ބައިިނަލްއަޤްވާމީ ގަވާއިދުތަކުގެ ތެރެއިން

ފާޚާނާއެއްގެ މިންތައް

ގެދޮރު ބިނާކުރުމާ ބެހޭ ގޮތުން ލިޔަމުންދާ މަޒުމޫނުތަކުގެ ސިލްސިލާގެ ތެރެއިން، މި މަޒުމޫނުގައި އަޅުގަނޑު ބަޔާން ކުރާނީ ފާޚާނާއެއް ހެދުމުގައި، ސަމާލުކަންދޭން ޖެހޭ ބައިނަލްއަޤްވާމީ ބައެއް ހަމަތަކާއި މި ހަމަތަކަށް ޢަމަލުކުރަން ޖެހޭ ސަބަބުތަކެވެ. މި ސިލްސިލާގެ ފުރަތަމަ މަޒުމޫނުގައި ވަނީ ގެދޮރު އެޅުމުގައި ކޮޓަރިތަކުގެ ސައިޒުތަކާ ބެހޭ ހަމަތަކެވެ. އެ މަޒުމޫނު މިއޮތީއެވެ.

ދިރިއުޅޭ ކޮންމެ ގެއެއްގައި މަދުވެގެން އެއް ފާޚާނާ ހުންނަން ޖެހެއެވެ. އަދި ކޮޓަރީގެ ޢަދަދުން، މިއަށް ވުރެ ގިނަ ފާޚާނާ ހުރުން ގަވާއިދުތަކުން މަޖުބޫރުކުރެއެވެ. އެ ހަމަތައް ފަހުން ދަންނަވާލާނަމެވެ. މިހާރު ހަދާ ގެތަކުގައި، ކޮންމެ ނިދާ ކޮޓަރިއަކާ ގުޅިގެން ފާޚާނާ ހެދުމަކީ ޢާއްމު ކަމަކަށް މާލޭގައި ވެފައިވެއެވެ. ނަމަވެސް، މިއީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޢާއްމު ކަމެއް ނޫނެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާނީ ފާޚާނާގެ ސައިޒުގެ ވާހަކައެވެ.

ފާޚާނާތައް މާބޮޑުކުރުމުގެ ގެއްލުން


ފާޚާނާއެއް ހަދާއިރު ވިސްނަންޖެހޭ ފުރަތަމަ ކަމަކީ އެ ފާޚާނާގެ ބޮޑުމިނެވެ. ނުވަތަ ސައިޒެވެ. އަޅުގަނޑުގެ ބައެއް ރައްޓެހީން، ރިސޯޓްތަކުގައި ހުންނަ ސިޓިންރޫމް (ބޭރުގެ) ވަރުގެ ބޮޑެތި ފާޚާނާތައް ފެނި، އެ ސައިޒަށް ފާޚާނާ ހަދާހިތް ވެގެން އުޅެއެވެ. ރިސޯޓްތަކުގައި ހަދާ ފާޚާނާތަކުގެ ސައިޒަށް ދިރިއުޅޭ ގެތަކުގައި ފާޚާނާ ހެދުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެކަށީގެންވާ ވަރަށް ވުރެ ބޮޑުކުރުމުން، އެހެން ތަންތަން ހެދުމަށް އޮންނަ ޖާގަ ގެއްލެއެވެ. މިއަށް ވުރެ ބޮޑު އުނދަގުލަކީ، ސާފުކޮށް ބެލެހެއްޓުމެވެ. އައްޑޫ އަތޮޅުގެ ތަނަވަސް މީހެއްގެ އަނތްބެއް އެކަނބުލޭގެ ފާޚާނާގެ ވާހަކަ އަޅުގަނޑަށް ކިޔާދިނެވެ. އޭނާ ބުނިގޮތުގައި، ފާޚާނާ ބޮޑުކަމުން، މުށިތައް ސާފުކުރަން، ފާޚާނާ ސާފުކުރާ ބޭސްފުޅިއެއް ކޮންމެ ފަހަރަކު ހުސްވެއެވެ. ދެން މިބޭހުން ފާޚާނާ ސާފުކޮށް ނިމޭއިރު، ގުނބުހިލި، ވަރަށް ބޮޑަށް ވަރުބަލިވުމުގެ އިތުރަށް ބޭހުން އަރާ ހުތް އާވިން ފުއްޕާމެއަށް އަސަރުކުރާ ވާހަކަ އޭނާ ބުނެފައި ވެއެވެ. ކޮންމެ އިނގިއްޔަކަށް ނޯކަރެއް ލައިގެން އުޅޭނަމަ، ފާޚާނާތައް ބޮޑު ކުރެވިދާނެއެވެ. ނޫންނަމަ، ރަނގަޅު ގޮތަކީ ގަވާއިދުގައިވާ ސައިޒު ހަމަވާ ވަރަށް ފާޚާނާތައް ހެދުމެވެ.

ފާޚާނާތަކުގެ ފަންގިފިލާ އުސްވުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. މަތީގައި ހުންނަ މުށިތައް ސާފުކުރުމަށްޓަކައި، އަތްފޯރާ ވަރަށް ހުރުން ބޭނުންތެރިއެވެ. ފާޚާނާތެރެއަށް ގޮނޑި ނުވަތަ ހަރުގަނޑު ވައްދައިގެން މުށިތައް ސާފުކުރަން ޖެހޭނަމަ، ގިނަ ފަހަރު އެކަން އޮންނާނީ ނުކުރެވިފައެވެ. މިއާއެކު، ފާޚާނާ އަކީ އެތަނަށް މީހުން ކައްސާލައިގެން ވެއްޓި ބޮޑެތި އަނިޔާވާ ތަނެކެވެ. ބޮކި ބަދަލުކުރަން ފަސޭހަވާ ގޮތަށް، ބޮކިތައް ހަރުކުރުން ވެސް ރަނގަޅެވެ. މިކަންކަމަށް ރިއާޔަތްކޮށް، އަޅުގަނޑުގެ ނަޒަރުގައި ފާޚާނާގެ ފަންގިފިލާ (ސީލިން) ހުންނަން ޖެހޭ އެންމެ ރަނގަޅު އުސްމިނަކީ، ހަތް ފޫޓު ބައި ނުވަތަ 2300 މިލިމީޓަރު އެވެ. މިއަށް ވުރެ ފާޚާނާގެ ސީލިން އުސްވެއްޖެނަމަ، ފަހުން ދަތިތަކެއް ކުރިމަތިވާނެއެވެ.

ފާޚާނާގެ އެންމެ ކުޑަމިން


އެދެވޭ ފާޚާނާއެއްގެ އެންމެ ކުޑަމިނަކީ ކޮބައިތޯއެވެ؟ ފާޚާނާއެއް ކަމަށް އަޅުގަނޑު މި ދަންނަވަނީ ފެންވަރާ ތަނާއި ޤަޟާޙާޖާ ކުރާ ތަނާއެކު ހުންނަ ކޮޓަރިއަށެވެ. ފެންވަރާ ބައި ނުހިމަނާ ނަމަ، ނުވަތަ ވަކިން ހުންނަ ނަމަ، ފާޚާނާއެއްގެ ސައިޒު ކުޑަކުރެވިދާނެއެވެ.

އެންމެ ކުޑަ ފާޚާނާގެ ސައިޒާ މެދު ވާހަކަ ދެއްކުމުގެ ކުރިން، ފުރަތަމަ ފާޚާނާއާ ބެހޭ ކުރެހުންތައް ”ކިޔަން“ ދަސްކުރަމާތޯއެވެ؟ ފަޚާނާތައް ފަދަ ތަންތަން ކުރަހާ ފައި ހުންނަނީ، ފުރާޅު ނެތް ނަމަ، މަތިން ފެންނަ ގޮތަށެވެ. ފާރުތަކާއި ހަރުކޮށްފައި  ހުންނަ އެހެން ތަކެތި މަތިން ބެލީމާ ފެންނަ ގޮތަށެވެ. ތިރީގައި އެވަނީ އެފަދަ ކުރެހުމެކެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތައްޓާއި ފެންވަރާ ބައި ކުރަހާފައި ވަނީ ކަޅު ރޮނގުންނެވެ. މި ކުރެހުމުގައި ހިމަނާފައިވާ ވަންނަ ބޮޑު ދޮރަކީ، ފާރުތެރެއަށް ވަދެގެންދާ ދޮރުފަތެއްލާފައިވާ ދޮރެކެވެ. މިފަދަ ދޮރުފަތަށް ކިޔަނީ ޕޮކިޓް ނުވަތަ ޖީބު ދޮރުފަތެވެ.

ޢިމާރާތުގެ ވަރަށް ގިނަ ކުރެހުންތައް ކުރަހާފައި ހުންނަނީ  މަތިން ބެލީމައި ފެންނަ ގޮތަށެވެ.  އެއީ ފުރާޅާއި މަތިވަޑާންގަނޑު ނެތް ނަމައެވެ. މިފަދަ ކުރެހުންތަކަށް ކިޔަނީ ޕްލޭން އެވެ. 1980ގެ އަހަރުތަކުގައި ގްރޭޑް 7 ގެ ހުރިހާ ކުދިންނަށް މިފަދަ ކުރެހުންތައް ކުރަހާނޭ ގޮތް ކިޔަވާދިނެވެ. ގެދޮރު ކުރަހާފައި ހުންނަ ގޮތް ”ކިޔަން“ އެނގުމަކީ އަސާސީ މުހިއްމު ތަޢުލީމެކެވެ.

ދެވަނައަށް، ހަނދާން އައުކޮށްލަންވަންވީ، ފާޚާނާއާއި ކޮޓަރި ފަދަ ތަންތަނުގެ އެތެރޭގެ ބޮޑުމިން ބަލަނީ ގްރޮސް އިންޓަރނަލް އޭރިއާ (gross internal area) އިން ކަމެވެ. ކުރުކޮށްނަމަ، ޖީ.އައި.އޭ  (G.I.A.) އެވެ. މިއީ ފާރުތަކުގެ ބޯމިން ނުލައި އެތެރޭގެ ބޮޑު މިނެވެ.

އާދެ! ދެން އެންމެ މުހިއްމު ނުކުތާއެވެ. ބައިނަލްއަޤްވާމީ ގަވާއިދުތައް ހުއްދަކުރާ އެންމެ ކުޑަ ފާޚާނާއެއް ހެދޭނީ 25 އަކަފޫޓުގައެވެ. މި ސައިޒުގެ ހެދޭ ފާޚާނާގައި އެތެރޭ ބައިތައް ހުންނަން ޖެހޭނީ ތިރީގައިވާ ގޮތަށެވެ. މި ނޫން ގޮތަކަށް އެތެރެ ރާވައިގެން ބައިނަލްއަޤްވާމީ އެހެން މިންތަކެއް ފާޚާނާގައި ހަމައެއް ނުވާނެއެވެ. އިތުރު ތަފްޞީލު ފަހުން ހުށަހަޅާނަމެވެ. މިގޮތުގައި، އެއްކަނެއްގައި އެހެރީ ފެންވަރާ ބައެވެ. މިތަނަން ވަދެވޭނީ ކަނުގައިވާ ދޮރަކުންނެވެ. ގަވާއިދުތަކަށް ފެތޭ މި ސައިޒުގެ ފާޚާނާ ހެދުމަށް ފަސޭހައަކަށް، ދެ އަރީގައި ޕްލާސްޓިކް ޖެހި، ކަނުން ވަދެވޭ ގޮތަށް ހުންނަ ފާޚާނާ ބިތް ނުވަތަ ކޮށިގަނޑު ބާޒާރުގައި ވިއްކަން ހުރެއެވެ.

 އަކަފޫޓުގެ ހަތަރެސްކަން ފާޚާނާ އެންމެ ކުޑަ ސައިޒަށް ވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ވަރަށް މުހިއްމު ސުވާލެކެވެ. އިންޓަރނޭޝަނަލް ރެސިޑެންޝަލް ކޯޑް (ބައިނަލްއަޤްވާމީ ގެދޮރު އެޅުމުގެ ގަވާއިދު) ގައި، ފާޚާނާ ތަށީގެ މެދުން ދެ ފަރާތަށް ހުސްކޮށް 15 އިންޗި ހުންނަން ޖެހެއެވެ. އަދި މޫނު ދޮންނަ ތަށީގެ މެދުން ދެ ފަރާތު ފާރަށް ނުވަތަ ބިތަށް 15 އިންޗި ހުންނަން ޖެހެއެވެ. ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށީގެ ކުރިމަތީގައި 21 އިންޗީގެ ހުސްޖާގަ އޮންނަން ޖެހެއެވެ. ފެންވަރާތަން އެންމެ ކުޑަކޮށް ހެދޭނީ 30 އިންޗި އަރިއެއްގައި ހުންނަ ވަރަށެވެ. މި މިންތައް މިވަރަށް ނެތްނަމަ، ފާޚާނާ ބޭނުންކުރަން ދަތިވާނެއެވެ. މިސާލަކަށް، މޫނު ދޮންނަ ތަށީގެ މެދުން ފާރާ ދެމެދު 12 ވަރަކަށް އިންޗި ހުންނަނަމަ ދަތް އުނގުޅާއިރު އޮޅަބޮށި ފާރުގައި ޖެހޭނެއެވެ. ގަވާއިދުތައް ހަދާފައި ހުންނަނީ މީހުންގެ ބޮޑު މިނާއި ބޭނުންވާ ޖާގައަށް ބަލައެވެ. ދެން ފަހެ، މިޖާގަތައް ދީގެން ފާޚާނާއެއް ހަދާނަމަ، ކުރިން ހާމަކުރި ކުރެހުމުގައިވާ ވަރަށް ވުރެ ކުޑަކޮށް ފާޚާނާއެއް ނުހެދޭނެއެވެ. މިއީ ގަވާއިދުތައް ހުއްދަކުރާ އެންމެ ކުޑަ މިންތަކެވެ.

ބައިނަލްއަޤްވާމީ ގަވާއިދުތަކުން މޫނުދޮންނަ ތައްޓާއި ފާޚާނާ ތަށީގެ ތިން ފަރާތުގައި ހުސްކޮށް އޮންނަން ޖެހޭ ޖާގަ ކަނޑައަޅާފައި ވެއެވެ. ފެންވަރާ ބައިގައި މަދުވެގެން ތިރީސް އިންޗި ދިގުމިނުގައި ހުރެފައި ފުޅާމިނުގައި ތިރީސް އިންޗި ހުންނަން ޖެހޭނެއެވެ. ފާޚާނާއަކީ މީހުން ދިރިއުޅޭ ކޮޓަރިއަކަށް ނުވާތީ ފަންގިފިލާ ތިރިކުރެވެއެވެ. އެންމެ ތިރިކުރެވޭ މިންވަރަކީ ހަފޫޓު އަށް އިންޗިއެވެ.

ގަވާއިދުތަކަށް ފެތޭގޮތަށް އެންމެ ކުޑަ ޖާގައެއްގައި ފާޚާނާ ހެދޭނޭ ގޮތް މަތީގައި އެވަނީއެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ ހަތަރެސްކަން އެއްވަރަށް ފާޚާނާ ނެގޭގޮތަށް ގޯތީގައި ޖާގަ ނެތިދާނެއެވެ. އެހެން ވެއްޖެނަމަ، ޖެހޭނީ ދިގު އަކައެއްހެން ފާޚާނާ ހަދާށެވެ. މިގޮތަށް ހަދާނަމަ، ގަވާއިދަށް ފެތޭ އެންމެ ކުޑަ ފާޚާނާ ކުރެހޭނީ އަންނަނިވި ގޮތަށެވެ. ނަމަވެސް، މިގޮތުގެ މައްސަލައަކީ މޫނުދޮންނަ ތަށީގެ ފުޅާމިނުގައި 18 ވަރަކަށް އިންޗި ހުންނާތީ އަދި މި ތަށީގެ ކުރިމަތީގައި 21 އިންޗީގެ ހުސްޖާގައެއް އޮންނަން ޖެހޭތީ، ފާޚާނާ ފުޅާވާކަމެވެ. މިވަރުގެ ފާޚާނާއެއްގައި، އެތެރެއަށް ދޮރުފަތް ހުޅުވޭނޭހާ ޖާގައެއް ނޯންނާނެއެވެ. ތިރީގައިވާ ކުރެހުމުގައިވާ ފާޚާނާގެ ދޮރުފަތް ހުޅުވަން ޖެހޭނީ ބޭރަށެވެ. ނުވަތަ ޖެހޭނީ، މަތިންދާބޯޓުގައި ހުންނަ ގޮތަށް، ދެފަތަށް ފަތްޖެހޭ ދޮރެއް ހަރުކުރާށެވެ. ތިރީގައިވާ ފާޚާނާގެ ބޮޑުމިނަކީ 28 އަކަ ފޫޓެވެ. އެންމެ ކުޑަކޮށް ގަވާއިދަށް ހެދޭ ފާޚާނާއަށް ވުރެ 3 އަކަ ފޫޓު ބޮޑެވެ. ނަމަވެސް މި ބޮޑުމިނަށް ކުރީ ކުރެހުމުގައި ފާޚާނާ ހަދާނަމަ މާ ތަނަވަސް ވާނެއެވެ.

 

ކަނާތްފަރާތުގައިވާ ޕްލޭންގައި، ފާޚާނާތަށީގެ ކުރިމަތީގައި ބާއްވަންޖެހޭ 21 އިންޗި ވަނީ ފެންވަރާ ބައިގައި ހުންނަން ޖެހޭ 30 އިންޗިއާ ފުށުއަރާގޮތަށެވެ. މިގޮތަށް ފާޚާނާއެއް ހެދުމުން އޭރިއާ އަކީ 22 އަކަފޫޓެވެ. އަޅުގަނޑަށް ވިސްނޭގޮތުން، ބައިނަލްއަޤްވާމީ ގަވާއިދުން މި ގޮތެއް ހުއްދައެއް ނުކުރާނެއެވެ. ކްލިއަރަންސްތައް (ހުހަށް ބާއްވަންޖެހޭ ތަން) އޮންނަންޖެހޭނީ އަބަދުވެސް ހުހަށެވެ.

މަތީގައި އެވަނީ ދެ ފާޚާނާއެއްގެ ޕްލޭން އެވެ. ވާތްފަރާތުގައި އެވަނީ ވެޓްވޯލް (ހުރިހާ ފެންވައިރުކުރުމެއް އެއް ފާރުގައި) ހިމެނޭ ފާޚާނާއެކެވެ. މިފަދަ ފާޚާނާއެއްގެ ދިގުމިނުގައި މަދުވެގެން ½7 ފޫޓު ހުންނަން ވާނެއެވެ. ފުޅާމިނުގައި އެންެމެ ކުޑަކޮށް ހުންނަންޖެހޭނީ 4 ފޫޓެވެ. ހޮޓާތަކުގައި، ހުރިހާ ފާޚާނާއެއް ހަދަނީ ގާތްގަޑަކަށް އެއްގޮތަކަށެވެ. އެގޮތް ކަނާތް ފަރާތު ކުރެހުމުގައި އެވަނީ އެވެ. ފުޅާމިނުގައި ހުންނާނީ 5 ފޫޓެވެ. އެއީ ފެންވަރާ ބިލިގާއެއް ބެހެއްޓޭ ވަރަށެވެ. މޫނު ދޮންނަ ތަށި ހުންނަނީ އެއް ހަނި ބިތުގައި މަޅުގަނޑެއް އަޅައި ބަހައްޓާފައެވެ. ދޮރު ހުންނަނީ ގާތްގަޑަކަށް މެދަކާ ހިސާބުގައެވެ. މިގޮތުގައި ފާޚާނާ ވަރަށް ތަނަވަސް ކަމަށް ދައްކާނެއެވެ. އަޅުގަނޑަށް އެންމެ ރަނގަޅު ދިގުމިނެއް ކަމަށް ފެންނަނީ 8 ފޫޓެވެ. ފުޅާމިން 5 ފޫޓެވެ. މިވަރުން ސާފުކުރަން ދަތިނުވުމާއެކު ތަނަވަސްހެން ހީވާނެއެވެ. ނަމަވެސް، ފުރޮޅުލީ ގޮނޑީގައިވާ މީހުންނަށް ވަކިން ޚާއްޞަ މިންތަކެއް ހުރެއެވެ. ލަންޑަންގެ ހަމަތަކުގައި ފާޚާނާތައް ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ، ބޭނުން ކުރެވޭ ގޮތަށް ފާޚާނާތައް ހަދަން ޖެހެއެވެ.

ފާޚާނާގެ އެތުރުން


ބިނާތައް ފަރުމާކުރާ މީހުންނަށް ފަސޭހައަކަށް، ގެދޮރުގެ އެކި ތަންތަނާއި ތަކެތި އެކި ގޮތްގޮތަށް އަތުރައި ކުރަހާފައި ހުންނަ ފޮތް ހުރެއެވެ. މިފަދަ ފޮތްތަކަށް ކިޔަނީ ”ޓައިމް ސޭވަރ ސްޓޭންޑަރޑްސް“ އެވެ. މާނައަކީ ވަގުތު ސަލާމަތްވާނޭ މިޢުޔާރުތަކެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ އެފަދަ ފޮތެއްގެ ސަފުހާއެެކެވެ. ފާހަގަ ކުރެއްވޭ ފަދައިން އެކި ގޮތްގޮތަށް ފާޚާނާތައް ކުރަހައި، އެ ފާޚާނާތަކުގެ މިންތައް ޞަފުޙާގައި ލިޔެފައި ވެއެވެ. މީގެ ފޮތްތައް ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީގައި ހުންނާނެއެވެ.

ގެދޮރު ބިނާކުރުމުގައި ތަންތަން ހަދާފައި ހުންނަ މިންތައް ލިޔެފައިވާ ފޮތްތައް ހުރެއެވެ. މަތީގައިވާ ކުރެހުމުން ބައެއް ބޭފުޅުންނަށް ކަންކުރާގޮތުގެ ޚިޔާލުތައް ލިބިވަޑައިގަންނަވާނެ އެވެ.

ފާޚާނާއަށް ވައިވެއްދުން


ފާޚާނާއަށް ސާފުވައި ވެއްދުމަކީ އަދި ދުވާލުގެ އަލި ލިބޭގޮތަށް ހުރުމަކީ، ވަރަށް ބޭނުންތެރި ކަމެކެވެ. ފާޚާނާގެ ވަސް ރަނގަޅުވުމާއި ތަކެތި ގިނަދުވަހު ހުންނާނޭ ކަމެކެވެ. މީހަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. މާލޭގައި މުއްސަނދި މީހަކު އުސްގެއެއް އަޅައި، މަތީ ފެންވަރުގެ ސާމާނު ފާޚާނާގައި ހަރުކޮށްފައި، ތިން މަސް ވަންދެން ރާއްޖެއިން ބޭރަށް ގޮސްފިއެވެ. އޭނާ އެނބުރި އައިއިރު، މަޢުދަނުން ހުރި ހުރިހާ އެއްޗެއް ހުރީ ގިރި ހަލާކުވެފައެވެ. ފާޚާނާގެ ގުލީތަކުން ބޭނުން ނުކުރާތީ ފެން ހުސްވެ، ހޮޅީގެ ގޭސްތައް ފާޚާނާއަށް ވަދެ އެ ގޭހުން އަގުބޮޑު ސާމާނުތައް ވަނީ ހަލާކުވެފައެވެ.

ފާޚާނާގައި ފެންލައިޓު ހަރުކުރާނަމަ، އެންމެ ރަނގަޅުވާނީ ވީހާ ވެސް ބޮޑު ފެންލައިޓެއް ހަރުކުރުމުންނެވެ. ކޮޓަރިއަކަށް އަލި ލިބޭވަރަށް ފާޚާނާއަކަށް ވެސް އަލި ލިބެން ވާނެއެވެ. ފާޚާނާއަކީ ތެތްކޮށް އޮންނަ ތަނެއް ކަމުންނާއި އަދި ފާޚާނާ ހޮޅީގެ ގޭސް، ގުލީތަކުން ފެން ހުސްވެގެން، ފާޚާނާގެ ތެރެއަށް ވަދެދާނެތީ، ތަޅުމާ ހިސާބުގައި ވައި ވަންނާނޭ ކެނޑުމެއް ހުންނަން ވާނެއެވެ. މިގޮތަށް ހުރުމުން، ތިރިން ވަންނަ ވައި، ފެންލައިޓުން ނުކުމެ، ފާޚާނާގައި ވައި ދައުރުވާނެއެވެ. މަތީގައި ކުޑަދޮރެއް ނުވަތަ ފެންލައިޓެއް ހުރުމަކުން، ފާޚާނާގެ ތެރޭގައި ވައި ދައުރެއް ނުވާނެއެވެ. ފަހަކަށް އައިސް އަޅުގަނޑު ހެދި ފާޚާނާތަކުގައި ހުންނާނީ އެއް ފޫޓު ދިގު، ހަ އިންޗި އުސް އާގައެއް ތަޅުމުގެ އެއް އިންޗިން މަތީގައި ކަނޑައި، އޮޑިދޯނި ފަހަރުގައި ބޭނުންކުރާ އެސްއެސް ވައިވައްދާ ޖާލިގަނޑެއް ޖަހާފައެވެ. މިގޮތަަށް ހެދުމުން، ބޭނުން ނުކޮށް އެތައް ދުވަހެއް ވިޔަސް، ފާޚާނާގެ އެތެރޭގެ ވައި ނުބައެއް ނުވާނެއެވެ.

ރާއްޖޭގެ ވައިގައި، އެހެން ޤައުމުތަކާ އަޅާބަލާއިރު ނިސްބަތުން ފެން ގިނައެވެ.  ފާޚާނާގެ ވައިގައި ޚާއްޞަކޮށް ފެން ގިނައެވެ. އެހެންކަމުން ތަކެތި ހަލާކުވުން ވަރަށް ގާތްވާނެއެވެ. ފާޚާނާެގެ ތެރެއަށް އަވިދީ ވައި ދައުރުވާނަމަ، ފެން ހުންނަ މިންވަރު މަދުވާނެއެވެ. މިސަބަބާ ހުރެ، ރަންވަންލޮއިން ހަދައި، ކްރޮމިއަމް ޕްލޭޓް ކޮށްފައި ހުންނަ އިސްކުރު ފަދަ ފާޚާނާގައި ހަރުކޮށްފައި ހުންނަ ތަކެތި ކޮންމެ ދުވަހަކުހެން ސާފުކުރަން ޖެހެއެވެ. ނޫންނަމަ، ދަމިލަ ޖަހައި ޕްލޭޓް ނެއްޓޭނެއެވެ. މިކަން އާދަކޮށް ނުކުރެވޭނަމަ، ރަނގަޅުވާނީ ޕްލާސްޓިކް އިސްކުރު ހަރުކުރިއްޔާއެވެ.

ފާޚާނާ ފަރުމާކުރުމުގެ ލަންޑަން ހަމަތައް


ލަންޑަންގައި ފާޚާނާ ހެދުމަށް ހަމަޖެހިފައިވާ ގަވާއިދު ކުރުގޮތަކަށް ބަޔާން ކުރާނަމެވެ. ލަންޑަން މިސާލަކަށް ނަގާ ސަބަބަކީ، އެ ސަހަރުގެ ބިން ކުޑަވެފައި މީހުން ގިނަކަމާ އެކު ރާއްޖެ ފަދައިން ޖާގައަށް ވަރަށް ބޮޑަށް ވިސްނާތީއެވެ.

  • ފަސް މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގެއެއް ނަމަ، މަދުވެގެން ފެންވަރާތަން ހުންނަ އެއް ފާޚާނާ އާއި ފާޚާނާތަށި ހިމެނޭ އެހެން ފާޚާނާއެއް ހުންނަން ވާނެއެވެ.
  • ދެބުރިއަށް ހުރި ތަނެއްގައި ދިރިއުޅޭނަމަ، ފެންވެރޭގޮތަށް ހެދޭނޭ، ފުރޮޅުލީ ގޮނޑިއެއްގައި ވަދެވޭނޭ އެއް ފާޚާނާ ގެއަށް ވަންނަ ބުރީގައި ހުންނަން ވާނެއެވެ.
  • މައި ނިދާކޮޓަރިއެއް ހުރިނަމަ، އެތަން ހުރި ބުރީގައި ފުރޮޅުލީ ގޮނޑިއެއްގައި ވަދެވޭނޭ އެއް ފާޚާނާ ހުންނަން ވާނެއެވެ.
  • ފާޚާނާގެ ފާރުތަކުގައި، ކައްސާލައިގެން ވެއްޓިދާނެތީ ހިފަހައްޓާނޭ ދަގަނޑު ހަރުކުރެވެން ވާނެއެވެ. މި ދަގަނޑު ނުވަތަ ރެއިލިން ތަޅުމުން އެއް ފޫޓުން ފެށިގެން ހަފޫޓާ ދެމެދު ކޮންމެ ތަނަކު ހަރުކުރެވެން ވާނެއެވެ.

ފާހަގަ ކުރެއްވޭނޭ ފަދައިން، ބޭރު ޤައުމުތަކުގައި، މީހާ ބަލިވެދާނެކަމަށް ބަލައި، ފުރޮޅުލީ ގޮނޑީގައި ވަދެވޭނޭ ގޮތަށް ފާޚާނާ ހަދައެވެ. ފުރޮޅުލީ ގޮނޑިއެއްގައި ފާޚާނާއަށް ވަނުމަށް ދޮރުފަތުގެ ފުޅާމިނުގައި ތިން ފޫޓު ހުންނަން ވާނެއެވެ. މިފަދަ ފާޚާނާގެ އެތެރޭގައި ގޮނޑީގައި އިންނަ މީހުން ތެދުވުމަށް ހިފާނޭ ދަގަނޑު ހަރުކޮށްފައި ހުންނަން ޖެހެއެވެ. ތިރިގައި އެވަނީ މިފަދަ ފާޚާނާއެއްގެ ކުރެހުމެކެވެ.

އަޅުގަނޑު ކުރިން ދެންނެވިހެން، ރާއްޖެއާ ޚިލާފަށް ދުނިޔޭގެ އެހެން ޤައުމުތަކުަގައި ޢާއްމު ގެތަކުގައި ކޮންމެ ކޮޓަރިއަކަށް ފާޚާނާއެއް ނުހުރެއެވެ. ފާޚާނާ ހުންނަންޖެހޭ ޢަދަދާއި ގޮތްތައް ލަންޑަންގެ ގަވާއިދުގައިވާ ގޮތަށް މަތީގައި އެވަނީ އެވެ.  ފާޚާނާ ހުުންނަށް ޖެހޭ ޢަދަދު ބިނާވަނީ، ގޭގެ ކޮޓަރިތަކުގެ ގިނަ މިނަށެވެ. ބަލިވުމުން، ފުރޮޅުލީ ގޮނޑިއެއްގައި އުޅެންޖެހިދާނެތީ، ދެ އެނދު ހުންނަ ގެއެއް ނަމަ، މިފަދަ ގޮނޑިއެއްގައި ވަދެވޭނޭ ފާޚާނާއެއް ހުންނަން ޖެހެއެވެ.

ލަންޑަންގެ ގަވާއިދުގައި އިތުރު ކަންތައްތަކެއް ފާހަގަކޮށްފައި ވެއެވެ. އެއީ އަންނަނިވި ކަންތައްތަކެވެ.

  • ފާޚާނާތަށީގެ މެދުން ފާރެއް ގާތުގައިވާ ނަމަ، އެ ދެމެދުގައި މަދުވެގެން 16 އިންޗި ހުންނަން ވާނެއެވެ. އަދި 20 އިންޗިއަށް ވުރެ ފުޅާވެގެން ނުވާނެއެވެ. (މިއީ ކުރިން ފާހަގަ ކުރި މިނަށް ވުރެ ތަންކޮޅެއް ފުޅާމިނެކެވެ.)
  • ފްލަޝް ކުރާ އަތްގަނޑު ހުންނަންވާނީ ފާރާ ދުރު ފަރާތުގައެވެ. ނޫނީ ފަސޭހައިން އަތްފޯރާ ތަނެއްގައެވެ.
  • ފާޚާނާ ތައްޓާ ގާތްވުމަށް ފަސޭހައަކަށް، އެއް ފަރާތުން ހުރަހެއްނުވާ 39 އިންޗީގެ ހުސް ޖާގައެއް އޮންނަން ޖެހޭނެއެވެ. (މިއީ ފުރޮޅުލީ ގޮނޑިއެއްގައި ފާޚާނާތައްޓާ ކައިރިވުމަށެވެ.)
  • މޫނުދޮންނަ ތަށި ހަރުކޮށްފައިވާ ފާރުގެ ތިރިން ބޭރަށް 43 އިންޗިއާ ހަމައަށް ހުސްޖާގައެއް އޮންނަން ވާނެއެވެ. (ބައިނަލްއަޤްވާމީ ގަވާއިދުގައި ތަށީގެ މަގަތުން 21 އިންޗީގެ ހުސްޖާގައެއް އޮންނަން ޖެހެއެވެ. އެއަށް ވުރެ ބޮޑުމިނެއް ހިމަނާފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައި މޫނުދޮންނަ ތައްޓާ ގާތްވުމަށެވެ.)
  • ފެންވަރާ ތަނުގައި މަދުވެގެން 39 އިންޗި ފުޅާ 39 އިންޗި ދިގު ޖާގައެއް އޮންނަންވާނެއެވެ. މި ބަޔާއެކު ފުޅާމިނުގައި 60 އިންޗި ހުންނަ ވަށްބުރެއް ކުރެހޭހާ ޖާގައެއް ފާޚާނާގެ ތެރޭގައި އޮންނަން ވާނެއެވެ. (ބައިނަލްއަޤްވާމީ ގަވާއިދަށް ވުރެ މި މިން ބޮޑީ ފުރޮޅުލީ ގޮނޑިއެއްގައި ފެންވެރުމަށް ފަސޭހައަކަށެވެ.)

ނިންމުން


މަތީގައި މިދަންނަވާލެވުނީ ކުރުގޮތަކަށް ފާޚާނާ ފަރުމާކުރުމުގެ ހަމަތަކެވެ. މި މަޒުމޫނުގައި މަތިން ފެންނަ ގޮތަށް ހުރި (ޕްލޭން) ކުރެހުންތަކެއް ހިމަނާފައިވާތީ ބައެއް ތަކެތި ހުންނަން ޖެހޭ އުސްމިނެއް ކުރަހާފައެއް ނުވެއެވެ. ނަމަވެސް، ފާޚާނާގެ އިސްކުރުތަކާއި މޫނު ދޮންނަތަށި ހަރުކުރަންޖެހޭ އުސްމިން ފަދަ މިންތަކެއް ގަވާއިދުގައި ހިމެނެއެވެ.

ރާއްޖޭގައި ޢާއްމުކޮށް ހަދާ ފާޚާނާ އާ މި ހަމަތަކާ އަޅާބަލާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • ފާޚާނާއެއްގެ އެންމެ ރަނގަޅު ބޮޑުމިނެއް ކަމަށް ފެންނަނީ ފަސް ފޫޓު ފުޅާ އަށް ފޫޓު ދިގު މިނެކެވެ. މަތީ މުށިތައް ސާފުކުރެވޭ ވަރަށް ސީލިން ތިރިވާން ޖެހޭނެއެވެ. ބޮކިތައް ވެސް ހަރުގަނޑެއް ނުވައްދާ ބަދަލުކުރެވޭހާ ތިރިވާން ވާނެއެވެ.
  • ފާޚާނާގެ ތެރޭގައި އެކްސިޑެންޓްތައް ދިމާވާލެއް ގިނަކަމުން، އެތަނަށް އަވިދޭގޮތަށް ފެންލައިޓެއް ނުބެހެއްޓޭނަމަ، ބޮކިއަލި ގަދަވާން ވާނެއެވެ. އަދި، ވެއްޓިދާނެތީ ހިފަހައްޓާނޭ އަތްގަނޑުތަކެއް އެކި ފާރުގައި ހަރުކުރެވެން ޖެހޭނެއެވެ.
  • ފާޚާނާގެ ތަޅުމުން އެއް އިންޗި އުހުގައި ވައި ވެއްދުމަށް އާނގައެއް ބަހައްޓައި، ވައި ބޭރުކުރުމަށް ބޮޑު ފެންލައިޓެއް ހުންނަން ވާނެއެވެ.
  • ފާޚާނާގެ ދޮރުގެ ފުޅާމިން ވާންވާނީ ކަންދިމާވާގޮތަކުން ފުރޮޅުލީ ގޮނޑިއެއްގައި ވަންނަން ޖެހިއްޖެނަމަ، ވަދެވޭހާ ފުޅާ ދޮރަކަށެވެ. އެއީ، ގަވާއިދުގައިވާ ގޮތުން ހަނިވެގެން ތިން ފޫޓެވެ. ނަމަވެސް 30 އިންޗީގެ ދޮރުފަތެއް ހުރިނަމަ އެތަނަށް ފުރޮޅުލީ ގޮނޑިއެއްގައި ވަދެވޭނެއެވެ.

ބައެއް ކިޔުންތެރިން މަތިންދާ ބޯޓުގެ ފާޚާނާގެ މިންތަކާ މެދު ޝައުޤުވެރިވެދާނެއެވެ. މަތިންދާބޯޓު ފާޚާނާއަކީ  އާދަޔާ ޚިލާފަށް ކުޑަ ތަނެކެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ މަތިންދާބޯޓެއްގެ ފާޚާނާގެ މިންތަކެވެ. މިޒަމާނުގައި، އޭ380 ކިޔާ ވަރަށް ބޮޑު މަތިންދާބޯޓެއް ދުއްވައެވެ. މި ބޯޓުގެ ފަސްޓް ކިލާހުގައި ފެންވެރޭ ފާޚާނާ ހުރެއެވެ. އެފަދަ ބޯޓެއްގެ ފާޚާނާއެއްގެ ކުރެހުމަކާއި ފޮޓޯ ތިރީގައި އެވަނީއެވެ.

 

އެންމެ ފަހުގެ މަޒުމޫނުތައް