ކުޑަކުދީންގެ ފޮތް ލިޔާނޭ ގޮތް

ތިރީގައި މި ގެނެސްދެނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން، ކުޑަކުދީންނަށް ފޮތް ލިޔުމާ ބެހޭ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމަކަށް އަޅުގަނޑު ކުރި ތަޤްރީރެއްގެ މައްޗަށް އެކުލަވައިލާފައިވާ މަޒުމޫނެކެވެ. މި ދެންނެވި ބައްދަލުވުން އޮތީ 2004 ވަނަ އަހަރު ފެބްރުއަރީ މަހުގެ 21 އިން 22 އަށެވެ.

ތަޢާރުފު

މި މަޒުމޫނުގައި ހިމެނެނީ ކުޑަކުދީންގެ ފޮތްތައް ގިންތިކުރެވޭ ގޮތްތަކާއި  މިފަދަ ފޮތްތަކުގައި ހުންނަންޖެހޭ ސިފަތަކާއި ވާހަކަ ކިޔަވައިދޭ ވިއޫޕޮއިންޓް އާއި ފޮތުގައި އުޅޭ މީހުންގެ ކިބައިގައި ސިފަ ޖައްސާގޮތާއި ޑަޔަލޮގް ނުވަތަ ޙިވާރާއި އެޑިޓް ކުރާނޭ ގޮތާއި ފޮތުގެ ޓެކްނިކަލް ކަންތައްތަކުގެ ވާހަކައެވެ. މަޒުމޫނު ފަށާނީ ކުޑަކުދީންގެ ފޮތްތައް ގިންތިކުރުމަށް ބޭނުންކުރާ ހަމަތަކުންނެވެ.

ކުޑަކުދީންގެ ފޮތްތަކުގެ ގިންތިތައް

ކުޑަކުދީންގެ ފޮތްތައް ކަމުގެ މާހިރުން ބަހަނީ ހަބަޔަކަށެވެ. އެއީ އުމުރުފުރައާއި ދިގުމިނާއި ލިޔުންތަކުގެ ބާވަތަށް ބަލައެވެ.

  1. ތުއްތުކުދީންގެ ފޮތް (1 އަހަރާއި 3 އަހަރާ ދެމެދު)

    މިއީ ވަރަށް ތުއްތު ކުދީންނަށް ތައްޔާރުކޮށްފައި ހުންނަ ފޮތެވެ. މިފަދަ ފޮތްތަކުގައި އެއްވެސް ލިޔުމެއް ނުހުރެދާނެއެވެ. ފޮތުގެ މައިގަނޑު ހިމެނޭނީ ތުއްތުކުދީން ތަޖުރިބާ ކުރާ ކަންތައްތަކުގެ މައްޗަށެވެ. ޞަފުޙާގެ ޢަދަދު 16 އަށް ވުރެ ގިނަ ވާނީ މަދު ފަހަރަކުއެވެ. އަތްލެވޭ ބީހުމުގެ ބޭނުމުގައި ފުއްޕާފައި ހުންނަ ކުރެހުން ނުވަތަ އަކުރު ހިމެނިދާނެއެވެ.

  2. ތަޞްވީރު ފޮތް (4 އަހަރާއި 8 އަހަރާ ދެމެދު)

    ތަޞްވީރު ފޮތްތައް އުފައްދަނީ ގާތްގަޑަކަށް 32 ވަރަކަށް ޞަފުޙާ ހުންނަ ވަރަށެވެ. ލިޔުންގަނޑުގެ ދިގުމިން 1000 ލަފުޒަށް ވުރެ ދިގެއް ނުވާނެއެވެ.  ފޮތުގައިވާ ވާހަކައިގައި ހިމެނޭނީ އެންމެ ކަމެއްވާ ގޮތުގެ ބަޔާނެކެވެ. ސާދާ ޕްލޮޓްއެކެވެ. ޕްލޮޓް އަކީ ވާހަކައެއްގައި (ނުވަތަ ފިލްމެއް ނުވަތަ ތަމުސީލެއްގައި)، ހިނގާ ހާދިސާއެއް ނުވަތަ ހާދިސާތަކެވެ. އަދި އެ ކަންކަން ހިނގާގޮތުގެ ތަރުތީބެވެ. ކޮންމެ ވާހަކައެއްގައި ވެސް ކޮންމެވެސް ހާދިސާއެއް ހިނގާނެއެވެ. ޕްލޮޓަށް ޢަރަބި ބަހުން ކިޔަނީ حَبْكَة އެވެ. ފާރިސީ ބަހުން ޠަރަޙަ އެވެ. ދިވެހި އަޑުތަކަށް ފައްތައި ޕްލޮޓަށް ހަބުކަ ނުވަތަ ތަރަހަ ކިޔުން ރަނގަޅުވާނެތޯ އެވެ؟ މި އުމުރުފުރާގެ ވާހަކައިގައި  މައި ހާދިސާ ނޫން އެހެން ހާދިސާއެއް ނުހިމެނޭނެއެވެ.  މި ފޮތްތަކުގައި ހިމެނޭ މީހުން ނުވަތަ ޖަނަވާރު ނުވަތަ އެތި އެކައްޗަކަށް ވުރެ ގިނައެއް ނުވާނެއެވެ. ފޮތެއްގައި މިގޮތަށް ހިމެނޭ މީހާ ނުވަތަ ޖަނަވާރު ފަދަ މައިގަނޑު ބަޠަލަށް ކިޔަނީ ކެރެކްޓަރ އެވެ. މީހެއްގެ މިޒާޖަށް ނުވަތަ ޠަބީޢަތަށް ވެސް ކެރެކްޓަރ ކިޔައެވެ.

  3. ރީޑަރ (6 އަހަރާއި 8 އަހަރާ ދެމެދު)

    މިއީ ޢާއްމުގޮތެއްގައި 32 އާއި 64 ޞަފުޙާއާއި ދެމެދުގެ ވާހަކަ ފޮތެވެ. ގިނަ ފަހަރު ރީޑަރ ތަކުގައި ހިމެނޭ ވާހަކަ ކިޔައިދޭނީ މީހުންގެ މެދުގައި ދެކެވޭ މުޙާވަރާ ނުވަތަ ޑަޔޮލޮގް އިންނެވެ. ކުރިން ބަޔާންކުރި ދެ ގިންތީގައި ހިމެނޭ ފަދައިން ފޮތުގައި ވަރަށް ތަޞްވީރު ގިނަވާނެއެވެ. ޢާއްމު އުޞޫލަކީ މަދުވެގެން ކޮންމެ ޞަފުޙާއަކު ތަޞްވީރެއް ހިމެނުމެވެ. ޞަފުޙާއެއްގައި ލިޔާނީ ދެތިން ޖުމުލައެވެ.

  4. ޗެޕްޓަރ (ބާބު) ފޮތް (7 އަހަރާއި 10 އަހަރާ ދެމެދު)

    މިފަދަ ފޮތްތަކުގައި ކުރެހުން މަދުވެދާނެއެވެ. ނަމަވެސް ކުރެހުން ހިމެނޭނެއެވެ. ކޮންމެ ޗެޕްޓަރެއްގެ ދިގުމިނުގައި ހުންނާނީ ގާތްގަޑަކަށް ދެތިން ޞަފުޙާއެވެ. ޕެރެގްރާފުތައް ކުރުވާނެއެވެ. ޢާއްމުކޮށް ދެތިން ޖުމުލައިން ޕެރެގްރާފެއް ނިމޭނެއެވެ.

  5. މެދު ގްރޭޑްތަކުގެ ފޮތް (8 އަހަރާއި 12 އަހަރާ ދެމެދު)

    މި ޢުމުރުފުރައަކީ ކުޑަކުދީން އެންމެ ކިޔާހިތްވާ ޢުމުރުފުރައެވެ. އެހެންކަމުން، މި ޢުމުރުގެ ކުދީންނަށް ލިޔެފައި ހުންނަ ފޮތްތައް ގިނަވާނެއެވެ.  މިހާތަނަށް ދުނިޔޭގައި އެންމެ ގިނައިން ވިކުނު ހެރީ ޕޮޓަރ ގެ ފުރަތަމަ ފޮތަކީ ވެސް މި ޢުމުރު ފުރައަށް އަމާޒުކޮށް ލިޔެފައިވާ ފޮތެކެވެ. މައި ޕްލޮޓްގެ އިތުރަށް އެހެން ޕްލޮޓެއް ފޮތުގައި ހިމެނިދާނެއެވެ. ވާހަކައިގައި އުޅޭ މީހުންގެ ނުވަތަ ކެރެކްޓަރުންގެ ދައުރު ބޮޑުވާނެއެވެ. އަދި އެއް ކެރެކްޓަރުންތަކެއް އެއް ފޮތަށް ވުރެ ގިނަ ފޮތުގައި އުޅޭގޮތަށް ސިލްސިލާކޮށް ފޮތް ލިޔެފައި ހުރެދާނެއެވެ. މިފަދަ ފޮތްތައް އެކުލަވައިލަނީ ޚިޔާލީ، އޮޅުންފިލުވަން ޖެހޭ ކަމެއް ނުވަތަ ރާޒެއް ހިމެނޭ،  ތާރީޚީ ހާދިސާތަކުގެ މައްޗަށެވެ. ބައެއް ފޮތްތަކުގައި ޙަޤީޤީ ސައިންސްގެ ވާހަކަތައް ހިމެނިދާނެއެވެ.

  6. 6 ދޮށީ ކުޑަކުދީންގެ ފޮތް (12 އަހަރު މަތި)

    މިފަދަ ފޮތްތައް ޢާއްމުކޮށް ލިޔަނީ 200 ވަރަކަށް ޞަފުޙާއަށް ވުރެ ކުރުކޮށްނެވެ. ވާހަކައިގައި އެތައް ކެރެކްޓަރެއް އުޅެދާނެއެވެ. ޒުވާން ކުދީންނަށް ދިމާވާ މައްސަލަތަކުގެ މައްޗަށް މިފަދަ ފޮތް ލިޔެފައި ހުރެއެވެ. ބައެއް ފޮތުގައި އެއްވެސް ތަޞްވީރެއް ނުހުރެއެވެ.

ބޭރު ޤައުމުތަކުގައި އެންމެ ގިނައިން ވިކޭ ކުޑަކުދީންގެ ފޮތްތަކުގެ ބާވަތްތައް

ރާއްޖޭގައި ފޮތްވިކޭ ގިންތިތަކުގެ މަޢުލޫމާތު އެއްކުރެވިފައެއް ނުވެއެވެ. ނަމަވެސް، މިފަދަ މަޢުލޫމާތު، ބޭރު ޤައުމުތަކުން އެއްކޮށްފައި ވެއެވެ. ތިރީގައި މިބަޔާންކުރަނީ ބޭރު ޤައުމުތަކުގައި އެންމެ ގިނައިން ވިކޭ ކުޑަކުދީންގެ ފޮތްތަކުގެ ސިފައެވެ. ކުޑަކުދީންނަކީ ކުޑަކުދީންކަމުން، ބޭރު ޤައުމުތަކުގައި ވިކޭ ޒާތުގެ ފޮތް ދިވެހިރާއްޖޭގައި ވެސް ވިކޭނޭ ކަމަށް ފެނެއެވެ.

  1. ޅެން ފޮތް (ޚާއްޞަކޮށް ކުރެހުންތަކާ އެކު ހުންނަ ޅެންފޮތް)
  2. އިހު ޒަމާނުގެ ކުރު ވާހަކަތައް ހިމެނޭ ފޮތް. މިފަދަ ފޮތްތަކުގެ ތެރޭގައި އެހެން ޤައުމުތަކުގެ ސަގާފަތް ސިފަކޮށްދޭ ފޮތް ހިމެނެއެވެ.
  3. ކޮންމެ ޞަފުޙާއެއްގައި ކުރެހުމެއް/ތަޞްވީރެއް ހިމެނޭ އަދި ތަޞްވީރުގެ ތިރީގައި އެއް ޖުމުލަ ލިޔެފައި ހުންނަ ފޮތް.
  4. ޙަޤީޤަތާ ދުރު، ޚިޔާލީ މޮޔަ ކަންތައްތަކުގެ މައްޗަށް ލިޔެފައި ހުންނަ ފޮތް. މިފަދަ ފޮތްތަކުގެ ތެރޭގައި ޖަނަވާރު/ޕަރީ/ޖިންނި/ޖާދޫގަރުން އުޅޭ، ޢުމުރުން ފަސް އަހަރާއި 8 އަހަރާ ދެމެދުގެ ކުދީންނަށް އަމާޒުކޮށް ލިޔެފައި ހުންނަ ފޮތް ހިމެނެއެވެ.
  5. ސިއްރުތައް (ޚާއްޞަކޮށް ތާރީޚީ ސިއްރުތަކުގެ) މައްޗަށް ލިޔެފައި ހުންނަ ފޮތް.
  6. ފުރާވަރުގެ ކުދީންނަށް ދިމާވާ މައްސަލަތަކާ އޭގެ ޙައްލުތަކުގެ މައްޗަށް ލިޔެފައި ހުންނަ ވާހަކަ ފޮތް. މި ޢުމުރުގެ ކުދީންނަށް އެހެން ޒަމާންތަކުގެ ވާހަކަތަކާއި ނުވާނޭ ކަންތައްތަކުގެ ވާހަކަތައް ވެސް ކާމިޔާބު ވާހަކަތަކަށް ވެފައި ވެއެވެ.
  7. ކުޑަކުދީންގެ މާހައުލުގައި ހިމެނޭ ގަސް، އޮޅުކޮށްގެން ގެންގުޅޭ ތަކެތި، ހަށިގަނޑުގެ ބައިތައް މަސައްކަތްކުރާ ގޮތް، ނާދިރު އެހެން މީހުން ނުލިޔާ ކަންތައްތަކުގެ މައްޗަށް ލިޔެފައި ހުންނަ ވާހަކަތައް.

ފޮތް ވަޒަންކުރާ ފަރާތްތަކުން ފޮތްތަކުގައި ހުންނަން އެދޭ ސިފަތައް

ފޮތް ޗާޕުކޮށް ވިއްކާ ފަރާތްތަކަށް ނުވަތަ ޕަބްލިޝަރުންނަށް ވަރަށް ގިނަ ފޮތް ޝާއިޢުކޮށްދިނުމަށް އެދި ލިބެއެވެ. ޝާއިޢުކުރުމަކީ، ފޮތެއް ޗާޕުކޮށް ފައުޅުކުރުމެވެ. އެކި ފިހާރަތަކަށް ވިއްކަން ލިބޭގޮތް ހެދުމެވެ. ޝާއިޢުކުރާ ގިނަ ފޮތްތަކުން، ޗާޕުކުރަންދާ ޚަރަދުވެސް ނުލިބެއެވެ. އެހެންކަމުން، ޝާއިޢުކުރާ ފަރާތްތަކުން ބަލަމުންދަނީ އެކި ފަރާތްތަކުން ހުށަހަޅާ ފޮތްތައް ފައުޅުނުކުރުމަށް ދައްކާނޭ ބަހަނާ ތަކަށެވެ. މިއީ ކުޑަކުދީންގެ ފޮތް ޝާއިޢުކުރާ ކުންފުންޏެއްގެ އިސް ވެރިޔަކު ބުނެފައިވާ ވާހަކައެކެވެ. ޝާއިޢުކުރާ މީހުން ވާދަކުރަން ޖެހިފައިވަނީ އިންޓަރނެޓާއި، ޓެލިވިޜަން ޕްރޮގްރާމްތަކާއި ފިލްމުތަކާއެވެ. އެހެންކަމުން، ޝާއިޢުކުރުމަށް ފޮތް ވަޒަންކުރާ އިރު ބަލާ ކަންތައްތަކަށް ނަޒަރު ހިންގަންޖެހެއެވެ.

  1. އެންމެ ފުރަތަމަ ދެތިން ޕެރެގްރާފުން ވެސް ކިޔުންތެރިޔާގެ ޝައުޤުވެރިކަން ދަމައިގަންނަން ޖެހޭނެއެވެ. ފުރަތަމަ ޞަފުޙާއިން ވާހަކަ ބިނާކޮށްފައިވާ ޒަމާނާއި އުޅޭ މައިގަނޑު މީހުންނާއި އަދި ކުރިމަތިލާ މައިގަނޑު ހާދިސާ އެނގެން ޖެހޭނެއެވެ. ލިޔަން ފަށައިގަންނަ މީހުންނަށް ރަނގަޅުވާނީ އެންމެ ގިނައިން ވިކޭ ވާހަކަ ފޮތްތަކުގެ ދެެެތިން ޞަފުޙާ ކިޔައި އެ ފެށުންތަކަށް ޢާއްމު ސިފަތައް ދެނެގަތިއްޔާއެވެ.

  2. ވާނީ ކިހިނެއްކަން ނުވަތަ ވާހަކައިގެ މައިގަނޑު ކެރެކްޓަރާ ކިޔުންތެރިޔާ އެއްގޮތްކަން އިޙްސާސް ކުރެވޭ، ވާހަކައިގެ ތެރެއަށް ކިޔުންތެރިޔާ ގެނުވާ ފޮތްފޮތަކީ ވަޒަންކުރާ މީހުން ހޯދުމަށް އެދޭ ފޮތްފޮތެވެ. ވާހަކައިގެ މައިގަނޑު ކެރެކްޓަރުގެ ޠަބީޢަތް، ކިޔުންތެރިޔާގެ ޠަބީޢަތާ ގުޅެންވާނެއެވެ. އެ ކެރެކްޓަރަކީ ކިޔުންތެރިޔާ ރުހޭ ކެރެކްޓަރަކަށް ވާން ވާނެއެވެ.

  3. ވާހަކަ ލިޔުންތެރިޔާ ނުވަތަ އަދީރު/މުޞައްނިފު/މުއައްލިފު ވާހަކަގައި ހިމެނޭ ކެރެކްޓަރުންނާއި އަދި ވާހަކައިގެ މުޙާވަރާ ތަކާއި ކަތައާ ޕްލޮޓްތަކާ ރުހެވެން ވާންވާނެއެވެ. މިކަން ލިޔުން ކިޔުމުން އެނގޭނެއެވެ. ކާމިޔާބު ވާހަކަތަކަކީ، ލިޔުންެތެރިޔާގެ ޝައުޤު ވާހައިން ކިޔުންެތެރިޔާއަށް ވެސް ފޯރުކޮށްދޭ ވާހަކައެވެ.

ވާހަކަ ކިޔައިދޭ ނަޒަރު ނުވަތަ ވިއޫޕޮއިންޓް

ވާހަކައެއް ކިޔާދިނުމަށް ލިޔުންތެރިޔާ ޚިޔާރުކުރާ ނަޒަރަކީ ވިއޫޕޮއިންޓެވެ. އެއީ ވާހަކައެއްގައި ހިނގާ ކަންތައްތައް ފެންނަ "ލޮލެވެ." ކުޑަކުދީންެގެ ވާހަކަ ގިނައިން ލިޔެފައި ހުންނަނީ އެ ވާހަކައިގައި އުޅޭ މައި ކެރެކްޓަރުގެ ނަޒަރުންނެވެ. ވާހަކައެއް ލިޔުމަށް ޤަޞްދުކުރާއިރު، ވާހަކަ ކިޔައިދެނީ ކާކުގެ "ލޮލަކުން" ފެނިގެންތޯ އަދި ކާކަށްތޯ ކަނޑައަޅަން ޖެހޭނެއެވެ. ވާހަކައިގައި އުޅޭ ކެރެކްޓަރެއްގެ ލޮލުން ނުވަތަ ނަޒަރުން ވާހަކައެއް ކިޔައިދެވިދާނެއެވެ. ނޫނީ ވާހަކައިގައި ނޫޅޭ، ނަމަވެސް ވާހަކައިގައި އުޅޭ އެންމެން ވެސް ފެންނަ ނަޒަރަކުން ވާހަކައެއް ކިޔާދެވިދާނެއެވެ. ކުރު ވާހަކަ ލިޔުމަށް ވިއޫޕޮއިންޓްގެ ތިން ބާވަތެއް ބޭނުން ކުރެއެވެ.

  1. ފުރަތަމަ ނަޒަރުގައި ބޭނުން ކުރާނީ "އަހުރެން" އެވެ. މި ނަޒަރުން ލިޔެފައި ހުންނަ ވާހަކަ ކިޔައިދޭނީ ވާހަކައިގެ ބަޠަލެވެ. ނުވަތަ ބަޠަލާއެވެ. ކިޔައިދޭ މީހާ ވާހަކަ ރިވާކުރާތީ، މި ނަޒަރުން ވާހަކައެއް ކިޔައިދޭއިރު، މައި ކެރެކްޓަރގެ ޠަބީޢަތާއި ޝުޢޫރުތަކާއި އިޙްސާސްތައް ހާމަކުރަން ފަސޭހަވާނެއެވެ. ވާހަކަ ލިޔަން ފެށުމުގެ ކުރީން ކެރެކްޓަރުގެ ހުރިހާ ސިފަތަކެއް ނިންމަން ޖެހޭނެއެވެ. މި ނަޒަރުން ލިޔާ ވާހަކައެއްގައި ބަޠަލުގެ ނުވަތަ މައި ކެރެކްޓަރުގެ ސިފަ ބަޔާން ކުރަން ބޭނުންކުރާ އުކުޅުތަކަކީ، މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ފެންނަ ގޮތް ސިފަކޮށްދިނުމާއި، އެހެން މީހަކާ އަޅާ ކިޔައިގެން ސިފަ ހާމަކުރުމާއި އެހެން މީހަކު ބުނާ ވާހަކައެއްގެ ތެރެއިން ސިފަ ބަޔާންކުރުމެވެ. މިސާލަކަށް "އަހުރެންގެ އިސްތަށިގަނޑު މަންމަގެ އިސްތަށިގަނޑު ފަދައިން ބުޅި އެވެ."

    މި ނަޒަރުގެ އެންމެ ބޮޑު މައްސަލައަކީ ވާހަކައިގެ ހުރިހާ ތަނެއްގައި، ހުރިހާ ހާދިސާއެއްގައި މީނާ ބައިވެރިވާން ޖެހޭ ކަމެވެ. ނޫން ނަމަ، އޭނާއަށް އެކަން އެނގެން ޖެހޭ ކަމެވެ. މި ވިއޫޕޮއިންޓުން ލިޔެފައި ހުންނަ ގިނަ ވާހަކަތައް ހުންނާނީ މާޒީވެފައިވާ ކަމެއްގެ ގޮތުގައި ލިޔެފައެވެ. މި ނަޒަރުން ލިޔެފައި ހުންނަ ކުޑަކުދީންގެ ވާހަކަތައް މަދުވާނެއެވެ.

  2. ދެވަނައަށް ބޭނުންކުރަނީ "ތިންވަނަ ނަޒަރު" ކަމަށް ބުނާ ލޮލެވެ. ތިންވަނަ ނަޒަރުގައި ބޭނުންކުރާނީ "އޭނާ، "އެމީހުން" ފަދަ ލަފުޒުތަކެވެ. މި ނަޒަރުން ލިޔެފައި ހުންނަ ވާހަކަތައް ހުންނާނީ ކޮންމެވެސް އެހެން ބަޔަކަށް ނުވަތަ އެހެން މީހަކަށް ފެންނަ ގޮތުގައެވެ. ވާހަކަ ކިޔައިދޭނީ ވާހަކައިގައި އުޅޭ މީހުންގެ ތެރެއިން ކޮންމެވެސް މީހެއްގެ ލޮލަށް ފެންނަ ގޮތަށެވެ. ވާހަކައިގެ ބަޠަލާއާ ތަންކޮޅެއް ގާތްވެ، އޭނާގެ އިޙްސާސްތަކާއި ޝުޢޫރުތައް ކިޔާދެވެއެވެ. ނަމަވެސް ހުރިހާ ވާހަކައެއް އޭނާ ބުނާ އެއްޗެއްގެ ގޮތުގައި (ޑަޔަލޮގެއްގެ ގޮތުގައި) ހުންނާކަށް ނުޖެހެއެވެ.

    ފަށައިގަންނަ ލިޔުންތެރީންނަށް އެންމެ ފަސޭހަ ވިޔޫޕޮއިންޓަކީ މިއީ އެވެ. މި ނަޒަރުގައި ވާހަކަ ލިޔުންތެރިޔާ ހުންނަން ޖެހޭނީ ފޮރުވިގެންނެވެ.

  3. ތިންވަނަ ވިއޫޕޮއިންޓް އަކީ ހުރިހާ ތަނެއް ފެންނަ ހުރިހާ ކަމެއް އެނގޭ ނަޒަރެވެ. މި ނަޒަރުގައި ލިޔުންތެރިޔާ އަކީ، ކެމެރާއަކަށް ބޯޅަދަގަނޑެއް ފެންނަ ފަދައިން ވާހަކައިގެ ހުރިހާ ހާދިސާތަކާއި މީހުން ފެންނަ މީހެކެވެ. ކިޔުންތެރިޔާއަށް އެތައް ތަނެއްގައި ހިނގާ ކަންތައްތައް ސިފަކޮށްދެވިދާނެއެވެ. އަދި ވަކި އެކި ކެރެކްޓަރުންގެ ފިކުރަށް ވަދެ، އެމީހަކު ހީކުރާ ގޮތް ނުވަތަ އަސަރު ކިޔާދެވިދާނެއެވެ. އަދި ވާހަކައިގައި އޭގެ އެކި ޒަމާންތަކަށާއި އެކި ދުވަސްވަރަށް "ދަތުރު" ކުރެވިދާނެއެވެ. ވަކި ކެރެކްޓަރަކަށް ނޭނގޭ ތަކެތި އަދީރަށް އެ ކެރެކްޓަރަކާ ބެހޭ ގޮތުން އެނގޭނެއެވެ. މިސާލަަކަށް "އަލިބެއަށް ވަނީ ރޯގާ ޖެހިފައެވެ. ނަމަވެސް އޭނާއަކަށް އެކަމެއް އަދި ނޭނގެއެވެ."

    މިގޮތަށް ލިޔެފައި ހުންނަ ފޮތްތަކުގައި އެއްވެސް ކެރެކްޓަރަކާ މާ ގާތް ނުވެވޭތީ، ލިޔުން ތެރީން ވާހަކަ ފެށުމަށް މިގޮތް ބޭނުންކޮށްފައި، ފުރަތަމަ ނުވަތަ ދެވަނަ ނަޒަރަށް ބަދަލުކޮށްލައެވެ. ކުޑަކުދީންނަށް ލިޔާ ވާހަކަތައް މި ނަޒަރުން ލިޔެފިނަމަ، އެކުދީންނަށް އޮޅޭގޮތް ވެއެވެ.

މަތީގައި ބަޔާންކުރެވުނު ތިން ވިއޫޕޮއިންޓްގެ އިތުރަށް "ކަލެ"އަށް، ކިޔާ މީހާއަށް ނިސްބަތްކޮށް ބައެއް ވާހަކަ ލިޔެފައި ހުރެއެވެ. ނަމަވެސް އެއީ ވަރަށް މަދުންނެވެ. މި ނަޒަރު ގިނައިން ބޭނުންކުރަނީ މީހަކަށް ކަމެއް ކުރާ ގޮތް އޮޅުން ފިލުވައިދިނުމުގެ ގޮތުން އިރުޝާދު ލިޔުމަށެވެ. މިސާލީ، "ދެން ކަލޭ ތެޔޮ ތަވާ ހޫނުވުމުން، އެއަށް ކޮށިފިޔާތައް އަޅާށެވެ."

ވާހަކައިގައި އުޅޭ މީހުން ނުވަތަ ކެރެކްޓަރުން

ހުރިހާ ކުޑަކުދީންނާއި ބޮޑެތި މީހުންގެ ވާހަކަ ފެށެނީ ކެރެކްޓަރުންނެވެ. އެއީ ވާހަކައިގައި އުޅޭ މީހުންނެވެ. ”ކެރެކްޓަރ“ މި ލަފުޒަކީ، ޔޫނާނީ ބަހުން އިނގިރޭސި ބަހަށް ވަދެފައިވާ ލަފުޒެކެވެ. ލަފުޒުގެ މާނަ އެނގުމަކީ ތިރީގައި ބަޔާންކުރާ މަޢުލޫމާތު ދެތުން ފަހިވާނޭ ކަމެކެވެ. ފަހެ، ޔޫނާނީ ބަހުން، ކެރެކްޓަރ ކިޔަނީ، އެއްޗެއް އުފެއްދީ ވަކި މީހެއްކަން އެންގުމަށް އެ އެއްޗެއް ހަދާ ނިމުމުން އޮބަން ގެންގުޅޭ ތަންގަނޑަކަށެވެ. މިސާލެއްގެ ގޮތުން، ސިލުނބު ހަދާ މީހަކު، އޭނާގެ ނަމުގެ އަކުރުތައް، ލަކުޑިން އުފުލިފައި ހުންނަގޮތަށް ކަނޑައިނަގައި މުއްގަނޑެއްގައި ހަރުކޮށް، ސިލުނބު އަލިފާނަށްލައި ހަރުކުރުމުގެ ކުރިން ސިލުނބު މައްޓަށް އޮބާފާނެއެވެ. އެއިރުން ސިލުނބު ހަރުވުމުން، އުފެއްދީ ކާކުކަން އެނގޭނެއެވެ. މިފަދަ ތައް ޖަހާ ތަކެތީގެ ތެރޭގައި، ވަޅީގެ ތިލަ، އަނގޮޓި ހިމެނެއެވެ.  ކުރެހުން ތެރީން މަރުކާއެއްގެ ގޮތުގައި އެމީހުން ކުރަހާ ތަޞްވީރުގެ ކަނެއްގައި ޖަހަނީ ނަމެވެ. އެއިރުން އެކުރެހީ ކާކުކަން ބަލާ މީހުންނަށް އެނގޭނެއެވެ.

ޖަޕާނުގައި މިހާރުވެސް ލިޔުންތަކުގައި ސޮއިކުރުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް ކުޑަ ތައްގަނޑެއް ގެންގުޅެއެވެ. ލިޔުމެއްގައި މި ތައްގަނޑު ޖެހުމަކީ ސޮއިކުރުން ފަދަ ކަމަކަށް ޖަޕާނުގައި ވެފައި ވެއެވެ. މިފަދަ ކުދި ތައްގަނޑަށް ޖަޕާނު މީހުން ކިޔަނީ ހަންކޯ ނުވަތަ އިންކަން އެވެ. އާދެ! މިފަދަ ތައް ޖަހަން ގެންގުޅޭ އެއްޗިއްސަށް ޔޫނާނީ ބަހުން ކިޔަނީ ކެރެކްޓަރ އެވެ. ކެރެކްޓަރއިން ހާމަކޮށް ދެނީ ވަކި މީހެއް ކަމެވެ. ވާހަކަ އާއި ތަމްސީލު ލިޔުމުގައި ކެރެކްޓަރ އިން މާނަކުރަނީ ވަކި ޠަބީޢަތަކާއި މިޒާޖެއް ހުންނަ މީހެކެވެ. އެއީ ތަންގަނޑެއް ފަދައިން، ވަކި ކެރެކްޓަރ އެއްގެ ފިކުރާއި، ޚިޔާލުތަކާއި، މަޤްޞަދާއި އުުޅުމާއި ޝުޢޫރުތަކާއި ރުހޭ އަދި ނުރުހޭ ކަންތައްތައް ވާހަކައިން އެނގޭތީއެވެ. ޢާއްމު އިނގިރޭސި ބަހުގައިވެސް، އެއްޗެއް ވަކި އެއްޗެއްކަން ފާހަގަވާ ނިޝާންތަކަށް ނުވަތަ ޢަލާމާތްތަކަށް ”ކެރެކްޓަރ“ މިލަފުޒު ބޭނުން ކުރެއެވެ. އެހެންކަމުން، ކެރެކްޓަރ އަކީ ވަކި ޚުލްޤެއް ހުންނަ، ވާހަކައެއްގައި އުޅޭ މީހެއް ނުވަތަ ޖަނަވާރެކެވެ. ކެރެކްޓަރ އަށް ދިވެހިބަހުން ކިޔާނީ ކޮން ލަފުޒެއް ތޯއެވެ؟  ދިވެހިބަހުން ކެރެކްޓަރ އަށް ”ކަތުކަތަ“ ރަނގަޅުތޯ އެވެ؟ ކަތުންނަކީ މީހުންނެވެ. ކަތައަކީ ވާހަކައެވެ. ނޫނީ ކަތަކަތުން ރަނގަޅުތޯއެވެ؟

ވާހަކައިގެ ޕްލޮޓާއި ދިމާވާ މައްސަލަތަކާއި އޭގެ ޙައްލުތައް އުފައްދާ ކުރިއަށް ގެންދަނީ —ވާހަކަ ކުރިއަށް ގެންދަނީ— ކެރެކްޓަރުންނެވެ. އަލަށް ވާހަކަ ލިޔާ އަދީރުން ކުރާ އެއް ކުށަކީ، ޕްލޮޓް އެންމެ ފުރަތަމަ ރާވާލާފައި، ދެން ކެރެކްޓަރުން އޭގެ ތެރެއަށް ލަނީއެވެ. މިގޮތަށް ޢަމަލުކުރުމުން، ވާހަކަ ކިޔާހިތް ކުޑަވެއެވެ. ދިރިއުޅުމުގައި ކަންތައްތައް ވާހެން، ކަމެއްގައި އެންމެ މުހިއްމީ އޭގައި އުޅޭ މީހުންނެވެ.

ޕްލޮޓެއް ނުވަތަ ވާހަކަައިގައިވާ ކަންތައްތަކަކީ، ލިޔުންތެރިޔާގެ ހިތަށް އެންމެ ފުރަަތަމަ އަރާ ކަމަށް ވިއަސް، ކެރެކްޓަރުން ހަމަޖައްސައި އެމީހުންނަށް ސިފަތަކާއި މިޒާޖުތައް ކަނޑައެޅުމުގައި ގިނަ އިރު ހޭދަކުރަން ޖެހޭނެއެވެ. ވާހަކަ ލިޔަން ފެށުމުގެ ކުރީން މިކަން ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މުހިއްމު ކަމެކެވެ. ކެރެކްޓަރުންގެ ތަފްޞީލީ ޤަލަމީ ކުރެހުމެއް ލިޔުންތެރީން ވާހަކަ ލިޔަން ފެށުމުގެ ކުރީން ކުރަހައެވެ. މިގޮތުން އެމީހުންގެ ޢުމުރާއި ހުންނަ ސިފައާއި މޫނުމަތީގެ ބައްޓަންތަކާއި ބިރުގަންނަ ކަންތައްތަކާއި ދިމާވެފައިވާ މުހިއްމު ހާދިސާތަކާއި މިފަދަ އެތައް ތަފްޞީލެއް ލިޔެފައި ބާއްވައެވެ. އެހެން ވާހަކަތަކުގައި ބޭނުންކޮށްފައި ހުންނަ ޚިޔާލީ އަދި ޢާއްމު ކެރެކްޓަރުންނަށް ގިނަ ކިޔުންތެރީންނެއް އެހާ ޝައުޤެއް ނުހުންނާނެއެވެ.

ކެރެކްޓަރުންގެ ސިފަ ރަނގަޅަށް ގެނައުމަށް ފަހު، ދެން އޭނާ ކުރިމަތިލާނީ ކޮންމެވެސް ހައިޖާނުކަމަކާ އެވެ. ހައިޖާނު ހަމަޖެހި ނިމޭގޮތް ބިނާވެފައިވާނީ ކެރެކްޓަރުގެ މިޒާޖަށެވެ. އޭނާގެ ރަނގަޅު ސިފަތަކާއި ނުބައި ސިފަތަކުގެ މައްޗަށެވެ. ކެރެކްޓަރު މުހިއްމުވާ ސަބަބަކީ މިއީއެވެ. މި ހުރިހާ ކަމެއް ހިނގަމުންދާއިރު، ވާހަކަގައި މައިގަނޑު މެސެޖުވެސް ހާމަވެގެންދާނެއެވެ. ޢާއްމުކޮށް ވާހަކައިގެ މަސެޖެއް ލިޔުންތެރިޔާ ސީދަލަކަށް ނުބުނާނެއެވެ. ނަމަވެސް ވާހަކައިގައިވާ ގޮތުން، ކެރެކްޓަރުގެ މިޒާޖަށް އަންނަ ބަދަލުން ހާމަވެގެންދާނެއެވެ.

ވާހަކައެއްގައި އުޅޭ ހުރިހާ ކެރެކްޓަރެއް، އެހެން ދަންނަ މީހުންނާ ތަފާތުވިވަރަކަށް (ނާދިރުވި ވަރަކަށް) ވާހަކަ ނާދިރުވެ އެހެން ވާހަކަތަކާ ތަފާތުވާނެއެވެ. މައި ކެރެކްޓަރު ނޫން އެހެން މީހުންގެ ސިފަ ބަޔާންކުރުމަށް އެހާ ގިނަ ލަފުޒުތަކެއް ބޭނުން ނުކުރިއަސް، ވާހަކައިގެ ފަސް މަންޒަރަށް އެމީހުން ފޭދި ގެއްލިގެން ނުވާނެއެވެ.

ކުޑަކުދީންގެ ވާހަކަ ފޮތްތައް ބިނާކުރެވިފައި ހުންނަނީ ކެރެކްޓަރެއްގެ އެންމެ ސިފައަކަށެވެ. މިސާލަކަށް އޭނާ އަނދިރި ދެކެ ގަންނަ ބިރަށެވެ. ތަންކޮޅެއް ބޮޑެތި ކުދީންނަށް ލިޔާ ފޮތުގައި، ޕްލޮޓް މުރައްކަބު (އެތައް ކުދި ޕްލޮޓްތައް ހިމަނައިގެން) ކުރެވިދާނެއެވެ. ވާހަކަ ލިޔާއިރު، ކެރެކްޓަރުގެ އުމުރު ވާންވާނީ ވާހަކަ އަމާޒުކުރާ ކުޑަކުދީންގެ އުމުރަށް ވުރެ އެއް އަހަރު ނުވަތަ ދެ އަހަރު ދޮށީ އުމުރަކަށެވެ.

ވާހަކައެއްގެ ތެރޭގައި ކެރެކްޓަރަކު ކަންތައްތައް ކުރާގޮތް ބިނާކުރަން ޖެހޭނީ އޭނާއަށް ދީފައިވާ މިޒާޖާ އެއްގޮތަށެވެ. ކެރެކްޓަރުން ޕްލޮޓް ކުރިއަށް ގެންދާނީ މިގޮތަށް ޢަމަލުކޮށްގެންނެވެ.

ޖަނަވާރު ކެރެކްޓަރުން

ކުޑަކުދީންގެ ވާހަކަތަކުގައި ޖަނަވާރު ކެރެކްޓަރުން އުޅެއެވެ. މިފަދަ ޖަނަވާރުތައް އަބަދުވެސް ރީތިވެފައި ކިޔުންތެރިޔާ އާ ގުޅޭ އެއްޗަކަށް ވާންވާނެއެވެ. ޖަނަވާރު ކެރެކްޓަރުން ތިން ބަޔަކަށް ބެހިދާނެއެވެ.

ފުރަތަމައީ އިންސާނުން އުޅޭގޮތަށް އުޅޭ ޖަނަވާރެވެ. އެ އެއްޗެތި ޔުނިފޯމް އަޅައިގެން މަދަރުސާއަށް ގޮސް، އިންސާނާ ކައިއުޅޭ ކާނާ ކައި، ހަމަ އިންސާނުންނެކޭ އެއްގޮތަށް އުޅެއެވެ. މައި ޖަނަވާރު ކެރެކްޓަރު، ފޮތް ކިޔާ ކުއްޖާ ކުރާ ކަހަލަ ޚިޔާލުތަކާއި ކަންކަން ކުރެއެވެ. ޖަނަވާރުތަކަކަށް ވީމާ، ބަލައިލުމުން ކުޑަކުދީން ޝައުޤުވެރި ވެއެވެ.

ދެވަނައީ، ގިނަ ކަންތައްތަކުގައި އިންސާނުން ފަދައިން ޙަރަކާތް ކުރާ ޖަނަވާރު ކެރެކްޓަރެވެ. މި ބާވަތުގެ ކެރެކްޓަރު އިންސާނުން އަޅާފާޑުގެ ހެދުމެއް ނާޅާނެއެވެ. ނަމަވެސް ވާހަކަ ދައްކާ، ދަތް އުނގުޅައި ހަދައިފާނެއެވެ. ބައިސްކަލް ދުއްވާ ހަދައިފާނެއެވެ. ބޮޑެތި މީހުން ޤަބޫލުނުކުރާ މިފަދަ ކެރެކްޓަރު، ކުޑަކުދީން ޝައުޤުވެރިކުރުވައެވެ.

ތިންވަނައީ އިންސާނުން ފަދައިން ވާހަކަ ދައްކާ ނަމަވެސް އެހެން ހުރިހާ ކަމެއްގައި، ޖަނަވާރެއްގެ ގޮތުގައި އުޅޭ ކެރެކްޓަރެވެ. މި ޖަނަވާރުތައް އިންސާނުންނަކާ ވާހަކައެއް ނުދައްކާނެއެވެ. އެ ކެރެކްޓަރުތަކަށް ދިމާވާ މައްސަލަތަކާ އިންސާނުންނަށް ދިމާވާ މައްސަލަތަކާ ގުޅުމެއް ހުއްޓަސް، އެ މައްސަލަތައް ހައްލުކުރާނީ ޖަނަވާރުންގެ ގޮތުގައެވެ.

ޑަޔަލޮގް — މޮޅު ކުޑަކުދީންގެ ވާހަކައިގެ ސިއްރު

ކުޑަކުދީންގެ ވާހަކައިގައި، އަދި ޢާއްމުކޮށް ހުރިހާ ވާހަކައެއްގައި ވެސް، ޑަޔަލޮގަކީ ވާހަކައެއް ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރެވެ. ޑަޔަލޮގަކީ، ކޮމާކޯޅިއެއްގެ ތެރޭގައި ވާހަކައިގައިވާ ގޮތް ލިޔުމެއް ނޫނެވެ. ޑަޔަލޮގް ލިޔުމުގައި އެންމެ ގިނައިން ލިޔުންތެރިޔާ ހަދާ ކުށަކީ، ވާހަކައިގައި ކެރެކްޓަރު ކަންތައްތައް ކުރާ ސަބަބުތައް ކެރެކްޓަރުގެ ދުލުން ކިޔުންތެރީންނަށް ކިޔައިދޭން އުޅުމެވެ. އެންމެ ރަނގަޅު ގޮތަކީ، އަސްލު ހާދިސާއެއްގައި މީހަކު ދައްކާނޭ ގޮތަށް ކޮމާކޯޅިއެއްގެ ތެރޭގައި ބުނާ އެއްޗެއް ލިޔުމެވެ. ތިބާއަކީ ކެރެކްޓަރެއް ނަމަ، ވަކި ޙާލަތެއްގައި ބުނާނޭ ގޮތަށް އެއްޗެއް ބުނުމެވެ. ވިސްނާނޭ އެއްޗެއް ހިތަށް އަރާކަމަށް ބުނުމެވެ. ޙާލަތެއްގައި ކެރެކްޓަރެއް ބުނާ ވާހަކަތަކުން ކިޔުންތެރީންނަށް އޭނާގެ މިޒާޖު އަންގައިދިނުމެވެ.

ކުޑަކުދީންގެ ވާހަކަތަކުގެ ޑަޔަލޮގްތައް އެކުދީންގެ ޢުމުރާއި ކެރެކްޓަރުގެ ޢުމުރާ ވެސް ގުޅެން ޖެހޭނެއެވެ. ބުނާނީ ސީދަލަށެވެ. މިގޮތުގެ މަތީން ވާހަކަ، ޑަޔަލޮގުން ކުރިއަށް ގެންދަން ވާނެއެވެ.

ވާހަކައިގެ ހައިޖާނު ނުވަތަ ކޮންފްލިކްޓް

ކޮންފްލިކްޓް އަކީ ވާހަކައެއްގެ ކެރެކްޓަރާ ދިމާވާ އިދިކޮޅު ޙާލަތެކެވެ. ދެކޮޅުވެރިކަމެކެވެ. ހައިޖާނެކެވެ. މި ޙާލަތް މައި ކެރެކްޓަރު ކާމިޔާބު ކަމާއެކު ނިންމުމުން ވާހަކަ ނިމޭނެއެވެ. ހުރިހާ ކުޑަކުދީންނަށް ވެސް ގޮންޖެހުންތަކާ ދިމާވެއެވެ. މައްސަލަތައް ޙައްލުކުރަން ޖެހެއެވެ. ބިރުވެރި ޙާލަތްތަކުގައި ޙަރަކާތްތެރިވާން ޖެހެއެވެ. ހުރަސްތައް ގިރާކުރަން ޖެހެއެވެ. ކުޑަކުދީންގެ ވާހަކައެއްގައި ހިމެނޭ ކެރެކްޓަރު ވެސް މިފަދަ ކަންކަން ކުރަން ޖެހޭނެއެވެ. ކޮންްފްލިކްޓް އަކީ ހުރިހާ ވާހަކައެއްގައިވެސް ހިމެނޭ ކަމެކެވެ. ކެރެކްޓަރު ޖެހޭނީ މިފަދަ ކަންކަމާ ކުރިމަތިލައި އެކަންކަން ހަމަޖައްސާށެވެ.

ވާހަކައެއްގައި ހިމެނޭ ކެރެކްޓަރުންނަށް ހިތްކިޔަނީ، ރުހެވެނީ ހައިޖާނާ ނުވަތަ ކޮންްފްލިކްޓްއާ އެ ކެރެކްޓަރު ކުރިމަތިލައި ޙައްލުކުރާ ގޮތުންނެވެ. ވާހަކަ ކިޔާ ކުދީން ކޮންފްލިކްޓް ހައްލުކުރާނޭ ގޮތް ވިސްނާނެއެވެ. އަދި ކަން ހައްލުވުމުން އުފައު ކުރާނެއެވެ. ކޮންފްލިކްޓްއެއް ނުވާނަމަ، ކުޑަކުދީން ވާހަކަ ކިޔައި އެއާ ރޫޙާނީ ގޮތުން، ޢާޠިފީ ނުވަތަ ޖަޒުބާތީ ގޮތުން ގުޅެންވީ  ސަބަބު ކުޑަވާނެއެވެ. ވާހަކައެއް ހަނދާން ހުންނަނީ އެ ވާހަކައަކާ ރޫޙާނީ ގޮތުން، ޝުޢޫރުތަކުގެ ފެންވަރުގައި ކިޔުންތެރިޔާ އާ ގުޅޭތީއެވެ.

ކާމިޔާބު ގިނަ ވާހަކަތައް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ  ދެ ބާވަތެއްގެ ކޮންފްލިކްޓެއް ވާހަކައެއްގައި ހިމެނޭ ކަމަށެވެ. ބޭރުގެ ކޮންފްލިކްޓަކާއި ކެރެކްޓަރުގެ ޒާތީ ކޮންފްލިކްޓެކެވެ. ބޭރުގެ ކޮންފްލިކްޓް އުފެދެނީ ކެރެކްޓަރަށް ބާރެއް ނުފޯރުވޭ ހާލަތްތަކެއްގެ ސަބަބުންނެވެ. ޕްލޮޓް ކުރިއަށް ގެންދަނީ މި ކޮންފްލިކްޓެވެ. އެއީ ގެއްލިފައިވާ އެއްޗެއް ހޯދުން، މަރާލި މީހެއްގެ ޤާޠިލް ހޯދުން، ފަދަ ކަންކަމެވެ. ޒާތީ ކޮންފްލިކްޓަކީ ތިމާގެ ޠަބީޢަތުގެ ސަބަބުން ނުވަތަ ކޮށްފައިވާ ކަމަކުން ހިތުތެރޭ އުފެދޭ މައްސަލައެކެވެ. ޓެސްޓެއްގައި ކޮޕީކުރުމުގެ ސަބަބުން އުފެދޭ ޝުޢޫރެވެ. ލަދު ގަންނަ މީހަކު  ކުރަންޖެހޭ ކަމެއްގެ ސަބަބުން އުފެދޭ ޝުޢޫރެވެ. އެތެރޭގެ ކޮންފްލިކްޓް ނެތްނަމަ، ކެރެކްޓަރަކީ ދުނިޔެވީ މީހެއް ކަމަކަށް ނުވާނެއެވެ. ބޭރުގެ ކޮންފްލިކްޓް ނެތް ނަމަ، ވާހަކައިގައި ޕްލޮޓެއް ނޯންނާނެއެވެ. ވާހަކަ ކާމިޔާބުކަމާ އެކު ލިޔެވޭނީ މި ދެ ކޮންފްލިކްޓްއާ ގުޅޭ ގޮތުންނެވެ.

ކުޑަކުދީންނަށް ވާހަކައެއް ލިޔާއިރު، އޭގައި މައިގަނޑު  ބޮޑު ކޮންފްލިކްޓެއް ހިމެނެން ޖެހޭނެއެވެ. ހަމަ މިއާއެކު ޒާތީ ކޮންފްލިކްޓެއްވެސް ހިމެނެން ޖެހޭނެއެވެ. އެތެރޭ ކޮންފްލިކްޓް ގެ ސަބަބުން ވާހަކަ ނިމޭއިރު ކެރެކްޓަރު ގެ އުޞޫލެއް ބަދަލުވެއެވެ. ވާހަކައިގެ މެސެޖު ގުޅިފައިވާނީ މިކަމާއެވެ.

އެޑިޓްކުރުން

ވާހަކައެއް ލިޔަން ދާހާ ގިނަ ދުވަސް، ވާހަކައެއް އެޑިޓް ކުރުމުގައި ލިޔުންތެރީން ހޭދަކުރެއެވެ. އެޑިޓްކުރުމަކީ، ފޮތެއް ލިޔުމާއި ޗާޕުކޮށް ފައުޅުކުުރުމާ ދެމެދު އަޅާ ފިޔަވަޅުތަކެވެ. އެޑިޓިން އަށް ފާރިސީ ބަހުން ބޭނުންކުރާ ތަހުޒީބުކުރުން ދިވެހިބަހުން ބޭނުންކުރެވިދާނެއެވެ. ތަހުޒީބުުކުރުމަކީ، ފޮތްލިޔުމުގެ ވެށީގައި، އެއްޗަކުން ކުށް ފިލުވައި ޒީނަތްތެރިކުރުމެވެ. ދެތިން ބާވަތެއްގެ އެޑިޓިން ވެއެވެ. އެއްބާވަތަކީ ފޮތުގެ މައިގަނޑު ޕްލޮޓާއި މިފަދަ މަތީ ފެންވަރުގެ ކަންކަމަށް ބެލުމެވެ. މި ބާވަތަށް ކިޔަނީ ޑިވެލޮޕްމަންޓަލް އެޑިޓިން އެވެ. ފޮތް އެކުލަވައިލުމާ ބެހޭ އެޑިޓިން އެވެ. އަނެއް ބާވަތުގެ އެޑިޓިން އަކީ ލައިން އެޑިޓިން އެވެ. އާދެ! ފޮޅުވަތަކުން ފޮޅުވަތަކުން ބަލައި، އިމްލާ ކުށްތަކާއި ބަހުގެ ހަމަތައް ފަދަ ކުށްތައް އިޞްލާޙުކުރުމެވެ. މި ބާވަތަށް ކޮޕީއެޑިޓިން ކިޔައެވެ. މިއީ އެންމެ ތަފްޞީލީ އެޑިޓިން އެވެ. އިތުރު ބާވަތުގެ އެޑިޓިން ގެ ތެރޭގައި އޮށްޓަރު ނުވަތަ ކޮންޓެންޓް އެޑިޓިން ހިމެނެއެވެ. އޮށްޓަރު އެޑިޓް ކުރާ މީހަކު، ފޮތުގެ އޮނިގަނޑަށް ބަލައި، ބާބުތަކާއި ޚިޔާލުތައް އެމުނި އެތުރޭގޮތަށް ބަލައެވެ. އެކި ވާހަކަތައް ގެނެވިފައިވާ ގޮތާއި އެ ފެށި ނިމޭގޮތަށް ބަލައެވެ. މުހިއްމު އަނެއް ބާވަތުގެ އެޑިޓިން އަކީ ޝާއިޢުކުރުމުގެ ވަކި ހަމަތަކަކަށް ފޮތް ފެއްތުމަށް ކުރާ އެޑިޓިން އެވެ. މިއީ ޓެކްނިކަލް އެޑިޓިން އެވެ. މިސާލެއްގެ ގޮތުން ބާބެއް ނުވަތަ ޗެޕްޓަރެއް ދިގުކަމުން އައު ޞަފުޙާއެއްގެ ދެތިން ފޮޅުވަތުން ޗެޕްޓަރު ނިމޭނަމަ، ޞަފުޙާއެއް އިތުރު ނުވާގޮތަށް ޗެޕްޓަރު ކުރުކުރުން ހިމެނެއެވެ. ތިރީގައި މި ބަޔާންކުރަނީ، އެޑިޓް ކުރާއިރު ވިސްނަން ޖެހޭ ބައެއް ކަންކަމެވެ.

  1. ފުރަތަމަ، ދެވަނަ އަދި ތިންވަނަ ދެލިކޮޕީ ކިޔުމަށް ފަހުވެސް، ވާހަކަ ކުރުކުރާށެވެ. ވާހަކަ ލިޔުމަށް ފަހު، އެކަމުން ދުރުހެލިވެ، އަލުން ވާހަކަ ކިޔައި، ބޭނުން ނުވާ ލަފުޒުތައް އުނިކުރާށެވެ. ވާހަކައިގެ ޕްލޮޓް ކުރިއަށް ނުގެންދާ ޖުމުލަތައް އުނިކުރާށެވެ.

  2. ޑަޔަލޮގަކީ، ވާހަކައިގެ ވަރަށް މުހިއްމު ބައެކެވެ. ޑަޔަލޮގުން ކެރެޓަރުންނަށް މިޒާޖާއި ޠަބީޢަތް ގެނެސްދޭށެވެ. ކޮންމެ ކެރެކްޓަރެއްގެ ވާހަކަވެސް އޭނާއަށް ޚާއްޞަވާގޮތަށް، ވަކި ފޭޑިއަކުން ޢިބާރާތް ކުރާށެވެ. ކެރެކްޓަރެއް ބޭނުންކުރާ ލަފުޒުތަކާއި ޢިބާރާތް ކުރާ ގޮތް އެނގުމުން އެއީ ކާކުކަން އެނގެން ޖެހޭނެއެވެ. ޑަޔަލޮގުން އެނގޭ އެއްޗެއް ނަޘްރުން ނުވަތަ ފުރިހަމަ ޖުމުލައިން ހާމަކޮށް ތަކުރާރު ނުކުރާށެވެ.

  3. ނުބުނެ ކެރެކްޓަރުންގެ ޤަލަމީ ސޫރަ ކުރަހާށެވެ. މިސާލަކަށް އެއްވެސް ބަޠަލަކީ ރީތި މީހެކޭ ނުބުނާށެވެ. އޭގެ ބަދަލުގައި، އޭނާއާ ދޭތެރޭ އެހެން މީހުން ދައްކާ ވާހަކައިން މިކަން ހާމަކޮށްދޭށެވެ. "ސާރާ އިނީ ދެރަވެފައެވެ." މިހެން ބުނުމުގެ ބަދަލުގައި "ސާރާގެ ކޯތާފަތްމައްޗަށް ހޫނު ކަރުނަތައް އޮހެން ފެށިއެވެ." ވާހަކައާ ބެހޭ ގޮތުން ހީކުރާނޭ އެއްޗެއް ކިޔުންތެރިޔާ ކައިރީގައި ނުބުނާށެވެ. ކަންކަމާ މެދު ކިޔުންތެރިޔާ ގޮތެއް ނިންމަން ކެރެކްޓަރުން ކުރާ ކަންތައްތައް ކިޔައިދޭށެވެ.

  4. ކަންތައްތައް ޙިއްޞުތަކަށް އަސަރުކުރާ ގޮތަށް ކިޔައިދޭށެވެ. ވަހާއި އަޑާއި މަންޒަރާއި ރަހައާ ބެހޭ ލަފުޒުތައް ގިނަކުރާށެވެ.

  5. ސީދާ ލަފުޒު ބޭނުން ކުރާށެވެ. ބައެއް ލަފުޒުތަކަކީ ބޭނުން ކޮށްކޮށް އޭގެ މާނަ އެހާ ސާފު ލަފުޒެއް ނޫނެވެ. މިސާލަކަށް ރަނގަޅު ފޯނެކޭ ބުނުމުގެ ބަދަލުގައި، ފޯނު ރަނގަޅުވީ ސަބަބުން ފޯނު ސިފަކޮށްދޭށެވެ.

ފޮތުގެ ޓެކްނިކަލް ކަންތައްތައް

ކުޑަކުދީން ފޮތް ގަންނަނީ އެ ފޮތް ފެނުމުން ކުރާ އަސަރަކުންނެވެ. އޭގައި ލިޔެފައިވާ އެއްޗަކަށް ގަންނައިރު ސަމާލުކަމެއް ނުދެއެވެ. އެހެންކަމުން، ކުޑަކުދީންގެ ފޮތްތައް ވަރަށް ބަލައިލާން ރީތިވާން ވާނެއެވެ. ކުލައިން ހުދު ބޯ ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ފޮތްތަކަކީ ކުޑަކުދީން އެންެމެ ކިޔާހިތްވާ ފޮތްފޮތެވެ.

  1. ފޮތުގެ ސައިޒު

    ކުޑަކުދީންގެ ފޮތްތައް ލިޔެފައި ހުންނަނީ ވަކި ސައިޒަކަށެވެ. އޮފީސްތަކުގައި، ބޭނުންކުރާ ”އޭފޯރ“ ނުވަަތަ ”އޭފައިވް“  ސައިޒަށް ފޮތްތައް ލިޔެފައި ހުންނަނީ ގިނައިން ދިވެހިރާއްޖޭގައެވެ. ލައިބްރަރީ ތަކުގައި ފޮތްތައް ލިޔެފައި ހުންނަ ސައިޒު ދެނެގަނެ އެ ސައިޒަށް ފޮތްތައް ލިޔަން ފެށުމަކީ ބޭނުންތެރި ކަމެކެވެ.

  2. ފޮތުގެ ކަރުދާސް

    ކުޑަކުދީންގެ ފޮތްތައް ޗާޕުކޮށްފައި ހުންނަނީ ބޭނުންކުރާ ޢުމުރުގެ ކުދީންނަށް ބަލާފައެވެ. ހަނގު ކުދީންނަމަ، ކަރުދާސް ބޯވާން ޖެހޭނެއެވެ. ކުއްޖާ ބޮޑުވި ވަރަކަށް، ކަރުދާސް ތުނިކުރެވިދާނެއެވެ. ނަމަވެސް އަކަމީޓަރެއްގައި 80 ގްރާމަށް ވުރެ ލުއި ކަރުދާހުން ކުޑަކުދީންގެ ފޮތެއް ޗާޕުކޮށްފައެއް ނުހުރެއެވެ.

  3. ފޮތުގެ ޞަފުޙާގެ އަދަދު

    ހުރިހާ ފޮތެއްވެސް ޢާއްމުކޮށް ހަދަނީ ހަތަރަކުން ގެއްލިހުސްވާ ޢަދަދަކަށެވެ. ކުޑަކުދީންގެ ފޮތްތަކުގެ ޞަފުޙާގެ ޢަދަދު، ގިންތިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއިރު އިސްވެ ހިނގައްޖެއެވެ.

  4. ފޮތުގެ ކުރެހުން

    ހުރިހާ ކުޑަކުދީންގެ ފޮތެއްގައި ވެސް، މަދުވެގެން ކޮންމެ ޞަފުޙާއަކު، ކުރެހުމެއް ނުވަތަ ފޮޓޯއެއް ހުންނަން ޖެހެއެވެ. ފޮޓޯއެއް ޖަހާނަމަ، ބޭނުންވާ ކަމެއް ދައްކަން އެފޮޓޯއެއް ބަދަލުކުރަން ޖެހެއެވެ. މިކަން ކުރަނީ ޢާއްމުކޮށް ފޮޓޯޝޮޕް ކިޔާ ޕްރޮގްރާމަކުންނެވެ. ފޮޓޯއަށް ވުރެ ރަނގަޅުވާނީ ވަކި ކަމަކަށް ފޯކަސް ދެވޭ ގޮތަށް، އަދި ފަހަތު މަންޒަރުގައި ނުގުޅޭ ތަކެތީން ތޮއްނުޖެހޭގޮތަށް ކުރަހާ ނަމައެވެ.

  5. ފޮތުގެ ލޭއައުޓް

    ފޮތުގެ ލޭއަޓު ނުވަތަ ލިޔުންތަކާއި ކުރެހުންތައް ޞަފުޙާއެއްގައި އެތުރިފައި ހުންނަ ގޮތް ތަރުތީބުކުރުމަކީ، ފަންނީކަމެކެވެ. އެއްގޮތަކީ ރީތި އިނގިރޭސި ބަހުގެ ފޮތެއް ބަލައި އެއާ އެއްގޮތަށް ލޭއައުޓް ހެދުމެވެ. ފޮތެއް ލިޔާއިރު، ގިނަ ފޮންޓު ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކަމުގެ މާހިރުން ބުނަނީ ޞަފުޙާއެއްގައި ދެ ފޮންޓަށް ވުރެ ގިނައިން ބޭނުން ނުކުރުމަށެވެ. ފޮންޓުގެ ތެރެއިން ކުޑަކުދީންގެ ތަކެތި ލިޔުމަށް އެންމެ ރަނގަޅު ފޮންޓަކަށް ވާނީ އަކުރުތަކުގެ ބައްޓަންތައް ބޮޑަށް ފާހަގަވާ ފޮންޓެވެ. ލޭއައުޓް ހެދުމަށް އެންެމެ ރަނގަޅުކަމަށް ބުނަނީ އެޑޯބީ ގެ އިންޑިޒައިން ޕްރޮގްރާމެވެ.

  6. ޗާޕުކުރުން

    މިޒަމާނުގެ ގިނަ ފޮތްތައް ޗާޕުކުރަނީ އޮފްސެޓުންނެވެ. ރާއްޖޭގައި ޗާޕުކުރާނަމަ، ޗާޕުގެ ޚަރަދު ވަރަށް ބޮޑުވާނެއެވެ. ރާއްޖޭގެ ބައެއް ލިޔުންތެރީން ފޮތް ޗާޕުކުރަނީ ސްރީ ލަންކާއިން ނެވެ. ބޭރުން ޗާޕުކުރުމުން، ޗާޕުގެ ޚަރަދު ޑަބަލްކުޑަވެއެވެ. ކުޑަކުދީންގެ ފޮތް ނަމަ، އެތެރެ ކުލައިން ކުރަން ޖެހޭތީ ވަރަށް ބޮޑުތަން އަގުހެޔޮވާނެއެވެ. މިކަންކޮށްދިނުމަށް މެދުވެރިވާ ރާއްޖޭގެ މީހުން އުޅެއެވެ.

ފޮތް ވިއްކުން

ފޮތް ވިކެނީ އެފޮތުގެ ވާހަކަ ބެލެނިވެރީންނާއި ކުޑަކުދީންނަށް އެނގިގެންނެވެ. މިކަން ކުރަން މާކެޓްކުރުމަކީ، މީހުންނަށް ފޮތް ވިއްކާކަން އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. ރޭޑިއޯ، ޓީވީ، ފޮތް މައުރަޒު، މަޖައްލާ، ނޫސް، އިސްތިހާރުގަނޑު، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ފޮތް އިސްތިހާރުކުރުމަށް ބޭނުން ކުރެވިދާނެއެވެ. ރާއްޖޭގެ މާކެޓް ކުޑަކަމުން، 3000 ކޮޕީ ވިކިއްޖެނަމަ، އެ ފޮތްވާނީ "ބެސްޓްސެލަރ" އަކަށެވެ. ގިނަ މީހުން ޗާޕުކުރަނީ 300 އާއި 1000 އާ ދެމެދުގެ ކޮޕީއެވެ. ފޮތް ލިޔެ ވިއްކައިގެން މަންފާއެއް ކުރަނީ ވަރަށް މަދު ފަހަރަކު އެވެ. ގިނަ މީހުން ފޮތް ލިޔެ ޗާޕުކުރަނީ ކުރާހިތުންނެވެ. ފޮތް އަގުބޮޑުކޮށް ވިއްކުމަށް ވުރެ ރަނގަޅުވާނީ، ގުދަންކުރަން ނުޖެހޭ ގޮތަށް އަވަހަށް ފޮތް ވިއްކައި ހުސްކޮށްލުމަށްޓަކައި ކުޑަ ފައިދާއަކާ އެކު ފޮތް ވިއްކުމުންނެވެ. އަލުން ޗާޕުކުރަން ޖެހިއްޖެނަމަ، އެކަން ކުރާނީއެވެ. އަގު ކަނޑައަޅާނީ، އެފަދަ އެހެން ފޮތް ވިއްކާ އަގާ އަޅާ ބަލައިގެންނެވެ. ފަށައިގަންނަން ރަނގަޅު އެއް ހަމައަކީ، ފޮތް ޗާޕުކުރަން ދިޔަ އަގުގެ ޑަބަލް އަގުގައި ފޮތް ވިއްކުމެވެ. ޗާޕުކުރަން ފޮތަކަށް 50 ރުފިޔާ ދިޔަ ނަމަ، އަގަކީ 100 ކަމަށް ހެދުމެވެ.

ނިންމުން

މަތީގައި މިދަންނަވާލެވުނީ ކުޑަކުދީންނަށް ފޮތް ލިޔުމާ ބެހޭ ގޮތުން 2004 ވަނަ އަހަރު އަޅުގަނޑު ކުރި ތަޤްރީރެއްގެ ޚުލާޞާއެކެވެ. މި މަޒުމޫނުގައި ހިމެނޭ ކޮންމެ ބަޔަކަށް އެތައް ވާހަކައެއް ދެއްކިދާނެއެވެ. ހަމައެކަނި ފޮތް އެޑިޓް ކުރުމާ ބެހޭ ގޮތުން، ދެ ހަފުތާގެ ދިގުމިނަށް ޖަޕާނުގައި ހިންގި ކޯހެއްގައި އަޅުގަނޑު ބައިވެރިވީމެވެ. ބައެއް އަދަބީ މަރުކަޒުތަކުން ތިން މަސްދުވަސް ވަންދެން ފޮތް ލިޔުމާ ބެހޭ ކޯސްތައް ހިންގައެވެ. މިއީ ޚާއްޞަ ދާއިރާއެކެވެ. ފަންނީ ކަންތައްތަކެއް ހިމެނޭ މަސައްކަތެކެވެ.