ފަހަކަށް އައިސް ކަނޑުމަތީ ހާދިސާތައް ރާއްޖޭގައި ގިނަވަމުން އެބަ ދެއެވެ. ދާދި އިހަކަށް ދުވަހު ދެތިން މީހުން، ތަފާތު ދެތިން ހާދިސާއެއްގައި މަރުވެފައި ވެއެވެ. އަދި، ފުރާދުއްްވާ ތަކެތި ބީހިގެން، ނުވަތަ މުދާ އެރުުވުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން، މުދަލާއި އޮޑިދޯނި ފަހަރަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ. މި މައްސަލަ މެދުވެރިވަނީ ކީއްވެެގެން ތޯއެވެ؟ މިކަން ހައްލު ކުރެވޭނީ ކިހިނަކުން ތޯއެވެ؟ މި މަޒުމޫނުގައި އަޅުގަނޑު ދަންނަވައިލާނީ މި ފަދަ ހިތާމަވެރި މައްސަލަތައް މަދުކުރުމަށް ކުރެވިދާނޭ ދެތިން ކަމެކެވެ.

މި މައުޟޫޢުއާއިގެން ކުރިއަށް ދިއުމުގެ ކުރިން، ދިވެހި ލަފުޒެއް، ދިވެހި ބަހެއް، ތައާރަފުކުރަން އެބަޖެހެއެވެ. އެއީ ކަނޑުގައި ފުރާދުއްވާ އެއްޗެއްސަށް، ޖުމުލަގޮތެއްގައި ކިޔާ ނަމެވެ. ކޮލި ޙަސަން އަޙްމަދު މަނިކު، ދިވެހިބަހުގެ އެކި ލަފުޒުތަކުގެ އަސްލާ ބެހޭ ގޮތުން ލިޔުއްވި ފޮތެއްގައި، މީހުން ނުވަތަ މުދައު އަރުވައިގެން އެއްތަނުން އަނެއް ތަނަށް ގެންދާ ތަކެއްޗަށް، އިހުގެ ފަތްތަކުގައި ލިޔެފައި ހުންނަނީ ”ވާހަނަ“ ކަމަށް ލިޔުއްވާފައި ވެއެވެ. އޭގައިވަނީ އަންނަނިވި ގޮތަށެވެ.

މަތީގައި އިނގިރޭސި ބަހުން ލިޔެފައި ލިޔުމުގައި އެވަނީ، ވާހަނަ ކިޔަނީ ބޯދާ ދިވެހި ބަހުން ތަކެތި އުފުލާ ވަސީލަތަށް ކަމަށް (ވީއަކްލް vehicle ކަމަށް، މި އިނގިރޭސި ލަފުޒު ކިޔަނީ ”ވެހިކްލް“ މިގޮތަކަށް ނޫން!) ލިޔުއްވާފައި ވެއެވެ. މި ލަފުޒުން އަޅުގަނޑުމެންނަށް ދިވެހިބަހުން ކަނޑުގައި ދުއްވާ އެއްޗިއްސަށް ކިޔާނެ ނަމެއް އުފެއްދި ދާނެއެވެ. އެއީ (ކަ)ނޑުގެ ފުރަތަމަ އަޑު ނަގައި، ވާ(ހަނަ) އާ ގުޅުވައި ”ކަހަނަ“ ކިޔުމެވެ. ނުވަތަ (ފެ)ން  މި ލަފުޒު ވާހަނަ އާ ގުޅުވައި ފެހަނަ ކިޔުމެވެ. ނަމަވެސް، ބަހުގެ އެކެޑަމީއިން މި ކަހަލަ ކަންކަމާ މެދު ގޮތެއް ނިންމަވަންދެން، ކަނޑުގައި ދުއްވާ ހުރިހާ އެއްޗަކަށް ”ކަހަނަ” ކިޔަމާ ތޯއެވެ؟ މި މަފްހޫމަށް އިނގިރޭސިބަހުން ކިޔަނީ ވެސްލް އެވެ. ކަނޑުގައި ފުރާދުއްވާ ހުރިހާ އެއްޗެއް މި ލަފުޒުގެ މާނައިގައި ހިމެނެއެވެ.

މިހާ ހިސާބަށް ކިޔުއްވި ބޭފުޅުންނަށް، ކަހަނައަށް ”އުޅަނދު“ ބޭނުން ނުކުރަނީ ކީއްވެގެން ބާވައޭ ހިތްޕުޅަށް އަރާވަަޑައިގަންނަވާނެ އެވެ. އެ ސަބަބަކީ، ދިވެހިބަހުން ”އުޅަނދު“ ކިޔަނީ ހަމައެކަނި ދައުލަތުގެ ފުރާދުއްވާ ތަކެއްޗަށް ވާކަމެވެ. ކުރީގެ ފޮތްތަކުގައި މިތަކެތި ފާހަގަކުރަން އޭގެ އަރިމަތީގައި ”ރިއްސެޔޮ“ ފަށެއް ދަމާފައި ހުންނާނޭ ކަމަށް ލިޔެފައި ހުރެއެވެ. ބަސްފޮތުގައި ވެސް މިވާހަކަވެސް އޮވެއެވެ. ރިއްސެޔޮ އަކީ ރަން (ރީނދޫ) ކުލައެއްގައި ހުންނަ ދަވާދެކެވެ. މި ދަވާދު ހަދާ ގޮތް ”ވަނަވަރު“ މަޖައްލާ ގައި ވެއެވެ.

އާދެ! ދެން މައުޟޫޢުއަށް އެނބުރިލަމާތޯ އެވެ؟ ރާއްޖޭގައި ހިނގާދިޔަ ކަނޑުމަތީ ހާދިސާތަކުގެ ތެރެއިން އަޅުގަނޑު އެންމެ ހަނދާން ހުންނަ އެއްކަމަކީ އަލިފުށީ ބޯޓުޔާޑަށް، ބަނޑަކަށް އަރުވައިގެން ގެނދިޔަ (އަޑުއަހާގޮތުން 40) އިންޖީީނާއެކު ބަނޑު އަޑިއަށް ދިއުމެވެ. މިކަމުން ލިބުނު ގެއްލުމުން ބޯޓު ޔާޑު އަރައި ނުގަނެއެވެ. އާޚިރުގައި، ބޯޓުޔާޑާއި  އެތަނާގުޅިގެން ހިންގި އޮޑިދޯނި ފަހަރު ބަންނަން ދަސްކޮށްދޭ މަރުކަޒުވެސް ހުލިވެގެން ދިޔައީ އެވެ.

ދެން އެންމެ ހިތާމަވެރި އެއް ހާދިސާއަކީ 2004 ވަނަ އަހަރުގެ މާޗު މަހު ތިނަދޫގެ ”އެނަމާ“ ބޯޓު އަޑިއަށް ދިއުމުގެ ކާރިސާއެެވެ. އެ ފަހަރު، 24 މީހުން މަރުވިއެވެ. މި ހާދިސާ މެދުވެރިވީ ބޯޓުގައި ގާތްގަޑަކަށް އެއްވެސް މުދަލެއް ނެތި، ހުސްކޮށް އޮއްވައި ގިނަ ޢަދަދެއްގެ ބަޔަކު އެންމެ މަތީ ތައްޓުއަށް އެރުމުގެ ސަބަބުން، މަތިބަރުވެ، ބޯޓުގެ ތުލަކަން (ބެލެންސް) ގެއްލުމުންނެވެ. ގިނަ ބަޔަކު މަރުވީ، ދާންދޫ ”މިޔަރެން“ ކިޔާ ދޯންޏެއް އެހީތެރިވެ ނުދިނުމުގެ ސަބަބުންކަމަށް ސަލާމަތްވި ބައެއް މީހުން ބުނެއުޅެއެވެ.

ކަހަނަތަކުގެ ތެރެއިން އެންމެ ގިނައިން އަޑިއަށްދާ އެއްޗަކީ ކޮޅުވެއްޓިއެވެ. މިގޮތުން އެންމެ ހަނދާން ހުންނަ ކަމަކީ މާލޭ މުނިސިޕަލްޓީއިން ކުނިހިފައިގެން ތިލަފުއްޓަން ދަތުރުކުރި ކޮޅުވެއްޓިއެއް އަޑިއަށް ގޮސް އޭގައި ހުރި ހުރިހާ ލޮރީތައްވެސް ގެއްލުމެވެ. ދާދި ފަހުން ވެސް ދެތިން ކޮޅުވެއްޓި ބަންޑުން ޖަހާލައި، މީހުން މަރުވެފައި ވެސް ވެއެވެ. އެންމެ ފަހުން  ހިނގާ ދިޔަ އެއް ހާދިސާއަކީ، ކޮޅުވެއްޓިއަކަށް އެކްސްކެވޭޓަރުތަކެއް އެރުވުމުގެ ތެރޭގައި އެ ބަންޑުން ޖަހާލައި ދެ މީހަކު މަރުވުމެވެ. މިކަން ހިނގި އިރު، ކޮޅުވެއްޓީގައި 10 މުވައްޒަފުން ތިބިކަމަށް ވެއެވެ. މި ޚަބަރު ތިރީގައިވާ ފޮޓޯއަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެ އެވެ. މިކަމާ ބެހޭ ގޮތުން ކުރި ތަޙްޤީޤުގައި، އެތައް މައްސަލަތަކެއް ފާހަގަކުރެވިފައި ވެއެވެ. އެއް ކަމަކީ، ކޮޅުވެއްޓީގެ ކައްޕިތާނުގެ އަތުގައި މިފަދަ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެތުމެވެ.

ކަނޑުމަތީގައި ދެން އެންމެ ގިނައިން ހިނގާ ކަމަކީ، ފަރަށް އަރައި އުޅަނދު ހަލާކުވުމެވެ. މި ކަންކަމުގެ ތެރޭގައި ބައެއް ފަހަރު، ކަހަނަ ހަލާކުވެ، މުދައުތައް ގެއްލި، މީހުން މަރުވެފައި ވެއެވެ. އަޅުގަނޑު އެންމެ ހަނދާން ހުންނަ އެންމެ ޣަރީބު ހާދިސާއަކީ، ބާރަށް ދުވާ ލާންޗެއްގައި ފިންލަންޑްގެ ފަތުރުވެރިޔަކު މާލެ ގެނައި ރާސްތާގައި ދުއްވަން ހުރި ކައްޕިތާނު ”ނިދިޖެހި“ އެހެން ލޯންޗަކާ އެކްސިޑެންޓުވެ ފަތުރުވެރިޔަކު މަރުވުމެވެ.

މި މައްސަލަތަކުގެ ހައްލަކީ ކޮބައިތޯއެވެ؟

ރާއްޖެއަކީ އެހެން ޤައުމުތަކާ ޚިލާފަށް ކަނޑުގެ ޤައުމެކެވެ. އަދި ފަހަކަށް އައިސް ކަހަނަތަކުގެ ދަތުރުތައް ގިނަވުމުން ޠަބީޢީ ގޮތުންވެސް މައްސަލަތައް ގިނަވާން ޖެހޭނެއެވެ. ނަމަވެސް، ޠަބީޢީ ގިނަވުމަށް ވުރެ އިތުރަށް އެކްސިޑަންޓްތައް އެބަ ދިމާވެއެވެ. ބަންޑުން ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ކަހަނައިގެ ސްޓެބިލިޓީ ނުވަތަ ތުލަކަން ގެއްލުމެވެ. ސްޓެބިލިޓީ އަކީ ކޮންމެ ކަހަނައެއް، މިސާލަކަށް ބޮއްކުރައެއް، އެއް ފަރާތަށް ބާރަކުން އަރިކޮށްލުމަށް ފަހު، ދެން އެ ބާރު ވީއްލުމުން އެ އުޅަނދު ތުލަވުމަށް، މީޒާންވުމަށް، ބޮއްކުރާގައި ހުންނަ ޠަބީޢީ ސިފައެވެ. [މިއަށް ވުރެ ޚިޔާލު އެންމެ ފަހު ކޮޅުގައި ބަޔާންކޮށްފައި ވާނެއެވެ]. މި ސިފަ ގެނައުމަށް، ކަހަނައިގެ މަތި ލުއިވުމާއި ތިރި ބަރުވުން މުހިއްމެވެ. ކަހަނައިގައި އެއްބައި ފުރާފައި ހުންނަ ތާނގިތައް ހުރުމާާއި، ދާގީނާ މަދުވުމާއި، ފަލުކާގެ އަޑީގައި ނިގާރަން ނެތުމަކީ އަރިވެއްޖެ ނަމަ، ތެދުވުމަށް ހުންނަ ޠަބީޢީ ބާރު ކުޑަވާ ކަމެކެވެ. ކޮޅުވެއްޓި ގިނައިން ބަންޑުން ޖަހާ ސަބަބަކީ، އޭގެ ފުލުގެ ބޮޑުބައެއް ހަމައަށް އޮތުމުން — އޭގެ ތިރީކޮޅު އޮޑިދޯނި ފަހަރުހެން V އަކުރެއްހެން ނުހުންނާތީ — ނިސްބަތުން ފަށަނާ ގާތް ހިސާބު ލުއިކަމުންނެވެ.  އެހެންކަމުން، ކޮޅުވެއްޓި ބަރުކުރާއިރު އަޑި ބަރުކުރުމަށް އިސްކަމެއް ދޭންޖެހެއެވެ.

ޝައްކެތް ނެތެވެ. މި މައްސަލައިގެ ހައްލުވަނީ ފަޅުވެރީންގެ ތަމްރީނު ހަރުދަނާ ކުރުމާއި ސަރުކާރުން ހަރުދަނާ ގަވާއިދުތަކެއް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުމުގައެވެ. މި ގޮތުން، މި މައްސަލައާ ބެހޭ ގޮތުން، ކަނޑުދަތުރާ ބެހޭ ތަމްރީނުދޭ މަރުކަޒެއްގެ ވެރިޔަކާ ސުވާލުކުރުމުން އޭނާ ފާހަގަކުރެއްވީ ހަތަރު ކަމެކެވެ.

  1.  މިހާރު މުޤައްރަރުތަކުގައި ހިމެނޭ ކަހަނައިގެ ސްޓެބިލިޓީ އާއި ބަރުކުރުމާ ބެހޭ މައުޟޫޢުތަކާއި ގުޅުން ހުރި ބައިތައް މިހާރަށް އެކަށީގެންވާ ވަރަށް ވުރެ މާ ދޭސީ އެވެ. ރާއްޖޭގައި ދުއްވާ އުޅަނދުތައް ހައްތާ ވެސް ދަނީ ގިނަވަމުން ކަހަނައިގެ ސައިޒު ބޮޑުވަމުންނެވެ. އެހެންކަމުން، މި މައުޟޫޢުތައް ބޮޑަށް ޞަރީޙަކޮށް، ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭގޮތަށް މުރާޖަޢާ ކުރަން ޖެހެއެވެ
  2. ކަމާ ބެހޭ ސަރުކާރުގެ އިދާރާގެ ގަވާއިދުތައް، ކުރިމަތިވާ މައްސަލަތަކުން ދަރުސް ލިބިގަނެގެން މުރާޖަޢާކޮށް، ހަރުދަނާ ގޮތެއްގައި އެއް ހަމައަކުން ތަންފީޒުކުރަން ޖެހެއެވެ
  3.  ދިމާވާ ކަނޑުގެ މައްސަލަތައް، ކަމާބެހޭ އިދާރާއިން ތަޙްޤީޤުކޮށް ކަން ހިނގަން މެދުވެރިވި ސަބަބު، އެންމެންނަށް ދޭހަވާ ގޮތަށް ޢާއްމުކުރަން ޖެހެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުން ކަހަނައިގެ ފަޅުވެރީންގެ ހޭލުންތެރިކަން އިތުރުވާނެއެވެ. މިއީ ކުރިއަރާފައިވާ ޤައުމުތަކުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މަތިންދާ ބޯޓެއްގެ ކޮންމެ އެކްސިޑެއްޓެއްގެ ރިޕޯޓު ޢާއްމުކުރާ ފަދައިންނެވެ
  4.  ސްޓެބިލިޓީ އާއި މިފަދަ ކަންކަމާ ބެހޭ މައުލޫމާތު ބަދަލުކުރަން ފޯރަމްތަކާއި ޖަލްސާތައް ކުރަން ޖެހެއެވެ

އާދެ! މިއީ ކިޔަވައިދޭ ފަރާތެއްގެ ޚިޔާލުގައި ކަނޑުމަތީ ހާދިސާތައް މަދުކުރެވޭނޭ ގޮތްގޮތެވެ. ދެން މިކަމާ ބެހޭ ގޮތުން އަޅުގަނޑު ސުވާލުކުރީ ސާވޭޔަރަކާ އެވެ.

ސާވޭޔަރުންގެ ޚިޔާލު

ކަހަނައިގެ ސާވޭޔަރުންނަކީ ފުރާދުއްވާ ތަކެތި، ގަވާއިދުތަކާއި ޤާނޫނުތަކާއި ސަލާމަތީ ހަމަތަކާއި އުސޫލުތަކަށް ފެތޭތޯ އެފަދަ ތަކެއްޗަށް އަރައި، ތަޙްޤީޤުހިންގައި، ބަލައި ކަނޑުގައި ދުއްވަން ޞައްޙަކަމަށް ސަނަދުދޭ ފަރާތްތަކެވެ. މިކަމުގައި އުޅޭތާ 30 ވަރަކަށް އަހަރުވެފައިވާ މީހެއްގެ ގާތުގައި ކަމާބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ހަތަރު ކަމެއް ފާހަގަކުރިއެވެ.

(1) ފުރަތަމަ ކަމަކީ، ކަހަނައަށް މުދާއަރުވައި އެއްސުމުގައި ހިފަހައްޓަން ޖެހޭ ގަވާއިދުތަކަށް ފަޅުވެރީންނާއި ކައްޕިތާނު ފަރިތަވުމުގެ މުހިއްމުކަމެވެ. ރާޅާއެކު ކަހަނަ އަރިއަޅާލައިފި ނަމަ، މުދައުތައް ކޮޅުކޮޅަށް ނުދުވާ ގޮތަށް އެއްސުމަށް ކިޔަނީ ލޭޝިން (lashing) އެވެ. މިކަމަކީ، ޚާއްޞަ ތަމްރީނުތަކެއް ލިބިގަނެ، ހަމަތަކެއް ހިފަހައްޓަން ޖެހޭ ކަމެކެވެ. ނޫން ނަމަ، އަރިއަޅާލުމުން އަރިވި ދިމާއަށް މުދައުތައް ޖެހި، ކަހަނަ ތެދަށް ރުޖޫޢަނުވުން އޮންނާނީ ވަރަށް ގާތުގައެވެ. ކަހަނައިގެ ތުލަކަން ގެއްލޭ ގޮތަކުން އެތިގަނޑު ފެތިވެސް ދާނެއެވެ.

(2) ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި ކަމަކީ، ފުރާދުއްވާ އެއްޗެއްގައި ބަރުމަރުކާ ޖެހުމުގައި ވިސްނަން ޖެހޭ ކަންކަމެވެ. މިކަމުގައި ރާއްޖޭގައި ގެންގުޅޭ ހަމައަކީ، ފަށަނުން މަތިކަނާހަމައަށް ހުންނަ އުސްމިން ހަތަރު ބައިކޮށް، ތިރިންފެށިގެން ތިންބައިގެ މަތީގައި މަރުކާ ޖެހުމެވެ. ކުދި ކުދި އެއްޗެހީގައި މިގޮތަށް މަރުކާ ޖެހިޔަސް، ބޮޑެތި އެތިފަހަރުގައި މިގޮތަށް މަރުކާ ޖަހައިގެން ކަމަކު ނުދެއެވެ. ސަބަބަކީ، އެތިގަނޑުގެ ބަރުދަނާއި ބައްޓަމުން، ކަހަނައިގެ ސްޓެބިލިޓީ އަށް އަސަރުކުރާ ކަމެވެ.

(3) ތިންވަނަ އަށް އޭނާ ފާހަގަކުރަނީ ފުރާދުއްވާ ތަކެތި ފަރަށް އެރުމުގައި ދިމާވާ މައްސަލަތަކެވެ. މިގޮތުން، ހަމައެކަނި ޖީޕީއެސް އަށް ބަރޯސާވުމުން ފަރަށް އަރާ މައްސަލައެވެ. ރާއްޖޭގެ ހުރިހާ ގިރިތަކަކާއި ފަރުތަކެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. ފާހަގަ ކުރެވުނަސް ޖީޕީއެސް އިން ދައްކާ ދިމާއާ ޙަޤީޤީ ދިމާ އެއްގޮތް ނުވުމުގެ މައްސަލައެވެ. މިކަން މިހެންވަނީ، ޖީޕީއެސް އަކީ، އެކި ސަބަބުތަކާ ހުރެ، ނިރުކު، ދަޤީޤު، ސަރި (accurate)، ބަރާބަރު އެއްޗަކަށް ނުވާތީއެވެ. އެހެންވީމާ، މިރުޞާދުތަކަށް އަރައި ފާރަވެރިނަޒަރަކުން ފަޅުވެރީން ކަނޑު ބެލުމާއި ރާޑަރު ފަދަ ތަކެތި ބޭނުންކުރުން ވަރަށް މުހިއްމު ވެއެވެ. އެންމެ ވަސީލަތަކަށް ބަރޯސާވުމަކީ، އެކްސިޑަންޓްތައް ދިމާވާނޭ ކަމެކެވެ.

(4) އެންމެ ފަހު ކަމެއްގެ ގޮތުގައި، އޭނާ ފާހަގަކުރަނީ، ޢާއްމުކޮށް ކަނޑުމަތީ ވާހަނަ ދަތުރުކުރާ ރާސްތާގައި، މާލިމީކަމަށް އެހީތެރިވެދޭ ބައްތި، ފަނާރު، ހުންގުޅަ ފަދަ ދިއްލުމާއި ފާހަގަތަކާއި ދިދަތައް މަދުކަމެވެ. އޭނާގެ ނަޒަރުގައި ބޮއެ ތަކާއި ދިއްލުންތަކާއި ފަނާރުތައް ކަނޑުމަތީގެ މައި މަގުތަކުގައި ގިނަ ކުރެވިއްޖެ ނަމަ ކަނޑުމަތީ ހާދިސާތައް މަދުކުރެވޭނެ އެވެ. މިކަންކަމަކީ، ކުޑަ މަސައްކަތަކުން ޚަރަދު ކުޑަ ގޮތަކަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއެވެ.

މިދެންނެވި ހަތަރު ކަމުގެ އިތުރަށް، އެހެން ކަމެއް އޭނާ އަދި ފާހަގަ ކުރިއެވެ. އެއީ އެތެރެވަރީގައި ކަހަނަ ދުއްވުމަށް ހުއްދަ ދިނުމުގައި 3000 ޓަނު ހަމަ ނުވާ ނަމަ، ވަރަށް ލުއި ގޮތަކަށް، އެއް މަސްދުވަހުގެ ކިޔެވުމުން އެކަމަށް ހުއްދަ ލިބޭ ކަމެވެ. މި ތަމްރީނުގައި، އެތައް މައްސަލަތަކެއް ވެއެވެ. އޭނާ ފާހަގަކުރާ ގޮތުގައި، މި 30 ދުވަހުގެ ތަމުރީނުގައި، އެކަށީގެންވާ ޢަމަލީ، ދަންދާނަ ފަރިތަކުރުން މަދެވެ. ކަނޑުމަތީގެ ނުރައްކާތަކުން ދަފަރާވުމަށް ބޭނުންވާ ޢިލްމެއް، ހުނަރެއް ކުރު މުއްދަތުގެ ކޯހަކުން ޙާޞިލެއް ނުވާނެއެވެ.

ދެން ފަހެ، މިކަމާ ބެހޭ ގޮތުން، ސާވޭޔަރުގެ ޚިޔާލާއި އިދާރީ ގޮތުން މިކަންކަން ހިންގާ ފަރާތްތަކުގެ ޚިޔާލު ތަފާތުވާނެ ތާއެވެ.

އިދާރީ ފަރާތްތަކުގެ ޚިޔާލު

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަކީ، ދައުލަތުގެ އިދާރީ ފަރާތްތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަށް ވާނެއެވެ. އެ ފަރާތްތަކުގެ މަޤްޞަދަކީ، ދަތުރުފަތުރު ލުއިގޮތަކަށް ކުރެވޭނޭ ގޮތް ފަހިކުރުމާ އެކު ކަނޑުމަތީ ހާދިސާތައް މަދުކުރުމެވެ. މިއީ އެކަމުގައި ބޮޑު تعارُض  އެއް ހިމެނޭ ދެ މަޤްޞަދެވެ. ދަތުރުފަތުރު ފަހިކުރުމަށް މާބޮޑަށް ހިފައިފި ނަމަ، ސަލާމަތީ ކަންކަމަށް ދޭންޖެހޭ އިސްކަން ކުޑަކުރެވޭނެއެވެ. ސަލާމަތީ ކަންކަމަށް މާބޮޑު އިސްކަމެއްދީ، ތަމްރީނުތައް ހަރުދަނާކޮށްފި ނަމަ، ކަހަނަ ބަނުމާއި  ދުއްވުމުގެ ޚަރަދު ބޮޑުވެ، މީހުން ނުލިބި ދަތުރުކުރުން ދަތިވާނެއެވެ. ތަޢާރުޟުވާ މި ދެ މަޤްޞަދުގެ ދެމެދުގައި ދަމާފައިވާ ވާން ވަލެއްގެ މަތީގައި، ސަރުކާރުގެ ފަރާތްތަކަށް މިޖެހެނީ ތުލަ (balance, equilibrium) ހިފަހައްޓަމުން ނުވެއްޓި ހިނގާށެވެ.

ރާއްޖޭގައި މިހާރު ޖެހިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ތަޢުލީމީ ނިޒާމުގެ މައްސަލައެކެވެ. އެއީ ޢަމަލީ، އަތު މަަސައްކަތްތަކަށް ދަރިވަރުން ބީރައްޓެހިކުރުމާ އެކު، ޑިގްރީތަކާއި މަތީ ތަޢުލީމަށް ނޭކަށޭނެ އިސްކަމެއް ދީފައިވާ ކަމެވެ. އެންެމެންނަށް ޑިގްރީ ދިނުމަށްޓަކައި، މަތީ ތަޢުލީމުގެ ފެންވަރުވަނީ ފައިދަށަށް ތިރިކޮށްފައެވެ. މާ ގިނަ ދުވަހެއް ނުވެ، އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުގައި ވާ ގޮތަށް، ލިޔަން ކިޔަން ނުދަންނަ ދަސްވެނީން ރާއްޖޭގައި އުޅޭނެއެވެ.  ރާއްޖެއަކީ، ދުނިޔޭގައިވާ 195 ވަރަކަށް ޤައުމުގެ ތެރެއިން އާބާދީގެ ގޮތުން 173 ގައިވާ ޤައުމެކެވެ. މިއާއެކު މި ޤައުމުގެ %99 އަކީ ކަނޑެވެ. ކަނޑުމަތީގައި އުޅެންށާއި، އަތު މަސައްކަތަށް ކުރިން ދިން ސަގާފީ ޤަދަރު، މައުލޫދު ކިޔެވުމާއި ޞަލަވާތްފުޅު ކިޔެވުން ދިޔަ މަގުން ގޮސް އޮބައިފިއެވެ. ސަގާފީ މި މަސައްކަތަށް ޤަދަރު ދިން ދުވަސްވަރު، މުޙައްމަދު އަމީން ލިޔުއްވާފައި ވެއެވެ: Maldivians are the sons of the seas and daughters of the waves. ނަމަވެސް އެއީ އެ އިރު އެވެ.

ކޮންމެ އަކަސް، މި މައްސަލައާ ބެހޭ ގޮތުން ދައުލަތުގެ މި ކަން ހިންގުމުގައި ހަރަކާތްތެރިވި މީހަކާ ސުވާލުކުރުމުން އޭނާ އަންނަނިވި ކަންކަން ފާހަގަކުރިއެވެ.

(1) އެންމެ ފުރަަތަމަ ކަމަކީ މިހާރު ހެދިފައިވާ ހުރިހާ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމެވެ.

(2) ދެވަނައަށް ފާހަގަ ކުރި ކަމަކީ، ބޯޓު ފަހަރު ދުއްވުން، އެކަމަށް ސަނަދު އޮތް ފަރާތަކުން ނޫނީ ނުކުުރުމެވެ.

(3) ތިންވަނައަށް އޭނާ ފާހަގަ ކުރިކަމަކީ، ކިޔަވައިދޭ މީހުންނަނީ، ބޯޓު ފަހަރުގައި އުޅެ، ޢަމަލީ ތަޖުރިބާ ލިބި، ކަން ދަންނަ މީހުންނަށް ވުމެވެ.

މިހާރަކަށް އައިސް ސަރުކާރު ހިންގާ އުސޫލުން، ގިނަ ރައްޔިތުންތަކެއް ކަމަކަށް އެދެފިނަމަ، އާޚިރު ނަތީޖާ ކިތަންމެ ގޯސްވިޔަސް، އެކަމަކަށް ސަރުކާރު ދީލުން އޮންނާނީ ގާތުގައެވެ. މިސާލެއްގެ ގޮތުން، 30 ވަރަކަށް އަަހަރު ވަންދެން ކ. ވިލިގިލީގައި 10 ބުރިއަށް ގެ އެޅުން ހުއްދަނުވެފައި މިހާރު އެކަންވަނީ ހުއްދަކުރެވިފަ އެވެ. މިކަމުގެ އާޚިރު ނަތީޖާއަކީ ރަށުގެ ބައިބޯ ވެ، ކުރިން އޮތް ހިތްފަހިކަން ނެތި، ކާރޫބާރޫ ބޮޑު މާލެއަކަށް އެ ރަށް ވުމެވެ. ނަމަވެސް، ސަރުކާރު އިންތިޒާމުވެފައިވާ ގޮތުން ގިނަ ބަޔަކު އެދޭ ނަމަ، އެކަމެއް ކުރާނެއެވެ. ދަތުރުފަތުރުކުރުމުގެ ކަންތައްތަކުގައި ވެސް، ކަމަކީ ނޭދެވޭ ކަމެއް ކަމުގައި ވިޔަސް، ގިނަބަޔަކު އެދޭ ނަމަ، ގަވާއިދުތައް ދޭސީކުރުން އޮންނާނީ ގާތުގައެވެ.

ނިންމުން

ދިވެހިރާއްޖޭގައި ކަނޑުމަތީގެ ހާދިސާތައް މިހާރަކަށް އައިސް ދަނީ އިތުރުވަމުންނެވެ. މިކަން ބޮޑަށް މެދުވެރިވަނީ ކަހަނަތައް ދަތުރުފަތުރު ގިނަވުމުން ކަމުގައި ވިއަސް، ގަވާއިދުތަކަށް ބޭހުރުމަތްތެރިކޮށް ހިތުމާއި، ފަޅުވެރީންގެ ބޭފަރުވާތެރިކަމަކީ މިކަން މެދުވެރިވާ މައިގަނޑު ސަބަބެވެ. އެހެނީ ރިޔާ ނެގި ބޮޑެތި ބޮއްކުރާގައި، ޕެސިފިކު މާކަނޑާއި އެޓްލާންޓިކު މާކަނޑު މީހުން ހުރަސް ކުރެއެވެ.

މައްސަލައިގެ ހައްލަކީ، ކަނޑުމަތީގެ ދަރީންކަމަށް ދިވެހީން އަލުން ވުމެވެ. މަދަރުސާ ނިންމާ ދަރިވަރުން، އަތު މަސައްކަތްކުރުމަށް މުރާލިވުމެވެ. މި ދާއިރާގައި އުޅޭ ގިނަ މީހުން ބުނާ ގޮތުން، މިއީ މަންފާ ބޮޑު ދާއިރާއެކެވެ. ދަރިވަރުން ޝައުޤުވެރިވާނީ، މަޢުލޫމާތު ދަރިވަރުންނަށް ލިބުމުންނާއި، މަތީ ތަޢުލީމުގެ ދާއިރާގައި ކަންކަން ހިނގާގޮތް އެމީހުންނަށް އެނގުމުންނެވެ. އަމިއްލަ ފަރުދުންނާއި ސަރުކާރުން މި މައްސަލަ ހައްލުކުރަން އެޅޭނޭ ގިނަ ފިޔަވަޅުތަކެއް ވެއެވެ.

ސްޓެބިލިޓީ: ފުރާދުއްވާ އެއްޗެއް ބަންޑުޖަހާލަނީ ކީއްވެ؟


ސްޓެބިލިޓީ އަކީ އެއްޗެއް ބަންޑުން ނުޖަހައި، އަރިކޮށްފައި ދޫކޮށްލުމުން، އެއްޗެއް ގުޑުވައިލުމުން، އެ އެއްޗެއް ކުރިން ހުރިގޮތަށް ރުޖޫޢަވާ ހާލަތަށް ކިޔާ ނަމެކެވެ. މިއަށް އަޅުގަނޑު މި ކިޔަނީ ”ތުލަކަން“ އެވެ. ތުލަ އަކީ ނުޖޫމީ ޢިލްމުގައި، އިނގިރޭސިބަހުން Libra ކިޔާ ތަރިތަކަކަށް ދިވެހިބަހުން ކިޔާ ނަމެވެ. މި ތަރިތައް އުޑުގައި އެތުރިފައި ހުންނަނީ ތިލަފަތެއްހެން ހީވާ ކަހަލަ ގޮތަކަށެވެ. ތުލަކަމުގެ މުހިއްމުކަމުން، މިކަމާ ބެހޭ ގޮތުން ފޮތްފޮތް ލިޔެފައި ހުރެއެވެ.

ދަންނައެވެ. ބަނޑެއް، ދޯންޏެއް، ބޮއްކުރައެއް ފަދަ ކަހަނައެއް ފެނުގެ މަތީގައި އޮންނަނީ ފެނުން އެ މަތީގައި އޮންނަ ގޮތަށް ކޮއްޕާތީއެވެ. މި ބާރު ތިބާ ފުޅިމަދުގަނޑެއް ފެނުގެ އަޑިއަށް ކޮއްޕާލުމަށް މަސައްކަތް ކުރުމުން އިޙްސާސް ކުރެވޭނެއެވެ. އެ ފުޅިމަދު ގަނޑު މަތީގައި އޮތުމަށް ފެނުން ކޮއްޕާހެން ހީވާނެއެވެ. މައްޗަށް ކޮއްޕާ މި ބާރަށް ކިޔަނީ ”ބޮއެ ބާރު“ ނުވަތަ ބޮއިއަންސީއެވެ. ކަހަނައެއްގެ ވަށައިގެން ކަނޑުގައި ޖެހިފައިވާ ފެނުން މި ބާރު އެތިގަނޑު މައްޗަށް ދާނެހެން ކޮށްޕަމުން ދާނެއެވެ. މި ބާރުތައް އެއްކޮށްފިނަމަ، އެ ބާރުތައް ވަކި ވަކި ޕޮއިންޓަކަށް ނުވަތަ ވަޅަކަށް އަމާޒުވާހެން ހީވާނެއެވެ. މި ވަޅަކީ، B އަކީ، މަތީގައި އޮތުމަށް މައްޗަށް ކޮއްޕާ ހުރިހާ ބާރެއް އެކުވާ ތަނެވެ. މިއީ، ކަހަނަ އަރިވުމުން އެކި ދިމަދިމާއަށް ޖެހޭ ތަނެކެވެ ނުވަތަ ޕޮއިންޓެކެވެ.

ބޯޓެއްގައި ހުންނަ ހުރިހާ އެއްޗެއް، ބިމުގެ މެދަށް ދަމާ ބާރެއް ހުރެއެވެ. މިބާރަށް ކިޔަނީ ގްރެވިޓީއެވެ. މިބާރު، އެއްޗެއް އުފުލާލުމުން އަތަށް އިޙްސާސް ކުރެވޭނެއެވެ. ބިމަށް ދަމާ ހުރިހާ އެއްޗެއްގެ ބަރުދަން އެއްކުރުމުން، ބޯޓުގެ ވަކި ޕޮއިންޓަކަށް ހުރިހާ ބަރުދަނެއް ޖަމާވާހެން ހީވާނެއެވެ. ގްރެވިޓީގެ މި ބާރު ރަމުޒުކުރަނީ G އަކުރަކުންނެވެ. މުދާ އެކި ފަރާތް ފަރާތަށް ނުޖައްސާނަމަ، ބޯޓުގެ ހުރިހާ ބަރުދަނެއް ހުންނަ ކަމަށް ފާހަގަކުރެވޭ ޕޮއިންޓް ބަދަލެއް ނުވާނެއެވެ. ގްރެވިޓީއަކީ ތިރިއަށް ދަމާ ބާރެކެވެ. ކަހަނައެއް ފެންމަތީގައި އޮންނާނީ އޭގެ ބޮއިބާރު، B، ބިމަށް ދަމާ ބާރު G އަށް ވުރެ ބޮޑު ނަމައެވެ. މަތި ބަރުވެއްޖެނަމަ، ބޯޓެއްގެ G މަައްޗަށް ޖެހޭނެއެވެ.

ބޯޓެއް އަރިއަޅައިލުމުން، އެ ބޯޓުގެ ބޮއިބާރު B އެކި ދިމަދިމާއަށް ޖެހެއެވެ. ނަމަވެސް، G ހުންނާނީ، މުދައު އަރުވާ ނުބާލާނަމަ، އެއް ތަނެއްގައެވެ.

ބޯޓެއް އަރި އަޅައިލުމުން، އޭގެ މައްޗަށް ކޮއްޕާ ބޮއިބާރު B އެކި ފަރާތް ފަރާތަށް ޖެހެއެވެ. މަތި ބަރުވުމުން، G މައްޗަށް ޖެހޭނެއެވެ. B އިން ސީދާ މައްޗަށް ދަމާ ރޮނގު، G އާއި ބޯޓުގެ ފަށަނު މެދުން ދަމާ ރޮނގު ބައްދަލުވާ ޕޮއިންޓަށް ނުވަތަ ވަޅަށް ކިޔަނީ މެޓާސެންޓަރެވެ. މެޓާސެންޓަރު M، ބޯޓުގެ ބަރުދަން G އަށް ވުރެ މަތީގައިވާ ނަމަ، ބޯޓު ބަންޑަކުން ނުޖަހާނެއެވެ. އަރިކޮށްލުމުން ތެދުވާން ހިފާނެއެވެ. ނަމަވެސް، މަތިބަރުވެގެން G މައްޗަށް ޖެހި، މެޓާސެންޓަރު G އަށް ވުރެ ދަށަށް ޖެހިއްޖެ ނަމަ، ބޯޓުގެ ތުލަކަން ގެއްލި، އަރިވެއްޖެނަމަ، ބަންޑުން ޖަހާނެއެވެ.