ދިވެހި ބަހުގެ އެކެޑެމީ އިން އަލަށް އުފައްދާ ”ދިވެހި“ ލަފުޒުތަކުގެ ތެރެއިން ބައެއް ލަފުޒުތަކަކީ، އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ލަފުޒުތަކެކެވެ. ބައެއް ފަހަރު، އަލަށް އުފައްދާ ލަފުޒުތަކަށް ޢާއްމު ރައްޔިތުންގެ މަލާމާތާއި ފުރައްސާރަ ވެސް ރައްދުވެއެވެ. މިހެން ދިމާވަނީ، ލަފުޒުތައް ކަނޑައަޅާއިރު، އެކަމަށްދޭންވާ ސަމާލުކަން ނުދިނުމުންނެވެ. ލަފުޒުތަކުގެ ޙަޤީޤީ މާނަތަކަށް އެދެވޭ މިންވަރަށްވިސްނުން ނުހިންގުމުންނެވެ. މި މައްސަލައާ މެދު، މީގެ ކުރީންވެސް އަޅުގަނޑު މަޒުމޫނެއް ލިޔެފައި ވެއެވެ. ތިރީގައިވާ ތަސްވީރަށް އޮބައިލުމުން އެ މަޒުމޫނު ފެންނާނެއެވެ.

މިފަހަރު އަޅުގަނޑު ނަޒަރު ދިމާކުރަނީ، ލެކްޗަރަރ އަށް ކިޔުމަށް ނިންމާފައިވާ ”ދާރިސް“  މި ލަފުޒުއަށެވެ. ލެކްޗަރަރުންނަކީ، ޔުނިވަރސިޓީ ތަކުގައި ދަރިވަރުންގެ ބޮޑެތި ޖަމާޢަތްތަކަށް ތަޤްރީރުކުރާ މުދައްރިސުންނެވެ. ”ދާރިސް“ މި ލަފުޒާ މެދު އަޅުގަނޑުގެ މައިގަނޑު ދެ މައްސަލައެއް އެބައޮތެވެ.

ފުރަތަމަ މައްސަލައަކީ މައް (pure) ދިވެހި އެއްވެސް ލަފުޒެއް ދަމާ ފިލިން ނުފެށޭ ކަމެވެ. މިއީ އަޅުގަނޑު ދަންނަވާ އެއްޗެއް ނޫނެވެ. މި ވާހަކަތައް ސޮންޔާ ފްރިޒް ދިވެހިބަހުގެ ހަމަތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތުގައި ވެއެވެ. އޭނާގެ ނަޒަރުގައި މައް ދިވެހި ލަފުޒުތައް ފެށިފައި ހުންނަނީ ކުރު ފިލިތަކުންނެވެ. މިހެން ދެންނެވުމުން، ބައެއް ކިޔުންތެރީން ”އީޓު“ މިއީ ދިގު ފިއްޔަކުން ފެށޭ ދިވެހި ލަފުޒެއް ކަމަށް ފާހަގަކުރައްވައި އަޅުގަނޑަށް ރައްދު ދެއްވާނެއެވެ. ޖަވާބުގައި އަޅުގަނޑު ދަންނަވާނީ އީޓަކީ މައް ދިވެހި ލަފުޒެއް ނޫންކަމެވެ. އަދި ކިއެއްތަ، މިހަމަ ބަޔާންކުރައްވަމުން، ސޮންޔާ ފްރިޒް  ނަންގަވާފައިވާ އެއް މިސާލަކީ އީޓެވެ. އަޅުގަނޑުވެސް ސޮންޔާގެ މި ޚިޔާލަށް — މި ނަޒަރިއްޔާއަށް — ވަރަށް ބޮޑަށް ތާއީދުކުރަމެވެ. ބަހުގެ މިފަދަ ހަމަތަކަކީ، ހިފެހެއްޓެން އޮންނަ ހާލަތްތަކުގައި ހިފެހެއްޓުން ވަރަށް އެދެވޭ ކަންކަމެވެ. ސޮންޔާ ފްރިޒް އަކީ ދިވެހި ބަހުގެ އިތުރަށް އެތެރެވަރީގެ އެހެން ބަސްތައް ވެސް ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. އޭނާގެ ވަނަވަރު  މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

”ދާރިސް“ އާ މެދު އަޅުގަނޑުގެ ދެވަނަ އަދި އެންމެ ބޮޑު މައްސަލައަކީ، އެ ލަފުޒަކީ ޢަރަބި ލަފުޒަކަށް ވާއިރު، lecturer ލެކްޗަރަރ އާ އެއްވެސް ގޮތަކަށް މާނަ ދިމާނުވާ ކަމެވެ. ދުނިޔޭގެ ކިތަންމެ ބަހެއްގައި، ބޭރު ބަސްތައް ބޭނުން ކުރެއެވެ. މިގޮތަށް އެއް މާނައެއްގައި ބޭރު ލަފުޒެއް ބޭނުން ކުރާއިރު، އެ ލަފުޒަށް ކިޔާ އިނގިރޭސި ނަމެއް އޮވެއެވެ. އެއީ gloss އެވެ. ގްލޮސް ގެ އެއް ސިފައަކީ ބޭރު ބަހުގެ މާނައާ އަމިއްލަ ބަހުގެ މާނައާ އެއްގޮތް ވުމެވެ. މި ނަޒަރުން ބަލާއިރު، ދާރިސް ގެ ޢަރަބި ބަހުގެ މާނައަކީ ލެކްޗަރަރ ތޯއެވެ؟

 

އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، ދާރިސް ޢަރަބި ބަހުން ކިޔަނީ ލެކްޗަރަރ އަކަށް ނޫނެވެ. މި ލަފުޒުގެ މާނަ، މިޒަމާނުގައި އެންމެ އިތުބާރު ކުރާ އިންޓަނެޓް ޑިކްޝަނަރީގައި—ބަސްފޮތުގައި—އޮންނަނީ އަންނަނިވި ގޮތަށެވެ. 

މަތީގައިވާ ގޮތުން ދާރިސް ގެ މާނައަކީ:

  • ދިރާސާތައް ކުރާ މީހެއް.

  • މާއްދާއެއް ދަސްކުރާ މީހެއް.

  • ކިޔަވައިދޭ ދަރިވަރެއް.

ދެން ތިޔަބޭފުޅުންނާ އަޅުގަނޑު ކުރާ ސުވާލަކީ މިއީ އެވެ: މަތީގައިވާ މާނަތަކުން، ”ލެކްޗަރަރ“ (ޔުނިވަރސިޓީ ކިލާހެއްގައި ކިޔަވައިދޭ މުދައްރިސް) އާ ގުޅެނީ ކޮން މާނައެއް، ކިހާވަރަކަށް ތޯއެވެ؟ ޤަބޫލުފުޅު ކުރައްވަން ޖެހޭނޭ ޙަޤީޤަތަކީ އެއްވެސް މާނައެއް ”ލެކްޗަރަރ“ މިހެން ބުނުމުން ހިތަށް ފެންނަ ތަޞްވީރުއާ ނުގުޅޭކަމެވެ. އާދެ! ދާރިސުންނަކީ ލެކްޗަރަރ އިންނެއް ނޫނެވެ. ބައެއް ލެކްޗަރަރ އިންގެ ތެރޭގައި، ކޮންމެވެސް ވަރަކަށް ދިރާސާކުރާ މީހަކު އުޅެދާނެއެވެ. ނަމަވެސް، މިއީ އެ މީހުންނަށް ޢާއްމު، އެމީހުންގެ އަސާސީ ސިފައެއް ނޫނެވެ. އަދި، ޚާއްޞަކޮށް އެމީހުން ސިފަކުރަން ދިރާސާވެރީން ކިޔުމަކީ، ވަރަށް ނުގުޅޭނޭ ކަމެކެވެ.  މިހެން މިދެންނެވީ ހުޅަނގުގެ ފަސް ޔުނިވަރސިޓީ/ކޮލެޖަކުން 10 އަހަރު ފުލްޓައިމްކޮށް ކިޔަވައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، 20 އަހަރު އުޅެފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ.

ބޭރު ބަސްބަސް، ދިވެހި ބަހުގެ ތެރެއަށް ތަފާތު މާނައެއްގައި ތަޢާރުފުކުރުމަކީ ނޭދެވޭ، ނުރައްކާތެރި ކަމެކެވެ. މައްސަލައަށް ފިކުރުކުރުމުގެ ގޮތުން، އިނގިރޭސި ބަހުގެ ލަފުޒެއްކަމުގައިވާ ބްލެކް (black) މި ލަފުޒު އަށް ވިސްނަވާށެވެ. މި ލަފުޒުގެ މާނައަކީ ކަޅު ކުލައެވެ. ދިވެހި ބަހުގެ ލަފުޒެއްގެ ގޮތުގައި، ގުރާފެހިކުލައަށް ”ބްލެކް“ ކިޔަން އަޅުގަނޑުމެންނަށް ނިންމިދާނެއެވެ. އެހެން ވެއްޖެނަމަ، ދެން ވާނެ ގޮތަކީ، އިނގިރޭސި ލަފުޒުގެ މާނަ މުޅީން އޮޅިގެން ދިއުމެވެ. ގުރާފެހިކުލައަށް ކުޑަކުދީން ”ބްލެކް“ ކިޔަން ފަށައި، މުޢާމަލާތްތަކާއި ފިކުރުކުރަން ހުރަސްތަކެއް އައުމެވެ.

އަޅުގަނޑުގެ ނަޒަރުގައި، ލެކްޗަރަރ އިންނަށް ”ދާރިސުން“ ކިޔުމަކީ އެއްވެސް ގޮތަކަށް ކުރަންވާނޭ ކަމެއް ނޫނެވެ. ދިރާސާކުރާ މީހުން ނަންގަންނަން ޖެހޭ ތަންތަނުގައި ”ދާރިސުން“ މި ލަފުޒު ބޭނުން ކުރެވިދާނެއެވެ. މި ލަފުޒު ރަނގަޅުވާނީ، އޭގެ ޙަޤީޤީ މާނައިގައި ބޭއްވިއްޔާއެވެ. އަޅުގަނޑުގެ ހިތަށް އަންނަނީ ގްރޭޖުއޭޝަން (ދަސްވެނިވުމަށް) އަޅުގަނޑު ”ދަސްކިޔުން“ ހުށަހެޅުމުން ވީގޮތެވެ. ދަސްކިޔުމަކީ، ކީރިތި ޤުރްއާން ޚަތިމްކޮށް ނިންމުމުން ބާއްވާ ދިވެހި ސަގާފީ ރަސްމިއްޔާތެކެވެ. މި ލަފުޒު ހުށަހެޅުމުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ”ދަސްކިޔުން“ އޭގެ ޙަޤީޤީ މާނައިގައި ބޭއްވުމަށެވެ. އަޅުގަނޑަށް އެކަމުގެ ސިއްރުތައް ވިސްނެއެވެ.

ކަންކަމަށް ފާޑު ކިޔުމަކީ، ދޫފަރިތަ ނަމަ، ވަރަށް ފަސޭހަ ކަމެކެވެ. ވިސްނުން ނުވަތަ ޢަޤްލް ފާގަތި ނަމަ އުނދަގޫ ކަމެކެވެ. ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ސުވާލަކީ، ”ލެކްޗަރަރ“ އިންނަށް ކިޔަން ހުށަހަޅަނީ ކޮން ”ގްލޮސްއެއް،“ ލަފުޒެއް ތޯއެވެ؟ ދާރިސުން ފަދައިން، ލެކްޗަރަރ އަކީ ދިވެހި އަޑުތަކާ ގުޅޭ ލަފުޒެއް ނޫނެވެ. އެހެންކަމުން، މި ބައި މީހުންނަށް ނިސްބަތްކޮށް އައު ލަފުޒެއް ހަދަން ޖެހެއެވެ. ބަހުގެ އަޑުތައް އެމުނި އެކުލެވޭ ގޮތަކީ ޢިލްމީ ފަންނެކެވެ. މި ކަމާ ބެހޭ ގޮތުން މީގެ ކުރީން އަޅުގަނޑު ލިޔެފައިވާ މަޒުމޫނެއް ތިރީގައިވާ ތަސްވީރަށް އޮބައިލުމުން ފެނިވަޑައިގަންނަވާނެއެވެ.

ލެކްޗަރަރ އިންނަށް ޢަރަބި ލަފުޒެއް ކިޔަން އެއްވެސް ފަރާތަކުން ބޭނުން ނަމަ، ޢަރަބި ރަނގަޅު ބަސްފޮތަކުން މި ލަފުޒު ހޯދިދާނެއެވެ. ތިރީގައި އެވަނީ އަޅުގަނޑު ޢާއްމުކޮށް ބޭނުންކުރާ ބަސްފޮތުގައިވާ ގޮތެވެ. އާދެ! އެންމެ ގުޅޭ ލަފުޒަކީ ”އުސްތާޒު“ ނުވަތަ ”މުދައްރިސް“ ނޫންތޯއެވެ؟

އެތެރެވަރީގެ ގިނަ ޤައުމުތަކުގައި، ޔުނިވަރސިޓީ ލެކްޗަރަރ އިންނަށް އެންމެ ގިނައިން ބޭނުންކުރާ ލަފުޒަކީ މުދައްރިސް އެވެ. ނުވަތަ ޓީޗަރ އެވެ. ޔޫރަޕުގެ ކިތަންމެ ޤައުމެއްގައި ލެކްޗަރަރ އިންނަށް ކިޔާ ނަމަކީ، މުދައްރިސަށް ކިޔާ ނަމެވެ. ފަރަންސޭސި އަދި ޕޯޗުގީޒު ބަހުން މުދައްރިސުންނަށް ކިޔަނީ ޕްރޮފެސަރ އެވެ. މަދަރުސާތަކުގެ މުދައްރިސުންނާ ތަފާތުކުރަން ބޭނުން ނަމަ، ”ޔުނިވަރސިޓީ“ މި ލަފުޒު ކުރިއަށް އިތުރުކުރަނީއެވެ. އަޅުގަނޑުމެން ހަނދާންކުރަންވީ، މަދަރުސާތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ވެސް ދިރާސާކުރާ، އަދި ކުރަންޖެހޭ ބައެއްކަމެވެ. މަދަރުސާއެއްގެ ރަނގަޅު މުދައްރިސަކަށް ވުމަކީ އަލަށް ކަންކަން ހޯދައިބަލައި ދިރާސާނުކޮށް ވާނޭ ކަމެއް ނޫނެވެ.

މިހާރުވެސް ދިވެހި ބަހުގައި ”އެދުރު“ މި ލަފުޒު ހިމެނެއެވެ. މިއީ ކަންކަން އުނގަންނައިދޭ، ޚާއްޞަކޮށް ފަންނުތައް އުނގަންނައިދޭ މީހާއެވެ. އަޅުގަނޑުގެ ނަޒަރުގައި ލެކްޗަރަރ އިންނަށް ކިޔަން މިއީ ވަރަށް އެކަށީގެންވާ ލަފުޒެކެވެ. ސިންގަޅަ ބަހުގައި ވެސް މި ލަފުޒު ހިމެނެއެވެ. ލެކްޗަރަރ އިންނަށް ބޭނުންކުރެ ވޭނޭ، ސިންގަޅަ ބަހުގެ ދިވެހި އަޑުތަކާ ގުޅޭ އެދުރުންނަށް ކިޔާ އެހެން ލަފުޒުތަކަކީ ”ވެޑި“ އާއި ”ސުދީރާ” އާއި ”ގުރު“ ފަދަ ލަފުޒެވެ. ނަމަވެސް، ލެކްޗަރަރ އިންނަށް ކިޔަން ”އެދުރު“ އަށް ވުރެ ވަކީން އެކަށީގެންވާ ލަފުޒެއް ދިވެހި ބަހުގައި އޮންނާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.

ދިރާސާކުރާ މީހުންނަށް ”ދާރިސުން“ ކިޔުމަށް އަޅުގަނޑުމެން ތައްޖަހައި ބާއްވަމާތޯ އެވެ؟ މި ލަފުޒު ލެކްޗަރަރުންނަށް މުޚާޠަބުކޮށް އަޑުއިވޭ ކޮންމެ ފަހަރަކު، ކަންފަތާއި ސިކުނޑިއަށް އިހުސާސް ވަނީ ބަޔާންކުރަން ދަތި އުނދަގޫތަކެވެ. ހިތަށް ވެރިވަނީ ފޮނޯޓެކްޓިކްސް ގެ އުސޫލުތަކެވެ. ދިވެހިބަހުގެ ހަމަތަކެވެ.