ކަނދި މަހާއި ކަނދި

ދިވެހިރާއްޖޭގައި ވަރަށް ކުރީ ޒަމާނުން ސުރެ، ”ކަނދި“ ދުވަހެއް ފާހަގަ ކުރެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މި ސަގާފީ ޙަރަކާތުގެ ތާރީޚެވެ. މިއީ ގިނަ ދިވެހީން ޝައުޤުވެރިވާނޭ، ޚާއްޞަކޮށް ތާރީޚަށް ލޯބިކުރާ މީހުން ޝައުޤުވެރިވާނޭ ލިޔުމެކެވެ. ކަނދި ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މި ހަފުތާގެ ތެރޭގައި މި ދުވަސް އަޅުގަނޑުމެންނާ އަނެއްކާ ބައްދަލުކުރާނެ އެވެ. މި މަޒުމޫނުގެ ފަހުކޮޅުގައި، ކަނދި ކައްކާނޭ ގޮތާއި ބޭރު ޤައުމުތަކުގައި ކަނދި ކައްކާ ގޮތްތަކުން ފިލާވަޅު ނަގައިގެން، މިހާރަށް ވުރެ މީރުކޮށް ކަނދި ކައްކާނޭ ގޮތް ހިމެނެއެވެ.

ދިވެހީން ކަނދި ކިޔަނީ ގޮވާން ފުއް، ނުވަތަ އޮލަ ހުންނަ ބަރަބޯ، ފުފޫ، ކައްޓަލަ ފަދަ ފަލަމަޑި ހަކިބައަށް ކުދިކޮށް ކޮށައިގެން ކައްކާ ފޮނި ކެއުމަކަށެވެ. އޮލަ އަޅުގަނޑު މިލިޔުނީ ސްޓާޗް އަށެވެ. ސްޓާޗް އަކީ ތާން އެއިން އުފެއްދޭނޭ ކެއްކުމުން ހުދުކުލައިގައި ހުންނަ ކާތަކެތީގައި ހިމެނޭ ބައެވެ. ދިވެހިބަހުން ކަނދި ކައްކާއިރު، މިގޮތަށް ކޮށައިގެން އަޅާ އެއްޗަށް ނުވަތަ ކުދިބަތް ފަދަ ގޮވާން ފުއްތަކަށް ކިޔަނީ އުފުލިއެވެ. އުފުލީގެ ގޮތުގައި ގާތްގަޑަކަށް ހުރިހާ ބާވަތެއްގެ ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ބޭނުން ކުރެވޭނެއެވެ. ފަލަމަޑިއަކީ ބިމަށް ގޮނޑިފައިބާ ނުވަތަ ގަހުގައި އަޅާ މައިގަނޑު ކެއުމުގައި ބޭނުން ކުރާ ތަކެއްޗެވެ.

ދިވެހި ލަފުޒު ”ކަނދި“ އައިސްފައި މިވަނީ އެވޭލާ ސިންގަޅައިންނެވެ. ސިންގަޅަ ބަހުން ކަންޖަށް ކިޔަނީ ކެނދަ (කැඳ) އެވެ. އިނގިރޭސި ބަހުން ކަންޖަށް ކިޔަނީ ޕޮރިޖް (porridge) އެވެ. ކަންޖަކީ ގިނަ ޤައުމުތަކުގައި ޢާއްމު ކެއުމެކެވެ. ޚާއްޞަކޮށް ފަގީރުންގެ މެދުގައެވެ. ދިވެހީން ކައިއުޅޭ ބަތްޕެނަކީ ވެސް ކަންޖެކެވެ. ރާއްޖޭގައި މީހުން އުޅެން ފެށީންސުރެ، ކަންޖަކީ ދިވެހީން ކައިއުޅޭނޭ އެއްޗެކެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް، ކަނދި ފަދަ ޢާއްމު ކެއުމެއް ވަކި ދުވަހަކާ ގުޅޭގޮތްވީ ކިހިނަކުން ހެއްޔެވެ؟ މިކަމުން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟

ދިވެހީން ނޫނަސް، ވަކި ދުވަހެއްގައި ކަނދި ކައްކާ އުޅޭ ޤައުމުތައް ވެއެވެ. ދިވެހީން ކައްކާ ގޮތާ ކުޑަކޮށް ތަފާތު ވިއަސް މި ޤައުމުތަކުގެ މައިގަނޑު ކެއްކުމަކީ އެކައްޗެކެވެ. މިކަމުން ދޭހަވަނީ، ކަނދި ދުވަސް ރާއްޖެއަށް ތައާރަފުވެފައި މިވަނީ، އެފަދަ ޤައުމަކުން ކަމެވެ. ޚާއްޞަކޮށް ފާރިސްކަރައާއި ތުރުކީގައި ކަނދި ދުވަހަކީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. ތުރުކީގައި ކަންޖަށް ކިޔަނީ އާޝޫރަ  (Ashure) އެވެ.  މި ލިންކުން ތުރުކީގެ މި ކަންޖާ ބެހޭ އިތުރު މަޢުލޫމާތު ކިޔުއްވޭނެއެވެ.  އާޝުރަ އަކީ ޢަރަބި ބަހުން ދިހައެކެވެ. މިއީ ހިޖްރީ ތާރީޚްގެ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަށް ނިސްބަތްކޮށް ބުނާ ބުނުމެއް ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

ތުރުކީން ކަނދި ކައްކާތާ އެތައް ހާސް އަހަރެއް ވެއްޖެ ކަމަށް ބުނެއެވެ. ޣައިރު އިސްލާމުންގެ ތެރޭގައި ވެސް މި ދުވަސް ފާހަގަކުރަމުން ދެއެވެ. ބުނެވޭގޮތުން މި ދުވަހާ ގުޅެނީ އަންނަނިވި ހާދިސާތަކެވެ.

  • އާދަމް ޢަލައިހިއްސަލާމްގެ ތައުބާ ޤަބޫލުފުޅު ކުރެއްވުން.
  • ނޫޙް ޢަލައިހިއްޞަލާމްގެ ނައު ކޮޅު އަރާރަތު ފަރުބަދައަށް ސަލާމަތުން ލެފުން (ބީހުން).
  • ފިރުއައުނުގެ އަނިޔާވެރިކަމުން، މޫސާޢަލައިހިއްސަލާމް ސަލާމަތްވެވަޑައިގަތުން.
  • ޢީސާ ޢަލައިހިއްސަލާމް، ޞަލީބަށް އެރުވުމުން ސަލާމަތްވެވަޑައިގަތުން.
  • ކަރުބަލާގެ ހަނގުރާމައިގައި، ޢަލީގެފާނުންގެ ދަރިކަލުން ޙުސައިން ގެފާނު ޝަހިީދުވެވަޑައިގަތުން (އަވަހާރަވެވަޑައިގަތުން).

މަތީގައި ބަޔާން ކުރެވުނު ހާދިސާ ތަކަކީ، އެކި ދީންތަކާ ގުޅޭ ކަންކަމަށްވާތީ، މި ދީންތަކުގައި، ކަނދި ދުވަސް ފާހަގަކުރަމުން ދެއެވެ. މާތުރަ، އެކި ދީނުގައި އެކި ދުވަސް ދުވަހުއެވެ. ނޫޙު ޢަލައިހިއްސަލާމް އަށް ނިސްބަތްކޮށް، ދުނިޔޭގައިވާ އެންމެ ދުވަސްވީ ޕުޑިން އަކީ ކަނދިކަމަށް ބުނާ ބަޔަކު ވެސް އުޅެއެވެ.

ރާއްޖޭގައި ކަނދި ކެއްކުން ވަކި ދުވަހަކަށް ޚާއްޞަ ވެފައި މިވަނީ ފާރިސްކަރައާއި ދިވެހިރާއްޖެ އާ އޮންނަ ޒަމާންވީ ގުޅުމުން ކަމަށް ލަފާކުރެވެއެވެ. އިހު ޒަމާނުގައި، ދިވެހީންގެ ތެރޭގައި ފާރިސީން އުޅެފައި ވެއެވެ. ފާރިސް ކަރައަށް ނިސްބަތްވާ ބޭފުޅަކު، ރާއްޖޭގައި ފަނޑިޔާރު ކަމާއި ރަސްކަން ވެސް ކޮށްފައި ވެއެވެ. ރާއްޖެ އިސްލާމްވީ ވެސް، ފާރިސްކަރައިގެ ޢިލްމުވެރިއެއްގެ މައްޗަށް ކަމަށް ބުނާ ބަޔަކު އުޅެއެވެ.  މަޝްހޫރު ފަތުރުވެރިޔާ، އިބްނު ބަޠޫޠާ މީގެ ގާތްގަޑަކަށް 700 އަހަރު ކުރިން ރާއްޖެ އައި އިރު، ފާރިސީ ބަސް ދަންނަ މީހުން ރާއްޖޭގައި އުޅޭ ކަމަށް ވެއެވެ. އަދި ކިއެއްތޯއެވެ؟ އޭނާ ފާރިސީ ބަސް ދަންނަ ދިވެހި އަންހެނަކާ ކައިވެނި ކުރިއެވެ. އަންހެނުންނަށް އެ ޒަމާނުގައި ފާރިސީ ބަސް އެނގޭނީ ރާއްޖޭގެ އިޖްތިމާޢީ ގުޅުންތައް ފާރިސްކަރައާ ވަރަށް ގާތްވުމުން ކަމަށް ލަފާކުރެވެއެވެ.  މީގެ 150 އަހަރު ކުރީން ރާއްޖެ އައި އިނގިރޭސި ދެ މީހަކު، (ޔަންގ އެންޑް ކްރިސްޓަފަރ)، ދިވެހީން ފާރިސީ ލަވަ ކިޔާކަމާއި ފާރިސީ މީހުންގެ މަހާނަތަކެއް ލޮނުޒިޔާރަތްކޮޅުގައި ހުންނަ ކަމަށް ލިޔެފައި ވެއެވެ. މިކަންކަމުން، ކަނދި ކެއްކުން، ދިވެހީންގެ ތެރެއަށް ތައާރަފު ވީ ފާރިސް ކަރައިން ނުވަތަ އުތުރުގެ އިސްލާމީ ޤައުމުތަކުން ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގައި ސަގާފީ ގޮތުން ކުރަމުން އައި އެއް ކަމަކީ، ކަންޖާ އަޅާ ކުދިން ކިރުމެވެ. މިކަން ކުރަނީ، ކުޑަކުދީން ބަލިވެއުޅުމުން ނުވަތަ ނަދުރެއް ބުނެގެންނެވެ. އަޅުގަނޑު އެންމެ ޅައިރުގެ ހަނދާންތަކުގައި މިކަން ފެނިފައި ވެއެވެ. ހަދާ ގޮތަކީ، ރަށުގެ ކޮންމެވެސް މުޤައްދަސް ތަނެއްގައި ހުންނަ ގުދުކޮށްފައިވާ ދަގަނޑެއްގައި ފަރުމާނެއް ފަދަ ދިގު ދަނޑިއެއްގެ މެދުގައި ވަލެއް ޖަހައި ދަގަނޑުގައިވާ ބުޅިއެއްގައި އައްސަނީއެވެ. ދެން އެއް ކޮޅުގައި ހުންނަ ކުޑަ އުނދޯއްޔެއްގައި ކުޑަކުއްޖާ ބާއްވައި ނުވަތަ ބައިންދައި، އަނެއް ކޮޅުގައި ހުންނަ އުނދޯންޔަކަށް ކައްކާފައި ހުރި ކަނދި ތެލި އަރުވަނީއެވެ. ކަނދިތެލި ހުރި ކޮޅު ޔަޤީނުން ބަރުވާނެ ވަރަށް ކަނދި ހުންނަނީ ކައްކާފައެވެ. މިއަށް ފަހު، ކަނދިތައް ފަޤީރުންނަށް ބަހާލަނީއެވެ. މާލޭގެ ޢީދު މިސްކިތް ކައިރީގައި މި ފަދަަ ދަނޑި އެލުވާ ދަގަނޑު ހުރި ފޮޓޯއެއް މިހާރުވެސް ގެންގުޅެއެވެ. ނޮޅިވަރަންފަރުގައި ހުރި ޤަދީމީ މިސްކިތެއްގެ ކައިރީގައި ކިރަން ބޭނުންކުރާ  ދަނޑި ބާއްވާފައި އޮއްވާ މީގެ އަށެއްކަ އަހަރުގެ ކުރިން އަޅުގަނޑަށް ފެނިގެން ފޮޓޯނެގީމެވެ.

އެ ދުވަސްވަރު ތަދުކަމުން، ހިލޭ ލިބޭ ކަންޖަކީ މީހުން ވަރަށް ބޭނުންވާނޭ އެއްޗެކެވެ. ބަހާނޭ ވަކި މިންވަރެއް ކަނޑައެޅުމުގައި، އެމީހުން ބުނާ ނަދުރުގެ އަމާޒަކަށްވާ ކުއްޖާއަށް އިސްކަންދެނީއެވެ. މިސްކިތްތަކާއި ޒިޔާރަތްތަކުގެ ކައިރީގައި މިކަން ކުރަނީ، ނަދުރު ފުއްދިކަން އެހެން މީހުންނަށް ހާމަކުރަން ކަމަށާއި މިސްކިތްފަދަ ތަންތަނަކީ ޙުރުމަތް ލިބިގެންވާ ތަންތަންކަމަށް ވާތީކަމަށް އަޅުގަނޑަށް ހީވެއެވެ. މިކަން ހުއްޓުނީ ވައްހާބީންގެ ނުފޫޒު ރާއްޖޭގައި ބޮޑުވުމުންނެވެ. ވައްހާބީންނަކީ، 19 ވަނަ ޤަރުނުގައި، މިސުރުގައި އުފެދުނުޚިޔާލާތަކަށް ތަބަޢަވާ ބައެކެވެ. މި ޚިޔާލާތަކީ އުސްމާނީ ޚިލާފަތުން މިހާރުގެ ސަޢޫދީ އެރެބިއާ ވަކިވެގަތުމަށް، އިނގިރޭސީން އަޑީގައި ތިބެގެން ކުރި ހަނގުރާތަކުގައި  ސައޫދީން ފަލްސަފާއެއްގެ ގޮތުގައި ބޭނުންކުރި ދީނީ ޚިޔާލާތެވެ.

ތުރުކީގައި، މުޙައްރަމް މަހަށް އާޝޫރާ މަސް ނުވަތަ ކަނދި މަސް ކިޔާކަމަށް މި ލިޔުމުގައި ވެއެވެ. އަދި މިދުވަހު، ގޭގައި ޞަލާވާތް ފާޠިހާ ކިޔަވާ ކަމާއި، ރައްޓެހީންނަށް ތަށިތަށީގައި ކަނދި ދީ، އެކަމުގައި ޞިއްޙަތާއި ތަނަވަސްކަމާއި ކާމިޔާބާއި ބަރާކާތް ވާކަމަށް ތުރުކީން ޤަބޫލުކުރާ ކަމަށް އެ ލިޔުމުގައި ވެއެވެ.

ކަނދި ކައްކާ ގޮތް

ކަނދި ކައްކާނޭ އެތައް ގޮތެއް އެކި ފަރާތްތަކުން ޝާއިޢުކޮށްފައި ވެއެވެ. މިއޮތީ ކެޔޮކަނދި ކައްކާ ގޮތެކެވެ. މިއޮތީ ފަޅޮލު ކަނދި ކައްކާ ގޮތެވެ. މިއީ ފުފޫ ކަނދި ކައްކާ ގޮތެވެ.  އާފަލު ކަނދި ކައްކާ ގޮތެއް މިއޮތީއެވެ. ބަތް ކަނދި މިއޮތީއެވެ. މާކަށިކޭލު ކަނދި ކައްކާގޮތް މިއޮތީއެވެ. މި ކަނދި ރެސިޕީތަކުގައި، ރާއްޖޭގެ ކެއްކުމުގައި ޢާއްމުކޮށް ބޭނުން ނުކުރާތަކެތި ބޭނުންކޮށްފައި ވެއެވެ.  މި ގިނަ ރެސިޕީ ތަކަކީ، ދިވެހި ސަގާފީ ކަންޖަކަށް ނުވާނެއެވެ.

ދިވެހީން ކުރީގައި ކަނދި ކެއްކި ގޮތް ދެނެގަތުމަށް އަޅުގަނޑުމެން އަނެއްކާ ވެސް ދާން ޖެހެނީ، ޗާޕުކޮށްފައިވާ އެންމެ ފުރަތަމަ ކައްކާ ފޮތަށެވެ. އާދެ! މުޙައްމަދު އަމީންގެ ”ކަރުނަޔާ ނުލައި ކެއްކުން“ މިފޮތުގެ ދެވަނަ ބައިގައިވާ ކަނދި ކައްކާގޮތް ތިރީގައި ނަކަލުކޮށްލަމެވެ.

ފުފޫ ކަނދި

ބޭނުންވާ ތަކެތި: ފުފޫ، ހަނޑޫފުށް، ހަކުރު، ބޯކިރު.

ކައްކާނޭ ގޮތް: އެންމެ ފުރަތަމަ ފުފޫ ފަޅުއްވައި ފޮތިކުރައްވާށެވެ. ކަރުގަނޑު ނަންގަވައިގެން، ހަތަރެސްކަނަށް ކުދިކޮށް، ކޮއްޓަވާށެވެ. ކޮއްޓެވި ފުފޫކޮޅު ތެލިބުރިއަކަށް އަޅުއްވައިގެން، މަޑު ކުރައްވާށެވެ. އާދެ! އުނދުން މައްޗަށް އުއްދަވައިގެންނެވެ.  ފުފޫތައް ލުއްސަވާށެވެ.

ހަނޑުލުފުށްކޮޅެއް ފެންފޮދެއްގައި ގިރުއްވަވާށެވެ. ފޮނި ހެޔޮވާ ވަރަށް ފަނިފޮދެއް ގިރުއްވަވާށެވެ. ފަނިފޮދުގެ ތެރެޔަށް ފުފޫކޮޅު އަޅުއްވަވައި ލައްވާށެވެ. ތެލިބުރި އުނދުން މައްޗަށް އުއްދަވައިގެން، ކައްކަވަން ފައްޓަވާށެވެ. ފަނިއެތި ރަނގަޅަށް ހައްލަވަމުން، ގިރާފައި ހުރި ފުށްކޮޅު އޭގެ ތެރެއަށް އަޅުއްވަވައި ލައްވާށެވެ. އޮލަކަން ހެޔޮވަރުވެ، ކެކި ރޯފިލީމާ، ރަނގަޅަށް ރަހަދޭވަރަށް، ކާށިބޯކިރު ފޮދެއް އަޅުއްވަވައި ލައްވާށެވެ. ހަލާލައްވާފައި ބާލުއްވަވާށެވެ.

މަތީގައި ބަޔާން ކުރެވުނު މުޙައްމަދު އަމީންގެ ރެސިޕީގައި އުފުއްޔަކީ ފުފޫ އެވެ. މިއީ ކަނދި އެންމެ ގިނައިން ކައްކާ ފަލަމަޑީގެ ބާވަތެވެ.  ކަނދި އޮލަކުރީ އެއަށް އެޅި ހަނޑުލުފުށުންނެވެ. މިކަމަށް، ޒުވާރިފުށް ވަރަށް ރަނގަޅުވާނެއެވެ. ނަމަވެސް ފަސޭހައިން ނުލިބޭތީ ނުލަނީކަމަށް ލަފާކުރެވެއެވެ. ހުރިހާ ކަންޖެއްހެން ފޮނިކުރަނީ އެއަށް އަޅާ ހަކުރުންނެވެ.

ދެން އަޅުގަނޑު ދަންނަވާލާނީ، ތުރުކީގައި އާޝޫރަ ކައްކާ ގޮތެވެ. އަޅުގަނޑުގެ ނަޒަރުގެ މި ރެސިޕީއިން ކަނދި ކައްކާ ހިތްވާ މީހުންނަށް އިތުރު ޚިޔާލުތަކެއް ލިބޭނެއެވެ.

ތުރުކީ ކަނދި ކައްކާގޮތް


ތުރުކީގައި ކައްކާ އާޝޫރާ ކަންޖަކީ ތަފާތު އެތައް އެއްޗެއް އަޅައިގެން ކައްކާ އެއްޗެކެވެ. އެއީ ނޫޙްޢަލައިހިއްޞަލާމް ނައުކޮޅުގައި ގެންނެވި ހުރިހާ ތަކެއްޗަށް ނިސްބަތްކޮށެވެ. ބުނެވޭ ގޮތުގައި، ނައުކޮޅުގައި ކާތަކެތި މަދުވުމުން ހުރިހާ އެއްޗެއް އެއް ތެއްޔަށް އަޅުއްވައި، ކައްކަވައި، ނައުކޮޅުގެ އެންމެންނަށް ކާންދެއްވީއެވެ. މި ކަންޖަކީ، އެކުވެރިކަމުގެ ރަމްޒަކަށް ވެފައި ވެއެވެ. އަދި ތަފާތު މީހުން ގުޅުވާ އެއްޗަކަށް ވެފައި ވެއެވެ. ތުރުކީ ކަންޖަށް ގިނަތަކެތި އަޅައި ކައްކާ އެތައް ގޮތެއް ވެއެވެ. ކަނދި ކައްކާ ނިމުމުން ކަނދި ޖޯޑެއް އުތުރާއި އިރާއި ދެކުނާއި ހުޅަނގުގައި ހުރި ސާޅީހަކަށް ގެއަށް ތުރުކީގައި ފޮނުވައެވެ. އެ ގޭއްގޭގައި ވެސް ކަނދި ކައްކާނެއެވެ.

ތުރުކީ ކަނދީގައި ދެ ބާވަތެއްގެ މުގެއް ބޭނުން ކުރެއެވެ. އެއް ބާވަތަކީ ކަޑަލަ މުގެވެ. ނުވަތަ ބަންގާޅު މުގެވެ. ހިންދުސްތާނުގައި ކާބުލީ (ކާބުލްގެ) މުގު ކިޔަނީ ވެސް މިއަށެވެ. އިނގިރޭސިބަހުން މިއަށް ކިޔަނީ ޗިކްޕީ އެވެ. މިއީ ދެފޫޓަށް ހެދޭ ގަހެއްގައި އަޅާ ފުއްބޮޑު މުގެކެވެ. ތިރީގައި އެވަނީ ކަޑަލައިގެ ފޮޓޯއެކެވެ.

ދެވަނައަށް ބޭނުންކުރާ މުގަކީ، ބޭކްޑް ބީންސް ހަދާފައި ހުންނަ ހުދު މުގެވެ. ބޭކްޑް ބީންސް އަކީ ފެނުގައި ކައްކައި ޓޮމާޓޯ ސޯސް އަޅާފައި ހުންނަ މުގެކެވެ. ނުވަތަ ތޮޅިއެއްގައި ހުންނަ އޮށެކެވެ. ބޭކްޑް ބީންސް ހަދަނީ، ދިގުކޮށް ހުންނަ މި ތޮޅީގައިވާ މުގުގައެވެ. ނުވަތަ އޮށުގައެވެ. މިއީ ރާއްޖޭގައި ފަސޭހައިން ހެދޭ ތޮޅިއެކެވެ. ނަމަވެސް، ރާއްޖޭގެ ގިނަ މީހުން މިތޮޅި ހަރުވަންދެން ނުބަހައްޓައި އެ ބޭނުން ކުރަނީ ތަރުކާރީގެ ގޮތުގައެވެ. ހަރުވަންދެން ބެހެއްޓުމުން ތޮޅީގައި ހުންނާނީ ހުދު އޮށްތަކެކެވެ. ވައިޓް (ހުދު) ބީންސް ކިޔަނީ ވެސް މިއަށެވެ. މިތޮޅި އަޅާ ގަސް، ވެލެއްގެ ގޮތުގައި އަދި ގަސްކަނދު ހުންނަ ގަހެއްގެ ގޮތުގައި ވެސް ހެދެއެވެ.

ދެން އަޅުގަނޑު މި ދަންނަވާލަނީ ތުރުކީ ކަނދި (އާޝޫރާ) ހެދުމަށް ބޭނުންވާ މައިގަނޑު ތަކެއްޗެވެ.

ބޭނުންވާ މައިގަނޑު ތަކެތި: (8 މީހުންނަށް)

  • 1 ޖޯޑު ގޮދަން (6 ގަޑިއިރު ވަންދެން ފެނުލާފައި ހުރި)
  • ⅓ ޖޯޑު ކަދަލަ (6 ގަޑިއިރު ވަންދެން ފެނުލާފައި ހުރި)
  • ⅓ ޖޯޑު ހުދު މުގު/ތޮޅި (6 ގަޑިއިރު ވަންދެން ފެނުލާފައި ހުރި)
  • 5 ޖޯޑު ފެން
  • ½ ޖޯޑު ހަކުރު
  • ¼ ޖޯޑު ހަނޑޫ (ދޮވެފައި)
  • ¼ ޖޯޑު ހިކި މޭބިސް ކަދުރު
  •  ¼ޖޯޑު ހިއްކާފައި ހުރި ޚުބާނީ/އެޕްރިކޮޓް(ކުދިކޮށް ކޮށާފައި)
  • ¼ ޖޯޑު ހިއްކާފައި ހުރި ތީނި (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޒުވާރިފުށް 3 މޭޒުމަތީ ސަމުސަލުގެ ކިރުގައި ގިރާފައި
  • 1 މޭޒުމަތީ ސަމުސާ ފިނިފެން
  • ¼ ސައިސަމުސާ ލޮނު
  • ½ އޮރެންޖު (ނާރިނގު)
  • 3 މޭޒުމަތީ ސަމުސާ ފިހުނު އާމަންޑު (މާބަދަން)
  • 3 މޭޒުމަތީ ސަމުސާ ފިހުނު ވޯލްނަޓް (ޖޫޒު)
  • 3 މޭޒުމަތީ ސަމުސާ ކޮށި ޕިސްތާ
  • 3 މޭޒުމަތީ ސަމުސަ ފިހުނު ބަދަން
  • 3 މޭޒުމަތީ ސަމުސާ ޕައިން ނަޓް (ބަދަލުގައި ކަނަމަދު)
  • ½ އަންނާރު
  • 1 މޭޒުމަތީ ސަމުސާ ހުނި
  • 1 ސަމުސާ މުގުރި ޕިސްތާ

ހަނދާނޭ ގޮތް:

ހިކި މޭބިސްކަދުރާއި އޭޕްރިކޮޓް އާއި ތީނި ހޫނު ފެނުގައި 5 މިނެއްޓު ބަހައްޓައި ލުހެލާށެވެ.

ތިން ޖޯޑު ފެން، ގޮދަނާއި އެއްކޮށް، އަދި 2 ޖޯޑު ފެން ދެ މުގާ އެއްކޮށް ވަކިވަކީން ކައްކާށެވެ. އޮލަ ނުކުންނަންދެން، ގޮދަން ކައްކާށެވެ. މުގުތައް މަޑުވަންދެން ފެނުގައި ކައްކާށެވެ.

ކެއްކި ގޮދަނާއި މުގު، އަދި ހިއްކާފައި ހުރި މޭވާ އާއި ހަނޑޫ 15 މިނެއްޓު ވަންދެން ކައްކާށެވެ. ދެން، އޮލަކުރުމަށް ޒުވާރި ފުއް ދެ މޭޒުމަތީ ސަމުސާގައި ގިރާށެވެ. ދެން ހަކުރު މިއަށް އަޅައި، ދިޔާވަންދެން ގިރާށެވެ.

އޮރެންޖު ކުދި ފަސް ހަބަޔަށް ކުދިކޮށްލާށެވެ. ކުރިން އެއްކުރި ތަކެއްޗެއް އެޅުމަށް ފަހު، މަދުތައް އަޅައި، އިތުރު ފަސް މިނެއްޓު ކައްކާށެވެ. ދެން އުނދުން މަތިން ނަގައި، ތައްޓަށް އަޅައި، ބާކީ ހުރި ތަކެތި މި ތަށިތައް ރީތިކުރުމަށް މައްޗަށް އަޅާށެވެ.

ދިވެހި ކަންޖަށް އައު މީރުކަމެއް ގެނައުން


މަތިގައިވާ ރެސިޕީ އަށް ބަލައިލުމުން، އާޝޫރާ ކެއްކުމަކީ ވަރަށް ދަތި ކަމެއް ކަމަށް ހީވެއެވެ. އެއީ އެކި ބާވަތުގެ ތަކެތި ބޭނުން ކުރާތީއެވެ. އަޅުގަނޑު ބެލި ބެލުމުގައި އާޝޫރާ ކައްކާ ދެ ރެސިޕީއެއް އެއްގޮތެއް ނޫނެވެ. ބައެއް ރެސިޕީ ތަކުގެ މަތީގައި ބަޔާން ކުރެވުނު މުގާ ތަފާތު މުގު ހިމަނާފައި ވެއެވެ. ބައެއް ރެސިޕީގައި ގޮދަނުގެ ބަދަލުގައި ހިމަގޮދަން (ބާރުލީ) ބޭނުންކޮށްފައި ވެއެވެ. ފިނިފެނުގެ ބަދަލުގައި ލުބޯހުތް އަޅާފައި ހުރެއެވެ. ބައެއް މީހުން އޮރެންޖުގެ ބޭރު ތޮށި ގާނައި އަޅައެވެ. އާޝޫރާ ކައްކަނީ ”ނަވުގައި“ ލިބެން ހުރި އެއްޗަކުންނެވެ. އެހެންކަމުން، ކެއްކުންތެރިންގެ ޚިޔާލަށް މިކަން ދޫކޮށްލަމެވެ.

އަޅުގަނޑަށް ވިސްނޭގޮތުން، ދިވެހި ކަންޖަށް އައު މީރު ކަމެއް ގެނައުމަށް ކުރަންވީ ކަމަކީ، އުފުލީގެ ގިނަ ވައްތަރުތައް ކަންޖަށް އަޅަންވީއެވެ. މިގޮތުން، އަވެއްޔާއި ތަފާތު މުގު އެޅިދާނެއެވެ. ފިނިފެން އެޅިދާނެއެވެ. ނުވަތަ ހުވަދުމައު ފެން އެޅިދާނެއެވެ. ޚާއްޞަކޮށް ތަށިތައްޓަން އަޅާއިރު، ދާލިހުންނަހެން ކަނަމަދު މަށައި އެ ދާލިތައް އެޅިދާނެއެވެ. ހިކި މޭބިސް ކަދުރު ފެނުލައި އެޅިދާނެއެވެ. ފެންނަ ފެނުން ރީތިކުރުމަށް މަތީގައިވާ ރެސިޕީގައިވާ ގޮތަށް، އަންނާރު އޮށް އެޅިދާނެއެވެ. ގޭގައި ހުރި އެއްޗެއް މިކަމުގައި ބޭނުން ކުރެވިދާނެއެވެ.

މަތީގައިވާ ވީޑިއޯގައި އެވަނީ އާޝޫރާ ކައްކާ ގޮތެކެވެ. ދެމީހެއްގެ މި ރެސިޕީ އެއްގޮތެއް ނޫނެވެ.

އެންމެ ފަހުގެ މަޒުމޫނުތައް