womanwithburuga

ޢިރާޤުގައި އުޅުނު ޔޫނުސް ކިޔާ މީހަކު އޭނާގެ މުޅި ދިރިއުޅުން ތަޤްދީރަށް ދޫކޮށްލަން ޤަޞްދު ކޮށްފިއެވެ. އަދި އިންސާނާއަށް ރޯދި މިންވަރު ކުރާ ގޮތާއި ސަބަބު ހޯދައިގަތުމަށް ޢަޒުމް ކަނޑައަޅައިފިއެވެ. އޭނާ ހިތާހިތާ ބުންޏެވެ، ”އަހަރެންނަކީ އިންސާނެކެވެ. އެހެން ކަމުން ދުނިޔެއިން އަހަރެންނަށް ލިބެންވާ ރޯދި ކޮންމެ ދުވަހަކުވެސް އަހަރެންނަށް ލިބެއެވެ. މި ރޯދި ލިބެނީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. މިކަމުގައި އެހެން މީހުންގެ ކޮންމެވެސް ބައިވެރިވުމެއް ވެއެވެ. ނަމަވެސް ރޯދި ހޯދަން ޙަޤީޤީ މަސައްކަތް ކުރާމީހާއަކީ އަހަރެންނެވެ. މިކަމާ ބޮޑަށް ވިސްނުމުން، އިންސާނާއަށް ހުރިހާ ރޯއްޖެއް އަންނަ ވަސީލަތް އަހަރެންނަށް ހޯދިދާނެއެވެ. މި ރޯދި އަންނަނީ ކިހިނެތްކަމާއި ކީއްވެގެންކަން ވިސްނައި ގަނެވިދާނެއެވެ.

       ”އެހެންކަމުން އަހަރެން ޚިޔާރު ކުރާނީ ’ދީނީ‘ ގޮތެވެ. ދީނުގައި ބުނެފައި އޮންނަނީ މާތް ރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކުރުމަށެވެ. މިދުނިޔޭގެ ވަސީލަތްތަކަށް ރޯދި ހޯދުމަށް ބަރޯސާ ކުރުމުގެ ބަދަލުގައި މާތް ރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރާނީއެވެ. ސަލާމް ޖަހާ މީހާ އޭނާގެ ޙަޔާތް އޮންނަނީ މެދުވެރިވާ މީހާއަށް ދޫ ކުރެވިފައެވެ. ދީލަތި މީހުން އެމީހުންނަށް ދަސްކޮށްދެވިފައިވާ ގޮތުގެ މަތިން ފަޤީރުންނަށް އެހީތެރިކަން ފޯރު ކޮށްދެނީއެވެ. މިފަދަ ކޮންމެވެސް އެހެން ވަސީލަތެއް، ވާސިޠާއެއް މެދުވެރި ނުކޮށް ލިބޭ ރޯއްޖަށް އަހަރެން އިންތިޒާރު ކުރާނީއެވެ.“

       މިހެން ހިތަށް އަރާ ޔޫނުސް ރަށުގެ ރަށް ބޭރަށް ނުކުމެ ފުރާތު ކޯރުގެ ކިނާރާގައި އިށީދެއްޖެއެވެ. މަދަރުސާގައި ކިޔަވައިދޭން އުޅުނު އިރު ބެލެނިވެރިން ދައްކާފީއަށް ބަރޯސާ ކޮށްގެން އުޅުނު އިރުގެ ބަދަލުގައި، ޔޫނުސް ގަސްދުކުރީ ނުފެންނެ ފަރާތަށް ކިޔަމަންވުމަށެވެ. މިހެން ހީކޮށް މާތްރަސްކަލާނގެ އޯގާވަންތަކަމަށް ހިތް ރަނގަޅުކޮށް ނިދަން އޮށޯވެއްޖެއެވެ. ޔޫނުސަށް ފަތިހު ހޭލެވުނީ ދޫނި ގޮވާ އަޑަށެވެ. މީނާގެ ނާސްތާގެ އިންތިޒާރުގައި އޮށޯވެގެން އެތައް އިރެއް ވަންދެން އޮވެފިއެވެ. މާބޮޑަށް ބަނޑުފައި ގަންނަން ފެށުމުން ކަންބޮޑުވާ ގޮތް ވެއްޖެއެވެ. ޔޫނުސަށް ދުވަހަކުވެސް މިފަދަ ގޮތަކަށް ކަމެއް ނުކޮށް، ވަސީލަތެއް މެދުވެރިނުކޮށް، ރޯދި ލިބިފައެވެ ނެތެވެ. ނަމަވެސް ﷲ ގެ ދީލަތިވަންތަ ކަމަށް އޮންނަ އިތުބާރެއްގެ ސަބަބުން މީނާ ޤަޞްދުކުރީ ކިތަންމެ ބަނޑުފައި ވިއަސް މަޑުކުރާށެވެ.

600px-Yellow_Bank_River       ޔޫނުސް ވަގުތު ހޭދަކުރަމުން ދިޔައީ ވަށައިގެންވާ ޤުދުރަތްތެރިކަމާ މެދު ވިސްނުމަށާއި ކޯރުގެ ތެރޭގައި އުޅޭ މަސް ބެލުމަށާއި ނަމާދު ކުރުމުގައެވެ. ގޮނޑު ދޮށުގައި ހުއްޓައި ކިތަންމެ ދޯންޏެއް ލަފާ ފުރައިފިއެވެ. ބައެއް މީހުން މީނާގެ އަޅުވެރިކަމާ މެދު ވިސްނާ ސަލާމްޤަލާމް ކޮށް އުޅެއެވެ. އަނެއްބައި މީހުން ހޭޅީގައިވާ ގަސްތަކުގެ ހިޔަލުގައި ޖައްސާލައިގެން ތިބެ ކައިބޮއި ހަދަތެވެ. މިކަންކަން ފެނުމުން ޔޫނުސްގެ ކުޅު ދިޔާވުން ނޫން އެހެން ކަމެއް ނުވެއެވެ.

       ”މިއީ އިމްތިޙާނެކެވެ. ވަރަށް އަވަހަށް ރޯދި ލިބިދާނެއެވެ.“ ޔޫނުސް ހިތަށް އެރިއެވެ. މިހެން ހީކޮށް އިޝާނަމާދު ކޮށް ގެންގުޅޭ ރަޖާގަނޑު ލައިގެން ތަސްބީހަ ކިޔުމުގައި ވަގުތު ހޭދަކުރަމުން ގެންދެއެވެ. ފުރާތު ކޯރުގެ އައްސޭރީގައި އިންދާ ދެވަނަ ދުވަހަށް ފަތިސް ވެއްޖެއެވެ. އިރު ކައިވަތެއްހާ ތަނަށް އެރިތަނާ ކޯރުގެ ތެރެއިން ކޮންމެވެސް އެއްޗެއް އޮޔާ ގޮނޑު ދޮށަށް ލައްގާތައް ފެނިއްޖެއެވެ. މީނާ ތަބިކަށްޓަށް ފެނަށް އެރި އެ ނެގިއިރު އެއީ ފަން ވަށައިގެން އޮޅާ، ހިމަ ރޯނުން އައްސާފައިވާ ކުޑަކުޑަ ބޮޚުސާ (ޕާރުސަލް) އެކެވެ.

       ބޮޚުސާގެ ބަރުދަނުގައި ބައިކިލޯ ހުއްޓެވެ. ބަދެފައިވާ ރޯނުކޮޅު ނިއުޅުވާލުމުން ޔޫނުސްގެ ނޭފަތުގައި ޖެހުނީ ވަރަށް މީރު ކާއެއްޗެއްގެ ވަހެވެ. މީނާ ހިތަށް އެރިއެވެ. މިވާނީ ބަޣްދާދުގެ ހަލުވާ އަށެވެ. ހަލުވާ ހަދާފައިވަނީ މާކަނަމަދު މުގުރައި ކިރާއި އެއްކޮށް، ފިިނިފެނާއި މާމުއި އަޅާ އަދި ޕިސްތާއާއި އެހެން އެތަށް މީރުވައްތަރު ތަކުގެ މަދުތައް އަޅައިގެންނެވެ. އެއީ މުޅި ސަރަޙައްދަށް އޭގެ މަޝްހރުކަން ފެތުރިފައިވާ އެއްޗެކެވެ. ރަސްރަސްކަލުންގެ އަނބިކަނބަލުން އެ ކޭން ބައްލަވަތެވެ. ރަހައަށްޓަކައެވެ. ލަޝްކަރު ތަކުގެ އިސް މީހުން އެ ހަނގުރާމައަށް ގެންދެއެވެ. އެއީ އެ ކެއުމުން ބުންވަރު ޖެހޭތީއެވެ. މި ހަލުވާއަކީ ސަތޭކަ ވަށްތަރުގެ ބަލިމަޑުކަމަށް ބޭހެކެވެ.

       ”އަހަރެން ހީކުޅަ ގޮތުގެ ހެކި އަތުގައި މިއޮތީއެވެ.“ ޔޫނުސަށް ބޭ އީޚްތިޔާރުގައި ބުނެވުނެވެ. ”މިހާރު ތަޖުރިބާ ކުރަންވީ ކަމަކީ، ކޮންމެ ދުވަހަކު މި ހަލުވާ އަހަރެންނަށް ކޯރުގެ ތެރެއިން ލިބޭތޯއެވެ. ދެން އެއަށް ފަހު، މި އަންނަތަނެއް ހޯދަނިކޮށް މި ރޯދީގެ ސިއްރު ހޯދުނީއެވެ!“

       ކަން ދިމާކުރި ގޮތުން، ޖެހިގެން އައި ތިން ދުވަހު ވެސް ހަމަ ގާތްގަނޑަކަށް އެއް ވަގުތެއްގައި، ’ހަލުވާ‘ ބޮޚުސާ އޮޔާ އައިސް ޔޫނުސްގެ އަތަށް އަރައެވެ.

       މީނާ ހިތަށް އެރިއެވެ. ”މިއީ ހޯދުންތަކުގެ ފެށުމެވެ. މާހައުލު ސާދާ ކޮށްލިއަސް ޤުދްރަތުގެ ރޭވުން އެއްގޮތަކަށް މަސައްކަތް ކުރާނެއެވެ.“ މިވީ އޭނާ އެހެން މީހުންނަށް، މުޅި ދުނިޔެއަށް ކިޔައިދޭން ބޭނުންވީ ވާހަކައަކަށެވެ. ބުނޭ ނޫން ހެއްޔެވެ؟ ތިބާއަށް އެނގޭނަމަ އުނގަންނައިދޭށެވެ.” ޔޫނުސަށް ދެން ވިސްނުނީ އަދި އޭނާއަށް އޮޅުން ނުފިލާކަމެވެ. އެނާއަށް ނޭނގޭ ކަމެވެ. އޭނާއަށް ކުރެވުނު ކަމީ ހަމައެކަނި ތަޖުރިބާއެއް ކަމެވެ. ދެން ކުރަން އޮތް ކަމަކީ، ހަލުވާ އަންނަ ގޮތުގެ ސިއްރު ހޯދުމަށްޓަކައި ފުރާތު ކޯރުގެ އައްސޭރި ފަށުން އޮއި އަންނަ ކޮޅަށް ދަތުރު ކުރުމެވެ. އޭރުން އޭނާއަށް އެނގޭނީ ހަމައެކަނި، ހަލުވާ އަންނަ ގޮތް އެކަންޏެއް ނޫނެވެ. ހަލުވާގެ ފެށުމެވެ. އޭނާއަަށް އެ އިރާދަ ކުރައްވާ ގޮތުގެ އަޞްލެވެ.

       ޔޫނުސް ކޯރުގެ އަށްސޭރި ފަށުން އެތަށް ދުވަހަކު ދަތުރު ކުރިއެވެ. ކޮންމެ ދުވަހަކުވެސް ދަތުރުގެ ރާސްތާގެ ނިސްބަތުން ތަންކޮޅެއް ކުރިން ހަލުވާ އޭނާއަށް އޮޔާ އަންނަތަން ފެނެއެެވެ. ކޮންމެ ދުވަހަކުވެސް އެ ނަގާ އޭނާ އެ ކައެވެ.

       ހައެއްކަ ދުވަހުގެ ދަތުރަށް ފަހު، ޔޫނުސަށް ފާހަގަ ކުރެވުނީ ކޯރުގެ ކުރިއަށް ދިޔަވަރަކަށް ކޯރު ހަނިވުމުގެ ބަދަލުގައި އެ ފުޅާ ވާކަމެވެ. ކޯރަކީ ފަރުބަދަތަކުން އޮހޭ ފެނުން އުފެދި ކަނޑަށް ދަތުރު ކުރާ ފެންގަނޑެކެވެ. ފަރުބަދައަށްވީ ކޮޅުގައި ފެނުގެ އޮއި ގަދަވެފައި ކޯރު ހަނިވާނެއެވެ. ކަނޑަށް ފެންގަނޑު ފައިބާ ހިސާބު ފުޅާވެފައި އޮއި ދަށްވާނެއެވެ. ނަމަވެސް ފުރާތު ކޯރުގެ ދެފަރާތުގެ އައްސޭރި ފުޅާވާކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ތަން ކޮޅަކަށް ދަތުރު ކުރިތަނާ އޭނާއަށް ފެންނަން ފެށީ ކޯރުގެ މެދުގައި ކުޑަކުޑަ ރަށެއް ވާކަމެވެ. ރަށުގެ މެދުގައި ރީތި ކިއްލާއެއް ބިނާކޮށްފައި ވެއެވެ. ޔޫނުސް ހިތަށް އެރިއެވެ. “ސުވަރުގޭގެ ކާނާގެ ފެށުން މިވަނީ މި ކިއްލާ ގައެވެ.“

       ދެން ކަންކުރާނެ ގޮތަކާމެދު ވިސްނަން ހުއްޓައި  އިސްކޮޅުން ދިގު، ހުދު ހެދުމެއްގައި ހުރި މީހަކު އޭނާއަށް ފެނިއްޖެއެވެ. އެއީ މޫނުމަތި ސާފު، ޒާހިދު (ދުނިޔޭގެ އެދުން ކުޑަ) ވައްތަރުގެ މީހެކެވެ.

       ”އައްސަލާމް ޢަލައިކުމް، ބޭބޭ!“ ޔޫނުސް ގޮވާލިއެވެ.

       ސަލާމަށް އިޖާބަ ދީފައި ޔޫނުސް ކައިރީގައި އޭނާ އެހިއެވެ. ”ތިކުރާ ދަތުރުގެ ބޭނުމަކީ ކޮބައި؟“

       ”މިއީ އިތުރުވެގެންވާ ދަތުރެކެވެ. މިދަތުރުގައި އެހެރަ ކިއްލާއަށް އަހަރެން ދާންޖެހޭނެއެވެ. މިކަން ކުރެވޭނޭ ގޮތުގެ ލަފައެއް ދެވިދާނެހެއްޔެވެ؟“ ޔޫނުސް އެއްސެވެ.

       ”ކިއްލާއަށް ދިއުމަށް ޝައުޤުވެރިކަން ހުއްޓަސް، އެއާ ބެހޭ އެއްވެސް މަޢުލޫމާތެއް ނެތަތީވެ އެތަނުގެ ވާހަކަ އަހަރެން ކިޔައިދޭނަން.

       ”އެތަނުގައި ދިރިއުޅެނީ ރަސްކަލެއްގެ ދަރި ކަނބަލެއް. އޭނާވަނީ އެ ކިއްލާގައި ގައިދު ކުރެވި ހައްޔަރު ކުރެވިފައި. އޭނާއަށް ޚިދުމަތް ކުޅައުމުގައި ރީތިވެގެންވާ ގަހުރަމާނުން ތިބޭ. އެކަމަނާ އަތުލައިގަން މީހާ އާއި އެކަމަނާ އިންނަން ބޭނުން ނުވާތީ، އެމީހާވަނީ އެކިއްލާ ވަށައިގެން ނުފެންނަ އެތައ ހުރަހެއްލާފައި. ކަލެއަށް ޖެހޭނީ ކިއްލާއަށް ވަނުމަށް ނުފެންނަ ހުރަސްތައް ގިރާކުރަން.“

       ”މިކަމުގައި އަހަރެންނަށް އެއްވެސް އެހީއެއް ވެވިދާނެތަ!“

       ”އަހަރެން މިދަނީ ދިގު ދަތުރަކު. ނަމަވެސް އެ ކިއްލާ ވަށައިގެން ފޯރިމަރާ ޖިންނިތަކުގެ މައްޗަށް ބާރުފޯރާ ’އިސްމުތައް‘ އަހުރެން ކިޔައިދޭނަން.“ މިހެން ބުނެ މާނަނޭނގޭ ކަލިމަތަކެއް މި ޒާހިދު، ޞާލިޙު މީހާ ޔޫނުސަށް ކިޔައި ދިނުމަށްފަހު، އެމީހާގެ ޢުމުރާ ހަމަހަމަ ނުވާހާ ބާރުމިނެއްގައި ހިނގާ ގޮސް އޮބާލައިފިއެވެ.

       ޔޫނުސް ހަދާނެ ގޮތަކާމެދު ވިސްނަން އިސްމުތައް ކިޔަކިޔާ އިނެވެ. އޭނާ ބޭނުންވަނީ ހަލުވާ ކޯރަށް އަންނަ ގޮތެއް ހޯދުމަށެވެ. މިހެން އިންނަތާ އެތައް އިރެއްވެއްޖެއެވެ. އިރުއޮއްސެން ކައިރިވީ ތަނާ އޭނާއަށް ވަރަށް އާދަޔާ ޚިލާފު މަންޒަރެއް ފެނިއްޖެއެވެ. އެއީ ހުޅަނގު ފަރާތު ކުޑަދޮރެއްގެ ކައިރިއަށް ވަރަށް ވިދާ ހެދުމެއް ތުރު ކުރައްވައިގެން ހުންނެވި، އާލަޔާ ޚިލާފު ރީތި އަންހެން ކަމަނާއެއް ނުކުންނެވި ތަނެވެ. މިކުއްޖާ ރީތިކަމުން ހަނދުވެސް ލަދުގަންނަހާ ވަރުވާނެއެވެ. އެކަމަނާ އޮއްސެން ދިޔަ އިރަށް އިރުކޮޅެއް ވަންދެން ބަލަހައްޓަވައިގެން ހުންނަވާ، ކިއްލާގެ ފާރަށް ތިރިން ޖަހަމުންދާ ކުދި ރާޅުތަކުގެ ތެރެއަށް ބޮޚުސާއެއް ވައްޓަަވާ ލައްވައިފިއެވެ.

       ޔޫނުސަށް ރޮއި ނުގަނެވުނީ ކިރިޔާއެވެ. ”ސުވަރުގޭގެ ކާނާ، ހަލުވާގެ ފެށުން މިއޮތް ފެންނަނީތާ އެވެ.“ އޭނާގެ ހިތަށް އެރިއެވެ. ”މިހާރު އަހަރެންވަނީ ޙަޤީޤަތާ ވަރަށް ކައިރީގައެވެ. އިރުކޮޅަކުން މި ކިއްލާ ބަލަހައްޓާ ޖިންނި އަންނާނެއެވެ. އަދި އަހުރެންނަށް އެކަމަނާގެ އަރިއަހަށް، ޙަޤީޤަތަށް ވާޞިލު ވެވޭނެއެވެ.“

       ޒާހިދުމީހާ ކިޔައިދިން އިސްމުތައް ކިޔަކިޔާ އިންދާ ޔޫނުސަށް މައްޗަށް އުފުލޭހެން ހީވާން ފަށައިފިއެވެ. ކިނާރާގައިވާ ގަސްތަކުގެ މަތިން ކޮންމެވެސް ބާރެއް އޭނާ ގެންދާ ކަހަލައެވެ. ވަށައިގެންވަނީ އަޖާއިބު ކުރުވަނިވި ރީތިކަމެކެވެ. ޔޫނުސަށް ވާނުވާ އެނގުނުއިރު ހުރެވުނީ ރީތި ގަނޑުވަރެއްގެ ތެރޭގައެވެ. ކުރިމަތީގައި ތަޚުތެއްފަދަ ގޮނޑިއެއްގައި އިންސާނެއްގެ ސިފަ ޖަހާ، ނަމަވެސް އިންސާނެއް ނޫން މަޚުލޫޤެއް އިނެވެ. އޭގެ މޫނުމަތީގަައި މުސްކުޅި ކަމެއްނެތެވެ. ޙިކްމަތްތެރި ކަން ފާޅުވެއެވެ. އޭތި ބުނެފިއެވެ. ”އަހަރެންނަކީ ޖިންނީންގެ ވެރިމީހާއެވެ. ޒާހިދު މީހާ ބުނެދިން އިސްމުތައް ކިޔާތީ އަހަރެން ކަލޭ މިތަނަށް ގެނައީއެވެ. ބުނާށެވެ. ކޮށްދެންވީ ކޮން ކަމެއް ހެއްޔެވެ؟“

       ”މާތްވެގެންވާ ޖިންނީންގެ ވެރިޔާއެވެ. އަހުރެންނަކީ ދުނިޔޭގެ އެދުންތައް ދޫކޮށް، ޙަޤީޤަތް ހޯދުމަށް ދަތުރުކުރާ މުސާފިރަކީމެވެ. އަހުރެންގެ ދަތުރުގެ މުރާދު ޙާޞީލް ވާނީ މިތަނަށް ގެނެވުނު އިރު އަހަރެން އެ ކިއްލާއެއްގެ ކައިރީގައި ހުރި ކިއްލާ އަށް ވަދެވިގެންނެވެ. އަހަރެންގެ އެދުމަކީ އެކިއްލާއަށް ވަދެވި ޤައިދު ކުރެވިފައިވާ ކަމަނާއާ ވާހަކަ ދެއްކުމެވެ.“

       ”ތިކަން ކޮށްދޭނަމެވެ. އެކަމަކު ހަނދާން ކުރާށެވެ. އިންސާނެއްގެ ސުވާލަކަށް ޖަވާބު ލިބޭނީ އޭނާއަށް އެ ޖަވާބެއް ދޭހަވުމުގެ ތަޢުލީމާ ތަރުބިއްޔަތު ލިބިފައިވާ މިންވަރެއްގެ މައްޗަށެވެ.“

       ”ޙަޤީޤަތް ވާނީ ޙަޤީޤަތަށް“ ޔޫނުސް ދެންނެވިއެވެ. ”ޙަޤީޤަތް ކޮންމެ ފަދަ ވިއަސް އަހުރެން އެ އޮޅުންފިލުވަން ބޭނުމެވެ. މިއީ އަހަރެންގެ އެދުމެވެ.“

328789-thousand-islands

ޔޫނުސް މިހެން ދެންނެވުމުން، ބާވަތެއްގެ ލޯގަނޑެއް ޔޫނުސަށް ދެއްވާފައި، ޚާދިމް ޖިންނީންނާއެކު ގެނެވުނު އިރު ހުރިތަނަށް، ޔޫނުސް ފޮނުއްވައިފި އެވެ. ލޯގަނޑު ކިއްލާއާ ދިމާލަށް ދިއްކޮށްލުމުން، ކިއްލާ ވަށައިގެން ފޯރިމަރާ އިފުރީތުތަކެއް ޔޫނުސަށް ފެނެއެވެ. އިފުރީތުތަކުގެ އަގައިން ނިކުންނަނީ ހުސް އަލިފާނެވެ. ހަމަ ލޮލުން ބެލުމުން އެއެއް ނުފެނެއެވެ. އިފުރީތު ތަކާއި ކައިރިވާ ކޮންމެ އެއްޗެއް އޭގެ އަގައިން ނުކުންނަ އަލިފާނުން އަންދާލައެވެ. ޔޫނުސާއެކު އައި ޖިންނިތައް މި އިފުރީތުތައް އެއްކިބާ ކޮށް މަގެއް ހަދައިފިއެވެ. ލޯގަނޑުން ޔޫނުސަށް ދެން ފެންނަނީ މުޅި ކިއްލާ ވަށައިގެން ވަރުގަދަ ދަލެއް ލެވިގެން ވަނިކޮށެވެ. ޚާދިމު ޖިންނިތައް މި ދައުވެސް ކޮށާލައިފިއެވެ. ދެން ޔޫނުސަށް ފެނުނީ ކޯރުގެ އައްސޭރިއާއި ކިއްލާއާއި ދެމެދު ބޮޑެތި ހިލަތަކުގެ ފާރެއް ވާތަނެވެ. ޖިންނިތައް މިހިލަތައް ވެސް އެއްކާރިކޮށް ޔޫނުސަށް ސަލާމް ކޮށްފައި ގެއްލިއްޖެއެވެ.

       ޔޫނުސަށް ދެން ފެނުނީ ކޯރުގެ ކިނާރާއާއި ކިއްލާއާއި ދެމެދު ފާލަމެއް އަމިއްލައަށް ކޯރުގެ އަޑިން އަރައި ފެންމަތިވީ ތަނެވެ. ފާލަމުގައި ހިނގާލާފައި ގޮސް ކިއްލާގެ ދޮރޯއްޓާ ކައިރި ވެއްޖެއެވެ. ދޮރޯށި ކައިރީގައި ފޯރިމަރާ ފަހުލަވާނަކު ހުއްޓެވެ. މީނާ ރަސް ދަރިކަނބަލުންގެ އަރިއަހަށް ޔޫނުސް ގެންގޮސްފިއެވެ. އެކަމަނާގެ ރީތިކަން، އޮއްސެން ދިޔަ އިރުގެ އަލިކަމުގައި ފެނުނު އިރަށްވުރެ އެތައް ހާސްބައެއް ފުރިހަމައެވެ.

       ”މި ކިއްލާގެ ވަށައިގެންވާ ދިފާޢުތައް ހަލާކު ކޮށްލުމުގައި ތިޔަ ވެދިން އެހީއަށްޓަކައި އަހުރެން ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ،“ އެކަމަނާ ވިދާޅުވިއެވެ. ”އަހުރެންނަށް ދެން ބައްޕަގެ އަރިއަހަށް ދެވިދާނެއެވެ. އެކަމަކު ތިޔަ ކޮށްދިން ހެޔޮކަމުގެ ބަދަލު ދިނުމަކީ އަހުރެންގެ ފުރަތަމަ ވާޖިބެވެ. ބުނާށެވެ. ކިޔައިދޭށެވެ. އެކަމެއް އަހުރެން ކޮށްދޭނަމެވެ.“

      ”ދެވަރެއް ނެތް ރަންމުތާއެވެ! އަޅުގަނޑު ބޭނުންވަނީ އެންމެ އެއްޗެކެވެ. އެއީ ޙަޤީޤަތެވެ. އެއެނގޭ ކޮންމެ މީހަކު، އަނެކާއަށް ކިޔައިދިނުން ވާޖިބުވާ ފަދައިން، ކަމަނާ އަޅުގަނޑަށް ޙަޤީޤަތް އޮޅުން ފިލުވައިދޭށެވެ. އަޅުގަނޑުގެ އޮތް ހަމައެކަނި ބޭނުމަކީ އެއީއެވެ.“

       ”އަހާށެވެ. ކިޔައިދޭނަމެވެ. ޙަޤީޤަތަކީ ކަލޭގެ އެއްޗެކެވެ.“

       ”ވަރަށް އުފާކުރަމެވެ. މާތް ސާހިބާއެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި، ސުވަރުގޭގެ ކާނާ، ބަޣްދާދުގެ މޮޅު ހަލުވާ އަޅުގަނޑަށްޓަކައި ކަމަނާ ކޯރަށް ވައްޓާލެއްވުމަށް އެންގެވީ ކޮންފަރާތަކުން ތޯއެވެ؟ އެއީ ކީއްވެގެން ކުރައްވާ ކަމެއްތޯއެވެ؟“

       ”ޔޫނުސްއެވެ،“ އެކަމަނާ ވިދާޅުވިއެވެ. ”ކަލޭ ތިބުނާ ހަލުވާ، އަހަރެން ކޮންމެ ދުވަހަކު ކޯރަށް ވައްޓާލާ ބޮޚުސާ އަކީ، ހިމާރުގެ ކިރުއެޅި ބިލިގާއެއްގައި އިނދެ ހަވީރު ފެންވަރައިގެން، މޫނު އޮމާންކޮށް އޮށާޅަ އެޅިޔަ ނުދިނުމަށް އަޅާ ބޭސް ގަނޑެވެ. އެދުވަހެއްގެ ބޭސްގަނޑު ބައިދަން ވަންދެން ބަހައްޓާފައި، ނައްޓާލުމަށްފަހު، ކޯރަށް ވަށްޓާލަނީއެވެ.“

       ”އަޅުގަނޑަށް މިހާރު ދަސްވެއްޖެއެވެ،“ ޔޫނުސް ދެންނެވިއެވެ. ”މީހަކަށް އެއްޗެއް އޮޅުން ފިލާނީ އެމީހަކަށް އެކަމެއް ދެނެގަތުމުގެ ޤާބިލިއްޔަތު އޮތް މިންވަރެއްގެ މައްޗަށެވެ. ކަމަނާގެ މޫނުފުޅުގައި ޖައްސަވާފައި، ކޮންމެ ދުވަހަކު ކުންޏަށް އެއްލާލައްވާ ބޭސްގަނޑު އަޅުގަނޑަށްވީ ’ސުވަރުގޭގެ ކާނާ‘ އަށެވެ.“

* * * * * *

މިވާހަކަ ލިޔުއްވާފައިވާނީ ޙަލްޤަވީ ކިޔާ ބޭފުޅެކެވެ. ވާހަކައިގެ ޢިބުރަތް ކިޔާ ކޮންމެ މީހަކަށް ލިބޭނޭ ކަމަށް އޭނާ ވިދާޅުވެއެވެ.

އެމީހެއްގެ ޤާބިލިއްޔަތު ހުރި މިންވަރަކަށެވެ.