ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް

ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ފުރަތަމަ ބައި

މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلح‌الدین بن عبدالله شیرازی‎) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މިގެނެސްދެނީ މިގޮތުން، އެ ބާބުގައިވާ ފުރަތަމަ ހަ ގާއިދާއެވެ.

މިފޮތުގެ ކުރީގެ ބައިތައް މި ލިންކުން ފެނެއެވެ.

—1—

މުދައު ވަނީ ދިރިއުޅުން ފަސޭހަ ކުރުމަށެވެ. ދިރިއުޅެންވީ މުދައު ބައްކުރާކަށެއް ނޫނެވެ.

ނަސީބުވެރިއަކީ ކާކުތޯ އަދި ބަދުނަސީބުވެރިއަކީ ކާކުތޯ ޙިކްމަތްތެރިއެއްގެ ކައިރީގައި ސުވާލު ކުރުމުން ޖަވާބުގައި ބުންޏެވެ:

ކައިފައި އޮށް އިންދި މީހަކީ ނަސީބުވެރިއެކެވެ. އުފަލެއް ލިބިނުގަނެ މަރުވި މީހަކީ ބަދުނަސީބުވެރިއެކެވެ.

މުދައު އެއްކުރުމުގައި ދިރިއުޅުން ހޭދަކޮށް އެ މުދަލުން އުފަލެއް ލިބި ނުގަނެ މަރުވި، ކަމެއް ނުކުރާ ސޮހޮލުމަންޑިއަށް ދުޢާ ނުކުރާށެވެ.

ސަލާމްލެއްވި މޫސާގެފާނު، އަންނަނިވި ގޮތަށް ޤާރޫނަށް ނަސޭހަތް ދެއްވިއެވެ:
މާތް ﷲ ތިބާއަށް ރަނގަޅު ކަންތައްތައް މެދުވެރިކޮށް ދެއްވި ފަދައިން، އެހެން މީހުންނަށް ތިބާ ރަނގަޅު ކަންތައް ކުރާށެވެ.

އެކަމަކު، އެގޮތަކަށް އޭނާ ޢަމަލެއް ނުކުރިއެވެ. އޭނާ ނިމުނު ގޮތް ތިބާއަށް އިވިފައިވާނެއެވެ.

.

ދިރުހަމުންނާއި ދީނާރުން ރަނގަޅު ޢަމަލުތައް ޖަމާނުކުރި މީހާ،
ދިރުހަމާއި ދީނާރަކީ އޭނާ ދަންޖައްސާ ވަލަށް ހަދައިފިއެވެ.
ދުނިޔޭގެ މުދަލުން ފައިދާ ލިބިގަންނަން އެދުންވެރި ވާނަމަ،

ﷲ ތިބާއަށް ދީލަތިވެވަޑައިގެންނެވި ފަދައިން، އިންސާނުންނަށް ދީލަތި ވާށެވެ.

ޢަރަބި މީހާ ބުނެއެވެ:

މީހުންގެ ފަރާތުން ކަންތައްތައް ވުމަށް ނުއެދި، މީހުންނަށް ދީލަތިވާށެވެ. ޔަޤީނުންވެސް އެކަމުގެ މަންފާ ތިބާއަށް އަނބުރާ އަންނާނެއެވެ.

ދީލަތިކަމުގެ ގަހުގެ މޫތައް ފޭބި ތަނަކުން
އޭގެ އުސްކަމާއި އޮފިތައް އުޑަށް ވުރެ މައްޗަށް އަރައިގެން ދެއެވެ.
އެ ގަހުގެ މޭވާ ތިބާ ކެއުމަށް ބޭނުންވާ ނަމަ،
ސަރުތުތައް މެދުވެރިކޮށްގެން އެ ގަހުގެ ބުޑުގައި ކީސް ނުޖައްސާށެވެ.

[ފޮރުވިފައިވާ ބޭނުމެއް އޮވެގެން ދީލަތި ވުމަކީ، ދީލަތިވުމުގެ މަތިވެރި ސަވާބު ނެތިކުރާ ކަމެކެވެ.]

.

ތިބާއަށް ވެދެއްވާ ހެޔޮ ތަޢުފީޤުތަކަށް ކަލާނގެ ކިބައަށް ޝުކުރު ކުރާށެވެ.

އެކަލާނގެ ރަޙުމަތާއި ނިޢުމަތްތަކުން އެއްކިބާ ނުކުރައްވާތީ ޝުކުރުވެރިވާށެވެ.

ރަސްގެފާނަށްކުރާ ޚިދުމަތުގެ ސަބަބުން، ތިބާއަށް ކަމެއް ކޮށްދެއްވުމަށް ރަސްގެފާނަށް ލާޒިމުވެވަޑައިގަންނަވާ ކަމަށް ނުދެކޭށެވެ.

ރަސްގެފާނުގެ ނޯކިރީއެއްކަމުގައި ބެހެއްޓެވީތީ، ރަސްގެފާނަށް ތިބާ ދަރަނިވެރިވާކަމަށް ދެކޭށެވެ.

—2—

މަންފާއެއް ނުކޮށް ގަދަ މަސައްކަތުގެ ދައު އޮހުރުވާ ދެމީހަކު ވެއެވެ. އެކަކީ، އެއިން އުފަލެއް ލިބި ނުގަނެ މުދައު އެއްކުރާ މީހާއެވެ. ދެވަނަ ފަރާތަކީ، އެއިން ޢަމަލުނުކޮށް، ޢިލްމު އެއްކުރާ މީހާއެވެ.

ޢިލްމު ކިތަންމެ ވަރަކަށް ލިބިގަން ކަމުގައި ވިއަސް،
ޢަމަލު ނުކުރާނަމަ، ތިބާއީ ގަމާރެކެވެ.
ފޮތްތަކެއް ބުރަކައްޓަށް އަރުވައިފައިވާ ހަތަރެސްފައިހުރި ޖަނަވާރަކަށް ވުރެ

އެފަދަ ޢިލްމުވެރިއެއްގެ ޢިލްމުވެރިކަމެއް އިތުރެއް ނޫނެވެ.

 

މޮޔަ ޖަނަވާރެއްގެ ބުރަކައްޓަށް ދަރުތަކެއްގެ ބަދަލުގައި ފޮތް އެރުވުމުން

އެ ޖަނަވާރުގެ ޢިލްމު ނުވަތަ މަޢުލާމާތު ވަކި މަތިވާނެ  ހެއްޔެވެ؟

—3—

ޢިލްމުގެ ބޭނުމަކީ، ދީނަށް ނަޞްރު ދިނުމެވެ. މުދައު އެއްކުރުމެއް ނޫނެވެ.

ޒާހިދުކަމާއި ޢިލްމާއި ތަޤްވާ ވިއްކި މީހާ،

ކޮށާރެއް ފުރެންދެން ގޮވާން އެއްކޮށް، ހުލިވަންދެން އެ އަންދާލައިފިއެވެ.

—4—

ރާބޯ ޢިލްމުވެރިއެއްގެމިސާލީ އެހެން މީހުންނަށް މަގު ދައްކާ، ތިމާ އެ މަގުން ނުހިނގާ މީހެއްގެ މިސާލެވެ.

މަންފާއެއް ނުކުރާނޭ ދިރިއުޅުމެއް ހޭދަކުރި މީހާ

ބޭނުމެއް ކުރެވޭނޭ އެއްޗެއް ނުގަނެ، އޭނާގެ އަތުގައި ހުރި ރަން އުކާލައިފިއެވެ.

—5—

ޤައުމެއްގެ ޒީނަތަކީ އެ ޤައުމެއްގެ ޙިކްމަތްތެރި މީހުންނެވެ. ދީނެއްގެ ޒީނަތަކީ އެ ދީނާ އެއްގޮތަށް އުޅޭ މީހުންނެވެ. ރަސްކަލަކާ އަރިސްވެ އުޅުމުގެ ބޭނުމަށް ވުރެ، ރަސްކަލަކަށް، ޙިކްމަތްތެރިންގެ ނަޞޭޙަތުގެ ބޭނުން ބޮޑުވެގެން ވެއެވެ.

އޭ މާތް ރަސްގެފާނެވެ. ތިބާ ނަޞޭޙަތް އަޑުއަހާ ނަމައެވެ.
މިއަށް ވުރެ މޮޅު ބަހެއް، އެއްވެސް ފޮތެއްގައެއް ނުވެއެވެ:
ބޮޑު ކަމެއް މީހަކާ ޙަވާލުކުރާނަމަ، ބުއްދިވެރި މީހަކާ އެކަން ހަވާލުކުރާށެވެ.

އެއީ އޭނާގެ ފަންނު ކަމުގައި ނުވި ނަމަވެސް އެވެ.

—6—

ތިންކަމެއް އެހެން ތިން ކަމަކާ ނުލާ ނުވާ ހުއްޓެވެ: އެއީ ވިޔަފާރިއާ ނުލައި މުދައުވެރިކަމާއި، ބަހުސާ ނުލައި ޢިލްމާއި، އުޤޫބާތާ ނުލައި ޤައުމެވެ.

ބައެއް ފަހަރު ރަޙްމަތާއި އެކުވެރިކަމާއި ނިޔަނެތި ކަމާއެކު ވާހަކަ ދައްކާށެވެ.
އެ މަޅިން، ހިތެއް ހިފިދާނެ ކަމަށްޓަކައެވެ.
ބައެއް ފަހަރު ނުރުހުންތެރިކަމާ އެކު ވާހަކަ ދައްކާށެވެ.

ސަތޭކަ ނާޅި ހަކުރުން ނުކުރާ އަސަރު އެއް ފަހަރު ހަބަރު ދިނުމުން ކުރެއެވެ.