
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު 08:00 އިން 16:00 އަށް ދިވެހިރާއްޖޭގައި ޢާއްމު ވޯޓުލުމެއް ބާއްވައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށެވެ. މި ވޯޓަކީ، އެކަމުގެ އަސަރުތަކުން ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑު ބަދަލެއް އަންނާނޭ ކަމެކެވެ. އެހެން ކަމުން، މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރަނީ މި މައްސަލައިގެ ދެކޮޅެވެ. އެއީ ޢާއްމު ރައްޔިތުން މިކަމާ ވިލިކައި، ފިކުރު ހިންގައި، ގޮތެއް ނިންމަން ފަސޭހަވާނޭ ގޮތުގެ މަތީންނެވެ.
ވަކި ކަމެއް ނިންމުމަށް، ޢާއްމު ރައްޔިތުންގެ ކައިރީގައި އެކަމާ ބެހޭ ގޮތުން ފެންނަ ގޮތް ހޯދުމަށް ވޯޓުލުމަށް ޚާއްޞަ އިނގިރޭސި ލަފުޒެއް އޮވެއެވެ. އެއީ ”ރެފަރެންޑަމް“ އެވެ. މި ލަފުޒުގެ އުފައްދާފައިވަނީ ”ރިފަރ“ މިލަފުޒުންނެވެ. ރިފަރ ކުރުމަކީ ކަމަކާ މެދު ގޮތެއް ނިންމުމަށް، ނުވަތަ ބައެއްގެ ރައުޔެއް ހޯދުމަށް މަތީ ފަރާތަކަށް ހުށަހެޅުމެވެ. ގިނަ ދިވެހީން މި ލަފުޒު އަޑުއަހާފައިވާނީ ޑޮކްޓަރެއް، ބައްޔެއްގެ ފަރުވާ ހޯދުމަށް އެ ބަލީގެ މާހިރު، ޚާއްޞަ ޑޮކްޓަރެއްގެ ގާތަށް ދާން ބުނާ ބުނުމުންނެވެ. އާދެ! ރިފަރ ކުރުމަކީ މައުލޫމާތު ހޯދުމަށް، އެހީ ހޯދުމަށް، ނުވަތަ ވަކި ކަމެއް ކުރުމަށް އެކަމުގެ ޢިލްމު ނުވަތަ އިތުރު ބާރު ލިބިފައިވާ ފަރާތަކަށް ދިއުމަށް ހުށަހެޅުން ނުވަތަ އެންގުމެވެ. ރެފަރެންޑަމް އަކީ މި ދެންނެވި ގޮތަށް މަތީ ފަރާތަކަށް ހުށަހެޅޭ ހުށަހެޅުމަށް ނުވަތަ ޕްރޮޕޯޒްލްއަށް ލެޓިންބަހުން ކިޔާ ލަފުޒެވެ. އިދާރީ ގޮތުން ރަނގަޅަށް ހިނގާ ރައްޔިތުންގެ ވެރިކަމެއްގައި، ދެތިން އަހަރުން އެއް ފަހަރު އެކި ކަންކަމާ ޢާއްމުންގެ ވޯޓުލުން ނުވަތަ ރެފަރެންޑަމް ބާއްވައެވެ. އަދި، ވަކި ޢަދަދެއްގެ ރައްޔިތުން ސޮއިކޮށް ސަރުކާރަށް ހުށަހަޅާ ޕެޓިޝަން އިން ރެފަރެންޑަމް ބާއްވަން މަޖުބޫރު ވެއެވެ.
ތާރީޚީ ނަޒަރަކުން ރެފަރެންޑަމް
އަޅުގަނޑު ހަނދާންވާ ގޮތުން ރާއްޖޭގެ ހަތަރު ފަހަރު އެކި މައްސަލަތަކުގައި ރައްޔިތުންގެ ރައުޔުއަކަށް އަހާފައި ވެއެވެ. ފުރަތަމަ ރެފަރެންޑަމް ބޭއްވީ، ރާއްޖޭގެ ރަސްކަން، ޖުމްހޫރިއްޔާއަކަށް ބަދަލުކުރުމަށް މުޙައްމަދު އަމީން ދައުރުގައި، 1952 ވަނަ އަހަރުއެވެ. ދެވަނަ ރެފަރެންޑަމް ބޭއްވުނީ 1954 ވަނަ އަހަރު، ފުރަތަމަ ޖުމްހޫރިއްޔާ، ރަސްކަމަކަށް އަލުން އިޢާދަކުރުމަށެވެ. ތިންވަނަ ރެފަރެންޑަމް ބޭއްވުނީ، ރަސްކަން، ޖުމްހޫރިއްޔާއަކަށް ބަދަލުކުރުމަށް 1968 ވަނަ އަހަރު އެވެ. ހަތަރު ވަނަ ރެފަރެންޑަމް ބޭއްވުނީ ރާއްޖެ ހިންގާނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމަކުންތޯ ބެލުމަށް2007 ވަނަ އަހަރުއެވެ. އެ ފަހުން މިވީ 19 އަހަރުގެ ތެރޭގައި، ރެފަރެންޑަމް އެއް ބޭއްވިފައެއް ނުވެއެވެ.
މި ފަހަރު ރެފަރެންޑަމް ބާއްވަނީ ކޮންކަމަކާ؟
މިފަހަރު ރެފަރެންޑަމް ބާއްވަނީ ރައްޔިތުންގެ މަޖިލިހުން 10 ފެބްރުއަރީ 2026 ގައި، ޤާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށް ފާސްކުރުމާ ގުޅިގެން، އެ ބަދަލު ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބިލް ތަޞްދީޤް ކުރުމުގެ ކުރިންނެވެ. އެއީ ރެފަރެންޑަމް އެއް ނެތި ތަޞްދީޤް ކޮށްފިނަމަ، އެކަމުން ސިޔާސީ ހަލަބޮލިކަމެއް ނުކުންނާނެތީ ކަމަށް ލަފާ ކުރެވެއެވެ.
ބިލްގައިވަނީ ކީކޭ؟
ފާއިތުވީ 50 ވަރަކަށް އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަކީ، ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ ތަފާތު އިންތިޚާބެކެވެ. މި ދެ އިންތިޚާބު ބާއްވަނީ ދެ ދުވަސް ވަރަކު އެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި ރިޔާސީ އިންތިޚާބެވެ. އެހެންކަމުން ފަސް އަހަރުގެ ތެރޭގައި ޤައުމުގައި ދެ ފަހަރަކު ޢާއްމު ވޯޓެއް ނެގެއެވެ. މިހެން މިކަން ހިނގަމުންދާތާ 50 އަހަރުވެފައިވަނިކޮށް، މިހާރު ހުށަހަޅާ ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުމެވެ. ބިލްގައިވަނީ އަންނަނިވި ގޮތަށެވެ. މުޅި ބިލް މި ޖުމުލައަށް އޮބާލައްވަނިކޮށް ކިޔުއްވޭނެ އެވެ.

ދެ އިންތިޚާބު އެއްކޮށްލުމުން ވާނީ ފައިދާ ތޯ ނުވަތަ ގެއްލުންތޯ؟
ދެ އިންތިޚާބު އެއްކޮށްލުމުން ކުރާނޭ ފައިދާ
ބިލް ހުށަހެޅި ފަރާތުން ބުނަނީ ދެ އިންތިޚާބު އެއްކޮލުމުން ވާނީ ފައިދާ ކަމަށެވެ. އެއީ އިންތިޚާބު ބާއްވަން ފަސް އަހަރުން ދެ ފަހަރު ކުރަންޖެހޭ ޚަރަދު، އެއް ފަހަރަށް މަދުވާތީ އެވެ. އެ ޚަރަދަކީ ގާތްގަޑަކަށް 54 މިލިއަން ރުފިޔާ ކަމަށް ބުނެއެވެ. މި ނޫން ފައިދާއެއް ބިލް އަށް ތާއީދުކުރަން ބުނާ ފަރާތްތަކަކުން ބަޔާނެއް ނުކުރެއެވެ. ބިލްއަށް ތާއީދު ހޯދުމަށް، ފޭސްބުކް އާއި ވައިބަރ އާއި އެހެން މީސްމީޑިއާގައި، ސަރުކާރަށް ނިސްބަތްވާ ޕާޓީން އިސްތިހާރުތައް ކުރަމުން ދެއެވެ.
ހާމަ ނުކުރިއަސް، އެހެން ތިން ފައިދާ އެއް ދެ އިންތިޚާބު އެއްކޮލުމުން ވަކި ބަޔަކަށް ކުރާނެއެވެ. މެންބަރުންނާއި ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން، އިންތިޚާބުން ހޮވެނީ ބޮޑެތި އަމިއްލަ ނުވަތަ އެހެން ފަރާތްތަކަކުން ފައިސާ ޚަރަދު ކޮށްގެންނެވެ. ޢާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް ވޯޓު ގަތުމަށް ފައިސާ ދީގެންނެވެ. މިހާރު އޮންނަ ގޮތުން، ފަސް އަހަރެއްގެ ތެރޭގައި، ޢާއްމުންނަށް ދެ ފަހަރު ވޯޓު ހޯދުމަށް ފައިސާ ޚަރަދު ކުރަން ޖެހެއެވެ. މި ބަދަލު ގެނައުމުން، ވޯޓުލާ މީހުންނަށް ފައިސާ ޚަރަދު ކުރަން ޖެހޭނީ އެންމެ ފަހަރަކު އެވެ. އިންތިޚާބާ ދިމާކޮށް ތާއީދުހޯދަން ކުރާ ޚަރަދު، އިންތިޚާބު ބޭއްވުމުގެ ޚަރަދަށް ވުރެ ފަސްގުނަ އިތުރު ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެވެއެވެ. ކޮންމެ ފަސް އަހަރަކު ދެ ފަހަރު، ވޯޓު ހޯދުމުގެ މަސައްކަތުގައި އުޅުމަށް ވުރެ އެއް ފަހަރު އުޅެން ޖެހުމުން، ސިޔާސީންނަށް އެހެން ދެ ފައިދާއެއް ކުރެއެވެ. އެއީ، ކެމްޕެއިން ކުރަން އުޅުމުގެ ބަދަލުގައި، އެމީހުންގެ މަސްއޫލިއްޔަތުގައި ޤަރާރުވެ އުޅުމަށް އިތުރު ވަގުތު ލިބުމެވެ. އަނެއް ކަމަކީ އެއް އިންތިޚާބު ހިންގުމުގައި އިދާރީ ގޮތުން ފަސޭހަތަކެއް ހުރުމެވެ. މި ”ފައިދާ“ ތަކަކީ ވޯޓު ލާ ފަރާތް، ވޯޓު ހޯދަން އުޅޭ ފަރާތުގެ ނަޒަރާ ތަފާތުވުމުން ގެއްލުން ކަމަށް ވެސް ވެދާނެއެވެ. ސިޔާސީންނާއި ޚަރަދުކުރާ ފަރާތްތަކުގެ މޯހިރުން އުޅޭ ފަރާތްތަކަށް، އިންތިޚާބުތައް މަދުވުމަކީ ފައިދާ ހުރި ކަމެއް ނޫނެވެ.
މަޖިލިސްގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުން ވާނީ ކޮން ގެއްލުމެއް؟
ދެ އިންތިޚާބު އެއްކޮށްލުމުން ވާނޭ ގެއްލުން ދެނެގަތުމަށް، ދެ ގޮތަކަށް އެ ކަމާ މެދު ވިސްނިދާނެ އެވެ. އެއް ގޮތަކީ އިސްތިޤްރާއީ (inductive) ވިސްނުމެވެ. މި ވިސްނުމުގައި ބަލަނީ ކަމެއް އެއް ފަހަރު ބޭއްވުމުން ފައިދާ ކޮށްފައި، ދެ ފަހަރު ބޭއްވުމުން އިތުރު ފައިދާ ކުރާނަމަ، ގިނައިން ބޭއްވުމުން ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ. މިސާލަކަށް، ދުވާލަކު އެއް ފަހަރު ފެންތައްޓެއް ބުއިމުން މަންފާ ކޮށްފައި، ދުވާލަކު ދެ ފެންތަށި ބުއިމުން އިތުރު މަންފާ ކުރާ ނަމަ، ގިނައިން ފެން ބުޔުމުން ކުރާ މަންފާ އިތުރުވާނެ އެވެ.
އިންތިޚާބުތަކާ މެދު މި ވިސްނުން ގެންގުޅޭ ނަމަ، މިދަންނަވާ ގޮތަށް މިކަމާ ފިކުރު ކުރެވިދާނެއެވެ. 20 އަހަރުން އެއް ފަހަރު އިންތިޚާބު ބޭއްވުން ކިހިނެއް ވާނެތޯ އެވެ؟ މިހެން ހަދައިފިނަމަ، ގިނަ ފަރާތްތަކުން ބުނާނީ މިއީ އެދެވޭ ގޮތެއް ނޫން ކަމަށެވެ. ޑިމޮކްރެސީ އެއް ނެތް ކަމަށެވެ. ރައްޔިތުންގެ އެއްވެސް ބާރެއް ނެތް ކަމަށެވެ. ޤާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ޤައުމު ހިންގާ ފަރާތްތަކާ، ރައްޔިތުން ފޭވެ، ޚުދުމުޚްތާރު ވެރިކަމަކަށް ޤައުމު އެނބުރޭނެ ކަމަށެވެ. ރައްޔިތުން ބާރުވެރިކުރަން 10 އަހަރުން އެއް ފަހަރު އިންތިޚާބު ބޭއްވުން ކިހިނެއް ވާނެތޯ އެވެ؟ އެއީ 20 އަހަރަށް ވުރެ ރަނގަޅު ކަމެއް ކަމަށް ފެންނަ ނަމަ، 5 އަހަރުން އެއް އަހަރު އިންތިޚާބު ބޭއްވުން މާ ރަނގަޅު ވާނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނަނީ 4 އަހަރުން އެއް އަހަރުއެވެ. އެމެރިކާގެ ހައުޒް އޮފް ރެޕްރެޒެންޓޭޓިވްސް ގެ (މެންބަރުންގެ) އިންތިޚާބު ކޮންމެ 2 އަހަރުން އެއް އަހަރު އޮވެއެވެ.
މަތީގައި ދެންނެވި ނަޒަރުން، އާދެ، އިންޑަކްޓިވް ފިކުރުން ވިސްނާ ނަމަ، ގިނައިން އިންތިޚާބު ބޭއްވުން ރަނގަޅު ވާނެކަމަށް ފެންނާނެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ މެދު އަދި އެހެން އުސޫލަކުން ފިކުރު ކުރެވިދާނެއެވެ. މި އުސޫލުގައި ބަލާނީ އެއްޗެއްގެ އަސްލުން ފެށިގެން އުފެދިންގެ އަންނަ ގޮތްތަކަށެވެ. ޑިމޮކްރެސީ އަކީ ރައްޔިތުން ހިންގާ ވެރިކަމެއް ނަމަ، ރައްޔިތުންގެ ބައިވެރިވުން ގިނަވި ވަރަކަށް ވެރިކަމުގައި ޑިމޮކްރެސީގެ ސިފަ އިތުރު ވާނެއެވެ. އެހެންކަމުން، ރައްޔިތުން ވެރިކަމާ މެދު ގޮތް ނިންމަންޖެހޭ ފަހަރު ގިނަވި ވަރަކަށް ޑިމޮކްރެސީގެ ސިފަ ފުރިހަމަވަމުން ދާނެއެވެ. ދުނިޔޭގެ މިހާރު ހިނގަމުންދާ އެއް އޮޔަކީ އިންތިޚާބުތައް އިތުރު ކުރުމެވެ. ރެފަރެންޑަމްތައް ގިނަ ކުރުމެވެ. މިކަމުގައި އެތައް މަންފާތަކެއް ވެއެވެ. ތިރީގައި މިބަޔާން ކުރަނީ އެ މަންފާތަކެވެ.
(1) އެންމެ ރަނގަޅު ވެރިކަމަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި، ސީދާ ހުރިހާ ރައްޔިތުން އެމީހުންނާ ބެހޭ ކަންތައްތަކުގައި ގޮތް ކަނޑައަޅައިގެން ކުރާ ވެރިކަމެވެ. މި ބާވަތުގެ ވެރިކަމަށް ކިޔަނީ ޑިރެކްޓް (ސީދާ) ޑިމޮކްރެސީ އެވެ. ނަމަވެސް، ހުރިހާ ރައްޔިތުންނަށް ޤާނޫނު ހަދަން ނުއުޅެވޭނެތީ، އަދި ޝައުޤުވެރިކަމާއި ކަމުގެ ޢިލްމު ވެސް ނުހުރެދާނެތީ، ދެވަނައަށް އެންމެ ރަނގަޅު ކަމަށް ބުނަނީ ނުސީދާ (އިންޑިރެކްޓް) ޑިމޮކްރެސީއެވެ. އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި އަޞްލު ގޮތަކީ ސީދާ، މައް ނުވަތަ ޚާލިޞް ޑިމޮކްރެސީއެވެ. އިންތިޚާބުތަކާއި ރެފަރެންޑަމްތައް ގިނަވުމުން ސީދާ ޑިމޮކްރެސީއަށް ފުރުޞަތު ލިބިގެން ދެއެވެ. ޤާނޫނު ހަދާ ފަރާތްތަކާއި ރައްޔިތުންނާ އޮންނަ ހުރަސް ނުވަތަ ފަރުދާ ކެހިގެން ދެއެވެ.
(2) ފަރަންސޭސި ފަލްސަފާ ވެރިއެއް ކަމުގައިވާ ރޫސޯ އޭނާ ލިޔުނު ”ދަ ސޯޝަލް ކޮންޓްރެކްޓް“ ގައި ބުނެފައިވެއެވެ: ”ރައްޔިތުން އެމީހުން ތަމުސީލުކުރަން މަންދޫބުން ހޮވާ ހިނދުން ފެށިގެން، ރައްޔިތުންގެ މިނިވަން ކަން ދިޔައީ އެވެ. އެމީހުން އެއަށް ފަހު ވުޖޫދުވެގެން ނުވެއެވެ.“ މިހެން ބުނާ ސަބަބަކީ، ބަޔަކު ތަމުސީލުކުރަން މެންބަރަކު ހޮވުމަށް ފަހު، އެއްވެސް ގޮތަކަށް އެމީހަކު ހޮވި ފަރާތަކަށް ވަފާދާރެއް ނުވާނެއެވެ. އެމީހާ މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. މި ވާހަކަ ސަބަބުތަކާ އެކު އަޅުގަނޑު ކުރީ މަޒުމޫނެއްގައި ބަޔާންކޮށްފައި ވާނެއެވެ. އެ މަޒުމޫނު ތިރީގައިވާ ފޮޓޯއަށް އޮބައިލުމުން ކިޔުއްވޭނެ އެވެ.
ވޯޓު ދިނުމަށް ފަހު، މަޖިލިސްގެ މެންބަރުން އެމީހުން ހޮވި ފަރާތްތަކުން ޖަވާބުދާރީ ކުރެވޭނޭ އެއްވެސް ގޮތެއް ނޯވެއެވެ. މި ސަބަބާ ހުރެ، ޔޫ.އެސް. ގެ ފަސްވަނަ ވައިސް ޕްރެޒިޑެންޓް، ކޮންގްރެސް އަށް ކޮންމެ އަހަރަކު އެއް ފަހަރު މީހުން ހޮވާ ގޮތަށް ޒުވާބު ދިނެވެ.
ރާއްޖޭގައި، ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މެންބަރުން ވެސް، އަދި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރު ވެއެވެ. ރިޔާސީ އިންތިޚާބަކުން ހޮވުނު ރައީސަކަށް، މަޖިލިސްގެ މެންބަރުންގެ އަޣުލަބިއްޔަތު ގިނަ ފަހަރު އޮވެއެވެ.
މިހެން މިކަން އޮތުމާ އެކު، ރިޔާސީ ދައުރެއްގައި ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ގެއްލިއްޖެ ނަމަ، އެކަން ވަނީ ސަރުކާރު އިދާރީ ގޮތުން ހިންގާ ގޮތް ކަމު ނުދާކަމުގެ އަލާމާތާކަށް ނުވަތަ ހިލަވަޅަކަށެވެ. މެންބަރުންގެ ދައުރެއްގައި ރިޔާސީ އިންތިޚާބަކުން ރިޔާސީ ކެންޑިޑޭޓަކު ފޭލިވުމަކީ ވެސް މިދެންނެވި ގޮތަށް މިފަދަ އިންތިޚާބީ މަޤާމުތަކުގައި ތިބޭ މީހުން ޒިންމާކުރުވޭނޭ ކަމެކެވެ.
(3) ރިޔާސީ އިންތިޚާބަކީ ރައީސަކު އިންތިޚާބު ކުރަން ބާއްވާ އިންތިޚާބެކެވެ. އޭނާއަށް މަދުވެގެން 50% ގެ ވޯޓު ލިބެން ޖެހެއެވެ. މަޖިލިސްގެ މެންބަރުން ހޮވަނީ އައު ޤާނޫނުތައް ހެދުމަށާއި ހުރި ޤާނޫނުތައް އިޞްލާޙް ކުރުމަށެވެ. ސަރުކާރު ޒިންމާކުރުމަކީ މެންބަރުންނަށް ކުރެވޭ ކަމެއް ނޫނެވެ. މެންބަރުން ހޮވެނީ ވެސް އެހެން މިންގަނޑަކުންނެވެ. އެންމެ ގިނަ ވޯޓު ލިބުނު ފަރާތެކެވެ. މިހާރު އޮތް މަޖިލިސްގައި ހިމެނޭ 93 މެންބަރުންގެ ތެރެއިން 86 މެންބަރުން ހޮވިފައިވަނީ ދެބައިކުޅަ އެއް ބަޔަށް ވުރެ މަދު ވޯޓުންނެވެ. އެއް މެންބަރަކު އެންމެ %15 ވޯޓު ލިބިގެން ވެސް މަޖިލީހަށް ހޮވިފައި ވެއެވެ.
މިހެން މިކަން އޮތުމާ އެކު، ކެމްޕޭންތަކުގައި ބޭނުންކުރާ މެސެޖުތަކާއި މީހާ ހޮވާ މިންގަނޑު ތަފާތުވާން ޖެހޭތީ، ދެ އިންތިޚާބު އެއްކޮށްލުމަކީ އެދެވޭ ކަމަކަށް ނުވާނެއެވެ.
(4) ރިޔާސީ އިންތިޚާބަކީ ޤައުމީ ފެންވަރުގެ މައްސަލަތަކަށް ސަމާލުކަން ދެވޭ، ނުވަތަ ފޯކަސް ކުރެވޭ އިންތިޚާބެކެވެ. މެންބަރު ކަމާއި ކައުންސިލްގެ އިންތިޚާބުތަކަކީ ސަރަޙައްދީ ނުވަތަ އަތޮޅު ފެންވަރުގެ ކަންކަމަށް ފޯކަސް ކުރެވެން ޖެހޭ އިންތިޚާބެވެ. މި ދެ ބާވަތުގެ އިންތިޚާބު އެއްކޮށްލުމުން ސަރަޙައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ޤައުމީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކަށް ހިޔަނި އެޅި، ޤައުމީ ކަންކަމަށް ދޭންޖެހޭ އިސްކަމުގައި ކޭތަ ހިފާނެއެވެ.
(5) ރާއްޖޭގައި މި ވަގުތު އޮތް ޑިމޮކްރެސީގެ ސަގާފަތާ އަޅާ ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ރޫޙާ ނުވަތަ އީތޮސް އާ ގުޅޭ ކަމެއް ނޫނެވެ. ދެ އިންތިޚާބު އެއްކޮލުމުން، އަބަދުވެސް މަންފާކުރާ ގޮތަށް އޮންނަނީ ވެރިކަމުގައި ތިބި މީހުންނަށެވެ. މިއީ އިންޑިއާގައި ދެ އިންތިޚާބު އެއްކޮށްލުމާ ބެހޭ ގޮތުން އުފެއްދި ކޮމިޓީގެ އެއް ނިންމުމެވެ. މިހެން ނިންމިއިރު، ރާއްޖޭގައި ނޯންނަ، އަޚުލާޤީ މިންގަނޑެއް އިންޑިއާގައި އޮވެއެވެ. އެއީ، އިންތިޚާބަށް އިޢުލާނު ކުރުމަށް ފަހު، އެއްވެސް އައު ޕްރޮޖެކްޓެއް، މަޝްރޫޢުއެއް ވެރިކަމުގައި ތިބި ފަރާތުން އިޢުލާނުކޮށްގެން ނުވާނެ ކަމެވެ. ސިޔާސީ މަޤާމުތައް ނުއުފުއްދޭނެ ކަމެވެ. މިވާހަކަތައް މުހިއްމުކަމުން ތިރީގައި އެވަނީ އެ ލިޔުމުގެ ކަމާ ބެހޭ ބައެވެ.

ރައްޔިތުންނަށް ފައިދާ ހުރީ ކޮން ގޮތެއް؟
މަތީގައިވާ ސަބަބުތަކަށް ފުންކޮށް ވިސްނުމަށް ފަހު، މި މަޒުމޫނު ކިޔުއްވާ ގިނަ ފަރާތްތަކަށް އާދެވޭނީ އެންމެ ނަތީޖާއަކަށެވެ. އެއީ މިހާރުގެ ހާލަތަށް ބަލައި، ދެ އިންތިޚާބު އެއް ކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫންކަމެވެ.
އިންޑިއާގައި، މިފަދަ ދެ އިންތިޚާބު އެއްކޮށްލުމާ ބެހޭ މަޝްވަރާ ތަކެއް ކުރެވެމުންދާތާ މިހާރު ދިހަވަރަކަށް އަހަރު ވެއްޖެއެވެ. އަދިވެސް މައްސަލަ ވަނީ މަޖިލީހުގެ ކޮމިޓީއެއްގައެވެ. ވެރިކަން ކުރާ ހިންދީގެ އިސް ޕާޓީން ބޭނުންކުރާ ޝިއާރަކީ
One nation… one election
އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނީ، މޯޑީގެ މި ޝިޢާރުގެ އާޚިރު ނަތީޖާއަކަށް ވާނީ
One nation… no election
ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި މިކަމުގެ ޙަޤީޤީ ބޭނުމަކީ ގިނަ ޕާޓީގެ ވެރިކަމަކުން އެއް ޕާޓީއެއްގެ ވެރިކަމަށް އިންޑިއާ ބަދަލުކުރުމެވެ. [މި ޚުލާޞާއަށް ވުރެ ތަފުސީލުކޮށް މި ވާހަކަތައް ވިކިޕީޑިއާ ގައި ވެއެވެ].



Fenna nufenna Vote gai gotheh nimmuge kurin komme meehaku ves kiyaalan , varah muhimmu mauloomath thakeh himeney Mazumooneh.