މަންހަޖު ނުވަތަ ކަރިކިޔުލަމް
1. މަދްރަސީ ތަޢުލީމުގެ މަޤްޞަދު ކަނޑައެޅުން
ތަޢުލީމީ ނިޒާމެއް ބައްޓަންކުރާ އެންމެ ބޮޑު ބާރަކީ މަންހަޖު ނުވަތަ ކަރިކިޔުލަމް އެވެ. ކުރުގޮތަކަށް ބުނާނަމަ، އެއީ މަދުރަސާއިން ހުރިހާ ގޮތްގޮތުން ދަރިވަރަކަށް ދަސްވާ ހުރިހާ އެއްޗަކާއި ކަމެކެވެ. އުނގަންނައިދޭ ފަރާތްތަކުން މަންހަޖު މާނަކުރާނީ، ޤައުމެއްގެ ރައްޔިތުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ބޭނުންވާ ޤަދަރުދޭ ހުރިހާ ކަމެކެވެ. މީގެ ތެރޭގައި އުޅުންތައް ހުންނަންޖެހޭ ގޮތާއި، އާދަކާދަތަކާއި ތާރީޚާއި އިލްމާއި ހުނަރުތައް ހިމެނެއެވެ.
މިހާރު ޢަމަލުކުރަމުންދާ މަންހަޖަކީ، ލިބަރަލް ޑިމޮކްރެސީގެ ބޮވަނަ ފިކުރުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވައިލާފައިވާ މަންހަޖެކެވެ. މި މަންހަޖުގެ ސަބަބުން އުފެދޭނީ ބައިނަލްއަޤްވާމީ ދަރިވަރުންނެވެ. ދިވެހީންނެއް ނޫނެވެ. އާޚިރު ނަތީޖާ، އައްލާމާ އިޤްބާލްގެ މި ޅެމުގައި ވެއެވެ:
އަޅުގަނޑަށް އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މަދްރަސީ ތަޢުލީމުގެ މަޤްޞަދު މަންހަޖުގައި ބަޔާންކޮށްފައި ނުވާކަމެވެ. އަމާޒު ނޭނގޭނަމަ، ދާންވީ ދިމާ އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ދެވޭ ކޮންމެ ފަރާތެއް ވެސް ހަމަ ރަނގަޅުވާނެ ނޫން ހެއްޔެވެ؟ މަންހަޖެއް އެކުލަވައިލާއިރު ކުރަންޖެހޭ ފުރަތަމަ ކަމަކީ ތަޢުލީމު އުންގަންނައިދިނުމުގެ ބޭނުން ކަނޑައެޅުމެވެ. އެންމެ ޖުމުލައަކުންނެވެ.
2. ދިވެހި ބަހަށާއި ޤައުމިއްޔަތަށް ދެވޭ އިސްކަން އިތުރުކުރުން.
2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދިވެހިބަހުން ވާހަކަ ދައްކަން ނުދަންނަ ކުޑަކުދީން ގިނަވަމުންދާ ކަމަށް އިޝާރާތްކުރައްވާ ދެ ފަހަރަކު ވާހަކަފުޅު ދައްކަވާފައި ވެއެވެ. މިފަދަ އެއް މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅު މިއޮތީއެވެ. މިކަމަކީ ދިވެހީން ވަރަށް ބޮޑަށް ވިސްނައި، މިކަން އިޞްލާޙްކުރަން، މިހާތަނަށް އަދި އަޅާފައިނުވާ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެކެވެ.
2023 ވަނަ އަހަރު، އެމް.ޑީ.ޕީ. ގެ ތަޢުލީމާ ބެހޭ މެނިފެސްޓޯ ނެރުނު އިރު، އޭގައި އޮތީ އިސްލާމް މި މާއްދާ އިނގިރޭސިބަހުން ބައެއް ދަރިވަރުންނަށް މަދަރުސާތަކުގައި ކިޔަވައިދޭނޭ ވާހަކައެވެ. މިކަމާ ކަންބޮޑުވެ، އަންތަރީސްވެގެން މިކަމުގައި ރައީސް އޮފީހުގައި އުޅުއްވާ މުޞްޠަފާ ލުޠުފީ އާ ގުޅުއްވިކަމަށް އަޅުގަނޑު އިން ތަނަކު ރައްޓެއްސަކު ވާހަކަ ދެއްކިއެވެ. ދިވެހިބަހުގައި، އިސްލާމް ދީނާއި ރަސޫލުންނާއި ﷲ އަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަށް ޚާއްޞަ ލަފުޒުތަކެއް ހުރެއެވެ. އިނގިރޭސި ބަހުން އިސްލާމް މި މާއްދާ ސްކޫލްތަކުގައި ކިޔަވައިދިނުމަކީ ދިވެހި ޤައުމިއްޔަތަށާއި އިސްލާމީ ތަރުބިއްޔަތުގެ ހިތަށް އަބެއް ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ. އެ މެނިފެސްޓޯގެ ކަމާބެހޭ ބައި މި ޖުމުލައަށް އޮބައިލުމުން ހާމަވާނެއެވެ.
ކުޑަކުދީން ދިވެހިބަހަށް ބީރައްޓެހިވުމަކީ ވަރަށް ޙައްޞާސް، ނުހަނު ޚުޠޫރަތްތެރި މައްސަލައެކެވެ. އެއީ ކުޑަކުދީން ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭނަމަ، އެކުދީން ބޮޑުވުމަކުން އެކަމެއް ދަހެއް ނުވާނެއެވެ. ނަތީޖާއަކަށް ވާނީ ދިވެހި ވަޙްދަތު ގެއްލި، ދިވެހި އެއްބައިވަންތަކަން ނެތުމެވެ. ނިހާއީ ނަތީޖާއަކަށްވާނީ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުމެވެ. ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާއަކީ، އެންމެ ބޮޑު މަޞްލަޙަތީ ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރުމެވެ. މި މައްސަލައިގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫން ފަތްތޫރައިގެ ފުރަތަމަ ޢަދަދުގައި ވިދާޅުވެފައި ވެއެވެ.
”ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ…. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިވެހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަމެވެ.“
މައުމޫން ޢަބްދުލްޤައްޔޫމް
މި މައްސަލައަށް އަޅުގަނޑު ހުށަހަޅާ ހައްލުތައް ތިރީގައި މިދަންނަވާލަނީއެވެ:
-
ކަރިކިޔުލަމްގެ ތެރެއަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދިވެހި ތާރީޚް ހިމެނުން.
-
ލިޔަންކިޔުމަށާއި ބަސް ބޭނުންކުރުމަށް ސަމާލުކަން ލިބޭގޮތަށް ”ދިވެހި“ މުޤައްރަރު ބަދަލުކުރުން.
-
އެކަމަށް ގިނަ ބެލެނިވެރީން އެއްބަސްވާ ޕްރައިމަރީ ސްކޫލްތައް ދިވެހި މީޑިއަމް އަށް ބަދަލުކުރުން. ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް، ދިވެހިބަހަށް ދަރިވަރުން ފަރިތަވުމުން، އިނގިރޭސި ބަހަށް އެކުދީން މޮޅުވާނެއެވެ. މި ފޮޅުވަތަށް އޮބާލުމުން ފެންނަ މަޒުމޫނުގައި، ވަރަށް ތަފްޞީލުކޮށް ދަލީލުތަކާ އެކު މި ވާހަކަ ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރަށް، މި ލިންކަށް އޮބައިލުމުން، އަލްމަރްޙޫމް ޑރ ޢަބްދުﷲ ވަޙީދާއި އަމީނާ މުޙައްމަދު ދީދީ އާއި އަޅުގަނޑު، 2008 ވަނަ އަހަރު އޮތް ކަރިކިޔުލަމްއާ ބެހޭ ބައްދަލުވުމެއްގައި ހުށަހެޅި ކަރިކިޔުލަމްއަށް ގެންނަށް ޖެހޭ އިޞްލާޙުތައް ހާމަވާނެއެވެ.
-
ދިވެހިބަހުގެ އެކެޑަމީ ހަރުދަނާކޮށް، އިދާރީ ހުރަސްތައް ނައްތާލުން.
-
ޤައުމީ ބަހަށް އިސްކަންދޭ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް ރައީސް އޮފީހުން ހުރިހާ މުއައްސަސާތަކަށް މަޖުބޫރުކުރުން. މިގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު އެ ޤާނޫނުގައި ވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުން.
-
ސިވިލް ސާވިސްގެ ފަންނީ ފެންވަރުތަކުގެ ހުރިހާ ވަޒީފާއަކަށް ވަނުމަށް، ދިވެހިބަހުން ދަށް ވެގެން ދަށު ސާނަވީ ފެންވަރު ހުރުން މަޖުބޫރުކުރުން އަދި މިކަން ޓެސްޓަކުން ޔަޤީންކުރުން.
-
ދައުލަތުގެ ހުރިހާ ވެބްސައިޓެއް ދިވެހިބަހުން ހުރުން މަޖުބޫރުކުރުން. މިސާލަކަށް އިމިގްރޭޝަން، އެމްކިޔޫއޭ ފަދަ އެތައް ސަރުކާރުގެ ވެބްސައިޓަކީ މުޅީން އިނގިރޭސިބަހުން އެކުލަވައިލާފައިވާ ވެބްސައިޓެވެ.
3. މަދަރުސާގެ ފޮތްތައް
މީގެ 15 ވަރަކަށް އަހަރު ކުރިން ގްރޭޑް 8 އިން ދަށުގެ މަދަރުސާތަކުގައި ކިޔަވައިދޭ ހުރިހާ ފޮތަކީ، ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުން އެކުލަވައިލާ ފޮތްތަކެވެ. އެތައް ފޮތެއް ޗާޕުކުރަނީ ދިވެހިރާއްޖޭގައެވެ. މިފަހަކަށް އައިސް، މިކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގިނަ ފޮތްފޮތް ލިޔަނީ ބިދޭސީންނެވެ. ޗާޕުކުރަނީ މުޅީންހެން ބޭރުންނެވެ. މިކަމާ ގުޅިގެން އެތައް މައްސަލަތަކެއް ވޭތިވެދިޔަ 15 ވަރަކަށް އަހަރު ނުކުމެފައި ވެއެވެ. ޓެކްސްޓް ފޮތަކީ، ޚާއްޞަކޮށް ޕްރައިމަރީ ފެންވަރުގެ ފޮތްތަކަކީ ކުޑަކުދީންގެ ”ބޮލަށް ތަފާތު ޗިޕް“ ޖެހުމަށް ބޭނުންކުރެވޭނޭ ވަސީލަތެކެވެ. ރާއްޖެ ފިޔަވައި، މި ހިސާބުގެ އެއްވެސް ޤައުމެއްގައި ޕްރައިމަރީ ތަޢުލީމުގެ ފޮތްތައް އެ ޤައުމުން ބޭރުގެ މީހުން ލައްވައެއް ނުލިޔެއެވެ. މިހާރަށް ވުރެ ވަސީލަތްތައް ތަދު މާޒީގައި މިކަން ކުރަމުން އައީ ދިވެހީންނެވެ. އެކަމުގެ ސަބަބުން ދިވެހީންގެ ފަންނުވެރިކަމާއި ޤާބިލްކަން އިތުރުވެގެން ދިޔައެވެ. ރާއްޖޭގައި ފޮތްތައް ޗާޕުކުރުމުން ދިވެހިރާއްޖޭގައި ފައިސާ އެނބުރުން އިތުރުވެގެން ދިޔައެވެ.
ދިވެހިރާއްޖޭގެ ތަޢުލީމު، މި އިސްތިޢުމާރުގެ ދަށުން މިނިވަން ކުރަން ވެއްޖެއެވެ.
4. ދަށު ސާނަވީ ފެންވަރުގައި ކިޔަވައިދޭ މާއްދާތައް ގިނަކުރުމާއި ބަދަލުކުރުން.
އިނގިރޭސި ވިލާތުގެ ދަރިވަރުންގެ ތެރެއިން ގިނަ ކުދީން ދަށު ސާނަވީ ފެންވަރުގައި ބައިވެރިވަނީ ކިތައް މާއްދާގައިތޯ އެވެ؟ ޖަވާބު ތިރީގައި އެވަނީ އެވެ.
މި ތާވަލުން ދައްކާގޮތުގައި، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ހަދަނީ 9 މާއްދާ ނުވަތަ އެއަށް ވުރެ ގިނަ މާއްދާއެވެ. ދިވެހިރާއްޖޭގެ ދަރިވަރުން މަދު މާއްދާ ކިޔަވަންޖެހޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ، އެ ކުދީންގެ ތަޢުލީމު ހަނިކުރެވޭ ކަމެކެވެ.
މާއްދާތަކާ ބެހޭ އަނެއް މުހިއްމު ކަމަކީ، ރާއްޖޭގެ ދަރިވަރުން އިނގިރޭސި ބަހުގެ ވަރަށް ފެންވަރު ދަށް އިނގިރޭސި މާއްދާއެއްގައި ބައިވެރިވާ ކަމެވެ. ރާއްޖޭގެ މަދަރުސާތަކަކީ އިނގިރޭސި މީޑިއަމް މަދަރުސާތަކަކަށް ވާއިރު، އަދި ދިވެހި ކުޑަކުދީންނަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭއިރު، ފެންވަރު ރަނގަޅު އިނގިރޭސި ބަހުގެ މާއްދާގައި ބައިވެރިނުކޮށް އެއަށް ޤަދަރުނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މަތީގައި މި ދެންނެވުނު ދެކަން ތަންފީޒުކުރެވިއްޖެ ނަމަ، ނަތީޖާއަކަށް ވާނީ ދިވެހި ދަރިވަރުންގެ ފެންވަރު ރަނގަޅުވުމެވެ.
މީގެ އިތުރުން ކަރިކިޔުލަމް އަށް ގެންނަންވީ ބަދަލުތަކުގެ ތެރޭގައި، ފިޝަރީޒް ސައިންސް ގެ ބަދަލުގައި މަޢުލޫމާތު ފުޅާ މާއްދާއެއް ކިޔަވައިދިނުން ހިމެނެއެވެ. މިކަމުގެ ޙަޤީޤީ ސަބަބުތައް މި ލިންކުގައި ބަޔާންކޮށްފައި ވާނެއެވެ.
މުދައްރިސުން
މުދައްރިސުންނަކީ ތަޢުލީމު ކުރިއެރުވުމުގައި އެންމެ މުހިއްމު ރޯލެއް ކުޅޭ މީހުންނެވެ. މި މީހުންނަށް ވުރެ މުހިއްމު އެހެން ބައެއް މި ދާއިރާއަކު ނޫޅޭނެއެވެ. ޢިލްމުވެރީން ބުނެއެވެ: ”މުދައްރިސުންގެ ފެންވަރަށް ވުރެ މަދްރަސީ ނިޒާމުގެ ފެންވަރު މޮޅެއް ނުވާނެއެވެ. މަދަރުސާ ނިމޭ ދަރިވަރުންގެ ސުލޫކީ އަދި ޢިލްމީ ފެންވަރު މޮޅު ކުރެވޭނެ ހަމައެކަނި ގޮތަކީ ކިޔަވައިދިނުން މޮޅުކުރުމެވެ.“
މޮޅު މުދައްރިސުން އުފެއްދޭނީ، މޮޅު ދަރިވަރުން މުދައްރިސުންނަށް ވާން ބޭނުން ވެގެންނެވެ. މަދްރަސީ ތަޢުލީމު އެންމެ ރަގަނޅު ޤައުމުތަކުގައި މުދައްރިސުންނަށް ވެވެނީ މަތީ ސާނަވީގެ އެންމެ ރަނގަޅު ނަތީޖާ ހޯދި %10 ކުދީންނަށެވެ. މޮޅު ދަރިވަރުން މުދައްރިސް ކަމާ ކުރިމަތިލާނީ މުދައްރިސްކަމުގެ މުސާރަ ބޮޑުނަމައެވެ. 2018 އިން 2023 އަށް ދެމިގެން ދިޔަ ދިރާސީ ދައުރުގައި ތަޢުލީމީ ނިޒާމުކުރިއެރުވުމަށް ކުރެވުނު އެންމެ ރަނގަޅު ކަމަކީ، މުދައްރިސުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމެވެ. މިކަމުގެ ނަތީޖާ ފެންނާނީ 15 ވަރަކަށް އަހަރު ފަހުންނެވެ.
އައު ސަރުކާރަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަޢުލީމީ ދާއިރާގެ މުސާރައަށް ގެނެސްފައިވާ ކުރިއެރުން އެގޮތުގައި، ތަމްރީނަށް ދާ މުއްދަތާއި މަސައްކަތުގެ މާހައުލުގެ ދަތިކަމަށް ރިއާޔަތްކޮށް، އެހެން ދާއިރާތަކުގެ މުސާރަތަކުގެ ނިސްބަތުން، ހިފެހެއްޓުމެވެ. ނަމަވެސް، މިހާރުވެސް މިކަން ފޫވެއްޓިއްޖެއެވެ. ނޭޝަނަލް ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތަކީ، އުޖޫރަތައް އެކަމުތުވާ ގޮތަށް —ހާމަނައިޒްވާ ގޮތަށް— ކަނޑައެޅުމެވެ. ނަމަވެސް ދާދި ފަހުން، މަތީ ތަޢުލީމުގެ މުސާރަތައް ކަނޑައެޅިއިރު މި އަސާސީ ހަމަވަނީ ދޫކޮށްލެވިފައެވެ.
މުދައްރިސުންގެ ތަމްރީނުގެ ފެންވަރު ކަނޑައެޅުމަކީ ތަޢުލީމާ ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތެކެވެ. ތަމްރީނުގެ މުއްދަތާއި އެ ލިބިގަންނަ ގޮތް ވަރަށް ހަރުދަނާ ގޮތެއްގައި ނުހިފެހެއްޓިއްޖެ ނަމަ، ނަތީޖާއަކަށް ވާނީ، ފެންވަރު ދަށްކޮށް މުދައްރިސުން ތަމްރީނުކުރުމަށް ވާގިވެރިވެ، ހުއްދަދޭ ފަރާތަކަށް އެ ވުޒާރާވުމެވެ. އަޅުގަނޑުގެ ނަޒަރުގައި، މުދައްރިސްކަމުގެ ތަމްރީނުގެ އެންމެ މަދު މުއްދަތަކީ، އެހެން ވަޒީފާއެއްގައި ނޫޅެ ހަތަރު އަހަރު ދުވަހުގެ ކިޔެވުމެވެ. ބައެއް ޤައުމުތަކުގައި، މި މުއްދަތު ފަސް އަހަރަށް މަތިކޮށްފައި ވެއެވެ.
ވަޒީފާގައި ތިބި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ވޭތިވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތައް ކޮށްފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތަޖުރިބާކުރި ހުރިހާ ގޮތްގޮތުން ފެންވަރު މަތިކުރުމަށް އެންމެ ރަނގަޅު ގޮތަކަށް ވެފައިވަނީ، މަދުވެގެން އަހަރު ދުވަހަށް މުދައްރިސުންނަށް މުސާރައިގެ އެލަވަންސް އާ އެކު ވީއްލުމެވެ. މިކަން މިގޮތަށް ހިނގީ ރައީސް މައުމޫން ދައުރުގައެވެ. މިބީދައިން ޢަމަލުކުރުމުން، ފުލްޓައިމްކޮށް، ކިޔެވުމަށް މުދައްރިސް ހުސްވެ، ކިލާހަށް ހާޒިރުވެގެން ހެނދުނުގެ އެންމެ ހިތްފަހި. ހިތްއަލި ވަގުތު ކިޔެވޭ ގޮތް ވާނެއެވެ..
އިމްތިޙާނުތައް
ސާނަވީ މަދަރުސާތަކުގައި، ދަރިވަރުންގެ ތަޢުލީމު ކޮންޓްރޯލް ކުރާ އެއްޗަކީ އިމްތިޙާނުތަކެވެ. ސާނަވީ ދަރިވަރުން ގިނަ ވަގުތުތަކެއް ހޭދަކުރަނީ ގްރޭޑް 9 އިން ފެށިގެން ކުރީގެ ޓެސްޓު ޕޭޕަރުތައް ހެދުމަށެވެ. މި އިމްތިޙާނުތަކުގެ އަސަރު ދަށު ގްރޭޑް ތަކަށް ވެސް ކުރެއެވެ. އިމްތިޙާނުތަކުން މޮޅު ނަތީޖާ ހޯދުމަކީ މިފަދަ ކުރީގެ ޓެސްޓުޕޭޕަރުތައް ހަދައިގެން ލިބިގަންނަ ހުނަރެކެވެ. ވިސްނުމުގެ ފެންވަރު މަތިކުރާނަމަ، ޖެހޭނީ އިމްތިޙާނަށް ވުރެ އުނގަންނައިދިނުމަށް ސަމާލުކަން ދޭށެވެ. އަޅުގަނޑު ދަންނަ މީހަކު ބުނެފައި ވެއެވެ: ”އެތެއް ފަލަކުރާ ނަމަ، އަހުރެމެން އެއަށް ގިނައިން ކާންދެނީއެވެ. އިރުއިރުކޮޅާ ކިރަނީކީ ނޫނެވެ.“ މިފަދަ ސަބަބުތަކާ ހުރެ، ތަޢުލީމީ ނިޒާމު އައު ގޮތަކަށް ތަރުތީބުކުރާނަމަ، އިމްތިޙާނުތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ.
ރާއްޖޭގައި، އިސްލާމް އާއި ދިވެހިބަހުގެ އެސް.އެސް.ސީ. އިމްތިޙާނު ހިންގާތާ އެތައް އަހަރެއް ވެއްޖެއެވެ. ތަޢުލީމީ ދާއިރާގެ ގިނަ މުފައްކިރުން ދެކޭގޮތުގައި އެހެން އިމްތިޙާނުތައް ވެސް މަޑުމަޑުން އެސް.އެސް.ސީ. އިމްތިޙާނަށް ބަދަލުކުރަން ވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަރިވަރުންގެ ފެންވަރު ދަށެއް ނުވާނެއެވެ. އެއީ، ހުރިހާ ދާއިރާތަކުން ވަރަށް ފެންވަރު ރަނގަޅު އިމްތިޙާނުތައް އެކުލަވައިލާ ހިންގޭނޭ ފަރާތްތައް ރާއްޖޭގައި އެބަތިއްބެވެ. ބެލެނިވެރީންގެ ތެރެއިން އޯލެވެލް ފެންވަރުގެ ބޭރުގެ އިމްތިޙާނުތަކުގައި ދަރިވަރުން ބައިވެރިކުރަން ބޭނުންވާ މީހުން، އެމީހުންގެ އަމިއްލަ ފައިސާގައި ބޭރުގެ އިމްތިޙާނުތަކުގައި ބައިވެރިކުރާނީއެވެ. މިގޮތަށް ބަދަލުކުރުމުން، އިމްތިޙާނުތައް ރާއްޖޭގެ ވެއްޓާ ގުޅުވުމާއި، ރާއްޖޭގެ ދިރާސީ ކަލަންޑަރާ އެންމެ ގުޅޭގޮތަށް އިމްތިޙާނުތަކުގެ ފޯވަހި ތަރުތީބުކުރެވުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުން ހިމެނެއެވެ.
ރާއްޖޭގައި އޭ ލެވެލް ނުކިޔަވައިދޭ އިރު، އޯ ލެވެލް ފެންވަރުގެ އިމްތިޙާނުތައް ބޭރުގެ އިމްތިޙާނަށް ވުމަކީ މުހިއްމު ކަމަކަށް ވެފައި ވިއެވެ. ނަމަވެސް، މިހާރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ޢަދަދުތައްވަނީ ވަރަށް މަތިވެފައެވެ. އޯ ލެވެލް ފެންވަރުން މަތީ ތަޢުލީމުގެ ކޯހަކަށް ނުވަދެވޭނެއެވެ. އަދި، ދުނިޔޭގެ ޔުނިވަރސިޓީތަކަކީ ވިޔަފާރިތަކަކަށް މިހާރު ވެފައިވާތީ، ބޭރުގެ އޯ ލެވެލް ބަލައިގަންނަ ކޮންމެ ބަޔަކު ދިވެހި ސަރުކާރުގެ އޯ ލެވެލް (އެސް.އެސް.ސީ) ވެސް ބަލައިގަންނާނެއެވެ. އޭ ލެވެލް އިމްތިޙާނުތައް ދިވެހި ސަރުކާރުގެ އިމްތިޙާނުތަކަކަށް ހަދާކަށް އެއްވެސް ތަޢުލީމީ މުފައްކިރެއް ހުށަނާޅާކަން ފަވައި ފާހަގަކުރަމެވެ.
ރާއްޖޭގެ ދަރިވަރުން ބައިވެރިވަނީ ކޭމްބްރިޖް ޔުނިވަރސިޓީގެ ދަށު ސާނަވީ ފެންވަރުގެ އިމްތިޙާނު ތަކުގައެވެ. ނަމަވެސް އޭ ލެވެލް (މަތީ ސާނަވީގެ) ދަރިވަރުން ބައިވެރިވަނީ އިނގިރޭސި ވިލާތުގެ ވިޔަފާރި ކުންފުންޏެއްގެ އިމްތިޙާނުތަކުގައެވެ. މި ސަބަބާ ހުރެ، އޭ ލެވެލް އިމްތިޙާނުތައް ކޭމްބްރިޖް އިމްތިޙާނުތަކަށް ބަދަލުކުރުމަށް ތާއީދުކޮށް އެއް ފަހަރަކު އަޅުގަނޑު މަޒުމޫނެއް ލިޔުނީމެވެ. އެ މަޒުމޫނު މިއޮތީ އެވެ. މި މަޒުމޫނު ލިޔެފައިވަނީ ދިވެހި ނާޒިރުންނާ މަޝްވަރާކޮށް، އެމީހުންވެސް އެކަމަށް ތާއީދުކުރީމައެވެ. މަޒުމޫނު ޝާއިޢުކުރުމުން ގާތްގަޑަކަށް އެއްކޮށް އެ އިނގިރޭސިބަހަށް ތަރުޖަމާކޮށް ނަންނޭނގޭ ނުފޫޒަކުން ރާއްޖޭގެ ނޫހެއްގައި ޖެހިއެވެ. އެ ތަރުޖަމާ މިއޮތީއެވެ. މި ތަރުޖަމާ ހިފައިގެން އޭ ލެވެލް އިމްތިޙާނު ހިންގާ އިނގިރޭސިވިލާތުގެ ވެރިޔަކު ރާއްޖެއައި ވާހަކަ އަޅުގަނޑު އަޑުއެހީމެވެ. އާޚިރުގައި، 2023 ނިމުނު ރިޔާސީ ދައުރުގައި މިކަމެއް ނުވިއެވެ. ހިނގާދިޔަ ކަންކަމުން އަޅުގަނޑަށް ވިސްނުނީ، އިމްތިޙާނުތަކަކީ ވިޔަފާރިއެއް ކަމުން، މިހާރު އޮތްގޮތަށް މިކަން މިގޮތުގައި ދަމަހައްޓަން ބޭނުންވާ ބަޔަކު، އަދި މިހާރު އޮތްގޮތުން އުފަކާރަ ލިބޭ ބަޔަކު ރާއްޖޭގައި އުޅޭ ކަމެވެ. ބޭރު ބަޔަކު ލައްވާ ދިވެހިރާއްޖޭގައި ބޭނުންކުރާ ޓެކްސްޓް ފޮތްތައް ލިޔެ ޝާއިޢު ކުރުވުމުގައި ވެސް މިފަދަ އަނދިރި ނުފޫޒުތަކެއް ވާކަމަށް ބުނާތީ އަޑުއެހީމެވެ. މިކަންކަން މިގޮތަށް ހިނގާތާ މިހާރު މަދުވެގެން ފަނަވަރަކަށް އަހަރު ވެދާނެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާ އަލުން އިންތިޒާމުކުރުން
ތަޢުލީމީ ވުޒާރާގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނައުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ، އެ ވުޒާރާގެ އެކި ގުނަވަންތައް އަލުން ތަރުތީބުކުރުމެވެ. މީގެ 15 އަހަރު ކުރީގެ ގިޔުގަނޑެއްގެ ދަށުން ހިނގަމުންދާ އެ ވުޒާރާއަށް އައު ރޯޝަންކަމެއް ގެންނަން، އެކަން ކުރަން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ކަމަކީ އުނދަގޫ، އަދި އެތައް އަހަރަކުން ނޫނީ ތަންފީޒު ނުކުރެވޭނޭ ކަމެކެވެ. ނަމަވެސް، ކުރީ އަހަރުތަކުގެ މައްސަލަތަކަށް ހައްލުހޯދަން އެކުލަވައިލި ގިޔުގަނޑެއް މިހާރުގެ މައްސަލަތައް ހައްލުކުރަން އެކަށީގެންނެއް ނުވާނެއެވެ. މިހާރުގެ މައްސަލަތަކަކީ ތަފާތު މައްސަލަތަކެކެވެ. 1980 ގެ އަހަރުތަކުން ފަށައިގެން އެކުލަވައިލި ވުޒާރާގެ އޮނިގަނޑަށް އެންމެ ބޮޑު ބަދަލެއް އައީ ރައީސް ވަޙީދުގެ ދައުރުގައި، ”ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު“ އުވާލުމާ ގުޅިގެންނެވެ. އެ ފަހުން މިވީ 11 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ، މަންހަޖު ނުވަތަ ކަރިކިޔުލަމް ގެ ފަންނީ މަސައްކަތްތައް ހީނަރު ވެފައި ވާކަމެވެ. ބޮޑެތި މީހުންގެ ތަޢުލީމު ނުވަތަ ނުރަސްމީ ތަޢުލީމު ވަޅުޖެހިފައިވާ ކަމެވެ. މި މަސައްކަތްތަކަކީ އެކަމަށް ކުރިން ޚާއްޞަ އިދާރާތައް ހުރި ކަންކަމެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިންގަޕޫރުގައި ”ކަރިކިޔުލަމް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް އޮފް ސިންގަޕޯރ“ ހުންނަ ހެން، ރާއްޖޭގެ މަންހަޖަށް ފޯކަސްކޮށްގެން ވަކި އިދާރާއެއް ޤާއިމްކުރުމަކީ ކޮންމެހެން ކުރަން ވެއްޖެ ކަމެކެވެ.
މަދަރުސާގެ ބިނާވެށި
އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، 2018 އިން ފެށިގެން 2023 އަށް ހިނގި ރިޔާސީ ދައުރުގައި އެންމެ ގިނަ ދުވަހަށް ދެމިގެންދާނެ ތަރައްޤީގެ ރެކޯޑަކަށްވާނީ، މަދަރުސާތަކުގެ އިމްރާނީ ތަރައްޤީއަށް ކުރި ހޭދައާއި މުދައްރިސުންގެ މުސާރައަށް ގެނައި ބަދަލެވެ. ކުރިއަށް ހިނގާނެ ދެ ދިރާސީ ދައުރުގައިވެސް، މި ރެކޯޑު މުގުރައެއް ނުލެވޭނެއެވެ. ނަމަވެސް . . .
ރާއްޖޭގެ ވަރަށް ގިނަ މަދަރުސާތަކުގައި، މި ރިޔާސީ ދައުރުގައި އެތައް ބޭނުމެއް ކުރެވޭ ބޮޑު މާލަމެއް ޤާއިމްކޮށްފިއެވެ. އެހެން ބޭނުންވާ ޖާގަތައް ފުރިހަމަކުރުމަށް ފަހު، މިކަން ކުރާނަމަ، މިއީ ވަރަށް އެދެވޭ ކަމަކަށް ވާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ އިސްކަމެއް ދޭންވީ ހަމަ ކޮންމެ މަދަރުސާއެއްގައި ރަނގަޅު ލައިބްރަރީ އަކާއި ސައިންސް ލެބޯރަޓަރީތައް ޤާއިމްކުރުމަށެވެ. މަދުވެގެން ހަތަރު ލެބޯރަޓަރީ ބޭނުންވާނެއެވެ. މިހެން މި ދަންނަވަނީ ކީއްވެގެން ތޯއެވެ؟
މި ރިޕޯޓްގެ 8 ވަނަ ޞަފުޙާއަށް ބައްލަވައި ލެއްވުމުން، ފާހަގަ ކުރެއްވޭނީ އިނގިރޭސި ވިލާތުގައި ވެސް، ބިޒްނަސް ސްޓަޑީޒް ކިޔަވަނީ ސައިންސް ކިޔަވާ ކުދީންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ މަދު ދަރިވަރުން ކަމެވެ. މި ދެންނެވީ 1794 ގައި ”ހުސް ސޭޓުން އުޅޭ ޤައުމެކޭ“ (a nation of shopkeepers) ބުނެ ނެޕޯލިއަން ސިފަކުރި އިނގިރޭސިވިލާތުގެ ވާހަކައެވެ. ރާއްޖޭގެ ޙާލަތަށް ބަލައި، މަދުވެގެން %75 ދަރިވަރުން ކިޔަވަން އެންމެ އެދެވެނީ ސައިންސް އެވެ. ސައިންސް ކިޔެވުމުން، ރާއްޖޭގައި މިހާރު ފެތުރިފައިވާ ކޮރަޕްޝަން ކުޑަވެ، ދަރިވަރުންގެ ސުލޫކަށް ވަރަށް އެދެވޭ ބަދަލެއް އަންނާނެއެވެ.
ދެން އަޅުގަނޑު ފާހަގަކުރާ އަނެއް ކަމަކީ، ދިވެހިރާއްޖެ ތަރައްޤީވަމުން ދިޔަ ވަރަކަށް، ދަރިވަރުންނަށް މެންދުރު ކެއުން މަދަރުސާތަކުގައި ދިނުން ފެށޭނެކަމެވެ. އެހެންކަމުން، މިކަމަށް ތައްޔާރުވެ، ދެ ބުރަކަށް ހުރިހާ ދަރިވަރުންނަށް ވަދެވޭނެ ކާ މާލަމަކާއި ބަދިގެއާއި ބަނޑަހަ ކޮޓަރިތައް މަދަރުސާތައް ބިނާކުރާއިރު ހިމަނަން ޖެހޭނެއެވެ. މި ނޫނަސް މަދަރުސާގެ ޢިމާރާތްތައް ބިނާކުރާއިރު ވިސްނަންޖެހޭ އެހެން ކަންކަން ހުރެއެވެ. ގިނަ ޤައުމުތަކުގައި، މަދަރުސާއެއްގައި ހުންނަންޖެހޭ ޖާގަތަކާބެހޭ މިޢުޔާރުތައް (ނުވަތަ ސްޓޭންޑަޑްތައް) އެކުލަވާލައި ޝާއިޢުކޮށްފައި ވެއެވެ. ރާއްޖޭގައި އެންމެ އިސްކަން ދޭންވީ އެއްކަމަކީ ކިލާސްކޮޓަރީގެ ސައިޒު ބޮޑުކުރުމާއި ކޮރިޑޯތައް ފުޅާކުރުމަށާއި ސާފު ފިނި ވަޔާއި އަލި ލިބޭގޮތަށް ބިނާތައް ކުރުމަށެވެ.
ނިންމައިލުން
ތަޢުލީމީ ދާއިރާއާ ބެހޭ ގޮތުން، ދައްކަން ހުރި ވާހަކަތައް ވަރަށް ގިނައެވެ. ނަމަވެސް މަޒުމޫނު މާބޮޑަށް ދިގުވާތީ މިހިސާބަށް ކުރުކުރީމެވެ.
އައު މިސްރާބަކަށް މަދްރަސީ ތަޢުލީމު ހޭރިޔާ ކުރެވޭނީ އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ ވިސްނުމާއި ސިޔާސީ ހުރިހާ ވެރީންގެ ޚިޔާލުތައް އެއްގޮތްވެގެންނެވެ. ކަންކަން ކުރުވަން ތިބި ސިޔާސީ ވެރީންނަކީ ތަޢުލީމުގެ މަޤްޞަދާއި ދާންބޭނުންވާ މިޞްރާބާއި ތަޢުލީމުގެ ފަންނަން ފާގަތި، ޤާބިލް، މުރާލި ބަޔަކަށް ވެގެންނެވެ. އިޞްލާޙީ، އިންޤިލާބީ ބަދަލެއް ގެނައުމަށް ޖޯޝާއި ފޯރި ހުރި ބަޔަކަށް ވެގެންނެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި، ހިހޫތަނުން ކައިގެން، ބޭރު ދަތުރުކުރުމަށް ހެސްގަނެގެން، ބޭނުންއިރަކު އޮފީހަށް ވަދެ ނުކުމެ އުޅޭ މީހުންގެ ނާކާމިޔާބުން ޢިބްރަތް ލިބިގަނެގެންނެވެ. ވަޒީރަކަށް ހުންނަ މީހާއަށް، އޭނާގެ ދަށުން މަސައްކަތްކުރާނޭ އެކި ފެންވަރުގެ ސިޔާސީ މީހުން ހޮވުމުގެ އިޚްތިޔާރު އޮވެގެންނެވެ. އެމީހުންގެ މައްޗަށް ބަސްބުނާނެ މީހަކީ ހަމައެކަނި ވަޒީރަށް ވެގެންނެވެ. އެންމެން އެއް އަމާޒަކަށް ދަތުރުކުރުމަށް ފަލިވަޅުތައް ހަމަކޮށްގެންނެވެ. ދިވެހި ތަޢުލީމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށް، އާރާއި ބާރާއެކު ފަލިޖަހަން ކެރިގެންނެވެ.
ސުކޫލުގެ އިމާރާތާ މެދު ފާޅުކުރެއްވި ޚިޔާލުފުޅުގައި، މަދަރުސާ ތަކުގައި ކާ މާލަމަކާއި ބަދިގޭގެ ވާހަކަ ގެންނަވާފައިވާތީ، ކުޑަ އެއްޗެއް ދަންނަވާލާނަން. ހަގީގަތުގައި ރަށްފުށުގައި އެޅިފައިވާ ގިނަ ސުކޫލުތަކުގައި މުޅިންހެން ހުންނަނީ ކުލާސްރޫމު. އޮފީސް އިމާރާތެއް، ސުޓާފު ރޫމެއް ވެސް ނުހުރޭ. އަބަދުވެސް އަޅާނީ ކުލާސް ރޫމު. ދެން އެތަނުން ކުލާސް ރޫމެއްގައި އޮފީސް ވެސް ހިންގާނީ. ސުޓާފުން ވެސް ތިބޭނީ. މުއައްޒަފުންގެ ފާހާނާއެއް ނުހުންނާނެ. ބައެއް ސުކޫލުތަކުގައި، ކުދިންނަށް ހަދާ ފާހާނާއިން ކުރެ އެއްފާހާނާ މުއައްޒަފުންނަށް ޚާއްޞަކުރާނީ. ނުވަތަ ކޮންމެވެސް ހެޔޮއެދޭ ފަރާތެއްގައި ދަންވައިގެން ފާހާނާއެއް ހަދާނީ. ލައިބުރަރީވެސް ހަދާނީ ކޮންމެވެސް ކުލާހެއްގައި.
Mee haadha rangalhu kanthakey..mi kan kan kurevijjiyyaa kithanme haa ves rangalhu…
**Enme furathama kamakah, baby nursery in feshigen “dhuroosul akhlaag” kiyavadheveyne gotheh hadhan vee..
**dhen heevanee kuranvee kamakee “kamuvoshigenvaa gaumu dheke loabivaa annan oi jeeluthakaa medhu visnaa beleniveringe team” eh ekulavaalaa ministry and gov ge kamaabehey dhaairaathakuge verinnaa ekee (including communications aa behey is muassasaathakuge verin…) konmes kahala workshop eh echcheh ge therein logical solutions thakeh ninmaa government in implement kurun…
**muhinmee mi luyumuge huri imlaa kuh thakaa nei kanthah faahaga koh faadu kiyumah vure, avas furusatheggai ISLAAHEH , BADHALEH genaun…
**May Allah grant you Dr.HH wisdom and courage to go abt doing what is very much needed for our country, and Maai Allah mi gaumuge is verin nah heyo budhdhi dhevvaa annan oi jeeluthah islaah kurumuge maguthah dhakkavaadhevvaan dheyve. Aameen.
ތައުލީމީ ނިޒާމް މިހާރައވުރެ ބޮޑަށް ދޮންކޮއް ފައްކާކުރުމައްޓަކާ ރާއްޖޭގެ ޤާނު ހަދާމަޖިލީ ހުގައިވެސް އެބަޖެހޭ ތަޢުލިީމުކުރި ތަޖުރިބާހުރި މީހުންތަކެއް ތިބެން. އެކަމަކު މިވާހަކަ ދައްކާނެ ވެރިޔަކު އަދި ނާދޭ ކޮންމެ މީހަކުވެސް ވެރިކަމަށް ، އެފަދަ ޒިންމާދާތު ދާރު މަޤާމުތަކަށް ކުރިމަތިލުމުގަ އެއްވެސް ތަޢުމލީމީ ސެޓްފިކެޓެއް އަދި ތަޖުރިބާއެއްވެސް ބޭނުމުެއްނުވޭ، މިހާރުކުރިދިންނަށް ވިސްނެމުން އަންނަނީ ތަޢުލީމު ހާސިލްކުރުމުގެ މުހިއްމުނޫންކަން. އުސްތާޒު މިކަމަށްވެސް އަލިއަޅުވާލި ނަމަ އަޅުގަނޑު ހިތައްއަރާ
Few points to note:
މާލޭގައި 40% ދަރިވަރުން ކިޔަވާ އިރު، މާލެގޭ ގިނަ މީހުން ރިސޯޓް ގައި މަސައްކަތް ނުކުރާ ކަަމަށް ލިޔުއްވި އިރު، ،، ރިސޯޓް ވަރަށް ގިން ސްޓާފުން ގެ އާއިލަ މާލޭގެ ސްކުލް ތަކުގައި އުޅެމުން ދެއެވެ.. ރިސޯޓް ވަޒީފާ ގައި 26،000 ދިވެހިްނ އުޅެއެވެ. އަދި ޓޫރިޒަމް ރިލޭޓަޑް ޓްއަރ އޮޕަރޭޓާރސް ، ޓްރެވަލް އޭޖަންސީސް ހިންގާ އެތަށް ބަޔަކު އުޅޭނެއެވެ. އަދި ރިސޯޓް ސަޕްލައިގާ ހަރަކާތް ވާ އެތައް ބަޔަކު އުޅޭނެ އެވެ. މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ބެލެނި ވެރިނާއި ކުދިންނެވެ. އެމީހުން ގެ ކުިދންވެސް މާލޭގައި ކިޔަވަ އެވެ… ވީމާ އެފަރާތް ތަކށް ވެސް އާއިލީޗުއްޓި ދަތުރު ހޭދަވާނެ ގޮތކަށް ، އޯފް ސީސަން ގައި 3 ހަފްތާ ލިބޭނެ ފަދަ ގޮތަކަށް ޗުއްޓީ އޮތން ރަނގާޅު ވާނެ ކަމަށް ފެނއެވެ..
މަނިކުފާނެވެ! މިހާރު ރާއްޖޭގައި ފިޝަރީޒް ސައިންސް ކިޔަވައި ނުދޭތާ 10 އަހަރު ވަނީއެވެ. ނަމަވެސް، ވަރަށް ތަނަވަސް ” ޓޮޕކް ” ތަކެއްގެ މައްޗަށް ބިނާކޮށް މެރައިން ސައިންސްވަނީ ތަޢާރަފް ކޮށްފައެވެ. މިއީ ވަރަށްވެސް ބޭނުންތެރި މާއްދާއެކެވެ. ދަރިވަރުންގެ ވިސްނުން ސައިންސްގެ އެކި ދާއިރާތަކަށް ގެްންގޮސް ދިނުމަށް މަގުފަހިކުރުވާ، ތަރައްޤީގެ ގިނަ ކަންކަމާއި ގުޅުންހުރި މުހިންމު މާއްދާއެކެވެ. އާލުގަނޑު ދެކޭ ގޮތުގައި، ކަރިކިއުލަމުގައި ހިމަނާފައިވާ ” އެންވަޔަރމެންޓަލް ސައިންސް ” ސްކޫލްތަކުގައި ކިޔަވައިދިނުމަކީ މިވަގުތަށް ނުހަނު ބޭނުންތެރިކަމެކެވެ.
Varah furihama ragalhu mauloomaathu thakeh huri article eh.
Varah bodah shukuriyya
Thanfeezu kuran varah ran’galhu siyaasathu thakeh.
ވަރަށް ބިނާކުރަނިވި ޚިޔާލުތަކެއް. ނަމަވެސް ދީނީ ޝަޚްޞިއްޔަތު ބިނާކުރާނެ މައިގަނޑު ވާހަކަތައް ހިމެނިފައި ނުވޭ. އެހެންވެ އެ އުނިކަން ވަރަށް ބޮޑަށް ފާހަގަވި. ޤުރުއާން މާއްދާއާއި ޝަރުޢީ ޢިލްމު އުނގަންނައިދިނުމަށް ތައުޙީދާއި ފިޤްހާއި ތަފްސީރާއި ޙަދީޘްފަދަ މާއްދާތައް ވަކިން ކިޔަވައިދިނުމުގެ ވާހަކަ ނެތް.
Dhivehinnakee muslimun. Dhivehi Thauleemee doctorine ves binaa vaan jeheynee Islamee giugandu thereyah. Aharen hithaama kuranee Dr. Hassan fadha ilmee qaabilu beyfulhaa muslimaku kamugai ve hure, mi fadha hassasee massalayegai liyunu liyumugai islaam dheenuge nanves ganelaifai netheem. Ilhaadhu annaaney kamah dr. Hassan ves ebbas vaa iru eyge haqeeqee hallu bayaan nukurevvi kan mahchah ahuren hithaama kuran. Dhen othee dhivehi bahuge vaahaka. Mi liyun kiyaaleema dhivehi bas v rangalhah beynun kohfai hurikan faahaga kurevey. Namaves ekamugaives goaheh hi’ngaifai eba oiy. Dhivehi bahugai akuru thah kiyanvee goiy dhenegannanee Arabi bahekey eggothah akuru matheegai nuvatha thireegai jahailevey fiyakun. meege ithurun dhivehi bahugai kiyumugai khaassa goiythakeh gengulhen jehey filithakeh hurey.
1. Aaibai fili: misaalu sai, fai, gai, vai,
2. Aubau fili: misaalu gau, vau, nau, mau,
3. Eyibeyi fili:
4. ..
Mulhi list mi vaguthu hadhaane neiy. ekamaku dr. hassan ge mi liyumugai mi baavathuge bayeh filithakah samaalukan dheefai nuvaa kan aharen hithaamayaa eku faahaga kuran. Eii dhivehi bahah dhevey nikamethi kameh.
A very good article. Need to include about bringing changes to school leadership too. Need to highlight on “tenureship” for school principal post and deputy principals post . That will bring a pathway for teachers to develop.
A very good article. Need to include about bringing changes to school leadership too. Need to highlight on “tenureship” for school principal post and deputy principals post . That will bring a pathway for teachers to develop.
Very impressive indeed.
Varah rangalhu liyumeh. Ithuru kohlan v cocurricular activities thah school thakuga madhu kohlun
Mihaaru school thakakee kiyavai dhevey thanakah vure bodah kommes academy eh hingaa thanakah vefa mi onnanh
August 2023 ga islaam maadhaa Eglish in kiyavaidheyne kamah adu fethuren feshumun ekamaa
kanboduvi eve. Ehenve “Dhivehiraajeige
adhabew lhenveringe jamuiyyaage ” haisiyathun alhugandu vaanee Rees iburahim solih ah 15 september gai ilthimaasge siteeeh fonuvaafaeve. Eygai
eyru rahyyithunge qaumee jalsaaakah govailumah ilthimaas dhenneveemeve.
Vvv bodah ehbasvevey visnusthakeh huri liyuhvumeh.Shukuriyya Dr.
Mi riportge gai thauleemee dhaairaage hurihaikamakah visnun hingavaafai vaathee varah ohttaruhuri beynuntheri liyumeh kiyunukamuge ihusaas vehjje eve. Ekamaku dhivehi bahun noongothakah dhativarin vaahakadhahkkaan jehifaivaa sababuthah hoadhevunu minvaru
meegai thankolheh madheve. Ekan rngalhu kurumahttakai baeh Film thah dhivehibahun adhuelgumaai gina catoonthakah ves dhivehibahun aduelhumaai dhivehi bahuge athuliyun ithuru kurun ves himanaan jeheeve.
A very timely article with lots of substance and logical arguments .