އިނގިރޭސި ޅެންވަރިކަމަށް ތަޢާރުފެއް

އިނގިރޭސި ޅެންވެރިކަމަށް ތަޢާރުފެއް

 

މިއީ އިނގިރޭސި ބަހުގެ ”ޕޮއެޓްރީ“ ނުވަތަ ޅެންވެރިކަމާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނެކެވެ.  މި މަޒުމޫނުގައި ބަލައިލެވިފައިވާނީ ޕޮއެޓްރީގެ ތަފާތު ބާވަތްތަކާއި އޭގެ ސިފަތަކަށެވެ. އަދި ޕޮއެޓްރީ އުފެއްދުމަށް ބޭނުންކުރާ އުކުޅުތަކަށެވެ. މި ލިއުމުގެ މަޤްޞަދަކީ އިނގިރޭސި ޅެންވެރިކަމުގެ ބައެއް އުކުޅުތަކާއި އުޞޫލްތައް ދިވެހި އަދަބަށް ޝައުޤުވެރިވާ ބޭފުޅުންނަށް ތަޢާރުފު ކުރުމެވެ. އިނގިރޭސި ބަހުގެ ޅެންވެރިކަމުން ދިވެހިބަހުގެ ޅެންވެރިކަން މުއްސަނދި ކުރެވޭނޭ ގޮތްތަކާ މެދު ކިޔުންތެރިން ވިސްނަވާ ވަޑައިގަތުމަށް ދަޢުވަތު އެރުވުމެވެ.

އިނގިރޭސި ޅެންވެރިކަމާ ބެހޭ މަޒުމޫނަކީ ދާދި މަދުންނޫނީ ދިވެހި ބަހުން ލިއެފައި ހުންނަތަން ފެންނަ ތަކެއްޗެއް ނޫނެވެ.  ގިނަ ދިވެހި ޅެންވެރިންނަށް، އިނގިރޭސި އަދަބުގެ ތެރެ އަށް ވެދެވަޑައިގަންނަވާނޭ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަދުންނެވެ.  އެހެންކަމުން ސާދާ ޢިބާރާތުން ލިޔެފައިވާ މި މަޒުމޫނުން ކިޔުންތެރިންގެ ވިސްނުމާއި މަޢުލޫމާތު އިތުރުވާނޭ ކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ. މި މަޒުމޫނުވަނީކުރިން ”ދަރުމަ“ މަޖައްލާގައި ޝާއިޢުކޮށްފައެވެ. ވެބްސައިޓުގައި ހިމެނީ ޕީޑީއެފް ގެ ގޮތުގައެވެ. ނަމަވެސް ވެބްސައިޓް ބަލާ %90 މީހުން ބަލަނީ ފޯނު ބޭނުންކޮށްގެންނެވެ. އެހެންކަމުން، ކުރިން ލިޔެފައިވާ ލިޔުން އިސްލާޙުކުރުމަށްފަހު، މިފަހަރު މިހިމެނީ، ފޯނަށް ފަސޭހަ ގޮތަށެވެ.

ތަޢާރުފު

އިނގިރޭސި ބަހުގައި، ޅެމަކީ ތަޖުރިބާއެއް ނުވަތަ އިޙްސާސެއް ނުވަތަ ޝުޢޫރެއް އެހެން މީހަކަށް އަންގާދިނުމަށްޓަކައި، ވަޒަނަކަށް އަތުރާ ލަފުޒުތަކަކުން އެކުލަވާލާ ލިޔުމެކެވެ. ނުވަތަ ކިޔާ ކިޔުމެކެވެ. ޅެންވެރިކަމުގެ އެންމެ މުހިއްމު މަޤްޞަދަކީ މަޢުލޫމާތު ދިނުމެއް ނޫނެވެ. ޝުޢޫރުތައް ހާމަ ކުރުމެވެ.  ޝާއިރުން މި ކަން ކުރަނީ އެހެން މީހުން ބޭނުން ނުކުރާ ބަހުގެ އުކުޅުތަކެއް ބޭނުން ކޮށްގެންނެވެ. ޅެންވެރިކަމަށް އިނގިރޭސި ބަހުން ކިޔަނީ ޕޮއެޓްރީއެވެ. އިނގިރޭސި ބަހުގައި ”ޕޮއެޓްރީ“ މި ލަފުޒުގެ އަޞްލު ފެށެނީ ލެޓިން ބަހުން އުފެއްދުމަށް ކިޔާ ލަފުޒުންނެވެ.  ޝުޢޫރުގެ މުހިއްމުކަމުން، އިނގިރޭސި ބަހުގައި ފަށުވި މަޒުމޫނު ފަދަ (މަޒުމޫނު ލިޔާ ޢިބާރާތުން ނުވަތަ) ނަޘްރު ލިޔުމަކަށް ޕޮއެޓްރީ އޭ ކިޔާފާނެއެވެ. މީގެ އެއް މިސާލަކީ ވަޒަނެއް ނެތް އާޅެމެވެ. އެބާވަތުގެ ޅެންތަކުގައި، ޅެމުގެ ޠަބީޢީ ސިފަތައްކަމަށް ބުނާ ހަމައެއް ނަމައެއް ނުހުރެއެވެ. ނަމަވެސް، ކިޔާލުމުން އުފައްދާ ޝުޢޫރުގެ ފުންކަމުން ޅެމެއްކަމަށް ބުނަނީ އެވެ.

އިނގިރޭސި މަޝްހޫރު ޝާއިރެއް ކަމަށްވާ ވިލިއަމް ވާރޑްސްވާރތުގެ ކައިރީގައި ޕޮއެޓްރީއަކީ ކޮބައިތޯ ސުވާލު ކުރުމުން ބުނެފައިވަނީ: ”ވަޒަނެއް ހިފަހައްޓައިގެން އީޖާދީ ގޮތަކަށް ފުން ޝުޢޫރެއް ފާޅުކުރުމެވެ “. އެމެރިކާގެ އެންމެ މަޝްހޫރު އެއް ބަސްފޮތް ކަމުގައިވާ ”ވެބްސްޓަރ“ ގައި ޕޮއެޓްރީގެ މާނައެއް ކަމަށް ބުނެފައި އޮންނަނީ ”ބައެއް ފަހަރު ޤާފިޔާ ހަމަކޮށް، ވަޒަނަކަށް ބަސް އަތުރައިގެން ކުރުކޮށް، އީޖާދީ އުޞޫލަކުން ބާރުގަދަ ގޮތަކަށް ޙަޤީޤަތާއި ޚިޔާލާއި ޝުޢޫރު ފާޅު ކުރުމެވެ“. ދިވެހި ބަސްފޮތުގައި ޅެމުގެ މާނައެއް ކަމަށް އޮންނަނީ ހިތުގައި އުފެދޭ ޝުޢޫރެއް ނުވަތަ ހިތަށް ވައްދާ ޝުޢޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނެހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތައް ކަމަށެވެ. އިނގިރޭސި އަދަބުގައި ފުން އަސަރުތަކެއް ކުރުމަކީ ޅެމުގެ އެންމެ މުހިންމު ސިފައެކެވެ. މިސަބަބާ ހެދި، އިނގިރޭސި ބަހުން ”ޅެން“ މަޖާޒެއްގެ ގޮތުގައި ފުން އަސަރު ކުރުވާ ރީތި ކޮންމެ އެއްޗަކަށްވެސް ކިޔާފާނެއެވެ. މިސާލަކަށް ހިރިއެއްގައި ކަނޑާނަގާފައި ހުރި ކުރެހުމަކަށް ”ގަލުގައިވާ ޅެމެކޭ“ ބުނެފާނެ އެވެ.

”ޅެން“ މި ލަފުޒުގެ މާނައިން، އޭގައި ހުންނަން ޖެހޭ ސިފަތައް ކަނޑައަޅައެވެ. ވަޒަން ހިފެހެއްޓުމެވެ. އީޖާދީ ގޮތަކަށް ބުނުމެވެ. ޤާފިޔާ ނުވަތަ ކާފިޔާ ހަމަކުރުމެވެ. ކުރު ގޮތަކަށް ޚިޔާލު ފާޅުކުރުމެވެ. ނަމަވެސް ޅެމުގެ އެންމެ އަސާސީ ސިފައަކީ އޭގެ އަޑު އިވުމުން ފުން އަސަރެއް ކުރުވުމެވެ. އެހެން ހުރިހައި ސިފައެއް ހަމަވިއަސް އަޑު އިވުމުން ގިނަބަޔަކަށް އަސަރެއް ނުކުރާ ”ޅެމަކީ“  ޙަޤީޤީ ޅެމަކަށް ނުވާނެ އެވެ.

ދިވެހި ބަހުގައިވެސް ޅެމުން އިޝާރާތް ކުރަނީ ވަކި ދިގުމިނަކަށް ވަކި ފާޑަކަށް އަތުރާފައި ހުންނަ ލިޔުން ގަނޑަކަށް ނޫނެވެ. އެއް ފޮޅުވަތް ކަނާތު ހަވާސާއިން ފަށާފައި، އަނެއް ފޮޅުވަތް އާފެށުމަކުން ފަށައިގެން ލިޔާ ލިޔުމަކީ ކޮންމެހެން ޅެމަކަށް ވާކަށް ނުޖެހެ އެވެ. ސިންގާއެއްގެ ކެހެރި ހަންގަނޑު، ހިމާރެއް ލުމުން، ހިމާރު ސިންގާއަކަށް ނުވާނެ އެވެ. ބަނޑުވައް އަކުރުތައް އެއްވަރު ވުމުން ”ޅެމެއް“ ޅެމަކަށް ނުވެ އެވެ. މި ގޮތަށް ލިޔެފައިވާ ލިޔުމަކުން، މަޒުމޫނަކުން ކުރާ އަސަރަށް ވުރެ، ތިމާ އަށް ކުރާ އަސަރު ކުޑަވެދާނެ އެވެ.  އެހެންކަމުން ޅެމަކީ އެ ލިޔެފައި އޮންނަ ސިފައިން ފާހަގަވާ އެއްޗެކޭ ބުނެވޭކަށް ނެތެވެ. ވަޒަންބަހުރުވައިގެ އެހެން ބާވަތްތައް ފަދައިން، ޅެމުގެ އެންމެ ޚާއްޞަ ސިފައަކީ އިންސާނާއަށް  ޅެމުން ކުރުވާ އަސަރެވެ. ދެން އޭގެ ވަޒަނެވެ. އެހެނީ ވަޒަން ނެތް ނަމަ ޅެންވެރިކަން ވަޒަން ބަހުރުވައިގެ ބާވަތަކަށް ނުވާނެ އެވެ. ވަޒަންބަހުރުވައަކީ އަދަބީ ލިޔުންތަކުގެ ތެރެއިން އެންމެ ކުރުކޮށް ލިޔެވޭ އެންމެ ފުން ޝުޢޫރު އަނެކާއަށް ރައްދުކޮށްދޭ ބާވަތެވެ.

އިންސާނުންނަކީ އެއްބައެއްކަމުން، ބަހާ އިންސާނާ އާ ހުންނަ ގުޅުންތައް، ހުރިހާ ބައެއްގެ ތެރޭގައި ވެސް ދާދި އެއްގޮތް ވާނެ އެވެ.  އެހެންކަމުން ގިނަ ޅެންތަކެއް ލިޔެވިފައިވާ އިނގިރޭސި ޅެންވެރިކަމުން ގިނަގުނަ ފައިދާ ތަކެއް، ދިވެހި ޅެންވެރިކަމަށް ތަޢާރުފު ކުރެވިދާނެ އެވެ.

”ފަރިޔަށް ވިދާ އުޖާލާ ބަބުޅާ ފަލަކު މަތީގައި،

            ތަރި ތަކު ގެ ދައުރު ވާހައި ތަރުތީބު އައު ކުރެއްވީ

އިރު ހަނދުގެ ދޯދިތައް އައިސް ފިރުމައިލުމުން އުފާކޮށް

            ދިރުމެއްގެ ބާރު ދުނިޔޭން ޤާއިމް ވެގެން މިލެއްވީ

ކަނޑުތައްމެ، ނޫކުލައިގައި ލައްވާ މި ބިންމަތީގައި

            ދަނޑުފަނގުގެ ފެހިކަމުން ޢާލަމުގައި ހެދުން އެޅުއްވީ

ކަޅު އަދިރި ރޭރެއަށް މާ ކަޅުހިލަތަކުގެ މަތީގާ

            ކަޅުހިނި ހިރޭ ހިރުންވެސް ދެނެ ވޮޑިގަތުން މަތީވީ“

މަތީގައި އެވަނީ ޢަލީ މުސްތަފާގެ ”ﷲ“ މި ޅެމުގެ ބައެއް ބައިތު ތަކެވެ. މިއީ ޙަޤީޤީ ޅެމެކެވެ. ޅެމުގެ އެތުރުންގަނޑަށް (ފޯމެޓަށް) ލިޔެފައިވާ ނަޘްރެއް ނޫނެވެ. މިޅެމުގެ މައިގަނޑު މަޢުޟޫޢުއަކީ (ނުވަތަ ތީމަކީ) މާތް ﷲ ގެ ކުޅަދުންވަންތަ ކަމެވެ. ޅެމުގައި ވިދާޅުވެފައިވާ  ވާހަކަ، ނަޘްރުންވެސް (އާދެ! މަޒުމޫނު ލިޔާ ޢިބާރާތުންވެސް) އަޅުގަނޑުމެންނަށް ލިޔެވިދާނެ އެވެ: ”މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން ނަލަ ހަމަތަކަކަށް ވަރަށް ގިނަ ތަކެއްޗާއި ކަންތައްތައް ދުނިޔޭގައި ލައްވާފައި ވެއެވެ.“  ނަޘްރުގައި، ޅެމުގައި ހުރި ފަށުވިކަމެއް ނެތެވެ. މަޢުލޫމާތު ލިބެ އެވެ. ނަމަވެސް ޝުޢޫރެއް ނެތެވެ. ހިތުގައި އަސަރުކުރުވަނިވި ޚިޔާލެއް ނުއުފައްދަ އެވެ. ޅެންވެރިޔާ އަސަރު ގަދަ ގޮތަކަށް މާތް ﷲ ގެ ކުޅަދުންވަންތަކަން ސިފަ ކުރެއްވުމަށް ބޭނުން ކޮށްފައިވަނީ ކޮން އުކުޅުތަކެއް ތޯ އެވެ؟

ޅެންބަހުރުވައިގެ އުކުޅުތައް

(ހ)  ޑްރެމެޓައިޒު ކުރުން

މަތީގައިވާ ޅެމުގައި ބޭނުންކޮށްފައިވާ ފުރަތަމަ އުކުޅަކީ، ކުޅަދުންވަންތަކަން ޑްރެމެޓައިޒު ކުރުމެވެ. ޑްރެމެޓައިޒު ކުރުމަކީ އެއްޗެއް ނުވަތަ ކަމެއް އިސްޓޭޖަކުން ތަމްސީލު ކުރާ ފަދައިން ކަންބޮޑުކޮށް ނުވަތަ ހިތަށް ފަސޭހައިން އަސަރު ކުރާ ގޮތަކަށް ސިފަކުރުމެވެ. މި ޅެމުގައި ކުޅަދުންވައްތައޭ ވިދާޅުވަނީކީ ނޫނެވެ. ކުޅަދުންވަންތަކަން ދޭހަކޮށްދޭ ބައެއް ކަންކަން ސިފަކޮށްދެނީ އެވެ.

(ށ) ޙިއްސުތަކާ ގުޅޭ ލަފުޒު ބޭނުންކުރުން

ދެވަނަ ކަމަކީ، ސިފަކުރުމުގައި ބޭނުން ކޮށްފައިވަނީ ފަސޭހައިން ހިތަށް ގެނެވޭ އެއްޗިއްސާއި ކަންކަމެވެ. ގިނަ ބަޔަކަށް ތަޖުރިބާ ކުރެވޭ، ޚިޔާލު ކުރެވޭ ކަންތައްތަކެވެ. އިޙްސާސްތަކާ ބެހޭ ކަންތައްތަކެވެ. ފެނުމާއި ބީހުމުގެ ޙިއްސުތަކާ ގުޅޭ ކަންތައްތައް ޅެމުގައި ހިމެނެ އެވެ. ”ދޯދިތައް އައިސް ފިރުމައިލުން“  އޭ ވިދާޅުވެ އެވެ. މިއީ ބީހުމާ ބެހޭ ޙިއްސެވެ. ދެން ހުރި ގިނަ ޢިބާރާތަކީ ފެނުމާ ބެހޭ ސިފަކުރުން ތަކެވެ. ޙިއްސުތަކާ ބެހޭ ކަންކަން ސިފަކުރުމަކީ ރަނގަޅު ނަޘްރު ލިޔުންތެރިންވެސް ބޭނުން ކުރާ އުކުޅެކެވެ. ޙިއްސުތަކާއި ގުޅޭ ލަފުޒުތަކުން ޙިއްސުތަކަށް އަސަރު ކުރެ އެވެ.

(ނ)  މާނަ ފުން ލަފުޒު ބޭނުން ކުރުން

ތިންވަނަ ކަމަކީ ބޭނުން ކޮށްފައިވާ ލަފުޒު ތަކަކީ ތަފާތު ގިނަ ޝުޢޫރުތައް އޭގައި އެކުލެވޭ ލަފުޒުތަކަށް ވާކަމެވެ. މިސާލަކަށް”ދަނޑުފަނގުގެ ފެހިކަމުން އާލަމުގައި ހެދުން އެޅުއްވީ“ އޭ ބުނެއެވެ. ދަނޑުފަނގަކީ ގަސްގަހާ ގެހި ހައްދާ ދަނޑާއި ހިންނަ ފަދަ ތަންތަނެވެ. މިތަންތަނުގެ ފެހިކަމުން އެ ބިންތައް އެ ކުލައިން ފެންނަނީ އެއް ނޫނެވެ. ހެނދުން އެޅުއްވީއެވެ!  ހެދުން އެޅުމަކީ ޒީނަތަކަށް އޮރިޔާން ނިވާކުރަން ކުރާ ކަމެކެވެ. މި ފަދަ މާނަފުން ލަފުޒުތައް ބޭނުން ކުރުމުން ކިޔުންތެރިންގެ ހިތުގައި އެތައް ޚިޔާލެއް އުފައްދައެވެ.  މި ފަދަ ޢިބާރާތްތަކަކީ ޙަޤީޤަތް ހާމަކުރާ ކަލިމަތަކެއް ނޫނެވެ. ބޭނުމަކީ ކިޔުންތެރިޔާގެ ހިތުގައި އެތައް ޝުޢޫރުތަކެއް، ތަސްވީރުތަކެއް އުފެއްދުމެވެ.  ޢާއްމު ދިރިއުޅުމަށް ނިސްބަތްވާ އެންމެން ދަންނަ ކަންކަމަށް އިޝާރާތް ކޮށްގެން ޤުދުރަތީ ފުރިހަމަކަން ހާމަކުރުމެވެ.

(ރ)  ތާލު ހިފެހެއްޓުން

ޅެމުގައިވާ އެންމެ ޚާއްޞަ އެއް ސިފައަކީ އޭގައި ވަޒަނެއް ނުވަތަ ހަމައެއް ހިފަހައްޓާފައި ވުމެވެ. އިނގިރޭސި ބަހުން ޅެމާއި މިޔުޒިކްގައި ހުންނަ ހަމައަށް ކިޔަނީ ރިދަމެވެ (rhythm). ދިވެހި ބަހުން ރާގުރާގުގެ ހަމައަށް ކިޔަނީ ތާލެވެ. މި މަޒުމޫނުގައި ރިދަމަށް އަޅުގަނޑު ބޭނުން ކުރާނީ ދިވެހި ލަފުޒު ކަމުގައިވާ ތާލެވެ.

ތާލަކީ ލަފުޒުތައް އަތުރާފައި ހުންނައިރު ބާރު ލެވޭ (އަޑު ބާރުކޮށް ނުވަތަ ދިގުކޮށް ނުވަތަ ހަރުކޮށް ބުނާ) އަޑުތަކުގެ ތަކުރާރުވާ ތަރުތީބަށް ކިޔާ ނަމެކެވެ. އިނގިރޭސި ބަހުގައި ރިދަމުގެ އާއްމު މާނައަކީ އަޑު ނުވަތަ ހަރަކާތެއް ކަޑައެޅިފައިވާ ހަމައަކުން ނުވަތަ ހިނދަކުން ތަކުރާރު ކުރުމެވެ. މިއީ ދުނިޔޭގެ ޢާއްމު ޙާލަތުގައި ޢާއްމު ކަމެކެވެ. ހިތުގެ ވިންދު ޖެހުމަކީ ވަކި ހަމައަކުން ތަކުރާރު ވާ ކަމެކެވެ.  ނޭވާލުން ވެސް މި ފަދަ އެވެ. ގަޑީގެ ހިނގުމެވެ. ގޮޑު ދޮށަށް ޖަހާ ރާޅެވެ. ބައެއް ތާލު ދިގުކަމުން އެ ކަމަށް ސަމާލު ކަން ދެވޭލެއް ކުޑަ އެވެ. އިރުއަރާ އޮއްސުމެވެ. ހަނދު ކުޑަވެ ބޮޑުވުމެވެ. މޫސުން ބަދަލުވުމެވެ.

އެއްޗެއް މިގޮތަށް ތަކުރާރުވުމުން އިންސާނާގެ ސަމާލުކަން އެއަށް ދަމައި ގަނެ އެވެ. އަދި ބައެއް ތާލު ރީތިވެ އެވެ. އެއް މަލެއް ފެނުމަށް ވުރެ ބަރިއަކަށް އެތައް މަލެއް ފެނުމުން އެ ރީތި ވެ އެވެ. އެ މައުތައް ވަކި އުޞޫލަކުން އެތުރިފައިވާ ނަމަ، އަދި މާ ރީއްޗެވެ. ކުއްލި އަޑަކަށް ވުރެ ތަކުރާރު ވާ އަޑެއް މާ ރީތިވެ އެވެ. އެއަޑު ވަކި ހަމައަކަށް ތަކުރާރުވާ ނަމަ، އެ ހަމައިގެ ގޮތުން ރީތި ވެދާނެ އެވެ.  މިއީ އިންސާނާގެ ކިބައިގައި ލައްވަވާފައިވާ ޠަބީޢީ ސިފައެކެވެ. ކޮންމެ ބަހެއް ކަމުގައި ވިއަސް، ތާލު ހަމަކޮށް ދައްކާ ވާހަކަ އާއި ލިޔާ ލިޔުންތައް ރީތިވާނެއެވެ.

ޢަލީ މުސްޠަފާގެ ޅެން ”ﷲ“ ކިޔާލުމުން އޭގެ ތާލު ހިތަށް ފާހަގަ ކުރެވެ އެވެ. މި ތާލު، މުޅި ޅެމުގައި ތަކުރާރު ކުރެ އެވެ. ބައެއް ޅެންވެރިން އެއް ތާލެއް އެއް ޅެމެއްގައި ބަރާބަރަށް ތަކުރާރު ކުރުމުން، އެ ކަމުގައި ފޫހިކަމެއް ހުންނާތީ، ފަހު ބައިތެއްގައި ތާލު ބަދަލު ކޮށްލަ ފާނެ އެވެ. މި މަޒުމޫނުގައިވާ ގޮޅީގައި އެވަނީ ދިވެހި ޅެންވެރިކަމުގެ ތާލާއި ބެހޭ އިތުރު މަޢުލޫމާތެވެ. ގޮޅީގައިވާ ލިޔުން ވިދާޅުވުމަށްފަހު މަޒުމޫނު ކުރިއަށް ގެންދެވުން އެދެމެވެ.

ދިވެހި ޅެންވެރިކަމުގެ ތާލުތައް

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ޅެންވެރިކަމުގައި ވެސް ތަފާތު ވަޒަންތައް ހުންނާނެއެވެ. މި ވަޒަންތަކާމެދު ލިއެފައިވާ ފޮތަކަށް އަޅުގަނޑަށް ފެނިފައިވަނީ ހަމަ އެންމެ ފޮތެކެވެ. އެއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ޔޫސުފް ޢަލިފުޅާއި އެހެނިހެން ބޭފުޅުން ލިއުއްވާފައިވާ ”ޅެން ވަޒަނުގެ ނަން“ އެވެ. މިފޮތުގައިވެސް، އެއީ ޅެންވެރިކަމުގެ ވަޒަނާ ބެހޭ ފުރިހަމަ ފޮތެއް ނޫންކަމަށް ފާހަގަކޮށްފައި ވެއެވެ. އިނގިރޭސި ޅެންވެރިކަމުގެ ވަޒަނާ އަޅާ ބަލާއިރު ދިވެހި ޅެންވެރިކަމުގެ ވަޒަންތައް ވަރަށް ތަފާތުކަން ފާހަގަ ކުރެވެއެވެ. އެއް ތާލެއް އެއްވެސް ބައިތެއްގައި ތަކުރާރުވާ މިންވަރު މަދުކަމެވެ. ތާލުތަކަށް ދީފައިވާ ނަންތަކުގައި ހާމަވާ، ހަމަޖެހޭ އުޞޫލެއް ނެތްކަމެވެ. ތާލުތަކަށް ލަފުޒުތައް ފެއްތުމުގައި ލަފުޒުގެ މެދުން ބުރިވާކަމެވެ. ތާލުތައް ސިފަކުރުމުގައި ފިލީގެ އަކުރުން ގުނަމުންދާ ކަމެވެ.
މިފަންނަށް ފުންނާބު އުސްބޭފުޅުންގެ ފަރާތްޕުޅުން އެދެވިގެންވަނީ ޅެންވެރިކަމުގެ ވަޒަނާ ބެހޭ އިތުރު ފޮތްތައް ނެރުއްވުމެވެ. އެހެނީ، ޅެންވެރިކަމުގެ ތާލާ ބެހޭ (ޕްރޮސޮޑީ އާ ބެހޭ) ތަފްޞީލީ ފޮތްތަކަށް ދަރިވަރުންނާއި މުދައްރިސުން އެދެމުންދަނީ ކެތްތެރިކަން ކުޑަ ގޮތެއްގައެވެ. ތިރީގައިވާ ވަޒަންތަކުގެ ތާވަލަށް ކްލިކްކޮށްލަނިކޮށް ޕްރިންޓް ކުރީމާ ސާފުކޮށް ހުންނަ ވަރަށް ބޮޑުވާނެއެވެ.

Untitled-7_Page_08

 އިނގިރޭސި ޅެންވެރިކަމުގައި، ތާލާބެހޭ ޢިލްމަކީ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައިވާ ފަންނެކެވެ. މި ޖުމުލައަށް ފިތާލުމުން އިނގިރޭސި ޅެންވެރިކަމުގެ ތާލާބެހޭ ކުރު ޚުލާޞާއަކަށް ދެވޭނެއެވެ.

(ބ) ކާފިޔާ ހަމަކުރުން

ޅެންވެރިން ލަފުޒު ޚިޔާރު ކުރަނީ އޭގެ އަޑަށް ވެސް ވިސްނައިގެންނެވެ. ”ކަޅު އަނދިރި،“ ”ކަޅުހިލަ،“ ”ކަޅުހިނި“ މިލަފުޒު ތަކުގައި” ކަޅު“ މިއަޑުތައް ތަފާތު މާނައާ އެކު ތަކުރާރު ކުރެއެވެ. މިއީ ޅެމުން ފުން އިޙްސާސްތަކެއް ކުރުވާ، އަދި އޭގެ އަސަރު ގަދަވާ އެއް ސަބަބެވެ. ޅެމުގެ މުއްސަނދި ކަމެވެ. މި ގޮތަށް އަޑު ތަކުރާރުކުރުމަށް އިނގިރޭސި ބަހުން ކިޔަނީ ރައިމް (rhyme)  ކުރުމެވެ. ޢަރަބި ބަހުން ރައިމް އަށް ކިޔަނީ ޤާފިޔާއެވެ. ދިވެހި ބަހުން ބައިތު ނިމޭއިރު އަޑު އެއްގޮތްކުރުމަށް ކާފިޔާ ހަމަކުރުމޭ ކިޔައެވެ. އަޅުގަނޑު، މި މަޒުމޫނުގައި ”ކާފިޔާ“ ބޭނުން ކުރަނީ ޖުމްލައެއްގެ ނުވަތަ ބައިތެއްގެ ކޮންމެ ހިސާބެއްގައި ނަމަވެސް އަޑު އެއްގޮތް ކުރުމަށެވެ. އިނގިރޭސި ބަހުގެ ރައިމް އާއި އެއްމާނަ އެއްގައެވެ.

ކާފިޔާ ހަމަކުރުމުން، ހަނދާން ކުރުމަށް ފަސޭހަ ވެ އެވެ. ހިތުގައި ހަރުލާގޮތްވެ އެވެ. އިވޭ އިވުމުގައި ޢިބާރާތުގައި ލުއި ގޮތެއް ހުރެ އެވެ. މިހެންވެ، އިސްތިހާރުތަކާއި ބައެއް ޝިޢާރުތައް ލިޔަނީ ކާފިޔާ ހަމަކޮށެވެ. މިސާލަކަށް ”ޒުވާނުންގެ ހިތްވަރު – ޤައުމުގެ ފަންވަރު“ މިފަދަ އެތައް ޢިބާރާތެއް ހިމެނެ އެވެ.  ވަރަށް ގިނަ ހަރުބަހާއި މުޙާވިރާއަކީ ކާފިޔާ ހަމަކޮށް ހަދާފައި ހުންނަ ޖުމުލަތަކެވެ.  މިސާލަކަށް ”ކައްޗަށް ހުރި ބިންގާ ކެއްޗާ ހަމައަށް. . . . . .“ ޚިޔާލަށް ގެންނަވާށެވެ. ކާފިޔާ ހަމަކުރުމަކީ ހުރިހާ ބަހެއްގައިވެސް ގެންގުޅޭ އުޞޫލެއްކަމުން، އަޅުގަނޑުމެންނަށް ވިސްނެނީ އިންސާނާގެ ސިކުޑި މަސައްކަތް ކުރާގޮތާއި ތަކުރާރުވާ އަޑާ ތިމާގެ ކަމެއް ވާ ކަމެވެ. ތަކުރާރުވާ އަޑުތައް ސިކުޑީގައި ހަރުލާލެއް ފަސޭހަ ކަމެވެ. ތިރީގައި މިވާ ކުރު ޅެމާއި ދޭތެރޭ ވިސްނަވާ ލައްވާށެވެ.

One two
Buckle my shoe
Three four
Shut the door
One two
Buckle my belt
Three four
Snap the lock

ވާތް ފަރާތުގައި އެވަނީ ކާފިޔާ ހަމަކޮށްގެން ތުއްތު ކުދިންނަށް ގުނަން ދަސްކޮށްދެން ހަދާފައިވާ ޅެމެކެވެ. ކަނާތް ފަރާތުގައި އެވަނީ ކާފިޔާ ހަމަނުކޮށް، އެކަމަކު ހަމަ އެ ތާލަށް ހަދައިފައިވާ ޅެމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދެ ޅެމުގެވެސް ތާލު އެއްގޮތެވެ. ހަނދާނުން ފޮހެލަން ދަތީ ކޮންޅެމެއްތޯއެވެ؟  ދެން، ޢަލީ މުސްޠަފާގެ ޅެމާ ދޭތެރޭ ވިސްނަވާލަ ބައްލަވާށެވެ. ”ތަރިތަކުގެ ދައުރުވާހައި ތަރުތީބު އައު ކުރެއްވީ“ މި ފަދަ ކާފިޔާ ހަމަ އެތައް މިސާލުތަކެއް އެ ޅެމުން ފެނިވަޑައިގަންނަވާނެ އެވެ. އިނގިރޭސި ޅެމުގައި ކާފިޔާ ހަމަ ލަފުޒުތައް އަންނަނީ ފޮޅުވަތުގެ ނިމޭތަނަށެވެ. ނަމަވެސް  ”ތަރިތަކުގެ ދައުރުވާހައި ތަރުތީބު އައު ކުރެއްވީ“ މި ފޮޅުވަތުގައިވާ ފަދަ ގޮތަށް ޢަޖުޒު ނުވަތަ ޞަދުރުގެ އެތެރޭގައިވެސް ކާފިޔާ ހަމަކޮށްފާނެ އެވެ. މި ގޮތަށް ފޮޅުވަތެއްގެ ތެރޭގައި ހިމެނޭ ކާފިޔާ އަށް އިނގިރޭސި ބަހުން ކިޔަނީ އިންޓަރނަލް ރައިމެވެ. ނުވަތަ އެތެރޭ (ދާޚިލީ)  ކާފިޔާ އެވެ. މީގެ މިސާލެއް ތިރީގައި އެވަނީއެވެ.

I bring fresh showers for the thirsting flowers
From the seas and the streams;
I bear light shade for the leaves when laid
In their noon day dreams.
—                       (Shelley, “The Cloud”)

ފާހަގަ ކުރެއްވޭނޭ ފަދައިން ”ޝަވާރޒް“ އާއި “ފްލާވާރޒް“ އަކީ ކާފިޔާ ހަމަ ދެ ލަފުޒެވެ. ”ޝެއިޑް“ އާއި “ލެއިޑް“ ވެސް މިފަދަ އެވެ. މިއީ މިބައިތުތަކުގެ އަޞްލު ކާފިޔާ ކަމުގައިވާ  ”ސްޓްރީމްސް“ އާއި”ޑްރީމްސް“ ގެ އިތުރަށް ހަމަކޮށްފައިވާ ކާފިޔާ އެވެ.

އިނގިރޭސި މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ ޝެލީގެ ”ވިލާ“ ގެ ނަމުން ނަންދީފައިވާ މި ޅެމުގެ މި ދެބައިތުގެ މާނައަކީ: ”ފެންބޮއެގަނެފައިވާ މާތަކަށް، ކަނޑުތަކާއި އާރުތަކުން ތާޒާ ވާރޭ އަހަރެން ގެނެސްދެމެވެ. މެންދުރު ވަގުތުގެ ހުވަފެންތަކަށް ދާންމަތިކުރެވިފައިވާ ފަތްތަކަށް، ލުއި ހިޔަލެއް އަހަރެން ގެނެސް ދެމެވެ.“

ކުރިން ދެންނެވުނުހެން، އިނގިރޭސި ޅެމުގައި ކާފިޔާ ހަމަކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. އެކަމަކު ބައެއް ޅެން ތަކުގައި ޚާއްޞަކޮށް ވާހަކަ (ނެރޭޓިވް) ޅެންތަކުގައި ކާފިޔާ ހަމަކުރުމަކީ ޢާއްމު ކަމެކެވެ. ބްލޭންކް ވާރސް (blank verse) ކިޔާ ޅެމަކީ، އެއްގޮތަކަށް ވެސް ކާފިޔާ ހަމަ ނުކޮށް ހުންނަ ޅެމެވެ. އިނގިރޭސި ބަހުގެ މާ މަޝްހޫރު އަދީބެއް ކަމުގައިވާ ޝޭކްސްޕިއަރުގެ ވަރަށް ގިނަ ޅެންތައް ހުންނަނީ ކާފިޔާ ހަމަ ނުކޮށެވެ. މި ޒަމާނަކަށް އައިސް މިހާރު މާ މަޝްހޫރުވެގެން އުޅޭ ފްރީ ވާރސް އަކީ އެއްގޮތަކަށްވެސް ކާފިޔާއެއް އަދި ތާލެއް ހުންނަ ޅެމެއް ނޫނެވެ. އެހެންކަމުން މި މަޒުމޫނުގައި އިހު ބަޔާން ކުރެވުނު ޅެމުގެ މާނަ އާ ދޭތެރޭ އިތުރު ޔަޤީން ކަމެއް އުފެދެ އެވެ.

އިނގިރޭސި ޅެން ވަކި ކަންތައްތައް ބެލުމަށް ”ރޫޅާލާ“ އިރު ނުވަތަ އެނެލައިޒް ކުރާއިރު އޭގެ ކާފިޔާ ހަމަވާ އުޞޫލް ލިޔާ ގޮތެއް އޮވެއެވެ.  ކާފިޔާގެ އުޞޫލަށް ކިޔަނީ ރައިމް ސްކީމެވެ (rhyme scheme). އުޞޫލު ފާހަގަ ކުރަނީ ކާފިޔާ ހަމަވާ ފޮޅުވަތްތަކުގައި އިނގިރޭސި އެއް އަކުރެއް ޖަހައިގެންނެވެ. ތިރީގައިވާ މިސާލުގެ ކާފިޔާ އަކީ abcb އެވެ.

The sun came upon the left                      a
Out of the sea came he!                                            b
And he shone bright, on the right             c
Went down into the sea                                            b
—                       (Coleridge, “The Rime of the Ancient Mariner”)

ކުރިއަށް ދިއުމުގެ ކުރިން އިނގިރޭސި ޅެމާއި ދިވެހި ޅެމާ ދެމެދު ހުންނަ އެއް ތަފާތެއް ދަންނަވާލާނަމެވެ. އެއީ އިނގިރޭސިޅެން، ޚާއްޞަކޮށް ދިގު ޅެން، ހުންނަނީ ”ޕެރެގުރާފަށް“ ބަހާފައެވެ. ބޭނުމަކީ ނަޘްރުވެސް ޕެރެގުރާފަށް ބަހާ ބޭނުމެވެ. އެކި ޚިޔާލު ވަކިވާ ތަންތަން ފާހަގަ ކުރުމެވެ. ދިވެހި ޅެމުގެ ކޮންމެ ބައިތެއްގައި ހިމެނެނީ ވަކި ޚިޔާލެކެވެ. އިނގިރޭސި ޅެމުގައި އެއް ޚިޔާލެއް ޢާއްމުކޮށް ހުށަހަޅަނީ ދެތިން ފޮޅުވަތުންނެވެ. ނުވަތަ ބައިތުންނެވެ. މިގޮތުން ޅެމުގެ ކޮންމެ ”ޕެރެގުރާފަކަށް“ ކިޔާ ނަމެއް އޮވެއެވެ. އެއީ ސްޓެންޒާ (stanza) އެވެ. ސްޓެންޒާއެއްގައި މަދުވެގެން ދެ ފޮޅުވަތް ހިމެނޭނެއެވެ. އަދި ޢާއްމުކޮށް ސްޓެންޒާއެއްގެ ތާލު އެއްގޮތްވާނެ އެވެ. އެންމެ ޢާއްމު ޅެންތަކުގައި ސްޓެންޒާއެއްގައި ހުންނަނީ ހަތަރު ފޮޅުވަތެވެ. ކާފިޔާ ހަމަކުރަނީ ދެވަނަ ފޮޅުވަތާއި ހަތަރުވަނަ ފޮޅުވަތުގައެވެ. އެކަމަކު ބައެއް ޅެންތަކުގައި މީގެ އިތުރަށް ފުރަތަމަ ފޮޅުވަތާއި ތިންވަނަ ފޮޅުވަތުގެ ކާފިޔާވެސް ހަމަކުރެއެވެ. ލެޓިން ބަހުން ސްޓެންޒާ ކިޔަނީ ހުއްޓާ/މަޑުކުރާ ޖަގަހަ (ސްޓޭޝަން) އަށެވެ.  ދެ ފޮޅުވަތުގެ ސްޓެންޒާއަށް ކިޔާ ވަކިނަމަކާއި ތިންފޮޅުވަތުގެ ސްޓެންޒާ އަށް ކިޔާ ނަމަކާއި މިހެން ގޮސް އަށް ފޮޅުވަތުގެ ސްޓެންޒާއަށް ކިޔާ ވަކި ނަމެއް އިނގިރޭސި ބަހުގައި އޮވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ދިވެހި ޅެންވެރިކަން ކުރިއެރުވުމަށް މި ޚިޔާލަށް ލަފުޒެއް ހެދުމަކީ ބޭނުންތެރިކަމެކެވެ.

ބައެއް ފަހަރު މާނަ ދޭހަ ކުރުމަށް، ނުވަތަ އެހެން ޅެންވެރިކަމުގެ ބޭނުމަކަށް ފޮޅުވަތެއްގެ މެދަކާ ހިސާބުން މަޑުކޮށްލަން ޖެހެ އެވެ. މި ގޮތަށް މަޑުކުރާ މަޑުކުރުމަށް ކިޔަނީ ސިޒޫރާ (caesura) އެވެ. މި ލަފުޒުގެ އަޞްލު މާނައަކީ ކަފާލުމެވެ. {އިނގިރޭސިބަހުގެ ކަތުރަށް ކިޔާނަން އައިސްފައިވަނީ މި ލަފުޒުގެ އެއް ގޮފިންނެވެ.} ތިރީގައިވާ މަޝްހޫރު ޅެމުގައި ސިޒޫރާ ފާހަގަ ކޮށްފައިވަނީ އޮބްލިކް (/) ފާހަގަ ޖަހައިގެންނެވެ. ދިވެހިބަހުގެ ޅެންތަކުގައި ވެސް، އެއް ލަފުޒުގެ އަޑުތައް ވަކިކުރާ ތަންތަން ހުރެއެވެ. ޚާއްޞަކޮށް ލަވައިގައެވެ.

That’s my last Duchess // pain’ed on the wall
Looking as if she were alive; // I call
That piece a wonder.
—                       (Browning, “My Last Duchess”)

ކާފިޔާ ހަމަކުރުމުގެ އެތައް ގޮތްތަކެއް ވެ އެވެ. އެއީ އެއް ސިލަބްލް އެއްގޮތް ކުރުމާއި ދެ އަކުރާއި ދެފިލި އެއްގޮތް ކުރުމާއި މިހެން ގޮސް ގިނަ އަކުރުތަކަކާއި ފިލި އެއްގޮތް ކުރުމެވެ. ސިލަބްލްއަކީ މަދުވެގެން އެއް ލީން އަޑު ހިމެނޭ އަޑެކެވެ. ސިލަބްލްގެ ދިގު ތަޢާރުފެއް ފޮނޯޓެކްޓިކްސް އާ ބެހޭ (ލަފުޒެއްގައި އަޑުތައް ހިމެނޭ ހަމަތަކާ ބެހޭ) މަޒުމޫނެއްގައި ލިޔެވި ހިނގައްޖެއެވެ. އެއް ސިލަބްލް އެއްގޮތް ނަމަ އިނގިރޭސި ބަހުން ކިޔަނީ ”ފިރިހެން“ ކާފިޔާ (masculine rhyme)  އެވެ. މިއީ ދިވެހިބަހުގައި އެންމެ ގިނައިން ބޭނުންކުރާ ވައްތަރެވެ. ކާފިޔާ ހަމަކުރަނީ ނިމޭތަނުގައެވެ. މިސާލަކީ ”ކަރާ“ އަދި ”މަނާ“ އެވެ. ދެ ސިލަބްލް އެއްގޮތް ނަމަ ”އަންހެން“ ކާފިޔާ އެވެ. މިސާލަކީ ”ކުރިން“ އާއި ”ބުނިން“ އެވެ. ތިން ސިލަބްލް އެއްގޮތް ނަމަ ”ޓްރިޕްލް“ (ތިން) ކާފިޔާއެވެ. ދިވެހިބަހުގައިހެން، ކާފިޔާ ހަމަކުރުމަށް ދެ މާނައެއްގެ އެއް ލަފުޒު، އިނގިރޭސި ބަހުގައިވެސް ބޭނުން ކުރެއެވެ.  ފޮޅުވަތުގެ ތެރޭގައިވާ ލަފުޒުތަކުގެ ކާފިޔާ ހަމަކުރުމަށް އެލިޓަރޭޝަން  (alliteration) އޭ ކިޔައެވެ. ގާތުގައިވާ ލެ ލަފުޒެއް ފެށޭ  ސުކުން ނުވަތަ ފިއްތިއަޑު އެއްގޮތް ކުރުމަށް ވެސް މިލަފުޒު ބޭނުން ކުރެއެވެ. ”އޭޑިއެއް ފޭޑިއެއް“ މި ފަދަ ކަލިމަތަކުގައި އެވަނީ އެލިޓަރޭޝަން އެވެ. ކާފިޔާ ހަމަކުރުމުގެ ތެރޭގައި ބެލެވިދާނޭ ދެ އުކުޅެއް އިނގިރޭސި ބަހުގައި ގެންގުޅެއެވެ. އެއީ ލީން އަޑުތައް އެއްގޮތް ކުރުމާއި ސުކުން އަޑުތައް ނުވަތަ ފިއްތި އަޑުތައް އެއްގޮތް ކުރުމެވެ. ލީން އަޑުތައް އެއްގޮތް ކުރުމުގެ މިސާލަކީ ”ވާރމިން“  އާއި”ފާރނިޝް“ އެވެ. ފިއްތި އަޑުތައް އެއްގޮތް ކުރުމުގެ މިސާލަކީ ”ބްލޭންކް“ އާއި”ބްލިންކް“ އެވެ.  [ވާރމިން ގެ މާނައަކީ ޞިއްޙަތަށް ގެއްލުން ދޭ ހައިވާނެވެ. ފާރނިޝް ގެ މާނައަކީ ތަނެއްގެ ފުރިހަމަ ބޭނުން ކުރުމަށްޓަކައި ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ހޯދުމެވެ. ބްލޭންކް ގެ މާނަ، ކުރިން ދެންނެވިއްޖެ އެވެ. ބްލިންކް ކިޔަނީ އެސްފިޔަ ޖެހުމަށެވެ]. އަކުރުތައް އެއްގޮތް ކުރުމުގައި ފަހު އަޑު އެއްގޮތް ވުމުން ފުދެއެވެ. މިދެބާވަތަށް އިނގިރޭސި ބަހުން އެ ތަރުތީބުން ކިޔަނީ އެސޮނަންސް (assonance) އާއި ކޮންސޮނަންސް (consonance) އެވެ. މީރު އާއި ސީނު ކިޔާއިރު އެވަނީ ފެށޭ ލީން އަޑު އެއްގޮތް ވެފައެވެ. މޮހޮރު އާއި މީގޮނު ކިޔާއިރު އެވަނީ ފެށޭ ސުކުން އަޑު އެއްގޮތް ވެފައެވެ.

އިނގިރޭސި ޅެމުގައި ކާފިޔާ ހަމަކުރަނީ ދެ ބޭނުމަކަށްޓަކައެވެ. އެއް ބޭނުމަކީ ފޮޅުވަތްތައް ސްޓެންޒާއަށް ބައިކުރުމެވެ. ދެވަނަ ބޭނުމަކީ ތާލު ބޮޑަށް ހާމަ ކުރުމެވެ.

(ޅ)  އެއްފޮޅުވަތުން ޢިބާރާތް ނުބުނުން.

އިނގިރޭސި ޅެންވެރިކަމުގައި މަދުން ބޭނުން ކުރާ އުޞޫލްތަކުގެ ތެރޭގައި އެއް ފޮޅުވަތުން މާނަ ފުރިހަމަ ޢިބާރާތެއް ނުގެނެސް ދެތިން ފޮޅުވަތުން ޢިބާރާތް ފުރިހަމަވާގޮތް ހަދައެވެ. މިކަމުގެ ސަބަބުން ޅެމުގެ ހަރުކަށިކަމަށް މަޑުމޮޅިކަމެއް އައިސް އިޝާރާތުގެ ބޭނުންތެރިކަން ބޮޑުވެއެވެ. މިކަމަށް ކިޔަނީ އެންޖޭމްމަންޓް (enjambment) އެވެ.

(ކ)    ތަކުރާރު ކުރުން.

އިނގިރޭސި ޅެންވެރިކަމުގައި ބޭނުންކުރާ އެހެން އުޞޫލްތަކުގެ ތެރޭގައި ތަކުރާރު ކުރުން ހިމެނެއެވެ. މިގޮތުން، އެއް ލަފުޒު ނުވަތަ އެއް ކަލިމަ ނުވަތަ ފޮޅުވަތެއް އެއްކޮށްވެސް ޅެމުގައި ތަކުރާރުކޮށްފާނެ އެވެ. ލަފުޒެއް ތަކުރާރުކުރުމަށް ކިޔާ ނަމަކާއި ކަލިމައެއް ތަކުރާރު ކުރާނަމަ ކިޔާ ނަމަކާއި ޅެމުން އެތައް ފޮޅުވަތެއް ތަކުރާރު ކުރާނަމަ ކިޔާ ނަމެއް އިނގިރޭސި ބަހުގައި އޮވެ އެވެ. ނަމަވެސް މަޒުމޫނު ކުރުކުރުމަށްޓަކައި މިބައި ދޫކޮށްލަމެވެ. މިފަދަ  ކަންތައްތަކަށް ދިވެހި ލަފުޒު ހެދި ބޭނުންކުރުމަކީ ދިވެހި ޅެންވެރިކަން ކުރިއަރާނޭ ކަމެކެވެ. އެކަންކަމަށް ދެވޭނޭ އިތުރު ސަމާލުކަމުންނެވެ.

(އ)   ބަލާޣާތުގެ އުޞޫލްތައް ބޭނުންކުރުން.

ކޮންމެ ބަހެއްގެ ޅެންވެރިކަމުގައި ވެސް ބަލާޣާތުގެ އުޞޫލްތައް ބޭނުން ކުރެ އެވެ. އެހައި ކުރުކޮށް އޮންނަ ލިއުމަކުން އެހައި ފުން ޝުޢޫރުތައް ހާމަކުރެވެނީ ބަލާޣާތްތެރިކަމުގެ އުޞޫލްތައް ޅެމުގައި ހުންނާތީއެވެ. މި ކަމަކީ ވަކި އިނގިރޭސި ބަހަށް ޚާއްޞަ ވެގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި، ބަލާޣާތްތެރިކަމާ އެކު ވާހަކަ ދައްކާށާއި ލިޔެކިޔުމުގައި ބޭނުންކުރާ އުޞޫލްތައް ހުރިހާ ބަހެއްގައިވެސް ދާދި އެއްގޮތެވެ. އެހެންކަމުން، އެ ކަމަކީ އިނގިރޭސި ޅެންވެރިކަމަށް ޚާއްޞަވެގެންވާ ކަމަކަށް ނުވާތީ މި އުކުޅުތަކުގެ ތަފްޞީލް މި މަޒުމޫނުން އުނިކުރަމެވެ. އަޅުގަނޑު  ބަލާޣަތުގެ އުޞޫލްތައް އެހެން ލިޔުމެއްގައި ހިމަނާފައިވާތީއެވެ.

(ވ) އިމިޖްރީ

އަދަބިއްޔާތުގައި އިމިޖްރީ އަކީ ހިތަށް ފަސޭހައިން ގެނެވޭ ތަޞްވީރެއް ނުވަތަ މަންޒަރެއް މެދުވެރިކޮށް ޝުޢޫރެއް ފާޅުކުރުމެވެ. މި ލަފުޒުގެ އަޞްލަކީ ”އިމޭޖް“ އެވެ. އިމޭޖަކީ ޞޫރައެވެ. ނުވަތަ ކުރެހުމެކެވެ.  ޅެންވެރިކަމުގައި އިމިޖްރީ ބޭނުން ކުރަނީ ކިޔުންތެރިޔާގެ ޚިޔާލަށް ވަކި މަންޒަރެއް ގެނުވާ އެ މަންޒަރުގައި ހިމެނޭ ކަންތައްތަކުން ޝުޢޫރު ފާޅު ކުރުމަށެވެ. މި ތަޞްވީރު ކުރެހެނީ ދެ ކަމެއް އެއްގޮތް ކުރުމުންނެވެ. މިސާލަކަށް”ރަތް“ މިހެން ބުނުމުން އަޅުގަނޑުމެންގެ ހިތަށް ރަތްކުލަ އަރަ އެވެ. މިކުލަ އެހެން ކަންތައްތަކާ ގުޅިފައި ވެ އެވެ. މިސާލަކަށް ނުރައްކާތެރިކަމާއި ރުޅިވެރިކަން ފަދަ ޝުޢޫރާ އެވެ. އެހެންކަމުން  ”ރަތް“ މި ލަފުޒު ހިމެނޭ ކަލިމައެއް ބޭނުން ކޮށްގެން ކިޔުންތެރިޔާގެ ހިތަށް ނުރައްކާތެރިކަން ގެނެވިދާނެ އެވެ. ތަފާތު ކުލަކުލައިގައި ވަކި ޝުޢޫރުތައް އެކުލެވޭ ފަދައިން ދުވާލުގެ އެކި ވަގުތާއި އެކި މޫސުމާއި ރަށެއްގެ އެކި ސަރަޙައްދާއި މިފަދަ އެކި ވަގުތާއި ތަންތަނާއި ތަކެތީގައި އެކުލެވޭ ”ޖަޒުބާތު“ ތައް ބޭނުންކޮށްގެން ޅެންވެރިޔާ ކިޔުންތެރިއާ އަށް ނުބުނެ އެތައް އިޙްސާސްއެއް ކުރުވެ އެވެ.

އިމިޖްރީ އަކީ ޅެންވެރިކަމުގައި ބޭނުންކުރާ ވަރަށް ޢާއްމު އުކުޅެކެވެ.  ކުރިން ދެންނެވުނު ”ﷲ“ މި ޅެމުގައި  ”ކަޅުއަނދިރި ރޭ ރޭ ….“ ގައި ބޭނުންކޮށްފައި އެވަނީ އަސަރުކުރުވުމަށް އިމިޖްރީ އެވެ.

އާދެ! މިހައި ހިސާބުން މި ބައިގައި ހިމެނުމަށް ޤަޞްދު ކުޅަ އުކުޅުތައް ދަންނަވާލެވުނީ އެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، ދިވެހިބަހާއި އިނގިރޭސި ބަހުގެ ޅެންވެރިކަމުގައި ޢާއްމު އުކުޅުތަކެއް ވެ އެވެ. ފަހެ، އެއްވެސް އަދަބީ އުކުޅެއް އެއްވެސް ޤައުމަކަށް ނުވަތަ ބަހަކަށް ހުސްވެ، ޚާއްޞަ ވެގެންވަނީ ވަރަށް މަދު ފަހަރަކު އެވެ.

ޅެމުގެ ބާވަތްތައް

ރަށެއްގެ ގޮނޑުދޮށުން ފެންނަ ބޮލިތަކާއި ރިނދަލިތައް ބައިބައަށް އެޅުއްވުމަށް މަސައްކަތް ކުރެއްވީމުތޯ އެވެ؟ ބޮލީގެ ބޮޑުމިނަށް ބަލައިގެން މިކަން ކުރެވިދާނެއެވެ. ކުޑަ، މެދު، ބޮޑު ފަދަ ބައިތަކަށް އެޅިދާނެ އެވެ. ކުލަޔަށް ބަހައިގެން ވެސް ބައިބައަށް އެޅިދާނެ އެވެ. ހުދުކުލައިގެ ބައެއް، މުށި ކުލައިގެ ބައެއް ….. މި ފަދަ ބައިތަކަށް ބެހިދާނެ އެވެ. އެކަމަކު ބައެއް ބޮލި ވަކި ބައަކަށް ލުމުގައި ސުވާލު އުފެދޭނެ އެވެ. ބޮއްޔެއް މުޅިން ހުދު ނުވެދާނެ އެވެ. ނުވަތަ ކުޑަ ސައިޒަށް ވުރެ ބޮޑުވެފައި މެދު ސައިޒަށް ވުރެ ކުޑަވެދާނެ އެވެ. ތަކެތި ބައިބަޔަށް ބެހުމުގައި އަބަދުވެސް މައްސަލަ އުޅޭނެއެވެ.

man_playing_lyreޅެން، ބައިތަކަށް ބެހުމުގައި ވެސް މި ފަދަ މައްސަލަތައް ޖެހެ އެވެ. ވަކި ބަޔަކަށް ލުމަށް ދަތިވާ ޅެންތަކާ ދިމާވެ އެވެ. އެކަމަކު ގިންތިކުރުން ބަރާބަރަށް ނުކުރެވުނަސް، ވާހަކަދެއްކުމަށާއި އިޝާރާތްކުރުމަށް ފަސޭހައަކަށް ޅެން ބައިބަޔަށް އަޅަ އެވެ. ދިވެހިބަހުގައި ޅެން ބަހަނީ މައުޟޫޢުއަށް ބަލައިގެންނެވެ. ޤައުމީ ޅެމާއި ލޯބީގެ ޅެމެވެ. ދީނީ ޅެމާއި . . . . . އިނގިރޭސި ބަހުގައި ބޭނުން ކުރަނީވެސް މިފަދަ އުޞޫލެކެވެ. ނަމަވެސް ސުރުޚީއެއް މުހިއްމެއް ނޫނެވެ. އިނގިރޭސި ޅެން ބަހާ މައިގަނޑު ތިން ބަޔަކީ ވާހަކަ ޅެމާއި ލިރިކް ޅެމާއި ޑްރެމެޓިކް ޅެމެވެ. ވާހަކަޅެން، އާދެ، ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ބިނާވެފައިވަނީ ވާހަކައެއްގެ މައްޗަށެވެ. ސައިކުރާ އިބްރާހީމް ނަޢީމްގެ ”ޔަމަނުގެ މަޢުޞޫމާ“ އަކީ މިފަދަ ޅެމެކެވެ. ލަޔަރ އަކީ މިޔުޒިކް ކުޅެން ބޯދާ ޔޫނާނީ މީހުން ގެންގުޅުނު ގިޓައެއް ފަދަ އެއްޗެކެވެ. ބައެއް ޅެން ކިޔާއިރު ލަޔަރަކުން މިޔުޒިކް ޖަހައެވެ. މި އާލަތް ބޭނުންކޮށްގެން ކިޔަން ހަދާފައި ހުންނަ ޅެމަކީ ލިރިކް ޅެމެވެ. ލަޔަރ ގެ ނަންއިތުރަކީ ލިރިކް އެވެ. މިފަދަ ޅެން ތަކުގައި ހުންނަނީ ޅެންވެރިޔާގެ އަމިއްލަ ޝުޢޫރުތަކާއި އިޙްސާސްތައް ބަޔާން ކޮށްފަ އެވެ. މިއީ ލަވައާ ވަރަށް އެއް ވައްތަރު ގެ ޅެންވެރިކަމެކެވެ. މިސަބަބާހެދި މިހާރަކަށް އައިސް ލަވައިގެ ޢިބާރާތްތަކަށް ލިރިކްސް އޭ ކިޔައެވެ. އަދި ލަވައިގެ ޢިބާރާތްތައް ލިޔާ މީހުންނަށް ލިރިސިސްޓުންނޭ ކިޔައެވެ. ޑްރެމެޓިކް ޅެންތަކުގައި ޑްރާމާއެއް ފަދަ ސިފަކުރުންތަކާ ވާހަކަ ދެއްކުން ހިމެނެއެވެ. މިބައިތަކަށް ޅެން ބެހިކަމުގައި ވިއަސް، ލިރިކްގޮތް ހުންނަ ވާހަކަ ޅެމާއި ވާހަކަގޮތް ހުންނަ ޑްރެމެޓިކް ޅެންފަދަ ބައިބަޔަށް އަޅަން ދަތި  އެތައް ޅެމެއް ވެ އެވެ.

ވާހަކަޅެން

އިހު ޒަމާނުގައި މީހުން މުނިފޫހިފިލުވަން، މިހާރު އަޅުގަނޑުމެން ރޭޑިޔޯ އަޑުއަހާ ފަދައިންނާއި ޓީވީ ބަލާފަދައިން ވާހަކަޅެން ކިޔާ އުޅުނެވެ. ޅެމުގައި އެކުލެވޭ ކާފިޔާ ތަކާއި ވަޒަނުގެ ސަބަބުން، އަޑުއަހާ މީހުންގެ ސަމާލުކަން ކިޔާމީހާއަށް ލިބެ އެވެ. އަދި މިކަމުގެ ސަބަބުން ދިގު ޅެންތައް ފަސޭހަކަމާއެކު ހަނދާނުގައި ބެހެއްޓެއެވެ. ދިވެހި އަދަބިއްޔާތުގައި ހިމެނޭ ”ދޮންމޮހޮނާއި މިޔަރު “އަދި ”ދޮންހިޔަލައާއި އަލިފުޅު“ ފަދަ ރައިވަރު ތަކަކީ އިނގިރޭސި ބަހުން ނަމަ، ވާހަކަޅެމުގައި ހިމެނޭ ތަކެއްޗެވެ.

ވާހަކަޅެންތައް ދެތިން ބަޔަކަށް ބެހިދެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ޤައުމީ ނުވަތަ އެހެން ކޮންމެވެސް ބަޠަލަކަށް ހެދޭ ޅެމެވެ. މި ފަދަ ޅެމެއްގައި ހިމެނެނީ ބަޠަލުގެ މޮޅުކަމުގެ ވާހަކައެވެ. ހުޅަނގުގެ އަދަބިއްޔާތުގައި އެންމެ މަޝްހޫރު ދެ ވާހަކަ ޅެމަކީ ހޯމަރު ނަމަކަށް ކިޔާ ޔޫނާނީ ޅެންވެރިޔަކު ލިއުނު ”އިލިއާޑް“ އާއި”އޮޑިސީ“ ކަމުގައި ބުނެވެ އެވެ. ބަޠަލެއްގެ މޮޅުކަމުގެ ވާހަކަ ހިމެނޭ ޅެމަށް އިނގިރޭސި ބަހުން ކިޔަނީ އެޕިކް (epic) އެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އެންމެ މަޝްހޫރު އެޕިކަކީ ޖޯން މިލްޓަން ލިއުނު ”ޕެރެޑައިސް ލޮސްޓް“ [ސުވަރުގެ ގެއްލުން] އެވެ.

ވާހަކަ ޅެމުގެ އެހެން ބާވަތްތައް ހުރެ އެވެ. އެ ފަދަ އެހެން އެއް ބާވަތަކީ ބެލޭޑް (ballad) އެވެ.  ބެލޭޑް އަކީ ކުރުކޮށް ހުންނަ ލަވަގޮތަށް ކިޔާ ޅެމެވެ. މިފަދަ ޅެން ކިޔާއިރު އަޑުއަހާ މީހުން ތަކުރާރު ކުރާ ބައެއް ހިމެނިދާނެ އެވެ.

ލިރިކް ޅެން

ލިރިކް ޅެމެއްގައި ޅެންވެރިޔާ ހާމަކުރާނީ އޭނާގެ ހިތުގައިވާ ޝުޢޫރުތަކާއި އިޙްސާސްތަކެވެ. މީގެ މާނައަކީ ޑައެރީއެއް މީހަކު ލިޔާގޮތަށް އަމިއްލަ ވާހަކަތަކެއް ހިމެނުމެއް ނޫނެވެ. ޅެންވެރިޔާ، އެހެންމީހެއްގެ ޝުޢޫރުތައް އޭނާގެ ހިތަށް ގެނެސްގެން ލިޔާ ލިއުމެވެ. މިގޮތަށް ކަން ކުރުމުގައި ޅެމުގައި ހިމެނޭ މީހުންގެ ނަމާއި ތަނަށް ވެސް ބަދަލު ގެނެސް ފާނެ އެވެ. އެހެންކަމުން ލިރިކް ޅެމަކީ ކޮންމެހެން ލިޔުންތެރިޔާގެ އަމިއްލަ ޒާތީ އިޙްސާސްތަކަށް ވާކަށް ނުޖެހެ އެވެ.

ލިރިކް ޅެމަކީ ކުރިން ދެންނެވިހެން ރާގު ކުޅޭ އެއްޗެއް ބޭނުންކޮށްގެން ކިޔާ ޅެމަކަށްވާތީ، މި ފަދަ ޅެމާއި ލަވައާ ވައްތަރު ގޮތެއް ހުރެ އެވެ. މި ގުޅުން ދައްކައިދޭ އެއް ދަލީލަކީ ކުރިން ދެންނެވިފަދައިން ލަވައެއްގެ ލަފުޒުތަކަށް ލިރިކްސް ކިޔާކަމާއި ލިޔާމީހާއަށް ލިރިސިސްޓް ކިޔާ ކަމެވެ. ބައެއް ފަހަރު އެންމެ އިހްސާސެއް ނުވަތަ ޝުޢޫރެއް ފާޅުކުރުމަށް ލިރިކް ޅެމެއް ލިޔެފާނެއެވެ. ވާހަކަ ޅެމާއި ޑްރެމެޓިކް ޅެމުގެ ތެރެއަށް ނުފެތޭ ކޮންމެ ޅެމަކީ ލިރިކް ޅެމެއް ކަމަށް ބައެއް މީހުން ހަދާތީ، މިބާވަތަކީ އިނގިރޭސި ޅެންވެރިކަމުގައި އެންމެ ބޮޑު ބައެވެ. ވާހަކަޅެން ފަދައިން ލިރިކްޅެން އިތުރު ބައިތަކަށް ބަހައި ހަދަ އެވެ. ދެން މިދަންނަވާލަނީ މި ފަދަ ބައެއް ބާވަތެވެ.

ލަލަބައި (lullaby): ކުޑަކުދިން ނިންދަވަން ކިޔާޅެމެވެ.

ސޮނަޓް (sonnet): ހަމައެކަނި 14 ފޮޅުވަތުގެ މައްޗަށް ހިމެނޭ ކޮންމެ ފޮޅުވަތެއްގައި 10 ސިލަބްލް ހިމެނޭ، ދެވަނަ ސިލަބްލްއަށް ބާރުލާފައި، ފަހު ދެފޮޅުވަތް ނިމޭއިރު ކާފިޔާ ހަމަކޮށްފައި އެހެން ހިރި ފޮޅުވަތްތަކުގެ ކާފިޔާ ވަކިން ހަމަކޮށް އޮނަހިރި ފޮޅުވަތްތަކުގެ ކާފިޔާ ވަކިން ހަމަވާގޮތަށް ލިއެފައި ހުންނަ ޅެމެވެ. މިއޮތީ އިނގިރޭސި ބަހުގެ އެންމެ މަޝްހޫރު ޅެންވެރިޔާގެ އެންމެ މަޝްހޫރު ސޮނަޓްގެ ތަރުޖަމާއެކެވެ.

އޯޑު (ode): އޯޑަކީ މަތިވެރި ކަމަކަށް، ވަރަށް މާތް ޢިބާރާތުން ލިޔެފައި ހުންނަ ޅެމެވެ. ގިނަފަހަރު އޯޑު އަމާޒު ކުރެވެނީ ކޮންމެވެސް މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހަދައިފައިވާ ޅެމަށެވެ.

އެލަޖީ (elegy): އެލަޖީއަކީ މީހެއްގެ މަރުގެ ހިތާމައިގައި ހަދާފައި ހުންނަ ތަޢުޒިޔާގެ ޅެމެވެ. ބައެއް ފަހަރު ވަގުތު ނުވަތަ ޒުވާންކަން ނިމުމުގެ މައްޗަށްވެސް މިފަދަ ޅެން ހަދާފައި ހުރެ އެވެ. އެލަޖީ ތަކުގެ ތެރޭގައި އެޕިޓާފް (epitaph)  ކިޔާ މަހާނަގަލުގައި ލިއާ ޅެން ހިމެނެ އެވެ. މި ފަދަ ޅެމަށް ބައެއް ފަހަރު އެޕިގްރާމް އޭ ވެސް ކިޔާފާނެ އެވެ. އެޕިގްރާފް ނުވަތަ އެޕިގްރާމް އަކީ ކުރުކޮށް މަޖާޒާއި ވަށްބަސް ބޭނުންކޮށްގެން އެންމެ ޚިޔާލެއް ނުވަތަ ޝުޢޫރެއްގެ މައްޗަށް ޢާއްމުކޮށް ހަދާފައި ހުންނަ މަހާނަ ގަލަށް ޚާއްޞަ ޅެމެވެ. މިސާލަކީ ކުރެހުންތެރިއެއްގެ މަހާނަ ގަލުގައި ލިއެފައިވާ ތިރީގައިވާ އެޕިޓާފް އެވެ.

This famous painter met his death
Because he could not draw his breath.

”މި މަޝްހޫރު ކުރެހުންތެރިޔާ އޭނާގެ މަރާ ބައްދަލުވީ އޭނާގެ ނޭވާ، އޭނާއަށް ނުކުރެހުނީމަ އެވެ.“ މި އެޕިޓާފުގައި ދެ މާނަ އެކުލެވޭ ބަހެއް ބޭނުން ކޮށްފައި ވެއެވެ. އިނގިރޭސި ބަހުގައި ކުރެހުމަށާއި ނޭވާ އެތެރެއަށް ލުމަށްވެސް ޑްރޯ ބޭނުން ކުރެއެވެ. އެހެން ކަމުން، ”މި މަޝްހޫރު ކުރެހުންތެރިޔާ، އޭނާގެ މަރާ ބައްދަލުވީ އޭނާއަށް ނޭވާ ނުލެވުނީމައެވެ“ މިހެންވެސް މާނަ ކުރެވެ އެވެ. ޢިބާރާތެއްގައި ބޭނުންކުރާ، ދެމާނައެއް ނުކުންނަ އެއް ލަފުޒަށް ކިޔަނީ ޕަން އެވެ.

ހައިކު (Haiku): މިއީ ޖަޕާނުގެ ސަގާފީ ޅެމުގެ ބާވަތެކެވެ. ނަމަވެސް އިނގިރޭސި ޅެންވެރިކަމުގެ ލިއުންތަކުގައި ހައިކުގެ ވާހަކަ ޢާއްމު ވެއްޖެއެވެ. ހައިކަކީ ހަމަ އެންމެ ޚިޔާލެއްގެ ނުވަތަ ނަޒަރެއްގެ މައްޗަށް އެކުލެވިފައިވާ ޅެމެކެވެ.  ހައިކެއްގެ ދިގުމިނަކީ އަބަދުވެސް 3 ފޮޅުވަތެވެ. ހާމަކޮށްފައި އޮންނަނީ ހަމަ އެންމެ ޝުޢޫރެކެވެ. ފުރަތަމަ ފޮޅުވަތުގައި ހިމެނޭނީ 5 ސިލަބްލް އެވެ. ދެވަނަ ފޮޅުވަތުގައި 7 ސިލަބްލް އެވެ. އަދި ތިންވަނަ ފޮޅުވަތުގައި 5 ސިލަބްލްއެވެ.  ފުރަތަމަ ފޮޅުވަތާއި ފަހު ފޮޅުވަތުގެ ނިމުން ހުންނަނީ ކާފިޔާ ހަމަކޮށެވެ.  ހައިކު ކުރުވަނީ އެއް ނޭވާއިން ކިޔާ ޅެމަކަށް ވުމާއި ތިމާއަށް ފެނުނު ނުވަތަ ތަޖުރިބާ ކުރެވުނު އެންމެ ކަމެއްގެ މައްޗަށް ލިއެވޭ ޅެމަކަށް ވާތީ ކަމަށް ބުނެވެއެވެ.

ރަނގަޅު ހައިކަކީ ކުރަސް ފަސޭހައިން އެކުލަވާލެވޭ ޅެމެއް ނޫނެވެ. ނަމަވެސް، މިއީ ކޮންމެ ބަހެއްގައި ވެސް ޅެންވެރިކަން ކިޔަވާދިނުމަށް ފަށައިގަންނަން ބޭނުންތެރި ބާވަތެކެވެ. ކުރުކަމުން ޝުޢޫރު ފާޅުކުރުމަށް މާނަފުން ލަފުޒާއި ޚިޔާލު ބޭނުން ކުރަން ޖެހެ އެވެ. މިސާލެއް ތިރީގައި އެވަނީ އެވެ. މި ހައިކުގެ މާނައަކީ: ހަނދުގެ މުއްސަނދިކަމުން، ވީދާލެވިފައިވާ ކަނޑު ރާޅުތަކުގެ މައްޗަށް އަލިމަސްތައް ބުރުއްސާލަ އެވެ. މި ހައިކުގައި އެއްވަނަ އަދި ތިންވަނަ ފޮޅުވަތުގެ ކާފިޔާ ހަމައެއް ނޫނެވެ. އެއީ ޖަޕާނު ބަހުން ތަރުޖަމާ ކޮށްފައި ވާތީއެވެ.

The moon is so rich
It sprinkles diamonds on the
Torn waves of the sea.

މި ދަންނަވާލެވުނީ ތަފާތު ބާވަތް ބާވަތުގެ ލިރިކް ޅެމެވެ. އެއް އުޞޫލަކުން ވިސްނާއިރު، ލިރިކް ޅެމަކީ އެންމެ ޠާހިރު ޅެމެވެ. ވާހަކަ ޅެމެއް ނަޘްރުން ލިޔުނީމާވެސް އޭގައި ކިޔާހިތްވާ ފަދަ ގޮތެއް ހުރެދާނެ އެވެ. ޑްރެމެޓިކް ޅެމެއް ވާހަކައެއްގެ ގޮތުގައި ނުވަތަ ތަމްސީލެއްގެ ގޮތުގައި ޝައުޤުވެރިވާ ގޮތަކަށް ލިޔެވިދާނެ އެވެ. ނަމަވެސް ލިރިކް ޅެމެއްގެ އަސަރަކީ އޭގެ ސިފަ އެވެ. އޭގެ ލަފުޒުތަކާއި އަޑުތަކާއި ވަޒަނުގެ އަސަރެވެ. އެހެން ބާވަތެއްގެ ލިޔުމަކަށް އެ ބަދަލުކޮށްފިނަމަ، އިހު ހުރި އަސަރު ނެތިދެ އެވެ.

ޑްރެމެޓިކް ޅެން

ޑްރެމެޓިކް ޅެމެއްގައި އެކަކު ނުވަތަ ގިނަ މީހުން ކޮންމެވެސް މީހަކާ މުޚާޠަބުކޮށް ވާހަކަ ދައްކަ އެވެ. ބައެއް ފަހަރު ޅެމުގައި ހިމެނޭ އެހެން މީހަކަށެވެ. ބައެއް ފަހަރު އަމިއްލަ ނަފުސަށް ނުވަތަ ކިޔާ މީހާއަށް މުޚާޠަބު ކޮށްފައި ވެއެވެ. ޑްރެމެޓިކް ޅެން ކިޔަފާއިވަނީ ވާހަކަދައްކާ މީހާ ޝުޢޫރުން ފުރިފައިވާ އާދަޔާ ޚިލާފު ހާލަތެއްގައި ހުރި ކަމަށް ބަލައިގެންނެވެ. މުޚާޠަބު ކުރެވޭ މީހާގެ އަޑެއް ނުވަތަ ކިޔާ އެއްޗެއް ބައެއް ފަހަރު ޅެމަކު ނުހިމަނައެވެ. އެ ބައި ޖެހޭނީ ކިޔާ މީހާ ޚިޔާލަށް ގެންނާށެވެ. ހުޅަނގުގެ ޅެންވެރިކަމުގައި، މި ފަދަ ޅެންހަދަން އެންމެ މަޝްހޫރީ ޝޭކްސްޕިއަރު ކިޔާ އިނގިރޭސި ތަމްސީލް ލިޔުންތެރިއެކެވެ. ނަމަވެސް އިނގިރޭސި ޅެންވެރިކަމުގައި އެންމެ މަޝްހޫރު ޑްރެމެޓިކް ޅެމަކީ ރޮބަރޓް ބްރައުނިންގ ލިއެފައިވާ ”ދަ ޑަޗަސް“ ކަމަށް ބުނެވެ އެވެ. ތިރީގައި އެވަނީ އެ ޅެމުގެ ފުރަތަމަ ހަތަރު ފޮޅުވަތެވެ. މިހަތަރު ފޮޅުވަތް އޭގެ އަޞްލު މާނަ، އާދައިގެ މީހަކަށް ދޭހަވާ ގޮތަށް ތަރުޖަމާކުރަނީ ނަމަ، ވަރަށް ދިގުވާނެ އެވެ. ކުރިން ދެންނެވި ފަދައިން، ޅެމަކީ އެންމެ ގިނަ ޝުޢޫރު އެންމެ ކުރުކޮށް ބަޔާންކުރާ ލިޔުމުގެ ބާވަތެވެ.

Now that I, tying thy glass mask tightly
May gaze through these faint smokes curling whitely,
As though pliest thy trade in this devil’s smithy—
Which is the poison to poison her, prithee.

ދާދިފަހުން، ޙަބީބާ ޙުސައިން ޙަބީބު، މުޙައްމަދު އިޤްބާލް ކިޔާ ޕާކިސްތާނުގެ އެންމެ މަޝްހޫރު ޅެންވެރިޔާގެ އުރުދޫ  ޑްރެމެޓިކް ދެ ޅެމެއް ދިވެހިބަހަށް ތަރުޖަމާ ކޮށްފައި ވެއެވެ. އެއް ޅެމަކީ، މުސްލިމުންގެ ޙާލަތާ މެދު، ކަލާނގެއަށް ކޮށްފައިވާ ޝަކުވާގެ ޅެމެކެވެ. އަނެއް ޅެމަކީ އެ ކަލާނގެ ޖަވާބުގެ އިއްވަފާނޭ ކަމަށް ބެލެވޭ، މުސްލިމުންނަށް އެ ހާލަތް ޖެހުނު ސަބަބާ ބެހޭޅެމެކެވެ.

ޅެންވެރިކަން ދަސްކޮށްދިނުން

އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިރާއްޖެއަކީ ވަކި ޙަޟާރަތެކެވެ. އެހެނީ ޙަޟާރަތެއްގައި ހުންނަން ޖެހޭނެކަމަށް މީހުން ބުނާ ސިފަތައް ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި އިޖްތިމާޢީ ކަންތައްތަކުގައި ވެއެވެ. ޙަޟާރަތުން މާނަކުރަނީ އިންސާނީ މުޖުތަމަޢުއެއް، ފިކުރީ ގޮތުންނާއި  މާއްދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިގެންވާ ޙާލަތަކަށެވެ. ޙަޟާރަތެއްގެ އެއް ސިފައަކީ ފަންނީ ގޮތުންނާއި ސައިންސްގެ ގޮތުންނާއި ސިޔާސީ ގޮތުން ކުރިއަރައިގެން ވުމެވެ. އަދި، ލިއެކިޔުމަށް ޙާއްޞަ ސަމާލުކަމެއް ދެވިގެން ވުމެވެ. ރާއްޖޭގެ ޙަޟާރަތަކީ ފިރުޢައުނުގެ ޙަޟާރަތްހާ ބޯދާ އަދި ފުޅާކޮށް ފެތުރުނު ޙަޟާރަތަކަށް ނުވިއަސް، ޙަޟާރަތެއްގައި ހުންނަންޖެހޭ އަސާސީ ސިފަތައް ރާއްޖޭގައި ހަމަކަށަވަރުން ކުރިން އޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ ޅެންބަހުރުވަ އެވެ. މި ޅެން ބަހުރުވަ ތަރައްޤީކޮށް އަންނަން އޮތް ޖީލްތަކަށް ރައްދުކޮށްދިނުމަކީ ވަރަށް ބޭނުން ތެރިކަމެކެވެ. ކޮންމެ ޤައުމެއްގައިވެސް ސަގާފަތުގެ ރީތި ކަންތައްތައް އެހެންމީހުންނަށް އަންގާދިނުމަށް ޒިންމާ ކުރެވިފައި އޮންނަނީ އެ ޤައުމެއްގެ ކުޑަކުދިންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ތަޢުލީމުދޭ މަންހަޖަށެވެ. އާދެ! ކަރިކިޔުލަމް އަށެވެ. ކިޔަވައިދޭ މާއްދާތަކާއި އެހެނިހެން މަދަރުސާގެ ޙަރަކާތްތަކަށެވެ. އެހެންކަމުން ދިވެހި ޅެންވެރިކަމުގެ ރީތި މިސާލުތައް ދިވެހި ކުޑަކުދިން ކިޔަވާ ފޮތްތަކުން ފެންނަން ޖެހޭނެއެވެ.

ދިވެހިބަސް ކިޔަވާދޭ ކުޑަކުދިންގެ ފޮތްތަކުން އަޅުގަނޑު ދެކޭ ހިތްވާ ކަހަލަ ޅެންތަކެއް ނުފެނެ އެވެ. އަދަބީ ސަގާފަތުގެ ތަރިކަ ކަމަށް ބަލާ ޅެންތަކުގެ ބަދަލުގައި ހުންނަނީ އުދުހޭ ކުދި ކަރުދާހަށް ނުވަތަ ބައިސްކަލް ބުރެއް ޖަހާލުމުގެ މުހިންމުކަމުގެ މައްޗަށް ހަދާފައި ހުންނަ ޅެމެވެ. އަދި މި ނޫނަސް، މިފަދަ އޭގެ ސަބަބުން ދެމިހުންނަނިވި ފައިދާއެއް ނުކުރާ ޅެންތަކެވެ. އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. ކުޑަކުދިންގެ ދޫތައް ދިވެހި އަޑުތަކަށް ފަރިތަކުރުވަން ޖެހޭނެއެވެ. ކުޑަކުދިންނާ ގުޅޭ، އެކުދިންގެ ޝުޢޫރުތަކާ ގުޅޭ، އެކުދިން ޝައުޤުވެރިވާނޭ ޅެންތައް އެކުދިންނަށް ފެންނަން ޖެހޭނެއެވެ. ނަމަވެސް، މިފަދަ ޅެންތަކުން މަންހަޖު ފުރާލުމުން، އަދަބީ ތަރިކަތައް އެކުދިން ދަސްކުރާނީ ކޮންއިރަކުތޯއެވެ؟  ބޮޑުފެންވަޅުގޭ ސީދީ އާއި ސަލާޙުއްދީނާއި ފާއިޒާ އާއި ޢަލީ މުސްޠަފާގެ ޅެންތަކަށް ތަޢާރުފު ވާން ލިބޭނީ ކޮންވަގުތެއް ތޯއެވެ؟  ރާއްޖޭގެ ގިނަ ކުދިންނަކީ މާ މައްޗަށް ކިޔަވާނޭ ފުރުޞަތު ލިބޭ ކުދިންނެއް ނޫނެވެ. މި މަޒުމޫނުގެ އެންމެ ފަހުބައިގައި ބުނާފަދައިން މީހުންގެ ކުރިމަތީގައި ޅެމެއްގެ މޮޅުކަން ބިނާވަނީ އެ ޅެމުގެ ކާފިޔާ އާއި ތާލުގެ ސަބަބަކުން ނޫނެވެ. އޭގައި ބުނާ އެއްޗެއްގެ ސަބަބުންނެވެ. ޙަޤީޤީ ތަޢުލީމަކީ ވަގުތީ އެއްޗެއް ނޫނެވެ. އުވިނުދާ، ފެޝަނުން ނުދާ، ޢުމުރުގެ ދުވަސްތައް ފާއިތުވުމުން ބޭކާރު ނުވާ، ދެމިގެންދާ، ދިރިއުޅުމަށް މަގުދައްކާ ތަޢުލީމަކީ ޙަޤީޤީ ތަޢުލީމެވެ.

މި ހާސަރުގަޑު  މި ދެންނެވެނީ ދިވެހި ޅެންވެރިންގެ ގުލްޒާރުގައި ފޮޅުނު މާތައް މިހާރުގެ ކުޑަކުދިންނަށް ނުފެނި ގެއްލިދާތަން ފެންނާތީ ކުރާ އަސަރެއްގެ ފުންކަމުންނެވެ. މުޅި ޢުމުރަށް ޢިބްރަތަކަށް ވާނޭ ފިލާވަޅުތައް ހިމެނޭ މޮޅު ޅެންތައް ހުރެ، އޭގެ މަންފާ މިހާރުގެ ކުޑަކުދިންނަށް ފޯރުކޮށް ނުދެވޭތީ އެވެ. މޮޅު ޅެންތައް ހިތުން އެނގުމުން، ނާއުއްމީދުވާ ވަގުތުގައި ނުވަތަ މުޞީބާތެއް ކުރިމަތިވާ ހިނދުގައި އެއިން ލިބޭ ތަޞައްލީގެ ސަބަބުންނެވެ. މޮޅު ރީތި ސަގާފީ ޅެންތައް އެނގި އެއާ ދޭތެރޭ ޝައުޤުވެރިވާ ފަރާތްތައް ފެންނަލެއް މަދުކަމުންނެވެ.

އާދެ! ޅެންވެރިކަން ދަސްކޮށްދިނުމާބެހޭ ގޮތުން އެކި މީހުންގެ ޚިޔާލު ތަފާތުވާނެއެވެ. ޅެންވެރިން ތިބި ޢަދަދުހައި އެ ގޮތްތައް ގިނަވެދާނެ އެވެ. އަޅުގަނޑު ދަންނަވާލާނީ އިނގިރޭސި ޅެން ހަދަން ދަސްކޮށްދިނުމާ ބެހޭ ގޮތުން ބައެއް ފޮތްފޮތުގައި ލިޔެފައި ހުންނަ ގޮތެވެ.  ޅެންހަދަން ދަސްކުރުމުގެ ގޮތުން އެންމެ މުހިއްމުވާނީ ދަރިވަރުންގެ ކިބައިގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. ވަރަށް ކުޑައިރުންސުރެ، މޮޅު ޅެންތައް ކުދިން ލައްވާ ބާރަށް ކިޔުއްވުމެވެ. މިކަމުން ޅެމުގައިވާ ތާލުތައް ކުދިންނަށް ފާހަގަ ކުރެވެމުން ދާނެ އެވެ. ޅެންތައް ޝަރަޙަ ކުރުން ފަދަ ޙަރަކާތްތަކުން ލަފުޒުތައް ހުންނަ ގޮތްތައް ފާހަގަ ކުރެވެމުން ދާނެއެވެ. ކުއްޖާ ބޮޑުވަމުން އައި ވަރަކަށް މޮޅު ޅެމެއްގެ މޮޅުކަމާއި ބޭނުންތެރިކަން ދާނީ އިތުރުވަމުންނެވެ.

ޅެން ހަދަން ދަސްކޮށްދޭނޭ ދެ ގޮތެއް އިނގިރޭސި ފޮތްތަކުގައި ލިޔެވިފައި ހުރެ އެވެ. އެއް ގޮތަކީ ރަނގަޅު ބައިތެއް ނަގައި އެ ބައިތުގެ މާނަ އެހެން ގޮތަކަށް ތަފާތު ލަފުޒުތައް ލައިގެން ބަދަލުކޮށްލުމެވެ. މިގޮތަށް ކަންތައްތައް ކުރުމަކީ އައު ޅެމެއް ހެދުމަށްވުރެ ފަސޭހަ ކަމެކެވެ. ބަަދަލުކުރާ ޅެމުގެ ތާލު ހުންނާނީ ކުރީ ޅެމާ ދާދި އެއްގޮތަކަށެވެ. ކާފިޔާ ހަމަކުރާކަށް އުނދަގުލެއް ނުވާނެއެވެ. ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ޤާބިލްކަން ހުރި މިންވަރުން، ކުދިންނަށް ދަސްކުރެވެމުން ދިޔަ މިންވަރަކުން ބަދަލު ކުރާ ލަފުޒުތަކުގެ ޢަދަދު މަދުކޮށް ގިނަ ކުރެވިދާނެއެވެ. މޮޅު ޅެންވެރިންވެސް ބައެއް ޅެން މިގޮތަށް ބަދަލުކޮށް ޝާއިޢު ކުރެއެވެ. މިކަމުގެ ސަބަބުން އަޞްލު ޅެންވެރިޔާ ނުހަނު ޙައްޞާސްކޮށް ފާޅުކުރާ ޝުޢޫރުތަކަށް ސަމާސާ ކުރެވެއެވެ. އިނގިރޭސި ބަހުން މިގޮތަށް ބަދަލުކޮށް ލިޔާ ޅެމަށް ކިޔަނީ ޕެރޮޑީ (parody) އެވެ. މިފަދަ ޕެރޮޑީ އަކަށް އަޅުގަނޑަށް ފެނިފައިވާ އެންމެ ދިގު  ދިވެހި ޅެމަކީ ”ޔަމަނުގެ މަޢުސޫމާ“ އަށް މީހަކު ހަދާފައިވާ ޅެމެކެވެ. ބަލާޣަތްތެރި ފަށުވި ޖުމްލަ ހަދަން ދަސްކޮށްދޭއިރު ވެސް، މިފަދައިން މޮޅު ޖުމްލައެއް ކޮޕީކޮށް ބަދަލުކޮށް އެންމެ ފަހުން އެފަދަ އާ ޖުމްލައެއް އުފެއްދުމަށް ތަމްރީނު ދެވެއެވެ.

ޅެންވެރިކަން ދަސްކޮށްދޭން ހަދާ ދެވަނަ ގޮތަކީ، މަޒުމޫނު ޢިބާރާތުން، އާދެ،ނަޘްރުން ލިޔެފައިވާ ޕެރެގްރާފެއް ނުވަތަ ލިޔުމެއް ޅެންބަހަށް ބަދަލުކޮށްލުމެވެ. ޅެމާއި ވަރަށް ގާތްކުރާ ފަށުވި، އަސަރުކުރުވާ ޖުމްލަތައް ފޮތްފޮތުން ފެންނާނެއެވެ. އެ ޖުމްލަތައް މާ އުނދަގުލެއްނެތި، ޅެންބަހަށް ބަދަލުކޮށްލެވޭނެ އެވެ. ގިނަ ފަރާތްތަކުން ބުނަނީ ކާފިޔާ ހަމަނުކޮށް، ތާލަށް ނުބަލައި ލަފުޒުތައް ޅެމަކާ ގާތްކުރާ ސިފައަކަށް އެތުރުމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ފްރީ ވާރސް ނުވަތަ މިނިވަން ބައިތު ހެދުމަށެވެ. އެހެނީ ކާފިޔާ ހަމަކޮށްގެންނާއި ތާލު ހިފަހައްޓައިގެން ޅެން ހެދުމަކީ ދަސްކުރާ ފަރާތްތަކަށް ފަށައިގަންނައިރު އުނދަގޫ ކަމެކެވެ.

މިގޮތަށް އަތުރާއިރު ކޮންމެހެން ބޭނުންނުވާ ލަފުޒުތައް އުނިކޮށްލެވިދާނެއެވެ.  އެހެނީ ޅެމަކީ ޝުޢޫރުތައް ވަރަށް ކުރުކޮށް ބަޔާންކުރާ ލިއުމެކެވެ. ދެން ހަދާ ގޮތަކީ ދެތިން ލަފުޒު ބަދަލުކޮށް، ފުން ޝުޢޫރަކަށް ނުވަތަ މަންޒަރަކަށް އިޝާރާތް ކުރާ ލަފުޒު ބޭނުން ކުރުމެވެ. ޅެމެއްގައި ހުރިހާ ތަފްޞީލްތަކެއް ދޭކަށް ނުޖެހެއެވެ. މި ތަފްޞީލު ނެތުމުން ޅެން ކިޔާ އެކިމީހުން ޅެމުން ނަގާ މާނަ ކުޑަކޮށް ތަފާތު ވާނެއެވެ.  އެއީ މޮޅު ކުރެހުމެއް ފަދައިން، މޮޅު ޅެމެއްގެ އާދަޔާ ޚިލާފު އެއް ސިފައެވެ.

ޅެން ލިޔާއިރު ޒަމާނަކީ ވެސް މުހިއްމު އެއްޗެކެވެ.  ވާހަކަޅެމެއްގައި މާޟީވެފައިވާ ކަމެއް ކޮންމެހެން ލިޔަން ޖެހުނަސް، ހިގަހިގާހުރި ޒަމާނަށް ޅެން ލިއުމުން، މީހުންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. ޅެމުގައި ބުނާ ކަމަކީ ވަމުންދާ ނުވަތަ ވެދާނެ ކަމެއްކަމަށް ވުމުން ކިޔުންތެރިންގެ ސަމާލުކަން އިތުރުވެއެވެ. ބައެއް ޅެންތައް ޚިޔާލަށް ގެންނެވުމުން، އަޅުގަނޑު މިދެންނެވި އެއްޗެއްގެ ތެދުކަން ހިތްޕުޅަށް ޔަޤީން ކުރެއްވޭނެއެވެ.

ޅެންވެރިކަމުގެ ސިއްރަކީ ޢާއްމު އެއްޗަކާ ނުވަތަ ޚިޔާލަކާ ދޭތެރޭ މުޅިން އައު ގޮތަކަށް ބަލާ އަންނަ ޝުޢޫރުތައް ލިޔުމެވެ. އެހެނީ ކިތަންމެ ޅެމެއް ލިއެފައިވަނީ އެންމެން ދަންނަ ޢާއްމު މައުޟޫޢުތަކަށެވެ. ނަމަވެސް ޅެންވެރިޔާ ވަނީ އިޖާދީ، އުފެއްދުންތެރި އައު ގޮތަކަށް އެ ތަކެއްޗަށް ބަލާފައެވެ. ފަށައިގަންނައިރު އުފެއްދުންތެރި ނަޒަރަކުން އެކިކަންކަމަށް ބަލާލަން ކުދިންނަށް ދަތިވާނެއެވެ. އެހެންކަމުން، އެހެންމީހެއްގެ ޤަލަމީ ސިފަކުރުމަށް ބިނާކޮށް ޅެމެއް ހެދުމަކީ ”ކަރުނަޔާ ނުލައި“ ޅެން ހަދަން ފަށައިގަނެވިދާނެ ގޮތެކެވެ. މިފަދަ ފަށައިގަތުމަކުން ހަދާ ޅެން މޮޅުވަމުން އައިސް އެންމެ ފަހުން ކުރީގެ އަޞްލު ޕެރެގްރާފް އާ ވަރަށް ތަފާތު ބޮޑުވެ މާ ފަށުވިވެދާނެއެވެ. މިގޮތަށް ބަދަލު ކުރާއިރު، އަމިއްލަ ލަފުޒުތައް ލެވިދާނެއެވެ. ތިމާއަށް މާނަހުރި ޙާލަތެއް، ޝުޢޫރެއް ހިތަށް ގެނެވުމުން، ޅެމުގެ ތެރެއަށް ތިމާ ގެއްލި ހިތާއި ސިކުނޑި އެއްކޮށް މަސައްކަތް ކުރަން ފަށައިގަނެއެވެ. އޭރުން ޅެންވެރިންގެ ގުލްޒާރަށް ދިއުމަށް ދަތުރު ފެށުނީއެވެ.

ނިންމުން: އިނގިރޭސި ބަހުން ލިޔެފައިވާ އެންމެ ގިނައިން ވިކޭ ޅެން ފޮތަކީ ކޮބައިތޯއެވެ؟

ޗާޕުކުރެވޭ ފޮތްތަކުގެ ޢަދަދުން އެންމެ ކުރީގައިވާ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ކަމުން، އިނގިރޭސި ބަހުން ލިއެފައިވާ ޅެންފޮތްތަކުން އެންމެ ގިނައިން ވިކޭ ޅެންފޮތަކީ ކޮބައިތޯ ބެލުމުން، ޅެމެއްގައި ހުންނަ މަޤްބޫލު ސިފަތައް ހޯދިދާނެއެވެ. މިކަން ބަލާކަށް މިހާރަކު އުނދަގުލެއް ނުވެއެވެ. އެއީ ތަފާތު ފޮތް ވިކޭ ނިސްބަތްތައް ބަލައި ޝާއިޢުކުރާ ޖަމްޢިއްޔާ ފަދަ އިދާރާތައް  މިހާރު ހުރެއެވެ.

މި ސުވާލުގެ ޖަވާބު ހޯދާ ފަރާތްތަކަށް ޙައިރާން ކަމެއް ލިބޭނެއެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އެންމެ ގިނައިން ވިކޭ ޅެންފޮތަކީ އަޞްލު އިނގިރޭސިބަހުން ލިޔެފައިވާ ފޮތެއް ނޫނެވެ. އެފޮތަކީ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައިވާ ޖަލާލުއްދީނު ރޫމީ ގެ ”މަސްނަވީ“ އެވެ. އެންމެ މޮޅު އިނގިރޭސި ޝާއިރުން ލިޔާ ޅެން ފޮތްފޮތުގެ އެންމެ ދިހަ ހާސް ފޮތް ވިއްކަން އިނގިރޭސިބަހުން ވާހަކަ ދައްކާ ހުރިހާ ޤައުމެއްގައި ދަތިވާއިރު، ޖަލާލުއްދީނު ރޫމީގެ ފޮތުގެ އެންމެ ފަހު ތަރުޖަމާގެ  250،000 ކޮޕީ މިއަހަރުވެސް އެމެރިކާގައި ވިކިއްޖެއެވެ. އަދި މިފޮތުގައިވާ ޅެންތައް ކިޔާފައި ސީޑީއަށް އެޅުމުން، އެންމެ ހިގާ ލަވަތައް ހިމަނާ ޗާޓު (ބިލްބޯޑު) ގެ ފުރަތަމަ ވިހި ލަވައިގެ ތެރޭގައި ހިމެނުނެވެ. މި ޅެންތަކަށް ލޯބިކުރާ މީހުންގެ ތެރޭގައި މެޑޮނާ ފަދަ އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިން ހިމެނެއެވެ. (ދަ ގާރޑިއަން ނޫސް، 15 ފެބްރުއަރީ 1999).

ޖަލާލުއްދީން ރޫމީ އަކީ 1207 ގައި އަފްޣާނިސްތާނުގެ ރަށަކަށް އުފަންވެ ވަޑައިގެން ޅެން ވެރިއެކެވެ. އޭނާ އުޅުއްވާ ނިޔާވީ މިހާރު ތުރުކީގެ ރަށެއްކަމުގައިވާ ކޮންޔާގައި 1273 ވަނަ އަހަރުއެވެ. މިފޮތް އެހާ ހިނގަނީ ކީއްވެ ބާވައެވެ؟ ޖަލާލުއްދީނު ރޫމީ ނިޔާވިތާ މިހާރު 740 އަހަރު ވެއްޖެއެވެ. އޭނާގެ އެންމެ މަޝްހޫރު ޅެންފޮތް ”މަސްނަވީ“ ލިއެފައިވަނީ އެއްބައި ޢަރަބި ބަހުން އަނެއް ބައި ފާރިސީ ބަހުންނެވެ. މިފޮތުގައި 24066  ބައިތު ހިމެނެއެވެ. މަސްނަވީ ގެ ބައެއް ބައިތު ”ބޮޑުތަކުރުފާނު ވާހަކަ“ އިގައި ޙުސެން ޞަލާޙުއްދީނު ލިޔުއްވާފައި ވެއެވެ. މުޙަންމަދު ޖަމީލު، އެފޮތުގެ ބައެއް ބައިތު، އަޞްލު ވަޒަނަށް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ޗާޕު ކުރައްވާފައި ވެއެވެ.

މަތީގައި ދެންނެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބުރަވެ، އަޅުގަނޑަށް ދަންނަވަން ޖެހެނީ ގިނަ ދުވަހަށް ޅެމެއްގެ މަޝްހޫރުކަން ދެމި އޮންނަނީ އޭގެ ވަޒަނާއި ކާފިޔާ އާއި ބަސްކޮށާރުގެ ސަބަބަކުން ނޫންކަމެވެ. ޅެމެއްގެ މޮޅުކަން ބިނާވެފައިވަނީ އެ ޅެމެއްގައި ބުނާ އެއްޗެއްގެ މައްޗަށެވެ. އަދި އެބުނާ ގޮތެއްގެ މައްޗަށެވެ.

DividerTransparent-1-

 

 

ތިރީގައިވާ ދެ ޞަފުޙާއަށް ކްލިކް ކޮށްލައްވަނިކޮށް ބޮޑުވާނެއެވެ. އަދި  ޕްރިންޓް ކުރިއަސް ވަރަށް ސާފުވާނެއެވެ.