ކަލައިކުރުމަކީ ކޮބައިތޯއެވެ؟
ދިވެހީން ވަރަށް ކުރީންސުރެ ބަތްކައްކާ އުޅުނެވެ. ބަތްކައްކަން އިހުގައި ބޭނުންކުރަނީ ކޮން ބާވަތެއްގެ ކަންވާރެއް ތޯއެވެ؟ އެއީ ހަމަކަށަވަރުން އެލްމިނިއަމް ތެއްޔެއް ނޫނެވެ. އެހެނީ އެލްމިނިއަމް ވަކި މާއްދާއެއްގެ ގޮތުގައި ފެނިފައިވަނީ 1825 ވަނަ އަހަރުއެވެ. ތެލިފަދަ ތަކެތި އެލްމިނިއަމުން އުފެއްދުން ޢާއްމުވެފައިވަނީ 1945 ގެ ފަހުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުންނެވެ. އެހެންކަމުން، މީގެ 100 ވަރަކަށް އަހަރު ކުރިން ދިވެހީން އެލްމިނިއަމް ތެއްޔެއް ބޭނުންކޮށްފައެއް ނުވާނެއެވެ. އެ ދުވަސްވަރު މީހުން ބަތްކައްކާ އުޅުނީ ކޮން ކަންވާރެއް ބޭނުންކޮށްގެން ތޯއެވެ؟
އެންމެ އިހުގައި ބޭނުންކުރި ކަންވާރު
އެންމެ އިހުގައި ދިވެހީން ބަތް ކެއްކުމަށް ބޭނުންކުރި ކަންވާރު ”ބަތްތަވާ“ މި ލަފުޒުގައި ވެއެވެ. އާދެ! އެއީ ތަވައެވެ. މުށިން ހަދާފައިވާ ތަވައެވެ. ތަވާ އާއި ފުފޭ އަކީ ބަތް ކެއްކުމަށް އިހުގައި ބޭނުންކުރި ކަންވާރެވެ. މިހާރުވެސް، ދަރުއުނދުނުގައި ބަތްކައްކާ މީހުން، އެލްމިނިއަމް ތެލީގައި ކައްކާ ބަތް ދުންގަނެފިނަމަ، ބަތްތަވާ ދުންގަނެފިކަމަށް ބުނެ އުޅެއެވެ. ބަތްތެލި ދުންގަނެފިއޭ ބުނުމުގައި ބަދަލުގައި ކިޔާއުޅެނީ ބަތްތަވައެވެ. ތަވާ އާއި ފުފޭ އަކީ، އެކި ބައްޓަމަށް މުށިން ހަދާފައި ހުންނަ ކަންވާރެވެ. ތަވާ ފަދަ ތަކެތި ހަދާ މުށްޓަކީ، ރާއްޖޭގެ ބިންގަނޑުގައި ހުންނަ އެއްޗެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބިމުގައި މި ބާވަތުގެ މަށި ވަރަށް ގިނައިން ހުރެއެވެ. ސްރީ ލަންކާ އާއި އިންޑިއާގައި އަދި މި ނޫނަސް އެހެން ޤައުމުތަކުގައި ވެސް މަށްޓަކީ ވަރަށް ވަރަށް އަގުހެޔޮ އެއްޗެކެވެ.
މަށީގެ ތެރެއަށް ފެން ކޮންމެވެސް ވަރަކަށް އެއްކުރުމުން، ފުއްގުޅައެއް ފަދައިން އެ މަޑުވެ ބޭނުން ސިފައެއް ގެނެވެއެވެ. ދެން މި މަށި ހޫނުކުރުމުން އެ ހަރުވެއެވެ. ކިލާކޮށް ހުންނަ ބައެއް ބާވަތުގެ މަށި ހޫނުކުރުމުން ރަތްވެއެވެ. އަނެއް ބާވަތުގެ މަށި ހޫނުކުރުމުން އަޅިކުލަ އަރައެވެ. ތަޅުމުގައި ޖަހާ ބައެއް ތަށިމުށީގެ އެތެރެ ހުންނަނީ ހުދު ކުލައިގައެވެ. އެކި ބާވަތުގެ މާއްދާތައް އަޅައިގެން ތަށިމުށްޓަށް ބޭނުން ކުލައެއް ޖެއްސެއެވެ.
ރާއްޖޭގައި އެއްވެސް އިރެއްގައި ފުފޭ އާއި ތަވާ ފަދަ ތަކެތި ހެދިކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. ނަމަވެސް، ރާއްޖެއިން ބޭރުން ގޯނިގޯނީގައި މަށި ގެނެސްގެން، ފުފޭ ފަދަ ތަކެތި ރާއްޖޭގައި ހަދައިފައި ވެދާނެއެވެ. ކަމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. މަށީގެ ތެރެއަށް ފެންކޮންމެވެސް ވަރަކަށް އެއްކުރުމަށް ފަހު، ތަވައެއްގެ ސިފަ ގެނެސް އަލިފާންގަނޑެއްގެ ތެރެއަށްލައި ހޫނުކުރާނީއެވެ. މިހެން ހޫނުކުރުމުން، މަށީގެ ކުލަ ބަދަލުވެ، ހަރުވެއެވެ. އަލިފާންގަނޑުގެ ހޫނުކަން ގަދަވި ވަރަކަށް ހަރުކަން ގަދަވާނެއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ ފުފޭތަކެއް މިގޮތަށް ފިހާ ތަނެވެ.
މަށި ކަންވާރަކަށް ފެން އަޅައިފިނަމަ، މުޅިއަކުން ފެން ހަރެއް ނުލާނެއެވެ. ފެން ތިކިޖަހާ ފައިބާވަރެއް ނުވާނެއެވެ. ނަމަވެސް ބޭރު ފަރާތަށް ފެނުގެ އަސަރުކޮށްފައި ހުންނާނެއެވެ. އެއްވެސް ގޮތަކަށް ބޭރަށް ތެތްކަން ނުހުންނަ ވަރަށް ފުފޭއެއް ހަދަން ބޭނުންނަމަ، އޭގެ ބޭރުގައި ބިއްލޫރި އުފެދޭ ބާވަތުގެ މަށި ފިއްސަކުން އުނގުޅައެވެ. ރުނބާތަކާއި ގުޅިގުޅީގެ ބޭރުފުށުގައި ހުންނަ އޮމާންކަމަކީ މި ބަޔާންކުރި ބިއްލޫރި އުފެދޭ ބާވަތުގެ މަށި ފިއްސަކުން އުނގުޅުމަށްފަހު އެ ފިހުމުން އުފެދޭ އޮމާން އޮފު ކަމެކެވެ. ބިއްލޫރި އުފެދޭ ބާވަތުގެ މަށި ހަރުވާނީ ވަރަށް ހޫނު ގަދަ އަލިފާނުގައެވެ. ތިރީގައި އެވަނީ ކަންވާރެއްގައި މި ބާވަތުގެ މަށި އުނގުޅާތަނެވެ.
ރާއްޖޭގައި ބައެއް ބާވަތުގެ މަށީގެ ތަކެތި އުފައްދާފައި ވެއެވެ. މިގޮތުން، ދުން ގުޑުގުޑާގައި ޖަހާ ސިލުނބު، އަޅުގަނޑު ގޭގެ ކައިރީގައި އުޅޭ މީހެއް ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި، ހަދައި އުޅުނެވެ. އޭނާ އެކަން ކުރާ ގޮތަކީ، ބޭރުން ގެނެސްފައި ހުންނަ މަށީގެ ތެރެއަށް ފެން އެއްކޮށް ގަށައި ތައްގަނޑަކަށް އަޅައި އެހެން ތައްގަނޑަކުން އޮބުމަށް ފަހު، އަނގުރު (ނާށިއަލިފާނު) ގައި ފިހަނީއެވެ. ފުފޭ ފަދަ ތަކެތި ރާއްޖޭގައި ހަދައި އުޅެފާނެކަމަށް ބުނެފައި އެވަނީ މި ތަޖުރިބާގެ މައްޗަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި، ފުފޭ ފަދަ ތަކެތީގައި ކައްކާ ބަތް، އެލްމިނިއަމް ތެލީގައި ކައްކާ ބަތަށް ވުރެ މީރުވާނެއެވެ.
މަޢުދަނުގެ ކަންވާރު
މުށި ކަންވާރުތަކުގެ އެންމެ ބޮޑު މައްސަލައަކީ، ފަސޭހައިން ތަޅައިގެން ދިއުމެވެ. އެހެންކަމުން، ފަހަކަށް އައިސް ކެއްކުމަށް ބޭނުންކުރަނީ މަޢުދަން (މެޓަލް) އިން ހަދައިފައި ހުންނަ ކަންވާރެވެ. އެންމެ ފުރަތަމަ ބޭނުންކުރީ ލޮއިން ހަދައިފައި ހުންނަ ކަންވާރެވެ. ފަހެ ލޮއިގެ ދެ ބާވަތެއް ވެއެވެ. އެއް ބާވަތަކީ، ރަތުލޮއެވެ. މިއީ އިލެކްޓްރިކް ވައިރުކުރާ ނަރު ހަދައިފައި ހުންނަ މަޢުދަން އެވެ. ކުލައަކީ މަޑު ރަތް ފިޔާތޮށި ކުލައެވެ. ކުލައަށް ނިސްބަތްކޮށް ކިޔާ އުޅެނީ ރަތުލޯއެވެ. ގަނޑުވަރުގެ ތެރޭގައި ރަތުލޯ ޖެހި ފުރާޅެއް ހުންނަ ގެއެއް އިހުގައި ހުރިކަމަށް ބުނެއެވެ. ލޯޖެހި ގަނޑުވަރު، ލޯޖެހިގެ، ލޯޖެހި ވެޔޮ ފަދަ ނަންތައް ނިސްބަތްވަނީ ރަތުލޯ ކޮންމެވެސް ވަރަކަށް ހިމެނޭ ގޮތަށް ހަދައިފައި ހުންނަ ތަންތަނަށެވެ. މިހާރުވެސް، ބޭރު ޤައުމުތަކުގައި، މުހިއްމު ޢިމާރާތްތަކުގެ ފުރާޅުގައި ޖެހުމަށާއި ދިޔަދޯވިތަކާއި ހޮޅިތައް ހެދުމަށް ރަތުލޯ ބޭނުންކުރެއެވެ. މާލޭގައި ހުންނަ ދާރުލްޢުލޫމުގެ ފާރުތެރޭގައި ވާރޭފެން ބޭލުމަށް ރަތުލޯ ހޮޅި ހުއްޓައި އަޅުގަނޑަށް ފެނިފައި ވެއެވެ.
ރަތުލޮއަކީ ފަސޭއިން ކަރަންޓާއި ހޫނު ދަތުރުކުރާ މަޢުދަނެކެވެ. ނަމަވެސް މައްސަލައަކީ، މަޑުކަމުން ފަސޭހައިން ބަނޑިވާކަމެވެ. ކަން މިހެން އޮތްކަމުގައި ވިއަސް، އިހުގައި ބޮޑެތި ތެލި ހަދައިފައި ހުންނަނީ ރަތު ލޮއިންނެވެ. މަސްކައްކާ ލޯގަނޑުގެ ވާހަކަ ގިނަ ބަޔަކު އަޑުއަހާނެއެވެ. ރަތުލޮއަށް ވުރެ ހަރު އެހެން ބާވަތެއްގެ ލޮއެއް ވެއެވެ. އެއަށް ކިޔަނީ ރަންވަން ލޮއެވެ. ރަންވަން ގެ މާނައަކީ ރަނާ ވައްތަރު ކަމަށް ލަފާކުރެވެއެވެ. މިބާވަތުގެ ލޯ އުފައްދަނީ ރަތުލޯގެ ތެރެއަށް ތުތިޔާ ނުވަތަ ޒިންކު އަޅައިގެންނެވެ. ތުތިޔާ އަޅަނީ ރަތުލޯގެ ދިހަބައިކުޅަ އެއްބަޔާ ގާތް މިންވަރަކަށެވެ. މިހެން ހެދުމުން، ރަތުލޯއަށް ވުރެ ވަރުގަދަ ރަންކުލައާ ވައްތަރުގެ މަޢުދަނެއް އުފެދެއެވެ. އަދި ވިރުވަން ފަސޭހަ ވެއެވެ. ކަރަންޓު ޕްލަގު (ޓޮޕް) ގެ ފައިކަށިތައް ހަދައިފައި ހުންނަނީ ރަންވަން ލޮއިންނެވެ. ދިވެހި 50 ލާރި ހަދައިފައި ހުންނަނީ ވެސް ރަންވަން ލޮއިންނެވެ. އަޅުގަނޑު ކުޑައިރު، އަޅުގަނޑުމެން ގޭގައި ރަންވަންލޯ ދޮލަނގުތަކާއި ހިފާ ގެންގުޅޭ ކަންވާރުތައް ހުރެއެވެ. ރަންވަންލޮއިން ހަދައިފައި ހުންނަ ލޯތަށްޓާއި، ފާނޫޒާއި ކޯދޮންނަ ލޯގަނޑާއި ކުރައާއި އެހެން ކަންވާރުތައް ރާއްޖޭގައި މިހާރުވެސް ހުންނާނެކަމަށް ލަފާކުރެވެއެވެ.
ރަންވަންލޯ ކަންވާރުތައް ބޭނުންކުރުން އުވިގެން ދިޔައީ ބޮޑު ހަނގުރާމައަށް ފަހު، އެލްމިނިއަމް ކަންވާރުތައް އިމްޕޯޓްކުރަން ފެށުމުންނެވެ. އެލްމިނިއަމް އަކީ ރަންވަން ލޮޔަށް ވުރެ ލުއި، އެއްވެސް ގޮތަކަށް ދަމިލަ ނުޖަހާ މަޢުދަނެކެވެ. މިއާއެކު، އަލި ކުލައެއްގައި ހުންނާތީ އާއި އަގުހެޔޮކަމުން ރަންވަންލޮޔަށް ވުރެ އެއް ނަޒަރަކުން ބަލާއިރު އެލްމިނިއަމް އަކީ ކަންވާރުތައް ހެދުމަށް މާ ރަނގަޅު މަޢުދަނެކެވެ.
ރަންވަންލޯ ކަންވާރުތަކުގެ މައްސަލަ
ރަންވަންލޯގެ އެންމެ ބޮޑު މައްސަލައަކީ، ގިނަ ދުވަސްވުމުން އޭގައި ދަމިލަ ޖަހާކަމެވެ. ދަމިލައަކީ، ޖައްވުގެ ތެރޭގައި ހުންނަ އޮކްސިޖަން، ރަންވަންލޯ އާ މެކުވުމުން އުފެދޭ ކެމިކަލެކެވެ. ބައެއް ބާވަތުގެ ދަމިލަ ހުންނަނީ ވިލުކުލައިގައެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.

ރަންވަންލޯ ދޮލަނގު، ތެލި ފަދަ ތަކެތީގައި ދަމިލަ ޖެހުމުން، ބަދިގޭގެ ވެރިންނަށް ޖެހޭނީ ދަމިލަ ފިލުވާށެވެ. ސަބަބަކީ، މި ދަމިލައަކީ ކެމިކަލް ގޮތުން ވިހައަކަށް ވާކަމެވެ. ދަމިލަ ޖެހުމުން ޖެހިއެއްޗެއްގެ އެތެރެ ނުގިރި އެތައް ޒަމާނެއް ވަންދެން ރަންވަންލޯ ތަކެތި ހުރެއެވެ. ދަމިލައަކީ ދަބަރާ ޚިލާފަށް ރައްކާތެރިކަމުގެ ފަށަލައެކެވެ. ނަމަވެސް، ދަމިލަ ފިލުވައިލުމުން ދެތިން ހަފުތާގެ ތެރޭގައި ދަމިލަ ޖަހައެވެ. ދަމިލަ ޖަހާ ކޮންމެ ފަހަރަކު ލޯގެ މަތީ ފަށަލަ ގިރިގެން ދެއެވެ. އެތައް ފަހަރަކު ދަމިލަ ޖެހުމުން އެ ފިލުވުމުން ދަމިލަ ޖެހި އެއްޗެއް ތުނިވެ އެންމެ ފަހުން ފޫ ދެއެވެ. ދަމިލަ ފިލުވަން ރާއްޖޭގައި ލުބޯ ހުތާއި ރިހާކުރު އެއްކޮށްގެން ބޭނުންކުރެއެވެ. ރާހުތާއި ވެލި ވެސް ބޭނުން ކުރެއެވެ.
އެތައް ދުވަހެއް ވަންދެން ރަންވަންލޯ ތަކެތި ދަމިލަ ނުޖަހާ ގޮތަށް ހެދެއެވެ. މިކަން ކުރަނީ ސާފު ރަންވަން އެއްޗެއްގައި އެހެން އެއްޗެއް ހާކައިގެންނެވެ.
ކަލައިކުރުން
ގިނަ މީހުންނަށް މަޢުދަންތަކުގެ ތެރެއިން ދަގަނޑާއި ރަތުލޯ އާއި ރަންވަންލޯ ފެނިފައި ވާނެއެވެ. މީގެ އިތުރަށް ރަނާއި ރިއްސާއި ތިމަރައާއި އެލްމިނިއަމް ވެސް ފެނިފައި ވާނެއެވެ. ދިވެހީން ކުރިން ގެންގުޅުނު ޢާއްމުކޮށް ބޭނުންކުރާ އެހެން މަޢުދަނެއް ވެއެވެ. މި މަޢުދަން އަށް ކިޔަނީ ހުދު ތިމަރައެވެ. ނަމަވެސް މިއީ ތިމަރައާ އެއްވެސް ގޮތަކަށް ގުޅުމެއް ނުވާ މަޢުދަން އެކެވެ. ނަމަކަށް އެހެން ކިޔަނީ އެވެ. ހުދު ތިމަރަ ގިނަ މީހުންނަށް ފެނިފައި ވާނީ ކިރު ދަޅުތަކުގެ އެތެރޭގައި އަދި ބޭރުގައި އެ ހުންނާތީއެވެ. އަޅުގަނޑު ކުޑައިރު، ރާއްޖެއަށް އެތެރެކުރާ ސައިފަތް ހުންނަނީ ޕްލައިވުޑް ފޮށީގައި ބަންދުކޮށްފައެވެ. ފޮށީގެ އެތެރޭގައި ހުންނަނީ މި ޒަމާނުގައި ޕްލާސްޓިކް ބޭނުންކުރާގޮތަށް ހުދު ތިމަރަ ފަތް ޖަހާފައެވެ. އެއީ ވައި ވަނަ ނުދިނުމަށެވެ.
ހުދު ތިމަރައަށް އެހެން ކިޔަނީ ކީއްވެގެން ބާވައެވެ! ތިމަރައަކީ ވަރަށް ބޮޑު ވިހައެކެވެ. ބައެއް މީހުން ބުނާގޮތުގައި ރޫމީ ޙަޟާރަތް ނިމިދިޔައީ އެމީހުންގެ ކާނާގެ ތެރޭގައި ތިމަރަ ހިމެނެން ފެށުމުންނެވެ. ނަމަވެސް ހުދު ތިމަރައަކީ ހަށިގަނޑަށް އެއިން އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެކެވެ. ގެރިކިރު ދަޅުގެ އަދި ހިކިކިރު ދަޅުގެ އެތެރޭގައި ހުދު ތިމަރަ ހުންނަނީ އެހެންވެގެންނެވެ. ހުދު ތިމަރައާ އަޞްލު ތިމަރަ އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ދެ އެއްޗަކީ ވެސް ވަރަށް ދަށް ހޫނުގައި ވިރޭ ދެ މަޢުދަނެވެ. ތިމަރަ ވިރެނީ 328 ސެލްސިއަސްގައެވެ. ނަމަވެސް މިއަށް ވުރެ ވެސް ދަށް ހޫނުގައި 232 ސެލްސިއަސްގައި ހުދު ތިމަރަ ވިރޭނެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ހުދު ތިމަރައަށް ހުދުތިމަރަ ކިޔަނީ މިހެންވެގެންނެވެ. ދެ މަޢުދަންވެސް ވިރޭ ހޫނުމިން ދަށްކަމުންނާއި މަޑުކަން ގާތްގަޑަކަށް އެއްވަރުވާތީއެވެ. ދިވެހި ބަހުގެ އިތުރަށް ހުދުތިމަރައަށް ލެޓިން ބަހުންވެސް އެއް އިރެއްގައި ހުދުތިމަރަ ކިޔައި އުޅުނެވެ.
އިނގިރޭސިބަހުން ހުދު ތިމަރައަށް ކިޔަނީ ޓިން އެވެ. ދަބަރުޖެހުން ކުޑަކުރުމަށް، އިހުގައި ތާން (ކަރުދާސްފަދަ ތުނި ފަށަލައަށް ހުންނަ) ދަގަނޑުގެ ދެ ފަރާތުގައި ޓިން ލާފައި ހުރެއެވެ. އެއީ ދަޅު ހަދާފައި މިހުންނަ ޖަސްތު ފަދައިންނެވެ. އެހެންކަމުން މި ބާވަތުގެ ތާން ޖަސްތުއަށް ވެސް ޓިން ކިޔައެވެ.
ޓިން އަށް ފާރިސީ ބަހުން ކިޔަނީ ޤަލައު އެވެ. ފާރިސީންނަކީ އިހުގައި (އަދި މިހާރުވެސް) ވަރަށް ކުރިއަރާފައިވާ ޒަމާންވީ ޙަޟާރަތެކެވެ. މިހާރު އިންޑިއާ މިކިޔާ ޤައުމުގެ ވަރަށް ދެކުނު ހިސާބުގައި ވެސް އެމީހުންގެ ދަރިކޮޅުގެ ވެރިކަން އޮތެވެ. މި ދުވަސްވަރު، ހުދު ތިމަރައަށް ފާރިސީން ކިޔާ ނަން، ކަލައި އަށް ބަދަލުވިއެވެ. ފަހެ، ޤާފު ގެ އަޑަކީ އުތުރުކަރައިގެ ބަސްތަކުގައި ޢާއްމު އަޑެއް ނޫނެވެ.
ތަޖުރިބާގެ މަގުން ފާރިސީންނަށް އެނގިފައިވަނީ ރަންވަންލޯ ގަދައަށް ހޫނުކުރުމަށް ފަހު، ހުދު ތިމަރަ ނުވަތަ ކަލައި އުނގުޅުމުން ރަންވަންލޯގައި ކަލައި ފަށަލައެއް ލެވި ކަލައިގެ ކުލައަށް ބަދަލުވާ ކަމެވެ. ކަލައިގެ ކުލައަކީ ރިހި ކުލައެވެ. އެހެންކަމުން ރިހި ފަދައިން މިގޮތަށް ކަލައި ކުރާ ކަންވާރުތަކުގެ ކުލަ ވަރަށް ރީތި ވާނެއެވެ. ޢީދު ދުވަސް ފަދަ ދުވަހާ ދިމާކޮށް، ރަންވަންލޯ އަދި ރަތުލޯ ކަންވާރުތައް ކަލައި ލައި ރީތިކޮށް ހަދަތެވެ. އުތުރުކަރައިގައި ކަލައިކުރާ މީހުންނަށް ކިޔަނީ ކަލައިވާލާ ނުވަތަ ކަލައިގާރު އެވެ. ބައެއް މީހުން، ކަލައިކުރާ ސާމާނުތައް ބައިސްކަލަކަށް އަރުވައިގެން މީހުންނަށް އެކަންކޮށްދޭން އެއް ގެއިން އަނެއް ގެއަށް ގޮސް އުޅެއެވެ.
ކަލައިކުރުމުން ރަންވަންލޯގައި އަދި ރަތުލޯގައި ވެސް ކަލައިގެ އަސަރު ހުންނާނީ ދެތިން މަސްވަންދެނެވެ. އެހެނީ ކަލައި އަކީ ވަރަށް ދަށް ހޫނެއްގައި ވިރޭ އެއްޗެކެވެ. މިކަން، ކަލައިކުރި ނެސްޕްރޭ ދަޅެއް އުނދުނަށް ލުމުން، ފާހަގަ ކުރެވޭނެއެވެ. ގަދައަށް ހޫނުކޮށްލުމުން، އޭގައިވާ ކަލައިގެ ފަށަލަ ވިރިގެން ދާނެއެވެ.
ކަލައި ކުރާ ގޮތަކީ، ކަލައިކުރަން ބޭނުންކުރާ އެއްޗެއް ވަރަށް ބޮޑަށް އެންމެ ފުރަތަމަ ސާފުކުރަނީއެވެ. ސާފުކުރުމަށް އެތައް ގޮތެއް ބޭނުންކޮށްފާނެއެވެ. އެއްގޮތަކީ ރާހުތް ފަދަ ހުތެއް ބޭނުންކުރުމެވެ. ދެން މިއަށް ފަހު، ކަންވާރު ވަރަށް ގަދައަށް ހޫނުކުރަނީ އެވެ. ދެން އެއަށް ފަހު، ނައުސަދަރު ނުވަތަ އެމޯނިއަމް ކްލޮރައިޑް ކިޔާ ކުނޑިއެއް ބައު ފޮތިގަނޑަކުން ހާކައި، ކަލައި ނުވަތަ ހުދުތިމަރަކޮޅެއް ފޮތިގަނޑުގައިލައި ކަންވާރުގައި އުނގުޅަނީއެވެ. މިހެން ހެދުމުން ކަލައި ކަންވާރުގައި ހިފައެވެ. ދިވެހިބަހުން ނައުސަދަރަށް ކިޔަނީ މޫސަދަރު އެވެ. މިއީ ހުދުކުލައިގައި ހުންނަ ކުނޑިއެކެވެ.

ތިރީގައިވާ ވީޑިއޯއިން ކަލައިކުރާގޮތް އިތުރަށް އޮޅުން ފިލާނެއެވެ.
ދިވެހިރާއްޖޭގައި ވެސް ކަލައިކޮށް އުޅުނެވެ. އެކަން އަޅުގަނޑަށް ޔަޤީންވާގޮތަކީ، އެކަން ކުރަން ބޭނުންކުރާ ހުރިހާ އެއްޗެއް އަޅުގަނޑަށް އެފަދަ މާހައުލަކުން ފެނިފައިވާތީއެވެ. އަދި ދިވެހިބަހުގެ ތެރެއަށް ކަލައިކުރުން ލަފުޒެއްގެ ގޮތުގައި ވަދެފައިވާތީއެވެ.
ދަންނައެވެ. މުސްކުޅި ޢުމުރުގައި، ހަށިގަނޑާއި ބުއްދި ލަސްވާ ބަލި ޖެހިފައިވާ މީހުންގެ ސިކުނޑީގައި އެލްމިނިއަމް ގިނައިން ހުންނަކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. މިބަލި ޖެހެނީ އެލްމިނިއަމްގެ ސަބަބުން ކަމެއް ނުވަތަ އެލްމިނިއަމް ގިނަވުމަކީ ބަލީގެ ޢަލާމާތެއްކަމެއް އެއްވެސް ފަރާތަކަށް އަދި މުޅިން ޔަޤީނެއް ނޫނެވެ. މިސަބަބާއި އަދި އެހެން ސަބަބުތަކާ ގުޅިގެން، ބައެއް މީހުން އެލްމިނިއަމް ތެލި ކެއްކުމުގައި ބޭނުމެއް ނުކުރެއެވެ. އަދި ބައެއް ފަރާތްތަކުން ދަބަރުނުޖަހާ އެސްއެސް ތެލިވެސް ބޭނުމެއް ނުކުރެއެވެ. އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުބޮޑު ތެލި މިޒަމާނުގައި ވެސް ހަދަނީ ރަތުލޯއިންނެވެ. އެއީ ހޫނުވާލެއް އަވަސްކަމާއި އެހެން ސަބަބުތަކާ އެކުއެވެ. ތިރީގައިވާ ކުރު ވީޑިއޯއިން މިޒަމާނުގައި މިފަދަ ތެލި އުފައްދައި އެކަލައި ކުރާގޮތް ފެނިވަޑައިގަންނަވާނެއެވެ. ވީޑިއޯގައި މޫސަދަރެއް ބޭނުމެއް ނުކުރެއެވެ.
ބަސްފޮތާއި ކަލައިކުރުން
ދިވެހި ބަސްފޮތުގައި ކަލައިކުރުމުގެ މާނަ ލިޔެފައިވަނީ ނުބައިކޮށެވެ. މާނަ ލިޔެފައިވަނީ އެއީ ދަގަނޑުގައި ތުތިޔާ (ޒިންކު) ލުމަށް ކަމަށް މާނަކޮށެވެ. މިހިސާބަށް ކިޔުއްވި ފަރާތްތަކަށް ކަލައި ކިޔަނީ ކޮން އެއްޗަކަށްކަން އެނގިވަޑައިގަންނަވާނެއެވެ. ތުތިޔާލުމަށް ކަލައިކުރުން ބޭނުންކުރެވޭނީ މަޖާޒީ މާނައެއްގައެވެ. ކަލައިކުރި ދަގަނޑާއި ތުތިޔާކޮށްފައިވާ ދަގަނޑަކީ ތަފާތު ދެ އެއްޗެކެވެ. ދަގަނޑުގައި ޒިންކްލުމަށް އިންގިރޭސިބަހުން ކިޔަނީ ގަލްވަނައިޒް ކުރުމެވެ. ޒިންކް ނުވަތަ ތުތިޔާ އަކީ ގިނައިން ކެވިއްޖެނަމަ ވިހަވާ އެއްޗެކެވެ. ވިހަވުމަށް ބޭނުންވަނީ ގްރާމެއްގެ 20 ބައިކުޅަ އެއްބައެވެ. ކަލައިއަކީ ވިހަވާ އެއްޗެއް ނޫނެވެ.
ފަހެ، ތުތިޔާ ނުވަތަ ޒިންކް އަކީ، ދަބަރުޖެހިޔަ ނުދިނުމަށް ދަގަނޑުގެ ބޭރުގައިލާ މަޢުދަނެކެވެ. މިއީ ވެސް ދިވެހިރާއްޖޭގައި ކޮށް އުޅުނު ކަމެކެވެ. މިކަން ކުރާ ތިން ގޮތެއް އޮވެއެވެ. މާލޭގައި މަސްގަންނަ ބޯޓުތަކެއް 1970 ގެ އަހަރުތަކުގައި، ފުނަދޫއާ ދިމާއިން އަތިރިމަތީގައި ހެދިއިރު، އެކަން ކުރަނީ ދަގަނޑު (ބޯލްޓް ނުވަތަ އިސްކުރުފަދަ) ތަކެތި ސާފުކުރުމަށް ފަހު، ކެކިކެކި ހުރި ޒިންކު އެއްޗަކަށް ބާނައިގެންނެވެ. މިގޮތަށް ޒިންކްލުމަށް ކިޔަނީ ހޮޓް-ޑިޕްޑް ގަލްވަނައިޒޭޝަން އެވެ. ދެވަނަ ގޮތަކީ، ކުޑަ ކަރަންޓެއް ދީގެން ގިރިޓީކުރާހެން ދަގަނޑުގެ ބޭރުގައި ޒިންކުލުމެވެ. މިއީ ރާއްޖޭގައި ގެންގުޅޭ ހަތަރެސްކަން ހޮޅީގައި ޒިންކް ލާފައި ހުންނަގޮތެވެ. ތިންވަނަ ގޮތަކީ، ޒިންކު ގިނައިން ހުންނަ ދަވާދު ލުމެވެ. މިފަދަ ދަވާދު ރާއްޖޭގައި ވިއްކަން ހުރެއެވެ. ސޮނީ ފިހާރައިގައި ގަލްވަނައިޒްޑް ފަށަލައެއް ލެވޭ ސްޕްރޭކުރާ ދަވާދު ދަޅު ހުރެއެވެ. އެންމެ ރަނގަޅު ގޮތަކީ ކެކިކެކި ހުރި ޒިންކްގެ ތެރެއަށް ދަގަނޑު ގަންބައިގެން ގަލްވަނައިޒް ކުރުމެވެ. ހޫނު ޒިންކް ހުރި ބިލިގާއަކަށް ދަގަނޑު ލައިގެން ގެލްވަނައިޒް ކުރާގޮތް ތިރީގައިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ.







Leave A Comment