އެމްވީ އުތީމު
އެމްވީ އުތީމު ފޮންޓަކީ، 1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީ ކޮޅުގައި ޢާއްމުވި ތާނަ ލިޔެވޭ ޕްރޮގްރާމެއްގައި ބޭނުން ކުރި ފޮންޓެއްގެ ބައްޓަމާ ވަރަށް ވައްތަރުކޮށް ހަދާފައިވާ ފޮންޓެކެވެ. މި ފޮންޓު ބޭނުންކުރި ޕްރޮގްރާމަށް ކިޔާ ނަމަކީ ”މަލްޓިލިންގުއަލް ސްކޮލަރ“ އެވެ. ކުރުކޮށް ”އެމްއެލްއެސް“ އެވެ. ތިރީގައި އެވަނީ އެ ޕްރޮގްރާމުން ލިޔެފައިވާ ލިޔުންކޮޅެކެވެ. އެ ލިޔުންކޮޅަށް ކްލިކްކޮށްގެން ބޮޑުކޮށްލެވޭނެއެވެ.
މި ފޮންޓާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އޭދަފުށީ ޢަބްދުﷲ ވަޙީދެވެ. އޭނާއަކީ މި ޕްރޮގްރާމް ނެރުނު ދުވަސްވަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފެކެވެ. އޭނާ ވިދާޅުވާގޮތުގައި ފޮންޓުގައިވާ ލިޔުމުގެ އަޞްލަކީ އޭނާގެ ލިޔުމެވެ.
އެމްއެލްއެސް ފަދަ ޕްރޮގްރާމްތަކުގައި ފޮންޓުތައް ހަދާފައި ހުންނަނީ އަކުރު ފާހަގަކުރަން ތިކިތަކެއް ޖަހައިގެންނެވެ. ވަރަށް ކުދި ތިކިތަކެކެވެ. އާދެ! އިންޗިއެއްގައި 300 ތިކި ޖެހޭ ހާ ކުދި ތިކިތަކެކެވެ. މި އަކުރުތައް ރީއްޗަށް ބޮޑު ކުރާނަމަ، އަލުން ޖެހޭނީ ފޮންޓުގެ ކޮންމެ ސައިޒަކަށް އަލުން ތިކިތައް ޖަހައިގެން އެ އަކުރެއް ކުރަހާށެވެ. އެހެންކަމުން، އެމްއެލްއެސް ގެ އަކުރުތައް ބޮޑުކޮށް ކުޑަކުރަން ދަތިވެއެވެ. މިޒަމާނުގައި ފޮންޓުގެ ބައްޓަންތައް ހުންނަނީ ހިސާބު އީކްއޭޝަންތަކެއްގެ ގޮތުގައެވެ. އެހެންކަމުން އަކުރެއްގެ ބައްޓަމެއް ބޮޑުކޮށް ކުޑަކުރަން ވަރަށް ފަސޭހައެވެ. ކޮމްޕިއުޓަރުން ހިސާބުކުރާލެއް އަވަސްކަމުން، އިސްކިރީންގައި ކުރަހާއިރު ދިގު ހިސާބުތަކެއް ކުރިހެން ހީވެސްނުވެއެވެ. ”އެކްސެންޓް“ ކިޔާ ތާނަ ޕްރޮގްރާމެއް މާލެއަށް ޢާއްމުވިއިރު، އެމްއެލްއެސްގެ މިއަކުރުތަކާ ވައްތަރުކޮށް ފޮންޓެއް ހަދާފައި ވެއެވެ. މި ފޮންޓަށް އަޅުގަނޑު ކީ ނަމަކީ ”އޭ_އުތީމު“ އެވެ. މިފަހަރު މި ފޮންޓު މި ޝާއިޢުކުރަނީ ”އެމްވީ އުތީމު“ ގެ ނަމުގައެވެ. ކުރީގެ ފޮންޓުގައި ހުރި އުނި އެތައް ކަމެއް މިފޮންޓުގައި ރަނގަޅު ކުރެވިފައިވާނެއެވެ.
މަތީގައި އެވަނީ އެމްވީ އުތީމުން ލިޔެފައިވާ ލިޔުންކޮޅެކެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، އަތުއަކުރު ޢާއްމުކޮށް ލިޔާވަރަށް ވުރެ ތަންކޮޅެއް ބައްޓަންތައް ފަލަ ދޮގެއްތޯއެވެ؟ މި ސަބަބާހެދި، މި ފޮންޓަކީ ”ބޯލްޑް“ ނުވަތަ ފަވާފައިވާ ފޮންޓެއް ކަމުގައި ބެލިދާނެއެވެ. މީގެ ނުފަވާ އަކުރުތަކެއްގެ ފޮންޓެއް އަޅުގަނޑު ހެދީމެވެ. އެއީ ފަވާފައި ހުރި އަކުރުތައް ހިމަކޮށްގެންނެވެ. އެހެންކަމުން އެ އަކުރުތައް ވަރަށް ހިމަ ވާނެއެވެ.
ތިރީގައި އެވަނީ ދެ ވައްތަރުން ލިޔެފައިވާ ލިޔުން ކޮޅެކެވެ. ފަލަ ވައްތަރު ލިޔުމެއްގައި ޖެއްސުމަށްޓަކައި، ”ބޯލްޑް“ އަށް ފިއްތަވާލަން ޖެހޭނެއެވެ (”ބޯލްޑް“ ކުރައްވަން ޖެހޭނެއެވެ.)
ކޮމްޕިއުޓަރުން ލިޔެފައިވާ ލިޔުމެއް ކަރުދާހުގައި ޕްރިންޓް ކުރުމުން ފެންނަ ގޮތާއި ސްކްރީނުން ފެންނަ ގޮތާ ތަފާތެއް ހުރެއެވެ. ސްކްރީނުގައި އަކުރުތައް ފެންނަނީ ކުދިކުދި ދިއްލޭ ”ބޮކި“ތަކަކުންނެވެ. މިބޮކިތައް ކުޑަކޮށް ނުއުފެއްދެއެވެ. އެހެންކަމުން، ކުޑަ ސައިޒުތަކުގައި އަކުރުތައް ނުސާފުވާނެއެވެ. ”އެމްވީ އުތީމު“ ފަރުމާކުރުމުގައި، ކުދި ސައިޒުގައި ސާފުކޮށް ސްކްރީނުން ފެންނަގޮތް ހެދޭތޯ އަޅުގަނޑު ބެލީމެވެ. ތިރީގައިވާ ޖުމުލަ ލިޔެފައި އެވަނީ އެއް ސައިޒެއްގައި ގިނަ ބަޔަކު ދަންނަ ދެ ފޮންޓާއި ”އެމްވީ އުތީމު“ ބޭނުންކޮށްގެންނެވެ. ސްކްރީނުން ފެންނަވަރަށް ވުރެ އެ ތަޞްވީރުވަނީ ބޮޑުކޮށްފައެވެ. ސާފީ ކޮން އަކުރުތަކެއްތޯއެވެ؟
”އުތީމު“ ފޮންޓު އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ މީގެ ވިހި އަހަރު ކުރިންނެވެ. 1996 ވަނަ އަހަރުއެވެ. އެހެންކަމުން، މިފޮންޓުގެ ދެވަނަ އިސްދާރެއް ނެރުމުގެ ވަގުތު ޖެހިއްޖެކަން ޔަޤީން އެވެ. މިފަހަރުގެ ފޮންޓުގައި ލެޓިން އަކުރުތައް ވެސް ހިމެނެއެވެ. އެއީ ތާނަ އަކުރުތަކާ އެކަމުތު (އެކުލަވާ) ގޮތަކަށެވެ.
މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް ފެވި އަކުރުތަކާއި ނުފަވާ އަކުރުތައް ހިމެނޭ ދެ ފޮންޓު ޑައުންލޯޑު ކުރެއްވޭނެއެވެ. ހަމަ ހިލެއެވެ.
Excuse me, what’s the license for your Thaana fonts? I’m making a Unicode reference software, so I need fonts for scripts all over the world. And Noto for some technical reason is unsuitable, specifically for Thaana.
Use it as you wish. Do not use the same name if you change the glyphs.