ތުރާކުރުނު އަލިބެއްޔާގެ ސިޓީ
ހިތިގަސްދޮށުގެ
ހ.އ. ތުރާކުނު
ލޯބިވާ މުޞްޠަފާއަށް
ހެޔޮ ދުޢާ ސަލާމަށްފަހު ބުނަމެވެ.
މާތްﷲ ގެ އިރާދަފުޅުން ކޮއްކޮގެ ޙާލު ރަނގަޅުކަމަށް ހީކުރަމެވެ. ދާދި އިހަށްދުވަހު ”ހިތްވަރު“ ބައްތެލިން މިރަށަށް ފޭބި ދޮންފުތާ ޚަބަރ ކުރި ގޮތުގައި ކޮއްކޮ އަދިވެސް އުޅެނީ އެއްކަލަ ކަކުލުގައި ރިއްސާތީ އެވެ. ބޭބެގެ ޙާލު މިހާރު ހުރިގޮތުން، ފާތުމަގެ އެހީއާ ނުލާ ދަމާތެޔޮ އަމިއްލައަށް ހޭނޭވަރެއް ނުވެއެވެ. ކަންދިމާވި ގޮތުން، މަރިޔަބު ހައްޔަރު އިނދެގެން ފާތުމަ މުޅަދޫގައި އުޅޭތާ ފޮއެ ދުވަސް ވެއްޖެއެވެ. އިރާދަ ކުރެއްވިއްޔާ، ދެން ފުރާ އޮޑިއަކުން ތެޔޮފުޅިެއް މާލެ ފޮނުވާނަމެވެ. ބޭބެގެ ހާލު ކުރިއެކޭވެސް އެއްގޮތެވެ.
ރުޤިއްޔާ އަށް ވަގުތު ނުވެގެން މި ސިޓީ ލިޔުން މާލަސް ވެސް ވެއްޖެއެވެ. އެދުނު ފަދައިން، ހިތިގަހާ ބެހޭ މަޢުލޫމާތު ބޭބެއަށް އެނގޭ މިންވަރަކުން ބައެއް ކޮއްކޮއަށް މިސިޓީގައި ބުނެދެމެވެ. ފަހެ ދަންނައެވެ.
ހިތިގަހަކީ ދިވެހި އަދި އުތުރުކަރައިގެ ބޭސްވެރިކަމުގައި ގިނަގުނަ ބޭނުންތަކަށް ޝިފާއެއްކަމުގައި ބެލެވޭ ގަހެކެވެ. އަލިބެއްޔާގެ މާތް ބައްޕާ ކިޔާދިން ގޮތުގައި މިގަހުގެ ވާހަކަ މީގެ 4500 އަހަރު ކުރިން ލިޔެފައިވާ ފޮތްތަކުގައި ނަންގަނެފައި ވެއެވ. އިންޑަސް ކޯރުގެ އައްސޭރީގައި މީގެ 5000 އަހަރު ކުރިން އުފެދިގެން ކުރިއަރައި މިހާރު ނެތް އިންޑަސް ސިވިލިޒޭޝަން ނުވަތަ ޙަޟާރަތުގެ ސަހަރުތަކުގެ ވީރާނެވެފައިވާ ގެތައް، މިދިޔަ ޤަރުނު ފެށުނު ހިސާބު ކޮނެ ބެލިއިރު ބޭސްވެރިކަމުގެ ކަންވާރުތަކުގައި ހިތިއޮށާއި ފަތާއި ތޮށި ހުރިކަމަށް ވެއެވެ. މިއީ ހިތިގަސް ބޭސްވެރިކަމުގައި ބޭނުން ކޮށްފައިވާ ކަމުގެ އެންމެ ޒަމާންވީ ދަލީލެވެ. ސަންސިކިރިތު ބަހުން މިގަހަށް ”ސަރުވާ ރޯގާ ނިވާރިނީ“ އޭ ކިޔައެވެ. މާނައަކީ ހުރިހާ ރޯގާއަކަށް ފަރުވާ އެވެ. ފަހެ، ސަންސިކިރިތު ބަހުން ރޯގާ ހުރިހާ ބަލިމަޑުކަމަކަށް ކިޔައެވެ. މިސަބަބުތަކަށްޓަކައި މިހާރަކަށް އައިސް އުތުރުކަރައިގެ ރަށްފުށުގެ މީހުން މިގަހަށް ”ވިލެޖް ފާމަސީ“ ނުވަތަ ރަށުގެ ”ބޭސްފިހާރަ“ އޭ ކިޔާ ނަން ދީފައި ވެއެވެ.
ހިތިގަހުގެ މުލާއި ތޮއްޓާއި ކިރާއި ފަތާއި މޭވާ އާއި އޮށުގެ ތެޔޮ ތަފާތު ބަލިބައްޔަށް ބޭނުން ކުރަތެވެ. މުލުގެ ތޮށީގެ ތާސީރު ގަހުގެ ތާސީރާ އެއްގޮތެވެ. ގަހުގެ އޮށުގެ ތިންބައިކުޅަ އެއްބަޔަށް ހުންނަނީ ފައިދާ ހުރި ތެލެކެވެ. ހަށިގަނޑަށް އެތެރެ ކުރާ ބޭހުގެ ގޮތުގައި އާއި ބޭރުން އުނގުޅާ ބޭހުގެ ގޮތުގައި ގަހުގެ ބާވަތްތައް ބޭނުން ކުރެއެވެ. މިގަހުގެ މަދުވެގެން ދެބާވަތެއް ރާއްޖޭގައި ހެދެއެވެ. އެއް ބާވަތަކީ ތަންކޮޅެއް ބޮޑުކޮށް ހެދޭ އޮށް މަދުން އަޅާ ވައްތަރެކެވެ. އަނެއް ބާވަތުގެ ގަހުގައި އޮށް ގިނަގިނައިން އަޅައެވެ. އަލިބެއްޔާ އެންމެ ފަހުން މާލެއަތޮޅު ވިލިގިއްޔަށް ދިޔައިރު އެރަށު މިސްކިތަކު ގިނައިން އޮށް އަޅާ ވައްތަރުގެ ގަސް ހުއްޓާ ދުށީމެވެ.
ރާއްޖޭގައި އެންމެ ގިނައިން ހިތިފަތް ބޭނުން ކުރަނީ ފާނަބަސަންދު ޖެހުމުންނެވެ. ބޯދާ ޒަމާނުންސުރެ މިކަމަށް ހިތިފަތް ބޭނުން ކުރުމުގެ މައިގަނޑު ސަބަބަކީ އެކަމުން ފައިދާ ކުރާކަމެވެ. ފަސޭހަވުން އަވަސްވުމާއި ކެހުން ފިލާކަމެވެ. އިބުރާހީމްފުޅުގެ ފައި އެއްފަހަރު ދުޅަހެން ހީވެގެން އޭނާ މާލޭ ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރު ދިން ބޭހަކުން، މުޅިގައިގައި ފިތްތަކެއް ނެގިއެވެ. ދެން ޑޮކްޓަރަށް ދެއްކުމުން އެހެން ބޭހެއް ދިނެވެ. ނަމަވެސް ފިތްތައް މަދެއް ނުވިއެވެ. އަލިބެއްޔާ ބުނެގެން ހިތިފަތު ފެނުން ފެން ވަރާލުމުން 15 މިނެއްޓުތެރޭގައި ފިތްތައް ނެތިއްޖެއެވެ. އަލިބެއްޔާވެސް ޙައިރާން ވިއެވެ. ގިނަ ދިވެހީންނަށް ފާޑުފާޑުގެ ހަމުގެ ބަލިބައްޔަށް ހިތި ރަނގަޅުކަން އެނގެނީ މަދުންނެވެ. މިސާލެއް ބުނެލާނަމެވެ.
މިޒަމާނުގެ ވަރަށް ގިނަ ކުދިންގެ ހަމުގައި ފިތްތަކެއް ނަގައެވެ. މި ފިތްނެގުމާ ނޭވާހިއްލުމާ ގުޅުމެއްވެސް ހުރެއެވެ. މިހާރަކަށް އައިސް ފިތްނެގުން ގިނަވެގެން މިއުޅެނީ ތަފާތު ބާވަތްތަކުގެ ކެމިކަލްތައް ކާބޯތަކެއްޗާއި ގަޔަށް ލާހެދުމާއި ސާފުކުރާތަކެއްޗާއި އެހެންވެސް އެއްޗެހީގައި ގިނަވެގެންނެވެ. އަލިބެއްޔާ ކުޑައިރު ފިތްނެގުން ވަރަށް މަދެވެ. މި ބައްޔަށް އިނގިރޭސިބަހުން އެކްޒެމާ އޭ ކިޔައެވެ. ބައެއް މީހުންގެ އަތުގެ ނުފުށުގައި ނުވަތަ ގައިގެ އެކި ހިސާބުގައި ފިތް ނަގައެވެ.
މިބަލީގެ އެއް ބޭހަކީ ހިއްޗެވެ. މިވާހަކަ ބޭބެއަށް ކިޔާދިނީ މުޅަދޫ ތަކުރުފާނެވެ. އެދުވަސްވަރަކީ ރާއްޖެއަށް ސައިބޯނި ގިނައިން ގެންނަ ދުވަސްވަރެއް ނޫނެވެ. ގިނައިން ލިބެނީ ލޮޓަސް ސައިބޯނިކިޔާ ސިލޯނުގައި ހަދާ 8 އިންޗި 3 އިންޗި ހުންނަ ސައިބޯންޏެކެވެ. ދެން ހުންނަނީ ދޮޅުފޫޓު ހުންނަވަރުގެ ދަނޑި ސައިބޯންޏެވެ. ނަމަވެސް އެދުވަސްވަރު ރާއްޖޭގައި ކޮންމެވެސް ވަރަކަށް ސައިބޯނި ހަދައެވެ. ސައިބޯންޏަކީ އަޅިފެން، ތެލާ އެއްކޮށް ކައްކައިގެން ހަދާ އެއްޗެކެވެ. މިކަމަށް އެންމެ ގިނައިން ބޭނުން ކުރަނީ ކާށިތެލެވެ. ތަކުރުފާނަކީ މުޅަދޫގައި ސައިބޯނި ހަދާ މީހެކެވެ. އެރަށަކީ ވަރަށް ރުއް ގިނަ މާރަށެއްކަމުން، ސައިބޯނި ހަދަން ބޭނުންވާ ތަކެތި ފަސޭހައިން ލިބެއެވެ. އެއްފަހަރަކު ސައިބޯނީގައި ފެހިކުލަ ޖައްސަންވެގެން ތަކުރުފާނު ސައިބޯނި ކައްކަމުންދިޔައިރު އެއަށް ހިތިފަތްތަކެއް އަޅައިފިއެވެ.
މިއިން ސައިބޯންޏެއް ގަނެގެން ދިޔަ މީހަކު ފަހުން އައިސް އޭނާގެ ހަމުގައި ނަގާ ފިތްތައް ސައިބޯނީގެ ސަބަބުން ރަނގަޅުވެއްޖެ ކަމަށް ބުނެ އޭގެ އެތައް ސައިބޯންޏެއް ގަނެގެން ގެންދިޔައެވެ. އަލިބެއްޔާއަށް އެނގޭ ގޮތުގައި ހިތިފަތް އެޅި ސައިބޯންޏަށްވުރެ ހިތިފަތުދިޔަ ނުވަތަ ހިތިގަހު ތެޔޮ މިކަމަށް ރަނގަޅުވާނެއެވެ. މިނޫނަސް ހަމުގެ ވަރަށް ގިނަ ބައްޔަށް ހިއްޗަކީ ރަނގަޅު ބޭހެކެވެ.
ވަރަށް ގިނަ ޒުވާންފުރައިގެ ކުދިންގެ މޫނުގައި އޮށާޅަ ނަގައެވެ. މިއީ މޫނުގެ އޮމާންކަން ގެއްލުވާލާ ބިއްސެކެވެ. ހިއްޗަކީ މިބަލީގެ ފަރުވާ އެކެވެ. މިކަމަށް ހިތިގަހުގެ އޮށް ނުވަތަ އޮށުގެ ތޮށި ގާނާ މޫނުގައި އުނގުޅާނީއެވެ.
ނުރައްކާތެރި ބަލިބައްޔަށް ބޭސްކުރުމުގައި ހިތިގަހުގެ ބޭނުންތައް ބޮޑެވެ. މިގޮތުން މެލޭރިޔާ ހުންޖެހުމުން މިގަހުގެ 15 ވަރަކަށް ގުރާމު ފަތް ކަނިކޮށް ހުން ވިހެލައެވެ. ހިތި ގަހުގެ ކަނދުން ނުކުންނަ ކިރު އުނގުޅުމުން ޖިޒާމްބައްޔަށް ލުއިކަން ލިބެއެވެ. ގަސްކިރު ހޯދަން ދަތިނަމަ، 50 ވަރަކަށް ގުރާމް ފަތް މި މިންވަރުގެ ގިތެލުގައި އުނގުޅޭވަރު ވަންދެން ތެއްލައި ބޭނުން ކުރެއެވެ. އަދި އޮޑިހަނެއްގައި ތޮށި ގާނައިގެންވެސް ބޭނުން ކުރަތެވެ. މި ބޭސް ބޭނުން ކުރެވޭ އެހެން ކަންކަމުގެ ތެރޭގައި ކިހުނު ފާރަށާއި ކަށިވިދުރިއަށާއި ތަފާތު މުލިއްސާއި އެހެން ފާރުވެސް ހިމެނެއެވެ.
ފުރަގަސް ފަރާތު ބަލި ހުންނަ މީހުން މިގަހުގެ އެތެރޭ ތޮއްޓާއި ކަރު ހަކުރާއި އެއްކޮށްގެން ކެއުމުން ލުއިކަން ލިބެއެވެ. ލޭ އަންނަނަމަ، ދެތިން އޮށް ފެނާއިއެކު ކައެވެ.
ބޮލުން އިސްތަށިފައިބަންޏާ ހިތިފަތް ބޮލުގައި ލުމުން ރަނގަޅުވެއެވެ. އަދި އިސްތަށިތައް ގިނައިން ފަޅަން ފަށައެވެ. ނުރަވުން ލަސްވެއެވެ. އުކުނު ފިލައެވެ. އުކުނު ނައްތާލުމަށް ހިތިތެޔޮލައި ފޮތިގަނޑަކުން އިސްތަށިގަނޑު އައްސައިގެން ނިދާނީއެވެ. ނުފިލިނަމަ ތަކުރާރު ކުރާނީއެވެ. އުކުނު ފިލުވުމަށްޓަކައި ހިތިތެލު ޝޭމްޕޫ ވެސް ބޭނުން ކުރެއެވެ. ހަދާނެއްގޮތަކީ އާދައިގެ ޝޭމްޕޫ ފުޅިއެއްގެ ހަތަރުބައިކުޅަ އެއްބަޔަށް ހިތިތެޔޮ އަޅައި ތަޅުވާނީއެވެ. އޭރުން ހިތިތެޔޮ ހުންނަ ޝޭމްޕޫ ހެދުނީއެވެ.
ލޮލުރޯގާ ޖެހުމުން ނުވަތަ އިރުއޮއްސޭދަޅައިގެ ކަނުކަމަށް (ރޯނާވުމަށް) ހިތި ފަތު ފެނުން ލޯ ދޮވުމުން ރަނގަޅުވެއެވެ. ހަމަ މިފަދައން ކަންފަތުގެ ބަލިތަކަށްވެސް ހިތިފަތުފެން ބޭނުން ކުރެއެވެ. ކަންފަތުގައި ރިއްސާނަމަ، މިފަތުން އާވި އަރުވައެވެ. ފަތުދިޔަ މާމުއިއާ އެއްކޮށް ކުޑަކޮށް ހޫނުކޮށްލާފައި ކަންފަތަށް އެޅުމުން ކަންފަތުގައި ޖަހާ މުލިހި ރަނގަޅުވެއެވެ. ސުއިންޕެއް ކަންފަތަށް ވަނުމުން، ހިތިފަތުދިޔަ ލޮނާއި އެއްކޮށް އެޅުމުން އެއެއްޗެއް މަރުވާކަމަށް ވެއެވެ. ބައެއް މީހުން ބުނާގޮތުގައި ބައެއް ބަލިބަލިން ކަންފަތް ބީރުވުމުން ހިތިތެޔޮ ތާފަނާ ވަރަށް ހޫނުކޮށް އެޅުމުން ބީރުކަމުން އާފިޔާ ލިބެއެވެ.
ދަތްތައް ސާފުކުރުމުގައި ހިތިގަހުގެ ދަނޑިއަކީ މިސްވާކުގޮތަށް ބޭނުން ކުރާ އެއްޗެކެވެ. ޙަޤީޤަތުގައި މިސްވާކަށް ވުރެ ކުރިން، ދަތްތައް ސާފުކުރުމަށް ހިތިދަނޑި ބޭނުންކުރަމުން ދިޔަކަމަށް ވެއެވެ. ހިތީގައި ހުންނަ ކިރެއްގެ ސަބަބުން މި ދަނޑި ބޭނުން ކުރަން ފެށުމުން ބަލިދަތްތައް ގަދަވެ، ހިރުގިރުން ކުޑަވެ، ނުބައި ވަސްދުވުން ލުއިވެއެވެ. މިޒަމާނަކަށް އައިސް ބައެއް ދަތްއުގުޅާ ބޭސް އުރައިގައި ހިތިތެޔޮ ހުންނަކަމަށް ލިއެފައި ހުރެއެވެ. މިއީ މި ޒަމާންވީ ބޭސް، މިޒަމާނުގެ އުފެއްދުމެއްގެ ތެރޭގައި ބޭނުން ކުރާ ގޮތެކެވެ.
ހިތިގަހުގެ ފައިދާ ތަކުގެ ތެރޭގައި މިގަހުގެ ފަތުން ހަކުރުބަލިން ލުއިކަން ލިބުން ހިމެނެއެވެ. މިއީވެސް ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އަޖުމަ ބަލާލުމުގެ ގޮތުން މިގަހުގެ ފަތުގެ ސައި ބުޔުމުން އަލިބެއްޔާގެ މި ތަޖުރިބާގެ ތެދުކަން ޔަޤީން ވާނެއެވެ. ޢުމުރުން ގިނަ ދުވަސްވުމުން، ހުޅުހުޅާއި ކަށީގައި ރިއްސާ ރިއްސުމަށް ހިތިގަހުން މަންފާ ކުރެއެވެ. ހިތިތެޔޮ އުނގުޅުމުން ހުޅުތަކުގެ ދުޅަ ތިރިވެ، ރިހުން ކެނޑެއެވެ.
ހިތިގަހުގެ ތެލަކީ ވިހެއުމުގައި ދޭތެރެ ދުރުކުރަން ބޭނުން ކުރާ ބޭހެކެވެ. މިކަމަށް ހިތި ތެޔޮ އެއްޗެއްގައި އުގުޅައި ބޭނުން ކުރަނީއެވެ. މިކަމުގެ ސަބަބުން، ޖިންސީ ގުޅުމުން ޖެހޭ ކިހުނާއި އެއިޑްސް އާއި އެހެން ބަލިތަކުންވެސް ރައްކާތެރިކަން ލިބެއެވެ. ވިހެއުމުގެ ރިހުމަށް ހިތިފަތު ދިޔައިން މަންފާ ކުރެއެވެ. ވިހެއުމުން، މިގަހުގެ ފެނުން ކުރިމަތިފަރާތް ދޮވުމުން ފާރުތައް ހިކި ބަލިތައް ޖެހުން ދުރުވެއެވެ.
ހިތިތެލަކީ ގަސްތަކަށް ޖެހޭ ބަލިތައް ނައްތާލުމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިގަހުގެ ތެޔޮ ފެނާއި އެއްކޮށް ޖެހުމުން ވަރަށް ގިނަ ބަލިތަކުން ސަލާމަތްވެއެވެ. ޚާއްޞަކޮށް ފިނިފެންމަލާއި އޯކިޑު ހައްދާމީހުން މިގަހުގެ ތެޔޮ ބޭނުން ކުރެއެވެ. ގަސްތަކަށް ބަލިފެތުރުމުގެ ސަބަބަކަށް ވާރޭ ވެއެވެ. އެއް ފަތުގައި ހުންނަ ބަލި ވާރޭ ތިކިތަކާއެކު އަނެއް ފަތަށް ނަގުލުވެއެވެ. ހިތިތެޔޮ ބޭނުން ކުރުމުން ފަތްތަކުގައި ވިއްސާރަކޯޓެއް ލެވޭ ކަހަލައެވެ. މިގަހުގެ ފަތުން މަދިރި ދުރުކޮށްދެއެވެ.
ހިތިގަހުގެ ފައިދާ ތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ނުވަތަ ލޭހޮޅިތަކުގައި ލޭ ފިތިފައި ހުންނަ މިންވަރު މައްޗަށް ދިއުމަށް ފަރުވާ އަކަށްވުން ހިމެނެއެވެ. ފަތުގެ ދިޔައިން ލޭގެ ޕްރެޝަރު ދަށްވުމާއި ކޮލެސްޓްރުލޯއޭ ކިޔާ ލޭހޮޅިތަކުގައި ޖަހާ ސަރުބީ ވިރުން ހިމެނެއެވެ. ޕްރެޝަރު ދަށްވުމުގެ އެއް ސަބަބެއްކަމަށް، މި ފަތުން ނުތަނަވަސްކަން ކުޑަވުން ހިމެނެއެވެ.
ކުޑަކަމުދިއުމުގެ ނިޒާމުގައި ޖެހޭ ބަލިތަކަށް ހިތި ކަމުދެއެވެ. މިސާލެއްގެ ގޮތުން މިގަހުގެ 5 ފަތުން ސައިހަދައި ދުވާލަކު ދެފަހަރު ހަފުތާއެއް ވަންދެން ބުޔުމުން ކުޑަކަމުދާ ނިޒާމުގައި އަށަގަންނަ ޖަރީސީމުން ސަލާމަތްވެއެވެ. ވަރަށް ގިނަ އަންހެންވެރިންގެ ކުރިމަތި ފަރާތަށް ޖެހޭ ބައްޔެއް ވެއެވެ. މި ބަލީގެ އަލާމަތަކީ ކެހުމާއި ހުދުކުލައިގެ ދިޔައެއް ނުކުތުމެވެ. ކެންޑިޑިއާސިސް ކިޔާ މިބަލީގެ އެއް ފަރުވާއަކީ 50 ހިތިފަތް ފެނުކައްކައި އެފެނުން ސާފުކޮށް ކުރިން ބުނެވުނު ހިތިފަތު ސައި ބުޔުމެވެ.
ޒުވާންކަން ދެމެހެއްޓުމަށް ހިއްޗަކީ ބޭނުންތެރި ގަހެކެވެ. މިގަހުގެ އެތެރޭތޮށި މޫނުގައި އުނގުޅައި ބެހެއްޓުމުން، ރޫތައް ފިލާ މޫނު ސާފުވެއެވެ. މާބޮޑަށް ފޫޖަހާ ތަންތަނުގައި ހިތިތެލަކީ އުނގުޅާލުމުން ހަން ނާޒުކުވާ ފައިދާ ބޮޑު ތެލެކެވެ.
ފަހެ ހިތިގަހުގެ ފައިދާ ތަކަކީ ދައްކާ ކޮޅުންލާނޭ ކަތައެއް ނޫނެވެ. މިފައިދާތަކުގެ އަސްލަކީ، ހިތީގައި އެކުލެވިފައިވާ މާއްދާތަކުގައި ތިން ބާވަތެއްގެ ”ވިހަ“ އެކުލެވޭ ކަމެވެ. ބުނަމެވެ. ލޮލަށް ނުފެންނަ ބަލިޖައްސާ ޖަރާސީމުގެ ތިންބާވަތެއް ހުރެއެވެ. އެއް ބާވަތަކީ ރޮށިފަދަ ތަކެތި ގިނަ ދުވަސްވުމުން އޭގައި ޖަހާ ފުލެވެ. . މިއަށް އިނގިރޭސި ބަހުން ކިޔަނީ ފަންގަސް އެވެ. އެއީ ގަހެއްހެން މިހެދޭތީ ބާވައެވެ :-). ހަމުގައި ނަގާ ދުއިންމަކީވެސް ފަންގަހުގެ ބާވަތެކެވެ. ދެވަނަ ޖަރާސީމުގެ ވައްތަރަކީ ވައިރަސްއެވެ. މިއީ އާދަޔާ ޚިލާފަށް ކުޑަ، ހަށިގަނޑުގެ ސެލްއެއްގެ އެ ތެރެއަށް ވަނުމުން ނޫނީ ދިރުން ހުންނަކަމަށް ނުފެންނަ ޖަރާސީމެކެވެ. މިސާލެއް ބުނާނަމަަ، ވަރަށް ގިނަ މިރުސްގަހުގެ ފަތް ގުރުޑުވަނީ ވައިރަސްއެއްގެ ސަބަބުންނެވެ. އަރުދަފުސް ރޯގާ އާއި އެއިޑުސް ޖެހެނީވެސް ވައިރަހަކުންނެވެ. ތިންވަނަ ބާވަތަކީ ބެކްޓީރިއާ އެވެ. ބެކްޓީރިއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އޮށާޅަ ނެގުން ހިމެނެއެވެ. ގަސްގަހަށާއި އިންސާނުންނަށް ޖެހޭ ވަރަށް ގިނަ ބަލިތަކުގެ އަޞްލަކީ މި ޖަރާސީމު ތަކެވެ. ހިތީގެ އާދަޔާ ޚިލާފު ކަމަކީ މިތިންބާވަތުގެ ޖަރާސީމަށް ވެސް، ހިތިގަހުގެ އެކިބައިތައް ވިހައަކަށް ވާކަމެވެ. އެހެންކަމުން، މިސިޓީގައި ނަންނުގަނެވުނަސް އެހެން ކިތަންމެ ބައްޔަކަށް ހިއްޗަކީ ބޭހަކަށް ވެއެވެ. ނަމަވެސް ބުނަމެވެ. ޝިފާ ދެއްވުންވަނީ ﷲ އަށެވެ. އެކިމީހުންގެ ޠަބީޢަތް ތަފާތެވެ. އެހެންކަމުން އެކަކަށް ބޭހަކަށްވާ އެއްޗެއް އަނެކާއަށް ބޭހަކަށް ނުވެދާނެއެވެ.
މަތީގައި ބުނެވުނު އެއްވެސް ބައްޔަކަށް ހިއްޗަކީ ބޭހެއް ކަމަށް ނުބަލައި، ދަރުގެ ގޮތުގައި ހެއްދުމަށް އެކަނިވެސް ހިތި ހެއްދުން ރަނގަޅެވެ. އެއީ ގަދަޔަށް ރޯވާ ދަރެކެވެ. ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އޮށް އަޅައެ. އޮށުން ހާނާ ތެލުން ކަރާސީނުގެ ގޮތުގައި ބައްތި ދިއްލެއެވެ. ޑީސަލްގެ ގޮތުގައި އިންޖީނަށް އެޅުމުން އިންޖީނު ހިނގައެވެ. ތެޔޮ ނެގުމަށް އޮށްތައް ފިއްތުމަށްފަހު ދެން ހުންނަ ބަޔަކީވެސް ގަސްކާނާގެ ގޮތުގައި ބޭނުން ކުރާ މަންފާ ބޮޑު އެއްޗެކެވެ. ސަބަބަކީ ގަހަށް ގެއްލުން ދެނިވި ޖަރާސީމުތައް ބިމުން ނައްތާލާ، އަދި ގަހަށް ބޭނުންވާ ކަނާދުތައް ހިމެނޭ އެއްޗަކަށް ވާތީއެވެ.
ހިތިގަހަށް އެނަން ދެވިފައިވަނީ ހަމަ ރަނގަޅަށެވެ. އެއީ ވަރަށް ނުބައިވަސް ދުވާ ހިތިރަހަލާ ގަހެކެވެ. ނަމަވެސް، މިގަހުގެ ބޭނުންތެރިކަމާއި ގިނަގުނަ ފައިދާ އެނގުމުން ހިތިގަސް، ފޮނިގަހަކަށް ވެދާނެއެވެ. މިގެއަށް އަލިބެއްޔާ ހިތިގަސްދޮށުގެއޭ ކިޔާ ނަންދިނީ ކީއްވެގެންކަން މިހާރު މުޞްޠަފާ ކޮއްކޮއަށް އެނގިދާނެއެވެ. އަދި ރާއްޖޭގެ އެންމެން ހުރިހާ ރަށެއްގައި ހުރިހާ ތަނެއްގައި ހިތިގަސް ނަހައްދަނީ ކީއްވެގެން ބާވައޭ ހިތައް އަރާނެއެވެ. ހިތީގެ ކަތައަކީ ދިގު ކަތައެއްކަމުން މިހިސާބުން މިސިޓީ ކުރުކުރަމެވެ.
އިޙްތިރާމް އާއި ސަލާމް.
1 ރަމަޟާން 1427
އަލިބެއްޔާ
ސާފު ރަން ތަކުރާރުކޮށް ވިރުވުމުން އޭގެ ސާފުކަން ވަނީ އިތުރެވެ. އުއްދަޑި ތުނިކޮން ބުރިބުރިކުރުމުން އޭގެ ފޮނިކަންވަނީ އިތުރެވެ. ކެލާ ގޭނިވަރަކަށް އޭގެ ވަސް މީރުވެއެވެ. ޙަޤީޤީ މާތްމީހާއަށް ހިތާމަތަކާއި އިމްތިޙާނުތައް ޖެހުމުން އޭނާގެ ތަޤުވާވެރިކަން އިތުރުވާތަން ނޫނީ ނުފެންނާނެއެވެ.
Rangalhu vahakae
banduge masgandu kuda kurumah varah faiddha bodu fatheh
Varah muhimmu mauloomaathu furigen v liumehkamah dhekemeve. Mifadha liyunthah vujoodhu kohdhevvaa kamah shukuruverivameve.
I read this lengthy essay with interest and I am sure I have learnt a lot about Neem tree
I read every word very carefully making sure to keep in mind. I can understand that it is a cure for many diseases.
I would like to know whether this leaf is helpful for people whose bones are degenerated on one side of the body.
Further with people who has gas problem in their stomach, back and hands
ހިތިގަހުގެ ތެލަކީ ވިހެއުމުގައި ދޭތެރެ ދުރުކުރަން ބޭނުން ކުރާ ބޭހެކެވެ. މިކަމަށް ހިތި ތެޔޮ އެއްޗެއްގައި އުގުޅައި ބޭނުން ކުރަނީއެވެ.
ވިސްނާ ވިސްނާވެސް އުނގުޅަންވީ ކޯޗެއްގައި ކަމެއްނޭގުުނެވެ. ތަފްސީލް ކޮއްލަދެއްވައިފިއްޔާ ދަރުމަހުރިއެވެ.