ވޭތިވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ލޯނަރު ވަގަށް ނެގުން ވަނީ ވަރަށް ބޮޑު ޤައުމީ މައްސަލައަކަށް ވެފައެވެ. މިކަން، ޢާއްމު ވެފައިވާ މިންވަރީ، ގޭގެއަށް އިލެކްޓްރިކް ހަކަތަ ފޯރުކޮށްދިނުމަށް އެކި ހިސާބުތަކުގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކަށް ކަރަންޓު ދީފައި ހުއްޓައި ވެސް، ކޭބްލް ބުރިކޮށްލައިގެން ބުރިވަރުން ވަގަށް ނެގުމެވެ. ގެއެއްގައި ވަގުތީ ގޮތުން މީހުން ނޫޅޭނަމަ، އެ ގެއަކަށް ވަދެ، ސްވިޗްތަކާ ގުޅާފައި ހުންނަ ނަރުތައް ވެސް ވަގަށް ނަގައެވެ. އަދި މިހާރަކަށް އައިސް އޭސީގެ ބޭރު ޔުނިޓު ވަގަށް ނަގަމުން ދެއެވެ.

މިކަން އަޅުގަނޑަށް އެންމެ އަސަރުގަދަ ގޮތަކަށް ފާހަގަ ކުރެވުނީ 2012 ވަނަ އަހަރު ހައްދުންމަތީ ގަމަށް ކުރި ދަތުރެއްގައެވެ. އެ ދަތުރުގެ މަޤްޞަދަކަށް ވެފައި އޮތީ އެ ރަށުގައި ޔުނިވަރސިޓީގެ ކެމްޕަހެއް ބިނާކުރުމެވެ. މި ދަތުރު ކުރީ ޖޫން މަހުގެ 13 އިން ފެށިގެން 14 އަށެވެ. ދަތުރުގެ ބައެއް ބައިވެރީންގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ.

ރަށުގެ ވެރީން ކެމްޕަހެއް ވަގުތީ ގޮތުން ހިންގިދާނެ ތަނެއްގެ ގޮތުގައި، އެ ރަށުގައި ސުނާމީ އާ ގުޅިގެން ހަދާފައި ހުރި ޒުވާނުންގެ މަރުކަޒެއް ދެއްކެވިއެވެ.  މިތަން ބިނާކޮށް ބޭނުން ނުކުރެވިގެން އުޅެނިކޮށް، އެތަން ވައިރުކޮށްފައި ހުރި ނަރުތައް ވަގަށް ނަގާފައި ވިއެވެ. ހަމަ އެފަދައިން ސުނާމީ އާ ގުޅިގެން ގަމުގައި ހެދި ސްޓޭޑިއަމް ގެ ވައިރުތައް ވެސް ވަގަށް ނަގާފައި ވަނިކޮށް ފެނުނެވެ. މީގެ ކުރިއަކުން މިފަދަ ގެއްލުން ދެނިވި، ނާ ތަހުޒީބު ކަމެއް އަޅުގަނޑުމެންނަށް ފެނިފައި ނުވާތީ އެކަމާ ހައިރާންވެގެން އުޅުނީމެވެ. މިހާރު މާލެއާއި އަތޮޅުތެރޭގެ ބައެއް ތަންތަނުގައި ހަރުކޮށްފައި ހުންނަ އޭސީގެ ބޭރު ޔުނިޓް، ބޭނުން ކޮށްކޮށް ހުއްޓައި ވަގަށް ނަގަމުން ދެއެވެ.

ދާދި އިހަކަށް ދުވަހު، އަތޮޅުތެރޭގެ ރަށެއްގައި ވިޔަފާރިކުރާ މީހަކު ކިޔައިދިން ގޮތުގައި އޭނާ ވިއްކަން ގުދަން ކޮށްފައިވާ ކޭބްލްތަކެއް، ފުރާޅުން ޓިނުނަގައިގެން ވަދެ ދެ ފަހަރު ގެންގޮސްފައި ވެއެވެ. އޭނާ ބުނިގޮތުގައި މި ދެފަހަރު މަތިން އެއް މިލިއަން ރުފިޔާގެ ގެއްލުން ވިއެވެ. އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ހުރެއެވެ.

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާނީ، ލޯނަރު ވަގަށް ނެގުން މަދުކުރުމަށް ރާއްޖޭގައި ކުރެވިދާނޭ ކަންކަމެވެ. ލޯނަރު ވަގަށް ނެގުމަކީ ހަމައެކަނި ރާއްޖޭގައި ހިނގާ ކަމެއް ނޫނެވެ. އެހެންކަމުން، އެކަން ބައެއް ޤައުމުތަކުގައި ހައްލުކުރި ގޮތާ ބެހޭ ރިޕޯޓުތައް އިންޓަރނެޓުން ފަސޭހައިން ލިބެން ހުރެއެވެ. މިސާލަކަށް ތިރީގައިވާ ތަޞްވީރަށް އޮބައިލުމުން ބައެއް ހައްލު ފެނިވަޑައިގަންނަވާނެ އެވެ.

ލޯނަރުގެ ވައްކަން ގިނަވަނީ ކީއްވެ؟


އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ލޯނަރުގެ ވައްކަން މުސްތަޤްބަލްގައި ވާނީ އިތުރެވެ. މިހެން މިކަން ވާނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

(1) ވަގުންނަށް އިންސާނުންވަނީ، ކުޑަކުދީންނަށް ވުމަށް ފަހުއެވެ. އެމީހުން ކުޑަކުދީންގެ ގޮތުގައި ތިއްބައި، މަދަރުސާތަކުންނާއި ގެއިން ދަރިވަރުންނަށް ވައްކަން ނުކުރުމަށާއި އަމާނާތްތެރިވުމަށް ދެވޭ ތަމްރީނާއި ތަޢުލީމުގެ އުނިކަމަކީ މި މައްސަލައިގެ ފެށުމެވެ. ޙަޤީޤަތުގައި، މި ޒަމާނުގެ މަދަރުސާތަކުން ދެވޭ ތަޢުލީމުން، ދަރިވަރުން އެމީހުންގެ ރަށްވެހިކަމަށާއި ޤައުމިއްޔަތަށް ވަނީ ބީރައްޓެއްސެެވެ.

(2) ޒުވާނުންގެ ތެރެއިން ބޮޑު އިންސައްތައެއް (މަދުވެގެން ކޮންމެ ހަތަރު މީހަކުން އެކަކު — %26) ޢަމަލުވާ ބާވަތުގެ ޑްރަގު ބޭނުން ކުރެއެވެ. މިވާހަކަ ލިޔެފައި އޮތީ މި ޖުމުލައަށް އޮބައިލުމުން ފެންނަ ރިޕޯޓުގެ 49 ވަނަ ޞަފުޙާގައެވެ. ޑްރަގު ގަތުމަށް ކޮންމެ ދުވަހަކު ފައިސާ ބޭނުން ވެއެވެ. ޑްރަގު ބޭނުންކުރާ ގިނަ މީހުންނަކީ އާމްދަނީ ލިބޭ ބާވަތުގެ ހަލާލު މަސައްކަތެއް ކުރާ ބައެއް ނޫނެވެ. އެހެންކަމުން އެމީހުންގެ ތެރެއިން ބަޔަކު މި ނުބައި އާދަ ހިފަހައްޓަން ވައްކަން ކުރެއެވެ. ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ، ހުނަރުވެރި ވަޒީފާތަކަށް ނެރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތައް ވަނީ ވާވެފައެވެ. ދީނީ ރަނގަޅު އާދަތައް ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަށް ހުންނަ އިދާރާއިން އަވަދިނެތި އުޅެނީ މުބާރާތްތައް ބޭއްވުމުގައެވެ.

(3)   ވައްކަން ކުރުމުން ގިނަ ފަހަރު އެއްވެސް އަދަބެއް ނުލިބެއެވެ. އެހެންކަމުން ލިބިދާނޭ އަދަބަކަށް ދުނިޔެމަތީގައި ބިރެއް ނެތެވެ. މިކަމުގެ ދަލީލަކީ 100 ފަހަރު ވައްކަން ކޮށްފައިވާ މީހުން ހިފާ ހައްޔަރުކުރާ ވާހަކަ ނޫސްތަކުގައި ވާކަމެވެ. މިސާލެއްގެ ގޮތުން މި ޖުމުލައަށް ފިތާވާލެއްވުމުން ފެނިވަޑައިގަންނަވާ ޚަބަރު ކިޔުއްވާށެވެ. ވައްކަން ކުރުމަށް ހިތްވަރު ލިބޭ އަނެއް ސަބަބަކީ، މިލިއަން ޑޮލަރުން ދައުލަތުން ވައްކަންކޮށްފައިވާ މީހުންނަށް އަދަބެއް ނުލިބޭކަން ގިނަ ޒުވާނުންނަށް ފެނިދެނިވުމެވެ. ވައްކަމަކީ އަވަހަށް ފައިސާ ހޯދުމަށް އެދެވޭ ”ވަޒީފާއެއް“ ކަމަށް ބައެއް ސިޔާސީންނާއި ގަދަރުވެރީންގެ ނަމޫނާއިން ދަސްވުމެވެ.

(4)   ރަތުލޯ ނަރަކީ، ބޮޑު އަގުގައި ވިކޭ ކުޑަ އެއްޗެކެވެ. ގިނަ ދުވަހު ހަލާކު ނުވެ ހުރެއެވެ. އެއީ ކޮންތަނަކުން ވަގަށް ނެގި އެއްޗެއްކަން ދެނެގަންނަން ދައްޗެވެ.  ކުރިއަށް އޮތް ދުވަސްތަކުގައި، ފިސާރި ފިޔަވަޅުތަކެއް ނުއަޅައިފިނަމަ، ލޯނަރުގެ ވައްކަން ހައްތާ ވެސް ވާނީ އިތުރެވެ. އެއީ އަގުވެސް ބޮޑުވަމުން ދާތީއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިލެކްޓްރިކުން ކުރާ ބޭޭނުންތައް ހައްތާ ދަނީ އިތުރުވަމުންނެވެ. މިހާރަކަށް އައިސް ކާރުތައް ވެސް އިލެކްޓްރިކް ހަކަތައަށް ބަދަލުވަމުން ދެއެވެ. ރަތުލޯ ކިލޯއެއްގެ މިހާރުގެ އަގަކީ ގާތްގަޑަކަށް 140 ރުފިޔާއެވެ. މުސްތަޤްބަލްގައި މިއަގު ހައްތާވާނީ ބޮޑެވެ.

(5) ރާއްޖެ ނޫން ޤައުމުތަކުގައި، ރަތުލޯ ނަރު ވަގަށް ނެގުމުގައި، ވައްކަން ކުރާ ގޭންގުތަކުން ޙަރަކާތްތެރިވެއެވެ. މިފަދަ ގޮތަކަށް، ދާއިމީކޮށް ރަތުލޯ ނަރު ވަގަށް ނެގުމުގެ ފުރުޞަތެއް ރާއްޖެއަކު ނޯންނާނެއެވެ. އެހެންވީމާ، އެފަދަ ގޭންގުތަކުން ވެސް، ރާއްޖޭގައި ވައްކަން ކުރާނީ ފުރުޞަތެއް ފަހިވާ ދަނޑިވަޅުގައެވެ.

ވަގަށް ނަގާ ރަތުލޯ ނަރަށް ވަނީ ކިހިނެއް؟


ވަގަށް ނަގާ ރަތުލޯ ނަރު، އެ ނަގާ މީހުން ވިއްކަނީ އެ ގަންނަ އެހެން މީހުންނަށެވެ. މި ގިނައިން  ގަންނަނީ ބިދޭސީންނެވެ. ދެން މި ބިދޭސީން އެ ނަރު ވިއްކަނީ ދިވެއްސަކު އަޑީގައި ހުންނަ ނަރު އެކްސްޕޯޓު ކުރާ މީހުންނަށެވެ. ގިނަ ލޯނަރު އެކްސްޕޯޓު ކުރަނީ އިންޑިއާ އަށެވެ.

2023 ވަނަ އަހަރުގެ އިމްޕޯޓު / އެކްސްޕޯޓު ހިސާބުތައް ކަސްޓަމްސްގެ ވެބްސައިޓުގައި ވެއެވެ. އެ ހިސާބުތަކުން ދައްކާގޮތުން، ފަސްލައްކަ ރުފިޔާގެ ރަތުލޯ އިންޑިއާއަށް 2023 ގައި އެކްސްޕޯޓު ކުރިއެވެ. ނަމަވެސް، އަޅުގަނޑަށް ލަފާ ކުރެވޭގޮތުން، މި ހިސާބުގައި ކުށެއް ވެއެވެ. އެއީ ލޯ ހުންނަ ބައު އޭސީ ނުވަތަ މޯޓަރު މި ހިސާބުތަކުގައި ސީދާ ލޮއެގެ ގޮތުގައި ނުހިމެނޭނެތީ އެވެ. އެމެރިކާގައި އެންމެ ގިނައިން، ލޮއެގެ ބޭނުމުގައި ވަގަށް ނަގާ އެއްޗަކީ އޭސީގެ އައުޓްޑޯ ޔުނިޓެވެ.  ރާއްޖޭގައިވެސް ބައެއް ދައުލަތުގެ ޢިމާރާތްތަކުގައި ހުންނަ އޭސީގެ އައުޓްޑޯ ޔުނިޓް ރޯމާ ދުވާލު ވަގަށް ނަގާފައި ވެއެވެ. ނައްޓާލާފައި ހުންނަ އޭސީގެ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައެވެ. [މިސާލީ، އެމް.އެން.ޔޫ. އިން ނައްޓާލާފައި ނީލަމަށް ފޮނުވަން ހުރި ޑައިކިން 48000 ބީޓީޔޫގެ އައުޓްޑޯ ޔުނިޓްތަކެއް، ފާރުމަތިން ވަގުން އަރައި ވަގަށް ނަގާފައި ވެއެވެ.] ކުޑަ އޭސީ އައުޓްޑޯ ޔުނިޓެއްގައި ދެތިން ކިލޯގެ ރަތުލޯ ހުންނާނެއެވެ. ނަމަވެސް ރާއްޖޭގައި މި ފަދަ ތަކެތި ގިންތި ކުރާނީ މައް ލޮއެގެ ގޮތުގައެއް ނޫނެވެ. އެހެންކަމުން ރަތުލޯ ބޭރުވާ މިންވަރެއް ސީދާ ބުނާކަށް  ނޭނގޭނެއެވެ.

[ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުން، ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓުކުރީ ޖުމުލަ 79 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް 8382 މިލިއަން ރުފިޔާގެ މުދައު އިންޑިއާއިން އިމްޕޯޓު ކުރިއެވެ. މިހާ ގިނަ މުދައު އެއް ޤައުމަކުން އިމްޕޯޓު ކުރުމަކީ، އަދި އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު މިހާ ބޮޑުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ކަމެއް ނޫނެވެ.  ހިސާބުތައް މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ.]

މައްސަލައިގެ ހައްލު އަކީ ކޮބާ؟


އެހެން ޤައުމުތަކުގައި ރަތުލޯ ނަރުގެ ވައްކަން ކޮންޓްރޯލްކުރުމަށް ކޮށްފައިވާ އެންމެ މުހިއްމު ކަމަކީ ރަތުލޯ ނަރު އެކްސްޕޯޓު ކުރުމަށް ގަންނަ ފަރާތްތަކާ ބެހޭ ޤާނޫނެއް އެކުލަވައިލުމެވެ. މިފަދަ ޤާނޫނުތަކުގައި އޮންނަ ގޮތުން، އެކްސްޕޯޓު ކުރުމަށް ރަތުލޯ ނަރު ގަނެވޭނީ ލައިސަންސް ލިބިފައިވާ ފަރާތްތަކަކުންނެވެ. ރަތުލޯ ނަރު ވިއްކަން މީހަކު ނަރުތަކެއް ހިފައިގެން އަތުވެއްޖެނަމަ، އެތައް ކަމެއް ފުރޭފުކުރަން (ނޯޓުކުރަން) ޖެހެއެވެ. މި ކަން ކުރާ ގޮތް ލިޔެފައިވަނީ މިގޮތަށެވެ:

Each transaction packet contains a photo of the customer’s driver’s license, the customer’s thumbprint, pictures of the material brought to scrap, details about the material and how much the customer was paid. At the end of each day, scrap yards send electronic copies of those packets to the Sheriff’s Office, which maintains a log of all transactions made, as required by Florida law.

މަޢުލޫމާތު: https://www.news-journalonline.com/story/news/2013/10/15/copper-theft-problems-rise-in-volusia/30641598007/

ލޮއެއާ ބެހޭ ޤާނޫނުގައި އޮންނަ ގޮތުން، މީހަކު ލޮއެގެ މިންވަރެއް ހިފައިގެން ވިއްކަން މެދުކަތު ނުވަތަ އެކްސްޕޯޓުކުރާ ފަރާތަށް އަތުވެއްޖެނަމަ، އެ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ނަގަން ޖެހެއެވެ. އޭނާގެ ބޮޑުވާ އިނގިލީގެ ނިޝާން ނަގަން ޖެހެއެވެ. ވިއްކަން ގެނައި ލޮއެގެ ފޮޓޯ ނަގަން ޖެހެއެވެ. ވިއްކި ތަކެތީގެ ތަފްޞީލް ލިޔަން ޖެހެއެވެ. ބަދަލުގައި އަގަކަށް ދިން ފައިސާގެ ޢަދަދު ލިޔަން ޖެހެއެވެ. ދެން ކޮންމެ ދުވަހެއް ނިމުމުން މި މަޢުލޫމާތު ފުލުހުންގެ އިދާރާއަށް ފޮނުވަން ޖެހެއެވެ.

އެކްސްޕޯޓު ކުރާ ފަރާތުން އެހެން އެއްޗެއްގެ ނަމުގައި ލޮއެ ބޭރުކޮށްފިނަމަ، ދެން އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނޭ މިންވަރުގެ ޖުރުމާނާއެއް ކުރެއެވެ. އެއްޗެއްގެ ވަރަށް ކުޑަ މިންވަރެއްގެ ރަތުލޯ ހުރިނަމަ، އެއީ ރަތުލޯ އެއްޗެއް ކަމަށް ބަލައެވެ. އެހެން ބަލަނީ ދަގަނޑު ފަދަ އެއްޗަކާ އަޅާ ބަލާއިރު، ރަތުލޯގެ އަގުބޮޑު ކަމުންނެވެ. އެމެރިކާގައި ވަގަށް ނަގައިގެން ވިއްކާ އެންމެ ޢާއްމު އެއްޗަކީ އޭސީ ގެ އައުޓް ޑޯ ޔުނިޓެވެ. ލަފާ ކުރެވޭ ގޮތުން ރާއްޖޭގެ ކަސްޓަމްސް އިން މި ގިންތި ކުރާނީ ކާސްޓް އަޔަން (ވިރުވާއެޅި ދަގަނޑު) ގެ ގޮތުގައެވެ. ނަމަވެސް މީގައި އެއްވެސް މިންވަރަކަށް ކާސްޓް އަޔަން އެއް ނުހިމެނޭނެއެވެ. އެހެންކަމުން ކަސްޓަމްސްގެ މުވައްޒަފުން އެކި މަޢުދަންތައް ދެނެގަތުމަށް ހޭލުންތެރިކުރަން ޖެހެއެވެ. [މިހެން މިދެންނެވީ މަޢުދަންގެ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ކާސްޓް އަޔަންކަމަށް ތަފާސް ހިސާބުތަކުގައި ވާތީއެވެ. ރާއްޖޭގައި ވަރަށް މަދުން ނޫނީ ކާސްޓް އަޔަން އެއް ނުހުންނާނެއެވެ.]

އެހެން ބައެއް ފިޔަވަޅުތައް


ރާއްޖޭގައި ދެން އެޅޭނޭ ކަމަށް ފެންނަ އެންމެ މުހިއްމު ފިޔަވަޅަކީ، ލޮއެ އެކްސްޕޯޓު ކުރުމަށް ޑިއުޓީ ނެގުމެވެ. މި ޓެކްސް ނަގާ މިންވަރުން، ރާއްޖޭގައި ލޮއެގެ މަސައްކަތް ކުރުމަށް ބާރަކަށް ވާންވާނެއެވެ. މި ކަން ފަހުން އިތުރަށް ތަފްޞީލް ކުރާނަމެވެ.

އެހެން ޤައުމުތަކުގައި، ރަތުލޯގެ ވައްކަން މަދުކުރަން ކުރާ ކަންކަން ތިރީގައި އެވަނީވެއެވެ. މިއިން ބައެއް ކަންކަމަކީ ރާއްޖޭގެ ޙާލަތާ ގުޅޭ ކަންކަމެއް ނޫނެވެ. ނަމަވެސް ފުރިހަމަކޮށްލުމުގެ ގޮތުން ލިޔެލީއެވެ. އާދެ! އެއީ، (1) ލޮއެ ނެގުމަށް ދަތިވާގޮތަށް، ލޮއެ ނަރު ޕްލާސްޓިކް ހޮޅި ފަދަ އެއްޗިއްސަށް ލުމާއި ބިމުގައި ވަޅުލާނަމަ، ފުނުގައި ވަޅުލުމާއި، ހުންނަ ތަންތަން ރަނގަޅަށް ބަންދުކޮށް ތަޅުލުމާއި ކެމެރާ ހަރުކުރުން ފަދަ ކަންކަން. (2) ކާކުގެ ލޮއެކަން އެނގޭ ގޮތަށް ލޮއެގައި ނަން ނުވަތަ ނަންބަރު ޖެހުން.  މިގޮތުން ކޭބްލްގައި ނަން ޖަހައި، ފަހުން ވިއްކާ ނަމަ، އެ ފަރާތާ ގުޅަން ޖެހޭ ގޮތަށް ޤާނޫނު އެކުލަވައިލުން.  އޭސީ ފަދަ ތަކެތީގައި ޖިއޯޓެގް ހަރުކުރުން. ޖިއޯޓެގްްއަކީ އެ ވީތަން ފޯނުން ބަލައިލެވޭ ކުޑަކުޑަ ގޮށެކެވެ.  (3) ފުލުހުންނާއި ޤާނޫނު ހަދާ ފަރާތްތަކާއި ގާޒީންނާއި ގުޅުންތައް ޤާއިމްކޮށް ކުށްވެރީން ފަސޭހައިން ދޫ ނުވާގޮތަށް ޤާނޫނުތައް އިޞްލާޙްކުރުން. (4) އެލްމިނިއަމް ފަދަ އެހެން މަޢުދަން ލޮއެގެ ބަދަލުގައި ބޭނުންކުރުން. (5) ޝައްކުވާ ފަރާތްތައް އުޅޭތަން ފެނިއްޖެނަމަ، ޢާއްމުން ގުޅަންޖެހޭ ނަންބަރު، ޢާއްމުން ހޭލުންތެރިކުރުމަށް ލޮއެ ހުންނަ ތަންތަނުގައި ނަންބޯޑު ޖެހުން.  ލޮއެ ވަގަށް ނެގުމުން ވާނެ ގެއްލުމާ މެދު އާއި އައު ޤާނޫނަށް ހޭލުންތެރިކުރުން.

ހިމަ ރަތުލޯ ނަރު އުފައްދާ ކާރުޚާނާއެއް ބޮޑެތި ކުނިކޮށި ހުންނަ ތަންތަނާ ގާތުގައި ހެދުން


މީހުން ހީކޮށްފާނެ ގޮތާ ޚިލާފަށް ވައިރުކުރުމަށް ބޭނުންކުރާ އާދައިގެ ނަރު އުފެއްދުމަކީ ވަރަށް އާދައިގެ ގޮތަކަށް ކުރާ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކީ ރަތުލޯ ދިޔާކޮށް ނަރަށް އެޅުމެވެ. މިކަން ކުރަނީ މިޒަމާނުގައި ކައްކަން ގެންގުޅޭ އިންޑަކްޝަން އުނދުން ފަދައިން ހޫނުވާ އެއްޗަކުންނެވެ. ދެން މި ފަދަ ނަރު އެކި ވަރުގެ ނަރުދަމާ ފިލާގަނޑުން ދަމައި، ހިމަ ކުރަނީއެވެ. މިކަން ކުރަނީ ކުޑަވަރެއްގެ މެޝިނަކުންނެވެ. ދެން އޮންނާނީ ނަރުތަކުގައި ދާފަރާ ލުމެވެ. މިކަން ކުރަނީ އެހެން މެޝިނަކުންނެވެ.

އަޅުގަނޑު މި ދަންނަވަނީ 2.5 އެމްއެމް ގެ ނަރުގެ ވާހަކައެވެ. މި ސައިޒުގެ ނަރު ރާއްޖޭގައި އުފެއްދުމަށް ބޭނުންވާ ކާރުޚާނާއެއް ހެދުމަށް ބޭނުންވާނީ ގާތްގަޑަކަށް 5000 އަކަ ފޫޓުގެ ބިމެވެ. ގެންގުޅެން ޖެހޭނީ 8 ވަރަކަށް މީހުންނެވެ. މި ފަދަ ކާރުޚާނާއަކަށް ޒިޔާރަތް ކުރި މީހުންނަށް މިއީ ރާއްޖޭގައި ކުރެވިދާނޭ ކަމެއްކަމަށް ޤަބޫލުކުރެއްވޭނެއެވެ. ބައެއް ނަރުބުރި ތަކުގެ ދާފަރާ ދެވަނަ ފަހަރަށް ބޭނުން ކުރެވި، ޕްލާސްޓިކް އަންދަންޖެހޭ މިންވަރު މިކަމުން މަދުވާނެއެވެ. ތިރީގައި އެވަނީ އާދައިގެ ނަރު އުފައްދާ ކާރުޚާނާއެއްގެ ވީޑިއޯ އެކެވެ. ކަމުގެ ދޭސީކަން ވިސްނަވާށެވެ.

https://www.youtube.com/watch?v=WigYCTJSNtM

ނިންމައިލުން


ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ރަތުލޯ ނަރުގެ ވައްކަން ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. ގޭގެއަށާއި ޢިމާރާތްތަކަށް އިލެކްޓްރިކް ހަކަތަ ދޭން ހުންނަ ވައިރު ބުރިކޮށް ވިއްކަމުން ގެންދެއެވެ. ފަހަކަށް އައިސް، އޭސީގެ އައުޓްޑޯ ޔުނިޓްތައް ވެސް ވަގަށް ނަގައި ވިއްކައެވެ.

ލޮއެގެ ވައްކަން، ބޭރު ޤައުމުތަކުގައި މަތަކުރީ، ރަތުލޯ ނަރު ގަނެ އެކްސްޕޯޓު ކުރުމާ ބެހޭ ޚާއްޞަ ޤާނޫނެއް ހަދައިގެންނެވެ. އެކްސްޕޯޓު ކުރަން ނަރުގަންނަ މީހުން ވަރަށް ތަފްޞީލީ ރެކޯޑުތަކެއް ބަހައްޓަން ޖެހެއެވެ. ގަންނަ ތަކެތީގެ މަޢުލޫމާތު ފުލުހުންނަށް ފޮނުވަން ޖެހެއެވެ. އެހެން މަޢުދަނެއްގެ ނަމުގައި ރަތުލޯ އެކްސްޕޯޓުކުރަން އުޅެފިނަމަ، އެކަމުން ފިލާވަޅެއް ލިބޭފަދަ އަދަބެއް އެކަން ކުރާ ބަޔަކަށް ލިބެއެވެ.

ރަތުލޯ ނަރާ ބެހޭ ޤާނޫނުތައް އިންޓަރނެޓުގައި ލިބެން އެބަހުއްޓެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ: — މިފަދަ ޤާނޫނެއް ރާއްޖެއާ ގުޅޭގޮތަށް ޑްރާފްޓްކޮށް މަޖިލިސްގެ ރައީސް އަށް ފޮނުވަންވީ އެވެ. ނަމަވެސް، ދެން ހިތަށް އެރީ ޤާނޫނު ޑްރާފްޓުކުރަން އިސްނަގަންވާނީ ރަތުލޮއެގެ ވައްކަމުން ގެއްލުން ލިބޭ މީހުންނާއި (ސްޓެލްކޯ ފަދަ ތަންތަނާއި)، ވައްކަން ހުއްޓުވަން ތިބޭ މީހުންނާއި (ފުލުހުންނާއި) އެކްސްޕޯޓު މަރުހަލާގެ ބައިވެރީންނާއި (ކަސްޓަމުގެ އޮފިސަރުންނާއި) މަޖިލިސްގެ މެންބަރުންނެވެ. އެމީހުންނަކީ މިފަދަ މައްސަލަތައް ހައްލުކޮށް ޤާނޫނުތައް ހަދައި ހިންގަން ރައްޔިތުން މުސާރަދީގެން ގެންގުޅޭ މުވައްޒަފުންނެވެ.    މި ދެންނެވި ފަރާތްތަކުގެ ”ވަފާތެރިކަމާ މެދަކު އަޅުގަނޑު ކޮންމެހެން ސުވާލެއް ނުކުރަމެވެ. އަޅުގަނޑު ސުވާލުކުރަނީ އަޅުގަނޑުމެންގެ ޒުވާނުންގެ ބޭފަރުވާތެރިކަމާ މެދުގައެވެ. ބޭ ވިސްނުންތެރިކަމާ މެދުގައެވެ. ބޭ ޙަރަކާތްތެރިކަމާ މެދުގައެވެ. ޤައުމުގެ މުސްތަޤްބަލް އާ މެދު އެއްވެސް ފަރުވާއެއް ނެތްކަމުގެ މައްޗަށެވެ.“ — މުޙައްމަދު އަމީން.

ދިވެހިއްޔަތާ ބެހޭ މަޒުމޫނުތައް

މުޅި ވެބްސައިޓްގެ ފިހުރިސްތު