Wordareraining

ލަފުޒަކީ ނުވަތަ ބަހަކީ، މާނައެއް ދޭހަވާ، އެންމެ އަޑަކުން ނުވަތަ އަޑުތަކަކުން ބުނެވޭ އެންމެ ކުރު ބުނުމެވެ. އިނގިރޭސި ބަހުން ލަފުޒަށް ކިޔަނީ ”ވާރޑް“ އެވެ. ދިވެހި ބަހުގައި ”ބަސް“ ލަފުޒަށް ބޭނުން ކުރި ކަމުގައި ވިއަސް އަދި އެހެން މާނައެއްގައި ވެސް ބަސް ބޭނުން ކުރެއެވެ. މީހުން މުޢާމަލާތް ކުރަން ނުވަތަ ހިތުގައި އުފެދޭ ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރަން ގެންގުޅޭ ލަފުޒުތަކާއި އެ ލަފުޒުތައް އެކުލަވާލާ ހަމަތަކަށް ވެސް ބަސް ކިޔައެވެ. އަރައްބާއި އުރުދޫ އަކީ ބަހެވެ. ނުވަތަ ލޭންގްވިޖް އެވެ. މި ދެމާނައަށް ބަހުން ޢިޝާރާތް ކުރާތީ، ފަހަކަށް އައިސް މަތީ ފެންވަރުގެ ތަޢުލީމުގައި ވަކިވަކި އަޑުތައް ހިމެނޭ، މާނައެއް ދޭހަވާ އެންމެ ކުރު ބުނުމަށް ބޭނުންކުރަނީ ”ލަފުޒު“ އެވެ.

”ނިޔާ“ އަކީ ލަފުޒެކެވެ. މި ލަފުޒުގައި ހިމެނެނީ ދެ އަޑެވެ. ނި އާއި ޔާ އެވެ. ނިޔާ އޭ ބުނުމުން އަހުރެމެންނަށް މާނައެއް ދޭހަ ވެއެވެ. މި ދެ އަޑު ވަކިން އޮތުމުން އޭގެ މާނައެއް ދޭހައެއް ނުވެއެވެ. ”ނި“ އަކީ ލަފުޒެއް ނޫނެވެ. ހަމަ އެފަދައިން ”ޔާ“ އަކީ ވެސް ލަފުޒެއް ނޫނެވެ. އެއީ ދެ އަޑެވެ. ނަމަވެސް މި ދެއަޑު އެހެން ލަފުޒަކާ ގުޅުމުން ފުރިހަމަ މާނައެއް ދޭހަވެއެވެ. އައްޑޫ  ބަހުރުވައިގެ ބައެއް ލަފުޒުތައް ނަފީކުރަން ބޭނުންކުރަނީ ”ނި“ އެވެ. ”ޔާ“ ބޭނުންކުރަނީ ނަމަ ވުމަށެވެ. ނަމަވެސް މި އަޑުތައް ނުވަތަ އަކުރުތައް ވަކިންލިޔުމުން ފުރިހަމަ މާނައެއް ދޭހައެއް ނުވެއެވެ.

”ނިޔާ“، މި ލަފުޒަށް ”އަ“ އިތުރު ކުރުމުން އުފެދޭ ”އަނިޔާ“ ވެސް ވަނީ ލަފުޒަކަށެވެ. އަނިޔާ ގެ މާނައަކީ ނިޔާ ނެތުމެވެ. ހަމަ ނެތުމެވެ. މި ލަފުޒުގެ އަނެއް މާނައަކީ ހާނީއްކަ އެވެ.  ”އަ“ އަށް ކިޔާނީ ކޮން ނަމެއްތޯއެވެ؟ ބައެއް ލަފުޒުތަކުގެ ކުރިއަށް ”އަ“ ހިމެނުމުން އެ ލަފުޒުގެ މާނަ އަނެއް ފަރާތަށް ފުރޮޅެއެވެ. އިދި މާނަ ނުކުމެއެވެ. ނަފީ ކުރެއެވެ. މިސާލެއްގެ ގޮތުން، ބާއްޖަވެރި އަކީ ލަފުޒެކެވެ. އަބާއްޖަވެރި އަކީ ވެސް ލަފުޒެކެވެ. އަބާއްޖަވެރީގެ މާނައަކީ ބާއްޖަވެރިނޫން އެވެ. ”އަ“ ފަދަ މާނައެއް ހިމެނޭ ކުރު ނުކުރެވޭ އަޑުތަކަށް ކިޔަނީ މަރުފީމެވެ. އިނގިރޭސި ބަހުންނަމަ މޯފީމެވެ. ދިވެހި ބަހުގެ މަރުފީމުތަކުގެ ތެރޭގައި ކުރިން ބަޔާން ކުރެވުނު އަކުރުތައްކަމުގައިވާ  ”ނި“ އާއި ”ޔާ“  ގެ އިތުރަށް ”ތައް“ ހިމެނެއެވެ. މިސާލެއްގެ ގޮތުން ވަކަރުތައް އެއީ ލަފުޒެކެވެ. މި ލަފުޒުގައި ”ތައް“،  ”ވަކަރު“ގެ އަޑުތަކާ އެއްކޮށްލުމުން އައު މާނައެއް ދޭހަވެއެވެ. ”ތައް“ އަކީ ދިވެހިބަހުގައި އެއްޗެއް ގިނަކަމަށް އިޝާރާތްކުރާ މަރުފީމެކެވެ. ”ތައް“ ވަކިން އޮތުމުން އޭގެ މާނަ އެއް ނޭނގެއެވެ. އެނގެނީ އެހެން ލަފުޒަކާ ގުޅުމުން އެ އެއްޗެއް ގިނަ ކަމަށް އިޝާރާތް ކުރާނޭ ކަމެވެ. އެހެން ދިވެހި މަރުފީމުތަކުގެ ތެރޭގައި ”ނަ“، ”ނާ“، ”ނޭ“ ފަދަ ނަފީގެ އަޑުތައް ހިމެނެއެވެ. އެންގާނި އާއި ނުއެންގާނި ގެ މާނައަށް ވިސްނަވާ ލައްވާށެވެ. މަރުފީމު ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ ލަފުޒާ ވަކިން ލިޔެވިދާނެ ”މިނިވަން“ މަރުފީމާއި ލަފުޒަކާ ނުގުޅުވާ ނުލިޔެވޭ ނުވަތަ ނުބުނެވޭ (ލަފުޒަކާ ”ބަދެވޭ“) މަރުފީމެވެ. މަރުފޫމުތަކާ ބެހޭ ޢިލްމަށް ކިޔަނީ މޯރފޮލޮޖީއެވެ.

ވަކިވަކި ލަފުޒު ދެނެގަތުން

މީހުން ވާހަކަ ދައްކަނީ ލަފުޒުތައް އަމުނައިގެންނެވެ. ނުދަންނަ ބަހަކުން ވާހަކަ ދައްކާ އަޑު އަހާފައި، އިވޭ އަޑުތަކުން ވަކިވަކި ލަފުޒުތައް ފާހަގަކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވާހަކަ ދައްކާ މީހާ މަޑުކުރާ ތަންތަނުން ލަފުޒު ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވޭނެއެވެ. ނަމަވެސް، ވާހަކަ ދައްކާއިރު ލަފުޒުތަކުގެ މެދުން ވެސް މީހުން ހުއްޓުން އަރުވައެވެ. ވަކި ލަފުޒު ފާހަގަ ކުރުމަށްޓަކައި، ޖުމުލައަކަށް އިތުރު ލަފުޒުތައް ހިމަނައިގެން އެ ޖުމުލަ ބުނުމަށް އެދެވިދާނެއެވެ. ޖުމުލައެއްގެ ތެރެއަށް ލަފުޒެއް ގިނަ ފަހަރު އިތުރު ކުރަނީ ލަފުޒެއް ނިމޭތަނަށެވެ. ނަމަވެސް މިއީ ވެސް ހުރިހާ ބަހަކު މިކަން ވާގޮތެއް ނޫނެވެ. އެހެންކަމުން ވާހަކަ ދެއްކުމަކުން ލަފުޒުތައް ވަކިވަކިން ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. ލިއުމުން ވަކިވަކި ލަފުޒު ދެނެގަނެވިދާނެ ހެއްޔެވެ؟

ދުނިޔޭގެ ގިނަ ބަސްތަކަކީ ލިޔުންކިޔުން އޮންނަ ބަސް ބަހެއް ނޫނެވެ. ޕަޕުއާ ނިއު ގިނީ ގައި 850 ބަސް ބޭނުން ކުރެއެވެ. ނަމަވެސް ލިޔުންކިޔުން ހިމެނޭ އެއްވެސް ބަހެއް ނެތެވެ. ކުރީގެ ލިޔުންތަކަށް ބަލާއިރު ފާހަގަ ކުރެވޭ ކަމަކީ އެ ލިޔުންތަކުގައި ލަފުޒުތައް ވަކިކޮށްފައި ނުހުންނަ ކަމެވެ. ބުނަން ބޭނުންވާ ވާހަކައެއް ބުނެފައި ހުންނަނީ އެއްވެސް ހުސްތަނެއް ދޫނުކޮށެވެ. މިފަދަ ލިއުންތަކުން އެނގެނީ ލަފުޒު މި ކޮންސެޕްޓް ނުވަތަ މަފްހޫމް އަކީ ޢާއްމު ޚިޔާލެއް ނޫނެވެ.

rashidstone.

ޢަރަބި ބަހާއި އެހެން ބަސްބަހުގެ އިހުޒަމާނުގެ ލިޔުންތަކުގައި ލަފުޒުތައް ވަކިކޮށްފައެއް ނުހުރެއެވެ. މަތީގައި އެވަނީ ހަޖަރު ރަޝީދު ކިޔާ ދެހާސް އަހަރަށް ވުރެ ގިނަ ދުވަސްވީ މިސުރުގެ ލިޔުމެކެވެ. އެ ލިޔުމުގައި ވެސް ލަފުޒުތައް ވަކިކޮށްފައެއް ނުވެއެވެ.  ވިއެޓްނާމު ބަހާއި ޖަޕާނު ބަސް ފަދަ ބަސްބަސް ލިޔާއިރު އަދިވެސް ލަފުޒު ވަކިކޮށެއް ނަހަދައެވެ. އެއީ ބޭނުން ކަމަކަށް އެ ލިޔާގޮތުން ނުވެއެވެ. ދިވެހިބަހުގައި މިކަން އޮތީ ކިހިނަކުންތޯއެވެ؟ ތާނައިން ލިޔެފައިހުރި އިހުގެ ފަތްކޮޅުތަކަށް ބަލާއިރު، ލަފުޒުތައް ވަކިކޮށްފައި ހުރިކަމަކަށް ނުފެނެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން 1900 ގެ އަހަރުތަކުގައި ލިޔެފައިވާ ދިވެހިބަހުގެ ތާރީޚް ފޮތެއްގެ ޞަފުހާއެއްގެ ފޮޓޯ ތިރީގައި އެވަނީއެވެ. ފުރަތަމަ ޤާނޫނު އަސާސީ ޗާޕުކޮށްގެން ނެރެފައިވަނީ 1932 ވަނަ އަހަރުއެވެ. އެ ޤާނޫނު އަސާސީގައި ވެސް ލަފުޒުތައް ވަކިކޮށްފައި ހުރިކަމަކަށް ނުބެލެވޭނެއެވެ.  އަޅުގަނޑަށް ވިސްނޭގޮތުގައި، ދިވެހިބަހުން ލިޔެފައިހުންނަ ލިޔުމުގައި ލަފުޒުތައް ވަކިކުރަން ފެށީ 1930 ގެ ފަހު އަހަރުތަކުގަ އެވެ. މުޙައްމަދު އަމީން ފަދަ އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅުންގެ ލިޔުންތަކުގެ އަސަރުންނެވެ. ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދެއް ތާނަ ޓައިޕްރައިޓަރު ތަޢާރުފު ކުރުމާ ގުޅިގެން ޝާއިޢުކުރިއެވެ. އެފަހުން ދިވެހިބަހާއި ބެހޭ އިދާރާއިން ދެ ފަހަރަކު، ތާނަ ލިޔާއިރު ލަފުޒުތައް ވަކިކުރުމާ ބެހޭ ގަވާއިދެއް ނެރެފައި ވެއެވެ. ނަމަވެސް މިއިން އެއްވެސް ގަވާއިދަކަށް އެއްވެސް ފަރާތަކުން ޢަމަލެއް ނުކުރެއެވެ. ޚުދު ގަވާއިދު ހަދާ ތަންތަނުން ނެރޭ ލިޔުންތައް ވެސް ހުރީ އެ ގަވާއިދަކަށް ނޫނެވެ. މިކަމުން ދޭހަވަނީ ތާނަ ލިއުމުގައި ލަފުޒުތައް ވަކިކުރުމަކީ، އިނގިރޭސި ބަސް ހާ ބޭނުންތެރި ކަމަކަށް ނުވާކަމެވެ. ޚުދު އިނގިރޭސި ބަހުގައި ވެސް، ލަފުޒެއްގެ ދެކޮޅުގައި ހުސް ޖާގަ އޮންނަން ޖެހޭ އުޞޫލަކީ ހުރިހާ ފަހަރަކު ތެދު ވާ ކަމެއް ނޫނެވެ.  “ދިޔަހިއްކާފައި” އެއީ އެއް ލަފުޒުތޯ ނުވަތަ ތިން ލަފުޒުތޯ ކުރެވޭ ސުވާލު އިނގިރޭސި ލަފުޒުތަކުގައި ވެސް ކުރެވެއެވެ.

oldwritingsample

ލަފުޒު އުފެއްދުން

ލަފުޒު އުފެއްދުމަކީ، އައު ލަފުޒެއް އެ ބަހެއްގެ އަޑުތަކާ ހަމަތަކާ ގުޅޭ ގޮތަށް ބަހެއްގެ ތެރޭގައި ބޭނުންކުރަން ފެށުމެވެ. ތަފާތު އައު ކަންތައްތައް ކުރިމަތިވުމުންނާއި ދިމާވާ އެކި ހާލަތްތަކެއްގެ ސަބަބުން، މިސާލަކަށް އައު އީޖާދެއް ނުވަތަ ޚިޔާލެއް ސިފަކުރުމަށް، އައު ލަޒުފު އުފައްދަން ޖެހިދެއެވެ. އައު ބަސް އުފެއްދުމަކީ ކުރީގައި ބޭނުން ކުރަމުން ދިޔަ ބަހަކަށް އައު މާނައެއް އިތުރުކުރުމެއް ނޫނެވެ. މިސާލެއްގެ ގޮތުން، ދިވެހި ބަހުގައި ”ބަސްދީ ބަސްގަތުން“ ގެ މާނައަކީ މީހަކާ ބައްދަލުކޮށް، ތިމާގެ ވާހަކަތަކެއް ކިޔައިދީގެން އަނެއް މީހާ، އާއްމުކޮށް ނުކިޔާދޭނޭ ވާހަކަ ހޯދުމެވެ. ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން، އިންޓަރވިޔޫގެ މާނައިގައި މި ކަލިމަ ބޭނުންކުރިއެވެ. ފަހަަކަށް އައިސް ކުރުކޮށްފައެވެ. ނަމަވެސް، ކުރީގައި ވަކި މާނައެއް އޮންނަ ކަލިމައަކާ އެއްގޮތަށް ލަފުޒު ހެދުމުންނާއި ޢިބާރާތުގައި ހިމެނޭ ވަކި ލަފުޒުގެ މާނަ، ިއިންޓަރވިޔޫގެ މާނަ އާ ދުރުކަމުން މި ލަފުޒު ވަޒަންކުރުން އަޅުގަނޑު ދޫކޮށްލާނީ މި މަޒުމޫނު ނިމެންދެން ކިޔުއްވާ ފަރާތްތަކަށެވެ. އިންޓަރވިޔޫ އަކީ އިނގިރޭސި ލަފުޒެކެވެ. ދެ ލަފުޒެއް ގުޅުވައިގެން އުފައްދާފައިވާ ލަފުޒެކެވެ. ”އިންޓަރ“ ގެ މާނައަކީ ދެމެދު ނުވަތަ ދޭތެރެ އެވެ. ވިއޫ އަކީ ކަމަކާ ދޭތެރޭ ދެކޭގޮތް ނުވަތަ ޚިޔާލެވެ. އިންޓަރވިއޫ ކިޔަނީ ކަމަކާ ދޭތެރޭ މީހެއްގެ ޚިޔާލު ނުވަތަ ވާހަކަ ހޯދުމަށް ބާއްވާ ބައްދަލު ވުމަކަށެވެ. މާނަ އެއްގޮތްތޯ އެވެ؟

އައު ލަފުޒެއް ވާންވާނީ ކުރިން ބަހުގައި ނޯންނަ ލަފުޒަކަށެވެ. ފަހަކަށް އައިސް ލަފުޒަކަށް އައު މާނައެއް ކަނޑައެޅި ނުވަތަ ޢައްޔަނުކުރި ލަފުޒުތަކުގެ ތެރޭގައި ”ކުރިމަގު“ އަދި ”ހުރަސް“ ހިމެނެއެވެ. މިއީ އަކީ ބަހުގެ ޢިލްމުގައި، ލަފުޒު އުފެއްދުމެއް ނޫނެވެ. ދާދި ފަހުން ތިމާ އަމިއްލައަށް ނަގާ ފޮޓޯއަށް “ނަފްސީ” ކިޔާ އަޑު އިވުނެވެ. މި ފަދަ ބައެއް އާ ލަފުޒު އިވުމުން، ބައެއް މީހުން ’ހުން‘ އަންނާނެ ކަން ކަށަވަރެވެ. މި ކުރު ތައާރަފަށް ފަހު، ލަފުޒު އުފައްދާ ގޮތަށް ބަލާލަމާތޯއެވެ؟ އާދެ! ލަފުޒު އުފައްދާ ގޮތް، 7 ބަޔަކަށް ބެހިގެން ވެއެވެ.

1. މާނަ ބަދަލުކުރާ މަރުފޫމެއް ލަފުޒުތައް ކުރިއަށް ނުވަތަ ފަހަތަށް އިތުރުކުރުން

މިގޮތުގައި ހިމެނެނީ ލަފުޒެއްގެ ކުރިއަށް ނުވަތަ ފަހަތަށް، ތަފާތު މާނައެއް ގެނެވޭނޭ އަޑެއް ނުވަތަ ބައެއް އިތުރު ކުރުމެވެ.

މިސާލު:

(ހ) ބާއްޖަވެރި، އަބާއްޖަވެރި؛ އުއްމީދު، ނާއުއްމީދު؛ ހަމަ، ނަހަމަ؛ ކަނޑު، މާކަނޑު؛

(ށ) އިޚްލާޞް، އިޚްލާޞްތެރި؛ ލޯބި، ލޯބިވެތި؛ ބުއްދި، ބުއްދިވެރި؛ އަލި، އަލިގަދަ؛ ރީތި، ރީތިކަން؛ ބޮޑާ، ބޮޑާކަން.

2. ދެ ލަފުޒު އެއްކުރުން (ކަމްޕައުންޑު ކުރުން)

ބޭނުން ކުރަމުންދާ ދެ ލަފުޒެއް (ނުވަތަ ބައެއް ފަހަރު އެއަށް ވުރެ ގިނަ ލަފުޒު) އެއްކޮށްގެން މުޅިން އައު މާނައެއް ދޭހަވާ ލަފުޒެއް ހެދިދާނެއެވެ. މިއީ ދިވެހިބަހުގައި ވަރަށް ޢާއްމުކޮށް ލަފުޒު އުފައްދާ ގޮތެކެވެ. މިފަދަ ގިނަ ލަފުޒު ހެދިފައި ހުންނަނީ، އެންމެ ފަހު ލަފުޒު މާނަކުރެވޭ ގޮތް، ކުރީގެ ލަފުޒުން ނުވަތަ ލަފުޒުތަކުން ހަނިކުރެވިގެންނެވެ.

މިސާލު:

(ހ)  އަތް + ދަބަސް = އަތްދަބަސް،

(ށ)  ފެން + އިސްކުރު = ފެންއިސްކުރު،

(ނ)  ސިޓީ + އުރަ = ސިޓީއުރަ

(ރ)  ވިލާތު + ބަށި = ވިލާތުބަށި (ޓޮމައިޓޯ)

(ބ)  ތިމާ + ވެށި = ތިމާވެށި

3. ދެ ލަފުޒެއް ފެށޭ ނުވަތަ ނިމޭ އަޑުތައް އެއްކުރުން

މިގޮތަށް ބަސް އުފައްދާއިރު، އެއް ލަފުޒެއްގެ ހުރިހާ އަޑާއި އަނެއް ލަފުޒުގެ ބައެއް އަޑު ބޭނުން ކޮށްފާނެއެވެ.

(ހ)  ފުޅަނގި + އުޅަނދު = ފުޅަނދު

(ށ)  މީރު + ރާ = މީރާ

(ނ)  މާ + ކުނަހަނގާލި = މާހަނގާލި

(ރ)  ރޭނގަޑު + ނިދި = ރޭނިދި (ރޭގަނޑުގެ ނިދި)

4. އުފަންކުރުން

މިއީ މުޅިން އައު ލަފުޒެއް ދިވެހި ބަހުގެ އަޑުތަކާ ގުޅޭގޮތަށް ހެދުމެވެ. ކޮންމެވެސް ކަމެއް ދިމާވުމުން އެ ހާލަތާއި ކަމަކާ ގުޅިގެން ލަފުޒެއް މީހަކު ހަދާފާނެއެވެ. ކުޑަކުއްޖަކު އެއްޗަކަށް ނަމެއް ކިޔުމުން ބޮޑެތި މީހުން އެ ލަފުޒު ތަކުރާރުކޮށްފާނެ އެވެ. ގިނަ މީހުން ބޭނުން ކުރަން ފެށުމުން ލަފުޒެއް ޢާއްމު ވެދާނެއެވެ. މިގޮތުން ދާދި ފަހުން މީހުން ބޭނުން ކުރަން ފެށި ”ޕާޓޭ“ މި ލަފުޒާ ބެހޭ ގޮތުން، މީހަކު ރިވާ ކުރިއެވެ. ޑްރަގް އިސްތިޢުމާލު ކުރާ މީހަކު މަރުވެގެން، އޭނާގެ ރައްޓެހިންގެ ބަޔަކު އޭނާގެ ކަށުނަމާދުގައި ބައިވެރިވާން ސަހަރާ މިސްކިތަށް ހިގައްޖެއެވެ. ކަށުނަމާދަކީ ރުކޫޢުއެއް ސަޖިދައެއް ކުރާ ނަމާދެއް ނޫނެވެ. ނަމަވެސް މި ތަނުން އެއް ކުއްޖަކު ޤިޔާމްގައި ހުއްޓައި، ”ﷲ އަކްބަރު“ މިހެން މުދިމު ކިޔުމުން އޭނާ ރުކޫޢު އަށް ހިގައްޖެއެވެ. އޭނާ އާ ޖެހިގެން ހުރި ކުއްޖާ އޭނާގެ ކޮނޑުގައި ހިފާ ތެދުކޮށްފައި ބުންޏެވެ. ”ޕާޓޭ އެވެ. މިއީ ބެންޑެއް އޮންނަ ނަމާދެއް ނޫނެވެ.“ އޭނާ ޕާޓޭ އިން މާނަކުރީ ”ޕާޓްނަރ“ އެވެ. ގާތުގައި ހުރި މީހަކު މިވާހަކަ އެތަށް ބަޔަކަށް ކިޔައިދީ އެންމެ ފަހުން “ޕާޓޭ“ މިއީ ޑްރަގް ދެވި ޖެހިފައިވާ މީހުންނަށް ކިޔާ ޢާއްމު ނަމަކަށް ވެއްޖެއެވެ. މި ނޫން ގޮތްގޮތަށް ވެސް މި ލަފުޒު އުފެދުނު ގޮތް އެހެން މީހުން ރިވާކޮށްފާނެ އެވެ.

5.  ބޭރުބަހުގެ ލަފުޒުތައް ތަރުޖަމާ ކުރުން

ބޭރު ބަހުގެ ލަފުޒުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްގެން ލަފުޒު ހެދުން. މިސާލެއްގެ ގޮތުން ”ހައިލައިޓް“ އަކީ އިނގިރޭސި ލަފުޒެކެވެ. މާނައަކީ ހާދިސާއެއް ނުވަތަ ހަރަކާތެއްގެ (ނުވަތަ ޒަމާނެއްގެ) އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބައެވެ. މި ލަފުޒު ދިވެހިބަހުގައި ބޭނުން ކޮށްފައިވަނީ އިނގިރޭސި ލަފުޒު އެކުލަވާލެވިފައިވާ ދެ ލަފުޒު ”ހައި“ އަދި ”ލައިޓް“ ދިވެހިބަހަށް ތަރުޖަމާ ކޮށްގެން ”އުސްއަލިތައް“ ގެ ގޮތުގައެވެ. މިގޮތަށް ބަދަލުކުރާއިރު، ބޭރު ބަހަށް އެ ލަފުޒު އައިގޮތަށް ވިސްނާ ލަފުޒު އުފައްދައެވެ. ތިރީގައި ވަނީ އިތުރު މިސާލެވެ.

(ހ)  ކިރު ކޮޕީ – ލެޓިއުސް

(ށ)  ފޮނި މިރުސް – ސްވީޓް ޕެޕަރ (ކެޕްސިކަމް)

(ނ)  ތިކިކޮމާ (ސެމިކޯލަން) – فاصلة منقوطة

6.  ޢިބާރާތެއް ނުވަތަ ކަލިމައެއްގެ ފެށޭ އަޑުތައް އެއްކޮށްލުން

މިގޮތުގައި ހިމެނެނީ ކަލިމައެއް ކިޔާގޮތުގައި ހިމެނޭ ފުރަތަމަ އަކުރުތަކުގެ އަޑުން ލަފުޒެއް ހެދުމެވެ. ބައެއް ފަހަރު ސީދާ ފުރަތަމަ އަކުރުތަކަށް ކިޔާ ނަން ވެސް ބޭނުން ކުރެއެވެ. މިއީ ދިވެހިބަހުގައި ލަފުޒު ހަދަން ވަރަށް މަދުން ނޫނީ ބޭނުންކޮށްފައި ނުހުންނަ ބާވަތެކެވެ. މިގޮތަށް ލަފުޒު އުފެއްދުމާ ކުރިން ބަޔާން ކުރި ގޮތާ ހުރި ތަފާތަކީ، ދެ ލަފުޒަށް ވުރެ ގިނަ ލަފުޒު ގެ އަކުރުތައް މިގޮތުގައި ބޭނުން ކުރާކަމާއި، ލަފުޒުތައް ފެށޭ އަކުރުތައް އެކަނި ބޭނުން ކުރާ ކަމެވެ. އެންމެ މަޝްހޫރު މިސާލަކީ ދިވެހި މުޥާޞަލާތީ ކުންފުންޏަށް ކިޔާ ނަމެވެ. ”ދިވެހި ރާއްޖޭގެ ގުޅުން“ = ދިރާގު އެވެ. ނަމަވެސް މިއީ އަލިފުދާލު، ހާދާލު އަތޮޅު ފަދައިން ދިވެހި ލަފުޒެއް ނޫނެވެ. އެއީ ޚާއްޞަ ނަންނަމެވެ.

7. ބޭރު ލަފުޒުތައް ހިމެނުން

ބޭރު ލަފުޒުތައް ދިވެހިބަހުގައި ދެގޮތަކަށް ހިމަނައެވެ. އެއްގޮތަކީ ދިވެހި އަޑުތަކަށް ފައްތާފައި އެހެން އިތުރު ބަދަލެއް ނުގެނެސް ބޭރު ބަހުގެ ލަފުޒު ހިމެނުމެވެ. ދެވަނަ ގޮތަކީ ކިޔާ ގޮތަށް ބޮޑެތި ބަދަލުތަކަކާއެކު ބޭރު ލަފުޒު ބޭނުން ކުރުމެވެ.

(ހ) ބޭރު ބަހެއްގެ ލަފުޒެއް ބަދަލެއް ނެތި  ބޭނުން ކުރުން. މި ގޮތަށް ބަދަލުކުރާއިރު، ދިވެހިބަހުގެ އަޑުތަކަށް އެ ލަފުޒެއް ބަދަލުކުރެ އެވެ. ތިކިޖެހި ތާނައިން ޢަރަބި ލިޔުންފަދަ ބޭރުގެ އަޑުތައް ދޫކޮށްލައެވެ. (ހ) ޕާން (ޕޯޗުގީޒު) – ޕާން (ދިވެހި)

(ށ) ޤަމީޞް (އަރަބި) – ގަމީސް (ދިވެހި)

(ނ) ކާރ (އިނގިރޭސި) – ކާރު (ދިވެހި)

(ރ) ޕާލަން (ސިންގަޅަ) – ފާލަން (ދިވެހި)

(ބ) ޕިސްތާ (ފާރިސީ) – ޕިސްތާ (ދިވެހި، ޕިސްޓާޝިއޯ މަދު)

(ޅ) ރިޔަނެ (ސިންގަޅަ) – ރިޔަން (ދިވެހި)

(ށ) ބޮޑެތި ބަދަލުތަކާ އެކު ބޭރު ލަފުޒު ހިމެނުން. ކުރިން ބަޔާން ކުރެވުނު ގޮތާ މިގޮތާ ހުރި މައިގަނޑު ތަފާތަކީ ބޭރު ލަފުޒު ހިމަނަނީ ވަރަށް ބޮޑު ބަދަލާ އެކުގައި ކަމަށް ވާކަމެވެ. ބަދަލުތައް ގެނެސްފައިވާ ގޮތުން، އަޞްލު ލަފުޒު އެނގެން ދަތިވެއެވެ.

(ހ) ކިޔުކަމްބަރ (އިނގިރޭސި) – ކަންބާ (ދިވެހި)

(ށ) މެނިފެސްޓް (އިނގިރޭސި) – މުނިފާސް (ދިވެހި)

(ނ) ޕާރމިޓް (އިނގިރޭސި) – ފަރުމޭޓު (ދިވެހި)

(ރ) މޭން-އޮފް-ވޯރ (އިނގިރޭސި) – މަނަވަރު (ދިވެހި)

(ބ) ހޮސްޕިޓަލް (އިނގިރޭސި) – ހަސްފަތާލު (ދިވެހި)

މަތީގައިވާ ލަފުޒުތަކަކީ އިނގިރޭސި ބަހުގެ ލަފުޒުތައް ކަމަށް ލިޔެފައި ވިއަސް، މިހުރިހާ ލަފުޒެއް އިނގިރޭސި ބަހަށް ވެސް ވަދެފައިވަނީ އެހެން ބަސްތަކުންނެވެ. ދިވެހި ބަސް މުއްސަނދިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އަޅުގަނޑުމެންގެ ޒަމާނުގައި ކުރެވުމަކުން ނުދާތީ ބަހަށް އަންނަންވީ އާރޯކަން، އިނގިރޭސިބަހަށް އައި ފަދައިން، އައިސްފައިނުވަނީ އެވެ.

ލަފުޒު އުފައްދާއިރު ވިސްނަންޖެހޭ ކަންތައްތައް

ޢާއްމުންގެ ތެރޭގައި ލަފުޒެއް މަޤްބޫލުވަނީ ވަކި ޝަރުޠުތަކެއް ހަމަވުމުންނެވެ. މި ޝަރުޠުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ކުރުވުން. ލަފުޒެއް ކުރުވުމަކީ އެ ބޭނުންކުރުން ގިނަވާ ކަމެކެވެ. އިންސާނާގެ ކިބައިގައި އެއްްޗެއް ބުނަން ހޭދަކުރަން ޖެހޭ  ހަކަތަ ވީހާ ކުޑަކުރުމުގެ ޠަބީޢީ ސިފައެއް ލައްވާފައި ހުރެއެވެ. އެހެންކަމުން، ދުލަށް ލުއި، ކުރު ލަފުޒުތައް ބޭނުން ކުރާލެއް ގިނައެވެ. ދިގު ލަފުޒުތައް ވާހަކަ ދައްކާއިރު ކުރުކުރެއެވެ. މިސާލެއްގެ ގޮތުން، އިނގިރޭސި ބައެއް ލަފުޒުތަކާ މެދު ފިކުރު ކުރައްވާށެވެ. ދިވެހި ބައެއް ކުދިން ކެލްކިޔުލޭޓަރ ގެ ބަދަލުގައި ކެލް ކިޔައެވެ. ލެޕްޓޮޕްގެ ބަދަލުގައި ލެޕް ކިޔައެވެ. ދިވެހިން ވާހަކަ ދައްކާއިރު ވެސް، އިންސާނާގެ ޠަބީޢަތަކީ ވީހާ ވެސް ކުރު ލަފުޒުތައް ބޭނުން ކުރުމެވެ. އެހެންކަމުން ދިގު ލަފުޒެއް ހެދިޔަސް މީހުން އެ ލަފުޒު ބޭނުން ކުރުން ކުޑަވާނެއެވެ.

ބަހުގެ އަޑުތައް ދިވެހިވުން. ދިވެހި އަޑުތަކަކީ ކަނޑައެޅިފައިވާ ވަކި އަޑުތަކެކެވެ. އަކުރުތަކުގައި ފިލިޖެހޭ ހަމަތަކެއް ވެސް ހުރެއެވެ. ލަފުޒެއް ހަދާއިރު މި އަޑުތަކަށާއި ހަމަތަކަށް ލަފުޒު ނުފެތޭނަމަ، އެ ދިވެއްސަކަށް ނުވާނެއެވެ. އެ ލަފުޒު ގައި ބީރައްޓެހި، އެހެން ދިވެހި ލަފުޒާ ނުގުޅޭ ކަމެއް ހުންނާނެއެވެ. މިސާލެއްގެ ގޮތުން ދިވެހި ބަހުގައި އަބަފިލި ޖެހިފައިވާ އަކުރުތައް ގުނައިފިނަމަ، އަަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ އަބަފިލި ޖެހިފައިވާ އެންމެ ގިނަ އަކުރުތައް ހުންނަނީ ގިނައިން މަދުކޮށް އަންނަނިވި ތަރުތީބުން ކަމަށެވެ: ކަ މަ ތަ ވަ ހަ ގަ ބަ ފަ ރަ ދަ. ވަކި އަކުރަކާ ޖެހިގެން ދެން އެންމެ ގިނައިން ދިވެހި ލަފުޒެއްގައި އޮންނަނީ ވެސް ކަޑައެޅިފައިވާ ވަކި އަކުރުތަކެކެވެ. އަލަށް ހަދާ ލަފުޒެއް، އަޑުތަކުގެ މި ހަމަތަކަށް ނުވަތަ ފޮނޮލޮޖީ އަށް ނުފެތޭނަމަ، އެ ލަފުޒު ދިވެހި ލަފުޒެއްގެ ސިފައެއް ނުހުންނާނެއެވެ. ދުލަށް ފަސޭހައެއް ނުވާނެއެވެ.

ކުރީގެ ޢާއްމު ލަފުޒަކަށް އެހެން މާނައެއް ޢައްޔަނު ނުކުރުން. ކުރިން ދިވެހިން ބޭނުން ކުރަމުން އަންނަ ލަފުޒަކަށް އައު މާނައެއް ދީފިނަމަ، އެ ލަފުޒު ބޭނުން ކުރުން މަދުވާނެއެވެ. އެއީ ޢާއްމު ލަފުޒެއްނަމަ، މީހުންނަށް އޮޅޭނެއެވެ. އެހެންކަމުން، ލަފުޒު ހަދަންވާނީ، މިފަދަ އޮޅުން ނާރާގޮތަކަށެވެ.

އާ ލަފުޒުގެ މަރުފީމުތައް، ޤާއިމް ވެފައިވާ މަރުފީމުތަކާ މާނައިގެ ގޮތުން ގުޅުން.  މި ސިފައިން އަޅުގަނޑު މި މާނަކުރަނީ ލަފުޒެއް ހަދާއިރު ”މާ“ ފަދަ ވަކި މާނައެއް މިހާރު އޮންނަ މަރުފީމެއް މާ ކުޑައެއްޗަކަށް ކިޔުން ފަދަ ކަމެއް ކުރުމަށެވެ. ލަފުޒެއްގައި ހިމެނޭ މަރުފީމުތައް، ކުރީގެ މަރުފީމުތަކާ ”އަރާރުން“ ނުވުމަށެވެ. ލަފުޒުގެ މަރުފީމުތަކުން، ލަފުޒުން އިޝާރާތް ކުރާ އެއްޗެއް ނުވަތަ ކަމެއް ރަނގަޅަށް ސިފަވުމަށެވެ.

އާ ލަފުޒުތައް  އުފެއްދުމަށް މަގުފަހި ކުރުން.  މިސިފައިގެ ތެރޭގައި ހިމެނެނީ އުފައްދާ ލަފުޒުން ބަހުގެ އެކި ބައިތަކުގެ ލަފުޒު އުފެއްދުމަށާއި ގުޅުންހުރި އެހެން ލަފުޒުތައް އުފެއްދުމަށް އާ ލަފުޒު ތަނަވަސްވެގެން ވުމެވެ. ކާދު ގިނަވުމުގެ ސަބަބުން ސަރު ބިމުގައި ގަސްތައް ގިނައިން ހެދޭ ފަދައިން، އާ ލަފުޒު ”ޕްރޮޑަކްޓިވް“ ނުވަތަ ދަރިމައިވާ ލަފުޒަކަށް ވާން ވާނެއެވެ. މިއީ ބަހުގެ ތެރޭގައި ލަފުޒެއް ހަރުލުމަށް ކޮންމެހެން ބޭނުން ސިފައެކެވެ.

ދިވެހި އައު ލަފުޒު ހެދުމުގައި އަޅުގަނޑުމެންނަށް ސަމާލުކަން ނުދެވެނީ އައު ޚިޔާލާއި ފިކުރަށް ޚާއްޞަކޮށް ބަހުގެ ބައިތަކުގެ ތެރެއިން ކަމަށް އިތުރު ލަފުޒު ހެދުމަށެވެ. ދެކުނުގެ ދިވެހި ބަހުރުވަތަކާ ބެހޭ ގޮތުން ދިރާސާއެއް ހެދި ޖަރުމަނު އަންހެނަކު ފާހަގަ ކޮށްފައިވާ ގޮތުން، އެއްޗެއް ބޮޑު ކުރުމަށް ދިވެހި ބަހުގައި ގިނަ ލަފުޒުތަކަކާ ގުޅޭނޭމަރުފީމެއް ވެއެވެ. އެއީ ”މާ“ އެވެ. މާކަނޑު، މާދޫނި ފަދަ ލަފުޒުތައް ފަސޭހަކަމާއެކު ހެދެއެވެ. ނަމަވެސް އެއްޗެއް ކުޑަކުރުމަށް ބޭނުންކުރާނޭ މަރުފީމެއް ނުވެއެވެ. އެއްފިލީގެ ކުޑަކަން މާނަކުރާ މަރުފީމު ފަދަ މަރުފީމުތައް ހަދަނިކޮށް ދިވެހި ބަސް ވަރަށް އަވަހަށް މުއްސަނދިކުރެވޭނެއެވެ. ގިނަ ލަފުޒުތައް ހެދެނީ ނަމަށެވެ. މިއީ ވެސް ބަޔަކު މިކަމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވުމުންނެވެ. ދިވެހީންގެ ތެރޭގައި، ލިންގުއިސްޓިކްސް ނުވަތަ ބަހުގެ ޢިލްމުގެ މަތީ ފެންވަރުގެ ތަޢުލީމު ލިބިފައިވާ މީހުން ވަރަށް މަދެވެ. ބޭރު ބަސްތަކަށް ފަރިތަ މީހުންނަކީ ލިންގްއިސްޓިކްސް ދާއިރާގެ މީހުންނެއް ނޫނެވެ. މި ދާއިރާގެ ގިނަ  މީހުންނެއްދިވެހި ބަހަށް އެހާ ޝައުޤެއް ނުހުރެއެވެ. ދިވެހިބަހަށް ޝައުޤުހުންނަ މީހުންނެއް ލިންގްއިސްޓިކްސް އަށް ފާގައްޗެއް ނޫނެވެ. މިއާއެކު ލިޔުންތެރިކަން އެންމެންގެ މެދުގައިވެސް މަދުވެފައި އަގުވަޒަންކުރުން ކުޑައެވެ. އެހެންކަމުން، ބަސް ކުރިއަރަންވީ ވަރަށް ނާރަނީއެވެ.

ލަފުޒެއްގެ ޙަޔާތް

ކޮންމެ ލަފުޒަކީ އޭގައި ޙަޔާތެއް، ޢުމުރެއް ވާ އެއްޗެކެވެ. ލަފުޒުތައް އުފަންވުމާއި ނެތި ދިއުން ވެއެވެ. އޮށަކުން ގަހެއް ފަޅާ، ހެދި ބޮޑުވެ، ނިކަމެތިވެ މަރުވާ ފަދައިންނެވެ. މީގެ 1000 އަހަރު ކުރިން އުޅުނު ދިވެއްސަކު، އަޅުގަނޑުމެންނާ މިހާރު، ބައްދަލުވެއްޖެ ނަމަ، ދިވެހިބަހުން އޭނާއާ މުޢަމާލަތެއް ނުކުރެވޭނެ އެވެ. އޭނާ ދައްކާ ދިވެހިބަސް އަޅުގަނޑުމެންނަކަށް ދޭހައެއް ނުވާނެއެވެ. ލަފުޒަކީ ބަދަލުވާ އެއްޗެކެވެ. ބަހުގެ ޢިލްމުވެރިން، ލިޔުންތަކުގައި އެކި ދުވަސްވަރު ލަފުޒެއް ހިމެނިފައިވާ ޢަދަދު ގުނާ ހަދައެވެ. މިކަމުގެ ސަބަބުން، ލަފުޒެއްގެ މަޤްބޫލުކަން ހާމަވެއެވެ. މިފަދަ ތަހުލީލުތަކުން އެނގި އޮޅުންފިލަނީ ލަފުޒަކީ ވެސް ޢުމުރެއް ވާ، ވަކި ދުވަސްވަރަކު ޢާއްމުކޮށް ބޭނުންކުރެވި ޒަމާން ވުމުން، އެ މާނައިގައި އެހެން ލަފުޒުތައް ބޭނުން ކުރަން ފެށުމުން، މަރުވާ އެއްޗެއް ކަމެވެ. މަރުވުމޭ މި ދެންނެވީ ޢާއްމުން އެއްވެސް ގޮތަކަށް ބޭނުން ނުކުރާކަމެވެ. މިސާލެއްގެ ގޮތުން، ރަޙިމަށް (ވޫމްބްއަށް) ދިވެހިބަހުން ކިޔާނަން ”މައުގަޅަ“ މިހާރަކަށް އައިސް އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ. ލިއުންތަކާއި ކިޔުންތަކުގައި (ޑިސްކޯސް ތަކުގައި) ބޭނުން ނުކުރާނަމަ، ލަފުޒެއް ދިރިހުރިއޭ ބުނާނެ އެއްވެސް ސަބަބެއް އެބައޮއްތޯއެވެ؟

ބައެއް ލަފުޒުތައް އުވި ދިއުމަށްފަހު، އަނެއްކާ އެ ލަފުޒު ބޭނުން ކުރަން ފަށައެވެ. ގިނަ ފަހަރު މުޅިން އެހެން ޙާލަތެއްގައެވެ. ”މަރުވެފައިވާ“ ގަސްގަހުން ދުވަސްގަނޑެއްގެ ފަހުން އާ ކުރިއަންނަ ގޮތަށެވެ. މިސާލެއްގެ ގޮތުން، ތިރީގައިވާ ޚަބަރަށް ބައްލަވާށެވެ. ޚަބަރުގައި ކްލިކް ކޮށްލުމުން ނުވަތަ ކޮށްޓާލުމުން އަޞްލު ނޫހުގެ ޚަބަރު ފެނިވަޑައިގަންނަވާނެއެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްތާ ސްކޮޑަށް ފާސް ކުރި ދިވެހި ނަމަކީ ”ފާރަ ގެމަ“ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ”ފާރަ“ އަކީ ކުއްތާ އަށް ކުރީގައި ކިޔާ ދިވެހި ނަމެކެވެ. އަދި ”ގެމަ“ މާނަ އަކީ ސްކޮޑް ކަމަށް ދިވެހި ބަހުގެ ތަޖުރިބާކާރުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަސް ފޮތުގައި، ގެމަ ގެމާނައިގެ ތެރޭގައި، ބައިބައި، ޖަމާއަތް ޖަމާއަތް ހިމެނެއެވެ. ފާރަގައި މާނައިގައި ކުއްތާ ވެސް ހިމެނެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ލަފުޒު އުފެއްދުމަކީ ސަރުކާރުގެ ޚާއްޞަ އިދާރާއަކުން ކުރާކަމެކެވެ. މިކަން މިހެން ހަމަޖައްސަން ޖެހެނީ ލަފުޒެއް، އެއް މާނައެއްގައި އެންމެން ބޭނުން ނުކުރާނަމަ، އެ ލަފުޒަކަށް ނުވާނެތީ އާއި ޢާއްމުކުރަން ޖެހޭތީ އާއި ޢާއްމުކުރުމަކީ ޚަރަދުތަކެއް ހިނގާ ކަމަކަށް ވާތީއާއި، މިކަމުގައި ސިޔާސީ ކަންތައްތަކެއް ހިމެނޭތީއެވެ. ލަފުޒެއް އުފެއްދިޔަސް ޢާއްމުން އެ ލަފުޒު ބޭނުން ނުކުރާނަމަ، އެއީ ”މަރުވެފައިވާ“ ލަފުޒެކޭ ނޫނީ ބުނާނީ ކީކޭތޯއެވެ؟ ހުރިހާ ޤައުމެއްގައިހެން، ގިނަ ލަފުޒު އުފެއްދެނީ އެ އުފައްދަން ޖެހޭ ވަގުތަށް ވުރެ ފަހުންނެވެ. ލަފުޒުގެ ބޭނުން ޖެހިގެން، ބޭރު ލަފުޒެއް މީހުން ބޭނުންކޮށް ޢާއްމުވާ ފަހުންނެވެ.

ލަފުޒު އުފެއްދުމަކީ ސިޔާސީ ކަމެކޭ މިދަންނަވަނީ، މީހުންގެ ޝުޢޫރުތަކާއި ޚިޔާލުތައް ބައްޓަން ކުރާ އެއްޗަކީ ބަސްކަމަށް ވެފައި، ބަސް އެކުލެވެނީ ލަފުޒުން ކަމަށް ވާތީއެވެ. އަދި މީހަކަށް ސިޔާސީ ބާރު އޮތުމުން ރަނގަޅަސް ނުބަޔަސް، އޭނާއަށް ލަފުޒުތައް ޢާއްމުކުރަން ފަސޭހަވާތީއެވެ. މިގޮތުގެ މަތިން އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއް ދަންނަވާލާނަމެވެ. ރާއްޖޭގައި މަތީ ތަޢުލީމު ޢާއްމުވުމުގެ ކުރިން، މަތީ ތަޢުލީމުގައި ހިމެނޭ މައިގަނޑު ހުރިހާ ލަފުޒަކަށް ދިވެހިބަހުން ލަފުޒު އުފެއްދުމަށްޓަކައި، މަތީ ތަޢުލީމާ ގުޅޭ އިނގިރޭސި ލަފުޒުތަކާއި އޭގެ މާނައާއި ދިވެހިބަހުން ކިޔުމަށް ހުށަހަޅާ އައު ލަފުޒުތައް، އޭރު އެކަމަށް ހުންނަ ސަރުކާރުގެ އިދާރާއަށް ފޮނުވައިފީމެވެ. އެ އިދާރާއަށް ކިޔާ ނަމަކީ ”ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު“ އެވެ. ލަފުޒުތައް ފާސްކޮށް ދިނުމަށް އެދި ފޮނުވި ސިޓީއަށް ހައެއްކަ މަސްވީ އިރުވެސް ޖަވާބެއް ނުލިބެއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެއް ނިމެން ކައިރިވެއްޖެއެވެ. ފުރަތަމަ ޑިގްރީއަށް ކިޔެވި ދަރިވަރުން ކިޔަވާ ނިމި ސަނަދުދޭން ގާތްވެއްޖެ އެވެ. ލަސްވެގެން އުޅެނީ ކީއްވެގެންތޯ ބެލުމުން އެނގުނީ ލަފުޒުތައް ހެދުމަށްފަހު، އެ ލަފުޒުތައް އަދި ރައީސް އޮފީހަށް ފޮނުވަން ޖެހޭ ކަމެވެ. އެ އޮފީހުން ޖަވާބު ލިބުން ލަސްވާތީ، ލަސްވަނީ ކަމަށެވެ.

ދަރިވަރުންނަށް ސަނަދުދޭން ޖެހޭ ދުވަސް އަތުވެއްޖެއެވެ. އިސްޓޭޖް ފަހަތުގައި ”ގްރޭޖުއޭޝަން“ ގެ ބަދަލުގައި ޖަހާނެ ދިވެހި ނަމަކާ ދޭތެރޭ ގޮތެއް ނިންމަން ޖެހިއްޖެއެވެ. ގްރޭޖުއެޝަން އަށް ކިޔުމަށް އަޅުގަނޑު މަރުކަޒަށް ފޮނުވި ނަމަކީ ”ދަސްކިއުން“ އެވެ. ދަސްކިއުމަކީ އިހުގައި، ކުދިން ކީރިތި ޤުރްއާން ކިޔަވާ ނިންމާ ނިންމުން (ހަތިމުކުރުން) ފާހަގަކުރަން ބާއްވާ އިޙްތިފާލެކެވެ. އެކަމުގައި އޮންނަނީ އެތައް ބައެއްގެ ކުރިމަތީގައި އެ ކުއްޖާ ”لِلّٰهِ مَا فِى السَّمٰوٰتِދަލީލު ކިޔެވުމާއި އެދުރުބެއަށް ނުވަތަ އެދުރުދައިތައަށް މައިންބަފައިންގެ ފަރާތުން ފޭއްޔެއް ދިނުމާއި ބިލެއްމީރުކޮށްލުމެކެވެ. ދަސްކިއުން ރާއްޖޭގައި އަޅުގަނޑަށް އެނގިގެން ނުބާއްވާތާ މިހާރު 50 ވަރަކަށް އަހަރު ވެދާނެއެވެ. އެހެންކަމުން އަޅުގަނޑު ހުށަހެޅީ އައު ލަފުޒެއް އުފައްދާކަށް ނޫނެވެ. އައު މާނައެއް ކުރީގެ ލަފުޒަށް ޢައްޔަނު ކުރުމަށެވެ. ކަމާ ބެހޭ އިދާރާއިން ނިންމީ ”ދަސްވަރުކިއުން“ ގްރޭޖުއޭޝަން އަށް ކިޔާށެވެ. ރޭގަނޑުގެ ޖަލްސާއަށްޓަކައި، އެ ނަން ހުދު ޕްލާސްޓިކްގައި ކަފާ ބިތުގައި ނަންބޯޑެއް ހަރުކޮށްފީމެވެ. ރޭގަނޑު 9:00 ގައި އޮންނަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަންނަވާ ގޮތަށް އޮތީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެރޭ މަޣްރިބު ނަމާދަށް ފަހު، ރައީސްގެ ކާތިބުއްސިއްރު ނުވަތަ އެގްޒެކެޓިވް ސެކްރެޓަރީ އަޅުގަނޑަށް ފޯނުކުރައްވާފައި ވިދާޅުވީ އިޙްތިފާލުގެ ނަމަކަށް ކިޔަންވާނީ ”ދަސްވެނިވުން“ ކަމަށެވެ. އަޅުގަނޑު ދެންނެވީ ރަސްމިއްޔާތު ފަށަން މިހާރު ދެގަޑިއިރަށް ވެއްޖެކަމާ، ސަނަދުތަކާ ބެހޭ ފޮތް ޗާޕުކޮށްފައިވާ ކަމާއި ކަމާބެހޭ އިދާރާއިން ފާސްކުރި ނަން ޕްލާސްޓިކުން ކަފާފައި ބިތުގައި ހަރުކޮށްފިކަމަށެވެ. ދެން ބައިގަޑިއިރު ފަހުން އެ އޮފީހުގެ ސެކްރެޓަރީއަކު ގުޅާފައި އެންގީ ސިޓީއެއް ފެކްސް ކޮށްފައި އޮންނާނޭ ކަމަށެވެ. އެ ސިޓީ އަޅުގަނޑު ބެލިއިރު އޭގައި އޮތީ ގްރޭޖުއޭޝަން އަށް ކިޔަންވާނީ ދަސްވެނިވުން ކަމަށެވެ. ދެން ތެޅިފޮޅިގަނެގެން ޕްލާސްޓިކް އަކުރުތައް އަލުން ކަފާ ތަތްކޮށްފީމެވެ.  ރައްޓެއްސަކު ބުނިގޮތުގައި، ”ދަސްވެނިވުން“ އިން ލިބޭ ޚިޔާލަކީ، މައްޔިތަކު ހިނެވުން ފަދަ ގޮތަކަށް، އެހެންމީހަކު މީހަކަށް ކުރާ ކަމެއްގެ ޚިޔާލެވެ. ތިބާއަށް ”ގްރޭޖުއޭޝަން“ އަށް ކިޔަން ރަނގަޅީ ”ދަސްކިއުން“، ”ދަސްވަރުކިއުން“، ”ދަސްވެނިވުން“ މިތިން ލަފުޒުން ކޮން ލަފުޒެއްތޯއެވެ؟

abdmaugradv2

މިވާހަކަ މިހާ ދިގުކޮށް މިދަންނަވާލީ، ބަހަކީ ސިޔާސީ އެއްޗެއް ކަމާއި ލަފުޒު އުފެއްދުމުގައި ސިޔާސަތު އެކަހެރި ނުކުރެވޭނެ ކަމާއި މިހާރު މިޢާއްމުވި ލަފުޒު އުފެދުނުގޮތް ހަނދާނާއި ތާރީޚަށްޓަކައި ރެކޯޑުކޮށްލުމުގެ ބޭނުމުގައެވެ. އެންެމެެ ފަހުން މަރުކަޒުން ފޮނުވި ލަފުޒުތަކުގެ ލިސްޓް މިއޮތީއެވެ.  އެއްވެސް ބަޔަކަށް އެއްވެސް ލަފުޒެއް އޮޅިފައި ވޭތޯއެވެ؟