
މާލެވަނީ ދިރިއުޅޭން ދަތިވާވަރަށް ބައިބޯވެފައެވެ. މީހުންނާއި ޢިމާރާތްތަކުން ތޮއްޖެހިފައެވެ. މަގުމަތީ ހިނގާފައި ދާއިރު، މަގުމައްޗަށް ނެރެފައިވާ ބެލްކަނީތަކުންނާއި ޢިމާރާތްތަކުން އޮހޭ ތަފާތު ދިޔަތަކުގެ ސަބަބުން، ހިނގާބިނގާވުން ވަނީ ތުރާލަކަށް ވެފައެވެ. ގަސްތައް މަދުކަމުންނާއި ޢިމާރާތްތައް ގިނަކަމުން، ވައިގެތެރޭގައި އުދުހޭ ވިހަ ކުނޑިތަކުން ގަދަ މީހުން ބަލިވެއެވެ. ބަލިމީހުންގެ ހާލު ސީރިއަސް ވަމުން ދެއެވެ. މާލެއަކީ ވައްކަމާއި ކުށްކުރުން ގިނަ މާހައުލެކެވެ. މައްސަލަތަކުގެ ހައްލަކީ ކޮބައިތޯއެވެ؟
ހައްލުތަކާ މެދު ފުންކޮށް ވިސްނަވައިފިނަމަ، އެއް ހައްލަކީ ސަރުކާރުގެ އޮފީސްތަކުން ބައެއް މާލެއިން ހުޅުމާލެއަށް ބަދަލުކުރުން ކަމަށް ތިޔަބޭފުޅުންނަށް ފާހަގަ ކުރެއްވޭނެއެވެ. މިހާރުވެސް މަދު ދެތިން އޮފީހެއް ހުޅުމާލޭގައި ހިނގައެވެ. ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ސަރުކާރުގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރެވިއްޖެ ނަމަ، މާލޭގެ ތޮއްޖެހުން ކުޑަވާނޭ ކަމާ މެދު ޝައްކެތް ނެތެވެ. ދުވަސްކޮޅަކުން މާލެއަށް ވުރެ އާބާދީ ބޮޑުވާނޭ ހުޅުމާލޭގައި، ސަރުކާރުގެ އޮފީސްތައް ނެތުމަކީ ހަމަޖެހޭ ކަމެއް ކަމަށް އެއްވެސް ބޭފުޅަކު ޤަބޫލުފުޅެއް ނުކުރައްވާނެއެވެ.
ސަރުކާރުގެ އޮފީސްތައް ބަދަލުކުރާ ނަމަ، ދެން ހިތްޕުޅަށް ފެންމަތިވާނޭ ސުވާލަކީ ހުޅުމާލެއަށް ބަދަލުކުރަންވީ ކޮން އޮފީސްތަކެއް ހެއްޔެވެ؟ މި އޮފީސްތައް ބިނާ ކުރާނޭ ޖާގަ ހުޅުމާލޭގައި ވޭ ހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު ވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާނަމެވެ.

ސަރުކާރުގެ އޮފީސްތަކުން ބައެއް ހުޅުމާލެއަށް ބަދަލުކުރާ ނަމަ، އެންމެ މަޢުނަވީ ކަމެއް ކަމަށް ވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރުމެވެ. މިކަމުން، ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ފިސާރި މެސެޖެއް ލިބިގެން ދާނެއެވެ. މިކަމަށް އޮތް ދައްޗަކީ އަލަށް ރައީސް އޮފީސް ބިނާކުރަން ދާނޭ ޚަރަދެވެ. ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ރައީސް އޮފީސް ބިނާކުރުމުގެ މަޝްރޫޢުއަށް 140 މިލިއަން ރުފިޔާ ކަނޑައަޅައިވާ ވަނިކޮށް އަޅުގަނޑު ދުށީމެވެ. ނަމަވެސް، އެތަން ނިމުނު އިރު، ހިނގި ޚަރަދަކީ 187 މިލިއަން ރުފިޔާކަމަށް އެތަން ބިނާކުރި ފަރާތަށް ހަވާލާދީ މީހަކު އަޅުގަނޑުގެ ގާތުގައި ބުނެފައި ވެއެވެ. ބިނާކުރިއިރު ޑޮލަރެއްގެ އަގަކީ، 12.80 އެވެ. އެހެންކަމުން އެތަން ބިނާކުރުމަށް ޚަރަދުވީ ޖުމުލަ 14.6 މިލިއަން ޑޮލަރެވެ. ކުޑަ ޢިމާރާތަކަށް ވަރަށް ބޮޑު ޚަރަދެކެވެ! [ހަނދާންހުރީ ރަނގަޅަށް ތޯ ޗެކު ކުރުމަށް އޭނާއަށް މި މަޒުމޫނު މުރާޖަޢާ ކުރުމަށް ފޮނުވުމުން ފޮނުއްވި ބަޔާން ތިރީގައި އެވަނީއެވެ. وَاللہُ اَعلَم]
ހުޅުމާލޭގައި މިހާރު ހިނގަމުންދާ ވުޒާރާތަކުގެ ތެރޭގައި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި ހަޔަރ އެޑިޔުކޭޝަން އާއި ޓްރާންސްޕޯޓް ހިމެނެއެވެ. ހުޅުމާލެއަށް ބަދަލުކުރަން އެކަށޭނެ ތަންތަނުގެ ތެރޭގައި، އަނދާހުލިވި ހައުސިންގ މިނިސްޓްރީ އާއި އެންވަޔަރަމަންޓް އާ ބެހޭ މިނިސްޓްރީ ހިމެނެއެވެ. މިތަން ތަނަކީ އެތަންތަން ކޮންމެހެން މާލޭގައި ހުންނަން ޖެހޭ ތަންތަނެއް ނޫނެވެ. މި ލިސްޓްގައި ހިމެނިދާނޭ އެހެން ވުޒާރާތަކުގައި ތެރޭގައި އެގްރިކަލްޗަރ، ޔޫތު، އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޯކަލް ގަވަންމަންޓް ފަދަ އެހެން ވުޒާރާތައް ހިމެނެއެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ، އަލަށް ހަދާ ހުރިހާ އޮފީސް ޢިމާރާތެއް ބިނާކުރަންވީ ހުޅުމާލޭގައެވެ. މާލޭގައި ހުސްވާ ޢިމާރާތްތައް ބޭނުންކުރާނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވިދާނޭ ކަންކަން ކުރުމަށެވެ.

12 ޑިސެމްބަރ 2024 ދުވަހުގެ ހެނދުނު މުޅި މާލެ ސިއްސުވާލީ ސަރުކާރުގެ ތިން އިދާރާއެއް ހިނގަމުން ދިޔަ ތަންތަން ރޯވުމުންނެވެ. ނަތީޖާއަކީ ތާރީޚީ މުހިއްމު ލިޔުންތަކެއް ގެއްލިގެން ދިއުމެވެ. މި މަޒުމޫނުގައި ހުށަހަޅާ ގޮތަށް ޢަމަލު ކުރެވިއްޖެނަމަ، ސަރުކާރުގެ ޢިމާރާތްތައް ރޯވުން މަދުވާނެއެވެ.
ބައެއް ޤައުމުތަކުގައި ސަރުކާރު ހިންގަނީ ވަކި ސަރަޙައްދެއްގައެވެ. ހުރިހާ އޮފީސްތަކެއްހެން ހުންނަނީ ގާތްގާތުގައެވެ. މިކަމާ މެދު ވިސްނައިފި ނަމަ، އެއީ ފައިދާ ހުރި ގޮތެއް ކަމަށް މޭރުން ވާނެއެވެ. ސަރުކާރު ހިންގާ ވަކި ސަރަޙައްދެން އޮންނަ ޤައުމުތަކުގެ ތެރޭގައި، މެލޭސިއާގެ ޕުޓްރަޖާޔާ ހިމެނެއެވެ. މިއީ، މެލޭސިއާގެ ވެރިކަންކުރާ ރަށް، ކުއާލަ ލަމްޕޫރު ތޮއްޖެހިގެން، އެ ޤައުމުގެ ވަޒީރުލްއަޢުޡަމްއަކަށް ހުންނެވި ޑރ މަޙާޟިރު މުޙައްމަދު (محاضر بن محمد)، ރަބަރުގަސް ހައްދާ ބުސްތާނެއް އޮތް ބިމެއްގައި ހެއްދެވި ތަނެކެވެ. މެލޭސިއާ ސަރުކާރު، ކުއާލާ ލަމްޕޫރުން ޕުޓްރަޖާޔާ އަށް ބަދަލުކުރީ 1999 ގައެވެ. މެލޭސިއާ އަށް ޒިޔާރަތް ކުރި ވަރަށް ގިނަ ދިވެހީން ވާނީ މި ތަނަށް ޒިޔާރަތްކޮށްފައެވެ.
ދިވެހީން ގިނައިން ޒިޔާރަތް ނުކުރާ، މިފަދަ ސަރުކާރު ހިންގާ ސަރަހައްދެއް ބްރެޒިލްގެ ވެރިކަން ކުރާ ރަށް، ބްރެޒިލިއާ ގައި ވެއެވެ. އެ ސަރަޙައްދު ފަރުމާކޮށްފައިވާ ގޮތް މޮޅުކަމުން، އެތަންވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަތަކުގެ ލިސްޓްގައި ހިމަނާފައެވެ. ބްރެޒިލް ގެ ހުރިހާ މިނިސްޓްރީތަކެއް ހުންނަނީ މައިދާނެއް ފަދަ މަގެއްގެ ދެ ފަރާތުގައެވެ. މި މަގަށް ކިޔާ ނަމަކީ، ministries esplanade އެވެ. (ވުޒާރާތަކުގެ އެސްޕްލަނާޑު – އެސްޕްލަނާޑު ކިޔަނީ ފުޅާ، ރަހަ، ޚާއްޞަކޮށް މޫދުކައިރީގައި ހިނގަން (އުޅަނދު ނުދުއްވޭ ގޮތަށް) ހަދާފައި އޮންނަ މަގަކަށެވެ. ކޮޅުބުގައި އޮންނަ ގޯލްފޭސް ފެއްސަކީ އެސްޕްލަނާޑް އެކެވެ.)


ޕުޓްރަޖާޔާ އާއި ބްރެޒިލިއާ ގެ އިތުރަށް، ސަރުކާރު ހިންގާ ޢިމާރާތްތައް އެއް ސަރަޙައްދެއްގައި ހަދާފައިވާ އެހެން ކިތަންމެ ޤައުމެއް ވެއެވެ. ނަމަވެސް މި ދެ މިސާލުން މިކަމަކީ، ފިކުރާއި ރޭވުންތެރިކަމާއެކު ކުރާ ކަމެއްކަން ހުރިހާ ކިޔުންތެރީންނަށް ވިސްނިވަޑައިގަންނަވާނެއެވެ.
ހުޅުމާލޭ ތަރައްޤީ ވެފައިވަނީ ގިނަ މީހުން ހީނުކުރާހާ އަވަހަށް ހީނުކުރާ ގޮތަކަށެވެ. އެހެންކަމުން، މިހާރު މި ދެންނެވިހެން ސަރުކާރުގެ އޮފީސްތައް ހިމެނޭ ދާއިރާއެއް ނުވަތަ ސަރަޙައްދެއް ނުވަތަ އަވަށެއް ތަރައްޤީ ކުރާނޭ ޖާގަ ހުޅުމާލޭގެ ބިމުން ހޯދުމަކީ ދަތިކަމަށް ވާނެއެވެ. އަޅުގަނޑުގެ އެއް ހުށަހެޅުމަކީ ނިރޮޅުމަގުގެ އިރުން އެންމެ ދެކުނު ކޮޅުގައި ސަރުކާރުގެ ސަރަޙައްދެއް ޤާއިމްކުރުމެވެ. އެއީ ތިރީގައިވާ ފޮޓޯގައި ފާހަގަކޮށްފައިވާ ސަރަޙައްދެވެ. މި ސަރަޙައްދުގެ ބޮޑުމިނަކީ ގާތްގަޑަކަށް 500 ފޫޓު ފުޅާ 1600 ދިގެވެ. އާދެ! 150 މީޓަރާއި 500 މީޓަރު އެވެ. މި ސަރަޙައްދުގައި އޮފީސްތައް ޢިމާރާތްކުރާނީ، 150 ވަރަކަށް ފޫޓު ފުޅާ އެސްޕްލަނާޑެއްގެ ދެ ފަރާތުގައެވެ. ޢިމާރާތައް ކުރާނީ، ގާތްގަޑަކަށް 6 ބުރިއަށް، ތިރީ ދެބުރި ޕާކުކުރަން ޚާއްޞަކޮށްފައެވެ. ޢިމާރާތްތަކުގެ ދިގުމިނުގައި ބަހައްޓާނީ ގާތްގަޑަކަށް 150 ފޫޓެވެ. ދެ ޢިމާރާތް ދެމެދުގައި ބަހައްޓާނީ 60 ފޫޓެވެ. މިއީ ބްރެޒިލިއާ ވުޒާރާތަކުގެ އެސްޕްލަނާޑް ޢިމާރާތްކޮށްފައިވާ ހަމައިގެ ކުޑަ ނަމޫނާއެކެވެ. މިނިސްޓްރީ އެސްޕްލަނާޑުގެ އެއްކޮޅުގައި ހުންނަނީ ބްރެޒިލްގެ ޕްރެޒިޑެންޓްގެ އޮފީހެވެ.
މިކަން ޢަމަލީ ގޮތުން ކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ، ފުރިހަމަ ރޭވުމެއް ރޭވުމެވެ. އެއަށް ފަހު، ފިޔަވަހި ތަކަކަށް ބަހާލައިގެން 10 ވަރަކަށް އަހަރުގެ ތެރޭގައި މި ޕްލޭން ތަންފީޒުކުރެވިދާނެއެވެ. ޕްލޭން އަކީ ގިނަ ބަޔަކާ މަޝްވަރާކޮށް، ހެދިފައިވާ ޕްލޭންއަކަށް ވާނަމަ، ސަރުކާރު ބަދަލުވުމުން ޕްލޭން ބަދަލުވުމުގެ ފުރުޞަތު ކުޑަވާނެއެވެ. ކޮންމެއަކަސް އަޅުގަނޑަށް ޔަޤީންވަނީ، މި ޤަރުނު ނިމުމުގެ ކުރީން ސަރުކާރުގެ އޮފީސްތައް އެއް ދިމާއެއްގައި ރޭވުމެއްގެ މަތިން ބިނާކުރަމުން ދާނޭ ކަމެވެ.


ރައްޔިތުންގެ މަޖިލިހާއި ރިޔާސީ ގަނޑުވަރު ހުޅުމާލެއަށް ބަދަލުކުރުން
ރައްޔިތުންގެ މަޖިލިހަކީވެސް ހުޅުމާލެއަށް ބަދަލުކުރެވިދާނޭ ތަނެކެވެ. ނަމަވެސް، އެތަން އަޅުގަނޑު ނުހިމެނީ، އެތަން ހުޅުމާލެއަށް ގެންދިއުމުގެ ސަބަބުން މާލޭގެ ތޮއް ޖެހުމަށް މާބޮޑު ލުޔެއް ލިބޭނޭ ކަމަށް ނުފެންނާތީއެވެ. އެތަނަށް ވުރެ ރިޔާސީ ގަނޑުވަރު ނުވަތަ މުލީއާގެ ހުޅުމާލެއަށް ބަދަލުކުރުމަކީ ޤައުމަށާއި ޤައުމިއްޔަތަށް ވަރަށް ބޮޑަށް މަންފާ ކުރާނޭ ކަމެކެވެ. ސަބަބު ތޯއެވެ؟
މުލީއާގެ އަކީ ކުރިން ޝަމްސުއްދީނު ރަދުންގެ އާއިލީގެއެކެވެ. އެގެޔަށް ކިޔަނީ ހެންވޭރު ގަނޑުވަރެވެ. މިތަނުގައި ފަންޖަހާފައި ހުރިއިރުގެ ފޮޓޯއެއް އަޅުގަނޑު ދުށީމެވެ. އެގެ ދައުލަތުގެ ތަނަކަށް ވެގެން ދިޔައީ، އެގޭގެ ވެރި އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަމްސުއްދީނު ރަދުން، ދައުލަތުގެ ޚަރަދުގައި، ވަލީ އަހުދަކަށް ކަނޑައެޅުއްވި ޙަސަން ޢިއްޒުއްދީނަށް އައު މުލީގެއެއް، އާދެ! މުލީއާގެ ބިނާކުރެއްވުމުންނާއި އެ ގޯތީގެ ފަތް ރަދުން ހައްދަވާފައި ނުވާތީއެވެ. މުލީއާގެ ބިނާކުރެއްވީ ސިލޯނުގެ އާކިޓެކްޓެއްގެ ފަރުމާއަކަށް ސިލޯނުގެ މޭސްތިރިންނެވެ. ސިލޯނުގެ ކޮލޯނިއަލް ދުވަސްވަރުގެ ގެތަކާ މިގެއާ ވަރަށް ވައްތަރު ވާނެއެވެ. ސިލޯނުގެ މިފަދަ ގެތަކަށް ކިޔަނީ ”ވަލައުވާ“ އެވެ. ތިރީގައި އެވަނީ މުލީއާގެ އާއި ސިލޯނުގެ ވަލައުވާ އެއްގެ ފޮޓޯއެވެ. ކުރިމަތީގައި ޖަހާފައިވާ ލަކުޑި ޖާލިގަނޑު ނާޞިރު ދުވަސްވަރު މުލީއާގެއިން ވަނީ ނައްޓާލާފައެވެ.

ޝަމްސުއްދީނު ރަދުންގެ އަނބިކަމަނާ، މުލީއާގޭގެ ފަތް ހައްދަވައި ދެއްވުމަށް ރަދުންނަށް ދެންނެވި ވާހަކައާއި ނަމަވެސް މުލީއާގެ އެ އާއިލާއިން ބީވެދާނެކަމަށް ރަދުންނަށް ދުވަހަކުވެސް ހީފުޅުވެފައި ނުވާތީ، ފަތް ހައްދަވައި ދެއްވުން ފަސްކުރެއްވި ވާހަކައާއި މި ނޫން މިކަމާ ގުޅުން ހުރި އެހެން ވާހަކަތައް ”ދިވެހި ޑައިޖެސްޓް“ ގައި ރާއްޖޭގެ މުއައްޚިރަކަށް ހަވާލާދެއްވައި ލިޔުއްވާފައި ވެއެވެ. ކޮންމެއަކަސް އެންމެ ފަހުން، އެ ގެ ދައުލަތަށް ނެގި، ޝަމްސުއްދީން ފުރައުއްތަވީ ގ. މޫނިމާގޭގަ އެވެ. އެއީ އޭރުގެ ނަމުންނަމަ ގަލޮޅު ގަނޑުވަރެވެ. [1500 ވަނަ އަހަރުތަކުގައި ގަނޑުވަރު ކިޔަނީ ހަމައެކަނި ރަދުން ހުންނަވާ ގެކޮޅަށެވެ. ނަމަވެސް ފަހުން ރަދުންގެ މަނިއްޕުޅާއި ގޮމައިން ތިއްބަވާ ގޭގެއަށް ގަނޑުވަރު ކިޔަން ފެއްޓުނެވެ. ގަނޑުވަރު ކިޔުން މަނާ ކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީކޮޅުގައި އައި ޙަސަން ފަރީދު ވެރިކަމުގައެވެ. [މި ޖުމުލައަށް އޮބާލައްވަނިކޮށް މީގެ 100 އަހަރު ކުރިން އެ ހިސާބު އޮތް ގޮތުގެ ޗާޓެއް ފެނިވަޑައިގަންނަވާނެއެވެ.]
ދިވެހިރާއްޖެގެ އެންމެ މުހިއްމު އެއް ތާރީޚީ ބިނާ، ”މެދު ޒިޔާރަތް“ ހުންނަނީ މި ކޮށީގެ ތެރޭގައެވެ. މިއީ ދިވެހި ޤައުމިއްޔަތާ ގުޅޭ އެންމެ މުހިއްމު އެއް ތާރީޚީ ތަނެވެ. ނަމަވެސް، ވޭތިވެދިޔަ 47 އަހަރުގެ ތެރޭގައި މެދުޒިޔާރަތަށް ވަނީ ވަރަށް އިހާނަތްތެރިކޮށް ހިތާފައެވެ. އެންމެ ފުރަތަމަ ރ. މައުމޫން ދައުރުގައި، އެ ޒިޔާރަތާ ގުޅިގެން ހުރި މެދުމިސްކިތާއި ތާޜީޚީ އަބްޠާލުންގެ މަހާނަތަކެއް ނެގިއެވެ. ވަރަށް ބޮޑު ޖާގައެއް އެ ދައުރުގައި މެދުޒިޔާރަތުގެ ހަރިއްމަގެ ތެރެއިން މުލީއާގެއަށް ކައްވާލިއެވެ. ދެން، އެއަށް ފަހު ވެރިކަމަށް އައި ކޮންމެ ރައީސެއް، މެދުޒިޔާރަތުން ބައެއް މުލީއާގެއަށް ދަމައިގަންނަވާފައި ވެއެވެ. އެހެންކަމުން، ތާރީޚީ މި މުހިއްމު ބިނާ ހިމާޔަތް ކުރެވޭނީ، އަޅުގަނޑުގެ ނަޒަރުގައި، މުލީއާގެ ހުޅުމާލެއަށް ބަދަލުކޮށްގެންނެވެ. މިކަން ކުރަންވީ އެހެން ސަބަބެއް ވެސް ވެއެވެ.

ނާޞިރު ދައުރަށް ފަހު ވެރިކަން ކުރި ހުރިހާ ފަރާތްތަކެއްގެ ދައުރުގައި އެވެރީން އުޅުއްވި މުލީއާގެއަށް ވަނީ މެދުޒިޔާރަތުން އެކި ވަރުވަރުން ޖާގަ ނަގާ މެދު ޒިޔާރަތުގެ ހުރުމަތް ކަނޑާފައެވެ. މިހާރު މެދުޒިޔާރަތްމަގު ގެ ފާރު ނޫނީ ނެތެވެ. މި ވެރީންނަކީ، ދުލުކުރީން ޤައުމަށާއި ޤައުމިއްޔަތަށް ޚިދުމަތް ކުރެއްވި/ކުރައްވާ މީހުންނެވެ. މިހާރު މި ހިނގަމުންދާ ދައުރުގައި މާލޭގެ ދެ ސަހަރާއަކުން ޤަބުރުތައް ނަގަމުން އެބަ ގެންދެއެވެ. އިސްލާމް ދީނުގައި ޤަބުރުތަކަކީ އެއަށް ޙައްޤުތަކެއް ލިބިގެންވާ އެއްޗެކެވެ. އެއާމެދު ހިތުހުރިހައި ގޮތަކަށް ޢަމަލުކުރުމީ ހަރާންކަމެކެވެ. 900 އަހަރު ވަންދެން ރާއްޖޭގެ ޤަބުރުސްތާނުތަކަކީ ރަނގަޅަށް ބަލަހައްޓަމުން ގެންދިޔަ ތަންތަނެވެ. ޤަބުރުތަކަށާއި ޤަބުރުސްތާނުތަކަށް އިހާނަތްތެރިކޮށް ހިތަން ފެށުނީ ނާޞިރު ދައުރާއި އެ ފަހުން އައި ދައުރުތަކުގައެވެ. މެދު ޒިޔާރަތަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރ. މައުމޫން ދައުރުގައެވެ.
ރައީސް އަކު، ކިތަންމެ ރަނގަޅު ވެރިކަމެއް ކުރެއްވިއަސް، އޭނާއާ ދޭތެރޭ ދެކޮޅުވެރިވާ އެތައް ބައެއް ތިބޭނެއެވެ. އެހެންކަމުން ހަށި ރައްކަލަށް ރައީސުން އުޅުއްވާގެ ވާންވާނީ ފަސޭހައިން ޙިމާޔަތް ކުރެވޭ ތަނަކަށެވެ. މާލޭގައި އެންމެ 5000 މީހުން އުޅުނު ދުވަސްވަރު ވެސް ރަދުންގެ ގަނޑުވަރުގެ ތިން ފަރާތެއްގައި ކަންޒު އޮވެއެވެ. [ކަންޒަކީ ފުން ފެންގަނޑެކެވެ.] އެއީ ދިފާޢުކުރުމަށް ފަސޭހައަކަށް ކޮށްފައިވާ ކަމެކެވެ. ތިރީގައި އެވަނީ ސްރީލަންކާގެ ރައްޔިތުން މަޖިލިސް ކުރާގެއެވެ. އެތަން ތައްޔާރުކޮށްފައިވަނީ، ފުން ވެވެއްގެ (ކުޅިއެއްގެ) މެދުގައެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި، އަދި މެދުޒިޔާރަތަށް ކުރަމުން ގެންދާ އިހާނަތްތެރިކަން ހުއްޓުވުމަށް އަޅުގަނޑަށް ފެންނަނީ، ރިޔާސީ ގަނޑުވަރު ހުޅުމާލެއަށް ބަދަލުކުރާށެވެ. މިތަން ތަންޔާރުކުރަންވާނީ، ސްރީ ލަންކާގެ ޕާލަމަންޓް ބިނާކޮށްފައިވާ ހެން، ސަލާމަތީ ކަންކަމަށް އިސްކަން ދީގެންނެވެ. އަޅުގަނޑު ކުރިން ބަޔާންކުރި ސަރުކާރުގެ އޮފީސްތަކުގެ ސަރަޙައްދުގައި އައު ރިޔާސީ ގަނޑުވަރެއް ހަދާނޭ ޖާގަ އޮންނާނެއެވެ.

Leave A Comment