނުވެ. އެ ޓައިޕްރައިޓަރުގެ ކީބޯޑުގައި، ތިކިކޮމާގެ އިތުރަށް ދިވެހިބަހުގައި ބޭނުން ނުކުރާ އެހެން ނިޝާނެއް ވެސް ހިމެނެއެވެ. އެއީ ”އެޓް ދަ ރޭޓް އޮފް“ ގެ ނިޝާން ގޮތުގައި ބޭނުން ކުރާ @ ގެ ބައްޓަމަށް ތާނައިގެ ”ރ“ ނުބައްދާ ބޮޅެއްގެ ތެރޭގައި ހިމަނާ އުފައްދާފައިވާ ނިޝާނެކެވެ. ތާނަ ޓައިޕްރައިޓަރ ތަޢާރުފުކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. ޓައިޕްރައިޓަރ ތަޢާރުފުކުރި އިރުވެސް ދިވެހިބަހާ ބެހޭ މަޖިލިސް އޮވެއެވެ. ދައުލަތުގެ ތަނަކުން އައު އަކުރެއް ތަޢާރުފުކުރުމުން އެ ދިވެހި ބަހުގެ ތެރެއަށް ވަނީކަމަށް ވާނެބާވައެވެ؟ ދާދި ފަހުން ޕޮލީމަރ “ކަރުދާހުގައި” އައު ނޫޓެއް ޗާޕުކޮށްގެން ނެރުނު އިރު ”ފަސް ސަތޭކަ“ ލިއުމުގެ ބަދަލުގައި ”ފައްސަތޭކަ“ ލިޔެފައި އޮވެގެން ދިވެހި ބަހުގެ އެކެޑެމީ އިން އެ މައްސަލައިގެ ފަހު ބަސް ބުނަންޖެހުނެވެ. ތާނައިގެ އަކުރުތައް ހިމެނޭ ފޮންޓު ހަދާއިރު، އެހެން މީހުން ބޭނުން ނުކުރާ ނިޝާންތައް އަޅުގަނޑުވެސް ފޮންޓުގައި ހިމަނަމެވެ. މިސާލެއްގެ ގޮތުން ހުރިހާ ފޮންޓެއްގައިހެން ދިވެހި ރުފިޔާއަށް ނިޝާނެއް އޭރު ހިމެނީމެވެ. ތިކިކޮމާގެ މައްސަލަ ބޮޑުކަމަކަށް މިހާރު ވަނީ، ރައްޔިތުން މަޖިލިހުން ފާސް ކުރާ ޤާނޫނުތަކުގައި ތިކި ކޮމާ ބޭނުން ކޮށްފައި ހުންނަނީ އެއްވެސް ފޮތެއްގައި އޮންނަ ހަމައަކުން ކަމަކަށް ނުފެންނާތީއެވެ. އަދި މިފަދަ ނިޝާނަކަށް ފަހު ޖާގަ ދޫކުރަނީވެސް އެއްވެސް ހަމައަކުން ނޫނެވެ. ޤައުސް ލިޔާއިރު، ފަށާ އަދި ބައްދާ ޤައުސްގެ ކުރިއަށް އަދިފަހަތަށް ޖާގަ ދޭން ޖެހެއެވެ. ޤައުސްއާ ޖެހިގެން އެތެރޭގައި ޖާގައެއް ދޫކުރާކަށް ނުޖެހެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ (އެންމެ ރަނގަޅު ގޮތަކީ) ޤައުސްގެ ބޭރުން ދެކޮޅަށް ދެ ހުސްތަން (ސްޕޭސް) ހިމެނުމެވެ. މިއީ ކޮމާކޯޅިވެސް ބޭނުން ކުރާ ގޮތެވެ. ކޮމާ އާއި ކޯލަން އާއި ސެމިކޯލަން ބޭނުންކުރާ އިރު ޖާގަ ދޫކުރަނީ ހަމައެކަނި އެ ނިޝާނަށް ފަހުއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި، ތާނަ ލިޔާއިރު މިހާރު ބޭނުންކުރާ އިނގިރޭސި ކޮމާކޯޅިއަށް ވުރެ، ޖަރުމަނު ލިޔާއިރާއި ފާރިސީ ލިޔާއިރު ބޭނުންކުރާ ކޮމާކޯޅި ތާނައާ މާގުޅެއެވެ. މިކަންކަމަކީ އެކެޑެމީއިން ކަޑައަޅަންޖެހޭ ގަވާއިދުތަކެކެވެ.

އަޅުގަނޑަކީ ކުރާ މަސައްކަތުގެ ބާވަތުން އިނގިރޭސިބަހުން ލިޔެފައި ހުންނަ ވަރަށް އުނދަގޫ ލިޔުންތައް ކިޔާ އެއިން ކުށްކަޑާ އެ ލިޔުންތައް އިތުރަށް ފުރިހަމަ ކުރާނޭ ގޮތާ ބެހޭ ގޮތުން ދަރިވަރުންނަށް އިރުޝާދުދީ އުޅޭ މީހެކެވެ. މިހާރަކަށް އައިސް، ނޫސް ފެންވަރުގެ ޢިބާރާތް ކުރުމަށް ވުރެ މާ އުނދަގޫ، ދެނެގަންނަން ދަތި ޚިޔާލުތައް ދިވެހިބަހުން އެކި ބޭފުޅުންނަށް ލިޔަން އެބަޖެހެއެވެ. މިފަދަ ޙާލަތްތަކުގައި، ދިވެހިބަހުގައި ކުރިން ބޭނުންކުރި ނިޝާންތައް އެކަނި ބޭނުންކޮށްގެން ދިވެހިބަސް ކުރިއެރުވުމުގެ މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ. އެހެންކަމުން، އެހެން ބަސްބަހުގައިވެސް ބޭނުންކުރާ ނިޝާންތަކުން ދިވެހިބަހާ ގުޅޭ، ދިވެހިބަސް ކުރިއެރުވުމަށް ބޭނުންވާ ނިޝާންތައް ދިވެހިބަހުގެ ތެރެއަށް ގެނައުމަކީ އަޅުގަނޑުވެސް ތާއީދުކުރާ ކަމެކެވެ. ނަމަވެސް، މިކަން ކުރަންޖެހޭނީ ބަސް ކޮންޓްރޯލްކުރާ ނުވަތަ ތަންޒީމުކުރާ އިދާރާއަކުންނެވެ. ހަމަ ކޮންމެ މީހެއްގެ ހިތަށް ފެންނަ ގޮތަކަށް ނޫނެވެ. އަދި، ކޮންމެހެން އިނގިރޭސި ބަހުން އެ ނިޝާންތައް ބޭނުން ކުރާ ހަމައަކުން ނޫނެވެ. ބޭނުންގޮތަކަށް ކަންކުރަން ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންނަށް ފެންނާނީ ދޭހަ އުނދަގޫ، ބަހުގެ ގަވާއިދުތަކަށް ނުފެތޭ، ޤާނޫނުތައް ގެޒެޓްކުރެވޭ ތަނެވެ. އަދި ހަމަ އެފަދަ އަދަބީކުށް ގިނަ ނަންބޯޑުތަކާއި އެހެނިހެން ލައުހާތައް ހަރުކުރެވޭ ތަނެވެ.

Truss, Lynn (2004). Eats, Shoots & Leaves: The Zero Tolerance Approach to Punctuation. New York: Gotham Books.
Special thanks to Mohamed Shahid Haleem who Vibered me the relevant pages of the grammar book referenced in the document after a chance meeting at the Novelty Bookshop on 19th November 2015

]