ކަލާނގެ ރަޙްމަތްވަންތަ ނަމަ، އެހާ ގިނަ ކާރިސާތަކާއި ނުބައިތައް ދުނިޔޭގައި ވަނީ ކީއްވެ ހެއްޔެވެ؟
ކީރިތި ޤުރްއާން (ތިރީސް) ގެ ފުރަތަމަ އާޔަތުގައި، އާދެ! ބިސްމިގައި، ވެސް މާތް ﷲ އީ ރަޙްމަތް ވަންތަ ރަޙީމްވަންތަ ކަލާނގެ ކަމަށް ބަޔާންވެފައި ވެއެވެ. ނަމަވެސް، ދުނިޔެއިން ފާހަގަ ކުރެވޭ ކަމަކީ، އެއްވެސް ކުށެއް ނެތް މަޢުޞޫމް ކުޑަކުއްޖަކަށް ވެސް ކެންސަރު ޖެހި މަރުވެދާ ކަމެވެ. ކާރިސާއެއްގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ނެތި ގޮއްސާނެއެވެ. ވަރަށް ހެޔޮލަފާކޮށް އުޅޭ ޞާލިޙް މީހަކަށް ވަރަށް ބޮޑު މުޞީބާތެއް ޖެހިދާނެއެވެ. މާތް ﷲ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިރު، އަދި އެކަލާނގެ ރަޙްމުފުޅުގައި ހައްދެއް ނެތް އިރު، މިހެން މިދިމާވަނީ ކީއްވެ ހެއްޔެވެ؟ މިކަންތައްތައް މާތް ﷲ އިރާދަކުރައްވަނީ، ވިޔަ ދެއްވަނީ ކީއްވެ ހެއްޔެވެ؟
މިއީ ބައެއް މީހުންގެ ހިތަށް އަރާ ސުވާލަކަށް ވާނެއެވެ. އިނގިރޭސި ބަހުގައި މި ފިކުރީ މައްސަލައަށް ޚާއްޞަ ލަފުޒެއް ވެސް އޮވެއެވެ. އެއީ theodicy އެވެ. ހުރިހާ ކަމަކަށް ﷲ ކުޅަދުންވަންތަ އިރު، ދުނިޔޭގައި އެހާ ނުބައިތައް ވާތީ ބައެއް މީހުން ކާފަރުވެސް ވެއެވެ. ޚާއްޞަކޮށް ނަޞާރާދީނުގެ މީހުން އެ ދީނުން ބޭރުވެއެވެ. ތިރީގައި މި ބަޔާންކުރަނީ އިސްލާމީ ނަޒަރަކުން، މި މައްސަލައަށް ޑރ ޝަބީރު ޢަލީ ނަމަކަށް ކިޔާ ކެނެޑާގައި ދިރިއުޅޭ އިސްލާމް ދީނަށް ގޮވާ މީހަކު ދީފައިވާ ޖަވާބެވެ. މި މައްސަލައިގެ ޖަވާބު އޭނާ ދީފައިވަނީ ޔޫޓިއުބް ވީޑިއޯ އެއްގައެވެ. ތިރީގައިވާ ފޮޓޯއަށް ކްލިކް ކުރެއްވުމުން އެ ވީޑިއޯ ފެނިވަޑައިގަންނަވާނެ އެވެ. ސާދަ މިނެއްޓުގެ މި ވީޑިއޯ އަކީ، މިކަމާ ބެހޭ ގޮތުން ވަރަށް ސާފުކޮށް އިސްލާމީ ފިކުރު ބަޔާންކުރާ ވީޑިއޯ އެކެވެ.