އެމް.އެން.ޔޫ. ބިޒްނަސް ސްކޫލްގެ ހަނދާންތައް
ފިހުރިސްތު: (ވަކި ސެކްޝަނަކަށް ދިއުމަށް އޮބާލާ)
I— ބިޒްނަސް ތަޢުލީމުގެ ތާރީޚްގެ ޚުލާޞާ
II— ބިޒްނަސް ތަޢުލީމުގެ ތާރީޚްގެ ޚުލާޞާ
III— ފެކަލްޓީއެއްގެ ގޮތުގައި ބިޒްނަސް ސްކޫލް ހިނގަން ފެށުން
IV— ބިޒްނަސް ތަޢުލީމުގެ ތާރީޚްގެ ޚުލާޞާ
V— ސްކޫލްއަށް ކުރިމަތި ވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް
ބިޒްނަސް ތަޢުލީމުގެ ތާރީޚްގެ ޚުލާޞާ
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އަކީ، ވިޔަފާރީގެ ތަޢުލީމު ދޭ މަރުކަޒުތަކުގެ އުދަރެހުގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ އަލިގަދަ ގުރަހައްޔެވެ. ވިއްސަކަށް ހާސް މެނެޖްމަންޓް ދާއިރާގެ ދަރިވަރުންގެ އެދުރުގެއެވެ. މިތަނުގެ ފަޚުރުވެރި ތާރީޚު ކޮންމެވެސް މިންވަރަކަށް ބަޔާންކުރުމަކީ އަޅުގަނޑުގެ ކޮޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އެ މަރުކަޒަށް އެންމެ ބޮޑެތި އިންޤިލާބީ ބަދަލުތައް އައި އިރު، ތަން ބެލެހެއްޓުމުގައި އެންމެ ފަހު ބަސްބުނާ މީހަކަށް ހުރީ ނިކަމެތި އަޅުގަނޑު ކަމަށް ވާތީއެވެ. މި މަޒުމޫނު އަޅުގަނޑު ފަށައިގަންނާނީ ރާއްޖޭގެ ބިޒްނަސް ތަޢުލީމުގެ ތާރީޚްގެ މައްޗަށް، ކިތަންމެ ފަނޑު ނަމަވެސް، އައްޔެއް އަޅުވާލަމުންނެވެ. ދެން އެއަށް ފަހު، ބަޔާން ކުރާނީ، އެމް.އެން.ޔޫ ގެ ބިޒްނަސް ސްކޫލްގެ ތާރީޚުގެ އުސްއަލިތަކާއި ތަނަށް ހުރި ގޮންޖެހުންތަކެވެ.
އާދެ! ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައި، ވަކި ފަންނެއްގެ ގޮތުގައި މެނެޖްމަންޓް ތަޢުލީމު ވަނީ ސަތޭކަ އަހަރަށް ވުރެ ކުރީން ފާހަގަ ކުރެވި ކިޔަވާދީފައެވެ. އެމް.އައި.ޓީގެ މެނެޖްމަންޓް ފެކަލްޓީ ޤާއިމްކޮށްފައި ވަނީ 1914 ވަނަ އަހަރުގައެވެ. މަޝްހޫރު ހާވާރޑް ބިޒްނަސް ސްކޫލް ފެށުނީ، މިއަށްވުރެ ވެސް ކުރިން، 1908 ގައެވެ. މިތަންތަން ޤާއިމްވުމުގެ މައިގަނޑު ސަބަބަކީ، އޭގެ ކުރިންސުރެ ކިޔަވައިދެމުން އައި ބިޒްނަސް މާއްދާތައް، އިކޮނޮމިކްސް އާއި ސްޓެޓިސްޓިކްސް އާއި ބުކް-ކީޕިންގ އާއި ޝޯޓްހޭންޑް އާއި ޓައިޕިންގ ފަދަ ދާއިރާތައް ފުޅާވެ، މެނެޖްމަންޓް ގެ ތިއަރީ އާއި ޕްރެކްޓިސްތައް، އާދެ، ނަޒަރިއްޔާތަކާއި އުޞޫލްތައް ފާހަގަވެ ފާގަތިވަމުން ދިޔުމެވެ. ދުނިޔޭގެ ތަހުޒީބީ މުޖުތަމަޢުތަކުގެ މި ޢިލްމުގެ ރާޅުތައް، ރާއްޖޭގެ ގޮނޑުދޮށްތަކަށް ބީއްސަންފެށީ 1960 ގެ އަހަރުތަކުގައެވެ.
ދިވެހިރާއްޖޭގައި ބިޒްނަސް ތަޢުލީމު އެންމެ ފުރަތަމަ ޙާޞިލްކުރެއްވި ބޭފުޅަކަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ މުޙައްމަދު އަމީނެވެ. އެއީ ނުރަސްމީ ސިފައެއްގައެވެ. އޭނާ އަލިގަޅު ޔުނިވަރސިޓީގައި އުޅުއްވާފައި، މާލެ ވަޑައިގެންނެވީ 1929 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު މާލެ ވަޑައިގަތުމުން، މުޙައްމަދު އަމީން ގެ ބައްޕާ އޭނާއަށް ވިދާޅުވީ [ފުދޭވަރަށް] ކިޔެވިފައިވާތީ، ބައްޕައާއި ޢަބްދުލްމަޖީދަށް ސަރުކާރު ހިންގެވުމުގެ އެހީތެރިވެދެއްވުމަށް މާލޭގައި މަޑުކުރެއްވުމަށެވެ. ދެން މާލޭގައި 19 ދުވަހު ހުންނެވުމަށް ފަހު، ޕޯސްޓް އޮފީސް ހިންގެވުމުގެ ތަޖުރިބާ ހޯއްދެވުމަށް ސިލޯނަށް ވަޑައިގެން ސިލޯނުގެ ޖެނެރަލް ޕޯސްޓް އޮފީހާ ގުޅިވަޑައިގަތެވެ. މެންދުރު ފަހު، ޓިއުޝަން މާސްޓަރެއް ގެންނަވައިގެން ބުކް ކީޕީންގ އާއި ޓައިޕިން އާއި ޝޯޓްހޭންޑް ދަސްފުޅު ކުރެއްވިއެވެ. ސިލޯނުގެ 2 މަސް ދުވަސް ހޭދަކުރެއްވުމަށް ފަހު، މާލެ ވަޑައިގެންނެވީ 13 ޑިސެމްބަރ 1929 ގައެވެ. މި ވާހަކަތައް އޭނާގެ “އަޅުގަނޑުގެ ހަނދާންތައް” މިފޮތުގައި މިއަށްވުރެ ޞަރީޙަކޮށް ލިޔުއްވާފައި ވެއެވެ. އާދެ! ދެ މަސްދުވަހުގެ ތެރޭގައި ޓިއުޝަން މާސްޓަރެއްގެ ފަރާތުން މާގިނަ ތަމްރީނެއް ނުލިބޭނެއެވެ. މިތަޖުރިބާތައް ވާނީ ވިސްނުންތޫނު ކުއްޖަކަށް ތަޢާރުފަކަށެވެ. ނަމަވެސް، އަމީންގެ އެފޮތުގައިވާ މަޢުލޫމާތަކީ ދިވެއްސަކު ބިޒްނަސް ތަޢުލީމު ނުރަސްމީގޮތެއްގައި ނަމަވެސް ހޯދިކަމަށް އަޅުގަނޑަށް ފެނިފައިވާ އެންމެ ކުރީގެ ލިޔުމެވެ.
ބިޒްނަސް ތަޢުލީމު ރާއްޖޭގެ މަދަރުސާތަކުގައި ދެވެން ފެށީ، އިނގިރޭސިބަހުން ތަޢުލީމު އުނގަންނައިދޭން ފެށުމާ ގުޅިގެންނެވެ. އިނގިރޭސި މީޑިއަމްއަށް ރާއްޖޭގެ މަދްރަސީ ނިޒާމު ބަދަލުވާން ދިމާވި ސަބަބުތައް ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކާ ބެހޭ ފޮތެއްގައި އަޅުގަނޑު ލިޔެފައިވާނެއެވެ. ކުރުގޮތަކަށް ދަންނަވާ ނަމަ، މުޙައްމަދު އަމީންގެ ވެރިކަން، އޭނާގެ ނާއިބު ރައީސްގެ ބަޣާވަތަކުން 1953 ގެ އޯގަސްޓް މަހު ވައްޓާލުމާ ގުޅިގެން، ރާއްޖޭގައި ހެދެމުން އައި ޢިލްމީ ޤުލްޝަނަށް އައީ ވަރަށް ޚަރީފު މޫސުމެކެވެ. ދިވެހިބަހުން ލިޔަމުން އައި މަދްރަސީ ޓެކްސްޓް ފޮތްތައް ލިޔުން ހުއްޓި، ސަރުކާރުގެ ޚަރަދުގައި ސިލޯނަށް ކުދިން ކިޔަވަން ފޮނުވޭ ވަރަށް ވުރެ ކުދިން ގިނަވެ، ބޭރު މުދައްރިސުން ގެންނަންޖެހުނެވެ. ނަތީޖާއަކަށް ވީ، އިނގިރޭސިބަހުން ތަޢުލީމު ދޭން ފަށަން މަޖުބޫރުވުމެވެ. އާދެ! ބޭރުމީހުންނަކަށް ދިވެހިބަހަކުން ނުކިޔަވާދެވޭނެތީ އެވެ. 4 ޖެނުއަރީ 1953 ގައި ސިލޯނުގެ “ދަ ސަންޑޭ އޮބްޒާރވަރ” އަށް ދެއްވާފައިވާ އިންޓަރވިޔޫއެއްގައި، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ޢާއްމު ތަޢުލީމު އިނގިރޭސިބަހުން ދިނުން ކަމަށް މުޙައްމަދު އަމީން ވެސް ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި ބިޒްނަސް ތަޢުލީމު އެންމެ ފުރަތަމަ ކިޔަވާ ދިނީ މަދްރަސަތުލް މަޖީދިއްޔާ ގައެވެ. މިހާރުގެ ގޮތުން ދަންނަވާ ނަމަ، މަޖީދިއްޔާ ސްކޫލްގައެވެ. އިނގިރޭސި މީޑިއަމްއަށް ކިޔަވާދިނުމަށް އެންމެ ފުރަތަމަ ގެނައީ ބޭރު ނާޒިރެކެވެ. ދިވެހިރާއްޖޭގެ ރަސްމީ ޔައުމީއްޔާގައިވާ ގޮތުން، މޯލްޑިވް ސްޓަރ އިން ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ސިލޯނަށް 28 އޯގަސްޓް 1960 ގައި ފުރުއްވިއިރު އަރިހުގައި މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުކަން ދެއްވުމަށް ގެންނެވި ޖޭ.ވީ. ހިލް ފުރިކަމަށް ބަޔާންކޮށްފައި ވެއެވެ. އޭނާގެ މަސައްކަތެއް އޭރަކު ނުފަށައެވެ. މީނާއަކީ ސިލޯނުގެ ރޯޔަލް ކޮލެޖްގެ ސައިންސް މުދައްރިސެކެވެ. މިސްޓަރ ހިލް އާއި ވުޒާރަތުލް މަޢާރިފާ ދެމެދު މަޖީދިއްޔާގެ ނާޒިރުކަމުގެ އެގްރީމަންޓްގައި ސޮއިކުރެވުނީ 10 ޑިސެމްބަރ 1960 ގައެވެ. ނަމަވެސް، އޭނާގެ މަސައްކަތް ފެށީ 1961 ގެ ޖަނަވަރީ ގައެވެ. މިއަހަރުގެ 18 މާރޗްގައި ބޭއްވި އިނާމުދިނުމުގެ ޖަލްސާގައި، މިސްޓަރ ހިލް ވާހަކަ ދައްކަވަމުން 8 ވަނަ ސްޓެންޑަޑް އިން ފާސްވެގެން ނުކުންނަ ކުދިންނަށް ކޮމާޝަލް ކްލާހެއް ބާއްވާނެކަން އިޢުލާނު ކުރެއްވިއެވެ. މިފެށުނު ކިލާހުގައި ކިޔެވި ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ކިލާސް ނިމުނީ 1964 ވަނަ އަހަރުގެ އޯގަސްޓްގައެވެ. ބައިވެރިވީ ލަންޑަން ޗޭމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ (އެލް.ސީ.ސީ.އައި) ގެ އިންޓަރމީޑިއޭޓް ލެވެލް އިމްތިޙާނުތަކުގައި ހަތަރު ކުދިންނެވެ. އެއީ ގ.ޖަވާހިރުމާގޭ މުޙައްމަދު ޝަރީފާއި އެގޭ އަޙްމަދު ޝަރީފާއި ސ.މީދޫ މުޙައްމަދު ވަޙީދާއި ތ.ވިލުފުށީ މޫސާ ޙަސަން އެވެ. މިކުދިން ބައިވެރިވީ އިންޓަރމީޑިއޭޓް (މެދު) ފެންވަރުގައި ކަމުން ނަތީޖާ ރަނގަޅެއް ނޫނެވެ. ދެވަނަ ބުރުގައި ދަރިވަރުން ބައިވެރިކުރީ އެލިމަންޓްރީ (އިބްތިދާޢީ) ފެންވަރުގައި، އެއަހަރު ނޮވެމްބަރ މަހުއެވެ. ބައިވެރިވި ތިންކުދިންނަކީ ގ.ފިތުރޯނުގޭ ޢަބްދުﷲ ވަޙީދާއި ހ.ވެލާނާގޭ ޢަބްދުﷲ ސަޢީދާއި މ.ގިލްވެލް ޕާރކް އަޙްމަދު ޞާލިޙް ޒަކަރިއްޔާ އެވެ. މިކުދިން ބައިވެރިވީ އިނގިރޭސި، ހިސާބު، ޝޯޓްހޭންޑް، ޓައިޕިންގ، ހޭންޑްރައިޓިންގ އަދި ބުކްކީޕިންގ ގައެވެ. މީގެ ތެރެއިން އެއް ކުއްޖެއްގެ ސަނަދެއް ތިރީގައި ހިމަނާފައި އެވަނީ އޭރުގެ ސެޓިފިކެޓްތައް ހުންނަ ގޮތުގެ މިސާލެއްގެ ގޮތުންނެވެ. އޭގައި ހަ ފަރާތަކުން ސޮއިކޮށްފައި ވެއެވެ.
މާ ގިނަ ދުވަހެއް ނުވެ، ދެން މަޖީދިއްޔާގައި ތަޢާރުފުވީ ސައިންސް ގޮތްޕެވެ. ނުވަތަ ސްޓްރީމެވެ. މިކަމުގެ ނަތީޖާއަކަށް ވީ، ސައިންސް އާއި ކޮމާރސް، ފެންވަރުގެ ގޮތުން އަޅާކިޔޭ ގޮތްވުމެވެ. އަދި، އެންމެ މޮޅު ކުދިން، ސައިންސް ގެ މާއްދާތައް ކިޔަވަން ފެށުމެވެ. މިހެން މެދުވެރިވި ސަބަބަކީ، ކޮމާރސް މާއްދާތައް ޢަމާޒުކޮށްފައިވަނީ ވަޒީފާތަކަށެވެ. ނަމަވެސް، ރާއްޖޭގައި ސަރުކާރާއި ކުންފުނިތަކުގެ ފައިސާ ބެލެހެއްޓުމުގެ ހަމަތައް ދޯހަޅިކަމުން، މި ތައުލީމުގެ މާބޮޑު ބޭނުމެއް އޭރަކު ނޯވެއެވެ. ސައިންސްގެ މާއްދާތައް އަމާޒުކޮށްފައި ވަނީ މައްޗަށް އިތުރަށް ކިޔެވުމަށެވެ. އިމްތިޙާނު ކުރަނީ ޔުނިވަރސިޓީއަކުންނެވެ. ކޮމާރސް މާއްދާތައް ފަދައިން ވިޔަފާރިވެރިންގެ ޖަމްޢިއްޔާ އަކުންނޫނެވެ. ސައިންސް އާއި އާރޓްސް ކިޔަވާދޭން ފެށުމާ ގުޅިގެން ކޮމާރސް ސްޓްރީމް ގައި ހުނިޖެހުނީ ކިޔެވުމަށް ދަށް ކުދިން ކިޔަވާ ގޮތްޕެއްގެ ގޮތުގައެވެ.
އެއް ދުވަސްވަރެއްގައި އިބްތިދާޢީ ފެންވަރުގެ ބިޒްނަސް ސްޓްރީމްގެ ބައެއް މާއްދާތައް ކިޔަވަން، އެހެންގޮތަކަށް ދަންނަވަނީ ސެކްރެޓަރީކަން ކިޔަވަން، ދެ ފަހަރެއްގެ މަތިން، ރާއްޖެއިން ބޭރަށް ދަރިވަރުން ފޮނުވިއެވެ. މިގޮތުން ދަރިވަރުން ފޮނުވީ ކޮލޮމްބޯ ޕްލޭން ގެ އެހީގައި އޮސްޓްރޭލިޔާ އަށެވެ. ފުރަތަމަ ފޮނުވި ދެކުދިންނަކީ މ.ތިބުރޯޒުގޭ ނިޢުމަތު ނަޞީރާއި، ގ.އާކަކާގޭ ފާޠިމަތު ޙަލީމް އެވެ. މިކުދިން އޮސްޓްރޭލިއާއަށް ދިއުމަށް ސިލޯނުން ފުރީ 23 ޖަނަވަރީ 1966 ގައެވެ.
ވިޔަފާރީގެ މާއްދާތަކުން އެންމެ ފުރަތަމަ ބެޗްލަރ ޑިގްރީ އެއް ނެގި ދިވެއްސަކީ އިސްމާޢީލް ފަތުޙީ އެވެ. އޭނާ ހެއްދެވީ ބެޗްލަރ އޮފް ކޮމާރސް އެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްޕުޅު ކުރެއްވިއެވެ. އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ބެޗްލަރ ޑިގްރީ ހެއްދެވީ މ.މާމުލީ އަޙްމަދް މުޙައްމަދު (ދީދީ) އެވެ. މީނާއަކީ އައްޑޫ އަތޮޅު ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ކާފަދަރިކަލެކެވެ. މުޙައްމަދު އަމީން ދައުރުގައި މާލެއަށް ކިޔަވަން ވަޑައިގެން އޭރުގެ މަދްރަސްތުލް އަމީރު އަޙްމަދާއި މަޖީދިއްޔާގައި ދުވަސްކޮޅަކު އުޅުމަށްފަހު، ދެން ނާޞިރު ދައުރުގައި ކޮޅުބުގެ ކޭރީ ކޮލެޖުން ކިޔަވައި، އިންޑިޔާގެ ކަލްޗަރަލް ސްކޮލަރޝިޕްއެއްގެ ދަށުން އޭނާ އިންޑިޔާއަށް އޭނާ ފުރާވަޑައިގަތީ 1965 ގައެވެ. އިސްމާޢީލް ފަތުޙީ އާއި، އާރޓްސް އެހެން ދާއިރާއަކުން ބެޗްލަރ ފާސް ނެންގެވި ބީއޭ އާދަމް ނަސީމް އާއި އަޙްމަދު މުޙައްމަދަކީ، ނާޞިރު ދައުރުގައި ފުރަތަމަ ބެޗްލަރ ޑިގްރީ ނެންގެވި ތިން ބޭފުޅުންނެވެ. އަޙްމަދު މުޙައްމަދު ވިދާޅުވިގޮތުގައި، ނިމިވަޑައިގެން މާލެވަޑައިގެން ސަރުކާރުގެ ބޮޑު އިސްޓޯރުގައި އެކައުންޓެންޓެއްގެ ވަޒީފާ، 1969 ގައި އޭނާ ފެއްޓެވިއިރު، އިސްމާޢީލް ފަތުޙީ ބޮމްބޭ ޔުނިވަރސިޓީ އިން ބެޗްލަރ ނަންގަވައިގެން ވަޑައިގެން އޯޑިޓް އޮފީހުގައި އުޅުއްވާތާ އަހަރެއް ވަރު ވެދާނެއެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 8 ގައި އަޅުގަނޑު އުޅުނު އިރު، ކޮމާރސް މާއްދާތައް ކިޔެވުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކޮމާރސް ގެ އެންމެ ކިލާހެއް ނެތް ދުވަސްވަރެއް ވެސް ދިޔައެވެ. ދިވެއްސާއި ދީނިއްޔާތު ކިޔެވުން ގްރޭޑް 7 އިން ނިމުމަށް ފަހު، ދެން ސަމާލުކަން ދެނީ، ލަންޑަން ޖީސީއީ އޯ ލެވެލް ގެ މާއްދާ ތަކަށެވެ. އޭރު މަދަރުސާގައި ހުރިހާ ކުދިން އޯލެވެލްގެ ފެންވަރުގެ 9 ވަރަކަށް މާއްދާ ކިޔަވައެވެ. ބައެއް ފެންވަރުގެ ކުދިންނަށް މަދަރުސާ ފަރާތުން ޓައިޕިންގ ކިޔަވާދިނެވެ. އަޅުގަނޑު ވެސް، މި ޓައިޕިންގ ކޯހާއި އަމިއްލަގޮތުން ޕިޓްމަން ޝޯޓްހޭންޑް އާއި އެކައުންޓެންސީ ކޮންމެވެސް މިންވަރަކަށް ކިޔެވީމެވެ. ކޮމާރސް މާއްދާތަކަށް އަލުން ދިރުމެއް އައީ، ރާއްޖޭގެ ތަރައްޤީ އާ ގުޅިގެން ކޮމާސް ދާއިރާގެ ހުނަރު ބޭނުން ވުމުންނެވެ. ދެން މިދާއިރާއަށް ރޯޝަންކަމެއް އައީ 1980 ގެ މެދު ތެރޭގައި، ޖޫނިއަރ ސްކޫލް ސެޓިފިކެޓް (ޖޭ.އެސް.ސީ) ކިޔާ ގްރޭޑް 7 ނިމުމުން ދަރިވަރުން ހަދަންޖެހޭ ޢާއްމު އިމްތިޙާނެއް ތަޢާރުފުވުމާ ގުޅިގެންނެވެ. މި އިމްތިޙާނު ތަޢާރުފުވުމާ ގުޅިގެން، ދަރިވަރުންނަށް ސާނަވީ މަދަރުސާއަށް ވަދެވެނީ، ނުވަތަ ގްރޭޑް 8 އަށް ބަދަލުވެވެނީ ވަކި ފެންވަރަކުން ފާސްވުމުންނެވެ. މި ދުވަސްވަރު އަޅުގަނޑު އުޅުނީ މަޖީދިއްޔާ ސްކޫލްގެ އިސް މަޤާމެއްގައެވެ. އަޅުގަނޑު ކުރަންޖެހުނު ބައެއް ކަންތައްތައްތަކުގެ ތެރޭގައި، ޖޭ.އެސް.ސީ އިމްތިޙާނުގެ ބައެއް ކަރުދާސް އެކުލަވާލުން ނުވަތަ މޮޑަރޭޓް ކުރުން ހިމެނެއެވެ. ގްރޭޑް 7 ނިންމާ ހުރިހާ ދަރިވަރުން ގްރޭޑް 8 އަށް ވައްދާނޭ ޖާގައެއް ނޯވެއެވެ. ޖާގަތައް ހުންނަނީ މަދަރުސާގައި މުދައްރިސުންނާއި ޖާގައަށް ބަލައި، ކުރިން ކަޑައެޅިފައެވެ. ދެން ހެދިގޮތަކީ މުދައްރިސުންނާއި ވަސީލަތްތައް ހުންނަ މިންވަރަކުން ގްރޭޑް 8 ގެ އެކި ކިލާސްތައް އެކި މިންވަރަށް ކަނޑައަޅަނީ އެވެ. މިސާލެއްގެ ގޮތުން ގްރޭޑް 8 ގައި 12 ކިލާސް އޮންނަ ނަމަ، ސައިންސްގެ 6 ކިލާސް، ކޮމާރސްގެ 4 ކިލާސް އަދި އާރޓްސް 2 ކިލާސް އޮވެދާނެއެވެ. ދަރިވަރުންނަށް ޖެހޭނީ، އެމީހުންގެ ނަތީޖާގެ މައްޗަށް ބުރަވެ، އެކި ކިލާސްތަކުން ޖާގަ ހޯދަން ވާދަކުރާށެވެ. ކޮމާރސް ކިލާސްތަކަށް ކޮމްޕިއުޓަރ ސްޓަޑީޒް ތަޢާރުފުކުރުމުން، ޖޫނިއަރ ސްކޫލް ސެޓިފިކެޓްގެ އިމްތިޙާނުގައި މަތީ ދަރަޖަ ލިބޭ ކުދިންވެސް މި ގޮފި ޚިޔާރު ކުރަން ފެށިއެވެ. މި ގޮތްޕަށް ލިޔުންތަކުގައި އެންމެ ފުރަތަމަ ބިޒްނަސް ސްޓްރީމް ކިޔަން ފެށީ އަޅުގަނޑެވެ. އެއީ ކޮމާރސް ކިޔާ އޯލެވެލް މާއްދާއެއް މިގޮފީގައި ހިމެނޭތީ އާއި ގޮފީގެ ޤަދަރު މަތިކުރަން ވެގެންނެވެ. ބިޒްނަސް ސްޓްރީމް ދެން ފުޅާވީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. އެއީ ސައިންސް ގޮފި، ރާއްޖެތެރޭގެ ސްކޫލްތަކުގައި ތަޢާރުފުކުރުން އަގުބޮޑުކަމުން، ބިޒްނަސް ގޮފި ތަޢާރުފު ކުރާތީއެވެ. ސައިންސް އާއި އާރޓްސް ކިޔެވޭނޭ ފުރުޞަތު ނުދޭތީއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް އައިއިރު، ސާނަވީ ނިންމާ ގިނަ ދަރިވަރުން ކިޔަވަނީ ބިޒްނަސް ސްޓްރީމް އެވެ. އަޅުގަނޑު ގެންގުޅޭ ތަފާސް ހިސާބުތަކުގައިވާ ގޮތުން، 2008 ވަނަ އަހަރު އޯ ލެވެލްގައި ބައިވެރިވި ކުދިންގެ %71 ކިޔެވީ ބިޒްނަސް އެވެ. ބާކީ ކުދިން ތެރެއިން %28 ސައިންސް އަދި %1 ކުދިން އާރޓްސް ކިޔެވި އެވެ. މިދަރިވަރުން އިތުރަށް ކިޔަވަން ފުރުޞަތު ދިނުމުގެ ގޮތުން އޭ ލެވެލްގެ ބިޒްނަސް މާއްދާތައް ތަޢާރުފު ކުރިއެވެ. ދެން އެއަށް ފަހު، މި ދާއިރާގެ މަތީ ތަޢުލީމާއި ޚާއްޞަ ޓްރޭނިންގ އަށް އޮންނަ ޑިމާންޑް މަތިވެގެން ދިޔައެވެ. އެއީ، ރާއްޖޭގައި ސާރވިސް އިންޑަސްޓްރީ، (މިސާލަކަށް ފަތުރުވެރިކަން) ފުޅާވުމާ ވެސް އެކު އެވެ. ސަރުކާރުން މެނެޖްމަންޓް ކިޔަވައިދޭނޭ މަރުކަޒެއް ޤާއިމްކުރީ ކުރިން މިދެންނެވި އޮއިވަރުގެ ތެރެއިންނެވެ.
އާދެ! ދުވަސްވަރަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅެވެ. ސާރވިސް އިންޑަސްޓްރީ އާއި މެނެޖްމަންޓް ނުވަތަ ހިންގުމުގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް، ޤައުމުތަކުގެ ސަރުކާރުތަކުން ދިން ދުވަސްވަރެކެވެ. ގްލޯބަލައިޒޭޝަން ނުވަތަ ދުނިޔޭގެ ވިޔަފާރި އާއި ހިންގުމުގެ އުޞޫލުތައް ބަވަނަވާން ފެށި ދުވަސްވަރެވެ. މެނެޖްމަންޓް އަކީ ވަކިން ޚާއްޞަ ދާއިރާއެއްކަމަށް، ޢިލްމުތަކުގެ ދަނޑުގައި ފާހަގަވާގޮތަށް އިންޖަހާ، ދިދަޖަހާ ހެދި ދުވަސްވަރެވެ. ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރުގެ ހިންގުމަށް ޖެހިފައިވާ ހުމަކީ މެނެޖްމަންޓް ހުނަރުނެތުންކަމަށް ގިނަ ބަޔަކު ދުށް ދުވަސްވަރެވެ. އައި.އެސް.އޯ 9000 ގެ މެނެޖްމަންޓް ސިސްޓަމްގެ ރަން ދައުރެވެ. ކޮމްޕިއުޓަރު ބޭނުންކުރާގޮތް ދަސްކުރަން ޢާއްމުން އެންމެ ފޯރި ހުރި ދުވަސްވަރެވެ. ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން އަށް ހުށަހެޅި ހުށަހެޅުމެއްގެ ނަތީޖާއަކަށްވީ، މެނެޖްމަންޓް ދާއިރާގެ ޚާއްޞަ މަރުކަޒެއް ދިވެހިރާއްޖޭގައި ޤާއިމްވެގެން ދިއުމެވެ. މިކަމަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނީ ޖަޕާނުންނާއި ޔޫއެންޑީޕީ އިންނެވެ. މި މަރުކަޒަށް ކީ ނަމަކީ މޯލްޑިވްސް ސެންޓަރ ފޯރ މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން (އެމް.ސީ.އެމް.އޭ) އެވެ. މިތަން ޤާއިމްކުރީ، އޭރުގެ ޕްލޭނިންގ އާ ބެހޭ ވުޒާރާގެ ދަށުން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު ވަގުތީގޮތުން ހިންގި ހ.ވިންޑީ ރެސްޓް ގައެވެ. މި ގެއަކީ މުޙައްމަދު އަމީން ދައުރުގައި މަދްރަސަތުލް އަމީރު އަޙްމަދު އަދި އެ ފަހުން ބިދޭސީ މުދައްރިސުން ތިބި ތަނެކެވެ.
މި ދުވަސްވަރު މާލޭގައި ކޮމްޕިއުޓަރު ޓްރޭނިންގ އަށް މީހުން އެދޭވަރު ދިޔައީ ބޮޑު ވަމުންނެވެ. މިހެން މެދުވެރިވި ސަބަބަކީ، ބިޒްނަސް ސްޓްރީމުން ކިޔަވައިގެން ނުކުންނަ ކުދިން ގިނަކަމާއި މިއިން ގިނަ ކުދިންނަށް އޭ-ލެވެލް އަށް ކިޔެވޭނޭ ފުރުޞަތު ފެންވަރުގެ ގޮތުންނާއި ޖާގައިގެ ގޮތުން ނެތުމެވެ. އަދި އޮފީސްތަކުގައި ކޮމްޕިއުޓަރ ޢާއްމުވަމުން ދިއުމުން ކޮމްޕިއުޓަރު އާ “ކުޅެން ދަސްކުރުން” ފޭޑް އަކަށް ވުމުންނެވެ. މި ބޮޑު ޑިމާންޑު، އެހެން ޤައުމުތަކުގައި ވެސް ފެތުރިގެން ދިޔައެވެ. މިކަމުން ނަފާނެގުމަށްޓަކައި، ފީނަގައިގެން ހިންގާ އަމިއްލަ ފަރާތްތަކުގެ ޓްރޭނިންގ ސެންޓަރުތަކެއް މާލޭގައި އޭރު ޤާއިމް ކުރެވުނެވެ. އެއީ ހައެއްކަ ސެންޓަރެވެ. މިއިން ބައެއް ތަންތަން ފަހުން “ކޮލެޖް” ގެ ނަމަށް ބަދަލުވިއެވެ.
އެމް.ސީ.އެމް.އޭ ޤާއިމްކުރީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ދަށުން، 7 އޮކްޓޯބަރ 1991 ގައެވެ. ތަން ހިންގުމުގައި އިސްވެ ޙަރަކާތްތެރިވީ ސަރުކާރުގެ އިސް ބިއުރޯކްރެޓް އެއް ކަމަށްވާ ހ.ގުލްއަލާމާގޭ ޢަބްދުﷲ ރަޝީދެވެ. ތަނުގެ މަޤްޞަދެއް ކަމުގައި ވެފައިވަނީ ރާއްޖޭގެ ޕަބްލިކް ސެކްޓަރަށާއި ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ ބިޒްނަސް އާއި މެނެޖެމަންޓް އާއި އެޑްމިނިސްޓްރޭޝަން އާއި އިންފޮމޭޝަން ޓެކްނޮލޯޖީގެ ދާއިރާތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ޘާނަވީއަށް ފަހު ދެވޭ ތަޢުލީމާއި ތަމްރީނު ދިނުމެވެ. އަދި މަދަރުސާ ނިންމާ ދަރިވަރުންނަށް މިދާއިރާތަކުން ވަޒީފާގައި ކުރިއަށް ދިއުމުގެ ހުނަރު ލިބިދިނުމަށާއި މަސައްކަތުގެ ހުނަރު މަތިކުރަން އެދޭ ފަރާތްތަކަށް، އެ ފުރުޞަތު ލިބިދިނުމެވެ.
1980 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި އުޅުއްވި މުޙައްމަދު ލަޠީފު، ޑޮކްޓަރޭޓް ކިޔަވާވިދާޅުވާން ޔުނިވަރސިޓީ އޮފް ވޭލްސްގައި އުޅުއްވުމަށްފަހު، އެނބުރިވަޑައިގަތުމުން ސަރުކާރުން އޭނާއަށް އެންމެ ފުރަތަމަ ދެއްވި މަޤާމަކީ އެމް.ސީ.އެމް.އޭ ގެ ޑިރެކްޓަރ ޖެނެރަލްކަމެވެ. މި މަޤާމުގައި އޭނާ ހުންނެވީ ފެބްރުއަރީ 1992 އިން ފެށިގެން 1993 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށެވެ. 13 ވަރަކަށް މަސް ވަންދެންނެވެ. އެއަށްފަހު، އޭނާ ބަދަލުކުރެއްވީ މިނިސްޓްރީ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަންގެ ވަޒީރުގެ ނާއިބަކަށެވެ. ދެން ތަނުގެ ވެރިޔަކަށް ހަމަޖެއްސެވީ، އެޓޯލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއެއްގައި، (އައްޑޫ އަތޮޅު އަތޮޅުވެރިޔަކަށް) ހުންނެވި ހޮޅުދޫ ޢަބްދުއްސައްތާރެވެ. ގްރޭޖުއޭޓެއް ނޫނަސް އަތޮޅުވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ޑިރެކްޓަރެއްގެ ގޮތުން އޭނާ ވަޒީފާ އަދާކުރައްވާފައި ވެއެވެ. އޭނާ މަޤާމުގައި ހުންނެވީ 8 ޖޫން 1993 އިން ފެށިގެން 31 އޮކްޓޯބަރ 2001 އަށެވެ.
ތާވަލު 1: ދަރިވަރުން ކޯސްތައް ނިންމި ޢަދަދު 1991–1999
|
1991–1994 |
1995–1999 |
1991–1999 |
ކޯހުގެ ބާވަތް |
|||
|
އަންހެން |
ފިރިހެން |
އަންހެން |
ފިރިހެން |
އަންހެން |
ފިރިހެން |
|
|
238 |
235 |
238 |
235 |
ސެޓިފިކެޓް ކޯސް |
||
|
261 |
260 |
261 |
260 |
ޑިޕްލޮމާ ކޯސް |
||
|
1530 |
1878 |
1530 |
1878 |
އެހެނިހެން ކުރު މުއްދަތުގެ ކޯސް |
||
|
425 |
479 |
2029 |
2373 |
2454 |
2852 |
ޖުމުލަތައް |
ނޯޓު: އަޅުގަނޑުގެ އަތުގައިވާ އެހެން ލިޔުމެއްގައި، 1999 ގެ ޑިސެމްބަރާ ހަމައަށް ބިޒްނަސް ސްކޫލުން 4947 މީހުންނަށް 268 ކޯސް މެދުވެރިކޮށް 8 އަހަރު ދުވަހުގެ ތެރޭގައި ތަމްރީނު ދެވިފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އެއީ 2247 އަންހެނުންނާއި 2700 ފިރިހެނުންނެވެ. މީގެ ތެރެއިން 3786 މީހުންނަކީ (%77) އަކީ ސަރުކާރުގެ ފަރާތްތަކެވެ. ބާކީ %23 އަކީ ޕްރައިވެޓް މީހުންނެވެ.
އަބްދުއްސައްތާރުގެ ދަށުން މަސައްކަތް ކުރެއްވީ އަލްފާޟިލް ޢަބްދުﷲ ޒަމީރު އެވެ. މީނާއަކީ އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތުން ބެޗްލަރ ހެއްދެވުމަށް ފަހު، ރައީސުޖްމްހޫރިއްޔާގެ އޮފީހުގައި އުޅުއްވަމުން، “އައްޑުވަސް” ކިޔާ މަޖައްލާއަކަށް ޚަބަރެއް ލިޔުމާ ގުޅިގެން އައްޑޫގެ (އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ) ވަޒީފާއަކަށް ބަދަލުކުރައްވާ، ދެން އެމް.ސީ.އެމް.އޭއަށް ބަދަލު ކުރެއްވި މުވައްޒަފެކެވެ. މި ދުވަސްވަރު، ދެކުނު އޭޝިޔާގެ މެނެޖްމަންޓް ކިޔަވާދޭ މަރުކަޒުތަކުގެ ޖަމްޢިއްޔާއެއް ކަމަށްވާ، އެސޯސިއޭޝަން އޮފް މެނެޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިޔާ (އަމްޑިސާ) ގެ މެންބަރަކަށް އެމް.ސީ.އެމް.އޭ ވިއެވެ. އަމްޑިސާ އުފެދުނީ 1986 ގައެވެ. އެމް.ސީ.އެމް.އޭ މެންބަރަކަށް ވީ 1992 ވަނަ އަހަރުގެ މޭ މަހުއެވެ. މި ޖަމްޢިއްޔާގެ އެންމެ އިސް ޙަރަކާތްތެރިޔަކީ ދަރްނީ ސިންހް ކިޔާ އިންޑިޔާ މީހެކެވެ. މީނާ ލިޔުނު ފޮތެއް ކަމުގައިވާ “ލާރނިންގ ފްރޮމް ލައިފް” މި ފޮތުގައި އަމްޑިސާގެ މަޤްޞަދް އާއި ބޭނުންތައް ފުޅާކޮށް ލިޔެފައި ވެއެވެ. ނަމަވެސް، މިބައިވެރިވުމުގެ ސަބަބުން ބިޒްނަސް ސްކޫލްއަށް އެއްވެސް މަންފާއެއް ކުރިކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. ތުކި، ތަނުގެ ވެރިޔަކަށް ހުންނަ ފަރާތަކަށް، މެނެޖްމަންޓް ދާއިރާގައި މަސައްކަތް ކުރާ އެހެން އެފަދަ ވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްލާނޭ ފުރުޞަތެއް، ޔުނިވަރސިޓީގެ ބަޖެޓްގެ ތެރެއިން އަހަރަކު އެއްފަހަރު ލިބެއެވެ. 1996 ވަނަ އަހަރު، އެމް.ސީ.އެމް.އޭ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނެޖްމަންޓް (ކެޕަމް) ގެ މެންބަރަކަށް ވިއެވެ. މި ދުވަސްވެރު، ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ އެހީއާއެކު، ސްރީ ލަންކާގައި ހުންނަ ސްރީ ލަންކާ އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީގެ ވެރިޔަކު ކޮންސަލްޓަންޓެއްގެ ގޮތުގައި ގެނެސް، ކުރު ކޯސްތަކެއް ހިންގިއެވެ. އެމް.ސީ.އެމް.އޭ ގެ ނަން އިންސްޓިޓިއުޓް އޮފް މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އަށް ބަދަލު ކުރީ ޢަބްދުއްސައްތާރުގެ ދުވަސްވަރު 1 އޭޕްރިލް 1998 ގައެވެ. އެއީ ސެންޓަރަށް ވުރެ އިންސްޓިޓިއުޓް ކިޔުމުން، ކިޔަވާދޭ ތަނަކާ ވައްތަރު ކަމުންނާއި ހައިބަތަށްޓަކައެވެ. ތާވަލު 1 ގައި ވަނީ ތާރީޚީ ތަފާސް ހިސާބުތަކެވެ. މި ހިސާބުތަކުން ފާހަގަވާ ގޮތުގައި އެތަނުގައި ގިނައިން ހިންގާފައިވަނީ ކުރު މުއްދަތުގެ ކޯސްތަކެވެ. މިކޯސްތަކަކީ އެކިއެކި ހުނަރުތަކަށް ޚާއްޞަކޮށްގެން ހިންގާފައިވާ ކޯސްތަކެވެ. ހަފުތާއިންނާއި މަހުން މުއްދަތު ގުނޭ ކޯސްތަކެވެ. 2000 ވަނަ އަހަރު ފެށުނު އިރުވެސް، އައި.އެމް.އޭ ގައި ހިންގާ އެއްވެސް ކޯހެއްގެ މުއްދަތު އެއް އަހަރަށް ވުރެ ދިގެއްނޫނެވެ. ކޯސްތަކުގެ ނަންތަކާ މުއްދަތާ ގުޅުވުނީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު އުފެދުމާ ގުޅިގެން 2002 ވަނަ އަހަރުއެވެ. 2000 ވަނަ އަހަރުގެ މާރޗް މަހު ރަޖިސްޓްރީ ވެފައިވާ ކުދިންގެ ޢަދަދު ތާވަލު 2 ގައި އެވަނީއެވެ.
ތާވަލު 2: 2000 ވަނަ އަހަރުގެ މާރޗް މަހު ކިޔަވަމުންދާ ކުދިންގެ ޢަދަދު
|
އަންހެން |
ފިރިހެން |
ޖުމުލަ |
ކޯހުގެ ބާވަތް |
|
78 |
65 |
143 |
ސެޓިފިކެޓް ކޯސް |
|
93 |
97 |
190 |
ޑިޕްލޮމާ ކޯސް |
|
39 |
45 |
84 |
ކުރު ކޯސް |
|
210 |
207 |
417 |
ޖުމުލަ |
ތާވަލު 3 ގައިވަނީ 1999 ގައި ކިޔަވާދޭ ކޯސްތަކާ ބެހޭ ބައެއް މަޢުލޫމާތެވެ. މިތަން ފެށުނު ދުވަސްވަރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރަން ދަސްކޮށްދިނުމަށްކަން ޔަޤީންވަނީ ތާވަލު 3 އިންނެވެ. މިދަންނަވާލަނީ ކުރުކޯސްތަކުގެ ބައެއް މިސާލެވެ: އިންޓްރޮޑަކްޝަން ޓު ކޮމްޕިއުޓިންގ (30 ދުވަސް)؛ ވާރޑް ޕްރޮސެސިން ޔޫސިންގ ވާރޑް (20 ދުވަސް)؛ ސްޕްރެޑްޝީޓް މެނެޖްމަންޓް ޔޫސިންގ އެކްސެލް (30 ދުވަސް)؛ ޑޭޓާބޭސް މެންޖެމަންޓް ޔޫސިން އެކްސަސް (30 ދުވަސް). ދުވަހެއްގެ ކިޔަވާދެނީ ޖުމުލަ 2 ގަޑިއިރެވެ.
ތާވަލު 3: 1999 ވަނަ އަހަރުގެ ބައެއް ތަފާސް ހިސާބުތައް
|
ޢަދަދު |
ތަފާސް |
||
|
18 |
ކޮމްޕިއުޓަރާ ބެހޭ ކޯސް |
||
|
1 |
އޮފީސް މެނެޖްމަންޓް ކޯސް |
||
|
1 |
ސެކްރެޓަރީކަމުގެ ކޯސް |
||
|
1 |
އެކައުންޓިންގ ކޯސް |
||
|
290 |
ދަރިވަރުންގެ ޢަދަދު |
||
|
%93 |
ފާސްވާ ނިސްބަތް |
||
|
481 |
ހުރިހާ ކޯހެއްގެ ދަރިވަރުންގެ ޖުމްލަ |
||
|
5 |
ވާރކްޝޮޕްގެ އަދަދު |
||
|
134 |
ވާރކްޝޕްގެ ބައިވެރިންގެ ޖުމްލަ |
||
|
43 |
މުވައްޒަފުން |
||
|
25 |
އިދާރީ |
||
|
18 |
ފަންނީ |
||
|
35 |
ޕާރޓް-ޓައިމް |
||
|
4.4 |
ބަޖެޓް (މިލިއަނުން) |
||
|
3.8 |
އާމްދަނީ (މިލިއަނުން) |
||
|
520 |
ދިގުކޯހެއްގެ އެވަރެޖް މުއްދަތު (ގަޑިން) |
||
އެކައުންޓިންގ ކޯސްތައް ހިންގުމުގައި، ބިޒްނަސް ސްކޫލުން އެންމެ ފުރަތަމަ ގުޅުނީ އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝިއަންސް (އޭއޭޓީ، ސްރީ ލަންކާ) އާ އެވެ. މިތަނުގެ ކޯސްތައް 1994 ގެ ނޮވެމްބަރުން ފެށިގެން 1997 ނިމެންދެން ކިޔަވާދިނެވެ. ސެޓިފިކެޓް ފެންވަރު ދެ ކޯހަކާއި ޑިޕްލޮމާ ކޯހުގެ ދެކޯހަކާއި އެޑްވާންސް ޑިޕްލޮމާ ކޯހުގެ ދެ ކޯހެކެވެ. 1998 ނިމުނު އިރު، 24 ކުއްޖެއް އެޑްވާންސްޑް ޑިޕްލޮމާ ނިންމާ އޭއޭޓީ ގެ މެންބަރުންނަށް ވުމަށް ޝަރުޠު ހަމަވިއެވެ. ބިޒްނަސް ސްކޫލް، އޭއޭޓީ (ޔޫކޭ) އާ ގުޅުނީ 1996 ޖޫން އިން ފެށިގެންނެވެ. ޖޫން 1998 އާ ހަމައަށް އެތަނުން ހުއްދަދީފައިވަނީ ފައުންޑޭޝަން އާއި އިންޓަރމީޑިއޭޓް ކޯސްތައް ހިންގަން އެކަންޏެވެ. އެކަމަކު މި މަހަށް ފަހު މަތީ ފެންވަރުގެ ކޯސްތައް ހިންގަން ހުއްދަ ދިނެވެ. ސެޕްޓެމްބަރު 1996 އައި އިރު، އޭއޭޓީ ޔޫކޭ ގެ ތިން ސްޓޭޖް ނިންމައިގެން 60 ކުދިން އެ ޖަމްޢިއްޔާގެ މެންބަރުންނަށް ވިއެވެ.
އައި.އެމް.އޭ ގެ ވެރިފަރާތަކީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އެވެ. މިއީ ވާރލްޑް ބޭންކުންނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ބޮޑެތި ލޯނުތައް ނެގުމަށާއި ޚަރަދުކުރާނެ ގޮތް ކަނޑައަޅާ އިދާރާއެކެވެ. މީގެ އިތުރަށް، ސަރުކާރުގެ ޢިމާރާތްތައް ކުރަން ފައިސާ ކަނޑައަޅަނީ މި މި ނިސްޓްރީ އިންނެވެ. އެހެންކަމުން، އައި.އެމް.އޭއަށް އެކަމުގެ މަންފާކުރިއެވެ. މިގޮތުން، ވާރލްޑް ބޭންކް ލޯނެއްގައި، ސެކަންޑް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ޕްރޮޖެކްޓުން މިތަނަށް 13 މުވައްޒަފަކު ތަމްރީނު ކުރިއެވެ. އަދި، ދެބުރީގެ ކިލާސްތަކެއް އެޅިއެވެ. މިޕްރޮޖެކްޓް ނިމުމާ ގުޅިގެން ތިންވަނަ ޕްރޮޖެކްޓަކުން ވެސް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިއެވެ.
ތާވަލު 4: ބިޒްނަސް ސްކޫލް ކޮލެޖްގެ ދަށުން ހިނގި
ފުރަތަމަ ފަސް އަހަރު ދުވަހުގެ ބައެއް ހިސާބުތައް
|
1999 |
2000 |
2001 |
2002 |
2003 |
|
|
269 |
129 |
17 |
170 |
608 |
ކުރު މުއްދަތުގެ ކޯސް |
|
449 |
477 |
459 |
279 |
136 |
ދިގު މުއްދަތުގެ ކޯސް |
|
718 |
606 |
476 |
449 |
744 |
ޖުމުލަ |
ޕްރޮޖެކްޓްގެ ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވަނީ، ޔުނިވަރސިޓީ އޮފް ވޫލޮންގޮން ގެ އިލަވާރާ ޓެކްނޯލޮޖީ ކޯޕަރޭޝަން (އައި.ޓީ.ސީ) އަށެވެ. އައި.ޓީ.ސީ ގެ 1999 ވަނައަހަރުގެ އަހަރީ ރިޕޯޓްގައި ދިވެހިރާއްޖޭގައި ހިންގި ތިން ކަމަކަށް 3.7 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. އައި.އެމް.އޭގެ މުދައްރިސުން ތަމްރީނު ކުރުމަށް އައި.ޓީ.ސީ އިން އޮސްޓްރޭލިއާގައި ހިންގި ޕްރޮގްރާމަކީ، މި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގި “ޓެއިލަރމޭޑް” ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ ފެންވަރު ދަށްކަމާ ބެހޭ ގޮތުން، ކިޔަވަން ދިޔަ ބައެއް މުވައްޒަފުން އެވާހަކަ އަޅުގަނޑާ ދައްކާފައި ވެއެވެ. ޕްރޮގްރާމަކީ ވޫލޮންގޮންގ ގެ ދެ ފެކަލްޓީއެއްގައި ހިންގާ ކޯސްތަކުން އެކިއެކި މާއްދާތައް ހޮވާލައިގެން އެކުލަވާލި އެޑް-ހޮކް ޕްރޮގްރާމެކެވެ. ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، އޮސްޓްރޭލިޔާގައި ދެ އަހަރު، ކިޔަވާފައި، ޑިގްރީގެ ދަރިވަރުން އެންމެ ބޮޑަށް ކިޔަވަންޖެހޭ ތިންވަނަ އަހަރު ކިޔަވަނީ މާލޭގައި ތިބެގެން ޕްރޮޖެކްޓް މަސައްކަތް މެދުވެރިކޮށެވެ. މިކަން ބެލުމަށް ހަވާލުކޮށްފައިވަނީ އައި.ޓީ.ސީ. އިން ވަޒީފާދީގެން ފޮނުވާފައިވާ އެތަނުގެ އެކެޑެމިކް މުވައްޒަފުންގެ ގޮތުގައި ނުބަލާ ދެމީހެކެވެ. މި ދެމީހުންނަކީ ”ޔުނިވަރސިޓީ އެންޓްރަންސް ޑިޕްލޮމާ“ ކިޔާ ކުރު ކޯހެއްވެސް އައި.އެމް.އޭ ގައި ހިންގުމަށް ފޮނުވާފައިވާ މީހުންނެވެ. މިކަމުގެ ނަތީޖާއަކީ، ވަކި ދާއިރާއަކަށް މާހިރުނުވާ ބިޒްނަސް އާއި އެޑިޔުކޭޝަން ޑިގްރީއެއް މުވައްޒަފުންނަށް ލިބުމެވެ. އަޅުގަނޑުގެ ދައުރުގައި، ޚަރަދަށް ވުރެ ފެންވަރަށް ބަލައި، އެކެޑެމިކް މުވައްޒަފުން ތަމްރީނަށް ފޮނުވީ ހުޅަނގުގެ ޔުނިވަރސިޓީ ތަކަށެވެ. ޔުނިވަރސިޓީ އެންޓްރަންސް ޑިޕްލޮމާ އަކީ ވެސް، އޭލެވެލް އާ އަޅާބަލާއިރު ފެންވަރު ދަށް ކޯހެކެވެ. ނަމަވެސް، ނަމުގެ ގޮތުންނާއި ހިންގާ ތަނުގެ ސަބަބުން މި ކޯސް މާލޭގައި އެ ދުވަސްވަރު ވައިގައި ހިފިއެވެ. ކޮލެޖްގެ ދަށުން އައި.އެމް.އޭ ހިންގަން 1 ޖަނަވަރީ 1999 ގައި ޙަވާލުވި އިރު، ޔުނިވަރސިޓީ އެންޓްރަންސް ޑިޕްލޮމާ، އައި.އެމް.އޭ ގައި ހިންގައެވެ. މި ޑިޕްލޮމާ މެދުވެރިކޮށް ތަނުގެ ވަޒީފާގައި އުޅުނު ބައެއް އިދާރީ މުވައްޒަފުން އެކެޑެމިކް މުވައްޒަފުންނަށް ވިއެވެ. ވޫލޮންގޮންގ އާ ގުޅިގެން މެނެޖްމަންޓްގެ ސެޓިފިކެޓް ކޯސްތައް 1998 ގައި ފަށާފައިވެއެވެ. އަދި މެނެޖެމަންޓް އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ޑިޕްލޮމާ ކޯސްތައް 1999 ގައި ފަށާފައި ވެއެވެ. މިކޯސްތައް ހިންގުމަށް 12 މުވައްޒަފަކު ބެޗްލަރ ޑިގްރީގައި ތަމްރީނު ކުރިއެވެ. އަދި އެކަކު ޕޯސްޓްގްރޭޖުއޭޓް ފެންވަރުގައި ތަމްރީނު ކުރިއެވެ. ޕޯސްޓްގްރޭޖުއޭޓް މުވައްޒަފު ވޫލޮންގޮންގ އިން އައީ ޖުލައި 1998 ގައެވެ. އަނެއް 12 މުވައްޒަފުން އައި.އެމް.އާ އާ ގުޅުނީ ޖެނުއުރީ 2000 ގައެވެ.
މިފަދަ ޕްރޮޖެކްޓްތައް ހިނގާއިރު މިކަމުގެ ކިކްބެކްތައް ކަމާ ބެހޭ ފަރާތްތަކަށް އެކިގޮތްގޮތަށް ލިބޭކަމަށް ލަފާކުރެވެ އެވެ. މި ޕްރޮޖެކްޓް އާ ގުޅިގެން، ވޫލޮންގޮންގ އިން އެމް.ބީ.އޭ ކޯހެއް ދޭގޮތަށް ހަމަޖެހިފައި ވިއެވެ. އެ ކޯހުގައި ދިޔައީ ކަމާ ބެހޭ މިނިސްޓްރީގެ މުވައްޒަފެކެވެ. ބޭރަށް ފޮނުވާ ހުރިހާ ސްކޮލަރޝިޕްތަކަކަށް ސްކޮލަރޝިޕް ބޯޑު ކިޔާ ކޮމިޓީއަކުން މީހުން ހޮވަން ޖެހުނަސް، މި ކޯހަށް މީހަކު ހޮވަން އެ ބޯޑަށް ނާންނަކަން އެނގެނީ އަޅުގަނޑު އެބޯޑުގައި އެދުވަސްވަރު ބައިވެރިވާތީ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ކޮލެޖް ޤާއިމްކުރި ޕޯސްޓް ސެކަންޑަރީ އެޑިޔުކޭޝަން ޕްރޮޖެކްޓް ހިނގި ދުވަސްވަރާ ބަލާ އެ ޔުނިވަރސިޓީއިން ޕީއެޗްޑީ ކޯހެއް ވެސް ރާއްޖޭގެ މީހަކަށް ދިނެވެ. މަޝްރޫޢު އަށް ކޮންސަލްޓަންޓުން ހޮވި ދުވަސްވަރާ ދިމާކޮށެވެ. އައި.އެމް.އޭ އިން ހިންގި ޑިޕްލޮމާ އޮފް މެނެޖްމަންޓް ކޯސް ހިންގީ ވޫލޮންގޮންގ ބެލުމުގެ ދަށުންނެވެ. އެހެންކަމުން، ލިންކް އިންސްޓިޓިއުޓް އެގްރީމަންޓް އެއްގެ ދަށުން މިކޯސް ނިންމާ ދަރިވަރުންނަށް ދޭ ސެޓިފިކެޓްގައި ވޫލޮންގޮންގ ޔުނިވަރސިޓީގެ ލޯގޯ ޖެހުމުގެ ހުއްދަ ދިނެވެ. އައި.ޓީ.ސީ އާ އެކުވެފައިވާ އެގްރީމަންޓް ކޮށްފައިވަނީ އައި.އެމް.އޭ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ދަށުން ހިންގި ދުވަސްވަރުއެވެ. ވޫލޮންގޮންގ އަކީ 1975 ގައި އޮސްޓްރޭލިޔާގައި ޤާއިމް ކުރި ތަނެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ބެޗްލަރ ޑިގްރީ ގްރޭޖުއޭޝަން އަކީ އައި.އެމް.އޭ ގެ މުވައްޒަފުންނަށް ބެޗްލަރ ޑިގްރީ ދޭން ވެގެން އިސްލާމީ މަރުކަޒުގައި ބޭއްވުނު ޖަލްސާއެކެވެ. މި ޖަލްސާ އޮތީ 6 ޑިސެމްބަރ 1999 ގައެވެ.
ވޫލޮންގޮންގ އިން ފޮނުވާފައިވާ ދެ މީހުންގެ ޢަމަލުތަކާ މެދު، އައި.އެމް.އޭގެ ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހޭކަން އެނގެއެވެ. އެއްކަމަކީ އެމީހުންގެ ޢައްޔާޝީކަމުން ކަމަށް ލަފާކުރެވެއެވެ. ހިތުން ފިލުވާލަން އަޅުގަނޑަށް ދަތި ކަންތައްތަކުގެ ތެރޭގައި، އެ ދެމީހުން ފުރަންވުމުން، އެމީހުންނަށް މާތްކޮށް ހިތަންވެގެން އެފް.އެމް.ސީ ގައި ސައެއް ބޭއްވި ކޮޓަރިއަކަށް މެހެމާނުންނާއި މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނާ އެކު ވަދެވުނު އިރު، ފާރުގައި ބޮޑު އަކުރުން ޖަހާފައިވަނީ އޭގެ އެކަކު އޮސްޓްރޭލިޔާގައި ދުއްވާ ކާރުގެ ލައިސަންސް ނަންބަރާއެކު “GO HOME” އެވެ!
ކޮލެޖް އުފެދުމާއި ނަން ބަދަލުވުން
1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަމުގައި ދައުލަތުން ރާއްޖޭގެ ފުރަތަމަ ޕޯސްޓްސެކަންޑަރީ ކޮލެޖް އުފެއްދެވިއެވެ. މި މަރުކަޒު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ދަށުން ހިނގަމުން ދިޔަ ސްކޫލް ނިންމާ ކުދިންނަށް ތަމްރީނުދޭ މަރުކަޒުތައް އެއް ކުޑައެއްގެ ދަށުން ހިންގާ ގޮތަށް ހަމަޖެއްސުމެވެ. މިކަމުގެ ސަބަބުން ތަނާއި މުވައްޒަފުންގެ ފެންވަރު ރަނގަޅުވެ، ހަރުދަނާ މުވައްޒަފުން ލިބި، ފެންވަރު ރަނގަޅު ދަރިވަރުން ގިނަ ކުރެވި، ވަސީލަތްތައް ފުރިހަމައަށް ބޭނުން ކުރެވި، އިދާރީ ހިންގުން އެއްގޮތްވެ، ތަޢުލީމީ ކަންކަން ވަކި ހަމައަކުން ތަރައްޤީ ކުރެވި ބޭރުގެ އެހީ ހޯދުމަށް ފަސޭހަ ވާނޭ ކަމަށް ކޮލެޖް އުފެއްދުމާ ބެހޭ ޕްރޮޖެކްޓް ލިޔުނު ފަރާތުން ބަޔާންކޮށްފައި ވެއެވެ. ސަރުކާރުން ހިންގާ ހަ މަރުކަޒު އެއްކޮށްލާ މި ޕްރޮޖެކްޓް އަށް ކީ ނަމަކީ، ޕޯސްޓް-ސެކަންޑަރީ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 6.3 ޔޫއެސް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެވެ. ޕްރޮޖެކްގައި ސޮއިކުރީ 19 ފެބްރުއަރީ 1999 ގައެވެ. ނިންމަން އޮތީ 31 ޖުލައި 2004 ގައެވެ. ނަމަވެސް ނިމުނީ އޭގެ މާ ފަހުންނެވެ. މި ޕްރޮޖެކްޓް ރާއްޖޭގައި ހިންގަން ފެށީ 1 އޮކްޓޯބަރ 1998 އިން ފެށިގެންނެވެ.
1 އޮކްޓޯބަރ 1998 ގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފައްދަވައި، އެތަނުގެ ބައެއްގެ ގޮތުގައި އައި.އެމް.އޭ ހަމަޖެހިގެން ދިޔައެވެ. މިގޮތަށް ހަމަޖެހިގެން ދިޔަ ކަމުގައި ވިޔަސް، އެތަން ޢަމަލީ ގޮތުން ކޮލެޖްގެ ގޮތްޕެއްގެ ގޮތުގައި ހިންގަން ފެށުނީ 1999 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެންނެވެ. ޔުނިވަރސިޓީ ކަމަށް މިދަންނަވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގ އަށެވެ. ޔުނިވަރސިޓީއަކަށް މި ކޮލެޖް ޤާނޫނީ ގޮތުން ބަދަލުވީ 11 ފެބްރުއަރީ 2011 ގައެވެ. ނަމަވެސް، ޔުނިވަރސިޓީ ކައުންސިލުން ވަނީ، ޔުނިވަރސިޓީ ފެށުނު އަހަރަކީ 1 ސެޕްޓެމްބަރ 1973 ކަމަށް ކަޑައަޅާފައެވެ. އެއީ ޔުނިވަރސިޓީގެ އެންމެ ފުރަތަމަ ގޮފި، ފެކަލްޓީ އޮފް ހެލްތު ސައިންސަސް އުފެދުނު ތާރީޚެވެ. 1 އޮކްޓޯބަރ 1998 އިން ފެށިގެން، އަޅުގަނޑު އިސްތިޢުފާ ދެންދެން، އާދެ، 9 ޖުލައި 2015 އާ ހަމައަށް އެކި ހައިސިއްޔަތުން ބިޒްނަސް ސްކޫލްގެ ދުވެލި އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ ކޮލެޖްގެ ޕްރިންސިޕަލް/ރެކްޓަރގެ ހައިސިއްޔަތުންނެވެ. ދެން ޔުނިވަރސިޓީގެ އިންޓެރިމް އަދި ފައުންޑޭޝަން ވައިސް ޗާންސެލަރގެ ގޮތުންނެވެ.
ޔުނިވަރސިޓީ ދަށުން އައި.އެމް.އޭ ހިންގަން ޖެހުމާ ގުޅިގެން، އެ މަރުކަޒު، ވިޔަފާރީގެ ޓްރޭނިންގ މަސްރަޙްގައި ޕޮޒިޝަން ކުރާނޭ ގޮތަކާމެދު ފުންކޮށް މަޝްވަރާކުރެވުނެވެ. ޕޮޝިޒަން ކުރުމޭ މިދެންނެވީ އެތަނުން ހިންގާނީ ކޮންބާވަތެއްގެ ކޮން ފެންވަރެއްގެ ކޯހެއްކަން ކަޑައެޅުމަށެވެ. މި މަޝްވަރާތަކުގައި އައި.އެމް.އޭ އާއި ޔުނިވަރސިޓީ ހިންގުމަށް އިރުޝާދުދޭން އައިސް ތިބި ކޮންސަލްޓަންޓުންނާއި އަދި މަރުކަޒީ އިދާރާގެ މުވައްޒަފުން ބައިވެރި ވިއެވެ. ގިނަ ފަރާތްތަކަށް ފާހަގަ ކުރެވުނީ، ރާއްޖޭގެ މަތީ ތަޢުލީމު، ހަމައެކަނި އެއް މަރުކަޒަކުން ދީގެން އޮބި އޮންނަވަރަށް ވުރެ ޑިމާންޑް އާއި ސަރުކާރުން ކުރަންޖެހޭ ޚަރަދު ބޮޑުވާނެ ކަމާއި އެންމެ ރަނގަޅު ގޮތަކަށް ވާނީ، ކުރު، ނަފާ ނެގޭނޭ ކޯސްތައް އަމިއްލަ ތަންތަނުން ހިންގަން ދޫކޮށްލުންކަމެވެ. ދެން މިގޮތަށް އަމަލުކުރުމަށް ނިންމައި، ކުރު ކޯސްތައް ހިންގުން މަދުކޮށް، ދިގު ކޯސްތަކަށް ފޯކަސްކުރުން 2001 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރެވުނެވެ.
2001 ވަނަ އަހަރުގެ ކޯސްތަކުގެ ކެޓެލޮގްގައި ހިންގާ ކަމަށް ބަޔާންކޮށްފައިވާ ކޯސްތައް ތިރީގައި އެވަނީއެވެ. މި ހުރިހާ ކޯހަކީ ވެސް އެއް އަހަރު ދުވަހުގެ ކޯހެވެ. މި ކޯސްތަކުގެ އިތުރަށް އައި.އެމް.އޭ އިން ކޯޕަރޭޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ހަފުތާއަކަށް ވުރެ ދިގުނޫން ކޯސްތައް ހިންގަމުން އައެވެ. އަދި މީގެ އިތުރަށް، ސިވިލް ސާރވިސް ގެ މުވައްޒަފުން ތަމްރީނު ކުރުމަށް ގިނަ ކޯސްތަކެއް ހިންގުނެވެ. މިކަން، ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އުފެއްދުމަށް ދާންދެން ކުރިއަށް ދިޔައެވެ.
އޭއޭޓީ ޑިޕްލޮމާ އިން އެކައުންޓިންގ
އެޑްވާންސްޑް ޑިޕްލޮމާ އިން އެކައުންޓިންގ
ސެޓިފިކެޓް އިން މެނެޖްމަންޓް
ޑިޕްލޮމާ އިން މެނެޖްމަންޓް
ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޯލޮޖީ
ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ
އެކަށީގެންވާ ވަރަށް ކޯސްތަކަށް ކުދިން ނުލިބޭތީ މެނެޖްމަންޓް އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ކޯހަށް ވަންނަށް ބޭނުންވާ ކުދިންނަށް ހިންގާ ފައުންޑޭޝަން ކޯހެއް 2002 ވަނަ އަހަރު ތަޢާރުފު ކުރެވުނެވެ. މީގެ އިތުރަށް، 2002 ވަނަ އަހަރު ދެ ޑިގްރީ ކޯހެއް ތަޢާރުފު ކުރިއެވެ. މި ދެ ޑިގްރީ ކޯސް ފެށުމަށް މެދުވެރިވި ސަބަބުތައް ދަންނަވާލާނަމެވެ. 1980 އާއި 1990 ގެ އަހަރުތަކުގައި، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގިނަ ކޮލެޖްތަކެއް މެލޭސިއާގައި އުފެއްދިއެވެ. މިކޮލެޖްތަކުގައި މުޅިންހެން ހިންގަނީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ އިނގިރޭސިބަހުން ވާހަކަ ދައްކާ، ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޯސްތަކެވެ. ކޯސްތަކުގެ ބައެއް މެލޭސިއާގައި ކިޔެވުމަށް ފަހު، ދަރިވަރުންނަށް ކޯސް ނސްބަތްވާ ޔުނިވަރސިޓީ ހުންނަ ޤައުމަށް ގޮސް ކޯސް ނިންމުމުގެ ފުރުޞަތު އޮވެއެވެ. މެލޭސިއާގައި ހިންގާ ބަޔަށް ސެޓިފިކެޓާއި ޑިޕްލޮމާ ފަދަ ސަނަދުތައް ދެއެވެ. މިއީ ވަރަށް ނަފާވެރި ވިޔަފާރިއެކެވެ. އެހެންކަމުން، ދަރިވަރުން ހޯދުމަށް މި ކޮލެޖްތަކުގެ ވަފުދުތައް އަބަދުހެން ރާއްޖެ އައިސް އުޅެއެވެ. މިފަދަ ދަތުރެއްގެ ތެރެއިން އުފެދުނު ގުޅުމެއްގެ ނަތީޖާއަކަށްވީ، މެލޭސިއާގައި ވެސް ކޯސް ހިންގާ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީ އާއި އައި.އެމް.އޭ އާ ދެމެދު އެއްބަސްވުމެއް ވުމެވެ. މި އެއްބަސް ވުމުގެ ދަށުން ބެޗްލަރ އޮފް އާރޓްސް (އޮނާރޒް، ބިޒްނަސް އިންފޮމޭޝަން ސިސްޓަމްސް ވިތު ބިޒްނަސް ސްޓަޑީޒް) ހިންގާގޮތަށް ހަމަޖެހިގެން ދިޔައެވެ. އެއްބަސްވުމުގެ ދަށުން މި ކޯހުގައި ދަރިވަރުން ބައިވެރިނުވިއަސް، ދަރިވަރަކަށް ވަކި ނިސްބަތަކުން ފައިސާ ދައްކަން ޖެހެއެވެ. ހަނދާންވާގޮތުން އެއީ ބެޗަކަށް ތިރީސް ހާސް ޕައުންޑެވެ. މި އެއްބަސް ވުމަކީ، ޚަރަދުގެ ގޮތުން އެކަށީގެންވާކަމަކަށް ނުވިއަސް ކަމަކީ، ތަނަށް ފައިދާހުރި ކަމެއް ކަމަށް ނިންމައި، ވަރަށް ބޮޑު ސަބްސިޑީގައި، މިޑްލްސެކްސް ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް (އޮނާރޒް) ހިންގަން ފެށުނެވެ. މިކަން ފެށުނީ 18 ޖޫން 2000 ގައެވެ. މިކަމުގެ މަންފާއެއް ކަމަށް ބެލީ މުވައްޒަފުންނާއި ދަރިވަރުންނަށް ޑިގްރީ ފެންވަރަށް ކިޔަވާދިނުމާއި ކިޔެވުމުގެ ހުނަރު ލިބިދިނުމާއި އެކު، މިފަދަ ކޯސްތަކުގެ ކަރިކިޔުލަމް ދިރާސާ ކުރާނޭ ފުރުޞަތު ހޯދުމެވެ. އެއީ އަމިއްލަ ކޯހެއް މި ދާއިރާއިން އަވަސް މުއްދަތެއްގައި ތަޢާރުފު ކުރުމުގެ ބޭނުމުގައެވެ. މިކޯހުގެ އިމްތިޙާނުތައް ސާފުކުރަނީ މިޑްލްސެކްސް ޔުނިވަރސިޓީއިންނެވެ. މިކޯސް ހަތަރު އަހަރު ވަންދެން ހިންގިއެވެ.
2001 ވަނަ އަހަރު ހިންގަން ފެށި ދެވަނަ ޑިގްރީ ކޯހަކީ ބެޗްލަރ އޮފް އާރޓްސް (ދިވެހި ބަސް) އެވެ. ކޯސް ހިންގުމުގެ މަޤްޞަދަކީ، ރާއްޖޭގައި ފަސޭހަ ކަމާއެކު ފުރަތަމަ ހިންގޭނީ ދިވެހި ބަހުގެ ޑިގްރީއެއް ކަމާއި، އެންމެ ފުރަތަމަ ހިންގަންވާނީ ވެސް ދިވެހި ބަހުގެ ޑިގްރީ އެއް ކަމަށް ޤަބޫލުކޮށް، ކޮލެޖް އުފެދުނުތާ 5 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ބެޗްލަރ ޑިގްރީ ގެ ދަރިވަރުން ދަސްވެނިކުރުމެވެ. މި ކޯސް ވަރަށް ބޮޑަށް އެކުލަވާލުމަށް ފަހު، ހިންގަން ޙަވާލުކުރީ ފެކަލްޓީ އޮފް އެޑިޔުކޭޝަން އާއެވެ. ނަމަވެސް، އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް، ކޯސް އަވަހަށް ފެށޭނޭ ކަމުގެ ކުރިމަގެއް ފެކަލްޓީ އޮފް އެޑިޔުކޭޝަން އަކުން ނުފެނުނެވެ. އެހެންކަމުން ޟަރޫރަތްތެރިކަން މަޖުބޫރުކުރީ، އެފް.އެމް.ސީ ގައި ކޯސް ފެށުމަށެވެ. މިއީ މުޅިއަކުން ނޭކަށޭނެ ކަމެއް ވެސް ނުމެ ނޫންމެއެވެ. އެހެނީ، ދިވެހި ސަރުކާރު ހިންގަނީ ދިވެހިބަހުންނެވެ. އެހެންކަމުން އިދާރީ ހިންގުމާއި ދިވެހި ބަހާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ކޯހަށް ކިޔަވައިދޭ (އެކަކު ފިޔަވައި) އެއްވެސް މުވައްޒަފަކީ ފެކަލްޓީތަކުގެ މުވައްޒަފުންކަމަށް ނުވާތީ، ކޯސް ހިންގާ ތަން މުހިއްމެއް ނޫނެވެ. މިއާއެކު، އެފްއެމްސީގެ މުވައްޒަފެއް ކަމަށްވާ، ޢަބްދުﷲ ޒަމީރަކީ މިކޯހުގެ މާއްދާއެއް ކަމަށްވާ ދިވެހި ތާރީޚް އަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުންނެވި ބޭފުޅެކެވެ. އެހެންކަމުން، ކޯހުގެ ކޯޑިނޭޓަރަކަށްވުމަސް ދެންނެވުމުން އޭނާ އެކަން ޤަބޫލުފުޅުކުރެއްވިއެވެ. މިކޯހުގެ ގާތްގަޑަކަށް ހުރިހާ މުދައްރިސުން ކިޔަވާދޭ ގޮތް މަދުވެގެން އެއްފަހަރު އަޅުގަނޑު ވެސް ކިލާހުގައި އިނދެގެން ބަލައި ރިޕޯޓެއް ލިޔުނީމެވެ. ކޯސް ފެށުނީ 28 ޖަނަވަރީ 2001 ގައެވެ. ކޯސް މައިގަނޑު ގޮތެއްގައި ހިންގީ ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންނަށް ފަސޭހަ ވާނޭ ގޮތުން މެންދުރު ފަހުއެވެ. ދިރާސީ ފަހު އަހަރު ނިމުނީ 23 ނޮވެމްބަރ 2003 ގައެވެ. ކޯހުގައި ބައިވެރިވި 30 ކުދިންގެ ތެރެއިން ކޯސް ކާމިޔާބުކަމާއެކު ނިންމީ 26 ކުދިންނެވެ. އެއީ 16 ފިރިހެން ކުދިންނާއި 10 އަންހެން ކުދިންނެވެ. ދަސްވެނިވުން ބޭއްވުނީ 24 ޑިސެމްބަރ 2003 ގައެވެ. މި ކޯސް ފެށުމުގެ ތަޤްރީރު ދެއްވީ އެ ދުވަސްވަރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމެވެ. ނިންމި ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ވެސް އޭނާއެވެ. ކޯހުން އެއްވަނަ ލިބުނީ މުޙައްމަދު ޝާހިދު ޙަލީމް އަށެވެ. ކޯސް ފެށުނު ތަނާ ދެއަހަރުވުމުން، ފެކަލްޓީ އޮފް އެޑިޔުކޭޝަން އަށް އެ ކޯސް ބަދަލުކުރެވުނެވެ. އެއީ އެ ފެކަލްޓީއާ ކޯސް ބޮޑަށް ގުޅޭތީ އާއި، އެތަނުގެ ބައެއް މުވައްޒަފުން ސަހަރޯވެރިވެ އެކަމަށް އެދުމުންނެވެ.
އައި.އެމް.އޭ ގެ ނަން ފެކަލްޓީ އޮފް މެނެޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ) އަށް ބަދަލުކުރީ 1 ފެބްރުއަރީ 2001 ގައެވެ. އެއީ ޔުނިވަރސިޓީގެ އެކި ބައިތަކަށް ކިޔާ ނަންތައް ވަކި ހަމައަކުން ހުރުމަށް ކައުންސިލުން ނިންމައިގެން، އަޅުގަނޑު ފޮނުވި ދެތިން ހަތަރު ނަމުން އައި.އެމް.އޭގެ ވެރިން މަޝްވަރާކޮށް ހޮވި ނަމެކެވެ. ފެކަލްޓީތަކަށް ކޮލެޖްގެ ގޮފިތަކުގައި ހުރި އިންސްޓިޓިއުޓްތައް ބަދަލުވިއިރު، އެތަންތަނުގެ ވެރިންނަށް ތިބި ފަރާތްތަކުގެ ތެރެއިން، މާސްޓަރ ޑިގްރީ އޮތް މީހުން ޑީން ގެ މަޤާމަށް ބަދަލުކުރެވުނެވެ. ބެޗްލަރ ޑިގްރީ އޮތް ނަމަ އެފަރާތްތަކަށް ޑެޕިއުޓީ ޑީން ގެ މަޤާމު ހަމަޖެއްސުނެވެ. މިފެންވަރު ސަނަދެއް ނެތްނަމަ، ވެރިން ތިއްބެވި، ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބެވީއެވެ.
އެފް.އެމް.ސީ ގެ ޖާގަ ދަތިކަމުން، ވާރލްޑް ބޭންކް ގެ ލޯނެއްގެ އެހީގައި ދެބުރި ކިލާސްރޫމެއް އެޅި ވާހަކަ ކުރިންވާނީ ދެންނެވިފައެވެ. އަދި، ފަސްބުރީގެ ޢިމާރާތެއް، ސަރުކާރުގެ ޚަރަދުގައި 1999 ވަނަ އަހަރު ކުރަން ފެށިއެވެ. މި ޢިމާރާތުގެ ބިންގާ އަޅަން އަޅުގަނޑު ދިޔައީމެވެ. ޔުނިވަރސިޓީއިން އެޅި އެއްވެސް ޢިމާރާތެއްގެ ބިންގާ އަޅުގަނޑު އަޅާފައެއް ނުވާނެއެވެ. އެކަން އަބަދުވެސް ކުރުވަނީ ޢިމާރާތާ ގުޅޭ ގުރޫޕެއް ލައްވައެވެ. ނަމަވެސް، ތަނުގެ ވެރިޔާ ވިދާޅުވީމާ އަޅުގަނޑު ދިޔައީއެވެ. މި ޢިމާރާތް ފަރުމާކުރީ ސިވިލް އެންޖިނިއަރ އެވަރބްރައިޓް ސުހައިލެވެ. މިތަން ފަރުމާކުރުމުގެ ތެރޭގައި ގޮތްކިޔުމުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. ހަދާ ނިމުނުތަނާ، އެތާނގެ އޮޑިޓޯރިއަމްގައި އުސް ސްޓޭޖެއް ހުންނާތީ، ދަރިވަރުން ކަރު މައްޗަށް ޖަހައިގެން ތިބެން ޖެހުމުން، އެ ސްޓޭޖް ތަޅައިގެން ނެގީ އަޅުގަނޑުގެ އިރުޝާދަކަށެވެ.
ޔުނިވަރސިޓީގެ ދަށުން އެފް.އެމް.ސީ ހިނގަން ފެށުމާއެކު، އެތަނުގެ ހިންގުމާ ދޭތެރޭ ވެރި މިނިސްޓްރީއިން އެކަށީގެންވާ މިންވަރަށް އަޅާލާފައި ނުވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން ސަރުކާރުގެ ގަވާއިދުތަކަށް ތަން ހިނގަމުން ގޮސްފައި ނުވާކަން ފާހަގަ ކުރެވުނެވެ. މުވައްޒަފުންގެ ހާޒިރީއާއި އޮފީސް ހުޅުވާ ލެއްޕުމާއި ފައިސާ އާއި މަރާމާތުގެ ކަންތައްތައް ހަމަ ޖެހޭ ގޮތަކަށް ގޮސްފައެއް ނުވެއެވެ. ތަނުގެ ވެރިންގެ ގާތް މީހުންނަށް ސްކޮލަރޝިޕް އާއި ވަޒީފާ ހަމަޖައްސާކަމުގެ ޝަކުވާ ލިބިފައިވެއެވެ. މުވައްޒަފުން ރަސްމީގަޑީގައި ތަނުގައި ނޫޅޭ ކަމާއި ދަރިވަރުންގެ ފީތައް ބަލައިގަތުމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ވާކަން ފާހަގަ ކުރެވިފައި ވެއެވެ. ފައިސާބަލައިގަނެފައި ދޭ ރަސީދު ނުދޭތީއާއި އެކައުންޓް ފޮތްތައް ގަވާއިދާ އެއްގޮތަށް ނުހުންނާތީ، މި މައްސަލަތައް މަރުކަޒީ އިދާރާއިން ކުރި އިންޓަރނަލް އޮޑިޓަކުން ހާމަވެގެން ރަނގަޅުކުރުމަށް އެންގިކަން އަޅުގަނޑަށް އެނގެއެވެ. ފައިސާ ނުލިބި ހުންނަކަން އެނގިގެން، އެ ހޯދުމަށް ތަކުރާރުކޮށް އަންގާފައި ވެއެވެ. މައްސަލަތަކުގެ ސީރިއަސް ކަން އެނގުނީ 2005 ވަނަ އަހަރު، ކޯސްތަކަށް ދައްކާ ފީ ބަލައިގަތުން މަރުކަޒީ އިދާރާއަށް ބަދަލުވުމުންނެވެ. ފީ ނުހޯދާ ސަނަދު ދީފައިވާ ދަރިވަރުންގެ ޢަދަދު އެތައް ހާހަކަށް އަރައެވެ. ފީހޯދަން ވެގެން ގުޅުމުން ކުންފުނިތަކާއި އޮފީސްތަކާއި މީހުން ބުނަނީ އެމީހުން ކޯހަށް ނުދާ ވާހަކަ އާއި ނޫނީ ދައްކާފައިވާ ވާހަކަ އާއި ނޫނީ ކޯސް ނުފަށާ ވާހަކައާއި މިފަދަ ތަފާތު ވާހަކަތަކެވެ. 2015 ވަނަ އަހަރު އައި އިރު، ލިބެންޖެހޭ ފައިސާގެ ލިސްޓު ކުރުކުރެވިފައި ވިޔަސް، އެފް.އެމް.ސީ އިން މި ވާރުތަވި މައްސަލައަށް ޙައްލެއް ލިބިފައެއް ނުވެއެވެ. ސަރުކާރަށް ލިބެން އޮންނަ ފައިސާއެއް، އޭރުގެ ޤާނޫނުގައިވާ ގޮތުން މަޢާފު ކުރެވެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެހެންކަމުން، ލިބެންޖެހޭ ބައެއް ފައިސާ، އެފް.އެމް.ސީ އިން ނުލިބޭ ކަމަށް ކަން ހިނގާދިޔަތާ 12 އަހަރު ފަހުންވެސް ލިޔެކިޔުންތަކުން ދައްކައެވެ.
2001 ވަނަ އަހަރުގެ ތެރޭގައި، އެތަނުގެ ވެރިޔަކަށް ހުންނެވި، ޢަބްދުއްސައްތާރާއި، އަދި ފަހުން ފައިސާ އާ ބެހޭ ކަންކަން ބެލެހެއްޓެވުމަށް ހުންނެވި އަޙްމަދު މުޖުތަބާ އާއި މުޙައްމަދު ރަފީޢު ވަޒީފާއިން ވަކި ކުރެއްވިއެވެ. އެފަރާތްތަކުގެ މައްޗަށް ސާބިތުވީ ކުށުގެ ރެކޯޑެއް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑަށް މަޢުލޫމާތު ދިން ފަރާތުން ބުނީ، އެތަނުގައި ކުރިން ވެރިއަކަށް ހުރި ފަރާތާއި ޢަބްދުއްސައްތާރު އާއި އެހެން ފަރާތެއް ބައިވެރިވާ ކުންފުންޏެއް ރަޖިސްޓްރީ ކުރެވިފައިވާ ވާހަކައާއި، ކޮރަޕްޝަންގެ ކަންތައްތައްކެއް ހިނގާފައިވާ ވާހަކައެވެ. އަދި، ތަނުގައި ހުރި މުދާތަކެއް އަމިއްލަ ބޭނުމަށް ފިރާލިކަމަށް ބެލެވޭ މައްސަލައެއްގައި ކުށްވެރިވީ ކަމަށެވެ. އަޙްމަދު މުޖުތަބާގެ އޭރުގެ އަނބިކަބަލުން ފެކަލްޓީގެ ކޯހެއްގައި އޮސްޓްރޭލިޔާ އަށް ފޮނުވުނެވެ. ނަމަވެސް، އޭނާ އެނބުރި ފެކަލްޓީއަކަށް އަދި ރާއްޖެއަކަށް ނާދެއެވެ. ދެން ފެށެނީ އެފް.އެމް.ސީ ގެ އައު ދައުރެކެވެ.
ފެކަލްޓީއެއްގެ ގޮތުގައި ބިޒްނަސް ސްކޫލް ހިނގަން ފެށުން
ފެކަލްޓީއަކަށް ވުމަށްފަހު، އަދި ހިންގާނޭ ވެރިޔަކު ނެތުމުން، އެތަން ވަގުތީ ގޮތުން ހިންގަން ޙަވާލު ކުރީ މަރިޔަމް ސުޒީ އާދަމް އާއެވެ. ތަން ހިންގަން އޭނާ އާ ޙަވާލުކުރީ ޢަބްދުއްސައްތާރު ވަކިކުރެއްވުމާ ގުޅިގެންނެވެ. އޭނާ އަކީ، ބެޗްލަރ އޮފް އިންފޮމޭޝަން ސައިންސް އާއި މާސްޓަރ އޮފް ކޮމާރސް އިން މެނެޖްމަންޓް ސައިންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް ހޯއްދަވާފައިވާ މުވައްޒަފެކެވެ. މަރިޔަމް ސުޒީ އާދަމް، ޕީ.އެޗް.ޑީ ހައްދަވަން ފުރާވަޑައިގަތީ އެކްޓިންގ ޑީން އަކަށް ހުންނަވާފައެވެ. މީނާ އެނބުރި ފެކަލްޓީ އަށް ވަޑައިގަންނަވާނޭ ކަމަށް އިޤްރާރުވުމުން، އޭނާގެ މުސާރައާ އެއްވަރުގެ އެހީއެއް އޭނާއަށް ދެއްވަމުން ގެންދެވިފައި ވެއެވެ. ނަމަވެސް، އޭނާ ނިޔު ޒީލެންޑްގެ ރަށްވެއްސަކަށް ވީއެވެ. ފަހުން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި، މުޙައްމަދު ވަޙީދު ޙަސަން މަނިކު ސިޔާސީ ޕާރޓީއެއް ހެއްދެވުމުން 2008 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް ސިޔާސީ މަޤާމަކާ ގުޅެން އޭނާ އާއި އޭނާގެ ފިރިކަލުން މާލެވަޑައިގަތެވެ.
މަރިޔަމް ސުޒީ ގެ ދުވަސްވަރު އެންމެ ބޮޑު ކަމަކަށް ހިނގީ އަމްޑިސާގެ ކޮންފަރަންސްއެއް ބަޑޮހުގައި ބޭއްވުމެވެ. މި ޖަލްސާއަށް 100 އަށް ވުރެ ގިނަ މަންދޫބުން ރާއްޖެއައެވެ. މިކަން ކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއަޓުން (ސީ.އެފް.ޓީ.ސީ.އިން) ކޮންމެވެސް މިންވަރަކަށް ފައިސާ ދިނެވެ. ނަމަވެސް މި ފައިސާ ލިބުނީ އެފް.އެމް.ސީ އަކަށްނޫނެވެ. އަމްޑިސާގެ އިސް ޙަރަކާތްތެރިޔާ، ދަރްނީ ސިންގ އަށެވެ. ފައިސާއާ ބެހޭ އެފް.އެމް.ސީ ގެ ވެރިޔާ، މުޖުތަބާ، އޭނާގެ ފަހަތުން ފައިސާ ހޯދަންވެގެން އޭނާ ފުރަން ދިޔައިރު، ފަހަތުން ދިޔުމުން ލާރިކޮޅެއް ދިން ވާހަކަ އަޅުގަނޑުގެ ކައިރީގައި މަރުކަޒީ އިދާރާގެ ޙުސެއިން ޙަލީމް ވިދާޅުވިއެވެ. ސީ.އެފް.ޓީ.ސީއިން ދިން ފައިސާ ދަރްނީ ސިންގ ބޭނުންކުރީ ޔުނިވަރސިޓީ އޮފް ހައިދަރުއާބާދުގައި އަމްޑިސާގެ ޢިމާރާތެއް ކުރުމަށް ކަމަށް، މުޙައްމަދު ލަޠީފު އަޅުގަނޑުގެ ކައިރީގައި ވިދާޅުވި ހަނދާން ވެއެވެ. އަމްޑިސާގެ ޖަލްސާ ހިނގިއިރު، މަރިޔަމް ސުޒީވީ އޭނާގެ ބަފާކަލުންގެ ބޭސްފަރުވާއަކަށް އިންޑިޔާގައެވެ. އެ ޖަލްސާގައި އިސްވެ ޙަރަކާތްތެރިވީ ކޮލެޖްގެ ވައިސް ރެކްޓަރ އަޙްމަދު ޢަލީ މަނިކެވެ. މި ޖަލްސާ އޮތީ، 2002 ވަނަ އަހަރުގެ އޭޕްރިލް މަހު ކ.ބަނޑޮހުގައެވެ. އަމްޑިސާގެ ދެވަނަ ޖަލްސާއެއް 2011 ވަނަ އަހަރު މާލޭގައި ބޭއްވުނެވެ.
މަރިޔަމް ސުޒީއަކީ، ތަނުގައި ގަވާއިދުތައް ހިންގޭތޯ މަސައްކަތް ކުރެއްވި ހީވާގި މުވައްޒެފެކެވެ. މަރިޔަމް ސުޒީގެ ދުވަސްވަރު، ސިސްކޯގެ ނެޓްވާރކިންގ އެކެޑެމީއަކަށް ފެކަލްޓީ ހެދުމަށް މަސައްކަތް ކުރެވުނެވެ. މިކަން ކާމިޔާބުވީ 2003 ވަނަ އަހަރުއެވެ. 2002 ވަނަ އަހަރު ނިމުނުއިރު ފެކަލްޓީގައި ތިބީ 17 ލެކްޗަރަރ އިންނާއި 3 ޓީޗިން އެސިސްޓަންޓުންނެވެ. ކިޔަވައިދޭން ބޭރުން 45 މުދައްރިސުން އައެވެ. ހިންގުނު ދިގުމުއްދަތުގެ ކޯސްތަކަކީ:
-
ބެޗްލަރ އޮފް އާރޓްސް އިން ބިޒްނަސް އިންފޮމޭޝަން ސިސްޓަމްސް ވިތު ބިޒްނަސް ސްޓަޑީޒް (2 އަހަރު، ފަހު އަހަރު ޔޫކޭގައި)
-
ބެޗްލަރ އޮފް އާރޓްސް އިން ދިވެހި ލޭންގްވިޖް (3 އަހަރު)
-
ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ (2 އަހަރު)
-
ޑިޕްލޮމާ އިން މެނެޖްމަންޓް (2 އަހަރު)
-
ޑިޕްލޮމާ އިން އެކައުންޓިންގ (އޭއޭޓީ، ޔޫކޭ) (2 އަހަރު)
-
އެޑްވާންސްޑް ޑިޕްލޮމާ އިން އެކައުންޓިންގ (ސީ.އައި.އެމް.އޭ 2 އަހަރު)
-
ކަތީބުކަމުގެ ކޯސް (އެއް އަހަރު)
ކުރީގެ ދެ ޕްރޮޖެކްޓަކުން އެފް.އެމް.ސީ އަށް ތަފާތު ކަންތައްތަކަށް ފައިސާ ހޭދަކުރެވިފައިވާތީ ކޮލެޖް އުފެއްދި ޕްރޮޖެކްޓް އިން އެ ތަނަށް ޚަރަދުކުރީ ނިސްބަތުން މަދު ފައިސާއެކެވެ. އެއީ ދެ މުވައްޒަފަކަށް އިތުރަށް ކިޔަވާދިނުމާއި، ސްޓަޑީ ވިޒިޓް އާއި ބެޗްލަރ އޮފް ބިޒްނަސް އަދި ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޯލޮޖީ އެކުލަވާލުމަށް ކުރެވުނު ޚަރަދެވެ. ކަރިކިޔުލަމް އެކުލަވާލީ ނިޔު ޒީލެންޑްގެ އޯކްލަންޑް ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީ އާ ގުޅިގެންނެވެ. މިޙަރަކާތުގެ ތެރެއިން ތަނުގެ ދެތިން މުވައްޒަފެއް، އެ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރިއެވެ.
2003 ވަނަ އަހަރު، ކުރިން ރޭވިފައިވާ ގޮތަށް، ކޮލެޖްގެ ހުރިހާ ފެކަލްޓީ/މަރުކަޒެއްގެ ދިގު މުއްދަތުގެ ކޯސްތަކަށް ކުދިން ހޮވުމާއި އެމީހުންގެ އެކި ތަފާސް ހިސާބުތައް މަރުކަޒީ އިދާރާއިން ބަލަހައްޓަން ފެށުނެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ، ފެކަލްޓީއިން ކިޔަވާދިނުމަށް ދެވޭ ސަމާލުކަން އިތުރު ކުރުމެވެ. 2005 ވަނަ އަހަރު، ފައިސާ އާ ބެހޭ ކަންކަންވެސް، މަރުކަޒުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން، ފެކަލްޓީގެ ދަރިވަރުންގެ ހުރިހާ ތަފާސް ހިސާބުތަކެއް ބެލެހެއްޓުން ހަރުދަނާވެގެން ދިޔައެވެ. ތާވަލު 5 ގައި އެވަނީ 2005 ވަނަ އަހަރާއި 2010 ވަނަ އަހަރާއި 2015 ވަނަ އަހަރު ތަނުގައި ހިންގި ކޯސްތަކާ ބެހޭ މަޢުލޫމާތެވެ. މި މަޢުލޫމާތުން ފެކަލްޓީގެ ކޯސްތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެއްވޭނެއެވެ. ސަމާލުކަން ދެވޭ މައިގަނޑު ކަމަކީ 15 އަހަރުދުވަހުގެ ތެރޭގައި، ދަށް ފެންވަރުގެ ކޯސްތައް މަދުވުމާއި މަތީ ފެންވަރުގެ ކޯސްތައް ގިނަ ވުމެވެ. ހަމަ މިއާއެކު،
ތާވަލު 5: 2005، 2010 އަދި 2015 ގައި ދިގު މުއްދަތުގެ ކޯސްތަކުގައި ދަރިވަރުން ކިޔެވި ޢަދަދު
|
Course Name |
2005 |
2010 |
2015 |
ކޯހުގެ ނަން |
|
AAT Certificate in Accounting |
— |
— |
1 |
އޭއޭޓީ ސެޓީފިކެޓް (އެކައުންޓިންގ) |
|
Advanced Certificate in Island Administration |
27 |
1 |
— |
ކަތީބުކަމުގެ ކޯސް |
|
Advanced Certificate in Accounting |
15 |
— |
— |
އެޑްވާންސްޑް ސެޓިފިކެޓް އިން އެކައުންޓީންގ |
|
Advanced Certificate in IT |
7 |
45 |
— |
އެޑްވާންސްޑް ސެޓިފިކެޓް އިން އައި.ޓީ |
|
Advanced Certificate in Management |
37 |
184 |
20 |
އެޑްވާންސްޑް ސެޓިފިކެޓް އިން މެނެޖްމަންޓް |
|
Advanced Diploma in Accounting (CIMA) |
44 |
— |
— |
އެޑްވާނސްޑް ޑިޕްލޮމާ (ސީމާ-އެކައުންޓީންގ) |
|
Advanced Diploma in Bus & Commerce |
11 |
— |
— |
އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެންޑް ފިނޭންސް |
|
Advanced Diploma in IT |
22 |
— |
— |
އެޑްވާންސްޑް ޑިޕްލޮމާ އިން އައި.ޓީ |
|
Bachelor of Accounting and Finance |
— |
— |
236 |
ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފިނޭންސް |
|
Bachelor of Business |
27 |
95 |
189 |
ބެޗްލަރ އޮފް ބިޒްނަސް |
|
Bachelor of Human Resource Management |
— |
— |
68 |
ބެޗްލަރ އޮފް ހިޔުމަން ރިސޯސް މެނެޖްމަންޓް |
|
Bachelor of IT |
— |
67 |
— |
ބެޗްލަރ އޮފް އައި.ޓީ |
|
Bachelor of Marketing |
— |
— |
20 |
ބެޗްލަރ އޮފް މާރކެޓިންގ |
|
Certificate 3 in Clerical Studies |
49 |
— |
— |
ރަށު/އަތޮޅު އޮފީސްތަކުގެ ކާތިބުން ތަމްރީނުކުރުމުގެ ކޯސް |
|
Chartered Accountancy (ACCA Part 1 and Part II) |
16 |
57 |
— |
ޗާރޓާރޑް އެކައުންޓެންސީ |
|
Diploma in Accounting |
83 |
109 |
132 |
ޑިޕްލޮމާ އިން އެކައުންޓިންގ |
|
Diploma in Business |
95 |
221 |
11 |
ޑިޕްލޮމާ އިން ބިޒްނަސް |
|
Diploma in IT |
75 |
136 |
164 |
ޑިޕްލޮމާ އިން އައި.ޓީ |
|
Total |
508 |
915 |
841 |
ޖުމުލަ |
ފުރަތަމަ ޑިގްރީގެ ކޯސްތައް ފަހަކަށް އައިސް އެކި ދާއިރާތަކަށް ޚާއްޞަވެ، ސްޕެޝަލައިޒް ވެގެންދިއުމެވެ. މާސްޓަރޒް ޕްރޮގްރާމެއް މަރުކަޒުގައި ފެށީ 2016 އަހަރުގައި ކަމުން އެއްވެސް މާސްޓަރޒް ކޯހެއް ތާވަލަކު ނުވެއެވެ. ރާއްޖެތެރެ އިދާރީ ގޮތުން ހިންގުމުގައި ލާމަރުކަޒީ އުޞޫލެއް ޤާއިމްކުރެވުމުގެ ކުރިން، މަރުކަޒުގެގައި ގިނަ ޢަދަދެއްގެ ކަތީބުން ތަމްރީނު ކުރެވުނެވެ. ހަމަ މިއާއެކު، ރަށާއި އަތޮޅު އޮފީސްތަކުގެ ކާތިބުންނަށް ހިންގި ސެޓިފިކެޓް 3 ގެ ކޯހެއް ކާމިޔާބުކަމާއެކު ހިންގިއެވެ. ކާތިބުކަމުގެ ކޯސް ނިންމާ ދަރިވަރުންނަށް ކަތީބުކަމުގެ ކޯހުގައި ބައިވެރިވެވެއެވެ. މި ދެކޯހުގެ ސަބަބުން އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އައި ކަތީބުކަން، ތަޢުލީމާއި ހުނަރު ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް އެ މަޤާމުތަކާ ކުރިމަތިލުމުގެ ފުރުޞަތު ތަނަވަސް ވެގެން ދިޔައެވެ. މިއީ، އަޅުގަނޑުގެ ނަޒަރުގައި، ތަޢުލީމުގެ މައިގަނޑު އެއް ބޭނުމެވެ.
މަރުކަޒުގެ ފުރަތަމަ 15 އަހަރުގެ ތެރޭގައި، އެތަނުން ހިންގި ގިނަ ކޯސްތަކެއް ރާއްޖެތެރެއަށް އަމާޒުކުރެވިފައި ވެއެވެ. މިކަން އެންމެ ފުރަތަމަ ފެށުނީ، ރާއްޖެތެރޭގައި ކުރު ކޯސްތައް ހިންގަން ފެށުމާއެކު އެވެ. އެންމެ ފޯރީގައި މި ކޯސްތައް ހިނގި ދުވަސްވަރު، ކޯހުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ރާއްޖެތެރެއާ ބެހޭ މިނިސްޓަރު ވަޑައިގެން ޚާއްޞަ ޖަލްސާއެއް ބާއްވާ، އިނާމު ދެއްވާ ހައްދަވަތެވެ.
އެފް.އެމް.ސީ ގެ ޑީން ކަން އެންމެ ފުރަތަމަ ކުރެއްވީ ފުވައްމުލަކަށް ނިސްބަތްވާ ޢަބްދުﷲ ނާފިޒެވެ. މީނާއަކީ، 4 ޖޫން 1992 ގައި މެނެޖްމަންޓް ޓްރޭނީ އެއްގެ ގޮތުގައި އެމް.ސީ.އެމް.އޭ އާ ގުޅުނު މުވައްޒަފެކެވެ. ފަސް ވަރަކަށް އަހަރަށް، ދެ ފަހަރެއްގެ މަތިން އޮސްޓްރޭލިޔާއަށް ކިޔަވަން ފޮނުވުނެވެ. ޑީން ކަމުގެ މަޤާމުގައި އޭނާ ހުންނެވީ 1 ޖުލައި 2003 އިން ފެށިގެން 2 އޯގަސްޓް 2009 އާ ހަމައަށެވެ. އޭނާގެ ދުވަސްވަރުގައި ހިނގި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ހިތަދޫ ކެމްޕަހުގައި ފުރަތަމަ ފަހަރަށް ދިގު މުއްދަތުގެ ކޯސްތައް ރާއްޖެތެރޭ ކަމްޕަސްތަކުގެ ހިންގުމާއި ފެކަލްޓީގެ ދާއިރާއިން ދެ ޑިގްރީކޯހެއް ތަޢާރުފުކުރުމާއި ފެކަލްޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޤަވާޢިދުތައް ހަދައި، ތަންފީޒުކުރުމާއި، ޚިދުމަތް ނުލިބޭ، ފަސާދަ އުފައްދާ މުވައްޒަފުން ވަކިކުރުން ހިމެނެއެވެ. މީގެ ތެރެއިން އެކަކު ވަކިކުރަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާ އަށްފޮނުވި ސިޓީގައި، އެކަކުގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ: ފެކަލްޓީގެ ފިކުރުތަކާއި ވިސްނުންތައް އަމިއްލަ ވިޔަފާރި ފުޅާކުރުމަށް ބޭނުންކުރުމާއި، ފެކަލްޓީގެ ތަކެތި އަމިއްލަ ވިޔާފާރީގައި ބޭނުން ކުރުމާއި، ރަސްމީ ވަގުތުގައި އަމިއްލަ ވިޔަފާރިކުރުމާއި، ކިޔަވާދޭއިރު ފެކަލްޓީގެ އަގުވެއްޓޭ ގޮތަށް ދަރިވަރުންގެ މެދުގައި ވާހަކަ ދެއްކުމާއި ދަރިވަރުން ތަފާތު ކުރުމާއި، ބޭއިޙްތިރާމާއެކު މުވައްޒަފުންނާއި ދަރިވަރުންނާ ވާހަކަ ދެއްކުމާއި، ފެކަލްޓީގެ ފުލްލޯޑު ނަގަން އިންކާރު ކުރުމާއި، ކޯސް ވިލަރެސް ކުރުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަށް އިންކާރު ކުރުން ހިމެނެއެވެ. ދެން ބަދަލުކުރި މުވައްޒަފަކީ ޕީއެޗްޑީ އޮތް މުވައްޒެފެކެވެ. ޔުނިވަރސިޓީގެ އެންމެ ފިކުރު ފާގަތި އެއް ވެރިޔަކު، ނާފިޒަކީ ޔުނިވަރސިޓީގައި އޭރު ވަޒީފާ އަދާކުރެއްވި ހުރިހާ ޑީނުންގެ ތެރެއިން އެންމެ ހަރުދަނާ ޑީންކަމަށް އަޅުގަނޑުގެ ކައިރީގައި ވިދާޅުވިއެވެ. އޭނާއަށް ކުރިމަތިވި ގޮންޖެހުންތައް ގިނައެވެ. ފަހެ، މަރުކަޒުގައި، ގަވާޢިދުތަކަށް ޢަމަލުކުރެވެން ފެށީ މީނާގެ ދުވަސްވަރުން ފެށިގެންނެވެ.
ނާފިޒަށް ފަހު، ޑީން ކަމަށް އިޢުލާނު ކުރުމުން، ކުރިމަތިލެއްވީ އައްޑޫ އަތޮޅު ފޭދޫ އަށް ނިސްބަތްވާ ޝާޠިފް ޢަލީ އެވެ. އޭނާއަކީ ވެސް އެ ސްކޫލްގައި ގިނަ ދުވަސްވީ މުވައްޒަފެކެވެ. އޭނާ ޑީންކަމަށް ހަމަޖެއްސީ ނާފިޒު ވަކިވި ދުވަހުން (2 އޯގަސްޓް 2009) ފެށިގެންނެވެ. ޝާޠިފްގެ ޑީންކަމުގެ މުއްދަތުގައި ހިނގި މައިގަނޑު އައު ކަންތައްތަކަކީ، ކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލުވުމާއި، އެފް.އެމް.ސީ ދެބައިކޮށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އާއި ފެކަލްޓީ އޮފް ސައިންސް އުފެއްދުމާއި، ތަނުން ހިންގާ ބެޗްލަރ ޑިގްރީ ކޯސްތައް ޚާއްޞަ ދާއިރާތަކަށް އެކުލަވާލުމާއި އެމް.ބީ.އޭ ފެށުމެވެ. އޭނާގެ ދުވަސްވަރު، އޯކްލަންޑް ޔުނިވަރސިޓީގެ މާސްޓަރޒް ކޯހެއް ފުރެންޗައިސްކޮށްގެން ހިންގޭތޯ ބެލުނެވެ. އެކަން ނުވީ، ދަރިވަރުން އެކަށީގެންވާ ޢަދަދަކަށް ނުލިބުމުންނެވެ. ގިނަ ދަރިވަރުން ބަލަނީ އަގުހެޔޮ، ފެންވަރު ދަށް، މަދުން ކިޔަވަންޖެހޭ އައި.ޓީ ދާއިރާގެ މާސްޓަރޒް ކޯހެއް ހެދޭތޯއެވެ. މިގޮތަށް ކޯސްތައް ހިންގައިދޭ އަމިއްލަ ކޮލެޖެއް އޭރު ހުއްޓެވެ.
ފެކަލްޓީއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފެއް ކަމުގައިވާ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޒަމީރު 26 ސެޕްޓެމްބަރ 2009 ދުވަހު ފަތިހުގެ ވަގުތެއްގައި ނިޔާވިއެވެ. ވެރިންނާއި މުވައްޒަފުން އަވަހަށް ރޯލްވަމުންދާ ތަނެއްގައި، ޒަމީރު އަކީ ތަނުގެ މައި މުލެކެވެ. ނިޔާވުމުން ފެކަލްޓީގެ ތާރީޚްގެ މުހިއްމު ބައެއް ގެއްލިގެން ދިޔައެވެ. އެއީ ގިނަ މަޢުލޫމާތު އޭނާ ރައްކާކުރައްވަނީ ހަނދާނުގައި ކަމުންނެވެ. ޢަބްދުއްސައްތާރު ތަނުގެ ވެރިކަމުން ވަކިކުރެއްވުމާ ގުޅިގެން ފެކަލްޓީގެ (ޑެޕިއުޓީ) ޑީން ކަމަށް އޭނާ ކުރިމަތި ލެއްވިއެވެ. އޭނާ ނުހޮވުނީ،، އޭނާގެ ޙަރަކާތްތައް އަވަސްނޫން ކަމުން ކަމަށް އެޕްލިކޭޝަންތައް ވަޒަންކުރި ފަރާތްތަކަށް ފާހަގަކުރިއެވެ. އޭނާގެ އެންމެ ރަނގަޅު ސިފަތަކުގެ ތެރޭގައި ގިނަ ވަގުތު މަރުކަޒުގައި އުޅުއްވުމާއި ބަސްމަދުކަމާއި އެކު ފިކުރު ގިނަކަމާއި މީހުންނާ މުޢާމަލާތް ކުރެއްވުމުގައި މަޑުމައިތިރިކަން ފާހަގަ ކުރެވެއެވެ.
ފެކަލްޓީ އޮފް މެނެޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ނަމުގައި ފެކަލްޓީ ހިންގާތާ 12 ވަރަކަށް އަހަރަށް ފަހު، ފެކަލްޓީގެ ނަން ބަދަލުކުރުމަށް ނިންމުނެވެ. މި ނަން ބަދަލުކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށަހަޅުއްވާފައިވަނީ، އެ ފެކަލްޓީގެ ޑީން އަކަށް ކުރިން ހުންނެވި ޢަބްދުﷲ ނާފިޒެވެ. މިކަން އަވަސްކުރަން ޖެހުނީ ފެކަލްޓީ އޮފް ސައިންސް އުފެދިގެންނެވެ. ފެކަލްޓީ އޮފް ސައިންސް އުފެދުމާ ގުޅިގެން އެފް.އެމް.ސީގައި ހިންގާ ކޮމްޕިއުޓިންގ ކޯސްތައް އެ ފެކަލްޓީއަށް ބަދަލުކުރުމަށް ނިންމުނެވެ. ސަބަބަކީ، މާލޭގައި އެތައް އަމިއްލަ ކޮލެޖަކުން ބިޒްނަސް ސިސްޓަމްސް ބާވަތުގެ ކޮމްޕިއުޓިންގ ކިޔަވާދޭތީ އާއި ޤައުމަށް ބޮޑަށް ބޭނުންވަނީ ކޮންޕިއުޓަރ ސައިންސް ކަމުގައި ގިނަ ބަޔަކަށް ވިސްނިގެންނެވެ. އެފް.އެމް.ސީ، އިންޓަރނެޓާ ބެހޭ ތަމްރީނު ދޭ ސިސްކޯ އެކެޑަމީއަކަށްވީތާ ފަސް އަހަރުވީ އިރުވެސް، އެއެކެޑަމީގެ ޓެސްޓިންގ ސެންޓަރެއް އެފްއެމްސީގައި ޤާއިމްކުރެވިފައެއް ނުވެއެވެ. ފެކަލްޓީގެ ނަން ބަދަލުކުރުމަށް ކައުންސިލަށް ހުށަހެޅި ކަރުދާހުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތައްކެވެ:
-
ތަނުގެ ފަރާތުން ކުރިން ހުށަހެޅިފައިވުން.
-
ދުނިޔޭގެ މަޝްހޫރު ބިޒްނަސް ކިޔަވައިދޭ މުއައްސަސާތަކުގެ ނަމުގައި “ބިޒްނަސް” އާއި “ސްކޫލް” ހިމެނޭކަން.
-
ޖާގަ ކުޑަވުމުގެ ސަބަބުން، ކޮމްޕިއުޓިންގ ދާއިރާގެ ތަޢުލީމާއި ދިރާސާ ކުރުން ކުރިއަށް އެތަނުގައި ނުގެންދެވޭނެކަން.
-
އައި.ޓީ ދާއިރާގެ މާކެޓް ސެޗުރޭޓް ވުމާއި، އެ ޑިސިޕްލިން ކިޔަވައިދޭ ތަންތަން ގިނަކަމާ އެކު، ކޮމްޕިއުޓަރ ސައިންސްއަށް ސަމާލުކަން ދިނުން.
-
އަލަށް ޤާއިމްކުރާ ސައިންސް ފެކަލްޓީގެ ބަޔަކަށް ކޮމްޕިއުޓަރ ސައިންސް ހެދުން. މިއާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓްއާއި ކޮމްޕިއުޓަރ ސައިންސް އާއި ހާޑްވެޔަރ އާއި ނެޓްވާރކް ދާއިރާއަށް ސަމާލުކަން އިތުރުކުރުން.
ބިޒްނަސް ސްކޫލްގެ ވިޜަން އާއި މަޤްޞަދުކަމަށް، މި މައްސަލަ ކައުންސިލަށް ހުށަހެޅި ކަރުދާހުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ: ވިޜަން — ކިޔަވައިދިނުމާއި ރިސާރޗް ގެ ރޮނގުގައި އޭޝިއާ ގެ އެންމެ މަތީ ފަންތީ ގެ އެއް ސްކޫލުކަމުގައި ވުން؛ މަޤްޞަދު — ޤައުމުގެ އިޤްތިޞާދީ ތަރައްޤީ ގައި، އިސް ސަފުގައި މަސައްކަތް ކުރާނެ ޢިލްމީ ގޮތުން ޤާބިލު މީހުން އުފެއްދުން މިއެވެ.
ފެކަލްޓީ އޮފް ސައިންސް އުފައްދަން ކައުންސިލުން ނިންމީ 3 ޖޫން 2013 ވަނަ ދުވަހު ބޭއްވުނު ޖަލްސާގައެވެ. އަދި މިކަން ތަންފީޒު ކުރެވުނީ 27 ރަމަޟާން 1434 ވިލޭރޭ (3 އޯގަސްޓް 2013) ގައި އެވެ. ގދ. ތިނަދޫ ގައި ބޭއްވުނު ކައުންސިލްގެ 100 ވަނަ ޖަލްސާގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އުފެއްދުމަށް ނިންމިއެވެ. ބިޒްނަސް ސްކޫލްގެ ޑީން އަކަށް އިޢުލާނުކުރުމުން އެ މަޤާމަށް ކުރިމަތިލީ އެކެކެވެ. އެފްއެމްސީގެ ޑީން އަކަށް ކުރިން ހުންނެވި ޝާޠިފް ޢަލީއެވެ. އެކަކު ކުރިމަތި ލުމާ ގުޅިގެން ދެފަހަރަށް އިޢުލާނުކޮށްގެން ވެސް އިތުރު ފަރާތެއް ކުރިމައްޗެއް ނުލައެވެ. ޝާޠިފް ޢަލީ، ބިޒްނަސް ސްކޫލްގެ ޑީން ކަމަށް ކޮންޓްރެކްޓް ކުރީ 27 އޭޕްރިލް 2013 ގައެވެ. ހަތަރު އަހަރު ފުރުމާ ގުޅިގެން އޭނާގެ ޑީން ކަމުގެ މުއްދަތު ހަމަވާނީ، 26 އޭޕްރިލް 2017 އަށެވެ. އެފް.އެމް.ސީ އުވާލާ، ބިޒްނަސް ސްކޫލް ޤާއިމްކުރީ 7 މޭ 2014 ވަނަ ދުވަހު ބޭއްވުނު ޔުނިވަރސިޓީ ކައުންސިލްގެ 136 ވަނަ ޖަލްސާގައެވެ. މިކަން ރަސްމީ ޔައުމިއްޔާ ގައިވަނީ އަންނަނިވި ޢިބާރާތުންނެވެ:
“ޤާނޫން ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫން) ގެ 8 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން “އިދާރީ އަދި ތަޢުލީމީ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ކޮލެޖްއާއި، ފެކަލްޓީއާއި، ސެންޓަރާއި، ސްކޫލާއި، ޑިވިޜަނާއި، އިންސްޓިޓިއުޓް ފަދަ ތަންތަން އުފެއްދުމާއި އުވައިލުމަށް” ޔުނިވަރސިޓީ ކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން، މިއަދު 2014 މޭ 07 ވަނަ ދުވަހުން ފެށިގެން ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިނގަމުންދިޔަ ފެކަލްޓީ އޮފް މެނެޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ) އުވާލުމަށާއި، މިއަދާ ހަމައަށް އެ ފެކަލްޓީން ކުރަމުންދިޔަ މަސައްކަތްތައް މިއަދުން ފެށިގެން ކުރަމުންގެންދާނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އިން ކަމުގައި ހަމަޖެއްސުމަށް ޖަލްސާގެ އިއްތިފާޤުން ނިންމުނެވެ.”
ފެކަލްޓީގައި މިއަށްފަހު ހިނގި ކަމަކީ، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ޕްރޮގްރާމެއް ފެށުމެވެ. މިކަން ކުރަން ވާހަކަ ދައްކާތާ ފަސްވަރަކަށް އަހަރުވެފައި ވެއެވެ. މިފެކަލްޓީއަކީ މާސްޓަރޒް ޕްރޮގްރާމެއް ފެށި އެންމެ ފަހު ފެކަލްޓީއެވެ. ފުރަތަމަ ބެޗް ކިޔަވަން ފެށީ 2016 ވަނަ އަހަރުގެ ފުރަތަމަ ޓާރމު ގައެވެ. އެހާރު، އަމިއްލަ ކޮލެޖްތަކުން މިޕްރޮގްރާމް ފެށިތާ ދެތިން އަހަރެއް ވެއްޖެއެވެ. އެތަންތަނުގެ ޕްރޮގްރާމްތަކަކީ މައިގަނޑު ގޮތެއްގައި އެއް އަހަރު ދުވަހުގެ ޕްރޮގްރާމްތަކެވެ. ކިޔަވަން ދާންޖެހެނީ ހަފުތާ ބަންދުގައެވެ. ނަމަވެސް، ބިޒްނަސް ސްކޫލްގެ ކޯހަކީ ދޮޅު އަހަރު ދުވަހުގެ ކޯހެކެވެ. 2016 އައި އިރު، ކޯޕަރޭޓް ދުނިޔޭގައި އެމް.ބީ.އޭ އަށް އެއް އިރެއްގައި ދިން ޤަދަރު ގެއްލި، އޭގެ ގިރިޓީ ކެނޑިފައި ވެއެވެ. މަދަރުސާ ނިންމާ، އެއް އަހަރުގެ ޑިޕްލޮމާ އަކަށް ފަހު، އެމް.ބީ.އޭ ހެދުމަށް ހަފުތާ ބަންދުގައި ޢުމުރުން ދޮށީ މީހުންނާއި، ސިޔާސީ މީހުން ސްރީ ލަންކާ އަށް ދާން ފަށައިފައި ވެއެވެ. ނަމަވެސް، ޕްރޮގްރާމެއްގެ ފެންވަރު ހިފެހެއްޓޭނީ، އެހެން ފަރާތްތަކުގެ ޕްރޮގްރާމްތަކާ، ފެންވަރުގެ ގޮތުން ތަފާތު ކޮށްގެންނެވެ.
ސްކޫލްއަށް ކުރިމަތި ވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް
އެމް.އެން.ޔޫ ބިޒްނަސް ސްކޫލްއަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަވަނީ ކިޔަވައިދޭ މުދައްރިސުންގެ ފެންވަރުގެ މައްސަލައެވެ. ފަހެ މިކަން ޔުނިވަރިސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރަށް ޢާއްމުވެގެން ވެއެވެ. ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ބިޒްނަސް ސްކޫލްގެ މުވައްޒަފުން ތަމްރީނުކުރުމަށް ދެތިން ހަތަރު މިލިއަން ޑޮލަރު އަށް ވުރެ ގިނަ ފައިސާ ޚަރަދުކުރެވިފައި ވެއެވެ. ނަމަވެސް، މިކަންކަމުން އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ. ކިތަންމެ މުވައްޒަފުންނެއް، ކިޔަވަން ބޭރަށް ފޮނުވުމުން އެނބުރި ސްކޫލްއަށް އައިސްފައެއް ނުވެއެވެ. ޚަރަދުކުރެވުނު ފައިސާއިން ހޯދުނު ތަޢުލީމު، ގިނަ ބަޔަކު ބޭނުންކޮށްފައިވަނީ، އެމީހުން ހިތް އެދޭ ވަޒީފާއަކަށް ދަތުރުކުރުމަށް ޓިކެޓަކަށެވެ. އެންމެ ފުރަތަމަ އެމް.ބީ.އޭއަށް ކިޔަވާދިން މުވައްޒަފު ބޭންކަކަށް (ފަހުން ބޭންކްގެ މެނޭޖަރަށް) ބަދަލުވީއެވެ. ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވާދިން ދެ މުދައްރިސުން ބިޒްނަސް ސްކޫލަކުން ނުފެނެއެވެ. ބައެއް ނާދިރު ދާއިރާތަކުން ތަޢުލީމު ހޯދަން ބޭރަށް ފޮނުވުމުން، ފޮނުވި ޤައުމުގައި އެ ފަރާތްތަކުން ވަޒަންވެރި ވެފައިވެއެވެ. މިއާއެކު ކުރިން ބަޔާން ކުރެވުނު ފަދައިން، އެންމެ ކުރީކޮޅުގައި، ހަރުދަނާ ބިންގަލަކަށް ވާފަދަ، ތަޢުލީމީ މަރުހަލާތަކެއް ކަޑައްތުކޮށްފައިވާ މުވައްޒަފުން ބިޒްނަސް ސްކޫލްގައި މަދެވެ. ތަޖުރިބާގެ ގޮތުން ބަލާއިރު ވެސް، ރަނގަޅު ބިޒްނަސް ސްކޫލްތަކުގައި ކިޔަވައިދޭން އުޅޭފަދަ، ކުންފުނިތައް ހިންގުމުގައި ނުވަތަ ފައިސާ އާ ބެހޭ ކަންކަމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހުން މަދެވެ. މިހެން ދެންނެވި އަސް، ތަނުން ކިޔަވައިދިން ދެތިން ހަތަރު މުވައްޒަފުން، ތަނުގައި ނޫޅެންވެގެން އެކި ތަންތަނަށް ބަދަލުވެ، އެންމެ ފަހުން އަނެއްކާ ސްކޫލްއާ ގުޅިފައި ވެއެވެ. މަސައްކަތަށް ހުނަރުވެރި، ކިޔަވާދިނުމަކީ މަތިވެރި މަސްއޫލިއްޔަތެއް ކަމަށް ދެކިގެން އެކަން ކުރާ، އަދަބާއި އަޚްލާޤުގެ ރީތި ނަމޫނާތަކެއް ބިޒްނަސް ސްކޫލުން ފެނިގެން ނޫނީ ތަން ކުރިއެއް ނާރާނެއެވެ. ބިޒްނަސް ސްކޫލްގެ ޑީންއަށް ޖެއްސުން ކުރާތީ އަދި ތަނުގެ އޮންނަންޖެހޭ ޢިލްމީ މާހައުލު ކިލަނބު ކުރާތީ، އެކެޑެމިކް މުވައްޒަފުން އެހާ މަދުއިރު، ދެތިން މުވައްޒަފުން ވޭތިވެދިޔަ 15 ވަރަކަށް އަހަރު ތަނުން ވަކިކޮށްފައި ވެއެވެ. ނޭންގާނީ ކަންތައްތައް، ދޭދޭ މުވައްޒަފުންގެ މެދުގައި ވެސް ހިނގާފައި ވެއެވެ. މީގެ ތެރެއިން އެންމެ ހަނދާން ހުންނަ ކަމަކީ ލެކްޗަރަރ އިންނަށް އުޅުނު ދެމަފިރިއަކު، “ގޭންގްއަޕް” ވެ މަރުކަޒުގެ އެހެން ލެކްޗަރަރ އިންނާ ޖެހި ހިންގަން އުނދަގޫވުމެވެ. މި ބާވަތުގެ މައްސަލަތަކާ ހެދި، ޔުނިވަރސިޓީއިން ތިމާގެ މީހުންނަށް ވަޒީފާ ދިނުމާ އިދިކޮޅު (އެންޓި-ނެޕޮޓިޒަމް) ސިޔާސަތެއް އެކުލަވާލަން ފެށުނެވެ. ނޭދެވޭ ޙަރަކާތްތައް ކިޔަވައިދޭ މުދައްރިސުންނާއި ދަރިވަރުންނާ ދެމެދު ހިނގާކަމުގެ ރިޕޯޓް ލިބިފައި ވެއެވެ. މިގޮތުން އިޝްޤީ ކަންތައްތަކާއި، މުދައްރިސަކު ވަކި ދަރިވަރަކު ގޮވައިގެން އޭ.ޑީ.ކޭ ކެންޓީނަށް ދިއުމާއި، ދަރިވަރަކާ ދިމާއަށް “ގިވް މީ އަ ކިސް، އެންޑް އައި ވިލް ގިވްޔޫ އެން އެޗްޑީ” އޭ ބުނި މައްސަލައެއް ހަނދާންވެއެވެ. މިބާވަތުގެ ކަންކަމާ ގުޅިގެން ވެސް، “އިޝްޤީ ގުޅުންތަކާ ބެހޭ ސިޔާސަތެއް އެކުލަވާލެވުނެވެ. އަޅުގަނޑު ހިތުން ފިލުވާލަން ދަތި އެއްކަމަކީ، ތަނުގެ އެކެޑެމިކް މުވައްޒަފަކު، ޑީން އާ ދިމާއަށް ”ގޮރުބޯށޭ“ ބުނި މައްސަލައެވެ.
އެކެޑެމިކް މުވައްޒަފުންގެ ޢަމަލުތަކަކީ މޫރިތި ޢަމަލުތަކަކަށް ނުވާ ނަމަ، ތަނުގެ އިދާރީ މުވައްޒަފުންގެ ފަރާތުން މާކަ ކީރިތި ޢަމަލުތަކެއް ނުފެންނާނެކަން ޔަޤީން އެވެ. އަލަށް ވަންނަ ތަފާތު ޠަބީޢަތެއްގެ މުވައްޒަފަކަށް ވެސް ޖެހޭނީ، ތަނުގެ މުވައްޒަފުން އުޅޭގޮތަށް އުޅޭށެވެ. އެމީހުންގެ އުޅުމާ ޒަމީރު ނުރުހުންވާ ނަމަ، ވަކިވާށެވެ. މުވައްޒަފުންގެ ފެންވަރާ އެހެން ހުރިހާ ކަމެއް ވަނީ ގުޅި ލާމެހިފައި ވެއެވެ. ތަނުގެ ޑީން އަކަށް ކޮންމެ މީހަކު ހުއްޓަސް، “އަތޮޅު ވެރިންނަށް ހިއްޕޭނީ ވަލުގައެވެ. ބާރެއް ނުލެއްވޭނެއެވެ.” ތަނެއްގައި ޢިލްމީ، ތަޢުލީމީ މާހައުލެއް ޤާއިމްކުރެވޭނީ، ހުނަރާއި އަޚްލާޤުގެ ގޮތުން ނަމޫނާ މުވައްޒަފުންތަކެއް ތަނުގައި ތިބެގެންނެވެ. މުވައްޒަފުންގެ ކިބައިގައި “އިންސްޓިޓިއުޝަނަލް ކޮމިޓްމަންޓް” އެއް ހުރެގެންނެވެ.
ތާވަލު 6: ދިގުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވި ދަރިވަރުންގެ ޢަދަދު 1999- 2015
|
545 |
އަންހެން |
2010 |
449 |
ޖުމުލަ |
1999 |
|
|
461 |
ފިރިހެން |
477 |
ޖުމުލަ |
2000 |
||
|
915 |
ޖުމުލަ |
459 |
ޖުމުލަ |
2001 |
||
|
326 |
އަންހެން |
2011 |
279 |
ޖުމުލަ |
2002 |
|
|
320 |
ފިރިހެން |
136 |
ޖުމުލަ |
2003 |
||
|
646 |
ޖުމުލަ |
323 |
ޖުމުލަ |
2004 |
||
|
511 |
އަންހެން |
2012 |
508 |
ޖުމުލަ |
2005 |
|
|
519 |
ފިރިހެން |
528 |
ޖުމުލަ |
2006 |
||
|
1030 |
ޖުމުލަ |
341 |
އަންހެން |
2007 |
||
|
534 |
އަންހެން |
2013 |
375 |
ފިރިހެން |
||
|
437 |
ފިރިހެން |
716 |
ޖުމުލަ |
|||
|
971 |
ޖުމުލަ |
458 |
އަންހެން |
2008 |
||
|
571 |
އަންހެން |
2014 |
510 |
ފިރިހެން |
||
|
358 |
ފިރިހެން |
968 |
ޖުމުލަ |
|||
|
929 |
ޖުމުލަ |
339 |
އަންހެން |
2009 |
||
|
554 |
އަންހެން |
2015 |
306 |
ފިރިހެން |
||
|
287 |
ފިރިހެން |
645 |
ޖުމުލަ |
|||
|
841 |
ޖުމުލަ |
ދެވަނަ މައްސަލައެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަ ކުރަނީ، ރާއްޖޭގެ އިންޑަސްޓްރީ އާއި ސްކޫލްއާ ދޭތެރޭ ގުޅުން ކުޑަކަމެވެ. މަޝްހޫރު ބިޒްނަސް ސްކޫލްތައް، އާދައިގެ ތަންތަނާ ތަފާތުކޮށް ހުނިޖެހި ފާހަގަކުރެވޭ އެއް އާދަކާދައަކީ، އެތަންތަނާއި އިންޑަސްޓްރީ އާ އޮންނަ ގުޅުމެވެ. ކިޔަވާދިނުމާއި ދިރާސާ ކުރުމާއި، ދަރިވަރުން ކުންފުނިތަކުގައި ވަގުތީ “އިންޓާނުންގެ” ގޮތުގައި ގެންގުޅުމާއި މައްސަލަތައް ޙައްލުކުރުމާއި ކޭސް ސްޓަޑީތައް ހެދުމުގައެވެ. މިކަންކަން އެދެވޭ ގޮތެއްގައި ކުރުމަށް ހަރު ބަޔަކު ސްކޫލްގައި ތިބެން ޖެހެއެވެ. މިއާއެކު، ކުންފުނިތަކުން ސްކޫލްއަށް ބަދަލުވެފައިވާ ނުވަތަ ވިޔަފާރިތަކާ ގާތް ގުޅުންތަކެއް އޮންނަ މުވައްޒަފުން ސްކޫލްގައި ތިބެން ޖެހެއެވެ. ދެ ފަރާތަށް މަންފާ ކުރާ ގުޅުންތަކެއް ޤާއިމްކުރުމަށް ނިޒާމީ އުޞޫލްތަކެއް ހަމަޖައްސަން ޖެހެއެވެ.
ތިންވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ، ރާއްޖޭގެ ވިޔަފާރީގެ މަސްރަޙް އާއި ކިޔަވާދޭ ތަކެއްޗާ ގުޅުން ކުޑަކަމެވެ. މިކަމަކީ، ބައެއް ދާއިރާތަކުން ބޭރުގެ އިމްތިޙާނުތައް ހަދާތީ ދިމާވާ މައްސަލައަކަށް ވެދާނެއެވެ. އަދި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ޢަމަލީ ތަޖުރިބާ މަދުކަމުން ކަމަށް ވެސް ވެދާނެއެވެ. ކިޔަވާދިނުމުގައި ބޭނުން ކުރާ ކޭސް ސްޓަޑީތަކާއި ނަޒަރިއްޔާތު ތަކާއި އުޞޫލުތައް ރާއްޖޭގެ މާހައުލާ ގުޅެން ޖެހޭނެއެވެ. އަޅުގަނޑުމެން ވިސްނަންވީ ބިޒްނަސް ސްކޫލް ނިންމާ ދަރިވަރަކަށް ރާއްޖޭގެ ޙާލަތުގައި، ކާމިޔާބު ވިޔަފާރިއެއް ހިންގުމުގެ މައިގަނޑު ހުރިހާ ހުނަރުތަކެއް ލިއްބައިދެވޭތޯއެވެ. ބިޒްނަސް ސްކޫލް، ރާއްޖޭގެ މާހައުލަށް ”ރެލެވަންޓް“ ވާނީ ނުވަތަ ބޭނުންތެރިވާނީ އެތަނުން ހިންގާ ޕްރޮގްރާމްތައް އާދައިގެ މީހެއްގެ ވިޔަފާރި ކުރިއަރުވަން އެހީތެރިވެދޭ މިންވަރެއްގެ މައްޗަށެވެ. ރާއްޖޭގެ ބިޒްނަސް މާހައުލު އާއި މުވައްޒަފުންނާއި ފައިސާގެ މައްސަލަތައް ދެނެގަތުމަށް އެ ދަނޑުގައި ކުޅެފައިވާ ތަޖުރިބާހުރި ކުޅުންތެރިން ބޭނުންވާނެ އެވެ.
ހަތަރު ވަނަ ކަމަކަށް އަޅުގަނޑު ފާހަގަ ކުރާނީ ބިޒްނަސް ސްކޫލް އަކީ ހިންގުމުގެ ދާއިރާ އާ ބެހޭ ތަނަކަށް ވާއިރު، އެތަން ހިންގުމުގެ ހަމަތަކާ ތަޢާރުޟުވާ ކަމެވެ. ކޮލިޓީ މެނެޖްމަންޓް ގެ ނަމޫނާ ތަނަކަށް ނުވާކަމެވެ. ދެކުނު އޭޝިޔާ އާއި އެއަށް ވުރެ ދުރުގައި، ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރާ ތަންތަން އެބަހުއްޓެވެ. މިއިން ތަނެއްގައި އެކްރެޑިޓް ވުމާއެކު، ކޮލިޓީ މެނެޖްމަންޓް ސިސްޓަމެއްގެ، މިސާލަކަށް، ISO 9001:2015 ގެ، އެކްރެޑިޓޭޝަން ހޯދުމުން، ތަނުގެ މުވައްޒަފުންނަށް ކޮލިޓީ މެނެޖްމަންޓް އަކީ ކޮބައިކަމާއި، އެހަމަތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހިތްވަރަކަށް ވާނެއެވެ. ޝައްކެތް ނެތެވެ. އަޅުގަނޑުމެންނަށް ކުރެވޭ ތަޖުރިބާތައް، މީހުން ކިޔައިދޭ ނުވަތަ ކިޔަވައިދޭ ކަންތައްތަކަށް ވުރެ، މާނަ ފުން ވެފައި، ހަނދާނުގައި ހަރުލައެވެ. ކޮލިޓީ މެނެޖްމަންޓް އުޞޫލުން ތަން ހިންގުމަކީ، އެކަމުގައި ބައިވެރިވާ ހުރިހާ އެންމެން އެއްބާރުލައި، ކަންކަން ރޭވުމަށް ފަހު، އެކަން ކޮށް، ކުރެވުނު ކަން އަލުން ޗެކްކޮށް ކުރިއަށް ވުރެ ރަނގަޅަށް ކަންކަން ކުރުމަށް ޙަރަކާތްތެރި ވުމެވެ. މިފަދަ ނިޒާމެއްގެ ދަށުން ތަން ހިނގާނަމަ، އެތެރެއާއި ބޭރުގެ ކަސްޓަމަރުންނަށް ފާހަގަ ކުރެވޭނީ ތަނުން ދޭ ޚިދްމަތްތަކަކީ ފެންވަރު ރަނގަޅުކަން ޔަޤީން ކުރެވިފައިވާ ޚިދްމަތްތަކެއް ކަމަށެވެ. މިފަދަ މެނެޖްމަންޓް އުޞޫލެއް ވާނީ، ދެމެހެއްޓެނިވި ކާމިޔާބާއި ފެހި ފެންވަރަކަށް ވާޞިލްވެވޭނޭ މަގަކަށެވެ. ޝައްކެއްނެތެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ވާންވާނީ ރާއްޖޭގައި އެންމެ ޤަދަރުހުރި، އެންމެ މަޤްބޫލް ބިޒްނަސް ސްކޫލްއަށެވެ. ދުރު މުސްތަޤްބަލް އަށް ނަޒަރު ހިންގާއިރު، މިކަން ޙާޞިލް ކުރެވޭނީ ތަނުގެ ޚިދުމަތްތަކުގެ މެނެޖްމަންޓްއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.
ބިޒްނަސް ސްކޫލްއަށް ފާގަތި ފެހި ދުވަސްތަކެއް ގެނައުމަށް ފަސް ވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ ޕްރޮގްރާމްތައް މިހާރަށް ވުރެ ޤައުމަށް ބޭނުންތެރި ކުރުމަށްޓަކައި، ރާއްޖޭގެ ބިޒްނަސް މައްސަލަތަކާއި ޙައްލުތައް ދެނެގަތުމަށް ރިސާރޗް ނުވަތަ ޢިލްމީ ދިރާސާ ކުރުން ގިނަ ކުރުމެވެ. މިފަދަ ދިރާސާތަކެއް ނުކުރެވޭ ނަމަ، ފިލާވަޅުތަކުގެ ތެރޭގައި ދެއްކޭނީ މުޅިންވެސް ބިދޭސީ މާހައުލެއްގެ ވާހަކަތަކެވެ. ޓެކްސްޓް ފޮތްތަކުގައިވާ ވާހަކަތަކެވެ. މިވާހަކަތަކުގެ ރެލެވަންސް ނުވަތަ ގުޅުން ދިވެހި މާހައުލާ އެކުނުލަވާނެ އެވެ. އަޅުގަނޑު ދެންނެވި ފަދަ ދިރާސާތަކެއް ކުރެވޭ ނަމަ، ފިލާވަޅުތަކުގައި ބޭނުންކުރާ ކޭސް ސްޓަޑީތަކުގައި ދިވެހި މިސާލުތައް ބޭނުން ކުރެވޭނެއެވެ. ޕްރޮގްރާމްތަކުގެ ކަރިކިޔުލަމް ދިވެހި މާހައުލާ ބޮޑަށް ގުޅުވޭނެއެވެ. މިގޮތުން ކުރެވޭ ދިރާސާތައް، ”އޮކޭޝަނަލް ޕޭޕަރ“ އެއްގެ ގޮތުގައި ނުވަތަ އަހަރު ދެފަހަރު ނުކުންނަ ނިއުސްލެޓަރ އެއްގެ ގޮތުގައި، އިންޑަސްޓްރީ އަށާއި އެހެން މުހިއްމު ފަރާތްތަކަށް ބެހިދާނެއެވެ. ނަތީޖާއެއްގެ ގޮތުން އިންޑަސްޓްރީ އާ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ގެ ފައިދާ ޤައުމަށް ބޮޑަށް ކުރާނެއެވެ. ޝައްކެއް ނެތެވެ. މިކަން ވެސް ބިނާވެގެންވަނީ، ސްކޫލްގެ އެކެޑެމިކް މުވައްޒަފުންގެ ފެންވަރާއި ކޮމިޓްމަންޓް (ކަން ކުރަން މުވައްޒަފުން ވަގުތާއި ހަކަތަ ހޭދަކުރާހިތްވާ މިންވަރު) ގެ މައްޗަށެވެ. އެކެޑެމިކް ފެންވަރުގެ އިނގިރޭސި ބަހުން، މިފަދަ ލިޔުންތައް ލިޔަން ދަތިނަމަ، ދިވެހި ބަސް ވެސް ބޭނުން ކުރެވިދާނެ އެވެ. ބޮޑުތި ވިޔަފާރިތައް ބީރައްޓެހިނުކޮށް، ސްކޫލްގެ ފޯކަސް ހުންނަންވީ، މެދު އަދި ކުދި ވިޔަފާރި ތަކަށެވެ. މި ފަރާތްތަކަށް ދިވެހި ބަހުގެ ލިޔުންތައް މުހިއްމުވާނޭ ކަމަށް ފެނެއެވެ. މިދަންނަވާލެވުނީ ފާހަގަ ކުރެވޭ މައްސަލަތަކުގެ ތެރެއިން އެންމެ ފަސްކަމެވެ. މިއަށްވުރެ ގިނަ އެތައް ކަމެއް ދަރިވަރުންނާއި މުވައްޒަފުންނާއި ބޭރު ފަރާތްތަކަށް، ފާހަގަ ކުރެވިފައިވާނެ އެވެ. ނަމަވެސް، މި ފަސްކަންތަކަކީ، މަސްއަލަތަކުގެ މައިގަނޑު އާއްމު ބަހާތައް ކަމުގައިވާނެ އެވެ.
ތަޢުލީމީ މުއައްސަސާތައް ޤާއިމްކޮށް އެތަންތަނަށް ދިރުން ގެނެވެނީ އެއް އަހަރަކުން ދެއަހަރަކުން ނޫނެވެ. އިންސްޓިޓިއުޝަން ބިލްޑިންގ އަކީ އެކަމަށް ގިނަދުވަސް ނަގާ ކަމެކެވެ. ވަސީލަތްތަކާއި މުވައްޒަފުންގެ ޖަޒުބާތާއި ދައު އޮހޮރުވުން ބޭނުންވާ ކަމެކެވެ. ނަތީޖާ ނެރުމަށްޓަކައި ތަނުގެ ހުރިހާ މުވައްޒަފުން އެއް މަޤްޞަދެއް ހާޞިލުކުރުމަށް، އެއް ދިމާއަކަށް ދަތުރުކުރުމަށް އެއް ސަފަކަށް ވަންނަން ޖެހޭނެއެވެ. ތަނުގައި އޮންނަންޖެހޭ މަތިވެރި ޘަޤާފަތް ދެމެހެއްޓުމަށް ހަމަ ކޮންމެ މުވައްޒަފަކު، ހަމަ ކޮންމެ އިރަކު ހިއްމަތް ކުރަންވާނެއެވެ. އަމާޒަކަށް ވާންޖެހޭނީ ކައިޒެން އެވެ. ”ކޮންޓިނުއަސް އިމްޕްރޫވްމަންޓް“ އެވެ. ކޮންމެ މީހަކު ކުރާ ކޮންމެ ކަމެއް، ދެވަނަ ފަހަރަށް ކުރާ ނަމަ، ކުރިއަށް ވުރެ ރަނގަޅަށް ކުރުމެވެ. ކަންކަން ކުރުމުގައި ދުރު މުސްތަޤްބަލްގައި ވާނޭ ގޮތަށް ސަމާލުކަން ދިނުމެވެ. ވަގުތީގޮތުން ނުކުންނަ ނަތީޖާއަށް ވުރެ އާޚިރީ އަސަރުތަކަށް އިސްކަން ދިނުމެވެ.
ޑީނުންނަކީ، ޔުނިވަރސިޓީގެ ޕޮލިސީތައް ހިންގުމުގައި ވައިސް ޗާންސެލަރ އަށް ޒިންމާވާން ޖެހޭ ފަރާތެކެވެ. ޔުނިވަރސިޓީ ޤާއިމްކުރުމުގައި އަޅުގަނޑު އުޅުނު 17 އަހަރު ދުވަހުގެ ތެރޭގައި، ޑީނުންނާ މެދު އޮންނަ ގުޅުން ބޭއްވީ ދެ ތަރަހައެއްގެ މައްޗަށެވެ. އެއީ، ތަން ތަރައްޤީ ކުރުމުގައި، ހުދު ކަރުދާހުގައި ކަޅު ދެލިން ހުންނަ ސިޔާސަތުތަކުގެ އިމުގެ ތެރޭގައި ޑީނުންނަށް ފުރިހަމަ އޮތޯރިޓީ ދިނުމެވެ. އޮތޯރިޓީ އޭ މިދެންނެވީ، އަމުރުތައް ކުރުމާއި، ކަންކަން ނިންމުމާއި، ދަށު މުވައްޒަފުން ޠާއަތު ހިއްޕުމުގައި ޑީނުން ބާރުވެރި ކުރުވުމަށެވެ. ޑީނުންގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފަކަށް، އޭނާ މެދުވެރިނުކޮށް އެއްވެސް މަސްއޫލިއްޔަތެއް ސީދާ އަޅުގަނޑު ޙަވާލުކޮށްފައެއް ނުވާނެއެވެ. އަޅުގަނޑު ދެކޭގޮތުގައި، މުވައްޒަފުން ކަންކަން ކުރަން ޝައުޤުވެރިވާނީ މި އޮތޯރިޓީ އެމީހުންނަށް ލިބިގެންނެވެ. އެ މަސައްކަތުގައި އުޅުނު 17 އަހަރު ދުވަހުގެ ތެރޭގައި، މަރުކަޒުގެ އެއްވެސް ކަމެއް އަޅުގަނޑު މައިކްރޯމެނޭޖް ކޮށްފައެއް ނުވާނެއެވެ. ދެވަނަ ތަރަހައެއްކަމަށް އަޅުގަނޑު ބެލީ، އެމީހުންގެ މަސައްކަތުގައި އެހީތެރިވުމެވެ. ގިނަ ފަހަރު މިކަން ކޮށްދީފައި ވާނީ، އެފަރާތްތަކުގެ އެދުމުގެ މަތިންނެވެ. މިގޮތުން ގަވާއިދު ހުއްދަދޭ ހުރިހާ ކަމެއް ކޮށްދިނުމުގައި އާއި އެދެވޭ ނަތީޖާ ނުކުންނަންދެން އެއް ކަމެއް ފަށްފަށްކޮށް ކުރުމުގައި ތަކުރާރުކޮށް އެހީތެރިވެދީފައި ވާނެއެވެ. އަދި ލަފައެއް އަހައިފިނަމަ، އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތް ކިޔާދީފައި ވާނީ، މަޤާމުގެ ހައިސިއްޔަތަށް ވުރެ، ކަމުގެ ދެކޮޅު ދައްކާ ސަބަބުތަކުގެ މައްޗަށް ބުރަ ވެއެވެ. މިހެން ކަންކަން އޮތް ކަމުގައި ވިޔަސް، މި މަރުކަޒުގެ މަދު ބައެއް މުވައްޒަފުން ހިމެނޭނީ، ޒާތީގޮތަކަށް އަޅުގަނޑަށް ފުރައްސާރަ ކުރި ބައެއްގެ ގޮތުގައެވެ. މިކަމުގައި ފަހަކަށް އައިސް އިސްކޮށް އުޅުނު ދެ ފަރާތުން ކުރެ ފުރަތަމައީ އިދާރީ މުވައްޒަފަކަށް ވަން މީހެކެވެ. އަޅުގަނޑާ ދޭތެރޭ އޭނާ ގެ މައްސަލައަކީ، އޭނާއަށް ސްކޮލަރޝިޕް އެއް ލިބުން ދަތިވިކަމެވެ. މީނާގެ އަތުގައި އޮންނަނީ ހިސްޓްރީ އިން “ސީ” ޕާސް އަކާއި ތަނުން ހިންގި “ޔުނިވަރސިޓީ އެންޓްރަންސް ޑިޕްލޮމާ” އެކެވެ. ސްކޮލަރޝިޕް ބޯޑުގެ ގަވާޢިދުތަކުގެ ތެރެއިން، މިކަމެއް ވާކަން ނެތެވެ. މި ބޯޑަކީ ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށުން ހިނގާ، މުޅި ދައުލަތުގެ ހުރިހާ ސްކޮލަރޝިޕްތަކަކަށް މީހުން ހޮވާ ބޯޑެވެ. ދެން އޭނާގެ ތިމާގެ މީހެއް ކަމަށްވާ ޢަބްދުﷲ ޒަމީރު ލައްވާ މިނިސްޓަރަށް ދިގު ސިޓީއެއް ލިޔެގެން، ސްކޮލަރޝިޕް ބޯޑަށް މައްސަލަ ނުގެންގޮސް ދެވޭގޮތަށް ހަމަޖެއްސި އެވެ. މިފަދަ މައްސަލަތަކުގައި ދެކޮޅަށް ދެމި ވާންވާ ދެ ޚިޔާލަކީ، މަރުކަޒަށް އެންމެ ރަނގަޅީ ތަނުގައި އުޅޭ މީހެއްތޯ ނުވަތަ ތަޢުލީމާއި ހުނަރުގެ ގޮތުން (ޕޮޓެންޝަލްގެ ގޮތުން) އެންމެ މޮޅު މީހާތޯ ކުރެވޭ ދެ ޚިޔާލެވެ. ބެޗްލަރ ޑިގްރީ ލިބުމުން އެހެން އޮފީހަކަށް އޭނާ ބަދަލުވާން ހުއްދަ ދިނުމަށް އެދުމުން، މަރުކަޒުން އެކަމަށް އިންކާރު ކުރުމުން އަޅުގަނޑެއް އޭނާއަކަށް އެފަދަ ހުއްދައެއް ނުދެމެވެ. ޑީނަށް ފެންނަ ގޮތާ އިދިކޮޅަށް، މަރުކަޒާ ބެހޭ ނިންމުމެއް އެއްވެސް ފަހަރެއްގައި ނިންމި ހަނދާނެއް އަޅުގަނޑެއް ނުވެއެވެ. އެހެން މުވައްޒަފުން ތަނުން ބަދަލުވީ ޔުނިވަރސިޓީގެ ހުއްދަ އޮވެގެންނެއް ނޫނެވެ. ތުކި، ބައެއް މީހުންނަށް ހީވެފައި އޮންނާނީ، އެފް.އެމް.ސީ ގެ ދުވަސްވަރު، އެތަނުން ބަދަލުވި އާއިޝަތު ޝާހީން ބަދަލުވީ މަރުކަޒުގެ އެދުމާ ދެކޮޅަށް ކަމަށެވެ. މިކަން ހިނގި ގޮތަކީ، އޭނާ ބަދަލުކުރަން ރައީސް އޮފީހުގެ ވަޒީފާތަކާ ބެހޭ މުޙައްމަދު ޢާޞިމު އެދިވަޑައިގަތުމުން، އަޅުގަނޑު އެ ކަން ދެންނެވީ މަރުކަޒު ހިންގުމަށް އެދުވަސްވަރު ހުރި ވެރިޔާ އަށެވެ. އޭނާގެ ޚިޔާލަކީ، ހުއްދަ ނުދީފި ނަމަ، އެމީހުން އޭނާ ހަމަ ގެއްދަވާނީ އެވެ. ކުރެވޭނޭ ކަމެއް ނޯންނާނޭ ކަމަށެވެ. ހުއްދަ ދީފިނަމަ، އަޑުފަތުރާނީ ބޭނުންނެތިގެން ދޫކޮށްލީ ކަމަށެވެ. އޭނާއާ ނުލާ މަރުކަޒު ހިންގިދާނެތޯ އަޅުގަނޑު ސުވާލުކުރީމާ ޖަވާބުގައި ބުނީ ހިންގޭނޭ ކަމަށެވެ.
ކުރިން ބަޔާން ކުރެވުނު ޙަރަކާތްތަކުގެ އަނެކާއަކީ، އެކެޑެމިކް މުވައްޒަފަކަށް އުޅެފައި، ނާންނަން ފެށި މުވައްޒަފެކެވެ. ސަރުކާރުގެ ގަވާއިދުގައިވާ ގޮތުން، މުވައްޒަފަކަށް ޗުއްޓީ އަށް ލިޔުމުން، ޗުއްޓީ ދެވޭ ޗިޓް އޭނާގެ އަތުގައި ނުވާނަމަ، އޭނާއަށް ޗުއްޓީ ނުދެވެއެވެ. ނަމަވެސް، ކުރު ޗުއްޓީއެއް ނެގުމަށްފަހު، މީނާ އޮފީހަށް ނައިސް، އެތައް އަހަރެއް ކޮށް އަލުން އިޢުލާނުކޮށްގެން ނޫނީ ނުވަދެވުމުން، އެކަމާ ރުޅިއައިސް ގެން އުޅެތެވެ. މި ދެ މީހުން، ވައިބަރު ގުރޫޕަކަށް ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުންނާއި ބޭރު ފަރާތްތައް ވައްދައި، މަލާމާތާއި ފުރައްސާރަ ކުރުމުގައި އަޅުގަނޑު އިސްތިޢުފާ ދެންދެން އެކަމުގައި ޤަރާރުވެ ތިއްބެވެ. ފަންސަވީހަކަށް ފަހަރަށް ވުރެ ގިނަ ފަހަރު އަޅުގަނޑު ގުރޫޕުން ނިކުތުމުން އަލުން އެ ގުރޫޕަށް ވެއްދިއެވެ.
މިފަދަ މައްސަލަ ތަކުގައި އަޅުގަނޑު ގެންގުޅުނު ހަމައަކީ، ނޭންގާނީ ކަންތައްތަކާ މެދު އަޅާނުލައި، އަޅުގަނޑުގެ މަސްއޫލިއްޔަތާއިގެން ސާބިތުކަމާއެކު ކުރިއަށް ހިނގުމެވެ. ޔުނިވަރސިޓީގައި ކޮންމެވެސް ވަރަކަށް ޑިސެންޓް ނުވަތަ އިޚްތިލާފުތައް، ޓޮލަރޭޓް ނުވަތަ ތަޙައްމަލު ކުރުމެވެ. އަޅުގަނޑުގެ ފަހުން ވެރިޔަކަށް ހުރި މީހާއާ މެދު މިމުވައްޒަފުން މިފަދަ ގޮތްގޮތަށް އުޅެން ފެށުމުން، ވަކިވަކި ފަރުދުންނަށް އިންޒާރުދީގެން އެކަން ހުއްޓުވިއެވެ.
ސްކޫލްއެއް ތަރައްޤީކޮށް، ޙުރުމަތްތެރި ތަނަކަށް ހެދުމުގައި، އެތަނުގެ ޑީންގެ ރޯލަކީ އެންމެ މުހިއްމު ރޯލެވެ. މުވައްޒަފުން، ޑީން އަށް ފުރިހަމަ އިތުބާރު އޮންނަންވާނެއެވެ. މުވައްޒަފެއްގެ ހިތުގައި ކަމެއް ކުރުމުގެ ނަތީޖާ އާ ދޭތެރޭ ޝައްކު އުފެދުނަސް، ވެރިޔަކަށް ހުރި ފަރާތަކަށް “ބެނިފިޓް އޮފް ޑައުޓް” އޮންނަން ވާނެއެވެ. ޔަޤީންކަމެއްނެތް ޙާލަތްތަކުގައި މަސައްކަތް ކުރާއިރުވެސް، ޑީން އަށް އޮންނަ އިތުބާރު ކުޑަވެގެން ނުވާނެއެވެ. މުވައްޒަފުން އެކަކު އަނެކަކަށް އެހީތެރިވުމުގައި، ކުރާކަންތައްތައް ކައިޒެންގެ އުޞޫލަށް ފެއްތުމަށް، ދަނޑިއަށް ވުރެ އުނދުޅި ދިގުކުރަންވާނެއެވެ. ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ހުރިހާ މުވައްޒަފުން، އެންގުމެއް ނެތި އިސްނަގަން ޖެހޭނެ އެވެ. އަމާޒަކަށް ވާންޖެހޭނީ ބިޒްނަސް ސްކޫލްގެ މަޤްޞަދެވެ. މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށް ވަކިވަކި ފަރުދުންގެ އެހެން އެތައް ކަމެއް، އަޅުވެތިކުރަން ޖެހެއެވެ.
މަޝްހޫރު އެއްވެސް ބިޒްނަސް ސްކޫލްއެއް، ޤަދަރުވެރި ތަންތަނަށްވީ، ލެޓިން ބަހުން އެ ބުނާ “ކުއިޑް ޕްރޯ ކުއޯ” އުޞޫލަށް މުވައްޒަފުން ކަންތައްތައް ކޮށްގެންނެއް ނޫނެވެ. ދެވޭ މުސާރައާ އެއްވަރަށް މަސައްކަތް ކޮށްގެންނެއް ނޫނެވެ. މިތަންތަން މަޝްހޫރުވީ، އެތަންތަނުގެ މުވައްޒަފުން، ދޭ މުސާރައާ ނުބައްދަލު ޢަމަލުތަކެއް ކޮށްގެންނެވެ. އެ ސްކޫލްއާ ދޭތެރޭ ހިތުގެ ގުޅުންތަކެއް އޮވެގެންނެވެ. ސްކޫލް އާ މެދު ފަޚުރުވެރިވާ ލޯބީގެ ގުޅުމެއް އޮވެގެންނެވެ. އެކި ފަރާތް ފަރާތުން ސްކޫލްއަށް އަންނަ އެކި ބާވަތުގެ ހަމަލާތައް ދިފާޢުކުރުމުގައި، ޖަޒުބާތާއެކު އައްޑަނަ އުފުލާލައި މުޤާބަލާ ކޮށްގެންނެވެ.
އަޅުގަނޑަށް ޔަޤީން އެވެ. ބިޒްނަސް ސްކޫލްގެ ވޭތިވެދިޔަ 25 އަހަރަށް ނަޒަރު ހިންގާލާއިރު، ހުރިހާ ގޮތަކުން ތަން ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ. އުއްމީދާއި އިތުބާރާ އެކު، މަތިވެރި ކާމިޔާބުތަކެއް މުސްތަޤްބަލްގައި ހޯދޭނޭ ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތެވެ. އެމް.އެން.ޔޫ ގެ ބިޒްނަސް ސްކޫލްއަށް އަޅުގަނޑު އެދެނީ ރޯޝަނީ މުސްތަޤްބަލެކެވެ. ފެހިކަމާއި ފަހިކަމެވެ.
