
ޢިބާރާތުގެ މާނަ
ބައެއް ކިޔުންތެރިން ކުރައްވާނެ ސުވާލަކީ 2020 މުހިއްމުވަނީ ކީއްވެގެން ހެއްޔެވެ؟ 2010 ނުވަތަ 2030 އަށް ޚިޔާލުތައް ބައްޓަން ނުކުރީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑަށް ލަފާކުރެވޭގޮތުން، ގިނަ ދިވެހީންނަށް ވެސް މި ޢިބާރާތުގެ ދެ މާނައެއް ވާކަމާއި މި ޕްލޭންއަށް ނުވަތަ ރޭވުމަށް މި ދެމާނައިގެ މުހިއްމުކަންވަނީ ގެއްލިފައެވެ.
ފަހެ، އިނގިރޭސި ބަހުން ”ވިޜަން“ (VISION) ގެ މައިގަނޑު ދެމާނައެއް ވެއެވެ. އެއް މާނަ ކުރިން ދެންނެވުނީއެވެ. އާދެ! އެއީ މީހެއްގެ ފިކުރުގައި، އެއްޗަކާމެދު ނުވަތަ ކަމަކާމެދު އޮންނަ ޚިޔާލެވެ. ނުވަތަ ޚިޔާލީ ތަސްވީރެވެ. އަނެއް މާނައަކީ، ލޮލަށް ފެނުމުގެ ބާރެވެ. ފެނުމުގެ ޙިއްސެވެ. މީހެއްގެ ވިޜަން ނެތްނަމަ، އޭނާ ކަނުވާނެއެވެ. ފެނުމުގެ ބާރު ޢުމުރުން ދޮށިވަމުން ދިޔަވަރަކަށް ދަށްވަމުން ދާނެއެވެ. ޑޮކްޓަރުން ފެނުމުގެ ބާރު ވަޒަންކުރާ ގޮތެއް އޮވެއެވެ. އެއީ އެކި ސައިޒަށް ލިޔެފައިވާ އަކުރުތަކެއް ހުރި ޗާޓެއް މީހާ ލައްވައި ކިޔުއްވުމެވެ. މިގޮތަށް ބޭނުންކުރާ ޗާޓަށް ކިޔާ ނަމަކީ ސްނެލަން ޗާޓެވެ. ތިރީގައި އެވަނީ އެފަދަ ޗާޓެކެވެ.
މި ޗާޓު ޢާއްމުގޮތެއްގައި، ބަހައްޓަނީ ކިޔާ މީހާއާ 20 ފޫޓު ދުރުގައެވެ. ޗާޓުގެ މަތިން ތިރިއަށް ބޮޑުން ކުޑައަށް އެކި ސައިޒުގެ އަކުރުބަރިތައް ހުރެއެވެ. އެކި ދުރުމިނުން ލޮލުގެ ފެނުން ރަނގަޅު މީހުންނަށް ކިޔަން އެނގޭ އަކުރުތައް ޗާޓުގައި ލިޔެފައި ހުރެއެވެ. މިސާލެއްގެ ގޮތުން، މަތީގައިވާ ޗާޓުގައި، އެންމެ ފުރަތަމަ ބަރީގައިވާ ދެ އަކުރު 100 ފޫޓު ދުރުމިނުން މީހުންނަށް ކިޔަން އެނގޭނެއެވެ. ފެނުން ރަނގަޅު ގިނަ މީހުންނަށް ވިހި ފޫޓު ދުރުން ކިޔަން އެނގޭނީ ތިރިން ދެވަނަ ބަރީގައިވާ އަކުރުތަކެވެ. މި ބަރި ކިޔަން އެނގޭނަމަ، ބުނާނީ އެމީހާގެ ލޮލުގެ ފެނުން ހުރީ 20/20 ގައި ކަމަށެވެ. ކިޔާއިރު ކިޔާނީ ވިހި ވިއްސެވެ (ޓްވެންޓީ ޓްވެންޓީ) އެވެ. އެންމެ ތިރީބަރި 20 ފޫޓު ދުރުން ކިޔަން އެނގޭނަމަ، ކިޔާމީހާގެ ފެނުން ޢާއްމު މީހަކަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެނީ ޢާއްމު މީހަކަށް އެ ބަރި ކިޔަން އެނގޭނީ ޗާޓާ 16 ފޫޓާ ހަމައަށް ގާތްވީމައެވެ. [ބާޒަކީ ލޮލުގެ ބާރު އެންމެ ތޫނު ހައިވާނެއެވެ. ތިން ކިލޯމީޓަރުގެ ދުރުން ތިލަ ފެނުގައި މަސް އުޅޭތަން އެއަށް ފެނެއެވެ. އިންސާނަކަށް ވުރެ ބާޒެއް 10 ވަރަކަށް ގުނަ ލުޔަސް، އޭގެ ލޮލުގެ ސައިޒު އިންސާނެއްގެ ލޮލުގެ ސައިޒާ އެއްވަރެވެ. އޭގެ ސިކުނޑިއަށް ވުރެ ލޯ ބޮޑެވެ. އަމިއްލައަށް ލޯ ޓެސްޓްކޮށްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޖުމުލައަށް އޮބާލެއްވުމުން ލޯޓެސްޓުކުރާ ކާޑެއް ޑައުންލޯޑުވާނެއެވެ. ކާޑު އޭ4 ގަނޑަކަށް ޕްރިންޓްކުރެއްވުމަށް ފަހު ކިޔުއްވަންވާނީ 9 ފޫޓު ދުރުންނެވެ. އަދި ދަންނަވަމެވެ. މިޒަމާނުގައި ދުރުމިން ގުނަން މީޓަރު ބޭނުން ކުރާތީ ދުރު ރަނގަޅަށް ފެންނަކަމަށް ބަލަނީ މީހެއްގެ ލޮލުގެ ބާރު 6/6 ހުރި ނަމައެވެ. 6 މީޓަރަކީ ގާތްގަޑަކަށް 20 ފޫޓެވެ. ލޮލުގެ ނަންބަރު ނަގާ ކޮޓަރިތައް ކުދިކަމުން މިހާރު ޗާޓުތައް ހަދާފައި ހުންނަނީ ނިސްބަތުން ކުޑަކޮށެވެ. ނަމަވެސް ވަޒަނަކަށް ބޭނުންކުރަނީ އަދިވެސް 20/20 ނުވަތަ 6/6 އެވެ.]
މަތީގައި އަޅުގަނޑު މި ބަޔާން ކުރި ވާހަކަތަކުން ކިޔުން ތެރިންނަށް އޮޅުން ފިލާނީ ”ވިޜަން 20/20 ނުވަތަ ވިޜަން 2020“ ބުނުމުން އެ ޢިބާރާތުގައި ޚާއްޞަ މާނައެއް ވާކަމެވެ. އާދެ! އެ ޢިބާރާތް ބޭނުންކޮށްފައި އެވަނީ ކުރިމަގުގެ ލަނޑުދަނޑިތައް ސާފުކޮށް ފެންނަ ފެނުން މަޖާޒީގޮތެއްގެ ސިފަކުރުމަށެވެ. މެލޭޝިއާގެ ވިހިިވިހީގެ ތަޞައްޥުރު ނެރުނު އިރު، އެޤައުމުގެ ވެރިއަކަށް ހުރީ މެޑިކަލް ޑޮކްޓަރެކެވެ. ދިވެހި ބަހުން ”2020 ގެ ތަޞައްވުރު“ ބުނުމުން އިނގިރޭސިބަހުން އެ ޢިބާރާތް ބުނުމުން ކުރާ އަސަރެއް ނުކުރެއެވެ. ފަހެ، އެއްވެސް ބަހެއް އަނެއް ބަހަކަށް ހުރިހާ އަސަރުތަކާއެކު ތަރުޖަމާއެއް ނުކުރެވެއެވެ.
ކޮންމެ އަކަސް، އަޅުގަނޑުމެން މިއުޅެނީ 1999 ގައި ސަރުކާރުން ޢާއްމު ކުރި މަދްރަސީ ތަޢުލީމާ ބެހޭ 2020 ގެ ތަޞައްޥުރު ބަހުސް ކުރާށެވެ. އެ ތަޞައްވުރުގެ މުހިއްމު އެއްބައި ތިރީގައި އެވަނީއެވެ.
ވިހިވިހީގެ ތަޞައްޥުރުގައި މަދްރަސީ ތަޢުލީމާ ބެހޭ ކަންކަން
ސަރުކާރުގެ އޮފީސްތަކުން ވިހިވިހީގެ ތަޞައްވުރު އެކުލަވާލުމަށް ފަހު އެ ތަޞައްޥުރުތައް 1999 ގައި ރައީސް މައުމޫން އިޢުލާނު ކުރައްވައި، 2002 ގައި ރައީސް އޮފީހުން ޝާއިޢުކުރެއްވިއެވެ. މިފޮތުގެ ނަމަކީ ”ދިވެހިރާއްޖޭގެ 2020ގެ ތަޞައްވުރުގެ ދާއިރާތަކުގެ މާ ރެސް“ އެވެ.، އެފޮތުގައި، ޤައުމުގެ ހުރިހާ ދާއިރާތަކާ ބެހޭ ގޮތުން ކަންކަން ތަޞައްވުރުކުރެވޭ ގޮތް ބަޔާންކޮށްފައި ވެއެވެ. މިފޮތުގައި ތަޢުލީމާ ބެހޭ ގޮތުން، ހިމެނޭ ބައިގެ ޕީޑީއެފް ކޮޕީއެއް މި ޖުމުލައަށް ފިތާލައްވަނިކޮށް ޑައުންލޯޑް ވާނެއެވެ. ތަޢުލީމާ ބެހޭ ބައި އެކުލަވާލުމުގައި އަޅުގަނޑުގެ ޙިއްޞާއެއް ވެއެވެ.
ތަޢުލީމާ ބެހޭ ބައި ތަރުތީބުކޮށްފައިވަނީ 8 ބަޔަކަށެވެ. އަޅުގަނޑު މި މަޒުމޫނުގައި ގެނެސްދޭނީ އެއިން ފުރަތަމަ ބައިގައި ހިމެނިފައިވާ ކަންތައްތަކާއި އެކަންކަން ޙާޞިލްވި މިންވަރާ ބެހޭ ވަޒަންކުރުމެކެވެ. އެންމެ ފުރަތަމަ ބައިގައި ހިމެނެނީ ފެންވަރު މަތިކުރުމާ ބެހޭބައެވެ. މި ބައިގައި 8 ނުކުތާއެއް ވެއެވެ.
- ރާއްޖޭގެ ކޮންމެ ސްކޫލަކީ ވެސް އެއް ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލަކަށް ހެދުން.
- ކިޔަވައިދޭ ކޮންމެ މަރުކަޒެއްގައި ވެސް، ބޭނުންވާ ޢަދަދަށް ތަމްރީނު ލިބިފައިވާ ރަނގަޅު ފެންވަރުގެ ދިވެހި ޓީޗަރުންނާއި ޕްރިންސަޕަލުން/ހެޑް މާސްޓަރުން އަދި އިދާރީ މުވައްޒަފުން ތިބުން.
- މުދައްރިސުންނާއި ފަންނީ އަދި އިދާރީ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ދާއިމީ ގޮތެއްގައި ހިންގަމުން ގެންދިއުން.
- މުޖުތަމަޢުގައި ޤަދަރާއި އިޙްތިރާމް ލިބޭ ފަދަ ގޮތަކަށް ޓީޗަރުންނަށް ވަޒީފާގެ އޮނިގަނޑު އިޞްލާޙްކުރުން.
- ޤައުމީ އިމްތިޙާނެއް އުފައްދައި ތަންފީޒުކުރުން.
- ތަޢުލީމީ ޙާލަތާއި ފެންވަރު ބަލާ ޚާއްޞަ ކޮމިޓީއެއް އަތޮޅުގައި ޙަރަކާތް ކުރުވުން.
- ޓީޗަރުން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ސްޕަވައިޒްކުރުން.
- ތަޢުލީމު އުނގަންނައިދިނުމުގައި އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ އާ މަލްޓިމީޑިއާގެ ޒަމާނީ ވަސީލަތްތަކާއި އުނގަންނައިދިނުމުގެ ހުނަރުތައް ބޭނުންކުރުން.
ވިހިވިހީގެ ތަޞައްވުރު ޝާއިޢުކުރެވުނު ފަހުން މައުމޫންގެ ވެރިކަން، 9 އަހަރު ދެމި އޮތެވެ. ނަމަވެސް، މި ދުވަސްވަރު، މި ތަޞައްވުރުތައް ޙާޞިލްކުރުމަށް ރޭވުންތެރިކަމުގެ އުސޫލުން އެއްވެސް ކަމެއް ކުރެވިފައިވާ ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. ފަހެ، ސްޓްރެޓެޖިކް ޕްލޭނިންގ ނުވަތަ ދުރު މުސްތަޤްބަލްގެ ލަނޑުދަނޑިތައް ޙާޞިލްކުރަން ކަންކަން ރޭވުމަކީ، އެކަމަށް ފައިސާ ކަނޑައަޅައި، ވަކި ހަމަތަކަކުން ވާނުވާ ބަލަމުންގެންދަންޖެހޭ ކަންތައްތަކެކެވެ. މައުމޫންގެ ސަރުކާރު ނިމުމަށް ފަހު، ތިން ރިޔާސީ ދައުރެއް އަތުވެއްޖެއެވެ. މީލާދީގޮތުން 2020 އައިއިރު ވިހިވިހީގެ ތަޞައްވުރުތަކުގެ ޙާލަތަކީ ކޮބައިތޯއެވެ؟
1. ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުން
ޙާޞިލްވީ މިންވަރު: ★★☆☆☆
ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުން، ޚާއްޞަ ކަމެއްގެ ގޮތުގައި، 2008 ވަނަ އަހަރު ފެށުނު ރައީސް ނަޝީދުގެ ދައުރާއި 2018 ވަނަ އަހަރު ފެށުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި ކުރިއަށް ގެންދެވުނެވެ. މިހާރު ފަށާ އަދި ސާނަވީ ތަޢުލީމުގެ 145 އާ ގާތް ސްކޫލެއް އެއް ދަންފަޅިއަށް ހަދައިފިއެވެ. ނަމަވެސް، ލަނޑުދަނޑިއެއް ޙާޞިލެއް ނުވިއެވެ. ރާއްޖެތެރޭގައި އެއް ދަންފަޅިއަށްއަބަދުވެސް އެތައް ސްކޫލެއް ހިންގައެވެ. މާލޭގައި މިކަމަށް އޮތް މައިގަނޑު ހުރަހަކަށްވީ، ތަފާތު ސަބަބުތަކާ ހުރެ ވޭތިވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ އާބާދީ ގާތްގަޑަކަށް ދެގުނައަށް ބޮޑުވުމާއި، އައު ސްކޫލްތައް ބިނާކުރުމަށް ދެވުނު އިސްކަން ކުޑަކަމެވެ.
މުސްތަޤްބަލްގައި އެއް ދަންފަޅިއަށް ހުރިހާ ސްކޫލެއް ހިންގަން ބޭނުން ނަމަ، އެންމެ ފުރަތަމަ ސަމާލުކަމެއް ދޭންވީ މާލެއަށެވެ. ސްކޫލްތައް އަޅާނޭ ޖާގަތައް މާލޭގައި ވަރަށް މަދުވެއްޖެއެވެ. ސްކޫލެއް އެޅޭނެކަމަށް އަޅުގަނޑަށް ފެންނަ ތަންތަނަކީ، ބައު އިންޖީނުގެ ހުރި ސަރަޙައްދާއި، ގަޅޮލު ބޯޅަދަނޑާއި ބައު ޖަމާލުއްދީން ސްކޫލް ހުރިތަނާއި، މާފަންނު ސަހަރާ އާއި މާފަންނުއާގެ ހުރިތަނާއި ހެންވޭރު ނޫރު މިސްކިތް ހުރި ހިސާބާއި ސޯސަންގެއާއި ސޯސަންމަގުގައި ނާރސަރީ ހުރިތަނާއި މިފަދަ ތަންތަނެވެ. މިތަންތާނގައި އަޅާ ސްކޫލްތައް އަޅަން ޖެހޭނީވެސް ކުޑަކޮށެވެ. ގާތްގަޑަކަށް 600 ކުދިންނަށެވެ. ފަހެ، ދުނިޔޭގެ ގިނަ ސްކޫލްތަކުގައި ދަރިވަރުންގެ ޢަދަދު 600 އަށް ވުރެ ކުޑަވާނެއެވެ. މާލޭގައި ސްކޫލްތަކެއް އަލުން ބިނާ ނުކުރާނަމަ، ދެން ޖެހޭނީ ހުޅުމާލެ ފަދަ އެހެން ރަށެއްގައި ބިނާ ކުރާ ސްކޫލްތަކަށް މާލޭގެ ދަރިވަރުން ބަހުގައި ނުވަތަ ރޭލުގައި ގެންދާށެވެ. މިއީ ރިކަރަންޓް ޚަރަދު ވަރަށް ބޮޑު، ދެމެހެއްޓެނިވި ގޮތަށް ނުކުރެވޭނޭ، ސިޔާސީ މައްސަލަތަކެއް ނުކުންނާނޭ ކަމެކެވެ.
2. ކިޔަވައިދޭ ކޮންމެ ތަނެއްގައި ތަމްރީނު ލިބިފައިވާ ދިވެހީން ތިބުން
ޙާޞިލްވީ މިންވަރު: ★★★☆☆
މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓުން އެންމެ ފަހުގެ ތަފާސް ހިސާބަކަށް ލިބެން އޮތީ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކެވެ. މި ހިސާބުތަކުން ދައްކާގޮތުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަނީ ޖުމުލަ 9586 ޓީޗަރުންނެވެ. މި ޓީޗަރުންގެ ތެރެއިން ތަމްރީނު ކުރެވިފައިވާ ދިވެހީންނަކީ 6709 އެވެ. އެއީ ޖުމުލަ ޢަދަދުގެ %70 އެވެ. އިދާރީ މުވައްޒަފުންގެ މަޢުލޫމާތެއް ތަފާސް ހިސާބަކު ނުވެއެވެ.
އަޅުގަނޑުގެ ނަޒަރުގައި، މި ލަނޑުދަނޑި ޙާޞިލްނުވި މައިގަނޑު ސަބަބަކީ، މުދައްރިސްކަމާ ކުރިމަތިލާ މީހުން މަދުވުމާއި ތަމްރީނަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމެވެ. ކުރިމަތިލާ މީހުން މަދުވެފައިވަނީ ވަޒީފާގެ ޢިނާޔަތްތައް އެހެން ވަޒީފާތަކާ އަޅާބަލާއިރު ކުޑަކަމުންނާއި ތަމްރީނުގެ ޚަރަދު ބޮޑުވުމުންނެވެ. އެއް އިރެއްގައި، އެއް އަހަރުގެ ތަމްރީނުން މުދައްރިސަކަށް ވެވުނަސް، އަދި އެ ތަމްރީނުގައި އުޅޭއިރު ހިލޭ ކިޔަވައިދީ ޕޮކެޓްމަނީއެއް ދެވުނަސް މިހާރު އެކަންކަން ވަނީ ހުއްޓިފައެވެ. މިއާ ގުޅުން ހުރި އަނެއް ސަބަބަކީ، ޅަފަތުގެ ތަޢުލީމު ރަސްމީ ތަޢުލީމުގެ ތެރެއަށް ވަނުމެވެ. މި ދެންނެވި ކަންކަމާއި ރާއްޖޭގެ އެކި ރަށްރަށުގައި އަމިއްލަ ގޮތުން ހިންގި ސްކޫލްތައް ސަރުކާރުން ހިންގާ ގޮތަށް 2005 ވަނަ އަހަރު ބަދަލުވުމަކީ މިލަނޑުދަނޑި ހާސިލުވުމަށް ހުރަސް އެޅި ކަންކަން މެއެވެ.
3. މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމް ދާއިމީކޮށް ހިންގުން
ޙާޞިލްވީ މިންވަރު: ★★★★☆
މި ލަނޑުދަނޑިއަށް އަޅުގަނޑު ދީފައިވަނީ ހަތަރު ތަރިއެވެ. އެއް ނަޒަރަކުން ބަލާއިރު ދެވޭނީ އެއް ތަރިއެވެ. ފެންވަރު މަތިކުރުމަކީ މަތީ ފެންވަރުގެ ކޯސްތަކަށް ވަނުވުމުގެ ފުރުޞަތު އޮތުން ކަމަށް މާނަކުރާނަމަ، ހަތަރު ތަރި ދެވިދާނެއެވެ. ރާއްޖޭގައި އިދާރީ މުވައްޒަފުންނަށާއި މުދައްރިސުންނަށް ވަދެވޭނޭ އެތައް ކޯސްތަކެއް އެތައް ތަނަކުން ދާއިމީކޮށް ހިންގައެވެ. މިކަން ވެފައިވަނީ ފައިދާބޮޑު ވިޔަފާރިއަކަށެވެ. ވިޔަފާރީގެ ހުރިހާ އުކުޅަކާއި ހީލަތެއް ކޯސް ހެދުމާއި ހިންގުމުގައި ހިމެނެއެވެ.
ފެންވަރު މަތިކުރުމަކީ، މުވައްޒަފަކު އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ ހުނަރުތައް މަތިކުރުން ކަމަށް ވާނަމަ، މިލަނޑުދަނޑިއަށް އަޅުގަނޑު ދޭނީ އެންމެ ތަރިއެކެވެ. އެއް ދުވަސްވަރަކު، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ދެތިން ދުވަހުގެ ފަންނީ ކުރު ކޯސްތައް ހިންގިއެވެ. މިކޯސްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ވުރެ ކިޔަވަން އަންނަ މުދައްރިސުންގެ ފެންވަރު މަތިވެގެން އައުމާއެކު، ފަންނީ ކުރިއެރުމާބެހޭ މަސައްކަތު ބައްދަލުވުންތައް ހިންގުން ސްކޫލްތަކުގެ ޒިންމާއަކަށް ވިއެވެ. ދެން ބަޖެޓް ނެތުމުންނާއި އެހެން ސަބަބުތަކާ ހުރެ މި ޙަރަކާތްތައް މަދުވެފައި ވެއެވެ.
4. މުޖުތަމަޢުގެ ޤަދަރާއި އިޙްތިރާމް ލިބޭފަދަ ވަޒީފާގެ އޮނިގަނޑު
ޙާޞިލްވީ މިންވަރު: ★★★☆☆
ވޭތިވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، މުދައްރިސުންގެ ވަޒީފާގެ އޮނިގަނޑު، ހަނދާންވާ ގޮތުން ތިން ފަހަރަކު ބަދަލު ވެއްޖެއެވެ. މިކަމުގެ ސަބަބަކުން ސަފުން މުދައްރިސުންނަށް މުޖުތަމަޢުއިން ދޭ ޤަދަރާއި އިޙްތިރާމް ވަކި ބޮޑުވީ ހެނެއް ހިޔެއް ނުވެއެވެ. މި ލަނޑުދަނޑިއަށް އަޅުގަނޑު ތިން ތަރި ދިން ސަބަބަކީ، ލަނޑުދަނޑީގައި މައްސަލައެއް އުޅޭކަމަށް ފެންނާތީއެވެ. ލަނޑުދަނޑީގެ ޢިބާރާތުން މާނަކުރެވެނީ މުޖުތަމަޢުގެ ޤަދަރާއި އިޙްތިރާމަކީ ވަޒީފާގެ އޮނިގަނޑުން ލިބޭ ކަމެއް ކަމަށެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މިއީ އަކީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ. ޢިލްމީ ތަޙްޤީޤުތަކުން ދައްކާގޮތުން، މުދައްރިސުންގެ މުސާރަ އެންމެ ބޮޑު ޤައުމުތަކާއި މުދައްރިސުންނަށް މުޖުތަމަޢުއިން ދޭ ޤަދަރު މަތި ޤައުމުތަކާ މާބޮޑު ގުޅުމެއް ނުހުރެއެވެ. ވަޒީފާގެ އޮނިގަނޑުތަކުން މުސާރަތައް ބޮޑު އެތައް ބަޔަކަށް، މުޖުތަމަޢުގައި ޤަދަރެއް އިޙްތިރާމެއް ނުވެއެވެ.
މުދައްރިސުންނަށް މުޖުތަމަޢުއިން ކުރާ އިޙްތިރާމް އެންމެ ބޮޑު ޤައުމަކީ ޗައިނާއެވެ. ނަމަވެސް ޗައިނާގެ މުދައްރިސުންގެ މުސާރަ މާކަ ބޮޑެއް ނޫނެވެ. މުދައްރިސުންގެ މުސާރަ ދުނިޔޭގައި އެންމެ ބޮޑީ ސިންގަޕޫރުގައެވެ. ތިރީގައި އެވަނީ މުދައްރިސުންނަށް މުޖުތަމަޢުއިން ލިބޭ އިޙްތިރާމާއި ޤަދަރާ ގުޅޭ 2018 ވަނަ އަހަރުގެ ދިރާސާގެ ނަތީޖާއެވެ. އިތުރު މަޢުލޫމާތު މި ލިންކްގައި ވެއެވެ.
މީގެ 40 ވަރަކަށް އަހަރު ކުރިން، މުޖުތަމަޢުއިން މުދައްރިސުންނަށް ކުރާ ޤަދަރު، ހީވާގޮތުން، މިހާރަށް ވުރެ މައްޗެވެ. މުދައްރިސުންގެ ޤަދަރު އަޅުގަނޑު ހަނދާންވާގޮތުން ދަށްވާންފެށީ މައުމޫން ދައުރުގައެވެ. މަޖީދިއްޔާއަށް އެންމެ ފުރަތަމަ ބޭރުން ގެނައި މުދައްރިސާ، މިސިޒް ޖޯޖް، އެއަރޕޯޓަށް ބަލައި ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ވަޑައިގެންނެވި ތަން ހިމެނޭ ފޮޓޯއެއް މިސިޒް ޖޯޖްގެ އަތުން އަޅުގަނޑަށް ފެނިފައި ވެއެވެ.
މުދައްރިސުންގެ ސްޓޭޓަސް، ނުވަތަ މުޖުތަމަޢުއިން އެމީހުންނަށް ދޭ ޤަދަރާއި ލޯތްބާއި މުހިއްމުކަން މަތިކުރުމަށް މުސާރަ ބޮޑުކުރުމާ އެކު އެހެން ކަންތައްތަކެއް ކުރަން ޖެހެއެވެ.
5. ޤައުމީ އިމްތިޙާނެއް އުފައްދައި ތަންފީޒުކުރުން
ޙާޞިލްވީ މިންވަރު: ☆☆☆☆☆
މި ލަނޑުދަނޑީގައި ހިމެނެނީ އައި.ޖީ.ސީ.އެސް.އީ. ނުވަތަ އޯ.ލެވެލްގެ ބައެއް މާއްދާތަކުގެ އިމްތިޙާނު ރާއްޖެއިން އެކުލަވާލައި ހިންގާ އެއްޗަކަށް ހެދުމެވެ. މިސާލެއްގެ ގޮތުން އިނގިރޭސި އާއި ހިސާބު ފަދަ މާއްދާތަކުގެ އިމްތިޙާނު އިނގިރޭސިބަހުންދޭ އެސް.އެސް.ސީ އިމްތިޙާނަކަށް ހެދުމެވެ. ކަމުގެ މުހިއްމުކަން ބޮޑަށް ވިސްނޭނީ ތަޢުލީމުގެ މަޤްޞަދާއި ބޭނުމާއި ސިޔާސަތާއި މައްސަލަތަކަށް ވަރަށް ފުންކޮށް ވިސްނަވާ ފަރާތްތަކަށެވެ. މި ޢަމަލުގެ ސަބަބުން ދަރިވަރުންނަށް އުނގެނޭ މިންވަރު ދަށެއް ނުވާނެއެވެ. މިއާ ޚިލާފަށް، ތަޢުލީމުގެ ފެންވަރު މަތިވެފައި، ދަރިވަރުންގެ ސަބަބުން ޤައުމަށް ކުރާ މަންފާ އިތުރުވާނެއެވެ. މި ލަނޑުދަނޑީގައި އޭ.ލެވެލް ގެ އިމްތިޙާނުތައް މިގޮތަށް ބަދަލުކުރުމެއް ނުވެއެވެ.
ވިހިވިހީގެ ތަޞައްވުރު އެކުލަވައިލި ފަހުން މިވީ ވިހި އަހަރު ދުވަހުގެ ތެރޭގައި، ހައެއްކަ ވަޒީރުން ތަޢުލީމު ހިންގުމާ ޙަވާލުވެ، އެމީހުންގެ ދަންފަޅި ނިންމައި މާޒީގެ ފުސްކަމުގެ ތެރެއަށް ގެއްލި ހިނގައްޖެއެވެ. ވަޒީރުކަމަށް އައުމުން، ދުވަހީ ހިންގުމުގައި ދިމާވާ ބޮލުގައި ރިއްސުމުންނާއި ކޮންމެހެން ކުޅެންޖެހޭ ސިޔާސީ މަންޑިން އެއްކިބާވެ، ތަޢުލީމުގެ މަޤްޞަދާއި ތަޢުލީމީ އޮޑި ދުވާ މިސްރާބާ ދޭތެރޭ ފުންކޮށް ވިސްނަން ވަޒީރަކަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. ވަޒީރެއްގެ ވަގުތާއި ހިތްވަރާއި މަސައްކަތް ހޭދަވަނީ ދުވަހީ ކަންތައްތައް ހައްލުކުރުމާއި ޖަލްސާތަކުގައެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، މިކަމަކީ ވިހިވިހީގެ ތަޞައްވުރެއް ކަން އެނގިފައިވާނީ ވެސް މަދު ވަޒީރަކަށެވެ.
6. ތަޢުލީމީ ޙާލަތާއި ފެންވަރު ބަލާ ޚާއްޞަ ކޮމިޓީއެއް އަތޮޅުގައި ހަރަކާތް ކުރުވުން.
ޙާޞިލްވީ މިންވަރު: ☆☆☆☆☆
މި ތަޞައްވުރުގައި ހިމެނެނީ ލާމަރުކަޒީ އުޞޫލުން ކޮންމެ އަތޮޅެއްގައި ތަޢުލީމީ ކަންކަމުގެ ޙާލަތުބަލައި ޙަރަކާތްތެރިވާނޭ ކޮމިޓީއެއް އޮތުމަށެވެ. މިފަދަ ކޮމިޓީއެއް 2020 އައި އިރަކު އަތޮޅުތަކުގައި ޙަރަކާތްތެރިއެއް ނުވެއެވެ. އެހެންކަމުން، މިކަމަށް ދެވޭނީ އެންމެ ތަރިއެކެވެ.
2008 ވަނަ އަހަރުގައި، ރާއްޖޭގެ އަތޮޅުތައް 7 ބަޔަކަށް ބަހައި، ކޮންމެ ބައެއްގައި ތައުލީމީ އިދާރާއެއް ޤާއިމްކުރިއެވެ. ފަހުން މި ޕްރޮވިންޝަލް އޮފީސް އުވުނެވެ. ސުނާމީ އާ ގުޅިގެން ކޮންމެ އަތޮޅެއްގައި، ޓީޗަރ ރިސޯސް ސެންޓަރުތައް ޤާއިމްކުރަމުން ގެންގޮސް މިހާރު ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރިސޯސް ސެންޓަރު ހުރެއެވެ. ނަމަވެސް، ސްކޫލްތަކުގެ ސްޕަރވިޜަންގައި މިތަނުގެ ރޯލަކީ ކޮބައިކަމެއް އަޅުގަނޑަކަށް ސާފެއް ނުވިއެވެ. ކޮންމެ އަކަސް، ސްކޫލްތަކުގެ ޙާލަތުބަލާ ކޮމިޓީއެއް އަތޮޅުތަކަކު ނޯވެއެވެ.
7. ޓީޗަރުން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، މިހާރަށް (1999) ވުރެ ބޮޑަށް ސްޕަރވައިޒުކުރުން.
ޙާޞިލްވީ މިންވަރު: ★★☆☆☆
ވިހިވިހީގެ ތަޞައްވުރު ނެރުނު ދުވަސްވަރު، ސްޕަރވައިޒުކުރުން ކުރިއަށް ދިޔަ ވަރަށް ވުރެ، ވޭތިވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، އެ މަސައްކަތް ވަނީ ތަފާތު ސަބަބުތަކާ ހުރެ ދަށްވެފައެވެ. އެހެންކަމުން، ސްޕަރވިޜަން ތަރައްޤީވެފައި ނުވާތީ، މި ތަޞައްވުރު ޙާޞިލްނުވީކަމަށް ބެލެވޭނެއެވެ. މިކަމަށް އޮތް މައިގަނޑު ހުރަހަކަށް ވެފައިވަނީ ސަރުކާރުން ހިންގާ ސްކޫލްތައް، 1999 އަށް ވުރެ 2020 ގައި ގިނަވެފައިވުމެވެ.
އަޅުގަނޑުގެ ހަނދާނުގައި، ސްކޫލް ސްޕަރވިޜަން އެންމެ ރަނގަޅަށް ކުރިއަށް ދިޔައީ އެކަމަށް ޚާއްޞަ އޮފީހެއް މާލޭގައި ޤާއިމްކޮށް، އޭރު ސަރުކާރުން ހިންގާ ނިސްބަތުން މަދު ސްކޫލްތައް ބެލުމަށް ދަތުރުތައް ކޮށް އުޅުނު އިރުގައެވެ. މިކަން ހިނގީ އައު ސާސްކަފު ފެށުނު އަހަރުތަކުގައެވެ. އަތޮޅު ކައުންސިލްގެ ކޮންމެވެސް ރޯލެއް ސްކޫލް ސްޕަރވައިޒުކުރުމުގައި އޮތުމުންނޫނީ އަޅުގަނޑަށް ފެންނަ ގޮތުގައި، އެދެވޭ ގޮތަކަށް ސްކޫލްތަކުގެ ސްޕަރވިޜަން ރަނގަޅު ވާނޭ ކަމަކަށް ނުފެނެއެވެ. ކަމެއް ތަންފީޒުކުރާ ފަރާތަކީ އެކަމެއް ވަޒަންކުރާ ފަރާތަށް ވުމުން އެންމެ އެދެވޭގޮތަށް އެކަމެއް ނުހިނގާނެއެވެ. ވިހިވިހީގެ ތަޞައްވުރު އެކުލަވައިލި ދުވަސްވަރު، ތަޢުލީމީ ދާއިރާގެ އިސްވެރިންނަށް އަޅުގަނޑު ދަންނަވަމުން ގެންދިޔަ އެއްކަމަކީ ސްކޫލްގެ ސްޕަރވިޜަން އާ ބެހޭ ގޮތުން ފާހަގަވާ ކަންތައްތައް ރަނގަޅުކުރުމަށާއި، ސްކޫލްތަކުގެ ވެރިން ހުށަހަޅާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ތަޢުލީމީ ފަންޑުން ކޮންމެވެސް މިންވަރެއް، މަޝްރޫޢު ހުށަހަޅައިގެން ވާދަވެރިކޮށް ދިނުމަށް ހަމަޖެއްސުމަށެވެ. އެއީ ޔުނިވަރސިޓީތަކުގައި، ރިސާރޗް ގްރާންޓް ދޭ އުޞޫލުންނެވެ.
8. ކިޔަވައިދިނުމުގައި އައި.ސީ.ޓީ./މަލްޓިމީޑިއާ ބޭނުންކުރުން.
ޙާޞިލްވީ މިންވަރު: ★★★★★
ވޭތިވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، އައި.ސީ.ޓީ. ބޭނުން ކުރުން ވަނީ ވަރަށް ބޮޑަށް ފުޅާވެ، އެކަށީގެން ނުވާ ވަރަށް ފެތުރިފައެވެ. މިކަމަށް އެހީތެރިވީ، ޓެކްނޯލޮޖީއަށް އައި އިންޤިލާބާއި ވިޔަފާރިތަކަށް ފައިދާވާތީކަމަށް އަޅުގަނޑަށް ފެނެއެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި، މޮބައިލް ފޯނާއި އައިޕޭޑް ފަދަ ތަކެތި ސްކޫލަށް ގެންދިއުން މަނާކުރުމަށް ޤާނޫނުތައް ފާސްކޮށްފައި ވެއެވެ. އެއީ އެކަމުގެ ފިކުރީ ނުރައްކާތެރިކަމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ފަޑު ދެލިން ލިޔާ ލިޔުން ވެސް، ޓެބްލެޓް ފަދަ ތަކެތީގައި ނޯޓުކުރާ ކުރުމަށް ވުރެ އުނގެނުމުގެ އަސަރުބޮޑެވެ. އިސްކްރީން ބަލަން ހޭދަކުރާ ގަޑި ގިނަވުމުން ސްކޫލް ގްރޭޑްތައް ދަށްވެއެވެ.
ރާއްޖޭގައި ސްކޫލްތަކުގައި ޓެބްލެޓް ކަންތައްތައް ހައްދުފަހަނައަޅައި ދިޔައީ 2013 އިން 2018 އަށް އޮތް ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެ ދައުރުގެ ފަހު އަހަރުގައި ރާއްޖޭގެ ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދީ ކަރުދާސް ޓެކްސްޓް ފޮތްތައް ”އުވާލުމަށް“ ނިންމާފައި ވެއެވެ. އެތައް ހާސް ޓެބްލެޓްތަކެއް ގަނެފައި ވިއެވެ. 2018 ގައި އެ ދައުރު ނިމުމުން ބައެއް ސްކޫލް ހިންގާ ފަރާތްތަކުގެ އެންމެ ބޮޑު އެދުމަކަށްވީ، ޓެބްލެޓް ބޭނުންކުރުން ނިމުމަކަށް ގެނައުމެވެ. ދަރިވަރުން އެއްޗެތި ދަސްކުރާ ގޮތުގެ ނަފްސާނީ ޢިލްމުގެ ކުޑަ މިންވަރެއް ލިބިފައިވާ މީހަކު، ކަމާމެދު ފިކުރު ހިންގައިފިނަމަ، މިއީ އެދޭވޭ ކަމެއް ނޫންކަން ހާމަވާނެއެވެ. ތަޢުލީމީ ދާއިރާގެ ދިރާސާތަކުންނާއި ބޭރު ޤައުމުތަކުގެ ޤާނޫނުން ކަމުގެ ހިތިކާރަ އެނގެމުން ދިޔައިރު މިފަދަ ބޮޑު ކަމެއް ހިނގިކަމީ، އާދަޔާ ޚިލާފު ކަމެކެވެ. ހިރަފުސް އޮބުމުން މިކަމުން މަދު ބަޔަކަށް ބޮޑު ވިޔަފާރީގެ ނަފާ ލިބުނުކަމަށް ވެއެވެ.
ނިންމާލުން
މަތީގައި ދަންނަވާލެވުނީ، ވިހިވިހީ ގެ ތަޢުލީމީ ތަޞައްވުރު ބަހާލައިފައިވާ 8 ދާއިރާގެ ތެރެއިން ފުރަތަމަ ދާއިރާ ކަމުގައިވާ ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ އަށް ކަންތަކެވެ. މިކަންތައްތަކުގެ ތެރެއިން އަޅުގަނޑުގެ ނަޒަރުގައި ޙާޞިލްވެފައިވަނީ، އެންމެ ފަހު ކަންތަކެވެ.
މި ތަޞައްވުރު ޢާއްމުކުރީ 1999 ގައެވެ. އެ ފަހުން މައުމޫންގެ ވެރިކަން ½9 އަހަރު ދެމިއޮތެވެ. ނަމަވެސް، މި ދުވަސްތަކުގެ ތެރޭގައި، މިއިން އެއްވެސް ސިޔާސަތެއް ތަންފީޒުކުރުމަށް، ތަޞައްވުރު ޙަޤީޤަތަކަށް ގެނެއުމަށް، އެކަމަށް އަމާޒުކޮށް އެއްވެސް ކަމެއް ކުރިކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. އެހެންވެ، ތަޢުލީމާ ބެހޭ ޢިލްމުގައި މިފަދަ ސިޔާސަތުތަކަށް ކިޔަނީ ރަމްޒީ ސިޔާސަތުތަކެވެ. އެ ފަދަ ސިޔާސަތުތަކަކީ ވަކި ޤައުމެއްގައި ކުރީތީ އެކުލަވައިލާ، ނުވަތަ ނަމަކަށް ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރަން ކުރާ ކަންކަމެވެ.
މިހެން މިކަންއޮތް ކަމަށް ވިއަސް، ތަޢުލީމީ ދާއިރާގެ މި ތަޞައްވުރުތައް ހިމެނޭ ފޮތަކީ މިހާރާއި ފަހުގެ ސަރުކާރުތަކުން، އެފޮތް ނަގައި، ހިރަފުސް ފޮޅާލައި އޭގައި ހުރި ކަންކަން ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭ ކަންކަމެވެ. އޭގައިވާ ގިނަ ސިޔާސަތުތަކަކީ ވަކި ދައުރަކަށް ނުވަތަ ޒަމާނަކަށް ނިސްބަތްނުކުރެވޭނޭ މުހިއްމު ސިޔާސަތު ތަކެކެވެ.
މާޒީވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ބަދަލެއް އައެވެ. ބައެއް ކަންކަން، ކުރިއަށް ވުރެ ތިރިއަށް ސޮއްސާލީ މި ބަދަލުގެ ސަބަބުންނެވެ. 2005 ވަނަ އަހަރު ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި، އެމް.ޑީ.ޕީ.ގެ ވެރިޔާ ރައީސް ނަޝީދު، ސަރުކާރު ހިންގަން ލިބިވަޑައިގެންފިނަމަ، އަތޮޅުތަކުގައި ހުރި އެކި ރަށްރަށުގެ އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ހިންގާ ސްކޫލްތައް ސަރުކާރުން ހިންގާނޭ ކަމަށް އިޢުލާނު ކުރެއްވިއެވެ. އެ ދުވަސް ވަރު، ވެރިކަމަށް ހުންނެވި ރައީސް މައުމޫން، އެކަން ޕްރިއެމްޕްޓް ކުރެއްވުމުގެ ގޮތުން، ތަޢުލީމީ ދާއިރާގެ ވަޒީރަކަށް ހުންނެވި ޒާހިޔާ ޒަރީރަށް އަންގަވައިގެން އަމިއްލަ ސްކޫލްތައް ސަރުކާރުގެ ސްކޫލްތަކުގެ ނިޒާމަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ. [ޕްރިއެމްޕްޓް pre-empt ކުރުމަކީ، މީހަކު ކަމެއް ކުރުމުގެ ކުރިން ނުވަތަ ބަހެއް ބުނުމުގެ ކުރިން، އޭނާގެ ޢަމަލު ބޭކާރުކޮށްލުމަށް ނުވަތަ އަސަރު ނައްތާލުމަށް އެކަމެއް އޭނާއަށް ވުރެ ކުރިން ކުރުމެވެ. މިކަމަށް ދިވެހި ބަހުން ކިޔަނީ މަތިތަޅާލުމެވެ. މަތިތަޅާލުން މަޖާޒު: (1) ބަޔަކު ކަމެއް ކުރުމަށް ރާވައިފައި ވަނިކޮށް، އެކަމަކަށް ގަސްދުކޮށްފައިވާ ވަގުތުގެ ކުރިން އޭގެ ތެރެއިން އެކަކު، ނުވަތަ އެކަން ދެނަހުރި އެހެން މީހަކު އެވާހަކަ ދެއްކުން. (2) ކަމަކަށް ދޭންވާ ސަމާލުކަން ނުދީ މަތިމަތީން އެކަމެއް ކޮށްލުން.] ނަތީޖާއަކަށްވީ ސަރުކާރު ސްކޫލްތަކުގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިއުމެވެ. ދެން މުދައްރިސުންގެ ތަމްރީނުގެ ޙާލަތުގެ މައްސަލަތަކާއި މުސާރައިގެ މައްސަލަތަކާއި ސްޕަރވައިޒްކުރުމުގެ މައްސަލަތަކާއި އެހެން ޚަރަދުތަކުގެ މައްސަލަތައް އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން 2004 އަހަރު ނިމުނު އިރު ރާއްޖޭގައި ހުރީ ސަރުކާރުގެ 81 ސްކޫލެވެ. 2006 ގައި ސަރުކާރުން ހިންގާ ސްކޫލްގެ އަދަދު 222 އަށް ވިއެވެ. އާދެ! ރަށް ފުށުގެ ޖަމާޢަތްތަކުން ހިންގާ ސްކޫލްތައް ސަރުކާރުން ހިންގާ ގޮތަށް ހަމަޖެހުމުން، ސަރުކާރުން ހިންގަންޖެހޭ ސްކޫލްތަކުގެ ޢަދަދު ގާތްގަޑަކަށް ތިންގުނައަށް އިތުރުވީއެވެ. އަޅުގަނޑުގެ ނަޒަރުގައި މަދްރަސީ ތަޢުލީމު ދޭންޖެހޭނީ ސަރުކާރުންނެވެ. މިއާއެކު މި މުއްދަތުގެ ތެރޭގައި ޅަފަތުގެ ތަޢުލީމު ދިނުން ސަރުކާރުގެ ޒިންމާއަކަށް ވެފައި ވެއެވެ. މާއަވަހަށް ސްކޫލަށް ފޮނުވުމަކީ ކުދީންނަށް ނަފުސާނީ ބަލިޖެހޭ ކަމެއްކަމަށް މި ދިރާސީއިން ދެއްކި އަސް، ބެލެނިވެރީންގެ ތެރެއިން ގިނަ ބަޔަކު މިކަން ކުރެއެވެ.
ވިހިވިހީގެ ތަޞައްވުރު ޙާޞިލްކުރަން ފަހިވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ އާބާދީ 1999 އާ އަޅާބަލާއިރު ތިރީސް ހާސް ދަރިވަރުން މިހާރު މަދުވުން ވެއެވެ. އެއީ އުފަންވުން މަދުވުމުންނެވެ. ދަރިވަރުން މަދުވެގެން ބައެއް ސްކޫލްތައް ބައެއް ރަށްރަށުގައި ބަންދުކުރަން ޖެހިފައި ވެއެވެ. ޖަޕާނުގައި ކޮންމެ އަަހަރަކު 500 ސްކޫލް، ދަރިވަރުން މަދުވެގެން ބަންދުކުރާކަމަށް މި ޚަބަރު ބުނެއެވެ. ކޮންމެ އަންހެނަކު އެވްރެޖްކޮށް 2.1 ކުދިން ނުވިހާނަމަ، ދުރު މުސްތަޤްބަލްގައި ރާއްޖެ ފަޅުވާނެއެވެ. މިހާރު އެވްރެޖްކޮށް ވިހަނީ މިއަށް ވުރެ މަދުންނެވެ.
މި މަޒުމޫނު މިހާރު ވަރަށް ދިގުވެފައިވާތީ، ވިހިވިހީގެ ތަޞައްވުރުގެ އެހެން ތަޢުލީމީ ބައިތައް ފަހުން ލިޔާ މަޒުމޫނެއްގައި ގެނެސްދޭނަމެވެ.
ނޯޓު: ސައިންސްގެ ކަންތައްތަކަށް ޝައުޤުވެރިވާ ބޭފުޅުންނަށް ސްނެލަން ޗާޓުގެ އަކުރުތައް ކުރަހާފައިވަނީ 5 × 5 ގޮޅި ހިމެނޭ އަކައެއްގައި ކަން ފާހަގަކުރެއްވޭނެއެވެ. ބަހައްޓަންޖެހޭ ދުރުމިނުގައި މި ޗާޓު ބެހެއްޓުމުން، އެއިން ގޮޅިއެއްގެ ދެ ފަރާތުން އަންނަ ދޯދި ލޮލުގައި ޖެހި އުފެދޭ ކަނަކީ، ޒާވިޔާ ނުވަތަ އޭންގްލް އަކީ، ޑިގްރީ (ދަރަޖަ) އެއްގެ 60 ބައިކުޅަ އެއްބައެވެ. މި މިންވަރަށް ކިޔަނީ މިނިޓް އެވެ. ގިނަ އިންސާނާގެ ލޮލުގެ ފެނުމުގެ ޢާއްމު ތޫނުކަމަކީ 1 މިނިޓް އެވެ. މި ދެންނެވި އެއްޗެއް މި ޖުމުލައަށް ފިއްތަވާލެއްވުމުން ފާޅުވާ ކުރެހުމުން ފާހަގަ ކުރެއްވޭނެއެވެ.
Comments are welcome. Support dissenting views with verifiable evidence and not hearsay. In Ādāb-al-Jadal the onus of providing the opposing evidence lies with the commentator. Do not confuse opinions expressed and facts mentioned.





މިއީ ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ލިއުމެއް.. އެހެނަސް ޓެބިލެޓުތަކާ
ބެހޭގޮތުން ދަންނަވަން ޖެހެނީ އެއީ ޔާމީން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމުގައި. އެފިޔަވަޅު ނޭޅުއްވިނަމަ ހަމަގައިމުވެސް ކޮރޯނާއައުމުން މި ނެގި ގޫގުލް މީޓު ކުލާސްތަކާ ގޫގުލްކުލާސްތައް ނުނެގުނީސްކަން.
މި ލިޔުމަކީ ވަރަށް މުހިންމު ބޭނުން ތެރި މަޢުލޫމާތުތަކެއް ލިބިދިން ލިޔުމެއް. ޚާއްޞަކޮށް ތަޢުލީމީ ދާއިރާގެ ކަންކަމާމެދު ވިސްނާ މީހަކަށް އިތުރަށް ވިސްނާލަން ލިބުނު ވަރަށް ބޭނުންތެރި ފުރުޞަތެއް. ޝުކުރިއްޔާ
ވަރަށް ރަގަޅު ލިޔުމެއް، ނަމަވެސް، އެއްމެ ފަހުޕޮިއިންޓް އައިސީޓީގެ ބައިގައި ބަޔާންކުރެވިފައިވަނީ މުޅިން ހަގީގަތެއް ނޫނެވެ. ރާއްޖޭގައި ޓެބްލެޓް ފޮށިން ނުނަގާއެތަކެއް ސުކޫލެއް އެބަހުއްޓެވެ. އިންޓާނެޓުގެ ޚިދުމަތުގެ ފެންވަރުދަށްވުމުގެ ސަބަބުން ހަގީގީބޭނުމާއި ވަރަށް ދުރެވެ. ޕަވާޕޮއިންޓް އެޅުވިއަށް އަދި ޕރެސެންޓެޝަން އެޅުވިއަސް އެއީ ހަގީގީ އައިސީޓީ ބޭނުންކޮށްގެން އުގަންނައި ދެނީ ކަމަކަށް އަޅުގަޑަކަށް ގަބޫލެއް ނުކުރެވެއެވެ.
Dear Dr.Hassan,
A very inspiring article. You have indeed captured a great picture of the then 2020 Vision of Education in Maldives! Great job! Wonder if you are planning to follow up on this article now in 2020 to see where we are now.
Mi website akee gaumee hazaanaaeh, Shukuriya Hameedbe