ދިވެހި ބަސްފޮތް އެއްކޮޅުން އަނެއް ކޮޅަށް، އުފަލަކަށް ކިޔާ ފަރާތްތަކަށް އަޑު އިވިފައިނުވާ ލަފުޒުތަކާ ދިމާވާނެއެވެ. މިފަދަ ލަފުޒުތަކުގެ ތެރެއިން އެއް ލަފުޒަކަށްވާނީ ހަރިސައެވެ. މިއީ ކޮން އެއްޗެއް ތޯއެވެ؟ ހަރިސަ ގެ މާނަ، ދިވެހި ބަސްފޮތުގައި އޮންނަނީ އަންނަނިވި ގޮތަށެވެ.

ހަރިސަ: އެއްގަމު މަހާއި ގިތެލާއި ގޮދަނާ އެއްކޮށްގެން ކައްކާ ލޮނު ކާއެއްޗެއް.

މިއީ ކިހިނެތް ކައްކާ ކޮން އެއްޗެއްތޯއެވެ؟ ލަފުޒުގެ މާނައިން އަޅުގަނޑުމެންނަށް އެނގެނީ މިއީ އެއްގަމު މަހުގައި ކަައްކާ އެއްޗެއް ކަމާއި މިއަށް ގޮދަނާއި ގިތެޔޮ މައިގަނޑު ތަކެތީގެ ގޮތުގައި (ފަލަހައިގެ ގޮތުގައި) ބޭނުން ކުރާ ކަމެވެ. މުހައްމަދު އަމީން ލިޔުއްވި ކަރުނަޔާ ނުލައި ކެެއްކުން މިފޮތުގައި ބަބުކޭލު ހަރިސަ ކައްކާ ގޮތް އޮވެއެވެ. އެއީ ލަފާކުރެވޭ ގޮތުން މަށް (pure) ދިވެހި އުފެއްދުމެކެވެ. އަސްލު ހަރިސައިގެ ދެރަވަރުގެ ކޮޕީއެކެވެ.

ބަސްފޮތުގައިވާ ހަރިސައަކީ އެއްގަމު މަހުގައި ކައްކާ ކެއުމެކެވެ. ޢާއްމުކޮށް ބޭނުންކުރަނީ ބަކަރި މަހެވެ. ގޮދަން ކަމަށް ބަސްފޮތުގެ މާނަލިޔުނު އިރު، ބުނެފައިއެވަނީ ހިމަގޮދަނުގެ ވާހަކައެވެ. ހިމަގޮދަނަށް ދިވެހީން ބާރުލީ ކިޔައެވެ. ބާރުލީ އާއި ގޮދަނަކީ ދިވެހިރާއްޖޭގެ ކުރިން ވިއްކަން ހުންނަ ބާވަތެކެވެ. ހިމަގޮދަނާއި ގޮދަނާ ބަލާބެލުމަށް ތަފާތުބުނަން ވަރަށް ދަތިވާނެއެވެ. އެއީ ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ. ދިވެހީން ހިމަގޮދަން ބާރުލީއަށް ކިޔާ ސަބަބަކީ، ރާއްޖެއަށް އާއްމުކޮށް ގެނެސްފައި ހުންނަ ބާވަތް ގޮދަނާ އަޅާބަލާއިރު ހިމަކަމަށް ފެންނާތީއެވެ. ބާރުލީއަކީ، ހަނޑޫހެން ފެނުގައި ފަސޭއިން ކައްކަައިގެން ކެވޭ އެއްޗެކެވެ. ކާން ގޮަދަން ކައްކާނަމަ، ގިނަ އިރު ކައްކަން ޖެހޭނެއެވެ. ބާރުލީގައި ކަނަމަދުގައި ލާ ބާވަތުގެ ރަހައެއް ހުންނާނެއެވެ

ދިވެހި ބަހުގައި، ހަރިސަ މި ލަފުޒު އޮންނަކަމުން އަޅުގަނޑުމެންނަށް އެނގެނީ ރާއްޖޭގައި އިހުޒަމާނުގައި ހިމަގޮދަންވެސް ވިއްކަން ހުންނަކަމެވެ. ގޮދަން ބޮނޑިބަތް ރާއްޖޭގައި ކައްކާ ކަމީ ގޮދަން ވިއްކަން ހުންނަ ކަމުގެ ދަލީލެކެވެ. ޚުދު އަޅުގަނޑުވެސް، އަތުން އަނބުރާ އުޑި ބޭނުންކޮށްގެން، ގޮދަނާއި ބިންބިފަދަ ގޮވާން ފުށަށް ގާނާ ހަނދާން ހުރެއެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ގޭގޭގައި އުޑި ހުންނާނެކަން ޔަޤީން އެެވެ. އުޑިއަކީ ވަށް ހިލަގަނޑެއްގެ މެދުގައި، ނާރެސްއެއް ޖަހައި، މަތީގައި ވަށް ގަލެއް ބާއްވައި، މެދުގައިވާ ޅޯވަޅަކަށް ގޮވާން އަޅައިގެން އެ ފިސްކޮށް ހިމުން ކުރަން މަތީގައު އަނބުރަން ބޭނުންކުރާ އެއްޗެކެވެ. ތިރީގައި އެވަނީ ރާއްޖޭގެ ގެންގުޅުނު ވައްތަރުގެ އުޑިއެކެވެ. ބަސްފޮތުގައި އުޑީގެ މާނަ އޮންނަނީ އަންނަނިވި ގޮތަށެވެ: އުޑި
(1) ބިންބި ފަދަ އެއްޗެހި މުގުރުމަށް ހިލައިން ހަދައިފައި ހުންނަ އެއްޗެއް. މިހުންނާނީ ވަށްބުރުހަމަ ދެކިބައަށެވެ. އަޑީކިބައިގެ މެދުގައި މަތީކިބަ އެމުނޭނޭގޮތަށް ނާރެހެއް ހުންނާނެއެވެ. މަތީކިބައިގެމެދުގައި އެއްފަރާތުން އަނެއްފަރާތަށް ފޫގޮސްފައިވާ ލޯވަޅެއް ހުންނާނެއެވެ. އަދި މަތީކިބަ އެނބުރުމަށްޓަކައި ހިފަހައްޓާނެ މުށްގަނޑެއްވެސް ހަރުކޮށްފައި ހުންނާނެއެވެ. (2) (ސ.) އުނިޔަ.

ރާއްޖޭގެ ފިހާރަތަކުގައި ވިއްކަން ހުންނަ ހަނޑުލަކީ ގަހުގައި އަޅާ ހަނޑުލަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްގެން ތައްޔާރުކޮށްފައި ހުންނަ ހަނޑުލެކެވެ. މިގޮތުން، ވިއްކަން ގެނައުމުގެ ކުރިން ހަނޑޫ ހުންނަނީ ގިނަ ދުވަހު ހުންނާނޭ ގޮތުގެމަތީން އާވީގައި ނުވަތަ ފެނުގައި އިރުކޮޅަކު ކައްކާފައެވެ. ވިއްކަން ހުންނަ ހަނޑު އިންދުމުން ގަސްނުފަޅަނީ އެހެން ވެގެންނެވެ. ކުރާގައި ހަނޑޫ ހުންނަ އިރު، އޭގައި ވީ ގައި ހުންނަ ފަދަ ބޯ ތޮއްޓެއް ހުންނާނެއެވެ. މިތޮށި ކަނޑަނީ، ވަނަކަށް އަޅައި، ތަޅައިގެންނެވެ. ވަން ހަދާފައި ހުންނަނީ ގަސްބުޑަކުންނެވެ. ތިރީގައި އެވަނީ އެފަދަ ވަނަކާއި ވަނުގެ މޯލެވެ. މޯ ހަދާނީވެސް ލަކުޑިންނެވެ. ހަނޑޫ އަޅާ ތެޅުމުން ތޮށި ނެއްޓޭނެއެވެ. ދެން ބަތްޕޮޅިއަކަށް އަޅައި ހަލުވައިގެން (ފޮޅައިގެން) ތޮށިތަކާއި ހަނޑޫ ފުއްތައް ވަކިކުރެއެވެ. ރާއްޖޭގައި މީގެ ވަން ކުރިން ބޭނުން ކުރެއެވެ.

ރާއްޖޭގައި ވިއްކަން ހުންނަ ބާރުލީ ނުވަތަ ހިމަގޮދަން ހުންނާނީ މަތީގައި ދެންނެވުނުހެން އަތުން ނުވަތަ މެޝިނުން، ތޮށި ނެގުމަށް ”ކަނޑައި“ އޮފުއަރާގޮތަށް ތޮށިގަނޑު އޮމާން ކޮށްފައެވެ. މިގޮތަށް ބާރުލީ ހެދުމުން ފުއްތައް ހީވާނީ ކުދިކުދި މުތްތަކެއް ހެނެވެ. އެހެންވެގެން، އިނގިރޭސި ބަހުން މިގޮތަށް ތައްޔާރުކޮށްފައި ހުންނަ ބާރުލީއަށް ކިޔަނީ މުތް ބާރުލީ ނުވަތަ pearl barley އެވެ. pearled barley ވެސް ކިޔާފާނެއެވެ. ރާއްޖޭގައި ވިއްކަން ހުންނަ ހަނޑުލަކީ ވެސް މިގޮތަށް ބޭރާއި އެތެރޭގެ ތޮށި ނަގައިފައި ހުންނަ ހަނޑުލެވެ. މި ބާވަތުގެ ހަނޑުލަށް ޕޮލިޝްޑް (އޮފުއަރުވާފައި ހުންނަ) ހަނޑޫ މި ނަން ކިޔައެވެ. މުތް ބާރުލީ އަށް ޕޮލިޝްޑް ބާރުލީ ވެސް ކިއިދާނެއެވެ.

ހަރީސާ، ހަރިސައަށް ބަދަލުވުން


ޙަޤީޤަތުގައި، ބަސްފޮތުގައި އެވާ ހަރިސައަކީ، ހަރީސާ ކިޔާ ކާއެއްޗެކެވެ. ބޭރުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވައްދާއިރު، ދިވެހިބަހުގެ އަޑުތަކާ ގުޅޭގޮތަށް ލަފުޒުތައް ބަދަލުކުރެއެވެ. މިގޮތަށް ގެންނަ އެއްބަދަލަކީ، ދިގުފިލިތައް ކުރުކުރުމެވެ. އެއީ ކިޔަން ފަސޭހަވާނެތީ އެވެ. މިގޮތަށް ބަދަލުކުރާނީ އެގޮތަށް ކިޔާ އެހެން ލަފުޒެއް ދިވެހިބަހުގައި ނެތްނަމައެވެ. ހަރީސާ (هريسة) އަކީ ޔަމަނު، ސޮމާލިއާ ފަދަ ޤައުމުތަކުގެ ކެއުމެކެވެ. ޢަރަބި ބަހުން ހަރަސަ ކިޔަނީ ފިސްކުރުމަށެވެ.  އަޅުގަނޑަށް ހަރީސާ ސިފަކުރެވޭނި އޮލަ މަސްއެޅި ބަތްޕެން ނުވަތަ ސުރުވާއެއް ލޮނުކަނޖެއް ފަދަ އެއްޗެއްގެ ގޮތުގައެވެ. ފަހަކަށް އައިސް، މިކެއުން ޢަރަބި އެހެން ހިސާބުތަކާއި އުތުރުކަރައަށް ފެތުރިފައި ވެއެވެ. ބަކަރީގެ ބަދަލުގައި، ކުކުޅު ބޭނުން ކުރެއެވެ. ބާރުލީގެ ބަދަލުގައި ގޮދަނުން ވެސް ތައްޔާރުކުރެއެވެ. ހިމަ ގޮދަނުގެ ބަދަލުގައި އާދައިގެ ގޮދަން ނުވަތަ ހަނޑުލުގެ ފުށް ވެސް ބޭނުން ކުރެއެވެ. އެންމެ ފަހުން، ރާއްޖޭގައި އެއްގަމު މަހުގެ ބަދަލުގައި ބަބުކެޔޮ ވެސް ބޭނުންކުރަނީތާއެވެ. ހަރީސާ ނުވަތަ ހަރިސަ ތައްޔާރުކުރުމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ތައްޔާރުކުރަންދާ ގިނަ ވަގުތެވެ. އެއީ ހަތަރު ފަސް ގަޑިއިރެވެ.

ބޭނުންވާ ތަކެތި:
800 ގްރާމް ކުކުޅު ނުވަތަ ބަކަރިމަސް
500 ގްރާމް ބާރުލީ ނުވަތަ ތެޅި ގޮދަން ނުވަތަ އަވެލި
1 ސައިސަމުސާ ލޮނު
ކުޑަވައި އިގިލީގެ ދިގުމިނުގެ ފޮނިތޮށިކޮޅެއް
1 ސައިސަމުސާ މުގުރި އަސޭ މިރުސް
1 ލީޓަރު ފެން (މަސްކެއްކުމަށް)
1 ލީޓަރު ފެން (ބާރުލީ ކެއްކުމަށް)
ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ގިތެޔޮ ނުވަތަ ބަޓަރު
ތައްޔާރުކުރާނޭ ގޮތް
  1. ތެއްޔަކަށް މަސްތައް އަޅައި ފެން އެޅުމަށް ފަހު، ކެކެންދެން ހޫނުކޮށް، ކެކެން ފެށުމުން މައްޗަށް އަރާ ގަރު ނަގައި، މަޑުގިނީގައި ދެގަނޑިއިރު ހޫނުކުރާށެވެ. ދެން އެއަށް ފަހު، މަހުގެ ހުރިހާ ކައްޓެއް ނަގާށެވެ.
  2. ބާރުލީ ދޮވުމަށްފަހު، މަހުގެ ތެރައަށް އަޅައި، ލޮނާއި ފޮނިތޮށި އަޅައި، މަޑުގިނީގައި ދެގަޑިއިރު ކައްކާށެވެ.
  3. މާބޮޑަށް އޮލަވާނަމަ، ފެން އަޅާށެވެ. ދެން ފޮނިތޮށިކޮޅު ނަގައި، ދޭފަތަކުން ހުރިހާ އެއްޗެއް އެކުވަންދެން ގަށާށެވެ.
  4. އަސޭމިރުސް އެޅުމަށް ފަހު އަލުން ގަށާށެވެ.
  5. މިއަށް ފަހު، ބަޓަރު ނުވަތަ ގިތެޔޮ ކުޑަކޮށް ހޫނުކޮށް މައްޗަށް އަޅާށެވެ.

ހުހަށް ނުވަތަ ރޮއްޓާ ޖަހައިގެން ވެސް ހަރިސަ ކެވޭނެއެވެ. ޢާއްމުކޮށް އުތުރުކަރައިގެ މީހުން ހަރިސަކަނީ ނާނާއެކުއެވެ.

ކުރިން ދެންނެވިހެން، އުތުރުކަރައިގައި ވެސް ހަރިސަ ކައްކައެވެ. އެކި ސަރަހައްދުތަކަށް ނިސްބަތްވާ ހަރިސަހުރެއެވެ. ކަޝްމީރީ ހަރިސަ އާއި ހައިދަރަބާދީ ހަރިސައެވެ. އަދި މިނޫންވެސް އެހެން ހަރިސައެވެ. އެމީހުން ކައްކާއިރު، އިންޑިޔާގައި ބޭނުންކުރާ ހުރިހާ ހަވާދުގެ ބާވަތްތައް އެއަށް އަޅައެވެ.

ދެން އަޅުގަނޑު ނަކަލުކޮށްލާނީ މުޙައްމަދު އަމީންގެ ”ކަރުނައާ ނުލައި ކެއްކުން“ މިފޮތުގައިވާ ގޮތަށް ހަރިސަ ކައްކާނޭ ގޮތެވެ. މިއީ މި ރެސިޕީގެ މުޅިން ދިވެހި ވައްތަރެކެވެ. އެއްގަމު މަހުގެ ބަދަލުގައި ބޭނުންކުރަނީ ކަނޑުމަހެވެ. ބާރުލީގެ ބަދަލުގައި ބަބުކޭލެވެ.

ފިލާވަޅު 24 – ބަބުކޭލު ހަރިސަ

އާދޭހެވެ! ބަބުކޭލު ހަރިސައަކީ، ދިވެހީންގެ ހަގުނާއި ދޮށީން އެއްބަސްވާނޭ ގޮތުގައި، ވަރަށް ވެސް މަތިވެރި ކާނާއެކެވެ. ވަރަށް ކާހިތް ނުވެފާ ހުންނަ އިރެއްގައިވެސް، ކެއުމުގެ ބާރު އިތުރުކޮށްދޭ ކާނާއެކެވެ.

ބޭނުން ތަކެތި:

ބަބުކެޔޮ، ހިކިމިރުސް، ފިޔާ، މިރުސް، އިނގުރު، ލުބޯ، ލޮނު، ގިތެޔޮ، ކާށި.

ކައްކާނޭ ގޮތް:

އެންމެ ފުރަތަމައިން، ފެން ނުވަންނާނެހެން، ބަބުކެޔޮ މަޑުކުރައްވާށެވެ. އެއަށް ފަހު…. އާދެ! ދައިމަތި އަޅުއްވައިގެން ނުވަތަ އަތްޕުޅުން ބަބުކެއުތައް ޗިސްކުރައްވައި މޮޑުވައްވައިލައްވާށެވެ. ދެން ހެޔޮވަރުގެ މަސްގަޑެއް ތުނިކޮށް ލިއުއްވައި، މަސް މޮޑޭއިރު އަޅުއްވާ ވަރަށް ރޯމިރުހާއި، ފިޔައާއި، ލުބޯހުތާ އަޅުއްވައިގެން މަސް މޮޑުއްވާށެވެ. ކުޑަކުޑަ އިނގުރުކޮޅެއް ވެސް ލައްވަން ވާނެ އިގޭތޯއެވެ! ޗިސްކުރެއްވި ބަބުކޭލާއި މޮޑުއްވެވި މަސް ރަނގަޅަށް އެއްކޮށް މޮޑުއްވާށެވެ. އާދެ! މޮޑުއްވި މަހާއި ބަބުކެޔޮ ބަހައްޓަވާފައި، ކުޑަ ބޯކިރުފޮދެއް ފެއްލަވާށެވެ. ގިތެޔޮ ފޮދެއްވެސް މީރުކުރައްވާށެވެ.

ކެއްކުމަށް ކަޑައަޅުއްވާފައިވާ އެއްޗެއްގެ ތެރެއަށް ބޯކިރުފޮދު އަޅުއްވައި، މޮޑުއްވާފައި ހުރި ބަބުކެޔޮ އޭގެ ތެރެއަށް އަޅުއްވައިފައި، އުނދުން މައްޗަށް އުއްދަވާށެވެ. އުއްދަވައިގެން ހައްލަވަމުން ގެންދަވާށެވެ. ބާލަން ކައިރިވީމާ، މީރުކުރައްވާފައި ހުރި ގިތެޔޮފޮދު އަޅުއްވައިގެން އަނެއްކާވެސް ހައްލަވައިލައްވާށެވެ. ކެއްކުމުގެ ތެރޭގައި ލޮނުހެޔޮވަރު ކުރައްވަން ވާނެއެވެ.

ހަރިސަ، ހަރީސާ، ހަރިއްސަ


ކުރިން ބަޔާންކުރި ފަދައިން ހަރީސާއަކީ މެދުއިރުމައްޗާއި އުތުރުކަރައިގެ މަޝްހޫރު ކެއުމެކެވެ. އެއްގަމުމަހާއި ގޮވާމުގެ ބާވަތްތައް އަޅައިގެން ކައްކާ ކާނާއެކެވެ. މި ކާނާގައި މަހާއި ގޮވާމުގެ ބަރުދަން ގާތްގަޑަކަށް އެއްވަރުވާނެއެވެ. (މަހާ އަޅާބަލާއިރު ގޮވާން ތިން ގުނައަށް ގިނަކޮށް، ހަވާދުގެ ބާވަތްތަައް އަޅައިގެން ކައްކާ ނަމަ އެއަށް ކިޔަނީ ޙަލީމް އެވެ.) ރާއްޖެއަށް މި ކާނާ އައިސްފައިވާނީ ބޭރުން ޒިޔާރަތްކުރި އެ ސަރަޙައްދުތަކުގެ މީހުންގެ ފަރާތުންނެވެ. ބޯރާ ވިޔަފާރިވެރިން ވެސް ރާއްޖޭގައި 100 އަހަރު ތިއްބެވެ. މާލޭގައި، ޔަމަނުގެ މީހުންގެ ދަރިފަސްކޮޅެއް އޮވެއެވެ. ދިވެހިބަހުން ހަރިސަ ކިޔަނީ އަރަބި ބަހުން ހަރީސާ ކިޔާ ކިޔުން ދިވެހިބަހުގެ ހަމަތަކަށް ފައްތަން ވެގެން ކުރުކޮށްލައިގެންނެވެ. ކުރީ ޒަމާންތަކުގައި، ރާއްޖެއިން ލިބެން ހުރި އެއްޗަކުން ހަރިސަ ތައްޔާރުކޮށް، މިހާރުއެވަނީ ދިވެހި ކާނާއަކަށް ވެފައެވެ.

މި މަޒުމޫނު ލިޔުމުގައި އަޅުގަނޑު މައިގަނޑު ބޭނުމަކަށް ވެފައިއޮތީ، މި ކާނާގެ ވާހަކަ ތަކުގެ ތެރެއިން ހަރިއްސަ ކިޔާ ކާ އެއްޗެއް ތައާރަފުކުރުމެވެ. ހަރިއްސައަކީ މިރުހުގައި ތައްޔާރުކުރާ ސޯސްއެކެވެ. މިއީ ރާއްޖެތެރޭގެ ދަނޑުވެރިން، ގިތެޔޮމިރުހުގެ އަގުވެއްޓުމުން، ބޮޑު އަގުގައި ވިއްކުމަށް ތައްޔާރުކުރެވޭނޭ އެއްޗެކެވެ. ހަރިއްސައަކީ އުތުރު އެފްރިކާ ސަރަޙައްދުގައި ބޭނުންކުރާ އެހެން ތަކެތީގައި މީރު ރަހަ ލެއްވުމަށް އެއްކުރާ އެއްޗެކެވެ. ދިވެހީން ރިހާކުރު، ލޮނުލުނބޯ، އަސާރަ ފަދަ ތަކެތި ބޭނުންކުރާ ގޮތަށެވެ. ހަރިއްސަ ތައްޔާރު ކުރާގޮތް އަޅުގަނޑު ގެނެސްދޭނީ ވަކި މަޒުމޫނެއްގައެވެ.