މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ފިލާވަޅުތައް

ވޭތިވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މާލޭގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައިފައި ވެއެވެ. އެންމެ ފަހުން ހިނގާފައިވާ ހާދިސާގައި އެކަކު މަރުވެފައި ވެއެވެ. ކޮންމެ މިފަދަ ހާދިސާއަކީ، ކަންކަން ކުރާގޮތް، ކަމާ ބެހޭ ފަރާތްތަކުން ރަނގަޅުކުރުމަށް ލިބޭ ފުރުޞަތެކެވެ. ރައްޔިތުން ރައްކާތެރިކުރުމަށް ޒިންމާވާ ފަރާތްތަކުން، ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ލިބޭ ތަޖުރިބާއެކެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ދަންނަވާލަނީ، އަލިފާނުގެ ހާދިސާތަކުގެ ތަޖުރިބާއިން ވިސްނަން ޖެހޭ ބައެއް ކަންކަމެވެ.

ދުވަހު ނޫސް “ސަން” ގައި ޝާއިޢުކޮށްފައިވާ މި ޚަބަރުގައި 19 އޭޕްރިލް 2019 އަށް ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި، އަލިފާނުގެ 86 ހާދިސާއެއް ހިނގައިގެން އަލިފާން ނިވަން ޒިންމާވާ ދައުލަތުގެ ފަރާތަށް (ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް) ރިޕޯޓް ކުރިކަމަށް ބުނެފައި ވެއެވެ. މިއީ އަހަރަކަށް 250 އަލިފާނުގެ ހާދިސާއެވެ. މިއީ ކޮންމެ ތިން ދުވަހަކު މިފަދަ ދެ ހާދިސާ ހިނގުމެވެ. މީހުން ހީކޮށްފާނެ ވަރަށް ވުރެ އަލިފާނުގެ ހާދިސާތައް ރާއްޖޭގައި ހިނގާލެއް ގިނަކަން ފާހަގަ ކުރެވެއެވެ. މި ހާދިސާތަކުގެ ތެރެއިން މުޅި ރާއްޖެ ސިއްސުވާލާ ފަދަ ބޮޑުހުޅެއް ފެތުރެނީ މަދު ފަހަރަކު އެވެ. އަލިފާން ނިވާ ސިފައިންގެ ބަޔާނުގައި، ރާއްޖޭގައި އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް އުފެދެނީ، ކަރަންޓުގެ ސަބަބުންކަން ބަޔާންކޮށްފައި ވެއެވެ. އެއީ، ނަރަށް ނުކަތާ ފަދަ ގިނަ ތަކެތި ގުޅުމުން ކަމަށް ކުރިން ހަވާލާ ދެވުނު ޚަބަރުގައި ވެއެވެ.

އަޅުގަނޑަށް ހީވާގޮތުން، ފަހަކަށް އައިސް އެންމެ ބޮޑު ގެއްލުމެއްވި އަލިފާނުގެ ހާދިސާއަކީ، 20 ސެޕްޓެމްބަރ 2019 ދުވަހުގެ ރޭ، ހެންވޭރު ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ފަހަރު، 14 ގެއަކާއި 6 ގުދަން އެނދިކަމަށާއި، އެކަކު މަރުވެ، 400 މީހުން އެހީއަށް އެދި ޑިޒާސްޓަރ މެނެޖްމަންޓް އޮފީހުގައި ރަޖިސްޓްރީވިކަމަށް މި ޚަބަރު ބުނެއެވެ. [ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ މިއެއް ނޫނެވެ. އެންމެ ބޮޑު ހާދިސާ ކަމަށް ލަފާކުރެވޭ ހާދިސާގެ ވާހަކަ، ސުވޭހުގެ ކައިވެނިފުޅު މިފޮތުގައި ވެއެވެ.]

ރައްޔިތުންގެ ރައްކާތެރިކަމަށް ޒިންމާވާ ފަރާތްތަކުން، މަސައްކަތް ކުރަންވާނީ އެމީހުންގެ އުސޫލުތަކާއި ގަވާއިދުތައް އަބަދުވެސް ކުރިއަށް ވުރެ ރަނގަޅު ކުރެވޭތޯއެވެ. ކޮންޓިނުއަސް އިމްޕްރޫވްމަންޓް އަށެވެ. މި ޢިބާރާތުގެ މާނަައަކީ ޚިދުމަތުގެ އުސޫލްތަކާއި ގޮތްތައް ކުރިއަށްވުރެ ރަނގަޅު ކުރުމަށް ދެމިގެންދާގޮތަށް، ހުއްޓުމެއް ނެތި މަސައްކަތް ކުރުމެވެ. މި ނަޒަރުން ބަލާއިރު، މާލޭގައި އެންމެ ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އުސޫލްތަކަށް ގެނައި ބަދަލަކީ ކޮބައިތޯއެވެ؟ އެ ފަރާތްތަކުގެ ރެސްޕޮންސް އަކީ، ދިން އިޖާބައަކީ ކޮބައިތޯއެވެ؟ ޝައްކެތް ނެތެވެ. ކަމާބެހޭ ފަރާތްތަކުން، ކަން ހިނގާދިޔަ ގޮތާއި އިސްލާޙް ކުރެވޭނޭ ކަންކަމާ މެދު ވިސްނަމުން ގެންދާނެއެވެ. މި މަޒުމޫނުގައި މި ބަޔާންކުރަނީ، އަޅުގަނޑުގެ ނަޒަރުގައި، ހިނގާދިޔަ ހާދިސާއާ ގުޅިގެން، ކަރަންޓު ބޭނުން ކުރުމާއި ގެދޮރު އެޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަމެވެ.

ކަރަންޓުން އަލިފާނުގެ ހާދިސާތައް އުފެދުން


އަލިފާނާއި ރައްޔިތުން ސަލާމަތްކުރުމާ ބެހޭ ދައުލަތުގެ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އަލިފާނުގެ ހާދިސާ އެންމެ ގިނައިން އުފެދެނީ ކަރަންޓުގެ ސަބަބުންނެވެ. މިހެންވަނީ، ވައިރު ކޮށްފައި ހުންނަ ނަރަށް ނުކަތާ ވަރަށް އެކި ސާމާނު ގުޅާފައި ހުންނާތީ ކަމަށް އަލިފާން ނިވާ ފަރާތުން ބުނެއެވެ. ބައެއް މީހުންނަށް ހީކުރެވެނީ، އިލެކްޓްރިކުން ހިންގާ ކިތަންމެ ގިނަ އެއްޗެއް ވެސް، އެއް ނަރަކާ ގުޅިދާނެ ކަމަށެވެ. ނަމަވެސް މިކަންވަނީ މިގޮތަކަށް ނޫނެވެ.

ރާއްޖޭގެ ގިނަ ގެތައް ވައިރުކޮށްފައި ހުންނަނީ ސިންގަލް ފޭސް ކިޔާ ބާވަތެއްގެ ކަރަންޓަކުންނެވެ. މި ބާވަތުން ވައިރުކުރާއިރު، މުޅި ގެއިން 32 އެމްޕަޔަރަށް ވުރެ ގިނަ ކަރަންޓު ނަގާނަމަ، ވެއްޓޭ ބުރޭކަރެއް ނުވަތަ ސުވިޗެއް މީޓަރު ކައިރީގައި ހަރުކޮށްފައި ހުރެއެވެ. އެމްޕަޔަރު ކިޔަނީ ކަރަންޓު މިނާ ޖިންސަށެވެ. 12000 ބީޓީޔޫގެ އޭސީ އަކުން 5 އެމްޕަޔަރު ނަގާނެއެވެ. މިއީ ކަރަންޓު އިސްތިރިއަކުން ވެސް ގާތްގަޑަކަށް ނަގާ މިންވަރެވެ. ކާތަކެތި ފިހަން ގެންގުޅޭ ތަނޫރު ނުވަތަ އަވަން އަކުން މަދުވެގެން 7 އެމްޕަރު ނަގާނެއެވެ. މާލޭގެ ގެތަކުގައި ބޭނުން ކުރާ ޢާއްމު ތަކެތީގެ ތެރެއިން އެންމެ ގިނަ ކަރަންޓެއް ނަގާ އެކައްޗަކީ، ފެންވަރާފެން ހޫނުކުރަން ގުޅާ އެއްޗެވެ. މީގެ އެއްޗަކުން 13 އެމްޕަޔަރު ނަގާނެއެވެ.

ޢާއްމުކޮށް މާލޭގެ ގެތައް ވައިރުކޮށްފައި ހުންނަނީ ނަރުގެ ފަލަމިނުގައި 2.5 އަކަ މިލިމީޓަރު ހުންނަ ނަރުންނެވެ. ފަސޭހައިން ނަރު ލެނބޭގޮތަށް، މި އޭރިއާ ހުންނާނެހެން ނަރު ހަދާފައި ހުންނަނީ ހަތް ހިމަ ފަށެއް ނުވަތަ ލީލިއެއް އެކުލެވޭ ގޮތަށެވެ. މިފަލަ މިނުގެ ނަރަކުން ނެގޭނެ އެންމެ ގިނަ ކަރަންޓު ކަމާ ބެހޭ ފޮތް ފޮތުގައި ބަޔާންކޮށްފައި ވެއެވެ. ކޭސިން ގެ ތެރޭގައި ނަރު ވާނަމަ، މި ފަލަ މިނުގެ ނަރުން އެންމެ ގިނައިން ނެގޭނީ 20 އެމްޕަޔަރުގެ ކަރަންޓެވެ. ބައެއް މީހުން، ވައިރުކުރަން 1.5 އަކަ މިލިމީޓަރުގެ ނަރު ބޭނުން ކުރެއެވެ. މިފަދަ ނަރަކުން އެންމެ ގިނައިން ނެގޭނީ 14.5 އެމްޕަޔަރުގެ ކަރަންޓެވެ.

ކަރަންޓު ނަރާ ކައިރީގައިވާ ޕްލާސްޓިކްގައި ރޯވާން ދިމާވާ ގޮތަކީ، މިސާލެއްގެ ގޮތުން 2.5 އަކަ މިލިމީޓަރުގެ ނަރުން ވައިރުކޮށްފައިވާ ސޮކިޓަކުން 20 އެމްޕަޔަރަށް ވުރެ ގިނަ ކަރަންޓު ނެގުމެވެ. ތިން އޭސީއަކާއި އަވަންއެއް ގުޅައިފިނަމަ، ނަރު ހޫނުވާން ފަށާނެއެވެ. ހޫނުވުމުން ދާފަރާ ދިޔާވެ، ތުނިވެއެވެ. މިއީ ނަރުގެ ދާފަރާއަށް ލިބޭ ދާއިމަށް ހުންނާނޭ ގެއްލުމެކެވެ. މާ ބޮޑަށް ހޫނުވެއްޖެނަމަ، ނަރުގެ މުޅި ދިގުމިނުން، ދާފަރާތައް ދިޔާވެގެން ގާތުގައިވާ ދެ ނަރު ގުޅޭގޮތް ވެއެވެ. ނަރުގެ ކައިރީގައި ރޯވާ އެއްޗެއް ހުރިނަމަ އަލިފާން ހިފާނެއެވެ.

އަޅުގަނޑުގެ ތަޖުރިބާގައި ކަރަންޓުން ގިނަ ފަހަރު ރޯވެފައިވަނީ، ޑިސްޓްރިބިއުޝަން ބޯޑު (ޑީބީ) އާއި ސޮކިޓްތަކެވެ. ދެން މިތަކެތީގެ ކައިރީގައިވާ ތަކެއްޗެވެ. ޑީބީގައި ރޯވާން ދިމާވަނީ، ބުރޭކަރުތަކާއި ނުވަތަ ބަސްބާރ ކިޔާ ރަންވަންލޯ ފަތިކޮޅަކާ ނަރުތައް ގުޅާފައިވާ އިސްކުރުތައް ދޫވެގެންނެވެ. ނަރުތަކުގެ ގުޅުން ދޫވުމުން، ކަރަންޓު ދަތުރުކުރަން ދަތިވެ، ހޫނު އުފެދެއެވެ. މިކަމުގެ ޙައްލަކީ އަހަރަކު އެއް ފަހަރު ނަމަވެސް، އިސްކުރުތައް ބާރުތޯ ބެލުމެވެ.

ސޮކިޓްތަކާއި ޕްލަގު (ޓޮޕް) ތަކުގައި އަލިފާން ހިފާ ސަބަބު ދަންނައެވެ. މިކަން މައިގަނޑު ގޮތެއްގައި ދިމާވާ ދެ ސަބަބު ވެއެވެ. ފުރަތަމަ ސަބަބަކީ ނަރުތައް ސޮކެޓްގެ މެއްކުތަކާ ގުޅާފައިވާ ގުޅުން ދޫވުމެވެ. މި ގުޅުން ދޫވުމުން، ކަރަންޓު ދަތުރުކުރަން ދަތިވެއެވެ. ކަރަންޓު ދަތުރުކުރުން ހިފެހެއްޓޭ ކޮންމެ ވަގުތަކު ހޫނު އިތުރުވާނެއެވެ. މި ހޫނު ގަދަވެގެން ގޮސް ޕްލާސްޓިކްގައި ރޯވެއެވެ. ޕްލާސްޓިކްގައި ރޯވާން ދިމާވާ އަނެއް ސަބަބަކީ، ސޮކިޓްއަށް ޕްލަގްް ނުވަތަ ޓޮޕްް ޖަހާއިރު، އެ ޖެހުން ދޫވުމެވެ. މިހެން މެދުވެރިވަނީ، ސޮކެޓް ނުވަތަ ޕްލަގްގެ ފެންވަރު ދަށްވުމުންނެވެ. ޓޮޕްގެ ފައިކަށިތައް ޖޯޑުވާ ސޮކިޓްގެ ވަނޮޅުގައި ދޫވުމެވެ. މިހެންވުމުން، ކަރަންޓު ދަތުުރުކުރަން ދަތިވެ ހޫނުވެއެވެ. އެންމެ ފަހުން، ޕްލާސްޓިކްގައި ރޯވެ އަނދައެވެ. އެއްޗަކުން ނަގާ ކަރަންޓު ގިނަވި ވަރަކަށް ހޫނު އުފައްދާ މިންވަރު ބޮޑުވެއެވެ. ބޮޑުވަނީ، ގުނަވާ ގޮތަށެވެ. މިިސާލެއްގެ ގޮތުން، ނަރަކުން 5 އެމްޕަޔަރުގެ ކަރަންޓު ދަތުރު ކުރާއިރު ވާ ހޫނަށް ވުރެ، އޭގެ ދެގުނަ (10) އެމްޕަޔަރު ދަތުރުކުރާއިރު އުފައްދާ ހޫނު ހަތަރު ގުނައަށް ބޮޑުވާނެއެވެ.

މިހާރަކަށް އައިސް މާލޭގައި މަތީ ކަރަންޓް ބޭނުންކުރާ ތަކެތި ގިނައެވެ. އުނދުނާއި އަވަނެވެ. އޭސީތަކާއި އިސްތިރިތަކެވެ. ފެންހޫނުކުރާ ތަކެއްޗާއި ވައިދަމާ ވެކިޔުމް ކްލީނަރ ތަކެވެ. މި ތަކެއްޗަކީ ގިނަ ކަރަންޓު ނަގާތަކެއްޗަށް ވުމާއެކު، މިފަދަ ތަކެތީގެ ގުޅުންތައް ރަނގަޅުތޯ ބެލުން ވަރަށް މުހިއްމުއެވެ. އަދި ހޫނުވާ އެއްވެސް އެއްޗެއް ޖެއްސުމަށް ފަހު، އެ އެއްޗަކާ މާދުރުގައި ގިނަ ވަގުތު ހޭދަކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެއެވެ.

އެއް ދުވަހަކު، ހެނދުނު އޮފީހަށް ވަދެވުނު އިރު، އަޅުގަނޑަށް ފެނުނީ، ތަނުގެ އޭސީތައް ޖެއްސުމާއެކު ހެން، ތަނުގެ ވައިރުތައް ގުޅާފައި ހުންނަ ފޮށީގައި (ޑީބީގައި) ރޯވެފައިވާ ތަނެވެ. އެ ޑީބީއަކީ، ބޮޑު ޑީބީ އެއްގެ ގޮތްޕެއް ކަމުން، މައި ޑީބީއިން ކަރަންޓު ކަޑާލުމަށްފަހު، ގާތުގައި ހުރި އަލިފާން ނިވާ ކުނޑީގެ ފުޅިއަކުން، ޑީބީގައި ހިފާފައިވާ ހުޅުގަނޑު ނިއްވާލައިފީމެވެ. ޢާއްމު ގެއެއްގައި ނަމަ، މިފަދަ ޙާލަތެއްގައި ހަދާނީ ކިހިނަކުން ހެއްޔެވެ؟ ކަމާބެހޭ ފަރާތްތަކާ ގުޅައިފިނަމަ، އެމީހުންނަށް އާދެވޭ އިރު، ތަނުގެ އިތުރުތަކެތީގައި ހުޅުހިފާނެއެވެ. އަމިއްލަ ގޭއްގޭގައި، އަލިފާންނިވާ ކުނޑިހުންނަ ފުޅިއެއް ނުހުންނާނެއެވެ. މިފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތަކީ، މީޓަރު ބުޑުން ކަރަންޓު ކަނޑާލުމަށް ފަހު، ބާލިދީ ފަދަ އެއްޗަކުން ފެން ޖަހައި އަލިފާން ނިއްވާލުމެވެ. މިއާއެކު ގޭގައި އެހެން މީހަކު އުޅޭނަމަ، އޭނާ ލައްވައި އަލިފާންނިވާ ސިފައިންނާ ގުޅުވައި، މީހަކު ނެތްނަމަ، ބާރަށް ”އަލިފާނޯތް“ މިހެން ގޮވައި އެހެންމީހުންގެ ސަމާލުކަމަށް އަލިފާން ހިފިކަން ގެންނަން ޖެހޭނެއެވެ. މީޓަރު ބުޑުން ކަރަންޓު ކަނޑާލެވެން ނެތަސް، ރޯވެފައި ހުރިނަމަ، ފެންޖެހުން ބައެއް ޙާލަތްތަކުގައި ރަނގަޅު ވެދާނެއެވެ. އެއީ މީޓަރާ ގާތުގައި އަދި މަގުމަތީގައި ހުންނަ ފޮށީގައި ވެސް، މާބޮޑަށް އާތުވެއްޖެނަމަ، ކަރަންޓު އަމިއްލައަށް ކެނޑޭނޭ ސްވިޗެއް ހަރުކޮށްފައި ހުންނާތީއެވެ. ކަރަންޓު ހުއްޓައި ފެން ޖަހައިފިނަމަ، ތިމާ ކަރަންޓުގައި ޖެހުމުގެ ނުރައްކާ އޮވެދާނެއެވެ. ނަމަވެސް، މިހާރުގެ ޓެކްނޯލޮޖީގައި މިކަން މެދުވެރިވުން ވަރަށް ކުޑަވާނެއެވެ.

އަލިފާން ރޯވެފައިވާ ޑީބީއަކަށް ފެން ޖެހުމާ މެދު، ކަމާ ބެހޭ މީހުންގެ ޚިޔާލު ތަފާތެވެ. މިފަދަ ހާލަތެއްގައި، ކަންކުރާނޭ ގޮތާ ބެހޭ ގޮތުން، އިންޖީނުގޭގެ އިސް އިންޖިނޭރަކަމުގައި އުޅުނު ފަރާތަކާ ސުވާލުކުރުމުން އޭނާ ބުނަނީ އެންމެ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، އެއީ މާލޭގައި ނަމައެވެ. ވައިރުކުރުމުގެ ހުއްދަ ދިނުމާ ބެހޭ އިދާރާގެ ވެރި ފަރާތެއް ބުނަނީ ރަނގަޅު ނުވާނެ ކަމަށެވެ. މިފަދަ ހާލަތެއްގައި ސުވާލަކީ، އަލިފާން ނިއްވާލުމަށް ފެނުގެ ބަދަލުގައި ދެން ގޭގައި ހުރީ ކޮން އެއްޗެއް ތޯއެވެ؟ މިއީ ޖާނާއި މާލުގެ ސުވާލެކެވެ.

ކަރަންޓުން ދިމާވާ އަލިފާނުގެ ހާދިސާތަކަށް ވިސްނައި، ކޮންމެ ގެއެއްގައި ވެސް، އަލިފާން ނިވާ ކުޑަ ފުޅިއަކާއި، ހެދުމުގައި އަލިފާން ރޯވެއްޖެނަމަ، ނުވަތަ އެއްޗެއްގައި ރޯވެއްޖެނަމަ ނިއްވާލުމަށް ބޭނުންކުރާނޭ އަލިފާން ނުހިފާ ރަޖާގަނޑެއް އޮތުން ވަރަށް ބޭނުންތެރިއެވެ. ގޭތެރޭގައި ބޭނުންކުރާނޭ 1.5 ލީޓަރުގެ ފެންފުޅިވަރުގެ އަލިފާންނިވާ ފުޅި ހުރެއެވެ.

މި މަޒުމޫނު ލިޔަން ފެށީ، ގެދޮރު އެޅުމުގައި އަލިފާނުން ރައްކާތެރިވުމަށް، ކުރަންޖެހޭ ކަންކަމަށް ބަލައިލުމަށް ގަސްތުކޮށެވެ. ނަމަވެސް، ކަރަންޓުން ރޯވުމުގެ މައްސަލައަށް ކުރު ތަޢާރުފެއް ލިޔުނުތަނާ، މި މަޒުމޫނުގައި ލިޔުމަށް ހަމަޖެހިފައިވާ 2000 ވަރަކަށް ލަފުޒު ހަމަވެ ގިނަ ވެއްޖެއެވެ. އެހެންކަމުން، މަޒުމޫނުގެ ދެވަނަ ބައިގައި ގެދޮރު އެޅުމުގައި އަލިފާނުގެ މައްސަލަތަކާއި ޖާނުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ލިޔަން ގަސްތުކޮށް މި މަޒުމޫނު ނިންމާލަމެވެ.

އެންމެ ފަހުގެ މަޒުމޫނުތައް