އަޅުގަނޑާ އެކީގައި، ޚިޔާލީ ގާޑިޔަލެއްގައި،  ކޮވިޑް-19 ގެ ކުރިން، ހަފުތާ ބަންދަކާ ދިމާކޮށް، މާލޭ މަސް މާރުކޭޓުގެ ކުރިމައްޗަށް ވަޑައިގަންނަމާ ހިންގަވާށެވެ. ފެނިވަޑައިގަންނަވާނީ، އެހެންނާ ނުފެންނަ ބާޒާރެއް ކުޑަ ވަގުތުކޮޅަކަށް މަގުގެ އަނެއް ފަރާތުގައި ހިނގަމުންދާ ތަނެވެ. ތަންވާނީ، ގަންނަ މީހުންނާއި ވިއްކާ މީހުންނާއިގެން ތޮއްޖެހިފައެވެ. މުދަލަކަށް ހުންނާނީ ދިރޭ ގަހެވެ. ރާއްޖޭގައި ހެދޭ އެކި ބާވަތުގެ ބަގީޗާ ގަސްތަކެވެ. ހުވަދުމަލާއި ހުސްނުހީނާ ގަހެވެ. ޖަވާހިރުމަލާއި ޖަނަވަރީމައު ގަހެވެ. ސައިމަލާއި ސަތާވަރީމައު ގަހެވެ. ބަނަފުސާ އާއި ބަޑިކުޅިމަލާއި ބޮކަރުމަލާއި ބުޅާނިގޫގެ ވައްތަރުތަކެވެ. އަސުރުމަލާއި އަންޑާޕޫލް އެވެ. މިހެން ގޮސް، ލިޔެ ކޮޅުން ނުލާވަރަށް، އެކި ކުލައިކުލައިގެ މައު އަޅާ ގަސްތަކާއި އެކި ފަތް ބަގީޗާގެ ގަސްތައް އެ ބާޒާރުގައި ވިއްކަން ހުރެއެވެ.

އެއީ، ކާށިދޫންނާއި އެހެން ކައިރި ރަށްރަށުން ވިއްކަން މާލެ ގެންނަ ތަރުކާރީއާއި އެކު، އަރިމަތީ ވިޔަފާރިއެއްގެ ގޮތުގައި ބަޔަކު ކުރާ ކަމެކެވެ. ދިރޭ ގަސް ވިއްކާ ބާޒާރެކެވެ. މި ބާޒާރު އޮންނާނީ ހުކުރު ދުވަހު ހެނދުނުއެވެ. ހެނދުނު 6 ޖަހާއިރު ފަށާގޮތަށް 9 ޖަހާއިރަށް ބާޒާރު ހުސްވާނެއެއެވެ. ބައެއް މަދު ފަހަރަކު ހޮނިހިރު ދުވަހުވެސް އޮވެއެވެ. މިހެން މިކަން ހިނގަމުންދާތާ ދެތިން އަހަރު ވީތަނާ، ކޮވިޑްގެ ސަބަބުން ވިޔަފާރިތައް ބަންދުވެއްޖެއެވެ. ކޮވިޑަށް ބަންދުވި ފަހުން ދެން އަލުން މިކަން ހިނގަމުންދަނީ ވަރަށް ދޯހަޅިކޮށެވެ. މި ވިޔަފާރީގައި މިހާރު އުޅެނީ އެންމެ މީހަކު ކަމަށް ފެނެއެވެ. މިކަން ކުރަމުން ދިޔަ ތަނުގެ އެއް ފަރާތުގައި ވަނީ ބޭނުން ނުކުރާ ފާރަވެރިއެއްގެ ޖިފުޓިއެއް ބަހައްޓައި ތަން ނަގާލާފައެވެ. ގަސްތައް ކުރިން ބެހެއްޓި ހިސާބުވަނީ ސައިކަލްތަކުން ފުރިފައެވެ. އެއްވެސް ބަޔަކު މި ވިޔަފާރިކުރިއަރުވަން އުޅޭހެނެއް ހިއެއް ނުވެއެވެ.

ނަމަވެސް މިއީ ވަރަށް ބޭނުންތެރި ކުރިއަރުވަންޖެހޭ ވިޔަފާރިއެކެވެ. ގަހުގެ ވިޔަފާރީގެ ސަބަބުން ކޮންމެ ހުކުރު ދުވަހަކު، ގާތްގަޑަކަށް 10،000 ރުފިޔާ ކާށިދޫއަށް ވަންނާނޭ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެއެވެ. ކުރިން ދިހަވަރަކަށް މީހުން މިކަމުގައި ޙަރަކާތްތެރި ވެއެވެ.  ގަސްތަކަށް ލޯބިކުރާ މީހުން ގަސްގަންނަން އެތަނަށް އާދަކޮށް ގޮސް އުޅެއެވެ. އެއީ އެމީހުންގެ ގޭގެ ޓެރަސް ތަކާއި ބެލްކަނީތަކުގައި ހެއްދުމަށެވެ. މިކަމުގެ ސަބަބުން އެމީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެއެވެ. މާލޭގެ ބައެއް މީހުން، އެތަނުގައި ގަސް ވިއްކާ ވެސް ހަދައެވެ. ގިނައިން ހުރި ގަހެއް ވިއްކައި، ބޭނުންވާ ގަހެއް ހޯދުމަށް އެއީ އެކްސްޗޭންޖެއް ފަދަ ތަނެކެވެ.

ޖުމާ ބާޒާރު

ބޭރު ޤައުމުތަކުގައި، މިފަދަ ބާޒާރުތައް ކޮންމެ ސިޓީއެއްގައި، އަދި ކޮންމެ ރަށެއްގައި ވެސް އޮވެއެވެ. އިސްލާމީ ޤައުމުތަކުގައި، މި ފަދަ ބާޒާރަށް ކިޔަނީ ޖުމާ ބާޒާރެވެ. މުސްލިމް ނޫން ޤައުމުތަކުގައި، ބާޒާރުގެ ނަމަކީ ސަންޑޭ މާކިޓް އެވެ. މި ބާޒާރު އުފައްދާ ގޮތަކީ، މީހުން ހިނގާބިނގާވާ މަގެއް، ހުކުރު ދުވަހު ވަގުތީ ގޮތުން ބަންދުކޮށްލަނީއެވެ. ދެން، ވިއްކާ މީހުން އެމީހުން ވިއްކަން ބޭނުންވާ ތަކެތި، މަގުމަތީގައި އެތުރުމުން ބާޒާރު ފެށުނީއެވެ. ތަކެތި ވިއްކާ މީހުންނަށް ގޮޅި ދޫކުރަނީ ކުޑަ އަގެއްގައެވެ. ދިހަވަރަކަށް ރުފިޔާއަށެވެ. ބާޒާރު 11 ޖަހާއިރު، ނިންމައި، ތަން ސާފުކޮށް މަގު ހުޅުވާނެއެވެ. އެހާއިރު، މަގުގައި އެއްވެސް އެއްޗެއް ހުރި ނަމަ، ސިޓީ ކައުންސިލުން އެ އެއްޗެއް ނަގައި އުކާލާނެއެވެ. ބައެއް ސަހަރުތަކުގައި، ހިޔާކޮށްފައިވާ ތަންތަނާއި މައިދާންތަކުގައި މި ބާޒާރު ބާއްވައެވެ. މިއީ އެއްޗެއް ވިއްކާލަން ބޭނުންވާ މީހުންނަށް ވަރަށް ފަހި ފުރުޞަތެކެވެ. ތިރީގައި އެވަނީ މިފަދަ ބާޒާރުގެ ފޮޓޯއެވެ.

ފޮޓޯއިން ފެންނަ ފަދައިން، ޖުމާ ބާޒާރުގައި ވިއްކަނީ ހަމައެކަނި ގަހެއް ނޫނެވެ. ހުރިހާ ބާވަތެއްގެ މުދައު ވިއްކައެވެ. ބައެއް ސަހަރުތަކުގައި، މި ބާޒާރު ހިޔާކޮށްފައިވާ ތަންތަނުގައި އަދި ހަފުތާބަންދު ގައި ވެސް ބާއްވައެވެ.

މާލޭގައި ހުކުރު ގަސް ބާޒާރު ފެށުނު ގޮތް

ލަފާކުރެވޭ ގޮތުން ހުކުރު ބާޒާރުގައި ގަސް ވިއްކާ ގޮތް ފެށުނީ އެފަދަ އެހެން ޙަރަކާތްތައް ވެސް ފެށޭ ފަދައިންނެވެ. އެއީ ކުޑަކޮށް ފެށިގެން ބޮޑުވަމުން ގޮހެވެ. ރާއްޖެތެރެއިން އަބަދުވެސް މާލެއަށް ގަސް ވިއްކަން ގެނެއެވެ. ނަމަވެސް އެއީ ނިޒާމަކަށް ނުވަތަ ތަރުތީބަކަށް ނޫނެވެ. މިކަން މިހެން ހިނގަމުން ދަނިކޮށް، ކާށިދޫ މީހުން އެކަން ވަކި ތަރުތީބަކަށް ކުރަން ފެށީއެވެ. އަދި ގަސް ވިއްކުމަށްޓަކައި، ވަކި ދުވަހެއްގައި ވަކިތަނެއްގައި ތިބެން ފެށުމުން އެހެން މީހުންވެސް އެކަން ކުރަން ފަށައި ބާޒާރެއް ފެށުނީއެވެ. ކާށިދޫން ގަސް ގެނެސް ވިއްކާ މީހަކާ ސުވާލުކުރުމުން، އެމީހާ ބުނީ، ވަރަށް ފަތިހާ (ދަންވަރު) ބޯޓު ކާށިދޫން ފުރާ ކަމަށެވެ. އޭނާ ވިއްކަނީ އޭނާ ހައްދާ ގަހާއި ވިއްކަން އެހެން މީހުން ދޭ ގަސްކަމަށް ވެސް ބުންޏެވެ. ގަސްތައް ޢާއްމުކޮށް ބަހައްޓަނީ ބޯޓުގެ އެންމެ މަތީބައިގައެވެ. އަވިދީފައި އޮންނަ ސަންޑެކް  ނުވަތަ އަވިތައްޓު ގައެވެ.

ދަންނައެވެ. އެއް ބާވަތެއްގެ މުދައު ވިއްކާ މީހުން އެއް ހިސާބުގަނޑެއްގައި ތިބުމުން، ވިއްކާ މީހުންނަށާއި ގަންނަ މީހުންނަށް ވަރަށް ބޮޑު މަންފާތަކެއް ކުރެއެވެ. އެހެންކަމުން، ހުރިހާ ބާވަތެއްގެ ވިޔަފާރިއެއް ވެސް، އެއް ސަރަޙައްދަކަށް ޖަމާވުމަށް ޠަބީޢީ ޖަޒުބާތެއް ނުވަތަ ބާރެއް ހުރެއެވެ. ފޮތިވިއްކާ ފިހާރަތަކާއި ހާޑްވެއަރ ފިހާރަތަކާއި ތަރުކާރީ ވިއްކާ ފިހާރަތައް ވަކި ވަކި ސަރަޙައްދަކަށް ޖަމާވަނީ މި ބާރުންނެވެ. ފުންކޮށް ނުވިސްނާނަމަ، ވަކި ފިހާރައަކަށް މިކަމުން ގެއްލުން ވާނޭ ކަމަށް ހީވިއަސް، ބޮޑަށް ފިކުރު ހިންގުމުން އެއް ބާވަތެއްގެ މުދާ ވިއްކާ ފިހާރަތައް ގާތްގާތުގައި ހުރުމުން އެންމެންނަށްވާ ނަފާ ބޮޑުވާނެކަން ތިބާއަށް ވިސްނިވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުކުރުބާޒާރު ފެށުން

ފައިސާ ޖަމާވެފައި ހުރުމަށް ވުރެ، އެ ފައިސާ ދައުރުވާނަމަ، ގިނަ ބަޔަކަށް ތަނަވަސްކަން ލިބެއެވެ. އެހެންކަމުން، ފައިސާ ދައުރުވާ ދުވެއްޔަކީ، އިޤްތިޞާދީ ޢިލްމުގައި ހިސާބުކޮށް ބަލާ އެއްޗެކެވެ. މި ދުވެލި މަތިވި ވަރަކަށް ގިނަ ބައެއްގެ އަތް މައްޗަށް ފައިސާ އަރައި، ކޮންމެވެސް މިންވަރެއްގެ ތަނަވަސްކަމެއް ލިބޭނެއެވެ. މި ދުވެލި މަތިވި ވަރަކަށް ޤައުމެއްގެ އުފެއްދުންތެރިކަން މަތިވާނެއެވެ. ދުވެލި މަތިކުރެވޭނޭ އެއްގޮތަކީ، ގިނަ މީހުން ތަކެތި ގަނެ ވިއްކުމެވެ.

ގިނަ މީހުން ހީކޮށްފާނެ ގޮތާ ޚިލާފަށް، އެންމެ ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ވިޔަފާރިތަކަކީ މާ ގިނަ މީހުން އުޅޭ ވިޔަފާރިތަކެއް ނޫނެވެ. ކުރިއަރާފައިވާ ޤައުމުތަކުގެ ހުރިހާ ވިޔަފާރީގެ %90 އަކީ ވަރަށް މަދު މުވައްޒަފުން (10 މީހުންނަށް ވުރެ މަދު މީހުން) ކުރާ ވިޔަފާރިއެވެ. އެއީ މައިކްރޯ އެންޓަރޕްރައިޒަސް އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، ސަމާލުކަންދޭންވީ އެކަކު ނުވަތަ ދެތިން ހަތަރު މީހުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށެވެ. މިގޮތުގެ މަތިން ބައެއް ފަރާތްތަކުން، ހުކުރު ބާޒާރުފަދަ ވަގުތީ ބާޒާރުތައް ފެށޭތޯ މަސައްކަތް ކުރެއެވެ. ރަށްފުށުގެ ތަރައްޤީއަށްޓަކައި ތިރީގައި މިދަންނަވާލަނީ، މިފަދަ ބައެއް މަސައްކަތެވެ. މިކަމުން، މާލޭގެ ގަސް ބާޒާރަށް އައު ބަހާރު މޫސުމެއް ގެނައުމުގެ މުހިއްމުކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ބައެއް ކައުންސިލްތަކުން އެހެން ރަށްރަށުގައި މި ބާޒާރުފެށުމާ މެދު މަޝްވަރާކުރެވިދާނެއެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު

މި ބާޒާރަކީ ކުދުއްފުށީގެ ކުރީގެ އަތިރިމަތީގައި، މީގެ 10 ވަރަކަށް އަހަރުގެ ކުރިން ފެށިގެން ހިނގަމުން އަންނަ ބާޒާރެކެވެ. ބާޒާރުގެ މަޢުލޫމާތު އަޅުގަނޑަށް ދެއްވީ އެ ރަށުގައި ވަޒަންވެރިވެގެން އުޅުއްވާ އިބްރާހީމް ފައިޞަލް އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބާޒާރު ހޮނިހިރު ދުވަހު އޮންނަ ސަބަބަކީ، ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ގިނަ ރަށްރަށުން ކުޅުދުއްފުއްޓަށް އެކި ބޭނުންތަކަށް (މ. ހޮސްޕިޓަލަށާއި ވިޔަފާރިކުރަން) މީހުން އަންނަ ދުވަހަކަށް ވާތީއެވެ.  ބާޒާރު 12 ޖަހަންދެން އޮންނަނީ 12 ޖެހުމުން ފެރީތައް ފުރައިގެން ދާތީއެވެ. ބާޒާރުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެތައް ބަޔަކަށް ި މި ތަކެތި ތާޒާކޮށް ހުއްޓައި އަގުހެޔޮކޮށް ލިބެއެވެ. ދޯނިފަހަރު ލެފުމާއެކު، ހެނދުނު ބާޒާރު ފެށެއެވެ.  މުދައު ވިއްކަން ހުންނަނީ ފަތްބޯ ގަސްތަކެއްގެ ހިޔަލުގައި ބިންމަތީގައެވެ. މުދައު ގެންނަނީ ދޯނިފަހަރުގައެވެ.  މިބާޒާރުން ތަކެތި ގަންނަނީ އެ ރަށުގެ ރައްޔިތުންނާއި އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް އަރާ މީހުންނެވެ. ރަށުގެ މީހުން ވެސް މިތަނަށް މިގަޑިއަށް ތަކެތި ވިއްކަން އާދެއެވެ. ކަނޑުގަދަވެގެން ފެރީ ނޯންނަމަ، ބާޒާރު ބަންދުވާނެއެވެ. އަދި ވާރޭވެހޭ ނަމަ ވެސް ބާޒާރެއް ނޯންނާނެއެވެ. މި ބާޒާރު ތަރައްޤީ ކުރަން އެންމެ ރަނގަޅު ގޮތަކީ ވާރޭ ނުވެހޭ ގޮތަށް، ހުދު ސަތަރިން ފޭލިގޭ ގޮތަށް ބާޒާރު އޮންނަ ތަން ހިޔާކުރުމެވެ.

ހިތަދޫ ގަސް ބާޒާރު

އައްޑޫ އަތޮޅު ހިތަދޫގައި ގަސް ބާޒާރަކާއި ސިޓީ ބުސްތާނެއް ހެދުމާ ބެހޭ ގޮތުން،  މަޢުލޫމާތު ދެއްވީ އެ ރަށު އިދްހާމް ފަހްމީ އެވެ. އިދްހާމް ވަޒީފާ އަދާކުރައްވަނީ އެ ރަށުގައި ހުންނަ ޔުނިވަރސިޓީ ކެމްޕަސްގައެވެ.  އޭނާ ވިދާޅުވިގޮތުގައި އޭނާގެ ތަޞައްވުރަކީ، އެ ރަށުގައި ސިޓީ ކައުންސިލާއި ކެމްޕަސް އާ ގުޅިގެން ބިނާކޮށްފައިވާ ސިޓީ ބާޒާރުގެ މެދުގައި އޮންނަ ހުސް މައިދާނުގައި ހަފުތާގެ ކޮންމެވެސް ދުވަހަކު ގަސް ގަނެ ވިއްކާ ނުވަތަ ބަދަލުކުރާ ބާޒާރެއް ހެދުމެވެ. މިކަމާ ބެހޭ ގޮތުން އޭނާވަނީ ކައުންސިލާވެސް ވާހަކަދައްކަވާފަ އެވެ. ހިތަދޫ އާ ގުޅިގެން އެތައް އެހެން ބައިބޯ ރަށެއް އޮންނާތީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ބާޒާރަށް ފޭދޫންނާއި މަރަދޫ ފަދަ ދުރުގައިވާ ރަށްރަށުން މީހުން ދަތުރުކޮށް އަންނާނެއެވެ.

ގަސް ބާޒާރާއި އެކު އެކީގައި، އެނާ ފެއްޓެވި އަނެއްކަމަކީ، ސިޓީ ބުސްތާނު ކިޔާ، މީހުން ތަރުކާރީ ހައްދާ ތަނެއްގެ މަސައްކަތެވެ.  މި ކަމަށް 9 ވަރަކަށް ފެހިގެ ގަނެގެން ގެނެސްފައި ވެއެވެ. އެއީ ރައްޔިތުން ގަސް އިންދުމަށެވެ. އެ މަސައްކަތް ހަލުއިކޮށް ހިގައިނުގަނެގެން އުޅެނީ އޭނާއާ ނުބެހޭ ބައެއްގެ ބޭހަރަކާތްތެރި ކަމުންނެވެ.

މުލަކު ތަރުކާރީ ބާޒާރު

މީމު އަތޮޅު މުލަކުގައި ވެސް، ހޮނިހިރު ބާޒާރެއް ފެށުމާ ބެހޭގޮތުން ކައުންސިލްގައި މަޝްވަރާ ކުރެވެމުން އެބަ ދެއެވެ. މަޢުލޫމާތު ދެއްވީ، އެ ރަށުގައި ވަގުތީގޮތުން ވަޒަންވެރިވެގެން މި ދުވަސްވަރު ދަނޑު ހެއްދެވުމުގައި އުޅުއްވާ  އަޙްމަދު ޝިޔާމްއެވެ. އެކި ޝަހަރުތަކުގައި ހިނގާ މިފަދަ ބާޒާރުތަކުން ކުރާ ހެޔޮ އަސަރުތަކުން އިލްހާމް ހޯއްދަވައިގެން އޭނާ މި ޚިޔާލު ރަށު ކައުންސިލަށް ވެސް ހުށަހެޅުއްވިއެވެ. ރަށު ކައުންސިލުން ބާޒާރު ފެށުމާ މެދު މަޝްވަރާ ކުރައްވަމުން އެބަ ގެންދަވައެވެ. އަޖުމަބެލުމުގެ ގޮތުން، މުލަކުގައި މިފަދަ ބާޒާރެއް ފެށުމަށް، ކައުންސިލަށް އެއްވެސް ދައްޗެއް ދިމާނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. [ތިރީގައިވާ ފޮޓޯ: މުލަކު ކައުންސިލް އޮފީސް | ޝިޔާމް]

މާލޭގެ ގަސްބާޒާރު އަލުން ފެށުން

މާލޭގެ ގަސް ބާޒާރު އަލުން ފެއްޓުމަކީ އެކަމުގެ ސަބަބުން، ރާއްޖެތެރެއިން ގަސްވިއްކަން ގެންނަ ފަރާތްތަކަން މަންފާ ބޮޑު، ރައްޔިތުންގެ ރުހުމާއި ތާއީދު ލިބޭނޭ ކަމެކެވެ. މިއާއެކު، މާލޭގެ ރައްޔިތުންގެ ތެރެއިން ގަސް ގަންނަން ބޭނުންވާ މީހުންވެސް ވަރަށް އެދޭނޭ ކަމެކެވެ. މިކަން ތަންފީޒުކުރުމަކީ، ވަރަށް ފަސޭހަ ކަމެކެވެ. އެ މަސައްކަތުގައި ހިމެނެނީ ގަސްތައް ވިއްކާ ސަރަޙައްދު ކަނޑައަޅައި، ތަނުން ބޭކާރުތަކެތި ނަގައި، ގަންނަ މީހުންނަށް ފަސޭހަވާގޮތަށް ތަން ސާފުކޮށް، ވާނުވާ ދުވަސްކޮޅެއް ވަންދެން ބެލެހެއްޓުމެވެ. ވިޔަފާރި ކުރިއެރުވުމުން އެހީތެރިވެދިނުމެވެ.

އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، މިކަން ކުރަން އެންމެ ރަނގަޅީ، ކުރިން ވެސް މިކަން ހިނގަމުން ދިޔަ ތަނެވެ. ތަޖުރިބާގެ ގޮތުން އެންމެ ރަނގަޅީ ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން 11 ޖަހަންދެންނެވެ. އެއަށް ފަހު، އަނެއް ހަދުވަހާއި ބައިގައި އެހެން އުނގުވިޔަފާރިވެރީންނަށް އެތަން ބޭނުން ކުރެވޭނެއެވެ. ތަނަކީ، މަސްމާރުކޭޓުގެ ކުރިމަތީގައިވާ މަގު ހުރަސްކޮށް، އުތުރުގައި ހުރި ދަތުރުވެރީންގެ މާރުކޭޓުގެ ކުރިމަތީގައިވާ 15 ވަރަކަށް ފޫޓުގެ ފުޅާ ތަންކޮޅެކެވެ. މިފަދަ ތަނެއްގެ އެންމެ ބޮޑު ޝަރުޠަކީ، ބޯޓުން ގެންނަ ގަސް، ޕިކަޕެއް ފަދަ އެއްޗަކަށް ނުއަރުވައި، ވިއްކާތަނަށް ގެންދެވޭހާ ބަނދަރާ ގާތްވުމެވެ.

މިފަދަ އެހެން ތަނެއް، އެ ހިސާބުގައި ވެއެވެ. އެއީ، މަނިޓަރީ އޮތޯރިޓީގެ ކުރިމަތީގައިވާ ޕާކުކުރާ ސަރަޙައްދެވެ. ހަފުތާ ބަންދުގައި އެތަން ހުސްކުރެވިދާނެއެވެ. [ބޮޑެތި ކާރުޕާކު ތަކުގައި، އެހެން ސިޓީތަކުގައި ވެސް ޖުމާ ބާޒާރު ބާއްވައެވެ.] އަޅުގަނޑަށް ފެންނަ ގޮތުން، އެއްވެސް ޚިދުމަތެއް ސިޓީ ކައުންސިލުން ވިއްކާ މީހުންނަށް ނުދީ، އެމީހުންގެ އަތުން ފީއެއް ނެގުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ތަޖުރިބާކުރުމަށް ފަހު، މިއީ ރަނގަޅު ކަމެއް ކަމަށް ވަނީ ނަމަ، މުދާތައް ހިޔަލުގައި ބެހެއްޓުމަށް ވަގުތީ ފޭލިގެއެއް ޖެހިދާނެއެވެ. މިސާލެއްގެ ގޮތުން ފޮޓޯގައިވާ ފަދަ ފޭލިގެއެވެ.

އެހެން ސިޓީތައް ފަދައިން، ހުރިހާ އެއްޗެއް ވިއްކާ ގޮތަށް ޖުމާ ބާޒާރެއް ބާއްވާން ބޭނުންނަމަ، އެކަމަށް ރަނގަޅުވާނީ، ގިނަ ބަޔަކަށް އާދެވޭ ތަނަވަސް ސަރަޙައްދެކެވެ. ރަސްފަންނު އަކީ މިފަދަ ތަނެކެވެ. އެތަނުގެ މައްސަލައަކީ މާލޭގެ އެއް ކޮޅުގައި އެތަން އޮންނަ ކަމެވެ. ރަށުގެ މެދަށްވާ އެކަށީގެންވާ ތަނަކަށް ހުންނާނީ ކޮންމެވެސް މަދްރަސާއެކެވެ. މިފަދަ ކަމެއް ކުރަން ހުޅުމާލޭގެ ސެންޓްރަލް ޕާކަކީ އެކަށީގެންވާ ތަނެއްކަމަށް ފެނެއެވެ.

ބައެއް ރަށްރަށުގައި، ޒުވާނުން ކުރާނޭ ކަމެއް ނެތިގެން އުޅެއެވެ. މިހެން މިވާ އެއް ސަބަބަކީ އެމީހުން ކިޔަވާ އެއްޗަކާ، ރަށުން ލިބެން ހުރި ވަޒީފާއާ ނުގުޅޭކަމެވެ. ކުދިކުދި ހުނަރުތައް ދަސްކޮށްދީގެން، އާމްދަނީއެއް ލިބޭ ގޮތް ދައުލަތުން ފަހިކޮށްދޭނަމަ، ރާއްޖޭގައި ފައިސާ ދައުރުވާ ދުވެލި މަތިވެ، މިހާރަށް ވުރެ އާއިލާތައް ތަނަވަސްވެ، ބޭޙަރަކާތްތެރިކަން ޒުވާނުންގެ ފަރާތުން ފިލާނެއެވެ.

ބިނާވެއްޓާ ބެހޭ މަޒުމޫނުތައް

މުޅި ވެބްސައިޓްގެ ފިހުރިސްތު