phonotacticssplash

ބަހެއް ގައި އެކުލެވޭ ލަފުޒުތަކުގައި، އެކި އަޑުތައް ހިމެނެނީ ވަކި ހަމަތަކަކުންނެވެ.  މި ހަމަތަކަށް ނުފެތޭގޮތަށް އަޑުތަކެއް ލަފުޒެއްގައި ހިމަނައިފި  ނަމަ، އެބަހަކާ އަލަށް ހެދި ލަފުޒު ނުގުޅޭ ގޮތެއް ހުންނާނެއެވެ. ލަފުޒުތަކުގައި އަޑުތައް ހިމެނޭ ހަމަތަކާ ބެހޭ ޢިލްމަށް އިނގިރޭސިބަހުގައި ކިޔާ ވަކި ނަމެއް ވެސް އޮވެއެވެ. އެއީ ”ފޮނޯޓެކްޓިކްސް“ އެވެ.

ފޮނޯޓެކްޓިކްސް އަކީ، ބަހެއްގެ ލަފުޒުތަކުގައި ހިމެނޭ އަޑުތަކުގެ ތަރުތީބާ ބެހޭ ޢިލްމެވެ. މިއީ ޔޫނާނީ ދެ ލަފުޒުން އެކުލަވާލާފައިވާ ލަފުޒެކެވެ. ”ފޮނޯ“ ގެ މާނައަކީ ވާހަކަ ދައްކާއިރު ބޭނުންކުރާ އަޑެވެ. ”ޓެކްޓިކްސް“ ގެ މާނައަކީ ތަރުތީބާ ބެހޭ އެވެ. ކޮންމެ ބަހެއްގެ ފޮނޯޓެކްޓިކްސް އެ ބަހަކަށް ޚާއްޞަ ވެގެން ވެއެވެ. ދިވެހިބަހުގެ ފޮނޯޓެކްޓިކްސް އިނގިރޭސި ބަހާ ތަފާތުވާނެ އެވެ. ލަފުޒެއްގެ ހުއްދަކުރެވޭ އަޑުތަކުގެ ހަމަތައް ކަނޑައަޅަން ބޭނުން ކުރަނީ އެ ބަހެއްގެ ފޯނީމްތަކެވެ. މި ހަމަތައް ތިބާއަށް އޮޅުން ފިލުވާދިނުމަށް، ބައެއް އައު ލަފުޒު ތައާރަފުކުރަން ޖެހެ އެވެ.

ތިބާއަށް މިހާރުވެސް ފިއްތި އަޑުތަކާއި ލީން އަޑުތައް އެނގިވަޑައިގަންނަވާނެއެވެ. ފިއްތިއަޑަކީ ތާނަ އަކުރެއްގައި ފިލިނުޖަހާ ނުވަތަ ސުކުން ކޮށް ކިޔުމުން ނުކުންނަ އަޑެވެ.  ލީން އަޑަކީ ސުކުން ފިޔަަވައި އެހެން ތާނަ ފިލިތަކުން އުފެދޭ އަޑެވެ. ފިއްތިއަޑުތަކަށް އިނގިރޭސިބަހުން ކިޔަނީ ކޮންސަނަންޓް އެވެ. ރަމްޒަކީ C އެވެ. ލީން އަޑުތަކަށް އިނގިރޭސިބަހުން ކިޔަނީ ވަވްލް އެވެ. ރަމްޒަކީ V އެވެ. ވަކިން އޮންނަ ލީން އަކަށާއި އަދި ލީނެއްގެ ދެކޮޅުގައި ކޮންސަނަންޓެއް ނުވަތަ ފިއްތި އަޑެއް ހިމެނޭ ކޮންމެ ލީން ގުރޫޕަކަށް ކިޔަނީ ސިލަބްލް އެވެ. މިސާލެއްގެ ގޮތުން، ”މާ“ އަކީ ސިލަބްލް އެކެވެ. ”މާލެ“ މި ލަފުޒުގައި ދެ ސިލަބްލް ހިމެނެއެވެ. އެއީ މާ.ލެ އެވެ. ދިވެހި ބަހުގައި އަކުރެއްގައި ފިއްޔެއް ޖެހުމުން ވަރަށް ގިނަ ފަހަރު އެވަނީ ސިލަބްލް އަކަށެވެ. ބައެއް ހާލަތްތަކުގައި ދެ އަކުރު އެއް ސިލަބްލް އަށް ވެދެއެވެ. އިނގިރޭސި ބަހުން ކުއްތާ އަށް ކިޔާ ލަފުޒު، ”ޑޯގް“ މިއީ އެއް ސިލަބްލް އެވެ. ދިވެހިބަހުގައި ވެސް އެއް ސިލަބްލްގެ ލަފުޒު ހިމެނެއެވެ. މިސާލަކަށް ”މަލް“ ގައި ދެ އަކުރު ހިމެނުނަސް އެއީ ވެސް އެއް ސިލަބްލްގެ ލަފުޒެކެވެ. ލަފުޒެއްގައި ހިމެނޭ ސިލަބްލްތައް ދެނެގަތުމަކީ ގިނަ ފަހަރު ފަސޭހަ ކަމެކެވެ. އެއީ (ސުކުން ފިޔަވައި) ލަފުޒެއްގައި ހިމެނޭ ލީން އަޑުތަކުގެ (ފިލީގެ) ޢަދަދެވެ. ދެ ލީން އަޑު ޖެހިޖެހިގެން ވާނަމަ، އެ ގުނަންވާނީ އެއް ލީންގެ ގޮތުގައެވެ. މިސާލެއްގެ ގޮތުން، ”އައިސް“ ގައި ހިމެނެނީ އެންމެ ސިލަބްލް އެކެވެ. ”ސިލަބްލް“ މި ލަފުޒުގައި ހިމެނެނީ ތިން ސިލަބްލް އެވެ. ލަފުޒުތައް ސިލަބްލް އަށް ވަކިކުރާގޮތާ މެދު ޢިލްމުވެރިން ޚިލާފު ވެއެވެ.  ސިލަބްލްތައް ފާހަގަ ކުރަން ދެ ސިލަބްލް ދޭތެރޭ ނުކުތާއެއް ޖަހާ ލިޔެއެވެ. މިސާލަކީ ސި.ލަ.ބްލް އެވެ.

ކުރު ލަފުޒެއް ފެށޭއިރު، އެންމެ ފުރަތަމަ އޭގައި ހިމެނޭ ފިއްތިއަޑަށް ނުވަތަ ކޮންސަނަންޓް އަށް ކިޔަނީ އޮންސެޓް އެވެ.  ލަފުޒެއްގައި އޮންސެޓް އަށް ފަހު ހިމެނޭ ފިއްތިއަޑަށް ކިޔަނީ ނިޔުކުލިއަސް އެވެ. ނިމޭއިރު އޮންނަ ކޮންސަނަންޓް އަށް ކިޔަނީ ކޯޑާއެވެ.  ކޯޑާގެ މާނައަކީ ޔޫނާނީ ބަހުން ނިގުލެވެ. ފުވައްމުލަކު ބަހުރުވައިން [އަދި ސިންގަޅަ ބަހުންވެސް] މަލަށް ކިޔަނީ ”މަލް“ އެވެ. މިލަފުޒުގެ އޮންސެޓް އަކީ /މ/ އެވެ. ނިޔުކުލިއަސް އަކީ / ަ/ އެވެ. ކޯޑާއަކީ /ލ/ އެވެ. ކުރިން ދެންނެވިހެން ލާމުގައި ޖެހޭ ސުކުނަކީ ލީން އަޑެއް ނޫނެވެ. ”މަލް“ މި ލަފުޒުގައި ކަނާތުން ވާތަށް ފޯނީމުތައް ހިމެނޭގޮތް ލެޓިން އަކުރުން ލިޔާނީ އަންނަވި ގޮތަށެވެ.

CVC

ލަފުޒެއް ނިމޭއިރު އޭގައި ހިމެނޭ އެންމެ ފަހު ލީން އަޑާއި ފިއްތި އަޑަށް، (VC) އަށް، ކިޔަނީ ރައިމްއެވެ. ދިވެހި ޅެން ހަދާއިރު ކާފިޔާ ހަމަކުރުމަކީ ބައިތުތަކުގެ ކޯޑާ އާއި އެފަހު އަންނަ ލީން އަޑު އެއްގޮތް ކުރުމެވެ. ނޫންނަމަ، ރައިމް އެއްގޮތް ކުރުމެވެ. މިސަބަބަށްޓަކައި، މިގޮތަށް އަޑުތައް އެއްގޮތް ކުރުމަށް އިނގިރޭސިބަހުން ރައިމްކުރުމޭ ކިޔައެވެ. ބަހުގެ ޢިލްމުވެރިން، ސިލަބްލް ފާހަގަ ކުރަނީ ތިރީގައިވާ ކުރެހުމުގައިވާ ފަދަ ޗާޓަކުންނެވެ.

syllabletreeދިވެހި ލަފުޒެއް އެކުލެވިގެންވަނީ އަކުރާއި ފިލިންނެވެ. ބަހުގެ ޢިލްމުގައި، ލަފުޒެއް މިއަށް ވުރެ ގިނަ ބައިތަކަށް ބަހައެވެ. އެންމެ ފުރަތަމަ ފޯނީމެވެ. އެއީ އެކި ބާވަތުގެ އަޑެވެ. ދެން ސިލަބްލް އެވެ. މިއީ ”ފިއްޔެއް“ ހިމެނޭ ލީން އަޑަކުން އެކުލެވޭ ބައެކެވެ. ލަފުޒެއްގައި މަދުވެގެން އެއް ސިލަބްލް ހިމެނޭނެއެވެ. ސިލަބްލް ވެސް އެކި ބައިބަޔަށް ބަހައެވެ. މި ކުރެހުމުގައިވަނީ ސިލަބްލްގެ ބައިތަކެވެ.

phonotactics11މަތީގައި އެވަނީ އެއް ސިލަބްލްގެ ލަފުޒެކެވެ. އާދެ ”ކަން“ އެވެ. މިފަހަރު އަޅުގަނޑު ރައިމް ފާހަގަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސިލަބްލް އާ ކާފިޔާ ހަމަވާ އެހެން ލަފުޒުތައް ތިބާއަށް ވިސްނިވަޑައިގަންނަވާނެއެވެ. މިސާލެއް ވިދާޅުވެ ބައްލަވާށެވެ!

އަޅުގަނޑުވެސް އެއްބަހެވެ. ފުވައްމުލަކު ބަހަކީ ވެސް ދިވެހި ބަހެވެ. ނަމަވެސް، މާލޭގެ ރަސްމީ ބަހުގައި، ލަފުޒެއް ކޮންސަނަންޓް އަކަށް ނިމޭނީ ވަރަށް މަދު ޙާލަތެއްގައެވެ. އެއީ ”ވެރިން“ ކިޔާއިރު ލަފުޒު ނިމޭ /ން/ ކޮންސަނަންޓް އާއި /ސ/ އަށް ނިމޭ (ސީނު ސުކުނަށް ނިމޭ) ލަފުޒުތަކުގަ އެވެ. އަޅުގަނޑަށް ހީވާ ގޮތުން، އެހެން ހުރިހާ ހާލަތެއްގައި އެންމެ ފަހުން އޮންނަ ކޮންސަނަންޓް ނުވަތަ ފިއްތި އަޑަށް ފަހު، ލީން އެއް އޮވެއެވެ. {ސުކުނަކީ ލީން އަޑެއްކަމަށް ޤަބޫލުކުރެވިއްޖެ ނަމަ، އަޅުގަނޑު މި ދަންނަވާ ވާހަކަ ތިބާއަށް އޮޅިދާނެ އެވެ.} ފުވައްމުލަކު ބަހުރުވައިގެ «މަލް» ފަދަ ބާވަތުގެ ލަފުޒުތަކަކީ އިސްތިސްނާ އެއް ކަމަށް ބަލާނަމަ، މި ދެންނެވުނީ ދިވެހިބަހުގެ ފޮނޯޓެކްޓިކްސްގެ އެއް ހަމައެވެ.

ކޯޑާއަށް ފަހު ލީން އަޑެއް ސިލަބްލް އެއްގައި ހިމެނޭނަމަ، އެފަދަ ސިލަބްލްއަށް ކިޔަނީ «އޯޕަން» (ހުޅުވިފައިވާ) ސިލަބްލް އެވެ. ސިލަބްލް އެއް «ކްލޯސް» (ބަންދު) ވިކަމަށް ބަލަނީ ކޮންސަނަންޓް އަކަށް ނުވަތަ ފިއްތި އަޑަކަށް ލަފުޒު ނިމޭނަމަ އެވެ. ދިވެހި ބަހުގައި ގިނައިން ހިމެނެނީ އޯޕަން ސިލަބްލް ހިމެނޭ ލަފުޒެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދިވެހިބަހުގެ ގިނަ ލަފުޒު ނިމޭނީ އެންމެ ފަހު ފިއްތިއަޑުގައި ސުކުން ފިޔަވައި އެހެން ފިއްޔެއް ޖެހިގެންނެވެ. ޖަޕާނު ބަހުގެ ވެސް ވަރަށް ގިނަ ލަފުޒަކީ «އޯޕަން» ލަފުޒެވެ. އެހެންކަމުން، ދިވެހިބަހާ ގާތްގޮތެއް ޖަޕާނު ބަހުގައި ހުރެއެވެ.

ދިވެހިބަހުގެ ފޮނޯޓެކްޓިކްސް ގެ ދެވަނަ ހަމައަކީ އެއްވެސް ލަފުޒެއް /ން/ މި ފިއްތި އަޑަކުން ނުފެށޭނެއެވެ. މި ހަމަ އިނގިރޭސި ބަހުގައިވެސް ހިމެނެއެވެ.

ބައެއް ބަސްބަހުގެ ލަފުޒުތަކުގައި، ދެތިން ހަތަރު ކޮންސަނަންޓް ނުވަތަ ފިއްތިއަޑު ޖެހިޖެހިގެން ހިމެނެއެވެ. ދެ ކޮންސަނަންޓް ދެމެދުގައި ލީން އަޑެއް ނެތިއެވެ.  މިސާލެއްގެ ގޮތުން އިނގިރޭސިބަހުން ”ސްކޫލް“ ކިޔާއިރު /ސ/ އާއި /ކ/ މި ދެ ފިއްތިއަޑު ޖެހިޖެހިގެން ވެއެވެ. އަދި ”ސްޕްލިޓް“ ކިޔާއިރު ތިން ފިއްތިއަޑު /ސ/ އާއި /ޕ/ އާއި /ލ/ ޖެހިޖެހިގެން ވެއެވެ. މިގޮތަށް ދޭއް ނުވަތަ އެއަށް ވުރެ ގިނަ ކޮންސަނަންޓް ޖެހިޖެހިގެން ވާނަމަ، އެއަށް ކިޔަނީ ފިއްތިއަޑު ކޯނި ނުވަތަ «ކޮންސަނަންޓް ކްލަސްޓަރ» އެވެ. ބައެއް ބަސްބަހުގެ ދެތިން ހަތަރު ކޮންސަނަންޓްގެ ކޯނި ހިމެނެއެވެ. ޚާއްޞަކޮށް އެފްރިކާގެ ބަސްތަކުގައެވެ. މިފަދަ ލަފުޒެއްގެ މިސާލަކީ ”ކްރްސްމްކެ“ އެވެ. ދިވެހީންނަށް މި ފަދަ ލަފުޒެއް ކިޔަންވެސް ދަތިވާނެއެވެ. ދިވެހި ބަހާ ބެހޭ ދިރާސާއެއް ކުރި ޖަރުމަނަށް ނިސްބަތްވާ ސޮންޔާ ފްރިޓްޒް ބަޔާންކުރާ ގޮތުން، މައް ދިވެހިބަހުގައި، (އަދި ސިންގަޅަ ބަހުގައި ވެސް) ލަފުޒެއް ފެށޭއިރު ނުވަތަ ނިމޭއިރު ނުވަތަ މެދުތެރޭގައި ވެސް، ކޮންސަނަންޓް ކްލަސްޓަރ އެއް ނުހިމެނޭނެއެވެ. ދިވެހިބަހުގެ ލަފުޒުތަކުގެ ތެރޭގައި މިގޮތަށް ހުރި ލަފުޒަކީ ބޭރުބަސްބަހުގެ ލަފުޒެވެ. ނޫނީ ދެ ލަފުޒެއް ޖެހިޖެހިގެން ލިޔެ އުފައްދާފައިވާ ލަފުޒެވެ. މިސާލަކަށް ”ރަސްދޫ“ އަކީ ”ރަސް.ދޫ“ އެވެ. ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހި ބަހުގެ ތެރެއަށް ވައްދާއިރު އެ ލަފުޒުތަކުގައި ދެ ފިއްތިއަޑު ޖެހިޖެހިގެން ވާނަމަ، ފިއްތިއަޑުގައި ފިލިޖަހައެވެ. މިސާލެއްގެ ގޮތުން، ފިކްރު ޢަރަބި ބަހުން ދިވެހި ބަހަށް ވެއްދުމުން ކިޔަނީ ފިކުރު އެވެ. ސެންސްކްރިޓުން ”ޕްރަތަމަ“ ދިވެހިބަހަށް ގެނެސްފައިވަނީ ”ފުރަތަމަ“ ގެ ގޮތުގައެވެ. ޖެހިޖެހިގެން ދެ ފިއްތިއަޑު ހިމެނޭ ބޭރު ލަފުޒެއް ދިވެހިބަހުގެ ހަމަތަކަށް ވައްދާއިރު، މަތީގައި ބަޔާން ކުރެވުނު ފަދައިން ފުރަތަމަ ފިއްތިއަޑުގައި ފިލި ޖަހައެވެ. މި ނޫންގޮތަކީ ލީން އަޑެއް ކުރިއަށް އިތުރު ކުރުމެވެ. މިސާލަކީ ސްކޫލް ގެ ބަދަލުގައި އިސްކޫލު ކިޔުމެވެ. ސްކްރޫ، އިސްކުރަށް ވުމެވެ. މިހާރަކަށް އައިސް ލަފުޒުގެ ތެރޭގައި ސީނުގެ ސުކުން ކުރެވޭތީ، މި ހަމަ ބަދަލުވާކަމަށް ފާހަގަ ކުރެވެއެވެ. ނަމަވެސް އަދި ވެސް، ދެ ފިއްތިއަޑަށް ވުރެ ގިނަ ކޮންސަނަންޓް ކްލަސްޓަރ އެއް ދިވެހިބަހަކު ބޭނުމެއް ނުކުރެއެވެ. އަދި އެއްވެސް ލަފުޒެއް ދެ ފިއްތިއަޑުގެ  ކޯންޏަކުން  ނުފެށެއެވެ. އަދި ނުނިމެއެވެ. {ޢަރަބި ބަހުގައި، ލަފުޒެއް ދެ ފިއްތިއަޑުގެ ކޯންޏަކުން ނުފެށޭނެއެވެ. އަދި ލަފުޒެއްގެ އެހެން އެއްވެސް ހިސާބަކު ދޭކަށްވުރެ ގިނަ ފިއްތިއަޑުގެ ކޯންޏެއް ނުހިމެނޭނެއެވެ.}

އެއްވެސް އޮންސެޓެއްގައި، ނޯށަށް އަރުވާ ކިޔާ އަޑެއް (ހުސްނޫނެއް) އަދި ކުރިން ދެންނެވިހެން ”ވެރިން“ ކިޔާއިރު ހިމެނޭ /ން/ ގެ އަޑެއް އޮވެގެން ނުވާނެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއްވެސް ލަފުޒެއް ހުސްނޫނުގެ އަޑުތަކުން ނުވަތަ ”ވެރިން“ ކިޔާއިރު ފަހުގައި އެއޮތް /ން/ އަޑަކުން ފަށައިގެންނުވާނެއެވެ.

މައް ދިވެހި ބަހުގެ އެއްވެސް އަޑެއް ދިގު ލީނަކުން (އާބާފިލި، އީބީ ފިލި، އޫބޫ ފިލި، އޭބޭ ފިލި، އޯބޯ ފިލި ޖެހި އަކުރަކުން) ނުފެށޭނެއެވެ. ދިގު ފިލިތަކުން ފެށިފައިވާ ލަފުޒުތަކަކީ އެހެން ބަސްބަހުން އައިސްފައިވާ ލަފުޒުތައް ކަމަށް، ދިވެހިބަސް ދިރާސާ ކުރެއްވި، ވިލިއަމް ގައިގަރ އާއި ސޮންޔާ ފްރިޓްޒް ބަޔާން ކޮށްފައި ވެއެވެ. ސޮންޔާ ބަޔާންކުރާ ގޮތުން ދެމޭ ފިލިތަކުން ފެށޭ ލަފުޒުތަކަކީ (މިސާލަކަށް، އާދީއްތަ، އީޓު ފަދަ ލަފުޒުތަކަކީ) ބޭރު ބަސްބަހުން ދިވެހިބަހަށް ވައްދާފައިވާ އައު ލަފުޒުތަކެވެ. އަދި ދިވެހި ބަހުގެ އެއްވެސް ”ކަމެއް“ ދިގު ފިއްޔަކުން ނުފެށޭ ކަމަށްވެސް އޭނާ ބަޔާން ކުރެއެވެ. ”އޭތި“ ފަދަ ލަފުޒުތަކަކީ ”އެ އެތި“ ފަދަ ޢިބާރާތްތައް ކުރުކުރުމުގެ ނަތީޖާއެވެ. މިއީ މައް ދިވެހިބަހުގެ ފޮނޯޓެކްޓިކްސް ގެ ހަމައެކެވެ.

ދިވެހިބަހުގެ ލަފުޒުތަކުގައި ފިއްތި އަޑުތަކާއި ލީންއަޑުތައް ލަފުޒުތަކުގައި ހިމެނޭ ގޮތް، އަމިއްލަ ބުއްދިން ފާހަގަ ކުރެވޭނެއެވެ. މަތީގައި ދަންނަވާލެވުނީ މިގޮތުން ބައެއް ކަންކަމެވެ. އިތުރަށް ފިކުރުކޮށް ހޯދަން ޖެހެނީ ވަކި ފިއްތި ފޯނީމްތަކުގައި ޖެހޭ  ފިލިތަކާއި އެއް ފޯނީމާއި ޖެހިގެން އަންނަ ފޯނީމާ ހުންނަ ގުޅުންތަކެވެ. ދިވެހި ފޮނޯޓެކްޓިކްސް އާ ބެހޭ މި ބަޔާން ނިންމާލުމުގެ ގޮތުން، ކުރިން ނަންގަނެފައިވާ ސޮންޔާ ފްރިޓްޒް،  އޭނާގެ ދިރާސާގައި ފާހަގަކޮށްފައިވާ ދިވެހި ލަފުޒުތަކުގައި ފިއްތިއަޑާއި ލީން އަޑުގެ ތަރުތީބު ތިރީގައި އެވަނީއެވެ. އޭނާ ލެޓިން އަކުރުތައް ލިޔެފައިވަނީ ލެޓިން އަކުރުތައް ޠަބީޢީ ގޮތުން ލިޔާ ކޮޅުން ވާތުން ކަނާއަތަށެވެ.
wordformationindhivތިން ސިލަބްލް އަށްވުރެ ގިނަ ލަފުޒުތައް ދިވެހިބަހުގައި ހުންނަނީ CVCVCVCV މި ހަމައިން ނުވަތަ ދެ ލަފުޒަށް ވުރެ ގިނަ ލަފުޒު ގުޅުވައިގެން ހަދާފައެވެ. މިސާލަކީ ”ވިއްސާރަދުނި“ އެވެ.

މަތީގައިވާ ސާދަ ބާވަތުގެ ލަފުޒުތައް ދިވެހިބަހުގައި ހިމެނޭކަމަށް ބަޔާންކުރެވިއްޖެއެވެ. އަޅުގަނޑު ދެން ބަޔާން ކުރާނީ، ދިވެހިބަހުގެ ފޮނޯޓެކްޓިކް ހަމަތައް ދެނެގަތުމަށްޓަކައި، ކުރަންޖެހިފައިވާ އަސާސީ މައިގަނޑު ކަންކަމެވެ. މިކަންކަމުގެ ނަތީޖާއަކަށް ވާނީ، ކުރިން ބަޔާން ކުރެވުނު ހަމަތައް ތެދުތޯ ޔަޤީން ކުރުމާއި އައު ހަމަތައް ފާހަގަކޮށް ނެރުމެވެ.

1. ދިވެހިބަހުގެ ލަފުޒުތައް މަތީގައިވާ 14 ބައިތަކަށް ހިމެނެނީ ކޮން ނިސްބަތަކުން ހެއްޔެވެ؟ މިކަން ކުރާނޭ ގޮތް ދަންނަވާލާނަމެވެ. ދިވެހިބަހުން ލިޔެފައިވާ ބޮޑު ފޮތެއް (މިސާލަކަށް ތާނައިން ލިޔެފައިވާ ދިގު ވާހަކަ ފޮތެއް) ގައި ހިމެނޭ ހުރިހާ ލަފުޒަކާ މެދު ވިސްނަމާ ހިނގާށެވެ. ދިރާސާއެއް ކުރުމަށް މިގޮތަށް ކަނޑައަޅާ ލިޔުމަށް ޚާއްޞަ ނަމެއް ވެސް އޮވެއެވެ. އާދެ! ކޯޕަސް އެވެ. ކޯޕަސްގެ އަޞްލުމާނައަކީ ހަށިގަނޑެވެ. ނަމަވެސް މި މަޒުމޫނުގައި އެ ލަފުޒުގެ މާނައަކީ، ދިރާސާއެއް ކުރުމަށް ގެންގުޅޭ ބަހުގެ ގިނަ ލިޔުންތަކެކެވެ. ކޯޕަސްގައި ހިމެނޭ ހުރިހާ ލަފުޒުތަކެއް، މަތީގައިވާ 14 ބަޔަށް ގިންތި ކުރަމާ ހިނގާށެވެ. އެންމެ ގިނަ ލަފުޒު ހުންނާނީ މަތީގައި ބަޔާން ކުރެވުނު 14 ބާވަތުން ކޮންބާވަތެއްގައި ހެއްޔެވެ؟ އެންމެ މަދު ލަފުޒު ހިމެނޭނީ ކޮންބާވަތެއްގައި ހެއްޔެވެ؟ {މި ދެންނެވި ހިސާބާއި ސީދާ ނުގުޅަސް، ބޮޑު ފޮތެއްގައި، ތާނައިގެ އެކި އަކުރާއި ފިލި ހިމެނޭ ނިސްބަތް އަޅުގަނޑު ވަނީ މީގެ 16 ވަރަކަށް އަހަރު ކުރިން ބަލާފައެވެ. މިޖުމުލައަށް ފިތާލުމުން އެ ތާވަލު ފެނިވަޑައިގަންނަވާނެ އެވެ. ތާނަ ލިޔުމެއްގައި އެންމެ ގިނައިން ލިޔެވެނީ ކޮން އަކުރެއްތޯއެވެ؟ އަދި ކޮން ފިއްޔެއްތޯއެވެ؟ އެހެން އަކުތަކާއި ފިލި ލިޔެވެނީ ކޮން ނިސްބަތްތަކަކުން ތޯއެވެ؟}

2. ދިވެހިބަހުގެ ފިއްތި ފޯނީމުތަކުގެ އެކި އަޑުތަކުން ފަށަނީ ކިތައް ލަފުޒު ހެއްޔެވެ؟ ނިންމަނީ ކިތައް ލަފުޒު ހެއްޔެވެ؟ އެހެން ޢިބާރާތަކުން ބުނާނަަމަ، ދިވެހިބަހުގެ ބަސްފޮތުގައި، އެންމެ ގިނައިން ހުރީ ކޮން އަކުރަކުން ފެށޭ ލަފުޒެއް ހެއްޔެވެ؟ ދެވަނައަށް ތިންވަނައަށް. . . . . . . ވިހި ވަނައަށް ވަނީ ކޮން އަކުރަކުން ފެށޭ ލަފުޒެއް ހެއްޔެވެ؟ މި ކަން ތާވަލެއްގެ ގޮތުގައި ބަޔާން ކުރެވިދާނެއެވެ. އެއީ ކޯޕަސްގައި ހިމެނޭ ހުރިހާ ލަފުޒުތަކެއް ބަލައި ތިރީގައިވާ ފަދަ ތާވަލެއް ފުރާލުމެވެ.  ތާވަލު ދިގުވާނެތީ ހުރިހާ އަކުރެއް ލިޔެފައި ނެތީއެވެ.

filiakurufrequency3. ހަމަ މިފަދަ ތާވަލެއް ފިލިތަކަށް ވެސް ހެދިދާނެއެވެ. ވާތްފަރާތުން މަތީގައިއެވަނީ އެފަދަ ތާވަލެކެވެ.

4. އެކި އަކުރުތަކުގައި ފިލިޖެހޭ ނިސްބަތަކީ ވެސް ދެނެގަންނަން މުހިއްމު ތަފާސް އެކެވެ. މިފަދަ ދިރާސާއެއްގައި ބަލާނީ ކޯޕަސްގައިވާ ލަފުޒުތަކަށް ރިއާޔަތްކޮށް، އެކި އަކުރުތަކުގައި ފިލިޖެހޭ ނިސްބަތެވެ. މި ހިސާބު އަޅުގަނޑުވަނީ ކޮށްފައެވެ. އަދި ޝާއިޢުކޮށްފައި ވެއެވެ. މިކަން ކުރުމަށް އަޅުގަނޑު ބޭނުންކުރީ މީގެ ވިއްސަކަށް އަހަރު ކުރިން ނުރަސްމީ ތަޢުލީމުދޭ މަރުކަޒުން ހިންގި “ކޮންޑެންސްޑް  އެޑިޔުކޭޝަން ޕްރޮގްރާމް” ކިޔާ ކޯހެއްގެ ދިވެހި ޓެކްސްޓް ފޮތެވެ. ނަމަވެސް، ބޮޑު ކޯޕަސް އަކުން ނުކުތް ނަތީޖާ ކަށަވަރު ކުރުމަކީ ނެތްކަމެއް ނޫނެވެ. ނަމަވެސް، ތިބާގެ ނަތީޖާ އަޅުގަނޑުގެ ނަތީޖާއަކާ ތަފާތެއްނުވާނެ ކަން ކަށަވަރެވެ. މި ޖުމުލައަށްފިތާލުމުން ކޯޕަސް ލިޔުމުގައި އެކި ފިލި އެކި އަކުރުގައި ޖެހޭ ނިސްބަތް ޢަދަދުން ފެނިވަޑައިގަންނަވާނެއެވެ (މިއީ އިންސައްތަ ނުވަތަ ޕަރސަންޓުން ނަތީޖާ ލިޔެފައިވާ ތާވަލެއް ނޫނެވެ).

5. އެކި ފިއްތިފޯނީމާ ޖެހިގެން އޮންނަ ފިއްތި  ފޯނީމުގެ ނިސްބަތް ބަލާނީ، ވަކި އަކުރަކަށް ފަހު، ދެން ޖެހިގެން އޮންނަ އަކުރު ލިޔުމުގައި ހިމެނޭ މިންވަރު ބަލައިގެންނެވެ. ދެން އިންސައްތައަށް މި ހިސާބުތައް ބަދަލުކޮށް  ތިރީގައިވާ ފަދަ ތާވަލެއް ފުރާލާނީއެވެ.

akurutoakurufrequency6. ހަމަ މިގޮތަށް އެއް ފިއްޔަށް ފަހު ދެން އޮންނަ ފިއްޔެއްގެ ނިސްބަތް ވެސް ބަލަން ޖެހެއެވެ. މަތީގައިވާ ތާވަލުން އެފަދަ ތާވަލެއް އެކުލަވާލާނޭ ގޮތް އޮޅުންފިލާތީ އެ ތާވަލު ނުހިމަނާ ދޫކޮށްލަމެވެ.

ބައެއް ބޭފުޅުންނަށް މަތީގައިވާ ދިރާސާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށް ހީފުޅު ވެދާނެއެވެ. ނަމަވެސް، ކަން ކުރާނޭ ގޮތާ ދޭތެރޭ ފުންކޮށް ވިސްނުމުން، މި އެނެލީސިސް ނުވަތަ ތަޙުލީލު ދެތިން ހަފުތާއިން ކުރެވޭނޭ ކަން އެނގެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ، ބަހަށް އިތުރުކުރާ ލަފުޒުތައް، ދިވެހިބަހާ ބޮޑަށް ގުޅިގެން ދާގޮތަށް އެކުލަވާލަން އެނގުމާއި ދިވެހި ލަފުޒުތައް އެކުލަވާލެވިފައިވާ ގޮތް ބޮޑަށް  އޮޅުން ފިލުމެވެ. ދިވެހި ފޮނޯޓެކްޓިކްސް އަށް އިތުރު ފަހިކަމާއި ފާގަތިކަން އައުމެވެ. ތިބާއަށް މި މަޒުމޫނަށް ވުރެ ފުރިހަމަ މަޒުމޫނެއް މި ދާއިރާގެ މައްޗަށް ލިޔުމަށް ކުޅެދުމެވެ.

ލަފުޒެއްގެ ތެރޭގައި ފިއްތިއަޑުތަކާއި ލީން އަޑުތައް ހިމެނުމުގައި، އުޞޫލުތަކެއް ހުރެއެވެ. ފިއްތިއަޑުތައް ލަފުޒެއްގައި އަތުރަނީ، އަދި އެ އަޑުތަކުގައި ފިލިޖަހަނީ ހަމައެއް ނަމައެއް ނެތިއެއް ނޫނެވެ. މިކުރު ބަޔާނުގެ ބޭނުމަކީ ދިވެހިބަހުގެ ފޮނޯޓެކްޓިކްސްއަށް ކުރު ތަޢާރަފެއް ކިތަންމެ ފެންގޮތެއްގައި ނަމަވެސް ދިނުމެވެ. މި ދާއިރާއިން އިތުރަށް ފިކުރުކޮށް، އައު ދިރާސާތަށް ކުރުމަށް، ދިވެހިބަހުގެ ދަރިވަރުންނަށް ދައުވަތު އެރުވުމެވެ. މިފަދަ ދިރާސާތައް ކުރާއިރު، މައް (އެހެން އެއްޗެއް އެއާއެކުވެފައި ނުވާ ސާފު) ދިވެހިބަހަށް އިސްކަން ދިނުން ހުއްޓެވެ.