ޑިމޮކްރެސީ ވަޅުޖެހުން

ޕޯޗުގަލްގެ ވެރިކަން ކުރާ ސަހަރުކަމުގައިވާ ލިޒްބަންގައި ދާދި އިހަކަށް ދުވަހު ސިޔާސީ ކަންކަމާ ބެހޭ ނަފްސާނީ ޢިލްމުވެރިންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ބައްދަލުވުމެއް ބޭއްވުނެވެ. އެ ބައްދަލުވުމުގައި ޢިލްމުވެރިއަކު ހުށަހެޅި ކަރުދާހެއްގައި ބުނަނީ، ދުނިޔެއިން ޑިމޮކްރެސީ ދަނީ މަޑުމަޑުން ފުހެވިގެން ކަމަށެވެ. މި ކަރުދާސް ހުށަހެޅުމުން މީހުން އެކަމުގެ ތެދުކަމުގެ މައްޗަށް އާސޯޚުވެ ހަބަރުފަތުރާ ވަސީލަތްތަކުގައި އެވާހަކަ ޝާއިޢުކޮށްފައި ވެއެވެ. ތިރީގައި މިގެނެސްދެނީ މިގޮތުން އެފަދަ އެއް ޚަބަރުގެ އިޖްމާލީ ތަރުޖަމާއެކެވެ. އަޞްލު މި ލިންކުން ކިޔުއްވޭނެއެވެ.

ހަވާލާދެވުނު ކަރުދާސް ހުށަހެޅީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ މި ފަންނުގެ ”ސިންގާއެއް“ ކަމަށްވާ 68 އަހަރުވީ ޕްރޮފެސަރ ރޮޒަންބާރގް އެވެ. އޭނާގެ ނަޒަރިއްޔާ  ނުވަތަ މައިގަނޑު ހުށަހެޅުމަކީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި، ޑިމޮކްރެސީ ވަނީ ޑިމޮކްރެސީގެ ޝިކާރައަކަށް ވެފައިކަމަށެވެ. އަދި މާގިނަ ދުވަހެއް ވަންދެން މި ޤައުމުތަކުގައި ޑިމޮކްރެސީއެއް ދެމިއެއް ނޯންނާނެއެވެ.

އެމެރިކާގެ ރައީސްކަމުގައި މިދުވަސްވަރު ހުރި ޑޮނަލްޑް ޓްރަމްޕް އާ އިދިކޮޅު ޚިޔާލުތަކުގެ ބައިވެރިން، މި މައްސަލައިގެ އަސްލަކީ އޭނާކަމަށް ބުނިކަމުގައި ވިއަސް، އެމެރިކާގައި ޑިމޮކްރެސީ ވަޅުޖަހަމުންދަނީ، ޓްރަމްޕްގެ ސަބަބަކުން ނޫނެވެ. ހާލުގައި ޖެހިގެން އެމެރިކާއަށް އެތެރެވާން ބޭނުންވާ މީހުންނާ އިދިކޮޅަށް ގިނަ ބައެއްގެ ތާއީދާއެކު ހިންގާ ކާމިޔާބު ނުރުހެވޭ ޢަމަލުތަކަކީ ޑިމޮކްރެސީ ވަޅުޖަހާ ސަބަބެއް ނޫނެވެ. އެއީ ވަޅުޖަހާކަމުގެ ނިޝާނެކެވެ. އެކަމުގެ އަސަރެކެވެ.

ރޮޒެންބާރގް ދެކޭގޮތުގައި މި ކަމުގައި ތުހުމަތުވަނީ (ކުށްވެރިންނަކީ) ރައްޔިތުންނެވެ.

ޑިމޮކްރެސީއަކީ އުނދަގޫ މަސައްކަތެކެވެ. އަމިއްލައަށް ސަރުކާރެއް ހިންގަން ޖެހުމުން، ވަރަށް ބޮޑު މަސްއޫލިއްޔަތު ތަކެއް ރައްޔިިތުންގެ ބޮލުގައި އެޅެއެވެ. މި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބައިވެރިވާ ޤައުމުގެ މުފައްކިރުންނާއި އަޝްރާފުންވަނީ ހަވާސާކޮށްލެވިފައެވެ. އަދި، ބަރާބަރަށް ހިނގާ ޑިމޮކްރެސީއެއް އިދާރީގޮތުން މެނޭޖްކުރުމުގައި ރައްޔިތުންވަނީ ފިކުރީ ގޮތުންނާއި ޖަޒުބާތީގޮތުން ނުކުޅެދިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރައިޓް-ވިންގ ގެ ޚިޔާލަށް ގިނަބަޔަކު ތާއީދުކޮށް އެ ޖަމާޢަތާ ގުޅިފައި ވެއެވެ. ރޮޒެންބާރގް ކުރިއަށް ވިސްނާގޮތުގައި، އެމެރިކާ ފަދަ ގައުމުތަކުގައި، ޑިމޮކްރެސީ ދާނީ ހިފެހެއްޓުމެއް ނެތި ވަޅުޖަހަމުންނެވެ. އަދި އެންމެ ފަހުން ޑިމޮކްރެސީ ނެތިގެން ދާނެއެވެ.

[ރައިޓް-ވިންގ (ކަނާތު ފިޔަ) އާއި ލެފްޓް-ވިންގ (ވާތު ފިޔަ) އަކީ ސަރުކާރު ހިންގުމުގެ ދެ އުސޫލެކެވެ. މިއީ ފަރަންސޭސީންގެ މައިގަނޑު އިންޤިލާބުގެ ދުވަސްވަރުގައި ރައްޔިތުންގެ މަޖިލިހުގައި، މެންބަރުން ތިބޭން ހަމަ ޖެއްސި ގޮތަކަށް ނިސްބަތްކޮށް ބުނާ ބަހެކެވެ. އެއް ބަޔަކު ތިބީ މަޖިލިހުގެ ރައީސްގެ ކަނާތް ފަރާތުގައެވެ. އަނެއް ބަޔަކު ވާތްފަރާތުގައެވެ. ކަނާތު ފިޔައިގެ ޚިޔާލަށް ތާއީދުކުރާ މީހުން، އިހުގެ ގޮތްތަކަށް އިޢާދަވުމަށް (އާދަކާދައަށް) ބާރުއަޅާނެއެވެ. ވަޠަނީވާނެއެވެ. މިގޮތުން، ސަރުކާރު ކުޑަވެފައި، އަމުރުހިންގުން ހަރުކަށިވުމަށް ބާރުލާނެއެވެ. ހިޖުރަކުރުވުން މަނާކުރުމަށް ތާއީދުކުރާނެއެވެ. އިދިކޮޅު ޚިޔާލުތަކާއި ބިދޭސީންނަށް ކެތްތެރިކަން ކުޑަވާނެއެވެ. ވާތުފިޔައިގެ މީހުން ދެކޭނީ ސަރުކާރުގެ ރޯލު ވީހާވެސް ފުޅާކުރުމަށެވެ. އަދި އާދަކާދަތަކާއި އިހުގެ ގޮތްތަކާ ދުރުވެ ހުރިހާ އިންސާނުންނަކީ އެއް ބައެއްކަމަށާއި ވަޒީފާއަދާކުރާ އާދައިގެ މީހުންނަށް ރަނގަޅުގޮތްތައް ވުމަށް ބާރުއަޅާނެއެވެ. ނަސްލީ އިމްތިޔާޒުތައް ނައްތާލައި، މަސައްކަތު މީހުން ތަފާތު ޖަމްޢިއްޔާތައް ހެދުމަށް ބާރުލާނެއެވެ. ދިވެހީންނާ ދުރުނޫން އިންޑިއާ އާއި ސްރީ ލަންކާގައި ވެސް ވެރިކަން ކުރަނީ ކަނާތުފިޔައިގެ ސަރުކާރެވެ.]

. . . . . . . .

އެއްބައި މީހުން ސިފަކުރާ ގޮތުގައި، ޑިމޮކްރެސީގެ ރަންޒަމާނަކީ ވިހިވަނަ ޤަރުނުގެ ފަހު ފަންސާސް އަހަރެވެ. އެއް ބަޔަކު ބުނާގޮތުގައި 1945 ވަނަ އަހަރު ދުނިޔޭގައި ވަނީ އެންމެ 12 ޑިމޮކްރެސީ އެވެ. 2000 ވަނަ އަހަރު އައި އިރު، މި ޢަދަދު 87 އަށް އަރާފައި ވެއެވެ. ދެން، 2000 ވަނަ އަހަރަށް ފަހު، ޑިމޮކްރެސީ ފެތުރުން ކުއްލިއަކަށް ހުއްޓި ވަޅުޖަހަން ފަށައިފިއެވެ.

ކަނާތު ފިޔައިގެ ސިޔާސީން، ބޮޑު ބައެއްގެ ތާއީދާއެކު، ޕޮލަންޑް އާއި ހަންގެރީ އާއި ފްރާންސް އާއި އިޓަލީ އާއި ބްރޭޒިލް އާއި އެެމެރިކާގެ ވެރިކަން އަތުލައިފިއެވެ. އެއް ގުނުމެއްގައި، ކުރިން %4 ގެ ތާއީދުއޮތް މި ބައިމީހުން، ތިންގުނައަށް ޢަދަދު ބޮޑުވެއްޖެއެވެ. މިސާލެއްގެ ގޮތުން، ޖަރުމަނުގައި ކަނާތު ފިޔައަށް އޮންނަ ތާއީދު، ހިޖުރަކުރުން މަދުވުމާއެކުވެސް ދަނީ މައްޗަށެވެ. އިޖްތިމާޢީ ބޮޑެތި ޢިލްމުވެރިން، މިކަންކަމަށް ބަލައި، ޑިމޮކްރެސީ އުވެނީ ކަމަށް ބުނަން ފަށާފައި ވެއެވެ.

ރޮޒެންބާރގް ދެކޭގޮތުގައި، ދުނިޔޭގައިވާ ޑިމޮކްރެސީއަށް ތާއީދުކުރާ ޤައުމުތައް ހައްތާ ދާނީ މަދުވަމުންނެވެ. ޑިމޮކްރެސީގެ ބަދަލުގައި، ގިނަބަޔަކު ތާއީދުކުރާ ކަނާތުފިޔައިގެ މީހުން ވެރިކަން އަތުލާނެއެވެ. އުނދަގޫ، މުރައްކަބު މައްސަލަތަކަށް ފަސޭހަ ލުއި ޖަވާބު މި މީހުން ދޭނެއެވެ.

ރޮޒެންބާރގް ބުނަނީ ޑިމޮކްރެސީއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ހުރިހާ ބައިވެރީން އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށެވެ. ތިމާއާ ވައްތަރު ނޫން މީހުންނާއި ތިމާ ތާއީދުނުކުރާ ފިކުރުތަކަށް އިޙްތިރާމް ކުރަން ޑިމޮކްރެސީ ބުނެއެވެ. އެތައް މަޢުލޫމާތުތަކެއް ރައްޔިތުން ދެނެގަނެ، ނުބައާއި ރަނގަޅު ވަކިކޮށް، ތެދާއި ދޮގު ފަރަގުކުރަން އެނގެން ޖެހެއެވެ. މިކަންކަމަކީ ފިކުރާއި ސުލޫކާއި ޢިލްމު ބޭނުންވާ ކަންކަމެވެ.

ހިތާމައަކީ އިންސާނާގެ ބުއްދިއަކީ މިފަދަ ކަންކަމަށް ފާގަތި ބުއްދިއަކަށް ނުވާކަމެވެ. އެތައް މިސާލެއް ދައްކަމުން، އިންސާނުން ޠަބީޢީ ގޮތުން ތެދަށް ނުވިސްނައެވެ. އެކި ބާވަތުގެ ތައައްސަބުން ވިސްނުން ކަސިޔާރު ވެއެވެ. މިސާލެއްގެ ގޮތުން، ބޯފޮރުވޭ ފޮތިގަނޑެއްލީ ގަމީހެއް ލާފައިވާ ކަޅު މީހަކު ފެނުމުން، ނަސްލީ ދެކޮޅުވެރިކަން ”ހުދު“ މީހުންގެ ވިސްނުމަށް ސަވާރުވެއެވެ. އިންސާނުން ވިސްނާއިރު، ތިމާ އެދޭގޮތް ނޫން ގޮތްގޮތަށް ހާމަވާ ހެކިތަކަށް ސަމާލުކަން ނުދީ، އަމިއްލަ ޚިޔާލަށް ބާރުދޭ މަޢުލޫމާތަށް އިސްކަން ދެއެވެ.

އިންސާނީ ސިކުނޑިއަކީ ޑިމޮކްރެސީއާ ބީރައްޓެހި އެއްޗެކެވެ. އިންސާނީ ފިކުރު އުފަންކުރެވިފައިވަނީ ޑިމޮކްރެސީއަކަށް ނޫނެވެ.

ޔޫނާނީ މުފައްކިރެއް ކަމުގައިވާ ޕްލެޓޯ އިން ފެށިގެން ޑިމޮކްރެސީއަކީ މަސައްކަތް ނުކުރާނޭ ނިޒާމެއްކަމަށް މީހުން ބުނަމުންދާތާ 2000 އަހަރު ވެއްޖެއެވެ. އެކަމަކު، ޑިމޮކްރެސީ އުސޫލުތަކާ މާ ދުރުނޫން ގޮތަކަށް އެމެރިކާ ހިންގާތާ މިހާރު 200 އަހަރު ވެއްޖެއެވެ.

ރޮޒެންބާރގް މަޝްހޫރުވެފައިވަނީ، 1980ގެ އަހަރުތަކުގައި އޭނާ ކުރި ދިރާސާއަކުންނެވެ. އެ ދިރާސާއިން ދައްކަނީ، ރައްޔިތުން ވޯޓުދެނީ، ކެންޑިޑޭޓްގެ ބުރުސޫރައަށް ބަލާ ކަމަށެވެ. ދެން އޭނާ މިހާރު މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟

އޭނާ ދެކޭގޮތުގައި، ކަނާތު ފިޔައިގެ މީހުންނަށް ގިނަ ބަޔަކު ތާއީދުކުރާ ސަބަބަކީ، އިހުގައި، ރައްޔިތުންގެ ޑިމޮކްރެޓިކް ނޫން ޝުޢޫރުތައް ކޮންޓްރޯލްކުރި ޖަމްޢިއްޔާތަކުން، އެތަންތަން ޑިމޮކްރެޓިކް އުޞޫލުން ހިންގި މީހުންގެ ބާރު ނެތިގެން ދިއުމެވެ. އަމިއްލައަށް ސިޔާސީ ކަންތައްތައް ނިންމަން ޖެހުމުން، އެމީހުން ދަމާ ގެންދަނީ ކަނާތު ފިޔައިގެ ޚިޔާލުތަކަށެވެ. އެއީ ޚުދުމުޚްތާރު ވެރިކަމާއި، ބީރައްޓެހީންނަށް އިހާނަތްތެރިކޮށް ހިތުމާއި ނަސްލީގޮތުން ތަފާތުކުރުމެވެ.

ކުރީ ޒަމާނުގައި، އިޤްތިޞާދީ، ފިކުރީ އަދި ސިޔާސީ އަންބަލަމުގެ އެންމެ މަތީގައިވަނީ ޑިމޮކްރެޓިކް އާދަކާދަތަކަށް ތާއީދުކުރާ، އެ އާދަކާދަތައް ދަމަހައްޓަން ބޭނުންވާ ބައެކެވެ. އެމީހުންގެ ތެރޭގައި ނޫސްވެރިންނާއި، މުދައްރިސުންނާއި ގާޒީންނާއި ހިންގުމުގެ އިސްވެރިން ހިމެނެއެވެ. މި މީހުންނަކީ ރައްޔިތުންގެ މެދުގައި ނުފޫޒުގަދަ ބައެއް ކަމުން، ޑިމޮކްރެޓިކް ހަމަތަކުގެ މުހިއްމުކަން އެމީހުން ރައްޔިތުންނަށް ވިސްނާދެއެވެ. އެކަމަކު މިއަދު އެގޮތް ބަދަލުވެފައި ވެއެވެ. އިންޓަރނެޓްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އޭނާގެ ފިކުރު ގިނަ ބަޔަކަށް ހާމަކުރެވެއެވެ. ނުބައި ފިކުރާއި ރަނގަޅު ފިކުރެވެ. މިސާލެއްގެ ގޮތުން، ހިލަރީ ކްލިންޓަން ކުޑަކުދީން ބޭނުންކޮށްގެން، ވޮޝިންޓަންގެ ޕިއްޒާ ވިއްކާ ފިހާރައެއްގެ އަޑީގައި، ނާސިގެއެއް ހިންގި ދޮގު ވާހަކަ ޢާއްމުކުރިއެވެ. ނަތީޖާއަކަށްވީ، އެތަނުގައި ބަޑީގެ ހަމަލަތަކެއް ހިނގުމެވެ.

މިހާރަކަށް އައިސް އެންމެ ހިނގާ ސިޔާސީ ހަމައަކީ ޕޮޕިއުލިޒަމް އެވެ. މި ސިޔާސީ ފިކުރުގައި، ސިޔާސީ މީހުން ބޭނުން ކުރާނީ އާދައިގެ ފަރުދުންނެވެ. އެމީހުންގެ ކަންބޮޑުވުންތަކަށް އަޅާލާކަމާއި އެހެން ސިޔާސީ މީހުން، ޢާއްމު ރައްޔިތުންގެ އިޙްސާސްތަކަށް އަޅާނުލާކަން ދެއްކުމަކީ މި ސިޔާސީ އުކުޅުގެ އެންމެ މުހިއްމު މަސްދަރެވެ. ކުރިން ނަމަ، ތަފާތު ކަންކަމާއިގެން ނެރޭ ފޭކު (މީހުންނަށް އޮޅުވާލުމުގައި ނިޔަތުގައި އަޞްލާ ތަފާތު) ވާހަކަތައް ޤައުމުގެ އިސްވެރިން ދޮގުކުރުމުން އާއްމުން އެކަން ބަލައިގަނެއެވެ. ފޭކު ވާހަކަތަކުގެ ހަމަނުޖެހުންތައް ހާމަކުރުމަށް ފުރުސަތު އޮވެއެވެ. މިހާރަކަށް އައިސް، ޤައުމުގެ އިސްވެރިންގެ ބަސް، ޢާއްމު ރައްޔިތުންގެ ކުރިމަތީގައި ވިކެނީ ވަރަށް ކުޑަކޮށެވެ. ޗާޕުކޮށްފައި ހުންނަ ނޫސްތަކާއި މުހިއްމު ޓީވީ ޗެނަލްތަކުގެ ބަދަލުގައި، ޚަބަރުތައް މިހާރު ލިބިގަންނަނީ ސޯޝަލް މީޑިއާ އިންނެވެ. ބުނެވޭގޮތުގައި، ޓްރަމްޕްއަށް ތާއީދުކުރާކަމަށް، ނަޞޯރާދީނުގެ އިސް ފާދިރީ ފާޅުކުރި ޚިޔާލެއްގެ ގޮތުގައި ފެތުރި ޚަބަރު ދިހަ މިލިއަން މީހުން ފޭސްބުކް އިން އެމެރިކާގައި ބެލިއެވެ. މިއީ 2016 ވަނަ އަހަރުގެ އެމެރިކާގެ އިންތިޚާބުގެ ކުރިން އެންމެ ގިނައިން ޝެއަރ ކުރި ޚަބަރެވެ. މިއީ ދޮގު ޚަބަރެކެވެ.

އެންމެ ހައިރާންވާންޖެހޭ ކަަމަކީ، ޑިމޮކްރެސީ ފުޅާވުމަށް މެދުވެރި ކުރުވި މަޢުލޫމާތު މިނިވަންކޮށް ފަތުރައިދޭ ސޯޝަލް މީޑިއާ އާއި އިންޓަރނެޓް އަކީ ސިޔާސަތުގެ ވައު ކަނޑައިގެން ގޮސް އޮޔާދާން ދިމާވި ސަބަބަކަށް ވީކަމެވެ. ޚުދުމުޚްތާރު ވެރިކަމަށް މަގު ދައްކަނީ މި ފުޅާވަމުން ދިޔަ ޑިމޮކްރެސީއެވެ. ރޮޒެންބާރގް ބުނާގޮތުގައި، ޤައުމުގެ އަސްރާފުންނަކީ، ޑިމޮކްރެސީ ހަމައިން ނެއްޓުނަ ނުދީ ހިފެހެއްޓި މީހުންނެވެ. އެމީހުން، އިންސާނުންގެ ކިބައިގައިވާ ޚުދުމުޚްތާރު ޚިޔާލާތު ކޮންޓްރޯލްކުރިއެވެ.

ތަފާތު ޚިޔާލުތަކަށް ކެތްތެރިވުން ފަދަ ޑިމޮކްރެސީއިން ކަނޑައަޅާ އުނދަގޫ ހަމަތަކާ އަޅާބަލާއިރު، ކަނާތުފިޔައިގައި ޕޮޕިއުލިޒަމް އަކީ ކަފަލޮލީއެވެ. ޑިމޮކްރެސީއިން، ތިމާ އުޅޭ ބިން، ތިމާއާ ފެންނަ ފެނުން ތަފާތު، އަދި ޚިޔާލު ތަފާތު ބަޔަކަށް ޝެއަރ ކުރަން މަޖުބޫރުކުރާއިރު، ކަނާތުފިޔައިގެ މީހުން ވަގުތީ ޖޯރެއްދޭ ފިކުރެއް ހުށަހަޅައެވެ. ޚިޔާލަކަށް ކެތްތެރިވުމެއް، ނުބުނާންވީ އެއްޗެއް ނުވެއެވެ. ތިބާއަށް އެހެން ޤަބީލާތަކުގެ މީހުންނާ މެދު ދެކޭގޮތް ހިފެހެއްޓުމެއް ނެތި ބޭނުން ގޮތަކަށް ފާޅުކުރެވިދާނެއެވެ.

ކަނާތުފިޔައިގެ ޕޮޕިއުލިސްޓުން ބުނާ ވާހަކަތައް ހަމަޖެހޭކަށް ނުޖެހެއެވެ. ބިދޭސީން އެމެރިކާ މީހުންގެ ވަޒީފާތައް ނަގަނީކަމަށް ބުނެފައި، ވެލްފެއަރ އިން މި ކަންނެތް މީހުން ފައިސާ ނަގަނީކަމަށް ވެސް ބުނެފާނެއެވެ. ޕޮޕިއުލިސްޓުންނަށް ތާއީދުކުރާ މީހުން ބޭނުންވަނީ އެމީހުންގެ ޒާތީ މައްސަލަތަކަށް ކުށްވެރިކުރާނެ އަދާވާތްތެރިއެކެވެ.

ޑިމޮކްރެސީއަށް ތާއީދުކުރާ ފަރާތްތަކުން އެތައް ކަމަކަށް އީމާންވާން ބުނާއިރު، ޕޮޕިއުލިސްޓުން އެދެނީ އެންމެ  ކަމަކަށެވެ. އެއީ ސިޔާސީ މީހާއަށް ވަފާތެރި ވުމަށެވެ. މިގޮތަށް ވަފާތެރިވުމަކީ، ޤައުމާ މެދު އެމީހުން ގެންގުޅޭ ތަޞައްވުރަށް ވަފާތެރިވެ އެ ބަލައިގަތުމެވެ. މިއީ އުނދަގޫ ކަމެއް ނޫނެވެ. ޚުދުމުޚްތާރުވެރިއަކަށް ތަބަޢަވުމަކީ، ޑިމޮކްރެސީއިން މަޖުބޫރުކުރާ އަމިއްލައަށް ވިސްނައިގެން ކޮންމެ ފިޔަވަޅެއް އެޅުމަށް ވުރެ ލުއި ފަސޭހަ ކަމެކެވެ.  ރޮޒެންބާރގް ބުނާގޮތުގައި، އެމެރިކާގެ ގިނަ މީހުންނެއް ޑިމޮކްރެޓިކް ސަގާފަތެއް، ޑިމޮކްރެޓިކް ޖަމްޢިއްޔާތަކެއް، ރަށްވެހީންގެ ގޮތްތަކެއް ބަލައެއް ނުގަނެއެވެ. މިކަންކަން ކުރަން ޖެހުމުން، އެމީހުން އެކަންކަން ކުރަނީ އެމީހުންނަށް ފެންނަ ނޭދެވޭ ގޮތަކަށެވެ. އެމީހުން މުޢާމަލާތް ކުރަނީ، ޑިމޮކްރެޓިކް ޖަމްޢިއްޔާތަކާއި ހަމަތައް މުގުރާލާ ގޮތަކަށެވެ.

މި ކޮންފަރަންސްގައި، ކަނާތުފިޔައިގެ މީހުން ޚުދުމުޚްތާރު ގޮތްތައް ބޮޑަށް ބަލައިގަންނަ ކަމަށާއި، ޓްރަމްޕްވެރިކަމަށް އައުމުން ސްކޫލްތަކުގައި ބުލީކުރުން އިތުރުވި ކަމަށާއި، ޖަރުމަނަށް އެއް މިލިއަން މީހުން ހިޖުރަކުރުމުން ނަސްލާގުޅޭ ކުށްތައް ކުރުން ގިނަވިކަމަށް ދެއްކި ދިރާސާތައް ހުށަހެޅުނެވެ.

ދުނިޔޭގައި ހިނގަމުންދާ ކަންތައްތައް އަހުރެމެންނަށް އަންގައިދެނީ ކަނާތުފިޔައިގެ ސިޔާސީ ސަރުކާރުތައް ގިނަވަމުން ދާކަމެވެ. މިކަން، އެމެރިކާއަށް ފޯރުމުން، މައްސަލައަކީ އެކަކަށް ވުރެ ބޮޑު މައްސަލައަކަށް ވާނެއެވެ. ވާތުފިޔައިގެ މީހުން ޓްރަމްޕްގެ ވެރިކަން ނިމުމަށް އެދި ދުޢާކުރިއަސް، ރޮޒެންބާރގް ގެ ޚިޔާލަކީ ތެދެއްކަމަށް ވަނީނަމަ، ޑިމޮކްރެސީވަނީ ބަލިވުމުގެ ހަނގުރާމަ މަތީގައެވެ. ކޮންމެ މީހަކު ރައީސަކަށް ހުރި ނަމަ ވެސް އެވެ.

އެންމެ ފަހުގެ މަޒުމޫނުތައް